ކައިވެނީގެ އުފަލެއް ވެސް ނުލިބެނީސް އެ ރަތްބަނޑި ފުރޭތަ، މަގޭ ކަށިކޮޅާއި އެކު ހަފާލައިގެން ކާލިޔަސް ހެޔޮދޯ، ދެމީހުން އެއްތަނެއްގައި ތިއްބަސް އޭނަ ކާލަން ބޭނުންވާނީ ވެސް މަސްޖަހާލާފައި އޮތް މީހާއެއްނު...." ނާހީ އެ ވަށް މޫނުގައި ރަތްފުށްކޮޅެއް ޖަހާލައިފިއެވެ. 

"ނާހީ، ފުރޭތައިގެ ވާހަކަދެއްކީމަ ސީރިޔަސްކޮށް ބިރުގެންފި، އަހަރެން ކުޑައިރު ކާފަ ކިޔާދޭނެ ބިރުވެރި ވާހަކަތައް، ފުރޭތަ މީހުން ދިރިތިއްބާ ލޯ ގެންދާ ވާހަކަވެސް ކިޔާނެ، ނާހީ ދެން ބުނެބަލަ، ހަމަ މެރީ ކުރަނީތަ ވަރަށް ކިއުރިއަސް ވެއްޖެ، އެ ނަސީބުގަދަ މީހަކީ ކޮބާތަ؟ ބަޓްލާ ސާހަބްތަ؟ އޭނަ ބަލައިލާ ގޮތުގެ ވާހަކަ ނާހީ ދައްކަމެއްނު.... " އަލީނާ ކެއުން ވެސް ހުއްޓާލައިފިއެވެ.

"ދެން އެ މުސްކުޅި ބޭގެ ވާހަކަ އެލީވެސް ދައްކާނީ، އެލީވެސް ހީކުރަނީ މަ ފަލަވީމަ އިންނާނެ މީހަކު ނުވާނެ ކަމަށްތަ؟ ހިތްވެސް ނުބައި ކުއްޖެކޭ، އަންހެންކުއްޖާ ކިތަންމެ ފަލަވެގެން ގޮދަޑި އަކަށް ވިޔަސް ފިރިހެންކުއްޖަކަށް މައްސަލައަކަށް ނުވާނެ، އެކަމަކު އެލީ ޒެވިޔަން އާއި މެރީކުރިޔަސް ވަރަށް ބިރުބޮޑު ވާނެ، ކީއްވެގެންކަން އެނގޭތަ؟" ނާހީގެ އެ ވާހަކަތަކުން އަލީނާ ހެވުނު އިރު ހިތް ހަމްދަރުދީ އިންވެސް ފުރުނެވެ. އާއިޒު ފަދަ ޕްރިންސެއްގެ އަންހެނުންނަށް ވެގެން ނާހީއަށް މިގޭގެ ރަނިކަން ކުރެވޭނެ ކަމަށް ވަންޏާ އެއީ ހަމަ ހުވަފެނެކެވެ. ނާހީއަށްވެސް އަދި އެކުލަ ރީތި ހުވަފެނުން ހޭލެވޭނެއެވެ. އޭނަވެސް އެފަދަ ޚިޔާލީ ދުނިޔެއެއްގައި އުޅުނެވެ. ނަމަވެސް ނާހީ އަކީ މީހަކަށް ލިބޭނެ އެންމެ ރަނގަޅު ގެވެހި އަންހެނުންނަށްވެސް ވެދާނެއެވެ. ބޮޑު ގެއަކާއި، ދިހަ ދަރިން ބަލައި، ކައްކައި، ގެ ސާފުކުރާހާ ވަރަށް ހަށިގަނޑުގައި ބާރު އެބަހުއްޓެވެ. ޙަޔާތުގެ ބައިވެރިންނަށް ހަދަން ރަނގަޅީ ވެސް މިހާ ހީވާގި، މުރާލި އަންހެނުންނެވެ.

"ކީއްވެތަ؟ ނޭގުނު...." އަލީނާ އަހާލައިފިއެވެ. ޒެވިޔަން އާއި އަޅުވާ ކިޔުމުން ހިތަށް ވަގުތީ އުފަލެއް ލިބުނަސް އެއީ ނުވާނެ ކަމެއް ކަމަށް އޭނަގެ ހިތް ކަނޑައަޅައި ނިންމިތާ ކޮންދުވަހެއް ހެއްޔެވެ؟ އެހެންނޫނަސް ކައިވެންޏެއްގެ ނަން އަޑުއެހިޔަސް އޭނަގެ ހަދާންތައް ވަގުތުން ދަނީ މާޒީގެ ބިރުވެރި ހަދާން ތަކަކާއި ދިމާލަށެވެ. ސިކުނޑިއަށް ބާރުބޮޑުކޮށް މޮޔަވާ ގޮތްވެއެވެ.

"ޒެވިޔަން ގައިދަށުވެއްޖެއްޔާ އެލީ މަރުވެދާނެ، ކަށިކޮޅުތައްވެސް މުގުރިދާނެ ކުޑަ ކުޑަ ދޫންޏާ......." ނާހީ ބާރަކަށް ހޭންފެށުމުން އަލީނާގެ މޫނު ރަތްވިއެވެ. 

"ނާހީ....." އަލީނާ އަޑު ކޮޅަށް ހަޅޭއްލަވައި ގަތުމުން ނާހީ ދެކަންފަތުގައި އަތްއަޅައިލައިފައި ކޮޓަރީގެ ދޮރުހުޅުވާލާފައި ދެފަރާތަށްވެސް ބަލައިލިއެވެ. އެހާބާރަށް ހަޅޭއްލަވައި ގަނެވުނީމަ އަލީނާވެސް ހާސްވިއެވެ. ޒެވިޔަންއަށްވެސް އޭނަގެ އަތުގައި ތޫލި އަޑެއް އިންނަކަން ބޭޒާރުވެދާނެއެވެ. 

"ބިރުން ހަލާކުވެއްޖެ، މަ ހީކުރީ ހަންޑިގަނޑުވަރު ދޮންކަމަނައަށް ތިއަޑު އިވިގެން ފުމެމުން ފުމެމުން އަންނާނެ ކަމަށް، އޭނަ ހީކުރާނީ ޒެވިޔަން މިކޮޓަރިއަށް އައިސް އެލީއަށް ކަމެއް ކޮށްލީ ކަމަށް، ޒެވިޔަން ކަމެއްކޮށްލިޔަސް ޔަގީން ތިހެންކަން ހަދާނީ..." ނާހީ ދޮރުމަތީގައި ހުއްޓިލައިގެން ހުރި އިރު ނާހީ ވެސް އެދޮރުހާ ފުޅާކަމަށް އަލީނާއަށް ފެނުނެވެ.

