ކިއުޓް ކަމުން މޮޑެލާހިތް ވަނީ މި ފުށްގުޅަތައް، ލައިކް އެންޖެލްސް...." ރިޔާ ގުދުވެ އެއިން ކޮންމެ ކުއްޖެއްގެ މަލެއްފަދަ ކޯތާފަތުގައި ބޮސްދިން ވަގުތު އަލީނާ ދޮރު ހުޅުވާލައިފައި ނިކުތެވެ. އަލީނާ ލެވެންޑަރ ކުލައިގެ ހެދުމެއްގައި ހުރި އިރު އެމޫނުމަތިން ވަރުބަލިކަން ފެނެއެވެ. ފެންތިކިތައް ވިދާބަބުޅާއިރުވެސް މޫނުގެ ކުލަ ފަނޑުވެފައިވާއިރު ހީވަނީ ފިނިފެންމަލެއް ގަދަ އަތްވަށް ކެތްނުކުރެވިގެން މިލާފައި ވާހެންނެވެ.

"އެލީ، ހިގާބަލަ އަހަންނާއި އެކީގައި މިތާ ކައިރީ ފިހާރަ އަކަށް، އެކަނި ގޮއްސިއްޔާ ޒެވިޔާ މައްސަލަ ޖައްސާނެ، ޖިލްވެސް ވީ ހޮސްޕިޓަލަށް ގޮސްފައި......" ރިޔާ ހިނިތުންވުމަކާއި އެކީގައި އެހެން ބުނަމުން ބޭބީސްމެންގެ ރީތިކަމުގެ ވާހަކަ ވެސް ދެއްކިއެވެ. އަލީނާ ނަރުސް ކުއްޖާއަށް ގުޅާލައިފައި އޭނަ ފިހާރަ އަކަށް ގޮސްފައި ވަރަށް އަވަހަށް އަންނާނެ ކަމުގައި ބުނެލައިފިއެވެ. ނަރުސް އައިއިރު ރިޔާ ފެންނާކަށް ނެތެވެ. އަލީނާ ހެދުމުގެ މަތިން ކޯޓެއް ލައިގެން ފެންޑާއަށް ނިކުތްއިރު ރިޔާ އޭނަގެ އިންތިޒާރުގައި ކާރުގައި އިނެވެ. ރިޔާ ޑްރައިވަރަކަށް އިނުމުން އަލީނާ ގެ ހިތަށް ބިރުވެރިކަން ވަނެވެ. ނަމަވެސް އޭނަ ހުރީ ރިޔާ ރުއްސައިލަން ބޭނުންވެފައެވެ. 

ރިޔާ މާގިނައިރު ވަންދެން ދުއްވުމުން އަލީނާ ގެ ހާސްކަން އިތުރުވިއެވެ. އެންމެ ފަހުން ނީދެވިގެން ސުވާލު ކުރަން ފެށިއެވެ. ރިޔާ ބުނީ ފަރުބަދަމަތީގެ ގެއަށް ގޮސް އެއްޗެއް ނަގައިގެން ވަރަށް އަވަހަށް އަންނާނީ ކަމުގައެވެ. އަލީނާ ކުޑަކޮށް ހިތްހަމަޖައްސައިލީ ބޭބީމެންނަށް ރޭއްސުރެން ފުޅިން ކިރުދޭން ފަށާފައި ވާތީއެވެ. އެހެންވީމަ އަދި ކުދިންގެ ކަންތަކާއި އެހާ ފިކުރުކުރާކަށް ނުޖެހޭނެއެވެ. ރިޔާ އެގެއަށް ވަންގޮތަށް ޚަބަރެއް ނުވެގެން އަލީނާ ވެސް ކާރުން ފޭބިއެވެ. ފިނިގަދަކަމުން ސިޓީ ތެރެއަށް ވުރެވެސް އެ ސަރަހައްދު ފިނިކަން އަލީނާއަށް ފާހަގަ ކުރެވުނެވެ. އެ ބޯ ހެދުމުގެ ތެރެއިން ވެސް ކަށިގަނޑުގެ ތެރެއަށް ފިނި ވަންނަހެން ހީވިއެވެ. އެހެންނޫނަސް ވިހާފައި އަދި މުޅިން ގަދަނުވެގެން އުޅެނިކޮށް އޭނަގެ މޭމަތީގައި ގަނޑުލައި، ހުންވައްތަރު ވެފައި ވާތީ ކޮޅަށް ގިނަ އިރު ހުރެވޭކަށްވެސް ނެތެވެ. އެހާވަރަށް މޭމަތީގައި ރިއްސައެވެ. ހީވަނީ މޫނަށް އަނދިރި ވެދާނެ ހެންނެވެ. އަލީނާ އިރުކޮޅެއްފަހުން ގެއަށް ވަދެ ރިޔާއަށް ގޮވަމުން މަތީބަޔަށް ދިޔައިރަށް ކާރެއްގެ އިންޖީނުގެ އަޑުއިވިގެން ބެލްކަންޏަށް ނިކުމެ ބަލައިލައިފިއެވެ. 

ރިޔާ ކާރު ދުއްވާލިތަން ފެނުމުން އަލީނާއަށް ހައިރާންކަމެއް ލިބުނެވެ. އަނެއްކާ އޭނަ ނުލައި ފިހާރައަށް ދިޔައީބާވައެވެ. ފޯނެއް ނެތުމުން ގުޅާނެ ގޮތެއްވެސް ނޭގުނެވެ. އަލީނާ ބަދިގެއަށްވަދެ ކިރުތަށްޓެއް ހަދާލައިގެން ބޯލުމަށްފަހު ކޮޓަރި އަކަށް ވަދެ އެނދުގައި ޖައްސާލުމަށްފަހު ރިޔާގެ އިންތިޒާރުގައި އޮތްއިރު ކުދިންގެ މަތިން ހަދާންވެގެން ކެތްކުރެވެނީ އެއްވެސް ނޫނެވެ.

