ރިޔާ ދިން އިންޒާރަކުން ބިރުގަތީ، ޒާވްމެން އެއްބައި ވެގެން ކުރިކަމެއް ފެއިލްވީމަ ހުރިހާ ދެރައެއް ލިބުނީ އަޅުގަނޑަށް، އެކަމަކު ޒާވް އެހެން ހަދާފާނެއޭ ހިތަށް ނާރާ، ޒާވް ބުނެބަލަ، ރިވެންޖް ނަގާކަށް އަޅުގަނޑު ގޯސްވެގެން ކުރީ ކޮންކަމެއްތަ؟ ޒާވްއަށް ތިވަނީ ނާހީ އާއި ދެމީހުން ބަދަލުކުރި މެސެޖްތަކެއްވެސް ފެނިފައިކަންވެސް ޔަގީންވީ ރިޔާ އެބުނި އެއްޗަކުން، އެވެސް ވީ ފޭކް އެއްޗަކަށްވީ، އެހެން މީހަކު ދެން ބިލީވް ނުކުރިޔަސް ހެޔޮ، އެޓްލީސްޓް ޒާވް ގަބޫލުކޮށްބަލަ، އަޅުގަނޑެއްނޫން ނިކީއަށް ޕީނަޓް ޗޮކްލެޓް ކާންދިނީ، އެކަމަކު ޒާވް ރިވެންޖް ނަގަން ވެގެން ލޯބިވާ ކަމުގެ އެކްޓް ކުރީ، މިއަށް ވުރެ މާ ރަނގަޅު ވާނެ އެއް ފަހަރުން މަރާލިޔަސް...." އަލީނާއަށް ޒެވިޔަންގެ ދެލޮލަށް ބަލައިލެވުނީ އެލޮލުން ކޮންމެވެސް އެއްޗެއް ދެނެގަންނަން ބޭނުންވެފައިވާފަދަ ގޮތަކަށެވެ. ޒެވިޔަން އޭނައަށް މަކަރުހަދައިގެން، އެމީހުންނާއި އެއްކޮޅަށް ހުރެއްޖެއްޔާ އޭނައަށް އިތުރު އަނިޔާތަކެއް ލިބިދާނެއެވެ. އޭނަ ކެތްކުރަން ވީބާވައެވެ.

"ހައު ޑެއަރ ޔޫ....." ޒެވިޔަން ގޮށްމުށްކަވާފައި ގޮނޑީގެ އަތްގަނޑަށް ވީއްލާލި އެތިފަހަރުން އަލީނާ ވެސް ސިއްސައިގެން ގޮސް ދެލޯ ބޮޑުކޮށްލެވުނެވެ. ޒެވިޔަންއަށް އަލީނާއަށް ބަލައިލެވުނެވެ. އެހާ ބިރުން އިންއިރު ހާދަ ލޯތްބެވެ. ހާދަ ނާޒުކެވެ. އޭރު އަލީނާގެ މޭގަނޑު ނެގިނެގިފައި ޖެހެމުން ދިޔައެވެ. 

"ޒާވް. ރުޅިނާދެބަލަ...." އަލީނާގެ ލޮލުގައި އަނެއްކާ ކަރުނަ ވިދަން ފެށިއެވެ.

"ރުޅި އަންނާނެނު، އަހަރެމެން ދޭތެރޭގައި ހިނގާފައިވާކަންތައް އެލީއަށް އެނގޭ އިރު ތިގޮތަށް އަހަންނާއި މެދު ޝައްކު ކޮށްގެނެއްވެސް ނުވާނެ، ކޮންމެ މީހަކުވެސް ތިގޮތަށް ޝަކުވާ ކުރަނީ، ދެން އަހަރެން ކެއަރ ކުރާކަން އަންގަން ހަދަން ވީ ކިހިނެއްތަ؟" ޒެވިޔަން ރެއިލިންގައި އަތް އަޅުވާލައިގެން ތުންފަތުގައި ދަތްއަޅާލައިގެން ހުރިއިރު އޭނަގެ ހިތަށްވަނީ އިންތިހާއަށް އަސަރުކޮށްފައެވެ. އަލީނާ އެގޮތަށް އޭނަ އާއި މެދު ޝައްކު ކުރުމުން އަސްލު ވަރަށް ދެރަވެއްޖެއެވެ. ފުރަތަމަ ދުވަހުވެސް އޭނަ އޮތީ ގޭތެރެއިން ކަމެއް ހިގަންޏާ ސިއްރުނުކޮށް އޭނަގެ ގާތުގައި ބުނަން އެދިފައެވެ. އޭނައަށް މަންމަ އާއި ރިޔާގެ ގޮތް ރަނގަޅަށް އެނގޭތީއެވެ. ތަފާތުކަމަށް ހީކުރި ކުއްޖާވެސް އޭނަގެ ލޯތްބާއި މެދު ޝައްކު ކުރީއެވެ.

ޒެވިޔަން ހިތްހަމަނުޖެހުނުކަން އެނގުމުން އަލީނާ ކަންބޮޑުވިއެވެ. އަލީނާ ރިޔާ ދެއްކި ވާހަކަތައް ހިއްސާކުރީ އެހެން ގޮތެއް ނެތުމުންނެވެ. ރިޔާ އޭނަ ހިމަނައިގެން އެގޮތަށް ދޮގު އިލްޒާމެއް އެޅުވުމުގެ ބޭނުމަކާއި މެދު ޒެވިޔަންގެ ހިތުގައި ސުވާލު އުފެދުނެވެ. އޭނަ ގެ ހިތުގައި ކުރިންވެސް ޝައްކެއް ހިނގިއެވެ. އެވީ ހަގީގަތަކަށެވެ. ރިޔާމެން އަލީނާ އާއި ދޭތެރޭގައި ކަންތައް ކުރަން ނިންމާފައި ވަނީ މުޅިން ވެސް އިންސާނިއްޔަތާއި ޚިލާފަށެވެ. އެކުއްޖާގެ ނިކަމެތިކަމުން ފައިދާ ހާސިލުކުރުން ނޫން އެއްވެސް ބޭނުމެއް އެމީހުންގެ ނެތެވެ.

