ހެދުނުވިޔަސް ކުޑަދޮރުގެ ފަރުދާތައް ދަމާފައި ވާތީ ކޮޓަރި ތެރެއަށް ވެރިވެފައި ވަނީ ނިދާ ބޮކީގެ ފަނޑު އަލިކަމެވެ. 

"އިޓްސް މީ ބޭބީ، ހާދަ ބިރުން؟ ބޭބީއަށް ނައިޓްމެއަރ އެއް ފެނުނީތަ؟" ޒެވިޔަން އަލީނާގެ ކޯތާފަތުގައި ހިފައިލަމުން ބުނެލިއެވެ. އެ ރީތި ދެލޮލުން އަލީނާއަށް އެވަގުތުވެސް ފެނުނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ. އަލީނާ މާފަށް އެދެމުން ގޮސް ޒެވިޔަންގެ އަތުތެރެއަށް ވަނެވެ. ޒެވިޔަން އެ އަތުގައި ހިފާލި އިރު އަތްތިލަ ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. އަލީނާ ކިޔައިދިނީ އޭނައަށް ހުވަފެނުގައި ފެނުނު ކަންތަކެވެ. އެކަމާއި ބިރުން އުޅެން ފެށުމުން ޒެވިޔަން ބުނީ ހުވަފެނަކީ ބިލާހެއް ކަމަށާއި، ކޮންމެ ހުވަފެނެއް ތެދު ނުވެ ހިގައިދާނެ ކަމަށެވެ. ނަމަވެސް ހުވަފެނެއްގައި ވެސް ދާވިޝް އަލީނާގެ އަތުގައި ހިފައިލާކަށް ޒެވިޔަން ނޭދެއެވެ.

އަލީނާ މޫނުދޮވެ ހަދައިލުމަށްފަހު، ކެހެރި ހެދުމެއް ލައި ބޯ ސްކާފެއް އެޅުމުން އެ ދޮންމޫނުގެ ރީތިކަން ފާޅުވެފައި ވަނީ ފަލަކުގައި ހަނދު ވިދާހެންނެވެ. އެންމެން ސައިމޭޒުދޮށަށް ޖަމާވަންދެން ދެން އިހަށް އޭނަ އާއި އެކީގައި ފެންޑާއަށް އައުމަށް ޒެވިޔަން އެދުނީ މާނަވީ ހިނިތުންވުމަކާއި އެކުގައެވެ. ޒެވިޔަން އައީ ބޭރު ފިނިވާނެ ކަމަށް ބުނެ އަލީނާގެ ކޯޓުވެސް ހިފައިގެންނެވެ. ކާކޮޓަރިއަށް ވަދެ ހޫނު ޗޮކްލެޓް ބުއިމެއް ހިފައިގެން ޒެވިޔަން އައުމަށްފަހު އެއް ތަށި އަލީނާއަށް ދިއްކޮށްލައިފިއެވެ. ޒެވިޔަން އަތްދިގު ރަތްކުލައިގެ ސްވެޓަރަކާއި ޖިންސެއްލައިގެން ހުރި އިރު ފިރިހެންވަންތަ ކަމުން އަންހެންކުދިންގެ ހިތްތައް މޮޔަކޮށްލާހާވެއެވެ.

ޒެވިޔަން ގޭގެ މައި ދޮރު ހުޅުވާލުމަށްފަހު އަލީނާގެ ފަހަތުން އައިސް ބައްދާލިއެވެ. އޭރު އަލީނާއަށް ހުރެވުނީ ދިމާ ކުރިމަތިން ފެންނަ މަންޒަރުތަކަށް ބަލަން އަނގަމަތީގައި އަތް އަޅަލައިގެންނެވެ. މޮޔަވާވަރުވެފައެވެ. ހުރިހާ ދިމާލެއްގައި ވަނީ ގަނޑުފެނުގެ ސާލެއް އޮޅާލެވިފައެވެ. ގަސްގަހުގެ ގޮފިތައް ގަނޑުފެނުގެ ބުރަދަނަށް ކެތްނުކުރެވިގެން ލެނބިފައިވާއިރު ހުރިހާ ދިމާލެއްގައި ހީވަނީ ސްނޯގެ ޝީޓްތައް އަޅާފައިވާހެންނެވެ. ބައެއް ދިމާލުގައި ގަނޑުފެން ފުނިތައް ކުދި ފަރުބަދަތައް ފަދައިން ވާތަން ފެނެއެވެ. ކްރިސްމަސް ޕޯސްޓް ކާޑެއްހާ ނަލައެވެ. އުމުރު ދުވަހުވެސް މިހާ ޗާލު މަންޒަރެއް އަލީނާއަށް ފެނިފައެއް ނުވެއެވެ.

"ޔޭ، ހެވެންލީ، ކޮންފަދަ ފުރިހަމަ، ޒާވް، ބޭނުން ހިގާލަން ދާން.... ކެން އައި؟" އަލީނާގެ ކަޅުދެލޮލުގެ ވިދުން ގަދަވެ، އަޑުގައިވަނީ ކުޑަކުއްޖެއްގެ ޖޯޝާއި ފޯރިއެވެ. އޭނަ އަށް މިފަދަ ނަސީބެއް ލެއްވިކަމަށް ޓަކައި ހެއްދެވި ފަރާތަށް ޝުކުރު ކުރިއެވެ.

"އޮފްކޯސް ޑާލިން....." ޒެވިޔަން އަލީނާ ކޯޓުލައްވައި ދިނުމަށްފަހު ބޫޓަކަށް އެރުވިއެވެ. ސްނޯ ތެރޭގައި އާދައިގެ ފައިވާން ލައިގެން ހިނގުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ޒެވިޔަންގެ އަތް އޭނަގެ ވަށާލެވިފައިވި ނަމަވެސް އަދި ހޫނު ޗޮކްލެޓް ބޮއިގެންވެސް ހަށިގަނޑުގެ ފިނިކަން ކުޑަވާގޮތެއް ނުވެއެވެ. ނަމަވެސް އެފިނިކަމުގެ މަތިން އަލީނާ ހަނދާން ނައްތާލައިފިއެވެ. ފޮނިކަން ހާސިލުކުރެވޭނީ ހިތްވަރުކޮށްލައި ގެންނެވެ. ހަޔާތުގައި އޭނަ ވަނީ މިއަށް ވުރެ އުދަގޫ ރާސްތާތައް ކަޑައްތުކޮށްފައެވެ. ފިނިގަދަވެގެން ގަނޑުވިޔަސް އޭނަ މިރީތިކަން ރަނގަޅަށް ދެކެ ހިތްފުރުވާލައިގެން ނޫނީ ގެއަށް ނުވަންނަން ކަމަށް ހިތުން ކަނޑައަޅާފައި ހީލިއެވެ.

