ކުއްލި އަކަށް އެމީހަކު އަލީނާ ބިންމަތީގައި ބަހައްޓާލައިފައި އޭނަ އާއި ދިމާލަށް އަނބުރުވާލުމާއި އެކު އަލީނާގެ ލޯ ބޮޑު ވެގެން ދިޔައެވެ. އޭނަގެ އަތުގައި ހިފަހައްޓާލައި ގެން ހުރީ އެމީހަކު ދެކެން ހިތް ބޭގަރާރުވެފައިވާ ލޯބިވެރިޔާ ޒެވިޔަން އެވެ. ޒެވިޔަން އަތަށް ލައްވާފައިވާ އަންގީ އާއި ޖެކެޓްވެސް ބާލައިފިއެވެ. ނޫ ޖިންސާއި، ކަޅު ޓީޝާޓުގައި އޭނަ ފެންނަލެއް އިންތިހާއަށް ސްމާޓެވެ. އަލީނާއަށް ޒެވިޔަން ނޭގުނީ އޭނަ އެހާ ބިރުން ހުރީމައެވެ. އިންސާނަކު މާބޮޑަށް ބިރުގަނެއްޖެއްޔާ އެހެން ހުރިހާ އިހުސާސް ތަކެއް ނެތި، ފަނާވެގެން ހިނގައިދާނެއެވެ.

"ޒާވް، ވައި ވުޑް ޔޫ ޑޫ ދެޓް، ފެއިންޓްނުވީ ކިރިޔާ، ހީކުރެވުނީ އެހެން މީހެއް ކަމަށް، އަދި މިއަދު ޒާވް ޖަހާފައި ތިހިރީ ދުވަހަކު ބޭނުން ނުކުރާ ސެންޓެއް، ފައިންވެސް ޖެހިއްޖެ ކާކުކަން ނޭގި، ސޮރީ ޒާވް، ތަދުވިތަ؟ މާފު......" އަލީނާ ޒެވިޔަންގެ އަތް ގެނެސް މޭގައި ޖައްސާލަމުން އެހެން ބުނީވެސް ނޭވާ އުފުރިފައިވާފަދަ ގޮތަކަށެވެ. އެކަމަކު ޒެވިޔަންގެ ރީތި ހިނިތުންވުމުން ހިތުގައިވާ ބިރުވެރިކަން ފިލައި، ހިތަށް ފިނިކަން ލިބގެންދިޔައީ ގަނޑުފެނުން ތެންމާލި ފަދައަކުންނެވެ. 

"ނޯ ނޯ ބޭބީގާލް، މާފަށް ނޭދިބަލަ، އަހަރެން ނުވެސް ޖެހޭނެ އެގޮތަށް ސިއްސުވައިލާކަށް، ސޮރީ ބިރު ގަންނަވާ ލެވުނީމަ، އެކަމަކު އެހެން ހެދީމަ ބިރުކެނޑޭނެ، އެހެންނޫނީ އަހަރެންގެ ގާލް ބްރޭވް އެއް ނުވާނެ، ހޫމް ދެން، މިއަދު ލަވަ ކިޔާލި އަޑުއިވުނީމަ އެނގުނު ޓޭލަރ ސްވިފްޓްމެން އެއްވެސް އެއްޗަކަށް ނުވާކަން، ކިތައް ކަންތައް ސިއްރުކޮށްލައިގެން ހުންނާނަންތަ؟" ޒެވިޔަން އަލީނާގެ އުނަގަނޑުގައި ހިފާފައި އުފުލާލުމުން، އަލީނާ ޒެވިޔަންގެ ކޮނޑުގައި ދެއަތްތިލަ ޖައްސާލިއެވެ. އޭރުވެސް އަލީނާގެ ލޮލުގައި ވިދަވިދާ ހުރީ ކަރުނަތަކެވެ.

"ހެހެ، ލަވަކިޔާލެވިދާނެ ބޮކެއްގެ އަޑުން، ކޮބާތަ ރިޔާ....." އަލީނާ ހުރީ އުފާވެފައެވެ.

"ބޮކެއްގެ އަޑު އެހެންވިއްޔާ ހާދަ ރީއްޗޭ، މިވީގޮތުން އަހަރެން ޕެޓަކަށް ދެން ގެންނަންވީ ފްރޮގެއް، އާޗްވެސް އެގެން ގުޅެނީ ކެނެރީ އަކާއި ލަވްބާޑު ކޮޅެއް ރީތިކޮށް ލަވަޖަހާތީ، ރިޔާ މިކޮޅަށް އަންނާކަށް ބޭނުމެއްނުވި އެހެންވެ އަހަރެން އެކަނި މިއައީ..." ޒެވިޔަން ތޫނު ބަލައިލުމުން އަލީނާގެ މޫނަށް ރަތްކުލަ ފާއްދާލައިފިއެވެ.

"އާޗް ތަ؟" އާއިޒުއަށް ލޯބިން ނަމެއްކިޔާކަން އަލީނާއަށް އެނގުނީ އަލަށެވެ.

"އާއިޒުއަށް އެންމެން ލޯބިން ކިޔަންފެށީ އެނަން އެކަމަކު އޭނަ ވަރަށް ހޭޓް ކުރާ ނަމަކަށް ވީމަ މަންމަމެންވެސް އެނަން ނުކިޔާ ހުއްޓާލީ، އާއިޒު ކައިރީގައި އަހަރެމެން މިހާރު އެގޮތަށް ނިކް ނޭމަކުން ނުކިޔަން ބަޓް ފެމިލީ ބައެއްމީހުން އަދިވެސް ކިޔާނެ އެނަން... މަވެސް ވަރަށް މަދުން އެހެން ކިޔާލަން، ސޯ ބުނެބަލަ، އަހަރެން މިސްވިތަ؟" ޒެވިޔަން އެހެން ބުނުމުން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. ޒެވިޔަންގެ އަތުގެ ތެރެއިން އަލީނާ ކުޑަކޮށް ސޮއްސައިލާ ތިރިއަށް ޖެހުމުން ދެމީހުންގެ މޫނު އެއް ހަމަޔަކަށް ދިޔައިރު ވެސް އަލީނާގެ ފައި ބިންމަތީގައި ޖެހޭނެ ގޮތެއް ނުވިއެވެ.

"ޒާވް ޓޯލްކަމުން ހިތަށް އަރާ ދިގުވާނެ ނަމައޭ، އެހެންނޫނަސް އަޅުގަނޑާއި ބަލާއިރު ޒާވް ހާދަ ރީއްޗޭ، އައިމް ނަތިން...." އަލީނާ ރަކި ހުނުމަކާއި އެކު ބުނެލިއެވެ. ނަމަވެސް އަލީނާއަށްވެސް ދުރު ބަލައެއް ނުލެވުނެވެ. އެހާ ކައިރިން ޒެވިޔަންގެ ލޯ ފެނުމުން ހީވީ ދަގަތްފާނަށް ދަގަނޑު ދަމައިގަތް ހެންނެވެ. 