"މަގޭ ކައިރީގައި ޒެވިޔަން އާއި ރައްޓެހި ނުވާށޭ ކިޔަކިޔާފައި ތިކުރިކަމެއް ބަލާބަލަ. އާއިޒު އެހާ ފޮނިވެފައި، އޮޅިގެން ވެސް މީހަކާއި ދިމާލަށް ނުބަލާ އިރު ނާހީ އެކުއްޖާގެ ހިތް އަތުލައި ގަތީ ކިހިނެއްތަ؟" އަލީނާ އިނީ ގަބޫލުކުރަންވެސް ދަތިވެފައެވެ.

"ޒެވިޔަން ގެ ދަރިއެއް ހުރީމައޭ މަ އޭނަ އާއި ނީންނާށޭ ބުނީ، ދޮންމަންމަ އަކަށް ނުވާށޭ ބުނީ ދޯ، އެކަމަކު އެލީވެސް ހާދަ މޮޔައޭ، އާއިޒު މަށަށް ލިބެންޏާ ހުޅަގުން އިރު އަރާނެ، މީހުން ވެސް ހިނގާނީ އެކޮޅު ކޮޅުން، މާނައަކީ ދުވަހަކުވެސް ނުވާނެކަމެކޭ، އޭނަ ބޭނުމިއްޔާ އެމެރިކާ ރައީސްގެ ދަރިވެސް އިންނާނެ، ވީއިރު އާއިޒު އަހަރެން ކަހަލަ ނޯކަރެއްގެ ފަހަތުން އަންނާނެތަ؟ ހުވަފެނެއްގައި ނޫނީ އެކުއްޖާގެ އަތުގައިވެސް ހިފައެއް ނުލެވޭނެ، ނޫން އެލީ، އަހަރެން އިންނާނީ އަހަރެންގެ ފެންވަރުގެ ކުއްޖަކާއި، އަހަރެން އެލީގެ ފަހަރި އަކަށް ވެގެން ދެމީހުން އެއްގެއެއްގައި އުޅުމާއި މެދު ކީކޭ ބުނަނީ..." ނާހީ ހުރިހާ ދަތްތައް ދައްކާލައިގެން އިނދެ އެހެން ބުނެލުމާއިއެކު އަލީނާއަށް ވިސްނިއްޖެއެވެ. އަލީނާއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ދުވެފައި އައިސް ނާހީގެ ގައިގައި ހިފައި ގަނެވުނެވެ. އިޔާން އާއި ނާހީ އެހާ އެކުވެރިކޮށް ވާހަކަ ދައްކާލާއިރުވެސް އެފަދަ ގުޅުމެއް އޮވެދާނެ ކަމަށް އަލީނާއަށް ޝައްކު ކުރެވިފައެއްވެސް ނެތެވެ. އޭނައަށް މިލިބުނީ ހީވެސް ނުކުރާފަދަ ސަޕްރައިޒެކެވެ. 

ދެކުދިންނަށް ހީވީ މާބޮޑު އުފަލެއް ލިބިގެން އުޅުނުހެންނެވެ. ދެކުދިން ބޭނުންވާ ގޮތަށް ކައިވެނީގެ ތާރީޚު ނިންމައި ލާންވީ ހެދުންވެސް ނެޓުން ހޯދިއެވެ. ނިކަމެތި ކުދިންނަށް ވީމަ ހުވަފެނީކޮށް ކައިވެނީގެ ހަފްލާއެއް ނުބޭއްވޭނެއެވެ. އެކަމަކު ރީތި ހެދުމެއްލައި، ފޮޓޯތައް ނަގާފައި ހަދާނަކަށް ރައްކާ ކުރެވިދާނެއެވެ.

"އެކަމަކު ޕްރޮމިސް މީ، މެރީކުރުމުގެ ކުރިން ވެއިޓް ކުޑަކޮށް ލުއިކުރަން ޖެހޭނެ، އެހެން ބުންޏަސް އަހަރެންނެކޭ އެއްގޮތަށް ދަނޑިކޮޅަކަށް ވާށެކޭ ނޫން، ވަށް ބޯޅައެއްހެން ހުރީމަ ދޮންބެއަށްވެސް ނާހީ ފާހަގަ ކުރެވުނީ..." އަލީނާ މަޖާކޮށްލިއެވެ.

ދެކުދިން ވަޒީފާއަށް ނުގޮސް ތިއްބަސް ކައްކާ މީހާ މައްސަލައެއް ނުޖައްސާ ކަމުން ޒީބާއަކަށް އެކުދިންގެ ޚަބަރެއް ނޭގޭނެއެވެ. ދެކުދިން ޕްލޭންކޮށްލާފައި ވަނީ ކައިވެންޏަށް ބޭނުންވާ އެއްޗެހިތައް ގަންނަން ސައިކަލުގައި ބުރެއްޖަހައިލަންވެސް ދިޔުމަށެވެ. ކައިވެންޏަށްފަހު ވިލިގިއްޔަށް ބަދަލުވާން އުޅެފައި ވެސް ނާހީ ވެސް ބޭނުމީ މާލެއިން ތަނެއް ކުއްޔަށް ހިފުމަށެވެ. އޭނަ އެއްގޮތަކަށް ވެސް އޯޓަމްބްލޭޒްގެ ވަޒީފާ ދޫކޮށްލާކަށް ބޭނުމެއްނޫނެވެ. ބޭނުން ވަރަކަށް ކެއުން ލިބޭ އިރު ނާހީ ވެސް އެތަންކޮޅު ވިސްނައިލަން ބޭނުމެވެ. މިޒަމާނުގައި ފިރިހެނުންނަށް އިތުބާރު ކޮށްގެން ލިބިފައިވާ ވަޒީފާ ދޫކޮށްލާނީ މޮޔައެކެވެ.

