މަންމަ އާއިޒު އާއި ދިމާލަށް އެހެން ބުނީމަ ހީ ވޯޒް ހާޓް، އެހެންވެ އެ ދިޔައީ، އެކަމާ މަމްއަކަށް ވެސް ބްލޭމް ކުރަނީ އެއްނޫން، އައި އެމް ގިލްޓީ، އާއިޒު އާއި މެދުގައި އެންމެން އެހާ ނުބައި ޝައްކެއް ކުރަން ޖެހުނީ އަޅުގަނޑުގެ ސަބަބުން، އައި ވޯންޓް ޓު ކޮންފެސް...." ޖިލާ އާއިޒުގެ ސަލާމަތާއި މެދު ބިރުގެންފައިވީ އިންތިހާ އަށެވެ. އޭނަ ކޮށްފައިވާ ފާފައެއްގެ ސަބަބުން ދުނިޔޭގައި ވެސް ސަޒާ ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އާއިޒުއަށް ކަމެއް ވެއްޖެއްޔާ އޭނަގެ ދިރިއުޅުން ވެސް ނިމުނީ އެވެ. ވީއިރު އޭނަގެ އާއިލާގެ ކުރިމަތީގައި މިއަދު އޭނަ ބަދުނާމުވިޔަސް މަދުވާނީ ކޯޗެއް ހެއްޔެވެ؟ އާއިޒުގެ ނަން ކިލަބުވެފައި ވުމަށްވުރެ އަމިއްލައަށް މަރުވުންވެސް ހިތަށް ފަސޭހައެވެ.

ޖިލާ ހުރިހާ ވާހަކަތަކެއް ހާމަކޮށްލާފައި، އެހާބޮޑު ދޮގެއް ހެދެވި އެންމެނަށް އޮޅުވާލެވުނު ކަމަށްޓަކައި މާފަށް އެދުނެވެ.
"ތިކަމުން އެނގުނީ އާއިޒުގެ ރަނގަޅުކަން، އެހެނޭ ކިޔާފައި ދުވަހަކުވެސް އަމިއްލައަށް ދިފާއުގައި އެއްޗެކޭ ބުނި އަޑު މީހަކަށް ނީވޭ، ތެދަށް ބުނަންޏާ އެހާ މާތް ފިރިހެން ކުއްޖަކާއި ދިމާލަށް އެހެން ބުނެވުނީތީ އަމިއްލައަށް ވެސް ލަދުގަނެއްޖެ، ޖިލާ ތިހެން ހެދީމަ މަންމަގެ އަގުވެސް ވައްޓައިލުން ނޫންކަމެއް ނުވިއެއްނު، މަންމަ ޖިލާއަށް ދޮގު ހަދަން ދަސްކޮށް ދިނިންތަ؟" ސީމާ ވެސް ޖިލާ ދެކެ ނުރުހުންވެފައި އަނގަޔަށް ނުބައި ގޮތެއް ހަދާލައިގެން އިނެވެ. ހަގީގަތުގައި ވެސް އޭނަގެ މި މާތް އަންހެން ދަރިފުޅުގެ ސަބަބުން އޭނަ ފަޚުރުވެރިވި ޒަމާނެއްވެސް އައެވެ. ނަމަވެސް މިއަދު މައިމޫންމެން ގާތުގައި އޭނަ ލަދުން އިސްޖެހިއްޖެއެވެ. ލަދުވެތިކަމުގެ ނިވަލުގައި، ދޮގުވެރި ކުއްޖެއް ފިލައި ހުރެދާނެ ކަމަށް ގަބޫލު ކުރާނީ ކާކު ހެއްޔެވެ؟

ބޭރުގައިވާ ތޫފާން ގަދަވެގެން ގޮސް ހުރިހާތަނެއް ބަންޑުން ޖަހައިފާނެހެން ހީވި ވަގުތު ކޮޅެއްވެސް ދިޔައެވެ. ގުގުރި ޖަހައިލާއިރު ކުޑަދޮރުތައްވެސް ތެޅިލައިގެން ދިޔައެވެ. ވިދުވަރުގެ ތޫނު އަލި ދޭތެރެއަކުން އެ ބޯ ފަރުދާތައް ފުރާނާލައިފައި ކޮޓަރި ތެރެއަށް އެޅެމުން ދިޔައީ ދޭތެރެ އަވަސްކޮށެވެ. ވާރޭ ވެހުނުލެއް ބޯކަމުން ދުރުވެސް ފެނުނީ ފުސްގަނޑެއް ފަދައިންނެވެ. ތަންޑަރސްޓޯމްގައި އާއްމުކޮށް ވާގޮތުން ތޫފާންތައް ހިނދެން މާ ގިނައިރު ތަކެއް ނުނަގާނެއެވެ. ގަޑިއެއްހާއިރު ފަހުން ވައިވެސް މަޑުވެ، ދުނިޔެ ހިމޭންވިހެން ހީވިއެވެ. މިހާރު އިވެމުންދިޔައީ އެކަނި ޖިލާގެ ރުއިމުގެ އަޑެވެ. އޭނަ އެހާބޮޑު ފާފައެއްކޮށްފައި އެކަމަށް އެއްބަސްވުމުން ހިތަށް ލިބުނު ދަތިކަމާއި، އެއްވަރަށް ސިކުނޑިން ބުރައެއް ލުއިވެގެން ދިޔަހެންވެސް ހީވިއެވެ. އޭނަދެކެ އެންމެން ނަފްރަތު ކުރިޔަސް ދެން އާއިޒު އާއި މެދު ހިތްނުބައި ނުކުރާނެކަން ޔަގީން ކުރެވިއްޖެއެވެ.

"ޕަމްޕްކިން، ދެން ނުރޮއި.... ގޯޑްވިލިން އާއިޒުއަށް ކަމެއް ނުވާނެ، ސްޓޭ ޕޮޒިޓިވް އިނގޭ ލަވް....." ދާވިޝް ޖިލާއަށް ހިތްވަރުދޭން މަސައްކަތް ކުރުމުން ޖިލާ ވެސް މޫނުން އަތްނަގައިފިއެވެ. އޭރު އެ ކުޑަ ނޭފަތް ވަނީ ރަތްއަރާފައެވެ. ޖިލާ ލޮލުގައިވި ކަރުނަތައް ފޮހެލި ނަމަވެސް ތާޒާ ކަރުނަތައް ލޮލުގައި ގިނަވެގަންނާކަށް އިރުކޮޅެއް ވެސް ނުނެގިއެވެ. އެންމެން އެކި ވާހަކަތައް ދައްކަމުން ދިޔައިރު ޖިލާއަށް ފާހަގަ ކުރެވުނީ ޒީބާ އޭނަ އާއި އަނގައިން ނުބުނެ މޫނު ބަނަކޮށްލައިގެން އިންކަމެވެ. މައިދައިތައިން އެފަދަ ކަންތައްތައް މާ ބޮޑަށް ހިތުގައި ޖަހަނީ ކަންނޭގެ އެވެ. އަމިއްލަ ދަރިފުޅާއި ބެހޭގޮތުން އެހާ ނުރުހެވޭ ވާހަކަތަކެއް ދެއްކީމަ މާފު ދިނުމަކީ ފަސޭހަ ކަމަކަށް ނުވަނީ ކަންނޭގެ އެވެ. 

