ޖެމާ އެނދަށް އެރިގޮތަށް ކުއިލްޓް ތެރޭގައި މޫނު ފޮރުވާލައިގެން އޮވެ ނިދާލީހެން ހީވިއެވެ. ދާވިޝް އިނީ ފޫހިވެގެން މަރުވާވަރުވެފައެވެ.

"މިއަށް ވުރެ މާ ރަނގަޅު ވާނެ އެލީ އާއި އިނދެވުނު ނަމަ، އެޓްލީސްޓް ފައިޓް ވެސް ކޮށްލެވިދާނެ، ސްޓްރޭންޖަރ އަކާއި އެކީގައި އަނގައިން ނުބުނެ އެކީގައި އުޅެންވީމަ ވާނެގޮތް މިއޮތީ ވެފައި، ބޯޑް ޓު ޑެތް...." ދާވިޝް އަލިފާންގަނޑު ކައިރީގައި އިންއިރު އަލީނާގެ މައުސޫމް މޫނު ހިތަށް ފެންނަމުން ދާންފެށުމުން ކަންބޮޑުވެ، އަމިއްލަ ނަފުސަށް މަލާމާތް ކުރެވުނެވެ. ކޮއްކޮއެއް ދެކެ އިޝްގީ ލޯބިވާން ޖެހިދާނެ ހެއްޔެވެ؟ ނޫނީ މިއީ ލޯބި ބާވައެވެ. އަލީނާގެ ރަނގަޅު ކަމުން އެހެން ކަހަލަ ކުލުނެއް ޖެހުނީ ބާވައެވެ. ދާވިޝް ބަދިގެއަށް ވަދެ ހޫނު ކޮފީމަގެއް ހިފައިގެން އައިސް އަލިފާން ގަނޑު ކައިރީގައި އިށީދެލައިގެން އިނދެ އެހެން ޚިޔާލެއް ކުރަން އުޅުނު ވަރަކަށް އަލީނާގެ ހަނދާންތައް އުދަގޫކުރިއެވެ. އޭނަ އާއި ޖެމާ، އެންޓާޓިކާ ނޫނީ މާރސް އަށް އެކަނި ފޮނުވައިލިޔަސް އެ ދެމެދުގައިވާ ބީރައްޓެހިކަމުގެ ފާރު ވައްޓައެއް ނުލެވޭނެއެވެ. ޖެމާ އެހެން މީހަކާއި ގުޅުނު ދުވަހުން ފެށިގެން ދާވިޝް ވަނީ ޖެމާ ދެކެ ފޫހިވެފައެވެ. މަޖުބޫރުވެގެން ކައިވެނި ކުރުން މިއީ އަދި އެހެން ވާހަކައެކެވެ.

ހުރިހާ އަންހެނުންނަކީ ވެސް ބޭވަފާތެރި ބަޔެކެވެ. އޭނަގެ އަންހެނުން ޖެމާ ވެސް މެއެވެ. އަދި މަންމަވެސް އޭނަގެ ބައްޕައަށް ކެހިދިނީއެވެ. ދުނިޔެއިން އިތުބާރު ކުރަންވީ ކާކަށް ހެއްޔެވެ؟ އަލީނާ ފަދަ ނިކަމެތި ކުދިން މާރަނގަޅު ކަން ނޭގެއެވެ. އޭނަ އެހާވަރަށް ފަހަތުން އުޅުނުއިރުވެސް އެކުޑަކުއްޖާ ޒެވިޔަންއަށް ބޭވަފާތެރިވާން ހިތަކަށް ނޭރިއެވެ. އެންމެ ކުޑަވެގެން އޭނަ އާއި ދިމާލަށް ރުހުމުގެ ނަޒަރަކުން ބަލައިލުންވެސް އަލީނާ ދެކުނީ ފާފައެއްގެ ގޮތުގައެވެ. އެހާވެސް އަލީނާ ތެދުވެރިއެވެ. މުއްސަނދި ކުދިންނަށް އެހެން ނޫޅެވޭނީ ހެއްޔެވެ؟ ނޫނެކެވެ. މި އާއިލާގެ ތެރޭގައިވެސް ލޯބިން އުޅޭކުދިން މަދެއްނޫނެވެ. އޭނަގެ ނަސީބު ހަމަކުޑައީއެވެ. 

ދާވިޝް ތެދުވެގެން ގޮސް ދޮރު ހުޅުވާލާފައި ބޭރަށް ނިކުތެވެ. ބޯކޮށް ވެހެމުންދިޔަ ގަނޑުފެނުގެ ތެރޭގައި ދާވިޝް ކޯޓުގެ ޖީބަށް އަތްޖަހާލައިގެން ހުރެ ހިނގަމުން ދިޔައިރު ފިނީގެ އިހުސާސެއްވެސް ނުކުރެވުނެވެ. އެއަށްވުރެ ހިތަށް އުދަގޫވެފައިވާލެއް ބޮޑީ ކަންނޭގެ އެވެ. 

ސީމާ އަށް އެ ދަންވަރުވެސް ޖެމާއަށް ނުގުޅާ ނުހުރެވުނެވެ. ޖެމާ ބުނީ ދާވިޝް ވީ ހިގާލަން ގޮސްފައި ކަމާއި އިރުކޮޅަކުން އަންނާނެ ކަމުގައެވެ. ސީމާ އަހާލީ ދެން ދެކުދިން ރަނގަޅުތޯއެވެ. ޖެމާ ކުޑަހުނުމަކާއި އެކު ބުނީ ދެމީހުން ގެ ގުޅުން ހަމަ އެންމެ ފުރިހަމަ ކަމުގައެވެ. ސީމާ ހިތާހިތުން ނަށާލިއެވެ. އޭނަގެ ދަރިފުޅާއި އެކުގައި ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލެވުނަސް ކޮންމެ އަންހެންކުއްޖަކުވެސް ދީވާނާ ވަނީ ކަންނޭގެއެވެ. ސީމާ ދާވިޝްގެ ފޯނަށް ގުޅަން މަސައްކަތް ކުރިއެވެ. އެކަމަކު ހަތަރުފަސް ފަހަރު ގުޅުމުންވެސް ދާވިޝް ފޯނު ނުނެގުމުން ސީމާ އެންމެ ފަހުން މެސެޖެއް ކޮށްލިއެވެ.

"މައި ސަން، ޖެމާ އާއި ދެކުދިންގެ ގުޅުން ރަނގަޅު ވިޔަސް ޖެމް ގާތު ނުބުނާތި ދަރިފުޅުގެ ބަޔޮލޮޖިކަލް ފާދަރ އަކީ އަމީން އޭ، އޭރުން ޖެމާ އޭނަގެ މަންމަމެން ގާތުގައި ކިޔައިގެން ފެމިލީ އިން ދަރިފުޅު ޑިސްއޮވްން ވެސް ކޮށްފާނެ، އަމީންއަކީ ހުރިގޮތަށް ހުރި ހުއި ތޮށްޓެއް، ހީޒް ޕެނިލެސް، އެނީވޭޒް އެންޖޯއި ދަރިފުޅާ... ލަވް ޔޫ...." ސީމާ މެސެޖް ފޮނުވައިލީ ކެތްނުކުރެވިގެންނެވެ. 

