އަނެކަކީ މިތަނުން ނުފެންނަން ޖެހޭ މީހެއް ކަމަށް ކޮންމެ ކުއްޖަކަށް އިހުސާސް ކުރެވުނީ ކަންނޭގެ އެވެ. އަލީނާގެ ކަޅު ދެލޮލުގެ ވިދުވަރާއި، ތޫނުކަމުން ރިޔާގެ ހިތަށް ހޮނުއެޅިހެން ހީވިއެވެ. ވަގުތުން ފިޔަވަޅުތައް ގަނޑުވެ އިސްޖަހައިލަން މަޖުބޫރުވި އިރު މިތަނަށް އާދެވުނީ ނުބައި ގަޑިއެއްގައޭ ހިތަށް އެރިއެވެ.

"ޔޫ ޝުޑް ބީ އެޝޭމްޑް، އަހަރެންގެ ކިރިޔާ ބާރެއް ވާނަމަވެސް ވަގުތުން އެރެސްޓް ކުރާނަން، މިތަނަށް ރިޔާ އަންނާކަށް ނުޖެހޭ، ޒާވް އިޒް މައިން އޮންލީ............." އަލީނާގެ އެ ޖެހިލުންކުޑަ ކަމުން، ރިޔާ ހައިރާންވެ އަންތަރީސްވިއެވެ. ޒެވިޔަން އަކީ އެކަނި އޭނަގެ މީހެކޭ ބުނެލައިގެން ރިޔާ މުޅިން ސިއްސުވާލައިފިއެވެ. އެ ކުޑަ ކުޑަ އަލީނާ ވިލެޖް މައުސް އަކުން ޓައުން މައުސް އަކަށް ބަދަލުވީ ގޮތަށް، ދޫ ހެލޭ ކުއްޖަކަށް ވެސް ވެގެން ހިނގައްޖެއެވެ. ސްކާފް އަޅައިގެން ހުންނަގޮތަކުންވެސް އެހެން ކުދިން އޭނަ ނަމޫނާއަކަށް ބަލާހާ ފުރިހަމައެވެ.

"ވަ..ވަޓް........" ރިޔާ ގެ ފިނިވެފައިވާ އަތްތިލަ ކުރިއަށްވުރެ ފިނިވިއެވެ. ރިޔާ ދެއަތްތިލަ އޭނަ ޖަހައިލީ އޭނަ ލައިގެން ހުރި ސްޓްރެއިޓް ކަޓް ޖިންސްގެ ޖީބުގެ އެންމެ ފުނަށެވެ. ރަތްކުލައިގެ އަތްދިގު ޓީޝާޓް ގަޔަށް ހިފާފައިވާއިރު ރިޔާގެ ރީތި ހަށިގަނޑުގެ ވަނާތައް މޮޑެލް އަކަށް ދޫނުކުރެއެވެ. އެ ރަންއިސްތަށިގަނޑު މައްޗަށް އައްސާލާފައި އޮތްއިރު ގަހަނާ އަކަށް ބޭނުންކޮށްފައި ވަނީ އެކަނި ކަރުގައި އޮތް ރޫބީ ފަށާއި، އަތުގައި އޮތް ކައިވެނީގެ އަނގޮޓިއެވެ. 

"އިނޮސެންޓް ކަމަށް ހެދޭނެ ކަމެއް ނެތް........." އަލީނާ ވިދާލި ވިދުވަރެއްހާ ހަލުވިކޮށް އެނދު ހުރަސްކޮށް އަނެއްފަރާތަށް އައިގޮތަށް ރިޔާއަށް ހީވީ އޭނަގެ ލޯމައްޗަށް ހިޔަންޏެއް އެޅުހުނެންނެވެ. ރިޔާގެ ކޯތާފަތަށް ހޫނުވެ، ތަދުވި އިރު އަލީނާގެ މަޑުއަތްތިލަވެސް ރިޔާގެ ކޯތާފަތުން ދުރުކޮށްލި ތަން ފެނުނެވެ.

އަލީނާގެ މި ރުޅިވެރި ބައި ރިޔާއަށް ކުރިން ފެނިފައި ވަނީ އެންމެ ފަހަރަކުއެވެ. މިތަނުގައި އާއިލާގެ ޒުވާން ދެ ޑޮކްޓަރުން ތިބިނަމަވެސް އެކަމާއި ފަރުވާލެއް ނުބަހައްޓައި އަލީނާ ރިޔާގެ މޫނަށް ވީއްލާލި އެތިފަހަރުގެ ސަބަބުން ރިޔާ ގަތްލަދެއްގެ ބޮޑުކަމުން ރިޔާއަށް އިރުކޮޅަކަށް ޒެވިޔަންގެ މަތިން ހަދާން ނައްތައިލެވުނެވެ. އޭރު ރިޔާގެ މޫނަށް ހީވަނީ ހެދުމުގެ ހިޔަނިއެޅިފައިވާހެންނެވެ.

ރިޔާވެސް ޖެހި ކުއްލި އަކާއިއެކު އަލީނާގެ ސްކާފް ދަމައިގަނެ ދުރަށް ހޫރާލައިފާ، އެ ބުޅި އިސްތަށިގަނޑުގައި ހިފާ ދަމައިގަތެވެ. އަލީނާވެސް ބަލާކަށް ނުހުރެ ރިޔާގެ އިސްތަށިގަނޑު އަތަށް އޮޅައިގަތެވެ. ވާނުވާ ނޭގޭހާ ރުޅިގަދަވެފައި ހުރިކަން އަލީނާގެ ދެލޮލުންވެސް ރިޔާއަށް އެނގުނެވެ. ކުޑަކުޑަ އޮޅުނުވާ ސިންގާއެއްހެން އޭނަ އަނެއްކާ ރިޔާގެ ގަޔަށް އަރައިގަތީއެވެ. ރިޔާ ރަމގަޅަށްވެސް ބިރުގަނެގެން ދެލޯބޮޑުކޮށްލައިގެން ހުރިއިރު ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.

ރިޔާ ސަލާމަތަށް އެދި އެ ޒުވާނުންނާއި ދިމާލަށް ބަލައިލި އިރު ޒެވިޔަންގެ ދެ އަނބިންގެ ކޯޅުންދެކެން އެޒުވާނުން ތިބީ މަޖާވެލާފައެވެ. ނަމަވެސް އެމީހުން ރިޔާގެ ސަލާމަތަށް އައެވެ. ރިޔާގެ ރުޅިގަނޑު ހިލިއްޖެއްޔާ އެ ކުޑަ ކުޑަ އަލީނާގެ ދުވަސް ހިނގައިދާނެތީ އެ ޒުވާނުން ވިސްނާލީ ކަންނޭގެ އެވެ. އަދި ރިޔާ އެހެރީ ޝޮކެއްގައެވެ.

