ޒެވިޔަން ސިޓީ ކިޔާ ނިންމާލި އިރު ޒެވިޔަންގެ ހިތަށް ނުބައި ގޮތެއް ވިއެވެ. އެ ސިއްރު އެންމެނަށް އެނގޭ ކަމާއި މެދުވެސް ޝައްކު ކުރެވުނެވެ. އެންމެނަށް ހަގީގަތް އެނގި ތިބެ އޭނައަށް ސިއްރު ކުރުމުގެ ބޭނުމެއްވެސް ޒެވިޔަން އަކަށް ނުވިސްނުނެވެ. އެންމެ ބޮޑަށް އެނގެން ޖެހޭ މީހާ އަނދިރީގައި ބަހައްޓައިގެން ފާފަތައްވެސް ކުރުވައިފިއެވެ. ޒެވިޔަން ކުޑަކޮށް ބުމަގޮށްޖަހާލައި ގެން ހުރި އިރު އެ ފުން ދެލޮލުގައިވާ ޝުއޫރުތައް ދެނެ ގަތުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް އެ ސިޓީއިން އޭނަގެ ސިކުނޑި އާއި ކުޅެލައިފި ކަން ޔަގީނެވެ. ޒެވިޔަންގެ ޚިޔާލުގައި އެތައް ކަމެއް އެނބުރެމުން ދިޔައީ ފިލްމެއްގެ މަންޒަރު ފަދައިންނެވެ. އެހާ ސާފުކޮށެވެ. 

އާއިލާ ތެރޭގައި މިގޮތަށް ފޮރުވާފައި ވަނީ ކިތައް ސިއްރު ބާވައެވެ. ބައެއްފަހަރު އިންސާނުން މަރުވެގެން ދަނީ ވެސް ނޭގުމުގެ ތެރޭގައި ތިބެގެންނެވެ. ހަގީގީ މައިންބަފައިން އޮޅި، ނަސްލުއޮޅިފައި ވަނީ ކިތައް ލައްކަ އިންސާނުންގެ ބާވައެވެ. ކޮޓަރި އާއި ދާދި ކައިރިން ދާވިޝް ހިނިގަނޑު ޖަހާލި އަޑު އިވުމުން ޒެވިޔަން ހަމަޖެހިލައިފައި ހުރެ ސިޓީ އޮތްތާގައި ބޭއްވުމަށްފަހު، ވައްގަނޑު ތަޅުލާފައި ކޮފީތަށި ހިފައިގެން ގޮސް ފާޚާނާއަށް ވަދެ ނިވާވެލެވުނީ ހަމަ ކިރިޔާއެވެ. ދާވިޝް ދޮރުހުޅުވާލައިފިއެވެ.

"ޒޭވިއާ، ކޮފީ ބޯން ވަންނަނީ ބާތު ރޫމަށްތަ؟ އަނެއްކާ އެލީ ތި ތަނުގައި ފޮރުވައިގެން ގެންގުޅެނީތަ؟" ދާވިޝް ޒެވިޔަން އާއި ދިމާލަށް އެހެން ބުނެލާފައި އަނެއްކާ ފޯނަށް ސަމާލުކަން ދިނެވެ. ހީވާގޮތުން އޭނަ ގުޅައިގެން ހުރީ އަންހެން ކުއްޖަކަށެވެ. ޒެވިޔަން އެއްޗެކޭ ނުބުނެ ހުރެފައި ފާޚާނާއިން ނިކުތީ ޓީޝާޓަށް ކޮފީ ތަށިން އެތިފޮދެއް ބަންޑުން ކޮށްލައިގެން ދޮވެލުމަށްފަހު މޫނަށް ވެސް ފެން ވިއްސާލައި ގެންނެވެ. އެހެން ނޫނީ ދާވިޝްގެ ވިސްނުން ތޫނުކަމުން އޭނަ މިކޮޓަރިއަށް ވަނީ އެހެން ނިޔަތެއްގައި ކަމަށް ޝައްކު ކޮށްފާނެއެވެ.

"ޓީޝާޓަށް ކޮފީތަށި ބަންޑުންވީމަ ދޮންނަން ވަދެވުނީ، އެހެންނޫނަސް މަމްގެ ހުއްދަ އޮންނާނެ އަހަރެން މި ރޫމަށް ވަންނަން، އެކަނި އެކަކަށްތަ އެ ޕާމިޝަން އޮންނަނީ ސްވީޓް ހާޓް...." ޒެވިޔަންގެ ތުންފަތް މަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. އެންމެނަށް އެނގިފައިވާ ސިއްރެއް އޭނައަށް ފޮރުވުމުގައި ވެސް ކޮންމެވެސް ސަބަބެއް އޮންނާނެއެވެ. އޭނަވެސް ހުންނާނީ ނުދެނެހުރި ކަމަށް ހަދާލައިގެން އެމީހުންގެ ގޭމުގައި ބައިވެރިވެލައިގެންނެވެ.