ދާވިޝް ނިކުމެގެން ދިޔައީ ފޯނުވެސް ބާއްވާފައިކަމުން ޖެމާ އޮތީ ފަހަރަކު މީހަކު އެ ފޯނަށް ގުޅާވަރުން ބޮލަށް އުދަގޫވެފައެވެ. އެންމެ ފަހުން ފޫހިވެގެން ކުރާނެކަމެއް ނޭގިގެން ދާވިޝްގެ ފޯނު ނަގައި ހާވަން ފެށިއެވެ. އެންމެ ފަހުން ލިބިފައި ހުރި މެސެޖްތައް ކިޔާލަން ފެށުމާއިއެކު ޖެމާއަށް ފުންމައިގެން ތެދުވެވުނީ ސީމާގެ މެސެޖް ފެނުމުންނެވެ. ސީމާ ފޮރުވައިގެން އުޅެނީ ކިހާވަރެއްގެ ސިއްރެއްކަން ބޭޒާރުވީއެވެ. ޖެމާ ވަގުތުން ޒީބާ އާއި މައިމޫންއަށް ގުޅައިލުމަށްފަހު ހެއްކެއްގެ ގޮތުން އެ މެސެޖް ފޯވާޑް ކޮށްލިއެވެ. އެންމެ ފަހުން އޭނަގެ ބައްޕަމެންނަށްވެސް އެ މެސެޖް ފޮނުވާލި އިރު ޖެމާ ފަހުން ވެދާނެ ގޮތަކާއި މެދު ވިސްނައެއް ނުލިއެވެ. 

އޭނަ ހެދުން ބަދަލުކޮށްލައިގެން ކޯޓު ގަޔަށް މަހާލައިގެން ހުރެ ނުކުތީ ދާވިޝް ދިޔަތަނެއް ބެލުމުގެ ބޭނުމުގައެވެ. ކޮޓެޖުން ބޭރު ހީވަނީ ކްރިސްމަސް ކާޑެއް ހެންނެވެ. ހުދުކުލައިން ހުރިހާ ތަނެއް ފެންނަ އިރު އޭނައަށް އެންމެ ރީތި ވީ ސްނޯ ބައްތި ތަކެވެ. ހަނދުވެސް ހީވަނީ ހިނިތުންވެލައިގެން އިންހެންނެވެ. ދާވިޝް އާއި އޭނަގެ ގުޅުމެއް އޮތްނަމަ ރޭ ވެގެން ދާނީ އެންމެ އިޝްގީ ރެޔަށެވެ. ޖެމާ ނިކުމެގެން ގޮސް ބައްތިތަކާއި ކުޅެން އިންއިރު ތުންފަތް މަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ.

ދާވިޝް ގެއަށް އައިގޮތަށް ފޯނު ނުފެނިގެން އެތަންމިތަން އެފުށްމިފުށަށް ޖަހާހެދި އިރުވެސް ޖެމާ ކައިރިން އަހައިލުމަކީ ބޭނުންކަމަކަށް ނުވިއެވެ. ދާވިޝް ގެ މޫނުމަތިން ރުޅިވެރިކަމެއްވެސް ނުދައްކައެވެ. ގޭތެރެ ހާވާލާފައި އޭނަ ނިކުމެގެން އައިސް ޖެމާ އާއި ސުވާލު ކުރިއެވެ.

"ގިވް މީ ބެކް މައި ފޯން، އަހަރެން ބޭނުން ފޯނެއްކޮށްލަން، އިޓްސް އާޖެންޓް....." ދާވިޝް ކޯޓުގެ ޖީބަށް އަތްޖަހާލައިގެން ހުރިއިރު ހީވަނީ މޮޑެލްއެއް ހެންނެވެ. އިސްތަށިގަނޑުގައި ގަނޑުފެންތައް މުތީތަކެއް ފަދައިން ވިދާލާ އިރު ވަކިން ރީއްޗެވެ.

ޖެމާ އަނގައިން ނުބުނެ ދުވެލާފައި ދިޔަގޮތަށް އެތާއޮތް ހަނި މަގުގެ އަނެއްފަރާތުގައި ވާ އުސްތަނަކަށް އަރަން ފެށިއެވެ. ހީވަނީ ސްނޯއިން ސިޑިއެއް ހަދާފައިވާ ހެންނެވެ. އެއީ ފަރުބަދަމަތީގެ ހިސާބުކަމަށްވާތީ ދެފަރާތުގައިއޮތީ މުޅިންވެސް ގަނޑުފެން ފުނިތަކެވެ. ދާވިޝް ފަހަތުން އައެވެ. ޖެމާ މައްޗަށް އަރާ ހަމަޖެހިލައިގެން ބަލައިލި އިރު ދާވިޝް ހުރީ އޭނަގެ ހިޔަނިފަދައިން ކައިރީގައި ޖައްސާލާފައެވެ. ޖެމާ ފުން ނޭވަޔެއް ލުމުން އާވިތައް އަރައިގެން ދިޔައެވެ.

"ސްޓޭ އަވޭ...." ޖެމާ ކުޑަކޮށް ހާސްވީ ދާވިޝްގެ ލޮލުން ފެނުނު ނުލަފާ ވިދުވަރަކުންނެވެ.

"ފޯނު ނުދީފިއްޔާ ހެދުންތައްވެސް ދަމައިގަންނާނަން...." ދާވިޝް ބުމަ އަރުވާލިއެވެ.

"ފޮނިގަނޑު، އެއްކަމެއްވެސް ނުކުރެވޭނެ...." ޖެމާ ދޫ ނެރެލާފައި، ދާވިޝްގެ މޭގައި އަތްއަޅާ ކޮށްޕާލުމުން ދާވިޝް ހުޝިޔާރު ކަމާއި އެކީގައި ޖެމާގެ ކޯޓުގައި ހިފައި ދަމައިގަތެވެ. ޖެމާގެ ކޯޓު ހަށިގަނޑާއި ވަކިވުމުން ހީވީ ގަނޑުވި ހެންނެވެ. އެ މޫނު ރަތްމަލެއްހެން ވެގެން ދިޔައެވެ. ދާވިޝް ޖެމާގެ ބޮލުގައިވާ ރަތާއި ރީނދޫ ކުލައިގެ ތޮފިކޮޅު ވެސް ނައްޓާލުމުން އެ ރީތިއިސްތަށިގަނޑު ވިހުރުވިގެން ދިޔަގޮތުން ހައްތަހާ ޖެމާގެ ރީތިކަން ހާމަވީއެވެ. 

"ޖެމާ، އެންމެ ފަހު ފަހަރަށް މިބުނީ، ގެނޭ...." ދާވިޝް ޖެމާ ލައިގެން ހުރި ސްވެޓަރ ވެސް ބާލުވާނެ ކަމުގެ އިންޒާރު ދިނެވެ.