"ތިގޮތަށް ދެވަނަ ފަހަރަކު ނުބުނާތި، އެއްގޮތަކަށް ވެސް ދެމީހުން އަޅުވާ ކިޔާކަށް އަހަރެން ބޭނުމެއް ނޫން، އަހަރެމެން ހެއްދެވީ އެކަކު އަނެކަކަށް ޓަކައި، އެއީ އަހަންނަށް ޔަގީންވާ ކަމަކީ...." ޒެވިޔަން އާއި އަލީނާ ކުރެން ކުރިން އިސްނެގުނީ ކާކަށްކަމެއް ނޭގުނެވެ. އެތައް ދުވަހަކަށްފަހު ބައްދަލުވެވުމުން އެކަކު އަނެކަކަށް ޓަކައި ބޭނުންވެފައި ތިބީ އިންތިހާ އަށެވެ.
އެހިސާބަކީ ގަސްތަކު ތެރޭގައިވާ ކޮޓަރިއެއް ފަދަ ތަނެކެވެ. ވިނަގަނޑު މަތީގައި ކުދި ރަތްމާތަކެއް ފޮޅިފައި ވާއިރު ހީވަނީ ފެހި ސާލަކަށް ރޫބީސް ތައް އުކާލެވިފައި ވާހެންނެވެ. ފިނި ހިޔަލެއް ދީފައިވާއިރު ދެލޯބިވެރިންނަށް އެންމެ އެކަށީގެންވާފަދަ ތަންމައްޗަކަށް ވިއެވެ. ޒެވިޔަން އަލީނާ އެ މަޑު ވިނަގަނޑު މަތީގައި ބާއްވާފައި ކައިރީގައި އޮށޯވެލި އިރު ދެހިތުގެ ވިންދު ވަނީ އޮބިނޯންނަ ވަރުވެފައެވެ. އެކަކު އަނެކަކުގެ އަތުގެ ތެރެއަށް ވަންނަން އިރުކޮޅެއްވެސް ނުނެގިއެވެ. ޒީބާ ދިން އިންޒާރުވެސް އެކަކުވެސް ހަނދާން ހުރިކަމަކަށް ނުވިއެވެ. އެހާ އެކަނިވެރި ފުރުސަތެއް ލިބުމުން ދުނިޔެމަތިންވެސް ހަނދާން ނައްތާލެވިއްޖެއެވެ. 

ޒެވިޔަން ހޭވިފައިވާ އިސްތަށިގަނޑު ރީތިކޮށްލަމުން ޖިންސްގެ ޖީބަށް އަތްޖަހާލައިގެން އައިސް ގެއާއި ވީ ހިސާބަށް ނިކުމެވުނު އިރު އެ މަންޒަރު ދެކެން ގަސްތަކުގެ ތެރޭގައި މީހަކު ހުރިކަމެއް ނޭގުނެވެ.

އަލީނާ އެދިފައި ވާތީ މިފަހަރު ޒެވިޔަން އައީ ސްކާފް ކޮޅެއްވެސް ގަނެލައިގެންނެވެ. ޒެވިޔަން އަކަށް ކަޅު ބުރުގާ ތަކެއް ނުފެނުނީ ކަމަށް އޭނަ ވަނީ ބުނެފައެވެ. ކުލަކުލައިގެ ކުދި ސްކާފް ކޮޅެއް ލިބުނަސް ގޭތެރޭގައި އަޅަން އެންމެ ރަނގަޅު ކަމަށް އަލީނާ ދެކުނެވެ. ޒެވިޔަން ދިން ކުޑަ ކޮތަޅު ހިފައިގެން، ބޮލުގައި ސްކާފެއް އޮޅާލައިގެން އޭނަ ފިލަފިލައިގެން ގޮސް ކޮޓަރިއަށް ވަންނަން އުޅެނު އިރު ލަނޑެއް ލިބިދާނެ ކަމަކަށް ހިޔެއް ނުކުރެއެވެ. ކުއްލި އަކަށް ރިޔާ ފަހަތުން އައިގޮތަށް ސްކާފް ދަމައިގަނެފައި އިސްތަށިގަނޑުގައި ބާރަކަށް ހިފާ އަތަށް އޮޅައި ގަތެވެ. އަލީނާގެ ލޮލުން ފެން އައެވެ. ހަޅޭއްލަވައި ގަންނަން އަނގަ ހުޅުވާލާފައިވެސް އަލީނާ ތުންފަތުގައި ދަތްއަޅައިގަތެވެ. ރިޔާ އަލީނާގެ ޓީޝާޓާއި، އަތުގައި ވަސްގަނެލިއެވެ.

"ޒެވިޔާގެ ސެންޓުގެ ވަސް ސިއްރެއް ނުވާނެ، ރަނގަޅަށް ބުނޭ.... އެވަރަށް މަންމަ ބުނެދިނީމަވެސް ހަމަ ނުހުރެވުނީތަ؟ ކަމެއްކުރީތަ؟ ބުނޭ.... ބުނޭ، އެހެންނޫނީ މަރާލާނަން..." ރިޔާ ދަތްތައް ވިކައިލަމުން އަހަންފެށިއެވެ. އަލީނާ އަކަށް ދޮގު ހަދާލާކަށްވެސް ނޭގުނެވެ. އޭނަ އެއްބަސް ވުމުން ރިޔާގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. ހަމަހޭވެރިކަންވެސް ހިދުކޮޅަކަށް ގެއްލުނީ ކަންނޭގެ އެވެ. ރިޔާ އަލީނާގެ މޫނަށް އެތިފަހަރެއް ވީއްލާލިއެވެ. ދެން ދެވަނަ އެތިފަހަރެވެ. އަލީނާގެ މޭގައި އަތް އަޅާ ކޮށްޕާލައިފިއެވެ. އޭރުވެސް އެއް އަތުން އިސްތަށިގަނޑު އަތަށް އޮޅާލައިގެން ހުރެ ވާންކުރަމުން ދާތީ އަލީނާ ރިޔާގެ އަތް ނައްޓުވަން މަސައްކަތް ކުރީ ގޮތްހުސްވެފައި ހުރެއެވެ. އެތަނަށް އެވަގުތު ދާވިޝް އަށް ނިކުމެވުމާއި އެކު އެ ފެނުނު މަންޒަރު މަޖާވިވަރުން ހޭންފެށިއެވެ. ދާވިޝް ފެނުމުން އަލީނާ ވެސް މަސައްކަތް ކުރީ ރިޔާގެ އަތުގައި އޮތް ސްކާފް ދަމައިގަނެގެން ބޯ ނިވާކުރުމަށެވެ. ރިޔާގެ އަތުން ސްކާފް ޖަހައިގަންނަން އުޅުމުން ރިޔާ ރުޅިގަދަވި ވަރުން އަލީނާގެ ގައިގައި ތަޅައި ގަތެވެ. ދާވިޝް އައިގޮތަށް އެދެމީހުންގެ ދޭތެރެއަށް ވަދެ ރިޔާގެ ގައިގައި ހިފާ ދުރުކޮށްލަމުން، އަލީނާގެ އިސްތަށިގަނޑުގައި ސްކާފްވެސް އަޅުވާލަދިނެވެ.