ޒެވިޔަން އާއި ރިޔާ އަދި އަލީނާގެ ދިރިއުޅުން މި ދުވަސްކޮޅު ވޭތުވަމުން ދިޔައީ އޮމާން ކޮށެވެ. ޒެވިޔަން އުޅުނީ ފުދޭވަރަކަށް ވިސްނައިގެންނެވެ. އޭނަ އަލީނާގެ ކޮޓަރިއަށް ދަނީވެސް ބައެއް ރޭގައެވެ. ނަމަވެސް ދުވާލު ފެނިލާ ވަގުތު ކޮންމެވެސް ވަރަކަށް ވާހަކަ ދައްކައި އުޅެއެވެ. ކިތަންމެ ދުރުން ޒެވިޔަން އުޅުނަސް އޭނަ އަލީނާ ދެކެ ލޯބިވާކަން އަލީނާއަށް އިހުސާސް ކުރެވެއެވެ. އެގޮތުން އަލީނާ އެންމެ ފާހަގަ ކުރާކަމަކީ ކޮންމެ ހަފްތާއަކު އެއްދުވަހު ޒެވިޔަން ދެމުން އައި ފިނިފެންމަލެވެ. ޒެވިޔަން ހަފްތާއަކު އެއް ދުވަހު މަލެއް ދޭ ސަބަބު އަދި ވިސްނައިގަންނަން ނޭގުނަސް ޒެވިޔަން އެދޭ ފިނިފެންމާ ގެންގުޅެނީ ނިކަން ލޯބިންނެވެ. އެތައްފަހަރަކު މަލުގައި ފިރުމައި ލެވެއެވެ. ބޮސްދެވެއެވެ. މިވެސް އަލީނާގެ ގާތުގައި މިލިއަން ރުފިޔާއަށް ވުރެ އަގުބޮޑެވެ. ތާޒާކަން ކެނޑެންދެން ވާސްއެއްގައި ޖަހައިގެން ގެންގުޅެފައި މާތައް ހިކުނީމަ އަލީނާ އަލަމާރީގައި ރައްކާކުރެއެވެ.

އަލީނާ ރޭގަނޑު ކެއުމަށްފަހު ކޮޓަރިއަށް ވަންއިރުވެސް ހުރީ ކަޅުހެދުން ލައިގެން، ސްކާފެއް އަޅައިގެންނެވެ. ދާވިޝްގެ ނަޒަރުން ސަލާމަތް ވާން އެނޫން ގޮތެއް ނޯންނާނެކަން އަލީނާ ދަނެއެވެ. ދާވިޝްގެ އެ ބެލުމުގައި ސަމާސާ ގޮތެއް ހުއްޓަސް އަލީނާ އިތުބާރެއް ނުކުރެއެވެ. އަމިއްލަ އާއިލާ އާއި މެދުވެސް ޔަގީންކަން ނޯންނަ ކުއްޖަކަށް ހިލޭ މީހަކަށް އިތުބާރު ކުރެވިދާނެ ހެއްޔެވެ؟ އަލީނާ ކޮޓަރިއަށް ވަދެ ކޮޓަރީ ގައިވާހާ އުށްބައްތިއެއް ދިއްލާލައިފިއެވެ. ރޭވެސް ޒެވިޔަންއަށް ނާދެވުނީމަ މިރޭ ދިމާވާނެ ކަމުގެ ޔަގީންކަން އޮތުމުން ތަންކޮޅެއް މާހައުލު ހިތްގައިމު ކޮށްލަން އަލީނާ ހިތް ބޭނުންވީއެވެ. އަލީނާ އެދުވަހު ހަވީރު ގަސްތަކުން ބިނދެލި އަދަދުނުކުރެވޭހާ ގިނަ ފިނިފެންމާތައް ހުދު ބެޑްޝީޓް މައްޗަށް އަޅާފައި ބޮޑެތި ހުދު އުށްބައްތިތައް ދިއްލައިލުމުން ކޮޓަރީގައި ހިޔަނިތައް ނަށަންފެށިއެވެ.

"ހާދަ ރީއްޗޭ....." އަލީނާ ތައުރީފުގެ ނަޒަރަކުން ކޮޓަރިއަށް ބަލައިލުމަށްފަހު ކަބަޑް ހުޅުވާލާފައި މިރޭ ލާންވީ ހެދުމަކާއި މެދު ވިސްނާލައިފިއެވެ. ހުދުކުލައިގެ ލޭސް ނައިޓީ ވަރަށް ހިތްގައިމެވެ. އެކަމަކު ހާދަ ކުރެވެ. އެ އޮންނަނީވެސް ކުރު ސޯޓް ކޮޅަކާއި އެކުގައެވެ. ހެދުން ބަދަލު ނުކުރެވިގެން އުޅެނިކޮށް ޒެވިޔަން ކޮޓަރިއަށް ވަނުމުން އަލީނާ ހައިރާންވިއެވެ. މިރޭ ޒެވިޔަން މިއައީ ހާދަ އަވަހަކަށެވެ.

"ޒާވް، ރީތިތަ؟ ރެޑް ރޯޒެސް ފެނުނީމަ ޒާވް މަތިން ހަނދާންވި ވަރުން ގޮސް..." އަލީނާގެ ހިތުގެތެޅުން އިތުރުވިއެވެ. އޭނަ އަލަމާރި ލައްޕާލާފައި އައިސް އުށްބައްތީގެ ހުޅުކޮޅާއި ކުޅެން ފެށިއެވެ. އުށްބައްތީގެ އަލީގެ ސަބަބުންނާއި ލަދުވެތިކަމުން އެ މޫނަށް ވެރިވެފައިވާ ރީތި ކުލައިން އަލީނާ ހީވަނީ ޕަރީއެއް ހެންނެވެ. 

"ރިއަލީ؟ އެކަމަކު މި ރޯޒް އާއި އުށްބައްތީގެ ރީތިކަމަށްވެސް އެލީ އަކާއި ވާދައެއް ނުކުރެވޭ، މިހެންބުނީމަ އަދި ބްލަޝް ވާވަރެއް ބަލައިބަލަ...." ޒެވިޔަން މޭޒުމަތީގައި ދެއަތް ވިއްދާލަމުން ދަތްދޮޅި އަޅުވާލާފައި އަލީނާގެ މޫނަށް ބަލަން ފެށިއެވެ. އަލީނާ ޒެވިޔަންގެ ލޮލުގައި އަތްއަޅަމުން އެހާވަރަށް ބަލާކަށް ނުވާނެޔޭ ބުނެލައިފިއެވެ. ކުއްލި އަކަށް އަލީނާއަށް ހަޅޭއްލަވައި ގަނެވުނީ ސްކާފްގައި ހުޅުހިފިތަން ފެނުމުންނެވެ. ޒެވިޔަން ސިހިފައި އަލީނާ އާއި ދިމާލަށް ބަލައިލެވިއްޖެއެވެ. ޒެވިޔަންއަށް ބޭއިޚުތިޔާރުގައި ވައަތުން ހުޅުހިފާފައިވާ ތަނުގައި ހިފުނެވެ. އަނެއް އަތުން ސްކާފް ދަމައިގެންފިއެވެ. ނަސީބަކުން ހުޅު ހިފީ ކުޑަކޮށް ކަމަށްވާތީ އަލީނާ އަކަށް ގެއްލުމެއް ނުވިއެވެ. އެކަމަކު ޒެވިޔަންގެ އަތް ފިހިފައިވާތަން ފެނުމުން އަލީނާއަށް ހިފެހެއްޓުމެއްނެތި ރޮވިއްޖެއެވެ. އޭނަ މާފަށް އެދުނެވެ. އޭނަ ތުއިވާން ހަދައިގެން ޒެވިޔަންއަށް އެލިބުނީ ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ؟

