އެހާ ކުޑަކަމެއްގެ ގޮތުގައި ޒެވިޔަން ސިފަކުރީ އަލީނާ އެންމެ ބޭނުންނުވާ އުނދަގޫ ކަމެވެ. ކުޑައިރުއްސުރެ އަމިއްލަ އިސްތަށިގަނޑު ދެކެ ފޫހިވެފައި ހުއްޓާ އަދި ޒެވިޔަންއަށް ފޮޓޯއެއް ފެނި އެހާ ބޮޑު އޮޅުމެއްވެސް އަރާފައިވެއެވެ. ވީއިރު ހަގީގީ އިސްތަށިގަނޑު ދައްކަން ކެރިދާނެ ހެއްޔެވެ؟ އެވެސް އަދި އޭނަ ދުނިޔެ އިން އެންމެ ލޯބިވާ ފަރާތަށެވެ. އެކަމަކު ޒެވިޔަން އެދޭ އެއްވެސް ކަމަކަށް ނޫނެކޭ ބުނުމަށްވުރެ މަރުވުން ވެސް ހިތަށް މާ ފަސޭހަވާނެއެވެ. ސީދާ ނޫނެކޭ ނުބުނެ އެހެން ގޮތަކަށް ޒެވިޔަންއަށް އޮޅުވާލަން އަލީނާގެ ހިތް ބުނެދިނެވެ.

"ވެލް......" އަލީނާ ތުންފަތުގައި އިނގިލި ޖައްސާލައިގެން ހުރެ ކުޑަކޮށް ވިސްނާލިއެވެ. ހިލޭ ދެމީހުން އެކަނި ކޮޓަރިއެއްގައި ބަންދުވެގެން ތިބުމުން ތިންވަނަ މީހަކަށް ޝައިތޯނާ އެތާގައި ހުންނާނެއެވެ. އީމާންތެރިއެއްގެ ހިތްވެސް އަނބުރައިލަން މަސައްކަތް ކޮށްފާނެއެވެ. އަލީނާ ބުނީ ކުޑަކޮށް ހިނގާލައިފައި އެނބުރި އައިސްފައި ކަމުގައެވެ.
ޒެވިޔަން އަށް އަލީނާ ގެ އެ ކުޑަ "މަކަރު" އެނގުނެވެ. ޒެވިޔަންއަށް ނޫނެކޭ ނުބުނަން ވެގެން ވެގެން މައުޟޫއިން ދުރަށް ދާންވެގެން ހަދައިލި އުކުޅެއްކަން ޒެވިޔަން އަށް ރަނގަޅަށް ޔަގީންވިއިރުވެސް އަލުން އެކަމަށް މަޖުބޫރުކުރާކަށް ބޭނުމެއް ނުވިއެވެ. އަލީނާގެ ޅަކަމާއި، ކުޑަކަމުން އަލީނާގެ ކޮންމެކަމެއްވެސް ވީހާވެސް ލަހުން ކުރިއަށް ގެންދަން ހިތްބުނާ ސަބަބެއް ނޭގެއެވެ. އެހެންނޫންނަމަ މިރެއިން މިރެއަށްވެސް އޭނަ ބޭނުންވާ ކަންތައް ކުރުވަން މަޖުބޫރުވެސް ކުރެވުނީހެނެވެ. ނަމަވެސް އަލީނާ ރުއްސާލަން ހިތް ބޭނުންވިއެވެ. އިންތިޒާރު ދިގުވީ ވަރަކަށް ނިމުން ފޮނިވާނެއެވެ.

"ޓޭކް ޔޯ ޓައިމް، އެކަމަކު ވަރަށް ފިނިވާނެ....." ޒެވިޔަން އަލީނާގެ ތުރުތުރުލަމުންދާ ފިނި އަތްތިލަ ތުންފަތުގައި ޖައްސާލައިފިއެވެ. އަލީނާއަށް ހައިރާންކަމާއި އެކުގައި ބަލަހައްޓައިގެން ހުރެވުނީ އެ ދެލިކުލައިގެ އެސްފިޔަތަކުން ހިޔާއެޅިފައިވާ ފުން ދެލޮލަށެވެ. އެ ފުންކަމުގެ ތެރެއަށް ގެނބިގެންދާން އަލީނާ ބޭނުންވިއެވެ. އަލީނާ ގައިގައި ކުއިލްޓް އޮޅާލުމުން ޒެވިޔަން ހުރީ މަޖާވެލާފައެވެ. ކޮންމެފަދަ ގޮތަކަށް އެރީތިކަން ފޮރުވަން މަސައްކަތް ކުރިޔަސް ޔަގީނުންވެސް ޒެވިޔަންގެ ހިއްސުތަކާއި އެބަކުޅެލައެވެ.

ޒެވިޔަން ކުޑަދޮރު ހުޅުވައިލާފައި ބޭރަށް ނިކުމެ އަލީނާގެ މެދުހަށީގައި ހިފާފައި އުފުލައިލި ގޮތަށް ކުޑަދޮރުން ބޭރަށް ނެގިއެވެ. ޒެވިޔަންގެ އެ ހަރަކާތުގެ ސަބަބުން އަލީނާ ލަދުން މޯޅިނުވީ ކިރިޔާއެވެ. ކޮންފަދަ ގާތްކަމެކެވެ. މިއީ ރަނގަޅު ގޮތެއް ނޫންކަން އެގިހުރެވެސް އަލީނާއަށް ޒެވިޔަންގެ އަތުގެ ތެރޭގައި ވުމަށް ހިތް އެދެވެނީއެވެ.

ތެތް ވައިރޯޅިއެއް އަލީނާގެ މޫނުގައި ބީހިލުމުން އަލީނާ ހީވީ ގަނޑުވިހެންނެވެ. ފަޒާ މިހާ ފިނިވެދާނެ ކަމަށް އަލީނާ ހިޔެއް ނުކުރެއެވެ. ހީވީ ފްރިޖެއްގެ ތެރެއަށް ވަދެވުނު ހެންނެވެ. އޭނަ ރޫރޫއަޅަންފެށިއެވެ.

