އޭނަވެސް ބޭނުމީ އެއް އާއިލާއެއްގެ ގޮތުގައި އުފާވެރި ދިރިއުޅުމެއް އުޅުމަށެވެ. ނަމަވެސް އެއީ އުޅެއުޅެވެސް ކާމިޔާބު ނުކުރެވިފައިވާ ކަމެކެވެ.

"އެނީ ތިންގް ފޯ ޔޫ...." އަލީނާ ތެދުވެ ޒެވިޔަންގެ މުލައްދަނޑީގައި އޮޅުލައިގެން އިންއިރު އަލީނާގެ ހިތުގެ ތެޅުން ކިތަންމެ ރީއްޗަށްވެސް ޒެވިޔަންއަށް އިހުސާސް ކުރެވުނެވެ. ޒެވިޔަން އޭނަގެ ބައްޕައަށް އަލީނާގެ އާއިލާ އާއި ބެހޭ ގޮތުން އެނގިފައިވާ ކަންތައް ކިޔައިދީ ބައްޕަ ރުޅިދުރުވެފައި ވާވަރު ހާމަކޮށްދިނެވެ. 

"އެލީ، ބައްޕަ ބޭނުންވެލައްވަނީ އަހަރެން އެލީ ދޫކޮށްލަން، އަހަންނަށް މި ޑިޒިޝަން ނަގާކަށް ފަސޭހައެއް ނޫން ބަޓް އަހަންނަށް މިވަގުތު މިނޫން ގޮތެއްނެތް ބޭބީ، މިގޮތަށް ވަކިވުމަކީ ފަސޭހަކަމެއްވެސް ނޫން...." ޒެވިޔަންގެ ވާހަކަ އެހިސާބަށް ދާއިރަށް އަލީނާގެ ލޮލުން ފާއްދާލި ކަރުނަތައް ކޯތާފަތް މައްޗަށް ދެމިގަތްތަން ޒެވިޔަންއަށް ފެނުނެވެ. އެ ކަޅުކުލަ ގަދަ ދެލޮލުން އެންމެ ކަރުނަ ތިއްކެއް އައުމަކީވެސް ޒެވިޔަންގެ ހިތް ނުރުހޭ ކަމެކެވެ. ޒެވިޔަން ނުރޯށޭ ބުނުމުގެ ގޮތުން ބޯ ހޫރާލައިފިއެވެ. އަދި ކަރުނައިގެ މުތީތައް ވިދަ ވިދާހުރި އެސްފިޔަތަކުގައި ބޮސްދިނެވެ.

"ހިތް ހަލާކުވާވަރުވޭ، ޒާވް ކީއްވެ އެންމެން އެހެން ހަދަނީ؟" އަލީނާ ތެދުވެގެން ދާން ހިނގައި ގަތުމުން ޒެވިޔަން އަލީނާގެ އަތުގައި ހިފާ ގާތަށް ގެނެސް މޭގައި ޖައްސާލުމުން އަލީނާ ޒެވިޔަންގެ ޓީޝާޓުގައި މޫނު ފޮރުވިއެވެ. އެ ކަރުނަތަކުން ޒެވިޔަންގެ ޓީޝާޓު ތެމި މެޔަށް ފިނިވާގޮތްވިއެވެ. 

"ލިސެން ޓު މީ ބޭބީ، އެލީ އަހަންނާއި ވަކިވެގެން ދިޔަސް އަހަރެން މި ދުނިޔެއިން ތިހާ ލޯބިވާ އަންހެން ކުއްޖެއް ވާނެކަމެއް ނޭގޭ، ދުވަހަކު މި ލޯތްބަކަށް ބަދަލެއް އަންނާނީއެއް ނޫން، މިފަދަ ވަކިވުމަކުން ހައްތަހާ އަހަރެމެންގެ ލޯބި ސްޓްރޯންގް ވުން ނޫންކަމެއް ނުވާނެ، ސޯ ޑޯންޓް ވޮރީ ލަވް...." ޒެވިޔަން އަލީނާގެ ކަންފަތް ކައިރީގައި ބުނެލި ލާނެތް ޖުމްލަ އަކުން އަލީނާއަށް ހެވިއްޖެއެވެ. ކަރުނަތަކުގެ ތެރެއިންވެސް ޒެވިޔަން އޭނަ ހެއްވާލައިފިއެވެ. 

ނަމަވެސް އަލީނާއަށް ނޭގުނީ ޒެވިޔަން އާއި ވަކިވެގެން ގޮސް އޭނަ ކެތްކުރާނެ ގޮތެކެވެ. އެންމެ ހިނދުކޮޅަކަށް ވެސް ޒެވިޔަން ލޯމަތިން ގެއްލޭކަށް ވެސް އޭނަ ނޭދެއެވެ. ޒެވިޔަން އެމެރިކާގައި ހުރެފައި، އޭނަ އެތައް މޭލު ދުރުގައި ހުރެގެން ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ ދެހިތަށް އަސަރު ކުރިނަމަވެސް ވަކިވާން މަޖުބޫރުވީއެވެ. ދިރިއުޅުމުގައި މިފަދަ ދަތި އިމްތިހާނެއް ކުރިމަތިވި ނަމަވެސް އަލީނާ ހުރީ އެހާ ފަސޭހައިން ރަހުމަތުން އުއްމީދު ކަނޑާލާ ގޮތަކަށް ނޫނެވެ. ދުނިޔޭގައި ހުރެއްޖެއްޔާ އުއްމީދުގެ ދޯދިފަށުން އޭނަ ދުވަހަކުވެސް ދޫކޮށެއް ނުލާނެއެވެ. އަދި އެންމެ ފަހުގެ ނޭވާ އާއި ހަމަޔަށްވެސް ޒެވިޔަންއަށް އިންތިޒާރު ކުރާނެއެވެ. މިހާރުވެސް އޭނަ ފަދަ ނިކަމެތި ކުއްޖަކަށް މިވަނީ ހިތަށް ނުގެނެވޭފަދަ ރަހުމަތެއް ލައްވާފައެވެ. އަޅާލާ ލޯބިވެރި ފިރިޔެއްގެ ގޮތުގައެވެ. އަދި ތުއްތު ތުއްތު ދެ ކުދިންގެ ސިފައިގައެވެ. އެވަރުން އޭނަގެ ހިތް ފުރިއްޖެއެވެ.