"ޒާވް ކޮށްޕާ ވައްޓާލި އިރު ރިޔާ އެއީ ތުއްތު ދެކުދިންގެ ބައްޕައެއްކަން ހަމަ ހަނދާނެއް ނެތީތަ؟ ޒާވްގެ ކުށެއްނެތި އެހާ ބޮޑު އަނިޔާއެއް ދިނީމަ ހައިރާންވެއްޖެ، އަހަރެން ކޮންމެހެން ރިޔާ އާއި ފައިޓް ކުރާކަށް އުޅެނީއެއްނޫން، އެކަމަކު ޔޫ އާ ގިލްޓީ، އަދި ޒާވް ހިޔެއްނުވޭ ދުވަހަކު ފޮގިވް ކުރާނެހެން، އެކަނި ޒާވްގެ ފުރާނަ އަކާއި ނޫން ތި ކުޅުނީ، ޒާވްގެ ލައިފް އާއި ކުޅެގެން ތިން ދިރިއުޅުންވެސް ހަލާކުކޮށްލަން އުޅުނީ، ޒާވް މަރާލައިގެން ރިޔާއަށް ލިބެނީ ކޮން އުފަލެއްތަ؟ ތިއީ އަބަދު ޒާވްއަށް ހާޓްކުރީމަ ހިތްހަމަޖެހުން ލިބޭ މީހެއްކަން އެނގިއްޖެ، އަހަރެން ދެން ނުހުންނާނަން އެކަން ދެކެން. ޔޫ ސްޓޭ އެވޭ ފްރޮމް މައި ލަވް.........." އަލީނާގެ އެ ޖުމްލަތަކުން ރިޔާގެ ހިތަށް އެތައް އަސަރުތަކެއް ކުރިއެވެ. އެ ބަސްތަކަކީ ހަމަ އަލީނާ ގެ ދުލުން ބޭރުވާ ލަފުޒުތަކެއް ހެއްޔެވެ؟ އަލީނާ އޭނަ ދެކެ ރުޅިއައުން ހައްގެވެ. ބޭނުންހާ އެއްޗެއް ކިޔުމުގެ ހައްގުވެސް އެބައޮތެވެ. އަލީނާ ގެ ކޮން ޖުމްލައެއް ތުޑު ތޫނު ކަށިތަކަކަށްވެ، ހިތް ތޮރުފައިލިއެވެ. އެކަމަކު އަލީނާ ގާތުގައި ކުޓުވީ ކޮން ފަންޏެއް ބާވައެވެ. ޒީބާކަން ޔަގީނެވެ.

"ސޮރީ އަލީނާ، އަހަރެން ގަސްތުގައެއް ނޫން. އެއީ އެކްސިޑެންޓެއް...." ރިޔާގެ ބޮޑު ދެ ލޮލަށް ކަރުނަ ޖަމާވިއެވެ. އަލީނާގެ އެސްފިޔަތައްވެސް ބަރާވަމުން ދިޔައީ ކަރުނަތިކި ތަކުންނެވެ.

އަލީނާ އަނެއް ފަރާތަށް އެނބުރުނެވެ. ޒެވިޔަންއަށް އެ ހާލު ޖެއްސި މީހަކަށް އޭނަ ދުވަހަކުވެސް މާފެއް ނުދޭނެއެވެ. ރިޔާ ރުޅިގަދަވެގެން އޭނައަށް އަނިޔާއެއް ދިންނަމަވެސް އޭނަ މާފުދީފާނެއެވެ. ނަމަވެސް މިފަހަރު އެފަދަ ޖިސްމާނީ ބޮޑު އަނިޔާއެއް ޒެވިޔަންއަށް ލިބުމުން އަލީނާ ރިޔާއަށް ކުރި އިތުބާރު ގެއްލިގެން ހިގައްޖެއެވެ. ޒެވިޔަންގެ އަންބެއްގެ މަގާމުވެސް ރިޔާއަށް ހައްގެއް ނޫނެވެ. އޭނައަށް ޒީބާ ވަނީ އެ އެކްސިޑެންޓް ހިގަން މެދުވެރިވި ސަބަބު ކިޔާދީފައެވެ. ދެމަފިރިން ކޫސަނި ޒުވާބެއްގައި "އޮޅިގެން" ރިޔާއަށް ޒެވިޔަންގެ މޭގައި އަތްއަޅައި ކޮށްޕައި ލެވުނީ އެވެ. އަލީނާ ގެ ހިތް އެކަން ގަބޫލު ކުރަން ދެކޮޅު ހެދިއެވެ. އޭނައަކީ އެންމެން ދެކޭ ގޮތުން ކުޑަ، ކުޑަ އެންޖެލްއެއް ފަދަ ކުއްޖެކެވެ. އެންމެން ހެދިހާ ގޮތެއްގެ ދަށުވެފައިވާ ބަސްއަހާ ކުއްޖެކެވެ. ނަމަވެސް އޭނައަކީ ވެސް އިންސާނެކެވެ. ރުޅިއަންނަންވެސް އެނގެއެވެ. އެކަމަކު އެއީ މަދު ހާލަތެއްގައެވެ. 

އެ ހުރިހާ މަންޒަރު ތަކެއް ދެކެން އާގަމަވެފައި ހުރި ސީމާ އަވަހަށް ފަހަތަށް ޖެހިގެން ގޮސް ކޮރިޑޯ ހުރަސްކޮށްލާފައި ގޮސް ލިފްޓަށް އަރައިފިއެވެ. އޭރު ރުޅިގަދަވެގެން ގޮސް އޭނަގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ. އަލީނާ އޭނަގެ ދަރިފުޅު ނިކަމެތި ކޮށްލީ ހާދަ ވަރަކަށެވެ. އެވެސް އާއިލާގެ ޒުވާން ދެޑޮކްޓަރުންގެ ކުރިމަތީގައެވެ. އެމީހުންވެސް އެހުރިހާ އެއްޗެހި ކިޔުއްވަން ހިމޭނުން ތިބީތީ އޭނަ ހައިރާންވިއެވެ. އެނގިދާނެތާއެވެ. އޭނަ އަލީނާގެ ފުރާނަވެސް ރޮއިގަންނަވަރު ކޮށްލާނެއެވެ. އޭނަގެ ދަރިފުޅު ރިޔާގެ މަގާމު ޖަހައިގެން ހުރެވޭނެ ކަމަށް ހީކުރެވެންޏާ އެއީ ކުށްހީއެކެވެ. އުޑަށް އެރިގޮތަށް އިބުލީހަށް ޖެހުނު ދަތުރުޖެހެން މާ ގިނަދުވަހެއް ދެން ނުވާނެއެވެ. 

