އަލީނާ އެނދުގައި އޮށޯވެލައި ބަނޑުގައި އަތުން ފިރުމަން ފެށިތަނާހެން ތަދު ލުއިވެ، ވާންކަން ކެނޑުނެވެ. ޒީބާ ބުނެފައި ވަނީ އެއްމާބަނޑު ކުދިން ވީމަ ދުވަސް ނުފުރާ ވިހެއުމުގެ ފުރުސަތު ބޮޑުވެދާނެ ކަމަށެވެ. އަލީނާ އެހާ ބޮޑަށް ހާސްވެ، ހިރިލަން ވެސް ނުކެރިފައި އޮވެވުނީ އެހެންވީމައެވެ. 

ޒެވިޔަން ގޭގައި ހުރިއްޔާ ބައެއް ފަހަރު މަންމަ ގޮވައިގެން ހިނގާލަން ދެއެވެ. ނޫނީ ޖޯކެއް ކިޔައިދީފައި މަންމަ ހެއްވާލުމުގައި ކާމިޔާބު ކުރެއެވެ. ލަވަވެސް ކިޔައިދެއެވެ. ޒީބާ އެހާ ވަރަކަށް ލަވަ އަދި ވާހަކަ އޯޑިއޯކޮށް އަޑުއަހަން ބޭނުމެއް ނުވެއެވެ. އެހެންނޫންނަމަ އެއީވެސް ވަގުތު ދުއްވާލަން ކުރެވިދާނެ ކަމެކެވެ. އެހާވަރުންވެސް ޒީބާއަށް ހެއްދެވިފަރާތް މަތިން ހަދާންކޮށް ގުރުއާން އަޑުއަހައި، ނަމާދުކޮށް އުޅޭކަށް ހިތަކަށް ނާރައެވެ. އެކަނިވެއްޖެއްޔާ ޒީބާ އަށް އިނދެވެނީ އަމިއްލަ ހާލާއި މެދު ވިސްނާފައި، ހިތާމަ ކުރުމުގައެވެ. ތަގުދީރާއި ޝަކުވާ ކުރުމުގައެވެ. މިހާރު ޒީބާ އެންމެ ހިތްހަމަޖެހޭ އެއްވަގުތަކީ އަލީނާ އޭނައަށް "ލާސްޓް ސޯންގް" ކިޔައިދޭ ވަގުތެވެ. އަލީނާގެ އަޑުގައި ހުންނަ ޖާދޫއަކުން ނޭގިނަމަވެސް ޒީބާގެ ހިތް ދެވެން ފަށައިފިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ހަލުވިކަމާއި އެކުގައެވެ. އަލީނާ އަބަދުހެން ބަނޑުގައި ރިއްސާތީ އުޅުނަސް ޒެވިޔަން ގާތުގައި ނުބުނެ ސިއްރު ކުރިއެވެ. އެހެން ނޫނީ ތެދުވެ އުޅެން ހުއްދަ ނުދީފާނެތީއެވެ. އެކަމަކު ތެދުވެއުޅޭ ވަގުތު އޭނަ އުޅެނީ ބަލައިގެންނެވެ. ގިނަ ވަގުތު އަރާމުވެސް ކުރިއެވެ. ޑިސެމްބަރު މަހުގައި ވަކިން ބޯކޮށް ސްނޯ ވެހުނެވެ. ދޭތެރެއަކުން ތޫފާނެއް އައިސްގެން މަގުތައް ބަންދު ވާވަރުވިއެވެ. އެއިން ކޮންމެ ތޫފާނަކުންވެސް އަލީނާއަށް އާ ކަންތައްތަކެއް ފެނި، ތަޖުރިބާވިއެވެ. ޑިސެމްބަރު މަސް ނިމެން އުޅެނިކޮށް އެގޭ ތެރޭގައި ދާވިޝް މީހަކާއި އިންނަ ވާހަކައެއް ދެކެވެން ފެށުނެވެ. ދާވިޝްގެ ކައިވެނި ކުރެވެން އުޅެނީ ޖެމާ ކިޔާ ކުއްޖަކާއި އާއަހަރުގެ ފުރަތަމަ ދުވަހުގައި ކަން އަލީނާ އަށް އެގުނެވެ. ގެއަށް އަންނަ މެހުމާނުން ގިނަވެ ގެ ތަންކޮޅެއް ހަލަބޮލިވާން ފެށި ސަބަބަކީ އެއީ އެވެ. އަދި އެގެއަށް މީހުން އައުމުގެ ތެރޭގައި އަލީނާއަށް ވަނީ ޖެމާ ފެނިފައެވެ. ޖެމާގެ ބުޅި އިސްތަށިގަނޑު އޭނަ އާއި ވައްތަރު ކަމުން ކުޑަކޮށް ސިހޭ ގޮތްވިއެވެ. އޭނަގެ ދޮންތަގެ ވެސް އޭނަ އާއި އެހާ ވައްތަރު ސިފައެއް ނެތެވެ.

ދާވިޝް ކާރުގައި އެއް އަތްއަޅުވާލައިގެން ހުރެ ފޯނުން ވާހަކަ ދައްކަން ހުއްޓެވެ. ތުނިކޮށް ފައިބަމުން ދިޔަ ސްނޯތައް އޭނަގެ މުށިކުލައަށް ދާ ފަން އިސްތަށިގަނޑުގައި ހަރުލަމުން ދިޔަ މަންޒަރު ކިތަންމެހާވެސް ނަލައެވެ. 

"މަމް އެހާވަރުން މަޖުބޫރުކުރަނީ ކީއްވެގެންކަން އެނގެން ބޭނުން، މަންމަވެސް ޖެމާ ދެކެ ހޭޓްކޮށްފައި މިހާރު ޗޭންޖްވީތަ؟" ދާވިޝް އަހާލައިފިއެވެ.

"އެއީ ބައްޕަ ދުނިޔޭގައި ހުންނެވި އިރުވެސް އެހާ ކުރުވަން ބޭނުންވެލެއްވި ކަމެއް، އެހެންނޫނަސް ޖެމް އަކީ ކިހާ ރީތި ކުއްޖެއް..." ސީމާ ޖަވާބު ދިނެވެ.

