އެލީވެސް ހިތަށް އަރާނެ ދާވިޝް އާއި ރިޔާ އެހާ ކްލޯޒްކޮށް އުޅެނީ ކޮންކަހަލަ ރިލޭޝަނެއް އޮވެގެން ބާވައޭ، އަސްލު ރިޔާގެ ބަޔޮލޮޖިކަލް މަމް އަކީ ސީމާ، ނޭގޭ އެންމެން އެހާ ވަރުން އެ ސިއްރު މިހާތަނަށް ފޮރުވާފައި އޮތް ސަބަބެއް، އެކަމަކު އަހަންނަށް ސީމާގެ ކޮޓަރިން ފެނުނު އެއްޗެހިން އެގުނު، ފަޒާލް އަންކަލްގެ ދެވަނަ ދަރިފުޅު ނާދީންއަށް ރިޔާ ދިނީކަން... ރިޔާ ބޮޑުވީ ނާދީން އާންޓީގެ ކުއްޖެއްގެ ގޮތުގައި ހުރެ، އަދިވެސް ރިޔާ އަކަށް ނޭގޭނެ އަހަންނަށް ހަގީގަތް އެނގިފައިވާ ކަމަކަށް، ދާވިޝް އާއި ރިޔާ މާ ކްލޯޒްކޮށް އުޅޭތީ އަހަންނަށް ކުރިން އެދެމީހުން ރައްޓެހިވެގެން އުޅޭކަމަށް ހީކުރެވި މައްސަލަ ވެސް ޖެއްސުނު ދުވަހެއް އައި، ދާވިޝް ރޫމްގައި ހުއްޓަސް ރިޔާ ސޯޓް ކޮޅު ލައިގެންވެސް ހުރެދާނެ، ބޭބެ އަކާއި ކޮއްކޮއެއް އެގޮތަށް އަޅުވާ ކިޔުމަކީ ފާފަވެރި ވެސް ވާނެ ކަމެއް، އެފަދަ ޑާކް ސިކްރެޓްތައް ފޮރުވާފައި ވާތީ ނޭގުމުގައި ފާފަވެސް ވާނެ، ދާވިޝް އަކީ ރިޔާގެ ބޭބެ، ޖިލާ އަކީ ކޮއްކޮ......" ޒެވިޔަން އަލީނާގެ އަތަށް މަޑުމަޑުން ފިތާލިއެވެ.

ޒެވިޔަން ސީމާ ދެކެ އޭނަ ނަފްރަތު ކުރާ ސަބަބު ވެސް މިރޭ އަލީނާއަށް ކިޔައިދިނެވެ. އަލީނާގެ ހިތުގައި ވާ ނަފްރަތުގެ ކަނިކޮޅުގައި އަލިފާން ހިފިއެވެ. އޭނަގެ ލޯބިވާ ޒެވިޔަންގެ ގަޔަށް އެހެން އަތްލި އަންހެނަކަށް ދުވަހަކު މާފުކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ހާދަ ނުލަފާ އަންހެނުން ވެސް ދުނިޔޭގައި އުޅެއެވެ. އެހާ ދަށް ފެންވަރުގެ އަމަލެއްކޮށްފައި ހުރި މީހެއް އަދި މާތްވެގެން އުޅެއެވެ. މިވީ ގޮތުން އެއްވަރެއްގެ ދެމީހުން އެތައްޔާރު ވަނީ ކައިވެނީގެ ގޮށް ޖަހައި ލުމަށެވެ. ސީމާއަށް ނޭގި އެ ވަދެވުނީ ސިންގާ ކޮށްޓަކަށެވެ. ދުވަހަކުވެސް އެ ސީމާއަށް ދެން ސަލާމަތެއް ނުވެވޭނެއެވެ. އެހެންވެ ވަކިން ހަސަދަވެރިކަން ބޮޑުވެ، ފިތްކަޅިލާނެކަން ގައިމެވެ.

ސީމާ ހައިރާންވެ، އަންތަރީސްވީ އޭނަ އެހާވަރުން ރައްޓެހި ވެގެން އުޅުނު ލޯބިވެރިޔަކީ އޭނަގެ ހަޔާތަށް މާޒީގައި އެއްފަހަރު "ޖިމީ" އެއްގެ ނަމުގައި އެންމެ ރެއަކު އައި ޒުވާނެއްކަން އެނގުމުންނެވެ. ޖިމީ "ސީމާ" ގެ ނަން އެކި ގޮތްގޮތަށް ޖަހައިގެން ސީމާ ހޯދަން މަސައްކަތް ކުރާތާ ވީ އަހަރެއްވެސް ނޭގެއެވެ. އެންމެ ފަހުން އޭނައަށް ސީމާގެ ފޮޓޯ ފެނުމުން އެލިބުނު އުފަލަކީ ޖިމީ ބުނި ގޮތުން އޭނަގެ ލޯބި ކާމިޔާބު ކުރެވުނު ކަމުގެ ފެހި ސިގްނަލް ލިބުނު ދުވަހެވެ. ސީމާ އާއި ޖިމީ ދިމާވީ ފަޒާލް އާއި ދެމީހުންގެ ކައިވެންޏަށްފަހު ހަނީ މޫންގައި އައިސް އުޅުނު ރިޒޯޓަކުންނެވެ. އެރޭ ފަޒާލް އެކުވެރިންނާއި އެކީގައި މަސްބާނަން ދިޔުމުން އޭނަގެ ކޮޓަރީގައި އޮތީ ޖިމީ އެވެ. އެ ޖިމީ އެތައް އަހަރެއް ފަހުން އޭނަގެ ހަޔާތަށް މިއައީ އަމީންގެ ނަމުގައެވެ. 

