މަންމަ ދެއްކި ވާހަކަތަކަށް އޭނަ އެއްބަސްވާނެ އެއްވެސް ގޮތެއްނެތެވެ. އަލީނާގެ ބޭބެ ގޭންގްސްޓަރސް އިންކަން ރަނގަޅަށް އެނގިހުރެ އެފަދަ ބަޔަކު ގެ މަކަރުވެރި އެއްވެސް ރޭވުމެއްގައި ކުޑަކޮށްވެސް ބައިވެރިވާކަށް ރިޔާގެ ހިތެއް ނޭދުނެވެ. އަދި އަލީނާއަށް ދެރަގޮތެއް ހަދާކަށް ވެސް ލާހިކެއް ނޫނެވެ. މިހާރުވެސް އޭނަ މިވަނީ ކުށްވެރިވެފައެވެ. އަދިވެސް މަންމައަށް މިކުރެވެނީ ނުބައިކަމެއްކަން ރޭކާނުލަނީ ހެއްޔެވެ؟ އޭނަ ދެކޭގޮތުގައި ދަރިންނަށް ހެޔޮމަގު ދައްކަން ތިބީ މަންމައިންނެވެ. ދަރިން މަންމަމެންނަށް ގޮތް ކިޔައިދޭން ޖެހިދާނެ ކަމަކަށް އޭނަ ގަބޫލެއް ނުކުރެއެވެ.

"ނޫން މަންމާ، އަލީނާ އާއި ޒެވިޔާ ވަކިކުރަން އަހަރެން ބޭނުމެއް ނޫން، އިނޮސެންޓް ދެބޭބީސްއިންގެ ލައިފްވެސް ހަލާކު ވާނީ.. ނޯ މަމް، ތިކަމަށް އެއްބަހެއް ނުވެވޭނެ......" ރިޔާ ކުޑަކޮށް ވިސްނައިލުމަށްފަހު ވަގުތުން ދެކޮޅު ހެދިއެވެ. ސީމާ ހައިރާންވިވަރުން އަތުން ކޮފީތަށި ދޫނުވީ ހަމަ ކިރިޔާއެވެ.

"ދަރިފުޅުވެސް އެ ހަންޑިގަނޑުވަރު ދޮންކަމަނަ ގެ ޖާދޫގައި ޖެހުނީތަ؟ މަމިހާރު އޭނައަށް ކިޔާހިތްވަނީ ވެސް ޑްވާފްއޭ، ހިނގާއިރު ޑަކްއަކާ ތަފާތެއްނެތް، ކުޑަ މަދިރިއެއް މީހުންގެ ގަޔަށް ވަގުވަގަށް އަރައި ލޭބޮމުން އުޅޭއިރު އެމަންޖެ ހަމަ ލަދެއްވެސް ނުގަނޭ، މެއިޑެއްކަން ވެސް ހަނދާނެއް ނުހުރޭ، އެގެއަށް ދިޔައިރު ހީވަނީ ތެމިފައިއޮތް މީދާގަނޑެއްހެން، މިހާރު ކައިގެން ފަލަވާން ފެށީ ކާކުގެ އެއްޗެހި ކައިގެންތަ؟ ރިޔާމެންގެ މުދަލޭ މިއީ، މޫނުގައި ފުށްތަކާއި، ކްރީމްތައް އުގުޅައިގެން އަދި މަތި އޮމާންކުރިޔަސް ރީތި އަންހެނެކޭ ނުކިޔޭނެ، ދޮންވީވެސް އަގުބޮޑު އެއްޗެހި ލައިލައި، އަދި ކުރީގައި ދަލާއި ތަތްތެޅިގެން ހުރެހުރެފައި މިހާރު ސެންޓުން ފެންވަރާލައިގެން އުޅެނީ އެއީ ކާކުތަ؟ ކޮން ފެންވަރެއްގެ މީހެއްތަ؟ މައި ގޯޑް، ސަމް ޕީޕަލް އާ ޝޭމްލެސް......." ސީމާ އަލީނާ ދެކެ އައި ރުޅީގައި އޭނަގެ ނެތް ސިފަތަކަށް ދާންދެން ކިޔާލައިފިއެވެ. ރިޔާ އިނީ މަންމަގެ އެ ޣީބަ ބުނުންތަކުން ލަދުގެންފައެވެ. 

"ނޫން މަންމާ، އަލީނާ އަކީ ފެށުނީއްސުރެ ދޮން، ރީތި ކުއްޖެއް، އެނީވޭސް ބޭނުމެއް ނޫން ކުށެއްނެތް ގާލްއެއްގެ ލައިފް ހަލާކު ކޮށްލާކަށް ވެސް، ޒެވިޔާ އެންޑް އެލީ، ދޭ ލަވް އީޗް އަދަރ، ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ލޯބިވާ ދެމީހަކު ވަތްކެއް ނުކުރެވޭނެ، އެހެންނޫނަސް އައި ލަވް ޒެވިޔާ ސޯ މަޗް، ޒެވިޔާ ދެރަވާނެ އެއްވެސް ކަމެއް ކުރާކަށް ހިތެއް ނޭދޭ، އަދި ނޭގޭ ޒެވިޔާ ކޯމާއިން ރަނގަޅުވާނެ ކަމެއްވެސް، ޒެވިޔާ ގެ މާފު ނުލިބި މިދުނިޔެ އާއި ވަކިވެއްޖެއްޔާ އައިލް ޖަސްޓް ޑައި...." ރިޔާ ކިތަންމެ ކެތްކުރަން އުޅުނަސް އެ ބޯ އެސްފިޔަތައް ކަރުނުން ތެމުނެވެ.

ސީމާ ރުޅިގަދަވި ނަމަވެސް އިންތިހާއަށް ކެތްކުރިއެވެ. އެހާވަރުން ރިޔާ ޒެވިޔަން ދެކެ ލޯބިވުމުގެ މާނައެއް އެއްގޮތަކަށް ވެސް އޭނައަކަށް ނުފެނެއެވެ. ޒެވިޔަން އަކީ ބޭވަފާތެރި އެކެވެ. ކެހިވެރި އެކެވެ. އެކަމަކު މި އަންހެންކުދިން އޭނަގެ ރީތިކަމުން މޮޔަވަނީއެވެ. އޭނަވެސް ޒެވިޔަން ޅައިރުވެސް އެހެރަ ރީތި ކަމާއި، ފިރިހެންވަންތަ ކަމުގެ ޖާދޫގައި ޖެހި ފަހަތުން ދުވުނެވެ. ސީމާ ފުން ނޭވައެއް ބޭރުކޮށްލިއެވެ. ރިޔާއަށް ހަގީގަތް އެނގިފައި ވޭބާވައެވެ. ޒެވިޔަން އެއްވެސް މީހަކަށް ކިޔައިދޭނެ ބާވައެވެ. ސީމާއަށް ރަނގަޅީ ޒެވިޔަން އަލުން މި ދުނިޔެއަށް ލޯ ނުހުޅުވިއްޔާއެވެ. ނޫނީ އޭނަގެ ހަނދާނުގެ ބަޔަށް މައްސަލައެއް ކުރިމަތިވުމެވެ. ނޫނީ ނުކުޅެދޭމީހަކަށް ވުމެވެ. އޭރުން ފަހަރެއްގައި ރިޔާގެ މޮޔަކަން ވެސް ފިލައިދާނެއެވެ. މިވަގުތު މަޖުބޫރު ކުރުން ރަނގަޅެއް ނޫނެވެ.