އަލީނާ ކައި ނިމިގެން މޭޒު ސާފުކުރުމަށްފަހު ތަށިތައް ބަދިގެއަށް ގެންގޮސްލާފައި އަންނަމުންވެސް ޒެވިޔަން ފެނިލާނެ ކަމުގެ އުއްމީދުގައި ބެލްކަނިން ފަށައިގެން ހޯދުނެވެ. ނަމަވެސް ހިތަށް ފިނިކަން ގެނެސްދޭ އެރީތި ސޫރަ ފެނުމުގެ ނަސީބެއް ނުލިބުނެވެ. ރިޔާގެ ޚަބަރެއްވެސް ނުވިއެވެ. ނިކީ ބަލިވީބާވައެވެ. މިއަދު ރިޔާ، އަލީނާ ގާތަށް ނިކީ ނުގެނައީ ކީއްވެބާވައެވެ. އަލީނާ ތަފާތު ޚިޔާލުތަކެއްގައި ހުރެ ކޮޓަރިއަށް ވަންއިރު ނާހި ފެންނާކަށް ނެތެވެ. އަލީނާ ފުޅީގައި ޖަހާލާފައި ހުރި ނުފޮޅޭ ފިނިފެންމަލުގައި ވަސް ބަލައިލިއެވެ. އެމަލުގައިވެސް އަލީނާއަށް ހީވަނީ ޒެވިޔަންގެ މީރުވަސް ހިފާލައިފައި ވާނެހެންނެވެ. މިއީ ޒެވިޔަންގެ ފަރާތުން ލިބުނު ގުޑްބައި ހަދިޔާއެކެވެ. އޭނަގެ ނިކީ އެހާ ރަނގަޅަށް ލޯބިން ބަލައިދިން ކަމުގެ އަގު އަދާކުރަން ބޭނުންކަމަށް ބުނީ ސީރިޔަސް ކޮށެވެ. ޒެވިޔަން ބޭނުންވީ ޗެކެއް ދިނުމަށެވެ. އަލީނާ އެދުނީ ފިނިފެންމަލެއް ދިނުމަށެވެ. އެއީ އަލީނާ އެންމެ ލޯބިވާ މަލަށް ވެފައި އެމަލުގެ އަގު ބިލިއަން ޑޮލަރަށް ވުރެ އޭނަގެ ގާތުގައި އަގު ހުންނާނެ ކަމަށް ބުނުމުން ޒެވިޔަން ހަމަޖެހިލާފައި ދިއްކޮށްލީ ދިގު ތަނޑިއެއްލާފައި އިން ނުފޮޅޭ މަލެކެވެ.

"ވަރަށް ފޮނިފޮނި ކުއްޖެއް، ލަވައެއް އަޑުއިވުނީމަ މިސްވާނެ އިނގޭ، އެކަމަކު މިއީ އަލީނާ ހުރުން އެކަށީގެންވާ ތަނެއްނޫން، ބުނީމެއްނު މަ ވެސް ވަރަށް ޑޭންޖަރަސް ވާނެއޭ، އެހެންނޫނަސް ބައެއް ފަހަރު ދިރިއުޅުމުގައި ޑިޒިޝަންތައް ނަގާއިރު އެންމެންގެ ފީލިންގްސް ތަކާއިމެދު ވިސްނަން ޖެހޭނެ ދޯ އަލީނާ، އަލީނާވެސް ލޯބިވާން ވާނީ ތި ކުޑަކުއްޖާ ޑިޒާވްވާރުގެ ރަނގަޅު މީހަކު ދެކެ އިނގޭ....." ޒެވިޔަން ދަމުން ކުޑަކޮށް އެނބުރި ބަލައިލައިފައި ގުޑްބައި ކިޔައިލިގޮތް ދުވަހަކު އަލީނާގެ ހިތުން ފިލައިގެން ނުދާނެއެވެ. ހިތާމަވެރި ހިނިތުންވުމަކާއިއެކު އަސަރުގަދަ ވަދާއުގެ ސަލާމެކެވެ. އަލީނާގެ ހިތަށް ބަޔާން ނުކުރެވޭފަދަ ގޮތެއްވިއެވެ. ނުރޮވުނީ ކިރިޔާއެވެ. އޭނަ އެއްގޮތަކަށްވެސް ޒެވިޔަން އާއި ދުރަށް ދާކަށް ބޭނުމެއްނޫނެވެ. ދުވަހަކު ލިބެންނެތަސް އޭނައަށް ޒެވިޔަން ފެނުމުން ލިބޭ އުފަލުގެ ސަބަބުން ދިރުއުޅުމުގެ ބާކީ އޮތްބައި ހިތްހަމަޖެހުމާއިއެކު އުޅެވިދާނެކަމަށް ހިތް ގަބޫލު ކުރާތީއެވެ. ނަމަވެސް ޒެވިޔަން އެދިޔައީ ވަދާއު ގެ ސަލާމްކޮށްލާފައި ހިތް ރޮއްވާލާފައެވެ. ރީތިބަހުން އޭނަ ނުލިބޭނެ ކަމުގެ ޔަގީންކަން އަލީނާއަށް ދީފައެވެ. 

އަލީނާ އެ މަލުގައި ތުންފަތް ޖައްސާލައިގެން އެހަދާނަށް ގެއްލިފައި ހުއްޓާ ކަރުނަ އޮހިގަނެގެން މަލުގައި މުތީތައްފަދައިން ވިދަން ފެށިއެވެ. އޭނަ ކަރުނަތައް ހުއްޓުވާކަށްވެސް މަސައްކަތެއް ނުކުރިއެވެ. އަލީނާ "ފްރޮމް ދިސް ޑޭ" އެ ވާހަކަފޮތް ނަގައި މޭގައި ޖައްސާލުމަށްފަހު މަލުގެ ތަނޑީގައި ހިފެހެއްޓިއެވެ. ޒެވިޔަން ބީހިލި އެއްޗެއްދެކެވެސް ލޯބި ވެވެނީއެވެ. އަލީނާއަށް މާބޮޑަށް ރޮވިއްޖެއެވެ. ނާހީ އައިސްދާނެތީ ފިލަންވެގެން އޭނަ އަވަހަށް ވަލާއި ދިމާލަށް ހުޅުވައިލެވޭ ދޮރުން ނިކުތެވެ. އެތާ އޮންނަ ފަސްވަރަކަށް ފޫޓް ފުޅާ ހުސް ތަންކޮޅުގައި ވެސް އޮންނަނީ ވިނަ ފަޅާފައެވެ. އަލީނާ ބާރަކަށް ގޮސް އަނބު ގަހުގެ މޫގަނޑުމައްޗަށް ތިރިވިއެވެ. އަލީނާ ކަކުލުގައި ބޯ ޖައްސާލި ގޮތަށް ހިތާހިތުން ދުޢާ ކުރެވުނީ އޭނަގެ ހިތަށް ފިނިކަމެއް ލިބި އުފާވެރިކަން ދެއްވުމަށެވެ. މިގެއިން ނިކުމެގެން ނުދެވޭނެފަދަ ސަބަބެއް އިރާދަކުރެއްވުމަށް ހެއްދެވި ފަރާތަށް ދެންނެވުނު ޢަދަދެއްވެސް ނޭގުނެވެ. އޭނަގެ މާމަ ބުނެފައިވާ ގޮތުން ބޮޑު ކަމަކަށް އެދި ގިނަގިނައިން ސަލަވާތް ކިޔަވާފައި ދުޢާކުރީމަ އިޖާބަ ކުރައްވާނެ އެވެ. އަލީނާ އެފަދައިން ދުޢާކުރަން އިންނަތާ އެތައް އިރެއްވިއެވެ.