ސީމާ ހެދުމެއްނުލައި އޮތްވާ ނަގާފައިވާ ފޮޓޯތަކެއް އަމީންގެ އަތުން ފެނުމުން ސީމާގެ ސިކުނޑިވެސް އުދުހިގެން ނުދިޔައީ ކިރިޔާއެވެ. ސީމާ އެންމެ ބޮޑަށް ބިރުގަތީ އޭނައަށް އަމީންގެ މޫނުމަތިން ދާވިޝް އާއި ވައްތަރު ގޮތެއް ފެނުމުންނެވެ. އެންމެ ރެއެއްގެ ގުޅުމުގެ ނަތީޖާ އެހާ ނުބައިވެގެން ވާނެ ކަމަކަށް އޭނަ ގަބޫލެއް ނުކުރެއެވެ. ނަމަވެސް އެއީ ސިއްރުވެފައިވާ ވާހަކައެކެވެ. ކޮނުނު ކޮނުނުހެން ފަސް ގިނަ ވާނެތީ ސީމާ ގަސްތުކުރީ އެހިސާބުން އެއީ ނުވާކަމަކަށް ހަދައިލުމަށެވެ. މާޒީގެ ސަފުހާތައް އަލުން ހުޅުވަން ވެއްޖެއްޔާ އޭނަގެ ދަރިފުޅުގެ މުސްތަގުބަލުގައި ހުޅު ރޯވެގެން ހިގައިދާނެއެވެ. އެހެންނޫނަސް ދާވިޝްއަކީ ފަޒާލްގެ މުދާތަކުގެ ވާރިސް އެވެ. އެތައް މިލިއަން ރުފިޔާތަކެއްގެ މިލްކުވެރިޔާއެވެ. މައިމޫންމެންނަށް ޝައްކެއް ވެލިޔަސް އެހިސާބުން އެ ޝާހީ ލަގަބުވެސް ނެތިގެން ހިގައިދާނެއެވެ.

މާކުރިން މީހަކު ކޮށްފައިވާ ނުބައި ފާފައެއް އެތައް ޒަމާނެއްފަހުން ދިރިއުޅުމަށް ޒަލްޒަލާ ގެނުވަނީ މަދެއްކޮށް ނޫނެވެ. ސީމާއަށް ޖިމީގެ އެއްވެސް ހަގީގަތެއް ނޭގިހުރެ ޖިމީ އާއި ރައްޓެހި ވެގެން ކައިވެނި ކުރަން ނިންމުނުކަން އެއީ ހަޔާތުގައި ކުރެވުނު އެންމެ ބޮޑު މޮޔަކަމެވެ. ސީމާގެ އެކައުންޓުގައިވާ ފައިސާ ފެންފަދައިން ޖިމީއަށް ޚަރަދު ކުރަމުންދާއިރު ސީމާ ހުރީ އޮޅުމެއްގެ ތެރޭގައެވެ.

އަލީނާ ގޭގެ އެއްފަރާތުގައިވާ ހަނިމަގުން ދިޔައިރު ދެފަރާތުގައިވާ އޮރެންޖާއި، ރަންކުލަ އަދި ރަތް ފަތްތަކުން ބަރާވެފައިވާ ގަސްތަކަށް ބަލަމުން ދިޔައީ ޝައުގުވެރި ކަމާއި އެކުގައެވެ. ބަލައިބަލައި ފޫހިނުވާހާ ޗާލެވެ. ޖެހެމުންދާ ފިނި ވައިރޯޅި ތަކުން ފަޒާގައި ފަތުރަމުންދާ ޚަރީފުގެ މީރުވަހުން ސިކުނޑި ތާޒާކުރުވިއެވެ. ކުއްލިއަކަށް އަންނަ ބާރު ވައިރޯޅި ތަކާއިވެސް އަލީނާ އިންތިހާއަށް ގަޔާވެފައެވެ. އަލީނާ ޖެކެޓްގެ ޖީބަށް އަތް ޖަހާލައިގެން ފަރި ހިގުމެއްގައި ދަނިކޮށް ވައިރޯޅިއެއްގެ ގޯނާ އިން ސްކާފް އިސްތަށިގަނޑާއި ވަކިކޮށްލުމުން، ހަޅޭކަކާއި އެކު ސްކާފް ގައި ހިފަން މަސައްކަތް ކުރިއެވެ. ނަމަވެސް ސްކާފް އަތުނުޖެހި ފަތްތަކާއިއެކު ގޮސް ޖެހުނީ ހަޔެއްކަ ފޫޓު ދުރުގައެވެ. އަލީނާގެ ބުޅި އިސްތަށިގަނޑު ވެސް ނުކިޔަމަންތެރި ކަމާއި އެކު އުދުހިގަތެވެ. ދާވިޝް ގަސްތަކުގެ އެފަރާތުގައި އޭނަގެ މޮޔަ ހަރަކާތްތައް ދެކެން ފިލައި ހުރެދާނެ ކަމަކަށް އަލީނާ ހިޔެއް ނުކުރެއެވެ.

"އޯ ނޯ، ސަލާމަތްވީ ކިރިޔާ، މިހާ ބާރަށް ވައިޖެހޭ އިރު އެލީ ބޭރަށް ނިކުންނަން ހުއްދަ ދިނީ ކޮން އިޑިއަޓެއްތަ؟ ބާރު ވައިރޯޅި އަކާއި އެކު ގެންގޮސް ދާނެ ޖުޕިޓަރއަށް ވެސް، އެކަމަކު ދެން ބަނޑު ކޮޅެއް ހުރީމަ ތަންކޮޅެއް ބަރުހެންވެސް ހީވޭ...." ދާވިޝް އަލީނާގެ ބުޅި އިސްތަށިގަޑަށް ކަތި ނަޒަރެއް ދީފައި، ގުދުވެ ސްކާފް ނަގައިފިއެވެ. 