ޒީބާގެ ލޮލުގެ އޮޕަރޭޝަން ކުރަން ވެއްދުމަށްފަހު އެންމެންހެން ތިބީ ހެއްދެވި ފަރާތަށް ދުޢާކޮށްލަކޮށްލައެވެ. މިއަދުގެ އޮޕަރޭޝަނަށްފަހު ޒީބާގެ ލޮލުގެ އަލިކަން އަނބުރައި ނުލިބިއްޖެއްޔާ ދެން ދެވަނަ އޮޕަރޭޝަނެއް ކުރުމަކީ ބޭކާރުކަމެކެވެ. އެހެންވެ އެންމެންވެސް ތިބީ ނޭވާ ހިފަހައްޓާލައި ގެންނެވެ. މާ ބޮޑު އުއްމީދެއް ނެތަސް ބައެއްފަހަރު މިފަދަ މިރެކްލްތައް ފެންނަލެއް މަދެއް ނޫނެވެ. އެންމެ ފަހުން ޒީބާގެ އޮޕަރޭޝަން ކުރެވި ބޭސްގަނޑު ނެއްޓުމާއިއެކު ޒީބާ ފުރަތަމަވެސް ޝުކުރުވެރިވީ ހެއްދެވި ފަރާތަށެވެ. ޒީބާގެ ލޯބިވާ ފިރިމީހާ އާއި، ދެދަރިންނާއި، އާއިލާގެ މެމްބަރުންގެ މޫނު ފުރަތަމަ ފެނުނީ ތަންކޮޅެއް ފުސްކޮށެވެ. ނަމަވެސް އެކަންތައް މަޑުމަޑުން ރަނގަޅު ވާނެ ކަމަށް ޑޮކްޓަރު ބުނުއްވިއެވެ. އެންމެން ފެނުނު އިރުވެސް އަލީނާ އާއި ދެކުދިން ނުފެނުމުން ޒީބާގެ ހިތަށް އުދަގޫވިއެވެ. އެކުދިން ދެކެލާހިތުންވެސް ކެތްކުރެވުނީއެއް ނޫނެވެ. ޒީބާ އެންމެ ދެކެން ބޭނުންވީ ވެސް އަލީނާގެ ތުއްތު ދެކުދިންނެވެ. އެކުދިން ވައްތަރީ ކާކާއިބާވައެވެ.

ޒީބާއަށް މިއަދު ކޮންމެ ތަނެއްވެސް ފެނުނީ އާ މަންޒަރެއްގެ ގޮތުގައެވެ. ކާރުގައި އައިއިރު ޒީބާއަށް އުސް އިމާރާތް ތަކާއި، މަގުތަކުގައިވާ ގަސްތަކަށް ވެސް ބެލީ ދުވަހަކު ނުދެކޭފަދަ އެއްޗަކަށް ބަލައިލާ ހެންނެވެ. އުޑު ފެނުމުންވެސް ޒީބާއަށް މިއަދު ކުރެވުނީ ތަފާތު އިހުސާސް އެކެވެ. އަނދިރި ހޮހަޅައެއްގައި އެތައް ޒަމާނެއް ވުމަށްފަހު އަލިކަމުގެ ތެރެއަށް ނިކުމެވުމުން ހިތަށް އެ ލިބުނު ފިނިކަން ބަޔާން ކޮށްދެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ ކާރުން ފޭބުމަށްފަހު ޒީބާއަށް ވަށައިގެން ނަޒަރު ހިންގައިލެވުނެވެ. ބަގީޗާ ތެރޭގައިވާ ގަނޑުފެންތައް މުޅިންހެން ވިރައި ހުސްވެއްޖެއެވެ. ބައެއް ދިމާލުން ވިނަކޮޅުތަކާއި މާތައް ފެންނަ އިރު، ދޭތެރެ އަކުން ދޫންޏެއް އުދުހިލާފައި ދާތަންވެސް ފެނެއެވެ. ޒީބާއަށް އެންމެ ކުދި ކުދި ސޫތްޕަށް ދާންދެން ފާހަގަ ކުރެވުނެވެ. ކުދި ކޮކާލެއް އުދުހިލިޔަސް ޒީބާއަށް ބަލައި ލެވުނީ ތަފާތު ގޮތަކަށެވެ. ފެންޑާގައިވާ ޕޮޓްތަކުގައިވާ މާގަސްތަކުގައި ވެސް މާތައް ފޮޅެމުންދާތަން ފެނުމުން ޒީބާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. 

ދުނިޔެއަކީ ހާދަ ރީތި ތަނެކެވެ. މިފަދަ ތަނެއްގައި އަނިޔާވެރިކަން އޮވެގެނެއް ނުވާނެއެވެ. ނިކަމެތިންނަށްވެސް ރީތިކަން މިލްކު ކުރެވެން ވާނެ އެވެ. އޭނަ މިވަނީ މީހަކަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަން ތަހައްމަލުކޮށްލައިފައި އަނެއްކާ ނަސީބު ލައްވާފައެވެ. ލޯ ހުޅުވިފައެވެ. ވީއިރު އޭނަ ދެން ދުވަހަކު އެއްވެސް މީހަކަށް އަނިޔާވެރިއެއް ނުވާނެއެވެ.

