ލާނެތް ގަނޑު، އާން މަންމަ ހިތަށް އަރާ ބައްޕަ ނުފޮނުވުނު ނަމައޭ. ބައެއް ފަހަރު މަންމަ ހިތަށް އަރާ މި ޒެވިޔާ އަކީ ސައިކިކް ކުއްޖެކޭ ވެސް، ކުޑައިރުވެސް ޒެވިޔާ މަންމަގެ ފްރެންޑުންވެސް ރަކިކޮށްލާނެ ކޮންމެވެސް އެއްޗެކޭ ކިޔައިގެން، އަދި ނުވީތާކަށް އެއްދުވަހު މަންމަގެ ފްރެންޑަކާއި ދިމާލަށް ބަލަހައްޓައިގެން ހުރެ ބުނި މިއީ ހާދަ ކަޅުމީހެކޭ ވެސް، ހާދަ ހަޑިއޭ، ދަތްތައްވެސް ތިހިރީ ބޭރަށޭ، އެކަމަކު ހަގީގަތުގައި އޭނަ ނަރުގަނޑެއް ލައްވާފައި ހުއްޓަސް އެޓްރެކްޓިވް އެފްރިކަން އެމެރިކަން އެއް.. ކުޑަކުއްޖަކު އެހެންބުނެލީމަވެސް އެ ފަކީރު ލަދުން ހަލާކުނުވީ ކިރިޔާ. އަނެއް ދުވަހަކު ހާދަހާ ބޮޑޭ ކިޔާފައި މީހެއްގެ މޭމަތީގައި ހިފައިގަތީ، އެދުވަހު މަންމަ ބްލަޝްވި ދުވަހަކު ނުވާވަރަށް. އެ ދުވަހު އެ ފްރެންޑު ހީނހީނ އޮތީ ބިންމަތީގައި، އޭނަ ބުނި މި ޒެވިޔާ ބޮޑުވެގެން ވަރަށް ފްލާޓީކުއްޖަކަށް ވާނެޔޭ، އެކަމަކު ޒެވިޔާ އޭގެ ދިމާއިދިކޮޅު......" ޒީބާ ހިނިގަނޑެއް ޖަހައިލުމަށްފަހު، ކޮފީޖަގުން ކޮފީތަށްޓެއް އެޅިގޮތަށް އަވަސްވެލާފައި ކޯވަރެއް ދަމައިލުމުން ދޫ ފިހުނެވެ. 

ޒެވިޔަންވެސް ހިނިއައެވެ. ކުޑައިރު ކިތަންމެ ވަރަކަށް މީހުންނަށް މަލާމާތްކޮށް ޖޯކުޖަހާފައި އުޅުނަސް މިހާރު އޭނަ އަކީ އެކަހަލަ މީހެއްނޫނެވެ. މަޢުސޫމް އިރު އެފަދަ އެއްވެސް ފިކުރެއް ނުހުންނާނެއެވެ. އޭރު އޭނައަށް ލޯގަނޑުން އޭނަގެ ސޫރަ ފެނުނީމަ މާ ބޮޑަށް އަމިއްލަ ނަފުސް ރީތިވެ، ލޯބިޖެހިގެން އެހެން ކޮންމެ މީހަކީ ހަޑިމީހެއްކަމަށް ގަބޫލު ކުރެވުނީ ކަންނޭގެ އެވެ. އެހެންނޫނަސް އޭނަ އަކީ ކުޑައިރު ވަރަށް ލާނެތް، ނުލަފާ ޒާތުގެ ކަންތައް ކުރާ ކުއްޖެއްކަމަށް އެންމެން ކިޔައެވެ. 

"ކުޑަކުދިން އެކަހަލަ ކަންތައް ކުރީމަ އެއީ މާބޮޑުކަމެއްނޫން، އެކަމަކު ސީމާ އެއްނު ތިކަމުގައި އަރާހުންނަނީ، އޭނަ ނޫން މީހަކު ރީތިކަމަކަށް ނުވާނެ. ވަރަށް ކަންތަކާއި ކްރިޓިސައިޒް ކުރާ މީހަކަށް ސީމާ ވެސް ވެއްޖެ. ސީމާގެ ވާހަކަ ފެށުނީމަ ޖިލާ މަތިން ހަދާންވީ، އޭނަ އުޅެނީ ވަރި ނުވެގެންނޭ، މަންމައަށް ފެންނަނީ ދެވަނަ ފަހަރަށް އޭނަލައްވާ ބުނުވަން ނަހަދާ ވަރިކޮށްފައި ފޮނުވާލުން......." ޒީބާ ސީމާގެ ފޮޓޯތަކުގެ މަތިން ހަނދާންވެފައި ވެސް ބުމަ ގޮށްޖެހުނެވެ. ވަރެއްގެ އަންހެނެކެވެ. ޖިލާވެސް އޭނަގެ މަންމަ ގާތުން އެދުރުވެގެން ހުރީމަ ވާނީ ކޮން ތަފާތެއް ހެއްޔެވެ؟ ޒީބާގެ ވާހަކަތަކުން އެތަނަށް މަރުފަދަ ހިމޭންކަމެއް ވެރިވެގެންދިޔައެވެ. ތޫނުއެއްޗަކުން ކޮށާލެވޭހާ ފުންވިއެވެ.

