ދެޓްސް ކިއުޓް ރިޔާ....." ޒެވިޔަންގެ ބެލުމުގައި ވަނީ ޖެއްސުން ކުރާފަދަ ގޮތެކެވެ. ޒެވިޔަން އެނބުރިލި ގޮތުން ރިޔާ ހީކުރީ އޭނަގެ މޫނު މައްޗަށް އެތިފަހަރެއް ވީއްލައިލާނެ ކަމަށެވެ. ސަލާމަތްވާން ވެގެން ރިޔާއަށް މޫނާއި ދިމާލަށް ކުޝަން ހުރަސް ކޮށްލެވުނެވެ. ރިޔާ ހުރީ ކުޝަންގައި ހިފިގޮތަށް ހިނގައި ގަންނަންވެސް ނޭގިފައެވެ. އެއްޗެކޭ ކިޔަންވެސް ނުކެރިފައެވެ. މާހައުލުގައި އެވަގުތު އުފެދުނު ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެ ކިރިޔާ ހަރަކާތެއް ކޮށްލިޔަސް ހުޅުހިފައިފާނެހެން ހީވި ދަނޑިވަޅެކެވެ. ޒެވިޔަން ގެ ފެހިކުލައިގެ ދެލޮލުގައި ނުރައްކާތެރި ވިދުވަރެއް އުފެދުނު ނަމަވެސް އޭނަ މަލާމާތުގެ ހީލުމަކަށްފަހު ރިޔާ އިތުރަށް ރުޅިއަރުވާލައިފައި ނިކުމެގެން ދިޔައީއެވެ. 

މިވީހާތަނަށްވެސް ޒެވިޔަން ކިތަންމެ ރުޅިގަދަވިޔަސް އޭނައަށް އަނިޔާއެއް ކޮށްފައެއްނެތެވެ. އަދި އޭނަ ޒެވިޔަންގެ ގައިގައި ތަޅައިގަންނަން އުޅުނަސް ހިފަހައްޓައެވެ. ޒެވިޔަން އޭނައަށް މިއަދު ދޫކޮށްލީ މިގޮތަށް ޒެވިޔަން އަށް ރިޔާ ލައްވާ އަނިޔާ ކުރުވައިގެން ރިޔާ ދެރަކޮށްލަން ކަމަށް ވެދާނެއެވެ. ނަމަވެސް އޭނައަށް މިކުރެވުނީ ކީއްހެއްޔެވެ؟ ޒެވިޔަންގެ ގައިގައި އެގޮތަށް ޖެހުމަކީ ރީތިކަމެއް ނޫންކަން އިހުސާސް ކުރެވި ލަދުގަނެ، ދެރަވެސްވިއެވެ.

"ޒެވިޔަން މިހާރު އެވެގަތީ ވިކްޓިމް އަކަށް، އަހަރެންގެ މޮޔަކަމުން ގަޔަށް އަތްލެވުނީ، ޔަގީން ފާފަވެރިވެސްވާނެކަން. ފިރިމީހާގެ ގައިގައި އެހެން ތަޅައިގަންނާކަށް ނުވެސް ވާނެ....." ރިޔާ ކުޝަން އިން މޫނު ފޮރުވިގޮތަށް ސޯފާއަށް ވެއްޓިގަނެގެން އެތައް އިރެއްވާންދެން ރޯން އޮތެވެ. ޒެވިޔަން އޭނަދެކެ ފޫހިވުން ނޫންކަމެއް ނުވާނެއެވެ. އޭނަ ދޫކޮށްލާފައި އަލީނާގެ ގާތަށް ނުދާނެ ކަމެއްވެސް ނޭގެއެވެ. ޔަގީނުންވެސް އަލީނާ ޒެވިޔަން ބުނިހާ ގޮތަކަށް ހަދައިގެން "އަޅުގަނޑު" ކިޔައިގެން ކުރުނީސް ކުރާނެއެވެ. ކޮންމެ ގޮތެއް ހެދިޔަސް ޗުޕްވެސް ކިޔާލާކަށް އެ ކުޑަކުއްޖާއަކަށް ނުކެރޭނެއެވެ. ސާހިބަކާއި ގެންގުޅޭ ކުއްޖަކާއި މެދު އޮންނަނީ ކޮންކަހަލަ ގުޅުމެއްކަން ރިޔާ ވެސް ދަނެއެވެ. އެކަމަކު ޒެވިޔަން ބޭނުން ވަނީ އެހާ ބަސްއަހާ މަޑުމަޑުން ހުންނަ ކުއްޖެއް ހެއްޔެވެ؟ ޒެވިޔަންއަށް އަލީނާގެ ހަގީގަތް އެގޭނެނަމަ އޭނަ ބޭނުންވާ އެއްވެސް ހިތްހަމަޖެހުމެއް އަލީނާގެ ފަރާތުން ނުލިބޭނެކަންވެސް އެގެން ޖެހޭނެއެވެ. އެހެންނޫނަސް ޒެވިޔަން ބުނެފައި ވަނީވެސް އޭނަ ލޯބި ކުރަނީ ޗެލެންޖިން އަދި އަރައިރުންވާ ޒާތުގެ ކުއްޖެއް ދެކެކަމަށެވެ. ނޫނީ ދިރިއުޅުން މަޖާ ނުވާނެ ކަމުގައެވެ. އެކަމަކު ރިޔާގެ "މިޒާޖު" ދެކެ ޒެވިޔަން އެހާ ގަޔާވާހެނެއް ހިޔެއްނުވެއެވެ. ނޫނީ ފިރިން އެހެން އަންހެންކުދިން ކައިރިއަށް ދަނީ އަނބިމީހާއަށް ނޭގިނަމަވެސް އަމަލުން ލޯބިވާކަން ނުދެއްކޭތީ ކަމަށް ވެދާނެއެވެ. 

