އެކަމަކު އަހަރެންވެސް ވަކި ބޫގީމޭނަކަށް ވުރެ ނުރައްކާތެރިކަން ކުޑައެއް ނުވާނެ ދޯ....." ޒެވިޔަން އަލީނާއަށް ޒެވިޔަން ހެދި ޖާދޫއެއްގެ ސަބަބުން ދަގަތްފާނަށް ދަގަނޑު ދަމާހެން އޭނަ ދަމައިގަތެވެ. އަލީނާ ހުއްޓުނީ ޒެވިޔަންގެ ކުރިމަތީގަ އެވެ. ޒެވިޔަން ފާރަށް ލެނގިލައިގެން ހުއްޓުނީ ވެސް މޮޑެލް ގޮތަކަށެވެ. ކަޅު އަނދިރި ކަމަށް ވެސް އެ ދެލޮލުގެ ވިދުމާއި، ހަށިގަނޑުގެ ރީތިކަން ފަނޑުކޮށެއް ނުލެވުނެވެ. އެ ދިގު އިސްކޮޅާއި، ބިޔަކަން އަދި ބާރު އިހުސާސް ކުރެވިފައި ވާތީ އަލީނާއަށް އެ ޝަޚުސިއްޔަތުން ކިތަންމެ ވަރަކަށް ވެސް އަސަރު ކުރުވިއެވެ. އޭރު އަލީނާއަށް ހީވަނީ އޭނަ އަނބުރައިގެންފާނެ ހެންނެވެ.
"އުމުރު ބުނެބަލަ. ޓްވެލް ތަ؟ މިހެން ބުނެލީ ޓިންކަބެލްހާ ކުޑަކަމުން، އަލީނާ ފެނުނީމަ ހީވަނީ އެކަހަލަ ކުޑަކުޑަ ޕަރީއެއްހެން. އަލީނާ ނުކިޔާ މަންމަ ތަމްބްލީނާ އޭ ކީނަމަ، ނަން ބަދަލުކޮށްލަންވީ ދޯ...." ޒެވިޔަންއަށް އަލީނާގެ އުމުރު ލަފާކޮށްލަން އުނދަގޫ ވެފައިވުމާއި އެކު އެހާ ކުޑަކޮށްލީ ސަމާސާ ކޮށްލަން ވެގެންނެވެ.
"ނޫނޭ، ނައިންޓީން...." އަލީނާ ހާސްވެފައި ހުރިނަމަވެސް ހެވުނެވެ. އަދި ޒެވިޔަންގެ އެ ވާހަކަ ތަކުގައި ތަޢުރީފުވެސް ވާހެން ހީވެގެން ރަކިވިވަރަކުން އެއްފައި މައްޗަށް ބުރަވާން ހަދައިގެން އަރި ވެސް އަޅާލަން އުޅުނެވެ. ޒެވިޔަންއަށް އަތްދިއްކޮށްލެވުނީ ބޭއިޚުތިޔާރުގައެވެ. އަލީނާއަށްވެސް އެ އަތްތިލައިގައި ހިފައިލެވުނީ އަބަދުގެ އަބަދަށް އެ އަތުގެ ހިމާޔަތް ބޭނުންވެފައިވާ ކުއްޖެއް ފަދައިން ބާރަކަށެވެ. ނަމަވެސް އަލީނާގެ ހަށިގަނޑު ބެލެންސް ވިކަން ޔަގީންވުމާއި އެކު ޒެވިޔަން އެ އަތުން ދޫކޮށްލާފައި ޖިންސްގެ ޖީބަށް އަތްޖަހާލައިފިއެވެ.
"ސީރިޔަސްތަ؟ ހިޔެއްވެސްނުވޭ، ދެން ކީއްވެ ތިހާ ކުޑަކޮށް ހުންނަނީ؟ ދަމާ ދިގުކުރަން ޖެހޭނީ ދޯ، ގިނައިން ކައިބަލަ އިނގޭ. ނިކީ ބުނާހެން އޭރުންނެއްނު އަހަންނާއި އެއްވަރަށް ދިގުވާނީ. ހޫމް ދެން މިރޭ މެސެޖް ކުރީމަ އަލީނާ ބިރުން ހަލާކުނުވީ ކިރިޔާ ދޯ. އަސްލު އަހަރެން ބޭނުންވީ އަލީނާ އާއި ފޭސް ޓު ފޭސް ބައްދަލުކޮށްފައި މިވާހަކަ ބުނެލަން، އަހަރެންނަށް ފޮރުވައިގެން އުޅެނިކޮށް އަލީނާގެ ދޮންބެ އިޔާން އާއި ވެސް ދިމާވެއްޖެ، ކުރީދުވަހު އޭނަ އާއި މާ ގާތްކޮށް އުޅުނުތަން ފެނުނީމަ ހީކުރީވެސް ބޯއިފްރެންޑް ކަމަށް، ލޮލަށް ފެންނަހައި ކަމެއް ގަބޫލު ކުރާނީ ވެސް މޮޔައިން ދޯ...." ޒެވިޔަން ވާހަކަދެއްކީ މަޑުންނެވެ. ކަރަންޓު ނެތުމުގެ ސަބަބުން އެހެން ރޭތަކަށްވުރެ މާހައުލުވެސް އޮތީ ހިމޭންވެފައެވެ.