ޒެވިޔަން އަށް ބައްޕަގެ އޮޕަރޭޝަން އެއްގައި އެސިސްޓް ކޮށްދޭން ޖެހުމުން ދެކޮޅު ހަދާކަށް ނުކެރުނެވެ. ފުދޭވަރެއްގެ ސީރިޔަސް ކޭސްއެއްކަމުން ހަޔެއްކަ ގަޑިއިރަށް އެ އޮޕަރޭޝަން ދެމިގެން ދިޔަނަމަވެސް ބަލިމީހާގެ ފުރާނަ ސަލާމަތް ކުރެވުނެވެ. އޮޕަރޭޝަން ނިންމައިލުމަށްފަހު ޒެވިޔަން ވަގުތުން އަވަސްވެގަތީ ގެއަށް ދިޔުމަށެވެ. ޒެވިޔަން އަލީނާގެ ފޯނަށް ދެތިންފަހަރު ގުޅައިލުމުންވެސް އަލީނާގެ ޚަބަރެއް ނުވުމުން އަލީނާ ބޭބީސް މެންނާއިގެން އުޅޭތީކަމަށް އޭނަ ނިންމިއެވެ. ނަމަވެސް ގެއަށް ވަދެވުމާއިއެކު ބޭބީމެން މާބާރަކަށް ރޯއަޑުއިވިގެން ޒެވިޔަން އަވަހަށް އެކޮޓަރިއަށް ދިޔައިރު ނަރުސް ކުއްޖާ މަސައްކަތް ކުރަމުން ދިޔައީ ކުދިންނަށް ބުއްފުޅިދިނުމަށެވެ.

"އަލީނާ ކޮބާތަ؟" ޒެވިޔަން އަވަހަށް ގޮސް ދެކުދިން ދެއަތުން އުރާލަމުން މަސަލަސްކުރަން އުޅުނެވެ.

"ނޭގޭ ސަރ، ފިހާރަ އަކަށް ދިޔަގޮތަށް އަދިވެސް ޚަބަރެއްނުވޭ، އެހެންވެ ރޯވަރުން އަޅުގަޑު ބޮޓްލްފީޑް ކުރަންވެސް މިއުޅެނީ، ރޭއްސުރެން އަލީނާއަށް ފީޑްކުރަން އުދަގޫވެގެން އުޅުނީ ކުޑަކޮށް އެންގޯޖްވެފައި ހުރީމަ، އެހެންވެ ރިޔާ ގާތު ބުނެގެން އަޅުގަނޑު ކިރު ދަޅެއް ގެނުވީވެސް...." ނަރުސްކުއްޖާވެސް ހުރީ ކަންބޮޑުވެފައެވެ. ޒެވިޔަން ރުޅިގަދަވެގެން ގޮސް މޫނު ރަތްވިނަމަވެސް އޭނަ ކެތްކުރީ އިންތިހާއަށެވެ. އޭނައަށް ނޭގި މިގޮތަށް ދަޅުން ކިރުދީގެން ވާނެ ކަމަކަށްވެސް ޒެވިޔަން ނުދެކެއެވެ. ނަރުސްކުއްޖާ ގެ ގާތުގައި ރިޔާ ބުނީވެސް ޒެވިޔަން ހުއްދަދިނީ ކަމަށެވެ. އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައި ހުރި ނަރުސްކުއްޖާ ވެސް ހުރީ ހަދާނެގޮތް ހުސްވެ، މޫނު ރަތްކޮށްލައި ގެންނެވެ.

ޒެވިޔަން ވަގުތުން އުޅެގަތީ އަލީނާ ވީތަނެއް ހޯދުމަށެވެ. ރިޔާ ގާތުން ސުވާލު ކުރުމުން އެނގޭ ކަމަކަށްވެސް ހަދައިނުލިއެވެ. އެންމެން އެތަން މިތަނަށް ގުޅައި ޚަބަރު ބަލަމުން ދިޔައިރު ޒެވިޔަން އަށް ނުބައި ޝައްކެއް ކުރެވެން ވެސް އުޅުނެވެ. އަލީނާ އޭނަ ދޫކޮށްލައިފައި ދިޔައީ ހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އަލީނާ ކުދިން ދޫކޮށްލާފައި އެހާ ފަސޭހައިން ގޮސްދާނެ އެކޭވެސް ހިތެއް ނުބުނެއެވެ. އަލީނާ އަކަށް ކުދިންނާއި ނުލައި ހިދުކޮޅަކަށްވެސް ކެތްނުކުރެވޭނެކަން ޔަގީނެވެ. ޒެވިޔަން މާޔޫސްވެފައި ހުއްޓާ އާއިޒުގެ ފަރާތުން ލިބުނު ޚަބަރަކުން އަވަހަށް މިސްރާބު ޖަހައިލީ ފަރުބަދަމަތީގައިވާ ގެއަށެވެ. ޒެވިޔަން ކާރުގެ ދޮރުފަތްވެސް ލައްޕާނުލައި ދުވެލާފައި ކަހަލަ ގޮތަކަށް ގޮސްފަތްތަރު މަތިން އެރިއެވެ. އެންމެ ކުރިން ގޮސް ހުޅުވައިލެވުނީވެސް އަލީނާ އޮތް ކޮޓަރިއެވެ. އަލީނާ ދެލޯމަރާލައިގެން އޮވެ ކުކުރަމުން ދާގޮތުން ކޮންމެވެސް ވޭނަކަށް ކެތްނުކުރެވިގެން އުޅޭކަން އެނގުނެވެ.

"ބޭބީ ގާރލް.... ކިހިނެއްވެފައި ތިއޮތީ؟" ޒެވިޔަން އަލީނާގެ އަތްމުށު ތެރެއަށް ލީއިރު އެއަތްތިލަ ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. އެހާ ފިނިވެފައި، މަޑެވެ. މޫނަށް މަޑު ފިޔާތޮށި ކުލައެއް ވެރިވެފައިވާއިރު ތުންފަތް ރަތްކަމުން ހީވަނީ ޗެރީއެއް ހެންނެވެ. އަލީނާ ގެ ލޮލުން ހިފެހެއްޓުމެއް ނެތި ފައިބަމުން ދިޔަ ކަރުނަތައް ފެނުމުން ކިރިޔާވެސް ހިތެއް ވާ އިންސާނަކަށް އަސަރުނުކޮށެއް ނުދާނެއެވެ. ޒެވިޔަންވެސް ފެންކަޅިވިއެވެ. އެންމެ ލޯބިވާ ކުއްޖާ އޮތް ހާލަތު ފެނުމުން އޭނައަށް ކެތްކުރެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ 

"އެލީ ހުންއައިސްފަ އެއްނު މިއޮތީ، ހިނގާ ގެއަށް ދާން...." ޒެވިޔަން މިވަގުތު ތަފްސީލު ހޯދާކަށް ބޭނުމެއްވެސް ނުވިއެވެ. ޒެވިޔަން އަލީނާ ތެދުކުރަން އުޅުމުން އަތްލިޔަ ނުދޭން ވެގެން ޒެވިޔަން ގެ އަތުގައި ހިފެހެއްޓިއެވެ.