އަލީނާ ރީއްޗަށް ލަދުގަތެވެ. އޭނަ އަށް އިސްތަށިގަނޑު ފޮރުވައިލަން ކުރާނެ ކަމެއް ނޭގުމުން ބާރަކަށް ގޮސް ސްކާފްގައި ހިފައި ދަމައިގަންނަން އުޅުމުން ދާވިޝް އަތް އުފުލައި ލުމުން އަލީނާގެ އަތަކު ނުޖެހުނެވެ. ދާވިޝް ހޭންފެށިއެވެ.

"ހަރުގަނޑެއް ގެނެސްގެން ނޫނީ މަގޭ އަތުގައި އޮތް އެއްޗެއް އަތުނުލެވޭނެ، އެހެންނޫނަސް ތި ބޯބުޅި ކުއްޖާ ފަންކޮށްލަބަލަ، ގެނެސްދެންތަ ހެއަރ ސްޓްރެއިޓް ކުރާނެ އެއްޗެއް؟ ސީރިޔަސްކޮށް އިސްތަށިގަނޑު ބުޅިވީމަ ހީވަނީ ވައިލްޑް ކުއްޖާ ގަނޑެއްހެން، ލޮލަށް އުދަގޫވޭ..." ދާވިޝް އެހެން ބުންޏަސް ހިތުން އަލީނާގެ ސިފަތަކާއި ރުހެވުނެވެ. އަލީނާގެ އޮމާން މޫނުގައި ބީހިލަން ބޭނުންވިއެވެ. އެ އޮމާން ރަތް ތުންފަތް ވެސް ލޮލުގައި އަޅައިގަތެވެ. ޖެމާގެ މަތިން ހަދާން ވާތީ އަލީނާގެ އިސްތަށިގަނޑު ބާލުވަންވެސް ދާވިޝް ބޭނުންވިއެވެ. އަލީނާއަށް ދާވިޝްގެ ތޫނު ނަޒަރުން ސަލާމަތް ނުވެވިގެން އުޅުނު އިރު ދާވިޝް ސްކާފް ދޭކަށް ނޫޅެ އަލީނާއަށް ދެވުނަނުދީ ކުރިވެސް ބެއްދިއެވެ. އަލީނާގެ ފިޔަވަޅުތައް ގަނޑުވިއެވެ. މިހާ ބޮޑު ބަނޑެއްލައިގެން ހުރިއިރުވެސް ދާވިޝް ގެ ހިތުގައި ރަހުމެއް ނުވަނީބާވައެވެ.

"އަހަރެން ދިޔަދީ، ޕްލީޒް...." އަލީނާ އަނގަޔަށް ހަދައިލި ގޮތުން ހީވީ ދެންމެ ދެންމެ ރޮއިގެންފާނެ ހެންނެވެ. ދާވިޝް ލާނެތް ހުނުމަކާއި އެކު އަލީނާގެ ސްކާފް އަތަށް ދޭން އުޅުނެވެ. ކޮންމެ ފަހަރަކު އަލީނާ އަތް ޖައްސާލާ އިރަށް ދަމައިގަންނަމުން އަލީނާ ދަހިކުރުވީ ކުޑަކުއްޖަކާއި ސަކަރާތް ޖަހާފަދަ ގޮތަކަށެވެ. އެންމެ ފަހުން އޭނަ އަލީނާ އަތަށް ސްކާފް ދޫކޮށްލުމުން އަލީނާ އަވަހަށް އެ ބޮލަށް މަހާލައިފިއެވެ. އަދި ދާވިޝް އާއި އިރުކޮޅަކަށް ހަތަރުކަޅި ހަމަކޮށްލައިފިއެވެ. މިނޫނީ އަލީނާ މިހާ ރަނގަޅަށް ދާވިޝް ގެ މޫނަށް ބަލާފައެއް ނުވެއެވެ. އެކަމަކު މިއަދު އަލީނާއަށް ބަލަހައްޓައިގެން ހުރެވުނީ ދުރުބަލައިލަންވެސް ނޭގިފައެވެ. އެލޮލަށް ބަލައިލުމުން ދަންނަ ލޮލަކާއި ވައްތަރުވީ ކީއްވެކަމެއް ނޭގުނެވެ. އަލީނާ އަވަހަށް ދުރަށް ބަލައިލުމަށްފަހު ހިގައިގަތުމުން ދާވިޝް އަލީނާގެ ފަހަތުން އައީ ޖިންސްގެ ޖީބަށް އަތްޖަހާލައިގެން ހުރެ ފިރިހެންވަންތަ ހިގުމެއްގައެވެ. ނޫ ޖިންސަކާއި އެކު، މުށިކުލައިގެ އަތްދިގު ގަމީހެއްގައި ހުރުމުން ވަރަށް ހިތްގައިމެވެ.

"ފޮނިކުއްޖެކޭ، އެކަމަކު ޒެވިޔާ އެލީ ދެކެ ލޯތްބެއްނުވޭ، އެއީ އޭނަ ޖައްސާ ގޭމެއް.... އަހަރެން މާ ލޯބިން ގެންގުޅެފާނަން، ޗާންސެއް ދީފިއްޔާ....." ދާވިޝް ގެ ވާހަކައިން އަލީނާ އަށް އުދަގޫވިއެވެ. އޭނަ ކިތަންމެ ފިޔަވަޅު އަވަސް ކުރިޔަސް ދާވިޝްއަށް ވުރެ ބާރަކަށް ނުހިގޭނެކަން ޔަގީންވިއެވެ. 

"ސޮރީ ދާވިޝް، އަހަރެން ނޫޅެން....." އަލީނާ ތުންފަތުގައި ބާރަކަށް ދަތްއަޅައިލި ގޮތުން ތުންފަތުގެ ކުލަގަދަވިއެވެ. 

