ކޮޓަރިއަށް ވަދެގެން އައީ ރީތި އަންހެނެކެވެ. ފަނޑު އަލީގެ ތެރެއިންވެސް އޭނަގެ ދެލޮލުގެ ތޫނުކަން އަލީނާގެ ހިތް ތޮރުފާލައިފިއެވެ. އަލީނާގެ މޭގަނޑު ނެގިނެގިފައި ޖެހެންފެށިއެވެ. މިއީ ކާކުބާވައެވެ. ޒީބާ އަމިއްލައަށް އޭނަ އަކީ ނިކީގެ މާމަކަމުގައި ބުނެ ތަޢާރަފުވުމަށްފަހު އެންގީ އެކޮޓަރިން ނިކުމެގެން ގޭގައި ގެންގުޅޭ މީހުން ތިބޭ ބަޔަށް އަލީނާ ބަދަލުވުމަށެވެ. އަލީނާ ދަބަހަށް އޭނަގެ ސާމާނުތައް ލުމަށްފަހު ޒީބާގެ ފަހަތުން ނިކުމެގެން އައިއިރު ހިތަށް ކިތަންމެ ވަރަކަށްވެސް ތަދުވެ އަސަރު ކޮށްފައި ވެއެވެ. 

ސްޓާފުން އުޅެނީ ގޭގެ އެއްފަރާތުގައި ހަދާފައިވާ ކޮޓަރި ބަރިއެއްގައެވެ. ނަސީބަކުން ޒީބާ ހުޅުވާލި ކޮޓަރީގައި އުޅެނީ ދިވެހިކުއްޖެއް ކަމަށްވާ ނާހީ އެވެ. އެކޮޓަރިވެސް ފުދޭވަރަކަށް ސާފުތާހިރުވެފައި ފަރުނީޗަރުތައް ވެސް ރީއްޗެވެ. އަލީނާގެ އަމިއްލަ ގެއަށްވުރެވެސް މާ ޢިއްޒަތުގައި، ނޯކަރުން މިގޭގައި ދިރިއުޅެމުންދާކަން މިރޭ އެގިއްޖެއެވެ. އަލީނާއަށް ނިދަން ޖެހުނީ ބަންކްބެޑްގެ މަތީބައިގައެވެ. ތިރީގައި އޮތީ ނާހީ އެވެ. އެކަނި ކޮޓަރިއެއްގައި އޮތުމަށްވުރެ އެހެންކުއްޖަކާއި އެކީގައި ކޮޓަރިއަށް ހިއްސާކުރަން ޖެހުމުން އަލީނާގެ އެކަނިވެރިކަން ފިލައި، ފާޑުފާޑުގެ ވަސްވާސްތަކުން ސަލާމަތް ވިއެވެ. ނަމަވެސް ނާހީ އަނގަތަޅުވާ ވަރުން އުނދަގޫވިއެވެ. އެހެންވުމުގެ ސަބަބުން މެންދަމުން އަނބުރާ ވަގުތުތައް ވޭތުވެގެން ދިޔައިރުވެސް އޭނަ އޮތީ ނުނިދިފައެވެ. އަދި ނިދިޔަސް ނާހީގެ އަޑުފަށްގަނޑު މަޑެއްނުވިއެވެ. ގުގުރި ދަމާލެއް ބާރުކަމުން ކޮޓަރި ތެރޭގެ ހިމޭންކަން މުގުރާލައިފައި ވެއެވެ.

އޭރުވެސް އަލީނާ އޮތީ ދެލޯ ތަންމިނަށް ހުޅުވާލައިގެން ނުނިދިފައެވެ. ތަފާތު ޚިޔާލުތައް އުނދަގޫ ކުރަމުންގޮސް އެންމެ ފަހުން ޒީބާ އާއި މެދުގައި ވިސްނެން ފެށިއެވެ. ގޭގައި ގެންގުޅޭ ކުދިންނާއި ދޭތެރޭގައި އޯގާތެރިވިޔަސް ސާހިބުންގެ އިއްޒަތަށް އުނިކަމެއް ލިބޭނީއެއް ނޫނެވެ. ނަމަވެސް މި ބޮޑާ، މުއްސަދިންނަށް އެވަރު ނުވިސްނެއެވެ. ރީތިކަމާއި މުއްސަދިކަމުން ތިމާއަށް ތިމާ ފެނިފައި ހުރި އަންހެނެކެވެ. ހާދަ ފޮނި، ބޮޑާ މީހެކެވެ. އޭނައަށްވެސް މާތްރަސްކަލާނގެ އެފަދަ މުއްސަނދިކަމެއް ދެއްވާނެ ނަމައެވެ. އޭރުން ނިކަމެތިންނަށް އޭނަގެ ފަރާތުން ފެންނާނީ، ހިތްތިރިކަމާއި އޯގާތެރިކަމެވެ. ޒީބާ އެހާ ނިކަމެތިކޮށް ކަންތައް ކުރުމުން މިވަރަށް ދެރަވާންވީ ސަބަބެއްވެސް އަލީނާ އަކަށް ނުވިސްނުނެވެ. އޭނައަކީ ދަޢުވަތެއް ދީގެން ގެނެސްފައި ހުރި މެހުމާނެއްނޫނެވެ. މިގޭގައި ގެންގުޅޭ ކުއްޖެކެވެ. ނަމަވެސް އަލީނާގެ ހިތަށް އުނދަގޫ ވަނީ ކީއްވެބާވައެވެ. އޭނަގެ ހިތް އެއިން މީހެއްގެ ލޯބީގެ ކުޑަ ކުޑަމިންވަރެއް ނަމަވެސް ލިބުމަށް އެދޭ ސަބަބަކީ ކޮބާބާވައެވެ. ލޯބި އެހާ މުހިއްމު އެއްޗެއްކަމަށް ބެލެވެން ފެށި ސަބަބެއްވެސް އަލީނާ އަކަށް ނޭގުނެވެ.