"އިޑިއަޓް، ބަލާބަލަ އަހަރެން ނޭކެޑް ކޮށް މި ފިނީގައި ފްރީޒްކޮށްލަން އުޅޭގޮތް، އައި ހޭޓް ޔޫ...." ޖެމާ ކުއްލި އަކަށް އެ ކުޑަ ކުޑަ، މައުސޫމް ކުއްޖާގެ ފުރަގަހުގައި އަބަދުވެސް ނިވާވެފައިވާ "ޝައިތާނީ" ބައި ނެރެލާފައި ކުއްލި އަކަށް ދާވިޝްގެ ކަރުގައި ބައްދައިގަތީ ރުޅިވެރި ކަމާއި އެކުގައެވެ. އެފަދަ އަމަލެއް ޖެމާގެ ފަރާތުން ފެނިދާނެ ކަމަށް ވިސްނާނުލައި ހުރުމުން ދާވިޝްއަށް ވެސް ހަށިގަނޑު ސަމާލެއް ނުކުރެވުނެވެ. އޭނަ މަޑު ސްނޯގަނޑު މަތީގައި ޖެހުނީ ޖެމާ އާއި އެކުގައެވެ. އެމީހުން އަރާ ތިބީ ފުދޭވަރަކަށް މަތީގައެވެ. ގަނޑުފެނުން ހެދިފައިވާ ސިޑިން މައްޗަށް އަރަން ފަސޭހަވިޔަސް، ތިރިއަށް ފޭބުމަކީ ވެވޭނެކަމެއް ނޫނެވެ. ޖެހޭނީ އެތަނުންވެސް ކެއްސިގެން ތިރިއަށް ފައިބާށެވެ. އަދި ދެފަރާތުގައި ކުދި ފަރުބަދަހެންވާ ގަނޑުފެންތަކުގެ ތެރެއިން ދާވިޝް އާއި ޖެމާ ކައްސައިލުމުން ފުރޮޅެމުން އައިގޮތަށް ތިރީގައި ޖެހުނު އިރު ޖެމާ އޮތީ ދާވިޝްގެ ގައި ދަށުވެ ފިތޭ ގޮތްވެފައެވެ. ދާވިޝްގެ ހަށިގަނޑުގެ ހޫނުކަމުން، ފިނީގެ އިހުސާސު ކަން ކުޑަވިއެވެ. ޖެމާ އަކަށް ދާވިޝްގެ އެ ރީތި ލޮލުގެ ބާރުން ސަލާމަތެއް ނުވެވުނެވެ. ދެމީހުންގެ ދުޝްމަން ކަން ވެސް ވަގުތުތަކަށް ހަދާންނެތުނެވެ. އެހާ އެކަނިވެރި، ހިމޭން މާހައުލެއްގެ ސަބަބުންނާއި ފަނޑު އަލީގެ ސަބަބުން ދެހިތްވެސް އެހެން ދިމާލަކަށް ދާންފެށިއެވެ.

ކުއްލި އަކަށް ގަނޑުފެން ވެހެން ފެށިގޮތުން ހީވީ މުޅި ފަޒާގެތެރެ ހުދު ފްލޭކްސް ތަކުން ފުރައިލެވުނު ހެންނެވެ. އެ ގަނޑުފެންކޮޅުތައް ހަށިގަނޑަށް ހަމަލާދޭން ފެށީ ހުރިހާ ދިމާލަކުންނެވެ. ކިތަންމެ ލުއިކަމާއި އެކު، ގޯނާ އަކަށް ނުވާ ގޮތަށް އެ ހަމަލާތައް އަޔަސް ދާދި އަވަހަށް އެދެމީހުންވެސް ގަނޑުފެނުގެ ތެރޭގައި ވަޅުލަފާނެހެން ޔަގީނެވެ. ޖެމާ ހީކަރުވައި ގަނެގެން ރޫރޫ އަޅަންފެށިއެވެ. ދާވިޝް ޖެމާ އަތްދަނޑި މައްޗަށް ނަގައިގެން ގޮސް ގެއަށް ވަދެ ފައިން ދޮރުލައްޕާލި ނަމަވެސް ދޮރުތަންޑު އަޅުވާކަށް ވެސް ބޭނުމެއް ނުވިއެވެ. އޭރު ފަޔަރޕްލޭސްގައި އަދަމުންދާ ބޮޑު އަލިފާންގަނޑުގެ ހުޅުތައް ދިގު ދޫތައްފަދައިން ނެރެ އެކި ދިމާލަށް ދަނީ ހިސް އަޑަކާއި އެކުގައެވެ. ހީވަނީ ކޮންމެވެސް އެއްޗެއް ދިރުވައި ނުލެވިގެން އުޅޭހެންނެވެ. ތަނުގައި ހިފާފައިވާ ދަރުގެ ވަހުންވެސް ދާވިޝްއަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ. ދެމީހުން އޮށޯވެލީ އަލިފާނުގެ ހޫނު ފޯރާ ހިސާބު ގައެވެ. މިފަދަ މާހައުލެއްގެ ޖާދޫގައި ދާވިޝް އާއި ޖެމާ ޖެހެން ހިނދުކޮޅެއްވެސް ނުނެގިއެވެ. އެކަކު އަނެކަކުގެ އަތުތެރެއަށް ވަދެވުނީ އިޚުތިޔާރަކާއި ނުލައެވެ.

ހެނދުނު ވީއިރު ތިން، ހަތަރު ފޫޓަށް ވެހިފައިވާ ސްނޯގެ ސަބަބުން ބޭރަށް ނިކުމެވޭ ގޮތެއްވެސް ނުވިއެވެ. އެހެންނޫނަސް ރޭގައި ހިނގާދިޔަ ކަންތަކަށްފަހު ދާވިޝް އާއި ޖެމާގެ ދޭތެރޭގައިވާ ބީރައްޓެހިކަމުގެ ފާރުވަނީ ބިމާއި ހަމަވެފައެވެ. ދެމީހުންގެ ނަސީބު ކުޅެމުން ދިޔައީ ރަނގަޅު ކުޅިވަރެކެވެ. ގަނޑުފެނުގެ ސަބަބުން ދެމީހުން ދުވާލުވެސް ކޮޓެޖް ގައި ހައްޔަރުވީއެވެ.

ސީމާގެ ސަބަބުން ޒެވިޔަން އާއި އަލީނާއަށް ލިބުނު ފައިދާ ކުޑައެއް ނޫނެވެ. އާއިލާގެ ބޮޑެތި މީހުން އެތެރެ އެތެރެއިން ހިތްހަމަނުޖެހިފައި ތިއްބަސް އަލީނާ އަކީ ޒެވިޔަންގެ ދެވަނަ އަންހެނުންގެ ގޮތުގައި ބަލައިގަތެވެ. ޒީބާ ހުރީ ހިތާ ހިތުން އެކަމަށް ތަރުހީބު ދީގެން ކަމަށް ވިޔަސް އޭނަ ބޭރުފުށުން އަލީނާ ދެކެ ރުހޭކަން ނާންގާ ސިއްރުކުރިއެވެ. އޭނަ އަންހެންވެރިން ކައިރީގައި ވެސް ބުނީ ރިޔާއަށް ދަރިއަކު ނުލިބޭތީ ޒެވިޔަންގެ ހޮވުމާއި ގަބޫލުވީ މަޖުބޫރުވެގެން ކަމަށެވެ.