"މަ މިޖެހުނީ ރެފްރީ އަކަށް ވެގެން ޖޯން ސެނާ ގެ އަންހެން ވައްތަރު ދެކުދިން ދުރުކުރަން ވިއްޔަ، އެކަމަކު ސަޅި ރެސްލިން މެޗެއް...." ދާވިޝް ހުރީ މަޖާވެލާފައެވެ.

"ޝަޓަޕް، އަހަރެން ގައިން ދޫކޮށްބަލަ...." ރިޔާ ތެޅިފޮޅުވިގަނެގެން ދާވިޝް ގެ އަތުގެ ތެރެއިން ސަލާމަތް ވާން މަސައްކަތް ކުރިއެވެ.

"ނޯ ޕަމްޕްކިން، އެހެންނޫނަސް އެކުއްޖާ ހުރީ ހެދުން ނުލައި ހުންނަންވީމަ ލަދުން މޯޅިވެފައި، ބުރުގާ އަޅާކުދިންނަށް އެ ނެތަސް ހީވާނީ ހެދުމުގެ ބަޔެއް މަދުހެން، އަހަރެމެންވެސް އެކަމަށް ރެސްޕެކްޓް ކުރަންވާނެ، އެހެން ގޮތަކަށް ރިވެންޖް ނަގައިބަލަ ލަވް..." ދާވިޝް ރިޔާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. 

އަލީނާ ސަލާމަތް ވުމާއި އެކު ދުވަމުން ގޮސް ކޮޓަރިއަށް ވަދެ ތަޅުލި ގޮތަށް އެނދުގައި އިށީނދެވި މޫނުގައި ފިރުމާލެވުނެވެ. ހާދަ ވަރަކަށް ދިލަނަގައެވެ. ރިޔާ ހާދަ ތަދުކޮށްލައިފިއެވެ. ރުޅިގަދަކަމުގެ ހައްދެއް ނެތެވެ. ތެދެކެވެ. އޭނަގެ ހެދުމުގަޔާއި، މުޅިގައިގައިވެސް ވަނީ ޒެވިޔަންގެ މީރުވަހެވެ. ފެންވަރާ ހިތެއްވެސް އަލީނާ ނުވިއެވެ. ރިޔާ ނާންނާނަމޭ ބުނެފައި ޒެވިޔަންގެ ގާތުގައި ނުބުނެ ދާވިޝް ގޮވައިގެން އައީ އެމީހުންނަށް ޖާސޫސު ކުރަންކަން މިއެނގުނީ އެވެ. އަދި އޭނަ ބުރުގާ ނާޅާ ހުއްޓާ ދާވިޝްއަށް ވެސް ފެނުނީ އެވެ. ހާދަ ދެރައެވެ. އޭނަ ޖެހުނު ބުދެއްހެން އެހެން އިންއިރު ސިކުނޑީގައި އެތައް ޚިޔާލު ތަކެއް ދަތުރު ކުރަމުން ދިޔައެވެ. 

މިރެއަކީ އުޑުމަތީގައި ތަރިތައް ވިދާ ބަބުޅަމުން ދިޔަ ނަލަ ރެއެކެވެ. ދޭތެރެ އަކުން އުދުހޭ ތަރިއެއް ވެސް ފެނިލާފައި، ފަލަކުގެ ޗާލުކަން އެތައް ގުނަ އިތުރު ކުރުވާލައެވެ. ފަޒާ ވަނީ މާމެލާމެލީގެ މީރުވަހުން ހުވަދުލެވިފައެވެ. ނިއުޔޯކް ސިޓީގައި ތިބެގެން ރޭގަނޑު ތަރިއެއް ފެނުމަކީ ނާދިރު ކަމަކަށް ވިޔަސް މިތަނުގައި ތިބޭއިރު ހުރިހާ ގުދުރަތީ ރީތި ކަމަކުން ހިތަށް އުފާވެރި ކަން ލިބެއެވެ. އާއިޒު އާއި ޖިލާ އެގޭގެ ހުދު ފެންސް ކައިރީގައި ތިބި އިރު ފެންސަށް ކައިރީގައި ހެދިފައިވާ އެތައް ފިނިފެންމާ ގަހެއް ފެންސަށް ވެސް އަރާފައިވެއެވެ. އެތައް ސަތޭކަ މާތަކުގެ މީރުވަހުން ހިތްތަކަށް ދިރުމެއް ގެނުވާހައިވެއެވެ.

"އާއިޒު... އަދިވެސް ތިހުންނަނީ އެ ޑައިރީގައި ވަނީ ހަގީގަތް ކަމަށް ހީކޮށްގެންދޯ، ކިތައްފަހަރު ބުނާނީ އެއީ ފޭކް އެއްޗެކޭ....." ޖިލާ އާއިޒުގެ އަތުގައި އަތް އަޅުވައި ލަމުން އަހާލައިފިއެވެ.

"ގަބޫލު ނުކުރަމޭ ނުބުނަމެއްނު، މަގޭ މައްސަލައަކީ ޖިލް ގެ ވާހަކަތައް ގަބޫލު ކުރަން އުދަގޫވާކަން، ދޮގެއް ހެދިޔަސް ތެދެއް ހެދިޔަސް ނޭގޭތީ....." އާއިޒު މޯޅިއަކަށް ދެމިލަކުން ގަޑި ބަލައިލައިފި އެވެ.

"އަހަރެމެންގެ ފަސްޓް ނައިޓްގައި ވެސް އާއިޒުއަށް އެނގޭނެ އާއިޒު ނޫން މީހަކު އެގޮތަށް އަހަރެންގެ ގައިގައި އަތްލައިފައި ނުވާކަން. ޔޫ ނޯ ޑޭމް ވެލް އައި ވޯޒް އެ ވާޖިން، ދެން ކީއްވެތަ؟" ޖިލާގެ ލޮލަށް ކަރުނަ އައެވެ. އާއިޒުއަށް ޔަގީންވިޔަސް އެ ހުންނަނީ ނޭގޭ ކަމަށް ހަދައިގެންނެވެ.

"ޓަޗް ފޯ ދަ ވެރީ ފަސްޓް ޓައިމް ލައިކް އެ....." އާއިޒު މެޑޯނާގެ ލަވައެއް ކިޔަން ފެށުމުން ޖިލާ ރުޅިއައި ކަމަށް ހެދިފައި އާއިޒުގެ މޭގައި އަތުން ތަޅައިގަތެވެ.