"އޯކޭ ދަރިފުޅާ...." ސީމާ ކޮފީގެ ކޯވަރުތައް ދިރުވަމުން ދިޔައިރު އޭނަގެ ދަރިންގެ މުސްތަގުބަލާއި މެދު ވިސްނިއެވެ. ރިޔާއަށްވެސް އެ ދިމާވެފައިވާ ހިތާމަވެރި ހާލަތުން އަރައިގަނެ ވޭނެ ގޮތެއް ހޯދަންވީއެވެ. ޖިލާ އާއި ދާވިޝް އާއި ދެކުދިންގެ ނަސީބު ތަންކޮޅެއް ރަނގަޅެވެ.

ސީމާގެ ޕްލޭން ފެއިލްވުމުން އޭނަ ހުރީ ވަރަށް ދެރަވެފައެވެ. މައިމޫންގެ ފަރާތުންވެސް އެހީތެރިކަމެއް ލިބޭނެ ގޮތެއްނުވިއެވެ. މައިމޫން އަންގަވަނީ ސީމާ އެހެން މީހެއްގެ އަންބަކަށް ވެހުރެ އެގޭގައި ހުރުމުގެ ހުއްދައެއް ނުދެއްވާނެ ކަމުގައެވެ. ސީމާ ދަތްތައް ވިކައިގެންދާހާ ބާރަށް ދަތްތައް ވިކިކަމުގައި ވިޔަސް މައިމޫންއަށް ދޭނެ ލަނޑެއް ވިސްނުމަކަށް ނައެވެ. ސީމާ އަމިއްލަ މޮޔަކަމާއި މެދު ހިތާމަ ކުރިއެވެ. ޒީބާ އޭނައަށް ދިން ރަނުގެ ފުރުސަތު ވެސް އޭނަގެ ކެތްތެރި ކަމެއް ނެތުމުގެ ސަބަބުން ދޫކޮށްލެވުނީ އެވެ. މިއަދު އޭނަ ގަނަތެޅެން ޖެހިފައިވާ ވަރާއި މެދު އަމިއްލަ ނަފުސަށް ވެސް ސަހަރޯވެރިވާ ވަރުވިއެވެ. ސީމާ ކިތަންމެ ވަރަކަށް ހިތްދަތިވި ނަމަވެސް އަމީން ދެކެ ގަންނަ ބިރަކުން އޭނަ ބުނާ ގޮތަށް ހަދަން މަޖުބޫރުވިއެވެ. އަމީން އަންގަނީ ދަރިން ކައިރިން ނަމަވެސް ލާރި ހޯދާފައި އޭނައަށް ފޮނުވައި ދިނުމަށެވެ. ސީމާ އެހީއަށް އެދުނީ ދާވިޝްގެ ކައިރީގައެވެ. މަންމައަށް ކާޑު ދިނުމަށް އެދުމުން ދާވިޝް އޭނަގެ މަންމައަށް ޓަކައި އެއްވެސް ޖެހިލުމަކާއި ނުލައި އެކަން ކޮށްދިނެވެ. 

ސީމާ އެކަމާއި ގަތީ ބިރެވެ. އަމީން މިގޮތަށް އޭނަ ބްލެކްމެއިލް ކުރަމުން ގޮސް ދަރިން ބަނގުރޫޓު ކޮށްފާނެ އެވެ. އެހެންވެ ސީމާ ކޮންމެވެސް ވަރަކަށް ވިސްނާލާފައި އަމީން ގާތުގައި ބުނީ ދާވިޝް ކާޑު ނުދީ ފައިސާ ކޮޅެއް ދިންކަމުގައެވެ. ދެތިން ލައްކަ ޑޮލަރަކީ ދާވިޝްމެންނަށް މާ ބޮޑު އެއްޗަކަށް ނުވާނެއެވެ. ނަމަވެސް އާއިޒު ދާވިޝްގެ ގާތުގައި އޭނަގެ މަންމަ އާއި އަލީނާގެ ބޭބެމެންނާއި މެދު ހަދާ ޑީލް ކިޔާދީފައި އެއްވެސް ވަރަކަށް މަންމައަށް ލާރި ނުދޭން އެންގުމުން ދާވިޝް އެކަން ހުއްޓާލައިފި އެވެ. މަންމަގެ އަމިއްލަ ބޭނުމެއްވެއްޖެއްޔާ އޭނަ މިހިރީ ފެންފަދައިން ފައިސާ އޮއްސަން ތައްޔާރަށެވެ. ނަމަވެސް ބްލެކްމެއިލް ކުރާ މީހުންނަށް އެންމެ ލާރި ފޮތްޗެއްވެސް އޭނަގެ އަތަކުން ނުލިބޭނެ އެވެ.

ޖެހެމުންދިޔަ ވައިރޯޅި ތަކާއި އެކީގައި މެގްނޯލިއާ ގަހުން ފައިބަމުން ދިޔަ މާތައް ޖެމާގެ މޫނުގައި ވެސް ކޭއްތިލާފައި ތިރިއަށް ގޮސް ފެހި ވިނަގަނޑު މަތީގައި މަޑުކޮށްލާ މަންޒަރުވެސް އިންތިހާއަށް ރީއްޗެވެ. ޖެމާ ގަހުގެ ހިޔަލުގައިވާ އުނދޯއްޔެއްގައި އޮތްއިރު އޭނަ ހީވަނީ ގުދުރަތީ ރީތިކަމުގެ ބަޔެއްހެނެވެ. ލެގިންގްސް އާއި އެކު ނޫ ޖިންސް ސޯޓުކޮޅަކާއި، ސްޓްރައިޕް ޓޮޕްކޮޅަކާއި އެކު ޖެކެޓެއް ލައިގެން ހުރުމުން ފިނީގެ އުދަގުލެއް އެއްވެސް ވަރަކަށް ނުވެއެވެ. ޖެމާ އެއޮއްގޮތަށް ކަންނެތްވެލާފައި އޮވެ ޗޮކް އިކްލިއަރ ކޭކުން އެތިކޮޅެއް އިނގިލިން ކާންފެށިއެވެ.

"މަ ވެސް ސްޓާވިން......" ދާވިޝް އުނދޯލީގެ ވަލުގައި ދެއަތުން ހިފަހައްޓައިލި އިރަށް ދެޒުވާނުންގެ ހަތަރުކަޅި ހަމަވިއެވެ. ދާވިޝްގެ ރީތި ދެލޮލުގެ ބާރުގައި ޖެމާއަށް ޖެހިފައި ދުރު ބަލައިލަން ނޭގިފައި އޮވެވުނެވެ. ނޫ ޖިންސަކާއި އެކު ހުދުކުލައިގެ ޓީޝާޓެއްގައި ދާވިޝް އިނުމުން ހާދަ ރީއްޗޭ ހިތަށް އެރިއެވެ.