"ޓްރަސްޓްމީ އެލީ، އަހަރެން ނެތިން ދެން މިއަތުން ދޫކޮށްލާކަށް، ކޮންމެ ގޮތެއްވިޔަސް މަންމަ އާއި ރިޔާ އަކީ އަހަރެންގެ ފެމިލީ، އެމީހުން ދޫކޮށްލާފައެއްވެސް އަދި ދެވޭކަށް ނެތް، އަދި އެލީވެސް ވާނީ އަހަންނާއި އެކީގައި، އެކަމަކު މިއަދު އެލީ އަހަންނަށް ޓަކައި ކަމެއްކޮށްދެންޏާ ކުޑަކޮށް ހިތްވަރުކޮށްލަދީ، މަޑުމަޑުން ގޮސް އެންމެނަށް އަދި އަންޑަސްޓޭންޑް ވާނެ، އެލީ ކޮށްދޭން އުޅުނު ފަދަ ހެޔޮކަމެއް ކޮށްދޭނެ އެއްވެސް ކުއްޖަކު ނުވާނެކަން އެނގި އަދި އެލީ ދެކެ ލޯބިވާނެ، ބަލާތި...." ޒެވިޔަން އަލީނާގެ އަތްތިލައިގައި އެ ފިނި ތުންފަތް ޖައްސާލުމުން އަލީނާގެ ހިތަށް ފިނިކަމެއް ލިބުނެވެ.

"ޒާވް އަށް ޔަގީންތަ؟ ޒާވް މަމް އަޅުގަނޑު ދެކެ ލޯބިވާ ދުވަހެއް އަންނާނެތަ؟" އަލީނާ ގެ ރީތި ދެލޮލުން ބަލަން ހުރީ ގަބޫލު ނުކުރެވޭފަދަ ގޮތަކަށެވެ.

"ނުވާންވީ ކީއްވެތަ؟ މިރެކްލްސް ޑޫ ހެޕެން... މީހާގެ ބިލީފް އެއްޗަކީ، ޔަގީންކަން އޮތިއްޔާ ކޮންމެފަދަ ކަމެއްވެސް ކުރެވިދާނެ، އެހެންވެ މަ ބުނަނީ ނޯ ނެގެޓިވް ތިންކިން އޭ...." ޒެވިޔަން އަލީނާ ތަންކޮޅެއް ކައިރިކޮށްލިއެވެ. އަދިވެސް އެ ހަށިގަނޑު ވަރަށް ހޫނެވެ. އެކަމަކު އަތްތިލަ ހީވަނީ ގަނޑު ފެންކޮޅެއްހެންނެވެ.

"ޒާވް ބުނީމަ ގަބޫލު ކޮށްފިން، އެކަމަކު ރިޔާއަށް ބޭބީ އެބޯޓްވީކަން އެނގުނީމަ ވަރަށް ރުޅިއައިސްފައި ހުރީ ދޯ، އޭނަ ހީކުރާނެ ގަސްތުގައި ކުރިކަމެއް ކަމަށޭ، ޒާވް ބުނެދޭތި ކުރީ ދުވަހު ވާރެ އާއި ތެމުނީމަ، ފްލޫ ޖެހުމުގެ ސަބަބުންނޭ މިހެން ދިމާވީ، ޒާވް މިހެން ބުނެލަން ހަނދާން ނައްތާނުލާތި.. ޕްލީޒް... އިޓްސް އިމްޕޯޓެންޓް...." ރިޔާ އެހެން ބުނުމާއި އެކު ޒެވިޔަންއަށް ވަގުތުން ވިސްނުނެވެ.

"އެލީ ވާރޭގެ ތެރެއަށް ނިކުންނަން ޖެހުނީ ރިޔާގެ ސަބަބުން ދޯ، އެނީތިން އެލްސް ޔޫ އާ ހައިޑިން؟" ޒެވިޔަން އެ ސުވާލު ކުރުމުގެ ސަބަބުން އަލީނާގެ މޫނަށް ވެގެން ދިޔަގޮތުން ޒެވިޔަންއަށް އެކަން ޔަގީން ކުރެވުނެވެ. އަލީނާ އެފަދަ ކިތައް ކަމެއް ސިއްރު ކުރާނެ ބާވައެވެ. ޒެވިޔަންގެ މޫނުމަތިން ހިތްހަމަނުޖެހުނު ކަމުގެ އަސަރުތައް ފާޅުވިއެވެ. މިފަހަރުވެސް ޒެވިޔަން ބާރުއަޅައިގެން އަލީނާއަށް ރިޔާ ކުށްވެރި ނުވާނެ ފަދަ ގޮތަކަށް ބައެއް ދިރުވާލާފައި އެ ހާދިސާ ވެސް ކިޔައިދޭން ޖެހުނެވެ.

"އަހަރެން ބުނާ އެއްޗެއް އެލީ ގަބޫލު ކޮށްބަލަ، އަދި އެލީ ރިޔާ ދެކެ ބިރުގަންނާކަށް ނުވެއެއްނު. ތިއީވެސް މިގޭ ޕްރިންސެސް އެއް، ބޭނުން ގޮތަކަށް އުޅެލުމުގެ ހައްގު އޮންނާނެ، ދެން ހީލަބަލަ. އަބަދު މޫޑީވެފައި ހުރީމަ ޑަލް، ބޯރިން ކުއްޖަކަށް ވެދާނެ...." ޒެވިޔަން އަލީނާ ހެއްވާލަން މަސައްކަތް ކުރުމުން އަލީނާގެ ކުދި ދަތްތައް ފެންނަ ވަރަށް ހެވި، މޫނުމަތީގައިވާ ސީރިޔަސްކަން ކެނޑެން ހިދުކޮޅެއްވެސް ނުނެގިއެވެ.

"އަދިވެސް ހާދަ ހޫނޭ، ވީމަ ރެސްޓް ނަގަންވާނެ އިނގޭ. އަހަންނަކަށް ނޭގޭ އަހަރެންގެ ގާލް ދެކެ ވައިރަސްތައް ވެސް މާ ލޯބިވެގެން އުޅޭކަމެއް... މާބޮޑަށްވެސް ކިއުޓް ވީމަތަ؟" ޒެވިޔަން އަލީނާގެ ދެކޯތާފަތުގައި މަޑުމަޑުން ހިފާލުމުން އަލީނާއަށް ހެވިއްޖެއެވެ. ޒެވިޔަން އަލީނާ ގެންގޮސް އެނދުގައި ބާއްވާފައި، ރަޖާ އަޅައިދިނެވެ. ގިނަގިނައިން އޮރެންޖް ޖޫސްބޮއިގެން އަރާމު ކުރުމަށް އެދުނެވެ.