"އޯކޭ، އޯކޭ، އަހަންނަށް ވެސް އެކަން ގެރެންޓީއޭ، އެކަމަކު ޑައިރީގައި ލިޔުނީމެއްނު ފިފްޓީން އަހަރުގައި ކަމަށް ފުރަތަމަ އެ ބޯއި އަކާއި އެކީގައި ސްލީޕް ކުރީ، ކާރުތެރޭގަޔޯ، އެހާ ޑީޓެއިލްކޮށް އެބައި ލިޔެފައި އިނީ، އެކަމަކު އަހަންނަށްވެސް އެރޭ ޔަގީންވި ޖިލް ޑައިރީ ގައިވެސް ދޮގުހަދާފައި ހުރިކަން، ދޮގެހެދީތީ ވަރަށް ރުޅިގަދަވި އެކަމަކު އުފާވެސްވި ހަގީގަތް އެގުނީމަ، ބަޓް ހެވީ ޕެޓިން އާއި އެއްޗެހި ލިޔެލާފައި ހުރީމަ ކިހިނެއްތަ އެ ބައިބައި ނުހިންގާކަން އަހަރެން ޔަގީން ކުރާނީ، އޯލްރައިޓް، ޖިލް ތި ބުނަނީ އަހަންނަށް ދައްކަން ފްރެންޑެއްގެ ޑައިރީ ކޮޕީކޮށްގެން ލިޔުނީ ކަމަށް، އަހަރެން ޖިލް ދެކެ ފޫހި ކުރުވަން، ވެދާނެ އެއީ ތެދެއްކަމަށް އެކަމަކު ދެން އަހަރެން މިބުނާ އެއްޗަކީ އަހަރެން ކިހިނެއްހޭ ޖިލްއަށް ޓްރަސްޓް ކުރާނީ؟ ދެފަހަރުމަތިން ތިހާ ބޮޑު ދޮގެއްހެދީމަ ތިންވަނަ ފަހަރަށް ހަދާނީ ކޮންފަދަ ބޮޑު ދޮގެއްކަމާއި އޮޅުވައިލާނެ ވަރު އެނގޭނީ ކިހިނެއްތަ؟" އާއިޒު ޖިލާ އާއި ދިމާލަށް ބަލައިލައިފިއެވެ. އަނދިރީގެ ތެރެއިންވެސް އެތޫނު ދެލޮލުގެ ވިދުން ޖިލާގެ ހިތާއި ކުޅެލިއެވެ.

"އަހަރެން މިބުނާ ފްރެންޑް ގެ އަތުން އެ ޑައިރީ ހޯދާފައި އާއިޒުއަށް ދައްކާނަން، އެކުއްޖާ އަސްލު އެހާ ރަނގަޅެއް ނުވާނެ، އޭނަ މެރީ ކުރީވެސް އެ ނުލަފާ ފިރިހެން މީހާ އާއި، އެހެންވެ މިހާރު އަހަރެން ޓޯކް ނުކުރަން، އެކަމަކު ބޭނުން ހެކިދައްކަން، އާއިޒު، އަހަރެން ގެ ބޯއިފްރެންޑެއް އެއް ޒަމާނެއްގައި ހުރި، ވަރަށް ލައިކްވެސްވި، އެކަމަކު އަތުގައި ހިފައިލުން ނޫން ކަމެއް ނުކުރަން، ގަބޫލު ކޮށްބަލަ އާއިޒު ޕްލީސް، ދެނެއް ދުވަހަކު ވެސް ދޮގެއް ނަހަދާނަން، އަހަރެން އާއިޒު ދެކެ ވަރަށް ލޯބިވޭ....." ޖިލާ އާއިޒު ގެ އަތުގައި ބޮސްދިނެވެ.

"ދެން ކިހިނެއް އަހަރެން ހަދައި ދޭންވީ...." އާއިޒު ހުނުމަކާއި އެކު ބުންޏެވެ.

"އެހެން ލޯބިވެރިން އުޅޭގޮތަށް ކްލޯޒް ރިލޭޝަންޝިޕެއް ބޭނުމީ، ނޯމަލްކޮށް ދެމަފިރިންގެ ގޮތުގައި އުޅެން، ޕްލީޒް....." ޖިލާ އާދޭސް ކުރަން ފެށިއެވެ.

"އަހަރެމެން މިއުޅޭ ވަރަށް ވުރެ ކްލޯޒްކޮށް އުޅޭނީ ކިހިނެއްތަ؟ " އާއިޒު ޖިލާ ވިސްނައި ނުލާ ހުއްޓާ ގާތަށް ދަމައިލުމުން ޖެހުނީ އޭނަގެ މޭމަތީގައެވެ. ޖިލާ އެ ކަސްރަތީ ހަށިގަނޑުގައި ބައްދާލައިފިއެވެ.

"އެގޮތަކަށް ނޫނޭ މިބުނީ، ރޮމެންސް ބޭނުން، ލޯބިވާ ވާހަކަ ބުނާ އަޑުއަހަން ބޭނުމީ......" ޖިލާ ޝަކުވާ ކުރިއެވެ.
"ލޯބިވާ ވާހަކަ ކުރިން ބުނެވުނު އަދަދެއްވެސް ނޭގޭ، ކިތައްފަހަރު އާދޭސް ކުރެވުނު. ވީމަ، އެހާ ފަސޭހައިން ހަދާން ނައްތައެއް ވެސް ނުލެވޭނެ، ހީލް ވާން ޓައިމް ވެސް ނަގާނެ...." އާއިޒު ޖިލާ ގެ ކޯތާފަތުގައި މަޑުމަޑުން ޖަހާލައިފިއެވެ. މިރޭ ދެމީހުން ގެ ދޭތެރޭގައި ދެކެވުނު ވާހަކަތަކަށްފަހު އާއިޒު ގެ ހިތް ޖިލާ އާއި މެދު މުޅިން ސާފުވިއެވެ. ދެމީހުން ކާރު ދުއްވާލަންވެސް ދިޔައެވެ. ތަރިތަކުގެ ދަރުބާރުގައި އަތް ގުޅުވާލައިގެން ހިނގާލައި ހީނ ހެދި އިރު އެއްވެސް ފިކުރެއް ޚިޔާލެއްނެތް ދެ ލޯބިވެރިން ފަދައެވެ. ޖިލާ މިހާރު ބޭނުން ވަނީ އާއިޒު ދެކެ ލޯބިވާވަރު އޭނައަށް ޔަގީންކޮށް ދިނުމެވެ. އެގޮތުން އެންމެ ފުރަތަމަވެސް ކުރަންވީ ކަމަކީ އާއިޒު ލޯބިވާ އެއްޗެއް ދެކެ ފޫހިވާއިރު އެކަންވެސް ހަނދާން ނައްތާލައިފާ އެއްޗެއް ކަން ލޯބި ކުރުމެވެ. އާއިޒު ގެންގުޅޭ ދޫނި ތަކާއި އެކުވެސް އުޅެންވީ އެވެ. އެއީ ކުދި ކަންތަކެވެ. އެންމެ ބޮޑު ކަމަކީ ކޮބައިކަންވެސް އޭނައަށް އެނގެއެވެ. އެކަމަކު އެހާވަރުގެ ހިތްވަރެއް ކޮށްލެވިދާނެ ބާވައެވެ. ލޯތްބަށް ޓަކައި ގުރުބާން ވުމަކީ އެހާ ބޮޑު ހިތްވަރެއް ވެސް ކޮށްލުމެވެ. އެނޫން ގޮތަކަށް އާއިޒުގެ އިތުބާރު މުޅިން ލިބިދާނެ ބާވައެވެ.