"ހާދަ ފިންޏޭ، ފްރީޒް... ވަނީ..." އަލީނާ ކުރިއަށް ނުގޮސް މަޑުކޮށްލައިފިއެވެ.

"އަހަރެން ހުއްޓާ ފްރީޒް ވިޔަދޭނެތަ؟ ކުޑަކޮށް ހަގްކޮށްލީމަ ހޫނުވެދާނެ..." ޒެވިޔަން އަލީނާ އަތުތެރޭގައި ބޮނޑިކޮށްލި ގޮތަކުން އަލީނާގެ ހިތް އަވަސްވިއެވެ. އިރުކޮޅެއް ނުވަނީސް ދެމީހުން ތިބީ އަތުގުޅުވާލައިގެން، ވިނަގަނޑު މަތީގައި އޮށޯވެލައި ގެންނެވެ. އެތައް ތަރިތައް ފަލަކުގައި ފިޔަޖަހަމުންދާ މަންޒަރު ފެންނަލެއް ހިތްގައިމު ކަމާއި ލޯބިވެރިޔާ ގާތުގައި މިހެން އޮށޯވެލަން ލިބުމުން އަލީނާއަށް ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ. އެކަމަކު ފިނިކަމުގެ އުނދަގޫ އެހާ ބޮޑެވެ. އަލީނާ ފިނިކަން ބަހަނާ އަކަށް ދައްކާލައިފައި ތެދުވާން އުޅުނެވެ. ޒެވިޔަންވެސް ވިނަގަނޑު މަތީގައި އިށީނދެ އަލީނާގެ އަތުގައި ހިފާ ދަމާލުމުން ހުރަހެއް ނެތި ގޮސް ޖެހުނީ އޭނަގެ އަތުތެރޭގައެވެ. ޒެވިޔަން މިފަހަރު ހުއްދަ ހޯދާކަށްވެސް ބޭނުމެއް ނުވިއެވެ. އަލީނާ އަކީ އޭނަގެ މިލްކެކެވެ. ވީއިރު ކިތަންމެ ކުޑަކަމަކަށްވެސް އަލީނާގެ ރުހުން ހޯދަންވެއްޖެއްޔާ އޮންނާނީ ނުވެފައެވެ.

"ނު..ނޫން....." އަލީނާ ކަންބޮޑުވިއެވެ. ސިކުނޑީގެ ކަނަކުން މިކުރެވެނީ ރަނގަޅު ކަމެއްނޫންކަން އިންޒާރު ކުރިއެވެ. އަލީނާ އުޅުނީ ޒެވިޔަން ގެ އަތުތެރެއިން ސަލާމަތް ވުމަށެވެ.

"ގާލްސް އިން ނޫނެކޭ ބުނާ އިރު ހިތުގައި ވާނީ އެހެން ގޮތަކަށް، އެގޮތް ބަލާލަންތަ؟" ޒެވިޔަން ލާނެތް ހުނުމަކާއި އެކު އަލީނާގެ ކޯތާފަތުގައި ފިރުމާލިއެވެ. އޮމާންކަމާއި މަޑުކަމުގެ އިންތިހާއެވެ. ޒެވިޔަންގެ ރީތި ތުންފަތުގެ އެންމެ ބީހިލުމަކުން އަލީނާ މަގު އޮޅުވާލައިފިއެވެ. ފުންވަމުންދިޔަ އެ ބީހުންތަކުން ލިބުނު ހިތްހަމަޖެހުމާއިއެކު ދެލޯވެސް މަރައިލެވުނެވެ. މިނިޓްތައް ވޭތުވަމުން ދިޔައިރު ދެހިތުގެ ވިންދުވެސް އަވަސްވަމުން ގޮސް އެންމެ ފަހުން ވިނަގަޑު މަތީގައި އޮށޯވެލީ އަދިވެސް ބޮޑަށް ހަމަޖެހިލައިގެން، އަރާމުވެލުމަށެވެ. ޒެވިޔަންގެ ހަށިގަނޑުގެ ހޫނުކަމުން އަލީނާގެ ހީފިލައިގެން ދިޔައެވެ. އެހިތްވެސް ބޭނުންވީ އެއަތުގެ ފިރުމުން ތަކަށެވެ. އަލީނާގެ ސިކުނޑީގައި ވެސް ޝައިތާނާ ވަކި ހިއްޕާލީ ދުވަހަކުވެސް އަދި ގާތް ނުވާވަރަށެވެ. އެހާ ލޯބިން އުޅެމުން ދަނިކޮށް އެ ރީތި ވަގުތު ކޮޅު ވިއްސިވިހާލި ކޮށްލީ މެދުކެނޑުމެއް ނެތި ޒެވިޔަންގެ ފޯނު ރިންގްވާން ފެށުމުންނެވެ. ޒެވިޔަން ފޯނު ނެގުމުން ރިޔާ ރަނގަޅަށް ވެސް ރޯން ފަށައިފިއެވެ. އެކަނި އޮންނަން ނުކެރިގެން ކަމަށް ބުނެލިއެވެ.

"މިއަންނަނީއޭ ރިޔާ، ޖަސްޓް ފައިވް މިނިޓްސް...." ޒެވިޔަން ގެ ލޮލުގެ ކުލަ ވަކިން ގަދަވިކަން އަލީނާއަށް ފާހަގަ ކުރެވުނެވެ. އެކަން އަޑަކުން ނުދައްކައެވެ. ޒެވިޔަންގެ ތޮބީއަތު ގޯސްވީބާވައެވެ. 