ޖެހިގެން އައިދުވަހު ޒީބާ އަނެއްކާވެސް އޭނަ ފަރުބަދަމަތީގެ ގެއަށް ދުވަސްގަނޑަކަށް ބަދަލުވާ ވާހަކަ ދެއްކިއެވެ. ނިއުޔޯކްސިޓީގެ ވައި ނުސާފުކަމުން، ނޭވާލުމުގެ ނިޒާމަށް މައްސަލަ ޖެހިއްޖެކަމަށް ކިޔާފައި ބަހަނާއެއް ދައްކާލާފައި އަނެއްކާ ދާން ނިންމީ ހަގީގަތުގައި އޭނަގެ ހިތުގައިވި ހަސަދައިގެ ބޮޑުކަމުންނެވެ. އަލީނާ ދެކެ އައިސްފައިވާ ރުޅި ފިލުވައިލެވެން އޮތީ ޒެވިޔަން އާއި އަލީނާ ދުރުކުރެވިގެންނެވެ. އެހެންނޫނަސް ޒެވިޔަން އަލީނާ ދެކެ ލޯބިވާން ފަށައިފިކަމުގެ ބިރު ޒީބާ މުޅިން މޮޔަކޮށްލައިފިއެވެ. އޭގެ ކުރިން އޭނަ ޖެހޭނީ އަލީނާ ކިޔާ ތޫނު ކަށި އުފުރާލާފައި އެއްލައިލުމަށެވެ. ކަށިކުބުރު ޖަންގަލީގައިވާ މަލަކަށް ޒެވިޔަންގެ ބަގީޗާގައި ރަސްކަމެއް ނުކުރެވޭނެއެވެ.

"ޒީބާ. އައިމް ސަޕްރައިޒްޑް، މިކޮޅަށް އަންނަން ވެގެން ދޫނުކޮށް އުޅުނީވެސް ޒީބް އެއް ނޫންތަ؟ އެންމެން ހަމަޖެހިލައިގެން އުޅެން ފެށީމަ އަނެއްކާ އެކޮޅަށް ބަދަލުވާން އުނދަގޫވެސް ވާނެ....." މައިމޫން އިންނެވީ ނިއުޔޯކް ޓައިމްސް ނޫސް ހިއްޕަވައިގެން ގަހެއްގެ ހިޔަލުގައިވާ ބެންޗެއްގައެވެ. އެގަހުގެ އަނެއްފަރާތުގައި މީހަކު އެވާހަކަތައް އަޑުއަހަން ހުރެދާނެ ކަމަކަށް ޒީބާ ހިޔެއްނުކުރެއެވެ.

"އެކަމަކު މިހާރު އަޅުގަނޑު އެކަނި ދުވަސްކޮޅަކު އުޅެލަން ކަމަށް، މައިމޫން ގާތުގައި ސީމާ ހުރީމަ ޚިދުމަތަކަށް އުންޏެއްނުވާނެ، އަޅުގަނޑުވެސް ދޭތެރެ އަކުން ޖައްސާލާނަން، އާއިޒު އާއި ޖިލާ ގޮވައިގެން އަޅުގަނޑު ދާނީ، އަލީނާވެސް ގެންދާނަން، ސީރިޔަސްލީ އަޅުގަނޑު ބިރުން ހުރި ކަންތައްވާން ފަށައިފި މައިމޫން، އަޅުގަޑުމެންގެ ޒެވިޔާ އެ ދަށުދަރަޖައިގެ ޖާރިޔާ ދެކެ ލައިކްވާން ފަށައިފި.... އެހެންވެ އޭނަ ދުރަށް ގެންދަން މަޖުބޫރުވީ، އެހެންނޫނަސް ޒެވިޔާ އާއި އަލީނާގެ ދަރި އަކަށް ބަލިވެ އިނދެއްޖެއްޔާ އަޅުގަޑުގެ ހުރިހާ ޕްލޭންއެއް ފެއިލްވީ، އަލީނާ އެބޯޓްކޮށްލީ ޒެވިޔާ ބާވައޭވެސް ހީކުރެވުނު، އެކަމަކު ޒެވިޔާ އަކަށް ނުކެރޭނެ ކަންނޭގޭ ފާފައެއްކަން އެނގިހުރެ އެކަހަލަ ކަމެއް ކޮށްލާކަށް، މައިމޫން ވަނީ އެކުދިންނަށް އެވަރަށް ދީންވެސް ދަސްކޮށްދެއްވާފައި ކަމުން އެއިތުބާރު ވެސް އޮވޭ...." ޒީބާ ބުނެލައިފިއެވެ.

"ޒީބް، ޒެވިޔާ ވީކެންޑްގައި ވެސް އެކޮޅަށް ދާނެ، އޭރުންވެސް ދެކުދިން ދިމާވެފައި އޮންނާނީ، ތިއީ އަހަރެން އެންމެ ފުރަތަމަވެސް ހިތްހަމަޖެހިގެން ކުރެވުނު ކަމެއްނޫން. ދެންވެސް އަލީނާ ރަށަށް ފޮނުވާލައިފައި ތިކަން ހަނދާން ނައްތާލަބަލަ ޒީބް، ގަދަކަމުން ދަރިން ހޯދާކަށް ނުޖެހޭނެ...." މައިމޫން ސީރިޔަސް ގޮތަކަށް ބުނުއްވުމުން ޒީބާ ހިނިގަނޑެއް ޖަހާލައިފިއެވެ.

"ނޫން، އަލީނާ ނިކީގެ ބަދަލުގައި ދަރިއެއް ދިނީމަ ނޫނީ ދޫކޮށެއް ނުލާނަން..." ޒީބާ ނިންމިއެވެ. ސީމާ އެއަޑު އަހަން ގަހުގެ ފުރަގަހުގައި ފިލާފައި އޮވެވުނީއެއް ނޫނެވެ. އޭނަ ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. ޒީބާގެ ޕްލޭން މުޅިން ނޭގުމުގެ ސަބަބުން އޭނައަށް އޮޅިއްޖެއެވެ. ޒެވިޔަން އާއި އަލީނާ ތަތްކުރުވައިގެން ރިޔާގެ ހަޔާތް ބަރުބާދުކޮށްލަން ޒީބާ އެއުޅެނީ ކީކޭހިތަށް އަރައިގެން ބާވައެވެ. އޭނަ ދުނިޔޭގައި ހުރެގެން ރިޔާ ނިކަމެތި ވިޔަކަ ނުދޭނެއެވެ. އެވެސް އަލީނާ ފަދަ ފެންވަރެއްނެތް ގެންގުޅޭކުއްޖަކާއި ޖެހިއެވެ.

