ޖެމާ އެއްގޮތަކަށް ވެސް ދާވިޝް އެހެން އަންހެނަކާއި އެކީގައި ފެނިދާނެ ކަމަކަށް ހިޔެއް ނުކުރެއެވެ. ޖެމާއަށް ފެނުނު މަންޒަރަކުން އޭނަ ގެ ހޭ ބުއްދިފިލައިގެން ނުދިޔައީ ކިރިޔާއެވެ. ޖެމާއަށް ބާރަކަށް ހަޅޭއްލަވައި ގަނެވުނެވެ. ދާވިޝް ވެސް ސިހިފައި އެނބުރި ބަލައިލި އެވެ. ޖެމާގެ މޫނު ހީވަނީ ރަތް އަނގުރު ކޮޅެއް ހެންނެވެ. އެ ފަނޑު އަލީގެ ތެރޭގައި ވެސް ދާވިޝް އަށް ޖެމާގެ މޫނުގައިވި ރުޅިވެރިކަމުގެ ކުލަތައް ކިތަންމެހާވެސް ރީއްޗަށް ފެނުނެވެ. ފުރަތަމަ ޖެމާ ރުޅި އައި ސަބަބެއް ވިސްނައިގަންނާކަށް ދާވިޝް އަކަށް ނޭގުނެވެ.

"ޖެމް، ކަމެއް ނުވިޔަސް ކަންފަތް ފަޅައިގެން ދާވަރަށް ހަޅޭއްލަވަން ޖެހޭތަ ކިއުޓީ ލޮކްސް، ގޯސްޓެއް ފެނިގެންވެސް ތިވަރަކަށް ޖެމް ހަޅޭއްލަވާނެކަމެއް ނޭގޭ، އާ ޔޫ އޯކޭ ބޭބީ؟" ދާވިޝް އަށްވެސް ހައިރާންކަން ލިބުނު ސިކުންތު ކޮޅަކަށްފަހު މަޖާވެލައިފައި ބުނެލިއެވެ.

"ހައު ޑެއަރ ޔޫ ޗީޓް އޮން މީ......." ޖެމާގެ ބޮޑެތި ލޮލުގައި ހުދު ޖަވާހިރުތައް ފަދައިން ކަރުނަތިކިތައް ބަބުޅަމުން ދިޔައެވެ.

ދާވިޝްއަށް އޭނަ އާއި ރިޔާގެ އޮތީ ކޮން ގުޅުމެއްކަން އަދި ޖެމާއަށް ސިއްރުވެފައިވާކަން ރޭކާލާން އިރުކޮޅެއް ނެގިއެވެ. އެހެންވީމަ ޖެމާއަށް ކުށްހީއެއް ކުރެވުނީ އެވެ. ޖެމާ ދެރަވާނެ ވަރާއި، ހިތަށް ވާނެގޮތް ކިތަންމެ ރަނގަޅަށް ވެސް ދާވިޝްއަށް އިހުސާސް ކުރެވުނެވެ. ނަމަވެސް ދާވިޝްއަށް ހުނުން ހިފަހައްޓައެއް ނުލެވުނެވެ.

"މޫނުމަތީގައި ޕަންޗް ކޮށްލަފާނަމޭ ހިތަށް އަރައިފި ދޯ ޖެމީ....." ދާވިޝް އިރުކޮޅަކަށް ނަމަވެސް ޖެމާގެ އިހުސާސް ތަކާއި ކުޅެލަން ބޭނުންވިއެވެ. ބައެއްފަހަރު ކިތަންމެ ލޯބިވިޔަސް ސަމާސާ އަކަށް ހަދައިގެން ރޮއްވާލާ ނޫނީ ރުޅިއަރުވައި ލެވެނީ ވެސް އެފަދަ ވަގުތުތަކުގައި އަންހެންކުދިންގެ ރީތިކަން އިތުރުވާކަމަށް ދާވިޝް ވެސް ދެކޭތީ އެވެ.

"ޖެމް، އަހަރެމެންގެ ދޭތެރެއަށް ވަންނަން ނޫޅެ މިތަނުން ދޭބަލަ، އަހަރެމެންގެ ރިލޭޝަނަކީ އެއްވެސް މީހަކަށް ކެނޑޭނެ އެއްޗެއް ނޫން، އެކަމަކު ޖެމް ތިއީ ދާވިޝްގެ ކާކުތަ؟ މާވަރަކަށް ދާވިޝްއަށް ވެރިކަން ކުރަން އުޅޭއިރު ޖެމްގެ މީހެއްތަ؟ އެކަމަކު ޑިވޯސްކޮށްލައިފިއްޔާ ޖެމް ވާނީ ހިލޭ މީހަކަށް، ވީމަ ޖެމް މައިތިރި ވެގެން ހުރެބަލަ......" ރިޔާ ވެސް އުޅުނީ ދާވިޝް އާއި ބައިގެން ޖެމާ އާއި ދިމާކޮށްލަން ވެގެންނެވެ.

"އިޑިއަޓް...." ޖެމާ ކުރިއަށް ޖެހިލައިފައި ރިޔާގެ މޫނުމަތީގައި ޖަހަން އުފުލައިލި އަތުގައި ދާވިޝް ހިފެހެއްޓިއެވެ.

"ބޭބީ، ހިނގާބަލަ އަހަރެމެން އެކަނި ތިބެގެން ވާހަކަ ދައްކާލަން، އައި ކެން އެކްސްޕްލެއިން އެވްރީތިންގް........." ދާވިޝް ޖެމާގެ އަތުގައި ހިފައިގެން ހިނގައިގަތުމުން ޖެމާ އެއަތުގެ ތެރެއިން ނިކުންނަން ގަދަހެދިއެވެ.

"އަހަރެން ބޭނުމެއްނޫން އެކައްޗެއްވެސް އަޑުއަހާކަށް، ލެޓް މީ ގޯ....." ޖެމާ ހަޅޭއްލަވަން ފެށިއެވެ. އެކަމަކު ދާވިޝް ޖެމާ އުފުލާލައިގެން ކަހަލަ ގޮތަކަށް ގެންދަން ފެށުމުން ރިޔާ ޖެމާ އާއި ދިމާލަށް ދޫނެރެލާފައި ހޭންފެށުމުން ޖެމާގެ ރުޅި ވަކިން ގަދަވިއެވެ.