"ޒެވިޔާ، މަންމަ އެންމެ ފުރަތަމަވެސް ބޭނުމީ ކުދިންކޮޅު ދެކެލަން...." ޒީބާ ކޯޓުލައިގެން ހުއްޓަސް ގައިން ހީބިހިނަގައި ފިނިވާ ގޮތްވިއެވެ.

ޒެވިޔަން އޭނަގެ މަންމަ ގޮވައިގެން އަލީނާގެ ކޮޓަރިއަށް ދިޔައިރު ދެކުދިން ތިބީ ނިދާލާފައެވެ. އަލީނާ ހުރި ފެންވަރާލައިގެން ނިކުމެ މަޑު ނޫކުލައިގެ ގަމީހަކާއި އެކު، ޖިންސެއް ލައިގެންނެވެ. އެ ބުޅި އިސްތަށިގަނޑު ވިހުރެން ދޫކޮށްލާފައިވާއިރު ހީވަނީ ރަންކުލަވެސް އަރާހެންނެވެ. ޒީބާއަށް މިފަހަރު އަލީނާއަށް ބަލައިލެވުނީ ތަފާތު ނަޒަރަކުންނެވެ. އޭނަ ބަލިވެ އުޅުނު އިރު އޭނަ އާއި އެންމެ ބޮޑަށް އަޅާލި ކުއްޖަކީ އަލީނާކަން އޭނަގެ ހިތުން ދުވަހަކުވެސް ފިލައިގެނެއް ނުދާނެއެވެ. 

"އެލީ، ކިހިނެއްތަ؟" ޒީބާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލުމަށްފަހު ކުދިން ބާއްވާފައި ތިބި އެނދުކާރިއަށް ގޮސްފައި ހުއްޓުމާއި އެކު ޒީބާގެ ދެލޯ ދިޔައީ ތަރަތަރަ ޖަހައިގެންނެވެ. ހާދަލޯތްބެވެ. އިސްތަށިކޮޅުގައި މަޑުމުށި ކުލައެއް ހުރި އިރު މުޅިން ފަންކަމަކަށް ނުދައްކައެވެ. ތަންކޮޅެއް ބޮޑުވީމަ ހީވާގޮތުން ބުޅިވެސް ވާނެއެވެ. ޒީބާއަށް އެކުދިންގެ ރީތި ކަމާއި، ފުރިހަކަމަކުން ބަލަން ހުރެވުނު އިރު އެސްފީނާއިން ސަލާމަތް ވުމަށް ވެސް ދުއާ ކުރެވުނެވެ.

"އެލީ އާއި ކަންނޭގޭ މިކުދިން ވައްތަރީ...." ޒީބާ އެކުދިންގެ ކޯތާފަތުގައި ފިރުމައިލީ ނިކަން ލޯބިންނެވެ. ޒީބާ އަލީނާ އާއި ވާހަކަދައްކަން ސޯފާގައި އިށީނުމުން އަލީނާ ވެސް ޒީބާގެ ގާތުގައި އިށީނީ ކުޑަ ބާލީހެއް އުނގުގައި ބާއްވައިގެންނެވެ. އަލީނާ ގެ ކޮންމެ ހަރަކާތަކާއި ވާހަކަ ދެއްކުމުގައި ވެސް ޒީބާއަށް އިހުތިރާމް ކުރާފަދަ ގޮތެއް ހުއްޓެވެ. މިހާރު ޔަގީނުންވެސް އަލީނާ އަކީ މިގޭ މެއިޑެއް ނޫނެވެ. ޒެވިޔަންގެ އަންހެނުންނެވެ. ޒެވިޔަން އޭނަދެކެ އެހާ ލޯބިވަންޏާ އާރާއި، ބާރުތަކެއްވެސް ލިބިފައިވާނެއެވެ. ނަމަވެސް ހާދަ މާތްކުއްޖެކެވެ. އެވަގުތުވެސް ޒީބާ ހިތާހިތުން އަލީނާއަށް ތައުރީފުކުރިއެވެ. ޗަކަގަނޑެއްގައި ފޮޅިފައިވާ ރީތި ލޮޓަސްމަލެކެވެ. ގޮނޑެއްގައިވާ ޖަވާހިރެކެވެ.

"އެލީއަށް ޓައިމެއް ވެއްޖެއްޔާ އަދި ޖެހޭނެ ވާހަކައެއް ކިޔައިދޭން، އެލީގެ އަޑު އަހަމުން ގޮސް އެކަމަށް މިހާރު ހޭނިއްޖެ ވިއްޔަ...." ޒީބާ ނުސީދާކޮށް ނަމަވެސް ޝުކުރުކުރިއެވެ.

"މިހާރު އަޅުގަނޑު ކިޔަނީ ސޭފް ހޭވަން ކިޔާ ވާހަކަ، އެ ސްޓޯރީވެސް ވަރަށް ރީތި..." އަލީނާ އުފާވީ ޒީބާ އެހާ ގާތްކޮށް ވާހަކަ ދެއްކުމުންނެވެ. ޒީބާ ދެން އަލީނާ އާއި ވާހަކަދެއްކީ ވިހެއުމަށްފަހު ކުރަން ޖެހޭ ކަސްރަތު ތަކާއި، ކެއުމުގެ ރަނގަޅު އާދަތަކާއި ބެހޭގޮތުންނެވެ. އަންހެނުންގެ ޑޮކްޓަރަކަށް ވީމަ އެފަދަ ކަންތައްތަކަށް އޭނަ އިސްކަންދޭލެއް ބޮޑީކަމަށް އަލީނާއަށް ހީކުރެވުނެވެ. އަލީނާއަށް ނޭގުނީ ޒީބާގެ ހިތުގައި އަލީނާއަށް ޓަކައި އޮތް މަގާމެވެ. އަލީނާގެ ކޮންމެ ކަމަކާއި ޒީބާ އަޅާލާކަމެވެ. 