ރިޔާއަށް ވެސް ޒެވިޔަންގެ އެނދާއި ދިމާލަށް އިތުރަށް އެންމެ ފިޔަވަޅެއްވެސް ކުރި އަކަށް އަޅާކަށް ނުކެރުނެވެ. މިތަނުން ބާކީވާ މީހަކީ އޭނަކަން އިހުސާސް ކުރެވި، ހިތް ކުރިއަށް ވުރެ ބޮޑަށް ހަލާކުވިހެން ހީވިއެވެ. ރިޔާ އެތަނުން ނިކުމެގެން ބޭރަށް އައުމާއި އެކު ރޮވެން ފެށިއެވެ. އޭނަގެ ބަދު ނަސީބުކަމާއި މެދު ޝަކުވާ ކުރާނެ ފަރާތެއް ނެތެވެ. އަމިއްލަ އިޚުތިޔާރުގައި ހޯދައިގަތް އަނިޔާތަކެވެ.

އަލީނާ ޒެވިޔަންގެ އަތުގައި ހިފާލާފައި އަތުގެ އިނގިލިތައް މަހައިލި އިރު އެ އަތްތިލަ ހީވަނީ ގަނޑުފެން ކޮޅެއް ހެންނެވެ. އެ ފިރިހެންވަންތަ ރީތި އަތުން އޭނަގެ ގައިގައި އެތައް ހާސްފަހަރު ފިރުމި ހަނދާންތައް އަލީނާގެ ލޮލަށް ތާޒާ ކަރުނަ ގެނުވިއެވެ. އެ ބާރުގަދަ އަތެއްގެ ހިމާޔަތް ލިބުނު ދެއަތުގައި މިއަދު އެއްވެސް ވަރެއް ނެތެވެ. އަލީނާ ހިފާލިކަން ވެސް އިހުސާސް ކުރެވޭނެ ކަމެއް ނޭގެއެވެ. ހާދަ ދެރައެވެ. ކުރިންވެސް އެއަތުގައި ބައެއް ދުވަހު ވަކިއަޅާފައި ހުންނަތަން އަލީނާ ވަނީ ދެކެފައެވެ. އެކަމާއި މެދުގައި ހިތުގައި ޝައްކުތަކެއް ހިނގި އިރުވެސް އަލީނާ ސުވާލެއް ނުކުރެއެވެ. ޒެވިޔަންވެސް ރިޔާގެ ވާހަކަތައް ސިއްރު ކުރިއެވެ. އެއީވެސް އަލީނާގެ ހިތުގައި ޒެވިޔަންގެ މަގާމާއި، އިހުތިރާމް އެތައް ތަނެއް އިތުރުވި ކަމެކެވެ. އެރީތި ހަށިގަނޑުގައި އެންމެ ކޫރުމެއް އެޅުނަސް އަލީނާގެ ހިތުގައި ޒަޚަމްލިއެވެ. ހިތަށް އިންތިހާއަށް ތަދުވިއެވެ. މިއީ އޭނަގެ ފުރާނައެވެ. ލޯތްބެވެ. ދިރިހުރުމެވެ. ހިތުގެ ކޮންމެ ވިންދެއްވެސް ޖަހަނީ އެކަނި ޒެވިޔަން އަށްޓަކައޭ ވެސް ބުނެވިދާނެ އެވެ. އަލީނާ އެ އަތްތިލައިގައި ބޮސްދިނެވެ. އަލީނާގެ ލޮލުން އޮހިގަތް ކަރުނަތަކުން ޒެވިޔަންގެ އަތްތިލަ ތެމުނެވެ.

"ޒާވް. ލޯ ހުޅުވާލާފައި ބަލާލަބަލަ، ކިހިނެއް އަހަރެން ޒާވް އާއި ނުލައި އުޅޭނީ؟ ޒާވްގެ ބަދަލުގައި ތިތަނުގައި އޮވެވޭނެ ނަމަ މާބޮޑަށް ހިތަށް ފަސޭހަވާނެ، މިއަދު ޒާވް ދިޔައިމަ ދެރަވާނީ އަހަރެން އެކަނިއެއް ނޫން، ކުޑަ ކުޑަ ދެ ބޭބީސް އިންނަށްވެސް ޑެޑީ އާއި ނުލައި ނޫޅެވޭނެ، އަހަރެމެންގެ ތި ނޫން އެކަކުވެސް މިދުނިޔޭގައި ނެތް، ހާދަ ވަރަކަށް މިސްވިއޭ، ހާދަ ވަރަށް ލޯބިވޭ، މައި އޮންލީ ލަވް، ޒާވް މިހާރު އަހަންނަށް އެނގޭ އެންމެ ފަރާތަކަށް ކަން އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ފަރާތް ސަލާމަތް ކޮށްދެވޭނީ، އަބަދަށް ދުޢާ މިކުރަނީ ޒާވް ރަނގަޅު ވުމަށް އެދި..... ޕްލީޒް ޕްލީޒް ޑޯންޓް ލީވް އަސް...." އަލީނާ ގެ އާދޭހުގެ އަޑު ޒެވިޔަން އަށް އިވިއްޖެއްޔާ ޔަގީނުންވެސް ޒެވިޔަން ހޭލަން ބޭނުންވާނެއެވެ.

އާއިޒު މިލަން ގެނެސް ޒެވިޔަންގެ މޫނުގައި އެ ކުޑަކުޑަ މޫނުކޮޅު ބީއްސައިލިއެވެ. އެ މަޑު ފުށްކޮޅެއްފަދަ ދެއަތުން ޒެވިޔަންގެ މޫނުގައި އަތްޖައްސައިލީ ނިކަން ލޯބި ކޮށެވެ.

