މާ އިނޮސެންޓް ކަމަށް ހެދިގެން ހުރެ އަހަރެމެން ގެ.... ނި..... ނިކީ...." ރިޔާ ކުއްލި އަކަށް ޒެވިޔަންގެ ޓީޝާޓްގައި މޫނުފޮރުވި ގޮތަށް ގިސްލަ ގިސްލާފައި ރޯންފެށިއެވެ.

ޒެވިޔަން ރިޔާ މޭގައި ޖައްސައިލަމުން ބަލައިލީ ގޮތްހުސްވެފައި ހުރި އަލީނާ އަށެވެ. އަލީނާގެ މޫނުން އެވަގުތު ޒެވިޔަންއަށް ފެނުނީ ހިތްހަލާކުވާފަދަ ގޮތެކެވެ. އެހާ ދެރަވެ ހިތުގައި ޖެހިފައި އަންހެންކުއްޖަކު ހުރިތަނެއް އޭނަ ގެ އުމުރުގައި ވެސް ދެކެފައެއް ނުވެއެވެ. 

"މިތަނުން ދޭ، ކުރެވުނުވަރު އަދިވެސް ކުޑައީތަ؟" ޒެވިޔަން ހަރުކަށި ގޮތަކަށް ބުންޏަސް އޭނަގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ނަމަވެސް ނިކީ މަރައިލި މީހާއަށް ހަމްދަރުދީވުމަކީ ނިކީއަށްވެސް ވެވޭ ބޭއިންސާފެކެވެ. ޒެވިޔަން އަލީނާ އާއި ދިމާލަށް ނުރުހުމުގެ ނަޒަރަކުން ބަލައިލި އިރު އެހެން ކަހަލަ އަސަރެއް ފެނުނުހެން އަލީނާއަށް ހީވިއެވެ. އަލީނާ ހުރީ ޖެހިބުދެއް ފަދައިންނެވެ. ހާދަ ރީއްޗެވެ. އާޝޯޚުވެފައި ބަލަހައްޓައިގެން ހުރެވޭފަދަ ރީތި ކަޅިއެކެވެ. ބެލިބެލިހެން ޒެވިޔަންގެ ރީތިކަން އިތުރުވާފަދައެވެ. އެ ރީތި ދެލޮލުން އަލީނާގެ ހިތް ހަލާކު ކުރާނީ ކިތައްފަހަރު ހެއްޔެވެ؟ އަލީނާ މޮޅިވެރި ގޮތަކަށް އިސްޖަހާލައިގެން ހުރެ ދާން ހިނގައި ގަތުމުން ޒެވިޔަން، ރިޔާ ގޮނޑީގައި ބޭންދިއެވެ. އަދި ރިޔާގެ ކަރުނުން ފުރިފައިވާ ދެލޮލުގައި ބޮސްދެމުން ނުރޯން އެދުނެވެ. ދެން ޒެވިޔަން ބޮއިބޮއި ހުރި ކޮކްޓެއިލް ތަށި ރިޔާގެ ތުންފަތުގައި ޖެއްސިއެވެ.

"ބޭބީ ބަސްއަހާވަރު އެންމެ ރަނގަޅަށް އެނގޭނީ ޒެވިޔާއަށް، އެކަމަކު.. އަލީނާ ދިނީމަ ޓްރަސްޓްކޮށްފައި އެ ވެސް ކެއީ، ޕޮއިޒަން ދިނަސް ބޭބީއަށް އަލީނާ ދީފިއްޔާ ހެޔޮވާނެ، އެކަމަކު އެތުއްތު ސެލްފްލެސް ލޯބީގެ ބަދަލުގައި އަލީނާ.. އެ ބިޗް ބޭބީ މަރާލީ.. ހާދަ ނުލަފާ އަންހެނެކޭ، ހަނީ، އަހަރެމެންގެ ދަރިފުޅު....." ރިޔާ އިނީ އިންތިހާއަށް އަސަރުކޮށްފައެވެ.

"ޑޯންޓް ވޮރީ ލަވް، މަންމަ އޮތީ ބުނެފައި ބޭބީއަށް އިންސާފު ހޯދަދޭނެ ވާހަކަ، އޭނައަށް އަދަބު ލިބޭނެ...." ޒެވިޔަން ރިޔާގެ އަތްތިލަ ގެނެސް ތުންފަތުގައި ޖައްސާލަމުން މަޑުމަޑުން ބުންޏެވެ. އޭނަ ވަރަށް ވިސްނައިދީގެން ރިޔާ ކަރުނަތައް ފޮހެލާފައި ޒެވިޔަން އާއި އެކުގައި ކޮކްޓެއިލް ބޯންފަށައިފިއެވެ. 

ޒެވިޔަން ރިޔާ އާއި އެކިވާހަކަތައް ދައްކަމުން ދިޔައިރު އޮޅިގެންނަމަވެސް ހުޅުވާލެވިފައިވާ ކުޑަދޮރުތަކުން ބޭރަށް ބަލައިލެވެއެވެ. އެ ކުޑަޕަރީ ގަސްތަކުގެ ތެރެއިން ފެނިލަފާނެހެން ހީވަނީ އެވެ. ޒެވިޔަން ދެކެ އިންތިހާއަށް ލޯބިވާކަން އެނގޭއިރުވެސް ސިއްރުން ފުރިފައިވާ ކުއްޖެކެވެ. ނޫނީ އެކުއްޖާގެ ދޮންތަ ފަދައިން ނަފްސާނީ މައްސަލައެއްގެ ޝިކާރައަކަށްވެފައި ވަނީބާވައެވެ. ޒެވިޔަން އަށް އެދެލޮލުން އަބަދު ފެނިފައި ވަނީ ސިހުމެވެ. ހީވަނީ ބިރުން އުޅޭކުއްޖެއް ހެންނެވެ. އެހާ ސިއްރުން ފުރިފައިވާ ދެލޮލެވެ. އަދި އެދެލޮލުން ޒެވިޔަން ގާތުގައި ވާހަކައެއް ބުނެދޭން އުޅޭހެންނެވެ.