"މަމް، ޝީ ބިޓްރެއިޑް މީ، އެހެން ފިރިހެނަކާއި މިހާރުވެސް ރައްޓެހިވެގެން އުޅޭކަން މަންމައަށްވެސް އެނގޭނެ، އޭނަ ދެކޮޅުހެދުމެއްނެތި އެއްބަސްވީމަ ހިތަށް އަރާ އޭނަގެ ވެސް ނުބައި އިންޓެންޝަނެއް އޮތީއޭ، ފާޑެއްގެ ކުއްޖެއް، މަންމަ ބުނީމަ މަޖުބޫރުވެގެން މެރީކުރަން އެއްބަސްވި އިރު އަޅުގަނޑުގެވެސް ޝަރުތެއް އެބައޮތް..." ދާވިޝް ހުށަހެޅި ޝަރުތަކުން ސީމާ ކިތަންމެ ވަރަކަށްވެސް ހާސްވިއެވެ. އޭނަގެ ދަރިފުޅަށް މަންމަގެ މަޖުބޫރީ އެނގޭނެ ނަމައެވެ. އަމީން އަކީ ދާވިޝްގެ ބައްޕަ ކަން އެނގޭނެ ނަމައެވެ. އެފަދަކަމެއް ސިއްރުވެފައި މިހާ ގިނަ ދުވަހު އޮތްކަމީ ހަމަ ދާވިޝްގެ ނަސީބެވެ. މިހާރުވެސް ސީމާ މަސައްކަތް ކުރަނީ ވަގުތު ފާއިތުވުމުގެ ކުރިން ދާވިޝްއަށް އެ ޝާހީ އާއިލާއިން ޖާގައެއް ހޯދަދިނުމެވެ. އެކަން ފަޅާއަރައިފިއްޔާ މައިމޫން މެން ދާވިޝް ނިކަމެތިކޮށް އެގެއިން ބޭރުކޮށްލާނެ ކަން ޔަގީނެވެ. 

ދާވިޝް މަންމަ އާއި ވާހަކަ ދެއްކުމަށްފަހު ގެއަށް ވަންނަން އައިއިރު ޖެމާގެ ގައިގައި އަޅައިނުގަތީ ކިރިޔާއެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ބަލައިލީ ބީރައްޓެހިކަމުގެ ނަޒަރަކުންނެވެ. ނުވެސް ދަންނަ ދެމީހުން ފަދައަކުންނެވެ. އެކަކު އަނެކަކުގެ ރީތިކަމުން އަސަރުކުރި ހެނެއްވެސް ހިޔެއްނުވެއެވެ. އެ މަންޒަރު ފެނުމުން އާއިޒު އާއި ޒެވިޔަންއަށް ވެސް އެކަކު އަނެކަކަށް ބަލައިލީ މަޖާވެލާފައި ތިބެއެވެ. މަޖުބޫރު ކައިވެނިވެސް ކުރެވެއެވެ. އާއިޒު އާއި ޒެވިޔަންވެސް ފުރަތަމަ ކުރީ އެފަދަ ކައިވެންޏެކެވެ. އެކަމަކު އާއިޒު ޖިލާ ދެކެ ލޯބިވިއެވެ. ޒެވިޔަން އާއި ރިޔާ ވެސް އެކަކު އަނެކަކާއި އެކުވެރިކަން ނަމަވެސް އޮތެވެ. އެކަމަކު މިހާ ނަފްރަތު ކުރާއިރު ކައިވެނި ކުރާ ދެމީހުން ކައިވެނި ކޮށްގެން ދެން ވާނީ ކިހިނެއް ހެއްޔެވެ؟

މިއަދު ޒީބާގެ ކޮޓަރިއަށް އައުމުގެ ޝަރަފުވެސް އަލީނާއަށް ލިބިއްޖެއެވެ. އެލިބުނު ދައުވަތުގެ ސަބަބުން އަލީނާ ހުރީ ހައިރާންވެފައެވެ. ޒީބާ ބުނީ މިއަދު ކުޑަކޮށް ބޮލުގައި ރިއްސާތީ އެނދުން ތެދުވާ ހިތްނުވެފައިވާ ކަމުގައެވެ. އަލީނާ އާއި ވާހަކައެއް ދައްކައިލަން ގެނައީ ކަމުގައެވެ. އެހެން ބުނާއިރަށް އަލީނާ ގެ ހިތް ނޭގޭ ބިރަކުން ތެޅިގަތެވެ. ޒީބާ ދައްކަން އުޅެނީ ކޮން ވާހަކައެއް ހެއްޔެވެ؟ އޭރު އެކޮޓަރީގެ ކުޑަދޮރުތަކުން ސްނޯ ފައިބަމުން ދާ މަންޒަރު ނިކަން ރީތިކޮށް ފެނެއެވެ. އަލީނާއަށް ބޭރަށް ބަލަހައްޓައިގެން އިނދެވުނީ ހުވަފެނީ ގޮތަކަށެވެ. ޒީބާ ގާނޫނީ ވަކީލެއްފަދައިން ސުވާލު ކުރަން ފެށީ އަލީނާގެ ބައްޕަ އާއި ބެހޭ ގޮތުންނެވެ.

"ޑޯންޓް ވޮރީ އަލީނާ، މިއީ ދެމީހުންގެ ސިއްރެއް، އަހަރެން މިހާވަރުން އަހަން މިއުޅެނީ ސީމާ ގެ ފިރިމީހާ އަކީ ކިހާވަރެއްގެ މީހެއްކަން ދެނެގަންނަން...." ޒީބާ އެހެން ބުނެލިލެއް ގާތްކަމުން އަލީނާއަށް ވެސް ޒީބާ އާއި ވާހަކަ ދައްކައިލާނެ ހިތްވަރު ލިބުނެވެ. އޭނަ ކޮންމެވެސް ވަރަކަށް އާއިލާގެ ވާހަކަތައް ކިޔައިދިނެވެ. ޒީބާގެ ހިތަށް ކޮންމެވެސް ވަރަކަށް ހަމްދަރުދީވަނެވެ.

"އެހާ ވަރެއްގެ ބައްޕަ އަކާއި އެކީގައި އަލީނާމެން ކެތްކުރީ ކިހިނެއްތަ؟ ހިތްވަރުގަދަ ކުދިންތަކެއް...." ޒީބާ ތައުރީފު ކުރިއެވެ. އަލީނާ އެވާހަކަތައް ކިޔައިދިނީ ކުޑަކޮށެވެ. ނަމަވެސް އޭނަ އާއި ޒީބާގެ ގުޅުމުގައި އެއް ފިޔަވަޅު ކުރިއަށް އެޅުނުކަން ޔަގީންވިއެވެ. ޒީބާގެ ކޮންމެ ސުވާލު ތަކަށް އަލީނާ ޖަވާބު ދިނީ އޮޅުވައިލުމެއްނެތި ތެދަށެވެ. 