ޖިލާ ހާދަ ރަނގަޅެވެ. އާއިޒު އެހާ އަނިޔާވެރި އިރުވެސް ހާދަ ކެތްގަދައެވެ. ހުރިހާ އަނިޔާތަކަށް ކެތްކޮށްލައިގެން އެހުންނަނީ އެވެ. ރިޔާއަށް އެހެން ނޫޅެވެންވީ ސަބަބެއްނެތެވެ. އޭނައަށްވެސް ޖިލާ އަކަށް ވެވިދާނެއެވެ. ޒެވިޔަން އުޅޭނެހާ ގޮތަކަށް އުޅުނަސް ޝަކުވާއެއް ނުކޮށް މަޑުން ހުރީމަ ފަހަރެއްގައި ޒެވިޔަންގެ ހިތުގައި އޭނަގެ މައްޗަށްވެސް ލޯބި އުފެދިދާނެއެވެ.

ރިޔާ އޭނަ އެހާ ރީތިކޮށް ޕެއިންޓްކޮށްގެން ގުޅުނު ނިޔަފަތި ތަކަށް އަދަބެއް ދިނެވެ. އެނިޔަފަތިތައް ކަނޑައިލަން ވުމުން ހިތަށް އުދަގޫވި ނަމަވެސް އޭނަ އެކަންވެސް ކުރިއެވެ. އެއަށްފަހު ފްރެންޗް ލެވެންޑަރ މަސާޖު އޮއިލް އުށްބައްތިއެއްވެސް ނެގިއެވެ. ޒެވިޔަންގެ ބުރަކަށި ރޮމެންޓިކްކޮށް މަސާޖުކޮށްލަދީފައި، އެތައް ފަހަރު މާފަށް އެދެން ރިޔާ ހިތް އެދުނެވެ. ރިޔާ ކޮޓަރި ޒީނަތްތެރިކޮށްލައިފައި ރީތި ނިދާ ހެދުމެއްލައިގެން ޒެވިޔަންގެ އިންތިޒާރުގައި އިނދެ އިނދެ ޚަބަރެއް ނުވުމުން އެންމެ ފަހުން ޒެވިޔަންއަށް ގުޅަން ފެށިއެވެ. ސަތޭކަ ވަރަކަށް ފަހަރު ގުޅުނު އިރުވެސް ޒެވިޔަން ފޯނެއް ނުނެގިއެވެ. ރިޔާގެ ލޮލުގައި ގިނަވެގަތް ކަރުނަތައް އޭނައަކަށް ނުހިފެހެއްޓުނެވެ. ރިޔާ ބާލީހުގައި މޫނުޖަހާލައިގެން އޮތްއިރު އެހިތުގައި އިތުރު ބިރުވެރިކަމާއި ޝައްކު ހިނގަމުން ދިޔައެވެ. އަލީނާ އާއި ޒެވިޔަން ރައްޓެހި ކަމަށްވާނަމަ އެފަދަ އަދި ކިތަންމެ ކުދިންނެއް ޒެވިޔަންގެ ތިބޭނެއެވެ. އެހާ ރީތިވެފައި ސްމާޓްއިރު އޭނަގެ އެންމެ އިޝާރާތަކަށް ފައި ދަށަށް ވެއްޓި ނުގަންނާނެ ކުއްޖަކު ނުވާނެއެވެ. މިރޭވެސް އެދިޔައީ އެއިން މީހެއްގެ ގާތަށެވެ. ރިޔާއަށް ނިދުނީ ރޮއިރޮއި ވަރުބަލިވެގެން ގޮހެވެ.

ހަނދުވަރުގެ އަލިން ފެންވެރިފައިވާ ފިނޮޅެއްގައި ޒެވިޔަން އާއި އޭނަގެ އެކުވެރިން ބާބެކިއު ހަދަންތިބިއިރު ދަންވަރު ދޭއްވެސް ޖަހައިފިއެވެ. ޒެވިޔަންއަށް ރިޔާ އެތައްފަހަރު ގުޅާފައިވާތަން ފެނުނީ އެގަޑީގައެވެ. ފޯނު ސައިލެންޓަށްލާފައި ޖީބަށް ލައިފައި ވާތީ އޭނައަށް ނޭގުނީއެވެ. ޒެވިޔަން ކުރު މެސެޖެއް އިނގިރޭސިން ލިޔުނެވެ. "އަހަންނަކަށް ނުކެރޭނެ މިރޭ ފެންނަ ހިސާބަށް ދާކަށްވެސް، ތިކުއްޖާގަނޑު ގެ ބާރުގަދަކަމުން ރަނގަޅަށްވެސް ބިރުގަނެއްޖެ :ޕ ބެކްބޯން މުގުރާލިގޮތަށް އެހެން ތަނެއްގައި ދަތްއަޅާލާފައި މަ ފޮނުވަލަފާނެ ގްރޭވްއަށް ވެސް ލޮލް، ސްވީޓް ޑްރީމްސް އެކްސްއޯ އެކްސްއޯ......" ޒެވިޔަން ދޮންވެލި ގަނޑު މަތީގައި އޮށޯވެލައިގެން މެސެޖްކުރަން އޮތް އިރު އޭނަ އަލީނާގެ މަތިން ވެސް ހަނދާންވިއެވެ. މިފަޅުރަށުގައި އޭނަ އާއި އަލީނާ އެކަނި ތިބިނަމައެވެ. އެޚިޔާލުގައި ދެލޯމަރާލައިގެން އޮތްވާ މީރާން ފަހަތުން އައިސް ފޯނު ޖަހައިގަތެވެ. އަދި ބާރުބާރަށް އެމެސެޖް ކިޔާލައިފިއެވެ. އޭނަ ސިއްރުކޮށްގެން ހުއްޓާ އޭނަ އާއި ރިޔާ އާއި ދޭތެރޭގައި ހަމަނުޖެހުމެއް އޮތްކަން އެކުވެރިންނަށް ބޭޒާރުވީއެވެ. 