"ޑޯންޓް ޓަޗް.... ޕްލީސް، ހާދަ ތަދުވެޔޭ......" އަލީނާގެ ކަރުނައިން ޒެވިޔަންގެ އަތްތިލަ ތެމުނެވެ. ޒެވިޔަން އިނީ ނަރުސް ކުއްޖާގެ ފަރުވާކުޑަކަމާއި މެދު ރުޅިގަދަވެގެން ގޮސް ކެތްނުކުރެވޭ ވަރުވެފައެވެ. އެވަގުތު އެތާ ހުރެވުނުނަމަ އޭނަ އަތުން ހޫނު އެތިފަހަރެއް ވީއްލާލެވޭނެކަން ޔަގީނެވެ. ޒެވިޔަން ވަގުތުން އާއިޒުއަށް ގުޅާފައި އެދުނީ ނަރުސްކުއްޖާ ގެއިން ފޮނުވައިލުމަށެވެ. ޒެވިޔަން ހުރީ އަލީނާ ދެކެވެސް ހިތްހަމަނުޖެހިފައެވެ. 

"ޔޫ ޝުޑް ހޭވް ޓޯލްޑް މީ....." ޒެވިޔަން ގަނޑުފެން އަޅާލަދިނުމުން އަލީނާ އުޅުނީ ފިނިވާވަރުންނެވެ. ގައިން ހީބިހި ހަލުވާލިއެވެ. އެކަމަކު އެއީ ވެސް އެފަދަ ވޭނަކަށް ލިބުނު ފަރުވާ އަކަށްވިއެވެ. ކުއްޖަކު ވިހައިގެން ދިމާވެދާނެ ހުރިހާ މައްސަލައެއް ވެސް އަލީނާ ފަކީރަށް މިވަނީ އުފުލަން ޖެހިފައެވެ. 

ޒެވިޔަން ގެއަށް އައިއިރު ރިޔާވެސް ހުރީ އެކޮޓަރީގައެވެ. ރަތްކުލައިގެ އަތްދިގު ޓީޝާޓަކާއި، އައިސްބްލޫ ޖިންސެއްގައި އޭނަ ހީވަނީ އެމެރިކަން މޮޑެލްއެއް ހެންނެވެ. އިސްތަށިގަނޑު ވެސް އޮތީ މައްޗަށް ނަގާ އައްސާލާފައެވެ. އެހާ ސާދާކޮށް ހުރިއިރުވެސް މައުސޫމް ކަމާއި އެކު، ރީތިކަމުން ހީވަނީ އެހެން އަންހެންކުދިންގެ ރީތިކަން ފަނޑުކޮށްލަފާނެ ހެންނެވެ. ޒެވިޔަން އާއި އެކު އަލީނާ ވަންތަން ފެނުމުން ރިޔާ ކުޑަކޮށް ރަކިވިއެވެ. ޒެވިޔަންގެ ނުރުހުމުގެ ނަޒަރުން ރިޔާ ރަކިވެފައި އިސްޖަހާލިއެވެ.

"އައުޓް....." ޒެވިޔަން ރުޅިވެރި ކަމާއިއެކު ރިޔާ އާއި ދިމާލަށް އެހެން ބުނީ މިކަމުގައި ރިޔާގެ އަތެއް ވާކަން އޭނައަށް ޔަގީންވެފައި ވާތީއެވެ. އާއިޒު ވަނީ އެކަން ހިނގިގޮތް ކިތަންމެ ރަނގަޅަށް ވެސް ޒެވިޔަންއަށް ކިޔައިދީފައެވެ. ރިޔާގެ ލޮލަށް ކަރުނަތައް އައުމާއި އެކު އެތަނުން ނިކުމެގެން ދުއްވައި ގަނެވުނީއެވެ. ޒެވިޔަން ގޮސް ތަންޑުތައް އަޅުވާލުމަށްފަހު ދެކުދިން އުރާލައިފައި ބޮސްދިނެވެ. އޭނަ ބަލަންވާވަރަށް ނުބެލުމުން އޭނަގެ ލޯބި ދެފުށްގުޅަ މިއޮތީ ބަޔެއްގެ ރޭވުމުގެ ދަށުން މަންމަ އާއި ވަކިކުރުވާފައެވެ. ޓްރެއިންޑް ނަރުސް ކުއްޖަކު ވެސް އެވަނީ އޭނަގެ ވާޖިބު އަދާކުރުމުގައި ފަރުވާ ކުޑަކޮށްލައިފައެވެ. އޭރުވެސް ދެކުދިން ހުއްޓައެއް ނުލައެވެ. އާއިޒު ބުނެފައި ވަނީ ނަރުސްކުއްޖާ އުޅެއުޅެވެސް މިއަދު ދެކުދިންވެސް ފުޅީގައި ތުންނުޖެހިކަމެވެ. ބަނޑުހައި ވެގެން ގޮސް އެކުދިންގެ ފުރާނަވެސް ހުސްވެދާން އުޅޭހެން ހީވެއެވެ.

ޖެހިގެން އައި ދުވަހަކީ ކުދިންނަށް ހަތްދުވަސްވީ ދުވަހެވެ. ބަކަރި ކަތިލައި ފޮނި އެއްޗެހިން ސަދަގާތްކޮށް އާއިލާ މީހުންނަށް ޕާޓީއެއްވެސް ބޭއްވުނެވެ. ޒެވިޔަން އުފާވެރި ހިނިތުންވުމަކާއިއެކު އެންމެނާއި ސަލާމްކޮށް، ވާހަކަ ދެއްކި ނަމަވެސް އޭނަގެ ހިތުގައި އެތައް ޖަޒުބާތު ތަކެއްވެއެވެ. ބައްޕަމެންގެ ހިމޭންކަންދެކެ އޭނަ ވަނީ ބިރުގެންފައެވެ. ނަމަވެސް ޒެވިޔަން ވިސްނީ ކޮންމެވެސް ގޮތަކުން ބައްޕަ ޚިޔާލު ބަދަލުކޮށްލައްވާފައި، އަލީނާއަށް ޅީދަރިއެއްގެ މަގާމު ދެއްވާނެ ކަމުގައެވެ. އަލީނާ އަދިވެސް ބަލިކޮށް އުޅޭތީ ބޭރަށް ނިކުމެ ނޫޅެވުނަސް، ބައެއް އަންހެން ވެރިން އެކޮޓަރިއަށް ވަދެ އަލީނާ އާއި ރީތިކޮށް ވާހަކަ ދެއްކިއެވެ. ގިނަމީހުންނަށް އަލީނާގެ އަސްލުވަނީ ފޮރުވިފައެވެ.