"ކޮންކަމެއްތަ އެނގުނީ.." އަލީނާ ބިރުގަނެއްޖެއެވެ. އިޔާން އާއި ޒެވިޔަން ވާހަކަ ދެއްކީ ކީއްކުރަން ހެއްޔެވެ؟
"އަލީނާގެ ދޮންތަ ވީ މެންޓަލް ތަނެއްގައި ކަމާއި އަދި މަންމަ...... ވެލް ދެން އެވާހަކައިގެ ޑީޓެއިލްސްތައް މަށެއް ނާހަން، އަހަރެންނަށް އެނގޭ އިޔާން މާލޭ މުސްކުޅި އަންހެނަކާއި އިނީ ގޭގެ ބޭނުމުގައި ކަމާއި އެކަމަކު އެގޭގައި ދޮންދަރިންނާއި އެކީގައި އޭނަ އުޅެނީ ވަރަށް ހާލުގައި ކަން، އޭނަގެ ގާލްފްރެންޑެއް ހުންނަކަމަށްވެސް ބުނި. އަހަރެން މިހިރީ އޭނައަށް އެހީވާގޮތަށް، އޭނަގެ ގާލްފްރެންޑާއި މެރީކޮށްގެން ވަކި ގެއަކަށް ބަދަލުވާން އިޔާން ބޭނުމީ، އަލީނާއަށްވެސް އުޅެވިދާނެ ދޮންބެ ގާތުގައި ދޯ، ބޭނުން ވަރަކަށް ލާރި ލިބިދާނެ....." ޒެވިޔަންގެ ވާހަކަތަކުން އަލީނާއަށް ހީވީ އެތައްހާސް ފޫޓެއްގެ މަތިން ވައްޓައިލެވުނު ހެންނެވެ. އޭނަ ބިނާކުރަމުން އައި ލޯބީގެ ބިއްލޫރި ގަނޑުވަރު ޒެވިޔަން ފުނޑުފުނޑުކޮށްލައިފި ހެންނެވެ. ނަމަވެސް އޭނަގެ ހިތުގައި ޒެވިޔަންއަށް ޓަކައި ވިންދުޖަހައިގެން ނުވާނެކަމަށް އަލީނާ ގަބޫލުކުރެއެވެ. އޭނަ މިހުންނަނީ ސަލާމަތްވާނެ އެއްވެސް މަގެއް ނުފެނިފައެވެ. އެކަމަކު އިޔާންގެ ގާތުގައި ހުރެވެންޏާ އަލީނާއަށް ސަލާމަތާއިމެދު ޔަގީންކަން އޮންނާނެއެވެ. އަލީނާ އަބަދުވެސް ދެކެމުން އައީ އިޔާން އަށް އެފަދަ ހިތްގައިމު ދިރިއުޅުމެއް ލިބުމެވެ. އެކަމަކު ދުޢާ އިޖާބަކުރެއްވި އިރު މިއޮތީ "އޯޓަމް ބްލޭޒް" އިން ދުރަށް ނުދެވޭފަދަ ގޮތަކަށް އެގެއާއި އޭނަގެ ހިތް ގުޅިލާމެހިފައެވެ.
"އެކަމަކު ކީއްވެ... ޒެވިޔަން... އަޅުގަނޑު އެހާވަރުން މިގެއިން ފޮނުވާލަން އުޅެނީ...." އަލީނާ ގެ ލޮލުގައި ކަރުން ގިނަވާން ފެށިއެވެ.