ޒެވިޔަން އަލީނާގެ އަތުގައި ހިފައިގެން ކުޑަތަންކޮޅަކަށް ދިޔުމުން އަލީނާ އެނބުރި ގެއާއި ދިމާލަށް ބަލައިލައިފިއެވެ. ހަމަ ފިލްމުތަކުން ފެންނަ މަންޒަރެއް ފަދައެވެ. ފުރާޅުގައި ވަނީ ގަނޑުފެނުގެ ޝީޓެކެވެ. ޕާކްކޮށްފައިވާ ކާރުތަކުގައި ވެސް ސްނޯ ހަރުލާފައި އަމިއްލަ ސިފައެއް ޚިޔާރުކޮށްލާފައި ވެއެވެ. ސްނޯތަކުގެ ސްކަލްޕްޗަރ ތައް ބަލައިލި ކޮންމެ ދިމާލަކުން ފެނެއެވެ. ހާދަ ރީއްޗެވެ. ތައުރީފުކޮށް ކޮޅުންލާނެ ފަދަ ރީތިކަމެއްވެސް ނޫނެވެ. އަލީނާ ކުޑަކުއްޖެއް ހެން ދެ އަތަށް ސްނޯ ނަގައިގެން އޭގެ މަޑުކަން އިހުސާސްކޮށް ކުޅެން ފެށިއެވެ. ކަފަކޮޅެއްހާ މަޑުވެފައި، ފިނިގަދަކަމުން ހަށިގަނޑު އެކީގައި ގަނޑުވެދާނެހެން ހީވިއެވެ. އަލީނާ ގޮފިކޮޅެއް ހަލުވާލާފައި ފަހަތަށް ފިޔަވަޅެއް އެޅިތަނުން ޒެވިޔަން ވިސްނައިގެން ނެތްނަމަ އަލީނާ ވެއްޓޭނެކަން ގައިމެވެ.

"އުރާލައިގެން ގެންގޮސް ރޫމަށް ލާނީ، އެއްގޮތަކަށް ވެސް އެލީ ނުވިސްނާ...." ޒެވިޔަން އަލީނާގެ ދެކޯތާފަތުގައި ހިފާލަމުން ޒެވިޔަން ކެތްތެރިކަން ކޮޅުންލާފައިވާ ކަހަލަ ގޮތަކަށް ބުންޏެވެ. 

"ސޮރީ ޒާވް... ސޮރީ...." އަލީނާ ޒެވިޔަންގެ ފިނި އަތްތިލައިގައި ތުންފަތް ޖައްސައިލި އިރު އެ ލޮލުގައިވި ވިދުމަކުން ޒެވިޔަންގެ ހިތަށް ގޮތެއްވިއެވެ. ހާދަ މައުސޫމް ދެލޮލެވެ. އަޑިނޭގޭފަދަ ކަޅުދެލޮލެވެ. ޒެވިޔަން ގެ ހިތް އެދުނީ އެވަގުތުވެސް ގެނެސް މޭގައި ރައްކާކޮށްލުމަށެވެ. ލޯބީގެ އިންތިހާ ޝުއޫރުތައް ހިތުގައި އުފެދެމުން ދާއިރުވެސް ޒެވިޔަން ހުންނަނީ ލޯބިވާ ވާހަކަ ނުބުނަން ވެގެންނެވެ. އެފަދަ ކަމަކަށް އެއްބަސްވެވޭ ދުވަހަކުން ކޮންމެވެސް ފަރާތަކަށް ބޭވަފާތެރި ވެވިދާނެ ކަމަށް ހިތުގެ ކަނަކުން ބުނަނީއެވެ. ލޯބިވަންޏާ އެކަކު ޚިޔާރުކުރަން ވެދާނެ ހެއްޔެވެ؟ އަލީނާ ގަނޑުފެނާއި ކުޅޭތަން ބަލަން ހުރެ ޒެވިޔަން ގަހަކަށް ލެގިލައިފިއެވެ. އަލީނާގެ ހަރަކާތްތައް ދެކެންވެސް މުޅި އުމުރަށް ހުރެވިދާނެއެވެ.

"ޒާވް. ދެން ސްނޯ ފައިބާނީ ކޮންއިރަކުންތަ؟" ޒެވިޔަން ބަލައިގެން އުޅޭށޭ ކިޔާވަރުން އަލީނާ އުޅުނީ ފިޔަވަޅާއި މެދު ސަމާލު ވެގެންނެވެ.

"ވާރޭ އެކޭ އެއްގޮތަށް ޕްރެޑިކްޓް ކުރާކަށް ނޭގޭނެ، އެހެން އޮވެލާފައި ދޭތެރެ އަކުން ފައިބައިގަންނާނެ، ދެން ހިގާ ބްރޭކްފާސްޓް ނަގަން.... ބޭބީއަށް މާބޮޑަށް ފިނިވެއްޖެ ދޯ..." ޒެވިޔަން އަލީނާގެ ރަތްވެފައިވާ ނޭފަތުގައި ހިފާލިއެވެ. ފިނިގަދަކަމުން އެ ކޯތާފަތުގައި ވެސް ހީވަނީ ބްލަޝްކޮޅެއް ހާކާލާފައިވާ ހެންނެވެ. ކޯތާފަތާއި، ނޭފަތުގެ ކުރިވަނީ ރަތްވެލާފައެވެ.

އަލީނާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލުމަށްފަހު ހެދުމުން ސްނޯ ފޮޅައިލުމަށްފަހު ޒެވިޔަންގެ ގައިގައި ބައްދައިލައިފިއެވެ. އޭރު އަލީނާ ހުރީ ކޮންމެވެސް ވަރަކަށް ތުރުތުރު އަޅައި، ނޭވާ ހާސްވާގޮތް ވެސްވިއެވެ. ނަމަވެސް އެ ބާރުގަދަ އަތުގެ ހިމާޔަތާއި ތުންފަތުގެ ހަދިޔާތައް ލިބުމުން އަލީނާގެ ހަށިގަނޑަށް ހޫނުވިއެވެ. ޒެވިޔަން އާއި އަލީނާ ގަނޑުފެނުގެ ދުނިޔެއެއްގައި ތިބިއިރު ގޭގެ މަތީބައިގައި ރިޔާ އެމަންޒަރު ދެކެން ހުރިކަމެއް އެ ލޯބިވެރިންނަކަށް ނޭގުނެވެ. މިނިޓްތައް އެތައް ވަގުތުތަކެއް ދެމިގެން ދިޔައިރުވެސް އެކެއްގެ ގޮތުގައި ތިބެވުނެވެ.