ރިޔާ ބުނީ އިތުރަށް އެންމެ މިނިޓަކަށްވެސް އެކަނި ނޯވެވޭނެ ކަމަށާއި، އޭނައަށް ހޭލެވުނީ ފާޑެއްގެ ބިރުވެރި ހުވަފެނެއް ފެނިގެންކަމަށް ބުންޏެވެ. މޭމައްޗަށް ވެސް ތަދުވެ، ނޭވާލާން ދަތިވެގެން އުޅޭ ކަމަށްވެސް ބުނެލީ ރޮމުންނެވެ. އަލީނާ ވެސް ލިބުނު ފުރުސަތުގައި ތެދުވެ ހެދުން ރީތިކޮށްލައިފިއެވެ. މާދުރަށް ނުދެވެނީސް ބޮޑު ފާފައަކުން ސަލާމަތް ވީތީ ހަމްދުކުރިއެވެ. އަލީނާއަށް ވެސް ވިސްނުނެވެ. ހިލޭ ފިރިހެންކުއްޖެއްގެ އަތުގައި ހިފާލުމަކީ ވެސް ފާފައެކެވެ. ބޮޑު ފާފައަކަށް އަރައިގަނެވޭނީ ވެސް ކުދި ފާފަތަކުގެ ސަބަބުންނެވެ. އެކަން ނޭގެނީއެއްވެސް ނޫނެވެ. ނަމަވެސް ބައެއްފަހަރު އަލީނާ އަމިއްލައަށް ވެސް އޭނަގެ އީމާންތެރިކަން ފުރިހަމަ ނުވާކަމަށް ގަބޫލު ކުރެއެވެ. ކުދި ފާފަތައް ކުރެވޭކަންވެސް ދަނެއެވެ. އޭނަވެސް މަސައްކަތް ކުރަނީ އެފަދަ ކަންތަކުންވެސް ދުރުހެލިވުމަށެވެ. ޒެވިޔަން ފެނުމުން ހުރިހާކަމެއް ހަނދާން ނައްތައިލާ، މަގު އޮޅުވައި ލަނީ ޝައިތޯނާކަން ވެސް އެނގެއެވެ. އެމެރިކާއަށް އައި ފަހުން އޭނައަށް އަޅުކަމަކަށް ކުރެވޭ ކަމަކީ އެކަނި ނަމާދެވެ. ނަމާދުވެސް ގަޑިއަކުން ނުކުރެވެއެވެ. ޝައިތޯނާ ވަސްވާސް ދޭންފެށި ސަބަބަކީ އެއީއެވެ.

"އަލީނާ. މިހާރު އަހަރެން ދާންވެއްޖެ، އެކަމަކު ޕްރޮމިސް މީ، މާދަން ރޭ މިގޮތަށް ރިފިއުޒް ނުކުރާނެ ކަމަށް، އަހަރެން ބޭނުން އަލީނާ ދެކެލަން ސްކާފް ނާޅާ، އަދި ވިތްއައުޓް ދިސް..." ޒެވިޔަން އަލީނާ ލައިގެން ހުރި ކަޅުހެދުމުގައި ކުޑަކޮށް ހިފާލައިފައި އެހެން ބުނެލީ ސަމާސާ ގޮތަކަށެވެ. އަލީނާ ސިހިފައި ދެލޯ ބޮޑުކޮށްލައި ގެން ހުރިތަން ފެނުމުން އަނެއްކާވެސް އަތުތެރެއަށް ގެނައެވެ. ޒެވިޔަން މިފަހަރު އަލީނާގެ ފައިވެސް ބިންމަތީގައި ނުޖެހި އެ އަތުތެރޭގައި ގެންގުޅެލީ އެހާ ލޯބިންނެވެ. ނަމަވެސް އަޖައިބު ވަނީ ޒެވިޔަން އަދިވެސް އަލީނާ ދެކެ މިވަނީ ލޯބިކަން ގަބޫލު ކުރަން ފަސްޖެހޭތީއެވެ. 

ޒެވިޔަން ކޮޓަރިއަށް ވަންއިރު އިސްތަށިގަނޑު ހޭވިފައި އޮތުމުން ރިޔާއަށް އުދަގޫވިއެވެ. އެ ފަން އިސްތަށިގަނޑުގައި އަލީނާ ކިހާވަރަކަށް އަތްލިބާވައެވެ. އޭނަގެ ލޯބިވާ ފިރިމީހާ އެހެން އަންހެނަކާއި އެކީގައި އެންމެ ވަގުތު ކޮޅެއް ހޭދަކޮށްލާކަމީ ހިތަށް ލިބޭ ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ. ޒެވިޔަންގެ ގައިގައި އަލީނާ އިނގިލި ކުރި ޖައްސައިލާކަށްވެސް ރިޔާގެ ހިތެއް ނޭދެއެވެ. ރިޔާގެ ހިތުން ލޭ އޮހޮރި ގަތެވެ. އަޑުކޮޅަށް ރޮއިގަންނަން ވެސް ބޭނުންވިއެވެ.

"ރިޔާ ގުޅި އިރު ހީވީ ތަނެއްގައި ރޯވެގެން އުޅޭހެން، އެހާ ޕެނިކީވެފައި ހުރީމަ އަހަރެން ހާސްވި، އެކަމަކު ހަމަ އެކްޓެއް ދޯ، ރިޔާ ބޭނުންވޭ އަލީނާގެ ފަރާތުން ބޭބީއެއް، އެކަމަކު ޓައިމެއް ދޭކަށް ބޭނުމެއް ނޫން، ވަޓް އޭމް އައި ސަޕޯސްޑް ޓު ޑޫ..." ޒެވިޔަން މިފަހަރު ދޮރުލެއްޕީ ތަންކޮޅެއް ބާރަށެވެ. ރިޔާ ފުންމައިގެން ގޮސް ޒެވިޔަންގެ ކޮނޑަށް އެރިޔަސް އޭނަ ހުޝިޔާރު ކަމުން ހަށިގަނޑު ބެލެންސް ވެސް ކުރިއެވެ.