އަލީނާ މާލެއިން އެމެރިކާއަށް ގެންދިޔަދުވަސް ހަނދާންވާފަދަ ގޮތަކަށް ޒީބާ އަލީނާ ގާތުގައި ހުރެގެން ދަބަހަށް އެއްޗެހި އެޅުވުމަށްފަހު ބާރުބާރަށް ގެންގޮސް ކާރަށް އަރުވައިފިއެވެ. އެވަރުންވެސް އަލީނާ އޮރެންޖް ގަސްމަތިން ހަނދާން ނައްތައެއް ނުލިއެވެ. އޭނަ ދާކޮންމެ ތަނަކަށް އޮރެންޖު ގަހާއި، ނިކީގެ ހަނދާންތައް ގެންދާނެއެވެ. އަލީނާ އިނީ ބިރުން ނޭވާ ހިފަހައްޓާ ލައިގެންނެވެ. އޭނަ ބޭނުން ނެތިގެން ރަށަށް ފޮނުވައި ލަނީބާވައެވެ. ނޫނެކެވެ. އޭނައަށް ޒެވިޔަން ދޫކޮށްލާފައެއް ނުދެވޭނެއެވެ. އަލީނާ ހިތާހިތުން ރޮވެންފެށިއެވެ. ކާރު ނިއުޔޯކްގެ އުސް އިމާރާތް ތަކާއި، ބޮޑެތި ބްރިޖްތައް ކްރޮސްކޮށް ހައިވޭއަށް އަޅުވައިލައިފިއެވެ. އެންމެ ފަހުން އަލީނާއަށް ވިސްނުނީ އޭނަ މިގެންދަނީ ކުރިން އުޅުނު ގެއަށް ކަމެވެ. އެކަމަކު އޭގެ މަގުސަދެއް ވެސް ނޭގުނެވެ. ޒީބާ ސިކިއުރިޓީ އެއްހެން ކައިރީގައި ވިއްދާލައިފައި އިނުމުން އަލީނާ އަކަށް ޒެވިޔަންއަށް މެސެޖެއްވެސް ނުކުރެވުނެވެ.

އަލީނާގެ ފޮށި ދަމަމުން ގެއާއި ދިމާލަށް ހިނގައިގަތުމުން ޒީބާ ކުޑަކޮށް ކައިރިއަށް ޖެހިލިއެވެ.

"އަލީނާ ހަދާން ކުރާތި، ޒެވިޔަން އާއި ހިތާވެގެން އުޅެންޏާ އަހަރެންގެ ނުލަފާކަން ދައްކަފާނަން، ތިމާގެ ފެންވަރު ވިސްނައިގެން އުޅޭތި، ޒެވިޔާމެން ދެން އުޅޭނީ ސިޓީގައި، މިމީހަކާއި އެއް ހިޔާވައްސެއްގައި ހުއްޓަސް ޒެވިޔާގެ ހަލާކު، ކަލޭގެ ހިޔަނި އެޅިއްޖެ މީހެއްވެސް ސަލާމަތުން ނުހުންނާނެ، ނިކީ ކާލާފައި ކޮންކަމެއް ނުކުރެވިގެންތަ ތިއުޅެނީ، ނުލަފާކަމެއް ދެއްވާފައި ހުރި ކުޑަ މަންޖެއެއް..." ޒީބާގެ އެ ޖުމްލަތަކުން އަލީނާގެ ހިތް ކުދިކުދި ވެގެން ފައިބައިގެން ހިނގައްޖެއެވެ. އޭނަ ފަސްއެނބުރި ބަލައިލުމެއް ނެތި ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައިރު ހިތްތެޅެމުން ދިޔައީ އާދަޔާ ޚިލާފު ބާރަށެވެ. ތުންފަތުގައި ދަތް އަޅައިލެވުނުލެއް ބާރުކަމުން ތުންފަތުން ލޭ އޮހިގަނެފާނެހެންވެސް ހީވިއެވެ.

"ޒާވް މިވީ ކިހިނެއްތަ؟ ބޭބީ އެބޯޓްނުވިނަމަ އެމީހުން ލޯބިވާނެބާ، އަނެއްކާ ބޭނުމީ ޕްރެގްވާން، ޒާވް ޑޯންޓް ލީވް މީ އެހެން ނޫނީ އަހަރެން މަރުވެދާނެ، ތިއީ ކިރިޔާވެސް އުއްމީދަކީ...." އަލީނާ ކޮޓަރިއަށް ވަންގޮތަށް އޭނަގެ ކުޑަ އެނދުގައި އިށީދެވިއްޖެއެވެ. ލޮލުގައި ގިނަވެގަތް ކަރުނަތައް އޭނަ ފޮހެލައިފިއެވެ.

އަލީނާ އަށް އިހުސާސް ކުރެވުނީ ފަޅުރަށެއްގައި އުޅެވުނު ހެންނެވެ. އެގެއިން އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. އެކަމާއި ދެރަވެފައި ބަދިގޭ ފަރާތުގައި ހުއްޓާ ކުއްލިއަކަށް ކާރެއް މަޑުކޮށްލި އަޑު އިވުނެވެ. ކެނެރީ ލަވަ ޖަހައިލިއަޑަށް އަލީނާއަށް ހީވީ ކަންފަތް ކައިރީގައި މިއުޒިކެއް ކުޅެލިހެންނެވެ. މިހާރު ފިނި މޫސުމަށް ރަށުން ބޭރަށް ހިޖުރަކުރި ދޫނިތައް ބަހާރު މޫސުމަށް އަންނަން ފަށާފައިވާތާ ކިތަންމެ ދުވަހެކެވެ. ދޫނިތައް ލަވަޖަހަމުން އުދުހިލާ ތަނާއި، ގަސްތަކުގައި ޖައްސާފައިވާތަންވެސް ފެނެއެވެ. އެކަމަކު އާއިޒު ގެންގުޅޭ ކެނެރީގެ އަޑުއިވޭއިރަށް އަލީނާއަށް ޔަގީންވިއެވެ. އަލީނާ އެފަރާތު ގަސްތަކުގެ ތެރެއިން ގޮސް ލޯވްން ފެންނަ ހިސާބަށް ނިކުތް އިރު އާއިޒު އާއި ޖިލާ ކާރު ކައިރީގައި ތިއްބެވެ. އާއިޒު ކޮށިތައް ނެރުމުން ޖިލާ އަނގަޔަށް ގޮތެއް ހަދާލާފައި އަވަހަށް ދުރަށް ޖެހިލައިފިއެވެ. އަލީނާގެ އަނދަމުންދިޔަ ހިތަށް ކުޑަ ފިނިކަމެއް ލިބުނެވެ. އާއިޒުމެން ވެސް މިގޭގައި އުޅެން އައީކަން ޔަގީންވިއެވެ. އެހެންނޫންނަމަ އާއިޒު ދޫނިތަކެއް ނުގެނައީހެވެ.