"ސްޓާވް ވުމުގެ އެއްވެސް ބޭނުމެއްނެތޭ ހެންޑްސަމް، ޔޫ ކެން ހެވް އޭޒް މަޗް ޔޫ ވޯންޓް........." ޖެމާ ހީލާފައި އިނގިލިން އެތިކޮޅެއް އަނގައިގައި ލެއްވީ ލާނެތް ހުނުމަކާއި އެކުގައެވެ. ބައެއްފަހަރު ހިމޭންކަމުގެ ބަހުރުވައިންވެސް ލޯބިވެރިން ވާހަކަދައްކައެވެ. ދާވިޝް ޖެމާގެ ފައިނަގައި އުނގުގައި ބާއްވައިގެން އިށީދެ ފަޔާއިކުޅެން ފެށުމުން ޖެމާ އޮތީ ނޭވާވެސް ލާން ހަދާންނެތިފައެވެ. ދާވިޝްގެ އަނގައިގައި ލައްވާފައި މިގޮތަށް ކާން ދެވުމުން މިއަދު ޖެމާއަށް ދާވިޝް އާއި ހައްތަހާ ބޮޑަށް ގާތްވިހެން ހީވިއެވެ. އަދި ދާވިޝްގެ ކުދި ސަމާސާ ތަކުން ގައިގެ ނާރުތައް މުޅިންހެން ހަލަބޮލި ކުރުވައިފި އެވެ. އެ ފުޅާމޭމަތީގައި މަޑުމަޑުން އަތް ޖައްސައި ލެވުނީ ހިތް ބޭނުންވިލެއް ބޮޑުކަމުންނެވެ. ޖެމާ ދާވިޝްގެ ދެކޮނޑުގައި އަތް ޖައްސާލަމުން އެއަތުތެރޭގައި ހަމަޖެހިލި ގޮތަށް އައި ލަވް ޔޫ އޭ ބުނެލެވުނެވެ.

"ވަޓް..." ދާވިޝް ދެލޯ ބޮޑުކޮށްލިއެވެ.

"ކީއްވެ ގަބޫލު ނުކުރެވުނީ؟ ރިއަލީ އައި ލަވް ޔޫ، އައި ލަވް ޔޫ ސޯ މަޗް......" ޖެމާގެ ކޯތާފަތަށް ރަތްކުލަ ފާއްދާލީ ދާވިޝް ޖޯކެއް ޖަހާލަފާނެ ކަމަށެވެ.

"ތިނުވާނެ ލޯތްބަކަށް. ތިހެން ވާ އެޓްރެކްޝަނަށް ކިޔާނީ ލަސްޓް، އަސްލު ވަރަށް ގިނަ ގާލްސް އިން ބުނާނެ އެންމެ ފަހަރަކަށް ވެސް ބޭނުމޭ، ޔޫ އާ ޓޫ ގުޑް އިން ބެޑްއޭ، ޖެމްވެސް އެހެންވެތަ؟ ޖެމްއަށް ވިއްޔަ އެންމެ ރަނގަޅަށް އެނގޭނީ......" ދާވިޝް އެއް ލޯ މަރައިލައިފައި އެހެން ބުނުމުން ޖެމާގެ ހިތުގައި ޖެހުނެވެ. ދާވިޝް އެހެން އަންހެންކުދިންނާއި އޭނަ އާއި އެއްވަރު ކުރީއެވެ. އެހެންނޫނަސް ދާވިޝް އެހެން އަންހެންކުދިންނާއި ވެސް އެގުޅުން ބާއްވަނީ ހެއްޔެވެ؟ އެއީ އެހާވެސް އާދައިގެ ކަމެއް ހެއްޔެވެ؟ ޖެމާގެ ހިތަށް ތަދުވެ ވަގުތުން ލޮލަށް ކަރުނަ ޖަމާވިއެވެ. އެ ދިގު އެސްފިޔަތައް ތެމި، ދެރަވީވަރު ފެނުމުން ދާވިޝްގެ ހިތަށްވެސް އުދަގޫވިއެވެ. އޭނަ އެހެން އަންހެންކުއްޖަކާއި އެކު ދުވަހަކު އެފަދަ ގުޅުމެއް ބާއްވާފައި ނުވާނެ ކަމުގެ ޔަގީން ކަން ދޭން އެވަގުތު ދާވިޝް ބޭނުންވިއެވެ. ޖެމާ ދާވިޝްގެ އަތުތެރެއިން ނިކުމެގެން ދުވަމުން ގޮސް ގެއަށް ވަދެ ނިވާވިއެވެ.

"އައި ޝުޑުންޓް ޕްލޭ ވިތް ހާ ހާޓް...." ދާވިޝް ބޯދަށަށް އަތްލައްވައި ގެން އޮވެ އުނދޯލީގައި ހަމަޖެހިލައިފިއެވެ. މެގްނޯލިޔާ ގަހުގެ ފަތްތައް ވައިގެތެރޭގައި ނަށާލާފައި ނާނާ އަޅުވަމުން ދާއިރު ދާވިޝްގެ ހަމުގައި ލޯބިން އަންހެންކުއްޖަކު ފިރުމައިލަދޭހެން ހީވިއެވެ. އެ ރީތި ފަން އިސްތަށިގަނޑާއި ވެސް ސަމާސާ ކޮށްލާހެން ހީވިއެވެ. ދާވިޝްގެ އެސްފިޔަތައް ބަރުވިއެވެ. އެހާ ކުޑަހިދުކޮޅެއްގެ ތެރޭގައިވެސް ވަރަށް ހަގީގަތާއި އެއްގޮތަށް ހުވަފެނެއް ފެނުނެވެ. "ބޭބީ ވޭކްއަޕް" އޭ ބުނެލާފައި ޖެމާ އޭނަގެ މޫނުގައި ބޮސްދިނީއެވެ. ޖެމާގެ ތުންފަތުގެ މަޑުކަން ވެސް ރީއްޗަށް އިހުސާސްވިއެވެ.