"ރޯވެގެންނޭ މިއުޅެނީ، ހިތުގައި، އަލިފާން ނިއްވާލަދެވޭނީ އެކަނި ޒެވިޔާއަށް، އެހެންވެގެންނޭ ގުޅީ..." ރިޔާ އަލީނާގެ ވާހަކަ ދައްކާކަށް ވެސް ބޭނުމެއް ނުވިއެވެ. އަދި ދުވަސް ކޮޅަކުން އެކޮޓަރިއަށް ޒެވިޔަން ދިޔުންވެސް އޭނަ ހުއްޓުވާނެއެވެ. ޒެވިޔަން އެއްޗެކޭ ބުނަން އުޅެފައިވެސް ހިމޭންވިއެވެ. ރިޔާގެ ނާޒުކް ހިތަށް ތަދުވާފަދަ އެއްޗެކޭ ބުނެވިގެން ނުވާނެއެވެ. ރިޔާގެ ހާލަތާއި މެދުވެސް އޭނަ ވިސްނަން ޖެހޭނެއެވެ. ދުވަހަކު ދަރިއެއް ނުލިބުމުގެ އިތުރުން އުމުރުން އެކާވީސް އަހަރުގައި ފުރިހަމަ އަންހެނަކަށް ނުވާކަން އިހުސާސް ކުރެވުމަކީ ނަފްސާނީ ގޮތުންވެސް އަސަރު ކުރުވާނެ ކަމެކެވެ.

ޒެވިޔަން ދިޔުމުން އަލީނާ އެނދުގައި އިށީންއިރުވެސް ފައި ރޫރޫއެޅިއެވެ. ތުންފަތުގައި ވެސް ހީލިކެރުވުމެއް ވާއިރު މުޅި ހަށިގަނޑުވެސް ވަނީ ފިނިވެ، ހަލަބޮލިވެފައެވެ. އަލީނާ ބާލީހުގައި ބާރަށް ބައްދައިލީ ބަސްނާހާ ހިތް ހަމަޔަކަށް އެޅުވުމަށެވެ. ވޭތުވެގެން ދިޔަ ވަގުތުތަކުގައި އެ ހިނގި ކަންތައްތަކާއި މެދު ވިސްނި ވަރަކަށް އެތައް ޖަޒުބާތު ތަކުގައި ބެހެމުންދިޔައެވެ. ހުވަފެނެއް ނޫންކަން އެނގުނީވެސް ތުންފަތް ރަތްވެ، ދެންމެ ދެންމެ ލޭ އޮހިގެންފާނެއޭ ވަރުވެފައި ހުރުމުންނެވެ. އޭނަގެ މޫނުގައި ވަން މިލިއަންގެ ހިތްގައިމުވަސް ހިފާލައިފައިވާއިރު ހެދުމުގައިވެސް ދުވަނީ ސެންޓު ވަހެވެ. އަލީނާ ގެ ހިތް ދީވާނާވެފައިވާ ވަރުން އެރެއަކުވެސް ނުނިދުނެވެ. މިއީ މުޅިން އާ އިހުސާސް ތަކެވެ. ހިތުގައި ޖަހަނީ އާ ވިންދެކެވެ. ޒެވިޔަން މީހެއްގެ ފިރިޔަކަށް ވާއިރު ސިއްރުން އޭނަ ގެ ކޮޓަރިއަށް އަންނާނީ އޭނަ އާއި މެދު ކޮންމެވެސް ކަހަލަ އިހްސާސްތަކެއް ހިތުގައި އޮތީމަކަން ޔަގީނެވެ. 

އަލީނާ ޒެވިޔަންގެ ޚިޔާލުތަކުގައި އޮތްވާ ވަގުތު ފާއިތުވެގެން ދިޔަގޮތެއްވެސް ނޭގި އަލިވިއެވެ. ފްލޯރާ މެންނާއި ނުލައި އަވަދިނެތި އުޅެން ޖެހޭނެ ދެވަނަ ދުވަހަށް އިރުއެރީއެވެ.

ސީމާ އޮތީ އެނދުން ތެދުވާންވެސް ނުކެރިފައެވެ. ދަރިފުޅު ބައިގެން ހިނގައިދާނެކަމުގެ އަލާމާތްތައް ފެނުމުގެ އިތުރުން ބިރުވެރި ހުވަފެނެއްވެސް ފެނުނެވެ. ސީމާ އެހެން އޮންނަ އިރުވެސް އަބަދު އޮންނަނީ ކައިރީގައި ލެޕް ބާއްވައިގެން ފޮޓޯތައް ލުމާއި، ކޮމެންޓު ކުރުމުގައެވެ. ރަހުމަތްތެރިން ކައިރީގައި ފޮނި ކަނޑަމުން ގޮސް އޭނަ ވަނީ ހަތަރުވަނަ ދަރިފުޅު ލިބެން އުޅޭކަންވެސް އެފްބީ އާއި ޓްވިޓަރގައި އިޢުލާން ކޮށްލާފައެވެ. ހުރިހާ އެކުވެރިން މަރުހަބާ ކިޔާއިރު ވެސް ޒީބާ ކޮމެންޓު ކުރާލެއް މަދުވެފައި "ގޮތެއް" ހުރެއެވެ. ސީމާ ދެކޭގޮތުގައި ޒީބާ އެހުންނަނީ ހަސަދަވެރި ކަމުން ފުރިފައެވެ. ސީމާ ޚިޔާލެއްގެ ތެރޭގައި އޮތްވާ ޒީބާ ކޮޓަރިއަށް ވަނެވެ.