ބައިގަޑިއެއްހާއިރު ފަހުން ކުއްލިއަކަށް ދޮރުގެ ބެލް ޖެހުމުން އެންމެން ނުތަނަވަސް ވާގޮތްވިއެވެ. އާއްމުކޮށް ނުބައި ޚަބަރެއް ލިބިދާނެކަމަށް ބިރުން ތިބޭ ބަޔަކަށް ފޯނުކޯލެއް އަޔަސް ނަގަން އުދަގޫވާނެއެވެ. ޒެވިޔަން ދޮރުހުޅުވާލި އިރު ދޮރުމަތީގައި އާއިޒު ހުރިތަން ފެނުނެވެ. އާއިޒު ހުރީ ވާރެޔާއި ކުޑަކޮށް ތެމިލައިގެންނެވެ. ތެތް އިސްތަށިގަނޑުގައި ޖަވާހިރު ފަދައިން ފެންތިކިތައް ވިދާތަން ފެނެއެވެ. އާއިޒު ހުރީ އުފާވެރި މޫޑެއްގައެވެ. ޒެވިޔަން އާއިޒުގެ ގައިގައި ބައްދާލަމުން ހީލީ އުފާވެރި ގޮތަކަށެވެ. އާއިޒު އާއި މެދު ކުރެވުނު ހީތައް ފިލައި ހިތަށް ހަމަޖެހުމެއް ލިބިއްޖެއެވެ. "އެންމެނަށް ކުޑަ ހަދިޔާއެއްވެސް އެބައިން.. ވަން މިނިޓް އިނގޭ ބްރޯ...." އާއިޒު ދުވެލާފައި ގޮސް ކާރުގެ ދޮރުފަތް ހުޅުވާލާފައި ކުޑަ ޗީތާއެއް އަތުތެރެއަށް ލައިގެން އަންނަތަން ފެނުމުން ޒެވިޔަންއަށް ވެސް އެއާއި ކުޅެނުލައެއް ނުހުރެވުނެވެ.

"ހީޒް އެޑޮރަބްލް...." އާއިޒު ދޮރު ހުޅުވާލާފައި އެސޮރު މާބްލް ތަޅުންމަތީގައި ބޭއްވުމުން ދުއްވައި ގަތީ ސީދާ ސީމާގެ ފަޔާއި ދިމާލަށެވެ. ސީމާގެ ފައިގައި އޮތް ތަނޑިތަކާއި ކުޅެންވެގެންކަން ނޭގެއެވެ. ސީމާ ތޫލި އަޑަކުން ހަޅޭއްލަވައި ގަންނަމުން އެރީ ސޯފާގެ އަތްގަނޑު މައްޗަށެވެ. އޭރު އޭނަގެ ފައިވެސް ރޫރޫ އަޅަމުން ދިޔައެވެ. ސީމާ ހަޅޭއްލަވާފައި އެސޮރު ގެއިން ބޭރަށް ލާށޭ ކިޔަމުން ދިޔައެވެ. ޗީތާ ވެސް ކުޑަކޮށް ސިހިފައި އެކި ދިމާލަށް ދުވަން ފެށުމުން ޒީބާ ވެސް ބިރުން ސޯފާމައްޗަށް ފައި އަރުވާލައިފިއެވެ. ރިޔާ ވެސް އަޑުކޮޅަށް ހަޅޭއްލަވައިގެންފައި ޒެވިޔަންގެ އުރަށް އެރިއެވެ. އެންމެން ބިރުން އުޅެގަތް ގޮތަކުން ދާވިޝް އާއި ޒެވިޔަން މަޖާވެފައި ހޭން ފެށުމުން ރިޔާ ރުޅި އައިސްގެން ޒެވިޔަންގެ ކޮނޑުގައި ދަތްއަޅަންވެސް ހިތަށް އެރިއެވެ. 

އެތަނުގައި އެހާ މަޖާ ކަންތައްގަނޑެއް ހިގަމުން ދިޔައިރުވެސް އާއިޒު އެކަމަކަށް ސަމާލުކަމެއް ނުދިނެވެ. އޭނައަށް ލޯބިން ފުރިގެންވާ ނަޒަރަކުން ބަލައިލެވުނީ ޖިލާ އާއި ދިމާލަށެވެ. ޖިލާ ވަރަކަށް ރޮއިފައި ހުރިކަން އެނގުމުން އާއިޒުގެ ހިތަށް ހީވީ ކަށިތަކެއް ހަރައި ލެވުނު ހެންނެވެ. އިޝާރާތުން ވެސް އާއިޒު މާފަށް އެދުނެވެ. ދުރުގައި ތިބެގެން ލޮލުގެ އިޝާރާތުން ވާހަކަ ދައްކަންވެސް އެދެލޯބިވެރިން ވަނީ ދަސްކޮށްފައެވެ. 

ޖިލާ ބިރުކުޑަކޮށްލާފައި ޗީތާ ގެ ގައިގައި ހިފަހައްޓާލައިފައި ބޮލުގައި ފިރުމަން ފެށުމުން އެސޮރު ބަސްއަހައިގެން އަޑެއްވެސް ލައްވާލައިފިއެވެ.