އާއިޒުވެސް އޭނަގެ ބައްޕަ އެދިލައްވައިގެން ހޮސްޕިޓަލުގެ ޑިރެކްޓަރެއްގެ ވަޒީފާއަށް ދާންފަށައިފިއެވެ. ހެލްތުކެއަރ މެނޭޖްމެންޓްފަދަ އެއްވެސް ޑިގްރީއެއް ނެތުމުން ކުޑަކޮށް ދަތިތަކާއި ކުރިމަތިލާން ޖެހުނަސް އޭނަ އަކީ ހިންގުންތެރި، ހަރުދަނާ ޒުވާނަކަށް ވާތީ އެފަދަ ޗެލެންޖިން ދާއިރާއެއް ގައިވެސް އޭނަ ފާހަގަ ކުރެވޭފަދަ ޒުވާނަކަށް ވިއެވެ. ތަނުގެ މުވައްޒަފުން ގަދަރުކޮށް، އިޙުތިރާމްކުރާފަދަ ޝަޚުސިއްޔަތެއް އޭނަގެ ހުރެއެވެ. އެހެންމީހުން ލައްވާ މަސައްކަތް ކުރުވަން އޭނަ އުޅޭއިރު އޭނަ ހުންނަނީ އެހެން މީހުންނަށް ނަމޫނާއަކަށް ވެގެންނެވެ. އަމިއްލަ ތަނަކަށް ވާތީ ހިތަށް އެރި ގަޑިއެއްގައި ދިޔުމުގެ ބަދަލުގައި ގަވާއިދުން ގަޑިއަށް އޮފީހަށް ދެއެވެ. ތަނުގެ ގަވާއިދު ތަކަށް ހުރުމަތްތެރިކޮށް ހިތައެވެ. އެހެންވުމުގެ ސަބަބުން ތަނުގެ މުވައްޒަފުންގެ ލޯބި އޭނައަށް ލިބެން މާގިނަ ދުވަހެއް ނުނެގިއެވެ. އަދި އަންހެންކުދިންގެ ތެރޭގައި އެހާ މަޝްހޫރުވިއެވެ. އޭނައަކީ މީހެއްގެ ފިރިއެއްކަން އެނގޭއިރުވެސް ހިތްތަކުގެ ޕްރިންސް އަކަށްވިއެވެ.

އާއިޒު ވަޒީފާއަށް ދާތީ ޖިލާއަށް ކުރިއަށް ވުރެ ބޮޑު މިނިވަން ކަމެއް ލިބުނެވެ. އާއިޒު ދެން ގޭގައި އުޅޭ ގަޑިތައް މަދުވީއެވެ. ހަފްތާގައި އެދެ ބަންދު ނާންނަނަމަ އަދި ޖިލާ އުފަލުން ޕާޓީވެސް ދޭނެއެވެ. 

ޖިލާ ކިތަންމެ ވަރަކަށް ނަމާދުކޮށްގެން ޤުރުއާން ކިޔަވައިގެން އުޅުނަސް ފިރިމީހާގެ ހައްޤުތައް އަދާނުކުރާކަމަށް ވަންޏާ ފާފަވެރިވާނެކަން އެނގޭތީ އޭނަ ހުންނަނީ ވަރަށް ބިރުގެންފައެވެ. ޖިލާ ދޮގުތަކެއް ހެދީމަވެސް މަންމަމެންވެސް އަޅައެއްނުލިއެވެ. ނުވީތާކަށް ހަނީމޫން ދަތުރުވެސް ދިގުކޮށްލައިފިއެވެ. އެތައް ޚިޔާލުތަކެއް ކުރުމަށްފަހު ޖިލާ ނިންމީ އާއިޒު އާއި ދިމާލަށް އެއްޗެކޭ ނުބުނެ މަޑުން ހުރުމަށެވެ. އޭނައަށް ކޮށްދޭންޖެހޭ ޚިދުމަތްތައް ރަނގަޅަށް ފުރިހަމަ ކޮށްދީގެން، މަޑުމަޑުން ހުރީމަ ރަގަޅުވާނެ ކަން ނޭގެއެވެ. އާއިޒުވެސް ގޮތްދޫނުކުރާ ގޮތެއް ހުންނާތީ އޭނަ ކައިރީ އެއްވެސް ގުޅުމެއް ބާއްވަން ބުނާނެ ހެނެއްވެސް ހިޔެއްނުވެއެވެ. ވީމަ އާއިޒު އެކަމަށް ނޭދެންޏާ އޭނަ ފާފަވެރިވާނެ ގޮތެއް ނެތެވެ. ޖިލާ އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮވެ ވިސްނުމަށްފަހު ނިންމުންތަކެއް ނިންމާފައި ތެދުވެގެން ގޮސް ފެންވަރާލައިފިއެވެ. ކޮޓަރީގައި ހުންނައިރު ކޮންމެހެން ޝޯލް އަޅާނެ ބޭނުމެއް ވެސް ނެތެވެ. ފޮރުވެން އުޅުނު ވަރަކަށް ލަނޑު ލިބުން ނޫންކަމެއް ނުވާނެއެވެ. 