"އަހަރެމެން އުޅޭ ގޮތާއި ހާދަ ތަފާތޭ، އަލީނާގެ މަންމަ އާއި މެދުވެސް ސިމްޕަތީ ވެއްޖެ، ހާދަ ކެތްތެރި އަންހެނެކޭ....." އަލީނާ އާއި ވާހަކަދައްކައި ލެވުމުން ޒީބާގެ ހިތަށް މިއަދު ހަމަޖެހުމެއް ލިބިއްޖެއެވެ. އެއާއި އެކު ޒީބާ ވިސްނައިލީ ސީމާއަށް އަމީންގެ ގައިން ފެނިގެން އުޅޭ ރަގަޅު ސިފައެއް ނޭގިގެންނެވެ. ސީމާ އުޅެނީ އުފަލުން ހެއްޔެވެ؟

ޒީބާގެ ގާތުގައި މާ ގިނައިރުވެ، އަސުރު ނަމާދު ކަޓައިލަފާނެހެން ހީވުމުން އަލީނާ އޭނަގެ އަތުކުރީގައި އޮތް ފިޔާތޮށި ކުލައިގެ ގަޑިއަށް ބަލައިލައިފިއެވެ. އޭނަ ހެއްދެވިފަރާތަށް ކުރަން ޖެހޭކަމެއް ދޫކޮށްލާކަށް އެއްވެސް އުޒުރެއް ނޯންނާނެއެވެ. ބޮޑު ބަނޑަކާއި އެކު ސަޖިދަ ކުރަން އުދަގޫވިޔަސް އަލީނާ ގޮނޑީގައި އިދެވެސް ގަވާއިދުން ނަމާދުކޮށް، ގުރުއާން ކިޔަވައެވެ.

"އަޅުގަނޑު އަދި ނަމާދު ނުކޮށް މިހިރީ، ޕްރޭ ކޮށްލައިގެން އަންނާނަން..." އަލީނާ ބުނެލިއެވެ.

"އަލީނާ ގަވާއިދުން ނަމާދު ކުރަންތަ؟" ޒީބާ ހައިރާން ކަމާއިއެކު އެހެން އަހާލައިފައި އަލީނާގެ ޖަވާބު އިވުމުން ހިތަށް އެހެން ކަހަލަ އަސަރުތަކެއް ކުރިއެވެ. ބަލިވެއިނަސް އެންމެ ނަމާދެއްވެސް ވައްޓައިނުލާ ކުރާކަން އެނގުމުން ޒީބާ އަމިއްލަ ނަފުސާއި މެދު ލަދުވެތިވިއެވެ. ފެންކަޅި ވާގޮތްވިއެވެ.

"ގުރުއާންވެސް ކިޔަވަންތަ؟ އަލީނާ ނަމާދުކޮށް ނިމިގެން މި ރޫމަށް އާދެބަލަ. ބޭނުން އަލީނާ ގުރުއާން ކިޔަވައިލާ އަޑު އަހަން..." ޒީބާ އެދުނެވެ. އެއީ ޒީބާގެ ހަޔާތުގައި މުޅިން އާ ސަފުހާތަކެއް ހުޅުވުނު ދުވަހެވެ. ފަގީރު ނިކަމެތި ކުއްޖެއްގެ ސަބަބުން ޒީބާއަށް ހެއްދެވި ފަރާތުގެ މަތިންވެސް ހަނދާން ވެއްޖެއެވެ. ތިމާ އާއި ހެއްދެވި ފަރާތާއި އޮތް ގުޅުމާއި މެދު ހިތުގައި ސުވާލު އުފެދި ފުރަތަމަ ފަހަރަށް އެގުޅުން ރަނގަޅު ކުރަން މަސައްކަތް ކުރި ދުވަހެވެ. އަލީނާ ދިޔުމުން އެތަން މިތާ އަތް ކާއްތަމުން ގޮސް އޭނަ ބާތުރޫމަށް ވަދެ ވުޟޫކޮށްލައިގެން ނަމާދު ކުރިއެވެ. އޭނަގެ އީމާންތެރިކަން ވަރުގަދަ ކުރެއްވުމަށް އެދި މަޑުމޮޅި ކަމާއި އެކު ދުޢާ ކުރެވުނެވެ.

އަލީނާ ގެ ރީތިކަމާއި ދޮންކަން ހީވަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން އައިހެންނެވެ. މިހާރު އަލީނާގެ މޫނު ރިޔާމެންނަށް ވުރެ މާ ދޮންހެން ހީވެއެވެ. ދެލޮލުގެ އެސްފިޔަތަކާއި އިސްތަށިގަނޑު ވެސް ވަރުގަދަވެ އެތައް ގުނަ ފުރިހަމަ ވެއްޖެއެވެ. އެކަށީގެންވާ ކާނާ އާއި، އުފާތައް ލިބެންފެށުމުން އަލީނާ "އަގްލީ ޑަކްލިން އަކުން ސްވޭން އަކަށް" ބަދަލުވެއްޖެޔޭ ކިޔައިގެން ދާވިޝް ވެސް ދޭތެރެއަކުން ދިމާކޮށްލައެވެ. ހަގީގަތުގައި ވެސް އޭނަ މެއިޑެއްގެ ގޮތުގައި ހުރެގެން އެގެއަށް އައިދުވަހާއި އަޅާބަލާއިރު މިހާރު އަލީނާ މުޅިން ތަފާތު ކުއްޖަކަށް ވެއްޖެއެވެ. ހެދުމުގެ ސްޓައިލްވެސް މިހާރު ޖިލާ އެކޭ މާ ބޮޑު ތަފާތެއް ނެތެވެ. ތަންކޮޅެއް ކުރުނަމަވެސް އަލީނާގެ ތުންފަތުގައި ދާއިމީކޮށް ހުންނަ ފަނޑު ހިނިތުންވުމާއި، އެ ވިދާ ދެލޮލުގެ ސަބަބުން މީހުންގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަންނާނީ ވެސް އަލީނާ އެވެ.

އުޑާއި ދިމާލަށް އަލީނާ މޫނު އުފުލައިލައިގެން ހުރި އިރު އެ ދޮންމޫނުގައި ސްނޯކޮޅުތައް ބޮސްދެމުން ދިޔަ އިރު ހީވީ ފިނިފެންމަލެއްގައި ކުދި ޖަވާހިރުތަކެއް ހަރުލަމުން ދިޔަހެންނެވެ. އަލީނާ ވެހެމުން ދިޔަ ސްނޯކޮޅުގައި ރަހަ ބަލައިލިއެވެ. ޒެވިޔަން ވީޑިޔޯ ކުރަމުން ދިޔައިރު އަލީނާ ކައްސާލަފާނެތީ އޭނަ ހުރީ ހިފެހެއްޓޭހާ ކައިރީގައެވެ. އަލީނާއަށް ކަމެއްވެދާނެތީ އޭނަ ހުންނަނީ އަބަދުވެސް ހުޝިޔާރު ވެގެންނެވެ.

"ސޯ ޕްރިޓީ، ހީވަނީ ކުޑަ ޕަރީއެއް އުޅެލާހެން، ދެން ހިނގާބަލަ ފަޔަރޕްލޭސް ކައިރިއަށް ހޫނު ކޮށްލަން، އަހަރެން ބިރުގަނޭ ބޭބީއަށް މާ ބޮޑަށް ފިނިވެދާނެތީ...." ޒެވިޔަން އަލީނާގެ މޫނުގައިވާ ސްނޯކޮޅުތައް ފޮހެލަދެމުން ހިނިތުންވެލިއެވެ.