"ޖިލް، ހާދަ ބްރޭވް ކުއްޖެކޭ.. އައި ކާންޓް ބިލީވް މައި އައިސް..." އާއިޒުއަށް ބުނެވުނެވެ. ޖިލާގެ އެ ޖެހިލުން ކުޑަކަމުން އާއިޒު ވެސް ހައިރާން ކުރުވައިފިއެވެ. ޖިލާ އެފަދަ ހިތްވަރެއް ކުރަން ކެރުނީ ކިހިނެއް ބާވައެވެ. ޖިލާއަކީ އެގޮތަށް ޕެޓްތަކާއި ހެދި އުޅޭކުއްޖެއް ނޫނެވެ. މީހަކު ބުޅަލެއް އުނގަށްލައިގެން އުޅޭތަން ފެނުނަސް ޖިލާގެ މޭނުބައި ކޮށްގެން އޯކަށް ދަމަން ފަށައިފާނެއެވެ. އެހާވަރުގެ ކުއްޖެއް ޗީތާއެއް އުރަށް ލައިގެން ހުރުމުން ގަބޫލުކުރަން ދަތިވިއެވެ. ނަމަވެސް ލޯބިވަންޏާ ކޮންމެ ރޮގެއްވެސް ހުރަސް ކުރެވިދާނެ ކަން އާއިޒުވެސް ނުދަންނަނީއެއް ނޫނެވެ. ޖިލާ އެހެރީ އޭނަ ލޯބި ކުރާ ކޮންމެ ކަމަކަށް ހިތްޖެހިފައެވެ. ޖިލާ މިހުރިހާ ދުވަހު ފޫހިވި ކަންތައްތަކާއިވެސް ރުހެވިއްޖެއެވެ. މުޅިންވެސް އާއިޒުގެ ލޯތްބަށް ޓަކައެވެ. މައިދައިތަ އޭނައަށް މާޒީ ހަދާންކޮށްދިނުމުން އެވަގުތު ހިތްހަމަނުޖެހިފައި ހުރެ އާއިޒު ނިކުމެގެން ދިޔަސް މާޒީއިންވެސް ލޯބި ފަނޑުކޮށްލުމަކީ ކުރެވޭނެ ކަމެއްނޫނެވެ. ދުނިޔޭގެ އެއްވެސް ބާރަކަށް ދެން އެދެމެދަށް ވަދެވުމަކީ ވެވޭނެ ކަމެއްނޫނެވެ. އެއަށްވުރެ އެމީހުންގެ ލޯބި މާބޮޑަށް ވެސް ވަރުގަދައެވެ.

"ދަރިފުޅު ފޯނު ނިއްވާލައިގެން ކީއްތަ ކުރީ؟ މަންމަމެން ބިރުން ހަލާކުވެއްޖެ، އަނެއްކާ ގެއަށް ތިއައީ ކުޑަ ކުޑަ މިނިކާވަގެއް ގޮވައިގެން، ދަރިފުޅު ވެސް މަންމަމެން ބިރުން ފިތްކަނޑުވާލައިފި..." ޒީބާ ޖަޒުބާތުގެ ސަބަބުން ލޮލުން އައި ކަރުނަ ފޮހެލަމުން ހިނިތުންވެލިއެވެ. ޒީބާ ހުރިހާ ދަތްތައް ދައްކާލައިގެން އިންއިރު ހީވަނީ ދަރިފުޅު ފެނުމުން ޒީބާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބިއްޖެ ހެންނެވެ. ކިރިޔާ އަތުން ބީވެފައި އެންމެ އަގުބޮޑު ޖަވާހިރު ލިބުނީއެވެ. އާއިޒު އަކީ މީހަކަށް ލިބޭނެ އެންމެ ރަނގަޅު ދަރިފުޅުކަން މިއަދު ޖިލާ ވަނީ ސާބިތު ކޮށްދީފައެވެ. އަހަރެއްވާންދެން ޖިލާ އާއިޒު ފިރިއެއްގެ ގޮތުގައި ބަލައިނުގެން ދުރުން އުޅުނު އިރުވެސް އާއިޒު ދުވަހަކު ޝަކުވާއެއް ކޮށްފައެއް ނެތެވެ. އޭގެ ބަދަލުގައި ޖިލާ އެންމެންގެ މެދުގައި އާއިޒުގެ އަގުވައްޓާ ލުމުންވެސް އާއިޒު ޚިޔާރު ކުރީ ހިމޭންކަމެވެ.

"އޯވް..." އާއިޒު ޖީބުން ފޯނު ނަގާފައި ސްކްރީން ނިވިފައިވާތަން ފެނުމުން އަނގަޔަށް ގޮތެއް ހަދާލިއެވެ.
"ސޮރީ މަމް. ފޯނު ޗާޖު ދިޔަކަމެއްވެސް ނޭގުނު، އަޅުގަނޑުވެސް ގަސްތުގައި މަންމަމެން ހާސްކުރުވަން ބޭނުމެއްވެސް ނުވާނެއެއްނު.... ނަތިން ވިލް ހެޕެންޓު މީ މަމް..." އާއިޒު އެހެން ބުނެލާފައި ޒީބާގެ ނިތްކުރީގައި ބޮސްދިނެވެ. މައިމޫންވެސް އާއިޒުގެ ބުރަކަށީގައި ފިރުމާފައި އުޅުއްވި ގޮތުން އޭނަވެސް ދަރިފުޅު ދެކެ ލޯބިވެލައްވާވަރު ކިތަންމެ ރަނގަޅަށް ވެސް ހާމަވެގެން ހިގައްޖެއެވެ.

އާއިޒު އެހާ "ނުރައްކާތެރި" އެއްޗެއް ގެއަށް ވައްދައިގެން އޭނަ ބިރުން ފިތްކަނޑުވާލާފައި ވާތީ އެކަމާއި ހިތްހަމަނުޖެހިފައި ހުރެފައި ސީމާ ވެސް ހޭންފެށިއެވެ.

"އާއިޒު ވެސް ކުރާ ކަންތަކުން މަންމަ ލަދުގަންނަވާލައިފި، ދަރިފުޅަށް ނޭގޭނެ ވިއްޔާ މަންމަ ބުޅާ ދެކެ ބިރުގަންނަ ވަރެއް، ތި ކެޓް ފެމިލީ އެއްޗެއް ފެނިއްޖެއްޔާ ފެއިންޓް ވާވަރުވޭ، އަދިވެސް ހަދާންވޭ ވަލުތެރެއިން ޗީތާއެއް ފަހައިގަތް ދުވަސް... އެދުވަހު ބިރުން ދުވެލެވުނީ ރޭސްޖަހާ މީހެއްހެން، އެފަދަ ވަގުތެއްގައި އެޑްރިނޭލިން މަސައްކަތް ނުކުރާނަމަ އެ ނިމުނީ، މިހާރު ޖިލް ގެއަށް އެވަނީ އޭތި އުރާލައިގެން ދޯ، އާއިޒު އަވަހަށް ދޭބަލަ، ޖިލް އެކަނިވީމަ އެ ބުޅާގަނޑު ޖިލްއަށް އެޓޭކްކޮށްފާނެ...." ސީމާ އެތައް ޒަމާނެއް ފަހުން އެހާ "ދަރިފުޅު" ވެގެން ވާހަކަ ދެއްކުމުން އާއިޒުއަށް އުދަގޫވިއެވެ. ސީމާ އިރުއިރުކޮޅާ ކުލަ ބަދަލުކޮށްލަން ހާދަ ކުޅަދާނައެވެ. ނޫނީ އޭނަގެ ބައްޕަގެ ހިތް އަތުލަން އާއިޒު ދެކެ ލޯބިވާކަން އަންގަން ސީމާ ހިތާއި ދެކޮޅަށް މާ ހިތްހެޔޮކަން ފާޅުކުރަން ފެށީ ހެއްޔެވެ؟ ކޮންމެ ސަބަބަކާއި ހުރެ ދެއްކި ވާހަކައަކަށް ވިނަމަވެސް އާއިޒުވެސް ވާހަކަ ދެއްކީ ރީތިކޮށެވެ. އެހެންނޫނަސް ބައްޕަމެން ގެ ކުރިމަތީގައި އާއިޒު އުޅެނީ އަދަބުވެރި ކޮށެވެ. އެކަމަކުވެސް އާއިޒުއަށް ބައްޕަ އާއި ސަމާސާކޮށް އެކުވެރިކަމާއިއެކު ވާހަކަ ދައްކަންވެސް ކެރެއެވެ. 

