ރިޔާގެ ސިކުނޑީގައި އެއްޗެއް ގޮވައި އެތި ކޮޅު ތަކަށް ބުރައިގެން ދިޔަކަމުގެ އިހުސާސެއް ކުރެވުނެވެ. ރިޔާގެ ހިތަށް ވީގޮތަކުން އޭނަގެ މޫނަށް އަނދިރިނުވީ ކިރިޔާއެވެ. އަމިއްލަ ދަރިފުޅު އެފަދަ ޙާލެއްގައި ވަނިކޮށް ފެނުނު މަންމަ އަކަށް ކެތްކުރެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ ރިޔާއަށް ވިސްނުނީ ފާއިތުވެގެންދާ އެންމެ ސިކުންތު ކޮޅަކީވެސް ދަރިފުޅުގެ ފުރާނައަށް ނުރައްކާ ވެދާނެ ވަގުތުކޮޅެއް ކަމަށާއި، އަމިއްލައަށް ހަމަޔަކަށް އެޅެންޖެހޭނެ ކަމުގައެވެ. ރިޔާ ވިދުވަރެއްހާ ހަލުވިކޮށް އައިގޮތަށް ނިކީ އުނގަށް ލައިގެން އިނދެ ޒެވިޔަންއަށް ގުޅިއެވެ. ނަސީބަކުން ފުރަތަމަ ރިންގާއި އެކީގައި ވެސް ޒެވިޔަން ފޯނު ނެގިއެވެ. ރިޔާ އަވަސްވެފައިވާ އަޑަކުން ދަރިފުޅަށް ކަމެއްވެއްޖެ ކަމަށާއި، އަވަހަށް އައިސްދިނުމަށް ބުނެލިއިރަށް އަޑު ކުރެހިއްޖެއެވެ. އެ ނޭވާގައި ރިޔާ އެމްބިއުލެންސަށްވެސް ގުޅިއެވެ. ނިކީއަށް ސަމާލުކަން ދިނީ އެފަހުންނެވެ. ރިޔާއަށް ފުރަތަމަ ނިކީ ނޭވާނުލާކަމަށް ހީކުރެވުނަސް ނިކީ އުދަގޫ ގޮތަކަށް ނޭވާލާކަން ވެސް އެގުނެވެ. ރިޔާ ނިކީގެ ގައިގައި ހިފާފައި ތަޅުވައިގަތެވެ.

"މަންމީ ފުށްގަނޑާ، ލޯ ހުޅުވައިބަލަ، ދަރިފުޅަށް ކީއްވެފައި ތިއޮތީ، މަންމަގެ ފުރާނަޔާ. ޑެޑީ އައިމަ ދަރިފުޅަށް އޯކޭވާނެ....." ރިޔާ ނިކީގެ މޫނުގެ އެތަން މިތާގައި ބޮސްދެމުން، ލޯބިވާވަރު ބުނެދެމުން ދިޔައެވެ. ހިތާހިތުން ރިޔާ ކެނޑިނޭޅި ދުޢާ ކުރަމުން ދަނިކޮށް ނިކީ މަޑުމަޑުން މަންމީއޭ ކިޔާފައި ބަލިގޮތަކަށް ލޯ ހުޅުވާލައިފިއެވެ. ބަލިވެގެން ލޯ ހުޅުވައިލަން ބޭނުންނުވެފައި ނިކީ އޮތީކަން ނޭގެއެވެ. ވިނަގަނޑު މަތީގައި ވަޔާއިދެކޮޅަށް ކިރިލަ ކިރިލައި އޮތް ޗާޗާ ޕެކެޓްވެސް ރިޔާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. އަލީނާ އޭނަގެ ދަރިފުޅަށް ކާންދިނީ ޕީނަޓް ޗޮކްލެޓް ހެއްޔެވެ؟ އެވަރަށް މަނާކޮށްފައި، އެވަރަށް ބުނެދީފައިވާއިރު ގައިމު ހަދާންނެތިގެން ނުވާނެއެވެ. 

"މަންމީ ހާރޓިން...." ނިކީއަށް ރަނގަޅަށްވެސް ނޭވާނުލެވެއެވެ. އެރަތް ތުންފަތްވެސް މަޑުމަޑުން ނޫވަމުންދިޔައެވެ. ދެލޮލުގައި ދިރުމެއްނެތެވެ. ހީވަނީ ހުއްޓެން އުޅޭހެންނެވެ. ރިޔާގެ ހިތަށް ލިބުނު ބިރުވެރި ކަމެއްގެ ސަބަބުން ސިކުނޑި އާއި ހިތަށް ބާރުކުރަމުން ގޮސް ނިކީގެ ގައިގައި ހިފަހައްޓާލައިގެން އިނދެވޭ ވަރެއްނެތި ގައިން ވަރު ހުސްވާން ފެށިއެވެ. ރިޔާ ގުޅިތާ މިނިޓެއްގެ ތެރޭގައި ޒެވިޔަން އާއި އޭނަގެ އެކުވެރިންވެސް ދުވެފައި އައިގޮތުން އެމީހުންވެސް ހާސްވެފައިވާވަރު ރިޔާއަށް ފެނުނެވެ. ނަމަވެސް އެންމެން ފެނުމުން ރިޔާގެ އުންމީދު ބޮޑުވިއެވެ. ޒެވިޔަން އައިގޮތަށް ނިކީގެ އަތުގެ ވިންދު ބަލާލައިފައި އެޕިޕެން ޝޮޓެއްދިނެވެ. އެޑްރިނޭލިން އަކުންވެސް ހަށިގަނޑަށް އެދިމާވި ބޮޑުކަންތައް ގަނޑަކާއި ކުރިމަތިލައި ހުރިހާކަމެއް ހަމަޔަކަށް ނޭޅުވުނެވެ. "ޑެޑީ" ނިކީ ބޭނުންވީ ޒެވިޔަން ލައްވާ އުރުވުމަށެވެ. އެކަމަކު އޭރު އެ ބޮޑު ދެލޯވެސް ވަރު ދެރަގޮތަކަށް މެރެމުން ދިޔައެވެ. ނިކީ ގެ ހެޔަށް ގޮތެއްވަނީ އެވެ. ނިކީ ޒެވިޔަންގެ ޓީޝާޓްގައި ހިފެހެއްޓި ގޮތަށް ދެލޯ ގަދަކަމުން ހުޅުވާފައި އަދިވެސް ޑެޑީއޭ ކިޔަން އުޅުނެވެ. އެހާ ބަލިކޮށް އޮތްއިރުވެސް ނިކީ ޒެވިޔަންއަށް ގޮވައިލީ ކޮންފަދަ ހިތްވަރެއް ކޮށްލައިފައި ކަމެއްވެސް ނޭގުނެވެ. ނަމަވެސް އެވަގުތު ނިކީ ގެ ނޭވާ ހުއްޓި ޒެވިޔަންގެ އަތުގެ ތެރެއަށް ދެމުނެވެ. 