"ނުރޮއި ބޭބީގާލް، އެލީގެ ފޯލްޓެއްނޫން، އެހާބޮޑު ކަމެއް ނުވިއެއްނު، އެލީއަށް ގެއްލުމެއްނުވެ ސަލާމަތްވީމަ އަހަރެން ވަރަށް ބޮޑަށް ހިތްހަމަޖެހިއްޖެ...." ޒެވިޔަން އަލީނާގެ މޫނުގައި ބޮސްދިނެވެ. ޒެވިޔަން އަތުގައި ބޭސްލައިގެން ދެމީހުން ފިނިފެންމާ ފިޔަމަތީގައި އޮށޯވެލައިގެން ވާހަކަދައްކާލަން އެތައް ދަމެއްވާންދެން ތިއްބެވެ. އެކަނި ވާހަކަ ދައްކައި ލެވުމުންވެސް ދެހިތަށް ލިބުނީ އިންތިހާ ދަރަޖައިގެ ހިތްހަމަޖެހުމެކެވެ. އެންމެ ފަހުން ޒެވިޔަންއަށް ނިދުނީވެސް އަލީނާގެ ގާތުގައި އޮވެއެވެ.

ހެނދުނު ޒެވިޔަން ފެނުމާއި އެކު ރިޔާގެ ސުވާލުތައް ވެސް ކުރިމަތިވިއެވެ. ޒެވިޔަން ބުނީ ހެދުމުގައި ރޯވުމުން ނިވާލަން އުޅުމުގެ ތެރޭގައި އަތް ފިހުނީ ކަމަށެވެ. ރިޔާ ހުރީ ޝައްކެއްގެ މަތީގައެވެ. ރޭ ޒެވިޔަން ކޮޓަރިއަށް ނިދަން ނައީތީވެސް ރިޔާ ހުރީ ރުޅިގަދަވެފައެވެ. ނަމަވެސް އޭނަ އެދުވަހު އެހެނޭ ކިޔާފައި ޝަކުވާއެއް ނުކުރެއެވެ. ނަމަވެސް ރިޔާ ގިނަފަހަރު ވިސްނުމަކަށް ގެއްލި ރޮވިފައި އިންނަތަން ފެނުމުން ޒެވިޔަންގެ ހިތުގައިވާ ހަމްދަރުދީ އެތައް ގުނަ އިތުރުވެގެން ދިޔައެވެ. އެކަނި އަލީނާ ދެކެ ލޯބިވުމަކީ އިންސާފެއް ބާވައެވެ. ރިޔާގެ ހިތުގައިވާ ޝައްކުތައް ވެސް ފިލުވައި ލެވޭނީ އޭނަ އިންސާފުން ކަންތައް ކޮށްގެންނެވެ. އޭރުން ފަހަރެއްގައި ރިޔާ ވެސް އަލީނާ އާއި ރުހިދާނެއެވެ.
ޒެވިޔަން އޯޑަރުކޮށްގެން ހިތެއްގެ ސިފައިގައިވާ ޗޮކެލްޓް ކޭކެއް ގެނުވިއެވެ. ޒެވިޔަން ބަގީޗާގެ ތެރޭގައި ކުޑަ ބިއްލޫރި މޭޒެއްގެ މަތީގައި ކޭކު ބަހައްޓާފައި ރިޔާ ގޮވައިގެން އެތަނަށް ދިޔުމުން ރިޔާއަށް ލިބުނު ބޮޑު ސަޕްރައިޒަކަށް ވިއެވެ.

"ތެންކިއު ހަނީ......" ރިޔާ ޒެވިޔަންގެ ގައިގައި ބައްދައިލުމުން ޒެވިޔަން ކޭކުން އެތިކޮޅެއް ކަނޑާލައިފައި ރިޔާގެ އަނގައިގައި ލެއްވިއެވެ. ދެމީހުން ސަމާސާ މޫޑެއްގައި ތިބެ ކޭކު ކާން ފެށިތަނާހެން އަލީނާއަށް އާދެވުނީ އިއްތިފާގަކުންނެވެ. ނަމަވެސް ރިޔާގެ ހިތުގައި ޝައްކުތަކެއް ހިނގައި، މޫނު ބަނަވިގޮތުން ހީވީ ހަނދަށް ވިލާކޮޅެއް އެޅުނުހެންނެވެ. ޒެވިޔަން ދަޢުވަތު ނުދޭނަމަ އެކުއްޖާއަށް މިގޮތަށް އެތަނަށް އަންނާކަށް ނުވެސް ކެރޭނެކަމަށް ރިޔާ ގަބޫލުކުރިއެވެ. ރިޔާމެން ފެނުމުން އަލީނާ އަނބުރާލައިފައި ގަސްތަކުގެ ތެރެއަށް ވަންނަން އުޅެނިކޮށް ރިޔާ އަލީނާއަށް ގޮވާ ގާތަށް ގެނައެވެ. އަދި ބަލާކަށް ނުހުރެ އަލީނާގެ މޫނުގައި ކޭކު އުގުޅައިފިއެވެ.