"ދާވިޝް، އަހަރެންގެ ގައިގައި ޖަހަން އުޅުނީތީ ތިކުއްޖާއަށް ޕަނިޝްމެންޓެއް ދޭތި އިނގޭ، ޔޫ ޝުޑް ސްޕޭންކް ހާ ތަދުވާ ވަރަށް........." ރިޔާ ބާރަކަށް އެހެން ބުނެލައިފައި އެނދަށް ވެއްޓި ގަތުމާއި އެކީގައި އަނެއްކާ ޒެވިޔަންގެ ޚިޔާލު ތަކުން ލޮލަށް ކަރުނަ އައިސް ހިދުކޮޅަކަށް ލިބުނު އުފާވެރިކަން ފެނަށްވިއެވެ. އޭނައަށް ދިރިއުޅުމުގެ ހަގީގަތާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ދާވިޝް އާދޭސް ކޮށްކޮށްވެސް ރިޔާ އެމެރިކާއަށް އެނބުރިދާކަށް ޚިޔާލެއް ނުކުރިއެވެ. އޭނަ އަކަށް އެއްގޮތަކަށް ވެސް ޒެވިޔަން އާއި ކުރިމަތިލާނެ ހިތްވަރެއް ދެން ނުލިބޭނެ ކަމަށް ގަބޫލު ކުރިއެވެ. މުޅި އުމުރުގައި ވެސް އޭނަ މިހާ ފިނޑިވެ، ކަމަކާއި ފަސްޖެހުނު ހަނދާނެއް ނުވެއެވެ. ސީމާ ވެސް ރިޔާ އެމެރިކާއަށް ފޮނުވަން ބާރު އެޅިއެވެ. ހީވާގޮތުން ސީމާއަށް ވެސް މިހާރު ވަނީ ރަނގަޅު ފިލާވަޅެއް ލިބިފައެވެ. އޭނަވެސް މައިމޫން އާއި ދެ އަންބަށް އިނދެގެން ހުރިނަމަ މިއަށްވުރެވެސް މާ ހިތަށް ފަސޭހަވާނެކަން ކިތަންމެ ރީއްޗަށްވެސް އެވަނީ ހާމަވެފައެވެ. އެހެންނޫނަސް ރިޔާ މާލޭގައި އުޅެން ހަދައިގެން އާފާގުމެންގެ ފަރާތުން ގޯނާތައް ފޯރަން ފެށުމަކީ އެކަށީގެންވާ ކަމެކެވެ. އަލީނާގެ މައްސަލައިގައި އެމީހުން ތިބޭނީ ރުޅިގަދަވެފައެވެ. ކިތަންމެ ބުންޏަސް އެއްބަނޑު އެއްބަފާކަމުގެ ގުޅުންވެސް ވަރުގަދަވާނެއެވެ. ދުރުން އުޅުނަސް ކަމަކާއި ޖެހިއްޖެއްޔާ އެމީހުން ދިފާޢުއަށް އަންނާނެކަން އިޔާންއަށް ޓަކައި އެމީހުން މީހަކު މަރައިލި ގޮތުންވެސް ދުނިޔެއަށް އަންގައިދީފި އެވެ. އެކަމަކު އެމީހުން އެކަމުން ސަލާމަތްވެގަތް ގޮތެއްވެސް ނޭގުނެވެ. ތުހުމަތުގައި ހައްޔަރުކޮށްފައި ވެސް އެތިބީ ދޫކޮށްލާފައެވެ. އަޖައިބެކެވެ. ދުވަހަކުވެސް މީހަކު މަރާލައިގެންވެސް ހެކި ފެންނަ ގޮތެއް ނުވާނެ އެވެ. 

ހުރިހާ ފަރާތަކުން ހަފަރާތުން ފިއްތަން ފެށުމުން ރިޔާއަށް މަޖުބޫރުވެ އެންމެފަހުން އެމެރިކާއަށް ދާން ނިންމިއެވެ. ދާވިޝް އެއްގޮތަކަށްވެސް އޭނަ ބަހައްޓާފައި އެނބުރި ނުދާނެކަންވެސް ޔަގީންވީއެވެ. ރިޔާ އޭނަ ޚިޔާލު ކުރި ގޮތެއް އެއްވެސް މީހަކަށް އެންގުމެއްނެތި އަވަހަށް ދަތުރު ހަދަން ފެށިއެވެ. ޒެވިޔަންއަށް ގެންދާނެ ހަދިޔާ އަކާއި މެދު ވިސްނައިލުމަށްފަހު ރިޔާ މޯލް އަކަށް ވެސް ދިޔައެވެ. އޭނައަށް ފެނުނު އެއްޗެހިތަކެއް ގަތުމަށްފަހު ޕާރުސަލެއް ހަދާލައިގެން ގެއަށް އައިސް ވަންއިރު އޭނަގެ މަންމަ ހުރީ ބެލްކަނީގައި އަނެއް ފަރާތަށް އެނބުރިގެން ކޮންމެވެސް މީހަކާއި ވާހަކަ ދައްކާށެވެ. މަންމަގެ ޖުމްލައެއް އަޑުއިވުމުން ރިޔާގެ ފިޔަވަޅުތައް ހުރިތަނަށް ގަނޑުވިއެވެ.

