ޒީބާ ބުނީ އަލީނާ ނަހަލާލު ދަރިއަކަށް ވިޔަސް، އަދި އަމީން ފަދަ ނުބައި މީހެއްގެ ދަރިއަކަށް ވިޔަސް ޒީބާގެ ހިތުގައިވާ އަލީނާގެ މަގާމަށް އުނިކަމެއް ނާންނާނެ ކަމަށާއި، އަލީނާ އަކީ އޭނަގެ އަންހެން ދަރިފުޅު ކަމުގައެވެ. އަލީނާ ފަދަ ޅީދަރިއެއް މީހަކަށް ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ފަގީރު އާއިލާއެއްގެ ނިކަމެތި ކުއްޖަކަށް ވިޔަސް، ގެވެހި ރަނގަޅު ކުއްޖަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު ނަސީބު ކަމަށް މިއަދު ޒީބާ ވެސް ވަނީ ގަބޫލު ކޮށްފައެވެ. ނިކަމެތިކަން ލޭބަލް ކުރުމަކީ ހުރިހާ ގޮތަކުން ވެސް ބޭކާރު ކަމެކެވެ.

ޒީބާ އަލީނާގެ ތަނަވަސް ނިތްކުރީގައި ބޮސްދިން އިރު ޒީބާގެ ލޮލުގައި ވިދަވިދާ ހުރީ އުފަލުގެ ކަރުނައެވެ.

މައިމޫން އާއި ޒީބާ ހޫނުކޮށްފައިވާ ފަތާފެންގަނޑުގައި ތިބިއިރު ކުދި ކުދި ސަމާސާތައް ކޮށްފައި ހޭގޮތުން ހީވަނީ ޅަ ދެ ލޯބިވެރިން ހެންނެވެ. އެންމެ ފަހުން މައިމޫން ފެންގަނޑުން އަރުއްވައި، ތުވާލިން ގައި ހިއްކުމަށްފަހު ދިގު ގޮނޑިއެއްގައި އޮށޯންނެވުމުން ޒީބާ ފަހަތުގައި ހުރެ އިސްތަށިގަނޑު ހިއްކާލަ ދޭން ފެށިއެވެ. އުމުރުން ފަންސާސް އަހަރުގެ އަހަރުތައް ގުނަމުން އަޔަސް މައިމޫންގެ އިސްތަށިގަނޑު އަދިވެސް ވަރުގަދަވެފައި، ކަޅުކުލަ ގަދައެވެ. ހީވަނީ ޑައިކޮށްލާފައިވާ ހެންނެވެ. ޒެވިޔަން އާއި އާއިޒުގެ ގިނަ ސިފަތައް ވާރުތަކޮށްލާފައި ވަނީ ބައްޕަގެ ފަރާތުންކަން ޔަގީނެވެ.

"އައި ރިމެމްބަރ ސަމްތިން، ހަނީއަށް އެނގޭތަ؟ މި ސީމާ އަކީ ހުރިގޮތަށް ހުރި ހަންޑިއެއް، ދުނިޔެއިން ބޭރަށް ލާންޖެހިފައިވާ އަންހެނެއް، އޭނަ ޒެވިޔާއަށް ހެދިގޮތް އެނގުމުން ރުޅިއައިސްގެން ދަތްތައް ބިންދައިގެން ނުދިޔައީ ކިރިޔާ، ވަގުތުން ގުޅާލާފައި އޭނަ އާއި ދިމާލަށް ނުކިޔާކަށް އެއްޗެއް ނެތް، އެކަމަކު އޭނަ ހުރީ ވަރަށް ހަމަޖެހިލާފައި، އެއްޗެކޭ ހިތަކަށް ނޭރި، އެ ލަދުކުޑަ އަންހެނާ އެއީ މާބޮޑު ކަމަކަށް ވެސް ނެހެދި، ކުރިން ހީކުރީ އެހާ ރައްކާތެރި ކޮށްގެންގުޅެން ޖެހެނީ އެކަނި އަންހެންކުދިން ކަމަށް، އެއްގޮތަކަށް ވެސް ނުދަންނަން ފިރިހެންކުދިންނަކީ ވެސް ކުޑައިރު ވަލްނަރަބްލް ބަޔެއްކަން، އެކަން ސީމާ ޕްރޫވް ކޮށްދީފި........." ޒީބާ ނުސީދާކޮށް ދެއްކި ވާހަކައިންވެސް މައިމޫންގެ ހިތަށް ފެންއެއްޗެއް އޮއްސާލިހެން ހީވިއެވެ. ނިތްކުރިއަށް ކުދި ރޫތައް އަރައިގެން ދިޔައެވެ.