ޒެވިޔަން އަލީނާ އޭނަގެ ހަޔާތުން ދުރަށް ފޮނުވައިލަން އުޅުނު އިރުވެސް އެހިތުގައިވާ ލޯބި ދިޔައީ މަޑުމަޑުން ފުންވަމުންނެވެ. އެކަން ހާމަކުރަން އޭނަ ވަނީ ނުކުޅެދިފައެވެ. ސަބަބަކީ މިއީ މުޅިން މަނާ، ފާފަވެރި ލޯތްބެއްގެ ގޮތުގައި މުޅި އާއިލާ އިން ސިފަކުރާނެ ކަމެވެ. ނަމަވެސް ލޯތްބަކީ ގަސްތުގައި ވެވޭ އެއްޗެއް ނޫނެވެ. އެންމެން އެކަން ގަބޫލު ކުރާނެ ނަމައެވެ. އެހެންނޫނަސް އޭނައަކީ މަޖުބޫރީ އިންސާނެކެވެ. ކުށެއްނެތް އަންހެނުން ދޫކޮށްލާފައި އެހެން ކުއްޖެއްގެ ފަހަތުން ދުވާނެ ގޮތެއްވެސް އޭނަގެ ނެތެވެ. ނަމަވެސް ދިރިއުޅުން އޭނަ މިގެން ދަނީ ކޮންދިމާލަކަށް ހެއްޔެވެ؟

އަލީނާ އެނދުގައި ބަންޑުން އޮށޯވެލައިގެން އޮވެ އޭނަ ގެންގުޅޭ ނޯޓް ފޮތުގައި ލިޔަމުން ދިޔައެވެ. "ދިސް ލަވް އިޒް ޑިފިކަލްޓް ބަޓް އިޓްސް ރިއަލް" އަލީނާ ގެ ތުންފަތް މައްޗަށް ކުޑަ ހިނިތުންވުމެއް ވެރިވިއެވެ. ޒެވިޔަން ލިބުމަކީ ހުވަފެނެއްގައިވެސް ނުވާނެ ކަމެއްކަން އެނގުނަސް އޭނައަށް ޚިޔާލު ކުރެވިދާނެއެވެ. ރީތި ޚިޔާލު ތަކަކީ ބައެއްފަހަރު އޭނަފަދަ ނާކާމިޔާބު އިންސާނުންގެ ދިރިއުޅުން އުފާވެރިކޮށް ހޭދަކުރުވާނެ އެއް މަގެވެ. ޔަގީނުން ވެސް އެ ޚިޔާލީ ދުނިޔޭގައި ކުޑަކޮޓެޖެއްގައި އުޅެނީ އޭނަ އާއި ޒެވިޔަން އާއި ނިކީ އެވެ. އެއީ އަލީނާ ދުނިޔެއިން އެންމެ ލޯބިވާ ދެ އިންސާނުންނެވެ. އެކަކު ވަނީ އޭނަގެ ސުންޕާކަމުން މިދުނިޔެއާއި ވަކިވެގެން ގޮސްފައެވެ. ދެން ހުރީ ޒެވިޔަންއެވެ. އެ ދިގު އިސްކޮޅާއި ބިޔަކަން ހިތަށް އަރުވާލިޔަސް އަލީނާ ރޫރޫ އަޅައިގެންދެއެވެ. ލޯބިވާ ވަރަށް، ބިރުވެސް ގަނެއެވެ. ނާހީ ވެސް ކުރާކަންތަކެވެ. ނަމަވެސް އެއިން އެއްވެސް ބިރަކަށްވެސް އޭނަ ޒެވިޔަންދެކެ ލޯބިވުން ހުއްޓައެއް ނުލެވުނެވެ. އަލީނާ ޚިޔާލީ ދުނިޔެއަކުން ސިއްސުވައިލީ މީހެއްގެ ފިޔަވަޅުގެ އަޑަށެވެ. އަލީނާއަށް އެނދުން ފުންމައިނުލެވެނީސް ޒީބާ އައިސް އެނދުގެ ކައިރީގައި ހުއްޓުނެވެ. ބަންކްބެޑް އުސް ވިޔަސް ޒީބާގެ އިސްކޮޅު ދިގުކަމުން އަލީނާ ރީއްޗަށް ފެނެއެވެ.

"އަބަދު ތިހެން އަރާމުގައި އެނދަށް އަރާފައި އޮވެވޭނެ ކަމަށް ހީނުކުރާތި، ވަރަށް އަވަހަށް ތި ދިރިއުޅުމަށް ހީނުކުރާހާ ބޮޑު ބަދަލެއް އަންނާނެ...." ޒީބާ ހުއްޓިގެން ހުރިގޮތުން އަލީނާއަށް ފުންމައިލެވޭކަށްވެސް ނެތެވެ. ޒީބާ ހުރީ އެނދަށް އަރާ ސިޑިކޮޅު ކައިރީގައި އޭނަ ފޭބުނަ ނުދޭން އަތްއަޅުވާލައި ގެންނެވެ. އަލީނާ ދެލޯބޮޑު ކޮށްލައިގެން އިން އިރު އެ ކަޅުދެލި ކޮޅެއްފަދަ ކަޅިން ސިހުމެއް ފެނެއެވެ. ޒީބާއަށްވެސް އަލީނާގެ މޫނުގެ އޮމާން ކަމާއި، ރީތިކަން ފާހަގަ ކުރެވުނެވެ. އަދި އިނގިލިތައްވެސް ހިމަ ހޯލިވެފައި، އަންހެންވަންތަ ކަމުން ލޮލުގައި އަޅައި ނުގަންނާނެ ގޮތީ ނެތްގޮތެވެ. ޗަކަގަނޑެއްގައިވެސް ރީތި މަލެއް ފޮޅިދާނެއެވެ. އޭނަގެ ދަރިފުޅުވެސް އަޅައި ގަތީ އެހެންވީމައެވެ. ވީމަ ޒެވިޔަން އެހާ މުއްސަނދިވެފައި، ބޭނުންހާ އެއްޗެއް ލިބޭ އިރު މި ކުއްޖާވެސް ދުވަސްކޮޅަކަށް އޭނަގެ ހިތްހަމަޖައްސައިލަން ބޭނުން ނުކުރެވެންވީ ސަބަބެއްނެތެވެ. ނަމަވެސް ޒެވިޔަންގެ އަންބަކަށް ވެވޭނެފަދަ އެއްވެސް ޝަރުތެއް، ހައިސިއްޔަތެއް ނެތެވެ.

"އަހަރެން އައީމަ ހީކުރީ ޕޮލިހުން ގޮވައިގެން ކަމަށްދޯ، އަހަރެން މިވަގުތު ނޫޅެން ޕޮލިހުންނާއި ހަވާލު ކުރާކަށް އެކަމަކު ނިކީ މަރުވުމުގެ ހުރިހާ ޒިންމާއެއް ކަލޭ އުފުލަން ޖެހޭނެ، ވަގުތު ޖެހުނީމަ ފިޔަވަޅު ވެސް އަޅާނަން، ހީވޭތަ ބޭބީ މަރާލާފައި ސަލާމަތުން ހުރެވޭނެހެން؟ އަހަރެން މިހާރު މިއައީ އަލީނާގެ އަމާނާތެއް މަންމަގެ އަތުގައި އޮތީމަ ރައްދުކޮށްދޭން....." ޒީބާ އަތުގައި އޮތް ދަޅު ހުޅުވާފައި އަލިމަސްފަށް ނެގިއެވެ.