"ސިމީއަށް ފްރެޝް ލިލީ ހިފައިގެން މިއައީ...." ޒީބާ ލިލީ މާތައް ބިއްލޫރި ވާސްއެއްގައި އަތުރާލަދިނެވެ. 
"ހައު ސްވީޓް، ތެންކިއު ޑާލިން..." ސީމާ ހުރިހާ ދަތްތައް ދައްކާލައިފައި ހީލައިފިއެވެ. އިރުކޮޅެއް ފަހުން ޒީބާ ޖޫސްތަށްޓެއް ހިފައިގެން އައެވެ. ސީމާ ފަހުން ބޮއިފާނެ ކަމަށް ބުނެފައި ޒީބާ ކޮޓަރިން ނިކުތުމާއިއެކު އަވަހަށް އެ ޖޫސްތަށި ސިންކަށް އޮއްސާލައިފިއެވެ.

"ސޮރީ ޒީބް، ކިހިނެއް ޓްރަސްޓް ކުރާނީ، މިއަށް އެބޯޝަން ޕިލްތަކެއް ނުލާކަމެއް ވެސް ނޭގޭ...." ސީމާ ވިހަ ހިނިތުންވުމަކާއިއެކު އެނދުގައި އޮށޯވެލިއެވެ. ދެމީހުން އެކަކު އަނެކަކަށް ހިތް ނުބައިކޮށްގެން ތިއްބަސް އުޅޭ ގޮތުން ހީވަނީ އެހެންފަދަކަމެއް ހެންނެވެ. އެންމެ ގާތް ދެ ރަހުމަތްތެރިންނަށް ވުރެ ބޮޑަށް އެއްބަނޑު އެއްބަފާ ދެބެންފަދައެވެ.

ދާވިޝް އާއި ރިޔާ ކޯރުގެ އައްސޭރިފަށުގައި މަސްބާނަން ތިބިއިރު ޖިލާ އިނީ ތަންކޮޅެއް ދުރުގައި ގަހެއްގެ ހިޔަލުގައި ލެޕް ހުޅުވާލައިގެން އަމިއްލަ ދުނިޔެއެއްގައެވެ. ވައިލެޓް، އޮރެންޖް އަދި ރަތާއި ހުދުގެ ކުދި މާތައް އައްސޭރިފަށުގައި ހެދިފައިވާއިރު ހީވަނީ ކުރެހުމެއް ހެންނެވެ. ޖިލާގެ ބޮލަށް ހިޔާއަޅާފައިވާ ގަހުގެ ބައެއް ގޮފިތައް ލެނބިގެން ގޮސް ކޯރުގެ ސަތަހައިގައި ކޭއްތިލާއިރު ކުދި ބާނިތަކެއް އުފައްދާލައެވެ. އެއީ އެ އާއިލާގެ މެންބަރުން މަސް ބޭނުމާއި ޕިކްނިކަށް އަންނަ ތަނެކެވެ. އަމިއްލަ ބިމަކަށްވެފައި، ލިބިފައިވާ މިނިވަންކަމުން އެކުދިން ބޭނުންއިރެއްގައި ބައިކް ދުއްވައި، ޖޮގިން ކޮށްލަންވެސް އާދެވެއެވެ.

"ކިތަންމެ ގިނައިރުވަންދެން ތި ނެޓް ކޯރަށް ލައިގެން އިނަސް މަހެއް ނާންނާނެ އޭ ޑާލިން، ނޯޓީކަމުން މަސްތައް ވެސް ބިރުގަނޭ.." ރިޔާ އިނީ މާ ފޯރި އަކާއި އެކު ޗޮކްލެޓް ކެއުމުގައެވެ. ކައިކައި ރިޔާ ކުޑަކޮށް ފަލަވާން ފަށައިފިއޭ ކިޔައިގެން އެންމެން ދިމާކުރިޔަސް ރިޔާގެ ފަރުވާލެއް ނެތެވެ. މިފަހަކަށް އައިސް ރިޔާ ފޮނި އެއްޗެހި ކާހިތުން ވަނީ މާ ވަރެކެވެ.

"ޒެވިޔާ ބަސް އަހާވަރުން މަސްތައް ވެސް އެޓްރެކްޓް ވާނެއޭ ތިބުނަނީ ދޯ، ހޫމް މަ ދެން މިއީ ޑެވިލްވިއްޔާ، ޒެވިޔާ ކޮބާތަ؟ ނާދީން އާންޓީގެ ސިއްރުތައް ޒެވިޔާގާތު ކިޔައިދޭ ހިތުންވެސް ކެތެއް ނުކުރެވޭ ބައެއްފަހަރު..." ދާވިޝް ނެޓް އެއްލާލައިފައި ކޮޅަށް ތެދުވެ މޯޅިއަކަށް ދެމިލައިފިއެވެ. 

"ނޯ، ޒެވިޔާ ގާތު ބުނެފިއްޔާ އައި ވިލް ކިލް ޔޫ، އެ ސިއްރު އިހަށް ފޮރުވާފައި ބާއްވާ، ޒެވިޔާއަށް އަހަރެމެން ދެމީހުން އެކީގައި ތިބޭތަން ފެނުނީމަ ޖޭ ވާވަރަކުން ވެސް ހާދަ މަޖާވެޔޭ، ޖޭވަނީ ލޯބިވާތީތަ؟ ޓެލް މީ، ޒެވިޔާ އަހަރެން ދެކެ ލޯބިވޭތަ؟" ރިޔާ ޗޮކްލެޓް ހޭކިފައިވާ އިނގިލިވެސް ލޮވެލީ ދަހިކޮށެވެ.

"އޭނަ ލޯބި ވަނީ މަ ދެކެ އެކަނި...." ދާވިޝް ހޭންފެށިއެވެ. އޭނަގެ ހަނދާނަށް އައީ ކުޑަކުޑަ އަލީނާ އެވެ. ޒެވިޔަން އެކަންތައް ހުއްޓައިނުލައިފިއްޔާ އޭނަ ޒެވިޔަންގެ ދިރިހުރުމަށް ވެސް ދަތިކުރާނެއެވެ.