ޒެވިޔަން އާއި ރިޔާ ސިޓީގައި ތިބި އިރު ރިޔާ މުޅިން ބަދަލުވެފައިވާކަން ޒެވިޔަންއަށް ފާހަގަ ކުރެވުނެވެ. އޭނަ ޒެވިޔަން އާއި މެދު ކަންތައް ކުރަނީ ޚިދުމަތްތެރި އަންބެއް ފަދައިން ފުރިހަމަ އަށެވެ. އެހާ ގެވެހިކޮށް ރިޔާ އުޅެނި ކޮށް ޒެވިޔަން އެއްގޮތަކަށް ވެސް ދެކެފައެއް ނެތެވެ. ހެނދުނު އިރުއަރާއިރަށް ބެޑްކޮފީ ގެނެސްދެއެވެ. އަދި ނާސްތާވެސް ރިޔާގެ އަމިއްލަ އަތުން ތައްޔާރު ކޮށްދެއެވެ. ޒެވިޔަން ޑިއުޓީއަށް ދާއިރު ގަމީހުގެ ގޮށްތައް އަޅުވާދީ، ޓައީވެސް އަޅުވައެވެ. ގެއަށް އައުމުން ރިޔާ އަމިއްލައަށް ބޫޓު ބާލުވައިގެން ނޫނީ ހިތްހަމައެއް ނުޖެހެއެވެ. މިއީ އެމެރިކަން މާހައުލެއްގައި އުޅެ ބޮޑުވެފައިވާ ކުދިން ވާވަރެއްވެސް ނޫނެވެ. އަދި ޒެވިޔަންވެސް އެހާ ބޭނުންވާ ކަންތަކެއް ނޫނެވެ. ނަމަވެސް ރިޔާ އެހެން ކަންތައް ކުރުމުގެ ފަހަތުގައިވަނީ "އަލީނާ" ކަން ޒެވިޔަންއަށް ނޭގެނީ އެއްނޫނެވެ.

"ހާދަ ވަރަކަށް ޕެމްޕަރ ތިކުރަނީ، ބޭބީ...." ޒެވިޔަން ގެ ގައިގައި ރިޔާ ތެޔޮ މަސާޖުކޮށްލަދޭން އިން އިރު ޒެވިޔަން އޮތީ އަރާމުވެފައެވެ.

"އަހަރެން އެހާވަރުން އުޅެން ތި ނޫނީ ހުރީ ކާކުތަ؟ ހާދަ ލޯބިވެޔޭ....." ރިޔާ ޒެވިޔަންގެ ރީތި މޫނުގައި ބޮސްދިނެވެ. ރިޔާއަށް މިހާރު ވަނީ ވިސްނެން ފަށައިފައެވެ. ވާދަވެރިޔަކު ހުރި އިރު އޭނަވެސް މޮޅުވާން މަސައްކަތް ކޮށްގެން ނޫނީ ކާމިޔާބެއް ނުވާނެއެވެ. ޒެވިޔަންއަށް ލޯބި ދިނުމުގައި އެއްވަނަ ހޯދަން ރިޔާ ވެސް ބޭނުމެވެ. އެ ފުރުސަތު ބޮޑަށް ލިބިފައި ވަނީ ވެސް ރިޔާ އަށެވެ. އަލީނާއަށް ކޮށްދެވޭނީ އެންމެ ކަމެކެވެ. ރިޔާ ހިތާހިތުން ހިނިތުންވެލިއެވެ.

ރިޔާގެ ގޯނާތަކުން އެންމެ ފަހުން ޒެވިޔަންގެ ހުރިހާ ހިއްސެއް ހޭލައްވާލައިފިއެވެ. ރިޔާ ކަންބޮޑުވިއެވެ. އޭނަ ގެ ނަސީބު ދެރަކަމުން ހުރިހާ ލުބްރިކެންޓަށް އެލާޖިކް ވެއެވެ. ކުރިން ފަހަރަކު އަދި ޓްރޯޖަން އެލާޖީ ވެގެން އޭނަ ވީވަރުވެސް ހިތުން ފިލައިގެން ނުދާނެ އެވެ. ދެން އޮތް ގޮތަކީ ޒެވިޔަންއަށް ޓަކައި ހުރިހާ ވޭނަކަށް ކެތްކުރުމެވެ. ނަމަވެސް ރިޔާ އެއަށް ވުރެ ފިނޑިއެވެ. ޒެވިޔަން ހުއްޓުވަން މަޖުބޫރުވިއެވެ.

"އައިމް ސޮރީ..." ރިޔާ އިނީ އިންތިހާއަށް ދެރަވެފައެވެ. ޒެވިޔަން އެންމެ ބޭނުންވާ ކަންތައް ކޮށްނުދެވެންޏާ އެއީ ރިޔާގެ ބަލި ފަޔެވެ. އެކަމުގެ ހިތިކަން މިރޭ އަދި ވަކިން ބޮޑަށް އިހުސާސް ކުރެވި ހިތުގައި ޖެހިއްޖެއެވެ. އޭނައަށް ޒެވިޔަން އުފަލުގައި ބަހައްޓައި ދެވޭނީ މިވަރުން ކިހިނެއް ހެއްޔެވެ؟

ޒެވިޔަން އޯކޭ އޭ ބުނެލާފައި ތެދުވެގެން ގޮސް ކޮފީއެއް ބޯންފެށިއެވެ. މަޑުރަތް އަލީގައި ޒެވިޔަން ފެންނަނީ އިންތިހާއަށް ރީތިކޮށެވެ. ހޭވިފައިވާ އިސްތަށިގަނޑާއި، އެ ދެލޮލުގެ ފުރިހަމަ ކަމުންވެސް ރިޔާގެ ހިތް ބަންޑުންވިއެވެ. ބަލައިލި ކަތި ނަޒަރުން ވެސް ރިޔާއަށް ހީވީ ހިތްހަމަ ނުޖެހިފައިވި ހެންނެވެ. ނޫނީ ދެރަވެފައިވި ހެންނެވެ.

"ރޮނީތަ؟ " ޒެވިޔަންއަށް ރިޔާ މަޑުން އިނުމުން ޝައްކެއް ކުރެވިގެން ގާތަށް އައެވެ. 

"އައިމް އެ ލޫޒަރ...." ރިޔާ ރަނގަޅަށް ވެސް ރޯން ފެށިއެވެ.