"އަހަރެމެންގެ ދަރިފުޅު ނެތުމަށްފަހު އަހަރެން ބޭނުމެއް ނުވޭ ނިކީ މީހަކަށް ދިން ގިފްޓެއް ފޭރިގަންނާކަށް، އެހެންވެ މިފަށް މިދިނީ......" ޒީބާ އެފަށް އަލީނާގެ އަތަށް ލެއްވުމުން އަލީނާ އެ ފަށަށް ބަލައިލިއެވެ. އެ އަލިމަހަށް އިރުގެ އަލި އެޅުމުން ފަރާތްފަރާތަށް ދަޅަތައް ފަތުރާލި ގޮތަކުން އަލީނާވެސް ހައިރާންވިއެވެ. 

"ތެންކިއު މެޑަމް....." އަލީނާ އެ ފަށް އަތުތެރޭގައި ލާ ފޮރުވި އިރު އޭނަގެ އަޒުމަކަށްވީ އަތުގައި އަޅާގޮތަށް ދުވަހަކު އެފަށް ނުނެގުމަށެވެ. ނަމަވެސް އޭނަގެ އަތް ހިކިކަމުން އެފަށް އޮންނަނީ އަތުން ސޮއްސާލައިފައެވެ. އެފަށް އަޅައިގެން އުޅެނިކޮށް ވަގަކު ގެންގޮއްސިއްޔާ އޭނަގެ ހިތް ހަލާކުވާނެއެވެ. ފަށްފަށުން ހިތްހަލާކުވާން ވެއްޖެއްޔާ އޭނަ ދުނިޔޭގައި ހުރުމުގެ ބޭނުމެއްވެސް ނޯންނާނެއެވެ. އޭނަ ޖެހޭނީ އަދިވެސް ބަރުދަން އިތުރުކޮށްލާ އަތް ފަލަކޮށްލުމަށެވެ. ކޮންމެގޮތެއްވިޔަސް ޒީބާ އެކުރި ކަމަކުން އަލީނާގެ ހިތުގައި ޒީބާއަށް ގަދަރެއް ދެވިއްޖެއެވެ. މަރުވެފައިވާ ކުއްޖެއްގެ އެދުމަށް ޒީބާ އިޙުތިރާމް ކުރިކަން އޭނަ ދައްކުވާދީފިއެވެ. ޒީބާ އަލީނާ ދެކެ ނަފްރަތު ކުރާއިރުވެސް ނިކީއަށް ޓަކައި އެކަންކޮށްލަން ފަހެއް ނުޖެހުނެވެ. ކިތަންމެ ނުބައި މީހެއްގެވެސް ރީތި ސިފައެއް ހުރެދާނެކަމުގެ އެއް މިސާލެވެ.

ޒީބާ ނިކުމެގެން ދިޔުމުން އަލީނާ އެފަށުގައި ބޮސްދިނެވެ. އޭރު އަލީނާގެ ދެލޮލުގައިވެސް ވިދަވިދާ ހުރީ ކަރުނައެވެ. ނިކީގެ ހަނދާންތައް އޭނާގެ ހުރިހާ އުފާތައް އަނެއްކާ ފެނަށް ހަދާލައިފިއެވެ. އޭނަގެ އުފަންދުވަހު ލޯބި ލޯބި ނިކީ ދިން ހަދިޔާ، އެތައް ދުވަހެއްފަހުން އޭނައަށް އަނބުރައި ލިބުނީއެވެ. އަލީނާއަކީ ދުވަހަކުވެސް އަލިމަހާއި ފާޑުފާޑުގެ އަގުބޮޑު އެއްޗެއްސަށް ލޯބި ކުރިކުއްޖެއް ނޫނެވެ. ނަމަވެސް މިފަށްދެކެ އޭނައަށް ލޯބި ވެވިއްޖެއެވެ. އަލީނާ ޚިޔާލުތަކެއްގައި އޮތްވާ ނާހީ ކޮޓަރިއަށް އައިގޮތަށް ކޮންމެވެސް އެއްޗެއް ފޮރުވައިގެން ގެނެސް ފޮށްޓައް ލާންވެގެން އުޅުނު ތަނުން ނާހީ ބެލެންސްކަޓައިގެން ވެއްޓުނު އިރު އަތުގައިވި އެއްޗެއް ވިއްސައިގެން ގޮސް ދުރުގައި ޖެހުނެވެ. އެއީ އެގޭގެ ބޮޑުކޮޓަރީގައި ހުންނަ ރިހިކުލައިގެ ކެންޑްލް ހޯލްޑަރއެކެވެ. އަލީނާއަށް ނާހީ ސިއްރުކަންތައް ކުރާކަން އެނގުނަސް އެގެއިން ވައްކަން ކުރާކަމެއް އެނގިފައެއް ނެތެވެ. އެކަމަކު މިއަދު މިއޮތީ ބޭޒާރުވެފައެވެ. 

"ނާހީ...އެކަމަކު.. ހާދަ ގޯހޭ....." އަލީނާ ވައިރޯޅިއެއްހެން އައިގޮތަށް ފޮށީގެ މަތި ހުޅުވާލައިފިއެވެ. މުޅިންވެސް ކުދި ސްކަލްޕްޗަރ ތަކާއި، ޖަވާހިރުތައް ފަދަ، ވިދާ ރީތި އެއްޗެހިވެސް ހުއްޓެވެ. ނާހީ ބުނީ އެހާ މުއްސަނދި ބަޔަކަށް މިއީ ވަރަށް މަދުމިންވަރު އެތިކޮޅެއްކަމަށާއި މިވާނީ ސަދަގާތެއް ކަމަށެވެ. ނަމަވެސް އަލީނާ ނާހީއަށް ޔަގީންކަން ދިނީ ފާފަވެރި ވާނެކަމަށެވެ. ސިއްރުން އެއްޗެހި ނަގާކުއްޖެއްކަން އިޔާންއަށް އެނގިއްޖެއްޔާ އޭނަ ކައިވެނިވެސް ނުކުރާނެ ކަމުގައެވެ. އިޔާންގެ ނަން ބުނުމުން ނާހީއަށް އަސަރުކޮށްފިއެވެ. އިޔާން އަކީ ނާހީގެ ދިރިއުޅުމުގެ ރިމޯޓް ފަދައެވެ. ކޮންމެ ކަމެއްކުރުވަންވެސް އިޔާންގެ ނަން ބޭނުންކޮށްފިއްޔާ އޭނަ އެކަމެއް ކުރަން ތައްޔާރަށް ހުރިހެން ހީވެއެވެ. ނާހީ ވަގުތުން އަލީނާގެ ބަސްގަބޫލު ކޮށްގެން އޭނަ ނެގިހާ އެއްޗެއް ހަވާލުކުރަން ވަޢުދުވިއެވެ.