ޒެވިޔަންވެސް ހެނދުނު ގެއަށް އައިއިރު ރިޔާ ނިދާލައިފައި އޮތީމަ އޭނަ ނިކީ ގޮވައިގެން ބަގީޗާ ތެރެއަށް ކުޅެން އައެވެ. ޒެވިޔަން އެންމެ ހިތްހަމަޖެހުނީ އޭނަގެ އެންމެ ގާތް އެކުވެރިޔެއް ކަމަށްވާ ރެޔާންވެސް އެހާ ހެދުނު އެޑެން ގޮވައިގެން އައުމުންނެވެ. ދެކުދިން ގަންނަ ސަކަރާތް ވީޑިއޯކޮށްލަން ތިބި އިރު ވަރަށް މަޖާ ކަންތައްވެސް ކުދިން ކޮޅުކޮށްލައެވެ. ބައެއްފަހަރު ތަޅައި ގަނެއެވެ. އެކަމަކު އެއްކުއްޖަކު ވެއްޓިއްޖެއްޔާ ވަރަށް ލޯބިން ގޮސް ތެދުކޮށްލާފައި ކޮލަށް ދޮނެއްވެސް ދީފާނެއެވެ. ބައެއްފަހަރު ލޯބިން ބައްދާލާ ތަނުން ދެކުދިން ބެލެންސްނުވެ އެކީގައި ވިނަގަނޑު މަތީގައި ޖެހިދެއެވެ. ކުޑަ ދެޕަރީން ފަދައިން ގަސްތަކުގެ ތެރޭގައި ދުވަމުން އުޅުނީ ނިކަން އުފަލުންނެވެ. ރެޔާން އާއި ޒެވިޔަންވެސް އެ އުފަލުގައި ބައިވެރިވިއެވެ. 

"ކޮންމެވެސް ގުޅުމެއް މިކުދިންގެ އެބައޮތޭ ދޯ ރެއިން.." ޒެވިޔަން މާނަވީ ހިނިތުންވުމަކާއިއެކު ރެޔާން އާއި ދިމާލަށް އެއްލޯ މަރާލައިފިއެވެ. އެހެންވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅެވެ. ނަމަވެސް އެފަދަ ދުވަހެއް އަންނަން ޚިޔާލު ކުރާވަރަށްވުރެ ދުރު މުސްތަގުބަލެކެވެ. އެހެންނޫނަސް ތަގުދީރުގެ ރޭވުންތައް އެކަކަށްވެސް ލަފާކުރާކަށް ވެސް ނޭގޭނެއެވެ. އޮފް ދުވަހަކަށް ވާތީ ޒެވިޔަންގެ އެހެން އެކުވެރިންވެސް ފަހުން އައެވެ. ކުދިން ސަކަރާތް ޖަހައި ދުވަން ދޫކޮށްލާފައި އެމީހުން އުޅުނީ ރާޒުވާ ކުޅުމާއި ގެންނެވެ.

އާއިޒު ސައިބޮއިގެން މަންމަ ގާތުގައި ވާހަކަދައްކާލަން އިނދެލާފައި ކޮޓަރިއަށް އައީ އޮފް ދުވަހަކަށް ވާތީ ޖިލާ ދެކެލާހިތުންނެވެ. ޖިލާ ބެލްކަނީގައި ވާ ޕޮޓްތަކުގައި ހުރި މާގަސްތަކަށް ފެންދޭން ހުރި އިރު އެ ހިސާބަށް ފިނި އަތްވެއް ދީފައި އޮތެވެ. ނަސީބަކުން މިއަދުވެސް ޖިލާ ހުރީ ހުދުކުލައިގެ ޖިންސަކާއި ރީނދޫ ކުލައިގެ ގަމީހެއް ލައިގެންނެވެ. އެދޮންކުލަ އާއި އިންތިހާއަށް ގުޅެއެވެ. އެންމެފަހުން އާއިޒު ހުއްޓަސް ޝޯލް އަޅައިގެން ނޫޅެން މަޖުބޫރުވާވަރަށް ހާދިސާތައް ހިގައިފިވިއްޔާއެވެ. އާއިޒުއަށް މަޖާވިއެވެ. އެކީގައި ގިނަދުވަހު އުޅެންޏާ ބޭނުންނުވިޔަސް އެގޮތަށް ގާތްވެވޭނެއެވެ. އެދެމީހުން އެހެން މީހުންނަށް ވުރެ ދަމާބާރު ކުޑަވާންވީ ސަބަބެއް ނޭގުނަސް ގުޅުންކުރިއަށް ދަނީ އަދި ވަރަށް ލަސް ސްޕީޑެއްގައެވެ. 