"އިޓްސްއޯކޭ، އިޓްސް އޯކޭ ބޭބީ... އަދި ރޯންވާވަރުކަމެއް ނޫނެއްނު.. އިޓްސް ނޮޓް ޔޯ ފޯލްޓް، ދެން ހުއްޓާލަބަލަ، ޑާލިން..." ޒެވިޔަން ކޮފީތަށި ބަހައްޓާފައި އައިސް ރިޔާ ގެނެސް މޭގައި ޖައްސާލިއެވެ. 

"ޒެވިޔާ. އެޓް ޓްވެންޓީ ވަން މެނޮޕޯސް ވީ، ބުނެބަލަ، އަހަރެން މިވަނީ ބޭކާރު މީހަކަށް، ކިހިނެއް ކެތްކުރާނީ...." ރިޔާ ދެލޯމަރާ ތަގުޅިކޮށްލި އިރު ވެސް އެސްފިޔަތަކުގައި ބޮޑެތި ކަރުނަތިކިތައް ވިދަ ވިދާހުއްޓެވެ. ޒެވިޔަންގެ ހިތަށް ތަދުވިއެވެ.

ޒެވިޔަން އެތައް އާދޭހެއް ކޮށްލައިގެން ރިޔާ ރުއިން ހުއްޓާލައިފިއެވެ. ޒެވިޔަން އެދުނީ ކޮފީ ބޯން ދިޔުމަށެވެ. އެކަމަކު ރިޔާ އަށް ފްރިޖް ހުޅުވާލެވުނު ގޮތަށް ކެވުނީ ބޮޑު އައިސްކްރީމް ތަށްޓެކެވެ. އައިސްކްރީމާއި، ފޮނި އެއްޗެހި ކެވޭ ވަރުން ގޮސް ބުރަދަން އިތުރުވާހެން ހީވާއިރުވެސް ރިޔާ ހުއްޓާލާކަށް ބޭނުމެއް ނުވެފައިވާ ކަމެކެވެ. އިރުކޮޅެއް ނުވަނީސް ސީމާ ކޮފީ ހިފައިގެން އައިސް އެކުދިންނަށް ގޮވަންފެށިއެވެ.

"ރިޔާ، ދަރިފުޅާ ދެކުދިން އާދޭ ކޮފީ ބޯން، ކުކީޒްވެސް މިހިރީ......" ސީމާ ގޮވަން ފެށުމުން ޒެވިޔަން ރިޔާގެ އަތުގައި ހިފާލައިގެން ބޭރަށް އައެވެ. ސީމާ ޖަހާލައިގެން އިން ވަރުގަދަ ސެންޓަކުން ޒެވިޔަން ބޯއަނބުރާ ގޮތްވިއެވެ. ފޮނިވަހެއް ހުންނަ އެ ސެންޓުދެކެ ޒެވިޔަން އަންނަ ރުޅިއެއް ބުނާކަށްވެސް ނޭގެއެވެ. ސީމާ މިދުވަސްކޮޅު މާ ހެޔޮވެގެން ހުންނައިރުވެސް ޒެވިޔަން އެއްގޮތަކަށް ވެސް ސީމާއަށް އިތުބާރެއް ނުކުރެއެވެ. އޭނަގެ އެއްމާބަނޑު މީހަކު ހުރިކަމަށް ބުނާ ވާހަކަވެސް ޒެވިޔަން މުޅިއަކުން ގަބޫލެއް ނުކުރެއެވެ. ސީމާގެ މަކަރުވެރި ދެލޮލުން ޒެވިޔަންއަށް ކޮންމެވެސް ސިއްރުތަކެއް ގެންގުޅޭކަން އެނގެއެވެ. އޭނަގެ ބޭނުމަކީ ކޮބައި ކަމެއްވެސް ނޭގެއެވެ. މިހާ ހެޔޮވެގެން އުޅުމުގައި ސިއްރެއް ވާނެއެވެ.

ޒެވިޔަން ހުރީ އެއްގޮތަކަށް ވެސް ރިޔާ އާއި އަލީނާ އާއި ދޭތެރޭގައި ހިނގި ހަނގުރާމަތައް ނުދެނެހުރި ކަމަށް ހަދާލައިގެންނެވެ. އެނގިއްޖެއްޔާ ރިޔާ އަލީނާ އާއި ދޭތެރޭގައި ކަންތައް ކުރާނެ ގޮތެއް ވިސްނައި ގަންނާކަށް ވެސް ޒެވިޔަން އަކަށް ނޭގެއެވެ. މަންމަ އާއި ރިޔާ އެއްފަރާތް ކޮށްލާފައި އެކަނި އަލީނާ ގާތްކޮށްލެވޭކަށް ވެސް ނެތެވެ. އޭނަ ކުޑައިރު ބައްޕަ ވަނީ މަންމަގެ މާތްކަން އެހާވެސް ރަނގަޅަށް އޮޅުން ފިލުވައިދީފައެވެ. މަންމަގެ ހިތުގައި ޖައްސައިފިނަމަ ފާފަވެރިވާނެވަރު އޭނަ ދަނެއެވެ. ދީނީ ހުރިހާކަމަކަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނަސް ކުޑައިރުއްސުރެ ތަރުބިއްޔަތު ކުރެވިފައި ވަނީ މައިންބަފައިން ވަރަށް ޚާއްސަކުރެވޭފަދަ ގޮތަކަށެވެ. 

ޒެވިޔަން ޑިއުޓީގައި އުޅޭއިރުވެސް ކިތަންމެ ވަރަށްވެސް އަލީނާގެ މަތިން ހަނދާންވެއެވެ. އޭނަ އަލީނާއަށް ދޭތެރެ އަކުން ގުޅާލައިގެން ޚަބަރު ބަލައިލައެވެ. އަލީނާ ވަނީ އަދިވެސް އޭނަ އާއި ރިޔާގެ އެންމެ ފަހުގެ ތަޅާފޮޅުންގަނޑު ސިއްރު ކޮށްލާފައެވެ.

ހަފްތާގެ ބަންދަށް ޒެވިޔަންމެންގެ އިތުރުން، މައިމޫންގެ ދެމަފިރިންވެސް އާއިލާ އާއި އެކީގައި ހޭދަކޮށްލަން ފަރުބަދަ ސަރަހައްދުގައިވާ ގެއަށް އައެވެ. އެރޭ އެންމެން ކެއީ އެކީގައެވެ. ފުދޭވަރަކަށް އެކުވެރި ގުޅޭ މާހައުލެއްގައި ސަމާސާ ކުރުމުގައި ކެއުން ނިންމާލައިފައި އާއިޒު އާއި ދާވިޝް ކޮފީ ހިފައިގެން ބޭރަށް ނިކުމެގެން އައެވެ. އުޑުގައި ވިދާ ބަބުޅަމުންދާ ޖަވާހިރުތައް ފަދަ ތަރިތައް ފެންނަ ހިސާބުގައި ހުރި ބެންޗެއްގައި އާއިޒު އިށީން އިރު ދާވިޝް ހުރީ ތަބަށް ލެނގިލައި ގެންނެވެ. އޭރު ބޮޑުކޮޓަރިން ސީމާމެން ޖަހައިލާ ވަރުގަދަ ހިނިގަނޑުގެ އަޑުވެސް އިވިލައެވެ. ހީވަނީ އެންމެނަށް މިރޭ މާބޮޑު އުފަލެއް ލިބިފައިވާހެންނެވެ.