ޒެވިޔަން ގެ ހިތްވެސް ހިދުކޮޅަކަށް ހުއްޓިލިފަދަ ނުބައިގޮތެއް ވިއެވެ. ހަލާކުވެފައިވާ ހިތަކާއި އެކީގައި އޭނަ ނިކީ ނޭވާލައްވަން ކެނޑިނޭޅި މަސައްކަތް ކުރިއެވެ. އެވަގުތު އެންމެނަށްވެސް ހީވީ ދުނިޔެވެސް އިރުކޮޅަކަށް ހުއްޓުނު ހެންނެވެ. ނޭވާހިފަހައްޓާލަން ޖެހުނު ބިރުވެރި ވަގުތެކެވެ.

އާއިޒުއަށް ވެސް ލޮލުގައި ގިނަވެގަތް ކަރުނަތައް ހިފެހެއްޓުމުގައި ކާމިޔާބެއް ނުވިއެވެ. ރިޔާއަށް ނިކީގެ ހާލު ބޮޑުވިތަން ފެނުމުން ސިކުނޑިއަށް ކުރި ބާރެއްގެ ބޮޑުކަމުން ވަގުތުން އަރިއަޅާލައިފިއެވެ. ރިޔާ އާއި ދާދި ގާތުގައި ހުރި ދާވިޝް ހުޝިޔާރުކަމާއި އެކީގައި ރިޔާ ބިންމަތީގައި ޖެހުނަނުދީ ހިފަހައްޓާފައި، އަތްދަނޑިމައްޗަށް އުފުލާލި ގޮތަށް ގެންގޮސް ފެންޑާގައި ވާ އުދޯއްޔެއްގައި ބާއްވައިފިއެވެ. އޭރު ރިޔާގެ މޫނުގައިވާ ރަތްކުލަ ކެނޑި، އެމޫނު ހީވަނީ ކަފަކޮޅެއް ހެންނެވެ. މުތީތަކެއް ފަދައިން އެ މޫނުގައި ދާތިކިތައް ވިދާ ބަބުޅައެވެ. އަތްފައިވެސް ގަނޑުފެންކޮޅެއް ފަދައެވެ. ދާވިޝް ރިޔާގެ މޫނުގައި ފެންލާފައި ހޭހަން ކުރަމުން ދަނިކޮށް ކުޑަކޮށް ލޯހުޅުވާލައިފިއެވެ. ރިޔާ ދާވިޝްގެ ގައިގައި ހިފައިގެން ބާރުބާރަށް ރޮއިގަތެވެ. ދާވިޝް ރިޔާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ނިކީއަށް ރަނގަޅުވެދާނެ ކަމަށް ބުނެ ހިތްވަރުދިނެވެ. ނާހީ އާއި އަލީނާއަށް ވެސް ދުވެފައި އެތަނަށް އާދެވުނު އިރު އެތަން ވަނީ ހަލަބޮލިވެފައެވެ. 

"ސުބުހާނަﷲ، އެ ލޯބި ކުޑަ ދޫނިފުޅަށް އެސްފީނާ ޖެހުނީތަ؟ މާރަނގަޅު ވާނެ ފަންޑިތަވެރިއެއް ގެނެސްގެން ފެންތަށްޓެއް ޖަހާލިޔަސް. މިމީހުން މާ އެމެރިކަން ވީމަ ޖިންނިއެއްގެ އުދަގޫ ނުފޯރާނެ ކަމަށްވެސް ގަބޫލު ކުރަނީ ކަންނޭގޭ، އެހެން ދިމާވާކަންތަކުގައި ޑޮކްޓަރުންނަށްވުރެ ފަންޑިތަވެރިން މާ މޮޅުވާނެ....... " ނާހީ އަލީނާގެ ގައިގައި ހިފަހައްޓައިގެން ހުރިއިރު އޭނަ ހުރީ ކުޑަ ފޯރިއެއްވެސް ހިފާލާފައެވެ. ވިސްނައި ނުލާހުރެ ޕީނަޓް ޗޮކެލްޓް ޕެކެޓެއް ނިކީގެ އަތަށް ދެވުނީއެވެ. އެކަމަކު ޗޮކްލެޓް ކައިގެން ކުއްޖަކު މަރުވެދާނެ ކަމަކަށް އޭނަ ގަބޫލެއް ނުކުރެއެވެ. ފަހަރެއްގައި ނަޓްކޮޅެއް ފުއްޕާމެޔަށް ނުދެވިގެން ނޭވާނުލެވުނީ ކަމަށް ވެދާނެއެވެ. ހޮސްޕިޓަލަށް ގެންދިޔައިމަ ނިކީ ރަނގަޅުވާނެ ކަމަށް ނާހީ ޔަގީން ކުރިއެވެ. އަލީނާއަށް އަދިވެސް ވެގެން އުޅޭ ގޮތެއް ރަނގަޅަކަށް ނޭގެއެވެ. ނަމަވެސް ނިކީއަށް ސީރިޔަސް ކަމެއް ދިމާވެ، ބަލިވީކަން އެނގުނެވެ. އަލީނާ ނިކީގެ ތުއްތު ކުރެހުން މޭގައި ޖައްސާ ބާރުކޮށްލައިގެން ހުރިއިރު ރޮވެމުން ދިޔައެވެ.