މައިމޫން ހެނދުނު ސީމާއަށް އެންގެވީ އެގޭގައި ނުހުރެވޭނެ ކަމަށެވެ. ސީމާ ރުޅިގަދަވެގެން އަނދަމުން ގޮސް ޒީބާގެ ކޮޓަރިއަށް ވަދެ ޒީބާ ގާތުގައި އެކަމާއި ހިތްހަމަނުޖެހިގެން ވާހަކަ ދެއްކިއެވެ. ޒިބާ ހިތާހިތުން މައިމޫންއަށް ތާއީދު ކުރިއެވެ.

"ވަރަށް ދެރަ، އެކަމަކު ސިމީއަށް އެނގޭނެ މައިމޫން ސްޓަބަން ވަރު، އަހަރެން ބުނާ ގޮތަކަށް އޭނައެއް ނަހައްދަވާނެ...." ޒީބާ ބުނެލައިފިއެވެ. ޒީބާ ހުރީ އޭނައަށް ހަގީގަތް އެނގިއްޖެކަން ސިއްރު ކޮށްލައި ގެންނެވެ. ސީމާ އަކީ ނުބައި އަންހެނެކެވެ. އަލީނާގެ ބައްޕަ އާއި މާކުރިން ގުޅުމެއް ހިންގައި އެ ގުޅުމުން ދަރިއަކު ލިބުނު އިރުވެސް ޒީބާއަށް އަންގާނުލިއެވެ. ރިޔާ އާއި ޖިލާ އާއި މެދުވެސް އޮންނާނީ ކޮން ޔަގީން ކަމެއް ހެއްޔެވެ؟ ސީމާ ނަސްލު އޮޅުވާލައިފައި ވާއިރު އެކަމުން ދަރިންނަށް ލިބިދާނެ ގެއްލުމަކަށް ވިސްނައިނުލިއެވެ.

"އެހެންވެސް ވާނެ، ޒީބާ ވެސް ތިހިރީ މުޅިން ޗޭންޖްވެފައި، އަހަރެން އެންމެ ހައިރާންވީ އަލީނާ ކޮޅަށް ކުރީ ދުވަހު ހިފާލީމަ، އަހަރެން ލަދުން ހަލާކުނުވީ ކިރިޔާ، އެންމެ ފަހުން ޒެވިޔާ އެކަނި އެއްނޫން އޭނަގެ ސިހުރުގައި ޖައްސާލީ، ޒީބް ވެސް ތިހިރީ ރީއްޗަށް އެ ކުޑަ ވިޗްގެ އަވައިގައި ޖެހި މުޅިން ހަލާކުވެފައި، އޭނަ މިގެއަށް އައިފަހުން ސުންޕާ ކަމެއް ނޫނީ މިގެއަށް ދިމަލެއްނުވޭ، ކައުންޓް ކުރަން ފަށަންވީނު، މަ ހާދަ ފޫއްސެއްވާ މަންޖެއެއް، ނޭގޭ ދެން އަނެއްކާ ޒީބްއަށް މާ ހެޔޮފުޅުވީ ދޯ....." ސީމާ ހުރީ ލޯ އަޅާލައިގެންނެވެ. ޒީބާ އާއި ދިމާލަށް އަތްމަޅައި، ހަޑި ވައްތަރެއް ޖައްސާލި ނަމަވެސް ޒީބާއަށް އެކައްޗެއް ވެސް ނުފެނެއެވެ. އޭނަ އަކީ މިހާރު ބޭނުން ކޮންމެ މީހަކު ކުޅެން ހުރި ބުދަކަށްވެފައިވާ އިންސާނެކެވެ. އެހާވެސް ނާޒުކް ހާލަތެއްގައި ވާއިރު ބައެއް މީހުން ގެ ޖެއްސުންތައް މިވަނީ ނޭގުމުގެ ތެރޭގައި ފޯރަން ފަށާފައެވެ.

"ސިމީ، އެއީ އަހަރެން ޒެވިޔާ ރުއްސާލަން ވެގެން ކުރިކަމެއް، މަގޭ ދަރިފުޅު ވަރަށް ގޮތްދޫނުކުރާނެ، އެތަނުގައި ކިތަންމެ ބޮޑު ހަގުރާމައެއްވެސް އޭނަ ހިންގާފާނެތީ އޭނަ މައިތިރި ކުރަން އެހެން ބުންޏަސް މަގޭ ހިތް އަލީނާ އަކަށް ރަނގަޅެއް ނުވާނެ، އެއީ އަހަރެންގެ ޒެވިޔާ އާއި އެކަށީގެންވާ ކުއްޖެއްނޫން. އެކަމަކު ސިމީ ވެސް ތިހިރީ އަހަރެން ރަނގަޅު ފިރިޔަކު ހޯދަދިނީމަ ދޫކޮށްލާފައި ގޮސް ގޮނޑުން ޖަވާހިރެއް ހޮވައިގެން ދޯ...." ޒީބާ ހިތުން މަލާމާތުގެ ހިނިގަނޑެއް ޖަހައިލި ނަމަވެސް އެކަމެއް ނުދެއްކިއެވެ. ސީމާގެ ހިތަށް އަސަރުކުރިއެވެ. ހަޔާތުގައި ފޮހެވޭ ފިތެއް އިންނަމަ އޭނަ ފޮހެލާން އެންމެ ބޭނުމީ "އަމީން" އެވެ. އެ މާޒީއެވެ.

ދާވިޝް އާއި ޖެމާގެ ކައިވެނި ކުރެވުމުން ސީމާގެ ސިކުނޑިން އެތައް ހާސް ޓަނެއްގެ ބުރަދަން ލުއިވެގެން ދިޔަކަމުގައި މިވަނީ އިހުސާސް ކުރެވިފައެވެ. ދާވިޝްއަށް އޭނަ މިވަނީ އެ ޝާހީ އާއިލާއިން ރަނގަޅު މަގާމެއް ހޯދަދީފައެވެ. ދެން އޮތީ ދާވިޝްގެ ހިތްވަރެވެ. އޭނަ ގުރުބާން ވެގެން ވެސް އެދެކުދިން ދުރުވިޔަ ނުދޭން ހިތާއި ހިތުން ވަޢުދުވުމަށްފަހު ސީމާ ހިތްހަމަޖައްސައިލިއެވެ.