ނިކީގެ ނެނީއެއްގެ ވަޒީފާ އަކީ އަލީނާ ހީކުރި ވަރަށް ވުރެ މާ ކަމުދާ ވަޒީފާ އަކަށްވިއެވެ. އަބަދުހެން ނިކީގެ ގާތުގައި އުޅުނަސް އަލީނާ ފޫއްސެއްނުވިއެވެ. ނިކީ ގޮވައިގެން ބަގީޗާ ތެރޭގައި ކުޅުމާއި، ސްކޭޓްކުރުންފަދަ މަޖާ ކަންތައްތަކުގައި އުޅެމުން ދިޔައިރު އަލީނާވެސް ނިކީގެ އުމުރުގެ ކުއްޖެއްފަދައެވެ. ވަގުތުތައް ވޭތުވެގެން ދިޔަގޮތެއްވެސް ނޭގުނެވެ. ދޭތެރެއަކުން ރިޔާ ނިކީ ގޮވައިގެން ގެއަށް ވަދެލުމުން އަލީނާ ވަދެލަނީ ބަދިގެއަށެވެ. ބަދިގޭގައިވެސް ކައްކައި އުޅެނީ ތަފާތު ވައްތަރުގެ މީރު ކެއުންތައްކަމަށް ވާތީ އަލީނާ ހުރި ދަސްކުރަން ބޭނުންވެފައެވެ. ފުރަތަމަ ދުވަހުވެސް އޭނައަށް އެޕްލްޕައި ހަދަން ދަސްވިއެވެ. އަލީނާ އަކީ ހިތްހެޔޮ މަޖާ މިޒާޖެއްގެ ކުއްޖަކަށް ވުމާއެކު ބަދިގޭގައިއުޅޭ މީހުންނާއި ތަންކޮޅެއް އެކުވެރިކޮށް ވާހަކަދެއްކިއެވެ. އަލީނާއަށްވެސް އޭނަގެ ފެންވަރު ދުވަހަކުވެސް އޮޅިދާނެ ދުވަހެއް އަންނާނެ ކަމަކަށް އޭނަ ނުދެކެއެވެ. ނިކީގެ ނެނީ އަކަށްވެފައި އޭނައަކީ ހައުސް މެއިޑެއްވެސް މެއެވެ.