ޒީބާ ވެސް ހުރީ އާއިޒު ޗީތާއެއް ގެންގުޅުމާއި މެދު ހިތްހަމަނުޖެހިފައި ކަމުން އާއިޒު ގަސްތުކުރީ އެ ޗީތާ ޑޭން މެންނާއި ހަވާލު ކުރުމަށެވެ. މަންމަމެން ނަފްސާނީ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާކަށް އާއިޒުވެސް ނޭދެއެވެ.
"ދަރިފުޅު ހިކިއެއްޗެހި ލައިގެން އާދޭ، މަންމަ އަންނާނަން ހޫނު ކޮފީ ހަދައިގެން..." ޒީބާ އާއިޒު ގާތުގައި އެހެން ބުނެފައި ހެވިލާފައި ހުރެ ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ. އޭރު އަލީނާ އެކަނިމާއެކަނި ކާކޮޓަރީގެ ދޮރު ކައިރީގައި ބޭރަށް ބަލަހައްޓައިގެން ގެއްލިފައި ހުއްޓެވެ. އަލީނާ އެނބުރިބަލައިލި އިރު އެމޫނުގައި ވި މައުސޫމް ގޮތަކާއި ލޮލުގައި ކުޑަކޮށް ކަރުނައިގެ އަސަރު ހުރުމުން، ޒީބާގެ ހިތްވެސް ތެޅިލައިފިއެވެ. އެ ސިކުންތުކޮޅު ހިތުގައި އުފެދުނީ "ހަމްދަރުދީ" ބާވައެވެ. ޒީބާ ބިރުގަނެއްޖެއެވެ. އެއާއި އެކު އޭނަ ހަނދާންވީ އޭނަ އަލީނާ ދެކެ ނަފްރަތު ކުރާ މައިގަނޑު ސަބަބެވެ. ފަގީރުންނަށް ސަދަގާތްކޮށް، ނިކަމެތިންނަށް އެހީވާއިރު ޒީބާއަށް އަލީނާ ދެކެ ރުޅިއާދެވުނީ އެކަނި އޭނަގެ ލޯބިވާ ފިރިހެންދަރިފުޅަށް ޓަކައެވެ. އޭނަ އެތައް މަސައްކަތަކުން ބަލައި ބޮޑު ކުރި ޒުވާން ދަރިފުޅާއި އެއްވެސް ގޮތަކުން އެކަށީގެންނުވާ އަންހެންކުއްޖަކު ޒެވިޔަންގެ ފަހަތުން އަޅުވައިގަތީމައެވެ.

"ކަމެއްނެތި ދޮރު ކައިރީގައި ހުރުމުން ހާދަ ހިތްފަސޭހަ އޭ ދޯ، ކޮފީ ޖަގެއް ހަދާލަބަލަ...." ޒީބާ ގޮނޑީގައި އިށީދެ އަމުރެއް ކޮށްލައިފިއެވެ. ކިތަންމެ ކުޑަޔަސް އަލީނާ ހަދާ ކޮފީގެ ރަހަ ވަކިން މީރެވެ. އަލީނާގެ އަތުގައި ވެސް ޖާދުލެއް ހުންނަނީ ކަންނޭގެ އެވެ. އެލޮލުގައިވެސް ސިހުރެއް އެކުލެވޭގޮތެއް ހުރެއެވެ. ކަޅުކަމުން އަޑިނޭގޭފަދަ ލޮލުގެ ވިދުވަރު ގަދަކަމުން ކުޑަކުއްޖެއް ފަދައެވެ. ޒީބާ ގަބޫލުކުރަން ބޭނުންނުވިޔަސް އަލީނާ އަކީ ރީތި ކުއްޖެކެވެ. ތަފާތު، ރީތިކަމެއް ދެއްވާފައިވެއެވެ. އެހެންނޫންނަމަ ޒެވިޔަންވެސް މި ކުޑަ ބައި އިންޗް ހަމަނުވާ ކުއްޖާދެކެ ރުހުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އޭރު ފްލޯރާމެންވެސް ރޭގަނޑަށް ކައްކަން އުޅުނީ ބަދިގެފަރާތުގައެވެ.

އަލީނާ އަތްމަތި އަވަސްކޮށްލާފައި ކޮފީ ޖަގު ގެނެސް މޭޒުމަތީގައި ބަހައްޓަން އުޅުނު ވަގުތު ޒެވިޔަން ދޮރުމައްޗަށް އެރުމުން ލިބުނު ސިހުމުގައި އަލީނާގެ އަތުން ކޮފީޖަގު ދޫނުވީ ކިރިޔާއެވެ. ޒެވިޔަން ވަންނަން އުޅެލާފައިވެސް އަނބުރާލައިފައި ދިޔައީ އަލީނާ އާއި ދިމާލަށް އެއްލޯ މަރާލައިފައެވެ. އޭރު އަލީނާގެ ހިތްހީވަނީ ފުންމާލަފާނެހެންނެވެ. ޒެވިޔަން ސިކުންތުކޮޅަކަށް ފެނިލިޔަސް އަލީނާގެ ހިތަށް ވާގޮތް ދެނެވޮޑިގެން ވަނީ މާތް ރަސްކަލާނގެއެވެ. ޒީބާ އޭރު އިނީ ރުޅިއައިސްގެން މޫނު ރަތްކޮށްލައިގެންނެވެ.