"މާކުރީގެ ވާހަކައެއް ޒީބް ތި ދައްކަނީ ކީއްވެތަ؟ އާން އަހަރެން އެބިއުޒް ކުރިން އެކަމަކު އެއީ ޒެވިޔަންގެ ހެންޑްސަމް ކަމުން، އަހަރެން ޑްރިންކް ކުރާތީ ޒެވިޔަންގެ ގަޔަށް އަތްލެވުނީ، އެކަމާއި އަހަރެން މާފަށް އެދޭކަށް ނުޖެހޭނެ، ދެން ޒެވިޔަން މަގޭ ދަނބިދަރިއަށް ވީމަ އަހަރެން ޖެހޭނެ ހިތް ކޮންޓްރޯލް ކުރަން، މިއީ ލަދުވެތި ވާހަކައެއް، އެކަމަކު އައި ވޯޒް އިން ލަވް ވިތް ހިމް، ދުނިޔޭގައި ވެސް އެހާ ރީތި ކުއްޖެއް ނެތް، އީމާންތެރިން ވެސް މަގުފުރައްދާފަދަ ކުއްޖެއް ޒީބް ތި ވިހެއީ، އެކަމަކު މިހާރު މަގޭ ހިތް ސާފު، ކާކުގެ ފަރާތުން ޒީބްއަށް ތިކަންތައް އެނގުނީ؟ ޒެވިޔަން ކިޔައިދިނީތަ؟ ޒީބްވެސް ދެން އެކަންތައް ހަދާންނައްތާލާ......." ސީމާ ދެއްކި ވާހަކަތައް އިވުމުން ރިޔާ ފަހަތަށް ޖެހެމުން ގޮސް ސިޑިން ފޭބިއިރު އޭނަގެ ދެލޯ ފުރިގެން ކަރުނަތައް ބަންޑުންވަމުން ދިޔައީ ހިފެހެއްޓުމެއް ނެތިއެވެ. އެސިކުންތުކޮޅު އަމިއްލައަށް މަރުވާން ޚިޔާލު ކުރެވުނެވެ. ނަމަވެސް އީމާންތެރި ކަމުގެ ކުޑަމިންވަރެއް ނަމަވެސް ލިބިފައި ވާތީ ރިޔާއަށް އެ ނުބައި އަމަލު ހިންގަން ނުކެރުނީއެވެ. އެކަމަކު އޭނަގެ މަންމަގެ ފާފަ އާއި، އެ ލަދުވެތި އަމަލު ރިޔާގެ މުސްތަގުބަލުގެ ހުޅުކޮޅު ނިވާލައިފި އެވެ. އޭނަ ގެ ޚިޔާލުގެ ގަނޑުވަރު ބިމާލާ ކުދިކުދިވެގެން ދިޔައީ ސިކުންތު ކޮޅެއްގެ ތެރޭގައެވެ.

ބައެއްފަހަރު އިންސާނާ މާކުރިންކޮށްފައިވާ އަމަލެއްގެ ހިތިކަން އެތައް ޒަމާނެއްގެ ފަހުން ކޮންމެވެސް ސިފައެއްގައި ދުނިޔެމަތިން ފެނިގެންދާ ފަހަރު ވެސް އާދެއެވެ. ސީމާގެ ފާފައިގެ ސަބަބުން ލަނޑު ލިބުނީ އެކަނި އަމިއްލަ ނަފުސަކަށް ނޫނެވެ. އޭނަގެ ދަރިފުޅުގެ ދުނިޔެވެސް ފުނޑުފުނޑު ކޮށްލީ އެވެ. އެކަން ސީމާއަށް ނޭގޭ ހާލުގައެވެ.

ރިޔާ ގަލުން ފައި ހަދާފައިވާ ބިއްލޫރި މޭޒު ކައިރީގައި ހުރި ބެންޗު މަތީގައި ދެކަކޫގެނެސް މޭގައި ޖައްސާލައިގެން އިނެވެ. ވަށައިގެން އޮތް ފިނިފެންމަލުގެ ބަގީޗާގައި ފޮޅިފައިވާ އެތައް ސަތޭކަ މަލުގެ މައްޗަށް ވާރޭގެ ތިކިތައް ވެހިފައިވާއިރު ހީވަނީ ކުދި ޔާގޫތުތައް ވިދާހެންނެވެ. ފަތްތަކުގެ ފެހިކަން ގަދަކަމާއި އެކު ތެމިފައިވާއިރު ނިކަން ޗާލެވެ. ރިޔާ އިރުކޮޅެއްވާންދެން ޚިޔާލުތަކުން އެއްފަރާތްވެ އެކަނި އެ މާތަކަށް ބަލަހައްޓައި ގެން ތުންފަތުގައި ބާރަކަށް ދަތްއަޅާލައިގެން އިނެވެ. ރިޔާގެ ފޯނު ދެތިން ފަހަރު ރިންގުވުމުން ރިޔާ އެންމެ ފަހުން ލޮލުގައިވާ ކަރުނަތައް ފޮހެލަމުން ފޯނު ނަގައިފި އެވެ.

"ހާދަ ގިނައިން ތިގުޅަނީ؟" ރިޔާ ފަރުވާ ކުޑަގޮތަކަށް ބުނެލައިފި އެވެ.

"އަހަރެންގެ ވައިފްވީމަ ބޭނުން ވަރަކަށް ގުޅުމުގެ ހައްގު މަށަށް އޮންނާނެ..." ޒެވިޔަން ކެތްތެރި ކަމާއި އެކު ބުނެލި އެވެ.

"އަހަންނަށް އެނގޭ ޒެވިޔާ މާފުވެސް ނުކުރާނެ ކަން، އަހަރެން ގެންދަން ތިއުޅެނީ އަހަރެންގެ ލައިފް ހެލްއަށް ހަދައިލަންކަން ޔަގީން...." ރިޔާ ފުންނޭވަޔެއް ދޫކޮށްލިއެވެ.

"ރިޔާ، އަހަރެން ހާދަ ވަރަކަށް އެބަކެތްކުރަން، އެއްޗެކޭ ނުބުނަން މިހުންނަނީ، ތެދަށް ބުނަންޏާ ރިޔާ އަކަށް އަހަރެންގެ މާފު ހައްގެއްނޫން، އަހަރެން ފޮގިވް ކުރިޔަސް ފޮގެޓެއް ނުކުރަން ބައެއް ކަންތައް، އެކަމަކު އަހަރެން އެންމެ ފަހު ފަހަރަށް މިބުނަނީ އެމެރިކާއަށް އަންނާށޭ، އަހަރެން ނޫޅެން ދެން ސަމާސާ ކުރާކަށް، އެންމެ ފަހުގެ ޗާންސް މިދިނީ....." ޒެވިޔަންގެ އަޑުގައި ކުޑަ ހަރުކަށި ކަމެއްވިއެވެ.

"އެހާވަރަށް ވެސް ތި މިޝަން މުހިއްމުތަ؟" ރިޔާ އަހާލައިފި އެވެ.

"ވަޓް؟ ހޫމް އަހަރެން ބޭނުންވީމަ ބުނާނީ...." ޒެވިޔަން ގެ އަޑުން ރިޔާގެ ގައިން ހީބިހި ހަލުވާލި އެވެ. އެ އަޑެއް އެހުމަށް ކަންފަތް ބޭގަރާރުވެފައި ވާވަރު އިހުސާސް މިކުރެވެނީ ދުރަށް ދިޔައިމައެވެ. ހިތް ދަތިވެގެން ގޮސް ރިޔާއަށް ހީވަނީ މަރުވެދާނެހެންނެވެ. ބުނަން ނޭގޭފަދަ ނުބައި ގޮތެއް މެޔަށް ވިއެވެ. އޭނައަށް ޒެވިޔަން ގެއްލެނީ ބާވައެވެ.