ޒީބާއަށް ލޮލުގެ އަލިކަން ލިބުމުގެ އުފަލުގައި މައިމޫން އާއިލާ މީހުންނަށް ކެއުމެއް ދެއްވިއެވެ. ޒީބާވެސް ފަގީރުންނަށް ސަދަގާތް ކުރިއެވެ. އަދި ލޯ އަނދިރިމީހުންގެ ފައުންޑޭޝަނަށް ވެސް ފައިސާ ހަދިޔާކުރިއެވެ. އެއާއިއެކު ޖިލާ ވިހެއުމަށްފަހު އުމްރާއަށް ދާންވެސް ޒީބާ ނިންމިއެވެ. ޒީބާ ދެކޭ ގޮތުގައި މިއީ އޭނައަށް މާތް ﷲ ދެވަނަ ދިރުމެއް ދެއްވުން ފަދަ ކަމެކެވެ. މިހާ ބޮޑު ނިއުމަތަކަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭގެއެވެ.

ޖިލާ ވިހަން ބުނެފައިވާ ދުވަހަށް ސީމާ އާއި، ދާވިޝްވެސް ނިއުޔޯކަށް އެނބުރި އަތުވެއްޖެއެވެ. އޭގެ އެއް ދުވަސްކުރިން ޖިލާ އޮތީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްލާފައެވެ. އެއްދުވަސް ކުރިން އެޑްމިޓްކުރަން ޖެހުނު ސަބަބަކީ ވެސް ދަރިފުޅާއި މެދު ޖިލާ ބިރުގަނެގެން އުޅެން ފެށުމުންނެވެ. ޖިލާއަށް ހީވީ ހައްތަހާ ވެސް ދަރިފުޅުގެ ހަރަކާތްތައް މާ ބޮޑަށްވެސް މަދުވެއްޖެ ހެންނެވެ. ޑޮކްޓަރު ބުނުއްވި ގޮތުން ދަރިފުޅުގެ ހިތުގެ ވިންދާއި ހަރަކާތްތައް ހުރީ ރަނގަޅަށެވެ. 

ޖިލާ ވިހެއީ ފިރިހެންކުއްޖެކެވެ. ދަރިފުޅު ލިބުމުން އާއިޒު އާއި ޖިލާގެ އާއިލާ ފުރިހަމަވީ ކަމުގެ އިހުސާސް ކުރެވި ހިތަށް ލިބުނީ މަތިވެރި އުފަލެކެވެ. ޖިލާ ބަނޑު ކުޑަވެގެން ބިރުން އެކަމާއި އަބަދުހެން ޝަކުވާ ކުރަމުން އުޅުނު އިރުވެސް ދަރިފުޅުގެ ގައިގައި ހަތަރުވަރަކަށް ކިލޯ ހުއްޓެވެ. ޖިލާވެސް އުފަލުން މޮޔަވާވަރުވިއެވެ. އަލީނާ އާއި ޖިލާ ދަރިންނާއި މެދު ދެކޭގޮތް ވަރަށް ތަފާތެވެ. އަލީނާ އާއި ޚިލާފަށް ޖިލާ ވީ ދަރިފުޅާއި މެދު މާ ބިރުން އުޅޭ ކުއްޖަ ކަށެވެ. ޖިލާއަށް ފެންނަހިސާބުގައި އެންމެ ސިކުންތަކަށްވެސް ދަރިފުޅު ނެތިއްޔާ ޖިލާ ޕެނިކް އެޓޭކެއް ޖެހޭވަރުވާނެއެވެ. ނިދާކަށްވެސް ޖިލާ އަކަށް ނުކެރެއެވެ. ދަރިފުޅު ކިރިޔާ ތަފާތުކޮށް ނޭވާލިޔަސް ބިރުން ރޮއިގަންނާނެއެވެ. ޖިލާ އެކުއްޖާ އާއި ހެދި އުޅޭވަރުން އެހެންމީހުންވެސް ތިބެނީ ކަންތައް ބޮޑުވެފައެވެ. އޭނައަށް ވެވޭނެނަމަ އެހެން މީހަކަށް ދަރިފުޅުގެ ގައިގައި އަތްލިޔަކަވެސް ނުދޭނެއެވެ.

"ޖިލް، ޔޫ އާ އެކްޓިން ލައިކް އެ ޗައިލްޑް، ޖިލްގެ މަންމަ ދަރިފުޅު އުރާލިޔަސް ޖިލް އިންނަނީ ތުންކޮޅު ދިއްކޮށްލައިގެން..." އާއިޒު އާއި ޖިލާ އެކަނިވުމުން އާއިޒު ޖިލާގެ އަތުގައި ފިރުމާލަމުން ބުނެލިއެވެ.

"ނޫން ހަނީ، އައި އެމް ރިއަލީ ސްކެއާޑް، ބޭބީ ގެންގުޅޭ ގޮތުން ހީވޭ ވެއްޓިދާނެހެން އެހެންވެގެންނޭ....." ޖިލާ އޮތީ އެސްފިޔަވެސް ޖަހާނުލައި ދަރިފުޅާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެހާ ތުއްތުއިރުވެސް ފަން އިސްތަށިކޮޅު ވަރުގަދަވެފައި ކަޅުކުލަ ގަދައެވެ. ބޯ އެސްފިޔަތަކާއި އަދުންކުލައިގެ ބުމައެކެވެ. ތުންފަތްކޮޅު ދަމާލަން އޮތްއިރު ބައެއްފަހަރު ހީލާގޮތުން ހީވަނީ ރީތި ހުވަފެނެއްގައި އޮތްހެންނެވެ.