އަލީނާ އެޕްލްޕައި ހަދައި ނިމުނު ތަނާހެން ނިކީ އާއި އެކު އެކޮޓަރިއަށް ކުޅެން ދާންޖެހުނެވެ. އެކަމަކު ބައިގަޑިއެއްހާއިރު ފަހުން ބޭނުންވީ ފެންވަރާލުމަށެވެ. އަލީނާ ހުރީ ރިޔާގެ ހުއްދަނެތި ފެންވަރުވަންވީމަ ބިރުންނެވެ. ފުދޭވަރަކަށް ހޫނުގަދަ ދުވަހެއްނަމަވެސް އިރުތިރިވަނީއެވެ. މިގަޑީގައި ފެންވަރުވައިގެން، އަރިދަފުސް އަޅައިފިއްޔާ ފަހަރެއްގައި އަލީނާ ކުށްވެރި ވެދާނެއެވެ. ރިޔާގެ ހުއްދަ ހޯދަން އުޅޭކަން އެގުމުން ނިކީ ތުންފިތާލާފައި ރޯންފެށުމުން އަލީނާގެ ހިތަށް އުނދަގޫ ވިއެވެ. އެއްގޮތަކަށްވެސް އެ ޅަހިތަށް ތަދުކުރާކަށް ނުކެރުނެވެ. އެހެންވެ ނިކީ ގޮވައިގެން ގޮސް ބިލިގާ ފުރެންދެން ފެންއަޅާލަދީފައި ފެންގަނޑު ތެރެއަށް ބާލައިފިއެވެ. ނިކީ ޝަވަޖެލް ފުޅި އަތަށް އަޅައިގެން ސައިބޯނި ބޮކިތަކާއި ކުޅެންފެށީ ވަރަށް ހިތްހަމަޖެހިފައި އިދެއެވެ. ފެންގަނޑު ތެރޭގައި އެ ދިގު އިސްތަށިގަނޑު ވިހުރުވާލައިގެން އިންއިރު ހީވަނީ ކުޑަ ޕަރީއެއް ހެންނެވެ. އަލީނާ އަކަށް ނިކީ އެހާ އުފަލުން އިންދާ އެކަންތައް ހުއްޓުވާލާނެ ހިތްވަރެއް ނުކުރެވުނެވެ. ކިތަންމެ ގިނަ ޝަވަޖެލްފުޅިއެއް ހުސްކޮށްލިޔަސް ނިކީގެ މަންމަމެންނަށް އެއީ މާބޮޑުކަމަކަށް ނުވާނެއެވެ. ވީއިރު އަލީނާ އެކަމާއި ފިކުރުކުރުމުގެ މާނައެއް ނެތެވެ. އަލީނާ ނިކީގެ އަތުގައި ސައިބޯނި ޖަހަން ފެށުމުން ނިކީ ކަންބޮޑުވިއެވެ.

"އެލީ. މިތަންތާ ޓަޗް ނުކުރާތި. ނޫނީ މަންމީ އާއި ޑެޑީ ރުޅިދުރުވާނެ....." ނިކީ އަތްނުލަންވީ ތަންތަން ދެއްކުމުން އަލީނާގެ ހިތުގައި ރިޔާމެންނާއި މެދު ކޮންމެވެސް ވަރަކަށް ގަދަރު އުފެދުނެވެ. އެހާ ޅައިރުވެސް އެއޮތީ އެވާހަކަ ބުނެދީފައެވެ. ތަހުޒީބު މަންމަމެން ދަރިން ނެނީމެންގެ އަތަށް ދޫކޮށްލާއިރުވެސް އޮންނަނީ ހުރިހާ ވާހަކަތަކެއް ބުނެދީފައި ކަމަށް ވާނަމަ އެއީ ދުރުވިސްނޭ ކަމުގެ ހެއްކެކެވެ. ޔަގީނުންވެސް ނިކީގެ ގައިގައި މީހަކު އަތްލައިފިއްޔާ ނިކީ ފޮރުވައިގެނެއް ނުހުންނާނެއެވެ. 

"ލޯބި ކަން ފުށްގަނޑު...." އަލީނާ ނިކީގެ ތުއްތު ވާހަކަތަކުން މަޖާވި ވަރުން އެ ވަށް ކޯތާފަތުގައި ބޮސްދިނީ އެއްވެސް އެއްޗެއް ހިތުގައި އޮވެގެނެއް ނޫނެވެ. މައުސޫމް ހިތަކާއި އެކީގައި އަމިއްލަ ކޮއްކޮ އަކަށްވެސް ދޮނެއް ދޭނެ ފަދައިންނެވެ. އެހެންމީހުން އެކަމާއި ދޭތެރޭގައި ދެކޭނެ ގޮތެއް އަލީނާއަށް ނުވިސްނުނެވެ. އަދި ގެންގުޅޭ ކުއްޖަކު އެގޮތަށް ސާހިބު މީހާގެ ދަރިފުޅަށް ދޮންދިނުމަކީ މިގޭގައި ހުއްދަނޫންކަމެއް ކަމަށް އެ ފަކީރަށް ރޭކާވެސްނުލިއެވެ. ކުއްލިއަކަށް އަލީނާ ސިހުނީ ފަހަތުން އައި ހިޔަންޏެއް ފަދައިން މީހަކު އައިގޮތަށް ބިލިގާތެރެއިން ނިކީ ޖަހައިގަތުމުންނެވެ. އަލީނާ ބިރުވެރިކަމާއި އެކުގައި ސިހިފައިވާފަދަ ކުޑަ ހަޅޭކަކަށްފަހު ކޮޅަށް ތެދުވެއްޖެއެވެ. 