"ޔޫ ރިއަލީ ރިއަލީ ރިއަލީ ވޯންޓް ތަ؟" ރިޔާގެ ލޮލުން އޮހިގަތް ކަރުނަތައް އެ އޮމާން ކޯތާފަތް މަތިން ތިރިއަށް ދެމިގަތެވެ.

"ހޫމް......." ޒެވިޔަން ކަންނެތް ގޮތަކަށް ހޫމް އެއް އަޅުވާލިއެވެ. އޭނަ އާދޭސްކުރަން ވުމުން ފޫހިވީ ކަންނޭގެ އެވެ. އެހެންނޫނަސް ޒެވިޔަން އެހެރީ ބައެއްކަންތައް ހިތުން ފިލުވައިނުލާކަން ޔަގީނެވެ. އޭނަގެ މަންމައަށް ލިބުނު އަނިޔާ ޔަގީނުންވެސް ޒެވިޔަން ހަދާން ނައްތައެއް ނުލާނެއެވެ. އެހުރިހާ ކަމަކާއި އެކުގައި ވެސް ޒެވިޔަން އެހެރީ އޭނައަށް އަދިވެސް ފުރުސަތު ދޭން ނިންމައިގެންނެވެ. އެކަމަކު ޒެވިޔަން އެދެނީ އެންމެ ފަހުގެ ފުރުސަތެވެ. އެކަމަކު އޭނައަކީ ޒެވިޔަން އާއި އެކަށީގެންވާ މީހެއް ނޫންކަމަށް ރިޔާ އަމިއްލަ އަށް ނިންމި އެވެ.

"ވެލް ޓޫ ބޭޑް ޒެވިޔާ، އަހަރެން ގެ އެންމެ ފަހުގެ ނިންމުމަކީ ދެން ތިކޮޅަށް އެނބުރި ނުދިޔުން، ޒެވިޔާ ހެޕީކޮށް އަލީނާ އާއި އެކުގައި އުޅެބަލަ، ފުރިހަމަ އަންހެނަކު ލިބުނީމަވެސް ޒެވިޔާ ހިތް ނުފުރެނީތަ؟ އަހަރެން ބޭނުމީ ވަރިވާން، އަހަންނަށް ނޫޅެވޭނެ ޒެވިޔާ އާއި އެކީގައި، އަހަންނަށް އެނގޭ ޒެވިޔާ ބޮޑަށް ލޯބިވަނީ އަލީނާ ދެކެކަން، މޭކް ހާ ހެޕީ، ގުޑްބައި......" ރިޔާ ހިތާއި ދެކޮޅަށް ފޯނު ކަނޑާލައިފި އެވެ. އެއާއިއެކު ރިޔާ ކަކުލުގައި ބޯ ޖައްސާލައިގެން އިނދެ ބާރުބާރަށް ރޯންފެށިއެވެ. ހިތުގެ ނާރުތައްވެސް ފަޅައިގެން ދަނީއެވެ. ހިތާމައިން ގޮސް ހިތްކުދި ކުދިވަނީއެވެ. ރިޔާ ލައިގެން އިން ވިލުނޫކުލައިގެ ޖިންސް ކަރުނުން ފޯވިއެވެ. އިސްތަށިގަނޑަށް އަރުވާފައިވާ ވޫލްކޮޅުވެސް އިސްތަށިގަނޑު ފަންކަމުން ނުހިފެހެއްޓިގެން ސޮއްސާލައިގެން ގޮސް ތިރީގައިވާ ބޯ ވިނަގަނޑު މައްޗަށް ވެއްޓުމުން ރިޔާގެ އިސްތަށިގަނޑު އުދުހެން ފެށިއެވެ. އިރުކޮޅެއް ނުވަނީސް އުޑުމަތީގައި ބޯވަމުން ދިޔަ ވިލާތަކުން ވާރޭ އޮހިގަތީ އިންޒާރަކާއި ނުލައެވެ. ބޮޑެތި ވާރޭ ތިކިތަކުން ރިޔާގެ ނާޒުކް ހަށިގަނޑަށް ހަމަލާދޭން ފެށުމުންވެސް އޭނައަކަށް ރޭކާލީ ހެނެއް ހިޔެއްނުވެއެވެ. ހީކަރުވައިގަނެގެން ރޫރޫއަޅަން ފެށުމުން ރިޔާ އަދިވެސް ބޮޑަށް ކަކުލުގައި ދެއަތުން ބައްދައިގަތެވެ. އެހާލުގައި އޭނަ އިންދާ ފެނުނު މީހެއްގެ ހިތަށް ރަހުމް ވަންނާނެއެވެ.

ރިޔާއަށް ނޭގުނީ މާޒީގައި ވެފައިވާ ކަންތައް ހަނދާން ނައްތާލައި އަލުން ދިރިއުޅުން ބިނާކުރިނަމަ ރިޔާއަށް މާ ރަނގަޅު ވާނެ ކަމެވެ. މާ ކުރީގައި އެހެން މީހަކު ކުރި ކުށެއްގެ ޒިންމާ ތިމާ ނަގައި ހަޔާތް ބަރުބާދު ކޮށްލުމަކީ މޮޔަކަމެއް ކަމެވެ. ޒެވިޔަން އެހާ ރީތިކޮށް އެދުނީމަ އޭނަ ގެ ފިރިމީހާ ކައިރިއަށް ދިޔަނަމަ ހަމަޖެހިލައިގެން ރީތި ދިރި އުޅުމެއް ހޯދުމުގެ ފުރުސަތު ރިޔާއަށް އޮތެވެ. ރިޔާ އެއްވެސް މީހަކާއި މަޝްވަރާ ކުރުމެއްނެތި އަމިއްލައަށް ނިންމުންތަކެއް ނިންމާލީއެވެ. އަމިއްލަ ހަޔާތް އަނދިރިކަމުގެ ތެރެއަށް ވައްޓާލީއެވެ.