އޯޓަމް ބްލޭޒްގެ އެންމެން އަނެއްކާ އެމެރިކާއަށް ބަދަލުވާން އުޅޭކަން އެނގުމުން އަލީނާގެ ހިތަށް ލިބުނު ދަތިކަން ބަޔާން ކުރެވޭވަރެއް ނޫނެވެ. އެ ޅަހިތަށް ކުރި އަސަރަކުން ވަގުތުން ލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް އެމީހުން ބަދަލުވާން ޚިޔާލު ކުރިޔަސް އޭނަ ހީކުރީ ދެމަހެއްހާ ދުވަސްނަގައިފާނެ ކަމަށެވެ. އެހާއަވަހަށް އޭނަގެ ދިރިއުޅުމާއި ވަކިވެ، އަބަދު ގެ އަބަދަށް ގެއްލިގެން ހިނގައިދާނެ ކަމަކަށް ހިޔެއް ނުކުރެއެވެ. އޭނައަށް އެހަގީގަތް ގަބޫލު ކުރާން މަޖުބޫރުވީ ޚަބަރު ލިބުނުތާ ދެވަނައަށް ވީދުވަހު އެންމެން ދަބަސްތައް ނެރެ، ކާރަށް އަރަންދިޔަ މަންޒަރު ފެނުމުންނެވެ. މައިމޫން އާއި ދެ އަނބިކަބަލުންވެސް ކާރުގެ ކައިރީގައި ތިބިއިރު ޒެވިޔަން ވެސް ގެއިން ނިކުމެގެން އައީ ބެކްޕެކް އަޅުވާލައި ގެންނެވެ. ގަދަ ފެހި ޓީޝާޓަކާއި، ކަޅުކުލައިގެ ޖިންސެއްގައި ހުރި އިރު ހަށިގަނޑުގެ ރީތިކަމުން ބަލައި ބަލައި ފޫއްސެއް ނުވާނެއެވެ. އަދި ބޭރަށް ނިކުމެ އަވި އައިނު އެޅީ އެ ރީތި ދެލޯ ފޮރުވަންކަން ނޭގެއެވެ. އެލޮލުގެ ތޫނުކަމުން މިވީހާތަނަށް ކަތިލައިފައި ވަނީ ކިތައް ހިތްކަމެއްވެސް ނޭގެއެވެ. ރިޔާ އާއި ޖިލާ ޖެކެޓް އެއްޗެހި އަތުން ހިފާލައިގެން ތިބުމުން އެމެރިކާ މިދުވަސްކޮޅު ފިނިވާނެ ބާވައޭ އަލީނާގެ ހިތަށް އެރިއެވެ. އެމެރިކާގެ ރީތި މަންޒަރުތައް ފިލްމުތަކުން ފެނުމުން އެތަނަށް ދާހިތްވި ނަމަވެސް އެއީ އަލީނާގެ ނަސީބުގައި ލައްވާފައިވާ ތަނެއްނޫނެވެ. ހުވަފެނުގައި ނޫނީ އެފަދަ ހިތްފަސޭހަކަމެއް ނުފެންނާނެއެވެ.

"ހީޒް ލީވިން، ދުވަހަކު ދެން ނުފެންނާނެ...." ގަސްތަކުގެ ތެރޭގައި ފިލާހުރެގެން ޒެވިޔަންގެ ރީތި މޫނަށް ހިތްފުރެންދެން ބަލަހައްޓައިގެން ހުރިއިރު އަލީނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. "ޒެވިޔަން ނުދޭބަލަ ޕްލީޒް، އަހަރެން ކިހިނެއް ދުނިޔޭގައި ދެން އުޅޭނީ، ތިޔަ ރީތި ސޫރަ ފެނިލައިގެން ހިތަށް ލިބޭ އުފާވެރިކަމުގެ ސަބަބުން ކިރިޔާވެސް މިއުޅެވެނީ..." އަލީނާ ހިތާހިތުން ކިޔާލިއެވެ. ނަމަވެސް އެއަޑު ޒެވިޔަން އާއި ހަމަޔަށް ފޯރާނީ ކިހިނެއް ހެއްޔެވެ؟ ޒެވިޔަންގެ ހިތުގައި އޭނައަށް މަގާމެއް ދެވުނު ނަމަވެސް މިހާރު އެކަން ފޮހެވިގެން ހިނގައިދާނެއެވެ. ފަނޑުވެގެން ނުދާނެ ފަދަގޮތުގައި ޒެވިޔަންގެ ހަޔާތުގައި ފިޔަޖަހަޖަހައި ހުންނާނެ ނަސީބު ގަދަ ތަރިއަކީ ރިޔާއެވެ. ޒެވިޔަން އާއި ރިޔާ ހާދަ ގުޅެއެވެ. ހާދަ ރީއްޗެވެ. ހީވަނީ އެކަކު އަނެކަކަށްޓަކައި ހައްދަވާފައިވާހެންނެވެ. އޭނަގެ ހިތުގައި ރިޔާ އާއި މެދުގައި ނޭގޭފަދަ ޖަޒުބާތެއް އުފެދުނެވެ. ރިޔާގެ ނަސީބާއި މެދު ވިސްނަން މަޖުބޫރުވިއެވެ.

"ބަލަ އެލީ ރޮނީތަ؟" ކުއްލިއަކަށް ނާހީ އައިގޮތަށް އިޔާންގެ ކޮނޑުގައި ޖަހައިލާ ގޮތަށް އަލީނާގެ ބުރަކަށީގައި ޖެހުމުން އަލީނާއަށް ތަދުވެސްވިއެވެ. އޭރު ޒެވިޔަންމެން ކާރުތަކަށް އަރައިގެން ދުއްވާލައިފިއެވެ.

"ލޮލަށް ކުނިކޮޅެއް އެޅުނީ...." އަލީނާ ދެލޯ އުގުޅަމުން ދާން ހިނގައިގަތެވެ.