"ޒެވިޔާ ފްރެންޑަކާއި އެކީގައި ދެދުވަހަށް ކޮންމެވެސް ތަނަކަށް ދާންވެގެންނޭ ކިޔާފައި އެ ދިޔައީ، މަންމަ ޒެވިޔާ ހޮސްޕިޓަލަށް ޑިއުޓީއަށް ދާން ނުފަށައިގެންވެސް އުޅޭނެ، އެކަމަކު ދެން ޒެވިޔާ ދުވަހަކުވެސް ހޮސްޕިޓަލަކަށް ދާނެހެނެއް ހިޔެއް ނުވޭ، ވަރަށް ހާޓްވެފައި ހުރީ ނިކީ..." ރިޔާ ނިކީ މަތިން ހަދާންވެ ލޮލުން ކަރުނަ ހިލުނެވެ. ޒެވިޔަން ޑޮކްޓަރަކަށް ވެހުރެ ދަރިފުޅު ސަލާމަތް ނުކުރެވުމުން އަމިއްލަ ނަފުސް ކުށްވެރި ކުރިއެވެ. އެންމެ ލޯބިވާ ފަރާތަށް އެހީއެއް ނުވެވުނީމަ ދެން އެކަންތަކަށް ނަފްރަތު ކުރީ ކަންނޭގެއެވެ. އެވަގުތު ދާވިޝްއަށް އައި ފޯނަކުން ތިން ކުދިންނަށް ވެސް ޝޮކެއް ލިބުނެވެ. އެންމެން އަވަހަށް ބައިސްކަލް ތަކަށް އަރައިގެން ގެއާއި ދިމާލަށް މިސްރާބު ޖަހައިފިއެވެ.

ސީމާ މާބޮޑަށް ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަ އިރު އެ އާއިލާގެ އެންމެންވެސް ދިޔައެވެ. އެހެންނޫނަސް ތޫފާން އަންނަން އުޅޭތީވެސް ރައްކާތެރި ގޮތަކީ އެންމެން ދެދުވަސް ވަންދެން ސިޓީގައި ތިބުމެވެ. ނެތީ ޒެވިޔަން އެކަނިއެވެ. ޒެވިޔަން އެކުވެރިންނާއި އެކީގައި އެހެން ސިޓީއަކަށް ދާންވެގެން ގެއިން ނައްޓާލައިފައި ވާތީ އާއި އެކު ޒެވިޔަންއަށް އެ ޚަބަރު ދިނުމަކީ ބޭނުންކަމަކަށް ނުވިއެވެ. އެހެންނޫނަސް ސީމާ ބަލިވެ އުޅުނެއް ކަމަކު ޒެވިޔަން ދަތުރު ކުރުކޮށްލާފައި ނާންނާނެކަން ވެސް ރިޔާމެންނަށް ވެސް އެނގެއެވެ. ނަމަވެސް ރިޔާ އެންމެ ފަހުން ވިސްނައިލުމަށްފަހު ޒެވިޔަންއަށް ގުޅާފައި ސީމާ ބަލިވެގެން އެޑްމިޓްކޮށްފައިވާ ކަމަށް ބުންޏެވެ. 

ޒެވިޔަން ކަންބޮޑުވީ އަލީނާ އެކަނި ގޭގައި އުޅޭނެކަން އެނގުމުންނެވެ. އަދި ތަންޑަރސްޓޯމެއް އަތުވެއްޖެއްޔާ އެ ކުއްޖާ ބިރުން ހަލާކުވާނެއެވެ. އަލީނާ އާއި މެދު ޚިޔާލު ކުރާނެ މީހަކު އޭނަ ނޫނީ ނެތްކަން ޒެވިޔަންއަށް އިހުސާސް ކުރެވުނެވެ. އެއީ މިހިސާބަށް ބީރައްޓެހި ކުއްޖެކެވެ. މިފަދަ ތޫފާންތަކާއި އެކަނި ކުރިމަތިލާ ވަރަށްވުރެ ބަލިކަށި ހިތެއް ލިބިފައިވާ، ފިނޑި ކުއްޖެކެވެ. އެހެން އެކަކުވެސް އެކުއްޖާ އާއި މެދު ހަމްދަރުދީ ވުމެއްނެތި އަލީނާ އަމިއްލަ ހާލަށް ދޫކޮށްލާފައި އެއައީ އެވެ. ޒެވިޔަންއަށް އެއްގޮތަކަށް ވެސް މި ތޫފާން ތެރޭގައި އަލީނާ އެކަނިމާ އެކަނި އެގެއަށް ދޫކޮށްލާކަށް ނުކެރޭނެއެވެ. ޒެވިޔަން އެކުވެރިންނާއި އެކީގައި ދިޔުމުގެ ޚިޔާލު ދޫކޮށްލާފައި ވަގުތުން ކާރުގައި މިސްރާބު ޖެހީ އޭނަގެ ގެއާއި ދިމާލަށެވެ. ތޫފާންގެ ކުރިން ގެއާއި ހަމަޔަށް ފޯރާނެކަމުގެ ޔަގީންކަމެއް ނެތަސް އޭނަގެ ފުރާނައަށް ވުރެވެސް މިއަދު އަލީނާ މުހިއްމުވިއެވެ.

އަލީނާ ބަދިގެ ސާފުކޮށްލުމަށްފަހު ފެންވަރާ ހަދާލައިގެން މިއަދު ބޭރަށް ނިކުތީ ކުޑަކޮށް ހިތްހަމަޖެހިފައި ހުރެއެވެ. ފްލޯރާ ވެސް ނެތުމުން އަލީނާ މަސައްކަތް ބުރަވިޔަސް ނަސީބަކުން މިރެއަށް ކައްކާކަށް ނުޖެހުނެވެ. މިރޭ މިގޭ އެންމެންވީ ސީމާ ބަލިވެގެން ހޮސްޕިޓަލަށް ގޮސްފައެވެ. ޒީބާ ނުކައްކަން އެންގުމުން އޭގެ މާނައަކީ މިރޭވެސް އެމީހުން އެނބުރި ނާންނާނެ ކަމެވެ. މިރޭ ގޭގައި އެކަނިވާނެކަން އެނގުމުން ކުޑަކޮށް ހާސްވި ނަމަވެސް ފަހަރެއްގައި ޒީބާމެން ޑިނަރއަށްފަހު ނިދަން އަންނާނީ ގެއަށް ކަމަށް އަލީނާ އަށް ހީކުރެވުނެވެ.