"އަލީނާ، ޒެވިޔާ ފެނުނީމަ ތިވަނީ ހާދަ ވަރެކޭ، ތިއީ އާކަމެއްނޫން. އޭނަ ފެނިފައި ހިތް ދީވާނާ ނުވާ އަންހެން ކުއްޖަކާއި ޒެވިޔާ ދިމާވާކަމެއްވެސް ނޭގޭ، އެކަމަކު އެންމެ ފަހަރަކުވެސް ތިމާގެ ފެންވަރާއި މެދު ވިސްނާލަން ޖެހިއްޖެ އެއްނު މޮޔަކުއްޖާ، ތި އަރަން އުޅެނީ އުޑަށް، ބިންމަތީގައި އޮތް ފަންޏަކަށް އުޑުގައި ވިދާ ތަރިއަކާއި ނުކުޅެވޭނެ، އެއީ ދުވަހަކު ވާނެކަމެއްނޫން، އެފަދަ ދުވަހެއް އަތުވެއްޖެއްޔާ އަހަރެންގެ މިދެއަތުން އަލީނާ ކޮށައި ކުދިކުދި ކޮށްލާނަން...." ޒީބާ ހިތާހިތުން އެތައް އެއްޗިއްސެއް އަލީނާ އާއި ދިމާލަށް ކިޔައިލި އިރުވެސް ދުލަކާއި ހަމަޔަށް އެއިން ލަފުޒެއް ނުފޯރިއެވެ. އަލީނާ އާއި ދިމާލަށް އެއްޗެހި ކިޔުމުންވެސް ޒީބާގެ ގަދަރަށް އުނިކަމެއް އަންނާނެހެން ހީވީއެވެ. އޭނަ އާއި ވާހަކަ ދެއްކޭނީ ވެސް ވަކި ފެންވަރެއްގެ މީހުންނާއިއެވެ. ޒީބާ ކޮފީޖަގު ހިފައިގެން ބޭރަށް އައިއިރުވެސް އޭނަގެ ހިތުގައި ވަނީ އަލީނާ ނައްތާލާނެ ގޮތެކެވެ. އެ ކުޑަ ކަށި އުފުރައިލާފާ އެއްލައިލަންވީ ގޮތެއް ނުވިސްނާފައި ހުއްޓާ ވާނެ ގޮތަކާއިމެދު ޚިޔާލުކޮށްލިޔަސް އޭނަގެ ހިތް އިރައިގެން ގޮސްދާނެހެން ހީވެއެވެ. 

ދެތިން ދުވަސްފަހުން އާއިޒު ގެއަށް އައިސް ޖިލާ ނުފެނިގެން ހޯދަމުން ގަސްތަކުގެ ތެރެއަށް ވަނެވެ. ޖިލާ އުޅުނީ ބަގީޗާގެ ތެރޭގައި ފިނިފެންމާތަކެއް ބިނުމުގައި އަވަދިނެތިއެވެ. އިރުގެ ރަން އަވީގައި ޖިލާ މުށިކުލައަކަށްދާ ހެދުމެއްގައި ފެނުނު އިރު ރީތިކަމުން ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. އިސްތަށިގަނޑަށްވެސް ރަންކުލަ އަރާފައިވާއިރު ހަން އޮމާންކަމުން ވިދައެވެ. ފިނިފެންމާތައް ވަށިގަނޑަކަށް ލަމުން ލަވައެއްވެސް ކިޔަމުން ދިޔައީ އުފަލާއި އެކުގައެވެ. ޖިލާގެ ތުންފަތުގައި ވަނީ އެ މާތަކުގެ ކުލައެވެ. ލިޕްސްޓިކަކަށް ބޭނުމެއް ނުވާފަދަ ރީތި ތުންފަތެކެވެ. އާއިޒު ފެނުމާއިއެކު ޖިލާ ދުވެލާފައި އައިގޮތަށް އާއިޒު ގެ އަތުގައި ހިފެހެއްޓި އިރު ޖިލާ ހުރީ މައިނޭވާލެވިފައެވެ.

"އާޗް، އުފަލުން ގޮސް މޮޔަވެދާނެ، ފެއިންޓްވެސް ވެދާނެ. ހާދަ އުފާވެއްޖެ، ހީވަނީ ހުވަފެނެއްގައި އުޅެވޭހެން..." ޖިލާ ތެޅިތެޅި ވާހިތަކާއި އެކު ބުންޏެވެ.
"ހިތް ނުތަޅުވާ ބުނެބަލަ ޑާލިން..." އާއިޒު ގެ ހިތުގައި ޝައްކެއް އުފެދުނެވެ.
"ޓެސްޓް ޕޮޒިޓިވް ވީ...." ޖިލާ އަށް ކުޑަކޮށް ފޮނިވެސް ވެވުނެވެ. އެއީ ހާދަ އުފާވެރި އިހުސާސް ތަކެއް ކުރުވިކަމެކެވެ. ޖިލާއަށް ހީވީ ދުނިޔޭގައިވެސް އަލަށް ކުއްޖަކު ބަލިވެ އިންހެންނެވެ. އަލަށް ވީކަމެއްހެންނެވެ. ވާނީވެސް އެހެންތާއެވެ. އޭނައަށް އެއީ އާ ތަޖުރިބާއެކެވެ. އާ އިހުސާސްތަކެވެ. އެފަދަ ފޮނި ފޮނި އިހުސާސްތަކެއް ކުރެވޭނީ މަންމަ އަކަށް ވާން އުޅޭ އަންހެން ކުއްޖަކަށެވެ. އާއިޒު ބުމައަރުވާލިއެވެ. ޖިލާ ބުނި އެއްޗެއް އޭނައަށް ނަގައިގަނެވުނީ އިރުކޮޅަކުންނެވެ. އާއިޒު ހެއްދެވިފަރާތަށް ހިތާހިތުން ޝުކުރު ކުރަމުން ޖިލާގެ މެދުހަށީގައި ހިފާފައި އުފުލާލި ގޮތަށް އެނބުރެމުން ގޮސް އެންމެ ފަހުން އާއިޒު ގަހަކަށް ލެނގިލި އިރު އެދެލޯ އުފަލުން ވިދަމުން ދިޔައެވެ. ދެމީހުންނަށް ވެސް ހުނުން ހިފަހައްޓައެއް ނުލެވުނެވެ. ވަގުތުން އާއިލާއަށް އެ ޚަބަރުދޭން އާއިޒު ބޭނުންވިއެވެ. މަންމަމެންނަށް މާމަ ދަރިއަކު ލިބެން އުޅެނީއެވެ. ނަމަވެސް ނިކީގެ ހަނދާންތައް އާވުމުން އާއިޒުގެ އުފާތައް ފަނޑުވާން އުޅުނެވެ. ނިކީގެ އެ ލޯބި ތުއްތު ހަރަކާތްތައް ފިލްމެއްގެ މަންޒަރު ހެން ސިފަވިއެވެ. ޒެވިޔަންއަށްވެސް ދަރިއަކު ލިބޭނެ ނަމައެވެ. އެހެންނޫނީ މި އުފަލުންވެސް ބަޔެއް މަދުވާނެއެވެ. 