ޒެވިޔަން ދޭތެރެއަކުން އަލީނާ އާއި ކުދިންގެ ހާލު ބަލަން އެ ކޮޓަރިއަށް ވަންނަވަރު ފެނުމުން ރިޔާ ހުރީ މޮޅިވެރިވެފައެވެ. ބާކީވެފައިވާ ކަމުގެ އިހުސާސް ވަރަށް ބޮޑަށް ކުރެވުނެވެ. ކިތަންމެ ވަރަކަށް ހިނިތުންވެލާފައި ހުއްޓަސް އެ ބޮޑު ދެލޯ ހުންނަނީ ފެންކަޅިވެފައެވެ. އަދި ޒެވިޔަން އަނގައިން ނުބުނާތީ އެކަމުގެ ހިތާމައިގައި ކެތްކުރެވެނީއެއް ނޫނެވެ. އެހާ މީރުކޮށް ބަކަރި މަހާއި، ފޮނިއެއްޗެހި ހަދާފައި ހުރިއިރުވެސް ރިޔާ ރަހަބަލައިވެސް ނުލިއެވެ. އެންމެފަހުން ރިޔާ ގަސްތު ކުރީ އޭނަގެ ބޮޑުބޭބެ މައިމޫން އާއި، ޒީބާ ކައިރީގައި އެވާހަކަ ދައްކާފައި އެގެއިން ދިޔުމުގެ ހުއްދައަށް އެދުމަށެވެ. މާލެއަށް މަންމަ ކައިރިއަށް ދާން ޒެވިޔަން އަތުން ޕާސްޕޯޓް އަތުލައިދޭން އެދުމަށެވެ. މެހުމާނުން ހުސްވި ފަހުން މައިމޫން ޒީބާ ގޮވައިގެން ކޮޓަރިއަށް ދުރުވަނިކޮށް ރިޔާ ފަހަތުން ގޮސް ވަނެވެ. އަދި ވާހަކަ ދައްކަމުން ގޮސް ރޯންފެށިއެވެ. އެ ކަރުނަތަކުން މައިމޫންގެ ހިތަށް ކިތަންމެ ވަރަކަށް ވެސް އަސަރުކުރިއެވެ. މަރުހޫމް ކޮއްކޮގެ ހަދާންތައް އާވިއެވެ.

މައިމޫން ބުނުއްވީ އެކަމާއި ޒެވިޔަން އާއި ވާހަކަދައްކައި ގޮތެއް ނިންމަވާނެ ކަމަށާއި، ރިޔާއަށް ދެރަގޮތެއް ނުވާނެ ކަމުގައެވެ.

"ޒީބާއަށް އެނގޭތަ؟ އަމީންގެ އަންހެނުންނަކީ ނުބައި އަންހެނެއް، އަމީން އާއި ދޭތެރޭގައި އެހާ ނުބައިކޮށް ކަންތައްކޮށްފައި އަދި އުޅުނީ އެގޭގައި ހުރި އޭނަގެ މަންމަ ގެންގުޅުނު ދަރިއެއްފަދަ ކުއްޖަކާއި އެކީގައި ކަމަށް ވަނީ، އަމީން ބުނީ އޭނަ އެގޭގައި ހުންނަން މަޖުބޫރުވީ އޭނަގެ މަންމަ ނިޔާވީ ކޮންމެ ހާލެއްގައި ވެސް އަންހެނުން ދޫނުކުރަން ވަސިއްޔަތް ކޮށްފައި ވާތީ ކަމަށް، އޭނަ ހެދި ދެތިން ޓެސްޓްއިން ވެސް ދައްކާފައި ވަނީ ކައުންޓް ހުރީ ޒީރޯގައި ކަމަށާއި އޭނަ ހުރީ އަންހެނުންނަށް އެކަން ސިއްރުކޮށްލައިގެން ކަމަށްވެސް އަމީން ބުނި، އެހެން ހުއްޓާ އަންހެނުން ބަލިވެ އިނުމުން ޓެސްޓް ހެދިއިރުވެސް ކައުންޓް އިނީ އެގޮތަށް، ދެން ފަހުން އޭނަގެ ލޮލުން އަންހެނުންނާއި އެބުނާ ބޭބެއަކު ކޮޓަރީގައި ތިއްބާ ފެނުނު ކަމަށް ވަނީ، އެހެންވީމަ އަމީން ބުނާ ގޮތުން އެހުރިހާ ދަރިންނަކީވެސް ނަހަލާލަށް ލިބިފައިވާ ކުދިން، އެކަމަކު އޭނަ އަމިއްލަ ދަރިއެއް ބޭނުންވާލެއް ބޮޑުކަމުން ސިއްރުން މުއްސަދި އަންހެނަކާއި އިނދެގެން ސާޖަރީ ހެދީ، އެހެންވެ އަލީނާ އާއި މެދު އޭނަ ކޮންމެވެސް ވަރަކަށް ޝައްކު ކުރާ ކަމަށާއި އެކަމަކު ޔަގީން ކަމެއް ނެތްކަމަށް އޭނަ ވަނީ ބުނެފައި، އަމީން ގެ ވާހަކަތަކުން އަހަރެން އޭނަ އާއި މެދު ވަރަށް ހަމްދަރުދީވި، ނުކައި ނުބޮއި ގިނަދުވަހު ހުންނަން ޖެހުނު ކަމަށާއި، އަންހެންމީހާ އޭނަ އެނދުގައި ނިދުނަ ނުދީ ގިނަ ރޭ ތަޅުންމަތީގައި ނިދަން އޮންނަން ޖެހުނުކަމަށް ބުނި، އަމީންގެ ވާހަކަތައް އަހަންނަށް ގަބޫލުކުރެވުނީ ކީއްވެކަމެއް ނޭގޭ......" މައިމޫންގެ ވާހަކަތައް އިވިފައި ޒީބާ އަލިނާ އާއި މެދު ހައްތަހާ ބޮޑަށް ހަމްދަރުދީވިއެވެ. މިވީގޮތުން އަލީނާއަށް މައިމޫންގެ ރުހުން ލިބުމަކީ ނާދިރުކަމަށް ވެދާނެކަމަށް ޒީބާގެ ސިކުނޑީގެ ކަނަކުން އިންޒާރުދިނެވެ. ހާދަ ދެރައެވެ.