"ރީޒަން ބުނެވޭކަށް ނެތް. އެކަމަކު ޓްރަސްޓްމީ، ދެމީހުންނަށް ވެސް އެންމެ ރަނގަޅު ގޮތް މިއީ. އަހަރެންވެސް ވިސްނަންޖެހޭނެ ބައިވަރުކަންތައް ހުންނާނެ ދޯ، އެހެންނޫނަސް ހަގީގަތަށް ބުނަންޏާ ކުރިން މަށަށް އަލީނާ އާއި މެދު ހީކުރެވުނީ މަޖާކޮށްލަން ރަނގަޅު ކުއްޖެއްގެ ގޮތުގައި، ބަޓް އެހެނެއްނުވި، އިޔާން އަލީނާގެ ސަލާމަތާއި މެދު ހީކުރި ވަރަށްވުރެ ބޮޑަށް ވިސްނާކަން އެނގޭ، އެއް ކޮއްކޮ އަކަށް އެފަދަ ނަފްސާނީ މައްސަލަތަކެއްޖެހި މޮޔަވީމަ އިޔާން އެހެރީ ވަރަށް ކަންބޮޑުވެފައި، ވީމަ އަލީނާ އަށް އަހަރެން ވިލިގިލިން ހޯދައިދޭނަން ދިރިއުޅޭނެ ތަނެއް، ދޮންބެ އާއި ވައިފް އާއި ތިންމީހުންނަށް ހަމަޖެހިލައިގެން އުޅެވޭނެ. އަދި ސިކިއުރިޓީވެސް އޮންނާނެ ސަބަބަކީ އަލީނާ ބިރުން އުޅޭވާހަކަ އިޔާން ބުނި.. ކޮންކަމަކާއި ތަ ބިރުގަންނަނީ؟" ޒެވިޔަން ލާނެތް ގޮތަކަށް އަހާލައިފިއެވެ. އަލީނާއަށް ޒެވިޔަންގެ ޖުމްލައިން އިތުރު ޝައްކެއްވިއެވެ. އޭނަގެ ދޮންބެ ޒެވިޔަންގެ ގާތުގައި ބުނީ ކިހާވަރަކަށް ބާވައެވެ. ޒެވިޔަންއަށް އެނގުނީ ކިހާވަރަކަށް ބާވައެވެ. އަލީނާގެ މޫނު ރަތްވާންފެށިއެވެ. އަލީނާ ދެރަވެ، ރުޅިވެސް އައެވެ. އެއީ އޭނަ ދުވަހަކުވެސް ޒެވިޔަންއަށް ހުޅުވައިލަން ބޭނުންވި ސަފުހާތަކެއް ނޫނެވެ. އަނދިރި މާޒީގެ އެ ސަފުހާތައް ހަޔާތުން ކަޑައި އެއްލާލެވޭނެނަމަ އެކަންވެސް ކުރާނެތާ ކިތަންމެ ދުވަހެކެވެ.
"އިޔާން ބޭނުމެއްނުވޭ އަލީނާ މިގޭގައި ނޯކަރެއްގެ ގޮތުގައި ހުންނާކަށް. އަލީނާ ތިހިރީ އެކަންވެސް ފޮރުވައިގެން އެހެންނު، ނުކިޔަވާ ހުރި ކުއްޖެއްގެ ގޮތުގައި ލޭބަލް ވެގެން ވާހަކަ ފޮތްތައްވެސް ފޮރުވައިގެން ތިގެން ގުޅެނީ، ރިޔާ ގާތުގައި ވެސް ނުބުނަން ދޯ، ވަޓް އެލްސް އާ ޔޫ ހައިޑިން ގާލް....." ޒެވިޔަން އަށް އަނދިރީގެ ތެރެއިންވެސް އަލީނާގެ ދެލޮލުގައި މުތީތަކެއްފަދައިން ވިދަންފެށި ކަރުނަތައް ފެނުނެވެ.
"ޕްލީޒް. ޕްލީޒްޒްޒް، އެވާހަކަ ...." އަލީނާ ރަނގަޅަށް ރޯން ފެށިއެވެ.
"އޭ އޭ އަލީނާ، ކިހިނެއްތި ވަނީ، އަދި ރޯވަރުގެ އެއްޗެކޭ ނުބުނަމެއްނު...." ޒެވިޔަން ފުންނޭވަޔެއް ލަމުން އަލީނާގެ މޫނަށް ނުބަލަން މަސައްކަތް ކުރިއެވެ.
"އޯކޭ، މިގެއިން ފޮނުވައިލަން އުޅޭއިރުވެސް ނުދާން ވެގެން ގަދަ ހެދުމަކީ ރީތިކަމެއް ނޫން. އެކަމަކު އަޅުގަނޑަށް ވަންވީކް ދީ ޕްލީޒް، ދޮންބެ ބުނި ވީކެއްފަހުންނޭ މެރީ ކުރަނީ އެހެންވެ...." އަލީނާއަށް ރަނގަޅީ އޭނަގެ ދޮންބެގެ ކައިވެނިވެސް ކޮންމެވެސް ސަބަބަކާއި ހުރެ ނުކުރެވުނިއްޔާއެވެ. ނިކީ ދޫކޮށްލާފައި ދުރަށް ގޮސް އުޅެވިދާނެކަމުގެ އެއްވެސް އުއްމީދެއް އަލީނާގެ ނެތެވެ. އަލީނާއަށް ނިކީ ހަދައިލި ސިހުރެއްވެސް ނޭގެއެވެ. އެ ކުޑަ ފުށްގަނޑުދެކެ އަލީނާއަށް އިންތިހާއަށް ލޯބިވެވިއްޖެއެވެ. އަދި ޒެވިޔަންގެ ދަރިއަކަށްވީތީ ވަކިން އެ ލޯބި ޚާއްސަވެ، ނިކީ އަކީ އަމިއްލަ ދަރިއެއްގެ ގޮތުގައި އިހުސާސް ކުރެވެން ފެށީ ވެސް އަމިއްލަ އިޚުތިޔާރުގައެއް ނޫނެވެ. ލޯތްބަކީ އެއްވެސް އިންސާނެއްގެ ބާރުގައިވާކަމެއް ނޫނެވެ. ކިތަންމެ ނިކަމެތި ކުއްޖަކަށްވެސް މިލިއަނަރަކުދެކެ ލޯބިވެވިދާނެއެވެ. ނަސީބުގައި ހުރިނަމަ ކާމިޔާބު ދެއްވުމަށްވެސް ކުޅަދުންވަންތަ ފަރާތެއްވެއެވެ. އެކަމަކު އޭނަ އާއި ޒެވިޔަންގެ ދޭތެރޭގައި ވަނީ އެކަތައިގެ ފާރެކެވެ. އަނެއްކޮޅުން ވާޖިބެވެ. ރިޔާގެ ގާތްކަމާއި، އެ ލޯބި ހަދާންނައްތާލާފައި ރިޔާގެ ފިރިމީހާ ޖަހައި ގަތުމަކީ އަލީނާ ދުވަހަކު ވެސް ހޭގައި ހުރެގެން ކުރާނެ ކަމެއްނޫނެވެ.