ފުދޭވަރަކަށް އުޑުމަތި ރީއްޗެވެ. ހުދުކުލައިގެ ވިލާތަކުން ނޫކުލަ ކަނޑުވާލާފައި ވީނަމަވެސް މޫސުމް ފެންނަނީ ހިތްގައިމުކޮށެވެ. އެހެންދުވަހާއި ބަލާއިރު ހޫނުހެން އަލީނާއަށް ހީވިއެވެ. ލިބުނު ކުޑަ މިނިވަންކަމުގެ ހިތްހަމަޖެހުން ލިބިގަންނަމުން އަލީނާ ގަސްތަކުގެ ތެރޭގައި ހިނގަން ފެށިއެވެ. މާތައް ބިނދެލިއެވެ. ކުއްލިއަކަށް ގުގުރާލިހެން ހީވެގެން އަލީނާ އުޑަށް ބަލައިލި އިރުވެސް އުޑުފެނުނީ ހުދުކުލައިގައެވެ. ވިއްސާރަ ވެދާނެކަމުގެ ހިލަމެއްވެސް ނުވެއެވެ. އެކަމަކު ގުގުރީގެ އަޑު ކައިރިވާން ފެށުމުން އަލީނާ ސިހުނެވެ. މައްޗަށް ބަލައިލި އިރު އުޑުމައްޗަށް އެއްވަމުން ދިޔައީ ކަޅު ބޮޑެތި ވިލާގަނޑު ތަކެވެ. ހީވަނީ ބޮޑެތި ދެޔޯތަކެއް އެކަތި އަނެކަތި ފަހާ ދުވަމުންދާހެންނެވެ. ގަސްތަކުގެ ގޮފިތައްވެސް ވައިގެތެރޭގައި ވިހުރެން ފެށިއެވެ. އަލީނާ ހަނދާންވީ "ތަންޑަރ ސްޓޯމް" އެއް އަންނާނެ ކަމަށް މޫސުމް ގެ ޚަބަރުން ބުނި ހަނދާނެވެ. 

އަލީނާ ބިރުންހުރެ އަވަހަށް ގަސްތަކުގެ ތެރެއިން ނިކުމެގެން ގޮސް އެގޭގެ ފެންޑާއަށް އަރައި ތަބެއްގައި ހިފަހައްޓާލި އިރު އެލޮލުގައި ވަނީ ސިހުމެވެ. ސަލާމަތްކޮށް ދެއްވުމަށް އެދި ހިތާހިތުން ދުޢާ ކުރެވުނު އިރު އޭނަ މިހިރީ މިގޭގައި އެކަނިމާ އެކަނިކަމުގެ ބިރުވެރި އިހުސާސް ތަކުން ހިތް ގުނޑިއެވެ. ދެން ވައިގެ ބޫން އަޑާއިއެކު ހީވީ ދުރުން ބާރުބާރަށް ޖެޓެއްފަދަ އެއްޗެއް އަންނަ ހެންނެވެ. އެއާއި އެކު ދުރުން ހުދުކުލައިގެ ޝީޓެއްހެން ގާތްވަމުން އައީ ވާރޭކަން އަލީނާއަށް އެނގުނީ ބާރުބާރަކަށް ފުރާޅަށް ފައިބައި ގަތުމުންނެވެ. ހީވީ އެތައް ހާސް ޓަނުގެ ވެލިތަކެއް އޮއްސައިގަތް ހެންނެވެ. އަލީނާ ބިރުން ކަންފަތުގައި އަތްއަޅަމުން ލޯމަރައިލާއިރަށް ކޮންމެވެސް މީހަކު އައިގޮތަށް އަލީނާގެ ދެއަތުގައި ހިފަހައްޓާލައިފިއެވެ.

"ބިރުންތަ؟" ޒެވިޔަންގެ އަޑު އަލީނާއަށް އިވުނީ ރީތި މިޔުޒިކެއް ފަދައިންނެވެ. އަލީނާ ލަސްލަހުން ލޯ ހުޅުވާލި އިރު ތެމި ފޯވެގެން އޭނަގެ ކުރިމަތީގައި ހުރީ ޒެވިޔަން އެވެ. ތެތް އިސްތަށިގަނޑުން ބަޔެއް އެ ތަނަވަސް ނިތުމައްޗަށް ވެއްޓިފައި އޮތެވެ. އޮމާން މޫނާއި، އެ ރީތި ތުންފަތުގައި ފެންތިކިތައް ވިދަމުން ދާއިރު ރީތިކަމުން ބަލައިބަލައި ފޫހިވާ ގޮތެއް ނުވިއެވެ. ޓީޝާޓް ވެސް އޮތީ ގަޔަށް ހިފާފައެވެ. ހާދަ ސަޅިއެވެ. އަލީނާ ހުރީ ނޭވާލާންވެސް ހަނދާން ނެތިފައެވެ. އެސްފިޔަޖަހައިލަންވެސް ނޭގުނެވެ.