"މޯނިން ދޫނި، މިސްވާ ވަރުން މިއައީ. އަހަރެންގެ މަތިން ހަދާނެއް ނުވޭތަ؟ ބުނެބަލަ ލަވް....." އާއިޒު ދާދި ކައިރީގައި ހުއްޓިލައިގެން ހުރެ ބެލްކަނީގެ ރެއިލިންގ ގައި ލެނގިލިއެވެ. އެ ރީތި ފުންދެލޯ އޭނަގެ މޫނަށް އަމާޒުވެފައިވާކަން އެނގުމުން ޖިލާ ރަކިވިއެވެ. ހިތް ތެޅެން ފެށީ ބުނަން ނޭގޭފަދަ ގޮތަކަށެވެ. އެހުރިހާ އުނދަގޫ ތަކުން ސަލާމަތްވާން އޭނަ ފެންޖަހަން ގެންގުޅުނު ރީނދޫ ކުލައިގެ ޕޮޓުން އާއިޒުގެ މޫނަށް ފެންޖަހާލައިފައި އެތަނުން ދުވެފިލަން ބޭނުންވިއެވެ. ނަމަވެސް އޭނަ ތައުބާވެގެން ހުރިކަން ހިތަށް އެރުމާއި އެކު، ޖިލާ ޖެހިގެން ހުރި ބްލޫ މިސްޓިކް އޯކިޑު ގަހަށް ފެންދޭންފެށިއެވެ.

"ބިޒީކަމުން އެއްވެސް މީހެއްގެ މަތިން ހަދާނެއް ނުވޭ....." ޖިލާ ތުންފަތުގައި މަޑުމަޑުން ދަތްއަޅާލައިފިއެވެ. އޭނަ އެހެދީ ޔަގީނުން ވެސް ދޮގެކެވެ. އާއިޒުގެ މަތިން އޭނަ ކިތަންމެ ފަހަރަކު ހަދާންވިއެވެ. ރޭގައިވެސް އާއިޒު އާއި މެދު ވަރަކަށް ވިސްނުނެވެ. އާއިޒު އޭނަ އާއި ކިސްކޮށްލި ފަހުން އެއްގޮތަކަށް ވެސް އެ ވަގުތު ކޮޅުގެ މަތިން ހަދާނެއް ނުނެތެއެވެ. އަޖައިބެކެވެ. އެ ފޮނި މީރުކަން ހާސިލުކުރަން އަދިވެސް ހިތްއެދެނީއެވެ.

"ތިހާ ދީންވެރި ކުއްޖަކު ދޮގު ހަދާކަށް ނުވާނެ، އެހެންނޫނަސް އަވީގައި އުޅުނީމަ ތި ޗެރީ ބްލޮސޮމް ހާ ދޮން ހަންކޮޅު އަނދާފާނެ، މަގޭ އަތަށް ގެނޭ، ދޫނިގެ ޕޮޓްތަކަށް ފެންދީފާނަން......" އާއިޒު ފެންދޭ އެތީގައި ހިފީ ޖިލާގެ އަތާއި އެކީގައެވެ. އަތުގެ ލުއި ބީހިލުމާއި އެކީގައި ދެހިތުގައި ވިންދު ޖަހަން ފެށީ އެއްފަހަރާއެވެ. ހީވީ ކަރަންޓުގައި ޖެހުނުހެނެވެ. އާއިޒުއަށް ޖިލާގެ މޫނަށް ބަލައިލެވުނީ ވަރަށް ބޭނުންވެފައި ހުރެއެވެ. އޭނަގެ ދިގު އިންތިޒާރު ނިމުމަކަށް ގެންނަން އެހާ ބޭނުންވި އިރެއް ނާދެއެވެ. 

"މިނިމުނީއޭ. ދެން. ދޫކޮށް..........." ޖިލާ އަވަހަށް ފެންދޭ ޕޮޓް އެއްފަރާތެއްގައި ބެހެއްޓުމުން އާއިޒު އެ ތެމިފައިވާ ކުޑަ އަތްތިލަ އޭނަގެ ބޮޑު އަތްތިލައިގެ ތެރެއަށް ލެވުނު ގޮތަށް ފިތާލެވުނީ ތަންކޮޅެއް ބާރަށެވެ.

"ޟުހާ ނަމާ...ދު...." ޖިލާ ބުނަން އުޅުނެވެ.

"ނަމާދު ކުރަންވާނެ ދޯ، މަވެސް ނުބުނަމެއްނު ލޯބި ގާތު ނަމާދު ނުކުރާށޭ، އަހަންނަށްވެސް ވާވަރަށް ކުރަން ވާނީ، އެކަމަކު އަހަންނަށްވެސް ޓައިމްއެއް ދީބަލަ. އެންމެ ފަހަރަކު ނަމަވެސް އަހަރެން ބޭނުންވާ ކަންތައް ކޮށްދީބަލަ......" އާއިޒު ގެ އަޑުގައި ވަނީ އާދޭހުގެ ރާގެވެ. 

"ދެން. އެކަމަކު....." ޖިލާ އުޅުނީ އާދައިގެ މަތިން ގޮތް ދައްކާލުމަށެވެ. އާއިޒުގެ އެންމެ ބީހިލުމަކުން އަދި ޖިލާގެ ހިތަށް އަސަރު ކުރުވިކަން އެނގިއްޖެއްޔާ އާއިޒު ފޮނިވެގެންފާނެއެވެ.

"ޖިލީ ޓެލްމީ، އަހަރެންދެކެ އެހާ ރުޅިއަންނަން ޖެހުނީ ޖިލީ ކުއްޖަކާއި ރައްޓެހިވެގެން އުޅެނިކޮށް އަހަރެމެން މެރީ ކުރުވީމަ، އެކަމަކު ދެން އަބަދަށް ހޭޓްކުރާކަށް ވެސް ނުވާނެ، އަހަރެން ޖިލީ ދެކެ ކިހާ ވަރަކަށް އޭރުވެސް ލޯބިވި، މިހާރުވެސް އަދި އަބަދަށްވެސް އެލޯބި ފަނޑުނުވެ މިގޮތަށް ދެމިގެންދާނެ، އަހަރެން ލޯބިވާކަމުގެ އެންމެ ބޮޑު ހެއްކަކީ މިހާ ދުވަސްވީއިރުވެސް އަހަރެން މިވީހާތަނަށް ޖިލީގެ ނުރުހުމުގައި ލޯބި ފޭރެން މަސައްކަތް ނުކުރާކަން، އަދިވެސް އިންތިޒާރު ކުރާކަން. އަހަރެން ކުރީ ދުވަހު ޖިލީ ތަޅުވާލަން ވެގެން އެއްޗެހި ތަކެއް ކިޔަސް ނިދަން އޮތްވާ ދުވަހަކު ޓަޗްކޮށްފައެއް ނުވާނެ، ނަމަވެސް ދެން އަބަދަށް އެގޮތަށް ހުރެވޭނެތަ؟ ޖިލީ ބުނެބަލަ، އަހަންނަކީ ވެސް އިންސާނެއް، ކޮންމެވެސް އިރެއްގައި ކެތްތެރިކަން ކޮޅުން ލައިގެންދާނެ، ދެން ކެތެއް ނުކުރެވޭނެ، ޕްލީޒް ބޭބީ އާއެކޭ ބުނެބަލަ، ތިހާ ހިތްހަރު ކުރާކަށް ނުވާނެ ދޯ... އަހަންނަށް މިވާވަރު ކިހިނެއް ބުނެދޭނީ ވެސް...." އާއިޒު ގެ ބާރުގަދަ އަތާއި ރެއިލިން އާއި ދޭތެރޭގައި ފާޑަކަށް ފިތިގެން ދިޔައިރު އާއިޒުގެ މޫނު ވަނީ އިންތިހާ ދަރަޖައަށް ކައިރީގައެވެ. 