އެމްބިއުލެންސް އައުމުން އަލީނާ ގަހެއްގެ ފުރަގަހުގައި ފިލައިހުރެ އެ މަންޒަރުތައް ދެކެމުން ދިޔައިރު އޭނަގެ ހިތްވެސް އަވަސްވެފައި ވަނީ މާވަރަކަށެވެ. އެންމެންގެ މޫނުމަތިން އެހާ ކަންބޮޑުވެފައިތިބި ކަމަށް ފެންނަނީ ނިކީއަށް ކިހާވަރެއްގެ ކަމެއްވެގެން ބާވައެވެ. ޒީބާ ކޮބައި ބާވައެވެ. މިވީ ކިހިނެއްބާ ވައެވެ. އޯޓަމް ބްލޭޒްއަށް މިއައީ ކޮންފަދަ މުސީބާތެއް ހެއްޔެވެ. ބޮޑު ތޫފާނެއްގެ ވިލާގަނޑު ނޭގިތިއްބާ އައިގޮތަށް ބޮލަށް ބިންދާލައިފިއެވެ. އޭގެ ރާޅުތަކުގެ ދަށުވެ ކުޑަކުޑަ ނިކީއަށް ވީގޮތެއްވެސް ނޭގުނެވެ. ނިކީ މަރުވީބާވައެވެ.

އެމްބިއުލެންސްގައި ވެސް ކެނޑިނޭޅި ނިކީއަށް ފަރުވާދެވުނެވެ. އޭރު ނިކީގެ ހިތުގެ ވިންދު އަދި ލޭގެ ޕްރެޝަރވެސް ނުލިބެއެވެ. ހޮސްޕިޓަލަށް ނިކީ ގެންދެވުމަށް ފަހުވެސް ނިކީ ދިރިހުރުމާއި މަރާއި ދެމެދު ހަގުރާމަ ކުރަމުން ދިޔައީ ލައިފްސަޕޯޓިން މެޝިނުގެ އެހީގައެވެ. އެ ޢާއިލާގެ އެތައްބަޔަކު އައިސީޔޫގެ ބޭރުގައި ހިމޭންކަމާއި އެކީގައި އެކީގައި ތިބި އިރު، އެންމެންގެ ލޯތައް ވަނީ ފެންކަޅިވެފައެވެ. ރިޔާ އޮތީ ނިންދަވާ އިންޖެކްޝަނެއްގެ ބާރުގައި ނިދާފައި ކަމަށްވާތީ ރިޔާއަށް ވާނުވާއެއް ނޭގުނެވެ. 

އަލީނާގެ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ކެތްނުކުރެވިގެން އެނދަށް އެރިގޮތަށް ބާލީހުން މޫނުފޮރުވިއެވެ. މިނޫނީ މިގޮތަށް އަޑުވީއްލާ ރޮވުނު ހަނދާނެއް އަލީނާ ނުވެއެވެ. ޙަޔާތުގައި މިފަދަ ހިތާމަވެރި ދުވަހެއް ކުރިންވެސް އަދި ފަހުންވެސް ނާންނާނެކަން އަލީނާއަށް އެގުނެވެ. އޭނަގެ ހުރިހާ އުފާތައް ވިއްސި ވިހާލިވެ، ދުނިޔެ ނިމެނީކަމުގެ ނުބައި އިހުސާސެއް ކުރެވުނެވެ. ނިކީއަށް ގޮތެއްވެއްޖެއްޔާ ދެން ދުވަހަކުވެސް އެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ނިކީގެ ތަސްވީރު މޭގައި ޖައްސާލައިގެން އޮވެ ރޮއިރޮއިފައި އަލީނާ ނިކީއަށް ގޮވިއެވެ. މިއީ ބިރުވެރި ހުވެފަނަކަށް ވާނެ ނަމައެވެ. ހޭލެވޭއިރަށް ހުރިހާކަމެއް ހަމަޔަކަށް އެޅޭނެ ނަމައެވެ. ނިކީ އެކުދި ދަތްތައް ދައްކާލައިގެން އަންނަ ގޮތަށް އޭނަގެ އަތުގެ ތެރެއަށް ވަންނާނެ ނަމައެވެ. އަލީނާ ރޮމުން ގޮސް ބޭރަށް ނިކުތް ގޮތަށް އެތާހުރި އޮރެންޖް ގަސް ވެސް އުފުލާލައިގެން ގޮސް އެނދުމަތީގައި ބޭއްވިއެވެ. ނިކީގެ ހަނދާންތައް ފިޔަވައި މިވަގުތު އެއްވެސް އެއްޗެއް އޭނަގެ ނެތެވެ. އޭނައަށް މި ބޮޑުގެއިން ލިބުނު ހަމައެކަނި ހަމަޖެހުމަކީ ނިކީއެވެ. އެ ފުށްގަނޑުވެސް އޭނައާއި ވަކިވެގެން އެދިޔައީ ހިތް ރޮއްވާލައިފައެވެ. އޭނަގެ ހިތުން ބަޔެއް ހިފައިގެންނެވެ.