"އެލީވެސް އަހަރެން ރިޖެކްޓް ކުރަނީތަ؟ ބަލަ އެލީ ތިއީ މިގެއަށް ވަގުތީގޮތުން ގެނެސްފައި ހުރި ކުއްޖެއްކަމެއް ނޭގުނުތަ؟ މާ ގަދަކޮށްލާފައި އުޅެންޏާ ޒެވިޔާ ގެ މޫނު ނޮޅާލަފާނަން، އޭރުން އެލީ ގެ ހާރޓް ބްރޭކްވާނެ ދޯ، ހިތަށް އަރާ މިކުދިން ހާދަ ވަރަކަށޭ ޒެވިޔާ އާއިގެން އުޅެނީ، ޒެވިޔާ މާ ރީތި މީހެއްތަ؟ ސީރިޔަސް ކަމުން ހީވަނީ މޮންކެއްހެން. މަށާއި އެކު އުޅުނީމަ ލައިފް ވުޑް ބީ ގްރޭޓް....." ދާވިޝް ޒެވިޔަން ސީރިޔަސްއޭ ކިޔައިގެން ދިމާކުރީ ޖެއްސުމަކަށެވެ. އޭނައަށް ޒެވިޔަން އަކީ ކިހާވަރެއްގެ ޒުވާނެއްކަން ރަނގަޅަށް އެނގެއެވެ. މިފަހަކަށް އައިސް ތަންކޮޅެއް ސީރިޔަސް ވިޔަސް އެއީ ލާނެތް ކަމުގެ އިންތިހާއެވެ. 

"އަހަރެން ބުނާނަން ޒެވިޔަން ކައިރީ ތިކިޔާހާ އެއްޗެއް..." އަލީނާ އަށް ބުނެލެވުނެވެ.

"ޒެވިޔާ އަކަށް މުހިއްމު ނުވާނެއޭ މަ މިބުނީނު، ޓްރަސްޓްމީ އެލީ، އެލީއަށް ނޭގުމުގެ ތެރޭގައި ތިހިރަ ޒެވިޔާއަށް މޮޔަވަނީ، މަށަށް ހެވޭ ޒެވިޔާ އާއި ފައިޓަކަށް ދާންޖެހުނަސް އަހަރެންވެސް އެލީ ދޫކޮށެއް ނުލާނަން، އައި ސްވިއަރ ޓު ގޯޑް އަހަރެން ކޮންމެވެސް ދުވަހަކުން އެލީ އާއި އިންނާނަން....." ދާވިޝް ލާނެތް ހުނުމަކާއި އެކު އަލީނާ ހާސްކުރުވަން އެހެން ބުނެލާފައި އަތުގައިވެސް ހިފިއެވެ. ޒެވިޔަން އާއި ރިޔާ އެކީގައިހެން ފެންޑާއިން ނިކުތް ވަގުތު ކިތަންމެ ރީއްޗަށްވެސް ދާވިޝްގެ ޖުމްލަތައް އިވި އެ މަންޒަރު ފެނުނެވެ. ދާވިޝްއަކީ ލާނެތް ޒުވާނެއްކަމާއި އޭނަ ސަމާސާ އަކަށް އެހެން ބުނެލަފާނެކަން ޔަގީންވީ އިރުވެސް ޒެވިޔަން އަށް އެ ޖުމްލައިން ވަރަކަށް އުދަގޫވިއެވެ. އަދި ދާވިޝް އަލީނާގެ ގަޔަށް އަތްލީތީ ކެތްކުރަން ދަތިވިއެވެ. ޒެވިޔަން ކަޅިއަޅައިލި ގޮތުން ހީވީ ދާވިޝް ފިއްސާލަފާނެ ހެންނެވެ. އެ ރީތި ފެހިދެލޮލުން އަލިފާނުގެ ކަނި ބުރައިލިއެވެ. ރިޔާ ވެސް ހުރީ އަނގަޔަށް ގޮތެއް ހަދާލައި ގެންނެވެ. އެއީ ދާވިޝް ސަމާސާ އަކަށް ވެސް ކޮށްގެން ވާނެ ކަމެއް ކަމަކަށް ރިޔާ ވެސް ގަބޫލެއް ނުކުރިއެވެ. ރިޔާ ވައިރޯޅިއެއްހާ ބާރުމިނުގައި ގެއަށް ވަދެގެން ދިޔުމުން ދާވިޝް ހޭންފެށިއެވެ.

"އެ ވީގޮތަކީ..." ދާވިޝް ޒެވިޔަންގެ ކޮނޑަށް އަތް ވައްޓައިލަމުން ގަބޫލުކުރެވޭފަދަ އެއްޗެކޭ ބުނަން އުޅުނެވެ.

"ޑޯންޓް އެވަރ ޓަޗް މައި ގާލް އެގެއިން....." ޒެވިޔަން ދާވިޝް އާއި ދިމާލަށް ނުރުހުމުގެ ލޮލަކުން ބަލައިލި ނަމަވެސް ހަމްދަރުދީވާންވެސް އުޅުނެވެ. ދާވިޝް އާއި މެދު ޖެމާ ކަންތައް ކުރިގޮތް ހަދާންވިއެވެ. ނާކާމިޔާބުގެ ހިތިރަހަ ދެކެފައިވާ ކޮއްކޮ އާއި މެދު އެހާ ރަހުމް ކުޑަކޮށް ހަދަން ޒެވިޔަންގެ ހިތެއްވެސް ނޭދުނެވެ. ނަމަވެސް ހަގީގަތުގައި ވެސް ދާވިޝް އަށް ޖެމާ އާއި އަލީނާގެ އިސްތަށިގަނޑު ވައްތަރުވީމަ ދާވިޝް އަލީނާ ދެކެ އެހެން ގޮތަކަށް ވިސްނަން ފަށައިފާނެ ކަމުގެ ބިރު ކުޑައެއް ނޫނެވެ. ދާވިޝް އާއި އަރައިރުން ވާން ޖެހިދާނެތީ އެތަނުގައި މަޑުކޮށްނުލާ ބާރަކަށް ހިނގާލައިފައި ގޮސް އެންމެ ކައިރީގައި ހުރި ކޮޓަރިއަށް ވަދެ ޒެވިޔަން ބާރަކަށް ދޮރު ލައްޕާލި ތަން ޒީބާއަށް ފެނުނެވެ. ޒީބާ ދާވިޝް އާއި ސުވާލު ކޮށްލީ ޒެވިޔަން އެހާގަދަޔަށް ކަޓާފައި ހުރި ސަބަބަކާއި މެދު ޝައްކު ކުރެވިގެންނެވެ.