ރިޔާގެ ލޮލުގައި ގިނަވެގަތް ކަރުނަތައްވެސް ހީވީ ގަނޑުވެދާނެ ހެންނެވެ. އެ ފެނުނު މަންޒަރަކުން ރިޔާގެ ހިތާއި ފުރާނަވެސް ރޮއިގަތެވެ. އެ ދެމީހުންގެ އެ ގައިގޯޅިކަން ނުދެކެން ލޯމަރާލައިގެން ރިޔާ ހުރިތަނަށް ތިރިވެ އުނގުގައި ބޯ އަޅާލައިގެން އިށީދެވުނު އިރު ރިޔާ އަނބުރައި ގެންފާނެހެން ވެސް ހީވިއެވެ. ޒެވިޔަން ދުލުން އެއްބަސްނުވި ކަމުގައި ވިޔަސް އަލީނާ ދެކެ ލޯބިވާކަން ރިޔާއަށް ދައްކުވާދީފިއެވެ.

އަލީނާ ހުރީ ގެއަށް ވަންނަ ހިތަކުން ނޫނެވެ. ނަމަވެސް ހެދުނުގެ ނާސްތާ ނުކޮށް ހުރުމުން ވަރުބަލި ވެދާނެއެވެ. އެހެންނޫނަސް އޭނައަށް މާބޮޑަށް ފިނިވެއްޖެއްޔާ ބޭބީމެންވެސް ބަލިވެދާނެ ކަންނޭގެ އެވެ. އަލީނާ ކާން އިންއިރުވެސް ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން އިނދެވުނީ ހުވަފެނީ ގޮތަކަށެވެ. ޒެވިޔަން އާއި އަލީނާ ކައިނިމިގެން ފެންޑާއަށް ނިކުމެ ތިއްބާ އިންޒާރެއްވެސް ނުދީ ކުއްލިއަކަށް ސްނޯ ފައިބަން ފެށީ ފުދޭވަރަކަށް ބޯކޮށެވެ. އެތައް މިލިއަން ކުދި ކުދި ފްލޭކްސްތަކުން ފަޒާ ފުސްކޮށްލީ ބަސްބުނާހާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. އަލީނާއަށް އުފަލުން ހަޅޭއްލަވައި ގަނެވުނެވެ. ކުޑަކުއްޖެއްހެން އަތްތިލަ ޖަހައިލަމުން ޒެވިޔަންގެ ގައިގައި ހިފައިގަނެވުނެވެ. ދާވިޝް އާއި ރިޔާ އާވި އަރައަރާ ހުރި ކޮފީތަށިތައް ހިފައިގެން އައިއިރު އަލީނާ އުފާކުރާތަން ފެނުމުން އެ ޒުވާނުންނަށް ވެސް މަޖާވިއެވެ. އޭރު އެންމެންގެ ނޭވާވެސް އާތްވަށް ވެގެން ފެންނަން ހުއްޓެވެ. 

"އެލީ އެންޖޯއި ކުރާވަރުން މަށަށްވެސް މަޖާވެއްޖެ، އެލީ ހަމަ ހީވަނީ ބޭބީ އެއްހެން، ބަނޑެއް ނެތްނަމަ ޔަގީން ކުޅެން ހަތަރުދަމު ބޭރުގައި އިންނާނެކަން، ޒެވިޔާ އެލީ ގޮވައިގެން ގާޑަން އަށް ދޭބަލަ...." ރިޔާ ހިތުގައިވާ އަލިފާންތައް ގަނޑުފެން އަޅައި ފިނިކޮށްލަމުން ހީލައިފައި އަލީނާއަށް ބަލައިލިއެވެ. އެއާއި އެކު ނިކީގެ މަތިންވެސް ހަދާންވެ، ތުންފަތް މަތީގައި ވި ހިނިތުންވުން ފިލައިފިއެވެ. ނިކީ ފިނި މޫސުމްގައި ސްނޯމޭން ހަދައި، ބޯޅަކުޅެން އުޅުނު ހަނދާންތައް ތޫނު ކަށިތަކަކަށް ވެގެން ހިތް ފޫ އަޅުވާލައިފިއެވެ. ރިޔާ ގެ ލޮލަށް ކަރުނަ އައިސްދާނެތީ އެބައަންނަމޭ ކިޔާފައި ގެއަށް ވަދެގެން ދިޔުމުން އަލީނާ ޒެވިޔަންގެ އަތުގައި ހިފަހައްޓާލައިފިއެވެ.

"އެލީ ބޭނުމިއްޔާ އަހަރެން ކާރުގައި އަހަރެމެންގެ ކޮޓެޖްއަށް ގެންގޮސްދާނަން، އެހިސާބު އަދި ވަކިން ރީތިވާނެ، އެހެންނޫނަސް މިރޭ އަހަރެން މިއުޅެނީ ފްރެންޑަކާއިއެކު އެގޭ ބެކްޔާޑުގައި ކޭމްޕް ކުރަންދާން ވެގެން، އެލީ ބައިވެރި ވާނަންތަ؟ ދެރައީ ޒެވިޔާ މާ އަވަހަށް އެލީ ޕްރެގްކޮށްލިކަން، ބޮޑު ބަނޑަކާއި އެކު އެންޖޯއިއެއް ނުކުރެވޭނެ ވިއްޔަ.... ބަޓް އެލީ ބޭނުމިއްޔާ އައި ކެން ޓޭކް ޔޫ ޑިއަރ..." ދާވިޝް ތަނބަށް ލެނގިލައިގެން ކޮފީތަށި ތުބުގައި ޖަހާލި އިރު ލޮލުގައި ނަށަ ނަށާހުރީ ލާނެތް ކަމެކެވެ. ޒެވިޔަން ނުރުހުމުގެ ނަޒަރަކުން ދާވިޝްއަށް ބަލައިލުމުން ދާވިޝް ހޭންފެށިއެވެ.

"ކަމް އޯން ޒެވިޔާ، ފަހަރިއެއްގެ ގޮތުންވެސް އަހަރެން އެލީ އާއި ސަމާސާއެއް ކޮށްލައިގެން ނުވަނީތަ؟" ދާވިޝް އެއް ލޯ މަރާލައިފިއެވެ.

މުއްސަނދި މީހުން ދަނީ ޒަމާނީ ވަސީލަތްތައް ކަމަށްވާ އިލެކްޓްރިކް، ގޭސް ނޫނީ ބަޔޯ އެކޯ ފަޔަރޕްލޭސް ތަކަށް އިސްކަން ދޭން ފަށާފައެވެ. ފިނި މޫސުމްގެ ސަބަބުން ކެތްނުކުރެވޭހާ ގަދަޔަށް ފިނިވާއިރު ގޭތެރޭގެ މާހައުލު ކިތަންމެހާވެސް ހިތްގައިމެވެ. ފިނިކަން ކަނޑުވާލައި އަރާމުގައި އުޅެވޭތީ ބައެއް މީހުން ފިނި މޫސުމް ދެކެ ރުޅިއަންނަ ވަރަށް ލޯބިވެސްވެއެވެ. ބައެއް ލޯބިވެރިންނަށް މިފަދަ ފިނިރޭތައް ވެފައި ވަނީ އިޝްގީ ބައިވެރިޔަކަށެވެ. 