"އެލީ، އޭނަ ފެނުނީމަ ހުރިހާއެއްޗެއްވެސް އެޅޭނެ، ކިތައްފަހަރު ބުނާނީ އެ ބޮޑާ ފިރިހެނާ އާއި ހެދި ނޫޅޭށޭ، އެލީ އަމިއްލަ ނަފުސާއި މެދު ވިސްނައިބަލަ، ތިއީ ކިހާ ކުޑަކުޑަކުއްޖެއް، އޭނަގެ އިސްކޮޅު ދިގުކަމާއި ބިޔަކަން ނުފެނޭތަ؟ ރާއްޖޭގެ މީހުންނާއި އެސައިޒް ފިރިހެނުން ނުވެސް ގުޅޭނެ، ރިޔާ ދިގުވީމަ ދެން އެދެމީހުން ވަރަށް ގުޅޭ، ދެން މަ ކިޔަވައިދޭން ވެއްޖެއްޔާ އެލީ ހަޅޭއްލަވައި ގަތްގަތީނުން ޒީބާ ހަންޑި ދުވެފައި އަންނާނެ މިތަނަށް......." ނާހީ ހުރީ ފޯރިއެއް އައިސްފައެވެ. އޭނަގެ މިޒާޖުގައި ހުންނަނީ އަބަދު އުފާވެރި ގޮތެކެވެ. އެކަމަކު އެމީހުން ދިޔުމުން އޯޓަމްބްލޭޒް ފަޅުވެދާނެކަން ނާހީއަށްވެސް އެނގެއެވެ. އެމީހުން މާލެއަށް ބަދަލުވިފަހުން ނާހީވެސް ހުރީ ހިތްހަމަޖެހިފައެވެ. އެތައްގުނަ މީރުކޮށްކާން ލިބުނެވެ. ނަމަވެސް އެއާއިލާއަށް މާލެވީ ސުންޕާ ތަނަކަށެވެ. އެމީހުން ތަޖުރިބާ ކުރި ހިތާމަވެރި ހާދިސާގެ ސަބަބުން އަނެއްކާ ރާއްޖެ ދޫކޮށްލަން ނިންމީ ކަމަށްވެދާނެއެވެ. 

"ނޫނޭ އަހަންނަށް އެވަރު ވިސްނޭ، އަހަރެންވެސް ދޮންބެ ގާތުގައި ބުނެގެން އެހެން ތަނަކަށް ދާންވީ ކަންނޭގޭ، ފަހަރެއްގައި ޖޮބަކަށް ދާންވީ، ގޭގެވެރިން ނެތުމުން ކިހިނެއް މިގޭގައި ގެންގުޅޭ މީހުންނަށް އިތުބާރު ކުރާނީ...." އަލީނާގެ ހިތަށް ބިރުވެރިކަން ވަނެވެ. މިގެއިން ދިޔުމުން އޭނަ ހިމާޔަތް ހޯދާނީ ކޮންތާކުން ހެއްޔެވެ؟ އޭނަ ބޭނުންވާފަދަ ސިކުއިރިޓީއެއް އަނެއްކާ އެހެން ތަނަކުން ހޯދިދާނެ ބާވައެވެ. ޔަގީނުންވެސް އޯޓަމް ބްލޭޒްވީ އަލީނާގެ އެ ބޭނުން އެންމެ ފުރިހަމަވި އެއް ތަނަށެވެ.

"ބަޓްލާމެން ކުޑަކޮށް ބެހިލާ ހެދިޔަސް އެމީހުންގެ އަޚުލާގު ރަނގަޅު ވާނެ، މިވީހާތަނަށް މިގެއިން އެފަދަ ގޯނާއެއް ކުރިމަތިނުވޭ، އެހެންނޫނަސް މަ މީ އެލީގެ ސިކުއިރިޓީ، ހާސްނުވޭ ކައިރިވެއްޖެ މީހަކު ތަޅައި ރޯނާކޮށްލާނަން، އަދި ބުނަންތަ؟ އިޔާ ބުނި އޭނަގެ ވަރަށް ދީންވެރި އެކުވެރި އަކާއި އެލީ ގުޅުވާ ވާހަކަ، އޭނަގެ މާލޭ ގެއެއްވެސް ހުރޭ.." ނާހީ އާ ޚަބަރެއްދިނެވެ. 

"ނޯ، ނޯ.. ނެވަރ، ދޮންބެއަށް ނޭގެނީތަ އަހަރެން މީހަކާއި ނީންނާނެކަމެއް....." އަލީނާ ގެ މޫނު ގެ ކުލަ ބަދަލުވެއްޖެއެވެ.

"އެއީ ދޮންބެގެ ޒިންމާއެއްނު، އަންހެން ކޮއްކޮއެއް ހުރެއްޖެއްޔާ ކިހާ ވިސްނަން ޖެހޭނެ، އެންމެ ރައްކާތެރިކަން ހޯދަދެވޭނީ މީހަކާއި ދެވީމަ...." ނާހީ ގެ ވާހަކަތަކުން އަލީނާއަށް ގަދަޔަށް ރޮވުންނޫން ކަމެއް ނުވިއެވެ. އޭނަ ދުއްވައިގަތީ ކޮޓަރި އާއި ދިމާލަށެވެ. އަލީނާ އެނދަށް ވެއްޓިގަތް ގޮތަށް ރޯވަރުން ކުރާނެ ކަމެއްނޭގިގެން ނާހީ އިޔާންއަށްވެސް ގުޅިއެވެ. އަލީނާ ރޮނީ އިޔާންގެ ނިންމުމުން ކަމަށް ބުނެ އިޔާންގެ ބޮލުގައި ނާހީ ހުރިހާކަމެއް އަޅުވާލައިފިއެވެ. އިޔާން ވަރަށް ލޯބިން އަލީނާއަށް ވިސްނާދިނެވެ. އަލީނާގެ ނުރުހުމުގައި އޭނަ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދިނެވެ. މާލެއިން ރަނގަޅު ޒުވާނަކު ފެނުމުން ކޮއްކޮއަށް ޓަކައި އެފަދަ ހަޔާތުގެ ބައިވެރިޔަކު ނުލިބޭނެ ކަމަށް ހިތަށް އެރުމުން އިޔާން ހަމަޖެއްސިކަމެއް ކަމަށްވެސް އޭނަ ބުންޏެވެ. އަދި މާފަށްވެސް އެދުނެވެ. އިޔާންގެ ރަނގަޅު ކަމަކީ އެއީއެވެ.