ޖިލާ ނޫ ޖިންސަކާއި އެކު، ހުދުކުލައިގެ ގަމީހެއްލުމަށްފަހު އިސްތަށިގަނޑު ވެސް ވޫލް ކޮޅަކުން މައްޗަށް އައްސާލައިފިއެވެ. ފިނިފެންމާކުލައިގެ އޮމާން ހަންގަނޑަކާއި، ފިނިފެންމަލުގެ ކުލަ އަރާ ދެތުންފަތުގެ ސަބަބުން އޭނަ އެވަރަށް މޭކަޕް ކުރާކަށް ނުޖެހެއެވެ. ނަމަވެސް ޖިލާ އަބަދުވެސް ލޮލަށް ޚާއްސަ ކަމެއްދެއެވެ. ލޮލުގައި އަބަދު އަނދުން އަޅާފައި ވާތީ ދެތަރިހެން ވިދައެވެ. އެހާ ރީތި، ތޫނު ދެލޮލެވެ.

އާއިޒު ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް ޖިލާ ސިހުނެވެ. އަވަހަށް ލޯގަނޑާއި ދުރަށް ޖެހިލި ވަގުތު ކުޑަކޮށް އަރިއަޅާލި ނަމަވެސް ހަށިގަނޑު ބެލެންސް ކޮށްލައިފި އެވެ.

"ބަލައިގެން އުޅެބަލަ ޕްރިޓީ....." އާއިޒު ހުރީ ރަސްމީކޮށެވެ. އަތްދިގު ގަމީހަކާއި ފަޓްލޫނެއްގައި ހުރި އިރު ވަރަށް ސްމާޓްވެފައި ގަމީސް އިޝްތިހާރެއް ފަދައެވެ. އާއިޒު ފެނުމުން ޖިލާ މިފަހަކަށް އައިސް ބިރުގަންނަ ގޮތްވާއިރު މިއަދު ވަކިން ބޮޑަށް ހިތް އަވަސްވިއެވެ. އަވަހަށް ކޮޓަރިން ނިކުންނަންވީއެވެ. ނަމަވެސް އޭނަ މިއަދު ނަމާދަށްފަހު ފާފަފުއްސެވުމަށް އެދި އެވަރަށް ދުޢާކޮށްފައި، ތައުބާވެސްވެފައި ވާއިރު ދެން ފިރިމީހާ އާއި މެދު ތަންކޮޅެއް އަދަބުވެރިކޮށް ކަންތައް ކުރަންވެސް ޖެހޭނެއެވެ. ދެ ފިކުރުގައި ހުރެފައި ޖިލާ އަލަމާރި ހުޅުވާލީ ކުރާނެ ވަކިކަމެއް އޮވެގެނެއް ނޫނެވެ. ކުއްލިއަކަށް ޖިލާއަށް ލައިގެން ހުރި ގަމީހުގެ އަތުތެރެއިން އެއްޗެއް ދުއްވައިގަތްހެން ހީވެގެން އެތަނުގައި އަތް ޖައްސާލި އިރު އަތުގެ ތެރޭގައި ހަރު އެއްޗެއް، ގުޅަ އަކަށް ޖެހިގެން އޮތެވެ. ކުޑައެއްޗެއްވެސް ނޫނެވެ. ފުދޭވަރަކަށް ބޮޑެވެ. ފަންޏާއި، ކުރަތްޕާއި ބިރުވެރި ސޫފިތަކުގެ މަތިން ހަދާންވެ މުޅި ގަޔަށްވެސް ހީލިގަނޑެއް އެރީ ފަކުރުންނެވެ. އޭނަގެ ފައި ބިންމަތީގައި ހަރުވެސް ނުލިއެވެ. ޖިލާ ތޫނު ހަޅޭކަކާއި އެކީގައި ފުންމައިގެން ގޮސް ޖެހިގަތީ އާއިޒުގެ ގައިގައެވެ. އޭރު ޖިލާ ގަމީހުގެ ކަނާތު އަތުގައި ހިފަހައްޓާލައިގެން ހުރެ ރޯންވެސް ފަށައިފިއެވެ.

"ވަޓް ހެޕެންޑް، އަތުގައި ކޯންޗެއް އޮތީތަ؟" އާއިޒުވެސް ނުތަނަވަސް ކަމާއިއެކު ޖިލާގެ އަތުގައި ހިފާލައިފިއެވެ.

"ގެނޭ ނަގައިދީފާނަން...." އާއިޒު ޖިލާގެ ގަމީހުގެ ގޮށްތައް ނައްޓަން އުޅުނީމަ ޖިލާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލައިފިއެވެ.

