ނިކީއަށް ޕީނަޓް ކެވުނު ގޮތެއް ނޭގިފައި ތިބި އެތައް ބަޔަކަށް ޒީބާގެ އެ ޖުމްލައިން އެކަން ސާފުވެއްޖެއެވެ. 

ތިންދުވަހު ލައިފް ސަޕޯޓް މެޝިނުގެ އެހީގައި ދުނިޔެއަށް ނޭވާލުމަށްފަހު ނިކީ ވަކިވެގެން ދިޔުމުން އޯޓަމް ބްލޭޒްއަށް ހީވީ ކުޑަވަރެއްގެ ގިޔާމަތެއް އައިހެންނެވެ. އެގޭގެ ކޮންމެ މެމްބަރެއްގެ އިތުރުން ނިކީ ދަންނަ ކޮންމެ މީހެއްގެ ހިތުގައި އެކުއްޖާއަށް ދެވިފައިވާ ފުން ލޯތްބެއްގެ ސަބަބުން، ކަރުނަ ނާޅާ އެކަކު ވެސް ނެތެވެ. އެދުވަހު އުޑުމަތީގައި ވިލާތައް ހެދި ބަނަވި ގޮތުން އެންމެންގެ ހިތާމައިގައި ދުނިޔެވެސް ބައިވެރިވެ ހިތާމައިގެ ސާލެއް އޮޅައިލައިފިހެން ހީވިއެވެ. ނިކީ ގެ ހަށިގަނޑު ގެއަށް ގެނެސްފައި މޫނު ދައްކަން ބާއްވާފައި އޮތް އިރު، ހޮސްޕިޓަލުގައި އެތުއްތު މޫނުން ފެނުނުފަދަ އެއްވެސް ވޭނެއް، އުނދަގުލެއް ފެންނާކަށް ނެތެވެ. އިންތިހާދަރަޖައިގެ ހިތްހަމަޖެހުމާއި އެކު ނިދާލައިފައި އޮތީހެން ހީވެއެވެ. ތުންފަތް މަތީގައިވާ ލާނެތް ހިނިތުންވުމަކުން ވެސް ހިތްތައް ފިދާކުރުވާނެއެވެ. މަރުވެފައި އޮތްހެނެއްވެސް ހިޔެއްނުވެއެވެ. 

ޒެވިޔަން މިތިންދުވަހު ވެސް ނުނިދާ، ހޭލާ ހުރުމުގެ ސަބަބުން އޭނަ ހީވަނީ އަނބުރައިގެންފާނެ ހެންނެވެ. އެކަމަކުވެސް ނިކީގެ ގާތުގައި އެންމެ ފަހު ވަގުތުތައް ހޭދަކޮށްލަން ބޭނުމެވެ. ހިތްފުރެން ދެން ދަރިފުޅަށް ބަލައި ނުލެވޭނެކަން ޒެވިޔަންއަށް އެނގެނީއެވެ. އަލުން ދެން އެ މައުސޫމް ރީތިކަން ދުވަހަކުވެސް ނުފެންނާނެކަން އެގެނީއެވެ. 

ރިޔާ ހުރީ ކުޑަކޮށް މޮޔަވާ ގޮތްވެފައެވެ. ނިކީގެ މޫނުގައި ބޮސްދީފައި މަންމަގެ ދަރިފުޅު ހާދަވަރަކަށް ނިދަނީ އޭ ކިޔާފައި ބާރަކަށް ހީނ ގަނެފާނެއެވެ. ރިޔާ އެންމެންގެ ކައިރިއަށް ހިނގަ ހިނގާފައި އެންމެން ރޮނީ ކީއްވެހެއްޔޭ ކިޔާ ސުވާލު ކުރަމުން، މޮޔަވާހަކަތައް ދައްކަމުން އުޅޭތަން ފެނުމުން ޒެވިޔަންއަށް މާބޮޑަށް އަސަރު ކުރިއެވެ. ޒެވިޔަން އަށް އެނގުނެވެ. ނިކީގެ މަރުވުމުގެ ހިތާމަ އުފުލަން ޖެހުމުން ރިޔާގެ ސިކުނޑިއަށް ކުޅަދާނަނުވީއެވެ. ދަރިއަކު މަރުވުމުން ކުރާނެ އަސަރުތައް އިހުސާސް ކުރެވޭނީ އެކަނި އެފަދަ ތަޖުރިބާއެއް ކުރެވުނު މަންމަ އަކަށެވެ. ނަމަވެސް ރިޔާ އެއުޅޭ ގޮތަކުން އިތުރަށް ހަމްދަރުދީ ވެވުނެވެ. ޒެވިޔަން ނިކީގެ ކޯތާފަތުގައި މަޑުމަޑުން ފިރުމާލިތަން ފެނިގެން ރިޔާ ދުވެފައި ކަހަލަ ގޮތަކަށް އައެވެ.

"ޝްޝްޝް ހަނީ، ބޭބީ ހޭލަފާނެ، ނިދަނީއޭ......." ރިޔާ ޒެވިޔަންގެ ލޮލުގައިވާ ކަރުނަ ފޮހެލާފައި، މައުސޫމް ގޮތަކަށް ހީލައިފިއެވެ. ޒެވިޔަން ކިތަންމެ ބޮޑު ހިތާމައެއްގައި ހުއްޓަސް ކޮންމެ ވަގުތަކުވެސް ދާވިޝް ބޮޑީގާޑެއް ފަދައިން ރިޔާ އުޅޭހާ ގޮތެއް ބަލަހައްޓައި ރިޔާގެ ފަހަތުން އުޅޭކަން ވިސްނުނެވެ. ވަރަށް ފޫހި ވެސް ވިއެވެ. ނަމަވެސް މިވަގުތު އޭނަ ހުރީ އެކަންތަކާއި އެއްޗެކޭ ބުނެ މައްސަލަ ޖައްސާފަދަ ހާލަތެއްގައެއްނޫނެވެ. އަދި ރިޔާގެ ފަހަތުން ގޮސް އެމޮޔަކަންތައް ހުއްޓުވާނެ ވަރެއްވެސް ނެތެވެ. ދާވިޝް ރިޔާގެ ފަހަތުން ސިޑިން އަރައިގެން ދިޔަތާ އިރުކޮޅެއް ނުވަނީސް ރިޔާ ނިކީއަށް އަލީނާ ދިން ލޯބި ޓެޑީ "އެބީ" އުރާލައިގެން އައެވެ.