އަލީނާ ފާޚާނާގައި ހުރެފައި ބޭރަށް ނިކުތް އިރު އޭނަގެ ބުރުގާ ތަކާއި، ކަޅުހެދުންތައް ފެންނާކަށް ނެތެވެ. އަލީނާ އަށް ބަލައިލެވުނީ ދޮރާއި ދިމާލަށެވެ. ހަނދާން ނެތިގެން ތަންޑު ނާޅާހުއްޓާ، މިތަނަށްވަދެ އޭނަގެ ހެދުންތައް ވަގަށް ގެންދިޔައީ ކާކު ހެއްޔެވެ؟ އޭގެތެރެއިންވެސް އެމީހަކު ކަޅު ހެދުންތަކާއި، ބުރުގާތައް ގެންދަން ޖެހުނު ސަބަބެއް ނޭގި ހުއްޓާ ޒީބާ ދޮރުހުޅުވާލައިފައި ވަދެއްޖެއެވެ.

"ކޮންމެހެން ހެދުންތަކުގެ ތެރެއަށް ވަދެ ފިލައިގެން ހުންނާކަށް ނުޖެހޭނެ، މިގޭގައި ހިލޭބަޔަކު ނޫޅޭ، ތިހެދުމުގައި ކައްކަން ދޭ....." ޒީބާ އަމުރު ކުރިއެވެ. އަލީނާގެ މޫނަށް ރަތްކުލަވެރިވިއެވެ. އޭނަ އޭރު ލައިގެން ހުރީ އަތްދިގު ޓީޝާޓަކާއި، ޖިންސެކެވެ. ހަށިގަނޑުގެ ވަނާތައް ރީއްޗަށް ހާމަވާފަދަ ހެދުމެއްގައި މީހުންގެ ތެރެއަށް ނިކުންނަން ކެރޭނީ ކިހިނެއް ހެއްޔެވެ؟ އާއިޒުވެސް ވާނީ ހިލޭ މީހަކަށެވެ. އެއްގޮތަކަށް ވެސް އަލީނާއަށް އެކަމެއް ނުކުރެވޭނެއެވެ.

"ތިއީ އަހަރެން ގަނެފައި ހުރި އަޅުކުއްޖެއް، އަލީނާގެ ބައްޕައަށް އެތައް ލައްކަ ރުފިޔާއެއް ދީފައި އަހަރެން ގެނައީ، އާއިޒުމެން ނޫޅޭ ތިކަހަލަ މީހަކު ނުފެނިގެނެއް، ތި ފަރިބަލާނެ މީހެއް މިގެއަކު ނެތް.... ނިކުމޭ..." ޒީބާ ކުރިއަށް ފިޔަވަޅެއް އެޅުމުން އަލީނާ ތުވާލި އެއްލައިލައިފައި އަވަހަށް ނިކުތެވެ. އިސްތަށިގަނޑު ވެސް އޮތީ ވިހުރުވިފައެވެ. އަލީނާ ބަދިގެއަށް ވަންގޮތަށް ޒީބާ ބުނެގެން ފޮނި އެއްޗެއް ހަދަން ޖެހުނެވެ. ރެސިޕީ ފޮތް ބަލައިގެން ހަދައި ނިންމާލީ ޗޮކްލެޓް މިންޓް ސްކުއޭސް ކިޔާ އެއްޗެކެވެ. ރަހަބަލައި ލުމުން އަލީނާގެ ކުޅުދިޔާވިއެވެ. އަލީނާ މޭޒު ތައްޔާރު ކުރަން ހުއްޓާ އާއިޒު އާއި ޖިލާ އެކީގައި އައުމުން އަލީނާ ލަދުން ހަލާކުވާވަރުވިއެވެ. ދުވެފިލޭކަށް ވެސް ނެތެވެ.

"ވާއު. މެރީޑާ ގެ އިސްތަށިގަނޑު.... ވިގެއްތަ؟" ޖިލާއަށް ބުނެވުނެވެ. އަލީނާގެ އިސްތަށިގަނޑު ފުރަތަމަ ފަހަރަށް ފެނުމުން ޖިލާ ހުރީ ހައިރާންވެފައެވެ. އާއިޒުއަށް ވެސް އޮޅިގެން ބަލައިލެވުނެވެ. އަލީނާގެ މޫނު ރަތްވެފައިވާ ވަރާއި، ދެލޮލުގައިވި ސިހުން ކިތަންމެ ރަނގަޅަށް ވެސް ފެނުނެވެ. އަލީނާ އެއްޗެކޭ ބުނުމުގެ ކުރިން ޖިލާ އަލީނާގެ އިސްތަށިގަނޑުގައި ހިފާ ދަމާލައިފިއެވެ.

"ރިއަލް ދޯ، ވާއު ވަރަށް ރީތި....." ޖިލާ ތައުރީފު ކުރިއެވެ.

"ތެންކިއު..." އަލީނާ ރަކިވެފައި ހުރެވެސް ބުނެލެވުނެވެ.

އެންމެން ކާންފެށިތަނާހެން އާއިޒުއަށް އައި ފޯނަކުން އޭނައަށްވެސް ކޮޅަށް ތެދުވެވިއްޖެއެވެ. އެއީ މިއިން ޒަމާނެއްގައި ލިބުނު އެންމެ ބޮޑު އެއްހިތާމައެވެ. ރެޔާން ގެ ދަރިފުޅު އެޑެން ވެސް ނުރައްކާތެރި ހާދިސާއެއްގައި ކުއްލިއަކަށް ދުނިޔެ އާއި ވަކިވެގެން ދިޔައީއެވެ. އެ ޚަބަރު ލިބުމާއިއެކު ޖިލާގެ ލޮލުންވެސް ހިފެހެއްޓުމެއްނެތި ކަރުނަ އައެވެ. އަލީނާއަށް ވެސް އެމީހުން ދެއްކި ވާހަކަތަކުން އެޑެންއަށް ބޮޑުކަމެއްވެއްޖެކަން އެނގުނެވެ. ރެޔާން އަކީ ޒެވިޔަންގެ އެންމެ ގާތް އެކުވެރިޔަކަށްވެފައި އޯޓަމް ބްލޭޒަށް އެޑެން ގޮވައިގެން އަންނާތީ އަލީނާއަށް އެޑެން ވެސް ވަނީ އެނގިފައެވެ. އެޑެން ގެ އިސްތަށިގަނޑު ދިގުކަމުން އަންހެންކުއްޖެއް ކަމަށް އަލީނާ ކުރިން ހީކުރިއެވެ. އެއީ ރީތިކަން ހުސްކޮށްލާފައިވާ ކުޑަ ފިރިހެން ކުއްޖެކެވެ. ނިކީ އާއި ދެކުދިން ހާދަ ލޯބިން އުޅުނެވެ. ދެކުދިން އެކީގައި ސުވަރުގޭގައި އުޅެންވެގެން އެންމެންގެ ހިތްތައް ހަލާކުކޮށްލާފައި އެދިޔައީއެވެ. އަލީނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބައިގަތެވެ. އެތައް އިރެއްވީ އިރުވެސް އަލީނާ ބެންޗެއްގައި އިށީންގޮތަށް ގަނޑުވެފައިވާ ބުދެއްހެން އިންދާ ޒެވިޔަންގެ މެސެޖެއް ލިބުނެވެ. އޭނަދަނީ ރާއްޖެއަށް ކަމަށާއި ހިތްވަރުކުރަން އެދުނެވެ. އޭނަދެކެ ލޯބިވާކަމަށް ވަންޏާ އޭނައަށް ޓަކައި އުފަލުގައި ހުންނަން އެދި ވަރަށް ދިގު މެސެޖެއް ޒެވިޔަން ފޮނުވިއެވެ. އަލީނާ އަށް އެމެސެޖް ކިޔާ ނިމުނު އިރު އަނެއްކާ އަލީނާއަށް ރޮވިއްޖެއެވެ.