"ޕްލީޒް ޕްލީޒް އައްސާލަ... ދީބަލަ... އަވަސް...." ޖިލާގެ މޫނު ދަލުން ފެންވެރެމުން ދިޔައެވެ. އާއިޒު ޖިލާ ބިރުން ހުރި ވަރު އިހުސާސް ކުރެވިގެން ސަމާސާއެއްވެސް ކޮށްލަން ބޭނުންނުވެފައި ހުރެ އަވަހަށް ނާޑުވާ ކޮޅެއް ހޯދާފައި ޖިލާ ހިފަހައްޓާލައިގެން ހުރިތަން އައްސާލަ ދިނެވެ. އެއީ ދިރޭ އެއްޗެއް ކަމެއް އާއިޒު އަކަށް ޔަގީނެއް ވެސް ނުވެއެވެ. ޔަގީނުންވެސް އެއްޗެއް ހިރިއެއް ނުލައެވެ. ޖިލާ އެއެއްޗެއްގައި ހިފައިގަތްލެއް ބާރުކަމުން މަރާލީކަން ނޭގެއެވެ. ޖިލާ ހެދުން ބަދަލުކުރާން ފާޚާނާ އާއި ދިމާލަށް ދުއްވައިގަތެވެ. "ޕުއަރ ތިންގް" އާއިޒުގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ޖިލާ ހާދަ ފިނޑިއެވެ. އަދި ބިރުގަތީމަ ވަކިން ރީއްޗެވެ. އެފަދަ ވަގުތެއްގައި ވެސް އޭނައަށް ޖިލާއަށް އެހީވެވޭކަށްވެސް ނެތެވެ. އޭނައަށް ޖެހުނީ ބީރައްޓެއްސެއް ފަދައިން އެއްފަރާތުގައި ކުޅިބަލަން ހުރުމަށެވެ.

ޖިލާ އަވަހަށް ފާޚާނާގެ ދޮރު ތަޅުލާފައި ގަމީސް ބޭލުމަށްފަހު އެއްލާލާފައި ތުވާލި ގައިގައި އޮޅާލައިގެން ނިކުތެވެ. އާއިޒު އަށް ޖެހުނީ ޖިލާގެ ހެދުމުގެ ތެރޭގައި ފިލާއޮތް ބިރުވެރި ސޫފި މަރާލަދޭން ފާޚާނާއަށް ވަނުމަށެވެ. އާއިޒު ވަރަށް ހަމަޖެހިލައިފައި ހުރެ ގަމީސް ނަގާފައި ނާޑުވާ ނައްޓާލައިފިއެވެ. ބަދެވިފައިއޮތް އެއްޗެއް ފެނުމުން އާއިޒު ހެމުން ޖިލާ އާއި ދިމާލަށް އެނބުރުނެވެ.

"ޖިލީ މިއީތަ މި މޮންސްޓަރ އަކީ؟" އާއިޒު ހީފައި އެހެން ބުނުމުން ޖިލާގެ މޫނަށް ރަތުގެ އެތައް ކުލައެއްވެރިވެ މުޅިމޫނު ލޭ ކޮޅަކަށް ވެއްޖެއެވެ. ޖިލާ ފާޑަކަށް އަނގަ ހަދައިގެން ހުރިއިރު އެވީގޮތް އޮޅުން ފިލައިފިއެވެ. އޭނަ އާއްމުކޮށް ގޭގައި އުޅޭއިރު އެތެރެއިން އެ ލާފައިވެސް ބުޅިކޮޅު ނައްޓާލަނީ އުދަގޫވާތީއެވެ. އޭނައަށް ފަސޭހައީ އެއްވެސް އެއްޗެއް އެތެރެއިން ނުލާ ހުރީމައެވެ. އެގޮތަށް ބުޅިކޮޅަށް ދޫކޮށްލައިގެން ހުރުމާއި އެކު ގަމީހުގެ އަތް ތަންކޮޅެއް ދޫކޮށް އޮތުމުން ބްރާ އޮތީ ސޮއްސާލައިގެން އަތުގެ ތެރެއަށް ވެއްޓިފައެވެ. އޭނަ ބިރުގަންނަވާލި މޮންސްޓަރ އަކީ ބްރާއެވެ. ޖިލާ މިވަރުގެ ލަދެއް ދުވަހަކުވެސް ނުގަނެއެވެ. އަބަދު އޭނަ އާއިޒުގެ ކައިރީގައި ބޭޒާރު ވަނީއެވެ. ޖިލާ ސިހުނު ވަރުން އެ ދެލޮލުގައިވި ކަރުނަތައްވެސް ހިކިއްޖެއެވެ. ރޯކަށްވެސް ނޭގުނެވެ. 

"އިޓްސް އޯކޭ އޭ ބޭބީ، ތިހާ ހާސްނުވެބަލަ ދެން، މިހާ މަޖާކަމެއްވީމަވެސް ދެލޯ ބޮޑުކޮށްލައިގެން ހުރީމަ އަހަރެން ވެސް ކިހާ ހާސްވާނެ، ޖިލީއަށް މިވެސް އަޅަން ނޭގެނީތަ؟ އަލަށް އެޅީމަ އެހެންވެސް ވާނެ...." އާއިޒު ހުނުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ގަސްތުގައި ސީރިޔަސް ކޮށް އަހާލުމުން ޖިލާ ދެލޯ ކުރިއަށް ވުރެ ބޮޑުކޮށްލައިފި އެވެ. ހަމަ ރަނގަޅަށްވެސް އާއިޒު އެހެން ހީކުރީ ބާވައެވެ. އެއީ އަތުގައި އަޅާ ބޭންޑެއް ކަމަށް ހީކޮށް އޭނަ އަތުތެރެއަށް ކޮށްޕައިގެން އުޅެނީ ކަމަށް ހެއްޔެވެ؟ ޖިލާ އިތުރަށް ރަކިވިއެވެ.

"ގެނޭ އަހަރެން ދަސްކޮށްދީފާނަން، ވަރަށް ގިނަކަންތައް ދަސްކޮށްދޭން އެބަޖެހޭ ދޯ...." އާއިޒު ކުރިއަށް ފިޔަވަޅެއް އެޅުމުން ޖިލާގެ ގަނޑުކަން ފިލައިގެން ހިގައްޖެއެވެ. 