އަލީނާ އެނދުގައި އޮވެ ރޮއިރޮއިފައި އެންމެ ފަހުން ނިދުނީއެވެ. ހުވަފެނުގައިވެސް ފެންނަމުން ދިޔައީ ޒެވިޔަންއެވެ. އަލީނާ ލޯހުޅުވާލައިފައި ގަޑިބަލައިލި އިރު ރޭގަނޑު ހަތެއްޖަހައިފިއެވެ. "ޒެވިޔަން، ވައި އާރ ޔޫ އިން މައި ޑްރީމްސް؟ ނުލިބޭނެކަން އެނގޭއިރުވެސް މިވަރަށް ހިތް ބޭނުންވަނީ ކީއްވެތަ؟ ތިޔަ ރީތި ސޫރަދެކޭ ހިތުން ލޯ ބޭގަރާރު ވަނީ ކީއްވެތަ؟ ހިތަށް ހަމަޖެހުމެއްވެސް ނުލިބިގެން މިއުޅެނީ، އާއަހަރުގެ ހަދިޔާ އަލުން ލިބޭނެ ނަމައޭ ހިތަށް އަރާ ސަބަބެއްވެސް ނޭގޭ، އަމިއްލައަށްވެސް ގަބޫލުކުރެވޭ ދެމީހުން ނުގުޅޭކަން، ޒެވިޔަންގެ ބާރު އިހުސާސް ކުރެވޭތީވެސް އަހަރެން ފާޑަކަށް ބިރުވެސް ގަނޭ އެކަމަކު އެހުރިހާކަމެއް އެހެން އޮތްއިރުވެސް ޒެވިޔަންދެކެ ލޯބިވެވުނީ ކީއްވެތަ؟ އަހަރެން މިނޫނީ އެހެންމީހަކު ދެކެ މިގޮތަށް ލޯތްބެއްނުވޭ، ރީތި އެހެންކުދިންވެސް ފެނޭ އެކަމަކު ކީއްވެބާ ޒެވިޔަންދެކެ ލޯބިވާން މިބަސްނާހާ ހިތަށް އެނގުނީ، އަހަންނަށް އެނގޭހާވެސް ކަމަކީ އަހަންނަށް ޒެވިޔަން އާއި ނުލައިދެން ނޫޅެވޭނެކަން، އަހަރެން... މޮޔަވެދާނެ.. ވަރަށް ވަރަށް ލޯބިވޭ ޒެވިޔަން. ހިތާއި ފުރާނައަށް ވުރެވެސް ބޮޑަށް ލޯބިވޭ، އެކަމަކު އަހަރެންގެ ނިކަމެތިކަމުން މިފަދަ ލޯތްބެއް ހުށަހަޅާނެ ހިތްވަރެއްވެސް ނެތް، ދެރަވަނީ އެކަނި އަހަރެންގެ ނިކަމެތިކަމާއި ސިފަތަކުން، އަހަރެންވެސް ރީތިވީނަމަ......." އަލީނާ ގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަންފެށިއެވެ. 

ތެދުވެގެންގޮސް ފާޚާނާއަށްވަދެ ވުޟޫކޮށްލައިގެން ކުނާމަތީގައި އިނދެ ނަމާދުކޮށްލައިފިއެވެ. ސަޖިދައިގައި އޮވެ ރޮއިފައި ދުޢާކުރެވުނީ އޭނައަށް ރަހުމަތްލެއްވުމަށާއި، ހިތާމަ ފިއްލެވުމަށެވެ. މުސައްލަވެސް ތެމޭވަރަށް ރޮވުނެވެ.

ކުއްލިއަކަށް ނާހީ އައިގޮތަށް އަލީނާގެ ގައިމައްޗަށް ކަހަލަގޮތަކަށް ވެއްޓިގަނެގެން އަލީނާގެ ގައިގައި ހިފައިގަތް އިރު ނާހީގެ ހިތުގެ ތެޅުންވެސް އަލީނާއަށް އިހުސާސް ކުރެވުނެވެ. ނާހީގެ މަސްޖަހާފައިވާ ދެއަތުން އަލީނާގެ ކަރުގައި ހިފައިގަނެގެން އޮތްއިރު އަލީނާގެ ނޭވާވެސް އެތެރެހަށީގައި ތާށިވިއެވެ.

"ހަންޑިއެއް ފެނުނީ، އެބައާދޭ މަގޭފަހަތުން..." ނާހީ ބުނިއެއްޗަކުން އަލީނާ އަދި މާވަރަކަށް ބިރުގެންފިއެވެ. އެކަމަކު މިގެއަކީ ދުވަހަކުވެސް އެފަދަކަމެއް އަލީނާ ދެކެފައިވާ ތަނެއްނޫނެވެ. އިންތިހާދަރަޖައިގެ އަމާން، ރީތި މަންޒިލެކެވެ. ބަގީޗާވެސް ދިއްލައި އަޅައިލާފައިވާއިރު އެފަދަ މަޚުލޫގުތައް އުޅުން އެކަށީގެނެއްނުވެއެވެ. ނަމަވެސް ނާހީ އެހާވަރު ވާނީ ފެނުނުކަމެއްގެ ބޮޑުކަމުންނެވެ. އެވަގުތު މީހަކުދޮރު ހުޅުވައިލުމުން ނާހީގެ ކަރުތެރެއިން ފިސް ހަޅޭކެއްގެ އަޑުނިކުތެވެ. ހުރިހާ ބާރެއްކުރީ އަލީނާއަށެވެ. އަލީނާ މަރުނުވީ ކިރިޔާއެވެ. ނާހީ މިހުރިހާ ސަކަރާތެއް ޖަހަނީ ޒީބާ ފެނިގެން ހެއްޔެވެ؟ ދޮރުމަތީގައި ހުރީ ހަންޑިއެއް ނޫނެވެ. ޒީބާއެވެ. ރަތްކުލައިގެ ހެދުމެއްގައި، ރޫބީ ޖަވާހިރުތަކުން ޒީނަތްތެރިވެގެން ހުރިއިރު ކޮޓަރިއަށް ވެރިވެފައިވާ ފަނޑުއަލީގެ ތެރެއިންވެސް އޭނަގެ ރީތިކަން ވިދައެވެ. މުޅީ ކޮޓަރީގައި ހިފައިލީ އަގުބޮޑު ސެންޓެއްގެ ލުއިވަހެވެ.

"ނޭ..ވާ..ނުލެވޭ... ދޫކޮށް..ބަ..." އަލީނާ ނާހީގެ އަތްނައްޓުވަން އުޅުނެވެ. އޭރު އަލީނާގެ ލޮލުން ފެންއަންނަމުން ދިޔައެވެ.