ޒީބާގެ ގާތުގައި އެ ވާހަކަ ތައް ކިޔައި ދިނީ ފަޒާލްމެން ގޭގައި ކުރިން މަސައްކަތް ކުރި ނޯކަރެކެވެ. އޭނަގެ ވަޒީފާ ގެއްލިދާނެތީ ބިރުން އަނގަ ހުޅުވައިލަން އޭރު ނުކެރުނީ އެވެ. މިހާރު ލޮޓަރީ ޓިކެޓެއް ލިބިގެން މުއްސަދިވެފައި ވުމާއި އެކުގައި އޭނަ ބިރުގަންނަންވީ އިންސާނެއް ނެތެވެ. ޒީބާ އާއި ދިމާވެގެން އެކި ވާހަކަތައް ދެއްކުމުގެ ތެރޭގައި އޭނަ ސީމާ ދެކެ ނަފްރަތު ކުރާވަރުވެސް ހާމަކޮށްދިނީއެވެ. އަދި ސީމާގެ ނުބައިކަމުގެ ވާހަކަތައް ދައްކަމުން ގޮސް ޒެވިޔަން އާއި ބެހުނު މަންޒަރު ލޮލަށް ފެނުނުކަމަށް ބުނުމުން ޒީބާ މޮޔަނުވީ ކިރިޔާއެވެ. ކިތަންމެ ޒަމާން ކޮށްލާފައި ވެސް އެއީ މަންމައެއްގެ ހިތަށް ކެތްކުރެވޭނެ ފަދަ ވާހަކައެއް ނޫނެވެ. އެއްގޮތަކަށްވެސް އަޑުއަހަން ފަސޭހަ ވާނެ ވާހަކައެއް ނޫނެވެ. ޒީބާ ރުޔެވެ. ޒީބާ މައިމޫންގެ ގާތުގައި އެވާހަކަތައް ދެއްކުމުން މައިމޫން ރުޅިދުރުވެގެން ލޮލުން އަލިފާން ކަނިބުރައިލިހެން ހީވިއެވެ.

"އެވަރު މީހެއް އޭނަގެ ދަރިފުޅު ޒެވިޔާ އާއި ކައިވެނި ކުރުވަން އެވަރު ވީ ކީއްވެތަ؟ ޒެވިޔާ އަދި ރިޔާއަކަށް ވެސް ސީމާ އަކީ ރިޔާގެ މަންމަކަމެއް އޭރަކު ނޭގޭނެ، އެހެންވެ ކަންނޭގޭ އަހަރެން އޭނަ އާއި އިންނަން އުޅުނީމަ ޒެވިޔާ އެހާ ކަޓާފައި ހުރީ، އަހަންނަށް އެނގުނު ޒެވިޔާ ސީމާ ދެކެ ހޭޓްކުރިކަން އެކަމަކު އޭރު ރިއަލައިޒްއެއް ނުވި އެހާވަރަށް ރުޅި އަންނާނީ ކީއްވެގެން ކަމެއް، އެހެން އަހާލާކަށްވެސް ހިތަށް ނޭރީތީ އަހަރެން ހައިރާން ވެއްޖެ، އެދުވަހުވެސް ޒެވިޔާގެ ލޮލުން އަހަންނަށް ހިތްހަމަނުޖެހުމުގެ ކުލަވަރު ފެނުނީ އެހެންވެކަން ޔަގީން، އެކަމަކު އަހަރެމެންގެ ދަރިފުޅު ކިހާ ރަނގަޅު، އޭނަ ހޭޓް ކުރިޔެއް ކަމަކު ޕޭރެންޓުންގެ ކަމަކަށް އިންޓަފިއަރ ނުކުރަންވެގެން އެ ސިކްރެޓް ބޭޒާރު ނުކުރީ، ހަމަ ތެދެއް މިބުނީ، އައި ވިލް ޓޭކް އެކްޝަން އެގެއިންސްޓް ހާރ......" މައިމޫން ވަގުތުން އެތަނުން ނިކުންނެވިއެވެ. ޒީބާ ބުނިހެން އެމީހުންނަށް ފަރުވާ ކުޑަކުރެވުނީ އެވެ. އެކަނި ބަލަހައްޓަން ޖެހެނީ އަންހެންކުދިން ކަމުގެ ކުށް ހީކުރެވުނީއެވެ. ފިރިހެންކުދިންނާއި މެދު ވެސް ހޭލުންތެރިވެވެން ޖެހޭނެއެވެ. 