"ރިޔާ، އެކަމަކު ތިކުރީ ކީއްތަ؟" އަލީނާ ރަކިވެގެން އަނގަޔަށް ގޮތެއް ހަދާލިއެވެ.
"އަދި ސުވާލު ކުރަން އަނގަ ހުޅުވާލަން ކެރިއްޖެތަ؟ ލަދެއްނެތް އަންހެނެއް، ކަޅު ހެދުން އަޅައިގެން މީހުން އިމްޕްރެސް ކުރަން އުޅޭއިރު ހީވަނީ ކުޑަ ހަންޑިގަނޑެއްހެން....." ރިޔާ ހަޅޭއްލަވައި ގަތެވެ. ދެވަނަ ސިކުންތު ކޮޅުގައި އަލީނާ ބޮޑު ކޭކުގަނޑެއް ނެގިގޮތަށް ރިޔާގެ މޫނުގައި ކާއްތާލައިފިއެވެ. އަލީނާގެ އެ އަމަލު ރިޔާއަށް ސިފަކުރެވުނީ އަޚުލާގެއް ނެތް، އެންމެ ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައެވެ. މެއިޑަކު ގޭގެ ރާނީއެއްގެ ގަޔަށް އަތްލާން ކެރުނީ ހެއްޔެވެ؟ ޒެވިޔަން އަށް ދެކުދިން ކޭކުން ތަޅާފޮޅައިގަތް މަންޒަރު ފެނުމުން މަޖާވެ، ކިޔާނެ އެއްޗެއްވެސް ނޭގިފައި ހުރެ ހޭންފެށިއެވެ. ޒެވިޔަން އަލީނާ އާއި ދިމާލަށް އެއްޗެކޭ ނުބުނެ ހޭތަން ފެނުމުން ރިޔާ ރުޅިގަދަވެ، މޮޔަވާވަރުވިއެވެ. ތުން އުލެއް ހަދައިގެން ހުރެ އަލީނާ އާއި ދިމާލަށް ފުންމައިގެން ދިޔައީ ކުޑަ ސިންގާއެއް ހެންނެވެ. ޒެވިޔަން ރިޔާގެ ގައިގައި ހިފެހެއްޓިއެވެ.

"އިނަފް ނައު، ދެން މާ މައްޗަށް ދާތަން ބަލަން މަވެސް މަޑަކުން ނުހުންނާނަން..." ޒެވިޔަން ގެ އެކަތައިގެ ބާރުއެކުލެވޭ ދެއަތުގެ ތެރޭގައި ހައްޔަރުވި ގޮތަކުން ހިރިވެސް ނުލެވުމުން ރިޔާ ގެ ލޮލަށް ކަރުނަ އައެވެ. ރިޔާ ބޭނުންވަނީ އަލީނާގެ އިސްތަށިގަނޑު ކުދިކުދިކޮށް ކޮށައިލުމަށްފަހު ރޭޒަރަކުން ބާލާ އޮމާންކޮށްލުމަށް ކަމަށް ބުނެ ރުޔެވެ. އަލީނާ އެ އިސްތަށިގަނޑުގެ ޖާދޫގައި ޒެވިޔަން ޖައްސަން އުޅޭކަން ރިޔާ ދަނެއެވެ. އަލީނާވެސް ދުވަމުން ގޮސް ފެންޑާގެ ފަތްތަރުމަތިން އަރައިގެން ގޮސް ނިވާވުމުން ރިޔާ ޒެވިޔަންގެ އަތުގައި ދަތްއެޅިއެވެ.

"އައުޗް، ތި ދަތްތައް އުފުރާލާނަން ޓޫތު ފެއަރީ ލައްވާ....." ޒެވިޔަން ގެ އަތުން ލޭ ހިލިފައި ހުރިތަން ފެނުމުން ރިޔާގެ ހިތުގައި ޖެހި ވަގުތުން ރުޅިފިނިވެއްޖެއެވެ. ޒެވިޔަންވެސް ރިޔާގެ އަތުން ދޫކޮށްލާފައި ބެންޗުގައި އެއްފައި ދަމާލައިގެން އިށީނީ މޮޑެލްއެއް ހެންނެވެ. ފަޔަށް ޖިންސް ހިފާލާފައިވާ ގޮތުން ފައިގެ ރީތި ބައްޓަން ވަނީ ހާމަޔަށެވެ. އެ ރީތިކަން ފެނުމުން ރިޔާގެ ހިތް ދީވާނާވާގޮތް ވިއެވެ. އުމުރަށް ބަލަހައްޓައިގެން ހުއްޓަސް ފޫއްސެއް ނުވާނެއެވެ. އެކަމަކު އޭނަގެ މި ރީތި ފިރިމީހާ އަކީ އަމިއްލަ މިލްކެއްކަމަށް އިހުސާސެއް ނުކުރެވެއެވެ. 