ނިއުޔޯކްސިޓީއަށް ބަހާރު މޫސުމް އައުމުން ބައެއް ތަންތަން ހީވަނީ ދުނިޔެ މަތީގެ ސުވަރުގެ ހެންނެވެ. މެގްނޯލިއާ ފަދަ ގަސްތައް މީރުވަސްދުވާ މާތަކުން ބަރާވެފައި ވާއިރު އެހެން އެތައް މާތަކެއްވެސް ފަރިވެ ފޮޅެމުން ދާއިރު ބަލައިބަލައި ފޫހި ނުވާނެ އެވެ. އަލީނާގެ ގޭގައި ގަސްތައް އިންދާމީހާ ގަސް އިންދާފައި ވަނީ އަލީނާގެ އިރުޝާދުގެ ދަށުންނެވެ. އެގަސްތަކުގެ ތެރޭގައި އަދިވެސް އަލީނާ އަމިއްލައަށް ފެންދީ ޚާއްސަކަމެއް ބަހައްޓަނީ ނިކީގެ އޮރެންޖް ގަހެވެ. އެ ގަސް ފެނުމުން މާޒީގެ ހަނދާންތައް އޭނަގެ ރީތި ދެލޯ ތެންމާލައެވެ. އޭނައަކީ އެ ދަރިފުޅުގެ މަންމަ ކަމަކަށް ނުވިޔަސް ހިތުގައި ފަނޑުވެގެން ނުދާނެފަދަ ގޮތަކަށް އެ ސޫރަ ހަރުވެފައިވެއެވެ. އަދި ގޭގެ ފަހަތު ފެންޑާގެ ބައެއް ވަނީ ފިނިފެންމަލަށް ޚާއްސަކޮށްލާފައެވެ. އެއީ ޒެވިޔަންއަށް ޓަކައެވެ.

އަލީނާއަށް ވަގުތު ނުވިޔަސް ދޭތެރެއަކުން ގޭގެ ކަންތައް ހިންގަނީ ވަރަށް ރަނގަޅަށް ޒިންމާދާރު ވެގެން ހުރެއެވެ. ކުދިންގެ ކަންތައްވެސް ދާދި ގާތުން ބަލައެވެ. އާއިލާގެ އެހެން މީހުން ފަދައިން ކޮންމެ ދުވަހަކު އަލީނާ ޒެވިޔަންގެ ގާތުގައި އެތައް ވަގުތެއް ހޭދަކުރެއެވެ. ޒެވިޔަން އާއި ވާހަކަދައްކައި، މީރުވަސް ދުވާނެ ސެންޓު ބޭނުން ކުރެއެވެ. ދޭތެރެއަކުން ލަވައެއްވެސް ކިޔާލަދެއެވެ. ހުރިހާ ހިއްސުތައް މަސައްކަތް ކުރަން ފަށާނީ އެގޮތަށް ކަމަށް ބައެއް ވާހަކަތަކުގައި ހުންނާތީ އަލީނާ ހުރިހާކަމެއްވެސް ކުރަން ބޭނުންވީއެވެ.

އަލީނާ ޒެވިޔަންގެ އަތުގައި ހިފާލައިގެން އިނދެ ލޯބީގެ ލަވައެއްގެ ތަންކޮޅެއް ކިޔާލި ތަނުން އަލީނާއަށް ޒެވިޔަން އެ އަތަށް ފިތައިލިކަމުގެ އިހުސާސް ކުރެވުނެވެ. އަލީނާއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން އެ އަތް ތުންފަތުގައި ޖައްސައިލެވުނު އިރަށް ލޮލަށް ކަރުނަ އަތުވެއްޖެއެވެ. އެވަގުތު ޒެވިޔަން ލޯވެސް ހުޅުވާލައިފި އެވެ. އެ ފެހިދެލޮލުން ސީދާ އަލީނާ އާއި ހަތަރު ކަޅި ހަމަނުކުރިޔަސް އެ ލޯ ހުޅުވާލުން ވެގެން ދިޔައީ އަލީނާގެ ހިތަށް ލިބުނު އެންމެ ބޮޑު އެއް އުފަލަށެވެ. ނަމަވެސް އިރުކޮޅަކުން ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއްވެސް ޖަހާލައިފިއެވެ. އަނެއްކާ ޒެވިޔަންގެ ލޯ އަނދިރީ ހެއްޔެވެ؟ ހަތަރުކަޅި ހަމަކުރަން ނޭގުނީ ކީއްވެބާވައެވެ.

"އަލްހަމްދުލިﷲ، އުފަލުން މީހަކު މަރުވެދާނެއޭ ބުނަނީ މިހެންވީމަ، އުފަލުން ހިތް ނުހުއްޓުނީ ހަމަ ކިރިޔާ......" ޒެވިޔަން ހޭލެވުނު އިރު އެންމެ ގާތުގައި ވުމުގެ ޝަރަފު ލިބުނީ އަލީނާ އަށެވެ. ޒެވިޔަން ލޯ ހުޅުވާލައިގެން އޮތީ އިރުކޮޅަކަށެވެ. މާބޮޑަށް ވަރުބަލިވީ ކަންނޭގެ އެވެ. އެއްޗެކޭ ބުނަން އެ ރީތި ތުންފަތް ހަރަކާތްކޮށްލާފައި ވެސް އަނެއްކާ ދެލޯ މަރާލައިފި އެވެ. އަލީނާ އެ ރީތި ދެލޮލުގައި ބޮސްދިނެވެ. އަލީނާގެ ލޮލުން ފޭބި އުފަލުގެ ކަރުނަތައް ޒެވިޔަންގެ އެސްފިޔަތައްވެސް ތެންމާލައިފިއެވެ. އެ ލޮލުގެތެރެއަށް ފޫދިގެން ދިޔަ ކަރުނަ ތިކިތަކުގެ ސަބަބުން ޒެވިޔަން ދެވަނަ ފަހަރަށްވެސް ލޯ ހުޅުވަން މަސައްކަތް ކުރިއެވެ.

"ޕްލީޒް ޑޯން ގޯ ބެކް ޓު ސްލީޕް، ކިހިނެއް ކެތްކުރާނީ... ހާދަ ދުވަހެއްވެއްޖެ ޒާވް، ދެން އެވަރަށް ނުނިދަބަލަ....." އަލީނާ ޒެވިޔަންގެ މޫނުގައި ފިރުމިއެވެ. ޒެވިޔަން އެތައް މެޝިންތަކެއްގައި ގުޅާފައި ވަނިކޮށް މިފަހަރު ޒެވިޔަން އުޅުނީ އެއިން ހޮޅިއެއް ދަމައިގަންނާށެވެ. އަތުގެ އެ ހަރަކާތްތަކުން އެހެންމީހުންނަށް ލިބުނީ ހިތްހަމަޖެހުމެކެވެ. ޒެވިޔަން ކޯމާއިން ހޭލަފާނެ ކަމުގެ ނިޝާންތަކެވެ.