"އެބީ އާއި ހަގްކޮށްލައިގެން އޮވެ ނޫނީ މަންމީގެ ހަނީބަންޗަކަށް ނުނިދޭނެ. ލޯބި، މިއައީ އެބީ....." ރިޔާ ހެވިލާފައި ހުރެ ނިކީގެ އަތުތެރެއަށް ޓެޑީ ލައްވަން އުޅުމުން ދާވިޝް ރިޔާ ހުއްޓުވާފައި، ނިކީ އޮތީ ނިދާފައި ނޫންކަމަށް ބުނެލީ އޯގާތެރި ކަމާއި އެކުގައެވެ. ރިޔާ އުކުޅުގައި އަތްވިއްދާލައިގެން ހުރެފައި ބަލާކަށް ނުހުރެ ގޮށްމުށްކަވާފައި ދާވިޝްގެ މޭމައްޗަށް އެތިފަހަރެއް ވީއްލާލައިފިއެވެ.

"ޔޫ ގޯ ޓު ހެލް، އިޑިއަޓް......" ރިޔާ ދާވިޝް އާއި ދިމާލަށް ބާރުބާރަށް ހަޅޭއްލަވައިގަތެވެ. ދާވިޝް ކުޑަކޮށް ހާސްވާ ގޮތްވިއެވެ. އެތައްބަޔެއްގެ ނަޒަރު ދާވިޝްއަށް ހުއްޓުމުން އޭނަ ކުޑަކޮށް ރަކިވެސް ވިއެވެ. ޓޭންވެފައިވާ މޫނުގެ ސަބަބުން ރަތްކަން ފާހަގަ ނުވިޔަސް އޭނަ އެސްފިޔަތައް ތިރިކޮށްލި ގޮތުންނާއި ޖިންސްގެ ޖީބަށް އަތްޖަހައިލި ގޮތުން ޔަގީނުންވެސް ޒެވިޔަންއަށް ދާވިޝް ލަދުގަތްވަރު އަންދާޒާ ކުރެވުނެވެ. "އަދިވެސް ފަހަތުން ނުނެއްޓޭތި، ދެން ކަލޭގެ ތަނެއް ބިންދައިގެން ދާނީ މަގޭ އަތުން، ދާވިޝް، ލަހެއް ނުވާނެ...." ޒެވިޔަން ހިތާހިތުން ކިޔައިލިއެވެ. ދާވިޝް އަކީ ހާދަ ލަދުކުޑަ ފިރިހެނެކެވެ. އާއިލާގެ އެންމެންގެ ކުރިމަތީގައި ވެސް އޭނަގެ އަންހެނުން ފަހަތުގައި ހިޔަނި ފަދައިން ޖައްސާލައިފައި ހުންނާނީ ކިހާ އުޅުމެއް ނެތީމައެވެ. މިއޮތް ބޮޑު ދުނިޔެއިންވެސް ރިޔާ ނޫން އަންހެނަކު ނުފެނުނީ ބާވައެވެ. 

ރިޔާ މޮޔަކޮށް އުޅޭތަން ފެނުމުން އެންމެ ފަހުން ޒެވިޔަންއަށް ކެތްނުކުރެވިގެން އޭނަގެ އެކުވެރި ޑޮކްޓަރެއްގެ ގާތުގައި އެދުނީ ރިޔާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ދިނުމަށެވެ. ބައެއްފަހަރު ލޯބިވާ މީހަކު ނިޔާވުމުން ލިބޭ ޝޮކެއްގެ ސަބަބުން ބްރީފް ރިއެކްޓިވް ސައިކޯސިސް ފަދަ މައްސަލައެއް ދިމާވުމަކީ ވެދާނެ ކަމެކެވެ. ލޯބިވާ މީހަކު ވަކިވުން ފަދަ ބޮޑި ހާދިސާއެއް މެދުވެރިވެގެން ސިކުނޑި ސަކަރާތްވީމަ އެންމެ ދުވަހަކުންވެސް މީހާ ހަމަޔަކަށް އެޅިދާނެއެވެ. ގިނަވިޔަސް މަހެއްގެ ތެރޭގައި މުޅިން ރަނގަޅުވެ އެމޮޔަކަން އަލުން ތަކުރާރެއް ނުވާނެއެވެ. އެކަން އެނގޭ އިރުވެސް ޒެވިޔަންގެ ހިތަށް ލިބުނު ދަތިކަން އިތުރުވިއެވެ. އަމިއްލަ ދަރިފުޅު މަރުވެ، އަންހެނުން މޮޔަވުމުން އޭނައަށް ކުރެވޭނެ އިހުސާސް ބަޔާން ކޮށްދެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ އެހާވެސް ހިތްދަތި ވޭންދެނިވި އިހުސާސް ތަކެވެ. 

ނިކީ ވަޅުލިތަނާހެން ތުނިތުނިކޮށް ވާރޭވެހެން ފެށިއެވެ. އެންމެން ގަބުރުސްތާނު ދޫކޮށްލާފައި ދާންފެށުމުންވެސް ޒެވިޔަން އެތަނުން ދާން އިންކާރު ކުރިއެވެ. 

"ދަރިފުޅާ، ކެތްކުރަން ވާނެ، ބޭބީ އިޒް ވިދް އެންޖަލްސް، ދުނިޔެއަށް އައިގޮތަށް ކޮންމެ ދިރޭ ފުރާނަ އެއްވެސް އަނބުރައި ދާންޖެހޭނެ ދުވަހެއް އަންނާނެ ކަމަށް ދަރިފުޅު ވެސް ގަބޫލު ކުރަމެއްނު، ދަރިފުޅުގެ ރުއިމުން ނިކީގެ ފުރާނައަށްވެސް ދަތިކަން ލިބޭނެ، ވީއިރު ޑޯންޓް ކްރައި މައި ސަން، ބީ ސްޓްރޯންގް، މިއީވެސް އިމްތިހާނެއް..." މައިމޫންވެސް ފެންކަޅިވެލައްވާފައި ހުންނަވައިގެންވެސް ބައްޕައެއްގެ ވާޖިބު އަދާކުރެއްވިއެވެ. ޒެވިޔަން ގެނެސް މޭގައި ޖައްސާލައްވަމުން ބުރަކަށީ ގަޔާއި، އިސްތަށިގަނޑުގައި ފިރުމައިލެއްވީ ލޯތްބާއި އެކީގައެވެ. ޒެވިޔަން ހިތްވަރުކުރިއެވެ. އެންމެ ފަހު ފަހަރަށް ނިކީގެ މަހާނަ އާއި ދިމާލަށް ކަރުނުން ފުރިފައިވާ ދެލޮލުން ބަލައިލުމަށްފަހު ކާރާއި ދިމާލަށް ހިނގައިގަތެވެ.