ބައެއް ފަހަރު އަނދިރި ސިއްރު ތައް ހިފެހެއްޓުމަކީ އިންސާނުންނަށް ފަސޭހަ ކަމަކަށް ނުވެ އޮންނަނީ އަބަދުވެސް އެންމެ ގާތްމީހާއަށް ކިޔައިދެވޭތީއެވެ. ހިތުގައި ފޮރުވައިގެން ހުރެފައި ކެތްނުކުރެވިގެން އިތުބާރުކޮށްފައި އަނެކަކަށް ކިޔައިދެވެނީއެވެ. އެމީހަކުވެސް އެހެން މީހަކަށް އިތުބާރު ކުރަމުން ގޮސް އެ ސިއްރު އެތައް ބަޔެއްގެ ކަންފަތަށް ފޯރަފާނެއެވެ. މިފަހަރު ސީމާ ޖިލާއަށް އިތުބާރު ކުރުމުން، ޖިލާ ވަނީ އެ ސިއްރު އާއިޒު އާއި ރިޔާއަށް ކިޔައިދީފައެވެ. ރިޔާ އަކަށް ޒެވިޔަންއަށް އެކަން ނާންގާ ނުހުރެވުނެވެ. ޒެވިޔަން އަކީ ޒަމާނުއްސުރެ ސީމާ ދެކެ ރުޅި އަންނަ ޒުވާނަކަށް ވެފައި އެފަދަ ކަމެއް ބޭޒާރުވުމުން އެކަން ފޮރުވައިގެން ހުރުން މުހިއްމެއްވެސް ނުވިއެވެ. އެހެންނޫނަސް އެއީ އޭނަގެ މައިންބަފައިންނަށް އެނގެން ޖެހޭނެ ކަމަކެވެ. އެހެންނޫނީ ބައްޕަ ދެވަނަ ފަހަރަށްވެސް ސީމާއަށް ހަޔާތުން ޖާގައެއް ދެއްވަފާނެއެވެ. އޭނަގެ ކަޅު ސިއްރުތައް ނޭގިހުރެއެވެ. އެކަމަކު ޒެވިޔަން އަށް ވިސްނުނީ އެކަމުން ސީމާއަށް ވުރެ ބޮޑަށް ދާވިޝްއަށް ގެއްލުން ވެދާނެކަމެވެ. އެންމެ ފަހު ވަގުތު އޭނަގެ ދުލުގައި ތަޅެއް ލެވުނީ ދާވިޝްގެ ހައްގުގައެވެ. ޒެވިޔަންއަށް ނޭގުނީ މިހާރު އެ ސިއްރު އޭނަގެ އާއިލާއަށް ބޭޒާރުވެފައި ވާކަމެވެ.

ހަވީރު މައިމޫން އާއި އާއިލާގެ ހުރިހާ މެމްބަރުންހެން ބޮޑުކޮޓަރީގައި ވާހަކަދައްކާލަން ތިއްބާ ޖެމާގެ ބައްޕަ ޖިޔާދުގެ ދެމަފިރިން އެގެއަށް އައެވެ. ޖިޔާދު ހުރީ ވަރަށް ހިތްހަމަނުޖެހިފައި ކަމާއި، އޭގެ ސަބަބުވެސް މައިމޫންއަށް ވިސްނައި ގަނެވުނެވެ. ދާވިޝްގެ ސިއްރު ޖެމާ އޭނަގެ ބައްޕައަށްވެސް ކިޔައިދިނީކަން ޔަގީނެވެ. ޖިޔާދު އާއި ފަޒާލް އަކީ ވެސް މައިމޫންގެ ކޮއްކޮއިންނެވެ. އެންމެންދެކެވެސް މައިމޫން އިންތިހާއަށް ލޯބިވިއެވެ. އަދި އެހުރިހާ ކޮއްކޮމެންގެ އިހުތިރާމް އާއި ލޯބިވެސް މައިމޫން ވަނީ ހޯއްދަވާފައެވެ. ޖިޔާދު މިވަގުތު ރުޅިގަދަވެފައި ހުރިވަރުން ޒެވިޔަންމެންނަށް އެ ސިއްރު ފޮރުވާކަށް ވެސް މުހިއްމެއް ނުވިއެވެ. އެސިއްރު ޒެވިޔަންމެންނަށް އެނގޭކަމެއް ޖިޔާދު އަކަށް ވެސް ނޭގެއެވެ. ޖިޔާދު އޭނަގެ ބޭބެ ގާތުގައި ވަގުތުން ކުރީ އެ ޝަކުވާއެވެ. ރޭ ސީމާ ދާވިޝްއަށް ފޮނުވި މެސެޖެއް ޖެމާ ފޯވާޑް ކޮށްލި ވާހަކައެވެ. ޒީބާ ވެސް އެކަމާއި ވަގުތުން ވާހަކަ ދެއްކިއެވެ. ސީމާ ކުށްވެރި ކުރިއެވެ.

"މިވަގުތުވެސް އެ ކައިވެނި ރޫޅާލަން އަޅުގަނޑު ބޭނުން، އެކަމަށް ޖެމްއަށް ފޯސްކުރެވުނީތީ ރިގްރެޓް ކުރަން، ދާވިޝްއަކީ ބޭބެގެ ދަރިއެއްކަމަށް ހީކޮށް އޮޅިގެން މިކަން ކުރެވުނީ، މިހާރު މިއެގުނީ ސީމާ އިންނަން އުޅޭ އެ ގޮތްކުޑަ ފިރިހެނާގެ ދަރިއެއްކަން....." ޖިޔާދު ބޭނުންވީ މިވަގުތުވެސް ޖެމާ ގެނައުމަށެވެ. ކޮންމެ ގޮތެއްވިޔަސް ޖިޔާދު ޔަގީން ކުރާ ގޮތުން ކައިވެނި ކުރެވުނަސް ދާވިޝް އާއި ޖެމާގެ ގުޅުމެއް ނޯންނާނެއެވެ. އެދެކުދިން ރޭވެސް އުޅުނު ގޮތުން އެކަކު އަނެކަކު ދެކެ ނަފްރަތު ކުރާކަން ޖިޔާދުގެ ވިސްނުންތެރި ކަމުން ވަނީ ދެނެގެންފައެވެ. އެއި ނަސީބެކެވެ. 

"ޖިޔާދު، ބޭބެއަކަށް ނުފެނޭ ތިހެން ކަންތައް ކުރާކަށް، އެހެންނޫނަސް ސީމާ ބުނާ ބަހަކަށް އިތުބާރު ކޮށްގެން އެހާ އަވަސް އަރުވާލައިގެން ކަންތަކެއް ނިންމާކަށް ނުވާނެ، އަހަރެންގެ ޒެވިޔާ ވެސް އިނދެގެން އެހެރީ ތިބުނާ އަމީންގެ ދަރިއަކާއި... އަމީން ކިތަންމެ ނުބައި މީހަކަށް ވިޔަސް ދަރިން އޭނަހެން ނުވެ ހިގައިދާނެ، އެހެންނޫނަސް ދާވިޝް އަކީ އަހަރެންވެސް ދަރިއެއްފަދައިން ލޯބިން ގެންގުޅުނު ކުއްޖެއް، ހަމަ ކުއްލި އަކަށް އަދި އެހެންމީހެއްގެ ދަރިއެކޭ ބުންޏަސް އެ ލޯބި ބަދަލެއްވެސް ނުވާނެ، ފަޒާލްވެސް އެހެން ކުދިންނަށްވުރެ ދާވިޝްދެކެ ލޯބިވިހެން އަހަންނަށް ފީލްވި......" މައިމޫން ބުނުއްވިއެވެ. 