ޖިލާއަށް ބޭއިޚުތިޔާރުގައި އެ ރީތި ދެލޮލާއި ދިމާލަށް ބަލައި ލެވުނެވެ. ހީވީ އެ ތޫނުކަމުން ޖިލާގެ ހިތްވެސް ފޫއަޅުވާލި ހެންނެވެ. އޭނަގެ ގައިން ހީބިހި ހަލުވާލައިފިއެވެ. ޖިލާ ކަންބޮޑު ވެއްޖެއެވެ. އަތްފައި ގަނޑުފެންގަޑެއްހާ ފިނިވިއެވެ. ނިތްކުރީގައި ދާތިކިތައް ވިދަން ފެށިއެވެ.

"ޖިލީ އަހަރެން ވަރަށް ލޯބިވޭ، ބުނެދޭން ނޭގޭހާ ބޮޑަށް. ހާދަ ބޭނުންވެޔޭ......" އާއިޒު ކެތްތެރި ކަމެއްނެތި ޖިލާގެ މޫނުގައި ބޮސްދޭން ފެށުމުން ޖިލާ ބިރުވެސް ގަތެވެ. އާއިޒު އޭނައަށް ބޭނުންވެފައި ވާވަރު އެ ދެލޮލުންނާއި، ހަށިގަނޑުންވެސް ޖިލާއަށް އިހުސާސް ކުރެވުނެވެ. އެ ބާރުގަދަ އަތުގެ ތެރެއަށް ވިރިގެންދާން އެވަގުތުކޮޅު ޖިލާވެސް ބޭނުންވިއެވެ. އިންސާނާގެ ހިތް ބަދަލުވާން ސިކުންތު ކޮޅެއްވެސް ނުނަގަފާނެއެވެ. ނަމަވެސް ބައެއްފަހަރު ވަގުތު ފާއިތުވެދާފަހުންނެވެ. އާއިޒުގެ ފޯނު ވައިބްރޭޓް ވާންފެށީ އެވަގުތުއެވެ. ޖިލާގެ ހިތަށް ގޮތެއް ވިއެވެ. ކޮންމެވެސް މީހަކު އާއިޒުއަށް ގުޅާފައި އޭނަ ދެއްކިވާހަކަތައް އާއިޒުއަށް ކިޔާދޭން އުޅެނީ ބާވައެވެ. ސިއްރުކަމެއް ކޮށްފައިވާނަމަ އިންސާނަކު ހުންނަން ޖެހޭނީ ބޭޒާރުވެދާނެކަމުގެ ބިރުން އަބަދު ސިހިސިހިއެވެ. ޖިލާއަށްވެސް ވެފައި ވަނީ އެފަދަ ނުބައި ގޮތެކެވެ.

"ބޭބީ ވަރަށް ލަކީ، ބޭނުން ނުވެގެން ދުޢާ ކުރާތީ ވާހާ ކަންތަކޭ، އަހަރެން ރާޒުވާ ކުޅެން އަންނާށޭ ކިޔާފައި އެގުޅީ، އޮފް ޑޭ އެއްވީމަ އެންމެން އަންނާނެ ވިއްޔަ މަޖާކޮށްލަން، އަހަރެން ނުދިޔައްޔާ މިކޮޓަރީގެ ދޮރުވެސް ވައްޓާލަފާނެ....." އާއިޒުއަށް ޖިލާ މަޑުން ހުރީމަ ލިބުނު ހިތްވަރަކަށް ވިއެވެ. އާއިޒު ދެވަނަ ފަހަރަށްވެސް ޖިލާގެ އެ ތުންފަތުގެ މަޑުކަން އިހުސާސް ކޮށްލިއެވެ. އެވަގުތު ކޮޅުވެސް ފުދޭވަރަކަށް ދިގުދެމިގެން ދިޔައެވެ. އަނެއްކާ ފޯނު ރިންގުވިއެވެ. އާއިޒު ފޯނުވެސް ބިންމައްޗަށް ޖަހާލަން ބޭނުންވިއެވެ.

"ދެން ޕްރޭކޮށްލާ އިނގޭ. ވިލް ބީ ބެކް....." އާއިޒު އަވަސް އަރުވާލައިފައި ދިޔުމުން ޖިލާއަށް އެތާހުރި ސޯފާގައި އިށީން ގޮތަށް ކަކުލުގައި ބޯޖައްސާ ލެވިއްޖެއެވެ. އޭނަ ބިރުގަންނަން ފަށައިފިއެވެ. އާއިޒުއަށް އޭނަ ހެދި ދޮގުތައް ފަޅާއަރައިފިއްޔާ ވާނީ ކިހިނެއްބާވައެވެ. އާއިޒު އެވަރަށް ބަދުނާމު ކޮށްލާ އެހާ ނިކަމެތިކޮށް އަގުވައްޓާލީމަ ދެން ދުވަހަކު މާފުކުރާނެ ކަމެއްވެސް ނޭގެއެވެ. އޭނަ އަވަސް އަވަހަށް މަންމައަށް ގުޅިއެވެ. ދެން ރިޔާ ގާތަށްވެސް ދާންވީއެވެ. އެވާހަކަތައް އިތުރު ފުރާނަ އަކަށް ނީއްވަން މަތިމައްޗަށް ހުވާ ކުރުވީމަ ނޫނީ ދެން ޖިލާގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