"ޝުގަރ ޕްލަމް ޑެޑީއަށް ގޮވައިބަލަ....." އާއިޒު މިލަން އަތުތެރޭގައި ބޮނޑިކޮށްލި އިރު އޭނަވެސް ހުރީ ފެންކަޅި ވެފައެވެ. އެތުއްތު ދެކުދިންނާއި މެދުވެސް އާއިޒު ހަމްދަރުދީވާލެއް ބޮޑުކަމުން އަބަދުހެން ކުދިންގެ ޚަބަރު ބަލައިލެވެއެވެ. އަމިއްލަ ދަރިފުޅާއި އަޅާލާހެން އަޅައިލެވެއެވެ.

މާޗްމަހުގައި ނިއުޔޯކް ސިޓީ ފެންނަލެއް ވަރަށް ހިތްގައިމެވެ. ވިނަތަކާއި ބަހާރުގެ ކުރީކޮޅުގެ މާތަކުން ޕާކްތަކާއި، ބައެއް ގޭގޭގެ ބަޗީޗާ ތަކުގައި ކުލަތައް ފަވާލައިފިއެވެ. ފެހިކުލައިގެ ތެރެއިން ރަތާއި، ރީދޫ އަދި އޮރެންޖްފަދަ ރީތި ކުލަތަކުގެ މާތައް ވާދައަށް އުޅޭހެން ހީވެއެވެ. ގަނޑުފެނުގެ އެއްވެސް އަސަރެއް މިހާރަކު ނުވެއެވެ. ފިނި މޫސުމަށް އެހެން ތަންތަނަށް ހިޖުރަކުރި ދޫނިތައް ބައިބަޔަށް އައިސް ގަސްތަކުގައި ޖައްސާފައި ލަވަކިޔާއިރުވެސް ފަޒާގައި ރީތި މިއުޒިކް ކުޅެވޭހެން ހީވެއެވެ. ފަޒާގައި ހިފާލައިފައިވި ގަނޑުފެންފަދަ ފިނީގެ އަސަރުވެސް ކުޑަވެލައިފިއެވެ. ޖެމާ ފެންޑާއަށް ނިކުތީ ބާސްކެޓް ބޯޅައެއް ހިފައިގެންނެވެ. ޖެމާ ބޯޅަ ބާސްކެޓަށް ވައްޓައިލަން މަސައްކަތް ކުރިއެވެ. ކޮންމެ ފަހަރަކު ބޯޅަ ބޭރުވާތީ ރުޅިއައިސް ގެން ޖެމާ ބާރަކަށް ބޯޅަ ފަހަތަށް އެއްލައިލުމުން ބޯޅައިގައި ހިފީ ގޭޓުން ވަދެގެން އައި ދާވިޝް އެވެ. އޭނަ ފުދޭވަރަކަށް ދުރުގައި ހުރެ އެއްލާލި ބޯޅަ ނިކަން ރީތިކޮށް ގޮސް ބާސްކެޓްގެ ތެރެއަށް އޮއްސުނެވެ.

"ގްރޭޓް، އެކަމަކު ދާވިޝް މޮޅުކަންތައް ކޮށްލީމަ އިމްޕްރެސް ވާނީ އެހެން ގާލްސް އިން، ނޮޓް މީ........" ޖެމާ އެނބުރި ބަލައިލައިފައި ގެއަށް ވަދެގެން ދާން ހިނގައިގަތެވެ.

"ހޭއި ޖެމް، ވަޓްސް ރޯންގް..." ޖެމާފަދަ އުފާވެރި، ލާނެތް ކުއްޖެއްގެ ތަބީއަތު ގޯސްވެފައި ވާތަން ފެނުމުން ދާވިޝްއަށް އުދަގޫވިއެވެ. ޖެމާ އެއްޗެކޭ ނުބުނެ ގޮސް ވެއްޓި ގަތީ ބޮޑުކޮޓަރީގައިވާ ކައުޗް އަކަށެވެ.

"އަހަރެން ޓޫ ޑޭސް ޑިލޭވެއްޖެ، ނިއުލީ މެރީޑް ގާލްއަކު އެހާ ބިރުވެރި ނައިޓްމެއަރއެއް ތަޖުރިބާ ނުކުރާނެ ކަން ޔަގީން، ހީވަނީ ޕްރެގް ހެން......" ޖެމާ އަތުގެ އިނގިލީގައި ދައިގަތެވެ.

"ކީއްވެ ޕްރެގްވާންވީ؟ ދެޓްސް އިމްޕޮޒިބަލް......" ދާވިޝް ބުމަ އަރުވައިލި ގޮތުން ހީވީ ވަރަކަށް ހައިރާންވިހެނެވެ. އޭނަ ހަމަޖެހިލައިގެން ބޯޅަ އިނގިލީގެ ކުރީގައި އަނބުރާލައިފައި ދައްކަމުން ދިޔަ ހުނަރުތަކުންވެސް އެހެންމީހަކު ނަމަ ހައިރާން ވާނެއެވެ. ޖެމާ އެކަމަކަށް ވެސް ޝައުގެއް ނުވިއެވެ.

"ދާވިޝް އެއްވެސް ޕްރޮޓެކްޝަނެއް ދުވަހަކު ބޭނުން ނުކުރަމެއްނު އެހެންވީމަ..." ޖެމާ ކުށްވެރި ކުރީ ދާވިޝް އެވެ.

"ސޯ ވަޓް، އަހަރެމެން މެރީޑް، ދެން މެރީކޮށްގެން ތިބީމަ ކިޑްސް އިން ވެސް ލިބޭނެ، ދެން އެއީ ޖެމް ނާވަސް ބްރޭކް ޑައުން އަކަށް ދާ ވަރުކަމެއްތަ؟ ދިހަކުދިންވެސް ވިހަންވީ، ގިނަކުދިން ހޯދީމަ އެވޯޑެއްވެސް ލިބިދާނެ، ނޫނީ ވޯލްޑް ރިކޯޑްވެސް ހެދިދާނެ....." ދާވިޝް ބޯޅަ އެއްފަރާތުގައި ބާއްވާފައި ސޯފާގައި އިށީދެ ޓީވީ ޖެއްސިއެވެ. ޚިޔާލެއްގައި އިނދެ ޓީވީ ޗެނެލްތައް ބަދަލުކުރަމުން ދަނިކޮށް މޫނުމަތީގައި ބާލީހަކުން ޖެހުނެވެ.

"އަހަރެން އަދި ކިޑެއް ބޭނުމެއްނޫން، ޔޫ ހިއަރ މީ؟ " ޖެމާ ހަޅޭއްލަވައިގަތެވެ.