ރޭގަނޑު އިރުއޮއްސުމާއި އެކުހެން ހުރިހާ ގެއެއްގެ ދޮރުތަކުންވެސް ފެންނަން ފެށީ އޮރެންޖް ކުލައިގެ އައްޔެވެ. ގޭތެރޭގައި ދިއްލާފައިވާ ބޮކިތަކުގެ އައްޔާއި، ފަޔަރޕްލޭސްގެ އަލިކަން ނޭގެއެވެ. ދާވިޝް އާއި އޭނަގެ އެކުވެރި އަންހެންކުއްޖެއް ކަމަށްވާ ޖީން އާއި ދެޒުވާނުން މި ނުރައްކާތެރި މަގުތައް ހުރަސްކޮށްލާފައި ގޮސް ފަރުބަދަމަތީގައި ހުންނަ މައިމޫންގެ ގޭގައި ކާރު ޕާކުކޮށްލައިފިއެވެ. އަދި ދެމީހުންވެގެން އޯކްގެ ވަކަރުން ބޮޑު އަލިފާންގަނޑެއް ރޯކޮށްލުމަށްފަހު ސްލީޕިން ބޭގް ތެރޭގައި އޮށޯތެވެ. އޭރު އުޑުމަތީގައި އެތައް ސަތޭކަ ތަރިއެއް ފިޔަޖަހަމުންދާ މަންޒަރުން ހިތަށް އުފާވެރިކަން ލިބޭހާ ވެއެވެ. ދެމީހުން އަދިވެސް ބޮޑަށް ކައިރިވެލީ ހޫނުކަން ހޯދުމަށެވެ. އެކަނިވެރިކަމާއި، ހިމޭންކަމުގެ ސަބަބުން ޖީންގެ ހިތް އަތުން ވީއްލުނު ނަމަވެސް ދާވިޝް ގެ ހިތް އޭނަ ސަމާލު ކުރިއެވެ. އޭނަ އަބަދުވެސް ލިމިޓެއް ބާއްވައެވެ. އެ އިން ފަހަނަޅައި ދާކަށް ދާވިޝްގެ ހިތެއް ނޭދެއެވެ. ނޭގިނަމަވެސް އަދިވެސް ހިތް އެންމެ ކުއްޖަކަށް އިންތިޒާރު ކުރާތީ ކަންނޭގެ އެވެ. ކުއްލި އަކަށް ފޯނު ރިންގްވާން ފެށުމުން ދާވިޝް އެއޮތް ގޮތަށް އޮވެ ފޯނު ނެގިއެވެ. އޭރު ޖީންގެ އަތް ދިގުކަމުން ދާވިޝްއަށް އެއަތުގައި ހިފަހައްޓައިލަންވެސް މަޖުބޫރުކުރުވިއެވެ.

"މަމް، މިސްޔޫ، ކޮން ދުވަހަކު މިކޮޅަށް އަންނަނީ....." ދާވިޝް އޭނަގެ ބޮޑުބޭބެ އެދުނު ފަދައިން މަންމަ އާއި އަމީންގެ ކައިވެންޏާއި ދެކޮޅުހަދައި އެކަން ހުއްޓުވަން ބޭނުންވިއެވެ. ނަމަވެސް މަންމަ ފެށި ވާހަކަ އަކުން ދާވިޝްގެ ބުއްދި ގޯސްވާވަރުވިއެވެ. މަންމަ އެވަރަށް އާދޭސްކޮށްފައި ރޯން ފެށުމުން ދާވިޝްއަށް މަޖުބޫރުވީ މަންމަ އެދުނު ކަންތަކަށް އާއެކޭ ބުނުމަށެވެ. ނޫނީ އަމިއްލައަށް މަރުވެގަންނާނެ ކަމަށްވެސް އިންޒާރު ކުރީއެވެ. މަންމަ އެހެންވާންވީ ސަބަބެއް ދާވިޝް އަކަށް ވިސްނަ ވިސްނައިވެސް ނޭގުނެވެ. ނަމަވެސް މަންމަ މިއެދުނީ ކޮންފަދަ އިމްތިހާނު ކުރުވަނިވި ކަމަކަށް ހެއްޔެވެ؟ މިވަރަށް ހިތްނޭދޭ ކަމަކަށް މަޖުބޫރު ކުރުވަން ވާނެ ހެއްޔެވެ؟ އޭނައަށް މިކަމަށް މަޖުބޫރު ކުރުމުގެ ނަތީޖާ މާރަނގަޅު ނުވެ ވެސް ހިނގައި ދާނެއެވެ.

ޒީބާގެ ލޯ އަނދިރިވުމުގެ ސަބަބުން އޭނަ އިންނަނީ މާޔޫސްވެފައެވެ. ޒެވިޔަން މެން ގޭގައި ނޫޅޭ ގަޑިއެއް ވެއްޖެއްޔާ ޒީބާއަށް އޮންނަނީ ދުވަސް ދިގުވެފައެވެ. ޒީބާ އަކީ މުޅި ހަޔާތް އެހާ ހީވާގިކޮށް ވޭތުކޮށްފައިވާ މީހެއްކަމުން މިގޮތަށް އަބަދު އެއްތާގައި ކަމެއްނެތި އިންނަން ޖެހުމުން އޭނައަށް ކެތްކުރެވެނީއެއް ނޫނެވެ. ބޭކާރު މަސްގަނޑެކޭ އޭނަ އެކޭ ތަފާތެއްނެތެވެ. ކުރާނެ އެއްވެސް ކަމެއްނެތެވެ. ހިތްއެދޭފަދަ އެއްވެސް ކަމެއް ނުކުރެވި އިންނަން ޖެހިފައި ވަނީ އަނދިރީގައެވެ. ކަރަންޓުގެ އަލިކަން ނެތިގެން ހިނދުކޮޅަކަށް ކެތްނުވާ މީހުންވެސް އޭނަ ވަނީ ދެކެފައެވެ. އެމީހުންނަށްވެސް ވަގުތުތަކަށްފަހު އަލިކަން ލިބިދެއެވެ. އޭނަ ގެ ހަޔާތަށް މިއޮތީ ދާއިމީ އަނދިރިކަން ވެރިވެފައެވެ. ކަނުބަދެގެން ތަންތަނުގައި އަތްލައި، ހިނގާ އުޅެން ޖެހިފައެވެ. އެންމެ ހިތަށް އަސަރު ކުރަނީ ޒެވިޔަންމެންގެ އަޑު އިވިފައި އެކުދިން ލޮލަށް ނުފެންނާތީއެވެ. އަދި ލިބެން އުޅޭ މާމަ ދަރިން ފެނުމުގެ ނަސީބެއްވެސް ނުވާނީ ބާވައެވެ. އޭނަހާ ބަދުނަސީބު އަންހެނަކު މި އުޑު ހިޔާދަށުގައި ވާނެކަމެއް ނޭގެއެވެ. ޒީބާ ކެތްތެރިވެލައިގެން ސޯފާގައި އިށީދެލައިގެން އިންދާ ރިޔާ ކޮޓަރިއަށް ވަނީ ކޮފީ ތަބައް ހިފައިގެންނެވެ.