"އަހަރެން ފެނުނީމަ މާވަރަކަށް ދުވަނީ އަނެއްކާ މި މަންޖެ ވައްކަމެއް ކޮށްލަން ފެންޑާއަށް ފާރަލީތަ؟ އަދި މަށެއް ނުފުރަމޭ ގޭއެހެންމީހުން ފުރިޔަކަސް..." ޒީބާ އެހެންބުނުމުން ނާހީއަށް ވެގެން އުޅޭގޮތް ރޭކާލައިފިއެވެ. ބަޓްލާވެސް އެންމެން ފުރި ފްލައިޓް ނައްޓާލައިފި ކަމަށް ބުނުމުން ނާހީވެސް ހުރީ އެންމެން ފުރިކަމަށް ޔަގީންކޮށްގެންނެވެ. ނާހީއަށް ލިބުނު މިނިވަންކަމާއި އެކީގައި ގޭގެ ފަހަތު ފެންޑާ ކައިރިން ދަނިކޮށް އެތަނުން ޒީބާ ފެނުމުން އަނބުރައި ނުގަތީ ކިރިޔާއެވެ. އޭނަ ހީކުރީ ފްލައިޓް ވެއްޓިގެން ޒީބާ މަރުވެ އޭނަގެ ރޫހު އެނބުރި އައީ ކަމަށެވެ. އެހާ ބާރަށް އަޅާއިތިކޮށް ދުވެލާފައި އާދެވުނު ސަބަބަކީ އެއީއެވެ. އޭނަ ފަދަ ފަލަކުއްޖަކުގެ އެޑްރިނޭލިންވެސް އެފަދަ ވަގުތެއްގައި އޭނަލައްވާ ކޮންމެފަދަ ކަމެއްވެސް ކުރުވަފާނެއެވެ. އުސްފާރެއްގެ މަތިންވެސް ފުންމުވާލާނެކަން ޔަގީނެވެ. ނާހީ އަލީނާގެ ކަރުން ދޫކޮށްލާފައި ތެދުވެއްޖެއެވެ.

"ނޫން މެޑަމް އަޅުގަނޑު ހިނގާލަން ދިޔައީ.." ނާހީ ހަމަޖެހިލާފައި ހުރެ ބުނެލިއެވެ. އަލީނާ އިނީ އޭރުވެސް ތެދުވަންވެސް ނޭގި ކަނދުރާގައި ފިރުމާލަ ފިރުމާލައެވެ. ނާހީ ހާދަވަރަކަށް އޭނައަށް ތަދުވެސްކޮށްލައިފިއެވެ.

"އަލީނާގެ ބައްޕަގެ ފޯނު ނަމްބަރު ގެނޭ..." ޒީބާ އަމުރުވެރި ގޮތަކަށް ބުނުމުން އަލީނާ ކަންބޮޑުވިއެވެ. އެ ޖަވާބުދޭން ފަސްޖެހުނެވެ. ދޮގުހަދާކަށްވެސް ބޭނުމެއްނުވިއެވެ. މިހާރުވެސް އޭނަ ވަނީ ބޮޑުކަމެއްގައި އެންމެނަށް އޮޅުވާލައިފައެވެ. އެކަމަކު ޒީބާ އޭނަގެ ބައްޕަގެ ފޯނު ނަމްބަރު ހޯދަންޖެހުނު ސަބަބެއް އަލީނާގެ ވިސްނުމަކަށް ނައެވެ. ބައްޕައަކީ ރީތި މީހެކެވެ. އޭނަގެ މަންމައަކީ ރަށުގެ ކަމުވޮށިގެންވާ އާއިލާއެއްގެ، އާދައިގެ ސިފަތަކެއް ލިބިފައިވާ އަންހެންކުއްޖެކެވެ. ބައްޕަ މަންމަ އާއި އިނީ އެކަނި އާއިލާ ރަނގަޅުވީމައެވެ. އެކަމަކު މަންމަ އާއި ކައިވެނި ކުރުމަށްފަހުގައިވެސް ހީވާގޮތުން ބައްޕަގެ އުޅުން ބަދަލެއް ނުވިއެވެ. ރީތި އަންހެނެއް ވެއްޖެއްޔާ ބައްޕަ އެމީހަކާއި ވާހަކަދައްކާނެއެވެ. އެންމެ ފަހުން ބައްޕަ މާލެއިން ކައިވެނި ކުރީ އަލީނާމެންގެ އުމުރު ގެ އަންހެންކުއްޖަކާއި އެވެ. އަލީނާ ބައްޕަ އާއި ތިމާގެކަމުގެ ގުޅުން ބާއްވަން ބޭނުންނުވިޔަސް ބައްޕަ ކިޔަނީ އެމީހާއަށް ކަމަށްވާތީ އެނަމްބަރުވެސް އެނގެއެވެ.

"މިބުނަނީ ނު، އަޑެއް ނީވޭތަ؟ "ޒީބާ ހަށަން ބަދެލިއެވެ.

"މަ..މަޑު...ކޮށްލައްވާ...." އަލީނާ ފޯނު އޮންކޮށްލުމަށްފަހު އެ ނަމްބަރު ފެނޭތޯ ހޯދަން ފެށިއެވެ. އަލީނާގެ ބައްޕަގެ ނަމްބަރު ލިބުމާއި އެކު ޒީބާ ބާރަކަށް އެތަނުން ނިކުމެގެން ދިޔުމުން ނާހީ ބާރަކަށް ހޭންފެށިއެވެ.

"ސުބުހާނަﷲ، މިރޭ ގަތްބިރަކުން ކިރިޔާ ހުރިތަނަށް ތަންޑާވެގެން ނުވެއްޓުނީ، އޭރުވެސް ސެންޓުވަސްގަނޑު މުޅި ހިސާބުގައި ހިފާލާފައި އޮތީ، ހަންޑިތައް ސެންޓުޖަހައިގެން ނޫޅޭނެކަން އޭރަކު ވިސްނުމަކަށްނައި، ދެން ފުރައިގެން ދިޔަމީހަކު ކުއްލިއަކަށް ފެނިދާނެކަމަށް ހީވެސް ނުކުރެވޭނެ ދޯ، އަސްލު މަހީކުރީ އޭނަ އާއި ދިމާލަށް ހަންޑި ކިޔަން ހަދައިގެން ރަނގަޅަށްވެސް ހަންޑި އެސިފައިގައި އައީކަމަށް. ހިތަށް އަރާ އެންމެން ފުރުވާލާފައި އޭނަ މިރަށުގައި މިހިރީ ކޮންކަމެއް ނުވެގެންބާވައޭ...އޭ އެލީ، ބުނެބަލަ، އިޔާ އާއި ދެކުދިން މަށަށް ސިއްރުކުރަނީ ކޮންކަމެއްތަ؟ ބައްޕައަކީ ކާކުތަ؟ އިޔާ ނުބުނޭ ބައްޕަ މާލޭގައި ހުންނަ ވާހަކައެއްވެސް...." ނާހީ ޝައުގުވެރިވިއެވެ.