"ނޯ، ނޯ، އަސްލު ވީ...ގޮތަކީ.... ބުޅިކޮޅު ނާޅުވާހުއްޓާ......." ޖިލާ އާއިޒުގެ އަތުގައިވާ ގަމީހާއި، ބްރާ ޖަހައިގެން ރާސްލާފައި ގޮސް ފާޚާނާއަށް ވަދެ ދޮރު ލައްޕާލައިފިއެވެ. ޖިލާ ގަމީސް ލައިގެން ގޮށްތައް އަޅަން ހުރިއިރު ވެސް އެދޮން މޫނުވަނީ ރަތްވެފައެވެ. އަމިއްލަ މޫނު ލޯގަނޑުން ފެނުމުން ޖިލާ ޖޯކު ޖެހިއެވެ. ބޮޑު މޮޔަގަނޑެކެވެ. އަބަދު ބޭޒާރުވުން ނޫންކަމެއް ނުކުރެވެއެވެ. ދުނިޔޭގައި ހުރި އެންމެ ފިނޑި ކުއްޖާގަނޑާއެވެ. މިހާ ލަދުންހުރެ އާއިޒުގެ ކުރިމައްޗަށް ދާން އަނެއްކާ ކެރިދާނެ ހެއްޔެވެ. ނަމަވެސް ލަސްވެއްޖެއްޔާ އާއިޒު ދޮރުވެސް ވައްޓާލަފާނެއެވެ. ޖިލާ މޫނުދޮވެލައިގެން ބޭރަށް ނިކުތްއިރު އާއިޒު ހުރީ ޑްރެސިންޓޭބަލް ކައިރީގައި ސެންޓުފުޅިތަކާއި ކުޅެލަ ކުޅެލައެވެ. ގަމީހުގެ ޓައީ ނައްޓާލައިފައި ދެތިން ގޮށް ނައްޓާލާފައި ވާއިރު އެ ތަނަވަސް މޭމަތިން ބޮޑު ބަޔެއްވަނީ ހާމަޔަށެވެ.

"ޖިލީ، އޯކޭތަ؟" އާއިޒު ކުޑަ ހުނުމަކާއި އެކު އަހާލިއެވެ.

"ހޫމް......" ޖިލާ ފުނާ އަޅަންފެށި އެވެ. އާއިޒު ބަލާ ވަރުން އޭނަ ހުރީ ކަންބޮޑުވެފައެވެ. 

"މިއަދުވެސް ބައްޕަ ގުޅުއްވި، އިނގޭތަ ބައްޕަ ބުނުއްވި އެއްޗެއް، ޖިލްއަކީ ވަރަށް ރިލިޖަސް ކުއްޖެކޭ ނަމާދަށް ހުރަސް އެޅޭގޮތަށް އެއްވެސް ކަމެއް ނުކުރާށޭ، ޖިލީ ކަހަލަ އަންހެންކުއްޖެއް ދުނިޔެއިން ވެސް ނުލިބޭނެޔޭ، ޖިލީ އަސްލު ކީކޭ ކިޔައިގެން ބައްޕަމެން އެ ވާހަކަ ދައްކަވަނީ. އެހާ ދުރުގައި ހުންނަވާފައި ބައިގަޑި އެއްހާއިރަށް ދީނީ ލެކްޗަރެއް ބައްޕަ ދެއްވާނީ ކޮންމެވެސް ކަމެއްވީމަ އެއްނު، އައި ނޯ، ކޮންމެވެސް ކަމެއްވެއްޖެ......" އާއިޒު ވިސްނުންތެރި ކަމާއިއެކު ޖިލާގެ މޫނަށް ބަލަން ހުރި ގޮތަކުން އަނެއްކާ ޖިލާގެ ކޯތާފަތުގެ ކުލަގަދަވާން ފެށިއެވެ. ބިރުވެސް ގަނެއްޖެއެވެ. އެހާބޮޑު ދޮގެއް އޭނަ ހެދިކަން އެނގިއްޖެއްޔާ އާއިޒު ކޮންމެފަދަ އަދަބެއްވެސް ދީފާނެއެވެ.

ޖިލާގެ މޫނަށް އަރަމުން ދިޔަ ކުލަތައް ދެކެން ހުރި އިރު އާއިޒުގެ ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ. އެ މަލަކޫތީ ރީތިކަން އޭނަގެ ހުރިހާ ހިއްސުތަކުގައި އަލިފާން ރޯކޮށްލައިފިއެވެ. ލޭ އަވަސް ކޮށްލައިފިއެވެ. ޖިލާ ކަންބޮޑުވި ވަރުން އެއްޗެކޭ ނުބުނެ އަނެއް ފަރާތަށް އެނބުރެން އުޅުމާއި އެކު އާއިޒު ފަހަތުން އައިގޮތަށް ޖިލާ އޭނަ އާއި ދިމާލަށް އަނބުރުވާލީ ތަންކޮޅެއް ބާރަށް ހިފަހައްޓަމުންނެވެ. އެއަތުގެ ބާރު އިހުސާސް ކުރެވުނު ހިނދު ޖިލާގެ މެޔަށް ފެންއެއްޗެއް އޮއްސާލި ހެންހީވިއެވެ. 

"ޓެލް މީ..." އާއިޒުގެ ރީތި ފުން ދެލޮލުގައި ވި ސީރިޔަސް ކަމަކުން ޖިލާ ތުރުތުރު އަޅައިގަތެވެ. ބިރުންގޮސް ޖިލާ އާއިޒުގެ ސުވާލު މަތިންވެސް ހަނދާނެއް ނެތެވެ.