"މަމް ހިއަޒް ޔޯ ކޮފީ...." އާދައިގެ މަތިން ރިޔާ ޒީބާގެ އަތަށް ކޮފީތަށި ނަގައި ދިނުމަށްފަހު ދެން ކުކީޒް އާއި އެއްޗެހި މޭޒުމަތީގައި ބަހައްޓާދިނެވެ. ޒީބާއަށް ރިޔާމެންނަށް އޭނަ އާއި އެކީގައި ވަގުތުކޮޅެއް ހޭދަކޮށްލުން ބުރަކަމަކަށްވާކަން ދެނެގަތެވެ. ޒީބާ އިނީ ހިތްހަމަނުޖެހިފައެވެ. ރިޔާ އޭނަގެ ގާތުގައި އިނަސް އަމިއްލަ މަސައްކަތެއްގައި ނޫނީ ނީންނާނެއެވެ. ޒީބާ އެއްޗެއް ވިސްނާލާފައި ކޮފީތަށި ފަޔަށް ބަންޑުން ކޮށްލައިފިއެވެ.

"މަންމާ، ކޮފީ ބަންޑުންވީ ކިހިނެއްތަ؟" ރިޔާ ދެލޯބޮޑުކޮށްލުމަށްފަހު ދުވެލާފައި އައީ ފިނިފެން ޖަގެއް ހިފައިގެންނެވެ. ޒެވިޔަންއަށް އެނގިއްޖެއްޔާ އޭނަ އަޅައިނުލީ ކަމަށް ހީކޮށްފާނެތީ ރިޔާ ހާސްވިއެވެ. ޒީބާ އިނީ ފާޑަކަށް މޫނު ހަދާލައިގެންނެވެ. ރިޔާ ހައްތަހާ ބޮޑަށް ނުތަނަވަސްވިއެވެ. އޭނަ ޒީބާގެ ފައިގައި ސިލްވަރ ސަލްފަޑައިޒިން ކޮޅެއް ހާކާލަދިނުމަށްފަހު ތަށިތައް ނެގިއެވެ. ރިޔާ އިނީ ޒެވިޔަންއަށް އެކަން ނޭގޭނެ ކަމަށް ދުއާ ކޮށްކޮށެވެ. ނަމަވެސް އޭނަ ގެ ނަސީބު އެހާ ރަނގަޅެއް ނޫނެވެ. ހީވާގޮތުން ޒީބާ ގަސްތުގައި އޭނަ ގޯސްކޮށްލާފައި ޒެވިޔަން ގާތުގައި ކުޓުވަން ފެށީއެވެ. އިރުމަތީގެ މައިދައިތައެއް ފަދައިންނެވެ. ރިޔާ އިނީ ހިތަށް އަސަރުކޮށްފައެވެ.

"ޒެވިޔާ، އަހަރެން ވީ އެންމެ ރަނގަޅަށް ކަންތައް މިކޮށްދެނީ، އެކަމަކު މަމް ކޮމްޕްލެއިން ކުރާވަރު، އަހަރެން ދެން ކަންތައް ކުރަންވީ ކިހިނެއްތަ؟" ރިޔާ ރަނގަޅަށްވެސް ހިތުގައި ޖެހި އެ ބޮޑު ލޮލުގައި ކަރުނަތިކިތައް ވިދަންފެށިއެވެ. ތެމިފައިވާ އެސްފިޔަތަކުގެ ތެރެއިން އެ ކަޅުދެލޮލުގެ ޝާއްބަކަން ފެނުމުން ޒެވިޔަންގެ ހިތުގައި ވިންދު ޖަހާލައިފިއެވެ. ރިޔާ ބުނެފަދައިން އެއީވެސް "އެކްސިޑެންޓް" އެއްކަމަށް ޒެވިޔަންވެސް ނިންމައިފިއެވެ. ނަމަވެސް އޭނަ ރިޔާ ގާތުގައި އެދުނީ މަންމަ އާއި މެދު އަދިވެސް ބޮޑަށް ބަލައިގެން އުޅުމަށެވެ. ރިޔާ ދެކުނީ މަންމަގެ މަކަރުވެރި ކަމުން އޭނަ ދަންތުރައެއްގައި ޖައްސަން ހަދަންފެށި ނުރައްކާތެރި އުކުޅެއްގެ ގޮތުގައެވެ. ނަމަވެސް އޭނަގެ އެ ޚިޔާލު ވީ ހިތުގައެވެ. ޒެވިޔަން އެއްގޮތަކަށްވެސް އޭނަގެ މަންމަ އާއި ބެހޭގޮތުން އެއްވެސް އެއްޗެއް އަހަން ކެތެއްނުކުރާނެ ކަމަށް ރިޔާ ނިންމިއެވެ.

ޒީބާ ލޯ އަނދިރި ނަމަވެސް އޭނަގެ ހިތުގައި އަލީނާ އާއި މެދު އޮތް ދުޝްމިންކަމަކަށް ބަދަލެއް ނައެވެ. އަލީނާގެ އެހީ އޭނައަކަށް ބޭނުމެއްވެސް ނޫނެވެ. އޭނަ އަކީ މުއްސަނދި މަހުޖަނެއްގެ އަންބެކެވެ. ޅީދަރިންނަށް އޭނަ ނުބެލެންޏާ މައިމޫންއަށް އޭނައަށް ޚާއްސަ ނޯކަރަކުވެސް ހަމަޖެއްސިދާނެ އެވެ. ނަމަވެސް ޒީބާ ގަސްތުކުރީ އަލީނާ ލައްވާ އޭނަގެ ކަންތައް ކުރުވަން ފެށުމަށެވެ. އަލީނާ އަކީ މެއިޑަކަށް ވާއިރު އިތުރު އަންހެންކުއްޖަކު ނުގެނެޔަސް ފުދިދާނެއެވެ. އެހެންނޫނަސް އަލީނާއަކީ ދަރިން ލިބުމަށްފަހު ޒެވިޔަންގެ ހަޔާތުން ފައްސާލަންޖެހޭ އަންހެނެކެވެ. ވީމަ އަދި ދެއަތް އުރާލައިގެން ހުރިޔަ ދިނުމަކީ ހެއްވާކަމެކެވެ. ޒީބާ ޒެވިޔަން ގާތު އެދުނީ ބައެއްފަހަރު އަލީނާ އޭނަ އަށް ކުދިކަންތަކުގައި އެހީތެރިވެދޭން ފޮނުވައި ދިނުމަށެވެ. ޒީބާ ޒެވިޔަންގެ ގާތުގައި އެ ވާހަކަ ބުނެލީ ނިކަން ރީތިކޮށެވެ. އަލީނާ ބަލިވެއިނަސް އޭނަ އެކަނި ނުކޮށް ކައިރީގައި އިނދެވިދާނެ ކަމަށެވެ. މީހަކަށް ގުޅާލަން ވިޔަސް އެފަދަކަމެއްވެސް ކޮށްލެވިދާނެ ކަމަށެވެ. އެއީ އަލީނާއަށް ވެސް ކުރެވިދާނެ ފަސޭހަ ކަމެކެވެ. ޒީބާ އެހެން ބުނެލި އިރު އޭނަ އާއި އަލީނާ އެފަދަ ގާތްކޮށް އުޅެންވެއްޖެއްޔާ ހިތަށް ބަދަލެއް އަތުވެދާނެ ކަމަކަށް ޒީބާ ހީކޮށްފައެއް ނެތެވެ.