"އޯވަޕްރޮޓެކްޓިވް ސިންޑްރޯމްހެން މިހާރު ހީވެއްޖެ، އަސްލުވެސް ޖިލް ތިހެން އުޅެން ހަދައިގެން ބޭބީއަށް އޭގެ ނެގެޓިވް އަސަރު ކުރާނެ، ބޭބީ ރަނޑު ކުއްޖަކަށް ވެސް ވެދާނެ، ޕްރޮޓެކްޓްވެސް ކުރަން ވާނީ ވަކިވަރަކަށޭ ލަވް....." އާއިޒު ޖިލާގެ އަތުގައި މަޑުމަޑުން ފިރުމާލަމުން ހިނިތުންވެލިއެވެ. 

އާއިޒު ކިތަންމެ ވަރަކަށް ވިސްނާދިނަސް ޖިލާގެ އެ "ބިރު" އޭނައަށް ބޮޑު މައްސަލައަކަށް ވާން ފެށިއެވެ. ދަރިފުޅަށް ކަމެއްވެދާނެތީ ބިރުން އުޅުމާއި، އެހެންމީހަކު އަތްލިޔަ ނުދޭން އުޅުން ފަދަ ކިތަންމެ ކަމެއް ޖިލާ ކުރެއެވެ. ދަރިފުޅު ކިރިޔާ ރޯލިޔަސް ޖިލާ ގެ ހިތްހަލާކު ވާވަރުވެއެވެ. އެހެން އުޅެންޏާ ޖިލާ ދަރިފުޅު ލޯބިން ހަލާކުކޮށްލަފާނެކަން ދެނެގެން އާއިޒު ގަސްތުކުރީ ކޮންމެ ގޮތެއް ހަދާފައިވެސް ޖިލާގެ ސިކުނޑިން އެ ބިރު ނެރެލުމަށެވެ.

ދާވިޝް ގެ ކޮޓަރިވެސް ހީވަނީ މާސްޓަރ ބެޑްރޫމެއް ހެންނެވެ. ކިންގްސައިޒް އެނދަކާއި، ސޯފާސެޓްތަކާއި އެކު އަގުބޮޑު ފަރުނިޗަރު ތަކާއި ޒުވާން ފިރިހެންކުއްޖަކު ބޭނުންވާނެހާ ތަކެއްޗެއް ފުރިހަމައަށް ވެއެވެ. މާބްލް ތަޅުންމަތީގައި އަޅާފައިވާ ފައި ގަނބައިގެން ދާފަދަ މަޑު ރަގްތަކާއި، ދޮރުފޮތިތަކުގެ ހިތްގައިމު ޑިޒައިން ތަކުގެ ސަބަބުން ޒަމާނީ އަދި ޝާހީ ކުލަވަރެއްވެސް ޖެހިފައިވެއެވެ. ދާވިޝް މާލޭގައި ހުރެފައި ދިގު ދަތުރަކަށްފަހު އެމެރިކާއަށް އައިގޮތަށް އޭނަ ދާންޖެހުނީ ހޮސްޕިޓަލަށެވެ. ގެއަށް އައީ ޖިލާ ވިހެއުމަށްފަހު އެތާ އުޅެލާފައި ކަމުން އޭނަ ހުރީ އިންތިހާއަށް ވަރުބަލިވެ ނިދާލަން ބޭނުންވެފައެވެ. ކޮޓަރިއަށް ވަންއިރު ޖެމާ ހުރީ ޑްރެސިން ޓޭބަލް ކައިރީގައި އުށްބައްތިއެއް ރޯކުރަން ވެގެން ގުދުވެލައި ގެންނެވެ. އެކަނި ޓޭންކްޓޮޕް ކޮޅެއް ލައިގެން ހުރި އިރު ހަށިގަނޑުގެ އޮމާން ކަމުން ހީވަނީ ކްރީމެއް ހާކާލާފައި ވާހެންނެވެ. ދާވިޝް ފަރުވާކުޑަ ނަޒަރަކުން ބަލާލައިފައި ގޮސް އެނދަށް ވެއްޓިގަތީ ނިދާ ހެދުންލާނެ ހާ ވަރެއްވެސް ނެތުމުންނެވެ.

ދާވިޝް އާއި ޖެމާ އަކީ ދެމަފިރިންނަށް ވިޔަސް އުޅެނީ ދެ ބީރައްޓެހިން ފަދައިންނެވެ. ކައިވެނީގެ ފުރަތަމަ ރޭގައި އުފުލުނު ބީރައްޓެހިކަމުގެ ފަރުދާ އަނެއްކާ ދަމާލެވުނީ ކަންނޭގެ އެވެ.

"ދާވިޝް ކައުޗަށް ނިދަން ދޭބަލަ، އަހަންނަށް އުދަގޫ ބެޑްގައި އެހެން މީހެއްގެ ކައިރީގައި ނިދަން....." ޖެމާ ދާވިޝްގެ ބުރަކަށީގައި ކޮށްޓާލަމުން ބުނެލި ގޮތަކުން ދާވިޝްގެ ނިދިފިލައި ދާގޮތްވިއެވެ. އޭނަގެ ކޮޓަރީގައި ހުރެގެން ފާޑުފާޑަށް އަމުރުކުރަން ވެއްޖެއްޔާ އޭނަގެ ރުޅިގަދަ ނުވާންވީ ކީއްވެ ހެއްޔެވެ؟

"ޑޯންޓް ޑިސްޓާބް މީ، އަހަރެން ވަރަށް ބޮޑަށް ނިދި އަންނާތީ މިއުޅެނީ....." ދާވިޝް ކަންނެތް ރާގަކަށް ބުނެލައިފިއެވެ.

