ޖިލީ ވެސް ކުރިކަމެއް، ކޮފީތަށީގައި ފައިން ޖެހިގޮތަށް މި ޕްރިޓީ ފައިތިލައިގެ ދުވަސް ދުއްވާލީ. މަގޭވެސް ފަރުވާ ކުޑަކަމުން ވާހައި ކަންތަކޭ، މިކުއްޖާ ގެ ހަލަނިކަން އެނގޭއިރުވެސް ބެޑް ކޮފީގައި ވިއްޔަ އިނދެވުނީ..." އާއިޒުގެ އަތަށްވެސް އާވި އަރައަރާ ހުރި ހޫނު ކޮފީ މަގުން ކޮންމެވެސް ވަރަކަށް ވެރުނެވެ. ނަމަވެސް އާއިޒު ކަންބޮޑުވީ ޖިލާގެ ފަޔަށް ކޮފީ ބަންޑުން ވީމައެވެ. އެ ދޮންފައިތިލަ ވަގުތުން ރަތްވިއެވެ. 

ޖިލާ އެއްޗެކޭ ބުނަން އުޅެފައިވެސް އޭނަ އޮތީ ހެދުމެއް ނުލައިކަން އިހުސާސް ކުރެވުމާއި އެކު ހާސްވެފައި، ހަށިގަނޑު ނިވާކުރަން މަސައްކަތް ކުރިއެވެ. ފައި ފިހުމަށްވުރެވެސް އޭނަ ހާސްވީ އާއިޒުއަށް އޭނަ ރޭގައި ވެސް ފެންނާނެކަން ޔަގީންވީމައެވެ. ގައިގައި ރަޖާގަނޑު އަޅާލަދޭނީވެސް އާއިޒު ކަން ޔަގީނެވެ. އާއިޒު އަވަހަށް ތެދުވެގެން ގޮސް ފިނިފެން ޖަގެއް ހިފައިގެން އައިސް ޖިލާގެ ފަޔަށް އަޅަން އުޅުނެވެ. 

"އިޓްސް މައި ފޯލްޓް، އައިމް ސޮރީ....." އާއިޒު މާފަށްވެސް އެދުނެވެ. އެކަނޑެއްފަދަ ފުން ދެލޮލުން އެވަގުތު ޖިލާ އާއި އަޅާލާވަރު ކިތަންމެ ރީތިކޮށްވެސް ޖިލާއަށް ފެނުނެވެ. އެކަމަކު އެކަން ގަބޫލު ކުރާކަށް ޖިލާ ބޭނުމެއް ނުވިއެވެ. އެހެން ކުއްޖެއްނަމަ އެރީތި ޒުވާނާއަށް ޓަކައި ފިދާވާނެއެވެ. 

"ޑޯންޓް......." ޖިލާ ފައި ދަމައިގަންނަން އުޅުނަސް އާއިޒުގެ އެކަތަފަދަ އަތުގެ ތެރެ އިން ސަލާމަތެއް ނުވެވުނެވެ. ޖިލާގެ ފައިތިލައިގައި ފިނިފެން ޖެހުމުން ޒަޚަމެއްގައި ލޮނުމިރުސްލާފައި ހުއްޓާ ގަނޑުފެނުން ތެންމާލަ ދިނުމުން ކުރެވޭފަދަ އިހުސާސްތަކެއް ކުރެވުނެވެ. އިރުކޮޅަކަށް ފިނިފެނުން ފައިތިލަ ދޮއްވުމަށްފަހު ދެން އާއިޒުގެ އިނގިލިތަކުން ކޮންމެވެސް ބޭހެއް އުގުޅާލަދިންކަން އެނގުނެވެ. ސިލްވަރ ސަލްފަޑައިޒިން ކަހަލަ ބޭހެއްކަން ނޭގެއެވެ. ފަޔަށް ފިނިވިއެވެ. ފައި ދަމައިގަންނަން ނޫޅެ އޭނަ އޮތްގޮތަށް އޮތެވެ. ޖިލާ ރަޖާގަނޑުގައި ދަތްއަޅާލައިގެން ބަލަހައްޓައިގެން އޮތްތަން ފެނުމުން އާއިޒު ހޭންފެށިއެވެ.