އަލީނާގެ ކުރިމަތީގައި ކަޅިއަޅާލައިގެން ހުރީ ޒީބާ ފިޔަވައި ދެވަނަ މީހެއްނޫނެވެ. ޒީބާ އޭނަ ދެކެ ނަފްރަތުކުރާވަރު އެނގޭތީ ޒީބާ ފެންނަ ކޮންމެ ފަހަރަކު އަލީނާގެ ހިތް ރޫރޫއަޅާގޮތް ވެއެވެ. މިބޮޑު ގޭތެރޭގައި ޒީބާއަށް ނުފެނި އުޅެންވެސް އަލީނާ މަސައްކަތް ކުރެއެވެ. ނަމަވެސް ޒީބާ އެވަރަށް އޭނައަށް ފާރަލައިގެން އުޅުނީމަ އެކަން ކާމިޔާބު ނުވާނެކަން މިހިރަ ފެންނަނީއެވެ. ޒީބާ އޭނަދެކެ އަންނަ ރުޅިއެއްގެ ބޮޑުކަމުން ހިޔަނިފަދައިން ފާރަލަނީ ނޫންކަމެއްވެސް ނޭގެއެވެ. ރުޅި އާއި ލޯތްބަކީ ފުދޭވަރަކަށް ބާރުގަދަ އިހުސާސްއެކެވެ. އެއިން ކޮންމެ އިހުސާސެއް ވެސް މާގަދަވާން ފަށައިފިނަމަ ރޯވެސްވެދާނެއެވެ. ޒީބާ ދެލޯ އަޅާލައިގެން ހީވަނީ އެ ދެލޮލުން އަލީނާ ފިއްސާލަފާނެ ހެންނެވެ. ރީތިކަން ހުސްކޮށްލާފައިވާ އަންހެނަކަށްވި ނަމަވެސް ހިތްހަރުކަމާއެވެ.

"ހާދަ ގޮތްކުޑަވެގެން ތިއުޅެނީ. ތިއީ މަނާކަމެއްކަން ނޭގޭތަ؟ ތިގޮތަށް އޭނަގެ ގައިގައި އަތްލެވޭނީ އެކަނި އޭނަގެ ފެމިލީއަށް. އެބިއުޒް ކޭސްއެއްގެ ގޮތުގައި ތި މައްސަލަ ކޯޓަށް ހުށަހަޅަންޖެހިދާނެ. ތިބާވަތުގެ ކަންތައް ރާއްޖޭގައި ގިނަވެގެންގޮސް ރާއްޖޭގައި މީހުންނަށް ނޫޅެވިގެނެއްނު މިއުޅެނީ. ކުޑަކުއްޖަކަށްވެސް ސަލާމަތެއް ނުވެވޭ. ހަދާން ކުރާތި. ދެވަނަ ފަހަރަށް މިކުއްޖާގެ ގައިގައި އަތްލިޔަސް އަހަރެންގެ ހަރުކަށިކަން ފެންނާނެ....." ޒީބާ ބާރަކަށް ހަޅޭއްލަވައި ގަތުމުން ނިކީ ތުންފިތާލައިފައި ރޯންފެށިއެވެ. އަދި މާމަގެ އަތުތެރެއިން ވީއްލެން ވެގެން ގަދަހެދިއެވެ. ނިކީ ބޭނުމީ އަލީނާ އެވެ. މާމައަކަށް އޭނަ ބޭނުން ގޮތަކަށް ކުޅެން ސަކަރާތެއް ނުގަނެވޭނެއެވެ. ފެންގަނޑުން އަރާކަށްވެސް ނިކީ ބޭނުމެއްނޫނެވެ. ޒީބާ ނިކީގެ ގައިން ސައިބޯނި ފިލުވައިލުމަށްފަހު ތެޅިތެޅިއޮތް ނިކީ ތުވާއްޔެއްގައި އޮޅާލައިގެން ދަމުން އޭނަގެ ގާތުގައިވެސް އަންނަން އަމުރު ކުރިއެވެ.