"ޒެވިޔާ އޭނަގެ ސައިޑް ނެގީ، ނަމެއްގައި މަށަށް ދޭންގެނައި ކޭކެއް އެކަމަކު އެ ވިޗަށް އިންވައިޓްނުކޮށް ނުހުރެވުނު، އޭނަ މަގޭގަޔަށް އަތްލިއިރުވެސް ޒެވިޔާ ހުރީ ހީހީފައި ކުޅިވަރުދެކެން. އެންޖޯއި ކުރަން......" ރިޔާ އެތާހުރި އިސްކުރަކުން މޫނު ދޮވެލާފައި، ޓިޝޫއަކުން ފެންފޮހެލިއެވެ. ފުރަތަމަ ފެށީ ރިޔާ ކަމަށް ބުނަން އުޅެފައިވެސް ރިޔާގެ ހިތުގައި ނުޖައްސަންވެގެން ޒެވިޔަން އެވާހަކަ ހުއްޓާލައިފާ ކޭކުގެ ބާކީ އިންބައިން އެތިކޮޅެއް ކާލިއެވެ. ރިޔާވެސް ދެރަވެފައި ހުރިވަރުން ޒުވާބު ކުރަން ނަހަދައި، ކޭކު ކެއުމުގައި ބައިވެރިވިއެވެ. ޒެވިޔަންގެ އަތުގައި ދަތްއެޅުނީތީ އެއަތްތިލައިގައި ބޮސްދީފައި މާފަށްވެސް އެދުނެވެ. ރުޅިގަދަވާ ވަގުތު އޭނައަށް ވާނުވާ ނޭގެނީ ކަމަށާއި އެކަމާއި ދެރަވާކަމަށް ރިޔާ ބުނީ ރޮވިފައި އިނދެއެވެ. އެ ކުޑަ ހަނގުރާމަ ހަނދާން ނައްތާލި ނަމަވެސް ރިޔާ އޭރު ވިސްނަމުން ދިޔައީ އެހެން ކަމަކާއިއެވެ. ޒެވިޔަން އާއި އަލީނާ ވަކިނުކުރުވާ އުޅެންވެއްޖެއްޔާ އޭނަގެ ލޭގެ ޕްރެޝަރ މަތިވާން ފަށާފާނެއެވެ. ރިޔާއަކަށް އެއްގޮތަކަށްވެސް އެ ކުޑަ ހަންޑި އާއި ޒެވިޔަން ގުޅިގެން އުޅޭތަން ބަލައިލަން ކެތެއް ނުކުރެވެއެވެ. ކިތަންމެ ބޮޑު ވޭނަށް ކެތްކޮށްގެންވެސް އޭނަ ޖެހޭނީ ޒެވިޔަން ގެ ބޭނުންތައް ފުރިހަމަކޮށްދިނުމެވެ. އެފަދަ ގުރުބާނީއެއް ނުވެ އޭނައަކަށް ޒެވިޔަން ހިފަހައްޓައެއް ނުލެވޭނެއެވެ. ރިޔާ ދެކޭގޮތުން ޒެވިޔަން އަލީނާގެ ކައިރިއަށް ދިޔުމުގައި ވަނީ އެންމެ މަގުސަދެކެވެ.

ޖިލާގެ ދިރިއުޅުން ހަމަޔަކަށް އެޅެން ފެށުމާއިއެކު އޭނަ މިހާރު ފެންނަނީ އުފާވެރި، ގެވެހި އަންހެންކުއްޖެއްގެ ގޮތުގައެވެ. ކުރީގައި ހުންނަ ސީރިޔަސް ގޮތްގަނޑު ކެނޑި އަބަދު ސަމާސާކޮށް، ހީ އުޅޭތަންވެސް ފެނުމަކީ އާއްމުކަމެކެވެ. ބަދިގެއަށް ވަދެ އާއިޒުއަށް މީރުވާނެހެން ހީވާ އެއްޗެހި ކެއްކުމުގައިވެސް ވަގުތު ހޭދަކުރާލެއް ގިނަވާން ފެށިއެވެ. ޖިލާ ބޭނުންވަނީ މުޅިންވެސް އޭނަގެ އަތުން ކައްކާ އެއްޗެހި އާއިޒުއަށް ކާން ދިނުމެވެ. އާއިޒުގެ ހެދުންތައް ދޮވެ، އިސްތިރި ކޮށްދިނުމުން ވެސް ޖިލާގެ ހިތަށް ނޭގޭފަދަ ފޮނި އިހުސާސެއް ކުރުވައެވެ. ހެނދުނު އާއިޒު ތެދުވާއިރަށް ބެޑް ކޮފީ ގެނެސްދީފައި، އަތުން ލައްވާ ކާންދޭންވެސް ޖިލާ ބޭނުންވެއެވެ. އާއިޒުވެސް ހުންނަނީ ހައިރާންވެފައެވެ. ނަމަވެސް ލޯބިވެއްޖެއްޔާ ކިތަންމެ މުއްސަދި އަންހެންކުއްޖަކު ވެސް މިހާ ޚިދުމަތްތެރި ވަނީ ކަންނޭގެ އެވެ. އެހެންނޫންނަމަ ހުރިހާކަމެއް ކުރަން ނޯކަރުން ގެންގުޅެވޭ ފެންވަރުގެ ކުދިން ދެއަތް އުރާލައިގެން ތިއްބަސް މައްސަލައެއް ނޫނެވެ. 

ހޫނު މޫސުމް ފެށެން އުޅުނަސް ދޭތެރެއަކުން އަދިވެސް ފަޒާ ފިނިވެލައެވެ. ގަސްތަކުގެ ގޮފިތައް ވަޔާއި ހެލެމުން ދާއިރު އަޅުވަމުންދާ ނާނާގެ ސަބަބުންވެސް އަރާމުކަމެއް ލިބޭހާވެއެވެ. ޖިލާ ބޮލާއި އެކު ސްކާފް އަޅާލައިގެން އޮރެންޖެއް ގެ ތޮށި ނޮޅަމުން ބޭރަށް ނިކުތްއިރު އަލީނާ ހުރީ މެގްނޯލިއާ ގަހުގައި އަޅުވާލާފައިވާ ކެނެރީ ކޮށި ކައިރީގައެވެ. އަލީނާ ކެނެރީއަށް ކާންދޭތަން ފެނުމުން ޖިލާގެ ހިތަށް ހީވީ ފެން އެއްޗެއް އޮއްސާލި ހެންނެވެ. އެގޮތަށް އާއިޒު ގެންގުޅޭ ދޫންޏަކާއި އަޅައިގެން އަލީނާ އުޅެނީ އޭނަ އާއިޒު އާއި ހިތާވަނީ ބާވައެވެ. ޖިލާގެ ބުމަގޮށްޖެހުނެވެ. އޭނަ ވައިރޯޅިއެއްހާ ބާރުމިނުގައި އެތަނަށް ގޮސްފައި އަލީނާ ގެ ގާތުގައި ހުއްޓުނެވެ.