އަލީނާ އިނީ މަޑުންނެވެ. ބައްޕަގެ ވާހަކަ މިގޭތެރޭގައި ދެކެވެން ފެށިފަހުން އަލީނާ ކޮންމެވެސް ވަރަކަށް ދެރަވެސްވެއެވެ. ބައްޕަގެ ނުބައިކަމުގެ ސަބަބުން އެހެންމީހުން ހައްތަހާބޮޑަށް އޭނަދެކެ ފޫހިވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ހީކުރެވުނެވެ.

"އަލީނާ ލިބުނީ ހަލާލު ގޮތުގައި، އަޅުގަނޑުގެ މައްސަލައަކީ ސީމާ ބޭބެ އާއި އިނދެގެން ހުރެ އެހެންމީހަކާއި ގުޅުން ހިންގުމުގެ ނިޝާނަކަށް ދާވިޝް ވީތީ، ދާވިޝް އަކީ ބައްޕައެއްނެތް މީހަކަށް ވީތީ، ކޮންމެހެން ނިކަމެތިކަމަށް ބަލަނީ އެއްނޫން، ކޮބާތަ އެ ސީމާ...." ޖިޔާދު އަހާލައިފިއެވެ. ޖިޔާދުއަށް ވިސްނައި ދިނަސް ޖިޔާދުގެ ރުޅި އެހާ ފަސޭހައިން މައިތިރި ނުވާނެކަންވެސް މައިމޫންއަށް އެނގިލެއްވިއެވެ. ގޭތެރެއިން ސީމާ ނިކުމެގެން އައީ މިގެއިން ދާން ތައްޔާރުވެގެން ހުރެއެވެ. އޭނަ ބޭރަށް ނުކުތީ އެއްގޮތަކަށް ވެސް އެހާ ބޮޑު ބަދުނާމެއް ވެފައިވާކަމެއް އެނގިހުރެއެއް ނޫނެވެ. ނަމަވެސް ބޭރަށް ނިކުތުމާއި އެކު ޖިޔާދުގެ ހަރުކަށި ސުވާލުތަކެއް އަމާޒުވުމާއިއެކު ސީމާ ހާސްވިވަރުން ވަގުތުން މޫނަށް އަނދިރިވެ އަރިއަޅާލައިފިއެވެ. ރިޔާ އާއި ޖިލާ ދުވެފައި ގޮސް މަންމަގެ ގައިގައި ހިފައިގެން ރޯންފެށިއެވެ. އެއްކޮޅުން މަންމައެވެ. އަނެއްކޮޅުން ބޮޑުބޭބެއެވެ. ދެފަރާތުންވެސް އިހުތިރާމްކުރަން ޖެހޭ މީހުންނެވެ.

އެވަގުތަކީ ދާވިޝް އާއި ޖެމާއަށްވެސް ގެއަށް އާދެވުނު ވަގުތެވެ. ދާވިޝް އަށް މަންމަގެ ހާލު ފެނުމުން ކަންބޮޑުވިއެވެ. ޖިޔާދު ވަގުތުން ޖެމާގެ އަތުގައި ހިފައިގެން ގެއިން ނިކުމެގެން ދާން ހިނގައިގަތުމުން ދާވިޝްއަށް އެނބުރި ބަލައިލެވުނެވެ. މީހަކު ބުނުމަކާއި ނުލައިވެސް ދާވިޝްއަށް ވިސްނިއްޖެއެވެ. ޖެމާ އާއި ދާވިޝްގެ ހަތަރުކަޅި ސިކުންތު ކޮޅަކަށް ބައްދަލު ވިއިރު ޖެމާގެ ލޮލުން ކަރުނައިގެ އަސަރު ދާވިޝްއަށް ފެނުނެވެ.

"ޑޭޑް، ވަޓް ހެޕެންޑް..." ޖެމާ ކަރުނަތައް ދިރުވާލަމުން އަހައިލިއެވެ.

"ދަރިފުޅު ދެން އެ ދާވިޝް އާއި އަނގައިންވެސް ބުނެގެން ނުވާނެ...." ޖިޔާދު ބުނެލިއެވެ. ޖެމާގެ ހިތަށް ތަދުވިއެވެ. ތަންކޮޅެއް ކުރިން ބައްޕަމެން އެކަން އެންގިނަމައެވެ. މިހާރު ވަގުތު ފާއިތުވެއްޖެއެވެ. ޖެމާ ވަނީ ދާވިޝްގެ މިލްކަކަށް ވެފައެވެ. ނަމަވެސް ޖެމާއަށް އިތުރު އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ޖެމާއަށް އޭނަގެ އަމިއްލަ ނަފުސް ކުށްވެރި ކުރެވުނެވެ. އޭނަގެ މޮޔަކަމުން ރޭ ސީމާ ފޮނުވި މެސެޖް އެންމެނަށް ފޯވާޑްކޮށްލީމަ މިއޮތީ އާއިލާ ތެރޭގައި ބޮޑު ފިތުނައެއް އުފެދިފައެވެ. މިކަންތަކުން ދުވަހަކު ސަލާމަތެއް ދެން ނުވާނެއެވެ. އޭރު ޖެމާގެ މަންމަ ވެސް އިނީ ރޮއިރޮއިއެވެ. 

"އަހަރެމެންގެ ކުޑަދަރިފުޅު ސަލާމަތް މިވީ ކިރިޔާ، ދަރިފުޅަކަށް ނޭގޭނެ، އެ އަމީން އަކީ އޭނަގެ ދަރިންނާއި ބެހިފައި ހުރި ފިރިހެނެއް، ކިހިނެއް އެގެނީ އަދި އޭނަ ދަރިފުޅު ކައިނުލާނެ ކަމެއް......" ޖެމާގެ މަންމަ ޖެމާގެ ގައިގައި އޮޅުލަމުން ކިޔަންފެށިއެވެ. ޖެމާ އިނީ ދުރަށް ބަލަހައްޓައިގެން ބާރަށް ތުންފަތުގައި ދަތްއަޅާލައި ގެންނެވެ. އޭނަގެ ހަޔާތުގެ އެންމެ ރީތި ދުވަހަކީ ރެއާއި މިއަދެވެ. އެ އުފާތަކާއި ކުއްލިއަކަށް ވަކިވާން ޖެހުނީމަ ދެން އޭނަ މޮޔަވެދާނެއެވެ. އެވާހަކަ ބުނަންވީ ހެއްޔެވެ؟ ދާވިޝް އާއި ވަކިން އުޅެން ބޭނުމެއްނުވެޔޭ ބުނަންވީބާވައެވެ.