"އަނެއްކާ... ކީއްކުރީތަ؟ އަހަރެން ނިދަން އޮތްވާ......" ކުއްލިއަކަށް ޖިލާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާނި ތަކެއް ޖަހަންފެށިއެވެ. އޭނަ ރޭ ފެންވަރާލައިގެން އައިގޮތަށް އެނދަށް ވެއްޓި ގަތީމަ ވަގުތުން ނިދުނީ އެވެ. އޭނައަކީ މިވީހާތަނަށް ސޯފާގައި ނިދާފައިވާ ކުއްޖެކެވެ. އެކަމަކު ރޭ އެއޮތީ ލަނޑުލިބިފައެވެ. އާއިޒުގެ އެނދުގައި އޭނަގެ ގާތުގައި ނިދި އިރު، އާއިޒު ކަމެއް ނުކުރާނެ ކަމުގެ އޮތީ ކޮން ޔަގީން ކަމެއް ހެއްޔެވެ؟ އަތްނުލާނެ ކަމުގެ އެއްވެސް ގެރެންޓީއެއް ނެތެވެ. އެހެންނޫނަސް ޖިލާ އަކީ ނިދި ހަރުކުއްޖެކެވެ. މަންމަ ބުނާ ގޮތުންވިއްޔާ މީހަކު ޖިލާ މަރާލިޔަސް ޖިލާއަށް ހެޔެއް ނުލެވޭނެއެވެ. އަދި އޭނަ އެހާވަރަށް ތެޅި ފޮޅޭނެއެވެ. އެންމެ ވަގުތަކަށް ވެސް ހިމޭނުން ނޯވެ ދިރޭރަހަފޮދެއް ފަދައިން ތެޅެމުން ގޮސް އާއިޒުގެ ގަޔަށް އަރައި ނުގަންނާނެ ކަމެއްވެސް ނޭގެއެވެ. އާއިޒު އެވަރަށް މަޖާ ވެގެން ހޭން ފަށާނީ ކާމިޔާބު ވީމައެވެ. ކޮންމެވެސް ނުލަފާކަމެއް ކޮށްލެވުނީ މައެވެ. 

"ހޫމް، ޖިލީ ނިދަން އޮވެ އަހަރެންގެ ގައިގައި ބައްދަ ބައްދާފައި، ގަޔަށް ފައި އަރުވާ، ގަނޑެއް ގަނެފައި ތިހިރީ، އަހަރެން ހުރިހާ ހިއްސުތައް ހަމަޔަށް ހުރިއިރު ދެންވީ ހިލަގަނޑެއްހެން އޮންނަންތަ؟ އައިމް ނޮޓް ޑެޑްއޭ ޖިލީ، އަހަރެންގެވެސް ހުންނާނެ ފީލިންގްސްތައް އަދި ބޭނުންވާ ކަންތައްވެސް، އަހަރެއް މިވީ އަހަންނަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބި، ވީއިރު ހިތުން ރުހުމުން މަގޭ ކައިރިއަށް އައީމަވެސް އަހަރެންވީ ހަމައެކަނި ބަލައިލައިފައި ނިންމާލަންތަ؟ ނޮޓް ޕޮޒިބަލް ދޯ...." އާއިޒު ގަސްތުގައި ޖިލާއަށް ޝައްކު ކުރުވަން އެގޮތަށް ވާހަކަ ގެންދިޔައެވެ. ނަމަވެސް ރޭގައި އަމިއްލަ ނަފުސް ކޮންޓްރޯލު ކުރަން ނިހާޔަތަށް އުނދަގޫވެ ސިކުނޑި ފަޅައިގެންދާވަރުވި އިރުވެސް އޭނަ ކެތްކުރިއެވެ. އަމިއްލަ ނަފުސަށް ވެސް އެކަމާއި ހުރެ ތައުރީފު ހައްގެވެ. ޖިލާ އަކީ އޭނަގެ ހައްގެއްކަން އެނގި ހުރެ، ހިތް އެވަރަށް ބޭނުންވީ އިރު ހަގީގަތުގައި އެދޭތެރެއަށް އެވަގުތު ހުރަސްއެޅޭނެ ދުނިޔޭގެ އެއްވެސް ބާރެއްނެތްއިރުވެސް ކެތްކުރީއެވެ. ޖިލާގެ ރުހުންނެތި ކުޑަކުޑަ ގޯނާއެއް ކޮށްލަންވެސް ބޭނުންނުވީއެވެ.

"ކުރިކަމެއް ބުނަން ޖެހޭނީ...." ޖިލާއަށް ރޮވޭ ގޮތްވިއެވެ.

"އަޑުއެހީމަ ރަކިވާނެ ހައްތަހާ ބޮޑަށް، އެވަރު ކަމެއްކޮށްލި އިރު ނިދާކަމަށް ހެދިގެން ހަމަ އޮތީދޯ؟" އާއިޒު އޭރުވެސް އިނީ ޖިލާގެ ފައިމަތީގައި ލުއިކޮށް އަތްބާއްވާލައި ގެންނެވެ. ޖިލާ އޮތީ ކިޔާނެ އެއްޗެއް ނޭގިފައެވެ.