"އެކްސްކިއުޒް މީ، އަހަރެން މިއައީ ކެނެރީއަށް ކާންދޭން، ޖެކް އާފަލެއް ނުކާނެ..." ޖިލާ ހިނިތުންވުމެއް ނެތި ބުނެލައިފިއެވެ. ޖިލާ އެހެން ބުންޏަސް، ކެނެރީ އެއިނީ ނުލާހިކު ހިތްހަމަޖެހިގެން ލަވަޖަހަ ޖަހާފައި، އާފަލުކޮޅު ކެއުމުގެ ފޯރީގައެވެ. އަލީނާ ރަކިވިވަރުން އަނގަޔަށް ގޮތެއް ހަދާލުމާއިއެކު ކުޑަކޮށް ފެންކަޅިވިހެން ވެސް ޖިލާއަށް ހީވިއެވެ. އެ ބޯ އެސްފިޔަތައް ތިރިކޮށްލިގޮތުން މޮޅިވެރިވިކަން އެނގުނެވެ. އަލީނާ އިތުރު އެއްޗެކޭ ނުބުނެ އިސްއޮބާލައިގެން ހުރެ، ހިނގައިގަތް ގޮތަކުން ޖިލާއަށް ފެނުނީ ނިކަމެތި ކުޑަކުއްޖެއްގެ ގޮތުގައެވެ. ޖިލާގެ ހިތަށް ނުބައި ގޮތެއް ވިއެވެ. ފަގީރުކުއްޖަކާއި މެދު އެކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަމުގެ އިހުސާސް ކުރެވި، އުނދަގޫ ތަކެއްވެ، ބަލަހައްޓައިގެން އިނދެވުނީ ހިލައިގެ ބުދެއްހެންނެވެ. އެވަރުގެ ކުޑަ އުފަލަކުންވެސް އޭނަ އަލީނާ މަހުރޫމް ކުރުވައިފިއެވެ. ޖިލާ އަލީނާއަށް ގޮވައިލަން އުޅެފައިވެސް އެހިތްވަރެއް ނުކުރެވުނެވެ. 

ޖިލާ އިރުކޮޅަކުން އެ ޚިޔާލުތައް އެއްފަރާތް ކޮށްލައިފައި، ލަވްބާޑަށް ކާންދޭން ވެގެން ކޮށީގެ ތެރެއަށް އަތް ބޭނުމާއިއެކު އެކަތި ބާރަކަށް ޖިލާގެ އަތުގައި ދަތް އަޅައިގަނެ ލޭ އަރުވާލައިފިއެވެ. ޖިލާ އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ. މިނިޓެއްގެ ތެރޭގައި އާއިޒު އެތަނަށް އައި އިރު އެ ރީތި ދެލޮލުން ނުތަނަވަސްކަން ފެނުނެވެ.

"ވަޓް ހެޕެންޑް ބޭބީ..." އާއިޒު އައިގޮތަށް ޖިލާ ގެނެސް މޭގައި ޖައްސާލާފައި މޫނުގައި ބޮސްދިނެވެ. އާއިޒު ގެ އެ ލޯބި ފެނުމުން ޖިލާ ވަކިންބޮޑަށް ޅަވާހިތްވިއެވެ.
"ބަލާބަލަ، މި ދޫނިގަނޑު ޖިލީ އާއި ތޮޅެނީ...." ޖިލާ އިނގިލި ދައްކާލަމުން އެހެން ބުނެލި ގޮތަކުން އާއިޒުއަށް ވެސް މަޖާވިއެވެ. އޭނަ ދޫނިތަކާއި އެކުވެރިވާން މަސައްކަތް ކުރުމުން މިލިބުނީ ލަނޑެކެވެ. ޖިލާގެ ހިތުގައި ލަވް ބާޑް ބިރުވެރިކަމެއް އުފެއްދި ނަމަވެސް ޖިލާ ހުރީ ދެން ލަވް ބާޑްތަކާއި ކުޅެ، އެކުވެރިވާން ނިންމައިގެންނެވެ. އާއިޒުގެ ކޮންމެކަމަކާއި ގަޔާވެގެން ޖިލާ އުޅުނީމަ އެހިތާއި ހަމަޔަށް ވާސިލުވާން ފަސޭހަވާނެއެވެ. އޭނަ އެހާ ފޫހިވާ އެއްޗަކާއިވެސް ގުޅުނީ އާއިޒުއަށް ޓަކައި ކަން އެނގުމުން އާއިޒު އެކަން ބަލައިގަންނާނެއެވެ.

އާއިޒު ޖިލާ ގެން ގޮސް ބެންޗުގައި ބައިންދާފައި ބޭންޑްއެއިޑް ކޮޅެއް އަޅާލަދިނެވެ. އެއަށްފަހު ޖިލާގެ އުނގުގައި ބޯއަޅާލައިގެން އާއިޒު އޮށޯވެއްޖެއެވެ. ޖިލާ އާއިޒުގެ އިސްތަށިގަނޑާއި ކުޅެން ފެށުމުން ލިބުނު އަރާމަކުން ނިދިއަންނަގޮތްވެ ލޯ މަރައިލެވުނެވެ. ޖިލާ އެކި ވާހަކަތައް ދައްކަމުންގޮސް ކުއްލިއަކަށް އަލީނާގެ މަތިން ހަނދާންވިއެވެ. ޖިލާ އާއިޒު ގާތުގައި ހަގީގަތް ކިޔައިދިނީ ކުޑަކޮށް ޖެހިލުންވެ، ކުށްވެރިވެފައި އިނދެގެންނެވެ. އޭނައަށް އަލީނާ އާއި އެގޮތަށް ވާހަކަދެއްކުމުން ދެރަވެއްޖެ ކަމަށާއި، ކެނެރީ އާފަލު ނުކާނެ ކަމަށް ބުނެ ދޮގުހެދުނީމަވެސް ހިތްހަމަނުޖެހޭކަމަށް ޖިލާ ބުންޏެވެ. އަދި މިގޭތެރޭގައި އެންމެން އަލީނާ އާއި މެދު ބޭއިންސާފުން ކަންތައް ކުރާ ވާހަކަ ދެއްކި އިރު ޖިލާގެ ހިތަށް އަސަރުކޮށްފައި ވެއެވެ.