ރިޔާއަށް ޒެވިޔަން ކޯމާއިން ހޭލި ޚަބަރު އިވުމުން ލިބުނު އުފަލެއްގެ ބޮޑުކަމުން މޮޔަވާވަރުވިއެވެ. އުފަލުން އުޅެވުނު ނޫޅެވުނު ގޮތެއްވެސް ނޭގެއެވެ. އެ ޚަބަރު ދިނީ ދާވިޝް ކަމަށް ވާތީ ދާވިޝްގެ ގައިގައި ހިފައިގަނެވުނު ގޮތަށް ނަށާލެވުނެވެ. ލޯ ބަރާވީ އުފަލުގެ ކަރުނުންނެވެ. އޭނަ ހެއްދެވި ފަރާތަށް ޝުކުރުވެރިވީ އަދަދެއްވެސް ނޭގެއެވެ. މާޔޫސްވެ، އުއްމީދު ކެނޑުނު ވަގުތުތަކަކަށްފަހު އޭނަ ހުރީ އުއްމީދުގެ އެންމެ ފަހު ދޯދިފަށުގައި ހިފަހައްޓައި ގެންނެވެ. އެ ދޯދިފަށް ކެނޑިއްޖެއްޔާ އޭނަ ގެ ދިރިއުޅުން އަނދިރިކަމުގެ ތެރެއަށް ވެއްޓިގެން ދާނީ ދުވަހަކު އަރައި ނުގަނެވޭނެ ފަދަ ގޮތަކަށްކަން އޭނައަށް އެނގުނެވެ. އެހާވަރުން އޭނަ ދުޢާ ކުރީ އެހެންވެގެންނެވެ. މިއަދު އެކަމަކުގެ އުފަލުގައި އޭނަ ގެ މުޅި އުމުރު ސަޖިދައިގައި އޮތަސް ޝުކުރު ނުކުރެވޭނެއެވެ. އެހާވެސް މަތިވެރި އުފަލެކެވެ. ރިޔާ ކޮޓަރިއަށް ވަންގޮތަށް ފެންވަރާލައިގެން ރަތްކުލައިގެ ހެދުމަކާއި، ޖިންސެއްލައިގެން ކުޑަކޮށް މޭކަޕްކޮށްލައިފި އެވެ. ރިޔާ އޭނައަށް ޒެވިޔަން ހަދިޔާ ކުރި ރީތި އަގޮނޓީގައި ބޮސްދިނެވެ.

"ޒާވް، އަބަދުގެ އަބަދަށްޓަކައި އަހަރެމެން އެކީގައިވާނެކަން މިވެސް ހެކިދޭ...." ރިޔާ އެއްގޮތަކަށް ވެސް އަލީނާގެ މަތިން ހަދާނެއް ނުވިއެވެ. އެހެންނޫނަސް ހަތަރު އަނބިން ތިއްބަސް އޭނަ ގެ ޒެވިޔަން އޭނައަށް ވަފާތެރި ވާނެއެވެ. އޭނަގެ ފަރާތުން އެއްވެސް ހިތްހަމަޖެހުމެއް، އުފަލެއް ނުލިބި އަނިޔާ ލިބުނު އިރުވެސް ޒެވިޔަން އޭނަ އާއި ވަކިވުމުގެ ޚިޔާލެއް ނުކުރިއެވެ. މިއަދު ޒެވިޔަން އޭނަ ބާކީކޮށްލާނެ ހެއްޔެވެ؟ ނޫނެކެވެ. ޒެވިޔަން އަކީ އެއަށްވުރެ މާތް ހިތެއްލިބިފައިވާ ޒުވާނެކެވެ.

ރިޔާ ދެކެ އެއާއިލާ ގެ އެންމެން ވެސް ތިބެނީ ކޮންމެ ވެސް ވަރަކަށް ހިތްހަމަނުޖެހިފައި ކަން އިހުސާސް ކުރެވޭތީ ރިޔާ އުޅުނީ އެންމެނާއި ދުރުންނެވެ. ޚާއްސަކޮށް ޒީބާ އެއްގޮތަކަށް ވެސް ރިޔާ އާއި އަނގައިން ނުބުނާތާ ކޮންދުވަހެއް ހެއްޔެވެ؟ މައިމޫން އަކީ ބޮޑުބޭބެ ނަމަވެސް ރިޔާއަށް ވިސްނުނީ ޒެވިޔަންގެ މައްސަލައިގައި އޭނަ ވެސް ރިޔާ އާއި ނުރުހުފައި ވާކަމެވެ. އާއިޒު ބައެއްފަހަރު ވާޖިބު އަދާކުރުމުގެ ގޮތުން ވާހަކަދެއްކިޔަސް ރިޔާ ހުންނަނީ ލަދުންނެވެ. އަމިއްލަ ކުށް ގަބޫލުކުރެވޭ ވަރުން އެއިން މީހަކަށް ފެނިނުލައި އުޅެން އޭނަ މަސައްކަތް ކުރިއެވެ. އެއްގެއެއްގައި އުޅުނަސް އޭނަ ހުރީ އެކަހެރި ވެގެންނެވެ. އަދި އަލީނާ އެއްޗެހި ކިޔާލީމަ ޒެވިޔަން ދެކެން ނުގޮސްހުރެފައި މިއަދު ދިޔުމުން އެންމެން އެކަން ފާހަގަ ކުރާނެ އެވެ. އެކަމަކު ރިޔާއަށް މައްސަލައެއް ނެތެވެ. އޭނަ ޒެވިޔަންގެ ފަރާތުން މާފަށް އެދެންވެސް ބޭނުމެވެ.

ޒެވިޔަންގެ ކޮޓަރީގައި ތިބި ޑޮކްޓަރުން ވެސް ރިޔާ ފެނުމުން ރިޔާއަށް ވަގުތު ދީފައި ނިކުމެއްޖެއެވެ. ރިޔާ މަޑުމަޑު ފިޔަވަޅުތަކެއްގައި ގޮސް ޒެވިޔަންގެ ގާތުގައި ހުއްޓުނެވެ. މި މެޝިންތައް ނެތްނަމަ ޒެވިޔަން ބަލިމީހެއްހެން ހިޔެއްވެސް ނުވީހެއެވެ. މޫނުމަތި ފެންނަލެއް ކުރިއަށް ވުރެވެސް ރީއްޗެވެ. ކަޅުކުލަގަދަ އެސްފިޔަތަކުގެ ތެރެއިން ފެހި ދެލޯ ފެންނަލެއް ހާދަ ފުރިހަމައެވެ. ޒެވިޔަން ރިޔާގެ މޫނަށް ނުބަލާ އެހެން ދިމާލަކަށް ބަލަން އޮތެވެ. މަޑުމަޑުން ތުންފަތުގައި ދަތް އަޅާލީ ކޮންމެވެސް ވޭނެއް ލިބިގެން އުޅޭފަދަ ގޮތަކަށެވެ.

"ޒެވިޔާ...... އައިމް ސޮރީ..." ރިޔާ ޒެވިޔަންގެ އަތުގައި ހިފާލައިފައި ފިތާލަމުން އެހެން ބުނެލި އިރަށް ރިޔާގެ ލޮލުގައި ކަރުނަ ވިދަން ފެށިއެވެ.

ޒެވިޔަން ޖަވާބެއް ނުދެއެވެ. ރިޔާ އާއި ދިމާލަށް ބަލައިވެސް ނުލިއެވެ.