އަލީނާ ސޯފާގައި ބުރަކަށި ޖައްސާލައިގެން އިންއިރުވެސް ބަނޑަށް އުދަގޫވެ، ތަދުއަރާ ވަރުން ބިރުގަންނަ ގޮތްވިއެވެ. ރޭވެސް ނިދުނީ އެހާ ކުޑަކޮށެވެ. އެކަމަކު މިއަދު ޒީބާ އާއި އެކު އަލީނާ އުޅުމުން ރިޔާ ވެސް އަވަހަށް ސަލާމަތްވި ގޮތަށް ފެންނަ ހިސާބަކަށްވެސް ނައެވެ.

"އަލީނާ، ދެން މިހެން ކަމެއްނެތި އިންނަންވީމަ ނިކަން ފޫހިވޭ، ދަ ލާސްޓް ސޯންގް އަކީ އަހަރެން ކިޔަން ފަށާފައި އިން ވާހަކައެއް، އެ ވާހަކަ ކިޔަންފެށިތަނާހެން މި އެކްސިޑެންޓެއް ހިނގީ. އަލީނާ ކޮންމެ ދުވަހަކު މަށަށް އެ ވާހަކައިން ޕޭޖުކޮޅެއް ކިޔައިދޭންވީއެއް ނޫންތަ؟ ދެން އަނެއްހެން މާ ގިނަ މަސައްކަތެއް ކުރަން ޖެހެނީއެއްވެސް ނޫން ވިއްޔަ....." ޒީބާ އޮތީ ކައުޗްގައި ނިކަން ހިތްހަމަޖެހިލައިގެން އޮށޯވެލައި ގެންނެވެ. ވާހަކައެއް ކިޔައިދިނުމަކީ ވެސް އަލީނާއަށް ޖައްސައިލެވުނު މަސައްކަތެއްގެ ގޮތުގައި ޒީބާ ދެކުނެވެ.

"އޯކޭ.. އަޅުގަނޑު ކިޔައިދީފާނަން...." އަލީނާ އަކީ ޕަޕެޓެއްފަދަ އަންހެންކުއްޖެކެވެ. ޒީބާމެން ބޭނުންގޮތެއް ހެދިދާނެއެވެ. ހަގީގަތަކީ އަލީނާ ޒީބާގެ ލޮލުގެ އަނދިރިކަން ގެއްލިފައި ވާތީ ވެވޭ ހަމްދަރުދީއެއްގެ ބޮޑުކަމުން ކޮންމެ ކަމެއްކޮށްދެނީ ވެސް ހެޔޮހިތުންނެވެ. ކޮށްދޭ ހިތުންނެވެ. އަލީނާ ޒީބާގެ ކޮޓަރިއަށް ގޮސް އެ ވާހަކަ ހިފައިގެން ބޭރަށް ނިކުމެ ސޯފާއެއްގައި ހަމަޖެހިލުމަށްފަހު އެ ވާހަކަ ކިޔައިދޭން ފެށިއެވެ. އެ މާމުޔަށް ވުރެ ފޮނި އަޑުން ވާހަކަ ކިޔަން އިންދާ ދާވިޝް އެތަނަށް ނިކުމެ ފާޑަކަށް ބަލަހައްޓައިގެން ހުންނަން ފެށުމުން އަލީނާ ވަގުތުން ރަކިވިއެވެ. އެއްވެސް މީހަކު މިހެން ބަލަހައްޓައިގެން ހުރުމުން މިފަދަ ގޮތަކަށް ބާރަށް ވާހަކަ ކިޔުމަކީ ފަސޭހަކަމެއްވެސް ނޫނެވެ. އަލީނާ ކޮށިއަރާގޮތްވެ، ކުޑަކޮށް ކެއްސަން ފެށިއެވެ.

"ފެންކޮޅެއް ބޮއިބަލަ..." ޒީބާ އެހެން ބުނުމުން ދާވިޝް ނުލަފާ ފާޑަކަށް ހީލިއެވެ. ކޮންމެފަދަ ކަންތައްގަނޑެއް ހިންގިޔަސް ޒީބާގެ ލޮލަށް ނުފެންނާތީ ދާވިޝް މިހެން ޖެއްސުންތައް ކުރާނެ ވަރުވެސް އަލީނާއަށް އެނގުނެވެ. އަލީނާ ހަނދާންވީ ޒެވިޔަން އެތައްފަހަރު ބުނާ ވާހަކައެކެވެ. އޭނަ ހިތްވަރު ކުރުމަށެވެ. ގަދަކުއްޖަކަށް ވުމަށެވެ. ހަޔާތުގައި އަންނަ ކޮންމެ ފަދަ ކޮޅިގަނޑަކަށްވެސް ތައްޔާރުވެގެން ހުންނަން ޖެހޭނެކަމެވެ. ވީމަ ދާވިޝްގެ ނުލަފާ ގޯނާއަކުން އަދި އޭނަ ބަލިވެގެން ކަމަކުނުދާނެއެވެ. އަލީނާ ދާވިޝްއަށް ކުޑަ ހީލުމެއް ދިނުމަށްފަހު އަނެއްކާ ވާހަކަ ކިޔަންފެށިއެވެ.