މައިމޫންގެ އެދިލެއްވުމަށް ޒެވިޔަން އެކޮޓަރިއަށް ދިޔައިރު އޭނަ ހުރީ ބޭރުފުށުން އުފާވެރިކަމާއި، ހަމަޖެހުން ދައްކާލައި ގެންނެވެ. ނޫކުލައިގެ ޓީޝާޓަކާއި، ޖިންސެއްލައިގެން ހުރުމުން ފެންނަނީ އިންތިހާ ދަރަޖައިގެ ފިރިހެންވަންތަކޮށެވެ. މައިމޫންވެސް ފަޚުރުވެރިވާހާ މޮޅު، ރީތި ދަރިއެކެވެ. މައިމޫން ޒެވިޔަންގެ ގައިގައި ބައްދާލައިފައި، ނިތްކުރީގައި ބޮސްދެއްވިއެވެ. ދެބަފައިން އެކި ވާހަކަ ދައްކަމުން ގޮސް މައިމޫން އަސްލު މައުޟޫއަށް ވާހަކަ ގެންދެވިއެވެ. އަލީނާގެ އާއިލާގެ އަގެއްނެތް ވާހަކަ އާއި، މީހުން ކުރާނެ މަލާމާތުގެ ވާހަކަ ކިތަންމެ ރަނގަޅަށް ވެސް މައިމޫން އޮޅުންފިލުވާ ދެއްވިއެވެ. ދަރިން އަތުލާފައި އަލީނާ ރާއްޖެއަށް ފޮނުވައިލުމަށް ވުރެ ރަނގަޅު ގޮތެއް ނެތްކަމަށް މައިމޫން ބުނުއްވި އިރު ކުދިން ނިކަމެތިވެދާނެ ކަމާއި މެދު މައިމޫން ވެސް ޚިޔާލެއް ނުކުރެއްވިއެވެ. އެކަމުގެ އަގެއްގެ ގޮތުގައި އަލީނާ މުޅި އުމުރު އުފަލުގައި އުޅެވޭވަރަށް ފައިސާ ދެއްވަން މައިމޫން ހުންނެވީ ތައްޔާރަށެވެ.

"ޒެވިޔާ، ބައްޕަ ބޭނުމެއްނުވޭ އަމިއްލަ ދަރިއަކަށް ތްރެޓް ކުރާކަށް، އެކަމަކު ބައްޕަ މިހިރީ ޚާންދާނުގެ އިއްޒަތަށް ޓަކައި ކޮންމެ ފަދަކަމެއްވެސް ކުރަން ތައްޔާރަށްކަން ދަރިފުޅު ހަދާންނައްތާލައިގެން ނުވާނެ...." މައިމޫންގެ އެ ޖުމްލައިން ޒެވިޔަން ހައިރާންވިއެވެ. އެރީތި ދެލޮލުގެ ފުންކަމުގެ ތެރެއިން ކުޑަނަމަވެސް ސިހުމެއް ފެނުނެވެ. 

"އޯކޭ ޑޭޑް، އަޅުގަނޑު ތިކަމާއި ވިސްނާނަން....." ޒެވިޔަން މަޑުމައިތިރި ކަމާއިއެކު ބުނެލިއެވެ. ނަމަވެސް ބައްޕައަށް އޭނަގެ ހިތް ހަލާކުވީވަރު އެގިލެއްވި ނަމައެވެ. އަލީނާ އާއި ނުލައި އޭނައަށް ދިރިއުޅުމަކީ ކެތްކުރެވޭވަރުގެ ކަމަކަށް ނުވާނެއެވެ. އޭނަގެ ހުރިހާވެސް އުފަލަކީ އެއީއެވެ. އަލީނާ އާއި ވަކިވެއްޖެއްޔާ އޭނަގެ ފުރާނަވެސް ހުސްވެގެން ހިގައިދާނެއެވެ.

"އަދި ޒެވިޔާ ޖޮބަށް ނުގޮސް އަލީނާގެ ސާވިސްގައި ހުރުމަކީ ބައްޕަ ހިތްހަމަޖެހޭ ކަމެއް ނޫން، އެހެންވެ ނަރސްއަކު ބެހެއްޓީ، އޭނަ ފަރުވާކުޑަކަމުން އެފަދަ މައްސަލަގަނޑެއް ދިމާވީމަ އެހެން މީހަކު ހޯދާނީ، ޒެވިޔާ ނުޖެހޭނެ މެއިޑެއްހެން އުޅޭކަށް، އެހެން މީހަކު ބައްޕަ ހޯދަދޭނަން، އަލީނާ ރަށަށް ފޮނުވައިލިޔަސް ކުދިން ލިބޭނީ ދަރިފުޅަށް، އެކުދިންގެ ވަނީ ދަރިފުޅުގެ ލޭ، އެކަމަކު ދަރިފުޅު ޖެހޭނީ އަލީނާގެ މަތިން ހަދާން ނައްތާލަން....." މައިމޫން އަލީނާ ދެކެ ހިތްހަމަނުޖެހިފައިވާވަރު އެއިން ކޮންމެ ލަފުޒަކުން ޒެވިޔަންއަށް ހާމަވިއެވެ. އެހެންނޫންނަމަ ބައްޕައަކީ ވެސް މަންމަގެ ކަންތަކުގައި ކިތަންމެ ވަރަކަށްވެސް އެހީތެރިވެ، އަޅާލި ބޭކަލެކެވެ. ޒެވިޔަންވެސް އަމިއްލަ އަންހެނުންނަށް އެހީތެރިވެދިނުމަކީ އަދި އަޅުވެތިވުމެއް ނޫނެވެ. އެކަމަކު ބައްޕަ އެހެން ދެކެލައްވަނީ އެންމެ ސަބަބަކާއި ހުރެއެވެ.

"ވަން މޯ ތިންގް ދަރިފުޅާ، މިއުޅެނީ މަންމަގެ ލޮލުގެ އޮޕަރޭޝަން ކުރަން، މަންމަގެ ލޮލަށް ފެނިއްޖެއްޔާ އެ ވާނީ މިރެކްލް އަކަށް....." މައިމޫންގެ ޔަގީންކަމެއް ނެތެވެ.

"ޔާ ޑޭޑް، އެކަމަކު މިރެކްލްސް ޑޫ ހެޕެން..." ޒެވިޔަން ދެ މާނަ ހުރި ޖުމްލައެއް ބުނެލަމުން ހިނިތުންވެލިއެވެ.