ނަމަވެސް ހިތަށް ހާދަ ތަދުވެއެވެ. ހަމަ ރޮވެން އުޅެނީއެވެ. ދެރަވަނީ ޒެވިޔަންގެ ހިތުގައި އޭނައާއިމެދު ކުޑަކުޑަ ލޯބީގެ ޒައްރެއްވެސް ނެތްކަން މިރޭ ޔަގީންވީމައެވެ. ލޯބިވާނަމަ އުމުރަށްވެސް އެކަނި އެ އިހުސާސްތަކުގެ އެހީގައި އުޅެވިދާނެއެވެ. ނަމަވެސް ޒެވިޔަން ބޭނުންވީ މަޖާކޮށްލުމަށެވެ. އާއަހަރުގެ ފުރަތަމަ ރެއަކީވެސް އެފަދަ ހަދިޔާއެކެވެ. އޭނަގެ ދޮންބެ ދެއްކިވާހަކަތަކުން ޒެވިޔަންއަށް އަލީނާ އަކީ މަޖާކޮށްލަން އުޅޭޒާތުގެ ކުއްޖެއްނޫންކަން ޔަގީންވީމަ އެހެރީ މިރަށުން ބޭރަށް ފޮނުވައިލާ ހިތުން ކެތްމަދުވެފައެވެ. ޒެވިޔަން ބޭނުންވިނަމަ މާލެއިންވެސް ތަނެއް ކުއްޔަށް ހިފިދާނެއެވެ. އެކަމަކު އޮޅިގެންވެސް ދިމާވެދާނެތީ ފޮނުވާލަން ބޭނުންވަނީ މާ ދުރަށެވެ.
ޒެވިޔަން ހުރީ ބުނަންވީ އެއްޗެއް ނޭގިފައެވެ. އަލީނާއަށް އޭނަ ގެ އިހުސާސް ތަކާއި ދެކޮޅަށް މަސައްކަތް ކުރަން ޖެހޭވަރު ބުނެދެވޭނެ ނަމައެވެ. އަލީނާ ދެކެ ލޯބި ނުވާން އޭނަ ދުވާލުދާ ހަތަރުދަމު އޭނަގެ ޒަމީރާއި ހަގުރާމަކުރަން އެބަޖެހެއެވެ. އަލީނާ އާއި މެދު ޚިޔާލުކުރެވޭ ވަރުން ޑިއުޓީގައި ހުންނަ އިރުވެސް ބައެއްފަހަރު ފަރުވާ ކުޑަކުރެވެއެވެ. ހީވަނީ އަލީނާ އޭނަގެ ހިތަށް ޖާދޫއެއްހަދާފައިވާ ހެންނެވެ. ހަގީގަތުގައި އޭނަގެ ހަދާންތަކުގައި އަބަދު ވާންޖެހެނީ އަލީނާއެއް ނޫނެވެ. ރިޔާއެވެ. ނަމަވެސް ގޭގައި ގެންގުޅޭ ކުޑަ ނޯކަރު ކުއްޖަކު އެހިތަށް ވެރިވެގަތް ގޮތެއް ވެސް ނޭގި، ހިތުގައި ރަސްކަން ކުރަނީ އެވެ. ޒެވިޔަން ހާސްވަނީ އެހެންވީމައެވެ. އެހެން މީހަކަށް ޝައްކުތަކެއް ވުމުގެކުރިން އޭނަގެ ދިރިއުޅުމުން އަލީނާ ވީހާވެސް ދުރަށް ފޮނުވައިލަން ޖެހޭނެއެވެ. ވީއިރު ހަފްތާއެއް އޭނައަށް މާ ގިނައެވެ. އެހާ ދުވަހުގެ ތެރޭގައި ކޮންމެކަމެއްވެސް ހިގައިފާނެއެވެ. ޒެވިޔަން އަލީނާ މިގޭގެ މެއިޑެއްގެ ގޮތުގައި އެންމެ ދުވަހެއްވާންދެންވެސް ހުންނާކަށް ބޭނުމެއްނުވިއެވެ.