"އެކަމަކު ޕްރެގްވެއްޖެއްޔާ ދެން ކުރާނެ ކަމެއް ނެތެއްނު...." ދާވިޝް އެމަޑު ބާލީސް މޫނުގައި ޖައްސާ ބާރުކޮށްލުމަށްފަހު ތިރިކޮށްލީ ލަސްލަހުންނެވެ. އެ ރީތި ދެލޮލުން ބަލައިލި ގޮތަކުން ޖެމާގެ މޫނަށް ވަގުތުން ރަތްކުލަ ފާއްދާލައިފިއެވެ. 

"ދާވިޝް އަކަށް އުނދަގުލެއް ނުޖެހޭނެ ވިއްޔާ، އެހެންވެ ފިރިހެނުން ވަރަށް ފަސޭހައިން ތިހެން ބުނާނެ، ހުރިހާ ބުރައެއް އުފުލަން ޖެހެނީ މަށޭ، އެބޯޓް ކޮށްލާނީ....." ޖެމާ އެ ބަރު އެސްފިޔަތައް ތިރިކޮށްލަމުން އެއްފައި ސޯފާއަށް އަރުވައިލަމުން ފައިގެ އިނގިލިތަކާއި ކުޅެންފެށިއެވެ. ނިޔަފަތިތައް ވައިލެޓް ކުލައިން ޕެއިންޓްކޮށްލާފައި ވާއިރު އެ ދޮންފައި ފެންނަލެއް ނިކަން ލޯތްބެވެ. ޖެމާ އިންތިޒާރު ކުރަނީ އެހެން ދެމަފިރިން ފަދައިން ދާވިޝް ވެސް ލޯބިން އޭނަގެ ފައިގެ އިނގިލިތައް ޕެއިންޓްކޮށްލަދީ އެފައިތިލައިގައި ބޮސްދޭނެ ދުވަހަކަށެވެ. ކުރީދުވަހުވެސް އާއިޒު ޖިލާގެ ފައިތިލައިގައި ސަމާސާ އަކަށް ހަދާފައި ދަތްއެޅިތަން ފެނުމުން ޖެމާގެ ހިތަށް ގޮތެއްވިއެވެ.

"ވަޓް......" ދާވިޝް ދެލޯ ބޮޑުކޮށްލިއެވެ.

"އަހަރެން ބޭނުމެއްނޫނޭ ބޭބީއެއް، އައި ސްވިއަރ ޓު ގޯޑް އަހަރެން ބޭސްކައިގެންވެސް...." ޖެމާ ބޭނުންވީ ދާވިޝް ރުޅިއަރުވައި ލުމަށެވެ. އަދި މިހާއަވަހަށް ދަރިއެއް ހޯދުމުގެ ޚިޔާލެއް ޖެމާގެ ނެތެވެ. ދެމީހުން މިއުޅެނީ ދެމަފިރިންގެ ގޮތުގައި އަދި ހަމަޖެހިލައިގެން ނޫޅެވިގެންނެވެ. ނަމަވެސް ބަލިވެ އިނދެއްޖެއްޔާ ދަރިފުޅު ނައްތާލުމުގެ ޚިޔާލެއް ޖެމާ އެއްގޮތަކަށް ވެސް ނުކުރާނެއެވެ. ޖެމާއަށް ވެސް އެއީ ކިހާވަރެއްގެ ފާފައެއްކަން އެނގެއެވެ. 

"ރިއަލީ؟ އެބޯޓް ކޮށްފިއްޔާ އައި ވިލް ކްރަޝް ޔޫ....." ދާވިޝް ތެދުވެގެން އައިގޮތަށް ޖެމާގެ ދެކޯތާފަތުގައި ތަންކޮޅެއް ބާރަށް ހިފާލައިފިއެވެ.

"ތަދުވެޔޭ، އަނިޔާވެސް ކުރަން ފެށީތަ؟" އެހާ ކުޑަކަމަކުން ވެސް ޖެމާ ޖަޒުބާތީ ވެގެން ރޮމުން ދާން ހިނގައި ގަތުމުން ދާވިޝް ފަހަތުން ގޮސް ޖެމާގެ ކޮނޑުގައި ހިފާފައި އޭނަ އާއި ދިމާލަށް އަނބުރާލައިފިއެވެ. އަދި ޖެމާ އަތުގެ ތެރެއަށް ގެނެސް މޭގައި ޖައްސާލީ ވަރަށް ލޯބިންނެވެ. ޖެމާއަށްވެސް ދާވިޝްގެ މޭގައި ބޯ އަޅައިލަމުން ދާވިޝްގެ ގައިގައި ހިފަހައްޓައި ލެވުނު އިރު ހިތަށް ނޭގޭފަދަ ހަމަޖެހުމެއް ލިބުނެވެ.

"ޖެމް، އައިމް ސޮރީ، އަހަރެން ސަމާސާ އަކަށޭ، އަދި އެންމެ ޓޫ ޑޭސް ޑިލޭވިޔަސް ޔަގީނެއް ނުވާނެ، ބައެއްފަހަރު ސްޓްރެސް އިންވެސް އެހެން ވެދާނެ، ވާގޮތެއް ބަލާނީދޯ، އަހަންނަށްވެސް އެނގޭ އަދި ބޭބީއެއް ހޯދުމުގެ ޚިޔާލުކުރަން މާ އަވަސް ކަން، އެންޖޯއި ކުރަން ވެސް ދެއަހަރު ވަރަކަށް އޮންނަން ވާނެ އޭގެ ފަހުން ޕްލޭން ކުރާނީ...." ދާވިޝްގެ އެ ވާހަކަތަކުން ޖެމާއަށް ކުޑަ އުއްމީދެއް ލިބިއްޖެއެވެ. އޭނަދެކެ ލޯބިވި ދާވިޝް އޭނައަށް އަނބުރައި ލިބުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ޖެމާއަށް ވަނީ ދާވިޝް ފޮރުވައިގެން އުޅޭ ބޮޑު ސިއްރެއް އެނގިފައެވެ. އެކަމާއި ހުރެ ޖެމާގެ ހިތަށް ލިބުނު ވޭން ދާވިޝްއަށް އެނގޭނެ ނަމައެވެ. 