މިފަހަރު ނިއުޔޯކް ސިޓީއަށް ވެސް ބަހާރު މޫސުމް ތަންކޮޅެއް ކުރިން އައުމުގެ ނިޝާންތައް ފެންނަން ފެށިއެވެ. ގަނޑުފެނުގެ ތެރެއިން ޑެފޮޑިލް އާއި ޓިއުލިޕްފަދަ މާތައްވެސް ފެންނައިރު ހީވަނީ ރީތިކަމުން އެހެންފަދަކަމެއް ހެންނެވެ. ހުރިހާ ތަނެއް ވީރާނާވެފައި އޮތުމަށްފަހު ގަސްތަކުގައި ނިރުތައް ފަޅައި، އާރޯކަން ގެންނަން ފެށީއެވެ. ރިޔާ ގަހަކަށް ލެނގިލައިގެން ޚިޔާލުތަކެއްގައި ހުރިއިރު އޭނަގެ ހަޔާތުގައި ދެން ދުވަހަކުވެސް އާކުރިތަކެއް ނުފަޅާނެކަން އޭނައަށް އެނގުނެވެ. ރިޔާގެ ރީތި ލޮލުގައި ކަރުނަތިކިތައް ވިދިއެވެ. ޒެވިޔަން އާއި ނިކީގެ މަތިން ހަދާންކޮށްފައި ރިޔާއަށް ކުރެވޭ ކަމަކީ ކަރުނަ އޮއްސުމެވެ. އޭނަ އިރުކޮޅެއްފަހުން ގެއަށް ވަދެ ކޯޓު ބޭލީ ގޭތެރެއަށް ވެރިވެފައިވާ އަރާމު ހޫނުކަން އޭނަ ވަށައިލުމުންނެވެ. ރިޔާ، އާއިޒު އާއި ޖިލާއަށް ހައިއެއް ޖަހާލުމަށްފަހު މަޑުކޮށްނުލާ ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަންއިރު ޒެވިޔަން ހުރީ އަލަމާރި ހުޅުވާލައި ގެންނެވެ.

ރިޔާ އަލަމާރިއަށް ކުޑަކޮށް ލެނގިލައިގެން ހުއްޓުނެވެ. ޒެވިޔަން ކަތި ނަޒަރަކުން ބަލާލައިފިއެވެ. އެ ރީތި ދެލޮލުން އެއްވެސް ޝުޢޫރެއް ނުފެނުނެވެ. ފުން ކަނޑެއްފަދަ ދެލޮލުގައި ހުންނަނީ ސިއްރުވެރި ގޮތެކެވެ. ރިޔާ ބޭނުންވީ ޒެވިޔަންގެ އަތުތެރެއަށް ވެއްޓިގަނެގެން ރޯން ފެށުމަށެވެ. އަބަދުވެސް އެ ކަރުނަތަކުން ޒެވިޔަންގެ ހިތް ވިރުވާލުމަކީ ރިޔާއަށް އުދަގޫކަމެއް ނޫނެވެ. އެކަމަކު ދެން އެ ކަރުނައިން ސިހުރު ހަދައިނުލެވޭނެކަން ރިޔާއަށް ޔަގީންވީ ކަންނޭގެ އެވެ.

"ކޯންޗެއް ނުފެނިގެންތަ؟ އަހަރެން ހެލްޕްވެދީފާނަން....." ރިޔާ ކައިރިވެލާފައި ޒެވިޔަންގެ އަތުގައި ހިފެހެއްޓި ގޮތަކުން ޒެވިޔަން އަތްފޮޅުވައިލީ ބިޗުލެއް ކަށިޖެހި ފަދައިންނެވެ. ބަލައިލި ގޮތަކުން ރިޔާގެ ގައިން ހީބިހިނެގިއެވެ.

"ދުރުގައި ހުރެގެން ވާހަކަ ދައްކަބަލަ، އަހަރެން ނޫޅެން ރިޔާގެ ފަރާތުން އެއްވެސް ހެލްޕެއް ހޯދާކަށް. އައިމް ސޯ ފެޑް އަޕް ވިތް ޔޫ، އަހަރެން އެއްޗެކޭ ނުކިޔާ މިހުންނަނީ ކަމެއް ނޭގިގެނެއް ނޫން، މިހާރު ހީވަނީ ދެން އިންސާނިއްޔަތުގެ ކަމުގެ ދާއިރާއިން ވެސް ބޭރުވާން އުޅޭހެން....." ޒެވިޔަން ރިޔާގެ އަތުގެ މުލައްދަނޑީގައި ހިފާލި ގޮތަށް ސޯފާގައި ބޭންދިއެވެ. އޭނަ ހިފެހެއްޓިލެއް ބާރުކަމުން މުލައްދަނޑީގައި ރަތްވެފައިވާ ތަނުގައި ރިޔާ ފިރުމައިލިއެވެ. އޭނަ މޮޅިވެރި ކަމާއިއެކު އެއްޗެކޭ ނުބުނެ އިންތަން ފެނުމުން ޒެވިޔަންގެ ހިތް ކަފަކޮޅެއްހާ މަޑުވާން އުޅުނެވެ. އެކަމަކު އަލީނާއަށް ރިޔާގެ ސަބަބުން ހާދަ އުދަގުލަކާއި، ވޭނެއް އުފުލަން ޖެހިއްޖެއެވެ. އެހާ ފަސޭހައިން ޒެވިޔަން މާފުދޭންވީ ސަބަބެއްވެސް ނެތެވެ. އޭރު ކޮޓަރީގެ ކުޑަދޮރުތައް ފުރާނާލައިފައި އަންނަ އިރުގެ އަލި ޒެވިޔަންގެ ލޮލަށް އެޅި އެލޮލުގެ ފެހިގެ ކުލަ އިތުރަށް ޖާދުވީ ކޮށްލާފައިވެއެވެ. ރިޔާ އާއި ޒެވިޔަންގެ ހަތަރުކަޅި ހަމަވިއެވެ.

"ޒެވިޔާ، އަހަރެން އެހާ ނުބައި މީހަކު ކަމަށްވާނަމަ ކީއްވެ އަހަރެން ހިފަހައްޓަނީ؟ އަހަރެންގެ ޕާސްޕޯޓް ދޭންވީނު، އޭރުން އަހަރެން ޒެވިޔާ އަކަށް ޑިސްޓާބް ނުކޮށް ދުރަށް ގޮސްދާނަން.... ޔޫ ހޭޓް މީ ރައިޓް؟" ރިޔާގެ ބަރު އެސްފިޔަތަކުގައި ކަރުނައިގެ މުތީތައް ތުރުތުރުލަމުން ދިޔައީ ކޮންމެ ވަގުތަކުވެސް އޮހިގެންފާނެ ފަދަ ގޮތަކަށެވެ.