"ޒާވް މިހާ ކައިރީގައި ހުރެގެނެއް ފިނި ނުވާނެ...." އަލީނާ ޒެވިޔަން ގެ ހަށިގަނޑުގައި އެދެއަތުން ބައްދައިލެވޭނެ އެންމެ ބާރަކަށް ބައްދައިލަމުން ކުޑަ ހުނުމަކާއި އެކު އެ ކުދި ދަތްތައް ދައްކާލައިފިއެވެ. ހީވީ ހުދު މުތީތަކެއް ދައްކާލި ހެންނެވެ. 

"އެހާވެސް ހޮޓްވިއްޔަ ދޯ...." ޒެވިޔަން ހޭންފެށިއެވެ. އަލީނާ ފިޔާތޮށި ކުލައިގެ ކޯޓަކާއި އެކިކުލަތައް ހުރި ތޮފިކޮޅެއް އަޅާލައިގެން ހުރިއިރު ވެހެމުންދިޔަ ސްނޯތައް އެ ތޮފިކޮޅުގައި ހަރުލަމުން ދިޔައެވެ. ޒެވިޔަން ހުރީ ކަޅުކުލައިގެ ދިގު ކޯޓެއްގައެވެ. އެތެރެއިން ނޫ ޖިންސަކާއި، ޓީޝާޓެއްލައިފައި ހުރުމުން އެހާ ސްމާޓެވެ. ޝަޚުސިއްޔަތުގެ ވަރުގަދަކަން ވެސް ދައްކުވާދެއެވެ. ޒެވިޔަން އަލީނާ އާއި އެކު ވަގުތުތަކެއް ހޭދަކޮށްލުމަށްފަހު އަތުގައި ހިފާލައިގެން ގެއަށް ވަންނަން އައި އިރު ރިޔާ ހުރީ ތަނބަކަށް ލެނގިލައިގެން ބަލަހައްޓައި ގެންނެވެ. އަލީނާ ކުޑަކޮށް ލަދުގަންނަ ގޮތްވިއެވެ. އޭނަ ޒެވިޔަންގެ އަތުތެރޭގައިވާ އަތް ދަމައިގަންނަން ވެސް އުޅުނެވެ. ނަމަވެސް ޒެވިޔަން ހުރީ ދޫކޮށްލާ ގޮތަކަށް ނޫނެވެ.

"ބޭބީ. އަހަރެން ދޫކޮށްލައިފިއްޔާ ވެއްޓިދާނެ....." ޒެވިޔަން މަޑުން ބުނެލިޔަސް އަމުރުވެރި ގޮތެއްވެސް ހުއްޓެވެ. ފެންޑާގައި ބޫޓު ބަހައްޓާފައި އަލީނާ ހަމަޖެހިލުމުން ޒެވިޔަން އަލީނާގެ އަތުން ދޫކޮށްލަމުން ރިޔާ އާއި ދިމާލަށް ބަލައިލީ ކޯޓުގެ ޖީބަށް ދެއަތް ޖަހައިލަމުންނެވެ. އެ ރީތި ކަމާއި މެދު އަމިއްލައަށް ފަޚުރުވެރިވާހާ ރީތި ސިފަތަކެއް ދެއްވާފައި ވާތީ ފޮނިހެންވެސް ރިޔާއަށް ހީވިއެވެ. ފޮނި ފިރިހެނެކެވެ. އޭނަ ފެނުމުންވެސް އަލީނާގެ އަތުން ދޫކޮށެއްނުލިއެވެ. 

"ޒާވް، މިދަނީ މަންމަގެ ރޫމަށް، މަންމަ ބޭނުންވާނެ މިގަޑީގައި ވާހަކަ އަޑުއަހަން..." އަލީނާ އެހެން ބުނެލާފައި ބޮޑުކޮޓަރި އާއި ދިމާލަށް ދާންފެށުމުން ޒެވިޔަން އޯކޭ އޭ ބުނެލާފައި އަލީނާ އާއި ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ.

"ރިޔާ، ކީއްވެ ތުންކޮޅު އޫކޮށްލާފައި ތިހިރީ؟ ފިނިވީމަތަ؟ ހީފިލުވައިލަ ދޭންވީތަ؟" ޒެވިޔަން ތަނބުގައި ހަށިގަނޑުގެ ވައަތް ފަޅި ޖައްސާލައިގެން ހުއްޓިލީވެސް މޮޑެލް ގޮތަކަށެވެ. ރިޔާގެ ރުޅި ވަގުތުން ފިނިވާން އުޅުނެވެ. ޒެވިޔަންގެ އެންމެ ޖުމްލަ އަކުން ވެސް ހިތަށް ސިހުރު ހަދާލިއެވެ. 

"އައި ވޯނަ ގޯ ފޯ އެ ރައިޑް....." ރިޔާ ޒެވިޔަންގެ އަތުގައި ހިފަހައްޓާލިއެވެ.

"ނޯ ރިޔާ، މިވަރަށް ސްނޯ ފައިބާއިރު ބޭރަށް ދާހިތެއްނުވޭ، ވީ ކެން ސްނަގްލް ބައި ދަ ފަޔަރ ޕްލޭސް އޭރުން ހޫނުވާނެ، ކޮފީ އެއް ބޯލައިގެން ޓޯކްކޮށްލަން ތިބީމަ ކިހާ ރޮމްވާނެ...." ޒެވިޔަން ރިޔާގެ މޫނަށް ބަލައިލި އިރު އެ ފެނުނު މޮޅިވެރި ކަމަކުން އިންކާރު ކުރާ ހިތެއް ނުވިއެވެ. ކެންޑީއެއް ލިބިދާނެ ކަމުގެ އިންތިޒާރުގައި ހުއްޓާ ލިބުނު ކެންޑީ ޖަހައި ގަތުމުން ކުޑަކުއްޖެއްގެ މޫނުން ފެންނާނީވެސް އެފަދަ އަސަރުތަކެކެވެ.

"ކިހިނެއްވެފައިތަ ލަވް...." ޒެވިޔަން ރިޔާ ގެނެސްމޭގައި ޖައްސައިލަމުން އިސްތަށިގަނޑުގައި ބޮސްދިނެވެ.

"އަހަރެން ބުނިކަމެއް ޒެވިޔާ ކޮށްނުދޭނީތަ؟ އަހަރެން ބޭނުމީ ރައިޑަކަށް ދާން... ޕްލީސް، ޕްލީސް...." ރިޔާ އާދޭސް ކުރަން ފެށިއެވެ. އެންމެ ފަހުން ޒެވިޔަން ވެސް ދެ ޚިޔާލެއްގައި ހުރެފައި ހަތިޔާރު ބެހެއްޓިއެވެ. 