"އެހެންވީމަ ތި ސްލީޕީހެޑް ކަންނެތްކަން ފިލުވާލައިފައި ގޮސް އެތާ އޮތިއްޔާ މަށެއް ޑިސްޓާބް ނުކުރާނަން، ވަން މިނިޓް ވޯކް އެއްނު...." ޖެމާ ދާވިޝްގެ އަތުގައި ހިފާ ތަޅުވައިގަތެވެ. ދާވިޝް އުއްޑުން ވަމުން އެ ރީތި ދެލޯ ޖެމާގެ މޫނަށް ހުއްޓާލުމުން ޖެމާ ރަކިވާ ގޮތްވިއެވެ. ކޮންމެވެސް ވަރަކަށް އަތްފައި ފިނިވެލާފައި ހިތުގެ ތެޅުން ބާރުވެލައިފިއެވެ. ކޮޓަރީގައި ދިއްލާލައިފައިވާ އެންމެ އުށްބައްތި އެއްގެ އަލީގައި ދެ ޒުވާނުން ފެންނަލެއް ފުރިހަމަ ކަމުން ހިތަށް އެފަދަ ގޮތްވުމަކީ އެންމެ އެކަށީގެންވާ ކަމެކެވެ. ދެމީހުންގެ ހަދާނަށްވެސް އައީ ކައިވެނީގެ ފުރަތަމަ ރެއެވެ. އެރޭގެ ހަދާން އާވާން ފެށުމުން ދާވިޝްގެ ހިތުގައިވެސް އެހެން ވިންދެއް ޖަހަން ފެށިއެވެ.

"މަގޭ ނިދި ގެއްލުވާލީތީ ދެން ޕަނިޝްމެންޓެއް ލިބޭނެ......" ދާވިޝް ގެ ތޫނު ނަޒަރުން ހީވީ ޖެމާ ސްކްރީން ކޮށްލި ހެންނެވެ.

"އެއްކަމެއްވެސް ނުކުރެވޭނެ ފޮނި ފިރިހެނާ އަކަށް....." ޖެމާ ދާވިޝްގެ ގައިގައި ބާލީހުން ޖަހަން އުޅުމުން ޖެމާގެ އަތުގައި ހިފާފައި ގާތަށް ދަމާލުމުން ގޮސް ޖެހުނީ އޭނަގެ ތަނަވަސް މޭމަތީގައެވެ. އޭރު ދެމޫނުވަނީ ނުރައްކާތެރި ދަރަޖައަކަށް ކައިރީގައެވެ. ޖެމާ ދާވިޝްގެ އަތުތެރެއިން ފޮޅުވިގަންނަން ދެތިން ފަހަރު މަސައްކަތް ކޮށްލާފައި ހަތިޔާރު ބެހެއްޓީ އެހިތްވެސް ބޭނުންވާން ފެށީމައެވެ. ދާވިޝްގެ ރީތި ލޮލުގެ ފުންކަމުގެ ތެރެއަށް ގެނބި ބޯ ހިއްލާނުލެވޭ ވަރުވުމުންނެވެ.

މައިމޫންގެ އާއިލާގެ މެމްބަރުން އެކީގައި ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށްފަހު ޒެވިޔަން އިރުކޮޅަކަށް އޭނަގެ މަންމަމެންނާއި ވާހަކަ ދައްކަން ބޮޑުކޮޓަރީގައި އިނެވެ. އޭރު މޭޒުމަތީގައި ދިއްލާލައިފައިވާ ޔެންކީ އުށްބައްތި ތަކުގެ ފަނޑު އަލީގައި ނަށަނަށާ ހުރި ހިޔަނިތައް ކޮންމެ ދިމާލަކުން ފެނެއެވެ. އަދި މޭޒުމަތީގައިވާ ތާޒާމަލުގެ މީރުވަސް ވެސް މުޅިތަނުގައި ހިފާލާފައިވެއެވެ. މައިމޫން އެކި ވާހަކަތައް ދައްކަމުން ގޮސް އަނެއްކާވެސް އަލީނާ އަވަހަށް އެގެއިން ފޮނުވާލުމާއި ބެހޭގޮތުން ވާހަކަ ދެއްކިއެވެ. ޒީބާ ޒެވިޔަންގެ މޫނަށް ބަލައިލީ ކަންބޮޑުވެފައިވާ ނުތަނަވަސް ކަމާއި އެކުގައެވެ. އަލީނާ ފޮނުވައިލަން އޭނަގެ ބައްޕަ ގަސްތުކުރުމުން ޒެވިޔަން ގޮތްދޫނުކޮށް ބޮޑު މައްސަލަ ގަޑަކަށް ހަދާނެކަމަށް ކުރިން ޒީބާއަށް ހީކުރެވުނެވެ. ނަމަވެސް މައިމޫން ދެތިންފަހަރު އެވާހަކަ ދެއްކެއްވުމުންވެސް ޒެވިޔަން ހިމޭންކަން ޚިޔާރު ކުރުމުން ޒީބާ ވަނީ މާޔޫސްވެފައެވެ. އޭނަގެ ދަރިފުޅު އަލީނާ ދެކެ ލޯބިނުވަނީ ބާވައެވެ. އެކަމާއި އަޅާނުލައި އިންނަނީ ކީއްވެހެއްޔެވެ؟ ޒެވިޔަންއަކީ ވެސް އޭނަގެ ބައްޕަ ފަދައިން ގޮތްދޫނުކުރާ ގޮތެއްވެސް ހުންނަ ޒުވާނެކެވެ. 