އޯޓަމް ބްލޭޒްގެ ދިރުމަކީ، ރޫހަކީ ނިކީ އެވެ. ނިކީ ނެތުމުން އެގެއަށް އާދަޔާ ޚިލާފު ފަޅުކަމެއް ވެރިވިއެވެ. އެމީހަކުގެ ކޮޓަރީގައި ބަންދުވެގެން ތިބޭ އިރު ކެއުމެއް، ބުއިމެއް އެހެންކަމެއްވެސް މުހިއްމެއް ނުވެއެވެ. ޒެވިޔަންގެ އާއިލާ އާއި އެކުވެރިން އޭނަ އެކަނި ނުކޮށް، ހިތްވަރުދޭން އަބަދު ކައިރީގައި ތިބޭ އިރުވެސް ތެދުވެ އުޅެވޭނެ ހިތްވަރެއްވެސް ނުހުރެއެވެ. އޭނަ އޮންނަނީ އޮށޯވެ ލައިގެންނެވެ. ރިޔާގެ މޮޔަކަންވެސް އެންމެ ދުވަހެއްގެ ތެރޭގައި ރަނގަޅު ވިއެވެ. ނިކީ ދުނިޔެއިން ވަކިވުމަކީ ރިޔާއަށް ކެތްކުރެވުނު ކަމަކަށް ނުވިއެވެ. ރިޔާވެސް އޮންނަނީ ނިދާ ބޭހުގެ އެހީގައި ނިންދަވާފައެވެ. ކިރިޔާ ހޭލެވުނަސް ނިކީއަށް ގޮވާފައި ރޯން ފަށާނެއެވެ. ރިޔާއަށް މާބޮޑަށް އަމިއްލަ ނަފުސް ކުށްވެރި ކުރެވުނީ އެވެ. ރިޔާއަށް ހަމަޖެހިލައިގެން އޮވެވެނީ ބޭސްކައިގެން ނިދާފައި އޮންނަ ގަޑީގައެވެ. ހަމަހޭވެރިކަން ވެއްޖެއްޔާ ރޮއި ރޮއިފައި ގިސްލައެވެ. ބައެއްފަހަރު އަރުތެރެއިން އެއްޗެއް ނުދިރުވިގެން، އައިވީ ގުޅަން ޖެހިދެއެވެ. 

ރިޔާ އެޙާލުގައި އޮންނައިރުވެސް ޒެވިޔަންގެ މަތިން ހަދާންވެއެވެ. ޒެވިޔަން އަލީނާ ގެއިން ފޮނުވައިލަން އެތައްދުވަހު ބުނި ހަދާން އާވެފައި ހިތް ތެޅިފޮޅި ގަނެއެވެ. ޒެވިޔަންގެ ބަސް ގަބޫލު ކުރެވުނުނަމަ މިހެން ނުވީސްކަމަށް މިއަދު ގަބޫލު ކުރެވިއްޖެއެވެ. ރިޔާއަށް މަންމަގެ ޒިންމާ އަދާނުކުރެވުނީ އެވެ. ހުރި އެންމެ ދަރިފުޅު އަތުން ބީވެގެން ދިޔައީއެވެ. އެއީ ބިލިޔަން ޑޮލަރު ދީފައިވެސް ފިހާރައަކުން ގަނެވޭނެ މުދަލެއް ނޫނެވެ. އެކުޑަކުޑަ އަގުނުކުރެވޭފަދަ ފުރާނަ ދެން ދުނިޔޭގެ އެއްވެސް ބާރަކަށް ނުގެނެވޭނެއެވެ. ޒެވިޔަން އޭނަގެ ގާތަށް ނައުމުން ރިޔާ ވަކިން މާޔޫސްވެ ހިތާމައިގެ މައްޗަށް އިތުރުވި އަނެއް ހިތާމައަށްވިއެވެ. ރިޔާގެ ހާލު ހައްތަހާ ދަށަށް ދާންފެށިއެވެ. ހަގީގަތުގައި ޒެވިޔަންގެ ހާލަކީ ވެސް އެއީއެވެ. އޭނަ ވަރަށް ބޮޑަށް ޑިޕްރެޝަންއަށް ވެއްޓި މުޅިން ހަލާކުވެގެން ނުދިޔައީ ކިރިޔާއެވެ. ރިޔާ އާއިމެދު ވިސްނާނެ ވަރެއްވެސް ޒެވިޔަންގެ ސިކުނޑިއަކު ނެތެވެ. އޭނަ އުޅުނީ އަމިއްލަ ހާލާއިގެން ނޫޅެވިގެންނެވެ. ޒެވިޔަންގެ ލޮލުން ކަރުނަ ހުސްވިޔަސް އެ ދެލޮލުގައިވާ ރިހުމާއި ވޭން ބަލައިލާ ކޮންމެ މީހަކަށް ފެނެއެވެ.

ރިޔާ ފެންވަރާލައިގެން ހެދުން ބަދަލުކޮށްގެން އައީ ޒީބާ މަޖުބޫރު ކޮށްގެންނެވެ. ޒީބާ ރިޔާގެ އިސްތަށިގަނޑުގައި ފުނާ އަޅައިދިނެވެ. ރިޔާގެ މޫނު ތާޒާކޮށް ފެނުނަސް ލޮލާއި މޫނު ވަނީ ދުޅަވެފައެވެ. ހީވަނީ އެތައް ދުވަހެއްވާންދެން ބޮޑު ބައްޔެއްގައި އުޅުމަށްފަހު ތެދުވެއުޅޭ ކުއްޖެއް ހެންނެވެ. މިވަރުންވެސް ހިފަހައްޓައި ލެވެނީ ބޭހުގެ ބާރުގައެވެ. ޒީބާ ގަދަކަމުން ސޫޕް ބޯންދިނުމުން އިށީނދެލައިގެން އިންނާނެހާ ހިތްވަރު ލިބުނެވެ. 