ރިޔާ ސީމާއަށް ގުޅާލައިފައި ދާވިޝް އަލީނާ އާއި ހެދި އުޅޭހެން ހީވާކަމަށް ބުނެ ޝަކުވާ ކުރަން ފެށިއެވެ. އެއީ އެހެން ދަނޑިވަޅެއްނަމަ ސީމާ ސީރިޔަސް ކޮށް ނަގާނެ ކަމެއް ނޫނެވެ. ނަމަވެސް ދާވިޝްގެ އަސްލާއި މެދު ސީމާގެ ހިތުގައި ޝައްކު ހިގާ ދަނޑިވަޅެއްގައި، ދާވިޝް އެހާ ނިކަމެތި އަންހެން ކުއްޖަކާއި ހެދި އުޅުމަކީ ސީމާގެ ހިތަށް ކެތްކުރެވުނު ކަމަކަށް ނުވިއެވެ. އޭނަ ބޭނުމީ ވީހާވެސް އަވަހަށް އެ ޝާހީ ޚާންދާނުގެ އަންހެންކުއްޖަކާއި ދާވިޝްގެ ކައިވެނި ކުރުވުމަށެވެ. ޖެމާއަށް މަޖުބޫރު ކުރުވައިގެން ވިޔަސް ހެވެވެ. އަވަސްކޮށް ނުލައިފިއްޔާ އޭނަގެ ދަރިފުޅުގެ ހަގީގަތް އެނގި އެ އާއިލާގެ އަންހެންކުއްޖެއްގެ ނަސީބު މިންވަރު ނުކުރައްވައިފިއްޔާ ހާދަ ދެރައެވެ. މައިމޫން ގާތުގައި އާދޭސްކޮށްލަނިކޮށް މައިމޫން ފަހަރެއްގައި އޭނަގެ އަންހެން ކޮއްކޮއަށް މަޖުބޫރު ކޮށްފާނެއެވެ. ސީމާ އެންމެ ހިދުކޮޅެއްވެސް ނަގާނުލައި މައިމޫންއަށް ގުޅަންފެށިއެވެ.

އަލީނާ ކުޑަދޮރު ހުޅުވާލައިގެން ބޭރަށް ބަލަން ހުރި އިރު އެ ރީތި ދެލޮލުގެ ވިދުން ގަދަކަމުން ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. މޫނުމައްޗަށް ފައިބާފައި ވާ ކުދި ބުޅިކޮޅުތަކަށް އިރުގެ އަލި އެޅުމުން ރަންކުލަ އަރާއިރު ދެކޭ މީހަކު ހައިރާން ކުރުވާނެއެވެ. އަލީނާ މާ ދުރަށް ބަލަހައްޓައިގެން ހުރިއިރު ތަފާތު ޚިޔާލުތައް އޭނަގެ ސިކުނޑީގައި އެނބުރުނެވެ. ދިރިއުޅުމުގައި ދިމާވަނީ ހާދަ އެހެންކަހަލަ އިއްތިފާގު ތަކެވެ. މިފަހަރު ތަގުދީރު ކޮށްލި ނުބައި ސަމާސާ އަކުން ކުރުވި އަސަރުތައް އަދިވެސް ހިތުން ފިލައިގެނެއް ނުދެއެވެ. ދޮންމަންމައެއްގެ ނުބައިކަން ފޯރަން ވެއްޖެއްޔާ ވާނެ ގޮތެއްވެސް ނޭގެއެވެ. މިހުރިހާ ދުވަހުވެސް ދޮން މަންމައެއް އުޅުނެވެ. ނަމަވެސް އަލީނާއަށް އެމީހެއްގެ އުދަގޫ ތައް ޖެހިފައެއް ނުވެއެވެ. އެކަމަކު ހިތް ބުނަނީ މިފަހަރު ތަފާތު ވާނެ ކަމުގައެވެ. ދޮންމަންމަ އޭނަ ރޮލާ ކައިނުލާނެ ކަމެއްވެސް ނޭގެއެވެ. އަލީނާ މަޑުމަޑުން ހިނގާލައިފައި ގޮސް ސޯފާގައި އަރާމު ގޮތަކަށް ބުރަކަށި ޖައްސައިލުމަށްފަހު ދޮންބެ އާއި ޗެޓްކުރަން ފެށިއެވެ.

"ދޮންބެ، ހައު ކުޑް ޔޫ ނޮޓް ނޯ ، އެހާ ބޮޑުކަމެއް ހިގިއިރުވެސް....." އަލީނާ އަވަސް އަވަހަށް ލިޔުނެވެ.

"ބައްޕަ އަހަންނަށް ވުރެ އަދިވެސް ކާމިޔާބު، އެލީ އެމެރިކާއަށް ދިޔަފަހުން މާލެއިން ފުދޭވަރެއްގެ ޔަންގް ކުއްޖަކާއި މެރީކޮށްފައި އެކުއްޖާގެ ލާރިގަނޑު އަތުލައިގެން އުޅުނުކަން އެނގޭ، އެފަހުން އޭނަގެ ޚަބަރެއް ނުވޭ، ރިއަލީ ސިސް، އެ މޮންސްޓްރަގެ ވާހަކަ ނުދެއްކިއްޔާ ދޮންބެއަށް ރަނގަޅީ، ހީ އިޒް އެ ކްރީޕް...." އިޔާން ޖަވާބު ފޮނުވިއެވެ.