"ލިސެން ރިޔާ، ދުވަހަކުވެސް އަހަރެން ރިޔާ ވަރިއެއްވެސް ނުކުރާނަން، އަބަދުގެ އަބަދަށް ހުންނާނީ އަހަރެންގެ އަންހެނުން ގޮތުގައި، އަހަރެން ބޭނުން ގޮތަކަށް އުޅެވޭނީ ވެސް، ގަދަކޮށްލާފައި ގޮތްކިޔާނެ ކަމެއްނެތް އިނގޭ، އަންޑަސްޓޭންޑް؟ މިހާރު ދެން ވިކްޓިމް ހެދޭނެ ކަމެއްނެތް..." ޒެވިޔަން އަލަމާރި ބާރަކަށް ލައްޕާލައިފައި މޭޒުމަތީގައި ދެއަތުން ޖަހައިލި ގޮތުން އޭނަ ހުރީ އިންތިހާއަށް ނުރުހިފައިކަން ރިޔާ ދެނެގަތެވެ.

"އެކަނި ނަމެއްގައި އަހަރެން އަންހެނުން ގޮތުގައި ހުންނަންވީތަ؟ އަހަރެންގެ ރައިޓެއް ނެތީތަ؟ އެހެންނޫނަސް މިހާރު އަލީނާ ޑެލިވަރކޮށްގެން ކަމެއްކޮށް ނުދެވުނީމަ އަހަރެން މަތިން ހަދާންވާނެ، އެއްޗެއް ނެތްތާކު އަހަރެންވެސް ރަނގަޅުވާނެ ދޯ..." ރިޔާއަކަށް އޭނަ އެމާނަކުރީ ކޮންކަމެއްކަން ނޭގުނަސް ހިތަށް އައިހާ އެއްޗެއް ކިޔާލައިފިއެވެ. ޒެވިޔަން ރިޔާގެ އަނގަމަތީގައި ހިފާ އަނގަޔަށް ފިތާލަންވެސް ހިތަށް އެރިއެވެ. ރިޔާ ދުވަހަކުވެސް ބަދަލެއް ނުވާނެއެވެ. ކިތަންމެ ހެޔޮކޮށް ކަންތައް ކުރިޔަސް އެކުއްޖާ ގެ ހިތް ހެވެއް ނުވާނެއެވެ. ކޮންމެ ކަމަކާއި ދޭތެރޭގައި ދެކެނީ އެންމެ ނުބައި ކޮށެވެ. ނަމަވެސް ޒެވިޔަން މުށްކަވައިލި އަތް ޖިންސްގެ ޖީބަށް ޖަހާލައިގެން ހުރެ ދާން ހިނގައި ގަތުމުން ރިޔާ ކުރިބެއްދިއެވެ. ޒެވިޔަންގެ ޓީޝާޓުގައި ހިފެހެއްޓިއެވެ.

"އަހަރެން ސެކަންޑް ޗޮއިސްގެ ގޮތުގައި ނުހުންނާނަން، ޒެވިޔާ ޝެއަރ ކުރާކަށް އަހަންނަކަށް ކެތެއްނުވާނެ، ކޮންމެވެސް އެކަކު ޗޫޒް ކުރޭ... އަލީނާ ނޫނީ އަހަރެން، ދެމީހުންނެއް ނުލިބޭނެ...." ރިޔާ ކިޔަންފެށިއެވެ. ޒެވިޔަން ރިޔާ ގެ މެދުހަށީގައި ހިފާ ނަގައިގެން ގޮސް ސޯފާގައި ބޭންދުމުންވެސް ރިޔާ ކުޑަ ހަންޑިއެއްހެން ގަޔަށް އަރައިގަތެވެ. އެތައް ދުވަހަކަށް ފަހުން އަނެއްކާ ހީވީ ޝައިތާނާ ރިޔާގެ ބޮލަށް ސަވާރުވެ ހުރިހާ ދުވަހަކަށް ވާ ވަރުކޮށްލިހެންނެވެ. ރިޔާއަށް އަނިޔާއެއް ވެދާނެތީ ޒެވިޔަންވެސް އުޅުނީ ބާރުގެ ބޭނުންނުކޮށްވޭތޯއެވެ. ރިޔާ މައިތިރި ނުވެގެން ރޮއިރޮއިފައި އުޅުނު އިރު ޒެވިޔަން އިނީ ރިޔާގެ ގައިގައި ހިފަހައްޓާލި ގޮތަށް ސޯފާގައެވެ. ރިޔާ ޒެވިޔަންގެ އަތުގައި ދަތްއަޅަން އުޅެ އުޅެވެސް ކާމިޔާބުވާ ގޮތެއް ނުވުމުން އެންމެފަހުން އުނގުގައި ބޯއަޅާލި ގޮތަށް ހިމޭންކަމާއިއެކު ގިސްލަގިސްލާ އޮވެވުނު އިރެއްވެސް ނޭގެއެވެ. 

ޒެވިޔަން އާއިޒުއަށް ގުޅާލައިފައި އަލީނާގެ ހާލު ބަލައިދިނުމަށް އެދުނެވެ. ޖިލާވެސް އެހާ ބުރަކޮށް އުޅޭއިރު މާބޮޑުކަމެއް ކޮށްނުދެވުނަސް ބޭބީމެން ނަގާދީ ހަދާލައެވެ. 

ޒެވިޔަންވެސް ބައްޕަގެ ބަސްގަބޫލު ކޮށްލައިގެން ދެވަނަ ނަރުހަކުވެސް ބޭބީމެންނާއި އެހީތެރިވާން ގެނައެވެ. ނަމަވެސް މިފަހަރު ޒެވިޔަން ގިނަވަގުތު ހޭދަކުރަނީ އަލީނާގެ ކައިރީގައި އެކޮޓަރީގައެވެ. ނިދަނީވެސް އަލީނާގެ ގާތުގައެވެ. ނަރުސްކުއްޖާއަށް ވަނީ ނެނީގެ ކޮޓަރިދީފައެވެ. އެކުއްޖާގެ ކަންތައް ދާދިގާތުން ޒެވިޔަން ބަލައެވެ. ކުދިން ފެންވަރުވާ ސާފުކުރާ އިރުވެސް ޒެވިޔަން ހުންނަނީ ބަލަހައްޓައި ގެންނެވެ. އޭނައަށް ނޭގި އެކުދިން ނޭވާލާ ކަމެއްވެސް ނޭގެއެވެ. ޒެވިޔަން އަލީނާގެ ކަންތަކުގައިވެސް އެހާ ފަރުވާބަހައްޓައި އަޅާލައެވެ. އެހެންވެ އަލީނާ ހުންނަނީ ތަންކޮޅެއް ހަމަޖެހިލައިގެންނެވެ.