"ނޭގޭ، އެފަހުން ހިތަށް ހަމަޖެހުމެއް ނުލިބޭ...." ޖިލާ އެއްބަސްވިއެވެ.
"ތައުބާވީމަ ހިތަށް ހަމަޖެހުން ލިބިދާނެ، ދެން ކިތަންމެ އާދައިގެ މީހަކަށްވެސް ދެރަގޮތެއް ނަހަދަން ހިތުން ނިންމީމަ އޯކޭވާނެ، ޖިލީ ތިހާ ރިލިޖަސް އިރު އެބައި ނުހުރޭތަ ބޭބީ، އަހަންނަކަށް ދީނަކަށް ނޫޅެވޭ އެކަމަކު ދުވަހަކުވެސް އާދައިގެ މީހަކު ދެރަވާފަދަކަމެއް އަދި ނުކުރަން، އެކަމަކު މަގޭ އެންޖެލް ގެ ހިތް ފުށްކޮޅަކަށް ވުރެ މަޑުވާން ޖެހޭނެ، އަނެއްކާ ދޮގުހެދުމަކީ ގޯސްކަމެކޭ ޖިލީ، ސަމާސާ އަކަށް ވެސް ދޮގެއް ނަހަދަބަލަ ބޭބީ..." އާއިޒުގެ އެ ވާހަކަތަކުން ޖިލާގެ ހިތަށް އަސަރުކޮށްގެން ތައުބާވާނެ ކަމަށް ބުންޏެވެ. އާއިޒު ހީލަމުން ޖިލާގެ ކޯތާފަތުގައި ބާރަކަށް ހިފާލައިފިއެވެ. އެވަގުތު އެ ފުންދެލޮލުގެ ތޫނުކަމުގެތެރެއަށް ގެނބެން ޖިލާ ބޭނުންވިއެވެ. ޖިލާ ގުދުވެ އާއިޒުގެ ދެލޮލުގައި ބޮސްދިނެވެ. އެ ބަރު އެސްފިޔަތައް ތުންފަތުގައި ޖެހުމުންވެސް ކުރެވުނީ ތަފާތު އިހުސާސެކެވެ.

"އާޗް، އައި ލަވް ޔޫ އެންޖެލް، މީހަކަށް ނުލިބޭނެ ތިހާ ރަނގަޅު ހަޒްބެންޑެއް، އަހަރެންހާ ލަކީ ކުއްޖެއް ނުވާނެ ދުނިޔެއަކު..." ޖިލާ އާއިޒުގެ އިސްތަށިގަނޑު ހާވާލަމުން ކުދި ގޯނާތައް ކުރަންފެށިއެވެ. ގަމީހުގެ ގޮށްތައްވެސް ނައްޓާލައިފިއެވެ.
"އާޗް ކިޔުމަށްވުރެ ޑެވިލް ކިޔަސް މާ ރީތިވާނެ، ހޫމް ލަވް، ޕަބްލިކް ތަންތާ މުޅިން މަނާކަމެއް ތިކުރަނީ...." އާއިޒު ސަމާސާ ގޮތަކަށް ޖިލާގެ ދެއަތުގައި ހިފެހެއްޓިއެވެ. ދެމީހުން ސަކަރާތް ޖަހަމުން ގޮސް ވިނަގަނޑު މައްޗަށް ވެއްޓި ގަނެވުނު އިރު ޖިލާގެ ހަށިގަނޑު ވަނީ ވިނަގަނޑާއި އާއިޒު އާއި ދެމެދު ފިތިފައެވެ. އާއިޒު ގެ އަތުތެރޭގައި ޖިލާގެ އަތްތިލަވެސް ހައްޔަރުވިއެވެ. ޖިލާ ހޭންފެށިއެވެ. އެގާތްކަމުން ދެހިތުގެ ވިންދުވެސް ބާރުވެލިއެވެ. ނަމަވެސް އާއިޒު އެއްގޮތަކަށް ވެސް މިތިބެވުނުތަން ހަނދާން ނައްތައެއްނުލައެވެ. މީހަކު އައިސްދާނެ ކަމާއި މެދުވެސް ވިސްނިއެވެ. އޭނަ އެވާހަކަ ބުނެފައި ތެދުވާން އުޅުނުތަނުން ސިއްސައިގެން ދިޔައީ ސީމާގެ ބާރު އަޑުއިވުމުންނެވެ.

"ދެން ޖިލް ބުނާހެން އާއިޒު ހަމަ ތަނެއް ތަނެއް ނޯންނަނީ ދޯ، ހުރިހާ ލަދެއް ގަންނަނީ އަހަރެމެން...." ސީމާ އެހެން ބުނުމުން އާއިޒު ތެދުވެ އަވަހަށް ގަމީހުގެ ގޮށްތައް އަޅުވަން ފެށިއިރު މޫނުވަނީ ރަތްވެފައެވެ. ހަގީގަތުގައި އޭނަ މިފަދަ ތަނެއްގައި ލޯބީގެ އަމަލެއް ހިންގާކަށް ނޫޅެއެވެ. ހަމަ ސަކަރާތެއް ޖަހައިލީއެވެ. ޖިލާގެ ލޮލަށް ވަގުތުން ކަރުނަ އައެވެ. މަންމަ އެގޮތަށް އާއިޒު އާއި ވާހަކަދެއްކުމުން އާއިޒު ވެސް މާޒީ ހަދާންވެ، އޭނަ އާއި މެދު ހިތްބުރަ ކުރުން ނޫންކަމެއް ނުވާނެއެވެ. މުޅި އާއިލާގައި ވެސް އާއިޒު ބަދުނާމު ކުރީ އޭނަ އަމިއްލައަށެވެ. ހިތަށް ލިބުނު މޮޅިވެރިކަމެއްގެ ސަބަބުން ޖިލާ އެއްޗެކޭ ބުނަން އުޅުމުންވެސް ވާހަކައެއް ނުދެއްކުނެވެ. ތުންފަތް ތުރުތުރު އަޅަންފެށިއެވެ. އާއިޒު ދިފާއުވުމުގެ ގޮތުން އެއްވެސް އެއްޗެކޭ ބުނުމެއް ނެތި ބާރުބާރަށް ހިނގާލައިފައި ގޮސް ގެއަށް ވަދެއްޖެއެވެ. 