"މަންމާ، އެކަމަކު އޭރުން މަމްވެސް ރުޅިއަންނާނެ، މިހާރު ޑޭޑް ވެސް..." އާއިޒު ތުންފަތުގައި ދަތްއަޅާލިއެވެ. އޭނަ ޖިލާ ދެކެ ހާދަބޮޑަށް ލޯބިވެއެވެ. ދެވަނަ އަންހެންކުއްޖަކު ހަޔާތަށް ގެންނާކަށް އާއިޒު ރާވާފައެއް ނެތެވެ. އާއިޒު އަދިވެސް އިންތިޒާރު ކުރަނީ ޖިލާގެ ލޯތްބަށެވެ.

"ދަރިފުޅު ހާސްވާނެ ކަމެއްނެތް، މަންމައެއްނު މިބުނީ ދޫކޮށްލާށޭ، ޖިލާ ހީކުރަނީ ކީކޭތަ؟ ދަރިފުޅަށް ހަތަރު އަނބިންވެސް ގެންގުޅެވިދާނެ، އޭނައަށް ވުރެ މާ ރީތި ކިތަންމެ ކުދިންނެއް ލިބިދާނެ. އޭނަ މަންމަ ގާތުގައި ކޮމްޕްލެއިން ކުރަމުން އުޅޭއިރު ހީވަނީ ޖިލާއަށް މަލާއިކަތެއްހެން ލިބެން ޖެހޭނީ، ޖިލާ މީހުން އިމްޕްރެސްކުރަން ބުރުގާ އަޅައިގެން ފޭކްޖެއްސިޔަސް، ގެވެހިވިޔަސް އެކުއްޖާއަށް ވުރެ ނުބައިކުއްޖެއް އެއްވެސްތާކު ނޫޅޭނެ، އޭނަގެ މަންމަގެ ޒިރޮކްސް ކޮޕީއެކޭ ބުނެވޭނީ، އެއޮތް އެޓިޓިއުޑެއް، ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެ، އޭނަގެ މަންމަ އަނގަޔަށް އަޅައިދޭ އެއްޗެހި ރަނގަޅަށް ވިއްޔާ ކިޔަމުން ހިނގަނީ ވެސް...." ޒީބާ އަށް ނޭގުނީ ޒީބާ އެއްޗެހި ކިޔާލި އިރު ޖިލާ ދޮރުފަތުގެ ނިވަލުގައި އެހުރިހާ އެއްޗެއް އަޑުއަހައިގެން ހުރިކަމެވެ. ޒީބާ އާއި ޒެވިޔަން ތިބީ ދޮރާއި ދިމާލަށް ފުރަގަސްދީފައި ބަހައްޓާފައިވާ ގޮނޑިތަކުގައި ކަމުން ޖިލާ އެތަނަށް އައިކަމެއް ނޭގުނެވެ. މީހެއްގެ ވާހަކަ ދައްކަންޏާ އެމީހަކަށް އެތަނަށް އާދެވުމަކީ ފުލޯކު ވާހަކައެއް ނޫނެވެ. ހަގީގަތެކެވެ.

"އެވީގޮތަކީ ޖިލް ކުއްޖަކާއި ރައްޓެހިވެގެން އުޅެނިކޮށް މަޖުބޫރުން މެރީ ކުރުވީމަ ދެކުދިން އަދިވެސް ހަމަނުޖެހިގެން އުޅެނީ، ޝައްކެއްވެގެން އަހާލީމަވެސް މި ކުއްޖާވެސް ހަމަ ސައިލެންޓް މޯޑުގައި އެހުންނަނީ، ދެން ކިހިނެއް ހެލްޕް ވާނީ، އެޓްލީސްޓް ބްރަދަރއަށް ޓްރަސްޓްކޮށްފައި ވެގެން އުޅޭގޮތެއް ބުނެލެވިދާނެ ދޯ، އޭރުން ހެލްޕެއް ވެވޭނީ ވެސް...." ޒެވިޔަން ވާހަކަ ދައްކަނިކޮށް ޖިލާ ދޮރުގެ ނިވަލުން ނިކުތެވެ. އޭނަ ހުރިކަން އާއިޒުއަށް އަންގާލީއެވެ. އާއިޒުއަށް ޖިލާގެ ލޮލުގައިވި ރުޅިވެރި ކަމާއި، ކަރުނަތައް ވެސް ފެނުނެވެ. ޖިލާ އެތާހުރި ޕޮޓެއްފައިން ޖަހައި ވިއްސާލި އަޑަށް ޒީބާ ވެސް އެނބުރި ބަލާލައިފިއެވެ. ޒީބާ ހީކުރީ ނާހީ ނޫނީ އަލީނާ ސިއްރުން ގެއަށް ވަދެ އޮތީމަކަށެވެ. އެދެމީހުން އުޅޭ ގޮތަކުން ވެސް ޒީބާ ބޯ ފަޅައިގެންދާވަރުވެއެވެ. ނާހީ ކުދި ކުދި ވައްކަން ކުރާވަރުންވެސް އޭނަ ހުންނަނީ ފްރިޖަށް އާ އެއްޗެއްވެސް ލާން ނުކެރިފައެވެ. ކާއެއްޗެހިން ވައްކަން ކުރުމުގައި ހައްދު ފަހަނަޅައިދިޔަސް، އަގުބޮޑު އެއްޗެހީގައި އަތްނުލާކަމީ ނަސީބެކެވެ.