ޒެވިޔަން ޑިއުޓީ ނިންމާލައިފައި އައުމަށްފަހު ކާރު ޕާކުކޮށްލި އިރު ސްނޯ ފައިބަމުން ދިޔައެވެ. ކާރުމަތީގައި ވެސް ސްނޯކޮޅުތައް ހަރުލާންފެށިއެވެ. ޒެވިޔަން އޭނަގެ ބޫޓުން ނިޝާންތައް ދޫކުރަމުން، ކަޅު ކޯޓުގެ ޖީބަށް އަތްޖަހާލައިގެން ހުރެ ގޮސް ގޭގެ ފެންޑާއަށް އެރިއެވެ. އޭރު އަލީނާ އިނީ އޭނަގެ މަންމައަށް ވާހަކަ ކިޔައިދޭށެވެ. އެ މަންޒަރުން ޒެވިޔަންގެ ހިތަށް ލިބުނު ފިނިކަން ބަޔާން ކޮށްދޭކަށްވެސް ނޭގުނެވެ. އޭނަގެ އާއިލާއިން އަލީނާ ގަބޫލުކުރާނެ ދުވަހަކީ ހަޔާތަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ. އަލީނާވެސް އިސްއުފުލާފައި ބަލައިލީ މައުސޫމް ނަޒަރަކުންނެވެ. އޭރު ޒެވިޔަންވެސް ލައިގެން ހުރި ކަޅު ކޯޓް ބާލަނީ އެވެ. އެތެރެއިން ލާފައި ހުރި ނޫކުލައިގެ ޓީޝާޓާއި، ޖިންސްގެ ސަބަބުން އެލޮލަށް ނޫކުލަ އަރާހެންވެސް ހީވިއެވެ. އިސްތަށިގަނޑުގައި ސްނޯ ހަރުލާފައިވާއިރު އެހާ ހިތްގައިމެވެ. ޒެވިޔަން އިސްތަށިގަނޑުން ގަނޑުފެން ފޮޅައިލުމަށްފަހު އަލީނާ އާއި ދިމާލަށް ބަލައިލީ ހިތް ބަންޑުންވާފަދަ ނަޒަރަކުންނެވެ. ކޮންފަދަ ފުރިހަމަކަމެއް ހެއްޔެވެ؟ އަލީނާއަށް މޮޔައެއް ފަދައިން ހެވިލާފައި އިނދެވުނީއެވެ.

"އަލީނާ ދިޔައީތަ؟" އަލީނާ ވާހަކަ ކިޔުން ހުއްޓައިލުމުން ޒީބާ ބޯ އަރިކޮށްލަމުން އަހާލައިފިއެވެ.

"މަމް، އަހަރެން އައީމަ އެލީ އެއިނީ ވާހަކަ ކިޔަން ލަދުން ދޯ...." ޒެވިޔަން އޭނަގެ މަންމަ އޮށޯވެލައިގެން އޮތް ކައުޗްގައި އަތް އަޅުވާލާފައި ނިތްކުރީގައި ބޮސްދިނެވެ. ޒީބާ އާއި ޒެވިޔަން ކޮންމެވެސް ވަރަކަށް ވާހަކަދައްކައި ލުމަށްފަހު ޒެވިޔަން ގެއަށް ވަދެގެން ދަމުން އަލީނާގެ ކޮލުގައި ހިފާލައިފައި ސްވީޓް ކުއްޖެކޭ ބުނެލީ ކިރިޔާ އަލީނާއަށް އިވޭވަރަށެވެ. ޒެވިޔަން ގެ މަންމައަށް މިހާވަރުގެ ކަމެއްކޮށްލަ ދިނުމުންވެސް ޒެވިޔަން އުފާވިވަރު އަލީނާއަށް އިހުސާސް ކުރެވުނެވެ. އަލީނާ ގަސްތުކުރީ ޒީބާގެ ހިތުގައި އޭނައާއި މެދު އޮތް ނަފްރަތު ފިލުވަން މަސައްކަތް ކުރުމަށެވެ. އެކަންވެސް އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެއެވެ. އިންސާނުންނަށް އޮތީ މަސައްކަތް ކުރުމެވެ. ޒީބާގެ ހިތުން މާ ބޮޑު މަގާމެއް ނުލިބުނަސް އެ ރުޅިވެރިކަން ފިލުވައިލެވުނަސް ޒެވިޔަންގެ ހިތުގެ ލޯބި މިއަށްވުރެވެސް ފުންވާނެއެވެ. ލޯބިވަމޭ ބުނެވޭނެ ދުވަހެއްވެސް އައިސްދާނެއެވެ. ލޯތްބަށްޓަކައި ކޮންމެ ފަދަ ގުރުބާނީ އެއްވެސް އަލީނާ އަށް ވެވިދާނެއެވެ. ޒެވިޔަންއަކީ އޭނަގެ ދުނިޔެއެވެ. އޭނަގެ ހުރިހާވެސް އުފަލެވެ. ހިތުގެ ވިންދެވެ.

އަލީނާ ވާހަކަ ކިޔަން އިންނައިރުވެސް ޒީބާ ކުދި ކުދި ކަންތައް ކުރުވަން ކިޔާނެއެވެ. ކޮފީ އެއް ނޫނީ އެހެން އެއްޗެއް ގެނެސްދޭން ބުނެފާނެއެވެ. އަލީނާ ކޮންމެކަމެއްވެސް ކޮށްދެނީ ވީހާވެސް ރަނގަޅަށެވެ. ބައެއްފަހަރު ދެކުދިން ބަނޑުގައި އޮންނައިރު ރޭގަނޑު ހަމަ ނިދި ނުލިބުމާއި، ތަފާތު އުދަގޫތަކުގެ ސަބަބުން ކިތަންމެ ބުރަހެލިވިޔަސް އަލީނާ ކެތްކޮށްގެން ތެދުވެ އުޅެނީ ޒެވިޔަންއަށް ބަލާފައެވެ. ޒެވިޔަން ގޭގައި ނުހުންނަ ވަގުތެއްވެއްޖެއްޔާ އަލީނާއަށް ޖެހެނީ ތާއަބަދުހެން ޒީބާގެ ފަހަތުން އުޅުމަށެވެ. ޒެވިޔަންއަށް ހަގީގަތް ވަނީ ފޮރުވިފައެވެ. އޭނަ ދެކެނީ މަންމައަށް އަލީނާ ވާހަކަތައް ކިޔައިދީގެން މަންމަގެ ހިތުން މަގާމެއް އަލީނާ ލިބޭނެ ކަމަށެވެ. ޒީބާގެ ނިޔަތާއި މެދު ޒެވިޔަން އަކަށް ޝައްކެއް ނުކުރެވެއެވެ.

އަމީން ސީމާގެ ދިގު، ރީތި އިސްތަށިގަނޑު ވެސް ކަތުރަކުން ކަފައި ކުދިކުދިކޮށްލީ ރުޅިވެރި ކަމާއި އެކުގައެވެ. އޭނަ އެހާވަރުން މޭކަޕްކޮށްލައިގެން ހުރީތީ އެކަމުގެ އަދަބަކަށް ލޯމަތީގައި ޖެހިގޮތަށް ލޯވެސް ފަޅާލައިފިއެވެ.