އާއިޒު ކޮރިޑޯއިން ނިކުތް ތަނާހެން ސިޑިން އަރައިގެން އައި ރިޔާގެ ގައިގައި އާއިޒު ޖެހުނެވެ. ރިޔާ ފާޑަކަށް މޫނު ބަނަކޮށްލާފައި "ޢިޑިއަޓް" އޭ ބުނެލުމުން އާއިޒު ހައިރާންވިއެވެ. ރިޔާ މީގެ ކުރިން އޭނައަށް ކިތަންމެހާވެސް ގަދަރުކޮށް، އިހުތިރާމް ކުރިއެވެ. ކުޑަކުޑަ އެކްސިޑެންޓެއްގެ ސަބަބުންވެސް އެހާ މޫޑީވީއެވެ. އެހެންނޫނަސް އެންމެން އޭނަ އާއި ދޭތެރޭގައި ދެކޭ ގޮތް ތަފާތުވެފައި ވާކަމަށް ޝައްކު ކުރެވޭތާ ދުވަސް ކޮޅެއް ވެއްޖެއެވެ. އާއިޒު ރިޔާއަށް ގޮވާ ހުއްޓުވީ އެހެންވީމައެވެ. އަދި ޖެހިގެން ހުރި ހުސްކޮޓަރިއަށް ގޮސް އެފްބީ އައި އެޖެންޓެއްފަދައިން ސުވާލުކޮށް ރިޔާ އޮޅުވާލާފައި، ރިޔާގެ ގާތުން އާއިޒު ހުރިހާ ކަމެއްގެ ހަގީގަތް ހޯދިއެވެ. ރިޔާ އޭނަގެ ގާތުގައި ޖިލާ ދެއްކިހާ ވާހަކަތައް ހިއްސާކުރުމުން އާއިޒުގެ ސިކުނޑި އެތައް އިހުސާސް ތަކުން ގެނބުނެވެ. އޭނަ އެވަރުން ލޯބިވިކުއްޖާ އޭނަ އާއި ބެހޭ ގޮތުން ހަދާފައި ވަނީ ކޮންފަދަ ބޮޑު ދޮގު ތަކެއް ހެއްޔެވެ؟ އޭނަގެ އާއިލާގެ ގާތުގައި އާއިޒު މުޅިން ބަދުނާމުކޮށް، ހައްދުފަހަނަޅާފައިވާ އަނިޔާވެރިއެއްގެ ގޮތުގައި ސިފަކޮށްލާފައިވެއެވެ.

"އަހަންނަށް ނޭގުނީ އަންހެންކުދިން ވިސްނާ ގޮތެއްވެސް، ޖިލާ އެހެން މީހުން ގާތު ޝަކުވާނުކޮށް އަހަރެން ގާތު ބުނިނަމަ...." އާއިޒު އިންސާނަކަށް ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކުރަމުން ރިޔާގާތު ދެން ދިޔަސް ރަނގަޅު ކަމަށް ބުނެލިއެވެ. ރިޔާ އެދުނީ ޖިލާއަށް ސިއްރުކޮށްދިނުމަށެވެ. އަދި އާއިޒު ރަނގަޅު ވުމަށެވެ. އޭނަ ދެކުދިންދެކެވެސް ވަރަށް ލޯބިވާ ކަމަށާއި އުފާވެރި ހަޔާތެއް ލިބުމަށް އެދޭކަމަށްވެސް ބުނެލިއެވެ. އާއިޒު އެކި ޖަޒުބާތު ތަކުގައި ގެބެމުން ދިޔައިރު ދެލޯވެސް ތެމުނެވެ. އޭނަ އެކުވެރިންނާއިއެކު ކުޅުމުގެ ޚިޔާލުދޫކޮށްލާފައި ކޮޓަރިއަށް ވަންއިރު ޖިލާ ފެންނާކަށް ނެތެވެ. އާއިޒު ދުވަހަކުވެސް ޖިލާގެ އެއްޗެއް ފާސްކުރަން މިނޫނިއްޔާ ހިތަށް ނާރުވައެވެ. ނަސީބަކުން ޖިލާގެ ޖިންސްގެ ޖީބުން ފެނުނު ކުޑަ ތަޅުދަނޑިން އަލަމާރީގެ ވަތްގަނޑު ހުޅުވުނެވެ. އާއިޒު އެ ޑައިރީ ކިޔައި ނިމުނު އިރު އޭނަގެ ގާތުގައި ޖިލާގެ އަގު މުޅިން ވެއްޓި، ލޯބިވެސް ވަގުތުން ފޮހެވިގެން ދިޔަހެން ހީވިއެވެ. އާއިޒު ގެ ސިކުނޑިއަށް އޭނަ ބޭނުންނުވިޔަސް "ބިޗް" އެ ލަފުޒު ތަކުރާރުކޮށް އަރަން ފެށިއެވެ. މިވަގުތު ޖިލާ ފެނުނުނަމަ އޭނައަށް ކުރެވިދާނެ ކަމެއްވެސް އޭނައަށް ނޭގެއެވެ. އެހާވެސް ރުޅި ގަދަވިއެވެ. މައުސޫމް ސިފަތަކެއްގެ ފަހަތުގައި ފޮރުވިފައި ވަނީ ލަދެއް ހަޔާތެއްނެތް ނުބައި އަންހެނެކެވެ.

ރިޔާ ޗެޓްކުރަން އިންއިރު ނިކީ އިނީ ކުއިލްޓް މަތީގައި ވަރަށް ހަމަޖެހިލައިގެން އިނެވެ. ސްޓްރައިޕް ސޯޓުކޮޅަކާއި، ހުދުކުލައިގެ ޓޮޕްކޮޅެއްގައި އިންއިރު އެ ފަންއިސްތަށިގަނޑު އެހެން ދުވަހަށްވުރެ ރަންކުލަގަދަކަމަށް ދައްކައެވެ. ޗެރީފަދަ ކުޑަ ތުންކޮޅުގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. އޭނަ އިނީ އަލީނާ ދިން ފެންކުލަތައް ހިފައިގެން ތަސްވީރު ކުރެހުމަށެވެ. ނިކީ އެހާ ޅައިރުވެސް ފުދޭވަރަކަށް ރީތިކޮށް ކުރަހައެވެ. އަކުރުތައް އަޅަން ދަނެއެވެ. ރިޔާ ގެއްލިފައި އިންވަރުން އިރުކޮޅެއްފަހުން ނިކީ އެތާއިން ހަނދާނެއްނުވެ، ފިލްމެއް ބަލަން ފެށިއެވެ. ހެޑްސެޓް އަޅައިގެން އިންއިރު ރިޔާއަށް އިތުރު އަޑެއްވެސް ނީވެއެވެ. ބައެއްފަހަރު ހަނދާން ނެތުމުން ނޫނީ ފަރުވާ ކުޑަކަމުގެ ސަބަބުން ކިތަންމެ ބޮޑު ހާދިސާއެއްވެސް ހިގައި ފާނެއެވެ. ރިޔާ މިފަހަކަށް އައިސް އެހާވަރުން ނިކީ ބަލަހައްޓަމުން ދިޔައިރު ކުޑައިރުކޮޅަކަށް ދަރިފުޅާއި މެދު އިހުމާލު ވެވުނީއެވެ.