"ޖިލްދޯ؟" ޒެވިޔަން ފަހަތަށް ބަލައިނުލާ އިނދެ އައިޒާން އާއި ދިމާލަށް ބުނެލިއެވެ. އާއިޒު ކޮފީތަށީގައި ބާރަށް ހިފަހައްޓާލިއެވެ. އާއިޒު އިނީ ވަރަށް ނުތަނަވަސްވެފައިކަން ޒެވިޔަންއަށް އެނގުނެވެ. ޔަގީނެވެ. ޖިލާ އާއިޒު ބިރުގަންނަވާފައި، ތަޅާ ފޮޅަނީ ކަންނޭގެ އެވެ. އާއިޒު އަކީ ފުދޭވަރަކަށް ރަގަޅު ޒުވާނަކަށް ވާއިރު އަމުދުން އަންހެންކުއްޖަކަށް އަނިޔާއެއް ނުކުރާނެއެވެ. އެކަމުގެ ފައިދާ ޖިލާ ނެގިކަން އެނގެނީ އާއިޒު އަނބިދަށުވެފައި ހުރުމުންނެވެ. އާއިޒު އެއްޗެކޭ ނުބުނެ އިސްޖަހާލައިފިއެވެ. ޒެވިޔަން ހަމްދަރުދީވިއެވެ. އޭނަގެ ކޮއްކޮ ގެ ހަޔާތުގެ ފަސާނާ އަޑު އަހައިލަން އެހާ ބޭނުންވި ވަގުތެއް ނާދެއެވެ.

"ޖިލް އަކަށް ނުވާނެ، އެއީ މިގޭގައި އުޅޭ ދެވަގުން... އަދި އެހެން އުޅެމުން މިގެވެސް ވަގަށް ގެންދާނެ..." ޒީބާގެ އެ ޖުމްލައިން މަޖާވެގެން ހުނުމުގެ ބަދަލުގައި ޒެވިޔަން ޚިޔާރު ކުރީ ހިމޭންކަމެވެ. އަލީނާގެ މަތިން ހަނދާންވެ ވަގުތުން މޫޑަށް ބަދަލުތަކެއް އަތުވެއްޖެއެވެ. އޭނަ އަވަހަށް ކޮފީތަށި ދަމާލާފައި މަންމަގެ ފަހަތުން ނިކުތެވެ. މާބްލްމަތީގައި ތެޅިފައިވާ ކްރިސްޓަލް ކޮޅުތައް ފިޔަވައިއެއްވެސް ދިމާލަކުން މީހެއްގެ ހިލަމެއްނުވެއެވެ. ޒެވިޔަން ގޮސް ބެލްކަނީގައި ހުއްޓި ބޭރަށް ބަލަންފެށިއެވެ. އެދިމާލުގައިވާ ޑެފޮޑިލް، ލައިލަކް، އެޑީނިއަމް އަދި ސަންފްލާވަރ ފަދަ ރީތި މާތައް ފެނުމުންވެސް ޒެވިޔަން ހަދާންވީ އަލީނާއެވެ. މަންމަ ބުނާފަދައިން އެއީ ވަލުތެރޭގައި ހެދިފައިވާ މަލެއް ކަމަކަށް ހިތް ގަބޫލެއް ނުކުރެއެވެ. އަލީނާ އަކީވެސް އެންމެ މީރުވަސްދުވާ، ރީތި މާތަކުގެ ތެރޭގައި ހިމެނޭ ނާޒުކް މަލެކެވެ. ވަލުގައި ވިޔަސް، ބަގީޗާގައި ވިޔަސް ޔަގީނުން ވެސް އެމާ ބިނދެލުމަށް ޓަކައި ހިތް ބޭގަރާރު ވެއްޖެއެވެ. ނަމަވެސް އޭނަ މިދަނީ ހިތާއި ހަގުރާމަ ކުރަމުންނެވެ. ބަލިނުވެއްޖެއްޔާ ރަގަޅެވެ. 

"އަލީނާ، ފައިވް ޑޭސް މޯރ...." ޒެވިޔަން މެސެޖެއް ކޮށްލައިފިއެވެ. އަލީނާގެ ޖަވާބަކަށްވީ އެކަނި ސޭޑް އިމޯއެއް ފޮނުވާލުމެވެ. ޒެވިޔަންއަށް އެތައް އިރެއްވާންދެން ހިމޭންކަމާއިއެކު އެ ހިތާމަވެރި ހުނުމާއި ދިމާލަށް ބަލަހައްޓައިގެން އިނދެވުނެވެ. އިތުރު ޖަވާބެއް ފޮނުވައިފިއްޔާ އަލީނާގެ އުއްމީދު އިތުރުވުން ނޫންކަމެއް ނުވާނެއެވެ. ނުވާނެ ކަމެއްކަން އެނގިހުރެ އެއްވެސް ކުއްޖަކަށް ދޮގުވެރި އުއްމީދެއް ދިނުމުގެ މާނައެއްނެތެވެ. 