"މުޅި ރޭގަނޑު އަހަރެން އިނީ ޖިލީ ނިދާފައި އޮތްވާ ބަލަހައްޓައިގެން، ކުއިލްޓް އަޅައިލަދިނީމަވެސް އިރުކޮޅަކުން ނަގައި އެއްލާލާނެ، ދެން... އައި ކިސްޑް ޔޫ އޯލް އޯވަރ...." އާއިޒު ޖެހިލުމެއްނެތި ބުނެލިއެވެ. "ޑްރީމް އެއްގައި" އެ ލަފުޒުތައް އާއިޒު ދިރުވާލީ ޖިލާ ތަޅުވާލުމަށެވެ. އާއިޒު ބުނެލީ އެހާވެސް ސީރިޔަސް ކޮށެވެ. ޖިލާއަށް ހީވީ ހަގީގަތެއް ހެނެވެ. މުޅިގައިން ހީބިހިވެސް ނެގިއެވެ. ޖިލާ ވަގުތުން މޫނުވެސް ކުއިލްޓްގެ ތެރޭގައި ފޮރުވީ އެމޫނަށް ހޫނުވިވަރާއި، ރަތްވާނެވަރު އިހުސާސް ކުރެވިގެންނެވެ. ލަދުން ގޮސް މަރުވާވަރުވިއެވެ. އަދި އެހާ ރުޅި ގަދަވިއެވެ. އާއިޒު ހާދަ ގޯހެވެ. ފުންމައިގެން ތެދުވެ އާއިޒުގެ މޫނުމަތި ނޮޅާލާފައި އާއިޒު ރޮއްވާލަން ޖިލާގެ ހިތްއެދުނެވެ. ނަމަވެސް ޖިލާ ފިނޑިވިވަރުން ރަޖާގަނޑުގެ ތެރެއިން މޫނު ނަގައިލާނެ ހިތްވަރެއްވެސް ނުލިބުނެވެ.

"ރޮނީތަ؟ އަދި ރޯވަރުކަމެއް ނުވެއެއްނު، އަހަންނާއި މެދު އެހާ ނުބައިކޮށްދެކެންޏާ ވާންވީ ގޮތަށް ތިވީ، އެހެންމީހަކާއި އެކު އުޅެންޏާ ޕްރިކޯޝަން ނަގަންޖެހޭ ވަރަކަށް ނުނެގުނު، އެވަރަށް ބައްދާލައިފައި އުޅުނީމަ އަހަރެން ވަކި މަޑުން ހުންނާނެތަ؟ އަހަރެން ގޯސްނުކޮށްބަލަ، މިއީ ސެކަންޑް ޓައިމް ދެން ތިންވަނަ ފަހަރުގައި އެނބުރި ނާދެވޭހާ ދުރަށް ދެވޭނެ އިނގޭ....." އާއިޒު ކިތަންމެ ވާހަކައެއް ދެއްކިޔަސް ޖިލާއަށް ޖަވާބުދޭކަށްވެސް ނުކެރުނެވެ. 

"ޖިލީ މިއޮތީ ހެދުމެއް، ދެން ލަދުން ނޯވެ ޑްރެސް ކޮށްލަބަލަ، ބްރޭކްފާސްޓް ވެސް ގެނެސްދީފާނަން، ފައި ރަނގަޅު ވީމައެއްނު ހިނގޭނީ ވެސް......." އާއިޒު ޖިލާގެ އަތަށް ހެދުމެއް ދިނެވެ. 

"ބޭނުމެއްނޫނޭ ހެލްޕެއް، އަހަރެން މިގުޅަނީ ރިޔާއަށް، މިތަނުން ދޭ...." ޖިލާ ނޭފަތް ދަމައިލަމުން ބުންޏެވެ. އާއިޒު އިތުރު އެއްޗެކޭ ނުބުނެ ނިކުމެގެން ދިޔުމުން ވެސް ޖިލާ ހެދުން ލާކަށްވެސް ނޫޅުނެވެ. ރިޔާއަށް އޭނަ ދެއްކި ވާހަކަތަކުގެ ތެދުކަން ޔަގީން ކޮށްލަންވެސް މިއީ ރަނގަޅު ފުރުސަތެކެވެ. އެހެންނޫނަސް އޭނަގެ އެކުވެރިޔާގެ ފިރިމީހާއަށް ވުރެ އާއިޒު މާ ނުބަޔެވެ. ހުރިހާ ކަމެއް އެކުރީ އޭނަ ގަދަ ނިދީގައި އޮތްވާ ސިއްރުންނެވެ. ކުރީގައިވެސް ކަންތައްގަނޑެއް ނުހިންގާ ކަމެއް ނޭގެއެވެ. އޭނަގެ ހަރުނިދީގެ ފައިދާ އާއިޒު ހާސިލުކޮށްފައި ވަނީ ކިތައް ފަހަރު ކަމެއްވެސް މިވީގޮތުން ނޭގުނެވެ. ރިޔާ އައުމަށްފަހު އޭނަ ނޯކަރު ކުއްޖަކު ގެންނަން ނަހަދައި މާބްލް ތަޅުންމަތި ފޮހެލަދިނެވެ. އަދި ކޮފީ އިން ހަޑިވެފައިވާ ބެޑްސީޓު ބަދަލުކޮށް އެނދުތަންމަތި އަޅައިދިނެވެ. ރިޔާ އެތަން ސާފު ކުރަނިކޮށް އެނދުގެ ފައި ކައިރިން ވިދާ އެއްޗެއް ފެނުމުން ބަލައިލި އިރު އެއީ ޖަވާހިރު އަނގޮޓި އެކެވެ. ރިޔާ މިއެއްޗެހި ގިނަވެގެން އުކަނީ ދޯ އޭ ކިޔާފައި ޖިލާގެ އަތަށް ދިނުމުން ޖިލާ ސައިޑް ޓޭބަލް މަތީގައި ބޭއްވީ ފަރުވާ ކުޑަ ގޮތަކަށެވެ. އެއަށް އެއްވެސް ގަދަރެއް ނުކުރާކަން އެނގުނެވެ. މިއަދުވެސް ރިޔާގެ ކަންފަތާއި ހަމަޔަށް ކޮފީ ބަންޑުންވި ވާހަކަ އައީ ވަރަށް ބޮޑަށް އާއިޒު ކުށްވެރި ކޮށްލާފައެވެ. އާއިޒު ބޭނުންވާ ވަރަށް ކަންތައް ނުކުރެވުނީމަ ރުޅިގަދަވެގެން ހޫނު ކޮފީތަށި ފަޔަށް ބަންޑުން ކޮށްލީކަމަށް ބުނުމުން ރިޔާ އިނީ ކިޔަންވީ އެއްޗެއް ނޭގިފައެވެ. އޭނައަށް ޒެވިޔަން ގާތުގައި މިވާހަކަ ނުދައްކައި ވަރަށް ދުވަހަށް ކެތްކުރެވިއްޖެއެވެ. މިއަދު އޭނަ އާއިޒުގެ އެ ރީތި، މާތް ސިފަތަކުގެ ފަހަތުގައި ފިލައިގެން ހުރީ ކިހާ ނުބައި ޝައިތާނެއްކަން އޭނަގެ ބޭބެއަށްވެސް އަންގައި ދޭނެއެވެ.