"ނޭ...ގޭ...ދޫކޮށްލާ...." ޖިލާ އާއިޒުގެ އަތުގެ ތެރެއިން ނިކުންނަން މަސައްކަތް ކުރުމުން އާއިޒުގެ ހިފެހެއްޓުން ކުރިއަށް ވުރެ ބާރުވިއެވެ. އާއިޒު ކައިރިވުމުން އަދިވެސް ދުވަނީ ހެދުނު ބޭނުން ކުރި ސެންޓާއި އާފްޓަރޝޭވްގެ މަސްތު ކުރުވާފަދަ ލުއި، މީރުވަހެވެ. އާއިޒުގެ ތުންފަތުގެ ބީހިލުން ފުރަތަމަ ފަހަރަށް އިހުސާސް ކުރެވުމުން ޖިލާއަށް އެއީ ފޮނި އަދި ހިތްގައިމު ތަޖުރިބާ އަކަށްވެސް ވިއެވެ. އަދި އާއިޒުގެ ކުދި ގޯނާތަކުން އޭނަގެ ނާރުތައް ހަލަބޮލި ކުރުވި ގޮތުން ހާސްވިއެވެ. ހަށިގަނޑުވެސް އޭނައަށް ކެހިދީފައި އާއިޒުގެ އެ ޢަމަލާއި ބައިވެރިވިއެވެ. އެދިހަ ވަރަކަށް މިނިޓް ޖިލާއަށް ހީވީ ގަރުނަކަށް ދެމިގެން ދިޔަހެންނެވެ. ޖިލާއަށް އާއިޒު މާދުރަށް ދިޔަކަން އިހުސާސް ކުރެވިގެން ކަންބޮޑުވުމާއިއެކު އާއިޒުގެ އަތުތެރެއިން ނިކުންނަން ގަދަހެދިއެވެ. 

"ޖިލީ އަދި މާބޮޑު ކަމެއް ނުވެއެއްނު، ހާދަ ބިރަކުން ތިއުޅެނީ، ކުރީގެ ބޯއިފްރެންޑް އާއި އެކު އެހާވަރުން އުޅުނު އިރު ދެން އަހަރެންވީމަ ކަމުނުދަނީތަ؟ އޭނައަށްވުރެ އަހަރެންގެ ރޮމެންޓިކްކަން ކުޑައެއްނުވާނެ، ބޭނުންތަ އެގޮތް ބަލާލަން؟" އާއިޒުގެ ރީތި ދެލޮލުގައި ނަށަނަށާ ހުރީ ލާނެތް ކަމެވެ. ފުންމިން އެގުމެއްނުވާފަދަ ލޮލުން ބައެއްފަހަރު އެފެންނަ ސީރިޔަސް ކަމުން ފިރިހެންވަންތަކަން އިތުރުކުރުވާއިރު މި ލާނެތް ކަމަކީވެސް އޭނަގެ ރީތިކަން އިތުރުކުރާ ބަޔެކެވެ.

"ނޫން، އަހަރެން ބޭނުމެއްނޫން، އަހަރެންގެ އެއްޗެހި ވެސް އާއިޒު ފާސްކުރަންފެށީތަ؟" ޖިލާ ކުޑަކޮށް ހާސްވިއެވެ. އޭނަ ޑައިރީގައި ހުރި އެއްޗެއް ކުރިން އާއިޒުއަށް ދައްކާހިތުން އުޅުނަސް މިހާރު ޖިލާ ބޭނުމެއް ނޫނެވެ. އެ ފެނިއްޖެއްޔާ އާއިޒު އޭނަ އާއި މެދު ދެކޭގޮތް ބަދަލުވާނެކަން ޔަގީނެވެ. އެހެންނޫނަސް މިހާރުވެސް މި ފިރިހެނާ އެއްޗެހިތައް ހާވާފައި އޭނަ އާއި މެދު ދެކޭނީ އެންމެ ނުބައިކޮށްކަން ނޭގެއެވެ. ޖިލާގެ ހިތުގެ ތެޅުން ކުރިއަށްވުރެ ބާރުވިއެވެ.

އެވަގުތު އާއިޒުގެ ފޯނު ރިންގުވާން ފެށީ ކާކުގެ ނަސީބަކުން ކަމެއް ޖިލާއަށް ނޭގުނެވެ. އާއިޒުވެސް ފޯނުގެ ސްކްރީނަށް ބަލައިލި ގޮތަށް އުފާވިކަން ޖިލާ ދެނެގަތެވެ. އަދި އެއީ އާއިޒުއަށް ޚާއްސަ ފަރާތެއްކަންވެސް ޖިލާއަށް އެގުނެވެ. ކާކުބާވައެވެ. އާއިޒު ފޯނުހިފައިގެން ކޮޓަރިން ބޭރަށް ނިކުތުމުން ޖިލާގެ ހިތުގައިވާ ޝައްކުތައް އެތައްގުނަ އިތުރުވިއެވެ. ޖިލާ އޭނަގެ ސާމާނުލާފައި ހުރި ވަތްގަނޑު ތަޅުލާފައި ޖިންސްގެ ޖީބަށް ތަޅުދަނޑިލުމަށްފަހު ކޮޓަރިން ނިކުތްއިރު އާއިޒު ހުރީ ބެލްކަނީގެ ރެއިލިންގައި އަތްއަޅުވާލައިގެން ހީހީފައި އެމީހަކާއި ވާހަކަދައްކާށެވެ. ޖިލާ އަރައި ހަމަވުމުން އާއިޒު އެނބުރި ބަލައިލި ގޮތަކުން ޖިލާގެ ހިތް އެފުށް މިފުށަށް ޖަހާލައިފިއެވެ. އެ ލޮލުގެ ރީތިކަމާއިމެދު ވިސްނާލަން މަޖުބޫރުކުރުވިއެވެ. އަދި މިއަދު އެ ހިނގި ހާދިސާއަށްފަހު ޖިލާ ކިތަންމެ ބޭނުންނުވިޔަސް އެދެމީހުންގެ ދެމެދުގައިވާ ގުޅުން މިވަނީ އެއް ފިޔަވަޅު ކުރިއަށް އެޅިފައެވެ. ޖިލާ ބަދިގޭގައި ކޮންމެވެސް އެއްޗެއް ހެދުމުގައި އަވަދިނެތި އުޅުނު އިރުވެސް އޭނަ ހަދާންވީ އާއިޒުގެ މަތިންނެވެ. 