"އެލީ ނުރޮއި، އަދި ނިކީއަށް ރަނގަޅުވާނެ، ނިކީގެ ބައްޕަ އާއި ފެމިލީ މީހުންނަކީ ޑޮކްޓަރުން، ދުނިޔޭގެ ބާރަކަށް އެ ފުށްގަނޑު ސަލާމަތް ކުރެވެންޏާ އެމީހުން ސަލާމަތް ކުރާނެ، އެލީއަށް އެނގޭތަ؟ އެލީ ފެންވަރަން ހުއްޓާ ނިކީ މިތަނަށް އައީ، އެނދުމަތީގައި ހުރި އަހަރެން ގަނެގެން ގެނައި ޗާޗާ ޕެކެޓްތަކެއް އެކަމަކު އެއީ ނަޓް ހުރި ވައްތަރު ކަމެއް ނޭގި އަހަރެން ނިކީ ގާތުގައި ބުނިން ގެންދާށޭ، ދޮންބެއަށް ގުޅައިގެން ހުރީމަ އެވަގުތު ނިކީ އަކާއި އަޅައެއްވެސް ނުލެވުނު، ނަޓްކައިގެން މަރުވާންވީ ކީއްވެތަ؟ އެކަމަކު މިގޭގައި ޕީނަޓް ގެންގުޅުން ވަރަށް ބޮޑަށް މަނާކޮށްފައި އޮތީމަ އަހަރެންވެސް ދުވަހަކު ބަދިގޭގައި އެކަހަލަ އެއްޗެއް ނުގެން ގުޅެން..." ނާހީ އެވާހަކަތައް ކިޔައިދިނުމުން އަލީނާ ވަކިން ބޮޑަށް ހާސްވިއެވެ. ނިކީ ޗޮކްލެޓް ކައިގެން ދިމާވި ހާދިސާއެއް ކަމަށް ވަންޏާ އެމީހުންނަށް ޔަގީނުންވެސް އެކަމުގެ ސަޒާ ލިބޭނެއެވެ. އެކަން ހިނގިގޮތް ބަލަން ޒީބާމެން ނުފޮރުޅާނެ އެންމެ ގާކޮޅެއްވެސް ނުބާއްވާނެއެވެ. އެންމެ ފުރަތަމަވެސް ޝައްކުގެ އިނގިލި ދިއްކުރާނީ އަލީނާ އަށެވެ. އަލީނާ މިވަގުތު އެކަމާއި ވިސްނާކަށް ބޭނުމެއްނޫނެވެ.

ނާހީ ކިތަންމެ ވާހަކައެއް ދެއްކިޔަސް އަލީނާ އަނގައިން ނުބުނެއެވެ. ރޮއިރޮއި ދެލޯ ފާރުވާއިރުވެސް އޭނަ ހުއްޓާނުލައި ހަމަ ރޮނީއެވެ. އެންމެ ފަހުން ނާހީ ޕެކްކުރަން ފަށައިފިއެވެ. އެމީހުން މިގެއިން ދާވަގުތުވެސް ޖެހެނީއެވެ. ކުއްލިއަކަށް މީހަކު ހުއްދަ ހޯދުމަކާއި ނުލައި ވަދެގަތުމުން ނާހީ ސިހިފައި ބަލައިލިއިރު ދޮރުމަތީގައި، ފެހިދެލޯ ދިއްލާލައިގެން ހުރީ ޒީބާއެވެ. ޒީބާއަށް މޭޒުމަތިން ފެނުނު ޗޮކްލެޓް ތަކުން އޭނައަށް މީހަކު އިތުރަށް ބުނެދޭން ޖެހޭނެ ވާހަކައެއް ނެތްކަން ޔަގީންވެ ދެލޯ ހަނިކޮށްލައިފިއެވެ. ނާހީ ހިނި އައީ ޒީބާ އެޖެންޓެއް ފަދައިން ވަގުތުން ފޮޓޯ ނަގަން ފެށުމުންނެވެ. މިގޮތަށް މަސައްކަތް ކުރަނީ ފޮރެންސިކް ޓީމްތަކުން ނޫންހެއްޔެވެ؟ ޒީބާ ފިންގަރ ޕްރިންޓްވެސް ނަގައިފާނެ ކަމާއިމެދު ނާހީ ޝައްކުވިއެވެ. ނާހީ އިނީ ފަރުވާކުޑަގޮތަކަށް ޗުއިން ގަމެއް ހަފާލަ ހަފާލައެވެ.

"ކަލޭމެންގެ ނުބައިކަން ބަލައިލަބަލަ، ގަސްތުގައި އަހަރެމެންގެ ބޭބީއަށް ޕީނަޓް ކާންދީފައި އެ ދަރިފުޅު މަރާލަން އުޅުނީ، ކޯޓަށްވެސް މައްސަލަ ހުށަހަޅާނަން، ހަނދާންކުރާތި މި މައްސަލަ ކޮޅެއްގައި ނުޖެހެނީސް ކަލޭމެންނަކަށް މިގެއިން ބޭރަކަށް ނުދެވޭނެ. ދޫނިދޫއަށް ދާން ތައްޔާރުވޭ....." ޒީބާ އިތުރު ވާހަކަތަކެއް ދެއްކުމެއްނެތި އިންޒާރެއްދީފައި ދިޔުމުން ނާހީ އަނގަޔަށް ނުބައިގޮތެއް ހަދާލައިފިއެވެ.

"ޖިންނި ސްޓައިލަށް ދެލޯ ދިއްލާލައިގެން ހުރެ ދޮރުމަތިން ދައްކާލާފައި ޣައިބުވެއްޖެ، ހާދަ ފޫހިވެޔޭ، އަހަރެމެން ކޯޓަށް ގެންދިޔަސް ދެން އެ ޗޮކްލެޓް ނުދޭކަމަށް ވާނެތަ؟ އަހަރެންވެސް ނިކީއަށް ޗޮކްލެޓް ދިން އިރު އެކުއްޖާ އެލާޖިކްވާ އެއްޗެއް ކަމެއް ހަނދާނެއް ނެތޭ، ޒީބާ ކިޔާ ހަންޑި އެލާޖިކްވާނަމަ އޭނައަށް އެ ކާންދިންތާ ކޮން ދުވަހެއް، އެކަމަކު މަ އެބައުޅެންތަ މޮޔަ ބޮޑުވެގެން ކުޑަ، ލޯބި މަލަކަށް އެހެން ހަދާލަން؟ މާފުއްޕާލާފައި އަދި ކޯޓަށް ގެންދާނަމޭ ބުނާއިރު ދޫނިދޫއަށް ގެންދިޔަސް ބިރެއްނުގަނޭ....." ނާހީ ޗޮކްލެޓް ޕެކްޓްތައް، ޑަސްބިނަށް ލާފައި އެނދަށް ވެއްޓިގަތުމުން އެނދުގެ ފިލާގަނޑެއް ބިންދައިގެން ދިޔަ އަޑުއިވުނެވެ. 