"ނޫނޭ އަލީނާ، ވަން ވީކް ތިއީ އެއްގަރުނުހެން ހީވަނީ، އިޔާން ބުނި މެރީކުރަންދެން އަލީނާ އާއި އޭނަގެ ގާލްއަށް އެއްކޮޓަރި ޝެއަރކުރެވިދާނެއޭ. ވީމަ އިތުރަށް އަހަންނަށް ޑިފިކަލްޓް ވާނެ ގޮތެއް ނަހަދައި އަލީނާ ދޭ...." ޒެވިޔަންގެ ވާހަކަ ހުރި ގޮތުން އަލީނާގެ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ޒެވިޔަން ހާދަ ނުލަފައެވެ. ހާދަ ގޯހެވެ. އެންމެ ވަގުތަކަށްވެސް އޭނަ އެގޭގައި ހުރުމަކަށް ޒެވިޔަން ނޭދުނެވެ. އަލީނާގެ ކަރުނަތައް ގިނަވެ ބާރަށް ރޮވިދާނެހެން ހީވުމުން އަލީނާ ކުއްލިއަކަށް މޫނު އަނބުރާލާފައި ކޮޓަރި އާއި ދިމާލަށް ދުއްވައިގަތެވެ. ޒެވިޔަން ގޮވާލީމަވެސް އަލީނާ މަޑެއްނުކުރިއެވެ. ޒެވިޔަން އަށްވެސް އެކުޑަކުއްޖާގެ ހިތުގެ އަޑު މިރޭ ރަނގަޅަށް އިހުސާސް ކުރެވިއްޖެ އެވެ. އޭނަގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ޖެހިއެވެ. ޒެވިޔަން ސްތެޗޫއެއްހެން ހަރަކާތެއް ނެތިފައި އެހެންހުއްޓާ ބޮކިތައް ދިއްލުނެވެ. އެތައް އިރެއްވާންދެން ޚިޔާލެއްގެ ތެރޭގައި ހުރެލާފައި ޒެވިޔަން ގަސްތަކުގެ ތެރެއިން ނިކުމެގެން އައިއިރު ޒީބާ ވެސް ގެއަށް ވަނީ އެވެ. ޒީބާއަށް ޒެވިޔަން އެ ދިމާލުން އަންނާނީ ކީއްވެގެންކަން އެނގުނެވެ. ނަމަވެސް ޒީބާ ސުވާލެއް ނުކުރެއެވެ.
އަލީނާ ހާސްވެފައި ހުންނަވަރުން މިދުވަސްކޮޅު ބަލައިލުމެއްނެތި ތާއަބަދު ކުރާކަމަކީ ކެއުމެވެ. ނާހީ އައިސްކްރީމާއި، ޗޮކްލެޓްފަދަ އެއްޗެހި ސިއްރުން ގެނެސްދިނަސް އަލީނާގެ ފަރުވާލެއްނެތެވެ. ކޮޓަރިއަށް ވެއްދި ކޮންމެއެއްޗެއް ކެވެއެވެ. އަލީނާއަށް ލިބުނު މުސާރަވެސް މުޅިންހެން ޚަރަދު ކުރީ ތަފާތު ވައްތަރުގެ މީރު ކާއެއްޗެހި ގެނައުމަށެވެ. ނަސީބަކުން ކައްކަންއުޅޭ ބޮޑުމީހާވެސް އަލީނާ އަނަރޫފަކަމުން ހަމްދަރުދީވެ ބަދިގެއިން ކޮންމެއެއްޗެއް ތައްޔާރުކުރިޔަސް އަލީނާއަށް ބޮޑު ބަޔެއް އަޅާދެއެވެ. ފިހެފައިވާ ކުކުޅު، ޕިއްޒާފަދަ އެއްޗިއްސާއި ނުލައި އަލީނާއަށްވެސް މި ދުވަސްކޮޅު ނޫޅެވޭ ވަރުވެއްޖެއެވެ.
އަލީނާއަށް ނިކީގެ ފަރާތުން ވަރަށް ތަފާތު ހަދިޔާއެއް ލިބުމުން އަލީނާ އެދުވަހު ހުރީ ނިކަން އުފަލުންނެވެ. އެ ހަދިޔާ ގެނެސް ދިނީ ރިޔާއެވެ. ނިކީ ކުރުނުކޮށްގެން ރިޔާ ނާސަރީއަކަށް ގޮސް އޮރެންޖު ގަސް ވަށިގަނޑެއް ގަނެގެން އަލީނާއަށް ގެނެސްދިނީއެވެ. ހުރިހާވެސް މައްސަލައަކީ އެގޭގެ ވަކި ދިމާލެއްގައި އިންދާފައިވާ އޮރެންޖް ގަސްތައް ރީތިވެގެން އަލީނާއަށް ނިކީ ކައިރީގައި ބުނެވުނު ކަމެވެ. އަލީނާއަށް އެ ހަދިޔާ ލިބުމުން ހުރިހާ ހިތާމައެއް ފިލައިގެން ހިގައްޖެއެވެ. އެމީހުން އުޅޭ ކޮޓަރި އާއި ދިމާލަށް ބޭރުގައި އަސްކަނީގައި އެ ގަސް ބަހައްޓައިގެން ފިރުމަން އިންދާ ނާހީ ނިކުމެގެން އައެވެ. ނާހީ ފަލަވެގެން ގޮސް ފިތްފިތަށް މަސްނިކުމެފައި ހުންނައިރުވެސް އުނަގަނޑަށް ހިމަވެފައި ބައްޓަންލާފައި ވާތީ ރީތި ގޮތެއް ހުރެއެވެ. ކިތަންމެ ފަލަވިޔަސް ނާހީ ލާފައި ހުންނަނީ ގަޔަށް ހިފާފައި ހުންނަ ޖިންސާއި ބާރު ޓޮޕްކޮޅެވެ.