ދިމާވާ ކުޑަ ހާދިސާއަކުން ނޫނީ ފެނިލާ އެންމެ ސާދާ މަންޒަރަކުންވެސް މީހެއްގެ ދިރިއުޅުން އެކީގައި ބަދަލުވެގެން ހިނގައިދާނެއެވެ. އަމީން މިސްކިތާއި އަރާހަމަވި އިރު އޭނައަށް ފެނުނީ އަސާ ޖަހާލައިފައި ދިޔަ މުސްކުޅި ފިރިހެނަކު މިސްކިތަށް ވަން ތަނެވެ. ތުނިކޮށް ވެހެމުންދިޔަ ވާރެއަށް ފަރުވާލެއް ނުބަހައްޓާ އެމީހާ މިސްކިތަށް އައުން އަމީންގެ ހިތަށް އަޖައިބެއްފަދަ އަސަރެއްކުރުވިއެވެ. އޭނަ މިސްކިތަށް އެރި ހަނދާނެއްވެސް ނުވެއެވެ. އެކަމަކު އަމީން އަކަށްވެސް މިސްކިތަށް ނާރާ އެންމެ ފިޔަވަޅެއްވެސް ކުރިއަށް އަޅާކަށް ނުކެރުނެވެ. އަމީން ނަމާދުކޮށްލައިގެން ނިކުމެގެން ގެއަށް އައި އިރު އޭނަގެ ޚިޔާލުގައި ކިތަންމެ ކަންތަކެއް އެނބުރެމުން ދިޔައެވެ. އޭނަގެ އަނދިރި ހަޔާތުގެ ބިރުވެރި މަންޒަރުތައް ފިލްމެއްގެ މަންޒަރުފަދައިން ސިކުނޑީގެ ސްކްރީނަށް އެރިއެވެ. އޭނަ ދުނިޔެއަށް އައީ ބަދުނަސީބު ކުއްޖެއްގެ ގޮތުގައެވެ. ބައްޕައެއްނެތި ދުނިޔެއަށް އުފަންވުމުން އުފަން މައިމީހާވެސް އޭނަ އެއްލައިލީ އެވެ. އޭނަ ބަލާބޮޑު ކުރީ އަވަށްޓެރި އަންހެނެކެވެ. އެގޮތް މިގޮތަށް އުޅެ ބޮޑުވުމުން އޭނަގެ ނަސީބު އަތުގައި ހިފީ އޭނަ ރީތި މީހަކަށް ވިކަމަށްޓަކައެވެ. ރީތި އަންހެންކުދިންގެ ކިޔޫ އޮތީ އޭނަގެ ފަހަތުގައެވެ. އެކަމަކު އޭނަ ކައިވެނި ކުރީ އޭނަ ބަލާބޮޑުކުރި އަންހެންމީހާ މަރުވުމުގެ ކުރިން ކޮށްފައިވާ ވަސިއްޔަތެއްގެ ސަބަބުންނާއި، މުއްސަންޖެއްގެ ދަރިއަކަށް ވުމުން އާދައިގެ ސިފަތަކެއް ލިބިފައިވާ އަންހެނަކާއި އެވެ. ދެން އޮތީ އޭނަގެ ކަރުނައިގެ ހަޔާތެވެ. އަންހެނުން ދެކެ ފޫހިވުމުގެ ސަބަބުން ހުރިހާ އަންހެނުންނަށް ރުޅި ބޭލުނެވެ. އަނބިމީހާގެ ފަރާތުން ބަދަލު ހިފަން ދޮންދަރިފުޅުގެ އިއްފަތްތެރި ކަމަށް ވެސް އަރައިގަނެވުނެވެ. އެފަދަ ހުރިހާ ނުބައިކަމެއް ބޮލަށް ސަވާރުވެ އޭނަ އުޅުނީ ހިތަށް އެރިގޮތަކަށެވެ. ނަމަވެސް މިހާރު އަމީން މި ނުބައި އަމަލުތައް ދެކެ ފޫހިވެއްޖެއެވެ. 

އަމީން ފުރަތަމަ ބޭނުންވީ ތައުބާވުމަށެވެ. އެއަށްފަހު އަލީނާ އާއި އިޔާން އަކީ އޭނަގެ ދަރިންކަން ޔަގީން ކުރުމެވެ. ޑީ އެން އޭ ހަދައިގެން އޭނަގެ ދަރިންކަމަށް ވެއްޖެއްޔާ އޭނަ އެކުދިންނާއި މެދު އޯގާތެރިކޮށް އަމަލުކޮށް ބައްޕައެއްގެ ލޯބި ދީފައި މާފަށްވެސް އެދޭނެއެވެ. ދެން އޮތީ ސީމާއަށް ހެޔޮކޮށް ހިތުމެވެ. ވަފާތެރި ފިރިޔަކަށް ވުމެވެ. މީހާގެ ސިފަ ބަދަލުކޮށްލުމަކީ އަމިއްލަ ބާރުގައިވާކަމަކަށް ނުވިޔަސް މިޒާޖާއި، އަޚުލާގު އަމިއްލަ ބާރުގެ ދަށަށް ގެނެވިދާނެކަން އަމީންއަށް ޔަގީންވިއެވެ.

ބަހާރުމޫސުމްގެ ރީތި ކުލަތަކުން ފަވާލެވިފައިވާއިރު އެގޭގެ ބަގީޗާގެ ރީތިކަމުން ހީވަނީ ހުވަފެނެއްހެންނެވެ. ހުރިހާ ކުލަތަކެއްގެ މާތަކެއް ވާދަކުރާހެން ހީވެއެވެ. ލުއި ވައި ރޯޅިތަކާއި އެކީގައި މާތައް ކުޑަކޮށް ނަށަމުންދާއިރު، ކޮކާތައް މަލުގެ ފޮނި ބޮމުން ދިޔައީ މަލަށް ގެއްލުން ނުވާނެހެން ބަލައިގެންނެވެ. ކުދި ކުދި ދޫނިތަކެއް ލަވަކިޔަމުން ގޮސް އުސްގަހެއްގައި ޖައްސާލާފައި ތިބިއިރު އެއީ ވެސް ބަލާބަލާ ފޫހިނުވާހާ ރީތި މަންޒަރެކެވެ. ރަތާއި، ރީދޫ އަދި ދަނބުކުލައިގެ ޓިއުލިޕްގަސްތަކުގެ އެއްފަރާތުގައި ހުރި ބެންޗަށް ކްރެބްއެޕްލް ގަހެއްގެ ހިޔާ އެޅިފައިވާއިރު ޒެވިޔަން އެ ބެންޗުގައި އިށީދެލައިގެން އިނީ ފޯނެއްގައެވެ. އަލީނާ އިރުކޮޅެއްވާންދެން ޒެވިޔަންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރެފައި ތިރިއަށް ދާން ސިޑިއާއި ދިމާލަށް ހިނގައިގަތެވެ. ޒެވިޔަން ވާހަކަ ދައްކަނީ ރިޔާ އާއި ހެއްޔެވެ؟ ރިޔާ އެނބުރި އަންނާނެ ހެއްޔެވެ؟

"ކިހިނެއްވީތަ؟ މައި ލަވް......" ޒެވިޔަން ކަކުލުގައި އުޅަބޮށިޖައްސާލައިގެން ދެއަތުން މޫނު ފޮރުވައިގެން އިނުމުން އަލީނާ ޒެވިޔަންގެ ފަން އިސްތަށިގަނޑުގައި ބޮސްދެމުން އަހާލައިފި އެވެ.