އާއިޒުމެންވެސް ނެތުމުން އެގެއަށް ވެރިވެފައި ވަނީ ފަޅުކަމެކެވެ. އަލީނާ އެގޭތެރޭގައި ކަޅު ހެދުންނުލައި އުޅެން ކުރީކޮޅު އުދަގޫވި ނަމަވެސް ފަހުން ހޭނިއްޖެއެވެ. ޒީބާ ބުނެފައިވާ ފަދައިން މިގެއަކީ ހިލޭމީހުން ވަދެއުޅޭތަނެއް ނޫނެވެ. ދޭތެރެއަކުން ބަގީޗާ ބަލަހައްޓާ މީހަކު ނޫނީ މަސައްކަތު މީހަކު އަޔަސް އެކަންތަކަށްވެސް އޮންނަނީ ހަމަޖެހިފައިވާ ދުވަހެއް ހަމަޖައްސާފައެވެ. 

ޒެވިޔަން އާއި އަލީނާ ވަކިވިތާ ދިހަ ދުވަސް ވެއްޖެއެވެ. އެކަމަކު ގަވާއިދުން އޭނަ ގުޅައިގެން ވާހަކަ ދައްކައެވެ. އެޑެން ގެ ވާހަކަ ދައްކަން ޒެވިޔަން ބޭނުން ނުވުމުން އަލީނާއަށް އެކަން ގަބޫލު ކުރެވުނެވެ. ނިކީ މަރުވުމަށްފަހު އެ ވާހަކަ ދެއްކުމަށް އަދިވެސް ޒެވިޔަން ވަނީ އުޒުރުވެރިވެފައެވެ. މިދުވަސްކޮޅު ޒެވިޔަން މާބޮޑަށް ނިކީމަތިން ހަނދާން ވާނެކަންވެސް އެނގުނެވެ. އެހެންވެ އޭނަވެސް ދައްކައި އުޅުނީ އެހެން ވާހަކަތަކެވެ. 

މިއަދު އަލީނާ ނޫކުލައިގެ ވީލް ބަރޯއަކަށް ކުނި ގޯނިތަކެއް ލައިގެން ތަންކޮޅެއް ދުރުގައިވާ ހިސާބަކަށް އެއްލައިލަން ދިޔައިރު އަލީނާ ހުރީ ކުޑަކޮށް ވަރުބަލިވެ، ބިރުވެސް ގެންފައެވެ. އޭނަ މިފަދަ މަސައްކަތެއް ކުރަން ހިތަށް އެރީ ފްލޯރާވެސް ކުރާކަމަކަށް ވާތީއެވެ. އަދި ކުޑައިރު ގޭގައި ގެންގުޅުނު ބަރޯގަނޑުވެސް ދުއްވާ ހިތްވާތީއެވެ. އަލީނާ ގަސްތަކުގެ ތެރެއިން ވަދެގެން ދިޔަވަރަކަށް ފެންނަ މަންޒަރުތައް ރީތިވެ، ހައިރާންވިއެވެ. މިއީ މިގެއާއި ކައިރީގައި އޮންނަ ވުޑް ކަންނޭގެއެވެ. ހާދަ ހިތްގައިމެވެ. މިތަނަށް ވަދެ އިންސާނުންނަށް ފިލަންވީއެވެ. އެކަމަކު މާދުރަށް ގޮސްގެން މަގު ގެއްލިދާނެތީވެސް އަލީނާ ބިރުގަތެވެ.

އަލީނާ މަސައްކަތް ނިންމައިލުމަށްފަހު އިސްކުރުން އަތް ދޮވެލައިގެން މޫނަށްވެސް ފެންތައް ވިއްސާލުމަށްފަހު އިށީދެލީ ބައިވަރު ލެވެންޑަރ ގަސްތައް ކައިރީގައި ހުރި ބެންޗެއްގައެވެ. އެ ސަރަހައްދު ހިތްފަސޭހަވެފައި، ދުވާ މީރުވަހުން ބަނޑު ފުރިދާހައިވެއެވެ. އަލިނާއަށް މަޖާވީ އޭނައަށްވެސް މިއަދު ލައިގެން ހުރެވުނީ ލެވެންޑަރ ކުލައިގެ ސްޓްރައިޕް ޓޮޕެއްކަމަށް ވާތީ އެތަނަށް އޭނަ ފެތޭވަރު ފެނިފައެވެ. އަލީނާ ބަލިފިލުވައިލަން ކަމަށް ގޮނޑީގައި އުއްޑުން އޮށޯވެލާފައި ދެލޯމަރައިލީ އެމީރުވަހުން އުފާލިބިގަތުމަށެވެ. އެހެން އޮތްއިރުވެސް ފަހަތަށް ދޫކޮށްލާފައިވާ ދެއަތުން ކުޅެލެވެމުން ދިޔައީ ލެވެންޑަރ މާ ކޯނިތަކާއެވެ. ކުއްލިއަކަށް ލެވެންޑަރ މާތަކުގެ ބަދަލުގައި ފިރިހެންވަންތަ އަތެއްގައި ހިފައިލެވުމުން އަލީނާގެ ހިތް އުފަލުން ނަށައިގަތެވެ. އެ އަތުގެ އެންމެ ބީހިލުމަކުވެސް ހަށިގަނޑުގައި ކަރަންޓު ދުވެލިގޮތުން އެއީ އޭނަގެ ފުރާނަފަދަ ލޯބިވާ ޒެވިޔަންކަން އަލީނާ ދެނެގަތީ ލޯ ހުޅުވައިލުމަކާއި ނުލައެވެ.