އަލީނާ ހީކުރީ މިވަގުތުވެސް ވަޒީފާއިން ކަނޑާލައިފައި އޭނަ ގެއިން ނެރެލަނީ ކަމަށެވެ. ކުށެއްނުކުރަނީސް ސަޒާ ދިނުމަކީ މިފަދަ މުއްސަދިންނަށްވެސް ލިބިފައިވާ ހައްގެއްނޫނެވެ. އަލީނާ ޒީބާ ހުރި މަގާމުގައި ހުރިނަމަ ހާދަ ނިކަމެތިންނަށް އޯގާތެރިވާނެއެވެ. އެކަމަކު އެހެންވަނީ ނިކަމެތިކަމުގެ ރަހަ ދެކެފައި ހުރެ ތިމާއަށް މޮޅު މަގާމެއް ލިބުނީމަބާވައެވެ. ތާއަބަދު މުއްސަނދިކަމުގައި އުޅުމުން ފަގީރުންގެ އިހުސާސްތަކަށް ގަދަރުކުރުމެއް ނުވަނީކަން ނޭގެއެވެ. އަލީނާ އިސް އޮބާލައިގެން ހުރެ ޒީބާގެ ފަހަތުން ދިޔައީ ކުށްވެރިއެއް ފަދައިންނެވެ. ޒީބާ އެރީ އެގޭގެ ޓެރެސްއަށެވެ. އިރުއޮއްސެމުން ދިޔައިރު އެހިސާބު އެކީގައި ވަނީ ރަތްކޮށްލާފައެވެ. އުޑުމަތިވެސް ހީވަނީ ކުޅަދާނަ އާޓިސްޓެއްގެ ފިހިގަނޑުން ކުލަ ޖައްސާލާފައިވާހެންނެވެ. އެ މަންޒަރު އިތުރަށް ރީތި ކުރުވީ ޓެރެސްއަށް ލެނގިލައިގެން ފޯނެއްގައި ހުރި ޒުވާނެއްގެ ސަބަބުންނެވެ. އިސްކޮޅުގައި ހަޔެއްކަ ފޫޓުހުރި ކަސްރަތީ ހަށިގަނޑެއްގެ ވެރިއެކެވެ. އެހާ ސްމާޓް ފިރިހެނަކު މިވީހާތަނަށް އަލީނާ ދެކެފައެއްނުވެއެވެ. ލައިގެން ހުރި ގަދަފެހިކުލައިގެ ޓީޝާޓާއި ގުޅޭކުލައެއްގެ ދެލޮލެވެ. ދުރުންވެސް އެލޮލުގެ ރީތިކަމާއި ތޫނުކަން އަލީނާއަށް ފާހަގަ ކުރެވުނެވެ. އަދި އެ ހިސާބުގައިވާ ހިފާލާފައިވާ ފިރިހެންވަންތަ ސެންޓެއްގެ ސަބަބުން މާހައުލު ވަނީ ތާޒާވެފައެވެ.

ޒީބާ ދެއަތަށް ބޯހޫރާލަމުން ނިކީ ބިންމަތީގައި ބެހެއްޓުމާއިއެކު ނިކީ ޑެޑީއޭ ކިޔާލާފައި ދުވެގޮސް އެ ޒުވާނާގެ އަތުތެރެއަށް ވަނެވެ. ވީއިރު ނިކީގެ ބައްޕަ ޒެވިޔަން އަކީ މިއީތާއެވެ. ނަމަވެސް ހީވާގޮތުން ޒެވިޔަންއަށް އަލީނާ ނުފެނުނެވެ. މިނިތެޔޮ އުގުޅާލާފައި ލޯމައްޗަށް ވަންހަނާ ވެގެން ހުއްޓަސް އެވަރުވާނެހެނެއް ހިޔެއްނުވެއެވެ. އޮޅިގެންވެސް އޭނަ އާއި ދިމާލަށް ޒެވިޔަން ނަޒަރު ހުއްޓައެއް ނުލިއެވެ. އޭނަގެ މަންމަ ފަދައިން ބޮޑާ، ފޮނި މީހަކީކަން ނޭގެއެވެ. ނޫނީ އޭނަގެ މަންމަ ގޭގައި ގެންގުޅޭ ކުދިންނާއި ދިމާލަށް ބަލައިލުންވެސް މަނާކޮށްފައި ވަނީ ކަމަށް ވެދާނެއެވެ. ޒެވިޔަން އޭނަގެ ދަރިފުޅު ލުއިފަތް ކޮޅެއް ފަދައިން އުފުލާލި ގޮތާއި ކޯތާފަތުގައި ބޮސްދެމުން މަޑުމަޑުން ކޮންމެވެސް އެއްޗެކޭ އަހާލި ގޮތުން އޭނަ ދަރިފުޅުދެކެ ލޯބިވާވަރު އަލީނާއަށް އިހުސާސް ކުރެވުނެވެ.

"މަމް.. ކިހިނެއްވީތޯ؟" ޒެވިޔަން ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. އޭނަގެ މަންމައަށް އިހުތިރާމްކުރާފަދަ ގޮތަކަށެވެ. އަލީނާގެ ގައިން ހީބިހި ހަލުވާލީ އެވަގުތު ޖެހިލި ވައިރޯޅިއަކުން ނޫނީ ޒެވިޔަންގެ އަޑުގައި ހުރިގޮތަކުން ކަމެއް ނޭގުނެވެ. ޒެވިޔަން އެކޭ އެއްފަދައިން އޭނަގެ އަޑުގައިވެސް ވަނީ ފިރިހެންވަންތަ ގޮތެކެވެ. ކޮންމެ ހަރަކާތެއްގައި ހިތްތައް ދަމައިގަންނަ ފޮނިގޮތެއް އެބަހުއްޓެވެ. ހީވީ ހިތުގައި ފިރުމާލި ހެންނެވެ.