"ރިޔާ އެނބުރި އަންނަން ރިފިއުޒް ކުރީ، އެހެންވީމަ މިހިސާބުން ފެށިގެން އަހަރެން ގިވްއަޕް ކޮށްލައިފިން، ކިތަންމެ ޓްރައި ކުރިޔަސް ރިޔާ ގޮތްދޫކޮށެއް ނުލާނެ، ކޮބައިތަ ބޭބީސް؟" ޒެވިޔަން މޫނުން އަތްނަގާލައިފައި އަލީނާ އާއި ދިމާލަށް ބަލައިލީ ކުޑަ ހިނިތުންވުމަކާއި އެކުގައެވެ. އެހާ ކުޑަ ހިނިތުންވުމަކުން ވެސް ކޯތާފަތަށް އަޑިކޮޅު އެޅިގެންދިޔަލެއް ރީތިކަމުން އަލީނާގެ ހިތްމޮޔަވިއެވެ. އެއިން ކޮންމެ ބެލުމަކަށްވެސް ހާސްފަހަރު ފިދާވާހާވެއެވެ. އަލީނާގެ ކޯތާފަތަށް ރަތްކުލަ ފާއްދާލައިފި އެވެ.

"ނިދާލާފައި، މަންމަ ރޫމްގައި އުޅޭތީ ވަރަށް ފަސޭހަވެގެން މިހިރީ، ޒާވް، އެކަމަކު ރިޔާއަށް ނުވިސްނެނީ، ނޫނީ ގިލްޓީވިލެއް ބޮޑުކަމުން ލަދުން ކަންނޭގޭ، އަދިވެސް ޓްރައި ކޮށްލަންވީނު......." އަލީނާ އެދުނެވެ.

"ތި ވާހަކަ އިތުރަށް ދައްކާކަށް އަހަރެން ބޭނުމެއް ނޫން....." ޒެވިޔަން އިސްކޮޅުން ދިގުކަމުން ގަހުގެ ގޮފިގަނޑެއްގައި ބޯޖެހިދާނެތީ ކުޑަކޮށް ގުދުވެލާފައި ގަސްދަށުން ނިކުމެގެން ޖީބަށް އަތްޖަހާލައިފި އެވެ. އޭނަ ހުރިގޮތުން، ކަމަކާއި ހިތްހަމަނުޖެހިފައިކަން އަލީނާވެސް ދެނެގަތެވެ. އާއްމުކޮށް ޒެވިޔަން ކުރާކަންތަކާއި ޝަކުވާކޮށް، ފާޑުކިޔުމަކީ އަލީނާ ކުރާކަމެއްވެސް ނޫނެވެ. ނަމަވެސް މިފަހަރު ރިޔާގެ ހައްގުގައި އޭނައަށް އެއްޗެކޭ ބުނެނުލައި ނުހުރެވުނެވެ.

"ޒާވް، ރިޔާގެ ހުރޭ ނަފްސާނީ މައްސަލައެއްވެސް، އެހެންވެ ކަމަށް ވާނީ އެހާ ޑިފިކަލްޓްއީ، ޒާވް ނުގުޅައިފިއްޔާ ރިޔާގެ ހިތް ހަލާކުވެދާނެ، ރިޔާ ވަރަށް ލޯބިވޭ ޒާވްދެކެ...." އަލީނާ ދެވަނަ ފަހަރަށްވެސް އެދުނީ ޒެވިޔަން ރިޔާއަށް ގުޅައިގެން އެމެރިކާއަށް ގެންނަން ބާރު އެޅުމަށެވެ.

"އަހަރެން ހަދަންވާގޮތް ބުނެދޭކަށް ނުޖެހޭނެ، މަ އަމިއްލައަށް ޑިޒިޝަން ނަގާނީވެސް، އެހެންމީހުންނަށް ބަލައިގެން ވަރަށް ދުވަހު ހުރެފިން، ވީމަ ދެން މިކަމާއި ބެހޭގޮތުން އިތުރު އެއްވެސް އެއްޗެކޭ އެލީ ނުކިޔާ ހުރެބަލަ...." ޒެވިޔަން ފުރަތަމަ ފަހަރަށް އެހާ ހަރުކަށިކޮށް އަލީނާ އާއި ދިމާލަށް އެއްޗެކޭ ބުނުމުން އަލީނާގެ ލޮލަށް ކަރުނަ ޖަމާވާން އުޅުނެވެ. އެކަމަކު އަލީނާގެ މޮޔަ ހިތަށް ވިސްނައިދިނީ ޒެވިޔަން އެހާ ބޮޑަށް ރުޅިއައީ އޭނަ ދެކެ ނޫންކަމަށާއި ރިޔާ ދެކެ ކަމެވެ. ރިޔާ ޒެވިޔަން ބުނާގޮތަށް ނަހަދަންޏާ ޒެވިޔަންވެސް ފޫހި ވާނެއެވެ.

އަލީނާ އަނެއްފަރާތަށް އެނބުރުނު ގޮތަށް އިނގިލީގައި ދަތްއަޅާލައިގެން އެއް ދިމާލަކަށް ބަލަހައްޓައިގެން ހުރީ މޮޅިވެރި ގޮތަކަށެވެ. ޒެވިޔަން ހިތްހަމަނުޖެހޭފަދަ އެއްޗެކޭ ބުނެވުނު ކަމަށްޓަކައި އިންތިހާއަށް ދެރަވެފައެވެ. ކުއްލި އަކަށް ބާރުގަދަ އަތެއްގެ ތެރޭގައި ބޮނޑިކޮށްލެވުމާއި އެކު ޒެވިޔަންގެ ސެންޓުގެ މީރުވަސް ނޭފަތުގައި ޖެހުމުން ލިބުނު އަރާމަކުން އަލީނާއަށް ދެލޯމަރައި ލެވުނެވެ.