ރިޔާ އޭނަގެ ނަސީބާއި މެދު އުފާކުރިއެވެ. ޒެވިޔަން އަކީ ހަގީގަތުގައި ވަރަށް ރަނގަޅު ބައިވެރިޔެކެވެ. މިފަހަކަށް އައިސް ޒެވިޔަން ދަނީ ރިޔާ ބޭނުންހާ ކަންތައް ކޮށްދެމުން، އިޝްގީ ލޯބި ވެރިއަކަށްވެސް ވަމުންނެވެ. ޒެވިޔަން ކޮށްލާ ލާނެތް ކަންތައްތަކާއި، ދައްކާ ވާހަކަތަކުން އެކަނިވެސް ރިޔާގެ ހިތް ފުރުވާލަދެއެވެ. އެކަމަކު އާއިޒު ރަނގަޅު މީހާކަމަށް ހެދިހުރެ އަންހެނުންނާއިމެދު ކަންތައް ކުރާލެއް އިހާނެތިކަމުން އޭނަ ހައިރާން ވެއްޖެއެވެ. ޝައިތާނުން ތިބޭނީ އެންމެ ރީތި ސިފައިގައިކަން ޔަގީން ކުރެވިއްޖެއެވެ. އިންސާނަކާއި ދިމާލަށް އެހެން ބުނުން ހެޔޮނުވާނެ ކަމުގައިވިޔަސް އޭނައަށް އާއިޒު އާއި މެދު އެގޮތަށް ދެކެން ފެށުނެވެ.

ޒެވިޔަން އާއި ރިޔާ ޕޫލްގައި އެތައް އިރެއްވާންދެން ތިބުމަށްފަހު ފެންގަނޑުން އަރައިގެން އައިއިރު ޒެވިޔަން ހުރީ އެކަނި ސޯޓެއް ލައިގެންނެވެ. ރިޔާ ހުރީ ޓައިޓަކާއި ޓޮޕްކޮޅެއްގައެވެ. ޒެވިޔަންގެ ސްކަލްޕްޓެޑް ހަށިގަނޑުގައި ފެންތިކިތައް މުތީތަކެއްފަދައިން ބަބުޅަމުންދާއިރު ވަކިން ހިތްގައިމުކަމަށް ދައްކައެވެ. ތެމިފައިވާ ފަން އިސްތަށިގަނޑުން ވެސް ފެންތައް ތިކިތަޅަމުން ދިޔައެވެ. ޒެވިޔަން ކަންނެތް ގޮތަކަށް ގޮސް ބެންޗުގައި ފައިދަމާލައިގެން އިށީން އިރު އެދިމާލުގައި ތިރިކޮށްހެދިފައިވާ ބޯގަންވިލާގެ ކުލަކުލައިގެ މާތައް ވެސް ވައިރޯޅި ތަކާއި އެކު ނަށަމުން، އިސްތަށިގަނޑުގައި ބޮސްދޭން ފެށިއެވެ. ރިޔާއަށް އެމަންޒަރު ވީޑިއޯ ކޮށްލެވުނެވެ.

"ހާދަ ގޯޖަސް އޭ މައި ލަވް، މިދިމާލަށް ބަލައިލަބަލަ، ދެން އެސްފީނާ ޖެހިދާނެތީ ދެލޯ ނުދައްކަންތަ...." ރިޔާ މަޖާވެލާފައި އިތުރުއެއްޗެކޭ ބުނަން އުޅެނިކޮށް އާއިޒު ފެންޑާއަށް ނިކުމެފައި އެމީހުން ތިބި ދިމާލަށް ބަލައިނުލާ ނޭގި ފޯނާއި ކުޅެމުން ގެއަށް ވަނެވެ.