މައިމޫން މެން ލަންޑަނުން ދުރުވީ މިފަހަރު ކުދިންނަށް އަންގަވާނުލައްވައި، ސަޕްރައިޒެއް ދިނުމަށެވެ. ރިޔާއަށް ދޭން ސީމާ ގެނައީ ވަރަށް ރީތި ހެދުމެކެވެ. ރިޔާމެން ހިތް އެދޭފަދަ ކޮންމެ އެއްޗެއް އެމެރިކާއިން ލިބެންހުއްޓަސް މަންމަމެން ލަންޑަންގެ ހެރޯޑްސްފަދަ ތަންތަނުން ގެނެސްދޭ ސްޓައިލިޝް ހެދުންތަކާއިވެސް ރުހެވެއެވެ. ޚާއްސަ މީހުން ދޭއެއްޗެހި އަބަދުވެސް ޚާއްސަ ކުރެވެއެވެ. ޒީބާމެން ބޮޑުކޮޓަރީގައި ފޮށިތައް ހުޅުވާލައިގެން ތިބެ ހަދިޔާ ތައް ދެމުން ދިޔައިރު އެތަނުގައި މަދީ ޖިލާ އާއި އާއިޒު އެވެ.

"އާއިޒުމެން ދިޔައީ ކޮންތަނަކަށްތަ؟ މޫސުމް ވެސް ގޯސްވާން ފަށައިފި...." ޒީބާ ޒެވިޔަން ގާތުން އަހާލައިފިއެވެ.
"މަންމަމެން ރޫމަށް ވަންތަނުން ބޭރަށް ދިޔައީ، މަންމަމެންނާއި އާއިޒު ދިމަލެއް ނުވޭތަ؟" ޒެވިޔަން އިނީ ރިޔާގެ ގާތުގައެވެ. ރިޔާ އިނީ ޒެވިޔަންގެ ގަޔަށް ލެނގިލައިގެންނެވެ. ޒެވިޔަންވެސް ރިޔާގެ ގައިގައި ހިފަހައްޓާލައިގެން އިންއިރު އެދޭތެރޭގައި ގިނަފަހަރު ވަނީ ކިހާވަރެއްގެ ހަމަނުޖެހުމެއްކަން އެހެން މީހަކަށް އިހުސާސެއްވެސް ނުކުރެވޭނެއެވެ. އެހާވެސް ލޯބިން އުޅޭ ދެމަފިރިންނެވެ. ޒީބާ އާއިޒުއަށް ގުޅަން މަސައްކަތް ކުރި އިރު ފޯނު އޮތީ ނިވާލާފައެވެ. ފަހަރެއްގައި އާއިޒު އެފްބީއައި މިޝަންއެއްގައި އުޅެނީކަމަށް ވެދާނެއެވެ.

ހަވީރުވާން އުޅެނިކޮށް ކަޅު ބޮޑެތި ވިލާތަކުން އުޑު ބައްދާލާފައި ވާރޭ އޮއްސައިގަތެވެ. އެވަރުގަދަ ތޫފާން އައި އިރު އެގޭ އެންމެންހެން ތިބީ ބޮޑުކޮޓަރީގައެވެ. އަންނަ ބާރުވައިރޯޅި އާއި އެކީގައި ދޮރު ކައިރީގައި ހުންނަ އޯކް ގަސް ލެނބިގެން އަންނަ ގޮތަށް ދޮރުގައި ޖެހިގަންނަ އަޑުފަށްގަނޑުވެސް އިވިލަނީ ބިރުވެރި ގޮތަކަށެވެ. ފުރާޅުވެސް އިރުއިރުކޮޅާ ނަގާފައި ޖަހާލާހެން ހީވެއެވެ. އެހާ ވިއްސާރައިރު އާއިޒުގެ ޚަބަރެއް ނުވުމުން އެންމެންވެސް ތިބީ ފިކުރު ބޮޑުވެފައެވެ. ޖިލާ އިނީ ސޯފާއަކަށް އަރައި ކަކޫމޭގައި ޖައްސާލައި ގެންނެވެ. ޓޯނޭޑޯއެއް އައި ވާހަކައެއްވެސް ޚަބަރުން ކިޔާލައިފިއެވެ. އެންމެ ފަހުން ޖިލާ ރޯންފެށިއެވެ. ޖިލާގެ ކަރުނަތައް ހުއްޓުވުމަކީ އެކަކަށްވެސް ކުރެވުނު ކަމަކަށް ނުވިއެވެ.

"ކަމެއް ދިމާނުވާނަމަ އާޗް ފޯނު ނިވާލައިގެނެއް ނޫޅޭނެ...." ޖިލާ ރޮމުން ބުންޏެވެ. ދެލޯ ހީވަނީ ދުޅަވެގެން ގޮސް އެހެންފަދަ ކަމެއްހެންނެވެ. ޒީބާ ފަދަ ހިތްވަރުގަދަ އަންހެނަކަށް ވިޔަސް މިފަދަ ހާދިސާއެއް ހިނގުމުން ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. ޒީބާގެ ލޮލުންވެސް ފާއްދާލި ކަރުނަތައް އެސްފިޔަތަކުގައި މުތީފަދައިން ވިދަންފެށިއެވެ.

ކޮމެންޓް 0