ޒީބާ، އާއިޒު ލައްވާ ޖިލާ ވަރި ކުރުވަން އުޅެނީ ސީމާ ރުޅިއަރުވައި މިގެއިން ފައްސާލުމަށެވެ. ޔަގީނުން ވެސް މައިމޫން އޭނަގެ ދަރިން ދޫކޮށްލާފައި ސީމާގެ ފަހަތަކުން ނުދުވާނެއެވެ. ޒެވިޔަން އާއި އާއިޒު އަކީ މައިމޫންގެ ފުރާނަ އާއި ހިތެވެ. މައިމޫންއަށް ފަހަރެއްގައި ވެސް އެދެބެންނާއި ނުލައި ނޫޅެވޭނެއެވެ. އެއިންކުއްޖަކަށް ކަމެއްވެއްޖެއްޔާ މައިމޫންވެސް ދުނިޔެ އާއި ވަކިވެގެން ހިނގައިދާނެއެވެ. އެ ލޯބީގެ މަތިވެރިކަން ޒީބާ ވަނީ ކިތަންމެ ފަހަރަކު އަންދާޒާ ކޮށްލާފައެވެ. ދަރިންދެކެ އާއްމުކޮށް ލޯބި ވާނީ އެކުދިންގެ މަންމަ ވެސް ޚާއްސަވީމައޭ ބުނާ އަޑު ޒީބާއަށް އިވޭތީ އެކަމާއި ކޮންމެވެސް ވަރަކަށް އުފާކުރެއެވެ. ފޮނި ވެސް ވެވެއެވެ. އޭނަގެ އެކުވެރިންވެސް މައިމޫން އޭނަދެކެ ވާ ލޯބި މިސާލަކަށް ހަދައިގެން ކިޔާއުޅެއެވެ. ވީމާ އަދިވެސް ހިތް ބުނަނީ ސީމާއަށް ދުވަހަކު ވެސް އެ މަގާމު ނުހޯދޭނެ ކަމަށެވެ.

ޒީބާއަށް އިރުއިރުކޮޅާ އެފްބީއަށް ވަދެ ޗެކްކޮށްލެވެއެވެ. ސީމާ އިތުރު ފޮޓޯއެއް ލިތޯ ބަލައިލެވެއެވެ. ސްޓޭޓަސްގައި ނުސީދާކޮށްވެސް އޭނައަށް ހަމަލާއެއް އަތުވެދާނެކަމަށް ހީކުރެވެއެވެ. ސީމާ ލިޔާ ކޮންމެ ކޮމެންޓެއް ދެތިންފަހަރު ކިޔައި ލެވެނީ ވިސްނުންތެރި ކަމާއި އެކުގައެވެ. މިހުރިހާ ދުވަހު އޭނަ އަކީ ޒިންމާދާރު އަދި ހަރުދަނާ އަންހެނަކަށް ވީނަމަވެސް ޒީބާ ކުއްލިއަކަށް ބަދަލުވެއްޖެއެވެ. ފޭސްބުކަށް ދެވިހިފާފައިވާ އެތައް މިލިޔަން މީހުންގެ ލިސްޓަށް ޒީބާގެ ނަންވެސް އިތުރު ވެއްޖެއެވެ.

ޒީބާއަށް އިތުރު ހަތަރު ދުވަހަށް ކެތްނުކުރެވިގެން މައިމޫންއަށް ގުޅާފައި އޭނަ ވަރަށް ގަދަޔަށް ބޮލުގައި ރިއްސައި ބަލިވެ އުޅޭކަމަށް ބުނެ ދަތުރު ކުރުކޮށްލާފައި އަވަހަށް އައުމަށް އެދުނެވެ. ޒީބާއަށް ނޭގުނީ މައިމޫން ވަނީ ހަނީމޫން ދުވަސްތައް އިތުރުކޮށްލާފައި ކަމެވެ. މައިމޫން ހީކުރިވަރަށް ވުރެ ސީމާގެ ފަރާތުން ހިތްހަމަޖެހުމާއި ލޯބި ލިބެމުން ދާއިރު އެދުވަސްތައް ވީ މަދުކަމަށެވެ. ޒީބާ މާބޮޑަށް ވަޒީފާއަށް ގޮސް ހުސްވެފައި ހުންނާތީ މިހާރު މިހާ އިޝްގީކޮށް ނޫޅެވޭތާ ކޮން ޒަމާނެއް ހެއްޔެވެ؟ 

އާއިލާއިން ރާވައިގެން ކުރި ޕިކްނިކް ދަތުރެއްގައި އައިއިރު އަލީނާ ގެންދަން ރިޔާ ނިންމުމުން ޒެވިޔަން ދެކޮޅުހަދާކަށް ނޫޅުނެވެ. އަލީނާ އޭނަގެ ދިރިއުޅުމުން އަބަދުގެ އަބަދަށްޓަކައި ފޮނުވައިލަން އުޅޭއިރު އެންމެ ފަހަރަކު އެކީގައި ދަތުރެއް ކޮށްލިޔަސް އެއީ މައްސަލައަކަށް ނުވެ ހިނގައިދާނެއެވެ. ޖިލާ އެންމެ ފަހު ވަގުތު ބޮލުގައި ރިއްސުމުގެ ބަހަނާ ދައްކާލާފައި ނައުމުން އާއިޒުއަށްވެސް އެ ދަތުރުގައި ބައިވެރިނުވެވުނެވެ. ލޯންޗު ތެރޭގައިވެސް ޒެވިޔަން އިނީ އަލީނާ އާއި ދިމާލަށް ނުބަލަން ހުވާކޮށްގެންނެވެ. ހިތުގެ މައްޗަށް އޭނަ ކިތަންމެ ރަގަޅަށް ވެސް ބާރުފޯރުވިއެވެ. 