އަލީނާ ޒީބާގެ ކޮޓަރިއަށް ދިޔައީ ބަދިގެއަށް ވަދެ ހޫނު ބުއިމަކާއި، އެއްޗެހި ހިފައިގެންނެވެ. އޭރު ޒީބާ އޮތީ ފޯނުން ގުރުއާން އަޑުއަހާށެވެ. އަލީނާ "މެޑަމް" އޭ ކިޔުމުން މިއަދު ޒީބާއަށް އެއީ އަޑުއަހަން ނިކަން އުދަގޫ ލަފުޒަކަށްވިއެވެ. އޭނަގެ ލޯބިވާ ފިރިހެންދަރިފުޅުގެ އަންހެނުން އެހެން ކިޔައިލުމުން މިއަދު ޒީބާއަށް ނުބައި އަސަރުތަކެއް ކޮށްފިއެވެ. ވަގުތުން އެކުށް ރަނގަޅު ކޮށްދޭން އުޅެފައިވެސް ޒީބާ ލަދުގަތެވެ. އަލީނާ އާއި މެދު ކަންތައް ކުރެވުނު ނިކަމެތި ގޮތް ހަދާންވިއެވެ. މެއިޑުންނާއި މެދު އޯގާތެރިކޮށް ކަންތައްކުރާ ވެރިޔެއްގެ ގޮތުގައި މަޝްހޫރުވެފައިވި ނަމަވެސް އޭނައަށް އަލީނާ އާއި މެދު ހާދަ ތަފާތު ކުރެވުނެވެ. އެކަނި ޒެވިޔަން ދެކެ ޒީބާ ވި މައިވަންތަ ލޯބީގެ ސަބަބުންނެވެ. އެ ދަރިފުޅުގެ ހަޔާތް އަލީނާގެ ސަބަބުން އަނދިރިވާން ބޭނުން ނުވީއެވެ.

"އަލީނާ، ކޯޗެއް ތިގެނައީ؟ ހާދަ ރަނގަޅޭ...." ޒީބާ އަވަހަށް ހެޑްސެޓް ނަގާފައި އެނދުގައި އިށީދެ ދެފައި ބާލައިފިއެވެ.

"ރާސްބެރީ ޓާން އޯވާރަސް، ހާބް ފިލްޑް އޮމްލެޓް އެންޑް އެޕްލް ސިޑަރ...." އަލީނާ ތަބައް މޭޒުމަތީގައި ބަހައްޓާލައިފައި އަތުރަމުން ބުނެލި އިރު އަލީނާގެ މޫނުގައި ވަނީ ވެސް ހިތްހަމަޖެހުމުގެ ކުލަވަރެވެ. އަލީނާވެސް ޒީބާ އާއި ވާހަކަދައްކަން އިންއިރުވެސް އެންމެ ފަހަރަކުވެސް ޒެވިޔަންގެ ހަދާން ތަކާއި ވަތްކެއް ނުވެއެވެ. އެއްފަހަރު ލޯގަނޑު ދޮށަށް ހުއްޓި މޫނަށް ބަލައިލުމުން ރަތްލޭކޮޅެއްހެން ވެފައިވާ ތުންފަތްވެސް ފާހަގަ ކުރެވުނެވެ. ޒެވިޔަންގެ ރީތިކަން ހިތަށް އެރުމުން އަލީނާގެ ގައިން ހީބިހިހަލުވާލިއެވެ. ރަކި ހިންޏެއް ތުންފަތުގައި ކުޅެލިއެވެ.

"އަލީނާ ވެސް އެއްޗެއް ކާލަންވީނު......" ޒީބާ ބުނެލިއެވެ. އަލީނާވެސް ހިތުން ރުހުމުން ކެއުމުގައި ބައިވެރިވިއެވެ. އޭނައަށްވެސް މިގޭގައި ހަދާ ތަފާތު ވައްތަރުގެ ކާއެއްޗެހި ނިކަން މީރެވެ. އެކަނި އެމެރިކަން ކާއެއްޗެއްސެއް ނޫނެވެ. އެކި ގައުމުތަކުގެ ތަފާތު ރަހައިގެ ކާއެއްޗެހި މިގޭގައި ހަދައެވެ. އިޓާލިއަން، ފްރެންޗް އަދި ތައި ފުޑްތައްވެސް މެއެވެ. އަލީނާ އޯޓަމް ބްލޭޒްގެ މެއިޑަކަށް އައިފަހުން އޭނަ ވަނީ މޮޅު ކެއްކުން ތެރިއަކަށް ވެސް ވެފައެވެ. 

ޒީބާގެ ވާހަކަތަކަށް ފޫހިކަމެއްނެތި އަލީނާ ޖަވާބުދީ ބައިވެރިވެގެން ވާހަކަ ދެއްކިއެވެ. އެންމެ ފަހުން ތަށިތައް ނަގަންވެގެން އުޅުނީމަ ޒީބާ ބޭނުންވީ ނޯކަރަކަށް ގޮވުމަށެވެ. އެކަމަކުވެސް ޒީބާއަކަށް ވެސް އޭނަ އަލީނާއަށް ހެޔޮކަން ފާޅުގައި އަންގާކަށް ނުކެރުނެވެ. އަލީނާ ޒީބާ އަތްދޮންނަން ފެންވެސް ގެނެސްދިނެވެ. އަލީނާ ހުސްތަށިތައް ހިފައިގެން ހިގައިގަތް ތަނާ ރަގްގައި ފައި އެޅުނު ގޮތަކުން އޭނަ އަރިއަޅާލައިފިއެވެ. ބަނޑު ސަލާމަތް ކުރަންވެގެން އަތް ޖައްސައިލެވުނު ގޮތަކުން އަތަށް ތަދުވީ އިންތިހާއަށެވެ. އަލީނާ ވެއްޓުނު އަޑުފަށްގަނޑަށް ޒީބާއަށް "މަގޭ ދަރިފުޅު...." އޭ ބުނެލަމުން އެނދުން ތެދުވެގެން ހިނގައިގަނެވުނީ ބޭ އިޚުތިޔާރު ގައެވެ.

އޭރު އަލީނާއަށް ކަރުނަތައް ނުފިހެއްޓިގެން ބާރަކަށް ރޮއި ގަނެވިއްޖެއެވެ. އަލީނާއަށް ހީވީ ބޭބީމެންނަށްވެސް ގެއްލުމެއް ވެދާނެ ހެންނެވެ. އެހެންނޫނަސް އަތް ހަލުވައެއްވެސް ނުލެވުނެވެ. ތަދުވެގެން ގޮސް އޭނަގެ މޫނު ހީވަނީ އަލިފާން ކޮޅެއް ހެންނެވެ. ލޯ ފުރިފައި ވަނީ ބޮޑެތި ކަރުނަ ތިކިތަކުންނެވެ. ޒީބާ ބާރަކަށް އެކިމީހުންގެ ނަމުން ގޮވަންފެށުމުން އިރުކޮޅަކުން އާއިޒު އާއި ޖިލާ އެތަނަށް އައެވެ.