"ދޮންބޭ... އެއީ ބައްޕައޭ، ފާޑުފާޑުގެ ނަން ކިޔައިގެން ފާފަވެރިވާކަށް ނުވާނެ ދޮންބެ. އޭނަ ކޮންމެ ގޮތަކަށް އުޅުނަސް އަހަރެމެން ރެސްޕެކްޓް ކުރަންވާނެ...." އަލީނާގެ ހިތުގައި ބައްޕަ އާއި މެދު ނަފްރަތު އުފެދިފައި ވާއިރުވެސް އެހެން މީހުންނަށް އެކަން ފޮރުވަން މަސައްކަތް ކުރާ ފަހަރު މަދެއްނޫނެވެ.

"އޭނައަށް ތެދުމަގު ދައްކަވައިފިއްޔާ ރަނގަޅު، އަހަންނަކަށް ނުކެރޭނެ ބައްޕައެއްގެ ހުރި ނުބައިކަން ކޮއްކޮގެ ގާތުގައި ރަނގަޅަށް ކިޔާދޭކަށް، އެކަމަކު ތެދަށް ބުނަންޏާ ބިރުގަނޭ ރާއްޖެއިން ގާރލް އަކާއި ރައްޓެހިވާން ވެސް، ބައްޕަ ގެ ބިޓުން ގިނަވީމަ ޔަގީންކަމެއް ނޯންނަނީ، ނަސީބެއް ދޮންބެއަށް އެ ރީތިކަން ވާރުތަ ނުވިކަން، ހީވަނީ އެމެރިކަން އެއްހެން ވިއްޔަ......" އިޔާންގެ ވާހަކަތައް އަލީނާ ގަބޫލުކުރިއެވެ. އޭނަގެ ބައްޕަގެ ޒުވާން ފޮޓޯއެއް ފެނުމުން ޒެވިޔަންވެސް ހައިރާން ވެގެން ފާޑަކަށް ބަލަހައްޓައިގެން އިން ހަދާންވިއެވެ. ހަގީގަތުގައިވެސް މައިމޫން ފެނުމުން އަލީނާ އޭނަގެ ބައްޕަގެ ހަދާންވާ ގޮތްވެއެވެ.

އަލީނާ މިއަދު ބަނޑުގައި ރިއްސާތީ އުޅެމުން ގޮސް ރޯންވެސް ފެށިއެވެ. އެހާ ތަދުބޮޑުވެގެނެއް ނޫނެވެ. ބިރުން ގޮހެވެ. އަލަށް އެފަދަ ތަޖުރިބާއެއް ކުރެވުމުން އަލީނާއަށް ހީވަނީ ހައްތަހާ ކުޑަ ދެކުދިންނަށް ގެއްލުމެއް ލިބިދާނެ ކަމަށެވެ. އެހާ ބޮޑަށް އެކަމާ ވިސްނި، ލޮލުން ކަރުނަ އަންނަން ފެށިގޮތަށް ހުއްޓުވައިލަން ޒެވިޔަންއަށް ވެސް ފަސޭހައެއް ނުވިއެވެ. ޒެވިޔަންގެ އުނގުގައި ބޯ އަޅާލައިގެން އޮތް އިރު ޒެވިޔަން އެއް އަތުން އަލީނާގެ ބަނޑުގައި ފިރުމާލަދިނެވެ. އޮރެންޖް ކުލައިގެ ޓޮޕްކޮޅު ކުޑަކޮށް ހިއްލިފައި، ބަނޑު ހާމަވެފައި ވާއިރު އޮމާން ކަމުން ވިދައެވެ.

"ރިލެކްސް އިނގޭ ލަވް، ނަތިން ވިލް ހެޕެން ގޯޑް ވިލިން، އަހަރެމެން ފެމިލީ ގައި ކިތަންމެ ބަޔަކަށް ޓްވިންސް އިން ލިބިފައި ވަނީ، ރެއިންއަށް ވެސް ލިބެން އުޅެނީ ޓްވިންސް އިން، އެލީ ބިރުން ތިއުޅެނީ މަންމަ ޕްރިމެޗުއަރ ކޮށް ޑެލިވަރ ކޮށްފާނެއޭ، ރެސްޓް ނަގާށޭ ބުނީމަތަ؟ ޕްރިކޯޝަންތައް ނަގަން މަންމަ އެޑްވައިސް ކުރިޔަސް އަދި ކަންބޮޑުވާން ކައިރިއެއްވެސް ނުވެއޭ ލަވް، ބުނަމެއްނު ޕޮޒިޓިވްކޮށް ވިސްނާށޭ، އޭރުން ލައިފް ބިއުޓިފުލް ވާނެ...." ޒެވިޔަން ވަރަށް ލޯބިން ވިސްނައިދިނެވެ.

އަލީނާ ވުޟޫކުރަން ވުމުންވެސް ޒެވިޔަން އަލީނާ ނަގައިގެން ގޮސް ބާތުރޫމަށް ވެއްދިއެވެ. ކޮންމެ ކަމެއްގައި އެހީތެރިވެދޭން ޒެވިޔަން ހުރުމުން އަލީނާއަށް ލިބިފައިވާ ފަސޭހަތަކާއި، އުފާތައް ބުނެދޭނެ އިބާރާތް ތަކެއްވެސް އަލީނާ އަކަށް ނޭގެއެވެ. ޒެވިޔަން އެނދުގައި މޯޅިއަކަށް އަތްދަމާލި ގޮތަށް އަތްދަމާލައިގެން އޮތްއިރު އަލީނާ ނަމާދު ކުރިލެއް ލަސްކަމާއި މެދު ވިސްނިއެވެ. ރިޔާ ދެމިނިޓުން ނަމާދުކޮށްލާ ގޮތާއި އަލީނާ ހާދަ ތަފާތެވެ. ޒެވިޔަން ބަލައިލިޔަސް ރިޔާ ހީގަނެފައި ބައެއްފަހަރު ހަށަން މޮހެލާނެއެވެ. ރިޔާ ނިތްތަޅާލައިފައި ތެދުވާ އުސޫލު ބަދަލުކުރުވަން ޖެހޭނެއެވެ.