"ސޭ ސަމްތިން ޕްލީޒް...." ރިޔާ ލަދުގަންނަ ގޮތްވިއެވެ. ޒެވިޔަން ހަގީގަތުގައި ވެސް މާފު ނުދޭނީބާވައެވެ. ރިޔާ އެހެން ބުނެލުމުންވެސް ޖަވާބެއް ނުދީ ޒެވިޔަން ލޯ މަރާލައިފިއެވެ. ރިޔާގެ ހިތަށް ތަދުވިއެވެ. ދެލޯމަރައި ލެވުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ވަގުތުން އެތަނުން ދުވެ ފިލުމަށް ހިތްއެދުނެވެ. ޔަގީނެވެ. އަލީނާ އައުމުން ޒެވިޔަން ކިތަންމެ ވަރަކަށް ވެސް ވާހަކަ ދައްކާނެ އެވެ. އަލީނާ އާއި ރިޔާ އަރައިރުންވިކަންވެސް މިހާރު އެނގިފައި ވާނެއެވެ. ޒެވިޔަން ހުންނާނީ އަލީނާގެ ކޮޅަށް ގޮސް ހުސްވެފައެވެ. އެހެންނުވާންވީ ސަބަބެއް ނުވެސް ނެތެވެ. އޭނަ އަކީ ކުށްވެރިއެކެވެ.

"އެއީ އެކްސިޑެންޓެއް، އައި ނެވަރ މެންޓް ޓު ހާޓް ޔޫ، އަނިޔާއެއް ކުރަން ގަސްތުގައި ކުރިކަމެއް ނޫން، އެވަގުތު ޒެވިޔާ ހުރިތަން ހިތަށްވެސް ނާރުވާ އަހަންނަށް އަތް އަޅާލެވުނީ. ގޯޑް ނޯސް، ޒެވިޔާ އަބަދުވެސް ސްޓްރޯންގް، އަހަރެން ކިތަންމެ ބާރަކަށް ކޮށްޕާލިޔަސް ޒެވިޔާ ހުރިތަނުން ގުޑައެއް ނުލާނެ އެހެންވީމަ އެދުވަހުވެސް ވިސްނާނުލެވުނީ، އައިމް ސޮރީ، ސޯ ސޮރީ..... ޕްލީޒް ގިވް މީ ވަން މޯ ޗާންސް، ދެން ޕްރޫވްކޮށް ދޭނަން ލަވް ވާވަރު، ތިނޫން އެއްވެސް މީހަކުދެކެ ދުވަހަކުވެސް ލޯތްބެއްނުވޭ، ތިއީ އަހަރެންގެ އެންމެ ފުރަތަމަ އަދި ފަހުގެ ލޯބި، ޒެވިޔާއަށް އެންމެ ބޮޑަށް އެކަން އެނގޭނީ ވެސް......." ރިޔާ ރޮއިރޮއިފާ ޒެވިޔަންގެ ގާތުން މާފަށް އެދުނެވެ. ދުވަހަކުވެސް އެފަދަ ގޯސްކަމެއް ނުކުރާނެ ކަމަށާއި އެންމެ ފަހު ވަގުތު "އަންފެއިތްފުލް މީހެކޭ" ބުނެވުނު ކަމަށްޓަކައި އެތައް ހާސްފަހަރު މާފަށް އެދެން ބޭނުން ވާކަމަށް ބުންޏެވެ. އެވަރުންވެސް ޒެވިޔަން ލޯ ހުޅުވައެއް ނުލިއެވެ. ރިޔާ ޒެވިޔަންގެ އަތުގައި ހިފާފައި ތެޅުވިއެވެ. އެންމެފަހުން ނާކާމިޔާބުގެ ހިތި ރަހަ ދެކިގެން ރިޔާ އެތަނުން ނިކުމެގެން ދިޔައީ އެވެ. ރިޔާއަށް ނޭގުނީ އަދިވެސް ޒެވިޔަންއަށް މުޅިން ރަނގަޅު ނުވާކަމެވެ. ދޭތެރެ އަކުން ހޭވެރިކަން ވިޔަސް މަޑުމަޑުން އަނެއްކާ ގަދަޔަށް ނިދޭކަމެވެ. އެހެންނޫންނަމަ ޒެވިޔަން އެހާ ހިތްހަރު ވާނީ ކިހިނެއް ހެއްޔެވެ؟

ރިޔާ އެހެން މީހެއްގެ ކައިރިން އަހައިލާނެ ހިތްވަރެއްވެސް ނެތެވެ. ލިބުނު އުފާކޮޅުވެސް ފެނަށްވެ، މާޔޫސްވިވަރުން ކަމުގެ ދެކޮޅު ނުބަލައި ރިޔާ އަވަހަށް ޓިކެޓް ނަގައިގެން މާލެއަށް ފުރައިގެން ދިޔައިރު އޭނަގެ މަންމައަށްވެސް އަންގައިނުލިއެވެ. ކޮންމެ ގޮތެއްވިޔަސް ރިޔާއަށް މާލެވެސް ވެފައި ވަނީ ޚާއްސަ ތަނަކަށެވެ. އޭނަގެ ދަރިފުޅު ގެ އެންމެ ފަހު ދުވަސްތަކުގެ ހަނދާންތައް ގުޅި، ލާމެހިފައިވާތަނެވެ. ރިޔާއަށްވެސް ހަޔާތުގެ ފަހު ދުވަސްތައް އެ ބިމުގައި ގުނާލެވިދާނެއެވެ. އޭނަ އާއިލާގެ އެންމެނާއިވެސް އޮތްހާ ގުޅުމެއް ކަނޑާލައިފައި ގޮސް އެކަނިމާ އެކަނި މާލޭގައި ދުވަސްތައް ވޭތުކުރަން ފެށި ނަމަވެސް ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ކޮންމެ ދުވަހެއް ފެށެނީ އަދި ނިމެނީ ކަރުނައިންނެވެ. ޒެވިޔަންގެ ހަނދާންތައް އާކޮށްފައި އެހިތް ހަލާކު ވެގެން ދަނީއެވެ. އަދި ޒެވިޔަން އޭނައަށް މާފުނުކުރާނެ ކަމުގެ ހިތްދަތިކަން އޭނަގެ ފުރާނަވެސް ނިމިދާވަރު ކުރުވަނީ އެވެ. ނަމަވެސް ރިޔާއަށް އެހީވާނީ ކާކު ހެއްޔެވެ؟