"ޖޫސް ހަދަން ތި އޮރެންޖް ވަރަށް ރަނގަޅު ވާނެ. އަދި މޫނުގައި ހާކާލީމަ ފެއަރ އެންޑް ލަވްލީއަށް ވުރެ ހަންގަނޑުވެސް ދޮންވާނެ، އެކަތި ބިނދެލަންތަ؟" ނާހީ ވަގުތުން އަނގަ ހުތްވެގެން އަނގަޔަށް ގޮތެއް ހަދާލާއިފިއެވެ.
"ނޯ ނޯ ނޯ..." އަލީނާއަށް ހަޅޭއްލަވައި ގަނެވުނެވެ.
"އެހެންނޫނަސް ނާހީ ތިއަށްވުރެ ދޮންވެއްޖެއްޔާ ދިއްލިފަ އެއްނު ހުންނާނީ......" އަލީނާ އޮރެންޖު ގަހަށް ފެން ދޭން ފެށިއެވެ.
"ނޯ އޭ ކިޔާލަނީ ހަމަ އެމީހުންގެ ރާގަށޭ، މިކުއްޖާވެސް ނިކީ އާއި އެކު އުޅެމުން ގޮސް ފަރަންޖީވީތަ؟ އެކަމަކު މަވެސް މިހާރު ރޭގަނޑު އިނގިރޭސި ކްލާހަކަށް ދާން އެޕްލައި ކޮށްލައިފިން، އަލީނާގެ ދޮންބެ ވެސް ކިހާ ރަނގަޅު، ސެކަންޑްހޭންޑު ލެޕެއްވެސް ދިނީމަ އަހަރެމެންނަށް އެފްބީއަށްވެސް ވަދެވޭނެ ދޯ ދެން. މަށަށް އެކައުންޓެއް ހުޅުވާދޭތި. އެކަމަކު އެ ރަތް ބަޑި ފުރޭތައަށް ހިލަމެއް ވިޔަސް އެނިމުނީ. މިއަދު ހެދުނު މާ ރަތްކުލަ ގަދަކޮށްލައިގެން ދަނިކޮށް ދުށިން. ޒީބާ މެޑަމް އަކީ ހަންޑިއެއް....." ނާހީ ހުރީ ދަހިވެތި ގޮތަކަށް އެގަހަށް ބަލަހައްޓައި ގެންނެވެ. އޯޓަމް ބްލޭޒްގެ ގަސްތަކުން ނާހީ ކިތަންމެ ފަހަރު މޭވާ ބިންނަން އުޅެނިކޮށް ލަނޑު ލިބިފައިވެއެވެ. އެކަމަކު ގަހެއްގައި ފޭރެއް އެއްޗެއް ދޮންވެފައި އޮތިއްޔާ ނާހީއަށް ފާރަލެވެއެވެ. ކިރިޔާ ދޮންކުލައަރާ އިރަށް ބިނދެލެވެއެވެ.
"އަހަންނަށް ހެވޭ އެ ލެޕް ހިފައިގެން އަބަދު އޮތަސް އެކަމަކު މިގަހުން އޮރެންޖެއް ނުބިންނާތި ނާހި ޕްލީސް ޕްލީސް...." އަލީނާ އަށް އެގަސް އެހާ ޚާއްސަވީ ކުޑަކުޑަ ނިކީ އެހާ ލޯބިން ކުރި ހަދިޔާ އަކަށް ވީމައެވެ. ނާހީ ހެވިފައި އިނދެ އެކަމަށް ވަޢުދުވިއެވެ.