"ބޭބީ، ދެރަވެފައިތަ؟ ޑޯންޓް ބީ އިނގޭ......" ޒެވިޔަން އަދިވެސް ބޮޑަށް އަތުގެ ދާއިރާ ހަނިކޮށްލިއެވެ. އެފަދަ އެންމެ އަދާއަކުން އަލީނާގެ ހިތަށް ލިބޭ ފިނިކަމަކުން ހުރިހާ ޚިޔާލަކާއި، ނުތަނަވަސްކަމެއް ފިލައިގެން ދަނީ ބާރުގަދަ އެންމެ ޑޯޒަކުން ތަދު ފިލައިގެންދާހެންނެވެ. ޒެވިޔަން އޭނަގެ ހަށިގަނޑުގެ ހުރިހާ ސެލްތަކަށް ވެރިވެގެންފައި ވަނީ ޑްރަގެއް ފަދައިން ދެވިހިފާފަދަ ގޮތަކަށެވެ. އަލީނާ ހިނިތުންވެލަމުން ޒެވިޔަންގެ މޫނުގައި އެ ނާޒުކް އަތް ބީއްސާލައިފިއެވެ.

ޒެވިޔަންގެ އެކުވެރިއެއްގެ ދައުވަތަކަށް އޭނަ ހުރީ ކޮންމެހެންވެސް ދާން ބޭނުންވެފައެވެ. އޭނަ އާއި ބައެއް ޑޮކްޓަރުންނަށް ދައުވަތުލިބިފައި ވާއިރު އެފަދަ ފުރުސަތެއް ގެއްލުވާލާކަށް ޒެވިޔަން ބޭނުމެއް ނޫނެވެ. އޭނައަކީ ބަލިމީހެއްކަމަށް ޒެވިޔަން ގަބޫލެއް ނުކުރެއެވެ. މިހާރު އޭނަގެ ބާރުވެސް ކުރިއެކޭ އެއްވަރުހެން ހީވެއެވެ. ބައްޕަމެން އަޅާލާވަރުން ޒެވިޔަން ގެއިން ބޭރަށް ދާންވެސް ހުއްދަ ދޭކަށް ބޭނުމެއް ނޫނެވެ. ނަމަވެސް މަޑުމަޑުން ގޮސް ޒެވިޔަން ކުރީގެ ދިރިއުޅުމަށް ހޭނެން ފެށީއެވެ. މިއަދުވެސް ޒެވިޔަން ލަސްވެފައި ހުރިވަރުން އަލީނާ ގާތުގައި އަވަސްކުރަން އެދުނެވެ.

ޒެވިޔަން ކާރުގެ ދޮރު ހުޅުވާލައިގެން ހުރެ ގަޑި ބަލައިލި ތަނާހެން އަލީނާ އަންނަތަން ފެނުމުން ބަލަހައްޓައިގެން ހުރެވުނީ ހިތް ބަންޑުންވާފަދަ ނަޒަރަކުންނެވެ. ރަތްކުލައިގެ ސްކާފްގެ ސަބަބުން ހީވަނީ އެ ދޮންމޫނަށް ސްކާފްގެ ހިޔަނި އެޅިފައިވާހެންނެވެ. އެ މޫނަށް މަޑުރަތްކުލައެއް ފާއްދާލާފައި ވާއިރު އެ ރީތިކަމުން ޒެވިޔަންގެ ހިތް ދީވާނާ ވާވަރުވި އެވެ. އަލީނާ ކުއްލިއަކަށް ފޯނު ކަންފަތުގައި ޖަހާލައިގެން ވާހަކަދައްކަން ފެށިއެވެ.

"ހަލޯ ކީކޭތަ؟ އަހަރެން ޖެހޭނީ ޒެވިޔަން ގާތުން އަހައިލަން، އައި ކާންޓް ޑިސައިޑް...." އަލީނާ ވާހަކަދެއްކީ ތަންކޮޅެއް މަޑުންނެވެ. އަލީނާ ޒެވިޔަން އާއި ދިމާލަށް ބަލައިވެސް ނުލައި ހަމަޖެހިލައިގެން ހުރެ ވާހަކަދައްކަމުން ދިޔައިރު ޒެވިޔަން އިންތިޒާރުގައި ހުރީ ކެތްތެރިކަން ކުޑަވެފައެވެ. އަލީނާ ހަޔެއްކަ ފޫޓް ދުރުގައި ހުރި ފިނިފެންމާ ގަސްތައް ކައިރީގައި ހުރި ހުދު ކުލައިގެ ގޮނޑިއެއްގައި އިށީދެ ފަސްވަރަކަށް މިނިޓްވާންދެން ވާހަކަދައްކަން އިނެވެ. ޒެވިޔަން އިންތިޒާރު ކުރިއެވެ. އޭރު ޒީބާވެސް އެދިމާލަށް ނިކުތްގޮތަށް ޒެވިޔަން އަދިވެސް ނުގޮސް ހުރީމަ ސުވާލު ކޮށްލައިފި އެވެ. ޒީބާ އެ ސުވާލު ކުރިތަނާހެން އަލީނާވެސް އަރާ ހަމަވީއެވެ.

"އެލީ ފޯނެއްގައި ހުރީމަ...." ޒެވިޔަން ކިތަންމެ ލަސްވިޔަސް އޭނަ އެކަމުގެ ހިތްހަމަނުޖެހުމެއް މޫނުމަތިން ނުދައްކައި އަލީނާއަށް ބަލައިލީ ހިތްގައިމު ނަޒަރަކުންނެވެ. ޒީބާގެ ހިތަށް ބަޔާންކުރަން ދަތި ފިނިކަމެއް ލިބުނެވެ. އެ ދެ ޒުވާނުންގެ ދެމެދުގައި އޮތް ހަމަޖެހޭ، ލޯބިވެތި ގުޅުން ރަމްޒުކޮށްދޭ ކަމެއްކަން އެކަމުންވެސް ދެނެގަތެވެ. ގިނަ ފިރިހެނުން ކެތްތެރިކަމެއް ނުހުންނަ އިރު ޒެވިޔަން އޭގެ ދިމާ އިދިކޮޅެވެ.