"މަންމަ އާއި ޒެވިޔާ ބުނާ ގޮތަށް ނެހެދީމަ މިހެންވީ، އެދުވަހު ނިކީ އިނީ ރީތިކޮށް ކުރަހަން، ދެން.. ޗޮކްލެޓް ކަނީއޭ ބުނީމަވެސް އެވަގުތު ހިތަކަށް ނޭރި ބަލައިލަން، ކުށްވެރިޔަކީ އަޅުގަނޑު، އަޅުގަޑަށް ދަރިފުޅު ނުބެލެހެއްޓުނީ، ދެން ދުވަހަކުވެސް ނިކީ ނުފެންނާނެ. ވަރަށް ލޯބިވޭ ދަރިފުޅުދެކެ، އެ ދަރިފުޅުގެ ބަދަލުގައި އަޅުގަނޑު ދާންޖެހުނުނަމަ އުފަލުން ދިޔައީމު، ނަމަވެސް މިވީގޮތަކުން، ކެތެއްވެސް ނުކުރެވޭނެ. ދަރިފުޅު... ހާދަ.. ތަދުވެގެން ...އަދި ނޭވާވެސް ނުލެވިގެން އުޅުނޭ މަންމާ.. ބަލަބަލާހުއްޓާ ލޯމެރުނީ.. ޑެޑީ އޭ ކިޔާފައި ހީލިލެއް ލޯބިކަމުން ހީވި.. އޯކޭވެދާނެހެން.. އެކަމަކު.. އެކަމަކު.. އަހަރެމެންގެ ލިޓްލް ގާރލް......." ރިޔާ ހުއްޓަ ހުއްޓާފައި ބުނަމުން ދިޔައިރު ހިތް ރޮމުން ދިޔައެވެ. ރިޔާގެ ލޮލަށް އެމަންޒަރުތައް ފެނުނެވެ.

"ދަރިފުޅާ، ދެން އެވާހަކަ ދައްކައިގެން ހިތަށް ދަތިނުކުރުވަބަލަ، އަހަރެމެންގެ ދަރިފުޅުގެ އަޖަލު ޖެހުނީމަ އެއްވެސް އިންސާނަކަށް ނުހިފެހެއްޓޭނެ. ކޮންމެވެސް ސަބަބެއް މެދުވެރިވާނެ، އެގޮތަށް ވާނެކަން އެގޭނެނަމަ ރިޔާ ނުނިދާ ހޭލާހުރެގެންވެސް ދަރިފުޅު ހިމާޔަތްކޮށްދޭނެ، މިހާރު ނިކީ ވީ ހެވަންގައި، ދެން ހިތާމަނުކޮށްބަލަ، ނިކީގެ ފުރާނައަށް ހަމަޖެހުމެއްނުލިބޭނެ ދަރިފުޅުމެން ހިތާމަކުރަންޏާ، ނުރޮއި، ކެތްކުރޭ ދަރިފުޅާ. އިޓްސް ނޮޓް ޔޯރ ފޯލްޓް......." ޒީބާގެ ހަމްދަރުދީއިން ރިޔާއަށް ބޮޑަށް ރޮވުނީ އެވެ. 

އަލީނާވެސް ނުކައި، ނުބޮއި އޮވެ ނިކީގެ ތަސްވީރަށް ބަލަބަލާފައި ރުއިން ނޫންކަމެއް ނުކުރެއެވެ. އެ އޮރެންޖް ގަސް ވެސް އަލީނާ ގެންގުޅެނީ އެހާ ފަރުވާތެރި ކަމާއި އެކުގައެވެ. އަލީނާ ކޮޓަރިން ނުނިކުމެ އިންނާތީ ނާހީ ފޫހިވެގެން އެތަން މިތަނަށް ބޯކޮށްޕަމުން ކުރާނެ ކަމެއް ނޭގިފައި އުޅެއެވެ. ޑައިޓްގައި ހުރި ކުއްޖާ ކުރިއަށްވުރެ ކެއުން ގިނަކޮށްލައިފިއެވެ. ކުދިވައްކަން ކުރަމުން ގޮސް އެގޭ ސިޓިންރޫމްއިން ވެސް އަތުޖެހުނު އެއްޗެއް ނަގަން ފެށިއެވެ. ފޮޓޯތަކާއި، ކުދި ސްކަލްޕްޗަރތައް ވެސް މެއެވެ. ގަހެއްގައި ގިތި މޭވާއެއް އޮންނަ ކަމަކަށްވެސް ނުވެއެވެ. އެގޭގައި އޭނަ ކުރާ ކަމަކާއި އަޅާލައި، އެއްޗެހި ކިޔާނެ މީހަކު ނެތީމަ ނާހީއަށް ބޭނުން ގޮތަކަށް އުޅެލެވޭ ދުވަސްކޮޅަކަށް ވާތީ އޭނަ ހުންނަނީ ހިތްހަމަޖެހިފައެވެ. ނާހީ ވެސް ނިކީގެ އެ ހިތާމަވެރި ނިމުމާއި ދޭތެރޭގައި ދެރަވިއެވެ. ޗޮކްލެޓް ދިނީ ނާހީކަން އެނގިއްޖެއްޔާ އެހިސާބުން ގެއެއް ލިބުން އެއީ ހުވަފެނެއްކަމަށް ހަދަންޖެހިދާނެކަން ނާހީއަށް އެގެއެވެ. އެހެން ގެއަކަށް ބަދަލުވެވޭނީވެސް ޒެވިޔަންގެ އެހީ ލިބިގެން ކަމަށްވާތީ އެކަންވެސް ހީވާގޮތުން ދެން ފެނަށް ވެގެން ދިޔައީއެވެ. އޭނަގެ ކައިވެންޏާއި، މުސްތަގުބަލެއްވެސް ބޭނުންވާތީ އޭނަ ގެ ހަޔާތުގެ ބާކީއޮތް ބައި ޖަލުގައި ހޭދަކުރާކަށް ބޭނުމެއްނޫނެވެ. މިހާ މުއްސަދި، ނުފޫޒުގަދަ އާއިލާއެއްގެ ކުއްޖަކު އޭނަ އަތްދަށުން މަރުވެގެން ގޮސްފައިވާއިރު އެމީހުންވެސް ހަރުކަށި އަދަބެއްދޭން މަސައްކަތް ކުރާނެއެވެ. ބައެއްފަހަރު މިގެއިން ފިލައިގެންދާންވެސް ނާހީ ހިތަށް އަރައެވެ. ނަމަވެސް ސަލާމަތްވެގެން ދާނީ ކޮންތަނަކަށް ބާވައެވެ. އޭނަގެ ލޯބިވެރިޔާއަކީވެސް ގެދޮރު ހުރި ކުއްޖެއް ނޫނެވެ. އެހެންބަޔެއްގެ އެހީއާއި ނުލައި އަދި އުޅެވޭނެ އެއްވެސް މަގެއް ފެންނާކަށް ނެތެވެ.