އަމީން އާއި އަލީނާގެ ޑީއެންއޭ މެޗް ވުމުން އަލީނާއަކަށް އުފަލެއް ނުލިބުނެވެ. އޭނަގެ ބައްޕައަކީ "ވިކްޓިމް" އެއްކަމަށް އެންމެން ނިންމައިގެން ތިއްބަސް ބައްޕަގެ ފަތިފުށްވެސް ރަނގަޅެއް ނޫނެވެ. އަނިޔާ ލިބޭ ގިނަ ޒުވާނުން ފަދައިން ބައްޕަވެސް ކެތްކޮށްގެން ހެއްދެވިފަރާތުގެ މަދަދު ހޯދުމެއްނެތި ޚިޔާރު ކުރީ ނުބައި މަގެވެ. ނަމަވެސް އަލީނާއަށް ލިބުނު އެކަނި އުފަލަކީ އޭނަ ނަހަލާލު ދަރިއަކަށް ނުވިކަމެވެ. މުޖުރިމެއްގެ ދަރިއަކަށްވި ނަމަވެސް އެ ހުތުރުން ސަލާމަތް ވެއްޖެއެވެ. އެކަމަކު އާއިލާ މޮޅުކުރުމަށް އޭނައަށް ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތެވެ. އަމީންގެ ދަރިއަކަށް ވުމުން ކާފައެއް ނެތުމުގެ ކުޑަކުޑަ މައްސަލައެއް ވެސް އުޅެއެވެ. އަލީނާ އުފާނުވި ނަމަވެސް އަމީންގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެވެ. ދަރިން ނުލިބޭ މީހެއްކަން ޔަގީންކޮށްގެން ހުއްޓާ ހެއްދެވި ފަރާތުން އޭނައަށް މިދެއްވީ ދުވަހަކު ނުލިބޭފަދަ އަގުބޮޑު ހަދިޔާއެކެވެ. އެކަމަކު މުޅި އުމުރުގައި ވެސް ލޯބިން އަލީނާ އާއި އަނގައިން ބުނެނުލައި ހުރެވުމުން، ކުއްލި އަކަށް މާ މާތްވެގެން ގޮސް ދަރިފުޅާއޭ ކިޔާފައި ގޮސް ހިފައިގަންނާކަށް ނުކެރުނެވެ. އެންމެ ކުޑަވެގެން ދަރިފުޅާއޭ ކިޔާލާފައި ގޮވައިލަންވެސް ފަސްޖެހުނެވެ. 