އެރަށުގެ މޫދު އިންތިހާއަށް ރީއްޗެވެ. ދޮންވެލިގަނޑު އެތައް މީޓަރެއްގެ ދުރަށް ސްނޯ ގަނޑެއްހެން ފެންނަން އޮތެވެ. އެހާ ހުދުވެފައި މަޑު ދޮންވެލި ގަނޑެކެވެ. ކުދިކުދި ރާޅުތައް ވެލިގަނޑާއި ސަމާސާ ކުރަމުންދާއިރު އުޑުގައި ހީވަނީ ނޫކުލައިގެ ސާލެއް ލާފައިވާހެންނެވެ. އެންމެ ވިލާ ރޮއްޖެއްވެސް ނެތި މުޅިން ސާފުކޮށެވެ. ރިޔާ، ނިކީ ގައިގައި ސަންސްކްރީން ލުމަށްފަހު އަލީނާ އަތަށްވެސް އެ ފުޅިދިއްކޮށްލައިފިއެވެ. އަލީނާ ބަލައިލުމެއްނެތި އަވީގައި އުޅެމުން ގޮސް ޓޭންވެފައި ވާތީ މިހާ ހޫނުގަދަ ދުވަހެއްގައި އަދި އެ ކުޑަ މޫނުކޮޅު އަނދާނެ ވަރެއްވެސް ނޭގެއެވެ. އެންމެން ވެގެން ޕިކްނިކް ބާސްކެޓް ތަކާއި ކުއިލްޓްތައް ގެނެސްކުޑަތަކުގެ ދަށުގައި ފަތުރާފައި އެގޮޑުދޮށުގެ ވަކިހިސާބެއް އެކިކުލަކުލައިން ފަވަމުން ދިޔައިރު ޒެވިޔަންވެސް އެކަމާއި އުޅުނެވެ. އޭނައަށް ސިއްރު ނަޒަރަކުން އަލީނާގެ މޫނަށް ދެތިންފަހަރު ބަލައިލެވުނެވެ. 

"މަންމީ، ގަންގުނަމު ސްޓައިލަށް ޑާންސްކޮށްލަން ލަވަ ޖައްސާ ދެއްވާ ޕްލީސް.." ރިޔާ ނިކީގެ ހެދުން ބާލުއްވާފައި ކުޑަ ބިކިނީ ކޮޅެއްލައްވައިފިއެވެ. އަދި އެރަން އިސްތަށިގަނޑުން ހުޅިއެއް ޖަހާލާފައި ވޫލްކޮޅަކުން އައްސާލައިފިއެވެ. ނިކީ ރީތިކަމުން އަލީނާ ވެސް ބަލަހައްޓައިގެން ހުރީ އަންތަރީސް ވެފައެވެ. ދޮން ދޮން ބުދެއް ފަދައެވެ. ރިޔާ ލެޕް ހުޅުވާލާފައި ލަވައެއް ޖެއްސުމުން ނިކީ އާއި އެހެންކުދިން ނަށަން ފެށިއެވެ. ބައެއް ލާނެތް ޒުވާނުން ވެސް ބައިވެރިވިއެވެ. އެންމެންގެ އެ މަޖާދެކެން އަލީނާ ހުރީ ފާޑަކަށް ރަކިވެފައެވެ. އޭނައަކީ މިފަދަ ތަނަކާއި އެކަށީގެންނުވާ މީހެއް ކަމަށްވެސް ގަބޫލު ކުރެވުނެވެ. އަލީނާ ކަންބޮޑުވީ އެ އާއިލާގެ ރީތި ޒުވާނުންގެ ނަޒަރު ބައެއްފަހަރު އޭނައަށް ހުއްޓެމުންދާކަން އެނގުމުންނެވެ. އަންހެން ކުދިންވެސް އޭނަ އެހެދުމުގައި ދަތުރު އައިސް އުޅޭތީ މަޖާވެފައި ތިބެ ސިއްރުސިއްރުން އެވާހަކަދައްކާކަން އަލީނާއަށް އެނގުނެވެ. ޒީބާ ހުންނަނީ ކަޅިއަޅާ ލައިގެންނެވެ. އޭނަ ހުންނަނީ އަލީނާ ލަދުގަންނަ ޒާތުގެ ކަމެއް ނުވެގެންނެވެ.

"އެލީވެސް އާދެބަލަ..." ނިކީ އަލީނާ ގެ އަތުގައި ހިފާފައި ދެމިއެވެ. އަލީނާގެ މޫނު ރަތްވެގެންދިޔައެވެ. އޭނައަށް ނަށަން ނޭގޭކަމަށް ބުނުމުން ނިކީވެސް ދެން ނަށާކަށް ބޭނުމެއްނުވިއެވެ. ނިކީ އަމިއްލައަށް ގޮސް ލެޕާއި ކުޅެމުންގޮސް "ސާފިން ޔޫއެސްއޭ" އެލަވަ ޖައްސާލައިފިއެވެ. އެރޮން ކާޓަރ ކުޑައިރު ކިޔާފައި ހުރި ހުރިހާ ލަވަތައްވެސް ނިކީއަށް ވަރަށް ކަމުދެއެވެ. އެއީ ނިކީގެ ފެވަރިޓެވެ. "ހިނގާ މޫދަށް އެރިލަން. މަންމީ، އެލީއަށް ވެސް ޓައިޓަކާއި ޓޮޕެއް...." ނިކީ ގޮސް ރިޔާގެ ބެކްޕެކް ފާސްކުރަން ފެށިއެވެ. އަލީނާ ބުނީ މޫދަށް އެރޭނީ އެހެދުމުގައި ކަމަށެވެ.