އަލީނާ އިޝާ ނަމާދުކޮށް ނިމުނުތަނާހެން ޒީބާވެސް އަލީނާގެ ހާލު ދެކެލަން އައެވެ. ޒެވިޔަންގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައި ވާތީ ކުރިއަށްވުރެ ޝަޚުސިއްޔަތު ވަރުގަދަވެފައި، މާތްގޮތެއް ހުއްޓެވެ. ޒީބާގެ ހިތް މި ރީތި ދަރިފުޅަށް ތައުރީފުން ފުރުނެވެ. ހުރިހާ އަންހެންކުދިން މޮޔަވާހާ އޭނަގެ ދަރިފުޅު ފުރިހަމައެވެ.

"އަލީނާ ރަނގަޅުތަ؟ އަދިވެސް ބަނޑުގައި ރިއްސާތަ؟" ޒީބާ ހުރީ މިގަޑީގައިވެސް ސެންޓު ޖަހާލައި، ރީތިވެލައި ގެންނެވެ. ހީވަނީ ބޭރަށް ދާން ތައްޔާރުވެލައި ގެން ހުރިހެންނެވެ. މިދުވަސްކޮޅު ޒެވިޔަންއަށް މަންމަ ކުރިއަށް ވުރެވެސް ބޮޑަށް ޒީނަތްތެރި ކަމާއި ސްޓައިލަށް ސަމާލުކަން ދޭކަން ފާހަގަ ކުރެވިފައި ވެއެވެ. ޒީބާ އަލީނާގެ ބަނޑުގައި އަތްޖައްސާލައިފައި ކޮންޓްރެކްޝަން އެއްވެސް ނެތޭ، ނުވިސްނާށޭ ބުނެލީ ހީލުމަކާއި އެކުގައެވެ. އަލީނާ އޮތީ ލަދުގެންފައެވެ. ޒީބާގެ ސުވާލަށް ޖަވާބުދޭންވެސް އޭނަ ޖެހިލުންވެއެވެ. ހީވަނީ ރައީސެއްގެ ކުރިމައްޗަށް އާދެވޭހެންނެވެ. ނަމަވެސް ބައެއްފަހަރު އެހާ ބޮޑު އިހުތިރާމެއް ކުރަން ޖެހޭވަރުގެ މީހެއް ބާވައޭވެސް ހީކުރެވެއެވެ. ކޮންމެ ގޮތެއްވިޔަސް ޒެވިޔަންގެ މަންމައަށް ވީތީ އަލީނާ އެތަން ކޮޅު ހަނދާން ނައްތައެއް ނުލާނެއެވެ. ޒެވިޔަން ލޯބިވާ ކޮންމެ މީހަކަށް އަލީނާ ގަދަރު ކުރާނެއެވެ.

ފިނިކަން ހައްތަހާ ދަށަށް ގޮސް ޓެމްޕްރޭޗަރ މިއަދު އުޅެނީ ސާދަ ޑިގްރީގައެވެ. ހެލޮވީން ނައިޓް ފާހަގަ ކުރަން ދާވިޝްމެން ގޭގައި ދިން ޕާޓީގައި ބައިވެރި ނުވާން ވެގެން އުޒުރެއް ދައްކައިލަން ވެގެން ޒެވިޔަން އަލީނާ ގޮވައިގެން ފަރުބަދަމަތީގެ ގެއަށް އެދުވަހު ދިޔައެވެ. ވާދީތަކާއި އެ ސަރަހައްދު ރީތިކަމުން އަލީނާ އިނީ އާޝޯޚުވެފައެވެ. ގެއްލިފައެވެ. އުމުރު ދުވަހުވެސް މިފަދަ ރީތިކަމެއް އަލީނާ ދެކެފައެއް ނުވެއެވެ. ހީވީ ބަހާރަށް ވުރެވެސް މި މޫސުމް މާބޮޑަށްވެސް ރީތިހެންނެވެ. އަލީނާ އާއި ޒެވިޔަން އެރޭ އެގޭގައި މަޑުކުރަން ނިންމިއެވެ. ރިޔާ އަށް ޒެވިޔަން އެރޭ ނާންނަން އެނގުމުން މައްސަލަ ނުޖެއްސިޔަސް ދެރަވާނެތީ ޒެވިޔަން އެކަމާއި ވިސްނިއެވެ.

ޒެވިޔަން އާއި އަލީނާ ހެނދުނު ހޭލިގޮތަށް އަތުގުޅުވާލައިގެން ހިނގާލަން ދިޔައެވެ. ޒެވިޔަން ހުރީ އަލީނާ އާއި މެދު ވަރަށް ސަމާލު ވެގެންނެވެ. އެއްފަހަރުވެސް އަތުން ދޫކޮށެއް ނުލައެވެ. އެއްވެސް ފިކުރެއް ޚިޔާލެއްނެތި ކުޑަތަންކޮޅަކަށް ހިގާލަން ގޮސްފައި ވާހަކަ ދައްކާލަން ތިބުމަށްފަހު އެނބުރި އައިސްފައި ހެނދުނުގެ ނާސްތާ ކުރިއެވެ. ހުޅުވާލެވިފައިވާ ކުޑަދޮރުތަކުން ބޭރުގެ މަންޒަރުތައް ދިމާލަށް ފެންނަން ހުއްޓެވެ. އިރުގެ ދަޅަތައް ފެތުރިގެން އައިއިރު އެދިމާލުގައިވާ ގަސްތަކުން ހީވަނީ ރަތްމުތް ފައިބާހެންނެވެ. އަލީނާ މޭޒުގައި ދަތްދޮޅި އަޅުވާލައިގެން ބޭރަށް ބަލަން އިނީ ހުވަފެނީ ގޮތަކަށެވެ.