ޒެވިޔަން ފިޒިއޮތެރަޕީގެ އެހީގައި މަޑުމަޑުން ރަނގަޅު ވަމުން އައިއިރު އޭނައަށް އަލީނާގެ އެހީތެރިކަމާއި ލޯބި ލިބެމުންދިޔައީ އިންތިހާ އަށެވެ. އޭނަ ރިޔާގެ ވާހަކަ އަހައިނުލި ނަމަވެސް ރިޔާ އޭނަ ދެކެން ނާންނާތީ ހިތުގައި ޝަކުވާ އުފެދުނެވެ. ހަގީގަތުގައި ވެސް ރިޔާ އޭނަދެކެ ފޫހިވެގެން ދުރަށް ދިޔައީ ހެއްޔެވެ؟ އެހާ ބޮޑު އަނިޔާއެއް ދީފައި މާފަށް އެދެންވެސް ރިޔާ ބޭނުން ނުވާހާ ބޮޑަށް ރުޅިއައީ ހެއްޔެވެ؟ އެހެންވެސް ވެދާނެއެވެ. އޭނަވެސް ރިޔާ ގާތުގައި ހަގީގަތް ނުބުނެ ހުރިކަން އެއީ ކުރެވުނު ކުށެކެވެ. ބައެއްފަހަރު މަސްލަހަތަށް ބަލަން ހަދައިގެން ވެސް ނޭގޭފަދަ ފުން ވަޅުގަނޑަކަށް ވެއްޓިގެން ހިނގައި ދާނެއެވެ. ކުރާނެ ކަމެއް ނެތެވެ. އެކަމަކު އަދި ރިޔާ އަންނާނެ އެވެ. ރިޔާ ރުޅިގަދަވާ ވަގުތު ކިތަންމެ ބޮޑު ގެއްލުމެއް ދިނަސް އެކުއްޖާގެ އަމިއްލަ ގޮތުގައި އޭނަދެކެ ލޯބިވާކަންވެސް ޒެވިޔަންއަށް އެނގެއެވެ. އެއީވެސް ތަފާތު ލޯތްބެކެވެ.

ޒެވިޔަން ތެދުވެއުޅެވޭވަރު ވުމާއިއެކު ގެއަށް ދާން ބޭނުންވިއެވެ. ކުރިއެކޭ އެއްގޮތަށް ހަށިގަނޑުގެ ބާރު ނުޖެހުނަސް ވީވަރާއި ބަލާއިރު ހިނގުމާއި، ވާހަކަދެއްކުންވެސް ވަރަށް ބޮޑުތަން ރަނގަޅު ވެއްޖެއެވެ. ގަވާއިދުން ފިޒިއޯ ހެދޭކަމަށްވަންޏާ ކުރީގެ ބާރު އަންނަން ދުވަސްކޮޅެއް ވެސް ނުނަގާނެއެވެ. ޒެވިޔަން ހޮސްޕިޓަލުގެ ގައުން ދޫކޮށްލާފައި ޖިންސާއި، ފޮރެސްޓް ފެހިކުލައިގެ ޓީޝާޓެއް ލައިގެން ހުރިއިރު ވަކިން ރީތިކަމަށް ދައްކައެވެ. ކަޅުކުލަގަދަ ބުމަ އާއިއެކު އެ ލޮލުގެ ކުލަ ފެންނަލެއް ރީތިކަމުން އެސްފީނާ ޖެހިދާނެތީވެސް އަލީނާ ބިރުގަތެވެ. ޒެވިޔަން ފުރިހަމަ އިސްކޮޅަށް ތެދުވުމުން އަލީނާއަށް ބަލަހައްޓައިގެން ހުރެވުނީ ފަޚުރުވެރި ކަމާއި އެކުގައެވެ. އެހާ އިސްކޮޅުން ދިގުވެފައި، ބާމަތިފުޅާވުމުން ހާދަ ޝަޚުސިއްޔަތު ވަރުގަދައެވެ. ކޮންމެ އަންހެންކުއްޖެއް ވެސް އެދޭނެ ހުރިހާ ސިފަތަކެއް ޒެވިޔަންގެ ވެއެވެ.

"އަވަހަށް ހިގާ ގެއަށް ދާން، ބޭބީމެން މިސްވާވަރުންވެސް ކެތެއްނުކުރެވޭ، އެހެން ނޫނަސް އަހަރެންގެ ކުޑަ ކުޑަ އެލީގަނޑަށް ގޯނާއެއްކޮށްލާ ހިތުންވެސް ހުރެވެނީއެއް ނޫން، ކޮން ދުވަހެއް ދޯ......." ޒެވިޔަން ލާނެތް ހިނިތުންވުމަކާއި އެކު އެ ހުދު ހުދު ދަތްތައް ދައްކާލަމުން އަލީނާގެ ނިތްކުރީގައި ބޮސްދިނެވެ.

"ޒާވް އަދި އެހާ ސްޓްރޯންގެއް ނުވާނެ......." އަލީނާގެ މޫނު ރަތްވެގެން ދިޔުމުން އެކަން ފޮރުވަން ހީގެންފިއެވެ.

"އެކަން އެނގޭނެ ވަރަށް އަވަހަށް، އެލީއަށް ވުރެ އަހަރެން ވީކް ވާނެހެން ހިޔެއްނުވޭ، އެގޮތް ބަލައިލަންތަ؟" ޒެވިޔަން އަލީނާ ގެ މެދުހަށީގައި ހިފިގޮތަށް އުފުލައިލުމުން އަލީނާއަށް ޒެވިޔަންގެ ކަނދުރާގައި އަތް އަޅުވައިލެވުނެވެ. އޭރު ދެމޫނު ވަނީ ނުރައްކާތެރި ދަރަޖައަކަށް ކައިރީގައެވެ. އެވަގުތަކީ މައިމޫންގެ ދެމަފިރިންވެސް އެތަނަށް ވަން ވަގުތެވެ. އަލީނާ ގަތްލަދުން މޫނު ބީޓްރޫޓެއްހެންވެ އަވަސް އަވަހަށް ޒެވިޔަންގެ އަތުތެރެއިން ދުރަށް ޖެހުނެވެ. ޒީބާއަށް އެ މަންޒަރުން ހިތަށް ފިނިކަމެއް ލިބުނެވެ. އޭނަ މިހާރު ދެކޭ ހިތްވަނީ ޒެވިޔަން އާއި އަލީނާ ދެކުދިންނާއި އެކީގައި ވަކި ގެއެއްގައި އުފާވެރި ދިރިއުޅުމެއް އުޅޭތަނެވެ. ދެން ރިޔާއަށް އެ ހަޔާތުން ޖާގައެއް ލިބެން ޖެހޭނެ ކަމަކަށް ޒީބާ ގަބޫލެއް ނުކުރެއެވެ. ރިޔާގެ ހިޔަނި އެޅިއްޖެއްޔާ ޒެވިޔަން އަކަށް ހަގީގީ އުފަލެއް ނުލިބޭނެ އެވެ.