"އޯ މައި ގޯޑް......" ޖިލާއަށްވެސް އަނގަމަތީގައި އަތްއެޅުނެވެ. އާއިޒު ދުވެފައި އައިސް އަލީނާ ބިންމަތިން ނެގިއިރުވެސް އަލީނާއަށް ރޮވެމުންދިޔައެވެ. އާއިޒު އަލީނާ ސޯފާގައި ބޭންދިއެވެ. އަލީނާ އަތްދިގު ހެދުމެއްލައިގެން ހުރުމުން އާއިޒު އަކަށްވެސް އަތަށް އަނިޔާވެފައިވާ ވަރެއް ނޭގުނެވެ. އަލީނާ ކަރުނަތައް ދިރުވައިލަން މަސައްކަތް ކުރި ނަމަވެސް ލިބެމުންދާ ވޭން އެ މޫނުމަތިން ރީއްޗަށް ފާޅުވޭވޭ ހުއްޓެވެ. އާއިޒު ޔަގީން ކުރީ އަތް ބިނދުނީ ކަމަށެވެ. އޭނަ މަންމަ ގާތުގައި ބުނީވެސް އެހެންނެވެ. ޒީބާ އެދުނީ ވަގުތުން ޒެވިޔަންއަށް ގުޅުމަށެވެ. ޒީބާ ހާސްވެފައި ހުރިވަރު ފެނުމުން އާއިޒު ވެސް ހުރީ ގަބޫލު ކުރަން ދަތިވެފައި ގޮތަކަށެވެ. ޒީބާއަށްވެސް އިރުކޮޅަކުން އޭނަ މާ ޖަޒުބާތީވެގެން އުޅެގަނެގެން އެންމެނަށް އޭނަގެ ހިތް ބަދަލުވަމުން ދާކަން ވިސްނިދާނެތީ ހަމަޖެހިލައިގެން ގޮސް އެނދުގައި އިށީދެއްޖެއެވެ.

"އެންމެ ކަންބޮޑުވީ މަންމަ ބުނެގެން އަލީނާ ނާސްތާ ގެނެސްދީފައި ތަށިތައް ގެންދަނިކޮށް ވެއްޓުނީމަ، ޒެވިޔާވެސް މަންމައަށް ބްލޭމް ކުރާނެކަން ޔަގީން......." ޒީބާ އަލީނާ އާއި އާއި އަޅާނުލާކަން އަންގަން އެހެން ބުނެލި ކަމުގައިވިޔަސް ހިތްވަނީ އަލީނާ އާއި މެދު ހަމްދަރުދީއިން ފުރިފައެވެ. އާއިޒު އާއި ޖިލާއަށްވެސް އެއަތުގައި އަތްލިޔަދޭކަށް އަލީނާ އެއްބަހެއް ނުވިއެވެ. ޒީބާވެސް އެދުނީ އަތް ހަލުވައިނުލާ ޒެވިޔަން އަންނަންދެން އަލީނާ ބޭންދުމަށެވެ.

ޒެވިޔަން ކޮޓަރިއަށް ވަންއިރުވެސް އަލީނާ އިނީ އެއަތުގައި ހިފެހެއްޓި ގޮތަށް ހިމޭންކަމާއިއެކު ކަރުނަ އޮއްސާލަ އޮއްސާލައެވެ. އެހެންމީހުންގެ ކުރިމަތީގައި ނުރޯން ވެގެން އޭނަ ހާދަ ހިތްވަރު ކޮށްލައިފިއެވެ. ޒެވިޔަން ކައިރި ވުމުންވެސް އަލީނާ ބިރުގަތެވެ.

"ޒާވް، ނޫން، ވަރަށް ތަދުވޭ....." އަލީނާ އަނެއް އަތުން ޒެވިޔަންގެ އަތުގައި ހިފަހައްޓަމުން ބުނެލީ އާދޭސް ކުރާފަދަ ގޮތަކަށެވެ.

"އަހަންނަށް އެގޭ. އެލީ ތިހާ ބިރުން ތިއުޅެނީ އިންޓެންސް ޕެއިން ހުރީމަކަން އެނގޭ، އަތެއް ނުލާނަމޭ، ހަމައެކަނި ލޮލުން ބަލައިލާނީ........" ޒެވިޔަން އަލީނާގެ ހެދުމުގެ އަތް މަޑުމަޑުން ހިއްލާލި އިރު އަތްވަނީ ދުޅަވެ، އުޅަބޮށި ނިކުމެފައެވެ.

"ވަޓް ހެޕެންޑް ދަރިފުޅާ...." ޒީބާ އަހާލައިފިއެވެ.

"އެލްބޯ ޑިސްލޮކޭޓްވީ...." ޒެވިޔަން އަލީނާގެ އަތުގައި ގަނޑުފެންއަޅާލަ ދިނެވެ. ޒީބާ ވެސް އެދުނީ އަވަހަށް ހޮސްޕިޓަލަށް ގެންދިޔުމަށެވެ. ޒެވިޔަންމެން ކޭމްޕް ދަތުރެއްގައި އެކުވެރިއަކު ގަހަކުން ވެއްޓި ހުޅު ނެއްޓުމުން ޒެވިޔަން ވަނީ ވަގުތުން ހުޅު އަޅުވާދީފައެވެ. އެގޮތަށް ތަދުކަނޑުވާ ބޭހެއް ނުދީ އެފަދަ މަސައްކަތެއް ކުރުމަކީ އެ ސިކުންތުކޮޅު ކެތްނުކުރެވޭ ވަރަށް ވެސް ތަދުވެދާނެ ކަމެކެވެ. އެފަދަ ޓެކްނީކް ރަނގަޅަށް ނޭގިހުރެއްޖެއްޔާ އަތަށް މާބޮޑަށް ގެއްލުންވެދާނެ ކަމެއްވެސް މެއެވެ. އަލީނާ އެހެން އަތްލިޔަކަވެސް ނުދޭނެއެވެ. ޒެވިޔަންވެސް ބޭނުންވީ އަލީނާއަށް ތަދުނުކޮށް ރަނގަޅު ކަށީގެ ޑޮކްޓަރެއް ލައްވައި ހުޅު އެޅުވުމަށެވެ. ހޮސްޕިޓަލަށް ގޮސް އެ ޕްރޮސީޖަރ ނިމުމުން އަލީނާ ހުރީ ހަމަޖެހިލާފައެވެ. އެކަމަކު އެއް އަތް ވަގުތީ ގޮތުން ނަމަވެސް ބޭކާރުވުމުން އެކަމުގެ ސަބަބުން ޒެވިޔަންއަށް އުދަގޫ ޖެއްސޭނެތީ ކުޑަކޮށް ވިސްނާލަން ޖެހުނެވެ. ނަމަވެސް އެވާހަކަ ދެއްކުމުން ޒެވިޔަންގެ ތަބީއަތު ގޯސްވިކަން އެނގުމުން އަލީނާއަށް މަޖުބޫރުވީ އެބައި ހަނދާން ނައްތާލުމަށެވެ. ތިމާގެ ބައިވެރިޔާއަށް އެފަދަ ނުކުޅެދޭ ހާލަތެއް އަތުވެއްޖެނަމަ އަނެކަކަށް ބުރައަކަށް ވެދާނެކަމަށް ހީކުރެވިގެންވެސް ނުވާނެއެވެ.