"އެކަމަކު ތިހާ ބޮޑު ހެދުމެއްގައި މޫދަށް އެރޭނީ ކިހިނެއްތަ؟" ރިޔާއަށް ވެސް މަޖާވިއެވެ. ރިޔާ އާއި ނިކީ ކިތަންމެ ވަރަކަށް ހެދުން ބަދަލުކުރުވަން އުޅުނަސް އަލީނާއަށް އެކަމަކަށް އެއްބަސްނުވެވުނެވެ. މޫދަށް އެރިފައިވެސް އަލީނާ ހުރީ ކަކޫތާފެނުގައެވެ. އެއަށްވުރެ ދުރަށް ދާކަށްވެސް ނުކެރެއެވެ. އެއްފަހަރު މޫދުތެރެއިން އެއްޗެއް ފައިގައި ޖެހިލިހެން ހީވެގެން އަލީނާއަށް ކުރެވުނު ހަރަކާތަކުން އޭނަ ހުރިގޮތަށް ފުރަގަހަށް މޫދަށް ވެއްޓުނެވެ. އެހާ ކުޑަފެންކޮޅެއްގެ ތެރޭގައި ވެސް އަލީނާ އަކަށް ތެދުވާކަށް ނޭގުނެވެ. ކޮންމެވެސް ފިރިހެންކުއްޖަކު އޭނަ މޫދުން ނުނެގިނަމަ މަރުވާނެކަން ނޭގެއެވެ. އެހާ ކުޑައިރުކޮޅެއްގެ ތެރޭގައިވެސް އަލީނާއަށް ކޮންމެވެސް ވަރަކަށް ލޮނުބޮވި ގަދަޔަށް ކެއްސަން ފެށިއެވެ. އެ ފިރިހެންކުއްޖާ އަލީނާ ވެލިގަނޑުމަތީގައި ބޭންދުމުން އަލީނާ އިނީ ލަދުން މަރުވާވަރުވެފައެވެ. އޭނަ ކަކުލުގައި ބޯ ޖެއްސިގޮތަށް ރޯންފެށިއެވެ. ނިކީ ކަންބޮޑުވިވަރުން އަލީނާގެ ގައިގައި ބައްދާލަމުން އަލީނާގެ އަތް ނައްޓުވަން މަސައްކަތް ކުރިއެވެ. އަލީނާ ރުއީމަ ދެރަވާކަމަށް ބުންޏެވެ. ނިކީ ރޮވިފައި އިނދެ އެހެން ބުނުމުން ކުރި އަސަރަކުން އަލީނާ ރުއިން ހުއްޓާލައިފިއެވެ. އޭނަގެ ފިނޑިކަމުން ކުޑަ ނިކީގެ އުފާވެރި ދަތުރު ބޮއްސުންލަވުވަން އަލީނާ ބޭނުމެއްނުވިއެވެ. ނިކީ އަކީ އޭނަގެ ފުރާނައެވެ. ހިތެވެ. އެކުޑަ ނިކީއަށް ޓަކައި އޭނަ މިހިރީ ކޮންމެފަދަ ގުރުބާނީއެއްވާންވެސް ތައްޔާރަށެވެ. 

އަލީނާ އަށް ނިކީ ގެނެސްދިން މިނެރަލްވޯޓަރ ފުޅިން ފެންފޮދެއް ބޯލުމަށްފަހު މޫނުވެސް ދޮވެލައިގެން އަލީނާ އެދުނީ އެހެންކުދިންނާއި އެކީގައި ނިކީވެސް މޫދަށް ދިޔުމަށެވެ. ރިޔާ ނިކީ ބަލައި އައީމަވެސް ނިކީ ބުނީ އަލީނާ މޫދުދެކެ ބިރުން އުޅޭތީ ދެން ނިކީވެސް އެރޭހިތް ނުވާކަމުގައެވެ. އަދި އަލީނާ އާއި އެކީގައި ސޭންޑް ކާސަލްއެއް ހަދާނީ ކަމުގައެވެ. ނިކީ އާއި އަލީނާ އަދި އެހެންކުދިންތަކެއް ބައިވެރިވެގެން ބޮޑު މާ ސިންގާ ސޭންޑްކާސަލްއެއް ހެދިއެވެ.

ނިކީ އަލީނާގެ ފަހަތުގައި ހިޔަނިހެން އުޅޭ މަންޒަރު ފެނުމުން ޒީބާ ގެ ބޮލަށް އުނދަގޫވީވަރުން އަލީނާ ލައްވައި އެކިކަންތައް ކުރުވަން ފެށިއެވެ. ހީވީ ކުދިންހާވާ ކޮންމެ ހަޑިއެއް ވަގުތުން ރީތިކުރަން ގެނެސްފައި އިން ނޯކަރެއް ހެނެވެ. ޗޮކްލެޓް އެއްޗެހި ކާލާފައި ކުދިން އެއްލައިލާ ކަރުދާސްތައް ހޮވުންފަދަ ކަންތައްވެސް ކުރަން ޒީބާ އަލީނާއަށް އަމުރުކުރިއެވެ. އެންމެ ފަހުން މެންދުރަށް އެންމެން ކެއި ބަތްޕާރުސަލްތައް ގޯންޏަކަށް ލުންފަދަ ކަންތައް ކުރުވަން ފެށުމުން ނިކީވެސް މަޖާވެލާފައި އެކަމާއި ބައިވެރިވިތަން ފެނުމުން ޒީބާއަށް ހީވީ ސިކުނޑީގައި ރޯވިހެންނެވެ. ޒެވިޔަން އާއި ރިޔާ ދަރިފުޅާއި އަޅާނުލައި އެއުޅެނީ މޫދުގައެވެ. އެމީހުންނަށް ނިކީ މަރުވިޔަސް އެނގޭނެ ކަމެއްނޭގެއެވެ.