ސީމާ ހޭއަރައިގެން، އޭނަކޮށްފައިވާ ފާފައަށް އެއްބަސްވެ، ދަރިން ގާތުން މާފަށް އެދުނީ ރޮއިރޮއިފައެވެ. މައިމޫންގެ ގާތުން މާފަށް އެދުނީމަ މައިމޫން ބުނުއްވީ މާފަށް އެދެން ޖެހެނީ އޭނަގެ ގާތުން ނޫންކަމަށާއި މާފަށް އެދެން ވީ މީހާ ވަނީ މިދުނިޔެ އާއި ވަކިވެފައިކަމެވެ. ވީމަ ސީމާ ޖެހޭނީ ގިޔާމަތް ދުވަހަށް އިންތިޒާރު ކުރަން ކަމުގައެވެ. ސީމާ ހަދާންވީ ފަޒާލް މަތިންނެވެ. އެއީ ހާދަ ރަނގަޅު، މާތް ޒުވާނެކެވެ. އެފަދަ ޒުވާނަކަށްވެސް އޭނަ ބޭވަފާތެރިވީއެވެ. ތާކުންތާނުޖެހޭ މީހެއްގެ ސަބަބުންނެވެ. އެވެސް ދީނުގައި މަނާކުރައްވާފައިވާ އެއްޗެއް ބޭނުން ކުރަން ހަދައިގެންނެވެ. ދެވަނަ ފަހަރަށް އޭނަ މައިމޫންއަށް ވެސް ކެހިދިނީއެވެ. މާޒީ އަނބުރައި އިއާދަވެ، އޭނަ އަނގަމައްޗަށް ވައްޓާލީވެސް އެހެންވެއެވެ. މިއަދު މިއޮތީ ހުރިހާ ފަރާތަކުން ކެހިކޮޅުލިބިފައެވެ.

ސީމާ އެގެއިން ނިކުމެގެން ދިޔައީ އަމީން ބަލާ އައުމުންނެވެ. އަމީން އެދުވަހު އެގެއަށް އައުމުންވެސް އޭނައަށް އެގޭގައި ހިނގާފައިވާ ހަގުރާމައެއްގެ ހިލަމެއް ނުވިއެވެ. އަދި ދާވިޝް އާއި އޭނަގެ އޮތީ ކޮން ގުޅުމެއް ކަމެއްވެސް ނޭގުނެވެ. ދާވިޝް ވެސް ކޮޓަރިއަށް ވަންގޮތަށް ބޭރަށް ނިކުންނާކަށްވެސް ބޭނުމެއްނުވިއެވެ. އޭނަވެސް މަންމަ އާއި އެކުގައި ރާއްޖެ ދާންވީބާވައެވެ. މި އާއިލާ ތެރޭގައި ދެން އޭނައަށް އޮންނާނީ ކޮން ގަދަރެއް ހެއްޔެވެ؟ އޭނަގެ ބޮޑުބޭބެވެސް ޖެމާ އެ ގެންދިޔައީ އަނބުރައި ގެންނާނެ ގޮތަކަށް ނޫނެވެ. ދާވިޝްއަށް ވެސް ނޭގުނީ އެ ސިއްރު އެންމެނަށް ފަޅައިއަރުވާލީ ޖެމާ ކަމެވެ. އޭނަ އަތަށް ފޯނު ލިބުނު އިރު އެ މެސެޖް ފޮހެލާފައި ވާތީ ދާވިޝްއަށް ވެސް އެކަން ހިނގި ގޮތް ރޭކާނުލީއެވެ.

ޒެވިޔަން ކޮޓަރިއަށް ވަންއިރު ރިޔާ އިނީ ދަބަސް ޕެކްކުރުމުގައި އަވަދިނެތިއެވެ. ކުރު ސޯޓް ކޮޅަކާއި، ވައިލެޓް ކުލައިގެ ސްވެޓަރެއް ލައިގެން ހުރި އިރު އިސްތަށިގަނޑު އޮތީ މައްޗަށް އޮމާންކޮށްލާފައި އައްސާލާފައެވެ. ރީތިކަމުގެ ނަމޫނާއެކެވެ. ޒެވިޔަން ހައިރާންވިއެވެ.

"އަހަންނަށް ނާންގާ ހިތަށް އަރާއިރަށް ތިހެން ފުރައިގެން ދެވެނީތަ؟ ހާދަ ހެއްވާ ކުއްޖެކޭ...." ޒެވިޔަން ރިޔާގެ އަތުގައި ހިފާ އޭނައާއި ދިމާލަށް އަނބުރާލައިފިއެވެ.

"އަހަރެން މިއުޅެނީ މަންމަ އާއި އެކު ދުވަސްކޮޅަކަށް ރާއްޖެ ދާން، އައި ރިއަލީ ވޯންޓް ޓު ގޯ....." ރިޔާ ޒެވިޔަން އާއި ހަތަރުކަޅި ހަމަކޮށްލައިފިއެވެ.

"އެންމެ ދުވަހަކަށްވެސް ނުފޮނުވާނަން، އެކަހަލަ ދޮންބައްޕަ އަކާއި އެކީގައި ރިޔާ އުޅެން އަހަރެން ދޫކޮށްލަފާނެ ހެން ހީވޭތަ؟ އެހެން ހީކުރިއްޔާ ޔޫ އާ ޓޯޓަލީ މިސްޓޭކެން އިނގޭ....." ޒެވިޔަން ސާފު ބަހުން އޭނަ ރިޔާގެ ޕާސްޕޯޓް ނުދޭނެކަންވެސް އެންގިއެވެ. މާލެގޮސްފައި އުޅޭނީ ބޮޑުދައިތަމެންގެ ގޭގައި ކަމަށާއި، ދޮންބައްޕަގެ ގެއަކަށް ނުދާނެކަމުގެ ޔަގީންކަން ދީފައި ރިޔާ އާދޭސްކުރިއެވެ. އެކަމަކު ޒެވިޔަން ގަބޫލެއް ނުކުރިއެވެ. ރިޔާއަށް އެއްވެސް ތަނަކަށް ދެވޭނީ އެކަނި އޭނަ އާއި އެކީގައި ކަމަށާއި، އެހުއްދަ ދެވެން ނެތްކަމަށް އޭނަ ބުނީ އެންމެ ފަހުގެ ނިންމުމެއްގެ ގޮތުގައެވެ. ރިޔާ އެވަރުން އެކުވެރިންނަށް ގުޅާފައި ޕްރޮގްރާމްތައް ރާވާފައި ވަނިކޮށް ހުރިހާ ޕްލޭނެއް ފެނަށް ވެއްޖެއެވެ.