އާއިޒު ޖިލާ އާއި ސަމާސާ ކުރަމުން ގޮސް އަނެއްކާވެސް ޖިލާ އުފުލައިލެވުނެވެ. ޖިލާ އެއްއަތުން އާއިޒު ގެ މޫނުގައި ފިރުމާލި އިރު އަނެއް އަތްވަނީ އެފަން އިސްތަށިގަނޑުގެ ތެރޭގައެވެ. އޭރު އާއިޒުގެ ދެއަތް ވަނީ ޖިލާގެ އުނަގަނޑުގައި ވަށާލެވިފައެވެ. ގަޔާއި ލައި ފިތާލައިގެން ހުރެވުނީ ދުވަހަކުވެސް ދޫކޮށްލަން ބޭނުންނުވާހާ ބާރަށެވެ.

"މަންމައަށް ފެނިއްޖެއްޔާ ބުނާނެ އަހަރެން އޯވަރ ވަނީއޭ، ނުވާވަރެއްތަ؟ އަހަރެންގެ ޖިލީ ހާދަ ރީއްޗޭ، ޕްރެގްވީމަ ވަކިން ރީތިކޮށް މަށަށް ފެންނަނީ، ޖިލީ ބޭބީ ހުއްޓާލާނީ އަހަރެން މޮޔަކޮށްލާފައި ދޯ...." އާއިޒު ސަމާސާ އަކަށް އެހެން ބުންޏަސް މަންމަމެން އެގޮތަށް ވިސްނާތީ، އުދަގޫވާނެކަން ޖިލާ ދެނެގަތެވެ. އާއިޒު ވެސް އެފަދަ ބަދުނާމެއް ވާކަށް ބޭނުމެއް ނުވާނެއެވެ. ކޮންމެ ކަމެއްވެސް އޮންނަން ވާނީ ވަކި ހައްދެއްގެ ތެރޭގައެވެ. އެފަދަ އަމަލެއްވެސް އިމުން ބޭރުވެއްޖެއްޔާ ދެން މާ ރީތި ކަމަކަށް ނުވެ ހިގައިދާނެއެވެ.

"ހަނީ، އަދި އެއްވާހަކަ ބުނަން ބޭނުންވޭ، އެކަމަކު...." ޖިލާ އެއްޗެކޭ ބުނަން އުޅެފައި ވެސް ހުއްޓާލައިފިއެވެ. ނޫނެކެވެ. ޖިލާ އަމިއްލައަކަށް އޭނަ އާއިޒު ދެކެ ލޯބިވާވަރު އަންގަން ބޭނުމެއް ނޫނެވެ. އާއިޒުއަށް އޭނަ އާއިޒުއަށް ޓަކައި އެވަރުގެ ކަމެއްކުރިކަން އެގެން ވާނީ އެހެން މީހެއްގެ ފަރާތުންނެވެ. ޖިލާ އާއިލާގެ ގާތުގައި އާއިޒުގެ ރަނގަޅު ކަމުގެ އެތައް ވާހަކަތަކެއް ދައްކާފައި އޭނަ ހެދި ދޮގުތައްވެސް އަންގައިފިކަން އެނގުނީމަ އާއިޒުއަށް ބަޔާންކުރަން ދަތި އުފަލެއް ލިބިގެން ހިގައިދާނެއެވެ.

އާއިޒު އެރޭ ރޭގަނޑުގެ ކެއުމުގައި އޭނަގެ އާއިލާއަށް އެ އުފާވެރި ޚަބަރުދިނެވެ. އެންމެންވެސް އާއިޒު އާއި ޖިލާއަށް މަރުހަބާ ކިޔަމުން ދިޔައިރު ރިޔާ އިނީ ކުޑަކޮށް ހިމޭންވެފައިކަން ޒެވިޔަން ދެނެގަތެވެ. ޒެވިޔަންގެ ހިތަށް ނޭގޭފަދަ އަސަރުތަކެއް ކުރިއެވެ. އޭނައަށް އެހީއެއް ވެވޭނެ ނަމައެވެ. ރިޔާއަށް ޓަކައި އޭނަ އެއްފަހަރު މަސައްކަތް ކުރިއެވެ. ލޯބިވާ ފަރާތެއް ގުރުބާން ކުރީއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް އެކަން ވީ ނާކާމިޔާބެވެ. 

ޒީބާ އާއި ރިޔާ އިށީދެލައިގެން ތިބީ ފެންޑާގައިވާ ސޯފާއެއްގައެވެ. ޒީބާ ޖަވާހިރު ސެޓަކުން ކަނދުރާ، ކަންފަތް އަދި އަތާއި ފައި ފަޅުފިލުވާފައި ވާއިރު ލައިގެން ހުރި ހެދުމުގެ ސަބަބުން ވަކިން ޝާހީ ގޮތެއް ހުއްޓެވެ. އަރާފައި ހުރި ހައިހީލްއަކުންވެސް އިސްކޮޅު ވަކިން ދިގުކަމަށް ދައްކައެވެ. ދެމީހުން ވާހަކަދައްކަމުން ދާލެއް މަޑުކަމުން އެހެންމީހުންނަށް ސިއްރުކުރަން ބޭނުންވާ ވާހަކައެއްކަން ދައްކުވާދެއެވެ. ރޭ ޖިލާ ބަލިވެއިންކަން އެނގުމުން ރިޔާވެސް ދަރިއަކާއިމެދު އިންތިހާއަށް ޝައުގުވެ އެފަދަ ދުވަހެއް ދެކެން ބޭނުންވާން ފަށައިފިއެވެ. ޒީބާ ވާހަކަ ދެއްކީ އަނެއްކާ އަލީނާއަށް ހޯމޯން ކާންދޭން ފެށުމާއި ބެހޭގޮތުންނެވެ. އެ ވާހަކަދައްކަން ތިބެފައި ޒީބާ ފެންޑާގެ ފަތްތަރުމަތިން ފައިބަނިކޮށް ގަސްތަކުގެ ތެރެއިން އަލީނާ ދަނިކޮށް ފެނުމުން ޒީބާއަށް އެދިމާލަށް ބަލައިލެވިއްޖެއެވެ. އެއާއިއެކު ޒީބާ ފައި ކަތިއަށް އެޅި ވެއްޓި ފަތްތަރުމަތިން ފުރޮޅާލައިގެން ގޮސް މާބްލްމަތީގައި ޖެހުނެވެ. 