އެކަމަކު އޭނަ އަލީނާ އާއި ދޭތެރޭގައި ދެކޭގޮތް ވަގުތުން ބަދަލުވިއެވެ. ހިތުގައި ތަފާތު ޖަޒުބާތުތަކެއް އުފެދުނީ އެކަނި ދަރިއެއްކަން އެނގުނު ހިސާބުން ފެށިގެންނެވެ. އެއީވެސް އަޖައިބެކެވެ. ފިލްމުތަކުގައި ވާހެން އަލީނާއަކީ ދަރިފުޅުކަން ކުރިން އިހުސާސްކުރެވި ގޮތްގޮތްވެފައި ނެތީ އޭނަވެސް އަނދިރީގައި ހިގީމައެވެ. ފާފަތައް ކުރުމާއިގެން އުޅުނު ވަރުންނެވެ. ކޮޓަރީގައި އެކަނިވުމުން އަމީން ސަޖިދައިގައި އޮވެގެން އުފާވެރި ކަމުގެ ކަރުނަ އޮއްސި އެވެ.

އަލީނާ ރަތްކުލައިގެ ޓީޝާޓަކާއި، އައިސް ބްލޫ ޖިންސެއްލައިގެން ހުރިއިރު އެކުޑަ ފްރޭމް އާއި އިންތިހާއަށް ގުޅެއެވެ. އާއްމުކޮށް އެމެރިކާ މީހުންގެ ބިޔަކަމާއި ބަލާއި އިރު އަލީނާ ކުޑަކަމުން މާ ލޯބިވެފައި، ނާޒުކް ގޮތެއް ހުރެއެވެ. އަލީނާގެ އިސްތަށިގަނޑުގައި ހީނާފަތް އެޅުމުން އިސްތަށިގަނޑަށް އަރާފައިވާ ރަތްކުލައިން ވަކިން ރީތިކަމަށް ދައްކައެވެ. އަލީނާ ގަހުން މާ ބިންނަން ހުރި އިރު ހަމަޖެހިލައިގެން ހުރެ ލަވައެއް ކިޔަމުން ދިޔައީ ބާރަކަށެވެ.

"އައި ވިލް ހިއަރ ދެއަރ އެވްރީ ސްޓޯރީ
ޓޭކް ހޯލްޑް އޮފް މައި އެވްރީ ޑްރީމް
ބީ އޭޒް ސްޓްރޯންގް އޭޒް ދަ ސީސް އާރ ސްޓޯމީ...." އަލީނާގެ މާމުއިފަދަ ފޮނި އަޑު ފަޒާގެ ތެރޭގައި އިވެމުން ދިޔައީ ދޫންޏެއް ލަވަކިޔާލާހާ ރީތިކޮށެވެ. ކުއްލިއަކަށް ޒެވިޔަން ފަހަތުން އައިސް އަލީނާގެ ގައިގައި ބައްދާލުމުން އަލީނާއަށް ބޭއިޚުތިޔާރުގައި ހަޅޭއްލަވައި ގަނެވުނެވެ. އަލީނާ ހަދާންވީ އޯޓަމް ބްލޭޒްގެ ގަސްތަކުގެ ތެރޭގައި އުޅެނިކޮށް އެއްދުވަހު ކުޅަދުރެއް ފެނުނީމަ އޭނަ ހަޅޭއްލަވައިގެންފައި ދުއްވައިގަތް ދުވަހެވެ. އަލީނާ އެވާހަކަ ދެއްކުމުން ޒެވިޔަން މާޒީގެ ހަނދާނެއް އާވިއެވެ. އެދުވަހު އަލީނާ މާ ބާރަކަށް ދުވެފައި ދިޔުމުން ވީގޮތެއް ނޭގިގެން އޭނަގެ ހިތުގައި ސުވާލު އުފެދުނެވެ.