ނިއުޔޯކް ސިޓީގެ މަގުމަތިން އާއްމުކޮށް ފެންނަ އެލްމް، މޭޕްލް، ލިންޑެން އަދި އޭޝްފަދަ ގަސްތަކުގައި ގަނޑުފެން ހަރުލާފައިވާ އިރު ހީވަނީ ސްނޯގެ އަތްތަކެއް ދިއްކޮށްލެވިފައިވާ ހެންނެވެ. ގޭގެ ފުރާޅު ތަކުގައި އެޅިފައިވާ ތާޒާ ގަނޑުފެނުގެ ޝީޓްތަކާއި އެކު ހުރިހާ ތަނެއްވެސް ފެންނަނީ ކުރެހުން ތެރިއެއްގެ މޮޅުކަން ދައްކައިލާ ތަސްވީރެއް ހެންނެވެ. ޕަރީއެއްގެ ޖާދުވީ ހުދު ކުނޑިތައް މުޅި ދުނިޔެއަށް ވިއްސާލައިފައި ވާހެންވެސް ހީވެއެވެ. އެހާވެސް ހިތްގައިމެވެ. ހުދެވެ. ސާފުކަން ހާމަކޮށްދޭ މޫސުމެކެވެ. މަގުމަތިންނާއި، ގޭގޭގެ ލޯވްން އިން ފެންނަ ކޮންމެ މީހަކު އަދި ކުދިންތައްވެސް ވަނީ ސްނޯއިން ބޯޅަ ކުޅެމުން، ސްނޯމޭން ހަދައި އަދި ސްކޭޓް ކުރުން ފަދަ ކޮންމެވެސް މަޖާކަމެއްގައި ޝާމިލު ވެގެންނެވެ. ފުރާވަރުގެ ފިރިހެން ކުދިން ތަކެއް އަންހެންކުދިން ތަކަކާއި ދިމާލަށް ބޯޅަ މެދުކެނޑުމެއްނެތި އެއްލަން ފެށުމުން އެކުދިން ރެކެން ވެގެން ދުއްވައި ގަތީވެސް މަޖާވެލާފައެވެ. ގިނަ ގޭގެއިން ކްރިސްމަސް ގަސްތައް ގަނެގެން ގެންގޮސް ޒީނަތްތެރި ކޮށްލާފައިވާލެއް ފުރިހަމަ ކަމުން ވެސް އަންތަރީސް ވާވަރުވެއެވެ. އަލީނާއަށް އެއިން ކޮންމެ މަންޒަރެއް ވީ އާ، މަޖާކަމަކަށެވެ. އެހެންވެ ޝައުގުވެރި ކަމާއިއެކު ކުޑަކުއްޖެއްހެން ބަލަހައްޓައިގެން އިދެވުނެވެ.

ޒެވިޔަން ބުނި ގޮތުން ވިއްޔާ މިތާގައި އެމީހުން ކްރިސް މަސް ވަރަކަށް ފާހަގަ ކުރެއެވެ. ފައްޅިތައް ދިއްލާ އަޅާލައެވެ. އުށްބައްތި ތަކުންނާއި އެހެން އަލިތަކުން ފައްޅިތަކާއި ބޮޑެތި ކްރިސްމަސް ގަސްތައް ދިއްލާލުން ފަދަ ކިތަންމެ ކަމެއް އެދުވަސް ކައިރިވާ ވަރަކަށް އޮންނާނެއެވެ. ޒެވިޔަންމެން ކުޑައިރުވެސް އެދުވަހަށް ކޮންމެހެންވެސް ގަހެއް ގަނެ މަޖާކޮށްލައި އުޅުނެވެ. ފަހުން ބައްޕަ އެކަން މަނާ ކުރެއްވީއެވެ. އެމީހުންގެ ދީނުގައި ނެތްކަމެއް ކުރުމުން އަގީދާވެސް އޮޅިދާނެއެވެ. އަލީނާ އިނީ ޒެވިޔަން ދެއްކި ކޮންމެ ވާހަކައެއް ކަނުލައި އަޑުއަހައި ގެންނެވެ. އުމުރަށް އެ ޖާދުވީ ފިރިހެންވަންތަ އަޑުއަހައި ގެންވެސް އަލީނާއަށް އިނދެވިދާނެއެވެ. މިރަށަށް އައިފަހުން އޭނަގެ އުފާވެރިކަން ހައްތަހާ އިތުރުވަމުން ދާތީ އޭނަ އަކީ ނަސީބުވެރިއެއް ކަމަށް ވެސް ގަބޫލު ކުރެވިއްޖެއެވެ. އަނެއްކާ ގުދުރަތީ ރީތިކަމަށް މޮޔަވާ ކުއްޖަކަށް ނިއުޔޯކް ސިޓީގައި ހުރިހާ މޫސުމް ތަކެއްހެން ދެކެލުމުގެ ނަސީބުވެސް ލިބިއްޖެއެވެ. އަލީނާގެ ކުޑައިރުގެ ހުވަފެންތައް މިވަނީ ހަގީގަތަކަށްވެފައެވެ. އެހާ ރީތި ޕްރިންސެއްވެސް އޭނަގެ ހަޔާތަށް މިވަނީ އައިސްފައެވެ. އެވަގުތުވެސް އަލީނާ ހެއްދެވިފަރާތަށް ޝުކުރުވެރިވިއެވެ.

އަލީނާގެ އަތުގައި ސްލިންގް އަޅުވާފައި ހުއްޓަސް އެ ހަދާނެއް ނެތެވެ. އަލީނާ ޒެވިޔަންގެ ކޮނޑުގައި ބޯ އަޅާލައިގެން މަޖާވެލާފައި ހީ ހީއިނެވެ. އަލީނާގެ އުފާވެރިކަމާއި، ތުންފަތްމަތީގައި ހުންނަ ރީތި ހިނިތުންވުމަކީ ޒެވިޔަން ގެ އުފަލެވެ.