"ޔޫ ލުކް ޕްރިޓީ އިން ލެވެންޑަރ ޑްރެސް އެކަމަކު މިއަދު ކޮބާތަ ހެދުމުގެ އަނެއްބައި؟" ޒެވިޔަން އަލީނާ ބޯ އަޅާލައިގެން އޮތް ކޮޅާއި ދިމާލުން ބެންޗްގެ އަތްގަނޑުގައި ދަތްދޮޅި ޖައްސާލައިގެން އަލީނާގެ މޫނަށް ބަލަން އިން އިރު ދެމޫނު ވަނީ ނުރައްކާތެރި ދަރަޖައަކަށް ކައިރީގައެވެ. ޒެވިޔަންގެ ނޭވާގެ މީރުވަހާއި، އާފްޓަރޝޭވްގެ ހިތްގައިމު ވަހުން އަލީނާއަށް އެތެރެއަށް ނޭވާ ދަމާލެވުނެވެ. ޒެވިޔަން އަތުގައި ހިފަހައްޓާލައިގެން އިންގޮތުން ތެދުވުމަކީ ވެސް ކުރެވޭނެ ކަމެއްނޫނެވެ. އޭނަ ވަނީ ރީތިކޮށް ގައިދުވެފައެވެ. ކިތަންމެ ރަކިވިޔަސް އަލީނާގެ ހިތްވެސް އެއަތުގެ ހިމާޔަތަށް ވަންނަން ތެޅިފޮޅިގަތެވެ. އެއީ އޭނަގެ ފިރިމީހާއެވެ. ނަމަވެސް ދުރުން އުޅެން އިންޒާރު ކޮށްފައި ވާކަން ހަނދާން ވުމުން އަލީނާގެ އެތެރެހަށި ފިހިއްޖެއެވެ.

"މަންމަ ހުރިހާ ހެދުންތަކެއް ފޮރުވައިފި..." އަލީނާ ކުޑަކޮށް ވިސްނައިލުމަށްފަހު ޒީބާ ގެ ޝަކުވާއެއް ކޮށްލީ ގަސްތުގައެވެ. އޭނަ ގެވެސް "ޝައިތާނީ" ބަޔެއް ހުރެއެވެ. އިންސާނެއް ވެއްޖެއްޔާ ބައެއްފަހަރު އެބައިވެސް މަދުފަހަރެއްގައި ނަމަވެސް ވުޖޫދަށް އާދެއެވެ. ގިނަފަހަރު ރުޅީގެ ސިފައިގައެވެ. އަލީނާ ދެކޭގޮތުގައި އޭނަ އާއި ޒެވިޔަން ވަކިކުރުވަން އުޅުމަކީ އޭނައަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ. އެހާ ބޮޑު އަނިޔާއެއް ދޭން އުޅޭބަޔެއް ކުރާހައި ކަމަކަށް ލޯ މަރާލައިގެން ހުންނަން ވެއްޖެއްޔާ އޭނަ މޮޔަވެދާނެއެވެ. ޒެވިޔަންއަށް ޓަކައި ހަނގުރާމަކުރަން އޭނަ ބޭނުމެވެ. އޮތީ ދެމަގެވެ. ލޯބި ނޫނީ މަރެވެ. 

"މަންމަ އެހެދީ ރަނގަޅަށޭ، ދެން ކޮންމެހެން އެލީ އަމިއްލަ ގޭގައި ފޮރުވިގެން އުޅޭނެ ކަމެއްނެތް، ޖިލްވެސް ރިލިޖަސް ކުއްޖެއް އެކަމަކު އަހަރެމެން ކައިރީގައި ސްކާފް އެއްޗެހި ނާޅާ އުޅެނީ، ދެން ބުނެބަލަ، މިއަދު ކީއްތަކުރީ.... ކޮންމަސައްކަތެއް ކުރީ..." އެވަގުތު ޒެވިޔަންގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި އޮތް ވީލް ބަރޯއެވެ. އަލީނާ މަޖާވެލާފައި ދުވަހުގެ ތާވަލް ކިޔައިދިނުމުން ޒެވިޔަން ހުރީ ނުރުހިފައެވެ. އޭނަ އަލީނާ ލައްވާ އެހާ ބުރަ މަސައްކަތެއް ކުރުވާކަށް ބޭނުމެއްނޫނެވެ. ޒެވިޔަން ގުދުވެލާފައި އަލީނާގެ މޫނުގައި ބޮސްދިނެވެ.

"ޒާވް. މަންމައަށް ފެނިދާނެ...." އަލީނާ ސިހިއްޖެއެވެ.

"އަހަރެން ހިލޭ މީހެއްގެ ގަޔަށް އަތެއްނުލަން، މަގޭ ވައިފްގެ މައްޗަށް ހައްގު ނޯންނަންވީ ކީއްވެތަ؟ މަންމަ ރުޅި އަންނާނެ ނަމަ އަހަރެމެން ގުޅުވަން ހުއްދައެއްވެސް ނުދޭނެ......" ޒެވިޔަން ތެދުވެގެން އައިސް ބެންޗުގައި އިށީދެފައި އަލީނާގެ އަތުގައި ހިފާ ތެދުކޮށްލުމުން އަލީނާއަށް އެއަތުގެ ތެރެއަށް ވަދެވުނީ ހިތުން ރުހުމުންނެވެ. އިރުކޮޅަކަށް ނަމަވެސް ޒެވިޔަންގެ ފަރާތުން ކުޑަ، ކުޑަ ލޯތްބެއް ލިބުނަސް އޭނަގެ ހިތާއި ފުރާނައަށްވެސް ހަމަޖެހުމެއް ލިބިދާނެއެވެ. މިފަދަ ހާމަތަނެއްގައި ޒެވިޔަންވެސް މާދުރަކަށް ނުދާނެއެވެ. އެހެންނޫނަސް އޭނަގެ ހަށިގަނޑު ހަމަޔަކަށް އެޅެން ފަސްހަފްތާ ވަރު ވާނެ ކަމަށް ޒީބާ ވަނީ އަންގާފައެވެ. އޭގެ މާނައަކީ އެފަދަ ގުޅުމެއް ނުހިންގޭނެ ވާހަކަކަން އަލީނާ ދެނެގަތެވެ. އެހާ ގާތްކޮށް ނޫޅެވުނަސް މިގޮތަށް ބައްދައިލެވުނަސް އެއީ އަލީނާއަށް ހާދަ ބޮޑު ވަރެކެވެ. ޒެވިޔަންގެ ފަރާތުން އަލީނާއަށް ކިތަންމެ ވަރަކަށްވެސް ހިތްހަމަޖެހުން ލިބުނެވެ. އެރީތި ތުންފަތުގެ ހަދިޔާތަކާއި، އަތުގެ ފިރުމުންތައް އަލީނާގެ ހަނދާނުން ފިލައިގެން ނުދާނެއެވެ.