އަލީނާ އާއި ނިކީ ކުއިލްޓް މަތީގައި އިށީނދެގެން ތިބިއިރު އަލީނާ ނިކީ ގެނެސްދިން އަނބެއް މަށާލަދެމުން ދިޔައެވެ. އޭރު ނިކީ އިނީ ކުޑަކޮށް ބަލިވެ ނިދިއަންނަ ގޮތް ވެސް ވެފައެވެ. މާބޮޑަށް ސަކަރާތް ޖަހައިލެވުނީއެވެ. އެދޮން ކޯތާފަތަށް ރަތްކުލަވެރިވެފައިވާއިރު ހީވަނީ ކުޑަ ބުދެއްހެނެވެ. ކުއްލި އަކަށް ޒީބާ ވަރަށް ބާރަކަށް އަލީނާއަށް ގޮވާލުމުން އަލީނާ އާއި ނިކީވެސް ސިހުނެވެ. 

"ނޭގޭތަ ނިކީއަށް ތި ޒާތްޒާތުގެ އެއްޗެހި ކާންނުދޭކަން؟" އަލީނާ އެނބުރި ބަލައިލި އިރު ދާދި ގާތުގައި ޒީބާ ދެލޯ ދިއްލާލައިގެން ހުއްޓެވެ. އެ ފެހިދެލޮލުން އަސްލުވެސް އަލިފާން ނިކުމެދާނެހެން އަލީނާއަށް ހީވިއެވެ.

"ސޮ..ރީ ....މެޑަމް.." އަލީނާ މާފަށް އެދުނެވެ. ނިކީ އިނީ ތުންފިތާލައިގެންނެވެ. 

"މާމަ އަބަދު ނިކީގެ އެލީ އާއި ރުޅި ވަނީ....." ނިކީ އަލީނާގެ އަތުގައި ބައްދައިލުމުން ޒީބާގެ ރުޅިވީ އިތުރެވެ. ޒީބާ ނިކީވެސް ވިސްނައިނުލައި އިންދާ އަލީނާގެ އަތުން ނިކީ ޖަހައިގަނެގެން އުރާލަން އުޅުނެވެ. އެވަގުތު އަލީނާއަށް އަނެއް އަތުން ވަޅީގެ ތިލައިގައި ހިފުނީ ނިކީއަށް އަނިޔާއެއް ވެދާނެތީ ގަތްބިރަކުންނެވެ. އަލީނާގެ އަތުން ހޯސްލާފައި އޮހިގަތް ލޭގަނޑު ފެނުމުން ނިކީ ބާރުބާރަށް ރޮއިގަތެވެ. ރިޔާ އާއި ޒެވިޔަން ވެސް ވީގޮތެއް ނޭގިގެން ކަންބޮޑުވެގެން މޫދުން އަރައިގެން އައެވެ. އަލީނާ އަތުގައި ހިފަހައްޓާލައިގެން އިންއިރު، ދޮންވެލިގަނޑު ފެވެމުންދިޔައީ ރަތްލެއިންނެވެ. އަލީނާގެ ލޮލުގައި ކަރުނަ ގިނަވީ ކޮންމެހެން ތަދާއި ވޭނުގެ ސަބަބަކުން ނޫނެވެ. އޭނަގެ ލޯބިވާ ނިކީ އެވަރަށް ހިތުގައި ޖެހިގެން ރުއީމައެވެ. ޑޮކްޓަރ ކަމްލާ ފަސްޓްއެއިޑް ބޮކްސް ހިފައިގެން އައިސް އަލީނާގެ އަތުގައި ބޭސްއަޅާދޭން އުޅެގަތެވެ. ޒެވިޔަން ނިކީ ކޮނޑުގައި ބާއްވަމުން މަސަލަސްކުރަން އުޅުނު އިރު ނިކީ ބޭނުންވީ އަލީނާގެ ގާތަށް ދިޔުމަށެވެ. އަލީނާއަށް ތަދުވާނެޔޭ ކިޔާފައެވެ. ޒެވިޔަން ނިކީއަށް ވިސްނާދިނީ އަލީނާއަށް މާބޮޑުކަމެއް ނުވާކަމުގައެވެ. ބޭސްއެޅީމަ ރަނގަޅުވާނެ ކަމުގައެވެ. ނިކީ ގެ ބޮޑު ބޮޑު ލޮލުގައި ވިދަމުން ދިޔަ ކަރުނަ ތަކުން ޒެވިޔަންގެ ހިތަށް އިންތިހާއަށް އަސަރުކުރިއެވެ. އޭނަގެ ގާތުގައިވެސް ކުށްވެރިވީ ރިޔާއެވެ. އެކަމަކު ޒެވިޔަން ރިޔާ އާއި އަރައިރުންވާކަށް ނޫޅުނެވެ. ވީކަމެއް ނުވާކަމަކަށް ނެހެދޭނެއެވެ. އެހެންނޫނަސް އަލީނާ ގެއިން ދިޔުމުން ކޮންމެވެސް ގޮތަކުން ނިކީ ހަމަޖެހިދާނެއެވެ.

"ޒެވިޔާ، މަންމަ ނުބުނަންތަ މިދުވަސް އަންނާނެޔޭ، މަންމަ ހިތަށް އަރާ މިހާރު އެންމެ ބޮޑު މޮޔަ އަކީ މަންމައޭ..." ޒީބާ ބަހުގެ ހަމަލާއެއް ދީފައި ދުރަށް ދިޔައެވެ. 