ޒެވިޔަން ކާމިޔާބު ދިރިއުޅުމަކަށް ޓަކައި އެޅި ފިޔަވަޅުތަކުގެ ތެރެއިން ދެވަނައަށް ކުރިކަމަކީ ރިޔާ ގާތުން މާފަށް އެދުނެވެ. ޒެވިޔަން އިސްނަގައި، އަނގައިން ބުނެ އަދި މާފަށް ވެސް އެދުނީތީ ރިޔާގެ ހިތް ވަގުތުން ސާފުވެ، ޒެވިޔަންގެ ގައިގައި ބައްދާލައިގެން ހުރެ ރޯންވެސް ފެށިއެވެ. ދުވަހަކު ރުޅިނުވާން އެތައްފަހަރު ވަޢުދުވިއެވެ. ނިކީ އާއި އަލީނާ އެހާބޮޑަށް ދޯހަޅިވީ އޭނައަށް ޒެވިޔަންގެ ބަސް ގަބޫލުނުކުރެވުނީތީ ކަމަށް ގަބޫލު ކުރާ ކަމަށް ވެސް ބުންޏެވެ. ޒެވިޔަން ބޭނުން ކޮންމެ އެއްޗެއް ކިޔުމުގެ ހައްގު އަބަދުވެސް އޮންނާނެ ކަމަށާއި އޭނައަށް އެހާ އާދައިގެ ކަމަކާއި ރުޅިއައުމުގެ ހައްގެއް ނެތްކަމަށް ބުނެ ރޮމުން ގޮސް ޒެވިޔަންގެ ޓީޝާޓް ކަރުނުން ފޯކޮށްލިއެވެ. އެރެއަށްފަހު ޒެވިޔަން އާއި ރިޔާގެ ގުޅުމުގައި އާކުލައެއް ޖެހުނެވެ. ދެމަފިރިން ރޭގަނޑު ކާރުދުއްވާލަން ދިޔުމާއި، ބީޗަށް ދިޔުންފަދަ ޕްރޮގްރާމްތައް ރާވައި އެކީގައި ގިނަވަގުތު ހޭދަކުރަން ފެށިއެވެ. ޒެވިޔަން އޭނަގެ އެކުވެރިންނާއި އެކީ ގައި ދިޔަ ބާބެކިއު ނައިޓެއްގައި ވެސް ރިޔާ ބައިވެރި ކުރިއެވެ.
ޒީބާ ހޮސްޕިޓަލުގައި އޭނަގެ ޚާއްސަ ރޫމަށް ވަދެފައި މިއަދު އެންމެ ކުރިން ފޭސްބުކަށް ވަނީ ސީމާ އުޅޭ ގޮތް ބަލައިލުމަށެވެ. އޭނަވެސް ފޭސްބުކް ބޭނުން ކުރަން ފެށީ އެ ސީމާއެއްގެ ސަބަބުންނެވެ. ޒީބާ އަކީ މިވީހާތަނަށް އެފަދަ ކަންތައްތަކަކީ ވަގުތު ބޭކާރުކުރުން ކަމަށް ދެކި، އެއްގޮތަކަށް ވެސް އެކަމާއި ނޫޅޭ މީހެކެވެ. ނަމަވެސް ސީމާ ހަނީމޫން ދަތުރު ދިޔަފަހުން މާ އިޝްގީވެފައި، ސްޓޭޓަސްތައް ޖަހާތީ ސީމާދެކެ ހިތުގައިވާ ހަސަދައިގެ އަލިފާންކޮޅު ބޮޑުވެ، ސިކުނޑިއަށް އިންތިހާއަށް ބާރުކުރަން ފެށިއެވެ. ޒީބާ ލޮގިންވުމާއި އެކު ދެލޯބޮޑުވެ އަނގަ ހުޅުވުނެވެ. ސީމާ ހުރީ އޭނަ، މައިމޫން އެކީގައި ނަގާފައިވާ ފޮޓޯތަކެއްލާފައެވެ. ޒުވާން ދެލޯބިވެރިން ފަދައިން އެކީގައި ސަކަރާތްޖަހަނިކޮށް ނަގާފައިވާ ފޮޓޯ ތަކެކެވެ. ޒީބާގެ ހިތަށް އެންމެ އަސަރުކުރީ މައިމޫން ސީމާ އަތްދަނޑި މައްޗަށް ނަގައިގެން ހުރިހާ ދަތްތައް ފެންވަރަށް ހެވިލާފައި، ސީމާގެ މޫނަށް ބަލަހައްޓައިގެން ހުރި ފޮޓޯ ފެނުމުންނެވެ. ސީމާ ސްޓައިލިޝް ވެގެން ގޮސް އޮތީ ގަޔަށް ބާރު ޓީޝާޓަކާއި ޓައިޓެއް ލައިގެންނެވެ. އެތައް ކޮމެންޓަކާއި ލައިކެއް އެކަނި އެފޮޓޯއަށްވެސް ލިބިފައި ހުއްޓެވެ. ޒީބާގެ ތަބީއަތު ވަގުތުން ޚަރާބުވިއެވެ. އޭނަ ހިތާހިތުން ކުދިކިޔަމުން ކުރެވުނު މޮޔަކަމާއި މެދު އަމިއްލަ ނަފުސަށް މަލާމާތް ކުރަމުން ލެޕް ލައްޕާލައިފިއެވެ. ޒީބާގެ ހިތްވަރު ގެއްލުނު ވަރުން ލޮލުން ކަރުނަ ވެސް އަތުވެއްޖެއެވެ. ވަގުތުން އޭނަ ގަސްތުކުރީ ގެއަށް ދިޔުމަށެވެ. މިއަދު ރަނގަޅަށް އެއްވެސް މަސައްކަތެއް ނުކުރެވޭނެކަން ޒީބާއަށް ޔަގީންވިއެވެ.