ޒެވިޔަން އެދުވަހު ނިއުޔޯކަށް އެނބުރި ދަމުން އޭނަގެ ކޮއްކޮ އާއިޒު ގާތުގައި އެދުނީ އަލީނާ އާއި އަޅާލަދިނުމަށެވެ. ސަބަބު ފަހުން ބުނެދޭނެ ކަމަށް ބުނުމުން އާއިޒު ހުރީ ހުއްޓުން އަރާފައެވެ. ޖިލާ ބުނިފަދަ ގުޅުމެއް ޒެވިޔަން އަލީނާގެ ނެތްނަމަ އެހެންވާކަށް ނުޖެހުނީހެވެ. އޭނަގެ ބޭބެ ތަނަކަށް ދިޔަސް ދުވަހަކުވެސް ރިޔާ އާއި އަޅައިލަން އެދުނީއެއް ނޫނެވެ. އެކަމަކު މެއިޑެއްގެ ކަންތައް އޭނަ އާއި ހަވާލުކުރުމުގެ މާނައެއް ނެތެވެ. ނަމަވެސް ޒެވިޔަން އެދުނު ކަމަކަށް ވީމަ އާއިޒު ހުރީ ހިތާއި ދެކޮޅަށްވެސް ކޮށްދޭގޮތަށެވެ.

އަލީނާ ތަންކޮޅެއް ދުރުގައި ހުރެ ގޭގެ ފާރާއި ދިމާލަށް ބަލަހައްޓައިގެން ހުރި އިރު ޒީބާގެ ބަގީޗާގެ ހުނަރާއި މެދު ހިތުގައި ތައުރީފު އުފެދުނެވެ. ފާރުތަކުގައި ހަރުކޮށްފައިވާ ވަށިތަކުން ކޮންމެ ވަށިގަނޑެއްގައި ކުލައަކުން މާތައް ފޮޅިފައިވާއިރު ހާދަ ޗާލެވެ. ނަން ހުސްކޮށްލާފައި މިގޭގައި މާތައް އިންދާފައިވެއެވެ. އަލީނާ އަތުގައި އޮތް ޗީޒްކޮޅުން އެތިކޮޅެއް ކަނޑާލާފައި އޭގެ މުއްސަދި ރަހައިން އަރާމު ލިބިގަތެވެ. ޗީޒްކޮޅު އަނގައިގެ ތެރެއަށް ވިރިގެން ދިޔުމުން އަލީނާއަށް ޔަމީ އޭ ބުނެލެވުނެވެ. އަލީނާ އެކަނިމާ އެކަނި އަމިއްލަ ދުނިޔެއެއްގައި އުޅެމުން، ގަސްތަކުގެ ތެރެއިން ހިނގަމުން ގޮސް ތަންކޮޅެއް ދުރަށް ނިކުމެވިއްޖެއެވެ. އެއްވެސްމީހަކު ނޫޅޭ ސަރަހައްދަކަށް ވާތީ އަލީނާ ހިތްހަމަޖެހިލާފައި ރީތި ލަވައެއް ކިޔަންފެށިއެވެ.

"ވީ ވާ ބޯތް ޔަންގް ވެން އައި ފަސްޓް ސޯ ޔޫ ،އައި ކްލޯޒް މައި އައިޒް އެންޑް ދަ ފްލޭޝްބެކް ސްޓާޓްސް، އައިމް ސްޓޭންޑިން ދެއަރ އޮން އެ ބެލްކަނީ އިން ސަމަރ އެއަރ، ސީ ދަ ލައިޓްސް، ސީ ދަ ޕާޓީ........." އަލީނާގެ ފޮނި ފޮނި އަޑު ފަޒާގެ ތެރޭގައި މިއުޒިކެއް ހެން ފެތުރިގެން ދިޔައެވެ. އަލީނާ އަތުގެ އިނގިލި ތަކުން ރާގު ކުޅެލަމުން އަދި ލޮލާއި، އަނގަޔަށްވެސް ގޮތެއް ހަދާލަމުން ނެށުމުގެ ގޮތުން ފައިވެސް ހަރަކާތްކުރިއެވެ. 

އަލީނާ އަށް މީހެއްގެ ހިލަންވިހެން ހީވެގެން އެނބުރިބަލައިލަން އުޅެނިކޮށް ބާރުގަދަ އަތަކުން އޭނަގެ އަނގަމަތީގައި އަތް އެޅިގޮތަށް އެމީހަކު އޭނަ ބިންމަތިން ނަގައިފިއެވެ. އޭނަގެ މޭމަތީގައި އޭނަގެ ބުރަކަށިޖެހި ފިތި އަދި އެމީހަކު އޭނަގެ މޭމަތީގައި ހިފަހައްޓާފައިވާ ގޮތަކުން އަލީނާއަށް ސަލާމަތްވެވޭނެ ގޮތެއްވެސް ނުވިއެވެ. އަލީނާގެ ދެފައިން އެމީހެއްގެ ގައިގައި ތަޅައިގެންފައި، ހަޅޭއްލަވައި ގަންނަން އުޅުނީމަ އެއަޑުވެސް އޮބިގެން ހިނގައްޖެއެވެ. އޭރު އަލީނާގެ ދެލޯބޮޑުވެ ނިތްކުރީގައި ދާތިކިތައް ވިދާބަބުޅަމުން ދިޔައެވެ. ކާކުބާވައެވެ. މިހާ އަނިޔާވެރި ވެގެން އުޅެނީ ކާކުބާވައެވެ.

އެމީހާ ތެޅިތެޅި އޮތް އަލީނާ އާއިގެން ކުރިއަށް ދިޔައީ ބާރުބާރަށް ހިނގާލައިފައެވެ.

"ޕްލީޒް، ޕްލީޒް... އަހަރެން ދޫކޮށްލާ...." އަލީނާ ހިތާހިތުން އެމީހަކަށް އާދޭސްކޮށްފައި އެހެދުނީ ގޯހެއްކަން އެނގިގެން ލޮލަށް ކަރުނަވެސް އަތުވެއްޖެއެވެ. މިފަދަ ވަގުތެއްގައި ވެސް ރައްކާތެރިކޮށް ދެއްވުމަށް އެދެން ޖެހޭނީ އެންމެ ފަރާތަކުންނެވެ. އޭނަ ދުޢާކުރިއެވެ. އޭރު އަލީނާގެ ލޮލުން އޮހިގަތް ހޫނު ކަރުނަތަކުން އަތް ތެމެން ފެށުމުން އެމީހާއަށް އަލީނާގެ މޫނު ނުފެނުނަސް ހިމޭން ކަރުނަތައް އޮއްސަމުންދާކަން އެނގޭނެއެވެ.

ކޮމެންޓް 0