އަލީނާ ފެންވަރަން ވަނުމުން ނާހީ ހުރީ ދޮރުމަތީގައި އިޔާންއަށް ގުޅައިގެންނެވެ. އިޔާން ރަނގަޅު ކަމަކީ ލިބޭހާ ފައިސާ އެކުދިންނަށް ޚަރަދު ކުރާކަމެވެ. އަލީނާ ހުންނަލެއް ކުޑަކަމާއި، ހިކިކަމުން އޭނަ ފަލަކުރަން ޖަންކް އެއްޗެހި ގެނެސްދިނަސް ކުރިން އަލީނާ މިއެއްޗެއްސާއި އެހާ ދުރެވެ. މިހާރު ކެއުން ނޫންކަމެއް އަލީނާގެ ނެތެވެ. ނާހީ އަށް ނިކީ ދުވެލާފައި އައިސް ވަންތަން ފެނުމުންވެސް ސަމާލުކަމެއް ނުދެވުނެވެ. 

"އެލީ ކޮބާތަ؟ މިއައީ މަންމީ ޗެޓުކުރަން އިންދާ ފިލައިގެން. އެލީއަށް ދޭން ޕެއިންޓިންއެއް. ލުކް ނާހީ މީ އެންޑް އެލީ..." ނިކީ އަތުގައިވާ ގަނޑެއް ދައްކާލައިފިއެވެ. ނިކީ އަމިއްލައަށް ފެންކުލައިން ދެ އަންހެންކުދިން ކުރަހާފާއި އެލީ އާއި ނިކީގެ ނަން ޖަހާލާފައި ތިރީގައި އިނީ އައިލަވް ޔޫ އެލީ ޖަހާލާފައި ހިތެއްވެސް ކުރަހާފައެވެ.

"އެލީ ބާތިން، މިހާރު ނިކީގެ މަންމަ ކަމިން، އަވަހަށް ކޮކީ ދޭ އިނގޭ..." ނާހީ އެހެން ބުނުމުން ނިކީ ދާން އުޅުނު ތަނުން އެނދުމަތީގައިވާ އޮރެންޖް ކުލައިގެ ކުދި ޕެކެޓްތައް ފެނުމުން ނިކީ އެކަތި ނަގަންވެގެން ނާހީގެ ގާތުން ހުއްދައަށް އެދުނެވެ. ނާހީ ތިއީ ޗޮކްލެޓޭ ގެންދާށޭ އެލީގެ އެއްޗެކޭ ބުނުމުން ނިކީ އެއްޕެކެޓް ނަގައިގެން ދުވެފައި ހިގައްޖެއެވެ. ނާހީއަށް ނިކީ ގެންދިޔައީ ޗާޗާ ޕެކެޓެއްކަން އެނގުނީ އޭނަ ފޯނު ބޭއްވި ފަހުންނެވެ. ނާހީ ބިރުން އަވަހަށް އަލީނާގެ ފޯނުން ރިޔާއަށް މެސެޖެއް ކުރިއެވެ. ނިކީއަތުން ޕެކެޓް އަތުލުމަށް އެދުނެވެ. ނާހީއަށް ނޭގުނީ އެކުރެވުނު ކަމަކުން ނިކީގެ ފުރާނައަށް ގެއްލުމެއް ވެދާނެކަމެވެ. އަދި ރިޔާ އެކެއް ޖަހާފައި އަލީނާގެ ފޯނުގައި ސޭވްކޮށްލާފައި ވަނީ ޒެވިޔަންގެ ނަމްބަރު ކަމާއި އެ މެސެޖް ފޮނުވާ ލެވުނީ ޒެވިޔަންއަށް ކަމެއްވެސް ނޭގުނެވެ.

ރިޔާ ބަލައިލި އިރު ނިކީ ބުދަކާއި ކުޅެލަކުޅެލައި ހުރެ ވަރަށް ލޯބިކޮށް އަނގަކޮޅު ހަފަމުން ދިޔައެވެ. ރިޔާ އަހާލުމުން ބުނީ އަލީނާގެ ޗޮކްލެޓެއް ކާލަނީ ކަމަށާއި ވަރަށް ޔަމީ ކަމުގައެވެ. ރިޔާ އަނެއްކާ ފިލްމުގެ ތެރެއަށް ގެއްލުނެވެ. ކުއްލިއަކަށް ނިކީ ވަރަށް އުދަގުލުން ރޮވިފައިވާ ގޮތަކަށް "މަންމީ" އޭ ކިޔާލުމުން ރިޔާއަށް އިސްއުފުލައިލެވުނު އިރު ނިކީގެ މޫނަށް ވަނީ ޗެރީ ކުލައަރާފައެވެ. "ޑެޑީ ގާތަށް ދާން.." ނިކީ ކެއްސަ ކެއްސާފައި، ކަރުގައި އަތްޖައްސާލީ ނޭވާ ނުލެވިގެން އުޅޭފަދަ ގޮތަކަށެވެ. ކުއްލިއަކަށް އެފެހި ވިނަގަނޑު މައްޗަށް އެއްލާލެވުނު ރީތި ބުދެއްހެން ނިކީ ވެއްޓިއްޖެއެވެ. އެފަން އިސްތަށިގަނޑު ވިނަމައްޗަށް ފެތުރުނެވެ. އެއްވެސް ހަރަކާތެއް ނެތި އެ ތުއްތު، ލޯބި ކުއްޖާ އޮތްއިރު ހީވަނީ ނޭވާވެސް ނުލާހެންނެވެ. 

ކޮމެންޓް 0