"ޒޭވިޔާ ނިކީ އާއި މެދު ތިހާ ފަރުވާކުޑަކޮށްލައިފައި ފޯނެއްގައި ހުރެގެން ނުވާނެއްނު. އެކުއްޖާއަށް ކަމެއްވީމަޔެއްނޫން ރޯނީ ކީ ދަރިފުޅުމެން. ރިޔާވެސް ދެން ހާދަ ފަރުވާކުޑައޭ. ޒެވިޔާ. އޭނަ އެހުރިތާކު ހުރެފައި ގެއަށް އައިމަ ޖެހޭނެ ރަނގަޅަށް އޭނައަށް އިންޒާރުދޭން. އެކުވެރިންނާއި އެކީ ގައި މޫދަށާއި ތަންތަނަށް ދާންވީ ނިކީ ބީރައްޓެއްސަކާއި ހަވާލުކޮށްފައިތަ؟...." ޒީބާ އަލީނާއަށް ބަލަހައްޓައިގެން ހުރީ އިންތިހާ ދަރަޖައިގެ ނުރުހުމުގެ ބެލުމަކުންނެވެ.

"މަންމާ ކިހިނެއްވީތޯ؟ " ޒެވިޔަން ވާހަކަ ދެއްކީ މަޑުމައިތިރިކޮށެވެ. 

"ނުވަނީ ކޮންކަމެއްތަ ދަރިފުޅާ؟ މަންމަ އާއި މަޝްވަރާ ކުރުމެއްނެތި ރާއްޖެތެރޭ ނާތަހުޛީބު މީހުން ގެއަށް ގެނެސްވެއްދީމަ ގޭގައި އަލިފާންވެސް ޖަހާނެ. އޭނައަށް އަންގަބަލަ ނިކީ ފެންވަރުވަން ޖެހޭނީ އޭނަ ނޫންކަން. މަންމަ އެކޮޓަރިއަށް ދިޔައިރު ނިކީ ހެދުމެއްނުލައްވާ ބިލިގާއަށް ލައިގެން އިނީ. އަދި ނިކީގެ ފެމިލީ ނޫން މީހަކަށް ނިކީއަށް ދޮނެއް ނުދެވޭނެ ކަންވެސް މިހިރަ ގަމާރަކަށް ނޭގުނު. އެހެނޭ ވާނީ. އެހާވަރުގެ ކުޑަކަމެއްވިޔަސް ބުނެނުދެންޏާ ނޭގޭނެ. އެއްވެސް އަދަބެއްނެތް މީހެއް......" ޒީބާ އަލީނާ އާއި ދިމާލަށް ކަޅިއަޅާލައިފައި އިތުރު ވާހަކަތަކެއް ދެއްކުމެއްނެތި، ބާރަކަށް ހިނގާލައިފައި ސިޑިން ފައިބައިގެން ހިގައްޖެއެވެ. އަލީނާގެ ހިތް ކުރިއަށްވުރެ ބާރަށް ތެޅިގަތެވެ.

ޒީބާ ލޯމަތިން ގެއްލުމުން ޒެވިޔަން ފުރަތަމަ ފަހަރަށް އަލީނާ އާއި ހަތަރުކަޅި ހަމަކޮށްލައިފިއެވެ. ހީވީ ދަރިފުޅުގެ ގަޔަށް އަތްލީތީ ދޭނެ އަދަބަކާއި މެދު ވިސްނަމުން ދާހެންނެވެ. އެއީވެސް ނުރުހުމުގެ ބަލައިލުމެކެވެ. ހަނި ނަޒަރެކެވެ. އެ ދެލޮލުގައި ވި ބާރަކުން އަލީނާގެ ގައިން ހީބިހިހަލުވައިލިއެވެ. އަލީނާ ހުރީ އެސްފިޔަ ޖަހައިލަންވެސް ނޭގިފައެވެ. ވެމްޕަޔަރަކު އިންސާނަކު ހިޕޮނޮޓައިޒް ކޮށްލާފަދައިން ބަލަހައްޓައިގެން އިރުކޮޅަކު ހުރެލާފައި ޒެވިޔަން ދާން ހިނގައި ގަތީ އަލީނާ ވެސް ބަލިނުވުމުންނެވެ. ޒެވިޔަން ކުޑަކޮށް ހައިރާންވިއެވެ. ހާދަ ތަފާތު ކުއްޖެކެވެ. މިވީހާތަނަށް އަންހެންކުއްޖަކަށް އޭނަ ފެނިފައި އަސަރުނުކޮށެއް ނުދެއެވެ. އޭނަގެ ލޮލަށް ބަލަހައްޓައިގެން އެގޮތަށް އަންހެންކުއްޖަކަށް ހުރެވުމަކީ ޒެވިޔަންއަށް ގަބޫލުކުރެވުނު ކަމަކަށްވެސް ނުވިއެވެ. ނިކީ އަތްދިއްކޮށްލައިފައި އަލީނާ ގާތުގައި އަންނާށޭ ބުނުމުން އަލީނާ ކުޑަކޮށް ހީލިނަމަވެސް ޒެވިޔަންގެ ފަހަތުން ދާކަށް ނުކެރުނެވެ. އަލީނާގެ ސިކުނޑި ވަނީ ހައިޖާނެއްގެ ތެރޭގައެވެ.