ދެ ހަފްތާ ވޭތުވެގެން ދިޔަ އިރުވެސް އޯޓަމް ބްލޭޒް ވަނީ ހިމޭންވެފައެވެ. އެއްވެސް މީހަކު އަނެކަކާއި އަނގައިން ބުނަންވެސް ބޭނުންނުވާހެން ހީވެއެވެ. އާއިޒުވެސް އޭނަގެ ބޭބެގެ ހުރި އެންމެ ދަރިފުޅު އެހާ ކުއްލި ގޮތަކަށް ވަކިވެގެން ދިޔުމުން އެކަނިމާ އެކަނިހުރެ ކަރުނަ އޮއްސިވަރު ދެނެވޮޑިގެން ވަނީ ހެއްދެވި ފަރާތެވެ. އެ ކުޑަފުށްގުޅަދެކެ ހިތުގައި އުފެދިފައިވާ ލޯތްބަކީ ދުވަހަކުވެސް ފަނާވެގެން ދާނެފަދަ ލޯތްބެއް ނޫނެވެ. ނަމަވެސް ވަކި ހިސާބަކުން ކެތްތެރިވާންވެސް ޖެހޭނެއެވެ. ދިރިއުޅުމަކީ އިންސާނުންނަށް ކުރިމަތިވެފައިވާ އިމްތިހާނަކަށް ވީހިދު މިންވަރަށް ރުހެންވެސް ޖެހޭނެއެވެ. އާއިޒު ގޭގައި ހުރީމަ ފޫހިވާތީ ގިނަވަގުތު އިންނަނީ ވެސް އޮފީހުގައެވެ. މިރޭވެސް ގެއަށް އާދެވުނު އިރު އެގާރަޖަހައި ބޮޑުވެއްޖެއެވެ. އޭނަ ކާރު ޕާކުކޮށްލައިފައި ފެންޑާއަށް ދުވެލާފައި އައިސް ވަންއިރުވެސް ކުޑަކޮށް ތެމިއްޖެއެވެ. އާއިޒު އިސްތަށިގަނޑާއި މޫނު އަތުން ފޮހެލަމުން ބަލައިލި އިރު ސޯފާއެއްގައި ޖިލާ އިންތަން ފެނުމުން ކުޑަކޮށް ހައިރާންވިއެވެ. 

"މިތާ ކީއްކުރަނީތަ؟ މިއީ މީހުން ނިދާ ގަޑިއެއްނު....." ޖިލާ އާއި އަނގައިން ބުނާ ހިތް ނުވިނަމަވެސް އާއިޒު ފަރުވާ ކުޑަގޮތަކަށް އަހާލައިފިއެވެ. އާއިޒު މަޑުކޮށްނުލައި ގެއަށް ވަދެގެން ދާން ހިނގައި ގަތުމުން ޖިލާވެސް ދުވެފައި ގޮސް އާއިޒު އާއި އަރައި ހަމަކުރިއެވެ. އާއިޒު ހުއްޓުނީ ބެލްކަނީގައެވެ. ފޯނަށް ބަލާ ގޮތުން ހީވަނީ ފޯނެއްގެ އިންތިޒާރުގައި ހުރިހެންނެވެ.

"އާއިޒު ނިކީ މަރުވީމަވެސް ތިހުންނަނީ ހިތް ހިލައަށް ވުރެ ހަރުކޮށްލައިގެން، ޓަފްކަން އަންގާލަން ދޯ؟ ހިލޭ މީހުންނަށްވެސް ރޮވޭނެ އެހާ ލޯބިކުއްޖެއް މަރުވީމަ، އާއިޒު ނިކީ ދެކެ ލޯބި ނުވަނީތަ؟" ޖިލާއަށް ނިކީ މަރުވި ހިތާމައަށްވުރެ ބޮޑަށް އާއިޒު އުޅޭ ގޮތަކުން ހިތަށް ލިބޭ ވޭން މާބޮޑެވެ. ޖިލާ މިވަނީ އާއިޒުއަށް އާދޭސް ކުރާހިސާބަށް ގޮސްފައެވެ. އެހެންނޫންނަމަ ހިތުގެ ރިހުމަށް ލުޔެއް ލިބޭނެ ގޮތެއްނެތެވެ. އާއިޒު މިހާ ބަދަލުވީ ކީއްވެބާވައެވެ.

"ތިއައީނު ކޮންކްލޫޝަން އަކަށް އަމިއްލައަށް، ދެން މަ ލައްވާ ކީކޭ ބުނަން ބޭނުން ވަނީ؟ އެހެންނޫނަސް ރިޔާއަށް ނިކީ އާއި އަޅާނުލެވުނީމަ......" އާއިޒުގެ ވާހަކައިން ޖިލާއަށް އެގުނީ އާއިޒު ވެސް ނުސީދާކޮށް ރިޔާއަށް އެ މަރުގެ ތުހުމަތު ކުރިކަމެވެ. އާއިޒު ބެލްކަނީގެ ރެއިލިންގައި އަތްއަޅުވާލައިގެން ހުރެ ބަލައިލި ގޮތަކުން ޖިލާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އެކަނޑެއްފަދަ ލޮލުގައި ވަނީ ސިއްރުވެރި ގޮތެކެވެ. ހާދަ ރީއްޗެވެ.