"އެލީ ބޭބީ، ކޮންކަމަކާތަ ތި ވިސްނަނީ؟" ޒެވިޔަން އަލީނާގެ އަތުގައި ފިރުމާލަމުން އަހާލައިފިއެވެ.

"ހިތަށް އަރަނީ ވަކިން ކޮޓެޖެއްގައި އުޅެވޭނެ ނަމައޭ...." އަލީނާ ކުޑަ ހުނުމަކާއި އެކު ޒެވިޔަންގެ ފެހިދެލޮލަށް ބަލައިލިއެވެ. ބެލިބެލިހެން ރީތިކަން އިތުރުވާހެން ހީވެއެވެ. 

"އޮފްކޯޒް ޑާލިން، އަހަރެންގެ ވެސް ޑްރީމެއް...." އެވަގުތު ޒެވިޔަން ހަދާންވީ ރިޔާގެ މަތިންނެވެ. ދެ އަނބިން ތިބުމުން މައްސަލަ ޖެހޭނެ ތަންކޮޅެއް މިފެނުނީއެވެ. ވަކި ގެއެއްގައި އެކަނިމާ އެކަނި އުޅުމުގެ ޚިޔާލު ދޫކޮށްލަންޖެހެނީ އެހެންވުމުގެ ސަބަބުންނެވެ. އެކަމަކު މުސްތަގުބަލާއި މެދު ވިސްނައިގެން ބޯ ހަލާކުނުކޮށް ވަގުތީ ގޮތުން ލިބިފައިވާ އުފާތަކުގެ ބޭނުން ހިފުމަށް ވުރެ ބުއްދިވެރި ގޮތެއްނެތެވެ. އަލީނާ ތެދުވެގެން ގޮސް ކުޑަދޮރު ކައިރީގައި ހުއްޓުމުން ޒެވިޔަން ފަހަތުން އައިސްކުޑަކޮށް ބައްދާލައިފިއެވެ. އަލީނާގެ ގައިން ހީބިހިހަލުވައިލީ ޒެވިޔަންގެ ބީހިލުމުން ކަމެއް ނޫނީ ޖެހިލި ފިނިވައިރޯޅި އަކުން ކަމެއްނޭގުނެވެ. އަލީނާ ޒެވިޔަންގެ ރީތި މޫނަށް ބަލައިލީ ހިނިތުންވުމަކާއި އެކުގައެވެ. އެކަނިވެރި ކަމާއި ހިމޭންކަމުން ފުރިގެންވި އެވަގުތު ކޮޅު ދެމީހުން އެކަކު އަނެކަކުގެ އަތުތެރެއަށް ދަމައިގަތީ ދަގަތްފާނަށް ދަގަނޑު ދަމައިގަންނަ ހެންނެވެ. ޒެވިޔަންގެ ފޯނު އެތައް ފަހަރަކު ވައިބްރޭޓްވި އިރުވެސް ޒެވިޔަން އަޅައެއްނުލިއެވެ.

"ކާކުތަ ޑިސްޓާބް މިކުރަނީ..." އެންމެފަހުން ޒެވިޔަން ފޯނު ނެގުމާއިއެކު އެ ތުންފަތްމަތީގައި ވި ހިނިތުންވުން ފަނޑުވެގެން ހިގައްޖެއެވެ. ޒެވިޔަން ތުންފަތުގައި ދަތްއަޅާލައިފައި އަވަހަށް ފޯނު ހިފައިގެން އެއްފަރާތަކަށް ޖެހުމުން އަލީނާ ހުރީ ސުވާލު ކުރަން ނުކެރިފައެވެ. ބިރުގެންފައެވެ. ކޮންމެވެސް ނުބަޔެއް ހިގައިފިކަން އޭނައަށް އެނގުނެވެ. ޒެވިޔަން އެކޮޅުން ދެއްކި ވާހަކަތައް އަޑުއަހަން ހުރި އިރު ޒެވިޔަން ހުރީ އިންތިހާއަށް ދެރަވެފައިކަން އަލީނާއަށް އެނގުނެވެ. އެދެލޮލުގައި ކަރުނައިގެ އަސަރުވިއެވެ. އޭނަ ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރަމުންދާކަން އަލީނާއަށް އެގުނެވެ. ޒެވިޔަން ފަދަ ހިތްވަރުގަދަ ޒުވާނަކު އެހާ ހާސްވާނީ ބޮޑު ހާދިސާއެއް ހިގައިގެންކަން އަލީނާއަށް ޔަގީންވިއެވެ. ރިޔާއަށް ކަމެއްވީބާވައެވެ. ނޫނީ އާއިޒުފަދަ ގާތްމީހަކަށް ގެއްލުމެއްވީބާވައެވެ. އަލީނާ ޒެވިޔަންގެ ގަނޑުފެންކޮޅެއްފަދަ އަތުގައި ބާރަކަށް ހިފަހައްޓާލި އިރު އަލީނާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. 

"ޒާވް... އައި ނޯ... ކޮންމެވެސް ކަމެއް ވެއްޖެ...." އަލީނާ ބިރުންހުރެ އެހިސާބަށް ބުނެވުނު އިރަށް އަލީނާގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ.

ކޮމެންޓް 0