ރޮއިރޮއި އޮތް އަލީނާވެސް ބޯދިއްކޮށްލާފައި ތިރިއަށް ބަލައިލީ ނާހީ އެނދުން ވެއްޓުނީ ކަމަށް ހީކޮށެވެ. ނަސީބަކުން އެއްފިލާ ހަލާކުވިޔަސް އޭނަ އޮތީ ސަލާމަތުންނެވެ.

"މިވީގޮތުން މިރޭ ބިންމަތީގައި ނިދާނީ....." ނާހީ ގޮދަޑި ދަމައި ބިންމައްޗަށް ވައްޓާލައިފިއެވެ.

"ނޫން، މައްޗަށް އާދޭ، އަހަރެން ތިރީގައި އޮވެދާނަން..." އަލީނާ އެއްގޮތަކަށްވެސް ނާހީ ބިންމަތީގައި ބާއްވާކަށް ހިތެއް ނުރުހުނެވެ.

"މަށަށް ލާހިކެއްނޫން، މަތީއެނދުގެ ފިލާގަނޑު ބިންދައިގެންގޮސް އެލީގެ ގައިމައްޗަށް މަ ވެއްޓިއްޖެއްޔާ އެލީ މަރުވެދާނެ، ގޮނޑީގެ ހާދިސާއަށްފަހު މިއުޅެނީ ވިސްނައިގެން، ދެން އެލީވެސް ތެދުވެ އެއްޗެއް ކައިބަލަ، އަހަރެމެންނަށްވެސް ނިކީ އަށް ވިޒިޓްކޮށްލެވިދާނެ ވިޒިޓިން ގަޑީގައި، އިރާދަކުރެއްވިއްޔާ ނިކީ ރަނގަޅުވާނެ، ޒީބާ އާދައިގެ ކަމެއްވެސް މާބޮޑު ކޮށްލައިގެން ގިޔާމަތްވީ ކަމަށް ހަދައިގެން އެއުޅެނީ އަހަރެމެންނަށް އަދަބެއް ނުދެވިގެންނޭ، ނިކީ ރަނގަޅުވީމަ ޒީބާ ކީކޭ ކިޔާފައި އަހަރެމެން ކޯޓަށް ގެންދާނީ؟ އޭނަ އެކަނި ކޯޓް ކޮށިގަނޑަށް އެރިގެން ހުރެ މޮޔަ ގޮވާފައި އައިސްދާނެ. އެކަމަކު އެހާ ގަމާރުކަމެއް ކޮށްލާވަރަށް ވުރެ ސްޓައިލިޝް މީހެއް ދޯ....." ނާހީ ހަށިގަނޑު ދަމާލައިގެން ގޮދަޑި މަތީގައި އޮވެ އިޔާންއަށް ފޯނުން މެސެޖްކުރަން ފެށިއެވެ. އަލީނާއަށް ވެސް ކުޑަހިތްވަރެއް ލިބިއްޖެއެވެ. އިރާދަކުރެއްވިއްޔާ އޭނަގެ ލޯބި ނިކީ އަދި އަންނާނެއެވެ. އެ ތުއްތު ދަރިފުޅު ހެޔޮޙާލުގައި ހުރެ އަދި އަލީނާގެ ގާތަށް އަންނާނެ ކަމުގެ ކުޑަ އުއްމީދެއް ހިތުގައި އުފެދި، އަލީނާ ކަރުނައިގެ ތެރެއިން ހިނިތުންވެލައިފިއެވެ.

ނިކީގެ ޙާލު ސީރިޔަސްކަން އެނގިލެއްވުމާއިއެކު މައިމޫން އާއި ސީމާ ދަތުރުކުރުކޮށްލާފައި ވަގުތުން ރަށަށް އަންނަން ފުރައިފިއެވެ. އޭރުވެސް ނިކީއަށް ވެފައިވާ ވަރުގެ ބޮޑުކަމެއް އެދެމަފިރިންނަށް ރޭކައެއް ނުލައެވެ. ސީމާ އިނީ ޝައްކެއްގެ މަތީގައެވެ. ނިކީ ސީރިޔަސް ނުވިޔަސް ޒީބާ އެމީހުން ރަށަށް ގެންނަން އެފަދަ ރޭވުމެއް ރާވަފާނެއެވެ. ނަމަވެސް ސީމާ އެކި ފަރާތްތަކަށް ގުޅުމުން އެ ޚަބަރުގެ ތެދުކަން ހާމަވެ ސީމާގެ ހިތަށްވެސް އިންތިހާ ދަރަޖައިގެ ބިރުވެރި ކަމެއްވަނެވެ. އޭނައަށް ވަރައެއް ލިބޭނެނަމަ މިވަގުތުވެސް އުދުހިފައި ދިޔައީހެވެ. އެހެން ދުވަހު ފްލައިޓަށް އަރާގޮތަށް ކުޑަކޮށް ތަޅުވާލިޔަސް ހަޅޭއްލަވަލަވާފައި އުޅޭ ސީމާ މިދަތުރު މަތީގައި އިނީ ހިމޭނުންނެވެ. އިރުއިރުކޮޅާ ޓިޝޫއިން ލޯފޮހެލައެވެ. ރިޔާއަށް ނިކީ ނުބެލެހެއްޓުނީ ކަމަށް ބުނެ ރިޔާ ކުށްވެރި ކުރިއެވެ.