ޖިލާ ދަރިފުޅު ގޮވައިގެން ބޭރަށް ދާން ވެއްޖެއްޔާ އަބަދުވެސް ކޮންމެވެސް ބަހަނާއެއް ދައްކައިގެން އާއިޒުއަށް އޮންނަނީ ނުވެފައެވެ. އަލީނާމެން އުޅޭގެއަށް ގެންދަން އުޅުނަސް ޖިލާއަށް ވަގުތުވާ ކަމަކަށް ނުވެއެވެ. އާއިޒުއަށް ޖިލާގެ މައްސަލަ އެނގެއެވެ. ޖިލާ އުޅެނީ ދަރިފުޅު ކޮޓަރިން ނުނެރެން ނިންމައިގެންނެވެ. ޖިލާގެ "ބިރު" ދައިލާންގެ މުސްތަގުބަލް ހަލާކު ކޮށްލަފާނެއެވެ. މިއަދުވެސް އާއިޒު ބޭރަށް ދާ ވާހަކަ ބުނެލަން ވާއިރަށް ޖިލާ ކުއްލި އަކަށް ބަލިވެއްޖެއެވެ. ކަރު އެލުވާލައިގެން އެނދަށް ވެއްޓިގަތެވެ. އޭގެ ކުރިން ޖިލާ އުޅުނީ ހީހީ ސަކަރާތް ޖެހުމުގައެވެ. އާއިޒު ދަރިފުޅު ތަންމަތިން ނެގިއެވެ.

"އޯކޭ ޖިލް، އަހަރެމެން އަންނާނަން ބުރެއް ޖަހާލައިފައި. ޓޭކް ރެސްޓް އިނގޭ ބޭބީ ގާލް......" އާއިޒު ދާން ހިނގައި ގަތުމުން ޖިލާ ކަންބޮޑުވެފައިވާ ނަޒަރަކުން ބަލައިލަމުން ނޫނެކޭ ބުނެފައި ފަހަތުން ދުވެފައި އައިސް ދައިލާން ގެ މަޑު އަތްކޮޅުގައި ހިފެހެއްޓިއެވެ. އާއިޒު އެނބުރިބަލައިލި އިރު އޭނަ ހުރީ ކުޑަކޮށް އެ ގަދަ ބުމަގޮށްޖަހާލައި ގެންނެވެ.

"ޖިލް، ދެޓްސް ޓޫ މަޗް އެއް ނޫންތަ؟ އަހަންނަށްވެސް އަހަރެންގެ ބޭބީގެ މައްޗަށް ބާރެއް އޮވެގެން ނުވޭ، މަށަށްވެސް ޓްރަސްޓް ކުރުމެއްނެތް....." އާއިޒުގެ އެ ޖުމްލަތަކުން ޖިލާގެ މޫނު އެތައް ގުނަ ރަތްވިއެވެ. ހިތުގައި ޖެހުނެވެ. އެބުނާހެން އޭނަގެ އަމަލުތައް ހުންނަނީ އާއިޒުއަށް ވެސް ދަރިފުޅާއި އެކީގައި އިތުބާރު ނުކުރެވޭފަދަ ގޮތަކަށެވެ.

"އިޓްސް އޯކޭ ހަނީ، ބޭނުންތަނަކަށް ބޭބީ ގެންދިޔަސް ހެވޭ، އައި ޓްރަސްޓް ޔޫ އޭ، އެކަމަކު......" ޖިލާގެ ލޮލުގައި ކަރުނަތިކިތައް ވިދިއެވެ.

"ދެން ހުއްދަ ދީފައިވެސް ރޮނީތަ ސްވީޓްންސް....." އާއިޒު އެއްއަތް ޖިލާގެ ކޮނޑުގައި އަޅުވައިލަމުން ގަޔާއި ކައިރިކޮށްލިއެވެ. ޖިލާގެ ޚިޔާލުތައް ފަސޭހައިން ބަދަލުނުވާކަން އެނގޭއިރު، ޖިލާ އޭނަދެކެ ލޯބިވާވަރުވެސް އާއިޒުއަށް އިހުސާސް ނުކުރެވެނީއެއް ނޫނެވެ.

"ހަނީ ތިހެން ހީކޮށްގެންވެސް ނުވާނެއެއް ނު، އިންސާނަކު އަނެއް އިންސާނަކަށް ޓްރަސްޓް ކުރާނެ އެންމެ ބޮޑަށް އަހަރެން ހަނީއަށް ޓްރަސްޓް ކުރަން، އިޓްސް ނޮޓް ޔޫ، ޕްރޮބްލެމް އަކީ ބޭބީގެ ވަލްނަރަބްލް ކަން، އެހާ ހެލްޕްލެސް، ދެން އެބިއުޒް ކޭސް ތަކާއި އެއްޗެހި ފެންނަވަރުން ހަމަ ބިރުގަންނަނީ، އެހެން މީހުންނަށް އިތުބާރު ކުރާނީ ވެސް ކިހިނެއްތަ؟ އެހެން މީހުންގެ ގޮތެއް ނޭގޭނެ، އާޗްގެ ފްރެންޑުން ވެސް ބޭބީ ނަގާފާނެ، އެމީހުން ކަމެއް ނުކުރާނެތަ؟ އައިމް ސޯ ވޮރީޑް....." ޖިލާގެ ޝައްކުތައް ވަނީ ކިހާ ހިސާބެއްގައި ކަން އާއިޒުއަށް ކިތަންމެ ރަނގަޅަށްވެސް ރޭކާލިއެވެ.

"ޑޯންވޮރީ ޑާލިން، އަހަރެމެންވެސް އެއް ޒަމާނެއްގައި މިހާ ވަލްނަރަބްލް، މިހާރު ބަލައިލަބަލަ ބާރުގަދަކަން، އެހެންވީމަ އަހަރެމެންގެ ދަރިފުޅު ވެސް އަދި ސްޓްރޯންގް ވާނެ ގޯޑްވިލިން، އަހަރެމެން އެކަމުގައި އެހީވާން ވާނީ، ގާލްއެއް ހެން އަބަދު ރޫމްއިން ބޭރަށް ނުނިކުމެ އިނިއްޔާ ހީ ކާންޓް ފޭސް އެނީތިން، އަހަރެންވެސް އަހަރެންގެ ދަރިފުޅު ޕްރޮޓެކްޓް ކުރާނެ ދޯ......." އާއިޒުއަށް އަދި ދަރިފުޅު ގެ ތުއްތުކަން އެނގުނަސް އެހެން ވާހަކަދައްކަން ޖެހުނު ސަބަބަކީ، ޖިލާއަށް ވިސްނައި ދިނުމަށެވެ. އެދުވަހު ފުރަތަމަ ފަހަރަށް އާއިޒު ދައިލާން ގޮވައިގެން އަލީނާގެ ބޭބީމެންގެ ކައިރިއަށް ގެންދިޔައެވެ. ތިންކުދިން އެކީގައި ބާއްވައިގެން ފޮޓޯތައް ނެގިއެވެ. ތުއްތުކަމުން އަދި އެކީގައި ކުޅެއުޅޭވަރު ނުވިއެއް ކަމަކު އެއީ ލޯބި މަންޒަރެކެވެ.