އެކި ވާހަކަތަކެއް ދެކެވުނު އިރު ރިޔާ ޒެވިޔަން ދެކެން ދުވަހަކުވެސް ނާންނަ ވާހަކަވެސް ދެކެވުނެވެ. މިހާރު އެކަކަށްވެސް އަންގާނުލައި އޭނަގެ މަންމަގެ ގާތަށް ހިނގައްޖެކަމަށް ބުނުމުން ޒެވިޔަންގެ ހިތަށް ލިބުނީ އަނިޔާ އެކެވެ. އަމީންގެ ނުބައިކަން އެނގިހުރެ އޭނަ ރިޔާއަށް ސީމާ އާއި އެކީގައި ނުދާން އަމުރުކުރީމަވެސް ހެދިގޮތް އެހެރީއެވެ. އެއްގޮތަކަށްވެސް ރިޔާ އޭނަ ބުނާގޮތަށް ނެހެދިއެވެ. އެހާ ހާލުގައި އޮތްއިރު ދެކެލަންވެސް ނައީއެވެ. ކިތަންމެ ވަރަކަށް ހިތުގައި ޝަކުވާ އޮތަސް ޒެވިޔަން އެކަން ހާމައެއް ނުކުރެއެވެ. ނަމަވެސް ރިޔާގެ ނަން ކިޔުމުން އޭނަގެ މޫނަށް ބަދަލުތަކެއް އައިކަން ޒީބާއަށް ފާހަގަ ކުރެވުނެވެ. ނަފްރަތު ބާވައެވެ. ނޫނީ އެހެން ޝުއޫރުތަކެއް ހެއްޔެވެ؟ ޒެވިޔަން އަދިވެސް އޭނަ ދެކެ ލޯބިވަނީ ބާވައެވެ. އަލީނާއަށް ރިޔާ ނައީ އޭނަގެ ސަބަބުންކަން ޔަގީންވިނަމަވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އޭނަ ރިޔާ އެތަނުން ފޮނުވައިލީއެވެ. އެކަމަކު އެހާ ފަސޭހައިން ރިޔާ ދިޔައީ ކީއްވެ ހެއްޔެވެ؟ އެހާ ފަސޭހައިން ރިޔާއަކީ ބަލި ގަބޫލުކޮށްފާނެ ކުއްޖެއް ހެއްޔެވެ؟ އަލީނާގެ ސިކުނޑީގައި އެތައް ސުވާލު މާކްތަކެއް ޖެހުނެވެ.

އަލީނާގެ ގޭގެ ބެކްޔާޑްގެ މަންޒަރުތައް ނިކަން ހިތްގައިމެވެ. ފެހިކުލަގަދަ ވިނަގަނޑުން ބިންގަނޑު ފޮރުވާލާފައިވާއިރު ޗެރީ ބްލޮސޮމް ގަސްވަނީ މާތަކުން ބަރާވެފައެވެ. ޕޮޓްތަކުގައި މާތައް ފޮޅިފައިވާއިރު ނިކަން ރީއްޗެވެ. ޗެރީގަސްދަށުގައިވާ ބެންޗެއްގައި ޒެވިޔަން އާއި އަލީނާ ތިބިއިރު އެޒުވާނުންނަށް ފެންނަ ހިސާބުގައިވާ ކުޑަ ޕްރޭމަކަށް މިލަން އާއި ޒެއިން ލާފައި ތިއްބެވެ. ދެކުދިންވެސް މިވަގުތު ތިބީ ގަދަ ނިދީގައެވެ. އެކުދިންވެސް މަންމަ އާއި ބައްޕައަށް ފުރުސަތުދީފައި ރީތި ހުވަފެންތަކެއް ދެކެނީކަން ނޭގެއެވެ. ޒެވިޔަން އަލީނާގެ އުނގުގައި ބޯއަޅާލައިގެން އޮތްއިރު އެހިމަ އިނގިލިތަކުން ޒެވިޔަންގެ އިސްތަށިގަނޑާއި ކުޅުނެވެ.

"ޒާވް، އައި މޭޑް އެ މިސްޓޭކް......." އަލީނާ ގެ ހިތް އޭރު އޮބި ނޯންނަ ވަރަށް ތެޅެން ފެށިއެވެ. އެ ވާހަކަ ބުނުމުން ޒެވިޔަން ކަންތައް ކުރާނެ ގޮތެއް އެނގެނީއެއްވެސް ނޫނެވެ. އޭނަ އާއި ދޭތެރޭގައި ޒެވިޔަން ދެކޭގޮތް ބަދަލުވެދާނެ ބާވައެވެ. ކޮންމެ ގޮތެއްވިޔަސް ހަގީގަތް މައިމޫން އަދި ޒީބާ އާއި އާއިލާގެ އެންމެނަށް އެނގެން ޖެހޭނެއެވެ. އޭނަ އެއްވެސް ކަމެއް ފޮރުވާކަށް ބޭނުމެއްނޫނެވެ. ދޮގެއްގެ މައްޗަށް ބިނާކޮށް ލޯބި ހޯދުމަކީ އިންސާފެއް ނޫނެވެ. އަލީނާގެ ވިދުންގަދަ ދެލޮލުގައި ކަރުނަތިކިތައް އުފެދެންފެށީ މުތީތަކެއް ހެންނެވެ. ޒެވިޔަން އަލީނާގެ މޫނަށް ބަލައިލުމާއިއެކު އޭނަގެ ހިތް ހުއްޓުނުހެން ހީވިއެވެ. އަލީނާ ރޮނީ ކީއްވެ ހެއްޔެވެ؟ އަލީނާ ކުރީ ކޮން ކުށެއް ހެއްޔެވެ؟

"އޭއި ކުޑަ އެންޖެލް، ކިހިނެއްވީތަ ލޯބި، ނުރޮއިބަލަ، ކޮންމެ ފަދަ ކުށެއްކުރިޔަސް މާފުކޮށްފިން، އެލީ ބޭނުންނެތިއްޔާ ބުނާނެ ކަމެއްވެސް ނެތް، އަހަރެންގެ އެންޖެލް ކުރާ ކޮންމެ ކުށެއްގެ ފަހަތުގައި ރީޒަންއެއްވެސް އޮންނާނެކަމަށް އަހަރެން ގަބޫލުކުރަނީ......." ޒެވިޔަން އަލީނާގެ ކޯތާފަތުގައި އިނގިލިތައް ޖައްސައިލީ ނިކަން ލޯބިންނެވެ. ޒެވިޔަންގެ ދެލޮލުން އަލީނާއަށް ފެނުނީ ނިމުމެއްނެތް ލޯތްބެވެ. އަލީނާގެ ހިތް ބަންޑުންވެގެން ދިޔައެވެ. އިންސާނާގެ ހިތް އަމިއްލަ އެދުމުން ފޯވާނީ އެފަދަ ވަގުތު ތަކުގައެވެ. އަލީނާވެސް އެ ކުށް ފޮރުވަން އެހާ ބޭނުންވި ވަގުތެއް ނާދެއެވެ. އަލީނާ ކަރުނަތައް ދިރުވަން މަސައްކަތް ކުރަމުން މާ ދުރަށް ބަލަން ފެށިއެވެ. ޒެވިޔަން ތެދުވެ ބެންޗުގައި އިށީދެލަމުން އަލީނާގެ މޫނުގައި ހިފާފައި އޭނަ އާއި ދިމާލަށް އަނބުރާލައިފިއެވެ.

"ބޭބީ، ލުކް އެޓް މީ...." ޒެވިޔަންގެ އަޑުގައިވި އާދޭހުގެ ގޮތަކުން އަލީނާއަށް އަސަރު ކުރިއެވެ.

ކޮމެންޓް 0