"އާއިޒު ފެނުނީމަވެސް ފޫހިވޭ، އޭނަވެސް ރީތިވީމަ އެހުންނަނީ ހިސާބަށްވުރެ ބޮޑާވެފައިހެން މަށަށް ހީވަނީ، ވަރަށް ޕޮސެސިވް ގޮތެއް ހުރި ފިރިހެނެއް، ޒެވިޔާއަށް އެގޭތަ؟ އޭނަ ޖިލްއަށް ހިތަށް އެރިގޮތެއް ހަދާލަނީ......." ރިޔާ އާއިޒުގެ ވާހަކަތައް ކިޔާދެމުން ދިޔައިރު ޒެވިޔަންގެ މޫނުން ނުރުހުމުގެ ކުލަވަރު ރިޔާއަށް ފެނުނެވެ.

"ދެން ތި ޖިލާ މާ ދީންވެރި މީހަކަށް ވަންޏާ ހަޒްބެންޑުގެ ވާހަކަ އެންމެން ގާތު ކިޔަން ޖެހޭތަ؟ އަހަރެން ހީކުރި ކަހަލަ ކުއްޖަކަށް ޖިލާ ވެސް ނުވި....." ޒެވިޔަން ވަގުތުން ޖިލާ ކުށްވެރި ކުރިއެވެ.

"ޒެވިޔާ، ކިހާވަރެއްވީމަ ޖިލް އެބުނީ، ދެން އެކަމަކާއި ދީންވެރި ކަމާއި ހުރީ ކޮން ގުޅުމެއްތަ؟ އަހަންނަށް އިތުބާރު ކުރާވަރުން އެ ވާހަކަ ކިޔާދިނީމަވެސް ކުށްވެރިވީ ޖިލްތަ؟" ރިޔާ ދެރަވިއެވެ. ޒެވިޔަންގެ ގާތުގައި އެވާހަކަ ބުނެވުނު ކަމުގެ މޮޔަހީވިއެވެ.

"އަހަރެން ތިވާހަކަ ގަބޫލެއް ނުކުރާނަން. ތިކޮފީތަށި ވެސް ބަންޑުން ވާނީ އެކްސިޑެންޓަކުން......" ޒެވިޔަން ރުޅި އައިސްފައި ކަން ރިޔާ ދެނެގަތެވެ. ޒެވިޔަންއަށްވެސް އޭނަގެ ކޮއްކޮގެ ކުށެއް ނުފެންނާނެއެވެ. ރުހުމުގެ ލޮލަށް ޢައިބެއް ނުފެންނާނެއޭ ބުނަނީ އެހެންވީމައެވެ.

"ވެދާނެއްނު އާއިޒު ނަފްސާނީ މައްސަލައެއް ޖެހިފައި ހުރީކަމަށް..." ރިޔާ ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރިއެވެ. މާބޮޑަށް ޒެވިޔަން އާއި ދެކޮޅަށް ވާހަކަދައްކައި އެދެމީހުންގެ މިއޮތް އުފާވެރި ރީތި ގުޅުން އަނެއްކާ ނައްތައިލަން ރިޔާގެ ހިތެއްވެސް ނުރުހެއެވެ.

"ޖިލާ ސައިކޯ ވެގެން ކިޔާނެ އެއްޗެއް ނޭގިގެން އުޅެނީހެން މަށަށް ހީވަނީ، އެހެންވީމަ ދެމީހުންގެ ދޭތެރޭގައި ހިނގާހާ ކަންތައް އެންމެނަށް ކިޔައި ދެނީ، ޖިލާ ގާތު ބުނެބަލަ ޝްރިންކަކަށް ދައްކާށޭ...." ޒެވިޔަން ބެންޗުމަތީގައި އޮތް ޓީޝާޓް ބޮލުން ވައްޓައިލިއެވެ. ރިޔާ އިނީ ކިޔާނެ އެއްޗެއްވެސް ނޭގިފައެވެ. އޭނަ ހީކުރީ ޒެވިޔަން ރަނގަޅު ޚިޔާލެއް ދޭނެކަމަށެވެ. ހަމްދަރުދީ ވާނެކަމަށެވެ. އެކަމަކު އޭގެ ދިމާއިދިކޮޅެވެ. މި ފިރިހެނުންގެ ވިސްނުން ހުންނަ ގޮތެއްވެސް ރިޔާއަކަށް ނޭގެއެވެ. ރިޔާ ޖިލާ އާއި މެދު ހަމްދަރުދީވިއެވެ.

"ޓު ބީ އޮނެސްޓް އަހަރެން ގެ ހުރި އެންމެ ކޮއްކޮ އެއީ އެހެންވީމަ އޭނައޭ ކިޔައިގެން ތިކަހަލަ އެއްވެސް ވާހަކައެއް ދައްކާ އަޑުއަހާކަށް ކެތެއްނުކުރެވޭނެ، ރިޔާ ނޫން މީހަކު އާއިޒު އޭ ކީނަމަ ނިމުނީ، ވަގުތުން އަނގައިގެ ހުރިހާ ދަތްތައް ލުއްސާލާވަރަށް ވީއްލާލެވޭނެ ކަންނޭގޭ، ވީމަ އެހެން ވާހަކައެއް ފަށާބަލަ ބޭބީ، އަހަރެން ބޭނުމެއްނޫން ޒުވާބެއް ފަށާކަށް........." ޒެވިޔަން ރިޔާގެ ކޯތާފަތުގައި ޖަހައިލަމުން ހިނިތުންވެލި ގޮތަކުން ރިޔާގެ ހުރިހާ ޝަކުވާއެއް ފިލައިގެން ހިގައްޖެއެވެ.