އަލީނާގެ އަތުގައި ބޭސްއެޅުމަށްފަހު އަނެއްކާވެސް ނިކީ އުޅުނީ އަލީނާ އާއި އެކީގައެވެ. އަލީނާ އާއި ދެކުދިން އުޅުނީ އަމިއްލަ ދުނިޔެއެއްގަ އެވެ. ކޮޓްން ކެންޑީ ހިފައިގެން ދުވެދުވެފައި، ބޯޅަކުޅުނެވެ. ތަންކޮޅެއް ފަހުން އެހެން ކުޑަކުދިންތައްވެސް ނިކީ އާއި ބައިވެރިވެގެން އުޅުނު އިރު ޒެވިޔަންއަށް ދޭތެރެއަކުން އެ މަންޒަރު ބަލައިލާފައި އަމިއްލަ ނަފުސަށް ވެސް ޖޯކު ޖެހުނެވެ. އޭނައަށް ލޯބި ވެވުނީ ދަރިފުޅުހެން ޅަކޮށް އުޅޭ އިސްކޮޅުން އެހާ ކުޑަކުއްޖެއްދެކެއެވެ. ތަގުދީރުގެ ސަމާސާއެކެވެ.

އެންމެން ވެސް މާލެ އައީ ތަފާތު ހަދާންތަކެއް ރައްކާކުރަމުން މަޖާ ދުވަހަކަށްފަހުގައެވެ.

ރޭގަނޑު އަށެއްޖަހަމުން ދިޔަ އިރު ޖިލާ އުށްބައްތިތައް ދިއްލާލައިގެން، ބާތުޓަބުގައި ފެންވަރަން އޮތްއިރު ދުވާ މީރުވަހުން ބަނޑު ފުރި ނިދި އަންނަން ފެށިއެވެ. އެރޯމާތެރަޕީގެ ސަބަބުން ބައެއްފަހަރު ސިކުނޑި މާބޮޑަށް ރިލެކްސްވަނީ ކަންނޭގެއެވެ. ޖިލާ ތުވާލިން ފެންހިއްކާލުމަށްފަހު އެތެރެއިންލާ އެއްޗެހިލައިގެން އިސްތަށިގަނޑު ބާލީސްމަތީ ފަތުރާލައިގެން އޮށޯވެ ދެލޯމަރައިލިއެވެ. ނިދާބޮކީގެ ފަނޑުއައްޔާއި، އެކަށީގެންވާ މިންވަރަކަށް ހޫނުމިން ހުރުމުން އަރާމު ނިންޖަކަށް މަގުފަހިވާނެހާ ހިތްފަސޭހައެވެ. އެކަމަކު ޖިލާ އެއްގޮތަކަށްވެސް އެހާ ފުންނިންޖަކަށް ގެނބިދާނެކަމަކަށް ހިޔެއްނުކުރެއެވެ. ނިދީގައި އޮވެ ތަފާތު ހުވަފެންތައް ފެނުނެވެ. އެތައް ވަގުތުތަކެއް ވޭތުވެގެން ދިޔަފަހުން ޖިލާގެ ލޮލަށް ލޮލަށް ހުދު އައްޔެއް އެޅެންފެށިހެން ހީވިއެވެ. ކޮފީގެ މީރުވަސް ނޭފަތުގައި ހިފާލިއެވެ. ޖިލާއަށް ހީވީ ވަރަށް ފުން ނިންޖެއްގައި އޮވެފައި ހޭލެވުނުހެނެވެ. އެކަމަކު ވަރަށް ތާޒާވިފަދަ އިހުސާސްއެއް ވެސް ކުރެވިފައިވެއެވެ. ޖިލާގެ ބަރު އެސްފިޔަތައް ހުޅުވާލި އިރު ކުޑަދޮރުގެ ފަރުދާތައް ފުރާނާލާފައި ކޮޓަރިއަށް އިރުގެ ދޯދިތައް ފަތުރާލާފައިވެއެވެ.

"އޯ ހާދަ ވަރަކަށް ނިދާލެވިއްޖެ، އެހާ މަޖާ ޑްރީމްސް ތަކެއް، އެކަމަކު ދޭތެރެ އަކުން އެ ފޮނި ފިރިހެނާ ހުވަފެނުގައި ވެސް ޑިސްޓާބު ކުރާ ވަރުން ރުޅިވެސް ގަދަވޭ......" ޖިލާއަށް ކިޔައިލެވުނެވެ. އޭނަ ނިދީގައި އޮވެ އެކިގޮތްގޮތަށް ފުރޮޅެމުން ގޮސް ހޭލެވުނު އިރު އޮވެވުނީ އެނދު ހުރަހަށެވެ. އަދި ފައިބޭއްވިފައި ވަނީ ޔަގީނުންވެސް ބާލީހަށްވުރެ ހަރުތަނެއްގަ އެވެ. ކޮންތަނެއްބާވައެވެ. ޖިލާ ވިސްނާލިއެވެ. އޭނަ މިއޮތީ ވެސް ސޯފާގައެއްނޫނެވެ. އެނދުގައެވެ. އަނެއްކާ އާއިޒުގެ ގައިމަތީގައި ފައި ބާއްވައިގެން އޮވެވުނީ ބާވައެވެ. ޖިލާ ކުއްލިއަކަށް ކަންބޮޑުވެފައި އަނެއް ފަރާތަށް ފައި ހޫރާލުމާއި އެކު ހޫނު އެއްޗެއްގައި ފައިން ޖެހުނެވެ. އެއްޗެއް ތެޅުނު އަޑާއިއެކު ޖިލާގެ ފަޔަށް ދިލަ ހޫނެއްވެގެން ތެޅިފޮޅިގެންފައި، ފައި ދަމައިގަންނަމުން ހަޅޭއްލަވައި ގަނެވުނީ ތޫލިކޮށެވެ. 

ކޮމެންޓް 0