"ފޮނި ބޮޑާބަޔެއް. ރީތިވީމަ ވަކިން ފޫހިވޭ. ހީކުރީތަ ރީތިވީމަ އަހަރެން މޮޔަވާނެކަމަށް. އެގޭނެނަމަ އަހަރެން ތިކަހަލަ މީހުންދެކެ ނަފްރަތުކުރާވަރު..." އަލީނާގެ ކުދި ދަތްތައް ކާރުވާލުމަށްފަހު ރެއިލިންގައި ހިފަހައްޓައިލީ ތަންކޮޅެއް ބާރަށެވެ. އެ ޅަހިތުގައި މިވީހާތަނަށް އުފެދިފައި ނުވާފަދަ ޝުޢޫރުތަކެއް ހިލިގަތެވެ. ހީވީ ދެވަނަ ސިކުނޑިއެއްވެސް އޮވެގެން ޝައިތާނީ ޚިޔާލުތަކެއް ސިކުނޑިއަށް ވައްދާދޭން ފެށި ހެންނެވެ. އަލީނާ ރުޅި ފިނިކޮށްލަން ވެގެން ފުންނޭވާތަކެއް ލާން ފެށުމުން ސިކުނޑީގެ ވާންކަން ކެނޑުނެވެ. އޭނަ ރެއިލިންގައި އަތްއަޅުވާލައިގެން ހުރެ ދުރަށް ބަލަންފެށިއެވެ. މިގެއިން ނެރެލައިފިއްޔާ ހަދާނެ ގޮތަކާއި މެދު ވެސް ވިސްނިއެވެ. އިރުކޮޅެއްފަހުން ރިޔާ ވަރަށް އަވަސް އަރުވާލައިފައި ކަހަލަ ގޮތަކަށް ދުވަމުން އައެވެ. ރިޔާ ފެނުމުންވެސް އަލީނާ ހުރީ ހިނިތުންވުމެއްނެތި، ފާޑަކަށް ބަލަހައްޓައިގެންނެވެ. ރިޔާ ރީތިވެލައިގެން، ސެންޓްއިން މީރުވަސް ދުއްވާލައިގެން އައިއިރު ފަންއިސްތަށިގަނޑު ވަޔާއިއެކު އުދުހެމުން ދިޔައެވެ. އޭނަލައިގެން ހުރި ވައިލެޓް ފަށުވި ޓޮޕްކޮޅާއި، ކަޅުކުލައިގެ ސްކިނީގެ ސަބަބުން ރީތި ހަށިގަނޑުގެ ވަނާތައް ވަނީ ހާމަޔަށެވެ. ރަތްތުންފަތުގެ ކުލަ ވަކިން ރަތްކަމަށް ދައްކައެވެ. 

އެވަގުތު އަލީނާގެ ލޮލުގައި އަޅައިގަތީ ރިޔާގެ އޮމާން ކަނދުރާއެވެ. ފެނުނު ނިޝާނަކުން ލަދުގަތީ އަލީނާ އެވެ. އެންމެންގެ ކުރިމަތީގައި ލޯބި އިޝްތިހާރުކޮށްލައިގެން އުޅޭއިރު ޝޯލްއެއް އެއްޗެއް އަޅައިގެން ފޮރުވުނިއްޔާ މާ ރީތިވާނެއެވެ. އެހެން ދިމާލަށް ބުނަންވީ އެވެ. އަލީނާގެ ހިތުގައި ރިޔާ އާއިމެދު އުފެދެންފެށީވެސް ނުބައި ޚިޔާލުތަކެވެ. އެވަގުތު އަލީނާ އެންމެނާއި މެދު ދެކެމުން ދިޔައީ ދުޝްމަނުން ފަދައިންނެވެ. އޭނައަށް އަނިޔާދޭން އުޅޭ ނުބައި ބަޔަކާއިމެދު ވިސްނޭނީ އެނޫން ކޮންގޮތަކަށް ހެއްޔެވެ؟ އެ ޅަހިތުގައި އުފެދެމުން ދިޔައީ މުޅިންވެސް ދެކޮޅުވެރި ޝުޢޫރުތަކެވެ. 