ނާހީ މިފަހަކަށް އައިސް ކެއުން މަދުކޮށްލާފައި އަލީނާއަށް ގިނައިން ކާންދޭން އުޅޭކަން އަލީނާއަށް ފާހަގަ ކުރެވުނެވެ. ނާހީ ދެކިލޯ ލުއިވެއްޖެ ކަމަށް ވެސް ބުނެލިއެވެ. މީހަކާއި އިންނަން ވާއިރަށް ހިކެން ބޭނުންވާ ކަމަށްވެސް ބުނެލީ ލާނެތް ހުނުމަކާއި އެކީގައެވެ. އަދި އަލީނާގެ ދޮންބެ އިޔާން ރީތި ކަމުން އެވާހަކަ ދައްކާތީ އަލީނާ ހާސްވެއެވެ. ދޮންބެ އުޅެނީ މީހަކާއި އިނދެގެންނެވެ. އަދި އެހެން ކުއްޖަކާއި ސިއްރުން ރައްޓެހިވެގެން އުޅޭކަންވެސް އަލީނާއަށް ޒެވިޔަންގެ ފަރާތުން ވަނީ އެނގިފައެވެ. އެހެންވީމަ ނާހީ ދެރަވެދާނެތީ އެވާހަކަ ބުނަން ނުކެރުނީއެވެ. އެހެންނޫނަސް ދޮންބެ މާ ހިއްކެވެ. ނާހީ ދޮންވެފައި، އޮރެންޖެއްހާ ވަށްކޮށް ހުއްޓަސް މާބޮޑަށް ވެސް ފަލައެވެ. ވީއިރު އެދެމީހުން އެއްގޮތަކަށްވެސް ނުގުޅެއެވެ. އެހެންނޫންނަމަ ދޮންބެ ގެ މިހާރުގެ ނުލަފާ ޒީލަގަދަ އަނބިކަބުލޭގެއަށް ވުރެ ނާހީ ހާސްބައި ރަނގަޅެވެ. މާލޭ ގެއެއް ހުރި މީހަކާއި ދޮންބެ އިނީމަ އަލީނާއަށް ކުރި ފައިދާއެއް ނެތެވެ. ދޮންބެއަށް ލިބޭ އެއްޗެއްގެ ބޮޑުބައި ވެސް އެ އަންހެންމީހާ ފޭރިގަނެއެވެ. ކޮންމެ ގޮތެއްވިޔަސް އިޔާން އޯޓަމްބްލޭޒްއަށް އަލީނާއަށް ދޭން ހަދިޔާ ހިފައިގެން އަންނާތީ ނާހީ ވެސް ބައެއްފަހަރު އަލީނާއަށް ވުރެ ކުރިން މަގަށް ނިކުމެ އިޔާންއަށް ފެނިލައެވެ. އިޔާން ދޭ އެއްޗެއްވިއްޔާ ނާހީގެ އަތަށް އެރުމުން ނާހީ ހުންނަނީ އުފަލުން ފޮޅިފައެވެ.

ނާހީ މިއަދު ސައިކަލުން އަލީނާ ގޮވައިގެން ފިހާރައަކަށް ދާވާހަކަ ބުނުމުން އަލީނާ ހައިރާންވެ އަންތަރީސްވިއެވެ. ނާހީ އެހާ ފަލައިރު ސައިކަލް ދުއްވަން ދަސްކުރިގޮތެއްވެސް އަލީނާ އަކަށް ނޭގުނެވެ. ނާހީ ސައިކަލް އަތުލީ އޭނަގެ ދޮންބެ ގެ އަތުންނެވެ. ލިބުނު ރަނުގެ ފުރުސަތުގައި އަލީނާ ވެސް ބޭނުންވީ ކޮންމެވެސް އެއްޗެއް ގަނެލުމަށެވެ. ނިކީއަށް ދޭން ކުޅޭ އެއްޗެއްވެސް ގަނެލެވިދާނެއެވެ. ބޮލުގައި ޖަހާ ދަތިކޮޅެއް ނަމަވެސް އެންމެ ރަނގަޅެވެ. ނިކީ އަތުގައި މަދުވާނެ އެއްޗެއް ނެތްކަން އެނގޭ އިރުވެސް އަލީނާ ދޭ އާދައިގެ އެއްޗެއް ދެކެވެސް ނިކީދެކެ ލޯބިވާނެ ކަން ޔަގީނެވެ. ނާހީ އާއި ދެކުދިން ސައިކަލުގައި ބާޒާރުކޮށްލުމަށްފަހު ދުއްވާލާފައި ދަމުން ނާހީ ސައިކަލް ފިހާރައެއްގެ ކައިރިއަށް މަޑުކޮށްލައިފިއެވެ. ނާހީ އެއްޗެކޭ ބުނެލިހެން ހީވިއެވެ. އަލީނާ އެ ސިކުންތުކޮޅު ސައިކަލުން ފޭބިއެވެ. އެއާއި އެކު ނާހީ ސައިކަލް ދުއްވާލުމުން އަލީނާ ހީކުރީ ގޯޅީގައި ސައިކަލް ޕާކުކޮށްލާފައި ނާހީ އަންނާނެ ކަމަށެވެ. ފަސްމިނިޓް ވީއިރުވެސް ނާހީގެ ޚަބަރެއް ދަބަރެއް ނުވުމުން އަލީނާއަށް ވީގޮތް ރޭކާލާންފެށިއެވެ. ނާހީ ހީކުރާނީ އޭނަ ސައިކަލުގައި އިންކަމަށެވެ. އަލީނާއަށް ހެވެން ފެށިއެވެ. މަގުގައި އެކަނި ހުރެގެން ހޭންވެއްޖެއްޔާ މީހުން މޮޔައެއް ކަމަށްވެސް ދެކެން ފަށައިފާނެއެވެ. އެހެންވެ އަލީނާ ކަންފަތުގައި ފޯނުޖެހިއެވެ. އިރުކޮޅަކުން އިޔާން އޭނައަށް ގުޅިއެވެ. އިޔާން ހުރީ ހާސްވެފައެވެ.