"ޑެޑް، އައި ޑޯންޓް އަންޑަސްޓޭންޑް، މިޒަމާނުގައި ތިހާވަރަށް ފެމިލީގެ ޝާހީ ކަމާއި މޮޅުކަމަށް މީހުން ނުވެސް ބަލާ، އެކަމަކު ޑޭޑް ކަންބޮޑުވެލައްވަނީ އެހެން މީހުން އަލީނާގެ ސަބަބުން އަޅުގަޑަށް މަލާމާތް ކޮށްފާނެތީ، އެކަމާއި ޑޭޑް ވިސްނަވާކަށް ނުޖެހޭނެ، އަޅުގަނޑަށް ހިޔެއްނުވޭ އަލީނާގެ ސަބަބުން އަޅުގަނޑުގެ ރެޕިއުޓޭޝަނަށް އަސަރު ކޮށްފާނެ ހެނެއް..." ޒެވިޔަން މިރޭ މިހިރީ އޭނަގެ ބައްޕަމެންނާއި ކުރިމަތިލައި އެ ވާހަކަ ރަނގަޅަށް ދައްކަން ނިންމައިގެންނެވެ.

"ނިކަމެތި ވެގެނެއްނޫން، ކްރިމިނަލް ފެމިލީއެއްގެ ބްލަޑް ހުރީތީ، އެއީ ބޮޑު މައްސަލައެއް...." މައިމޫން ސީރިޔަސް ގޮތަކަށް ބުނުއްވިއެވެ.

"އަލީނާ އިޒް އިނޮސެންޓް، އެހެން ބަޔެއްގެ ކުށަކަށް އޭނައަށް އަދަބުލިބުން ހައްގެއްނޫން، އެންމެ ފުރަތަމަވެސް ނިކީ މަރުވީ އަލީނާގެ ފޯލްޓްއިންނޭ ކިޔާފައި ނުހައްގު ގޮތުގައި އެހާ ބޮޑު އަނިޔާއެއް ދިނީ، ނިކީގެ ބަދަލުގައި އެހެން ކުއްޖަކު ހޯދަން އަލީނާއަށް މަޖުބޫރު ކުރީ، އަންގާވެސް ނުލައި އޭނަ ޕްރެގް ކުރިކަން އެއީވެސް މެޑިކަލް ކްރައިމް އެއްގެ ގޮތުގައި އަޅުގަނޑު ދެކުނީ، އަދި މިހާރު ކުދިން އަތުލާފައި ފޮނުވުމަށްވުރެ ބޮޑު އަނިޔާއެއް އެއްވެސް އަންހެންކުއްޖަކަށް ނުދެވޭނެ، އަޅުގަޑު އަލީނާ ފޮނުވައިލަންޏާ އޭނަ އާއި އެކީގައި ކުދިންވެސް ފޮނުވާލަން ގަސްތު ކުރަނީ، ޝީ ޑިޒާވްސް ދެޓް މަޗް...." ޒެވިޔަން އޭނަ ގަސްތުކުރި ގޮތް ކިޔައިދިނުމުން މައިމޫންގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ފެނުނެވެ.

"ދަރިފުޅާ، އެއްގޮތަކަށް ވެސް ކުދިން ދޫކޮށެއް ނުލެވޭނެ، އަދި އަލީނާ މިގޭގައި ހުރުމުގެ ހުއްދައެއްވެސް ނުދެވޭނެ، ޒެވިޔަން ތިބުނަނީ ބައްޕަ ބުނާގޮތަށް ނަހަދާނަމޭތަ؟" މައިމޫން ތަންކޮޅެއް ބާރަށް ބުނުއްވިއެވެ.

"ނޫން އެހެނެއްނޫން، އަޅުގަނޑަށް އެނގޭ ޕޭރެންޓުން ބުނާގޮތަށް ނަހަދަންޏާ ބްލެސިން ވެސް ގެއްލިދާނެކަން، ޑޭޑްމެންގެ ސަބަބުން އަޅުގަނޑު މީހަކަށް ވީ، އަންހެނުންނާއި ޖެހިގެން ފެމިލީ ދޫކޮށްލާފައި ދާފަދަ މީހަކަށް ވާކަށްވެސް ބޭނުމެއްނޫން، އެކަމަކު މިއަދު އަޅުގަޑު ބޭނުން ޑޭޑް ގާތުގައި ވާހަކައެއް ބުނަން، އަޅުގަނޑު ލޯބިވޭ އަލީނާ ދެކެ، ޝީޒް މައި އެވްރީތިންގް، ވީއިރު އަޅުގަނޑަށް އެއްގޮތަކަށް ވެސް އަލީނާ އާއި ކުދިންނާއި ވަކިވެވޭކަށް ނެތް...." ޒެވިޔަން އެއްގޮތަކަށް ވެސް ބައްޕަ އާއި ޖަދަލުކުރާކަށް ބޭނުމެއްނޫނެވެ. ނަމަވެސް އޭނަގެ އަންހެނުންނާއި ދަރިންގެ ހައްގުތައް ހޯދަދޭން މަސައްކަތް ކުރުމަކީ އޭނައަށްވެސް ވާޖިބެކެވެ. 

"ޒެވިޔާ....." މައިމޫން ސޯފާއިން ތެދުވެންނެވި އިރު އެ ގަދަ ބުމަވަނީ ގޮށްޖެހިފައެވެ.