"ކޮ... ކޮބާ މަންމަމެން...." އަލީނާ ކުއްލިއަކަށް ދުރަށް ޖެހިލަން އުޅުނީ ޒީބާމެން އަންނާނެ ކަމުގެ ބިރުންނެވެ. އޭރުވެސް ބާރަކަށް ގުގުރައި، ލޯތަރަތަރަ ޖަހައިގެންދާފަދަ ގޮތަކަށް ވިދާތަން ފެނެއެވެ. ގަސްތައް ހީވަނީ މޮޔަވެފައިވާ ހެންނެވެ. ޖެހޭ ބާރު ވައިރޯޅިތަކަށް ކެތްނުކުރެވިގެން ގަސްތައް ލެނބެމުން ދާއިރު ބިމުން ލުއްސާލައިގެން ގޮސްދާނެއޭ ހީވާފަހަރުވެސް އާދެއެވެ. ނަމަވެސް އަލީނާގެ ބިރުވެރިކަން ފިލައި ތަށް ހަމަޖެހުމެއް ލިބިއްޖެއެވެ.

"އަހަރެން އެކަނި މިއައީ، ދެން ހިނގާބަލަ މައްޗަށް، އަހަރެންވެސް ވަރަށް ބިރުގަނޭ އެކަނި އުޅެން، އަހަރެމެން ކުޑައިރު މާމަ ބުނާނެ މިގޮތަށް ވިއްސާރަ ވީމަ ލެޕްރެޗޫން އެއްޗެހި އަންނާނެޔޭ އެހެންވީމަ ދެން ކިހާ ބިރުގަންނާނެ...." ޒެވިޔަން ސަމާސާއަކަށް އެހެން ބުނީމަވެސް އަލީނާ ގަބޫލުކޮށްފިއެވެ.

"އަހަރެން ހެދުން ބަދަލުކޮށްލައިގެން ކޮފީބޯން އަންނާނީ، ހިނގާބަލަ..." ޒެވިޔަން އަތުގައި ހިފެހެއްޓީ ދޫކޮށްލާފަދަ ގޮތަކަށްވެސް ނޫނެވެ. އަލީނާވެސް ޒެވިޔަންއަށް އިތުބާރު ކުރިއެވެ. އޭނަގެ ހުއްދަނެތި ޒެވިޔަން އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންވެސް އަލީނާއަށް އޮތެވެ. ޒެވިޔަން ތެމިފޯވެގެން ހުރުމުން ހީކަރުވާނެވަރު އިހުސާސް ކުރެވުމުން އަލީނާ ދެކޮޅުހެދުމަކާއި ނުލައި ޒެވިޔަން އާއި އެކީގައި ދާން ހިނގައިގަތެވެ. 

ޒެވިޔަން އަލީނާގެ އަތުގައި ހިފާލައިގެން ހުރެ ސިޑީގެ ފަތްތަރުތައް ގިރާކުރަމުން ދިޔައިރު އެލޮލުގައި ލާނެތް ވިދުވަރެއް ހުއްޓެވެ. އަލީނާ ލަދުން މޯޅިވިއެވެ. އެ ތޫނު ދެލޮލުން އެވަރަށް ބަލާ ސަބަބެއް ވެސް އަލީނާ އަކަށް ނޭގުނެވެ. އޭނަ އެންމެ ހައިރާންވީ އޭނަގެ އަތްތިލަ ޒެވިޔަންގެ އަތުތެރޭގައި ހައްޔަރުވެފައި ވުމުންނެވެ. މިއީ ހުވަފެނެއް ނޫން ހެއްޔެވެ؟ މެއިޑަކު، ގޭގެ މާސްޓަރ އާއި މިއޮތީ ކޮންފަދަ ނޭދެވޭ ގުޅުމެއް ބާވައެވެ. މުޅިން މަނާ ގުޅުމެކެވެ. ހީވަނީ ފެއަރީޓޭލް އެއްގައި އުޅެވޭ ޕްރިންސެސް އެއް ހެންނެވެ. މި ގުޅުން ޒެވިޔަން ލޭބަލް ކުރަނީ އެކުވެރިކަން ކަމުގައި ހެއްޔެވެ؟ ކޮޓަރި އާއި އަރާހަމަވުމުން އަލީނާ ކޮޓަރިއަށް ވަންނަން އިންކާރު ކުރިއެވެ.

"ޒާވް ހިކިލައިގެން އަންނަންދެން އަޅުގަނޑު މިތާ މަޑުކޮށްލާނަން، ތި ރޫމަށް ވަންނާކަށް ނުކެރޭނެ....." އަލީނާ ހަށަން ބަދެލިއެވެ. ބެލްކަނިން ވެސް ރީތިކޮށް ބަގީޗާ ތެރޭގެ މަންޒަރުތައް ފެނެއެވެ. ހުވަފެނެއްފަދަ ބަގީޗާ އަށް ތޫފާން ހަމަލާދޭ އިރު ބަލަން ލޮލަށްވެސް ނުކުޅަދާނަވިއެވެ. 

"ނޯ، މިރޭ ނިދާނީވެސް އަހަރެންގެ ބެޑްގައި އަހަރެންގެ ގާތުގައި، ދެން ރުހުމުގައި ނުވަނިއްޔާ އުރާލައިގެން ގެންދަންވީތަ؟ ދެން ތިހާވަރަށް ނުތަޅުވައި އަހަރެންވެސް ބޭނުންވާ ކަމެއް ކޮށްދިނިއްޔާ ކީއްތަ ވާނީ...." ޒެވިޔަން ދޮރުކަނީގައި އަތްއަޅުވާލައިގެން ހުރެ ހިނިތުންވެލިއެވެ. ހަގީގަތުގައި އޭނަގެ ހިތުގައި އުފެދިފައިވާ ތޫފާން ވެސް ބޭރުގައިވާ ތޫފާނަށްވުރެ އެންމެ ތަންކޮޅެއްވެސް ކުޑައެއްނޫނެވެ. އަދި ވާރެ އާއި ތެމިލައިގެން ހުރެ އެހާ ފިނިވިއިރުވެސް ހަށިގަނޑުގެ އަލިފާން ނިއްވައެއްވެސް ނުލެވުނެވެ. ވީއިރު ދެންއިތުރަށް ކެތްކުރާނީ ވެސް ކިހިނެއް ބާވައެވެ.

ކޮމެންޓް 0