ސީމާ ޒީބާގެ ހުއްދަ ހޯދުމެއްނެތި ޒީބާގެ އަލަމާރި ހުޅުވާލައިފިއެވެ. ހީވަނީ ހެދުން ފިހާރައަކަށް ވަދެވުނު ހެންނެވެ. އެ ވާރޑްރޯބްގައި އަޅުވާފައި ހުރި ހެދުންތައް ފެނުމުން ސީމާގެ ހިތުގައި ހަސަދަވެރިކަމުގެ އަލިފާން އަނދަންފެށިއެވެ. އެއް ޒަމާނެއްގައި އޭނަވެސް މިފަދަ އިއްޒަތުގައި އުޅުނެވެ. އަމީން ވަނީ އޭނަ މާލެގެންދިޔަ ހުރިހާ ހެދުންތައް ހުޅުޖަހާފައި އެފަދަ ހެދުން ނުލާން އަންގާފައެވެ. އޭނަ ގެންދިޔަ ގަހަނާތަކަށް ހެދި ގޮތެއްވެސް ނޭގުނެވެ. ސީމާ ރަންމުތުގެ ސެޓުން ޒީނަތްތެރި ވެލާފައި ޑްރެސިން ޓޭބަލްގެ މަތީގައި ހުރި ސެންޓްފުޅިއެއްގެ ވަސް ބަލައިލުމަށްފަހު އެތަން މިތަނަށް ޖަހަންފެށިއެވެ.

"ސީމާ ހާދަވަރަކަށް ރީތިވަނީ، ޑޭޓަކަށް ދާންތަ؟" ސީމާ އޭނަގެ ހުއްދަނެތި ކޮޓަރިއަށް ވަދެ އޭނަގެ އެއްޗެހި ބޭނުންކުރާތަން ފެނުމުން ހިތްހަމަނުޖެހުނު ނަމަވެސް ޒީބާ ހިނިތުންވުމަކުން ފުއްދާލައިފިއެވެ. މިއީ އަދި ސީމާގެ ފަރާތުން އަލަށް ކުރިމަތިވި އުނދަގުލެކެވެ. ޒީބާގެ އަތުގައި އެއްޗެހި މަދީއެއް ނޫނެވެ. ސީމާގެ ކަންތައް ހުންނަގޮތުން އެހާ ގާތް އެކުވެރިޔެއް ކަމަށް ނުދެކެވެނީ އެވެ. 

"ޒީބް އައި ނީޑް ޔޯ ހެލްޕް، އަމީންގެ ފަރާތުން އަހަރެން ސަލާމަތް ކޮށްދޭން މައިމޫން ގާތު ބުނެދީބަލަ، އާދޭސްކޮށްފައި މިބުނަނީ، އަހަރެން އަސްލު ދެން ނޫޅެން ޒީބްއަށް އުދަގޫކުރާކަށް، މަގޭ ދަރިން ގާތުގައި މިގޭގައި މަޑުން ހުންނަން ބޭނުމީ، އަހަންނަށް މިކަމުގައި އެހީއެއްވެދީބަލަ، އަމީން މަގޭ ކާޑުގައި ހުރި ލާރިކޮޅުވެސް ހުސްކޮށްލައިފި، ދެން އަހަރެން މާލެގޮސްފިއްޔާ ނާސިއެއްހެން ވިއްކާލާކަށްވެސް ފަހެއް ނުޖެހޭނެ، އަހަރެންގެ މޮޔަކަމުން އެހާ ދަށުދަރަޖައިގެ ފިރިހެނަކަށް ހިތްކިޔުނީ، އަނެއްކާ ދާވިޝްގެ......" ސީމާ އެ ހަނދާންތައް އާކޮށްފައި ރޯންފެށިއެވެ.

"ދާވިޝްގެ ޑީއެންއޭ އެއް ހައްދަންވީނު....." ޒީބާ އެނދުގެ ކުއިލްޓް ރީތިކޮށްލަން ހުރެ ބުނެލައިފިއެވެ.

"އަމީން މިހާރު ކިޔާ ތިމަންނައަކީ ދަރިން ލިބޭ މީހެއްނޫނޭ......" ސީމާ އެ ހާދިސާ ވެސް ކިޔައިދީފައި ޒީބާގެ ގާތުގައި އާދޭސްކުރަން ފެށުމުން ޒީބާ ހުރީ ބޮލަށް އުދަގޫވެފައެވެ. އެހެންނޫނަސް ސީމާ މިގޭގައި ހުރުމަކީ ނުބައި ފާލެއްކަމަށް އޭނަގެ ހިތް އިންޒާރު ކުރިއެވެ. އެކަމަކު ޖިލާ އާއި ރިޔާގެ މަންމައަށް ވީތީ އެބުނާހެން އޭނައަށްވެސް ސީމާ ނިކަމެތި ކޮށްލާކަށް ނުކެރޭނެ އެވެ. އަމީންމެން މާލޭގައި ކިތަންމެ ގަދަކޮށްލާފައި އުޅުނަސް އެމެރިކާގައި އޮންނާނީ މައިމޫންގެ ނުފޫޒާއި، ވެރިކަމެވެ. މައިމޫންމެންގެ ގާތުގައި އަމީންއަށް އަތްފައިވެސް ހަލުވައިލާކަށް ނުކެރޭނެއެވެ. ތަފާތަކީ އަމީންމެން ނުބައި ރޮގުން ކުރިއަރާފައި ވާއިރު، މައިމޫން އަކީ ޝަޚުސިއްޔަތު އާއި ނުފޫޒު ވަރުގަދަ، ރަނގަޅު މީހަކަށްވީ ކަމެވެ.