"ކުށްވެރިޔަކީ ރިޔާއެއްނޫން، އަލީނާ....." ޖިލާ އަވަސް އަވަހަށް ދުރަށް ބަލައިލަމުން ބުންޏެވެ. އާއިޒުވެސް އަލީނާގެ ކުށް އެކަމުގައިވާކަން ގަބޫލު ކުރެއެވެ. ނަމަވެސް އަލީނާ އެގޭގައި ނުބަހައްޓަން ޒެވިޔަން އާއި މަންމަ ވަރަކަށް މަސައްކަތް ކުރިކަމާއި އެވަރުންވެސް އަލީނާ ދިޔަނުދީ ހިފެހެއްޓީ ރިޔާކަން އާއިޒުއަށް ވެސް ނޭގެނީއެއްނޫނެވެ. ނަމަވެސް ޖިލާ އާއި އެވާހަކަ ދައްކަން އާއިޒު ބޭނުމެއް ނޫނެވެ. އަލީނާ އާއި މެދު ގޮތެއް ނިންމުމަކީ ޒެވިޔަންގެ އަތްމަތީގައިވާ ކަމެކެވެ. ނިކީގެ މަރުގެ ދަޢުވާ ކުރަންޏާ އެކަމުގައި އަލީނާވެސް ކުށްވެރިވާނެއެވެ.

"ވަޓްއެވަރ...." އާއިޒު ކިޔާލިއެވެ.

"އަލީނާ ގަސްތުގައި ބޭބީއަށް ޗޮކްލެޓް ކާން ދިން އިރު އަދިވެސް އާއިޒު އުޅެނީ ރިޔާގެ ފޯލްޓަކަށް ހަދަން، ބަލަ ތިއީތަ އެޖެންޓުންގެވެސް ހުންނަ ވިސްނުމަކީ؟ ބަލައިނުލައި އިނޮސެންޓް މީހުންވެސް ގެންގޮސް ޖަލަށްލުންތަ؟ މިބުނީނު އަލީނާއޭ މިތަނުން ކިލަރއަކީ..." ޖިލާ އާއިޒު އާއި ވާހަކަދައްކަން ބޭނުންވެފައި ހުރިލެއް ބޮޑުވިޔަސް އަދިވެސް އޭނައަށް ރީތިކޮށް ވާހަކަދައްކާކަށް ނޭގުނެވެ.

"ކޮންމެމީހަކަށް ވިޔަސް އައި ޑޯންޓް ކެއަރ އޯކޭ؟ އެކަމަކު އެހެން މީހުންގެ ބޮލުގައި ނާޅުވާ، ބޭބީ ނުބެލުނީތީ އަމިއްލަ ނަފުސަށް ބްލޭމް ކުރިއްޔާ މާ ރީތި ވާނެ، ހިލޭ މީހުންނަށް ގޮތެއް ހަދައިލެވެނީ މަންމަމެންނަށް ނުބެލުނީމަ، ޒެވިޔާ ކެތްގަދަ، އަހަރެން ނަމަ ނިކީ އާއި އެކު ރިޔާވެސް މިގެއިން ބޭރުކޮށްލާނަން......" އާއިޒު ގަސްތުގައި ޖިލާ ރުޅިއަރުވައިލަން އެހެން ބުނެލާފައި ފޯނެއް އައުމުން ހީލިއެވެ. މިހުރިހާއިރު ވަންދެން ހިތްހަމަނުޖެހިފައި ހުރިއިރު މިހާރު ހީވަނީ އުފާވެރިކަމުގެ ތަސްވީރެއް ހެންނެވެ. އެއީ އާއިޒު އިންތިޒާރުގައި ހުރިމީހާކަން ނޭގެއެވެ. އާއިޒު ފޯނު ކަންފަތުގައި ޖަހައިގެން ހުރެ "ވާރޭވެހުނަސް އެބަދަމޭ" ކިޔާފައި ދާންހިނގައި ގަތުމުން ޖިލާގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ. އޭނައަށް ނާކާމިޔާބު ވެއްޖެކަމަށް މިއަދު ގަބޫލު ކުރެވިއްޖެއެވެ. ދެން އޭނައަށް އާއިޒުގެ ހިތާއި ހަމަޔަށް ފޯރިދާނެ ބާވައެވެ. އެކަމަކު އާއިޒު އޭނަދެކެ ލޯބިވިޔޭ ކިޔާފައި މިހުރިހާ ދުވަހު ދައްކާލީކޮން ދަޅައެއް ހެއްޔެވެ؟ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އޭނައަށް އާއިޒު ގެއްލެނީ ބާވައެވެ. މިވާރޭ ތެރޭގައި އެދިޔައީ އަންހެނެއްގެ ކައިރިއަށް ކަން ޔަގީނެވެ. ޖިލާ ރޮއިގެންފައި ގޮސް އެނދަށް ވެއްޓިގަތެވެ. 

ނާހީ މިއަދުވެސް ބަދިގޭގައި އުޅެލާފައި އައި އިރު އަލީނާ ފެންވަރާލައިގެން ނިކުތީއެވެ. ފުރަތަމަ ފަހަރަށް އަލީނާ ބުރުގާ ނާޅައި ހުއްޓާ ފެނުމުން އަލީނާގެ ރީތިކަމުން ނާހީއަށްވެސް ބަލަހައްޓައިގެން އިދެވުނެވެ. އެބޮޑު ބުރުގާއިން މޫނު ގެ ބޮޑުބައި ފޮރުވިފައި ވާތީ އެ ހިތުގެ ބައްޓަމަށްވާ ރީތި ނިތްކުރި އާއި، ހިމަދިގު ކަނދުރާވެސް ނުފެންނަނީއެވެ. އަދި ކޮލުގެ ކަށިގަނޑުގެ ރީތިކަންވެސް ފާހަގަނުވީއެވެ. އެންމެ ބޮޑަށް ނާހީގެ ލޮލުގައި އަޅައިގަތީ އެ ބުޅި އިސްތަށިގަނޑެވެ. ކުދިކުދި ބުޅިތަކެއް ލާފައިވާއިރު މުށިކުލައެއް އަރާހެން ހީވެއެވެ. އަދި ހަމުގެ ސަބަބުން އަނދާފައިވާ މޫނަށްވުރެ އެތައް ގުނައަށް ފޮރުވިފައިވާ ބައި ދޮނެވެ. ދޮންކަމުން ކްރީމްކުލަ އަރައެވެ.