ނަމަވެސް ރިޔާ ހިނިތުންވެލައިފައި މިއަދު ހިނގި ހާދިސާގެ ތަފްސީލު ހޯދަން އަހައިލި އޯގާތެރި ގޮތަކުން އަލީނާއަށް ރިޔާގެ ރަނގަޅުކަން އެގުނެވެ. ވަގުތުން ރިޔާ އަކީ އިންސާނުން ތެރޭގައި މަލާއިކަތުން ވާނެނަމަ އެފަދަ ކުއްޖެއްކަމަށް ގަބޫލުކުރެވި އަލީނާގެ ލޮލުން ކަރުނަހިލުނެވެ. ނުބައި ޚިޔާލުތައް ކުރެވުނީތީ އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ. އަލީނާ ފުރަތަމަވެސް އެދުނީ މާފަށެވެ. އެއީ އެއްގޮތަކަށްވެސް މަނާ ކަމެއްކަން ނޭގުނީ ކަމަށާއި، މިގޭގައި ނޯކަރެއްގެ ގޮތުން ނަމަވެސް ބަހައްޓައިދިނުމަށް އެދި އާދޭސްކުރިއެވެ. އޭނަގެ ނިކަމެތިކަމުގެ ސަބަބުން އުޅޭނެ ތަނެއްނެތްކަމަށް ބުނެ ކުރި އާދޭސްތަކުން ރިޔާގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ރިޔާވެސް އަލީނާ މިގެއިން ފޮނުވާލާކަށް ބޭނުމެއްނުވިއެވެ. ކޮންމެވެސް އެއްޗެކޭ ކިޔައިގެން މަންމައަށް އަލީނާގެ ރަނގަޅުކަން ޔަގީންކޮށް ދޭންވީއެވެ. 

ޒީބާ ފެންޑާގައި ދެކޮޅަށް ހިގާލަ ހިގާލަ ހުރެ ބްލޫޓޫތް ހެޑްސެޓްއިން ވާހަކަދައްކަމުން ދިޔައީ ޔޫކޭގައި ދިރިއުޅެމުންދާ އެންމެ ގާތް އެކުވެރިޔާ އާއެވެ.

"ސީމާ ވީހާވެސް އަވަހަށް މިކޮޅަށް އާދެބަލަ. އަހަރެން އެބައޮތް ވަރަށް ބޮޑު ޕްލޭންއެއް ރާވާފައި. ސީމާ އައީމަ މިކަން ކުރެވެން އޮތީ. ނޫނެކޭ ބުނެގެންނުވާނެ. އައީމަ ސަޕްރައިޒެއް ލިބޭނެ އިނގޭ. އަހަރެން މިފަހަރު ހިންޓެއްވެސް ނުދޭނަން. އަވަހަށް އަންނަންވީ އިނގޭ....." ޒީބާ ފުޅާ ހިނިތުންވުމަކާއިއެކު އެހެން ބުނެލާފައި، ފޯނު ކަނޑާލުމަށްފަހު ކާރާއި ދިމާލަށް ހިގައިގަތެވެ. ދިރިއުޅުމުގައި އޭނައަށް ނާކާމިޔާބުވާނެ ދުވަހެއް އައިސްދާނެ ކަމަކަށް ޒީބާ ގަބޫލެއްނުކުރެއެވެ. އެކަމަކު މިއޮތީ ނާކާމިޔާބުގެ ކޮޅުމަތި ފެށިފައެވެ. އެކަމަކު ހުރިހާ ދިމާލަކުން ބިރުވެރިކަމުގެ ސިގްނަލް ލިބެންފެށިނަމަވެސް ޒީބާ އެހާ ހާހެއްނުވެއެވެ. ލާރިހުރިއްޔާ ކޮންމެ ކަމެއް ހައްލުކުރެވިދާނެއެވެ. ތަގުދީރާއި ނުކުޅެވުނަސް، ދުނިޔޭގެ ބާރުތަކާއި ހަނގުރާމަ ކުރެވިދާނެއެވެ. އޭނަ ނުވިސްނީ އެދެކަންތައްވަނީ ގުޅި ލާމެހިފައިކަމެވެ.

ޒީބާގެ ދެމަފިރިން މިއަދު ރިޒޯޓަކަށް ދިޔަކަން ރިޔާގެ ފަރާތުން އެގުމުން އަލީނާގެ ހިތަށް ފިނިކަމެއް ލިބުނެވެ. ޒީބާގެ ނުރުހުމުގެ ނަޒަރުން ސަލާމަތްވެގެން އެންމެ ދުވަހަކަށް ހުރެވޭނެކަމީވެސް ލެއްވި ރަޙުމަތެކެވެ. 

ކޮމެންޓް 0