އާއިޒުއަށްވެސް ލިބިފައި ވަނީ އިންތިހާދަރަޖައިގެ ހިތާމައެކެވެ. ކިތަންމެ ހިތްވަރުގަދަ، ކެތްތެރި ޒުވާނަކަށް ވިޔަސް ލޯބިވާ ފަރާތެއް ދުނިޔެއާއި ވަކިވެދާނެކަމުގެ ބިރުވެރިކަން އޭނަގެ ހިތް މަރުވާވަރު ކުރުވިއެވެ. ލޯބިފަދައިން ރުޅި އާއި ބިރަކީވެސް އެހާ ބާރުގަދަ ޖަޒުބާތެކެވެ. އެންމެ ފަހު ވަގުތުކޮޅު އުއްމީދުގެ ހުޅުކޮޅު ނިވުނަނުދީ ހިފަހައްޓަން ހިތް އެދިގޮވާނެވަރު އިހުސާސް ކުރެވޭނީ އެފަދަ ހިތްދަތި ތަޖުރިބާއެއް ކުރެވުނު މީހަކަށެވެ. އެހެންނޫނަސް މިއަދަކީ އާއިޒު ޔަގީންކުރި ގޮތުން މުޅިދުނިޔެވެސް އާއިޒު އާއި ދެކޮޅުވެ ސުންޕާ ދުވަހަކަށް ވެގެން ދިޔަ ދުވަހެކެވެ. ތިމާގެ އަނބިމީހާގެ ވަފާތެރި ކަމެއްނެތް ކަމާއި އަދި ދޮގުވެރިކަން ބޭޒާރުވުމުން އެކަމާއި ފިޔަވަޅެއް ނޭޅިގެން އުޅެނިކޮށް ހުރި އެންމެ ބޭބެގެ ފުރާނަފަދަ ލޯބިވާ ދަރިފުޅު އެއޮތީ މަރުގެ ތުންފަތްމަތީގައެވެ. އެވަރުންވެސް އާއިޒުގެ ހިތް ޖިލާއަށް ޓަކައި ހަމްދަރުދީ އިން ފުރުނެވެ. ޖިލާ އެކަނިކޮށްލާފައި ދުރަށްދާކަށް އެހިތަކަށް ކެތެއްނުވިއެވެ. މިފަދަ ވަގުތެއްގައި ވެސް އޭނަގެ އަންހެނުންނަށް އެހީތެރި ވުމަކީ އާއިޒުގެ ޒިންމާއެއް ކަމުގައި އޭނަ ފެނުނެވެ.

އާއިޒު ކޮޓަރީގެ ދޮރުހުޅުވާލި އިރު ޖިލާ އިނީ ލެޕް އުނގުމަތީގައި ބައިންދައިގެން އެނދުގައި އިށީނދެ ލައިގެންނެވެ. ޖޭސަންގެ "އައި ވޯންޓް ގިވް އަޕް" ލަވަ ޖަހާލައިގެން ޖިލާ އިނުމުން އާއިޒު ސިހޭގޮތް ވިއެވެ. އެއީ އާއިޒު ރީތިވެގެން އަބަދު އަޑުއަހައި އުޅޭ ލަވައަކަށްވީމަ ޖިލާއަށް ޚާއްސަވީ ހެއްޔެވެ؟ އާއިޒު ޓަކިވެސް ޖަހައިނުލައި އެގޮތަށް އައުމުން ޖިލާވެސް ކުޑަކޮށް ސިހި އަދި ރަކިވާގޮތްވިކަން މޫނުމަތިން އެގުނެވެ. 

"ހޮސްޕިޓަލަށް ދާން ތައްޔާރުވެބަލަ، ނިކީ އެޑްމިޓްކޮށްފަ އޮތީ...." އާއިޒު ދެރަވެފައި ހުރިވަރުން ބޭނުންވި ވަރަކަށް ހަރުކަށިކަން އަޑަށް ނުގެނެވުނު ނަމަވެސް އޭނަ ޖިލާ އަކާއި ހަތަރުކަޅި ހަމަކޮށްނުލައި ހުރެ ބުނެލައިފިއެވެ.

"ނިކީއަށް ކިހިނެއްވީތަ؟" ޖިލާ ކަންބޮޑުވިވަރުން އަވަހަށް ލެޕް އެއްލައިލައިފައި ތެދުވެއްޖެއެވެ.

"ޕީނަޓް ހުރި އެއްޗެއް ކެވިގެން އެލާޖިކްވީ، އައިސީޔޫގައި ވީވެސް، އަވަސްކޮށްލާތި، އަހަރެން ބޭރުގައި މަޑުކޮށްލާނަން..." އާއިޒު އެހާ ބިރުވެރި ޚަބަރެއްދީފައި ޖިލާގެ ހިތްހަމަޖައްސާލަދޭން މަޑުކޮށްލުމެއްނެތި ބޭރަށް ނިކުތެވެ. ޖިލާ އިރުކޮޅެއް ވާންދެން ގަނޑުވެފައި ހުރުމަށްފަހު އަވަސް ގޮތަކަށް ހެދުން ބަދަލުކޮށްލައިގެން ޝޯލްވެސް އާދައިގެ ގޮތަކަށް އަޅާލައިގެން ނިކުތެވެ.

ކާރު ތެރޭގައިވެސް އާއިޒު އިނީ ހިމޭނުންނެވެ. ޖިލާއަށްވެސް އިތުރު ސުވާލެއް ކޮށްލާކަށް ނުކެރުނެވެ. ދެރަވެފައި އިންއިރުވެސް ކާރު ތެރޭގައި ދުވާ ސެންޓު ވަހާއި، އާއިޒުގެ ރީތިކަމާއި މެދު ޖިލާއަށް ވަރަކަށް ވިސްނުނެވެ. ހުންގާނު މަތީގައި ބާއްވާލެވިފައި އޮތް ރީތި އަތުގައި ހިފާލަންވެސް ހިތް ބޭނުންވިއެވެ. އޭނަގެ ގައިން ހީބިހިހަލުވާލީ އޭސީގެ ފިނިކަމުންކަމެއް ނޫނީ ޚިޔާލުތަކުން ކަމެއް ނޭގުނެވެ. އާއިޒު އާއި އެކީގައި ހިނގާލައިފައި ދިޔައިރުވެސް އެ ސްމާޓް ކަމާއި، ފިރިހެންވަންތަ ކަމުން ޖިލާއަށް އަސަރު ކުރުވިއެވެ. އެކީގައި ހިނގާލައިފައި ދެވުންވެސް ފަޚުރެއްކަމަށް ދެކުނެވެ. 