"ސީ ވިޗް، އަހަރެން އެހާ ބޮޑު އިހުސާންތެރި ކަމެއްވީމަ ހެދިގޮތް ބަލާބަލަ..." ޒީބާ ބާރުބާރަށް ހިނގާލައިފައި ގޮސް ޗެރީވުޑް ސިޑިބަރި ކަޑައްތުކޮށް ގެއަށް ވަދެއްޖެއެވެ. ކޮންމެވެސް ދިމާލަކުން އިވެމުން ދިޔައީ އިނގިރޭސި ލޯބީގެ ލަވައެކެވެ. މާޒީ ހަނދާން ކުރުވާފަދަ ލަވައެކެވެ. ޒީބާ ކަންފަތުގައި އަތްއެޅިއެވެ. ލޯތްބާއި، ވަފާތެރިކަންދެކެ އޭނަ ފޫހިވެއްޖެއެވެ. އޭނަގެ ފިރިމީހާވެސް އެހެން އަންހެން ކުއްޖަކާއި އެކު ޅަދުވަސް ގެނެސްގެން ހަވާއީގެ ބީޗްގައި މަޖާ ނަގަނީ އެވެ. އޭނަ ބާކީކޮށްލީ އެވެ. ކޮންކަހަލަ ނަފްރަތު ކުރެވޭފަދަ ދުނިޔެއެއް ހެއްޔެވެ؟ ކޮންމެފަދަ ވަގުތެއްގައިވެސް ދުނިޔެ އޮންނަނީ ކަށްޓެއް ޖަހަން ތައްޔާރަށެވެ. މިވަރުގެ ވިހަގަދަ ކަށްޓެއް އަނެކަކާގެ ގަޔަށް ހަރައިލެވޭނެ ކަމެއް ނޭގެއެވެ. ވަގުތުން ޖެޓަކަށް އަރައިގެން ގޮސް ހަވާއީގައި އެމީހުން ތިބިތަނަކަށް ގޮސް ސީމާ ގެ ގައިގައި ތަޅައިގަންނަން ވެސް ޒީބާގެ ހިތް ލަފާދިނެވެ. އޭނަ ލައްވާ ފީކޯތްކުޅުވަން އުޅެންޏާ އޭނައަށްވެސް ކުޅެން އެނގޭނެއެވެ. ޒީބާ ކާކޮޓަރިއަށް ވަންއިރު އެތަނުގައި ހިފާފައި ވަނީ ކޮފީގެ ދެވިހިފާފަދަ ވަހެވެ. ޒެވިޔަން އާއި އާއިޒުވެސް ކޮފީބޯންތިބިއިރު ޒެވިޔަންގެ ފެހި ދެލޯއަދިވެސް ހުޅުވައިލަން ބޭނުންނުވާހެން ހީވެއެވެ. ދޮރުތަކުގައި ދަމާފައިވާ ފަރުދާތައް ފުރާނާލާފައި އިރުގެ އަލިކަން އެ ލޮލަށް އެޅުމުން ލޮލުގެ ކުލަ ވަކިން ރީތިކަމަށް ދައްކައެވެ.
"މޯނިން މައި ޑާލިންގް ބޭބީޒް....." ޒީބާގެ ހިތަށް ފިނިކަމެއް ލިބުނެވެ. ޒުވާން ރީތި ދެ ފިރިހެން ދަރިން ތިބިކަމީ ލިބުނު ނިޢުމަތެކެވެ. ދެން މައިމޫންގެ ފަރާތުން ސީމާއަށް އެފަދަ ނަސީބެއް ލިބިޔަކަ އޭނަ ނުދޭނެއެވެ. ބަލިވެއިންކަން އެނގިއްޖެއްޔާ އޭނައަށް ހަދާނެ ގޮތްވެސް އެނގެއެވެ. ސީމާއަށް އަންގައިވެސް ނުލައި ކާންދޭނީ އެންމެ ބޭސްގުޅައެކެވެ. ޒީބާގެ ހިތަށް އަރަމުން ދިޔަ އެއްޗެހި ތަކުން ހެވިފައި ހުރެ އޭނަ ކޮންމެކުއްޖެއްގެ ނިތްކުރީގައި ބޮސްދިނެވެ.
"މަމް، ޔޫ ލުކް ސޯ ވޮރީޑް، ހޮސްޕިޓަލުގައި ކަމެއް ދިމާވީތަ؟ ނޫނީ ބައްޕަމަތިން މާ ބޮޑަށް މިސްވަނީ...." ޒެވިޔަން ލާނެތް ގޮތަކަށް އެހެން ބުނުމުން އާއިޒު ވެސް ހިނިއައެވެ. ޒެވިޔަން ވަރަށް ފަސޭހައިން އެންމެންގެ ޝުޢޫރުތައް ދެނެގަންނާނެއެވެ. އޭނަ މީހެއްގެ ލޮލަށް ބަލައިގެންފައި އެމީހާގެ ސިކުނޑިވެސް ދެނެގަންނަނީހެން ހީވާ ފަހަރު އާދެއެވެ. ޒީބާ އެހާ މަސްނޫޢީ ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކޮށްލައިގެން ހުއްޓަސް ޒެވިޔަންއަށް ސިއްރުނުވީ އެހެންވީމައެވެ.