"އެލީ ކޮންތާކު ތިހިރީ؟ ކަމެއްވިތަ؟ ނާހީ އެބައުޅޭ އެލީ ވެއްޓުނު ތަނެއް ނޭގިގެން...." އިޔާން އަވަސް އަވަހަށް އަހާލައިފިއެވެ.

"މިއޮތީ މަގުމެދުގައި ޗަސްވެފައި......." އަލީނާގެ ހުނުން ގަނޑު މަތައެއްނުވިއެވެ. އިރުކޮޅަކަށް އިޔާން ތަޅުވާލުމަށްފަހު އަލީނާ ހަގީގަތް ކިޔައިދިނުމުން އިޔާންވެސް ހިނިގަނޑެއް ޖަހާލި ތަނުން ނާހީ ފޯނު އަތުލައިފިއެވެ. 

"ސާބަހޭ އެލީ، އެހާ ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ސައިކަލުން ފައިބަފާނެ ކަމަށް ހިޔެއް ނުކުރަން. އެ ފިހާރައަށް ވަންނަން އުޅެފައި ވެސް މަބުނީ މިތަނަށް ވަންނާނެ ކަމެއް ނެތޭ، ދެން އަހަރެން ބަލަ ދިޔައީ އެލީ އާއި ވާހަކަ ދައްކަމުންނޭ، އަނގައިން ނުބުނީމަ ހީކުރީވެސް ޓްރެފިކް ގިނަވީމަ އެލީ ބިރުން އަނގައިން ނުބުނެ އިނީ ކަމަށް، ފިނޑި ބޭބީ ކުއްޖެއްވިއްޔަ، އިޔާން އަތަށް ސައިކަލް ދޭން އެގެއަށް ގޮއްސްބަލައިލިއިރު އެލީ ނެތީމަ ހަމަ ފެއިންޓު ނުވީ ކިރިޔާ، މަ އިޔާން ގާތު ބުނިން ކުޑަކަމުން ވެއްޓުނު ކަމެއްވެސް ނޭގުނޭ، ވެއްޓުނީ ކިހާ ހިސާބަކަށްކަން ވެސް ނޭގެޔޭ. އަދި ސައިކަލް ދުއްވާލާފައި ދިޔައިރު މަ ހުއްޓާނުލައި އަނގަތެޅީމަ ފެނުނުހާ ބަޔަކު ކިޔާނެ ދޯ މޮޔައެކޭ، އެކަނި ހީހީފައި ވާހަކަދައްކަމުން ސައިކަލް ދުއްވަނީ އޭ، އަޅެ އެލީ. މަށަށް ހަމަ ރޮވުނު..." ނާހީ ކިތަންމެ މަޖާކަމެއް ވިޔަސް ހޭން ހިތަކަށް ނާރާނެއެވެ. އެކަމަކު އަލީނާއަށް ހުނުން ހިފަހައްޓައެއް ނުލެވުނެވެ.

ނާހީ އަލީނާ ބަލައި އައިއިރުވެސް ހެމުން ގޮސް އަލީނާގެ މޫނު ވަނީ ރަތްވެފައެވެ. ނާހީ ބުނީ އަލީނާއަށް މަޖާކަމަކަށް ވިޔަސް އޭނަ ގެ ހިތްނުހުއްޓުނީ ހަމަ ކިރިޔާ ކަމުގައެވެ. ދެކުދިން އިޔާން އުޅޭ ގެއާއި ހަމަޔަށް ދެވުނުއިރު އިޔާން ގެ ގާތުގައި އޭނަގެ އަންހެނުންވެސް ހުއްޓެވެ. އިޔާން އޭނަގެ ދެކޮއްކޮމެންނޭ ކިޔާފައި އެކުދިން ތަޢާރަފުކޮށްދިނުމުން ގެއަށް ވަންނަން ދަޢުވަތެއްވެސް ނުދިނެވެ. އަގައިން ބުނުންވެސް މުހިއްމު ކަމަކަށް ނުވިއެވެ. ފާޑަކަށް ކަޅިއަޅައި ގަތުމުން އަލީނާ ބިރުވެސްގަތެވެ. މިއީ ނުލަފާ މީހެއްކަން އެ ވިހަގަދަ ދެލޮލާއި، ފިތާލާފައި ތުންފަތުން ވެސް އަލީނާއަށް ވިސްނުނެވެ. އިޔާންއަށް ވެސް އެމީހާގެ ޚަސީލަތް އެނގޭތީ އަވަހަށް އެކުދިން ފޮނުވައިލާފައި ގެއަށް ވަނުމުން ނާހީ އާއި އަލީނާ ވެސް ގެއާއި ދިމާލަށް މިސްރާބުޖެހިއެވެ.