އަލީނާ ކޮޓަރިއަށް ވަންއިރު ޝަވަރޖެލްގެ މީރުވަހުން ކޮޓަރި ވަނީ އެއްވަސްވެލާފައެވެ. ނާހީ ލައިގެން ހުރި އޮރެންޖު ކުލައިގެ ބާރު ޓީޝާޓާއި، ޖިންސް ގަޔަށް ހިފާލާފައިވާއިރު ބައެއް ދިމާލުން ބޮޑުކަމުން އަލީނާގެ ލޮލުގައިވެސް އަޅައިގަތެވެ. މިހާ ބިޔަކޮށް ތިބީމަ މާ ރީއްޗޭ އަލީނާގެ ހިތަށް އެރިއެވެ. ކުރީ ދުވަހު ޒެވިޔަންވެސް އޭނައަށް ތަމްބްލީނާ އޭ ކިޔާލާފައި ގޮވާލުމުން ލަދުން މަރުވާވަރުވިއެވެ. ލޯބި ޕަރީއަކަށް ވިޔަސް އެހާ ކުޑަވީމަ އަލީނާ އަކަށް ކަމަކު ނުދެއެވެ. ކުޑަކޮށް ތިބެނީ ކުޑަކުދިންނެވެ. ބޮޑެތި މީހުން ބޮޑެތިކޮށް ނެތިއްޔާ ޝަޚުސިއްޔަތެއްވެސް ނުހުންނާނެއެވެ. ޒެވިޔަންވެސް އެހާ އިސްކޮޅުން ދިގުވެފައި، ބިޔަވީމަ ހާދަ ރީތިވެފައި ސްމާޓެވެ. އަލީނާވެސް ބޭނުމީ އެގޮތަށް އަލީނާ އިސްކޮޅު ދެމިލާފައި ބިޔަވުމަށެވެ. ޒެވިޔަން އެހާ ދިގުވީ ކިހިނެއް ހަދައިގެން ކަން ބަލައިލަން މެސެޖެއް ކޮށްލަންވީއެވެ. އަލީނާ ކޮތަޅު ހުޅުވާލާފައި މޭޒުމަތީގައި އަތުރާލި ސާމާނު ފެނުމުން ނާހީވެސް ހުރީ މަޖާވެލާފައެވެ. ތިން ސެންޑްވިޗާއި، ޕޭންކޭކު އަދި މުރަނގަފަތު ބިސްގަނޑަކާއި އަދި ބީފް ޕިއްޒާ ފޮތްޗެއްވެސް އޮތެވެ.

"އެލީ ތިވަރަށް ކަންޏާ ބަނޑު ފަޅައިގެންގޮސްދާނެ. ތިހާ ތުނި ބަނޑެއްގެ ތެރޭގައި ގޮހޮރެއް އޮވޭތަ؟ މި އިނީ އެލީއަށް ވުރެ ކުރިން ސައިބޮއިގެން، އެކަމަކު އެންމެ ސެންޑްވިޗެއް ކާލީ، ދެން ޓުކުރިން މޭވާ ކޮޅެއްވެސް ކާލިން، އަހަރެން މިއަދު ބަލިވެގެންނޭ ކިޔާފައި މަސައްކަތު ނުދާން ކަމަށް މިހިރީ.... " ނާހީ ގެ މޫނު އެހެން ދުވަހަށް ވުރެ އުޖާލާކަމަށް ދައްކައެވެ. 

"މަވެސް ދެން ނުދާނަން، އަހަރެން މިއުޅެނީ މިގެއިން ދާން..." އަލީނާ އަވަސް އަވަހަށް ސެންޑްވިޗް ކެއީ ބަނޑަށް ޖެހިފައިވާ ކުއްޖެއް ފަދައިންނެވެ. 

"ސިއްރެއް ބުނަންތަ؟" ނާހީ މަޑުމަޑުން ބުނެލިއެވެ.

"ހޫމް..." އަލީނާ މަގުން މައިލޯ ކޯވަރެއް ދަމާލައިފިއެވެ.

"އަހަރެން ގެ ހުރޭ ބޯއިފްރެންޑެއް، ނަން ފެށެނީ އަލިފު އަކުރަކުން، އޭނަ މީހަކާއި އިނދެގެން ހުއްޓަސް....." ނާހީއަށް އެ ޖުމްލަ ފުރިހަމަ ކުރެވުމުގެ ކުރިން އަލީނާ ދެލޯ ބޮޑުކޮށްލާފައި އާއިޒު ހެއްޔޭ އަހާލައިފިއެވެ.

"ޝްޝްޝް...ތި ނަން ބާރަށް ނުކިޔަބަލަ، ޒީބާއަށް އަހަންނާއި އާއިޒުގެ ނަން ގުޅުވާލާފައި ކިޔާލިކަން އެނގުނަސް އަންނާނެ އުދުހިފައި މިތަނަށް...." ނާހީ ހޭންފެށިއެވެ.

ކޮމެންޓް 0