"އަޅެ ހާދަ ރީއްޗޭ، އެސްފީނާޖެހިދާ ވަރުވޭ......" ނާހީ އަލީނާގެ ބުޅި އިސްތަށިގަނޑާއި ކުޅެލަމުން ބުންޏެވެ.

"ރީއްޗެއް ނޫން، ތެދަށް ބުނަންޏާ އައި ހޭޓް މައި އަންރޫލީ ހެއަރ، ވަރަށް ވައިލްޑް މީހެއް ހެން ހީވެއެއްނު، ފެންވަރާލައިގެން ބޮލުގައި ފުނާ އެޅިޔަސް ހީވޭ ރީތިނުވެ ހުންނަހެން، އަދި ނުވީތާކަށް ކުރިން ބުރުގާ ނާޅައި އަބަދު އަވީގައި އުޅުނީމާ އިސްތަށިގަނޑަށް ފާޑެއްގެ ކުލައެއް އަރާފައި މިހިރީ......" އަލީނާ ހަގީގަތުގައި ވެސް ބުޅި އިސްތަށިގަނޑު ދެކެވަނީ އަމަށަކު ފޫއްސެއްނޫނެވެ. ބުރުގާ އެޅުނުކަންވެސް އެއީ ނަސީބެކެވެ. އެކަމަކު އޭނަ ބުރުގާ އަޅަން ފެށީ ދީނީކަމެއްގެ ގޮތުގައެވެ. ކުޑައިރުއްސުރެ އޭނަ އުޅުނީ ދީނީ ކުއްޖަކަށް ވާހިތުންނެވެ. ކޮންމެހެން ހަޑި ސިފައެއް ފޮރުވުމުގެ ގޮތަކުން ނޫނެވެ. އޭނައަށް ފަން ދިގު އިސްތަށިގަނޑު ރީތިވާން ފެށުމުން ބޯފަންކޮށްލަން އެއްފަހަރު އުޅުނެވެ. އަގުބޮޑު ކަމުން އެވަރުގެ ޚަރަދެއްކޮށްލާނެ ފައިސާ ނެތުމުން އެކަން ހުއްޓާލީއެވެ. ދެން ހުރީ ދިގު ކަނދުރާއެވެ. ދެބެންގެ ދެދަރިކުދިން ތަކެއް އޭނައަށް މަލާމާތް ކުރަން މާކަނާއޭ ކިޔުމުން ރުއި ހަނދާންވެސް ވެއެވެ. ދޮންތަ ބުނިގޮތުން ވިއްޔާ އެއީ ރީތި ސިފައެކެވެ. އަލީނާ އެކަން ގަބޫލެއް ނުކުރެއެވެ.

"އެލީ އަހަރެން ބޭނުން ވާހަކައެއް ބުނެލަން، އަހަރެން ނިކީ މަރުވި ދުވަހު ރިޔާއަށް މެސެޖެއް ކޮށްލިން. ސޮރީ އިނގޭ...." ނާހީ އެވާހަކަ ކިޔައި ދިނުމުން އަލީނާ ސިހިއްޖެއެވެ. ރިޔާ ޖަހާ ސޭވްކޮށްފައިވާ ދެ ނަމްބަރުން ކުރެ އެމެސެޖް ކުރީ ކޮން ނަމްބަރަކަށް ކަން ޔަގީން ކުރުވަން އުޅުމުން ނާހީ ހަދާން ހުރި ކަމަކަށް ނުވިއެވެ. ނާހީ އިނީ އެދުވަހު އެމެސެޖް ޑިލީޓްވެސް ކޮށްލާފައެވެ.

އަލީނާ ނިދަން އެނދަށް އެރުމުންވެސް އޭނަ އަކަށް ނުނިދުނެވެ. އެމެސެޖް ލިބުނީ ޒެވިޔަންއަށް ކަމަށްވާނަމަ ވާނީ ކިހިނެއް ބާވައެވެ. އެއީ އޭނަ ކުރި ކަމެއްނޫން ކަމަށް ބުނެ ޒެވިޔަންއަށް މެސެޖް ކޮށްލަންވީއެވެ. އެހެންނޫނީ ޒެވިޔަން ދުވަހަކުވެސް އޭނައަށް މާފެއް ނުކުރާނެއެވެ. އެކަމަކު ނިކީގެ މަރުގެ ބަދަލުގައި އެމީހުންނަށް ލިބޭނެ ސަޒާއެއް އެނގެނީ އެއްވެސް ނޫނެވެ. ނާހީ ޖަލަށް ލައިފިއްޔާ ދޮންބެ ހާދަ ދެރަވާނެއެވެ. ނާހީ އާއި ދޮންބެގެ ދިރިއުޅުން ބަރުބާދުވެގެން ހިނގައިދާނެއެވެ. އެކަމަކު އޭނަ އެއްބަސްވެގެން ޖަލަށް ގޮއްސިއްޔާ އެކަމުން ހިތާމަ ކުރާނެ މީހަކު ނެތެވެ. އޭނަ އެންމެ ލޯބިވި ދެމީހުން ވަނީ އޭނަގެ ދިރިއުޅުމުން ދުރަށް ގޮސްފައެވެ. އެކަކީ ނިކީ އެވެ. ދެން ހުރީ ޒެވިޔަން އެވެ. ޒެވިޔަން ނުލިބޭނެ ކަން ކަނޑައެޅި އެނގޭ އިރު އޭނަ ކޮންމެހެން ޒެވިޔަންގެ މާފު ހޯދުމުގެ ބޭނުމެއް ނެތެވެ. އެ މާފަކުން އޭނަގެ ހިތަށް ލިބޭނެ ހަމަޖެހުމެއް ނެތެވެ. ނަމަވެސް ކޮންމެވެސް ޒަމާނެއްގައި އޭނަގެ ކުށެއްނެތްކަން ޒެވިޔަންއަށް އެގޭނެއެވެ. އެއީ ގިޔާމަތް ދުވަހުން ނަމަވެސް ހެވެވެ. އެދުވަހަކުން އޭނައަށް މާފު ލިބޭނެއެވެ. ޒެވިޔަންއަށް ކުށްކުރީ އޭނަ ނޫންކަން އެނގޭނެއެވެ. އަލީނާ ކެތްތެރިކަން ދެއްވުމަށާއި، ހިތްވަރަށް އެދޭނީ ހަމައެކަނި ހެއްދެވި ފަރާތުންނެވެ. ވާނެގޮތެއް ވެދާނެއެވެ. މާތް ﷲ އާއި ވަކީލުކޮށްގެން ހުރެ ވާނެގޮތެއް ވާން ދޫކޮށްލާނީއެވެ. މިހާރު އޭނައަކީ އެއްވެސް މަންޒިލެއް، މަގުސޫދެއްނެތް ދަތުރުވެރިޔަކަށް ވީހިނދު ހަޔާތުގެ ނާ ބޭނުން ގޮތަކަށް ދާން އޭނަ ދޫކޮށްލާފައި ހަމްދުކޮށްފިއެވެ.