އައިސީޔޫ އާއި ހަމަޔަށް ދެވުމާއި އެކު އެންމެންގެ މޫނުތަކަށް ބަލައިލައިފައިވެސް ނިކީގެ ހާލު ސީރިޔަސްވަރު ޖިލާ ދެނެގަތެވެ. ޖިލާއަށް ގޮސް ދާވިޝްގެ ގައިގައި ހިފައި ގަތުމާއި އެކު ރޮވިއްޖެއެވެ. ދާވިޝް ޖިލާ މޭގައި ޖައްސާލަމުން މަޑުމަޑުން ކޮންމެވެސް ވާހަކަތަކެއް ދެއްކިއެވެ. އާއިޒުއަށް ހުންނަން ޖެހުނީ އެ މަންޒަރު ދެކެން ދުރުގައެވެ. ޖިލާ ކިތަންމެ މައުސޫމްކޮށް ހުއްޓަސް އެއީ ހާދަ ނުލަފާ ކުއްޖެކެވެ. ރަނގަޅަށްވިއްޔާ މިއީވެސް އެކްޓެކެވެ. ނުރޮވުނަސް ޖިލާ ޑްރާމާ ކުޅެލަފާނެއެވެ.

ލައިފް ސަޕޯޓް މެޝިނަކަށް ލޯބިވާމީހަކު ލާފައިވާތަން ފެނުމުން ހިތަށް ކުރާނެ އަސަރު ލަފުޒު ތަކަކުން ބަޔާންކޮށެއް ނުދެވޭނެއެވެ. ޒެވިޔަންވެސް ވަނީ ބަލިމީހުންގެ ފުރާނަ ސަލާމަތް ކުރަން މި މަސައްކަތް ކިތަންމެ ފަހަރަކު ކޮށްފައެވެ. ނަމަވެސް އަމިއްލަ ދަރިފުޅު އެހާލުގައި އޮތްތަން ފެނުމުން މިއަދު ޒެވިޔަންގެ ހިތަށް ކުރި އަސަރުން، ހިތް ފަޅައިގެން ދާވަރުވިއެވެ. އެތައް ހޮޅިތަކުގެ ސަބަބުން ނިކީ ގެ ތުއްތު ހަށިގަނޑު ވައިރުކޮށްފައިވާހެން ހީވާއިރު މިއީ އޭނައަށްވެސް މިއަދު އަނިޔާއެއްގެ ގޮތުގައި ނޫނީ ސިފަވެގެންދާފަދަ މަންޒަރެއް ނޫނެވެ. ޑޮކްޓަރުން ބޭނުން ވަރަކަށް ކަށިތައް ހަރައި ހޮޅިތައް ގުޅާއިރު ދިފާއުވާން ނިކީއަށް ރޮއިލެވޭކަށްވެސް ނެތެވެ. ކިރިޔާވެސް ހޭވެރިކަމެއް ހުރިނަމަ ނިކީ ހާދަ ބިރުގަތީހެވެ. ޒެވިޔަން މަޖުބޫރު ކަމާއި، ހަލާކުވެފައިވާ ހިތަކާއިއެކު އެމަންޒަރު ދެކެން ހުރިއިރު އުމުރު ދުވަހުވެސް އެކަން ހިތުން ފިލައިގެން ނުދާނެއެވެ. ޑޮކްޓަރުން ފޮޅުވާލާފައި ދަރިފުޅު ނަގައިގެން މިތަނުން ދާންވެސް ހިތް އެދުނެވެ. އެތައް އަނިޔާތަކެއް ލިބުމަށްފަހުވެސް ނިކީގެ ފުރާނަ ސަލާމަތްވުމުގެ އުއްމީދެއް ނެތީމައެވެ. ޒެވިޔަން މޮޅު ޑޮކްޓަރަކަށް ވެހުރެ އެއްވެސް އެހީއެއް ނުވެވި، އެ ދަރިފުޅުގެ ހަޔާތުގެ ބައްތި ނިވެމުން ދަނީއެވެ. ޒެވިޔަންގެ ކެތްތެރިކަން ކޮޅުން ލައިގެން ދާންފެށިއެވެ. ޒެވިޔަން ފިރިހެނަކަށްވެހުރެ ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަކަށް ކެތްކޮށްލައިގެން ހުއްޓާ އެންމެ ފަހުން އެ ރީތިދެލޮލުން ކަރުނަ އޮހިގަތެވެ.

"ޒެވިޔާ، އައިމް ސޯ ސޮރީ، ހިގާބަލަ ބޭރަށް ނިކުމެލަން......" ޒުވާން ޑޮކްޓަރަކު ޒެވިޔަންއަށް ހިތްވަރުދޭން އުޅުނަސް އޭނައަކަށްވެސް ނިކީ އާއި ބެހޭގޮތުން އުއްމީދީ ވާހަކައެއް ނުބުނެވުނެވެ.