"ބޭބީއަށް އެނގޭތަ؟ އެލީ ލަވަ ކިޔާއަޑު އިވިއްޖެއްޔާ ޓޭލަރ ސްވިފްޓްމެން ވެސް ޖޭ ވާނެ، އެމީހުންގެ ކެރިއަރ އެހިސާބުން ނިންމާލަން ބޭނުންވާނެ ކަން ޔަގީން، އެއްވެސް މީހަކަށް އަހަރެންގެ ކުޑަ ކުޑަ އެލީ އާއި ވާދައެއް ނުކުރެވޭނެ، ރިއަލީ ސޯ ބިއުޓިފުލް...." އަލީނާގެ ފަށުވިކޮޅެއްފަދަ މަޑު އިސްތަށިގަނޑުގެ ތެރޭގައި ޒެވިޔަން މޫނު ފޮރުވައިލި އެވެ. ވިކްޓޯރިއާ ސިކްރެޓްގެ "ސޯ ސެކްސީ" ޝޭމްޕޫގެ ލުއި މީރުވަސް ޒެވިޔަންގެ ހިއްސުތަކާއި ކުޅެލިއެވެ. އަލީނާ ގެ ބަނޑުގައި އަޅުވާލައިފައި އަތާއި އަލީނާގެ އަތް ލާމެހިގެން ދިޔައިރު އިރުކޮޅެއް ވާންދެން އަލީނާއަށްވެސް ދެލޯ މަރައިލެވުނީ ޒެވިޔަންގެ ތުންފަތުގެ ބީހިލުމުން ލިބުނު އަރާމަކުންނެވެ. އެ ބާރުގަދަ އަތުގެ ތެރެއަށް ވިރިގެން ދާން ވަގުތުން ބޭނުންވިއެވެ.

ޒެވިޔަން އާއި އަލީނާ ކުދި ސަމާސާ ތަކެއްގައި އިރުކޮޅެއްވެގެން ދިޔައެވެ. ޒެވިޔަން އަލީނާއަށް ބިނދެދިން މަލެއްގައި ކަނާ އަތުން ހިފަހައްޓާލައިގެން ހުރި އިރު ވައަތްތިލަ ހައްޔަރުވެފައި ވަނީ ޒެވިޔަންގެ އަތުތެރޭގައެވެ. ދެމަފިރިން އެކިވާހަކަ ދައްކަމުން، ގަސްތަކުގެ ތެރޭގައި ހިނގާލަން ގޮސްފައި މަޑުކޮށްލީ ކްރެބްއެޕްލް ގަސްކައިރީ ގައެވެ. އެގަހުގައި ފޮޅިފައިވާ އެތައް ސަތޭކަ މާތަކުން ފަޒާވަނީ ހުވަދުލާފައެވެ. ދުރުދުރަށް ދާންދެން ދޫލައެއް ފެތުރިފައިވާ އެމެރަލްޑް ފެހި ވިނަގަނޑާއި، އެތައް ގަސްތަކުގެ ސަބަބުން ބަގީޗާ ފެހިކޮށްލާފައި ވެއެވެ. އެތަންމިތާގައި ފޮޅިފައިވާ ކުލަކުލައިގެ މާތަކުގެ އޮއިވަރުގެ ސަބަބުން އެ ފެހިކަމުގެ ތެރެއިން އެކި ކުލަކުލައިގެ ޖަވާހިރުތައް ވިދާހެން ހީވެއެވެ. ބަލާ ފޫހިނުވާހާ ރީތި މަންޒަރެކެވެ.

އަލީނާގެ ރީތި ހުނުމާއި ފަރިއަދާތަކުގެ ޖާދޫގައި ޖެހިގެން ފޮޓޯނެގުމުގައި އަވަދިނެތި އުޅެނިކޮށް އައި މެސެޖަކުން ޒެވިޔަންގެ މޫޑު ވަގުތުން ޚަރާބު ވެއްޖެއެވެ. އަލީނާގެ މޫނުގައިވާ ހިނިތުންވުންވެސް ފަނޑުވެގެން ދިޔައީ ފީރޯޒް އުޑުގައިވާ އިރުގެ މައްޗަށް ވިލާކޮޅެއް އެޅި އިރުގެ އަލި ފަނޑުވެގެންދާ ފަދައިންނެވެ.