"އަހަރެން މައިމޫންއަށް ކޮންވިންސް ކޮށްދޭނަން، މައިމޫން އެކަމަކު ހުންނެވީ ދާވިޝްގެ މައްސަލައިގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަން ސީމާއަށް އެނގޭނެ ދޯ، ދާވިޝް އަދި އަމީންގެ ދަރިއަކަށް ނުވިޔަސް ސީމާގެ ވަން ނައިޓް ސްޓޭންޑް ގެ ސަބަބުން މައިމޫން އިތުބާރެއް ނުކުރާނެ ކަންނޭގޭ، އައި ވިލް ޓްރައި މައި ބެސްޓް......" ޒީބާ ކިތަންމެ ރީތިކޮށް އެހެން ބުނިކަމުގައި ވިޔަސް ހިތާހިތުން ސީމާ މިގޭގައި ހުރުމާއި މުޅިން ދެކޮޅެވެ. ސީމާ އަނެއްކާ މައިމޫން ޖަހައިގަންނަން މަސައްކަތް ކުރާނެ ކަމީ ޔަގީން ކަމެކެވެ. ނަމަވެސް އޭނަ ވާޖިބު އަދާކޮށްފާނެއެވެ. އެކަމަކު އޭނަ ދެވަނަ ފަހަރަކަށް ސީމާގެ މަކަރުވެރި ކަމުގެ މަޅިއެއްގައި ނުޖެހޭނެއެވެ. އަޖައިބު ވަނީ އޭނަ ސީމާ ދެކެ އެވަރަށް ފޫހިވީއިރުވެސް ހާލުގައި ޖެހުނު ދުވަހު ނިކަމެތިކޮށްލާކަށް ނުކެރުނު ކަމެވެ. 

ފަރުބަދަމަތީގައި ހުންނަ ގޭގެ މަތީބައިގެ ބެލްކަނީގައި ރިޔާ އިންއިރު އިރުގެ ދޯދިތައް ހުރަހެއް ނެތި އެ ދޮންމޫނަށް އެޅިފައި އެކޯތާފަތަށް ރަންކުލަ ވެރިކޮށްލާފައި ވެއެވެ. އަދި ވިހުރުވާލެވިފައިވާ އިސްތަށިގަނޑާއި ވެސް ދޯދިތައް ކުޅެ އަޖައިބެއްހާ ރީތި ކުލައެއް ޖައްސަމުން ދިޔައިރު އަމިއްލަ ރީތިކަމާއި މެދު ކުޑަކޮށްވެސް ވިސްނާހެނެއް ހިޔެއްނުވެއެވެ. އޭނަ އަތުގެ ނިޔަފަތިތައް ހަފަމުން، މާދުރަށް ބަލަހައްޓައި ގެން އިނީ ފުން ޚިޔާލެއްގަ އެވެ. އޭނައަށް ލޯ ހުޅުވައި ލެވުނު އިރު ވަގުތު މިއޮތީ ފާއިތުވެފައެވެ. ޒެވިޔަން ހޭލަފާނެ ކަމުގެ ނިޝާނެއް ވެސް ނުފެނެއެވެ. އެކަމާއި ދެރަވަގެން ގޮސް އަމިއްލަ ނަފުސް ކުށްވެރިކޮށް ރުއިން ނޫންކަމެއް މިވީދުވަސް ކޮޅު ރިޔާ ނުކުރެއެވެ. ޒެވިޔަން އެހެން އޮވެ ދުނިޔެ ދޫކޮށްފިއްޔާ އޭނައަށް ވާނީ ކިހިނެއް ހެއްޔެވެ؟ ޔަގީނުންވެސް އޭނަ ދުނިޔެއިން އެންމެ ލޯބިވާ ފަރާތް އެ ހާލުގައި އޮންނަން ޖެހުނީ އޭނަގެ ރުޅިގަދަކަމާއި، ވިޔާނުދާކަމުގެ ސަބަބުންނެވެ. 

ސީމާ އާވިއަރައަރާ ހުރި ކޮފީމަގުތަކާއި ކާއެއްޗެހި އަތުރާފައި ހުރި ތަބައް ކުޑަމޭޒެއްގެ މަތީގައި ބެހެއްޓިއެވެ. 

"ރިޔާ ތިހެން އަރާފައި އިނީމަ ކޮން ހިތްހަމަޖެހުމެއް ލިބެނީ؟ އެ ކުޑަ ވިޗް އެއުޅެނީ ދަރިފުޅުގެ މަގާމު އަތުލައިގެން ދަރިފުޅު މިގެއިންވެސް ބޭރުކޮށްލަން ވެގެން ކަމެއް ރިޔާ އަކަށް ނުވިސްނެ އެއްނު، އެކުއްޖާ މަގުން އެއްފަރާތް ކޮށްލާ، ރިޔާ ނުޖެހޭނެ އެއްގޮތަކަށް ވެސް ބަތްތަށީގެ އެއްފަޅިން ކައިގެން ހުންނާކަށް......" ރިޔާއަށް އޭނަގެ މަންމަ އާއި ދިމާލަށް ބަލައި ލެވުނީ ތަފާތު ނަޒަރަކުންނެވެ. މަންމަ ރަނގަޅު ގޮތް ވިސްނައިދޭން ވީމަ އަދިވެސް އެ ދައްކަނީ ނުބައި މަގުހެއްޔެވެ؟

"އައި ހޭވް އެ ޕްލޭން ދަރިފުޅާ، އެކަމަކު ފުދޭވަރަކަށް ފައިސާ ބޭނުންވާނެ، އެމެރިކަން ޓިކެޓް ކޮޅެއްވެސް ލިބެންޖެހޭ، ދަރިފުޅަށް އެކަން ކުރެވޭނެތަ؟ ފައިސާގެ ގޮތުން މިހާރު މަމް ތަންކޮޅެއް ދަށުގައި އުޅޭތީ އެކަނި އެކަމުގައި ދަރިފުޅުގެ އެހީ ބޭނުންވަނީ، މަމް ކޮންމެހެން ވިލަން އަކަށް ވަނީއެއްނޫން، މަންމަވެސް މިކަން ކުރަނީ މަންމަގެ ދަރިންގެ އުފަލަށް ޓަކައި، އެނގޭ ބަސްޓްވެއްޖެއްޔާ މަންމަގެ އަގުވެއްޓި ދާނެކަން........." ސީމާ ކޮފީތަށްޓެއް ތުނބުގައި ޖަހައިލަމުން ހީލައިފިއެވެ. ރިޔާ އިނީ ލޮލުގެ އެސްފިޔަޖަހައިލަން ވެސް ނޭގި ބުދެއްހެން ހިމޭނުންނެވެ. ނޭވާވެސް އެތެރެހަށީގައި ތާށިވިހެން ހީވިއެވެ.

ކޮމެންޓް 0