"މައިގޯޑް. މަމްއަށް ކިހިނެއްވީތަ؟ ތަނަކަށް ތަދުވިތަ؟" ރިޔާއަށް ދުވެފައި ގޮސް ޒީބާގެ ގައިގައި ހިފަހައްޓައިލާ ނަގަން މަސައްކަތް ކުރަމުން ޒެވިޔަންގެ ނަމްބަރަށްވެސް ވަގުތުން ގުޅިއެވެ.
"މަންމައަށް ހީވަނީ ފްރެކްޗަރ އެއްހެން..." ޒީބާ ގެ އަތް ދުޅަވެ، ކެތްނުކުރެވޭފަދަ ވޭނެއް ގައިގައި އެޅިއިރުވެސް ޒީބާގެ ލޮލުން ކަރުނަތިއްކެއްވެސް ޖަހާނުލައެވެ.
"މަންމާ، އެހެންވެ އަޅުގަނޑު ބުނީ އެއީ ޖިންކްސް އެކޭ، ބޭޑްލަކް ނޫން އެއްޗެއް އެ ސުންޕާކުއްޖާ އައިފަހުން މިގެއަކަށް ކުރިމަތިވެފައެއް ނެތް، އެކުއްޖާ ފޮނުވައިލުމަށްވުރެ ރަނގަޅު އެހެން ގޮތެއް ނެތްކަން ނޭގޭ...." ރިޔާ އަލީނާ ހުރި ދިމާލަށް ބަލައިލި އިރު އަލީނާ ފެންނާކަށް ނެތެވެ. ރިޔާ އިނީ ބިރުގެންފައެވެ. ޒީބާގެ ހިތުގައިވެސް ނަފްރަތުގެ އަލިފާންގަނޑު ކުރިއަށް ވުރެ ބޮޑަށް އަނދައިގެންފިއެވެ. އެކުއްޖާގެ އެންމެ ވިހަ ނަޒަރަކުން އޭނަގެ އަތުގެ ދުވަސް ދުއްވާލައިފިއެވެ.

ކަނައަތް ބޭކާރުވެ ތިން ހަފްތާވަންދެން ޕްލާސްޓަރު ގަނޑު އަޅައިގެން ހުންނަން ޖެހުމުން ޒީބާއަށް ކިތަންމެހާވެސް ގެއްލުންވިއެވެ. އެހާ ގިނަ ދުވަސްވާންދެން އޮޕަރޭޝަންތައް ފަސްކޮށް، ދަރިމައިވާން ބޭނުންވެފައި ތިބި އެތައް ބަޔަކު އިންތިޒާރުކުރަން ޖެއްސުނު ކަމާއިމެދު އިންތިހާއަށް ހިތާމަކުރިއެވެ. ޒީބާ އަމިއްލައަށް ނޫޅެވުނީމަ މައިމޫންގެ އެހީތެރިކަން އެންމެ މައްޗަށް ލިބުނަސް ސީމާ އެއްވެސް ވަރަކަށް އެހީއެއްނުވެއެވެ. އޭނަ ހުންނަނީ މައިމޫން ޒީބާ ގެންގުޅޭލެއް ފެނުނީމަ ހަސަދައިން ފުރި، އެކަމާއި މެދު ހިތްހަމަނުޖެހިފައެވެ. އެހެންނޫނަސް މައިމޫން އޭނަ އާއި ދުރުވާން ފެށިތާ ކިތަންމެ ދުވަހެކެވެ. ސީމާ މައިމޫން ހަސަދަވެރި ކުރުވަން މައިމޫންގެ އެކުވެރި އަކާއި މާ ގާތްކޮށް ވާހަކަ ދައްކަން ފެށިފަހުން މައިމޫން ސީމާ މުޅިންހެން ދުރުކޮށްލައްވައިފިއެވެ. ސީމާ މައިމޫންގެ ހިތް އަތުލަން ކުރި މަސައްކަތް އެވީ ނާކާމިޔާބެވެ. އެހެން ފިރިހެނަކާއި ވާހަކަދެއްކުމުން މައިމޫން އެކަމާއި މައްސަލަ ޖެއްސުމުގެ ބަދަލުގައި ހައްތަހާ ޒީބާ އާއި ކައިރިވީއެވެ. ސީމާ ދެން ބޭނުންވީ ޒީބާ ފަދައިން މޮޅު ވަޒީފާއެއްގައި ހުރުމެވެ. އޭނަ އެއް ޒަމާނެއްގައި މޮޑެލްއަކަށް ހުރެފައި ފަހުން އުޅެފައިވަނީ މުޅިންވެސް ގެވެހި އަންބެއްގެ ގޮތުގައެވެ. ނަމަވެސް ސީމާ ދެކުނު ގޮތުގައި އެގޮތަށް ގޭތެރޭގައި ތިބުމަށްވުރެ މީހުންގެ ގަދަރާއި، އިއްޒަތް ލިބޭނީ ޒީބާފަދަ އަންހެނަކަށް ވެވިގެންނެވެ.

ސީމާ ކޮޓަރީގެ ދޮރުގައި ކަންފަތްޖަހައިގެން އެހެން ކިތަންމެ ދުވަހަކު ހުރެއެވެ. އަލީނާގެ ފަރާތުން ސިއްރެއް ބޭޒާރު ވެދާނެ ކަމުގެ އުންމީދުގައި އޭނަ ކިތަންމެ ވަރަކަށް ވެސް އަލީނާއަށް ފާރަލައެވެ. އެހެންއުޅެނިކޮށް މިއަދު އަލީނާ މީހަކަށް ގުޅައިގެން ހުރެ ވާހަކަދެއްކި އަޑު ރީތިކޮށް އިވުނެވެ.