"ޕްލީޒް، ޑޭޑް...." ޒެވިޔަން އާދޭހުގެ ރާގެއްގައި ބުންޏެވެ.

"ލަދެއްނުގަނޭތަ އަންހެނަކާއި ހެދި ތިގޮތަށް ބައްޕަގެ ގާތުގައި ސަލާން ޖަހަން؟ ޒެވިޔާ އެއަށްވުރެ ވިސްނޭމީހެއްކަމަށް އަހަރެން ހީކުރީ، އެވަރަށް ވިސްނައިދިނީމަވެސް ގަބޫލު ކުރާގޮތަކަށް ނޫން ތިހިރީ، އަހަރެން މިހިރީ ފައިސާއިން ގަނެވޭނެ ކޮންމެފަދަ އުފަލެއް ޒެވިޔާއަށް ހޯދަދޭން އެކަމަކު ޒެވިޔާ ޖެހޭނެ އަލީނާ ދޫކޮށްލަން، އަޑުއިވިއްޖެތަ؟" މައިމޫން އެންމެ ފަހުގެ ނިންމެވުން އިއްވެވިއެވެ. ޒީބާ އިނީ ހިމޭންވެފައެވެ. ޒެވިޔަންގެ ހިތުގެ އަޑު ޔަގީނުންވެސް ޒެވިޔަންގެ މަންމައަށް އިވިއްޖެއެވެ. ދަރިފުޅަށް ޓަކައި އެހިތް ހަމްދަރުދީއިން ފުރުނެވެ. ނަމަވެސް ފިރިމީހާގެ ކުރިމަތީގައި އެކަމާއި ބެހޭ ގޮތުން އެއްވެސް އެއްޗެކޭ ކިޔާކަށް ނުކެރުނީ އޭނައަށް އަލީނާ އާއި ދޭތެރޭގައި ކަންތައް ކުރެވުނު ނިކަމެތި ގޮތް ހަދާންވެ ލަދުގަތްވަރުންނެވެ.

ޒެވިޔަން އަލީނާގެ ގައިގައި ބައްދާލައިގެން ހުރި އިރު އޭނަގެ ފެހި ދެލޮލުގައި ވިދަ ވިދާހުރި ކަރުނަތައް ހީވަނީ ކޮންމެ ވަގުތަކުވެސް އޮހިގެންފާނެ ހެންނެވެ. ޒެވިޔަންއަކީ ފިރިހެނަކަށްވި ނަމަވެސް އޭނައަށް ވަނީ ބުނަން ނޭގޭފަދަ އަސަރުތަކެއް ކޮށްފައެވެ.

"ޒާވް، ޒާވް އަހަންނާއި އެކީގައި މާލެ އާއި ހަމަޔަށް ގޮސްދޭނަންތަ؟" އަލީނާގެ ދެލޯވެސް ވަނީ ދުޅަވެފައެވެ.

"އޮފްކޯސް ޑާލިން، އަހަރެން ނުބުނަން އެއްވެސް މީހެއްގެ ގާތުގައި ބޭބީމެން އަލީނާ އާއި އެކުގައި ގެންދާނެއޭ، އެހެންނޫނީ މައްސަލަ އަކަށް ވެދާނެ....." ޒެވިޔަން އަލީނާގެ ކޯތާފަތުގައި ފިރުމާލައިފިއެވެ. ދެކުދިން ވާހަކަދައްކަން ތިބެ ޕެކް ކުރަމުން ދިޔައިރު ދޭތެރެއަކުން އަލީނާގެ ލޮލުގައި ތާޒާކަރުނަތައް ގިނަވެގަނެއެވެ. ހިތް ބުނަނީ ހަމަ އޭނަގެ ހުވަފެން ހަގީގަތަކަށް ވެދާނެ ކަމުގައެވެ. އެހެންވެއްޖެނަމަ އޭނަގެ ދުނިޔެ ފުނޑު ފުނޑުވެގެން ހިނގައިދާނެއެވެ.

ޒެވިޔަން ކޮޓަރިއަށް ވަންނަން ދިޔައިރު ކޮންމެވެސް މީހެއްގެ ގައިގައި ބާރަކަށް އަޅައިގަނެގެން އެމީހަކު ނުވެއްޓުނީ ކިރިޔާއެވެ. ޒެވިޔަން ނުރުހުމާއި އެކުގައި ބަލައިލީ އެއީ ކާކުކަން ރަނގަޅަށް އެނގިގެންނެވެ. އެ ސެންޓުގެ ވަހުން އޭނަ އަނބުރައި ގަންނަ ގޮތްވިއެވެ. ޒެވިޔަން ނޭވާނުލައި އިރުކޮޅަކު ހުރެފައި އެއް ފިޔަވަޅު ކުރިއަށް އެޅިއެވެ. އޭރު ރިޔާ ވެސް ކޮޓަރީގެ ދޮރާއި އަރާހަމަވީއެވެ. ކޮޓަރި ތެރެއިން ފުރޭނިގެން އައިސް ކޮރިޑޯ އާއި ހަމަޔަށް އިވިއިވި ހުރި އިނގިރޭސި ލަވައެއްގެ މިއުޒިކަކަށް ރިޔާ ފައި ހަރަކާތްކޮށްލިއެވެ. ރިޔާގެ ތުންފަތުގައި ވަނީ ކާމިޔާބުގެ ހިނިތުންވުމެކެވެ.

"ރިޔާ، ކިތައް ފަހަރު ބުނާނީ އޭނަ މިރޫމަށް ނުވައްދާށޭ..." ޒެވިޔަން ލޯ ހަނިކޮށްލި ގޮތަކުން ރިޔާގެ ގައިން ހީބިހިނެގިއެވެ.

ކޮމެންޓް 0