އަލީނާ އަނބުގަހަށް ލެނގިލައިގެން އިރުކޮޅަކު ހުރެލާފައި ކުޑަކޮށް އެފަރާތަށް ޖެހިލިވަގުތު ޒީބާ ފެނުމުން ހާސްވިއެވެ. އަލީނާ އަވަހަށް އޭނައަށް ނުފެނި ސަލާމަތްވެގެން ފިލަން އުޅުނެވެ.

"އަލީނާ..." ޒީބާ ބާރަކަށް ގޮވައިލުމުން އަލީނާގެ ފިޔަވަޅުތައް ގަނޑުވިއެވެ. ބިރުން ގޮސް އޭނައަށް ހީވީ ނޭވާ އެތެރެހަށީގައި ތާށިވީހެންނެވެ. ޔަގީނެވެ. ޒީބާ އެއުޅެނީ ފުލުހުންނަށް ގުޅައިގެން އޭނަ ހައްޔަރު ކުރުވުމަށެވެ. އޭނަ ހަދާނީ ކިހިނެއް ބާވައެވެ. އަތުނުޖެހި ދުވެ ފިލަންވެސް ހިތް މަޝްވަރާދިނެވެ. ނަމަވެސް ނިކީގެ މައުސޫމްކަމާއި، ރީތިކަން ހަދާންވުމާއިއެކު އަލީނާގެ ޚިޔާލު ބަދަލުވިއެވެ. ނިކީ ނެތް ދުނިޔެއެއްގައި އޭނަވެސް އުފަލެއް ބޭނުމެއް ނޫނެވެ. ކޮންމެފަދަ އަދަބެއް ލިބުނަސް އޭނަ މިހިރީ ހޯދަން ތައްޔާރުވެގެންނެވެ.

"ލައްބަ...." އަލީނާ ޒީބާ އާއި ދިމާލަށް އެނބުރުނެވެ. ޒީބާ ހުރީ އެއްވެސް މޭކަޕެއްނެތި ސާދާކޮށެވެ. އެކަމަކުވެސް މޫނު އޮމާންވެފައި ރީއްޗެވެ. ތުންފަތުގެ ގުދުރަތީ ރަތްކުލައާއި، ލޮލުގެ ފެހިކުލައިން އެކަނިވެސް އޭނައަކީ ރީތިކަން ހުސްކޮށްލާފައިވާ އަންހެނެއްކަން ދައްކުވާދެއެވެ. ނަމަވެސް ހިތާމަކުރުމުގެ ސަބަބުން ޒީބާގެ ލޯކައިރި ވަނީ ކުޑަކޮށް ކަޅުވެފައެވެ. ހުރި އެންމެ މާމަ ދަރިފުޅު މަރުވުމުން ހަރުކަށި ހިތަކަށް ނަމަވެސް އަސަރުނުކޮށެއް ނުދާނެއެވެ.

"އަހަރެން މިހިރީ އަލީނާ ނުފެނިފައި....." ޒީބާ ހުރީ ހަށަން ބަދެލައިގެންނެވެ. ޒީބާގެ ފަހަތުން ކަހަލަ ގޮތަކަށް އާއިޒު ގަސްތަކުގެ ތެރެއިން ނިކުތްތަން ފެނުމުން އަލީނާ ކުޑަކޮށް ޖެހިލުންވާފަދަ ގޮތެއްވިއެވެ. ޒެވިޔަން އާއި އެއްވަރަކަށް އިސްކޮޅުން ދިގުވެފައި ބިޔައެވެ. އާއިޒު އަކީ އެފްބީއައި އެޖެންޓެކޭ ކިޔައިގެން ވާހަކަދެކެވުނު އަޑެއްވެސް އޭނަވަނީ އަހައިފައެވެ. އާއިޒުވެސް އަލީނާ އާއި ދިމާލަށް ބަލައިލިއެވެ. މިވީހާތަނަށް އާއިޒު ދުވަހަކުވެސް އަލީނާ އާއި ހަތަރުކަޅި ހަމަކުރިކަމެއް ނޭގެއެވެ. އިރުގެ އަލިކަމުގެ ތެރެއިން މިހާ ކައިރިން އާއިޒު ފެނުމުން އަލީނާއަށް ޒެވިޔަން އާއި އާއިޒުގެ ވައްތަރުކަން ވެސް އެގުނެވެ. ޚާއްސަކޮށް އާއިޒުގެ ދެލޮލުގައި ވެސް ތޫނުކަމާއި، ބާރެއްވިއެވެ. އެލޮލަށް އިރުކޮޅަކަށްވެސް ބަލަހައްޓައިގެން ހުރުން އުދަގޫވާފަދަ ގޮތެކެވެ. އާއިޒު ގެ ބުމަ ކުޑަކޮށް ގޮށްޖެހިގެން ދިޔައެވެ. "ދޭ އޯލް ހޭޓް މީ" އަލީނާގެ ހިތަށް ނުބައި ގޮތެއްވިއެވެ. ހީވާގޮތުން އޭނަ ޕްރިޒަން ބްރޭކް ކުޅެލާ ދުވަސް ކައިރިވީއެވެ. 

ކޮމެންޓް 0