"ހޫމް ނާހީ ބޭނުމީ އެހެން ބުނާ އަޑުއަހަންތަ؟ އޯކޭ، އައިމް ޕްރެގްނެންޓް.." އަލީނާ އެންމެ ފަހު ޖުމްލަ ބުނެލީ ބާރަކަށެވެ. އަދި އަލީނާ ހޭންފެށިއެވެ.
"މީހަކާއި މެރީނުކޮށްވެސް ޕްރެގް ވެވިދާނެ އެއްނު، ދެން މާލެ ދާއިރު ބޭބީއެއް ގޮވައިގެންނޭ ދާނީ...." އަލީނާ ތަންކޮޅެއް މަޑުން ބުނެލިޔަސް ސީމާގެ ކަންފަތް ތޫނުކަމުން ކިތަންމެހާވެސް ރަނގަޅަށް އަޑުއިވިއްޖެއެވެ. އެކަމަކު ސީމާއަށް އެ ލިބުނު ޚަބަރަކުން އޭނަ އަނބުރައި ނުގަތީވެސް ކިރިޔާއެވެ. މޫނު ހުދުވެފައި އިރުކޮޅަކު ހުރުމަށްފަހު ސީމާ އެތަނުން ދާން ހިނގައިގަތް އިރު ދެލޮލުން އަލިފާން ކަނި ބުރަން ފަށައިފިއެވެ. މިފަހަރު އޭނަ ހިމޭނުން ނުހުންނާނެއެވެ. އޭނައަށްވެސް މިގޭތެރޭގެ ސިއްރުތައް ހާމަވެފައިވާކަން އޭނަ ނިކަން ރަނގަޅަށް އަންގައިދޭނެއެވެ. ސީމާ ދަތްތަކަށް ބާރުކުރިވަރުން ހީވަނީ ދަތްތައް ބިންދައިގެން ގޮސްދާނެ ހެންނެވެ. މާދަމާ ވަންދެން އިންތިޒާރު ކުރުމަކީވެސް ފަސޭހަކަމެއް ނޫނެވެ. މިހާ ބޮޑުކަމަކަށް ހިތް ކެތްކުރަން ޖެހުނު ހަދާނެއް އޭނަ ނުވެއެވެ.

މެންދުރު އެންމެންގެ ކެއުން ތައްޔާރުކޮށްފައިވަނީ ގަސްތަކުގެ ތެރޭގައެވެ. ހެޔޮވަރަކަށް ވައިޖެހެމުން ދާއިރު ފަޒާގެ ހޫނުފިނިމިން ވަނީ އެންމެ ހެޔޮވަރަށެވެ. މާމެލާމެލީގެ މީރުވަސް ފަނޑުކޮށްލާވަރަށް އެ އާއިލާގެ މެމްބަރުން ތިބީ ސެންޓު ޖަހާލައިގެންނެވެ. މިއަދު އެންމެންހެން މޭޒުދޮށަށް ޖަމާވިއެވެ. ޒީބާވެސް މައިމޫންގެ ކައިރީގައި އިށީން އިރު އޭނަގެ ވައަތުގައި ވިދާ އަލިމަސް އަނގޮޓި ފެނުމުންވެސް ސީމާ ރުޅި އަރައި ގަންނަ ގޮތްވިއެވެ. އެއީވެސް އާ އަނގޮޓިއެކެވެ. ޔަގީނެވެ. މައިމޫން އޭނައަށް ނުދެއްވާ ޒިބާއަށް ފެންފަދައިން ޖަވާހިރުވެސް ޚަރަދު ކުރައްވަނީއެވެ. އޭނަގެ އަތުގައި އެފަދަ އެންމެ އަނގޮޓިއެއްވެސް އެޅޭނެކަމަށް ހުވަފެނެއްގައިވެސް ދެކިގެން ނުވާނެއެވެ.

"ޒީބް ކޮންތަނަކުން ގަތް އަނގޮޓިއެއްތަ؟" އެންމެފަހުން ސީމާއަށް ނީދެވިގެން އަހާލައިފިއެވެ.
"މައިމޫން މިފަހަރު ލަންޑަންއިން ދުރުވަމުން ގެނައި ހަދިޔާއެއް، ރީތި ތަ؟" ޒީބާ ފުޅާ ހިނިތުންވުމަކާއި އެކު ބުނެލައިފިއެވެ. ސީމާ ވެސް ދެއްކުންތެރި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިފިއެވެ. ޒީބާ ފޮނިވިޔަދޭށެވެ. އެކަމަކު އޭނަ ޒީބާގެ ކަރުތެރޭގައި ހިތިރަހަ ލައްވައި ދޭނެއެވެ. ގޭގައި ގެންގުޅޭ މެއިޑަކާއި ޒީބާގެ ފިރިހެންދަރިފުޅު ނަހަމަ ގުޅުމެއް ބާއްވައިގެން، ނަހަލާލަށް ބަލިވެއިންކަން އެގުނީމަ ގައިމު ޒީބާގެ މޫނުމަތީގައިވާ ފޮނިކަން ވަގުތުން ކެނޑިގެން ހިގައިދާނެއެވެ. ލަދުންގޮސް ދަންޖެހިގެން މަރުނުވިއްޔާ ވެދާނެއެވެ.

"ޖިލް ޕްރެގްވީމަވެސް އާއިޒު ވާނެ އެހާ ރީތި އަނގޮޓިއެއް އަޅުވަދޭން. މުއްސަދި ބައިވެރިން ތިބުމުގެ އެއް ބޭނުމަކީ އެއީ، ސްޕެޝަލް އޮކޭޝަން ތަކުގައި ރީތި ހަދިޔާތައް ދެވެންވާނެ، ނޫންތަ؟ ހޫމް، ދެން މިގޭގެ މެއިޑެއްވެސް ބަލިވެއިންކަން މަށަށް އެނގޭ، މަށަށްވެސް ހީވަނީ ޒީބާއަށްވެސް ނޭގި ހިނގަމުންދާ ކުޅިގަނޑެއްނޫން ހެން... މިއަދު ކިރިޔާ އަހަންނަށް އެނގުނީ، އަލީނާ އޭނަގެ އާއިލާ މީހަކަށް ގުޅާލައިގެން ހުރެ ކިޔާލި އެއްޗަކުން މަވެސް ލަދުގަތް، މިގޭ ތެރެއަށް އެހެން ފިރިހެނަކު ވަންނަނީ އެއްނޫން، ދެން ކިހިނެއް އެހެންވާންވީ.... އަލީނާ ބަލިވެ އިނީ ކާކުގެ ދަރިޔަކަށްތަ؟ ކާކު އެ ރޫމަށް ވަންނަނީ؟ އަހަރެންގެ ދާވިޝް އާއި މެދު މަށަށް ޔަގީންކަން ދޭން ކެރިދާނެ، އޭނަ އެހާ ދަށުދަރަޖައަކަށް ވެއްޓިއެއް ނުގަންނާނެ...." ސީމާ ނުލަފާ ހިނިތުންވުމަކާއިއެކު ވަށްކަޅިން ޒެވިޔަންގެ މޫނަށްވެސް ބަލައިލައިފިއެވެ. ސީމާގެ ޖުމްލަތަކުން ހީވީ އެތަނުގައި ބޮމެއް ގޮއްވާލެވުނު ހެންނެވެ. 

ކޮމެންޓް 0