"ސޮރީ ޒާވް....އަސްލު......" އަލީނާ ވެސް ޒެވިޔަން އާއި ދިމާލަށް ބަލައިލި އިރު އެ ލޮލުގެ ވިދުވަރުގަދަކަމާއި، ލޯބިވެތިކަމުން ހީވަނީ ލޯވެސް ހިނިތުންވާހެންނެވެ. "މާޝާﷲ" ޒީބާއަށް އެ ރީތި ދެމަފިރިންނަށް އެސްފީނާއެއް ޖެހިދާނެތީ ހިތާހިތުން ކިޔައިލެވުނެވެ. އެހާވެސް ރީތިވިއްޔާއެވެ. ވިހަ ލޮލެއްގައި އަޅައިގެންފިއްޔާ އެކުދިންނަށް ކޮންމެފަދަ ނުބައިކަމެއްވެސް ކުރިމަތިވެދާނެއެވެ.

"ނޫން އެލީ، އެލީ ހުރީ އިމްޕޯޓެންޓް ކޯލެއްގައި ކަން އަހަންނަށްވެސް އެނގޭ، އިޓްސް އޯކޭ....." ޒެވިޔަން އަލީނާ އަރަން ކާރުގެ އަނެއްފަރާތުގެ ދޮރުފަތް ހުޅުވާލަދިނެވެ.

"އެއީ ބައްޕަގެ ކޯލެއް، އަޅުގަޑަކީ ބައްޕަގެ ކުއްޖެއްކަން ޔަގީންކޮށްލަން ޑީއެންއޭ ޓެސްޓެއް ހަދަން ބައްޕަ ބޭނުންވާ ކަމަށް ބުނި....." އަލީނާ ޒީބާގެ ގާތުގައި އެ ވާހަކަ ބުންޏެވެ. އަލީނާއަށްވެސް އޭނަގެ ބައްޕައަކީ ކާކުކަން އެނގުން މުހިއްމެވެ. މިހާރު މިވަނީ ބައްޕަ ކަށަވަރު ނުވާ ހާލަތެއްގައެވެ. އަމީން ކިތަންމެ ނުބައި މީހަކަށްވިޔަސް އެއީ އޭނަގެ ބައްޕަކަމަށް ވެއްޖެއްޔާ އަލީނާ އަކީ ޔަގީނުންވެސް ނަހަލާލު ކުއްޖަކަށް ނުވާނެއެވެ. އެކަމަކު ޑީއެންއޭ ދިމާނުވެއްޖެއްޔާ މި އާއިލާ އިން އޭނަ އާއި ދޭތެރޭގައި ކަންތައް ކުރާނީ ކިހިނެއް ބާވައެވެ. އަލީނާ ދެކެ އެންމެން މިހާރު ލޯބިވާން ފަށައިފިކަމަށް އޭނަ ގަބޫލު ކުރެއެވެ. އެކަމަކުވެސް އޭނަގެ އަސްލު އެނގި ތިބެ ލޯބިވެއްޖެއްޔާ އެއީ ބޯނަސް އެކެވެ. ކޮންމެހެން ލޯބި ހޯދަން ޝާހީ އާއިލާއެއްގެ، މޮޅު ކުއްޖަކަށްވާކަށް ނުޖެހޭނެއެވެ. އޭނައަކީ ނަހަލާލު ކުއްޖަކަށް ވެއްޖެއްޔާ ޒީބާމެން ހަމަ އެވަރަށް އޭނަ ދެކެ ލޯބިވެދާނެ ހެއްޔެވެ؟ މައިންބަފައިން ކުރި ކުށުގެ އަގު މައުސޫމް އަންހެންކުއްޖަކު އަދާކުރަން ޖެހިދާނެ ހެއްޔެވެ؟

"ޑޫ އިޓް ދަރިފުޅާ، ބައްޕައަކީ ކާކުކަން އެނގުމަކީ ކޮންމެ ކުއްޖަކަށް ލިބިގެންވާ ހައްގެއް، އެހެންވެ ކަންނޭގޭ ނަސްލު އޮޅުވައިލުން ދީނުގައި ހަރާމް ކަމަކަށް ވަނީ ، ދަރިފުޅަށްވެސް އެގެންވާނެ ބައްޕައަކީ އަމީންވެއްޖެއްޔާ އޭނަ ކަން، އަމީންއަށް ނުވެއްޖެއްޔާ ދެން ޝައްކުވާ މީހަކުވެސް ބަލަން ޖެހޭނީ، އެކަމަކު އެލީއަށް އެނގޭތަ؟" ޒީބާ އަލީނާގެ ބުރަކަށީގައި ފިރުލާމަން ދެން ބުނި ޖުމްލައަކުން އަލީނާގެ ހިތް އުފަލުން ނަށާލިއެވެ. އެ ރީތި މޫނަށް ހީވީ ހަނދުވަރުގެ އަލި އެޅިގެން ދިޔަހެންނެވެ. ދޮންމޫނުގެ ވިދުން އިންތިހާއަށް ގޮސް ލޮލުގެ ބެބުޅުންވެސް ގަދަވިއެވެ.

ޒެވިޔަން ކާރުގެ ދޮރުފަތަށް ލެނގިލައިގެން މޮޑެލްއެއްހެން ހުއްޓިލައިގެން ހުރެ މަންމަ އާއި އަންހެނުންގެ އެ ގާތްކަން ދެކެމުން ދިޔައީ ނިކަން ހަމަޖެހިލާފައި ހުރެއެވެ. ޒެވިޔަން އެއްމިޔަކަނުން ހީލިއިރު ކޯތާފަތުގައިވާ އަޑިކޮޅު ފުންވެ، އެ ފެހިދެލޮލުގެ ކުލަ ވަކިން ނަލަވިއެވެ. އޭނަ އެންމެ ދެކެން ބޭނުންވި ދުވަހަކީ އޭނަގެ ހަޔާތުގެ އެންމެ ޚާއްސަ ދެ އަންހެނުންގެ މިފަދަ ގާތް ގުޅުމެއް އޮންނާނެ ދުވަހެކެވެ. އެ އިންތިޒާރު މިއޮތީ ނިމިފައެވެ. ޒީބާ އެވަނީ އަލީނާ ބަލައިގެންފައެވެ. 

ކޮމެންޓް 0