"ރިވާ، ތި މެޝިން ކަނޑާލަންވީނު، އަހަންނަށް އެނގޭ އަހަރެންގެ ދަރިފުޅު ދެން ރަނގަޅު ނުވާނެކަން، އިތުރަށް ދެވޭ އަނިޔާއެއް މިއީ. އިޓްސް ކިލިން މީ......" ޒެވިޔަން ހިތް ހަލާކުވެފައިވާފަދަ ގޮތަކަށް ދެލޯމަރާލަމުން ބުންޏެވެ. ޒެވިޔަން ހަދާނަށް އައީ އޭނައަށް ދަރިފުޅު ލިބުނު ދުވަހު އެ މަލެއްފަދަ ތުއްތު މޫނު ފެނުމުން ކުރެވުނު އުފާވެރި އިހުސާސްތަކެވެ. މޭގައި ޖައްސާ ބޮނޑިކޮށްލަމުން އެމޫނުގައި ބޮސްދިން އިރު ޒެވިޔަންގެ ލޮލުން އެދުވަހު އައީ އުފާވެރިކަމުގެ ކަރުނައެވެ. މިވޭތުވެދިޔަ ދެއަހަރުގެ ހަދާންތަކެވެ. އެއުފާވެރި ދުވަސްތަކެވެ. އެންމެ ފުރަތަމަ އެދަރިފުޅު ޑެޑީ ކިޔާފައި ގޮވާލި ދުވަހެވެ. ތުއްތުކޮށް ހިގަންފެށި ދުވަހެވެ. އެ ލޯބި ހުނުން ތަކާއި ޅަ އަޑެވެ. ދައްކާ ލާނެތް ވާހަކަތަކެވެ. އެންމެ ފަހުވަގުތުވެސް "ޑެޑީ" އޭ ކިޔާލާފައި ހީލިގޮތެވެ. ޒެވިޔަންގެ ޓީޝާޓުގައި ހިފަހައްޓާލި ގޮތެވެ. ކޮންމެ ދުވަހެއް، ކޮންމެ ވަގުތެއް ޒެވިޔަންގެ ސިކުނޑީގައި ފެވިފައިވަނީ ކިތަންމެހާވެސް ގަދައަށެވެ. އެކަމަކު ދެން ދުވަހަކުވެސް އެ ދަރިފުޅު އޭނައަށް ގޮވައެއް ނުލާނެއެވެ. ލޯ ހުޅުވާފައި ބަލައެއް ނުލާނެއެވެ. އެ ތުއްތު އަޑުއިވުމުން މަހުރޫމްވީއެވެ. އެދަރިފުޅާއި އެކީގައި އޭނަގެ ހަޔާތްވެސް ނިމުމަކަށް އައީއެވެ. އޭނަ ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ ނިކީ އަކީ އޭނަގެ ހުރިހާ އުފަލެކެވެ. އެހިތުގެ ހަމަޖެހުމެވެ. 

ޒެވިޔަން ނިކީގެ އަތުގައި ބޮސްދީފައި ނިކީއަށް ގޮވާލިއެވެ. ނަމަވެސް އެ އަޑު ނީވޭނެ ކަންވެސް ޒެވިޔަންއަށް ޔަގީންވިއެވެ. ނިކީ އޮތީ ކޯމާއެއްގަ އެއްވެސް ނޫނެވެ. ނިކީގެ ސިކުނޑި ވަނީ މަރުވެފައެވެ. އެހިތި ހަގީގަތް އޭނަގެ ސިކުނޑީގައި ބާރުގަދަ ތޫފާނެއް ފަދައިން އައިސް ޖެހިގަތުމާއި އެކު ޒެވިޔަންގެ ދުނިޔެވެސް އަނދިރި ވެގެންދިޔައެވެ. ޒެވިޔަން އެނދުގައި ބޯޖައްސާލި ގޮތަށް ރޯންފެށިއެވެ. އުމުރު ދުވަހުވެސް އޭނަ މިގޮތަށް އަޑުވީއްލާ ރޮއިފައެއްނެތެވެ. ޒެވިޔަންގެ އެކުވެރިން ޒެވިޔަން ވަށާލައިގެން ތިބެ އޭނަ އަށް ހިތްވަރުދޭން މަސައްކަތް ކުރިއިރު އެންމެން ތިބީ ފެންކަޅިވެފައެވެ.

މައިމޫންއާއި ސީމާ އެއާޕޯޓުން ސީދާ އައީ ހޮސްޕިޓަލަށެވެ. ސީމާ ހުރީ މައިމޫންގެ އަތުގައި އަތްއަޅުވާލައި ގެންނެވެ. ލުއިމޭކަޕެއް ކޮށްލާފައި އަލިމަހުގެ ގަހަނާ ތަކުން ޒީނަތްތެރި ވެގެންހުރި އިރު ރީތިކަމުން ޒީބާގެ ހިތަށް އުދަގޫވިއެވެ. ރޮއިރޮއި ހުރި ޒީބާއަށް ކެތެއް ނުކުރެވުނެވެ. އޭނަ އައިގޮތަށް މައިމޫންގެ މޭގައި ބޯއަޅާލައިގެން ހުރެ މާވަރަކަށް ރޯންފެށިއެވެ. ސީމާގެ އަތްވެސް އެވަގުތު ޒީބާއަށް ފެނުނީ މައިމޫންގެ އަތުކުރީގައި އޮޅިފައިވާ ވިހަގަދަ ހަރުފައެއް ފަދައިންނެވެ.

"ޒީ ނުރޮއި، ނިކީ ރަނގަޅުވާނެ އިންޝާﷲ......" މައިމޫން ޒީބާގެ ބުރަކަށީގައި ފިރުމާލައްވަމުން ބުނުއްވިއެވެ. ސީމާ މައިމޫންގެ އަތުން ދޫކޮށްލާފައި ހިނގައިގަތީ ދާވިޝްމެން ތިބި ދިމާލަށެވެ.

"ނިކީއަށް އެޕިޕެން ދެވުނުލެއްވެސް ތަންކޮޅެއް ލަސްވީ، ޕީނަޓް ޗޮކްލެޓް ކާންދިނީ ބަދިގޭގައި އުޅޭ ކުއްޖަކު އެކަމަކު އެކަން އެނގުނީވެސް ނިކީ ނޭވާނުލެވި އަދި އަންކޮންޝަސްވާ ހިސާބަށް ދިޔަފަހުން، ނިކީގެ ނެނީ އަކަށް ހުންނަނީ ކުޑަޔަސް ވަރެއްގެ މަންޖެއެއް، އޭނަގެ ކޮޓަރިންވެސް އެ ޗޮކްލެޓްތައް ފެނުނު........." ޒީބާ ލޮލުގައި ޓިޝޫޖައްސާލަމުން މަޑުމަޑުން ބުންޏެވެ. ޒީބާގެ އެ ޖުމްލައިން އެންމެންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. 

ކޮމެންޓް 0