"ދެން ލާން ޖެހޭނީވެސް ކަޅުހެދުން، އަދި މަށާއި އިނދެގެން ހުރެ އެހެން ފިރިހެނުންނަށް ތިއްތި ދެއްކެން މޫނުގައި ފުށްތަޅައިގެން ދެވޭނެ ކަމަށް ހީކުރަނީތަ؟ މިއިން އެއްޗެއްގައި އަތްލިކަން އެނގުނަސް ތަޅާ ކުދިކުދި ކޮށްލާނަން....." އަމީން ސީމާ ގެންގުޅޭހާ މޭކަޕް ސާމާނެއްވެސް ހޫރުވާލައިފިއެވެ. ސީމާ އެނދުމަތީގައި ރޮއިރޮއި އޮތެވެ. މައިމޫންހާ ރަނގަޅު ފިރިޔަކަށް ބޭވަފާތެރިވުމުގެ ސަޒާ ކިތަންމެ ރަނގަޅަށްވެސް މިއަދު ލިބިއްޖެއެވެ. އޭނަ ދެން އެމެރިކާއަށް ދާނީވެސް ކޮން މޫނަކާއިގެން ހެއްޔެވެ؟ ދަރިންނަށް ފެނިލަން ކެރޭނީ ކިހިނެއް ހެއްޔެވެ؟ އަމީންގެ ފަރާތުން އެތައް އަނިޔާތަކެއް ލިބޭއިރު އެ އަނިޔާގެ ވާހަކަ ދުނިޔެއަށް ހާމަކުރެވޭކަށްވެސް ނެތެވެ. އޭނަހާ މަޖުބޫރު އަންހެނެއް މިދުނިޔޭގައި ވެސް ވާނެކަމެއް ނޭގެއެވެ.

"ލޯބިވާތީ ގެއްލެން ބޭނުން ނުވަނީ އޭ......" ސީމާ ހިމޭނުން އޮތުމުން އަމީން ނުލަފާ ހިނިތުންވުމަކާއި އެކުގައި ސީމާގެ ގާތުގައި އިށީދެއްޖެއެވެ. ސީމާ ހަދާންވީ "ސްލީޕިން ވިތް ދަ އެނެމީ" ކިޔާ ފިލްމެކެވެ. އޭނަގެ ހަޔާތްވެސް އެފަދަ ފިލްމަކަށްވެ ނިމިގެން ދިޔައީއެވެ. ޖޫލިއާ ރޮބަޓްސްގެ ބައި ހަގީގީ ދިރިއުޅުމުގައި ކުޅެން ޖެހިއްޖެއެވެ. އެކަމަކު އެހާ ނަސީބު ކުޑަކަމުން ތަގުދީރާއި ޝަކުވާ ކުރެވޭނެ ހެއްޔެވެ؟ ކުށްވެރިޔަކީ އޭނައެވެ. އޭނަގެ ވިޔާނުދާކަމެވެ. ލިބުނު ނިއުމަތަށް ހިތް ނުފުރި އިތުރަށް ބޭނުންވީމައެވެ. އެކަނި ރީތިކަމުގެ ދަޅައިގައި ޖެހިގެން ދުނިޔެ ބަރުބާދު ކޮށްލެވުނީއެވެ.

މައިމޫން އާއި ދާވިޝް އަދި މައިމޫންގެ ކޮއްކޮގެ ދެމަފިރިން ވަރަށް ގިނައިރުވަންދެން އެގޭގެ ގެސްޓް ރޫމެއްގައި ވާހަކަދައްކަން ތިބެފައި ނިކުތެވެ. ދާވިޝް ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައިކަން އެ ނިތްކުރީގައިވާ ރޫތަކުން ރީއްޗަށް ފާޅުވެއެވެ. އޭނަ ބެލްކަންޏަށް ނިކުމެ އެކަހެރިވެލުމާއިއެކު އޭނަގެ މަންމައަށް ގުޅާލައިފިއެވެ.

"މަމް އިޓްސް ޑަން، ޑޭޓަކީ ފަސްޓް ޖެނުއަރީ....." ދާވިޝް މަޑުން ބުނެލައިފިއެވެ.

"އެއަށްވުރެ އަވަސް ނުވާނެތަ؟ " ސީމާގެ އަޑުގައި އަވަސްކަމެއް ހުއްޓެވެ.

"ނޮޓް ޕޮސިބްލް މަމް...." ދާވިޝް ދެންމެ ދެކެވުނު ވާހަކަތައް ކިޔައިދިނުމަށްފަހު އިންތިޒާރުކުރަން މަންމަ ގާތުގައި އެދުނެވެ. ދެން ދާވިޝް އޭނަގެ މަންމަ ގެ ގާތުން ކަމަކަށް އެދުނެވެ. އެމެރިކާއަށް ވީހާވެސް އަވަހަށް އައުމަށެވެ. މަންމަ ބޭނުމިއްޔާ އެމެރިކާގައި ކައިވެނި ކުރެވިދާނެ ކަމަށާއި އެކަމަކު ކައިވެނީގެ ކުރިން މަންމަ މާލޭގައި އެކަނި އުޅެން ދާވިޝް އެއްގޮތަކަށްވެސް ނޭދޭކަމަށް ދާވިޝް ތަކުރާރުކޮށް ބުންޏެވެ. ސީމާ ދަރިފުޅުގެ ހިތްހަމަޖައްސައިދޭން އެހާ ރީތިކޮށް ވާހަކަދެއްކުމުން ދާވިޝް ޔަގީންކުރީ އޭނަގެ މަންމަ ހުރީ އުފަލުން ކަމެވެ. މަންމަގެ ލޮލުން އޮހުނު ކަރުނަތައް އޭނަ އަކަށް ނުފެނުނެވެ.

އަލީނާ ކޮޓަރިއަށް ވަންއިރު އެ ދޮންމޫނުގައި ދާތިކިތައް ވިދަމުން ދިޔައެވެ. ވޭން އަޅާވަރުން ކެތްނުކުރެވިގެން ދެއަތުން ބަނޑުގައި ހިފަހައްޓާ ލެވިއްޖެއެވެ. ލޮލަށް ކަރުނަ އަންނަން އުޅުމުން ތުންފަތުގައި ދައިގަނެފައި އަލީނާ އެނދުގައި އިށީދެއްޖެއެވެ. ޒެވިޔަން އަންނާނެ ނަމައެވެ. ފޯނު ކޮބައިބާވައެވެ. އަލީނާ ބިރުން ގޮސް ހިތް އަވަސްވަނީއެވެ. ރޮވެނީއެވެ.

ކޮމެންޓް 0