މައިންބަފައިންގެ ނުފޫޒު މާބޮޑަށް ދަރިންނަށް ފޯރުވުމަކީ ޒެވިޔަން އެހާ ހިތްހަމަޖެހޭ ކަމަކަށް ނުވާއިރުވެސް އޭނަ ވެފައި ވަނީ އެމީހުންގެ ކިޔަމަން ތެރި ދަރިއަކަށެވެ. މިއަދު މިވަނީ އޭނަގެ ހަޔާތުގައި އައި އެންމެ އުދަގޫ އިމްތިހާނާއި ކުރިމަތިވެފައެވެ. އޭނަ ހަމަޖެހިލައިގެން ހަޔާތެއް ފަށަންވާއިރަށް މައިންބަފައިން ބޭނުންވަނީ އެއްވެސް ކުށެއްނެތް އަންހެނުން ދޫކޮށްލުމަށެވެ. ޒެވިޔަން ފިކުރެއް، ޚިޔާލެއްނެތް ޒުވާނެއް ފަދައިން ހިނިތުންވެލައިގެން ހުންނަ އިރުވެސް އެކަނިވާ ކޮންމެ ވަގުތަކު އެ ޚިޔާލުތައް ހިތްކަފާ ކުދިކުދިކުރެއެވެ. އެންމެ ފަހުން އޭނަ ގޮތެއް ނިންމައިފިއެވެ.

ރޭގަނޑު އިރުއޮއްސުމާއިއެކު ނިއުޔޯކް ސިޓީގެ އިމާރާތްތައް އެކި ކުލައިގެ ބޮކިތަކުން ދިއްލާއަޅާލައިފިއެވެ. ރޭގަނޑަށް ފަޒާވެސް އޮތީ އިންތިހާއަށް ފިނިވެލާފައެވެ. ޒެވިޔަން ކައިގެން ފެންޑާއަށް ނިކުމެ ސޯފާގައި އިރުކޮޅެއްވާންދެން އިނުމަށްފަހު އޭނަގެ މަންމަ އާއި އެކުގައި ވެސް ވަގުތު ކޮޅެއް ހޭދަކުރިއެވެ. މަންމަ ހުރީ އޮޕަރޭޝަނާއި މެދު މާޔޫސްވެފައެވެ. ޒީބާ ދެކޭ ގޮތުގައި އެއީ ބޭކާރު ކަމެކެވެ. ނަމަވެސް އޭނަ ބުނިގޮތުން އޭނަ ކޮންމެ ހާލެއްގައިވެސް ހެއްދެވި ފަރާތަށް ހަމްދު ކުރާނެ އެވެ. އޭނައަށްވުރެ ނިކަމެތި ހާލުގައި ދުނިޔޭގައި އެތައް ލައްކަ ބަޔަކު އުޅޭކަމީ ހަގީގަތެކެވެ. ވީއިރު އޭނަ ކެތްކުރަން ނުޖެހޭ ހެއްޔެވެ؟ މިރޭވެސް މައިމޫން އަނެއްކާ ބާރު އެޅުއްވީ އަލީނާ މާލެ ފޮނުވައިލުމަށެވެ. މައިމޫން އެހާ ރުޅިދުރުވާން ޖެހުނު ސަބަބެއް ޒެވިޔަންއަށް ނޭގުނަސް މިރޭ އެވާހަކަ ތަންކޮޅެއް ހަރުކަށިކޮށް ދެއްކެވުމުން ޒެވިޔަންއަށް ނުބަޔެއް އުޅޭކަން އެނގުނެވެ. 

ޒެވިޔަންގެ ހަވަނަ ހިއްސު އެގޮތަށް އިންޒާރު ކުރިޔަސް ހަގީގީ ސަބަބު ވިސްނައި ގަންނާކަށް ނޭގުނެވެ. ބައްޕަ އެހާވަރުން އަލީނާ ފޮނުވައިލަން އުޅެނީ މީހެއްގެ ނުފޫޒު އޮވެގެންބާވައޭ ހިތުގައި ސުވާލު އުފެދުނެވެ.

ޒެވިޔަން ކޮޓަރިއަށް ވަންއިރު ދެކުދިން ތިބީ ނިދާފައެވެ. އަލީނާވެސް އޮތީ އެނދުގައި އޮށޯވެލައި ގެންނެވެ. ކޮޓަރިއަށް ވެރިވެފައި ވަނީ މަޑު ފެހި އައްޔާއި އެކުގައި، އެހާ ލުއި މީރުވަހެއް ހިފާލާފައިވެއެވެ. ޒެވިޔަން ގޮސް ކޮންމެ ކުއްޖެއްގެ މޫނުކޮޅުގައި ބޮސްދީފައި ފިރުމާލުމަށްފަހު އެނދުގެ މަގަތުގައި އިށީނުމުން އަލީނާ ކުޑަކޮށް ހީލިއެވެ. މިރޭ ޒެވިޔަންގެ މޫނުމަތީގައި އެއްވެސް އުފާވެރި ކަމެއްނެތެވެ. ހީވަނީ ސީރިޔަސްވެފައި އިންހެންނެވެ. އަލީނާއަށް ޒެވިޔަންގެ އަތުގައި ހިފައިލެވުނެވެ. ދެއަތުގެ އިނގިލިތައް މަހާލެވިގެން ދިޔައިރު ޒެވިޔަންއަށް އެ ކުޑަ އަތަށް ފިތައިލެވުނެވެ. އޭރު ޒެވިޔަންގެ ލޮލުގައި ކަރުނައިގެ އަސަރުވިއެވެ.

"ޒާވް، އެނީތިން؟ " އަލީނާ ގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ޖަހާލައިފިއެވެ.

"އެލީ، އަހަންނަށް ޓަކައި ކަމެއްކޮށްދީފާނަންތަ؟" ޒެވިޔަން ކިތަންމެ ބޭނުން ނުވިޔަސް އޭނައަށް މިވަނީ މަޖުބޫރުވެފައެވެ. 

ކޮމެންޓް 0