"އާޗްއަށް އެނގޭތަ؟ އަހަރެން ކުރިން ހީކުރީ އެ ކުޑަ އެލީ ދެކެ މަށަށް ލޯބިވެވުނު ކަމަށް. އެކަމަކު އޭނަގެ ބުޅި ބޯ ފެނުނީމަ ވަގުތުން ޓާންއޯފް ވެއްޖެ، އެހެންނޫނަސް އަހަރެން އެކުއްޖާ ދެކެ ލައިކްވިކަން އެނގުނަސް ޒެވިޔާ ވިލް އީޓް މީ އެލައިވް.. އޭނަގެ މިސްޓްރެސް ވިއްޔަ...." ދާވިޝް އެހެން ބުނުމުން ބުޅިބޯ ދެކެ އޭނަ ރުޅިއަންނަ ސަބަބު އާއިޒުއަށް އެނގުނެވެ. އެކަމަކު އެހާބޮޑަށް އާއިޒު ސިހުނީ ޒެވިޔަން އާއި އަލީނާގެ ގުޅުމެއް އޮންނަކަން ދާވިޝް އެހާ ޔަގީންކަމާއި އެކު ބުނެލި ގޮތަކުންނެވެ. "މިސްޓްރެސް" އަޑުއަހަންވެސް އުދަގޫވި ލަފުޒެކެވެ. އޭނަގެ މަންމަމެނަށް އެނގޭބާވައެވެ. އެންމެން ހިމޭނުން ތިބުމުގެ ސަބަބަކީ ކޮބާ ހެއްޔެވެ؟ އެވަގުތު ރިޔާ މާ ބާރަކަށް ދާވިޝްއަށް ގޮވަން ފެށުމުން ދާވިޝް އެތެރެއަށް ވަންތަނާހެން ޒެވިޔަން ނިކުގެން އައެވެ. ޒެވިޔަން އައިސް އިށީނީ އާއިޒުގެ ގާތުގައި ބެންޗުގައެވެ.

ޒެވިޔަން އަކީ އާއިޒު ގެ ހުރި އެންމެ ބޭބެއަށްވެފައި ކުޑައިރުއްސުރެ ގާތްގުޅުމެއް އޮވެއެވެ. ހުރިހާ ސިއްރު ތަކެއްހެން ހިއްސާ ވެސް ކުރެއެވެ. އަދި އާއިޒު އަބަދު ދެކެމުން އައިސްފައި ވަނީ ޒެވިޔަން އަކީ ދުނިޔޭގައި ހުރި އެންމެ ފުރިހަމަ ބޭބެ ކަމުގައެވެ. އޭނަ އާއި އަޅާލައި ލޯބިވާވަރު ޒެވިޔަން ވަނީ ކިތަންމެ ފަހަރެއްގައި އަންގައިދީފައެވެ. އެހެންވުމުގެ ސަބަބުން ޒެވިޔަން ދެކެ އިހުތިރާމް ކުރެވޭފަދަ ގޮތެއްވެސް ހުރެއެވެ.

"ހާދަ ވަރަކަށް ތިންކިން...." އާއިޒު އެއްޗެކޭ ނުބުނެ އިސްޖަހާލައިގެން އިންގޮތަކުން ޒެވިޔަން ހީލާފައި ބުނެލައިފިއެވެ.

"ބްރޯ ބުނީމެއްނު އެލީ އާއި އަޅާލަދޭށޭ، އަދިވެސް މިހިރީ އޮޅުމެއްގައި، ޔޫ ނޯ ޒެވިޔާ، ކުރީދުވަހު އަހަރެން ބަލަން ބޭނުންނުވި މަންޒަރެއްވެސް ނުފެނުނީ ކިރިޔާ، ޒެވިޔާ ގޮސް އެލީ ނަގައިގެން ވަލުތެރެއަށް ވަދެގެން ދިޔަތަން ފެނުމީމަ އަހަރެން ހުރީ ވެއިޓް ކޮށްގެން، އެހެން މީހަކުވެސް އެ ދިމާލަށް ގޮއްސިއްޔާ މައްސަލައަކަށް ވެދާނެތީ، ޖިލްވެސް އޭނަ ޕްރޮސްޓިޓިއުޓެއް ކަމަށް ހަދަނީ ޒެވިޔާ އެ ރޫމަށް ދެޔޭ ކިޔާފައި، ޝީޒް އެ މެއިޑް، ޒެވިޔާއަށް ކޮންމެ ކުއްޖެއްވެސް ވާނެ، އެހެންނޫނަސް ނިކީއަށް ޕީނަޓް ދިންކަމަށް އެއްބަސްވި ފަހުން ލައިކެއްވެސް ނުވޭ، ޒެވިޔާ އޭނަ އާއި އެފަދަ ގުޅުމެއް ބާއްވަން ގުޑް ރީޒަން އެއް އޮންނާނެ ކަމަށް މިބަލަނީ.." އާއިޒު އިނީ ސީރިޔަސް ވެފައެވެ.

ޒެވިޔަން އެންމެ ފުރަތަމަވެސް ކިޔައި ދިނީ ނިކީގެ މަރުގެ ހަގީގަތެވެ. އަލީނާގެ ފޯނުން ފެނުނު މެސެޖްތައް ކިޔައިދިނުމުން އާއިޒުވެސް ވިސްނީ އަލީނާގެ ރަނގަޅު ކަމާއި މެދުގައެވެ. އެހެންމީހަކު ސަލާމަތް ކުރަން މިޒަމާނުގައި އެގޮތަށް ގުރުބާން ވާނީ ކާކު ހެއްޔެވެ؟ އެފަދަ ކުއްޖަކު މަދުވާނެއެވެ. އެއަށްފަހު ސީމާ ދެއްކި ވާހަކަތައް ކިޔައިދިނުމުން އާއިޒުއަށް މަޖާވިއެވެ. ދިރިއުޅުމަކީ މިއީ ސިއްރުތަކުން ފުރިފައިވާ އެއްޗެކެވެ. ހިތަށް ނާރުވާފަދަ ހާދިސާއެއް ހިންގަފާނެއެވެ. ދެން ޒެވިޔަން އާއިޒު ގާތުގައި އޭނަ އަލީނާ އާއި ކައިވެނި ކުރަން މަންމަމެން މަޖުބޫރު ކުރި ގޮތާއި މަންމަމެންގެ މަގުސަދު ކިޔައިދިނެވެ. އަލީނާއަށް އޮޅިފައިވި ވަރާއި ޒެވިޔަން އެކަމާއި ހެދި އަމިއްލަ ނަފުސަށްވެސް މަލާމާތް ކުރިވަރު ކިޔައި ދިނުމުން އާއިޒު އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެންމެ ފަހުން ފްލޫގެ ސަބަބުން ބޭބީ އެބޯޓްވި ކަމަށާއި، މިހާރު މަންމަމެން ވިސްނަނީ އަލުން އަލީނާ މެދުވެރިކޮށް ރިޔާއަށް ކުއްޖަކު ހޯދުމަށްކަމަށްވެސް ޒެވިޔަން ބުންޏެވެ.