"ބައްޕަ ހުންނަނީ ވިލިގިލީގައި، އިޓްސް އެ ލޯންގް ސްޓޯރީ، ފަހަރި އަކަށް ވަންދެން ކެތްކޮށްބަލަ، އޭރުން ދެން ފެމިލީގެ ހިސްޓްރީ އެނގޭނެ، އެހެންނޫނަސް އަހަރެންގެ ސްޓޯރީ ވަރަށް ހޮރިބަލްވާނެ، އެހެންވީމަ ރަގަޅީ ނޭގުނިއްޔާ..." އަލީނާ ނަމާދުދޮޅި ރީއްޗަށް ފަށްޖަހައިލުމަށްފަހު އެނދުގައި އިށީދެއްޖެއެވެ. ޒީބާ އަނެއްކާ ބައްޕަ ރީތިވެގެން ފަހަތު އަޅުވައިލީ ހެއްޔެވެ؟ ބައްޕަގެ ހަގީގަތް ޒީބާއަށް އެނގޭނެ ނަމައެވެ. އޭނަގެ ދޮންތަ ދުނިޔެއިން މޮޔަވީ ބައްޕަގެ އަނިޔާތަކަށް ކެތްކުރާނެ ބާރު ސިކުނޑީގައި ނެތުމުންކަން އެނގޭނެ ނަމައެވެ. ބައްޕައަކީ ނުބައި ފިރިހެނެކެވެ. އެކަމަކު ބީރައްޓެހިންނަށް އޮޅުވައިލަން އެވަރެއް ނުހުންނާނެއެވެ. އެންމެން އެމެރިކާއަށް ފުރުވާލައިފައި ޒީބާ މަޑުކުރުމުގެ އަޑީގައި ވަނީ ކޮން ނިޔަތެއް ކަމެއްވެސް އަލީނާއަކަށް ނުވިސްނުނެވެ. އެރޭ އަލީނާއަކަށް ނުވެސް ނިދުނެވެ. އެހެންނޫނަސް ނާހީ އޭނަގެ ގައިމައްޗަށް އެގޮތަށް ވެއްޓިގަތުމުން ފަޔާއި، އަތުގައިވެސް ރިއްސައެވެ. ދެއަތަށް ފުރޮޅި ފުރޮޅި އޮތްއިރު ޒެވިޔަންގެ ރީތި ސޫރަ އަލީނާއަށް އުދަގޫކުރަމުން ދިޔައެވެ.

ހެދުނުތެދުވެ އަލީނާ ވަރަކަށް ސްޓްރެޗް ހެދިއެވެ. ކެއީވެސް ތަންކޮޅެއް ގިނައިންނެވެ. ކެވުނުލެއް ގަދަކަމުން ބަނޑުގައި ރިއްސަން ފެށުމުން އަލީނާ ކުޑަކޮށް އޮށޯވެލައިގެން އޮތްއިރުވެސް އަތް ތަންތަން ދަމައި ހެދީ ކުޑަކޮށްވެސް ދިގުވެލުމަށެވެ. އޭރު ނާހީވެސް މަސައްކަތްފެށުމުގެ ކުރިން ކުޑަކޮށް ޖައްސާލާނީއޭ ކިޔާފައި އެނދަށް އަރާފައި އޮތެވެ. އަލީނާ ތެދުވެ ބިންމަތީގައި ހުރެ އެރޯބިކްސް ހަދަންފެށިއެވެ.

"ބަލާބަލަ ނާހީ، ނާހީއަށް މިހެން ހެދޭނެތަ؟ ކިހާ ފްލެކްސިބަލް..." އަލީނާ ޖިމްނާސްޓެއްހެން ދެފައި ދުރުކޮށްލި ގޮތަށް ބިންމަތީގައި އިށީންނަމުން ހީލިއެވެ. އެވަގުތު ނާހީގެ ގުގުރީގެ ލުއި އަޑު އިވުމުން އޭނަ އޮތީ ނިދާފައިކަން އަލީނާއަށް އެނގުނެވެ. އޭނަގެ ނަސީބުދެރަކަމުން ނާހީ ފަދައިން އެނދުގައި ޖައްސާލާއިރަށް ނިދޭގޮތެއްވެސް ނުހުރެއެވެ. ދޮރުމަތިން މީހެއްގެ ހިލަންވިހެން ހީވެގެން އެނބުރިބަލައިލުމާއިއެކު އަލީނާ ފުންމައިގެން ތެދުވެއްޖެއެވެ. ނަމަވެސް ޒީބާއަށް ކިތަންމެ ރަނގަޅަށްވެސް އަލީނާގެ ހުނަރު ފެނިއްޖެއެވެ. އޭނަ ހުރީ ހައިރާންވެފައެވެ. މިކުޑަކުއްޖާގެ ނާދިރު ރީތިކަމުގެ ފަހަތުގައި އެވަނީ ކޮންފަދަ ލޯބި ހުނަރެއް ހެއްޔެވެ؟ އެ އާއިލާއިން އަލީނާ ޖިމްނާސްޓިކްގައި ބައިވެރިކުރުވިނަމަ އޮލިމްޕިކްސް ގައި ރަންވަނަތަކެއް ހޯދާނެކަން ޔަގީނެވެ.

"އަލީނާ، ފޮށްޓަށް އަލީނާގެ ހުރިހާ ސާމާނު އަޅައި ޕެކްކުރޭ، އަލީނާ މިގެއިން ދާގަޑިޖެހެނީ..." ޒީބާ އެހެން ބުނެފައި ދާން ހިނގައިގަތުމުން އަލީނާ ހުރީ ޖެހިބުދެއް ފަދައިންނެވެ. އޭނަ ގެންދަނީ ޖަލަށް ބާވައެވެ. ނޫނީ ބައްޕަގެ ގާތަށް ހެއްޔެވެ؟ އަލީނާގެ މޭގަނޑު ނެގިނެގިފައި ޖެހެންފެށިއެވެ. 

ކޮމެންޓް 0