"ޕްލީޒް، ޕްލީޒް، ޕްލީޒް...." ރިޔާ އާދޭސް ކުރިއެވެ. ނަމަވެސް ރިޔާގެ އާދޭސްތައް ބޭކާރުވުމުން، އޭނަ އެނދަށް ވެއްޓިގަނެގެން ރޯންފެށިއެވެ. މިރަށުގައި ހުރެގެން އޭނައަށް އެއްވެސް އުފަލެއް، ހިތްހަމަޖެހުމެއް ނުލިބޭކަމަށާއި، ޒެވިޔަން އޭނަ ދެކެ ލޯބި ނުވާކަމަށް ބުނެ ޝަކުވާ ކުރިއެވެ. ޒެވިޔަން ފެންވަރަން ބާތުރޫމްގައި ހުރި އިރު ރިޔާ އެނދުގައި ފައިން ޖަހާ އަޑުފަށްގަނޑު އެތަނަށް އިވުނެވެ. މިފަހަކަށް އައިސް ރިޔާ ކޮޓަރީގައި ވާ އެއްޗެއްސަށް ގެއްލުން ދިނުމުގެ ބަދަލުގައި ކުރާ މޮޔަކަމަކީ އެއީއެވެ. ޒެވިޔަން ގަސްތުކުރީ އަޅާނުލުމަށެވެ. އެނގޭކަމަށްވެސް ހަދައިނުލުމަށެވެ. އެރީތި ހަށިގަނޑުގައި އެތައް މިލިއަން ފެންތިކިތައް ބޮސްދެމުން ދިޔައިރު ޒެވިޔަން ވިސްނަން ހުރީ ރިޔާ އާއި އަލީނާ އާއި މެދުގައެވެ. ދެ އަނބިން ގެންގުޅުމާއި ބެހޭ ގޮތުން އޭނަ ފިލާވަޅު ނަގަން ދާންވީ އޭނަގެ އެކުވެރި އަދީން ގާތަށް ކަން ނޭގެއެވެ. އެހާ ޒުވާން އުމުރު ރީތިކަން ހުސްކޮށްލާފައި ވާދެ އަންހެން ކުދިންނާއި އެކީގައި އަދީން ކާމިޔާބު ހަޔާތެއް ވޭތުކުރަމުން ދިޔުމުގެ ސިއްރަކީ ކޮބައިބާވައެވެ.

ޒެވިޔަން މަޑުފެހިކުލައިގެ އަތްދިގު ޓީޝާޓަކާއި ޖިންސެއްލައިގެން، އިސްތަށިގަނޑުގައި އަތުން ފުނާއަޅާލައިފިއެވެ. ސެންޓާއި އާފްޓަރޝޭވްގެ މީރުވަހުން ކޮޓަރި އެއްވަސް ކުރުވާލުމުން ރިޔާ މޫނުން ބާލީސް ނަގާލާފައިވެސް އަނެއްކާ ބާލީހުގައި މޫނު ފޮރުވާލައިފިއެވެ. "މިދަނީ ކޮފީއެއް ބޯލަން، އާދެބަލަ ލަވް...." ޒެވިޔަން އެ ޖުމްލަތައް ބުނެލި ގޮތުން ވެސް އެ ކޮފީގައި އަލީނާ ބައިވެރިވާނެ ކަމަށް ރިޔާއަށް ޝައްކު ކުރެވުނެވެ. ޒެވިޔަން އެހެން ބުނީ ރިޔާ މިވަގުތު ނުދާނެކަން ޔަގީންވީމައެވެ. ރިޔާ ކޮފީ ބޯހިތެއްނުވެޔޭ ބުނުމުން ޒެވިޔަން ދިޔައީ ރިޔާއަށް ކުޑަ ގޯނާއެއް ކޮށްލާފައެވެ.

ޒެވިޔަން އަލީނާގެ ކޮޓަރީގެ ދޮރު ހުޅުވައިލި އިރު އަލީނާ އިނީ ލެޕް ހުޅުވާލައިގެންނެވެ. އަލީނާ ކިތަންމެ ވަރަކަށް ޒެވިޔަންއަށް ކަރުނަތައް ފޮރުވަން އުޅުނަސް ނުފެނި ދިޔުމަކީ އެކަށީގެންވާކަމެއް ނޫނެވެ. އަލީނާ އަވަހަށް ލެޕް ލައްޕާލައިފައި ޒެވިޔަންއަށް ބަލައިލީ ރީތި ހިނިތުންވުމަކާއި އެކުގައެވެ.

"ވަޓް ހެޕެންޑް...." ޒެވިޔަން ސުވާލު ކުރިއެވެ.

"އެހާ ބޮޑުކަމެއް ނުވޭ...." އަލީނާ ސިއްރުކުރަން އުޅުނަސް ޒެވިޔަންއަށް އެ ޚަބަރު އެގޭނެކަން އަލީނާއަށް ޔަގީންވިއެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ތިއްބަސް މިހާރު ހުރިހާ ޚަބަރެއް އެނގޭނެ ވަސީލަތްތައް އެބަހުއްޓެވެ. އަލީނާ ހަޔާތުގެ ހުރިހާ އުފަލެއް އަޅިޔަށްވެގެން ދާން އުޅެނީބާވައެވެ. އޭނަ ހާދަ ބޮޑަށް ބިރުގަނެއްޖެއެވެ. 

"ބޮޑުކަމެއް ނުވާނަމަ ބޭބީ ތިހާ އަޕްސެޓްވެފައެއް ނީންނާނެ، ޓެލް މީ....." ޒެވިޔަން އަލީނާގެ ގާތުގައި އިށީދެ އަލީނާގެ މޫނުގައި ހިފާފައި އޭނަ އާއި ދިމާލަށް އަނބުރާލައިފިއެވެ. ޒެވިޔަންގެ އެއަމަލުން އަލީނާގެ ލޮލުގައިވި ކަރުނަތައް ގިނަވެ، އެސްފިޔަތައް ފޫދުއްވާލާފައި އެ އޮމާން ކޯތާފަތްމަތިން އޮހިގަތެވެ. ޒެވިޔަންގެ ހިތަށް އިންތިހާއަށް އަސަރުކުރިއެވެ. 

"ޒާވް، އައިމް ސޯ ސްކެއާޑް....." އަލީނާ ޒެވިޔަންގެ މޭގައި މޫނު ފޮރުވިގޮތަށް ބާރުބާރަށް ރޮއިގަނެވިއްޖެއެވެ. ޒެވިޔަންގެ މެޔަށް ފިނި އެއްޗެއް އޮއްސާލި ހެންހީވިއެވެ. އަލީނާ މިހާ ގަދަޔަށް ރޮއިފައި މިހެން އުޅޭނީ ޔަގީނުންވެސް ބޮޑު ހާދިސާއެއް ހިނގައިގެންނެވެ. 

"ބޭބީ ނުރޮއި، އައިމް ހިއަރ ފޯ ޔޫ، ވެގެން އުޅޭ ގޮތެއް ކިޔައިދީބަލަ...." ޒެވިޔަން އަލީނާ މޭގައި ބޮނޑިކޮށްލި އިރު އޭނަވެސް އިނީ ފެންކަޅިވެފައެވެ. 

ކޮމެންޓް 0