ޒީބާ ފޫހިވީވަރުން ރިޔާއަށް ގޮވައިގެން ގެނެސް ވާހަކަ ކިޔައިދިނުމަށް އެދުނެވެ. ރިޔާ ވާހަކަ ކިޔަންފެށީވެސް ގަޔާވެގެން އިނދެއެއްނޫނެވެ. އިރުއިރުކޮޅާ ފޯނެއް އައިސްގެން ކޮންމެވެސް އެކުވެރި އަކާއި ވާހަކަ ދައްކަން ފަށައިފާނެއެވެ. ނޫނީ ޒެވިޔަން އަށް ގުޅައިލަފާނެއެވެ. އެންމެ ސަފުހާއެއް ކިޔައިދިނުމަށްފަހު އެބައަންނަމޭ ކިޔާފައި ރިޔާ ފެންޑާއަށް ނިކުތް ގޮތަށް ފޯނުން އެފްބީއަށް ވަދެ އިންދާ ޒީބާގެ މަތިން ހަނދާން ނެތިއްޖެއެވެ. އެހާ ޝައުގެއްނެތި ކުރާކަންތައްތައް ގިނަފަހަރު ވާނެގޮތެއް ވީއެވެ. އެހެންނޫނަސް އެންމެ ސަފުހާއެއް ކިޔައިދެވުމުންވެސް ރިޔާ ދެކުނީ އެއީ މަންމަ އަށްޓަކައިވި ނިކަން ބޮޑު ގުރުބާނީއެއް ކަމަށެވެ. ބާރަށް ވާހަކަ ކިޔައިދިނުމަށްވުރެ ރިޔާ ފޫހިވާކަމެއް ދުނިޔޭގައިވެސް ނުވާނެއެވެ. ރިޔާގެ ޅަ ހިތަކަށް އެ ކުރެވުނީ "ނުބައި" ކަމެއްކަމެއް ނޭގުނެވެ. މަންމަ އޭނަ އާއި އަލީނާ އަޅާކިޔަން ފަށައިފި ކަމެއްވެސް ނޭގުނެވެ. އެހެންނޫންނަމަ ވާދަކުރަން އެނގުނީހެވެ.

ޒީބާ އޮތީ ހިތުގައި ޖެހިފައެވެ. ރިޔާ އާއި އަލީނާ އާއި ދެމެދުގައި ހުރި ފަރަގު މިއަދު އޭނައަށް އެނގިއްޖެއެވެ. ނިކަމެތި ކުދިންގެ ހިތް ހާދަ ރީއްޗެވެ. ހާދަ މައުސޫމެވެ. ޒީބާ އަލީނާގެ މަތިން ހަދާންވާން ފެށިލެއް ބޮޑުކަމުން ގުޅާލަންވެސް ބޭނުންވިއެވެ. ނަމަވެސް އޭނަ އެކަން އަންގަން ބޭނުމެއް ނުވީވަރުން މައިތިރިވެގެން އިނީއެވެ.

ރޭގަނޑު ކެއުމަށްފަހު ރިޔާ ޒެވިޔަން ގޮވައިގެން ކޮޓަރިއަށް ދިޔުމުން އަލީނާ އެކަނިވެރި ވާގޮތްވިއެވެ. އޭނަ ބޮޑު ކޮޓަރިއަށް ނިކުތީ ފަޔަރޕްލޭސް ކައިރީގައި އިނުމުން ހިތްހަމަޖެހުން ލިބޭނެކަން އެނގޭތީއެވެ. އަލީނާ އެގޭގެ ސިޓިންރޫމް ދެކެ އިންތިހާއަށް ލޯބިވެއެވެ. ވަރަށް އަރާމު އަދި އަމިއްލަ ތަނެއް ފަދަ އިހުސާސެއް ކުރުވާ ތަނެކެވެ. މިރޭވެސް މޭޒުމަތީގައި ބަހައްޓާފައި ހުރި މާވަށިތަކުން އަރާ މީރުވަހުން އެތަންވަނީ އެއްވަސްވެލާފައެވެ. އަލީނާ ހަމަޖެހިލައިގެން ފަޔަރޕްލޭސް ކައިރީގައި ހުރި ސޯފާގައި އޮށޯވެލައި ބާލީހުގައި ބައްދާލިއެވެ. މިތާ އޮތުމުން ފުދޭވަރަކަށް ހޫނެވެ. ހޫނުކަމާއި ތަނުގައި ހިފާފައިވާ މީރުވަހުން ލިބުނު އަރާމެއްގެ ބޮޑުކަމުން އަލީނާއަށް ދެލޯ މަރައިލެވިއްޖެއެވެ. އޭރު އެ ދޮންމޫނަށް އަލިފާނުގެ އޮރެންޖް އަލި އެޅިފައިވާއިރު ފެންނަލެއް އިންތިހާއަށް ރީއްޗެވެ. އަދި އަޅައިގެން ހުރި އޮރެންޖް ސްކާފްގެ ސަބަބުން ހީވަނީ މޫނަށް އެ ހިޔަނިވެސް އެޅިފައިވާހެންނެވެ. 

"ހެލޯ ސްލީޕިން ބިއުޓީ.... އެކަނިވެރިވެފައިތަ؟" ދާވިޝްގެ ބަރުއަޑު އިވުމުން އަލީނާ އަވަހަށް ދެލޯ ހުޅުވާލައިފިއެވެ. އޭރު ދާވިޝް ހުރީ ދާދި ކައިރީގައި ހުއްޓިލައިގެން ޝައުގުވެރި ނަޒަރަކުން އަލީނާ އާއި ދިމާލަށް ބަލަހައްޓައި ގެންނެވެ. ޒެވިޔަން ފަދައިން އިސްކޮޅުން ދިގުވެފައި، ސްމާޓް ކަމުން ދާވިޝްއަކީ ވެސް ރީތި ފިރިހެނުންގެ ތެރޭގައި ގުނާލެވޭނެ ޒުވާނެކެވެ. އޭނަ ގެ މޫނަށްވެސް އަލިފާނުގެ ކުލަ ވެރިވެފައިވާއިރު ހީވަނީ އެހެންފަދަކަމެއް ހެންނެވެ. އަދި މުށިކުލައިގެ ފަންއިސްތަށިގަނޑުން ބަޔެއް ތަނަވަސް ނިތުމައްޗަށް ވެއްޓި އުދަގޫކުރަން ފެށުމުން އަތުން ރަނގަޅުކޮށްލި ގޮތް ވަރަށް ހިތްގައިމެވެ. ދާވިޝްގެ އެ ނަޒަރުން އަލީނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ޖަހާލައިފިއެވެ. ނަމަވެސް އޭނަ ހަދާންވީ ޒެވިޔަންގެ ވާހަކަތަކެވެ. އެހެންނޫނަސް ޖެމާ އާއި ދާވިޝްގެ ކައިވެނި ހަމަޖެހިފައިވާއިރު ދާވިޝް ވެސް އޭނަ ފެނިފައި މޮޔަވެގެނެއް ނޫޅޭނެއެވެ. އެފަދަ ބެލުމަކުން އަދި އޭނަ އާއި ދާވިޝް ހިތާވީކަމަށް ނިންމައިގެން ވެސް ނުވާނެއެވެ.

ކުއްލި އަކަށް މީހަކުގެ ފިޔަވަޅުގެ އަޑު އިވުނެވެ. އަލީނާ ވެސް ސޯފާއިން ތެދުވާން މަސައްކަތް ކުރިއެވެ. ބޮޑު ބަނޑަކާއި އެކު ކަނައަތް މަސައްކަތް ނުކުރާތީ އެތަނުން ތެދުވުން ވެސް އޭނައަށްވީ ބުރަކަމަކަށެވެ.

ކޮމެންޓް 0