"ތިހާ ބޮޑުކަމެއް ޑިސައިޑް ކުރި އިރު އެކަކުވެސް ނުބުނެ، ހިތަށް އެރީ މައި އޮވްން ބްރަދަރ ހާދަ ވިޔާނުދާކަމެކޭ އެކުރަނީ ގޭގައި ގެންގުޅޭ މެއިޑާއި އެކު ސްލީޕް ކުރުން، ޖިލް ބުނީމަވެސް ގަބޫލެއް ނުކުރިން އެކަމަކު ލޮލުން ފެނުނީމަ ޔަގީން ކުރަން މަޖުބޫރުވީ، ސަޅި އިނގޭ. ދެ ވައިފް އިން...." އާއިޒު ހޭންފެށިއެވެ.

"ސޮރީ ލިޓްލް ބްރޯ، މަންމަ ގާތުން ހުއްދަ ނުހޯދާ ނުބުނެވޭނެތީ އަހަރެން ހިމޭނުން ހުރީ، މިހާރު ފީލްވަނީ އަދި މަންމަމެން ބޭނުން ވަނީ އަލީނާ އަށް ބޭބީ ލިބުނީމަ ބޭބީ އަތުލާފައި އަލީނާ ފޮނުވާލަންހެން. އެހެން ނޫންނަމަ އެހާވަރުން ސިއްރެއް ނުކުރީސް ކަން ޔަގީން، އަދި އަހަރެންގެ ބްރޯއަށް އެފަދަ ކަމެއް މަންމަ ފޮރުވާނީ އެކަމުގެ އަޑީގައި ކޮންމެވެސް އެހެން ކަހަލަ ކަމެއްވާތީ، އެހެންނޫނަސް ދާވިޝް އަށްވެސް ކޮންމެވެސް ވަރަކަށް އެނގޭހެން ހީވޭ..." ޒެވިޔަން އެހެން ބުނުމުން އާއިޒުވެސް އޭނައަށް ޒެވިޔަން އާއި މެދު ނުބައި ޝައްކެއް ކުރެވުނީތީ މާފަށް އެދުނެވެ. ޒެވިޔަން އާއި އާއިޒު އެ ވާހަކަ ހުއްޓާލީ ދާވިޝް ފެނުމުންނެވެ. ދާވިޝް މިއީ ސިއްރުތައް ހިފަހައްޓަން އެއްވަނައިގެ ފިރިހެނެކެވެ. ހުރިހާކަމެއް ރަނގަޅަށް އެނގިހުރެ އެ ހުންނަނީ ދެނެހުރިކަމަށް ހަދައިލައިގެން ކަން ޔަގީނެވެ.

"އޭމް އައި އިންޓެރަޕްޓިން ސަމްތިން..." ދާވިޝް އެއްލޯ މަރާލާފައި ހީލައިފިއެވެ.

"ޔެސް ޔޫ އާ، ޑެވިލްގެ ނަންގަންނައިރަށް ތި ދައްކާލީ، ޑެވިލް ދާވިޝް...." ޒެވިޔަން އެހެން ބުނުމުން އާއިޒު ވެސް ހޭންފެށިއެވެ. ދާވިޝް ނުލަފާ އެއްޗެކޭ ބުނެލާފައި ދެމީހުން ދުރުކޮށްލާފައި އެކުޑަ ތަންކޮޅުގައި އިށީނދެ ޒެވިޔަންގެ ގައިގައި ހިފައިގަތެވެ. ޒެވިޔަން އާއި ދާވިޝް ބައެއްފަހަރު ރުޅިއައިސްގެން އުޅުނަސް ގިނަފަހަރު އެދޭތެރޭގައި އޮންނަނީ ފުދޭވަރެއްގެ ގާތް އެކުވެރި ކަމެކެވެ.

އެރޭ ރިޔާ ނިދުމުން ޒެވިޔަން އަލީނާގެ ކޮޓަރިއަށް ދިޔައެވެ. އެނބުރި އައީ ފުދޭވަރަކަށް ގިނައިރު ކޮށްލާފައި ނުލާހިކު ހިތްހަމަޖެހިލައިގެން ހުރެއެވެ. އެކަމަކު ސިޑިބަރިން މީހަކު ނިވާވެލިތަން ފެނުމުން ޒެވިޔަން ކުޑަކޮށް ސިހުނެވެ. އެހާ ދަންވަރު ހޭލާ އުޅެނީ އަނެއްކާ އޭނަގެ މަންމަ ބާވައެވެ. މިގޭގައި ސިއްރުން ކަމެއްކުރެވެން ވެސް ނެތެވެ. ނަމަވެސް އޭނައަށް ދެން ކޮންމެ މީހަކަށް ފެނުނަސް ހެވެވެ. އޭނަ އަލީނާ ދޫކޮށެއް ނުލާނެއެވެ. އެއީ ޒެވިޔަންގެ ހަޔާތުގެ އެއްބަޔެވެ. ނަސީބަކުން ކޮޓަރިއަށް ވަންއިރު ރިޔާ އޮތީ ގަދަ ނިދީގައެވެ.

ޒެވިޔަން ހެނދުނު ތެދުވެގެން ފާޚާނާއަށް ވަދެ ތައްޔާރުވެލުމުންވެސް މުޅިން ނިދި ފިލައިގެންދާ ގޮތެއް ނުވިއެވެ. އެ ބޯ އިސްތަށިގަނޑު ހޭވިފައި ވާއިރު ފިރިހެންވަންތަކަން ހައްތަހާ އިތުރުވެފައި ވެއެވެ. އޭނަ ކަންނެތް ގޮތަކަށް ހިނގާލައިފައި ގޮސް ބަދިގެއަށް ވަންއިރު ފެނުނު މަންޒަރަކުން ފިޔަވަޅުތައް ގަނޑުވިއެވެ. އެއީ އެއްގޮތަކަށް ވެސް އޭނަ ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. އަނެއްކާ ނުފެންނަ ކަމަށް ހަދާލައިފައި އަނބުރާލައިފައި ދެވޭނެ ފަދަ ގޮތެއް ވެސް ނުވިއެވެ. 

ކޮމެންޓް 0