އަލީނާ ނިކީއަށް ފެންކުލަ ފޮށްޓަކާއި، ކުދި ކުދި ހަދިޔާތައް ގެންގޮސްދިނުމުން ނިކީ އުފަލުން ވަރެއްނެތެވެ. އެހާ ގިނައިން ހަދިޔާ ލިބޭ ކުއްޖަކަށް ވެސް އަލީނާ އެއްޗެއް ދިނީމަ ވަރަށް ޚާއްސަވިއެވެ. އެރޭ ނިކީ ނިދަން އޮތީވެސް އަލީނާ ދިން ޓެޑީގައިގާ ބައްދާލައިގެން އޮވެއެވެ. ނިކީ އަލީނާ އާއިގެން އުޅޭވަރު ފެނިފައި މިރޭ ފުރަތަމަ ފަހަރަށް ރިޔާގެ ހިތުގައި އަލީނާ ދެކެ ނޭގޭ އިހުސާސްތަކެއް އުފެދުނެވެ. އަލީނާ ވީހާ ވެސް އަވަހަށް ގެއިން ފޮނުވާލަންވީއެވެ. އެހެންނޫނިއްޔާ އޭނަގެ ދަރިފުޅުވެސް ފޭރިގެންފާނެއެވެ. މިހާރުވެސް އެ ލޯބި މުޅިން ފޭރިގަންނަނީ ކަމަށް ހީކުރެވެން ފަށައިފިއެވެ.

ޒީބާ މައިމޫން އަންނަންވާއިރަށް ބިއުޓީ ސެލޫންއަށް ގޮސްފައި ފޭޝަލް ހަދައި އިސްތަށިގަނޑުގައި ބާގަންޑީ ކުލަޖެއްސުވިއެވެ. ފެހި، ފަށުވި ނިދާ ހެދުމެއްލައިގެން ލޯގަނޑު ދޮށުގައި އެތައް އިރެއްވާންދެން މޭކަޕް ކުރަން އިނެވެ. މަސްކަރާގެ ސަބަބުން އެ އެމެރަލްޑް ދެލޮލުގެ ކުލަ ވަކިން ގަދަވެފައި ވެއެވެ. ކޮޓަރި ވެސް ހީވަނީ އާކައިވެންޏަށް ޓަކައި ޒީނަތްތެރިވެފައި ވާހެންނެވެ. ރަތް އުށްބައްތިތައް ވިރެމުން ދާއިރު، ފިނިފެންމަލުގެ ލުއިވަސް ފަތުރަމުން ދިޔައެވެ. ފިނިފެންމާފިޔަތަކުން އެނދުވެސް ވަނީ ފޮރުވިފައެވެ. ފްލައިޓް ޖައްސާ ގަޑި ކައިރިވީ ވަރަކަށް ޒީބާގެ ހިތްއަވަސްވިއެވެ. އެންމެފަހުން އިންތިޒާރުގެ ވަގުތުތައް ގިނަވަމުން ގޮސް ޒީބާގެ އެސްފިޔަތައް ބަރުވާން ފެށުމުން ހޫނު ކޮފީތަށްޓެއް ހަދައިގެން އައިސް ސޯފާގައި އިށީދެ ލަސްލަހުން އެ ކޮފީތަށި ބޯންފެށިއެވެ. ކުއްލިއަކަށް އޭނަގެ ފޯނު ރިންގުވާން ފެށުމުން ބަލައިލި އިރު އެއީ ނުދަންނަ ނަމްބަރެކެވެ.

"ޒީ މާލެ އައުން ތަންކޮޅެއް ފަސްކޮށްލީ، އިންތިޒާރުގައި ވެދާނެތީ އަހަރެން މިގުޅީ. މިހާރު މިތިބީ ސިންގަޕޯރުގައި. ސިމީ މިރަށް ބަލައިލަން ބޭނުންވީ މާވަރަކަށް އެހެންވެ......." މައިމޫންގެ އަޑުންވެސް އޭނަ ހިނިތުންވެލާފައި ހުރެ ވާހަކަ ދައްކާކަން ޒީބާ ދެނެގަތެވެ.

"ވަ..ވަޓްޓް...." ޒީބާއަށް ހީވީ ވަށައިގެންވާހާ އެއްޗެއް އޭނައަށް މަލާތްކޮށްފައި ހޭންފެށިހެނެވެ. 

ކޮމެންޓް 0