"ކާކުގެ ތަ؟" އަލީނާ ކަންބޮޑުވެފައި ހުރެ ސުވާލު ކޮށްލި އެވެ.

"ރިޔާ ޓެކްސްޓް ކޮށްލީ އެކަނި ވަރިވާން ބޭނުންކަމަށް ބުނެ، ރިޔާ އެހާ ބޮޑު ސްޓެޕެއް ނަގަން ބޭނުންވި ސަބަބެއް އަހަންނަށް ނޭގެނީ......" ޒެވިޔަން ލާފައި ހުރި ކަޅުކުލައިގެ ޖިންސްގެ ޖީބަށް އަތްތިލަ ޖަހައިލަމުން މާ ދުރަށް ބަލަހައްޓައިގެން ހުރި އިރު އޭނަ ވިސްނަމުން ދިޔައީ ކޮންޗެއްކަމެއްވެސް ނޭގެއެވެ. އެއީ ޔަގީނުންވެސް ޒެވިޔަންއަށް އަޅަން ފަސޭހަ ފިޔަވަޅަކަށް ނުވާނެކަން އަލީނާއަށް އެގުނެވެ. އަދި ޒެވިޔަންއަށް އެކަމުން ލިބޭނެ އުފަލެއްވެސް ނީންނާނެއެވެ. އެމީހުންގެ ދިރިއުޅުމުން ރިޔާ ނެރެ އެއްލާލައިފިއްޔާ އެ ހުސްތަން ދުވަހަކުވެސް ފޫނުބެއްދޭނެ އެވެ. 

"ވަޓްޓް؟ ކީއްވެ ރިޔާ އެހެން ބުނީ؟ އެއީ އެހާ ފަސޭހަ ކަމެއްތަ؟ އަނެއްކާ ރިޔާގެ ބޯއިފްރެންޑެއް ހުރީބާ......" އަލީނާގެ ސިކުނޑީގައި އެނބުރިގަތް ސުވާލުތައް ޒެވިޔަންގެ ގާތުގައި ހާމަނުކޮށެއް ނުހުރެވުނެވެ.

"އައި ހޭވް ނަތިން ޓު ސޭ......" ޒެވިޔަން ހުރީ ކުޑަކޮށް ބުމަގޮށްޖަހާލައި ގެންނެވެ. އެ ކަނޑެއްފަދަ ލޮލުން އިތުރު ޝުއޫރުތަކެއް ފާޅުވިޔަނުދޭން މަސައްކަތް ކުރާފަދައެވެ.

"ޒާވް، ކުޑަކުޑަ އައިޑިއާއެއް ވެސް އޮންނަން ވާނެ އެއްނު، ރިޔާ އެހާ ލޯބިވާއިރު ކަމަކާއި ނުލައި އެހެން ހުރެފައި ވަރިއަކަށް ނޭދޭނެ......" އަލީނާ ޒެވިޔަންގެ އަތުގައި ބައްދައިލި ވަގުތު އޭނަ ލައިގެން ހުރި ޓީޝާޓުގައި މޫނު ޖެހިލުމުން އެ ފެބްރިކްގެ އޮމާންކަންވެސް ހީވަނީ ޒެވިޔަންގެ ހަމާއި ވާދަކުރާހެންނެވެ.

"ވެދާނެ އެކަމުގައި އޭނަގެ މަންމަގެ އަތެއް ވަނީކަމަށް، އައި ހޭޓް ދެޓް ބިޗް، އެ ބިޗް ރިޔާއަށް ވަސްވާސް ދެނީ ކަމަށް ވާނީ، އެހެންނޫންނަމަ ރިޔާ އަކީ ގޯސްކުއްޖެއް ނޫން، ބައެއްފަހަރު ރުޅިގަދަވިޔަސް ޝީޒް ނައިސް، އެކަމަކު ސީމާގެ ނުފޫޒު ބޮޑުކަމުން ރިޔާ އެހާވަރަށް އަހަރެން ބުނާގޮތަށް ނަހަދާ ކޮންމެ ކަމަކާއި ދެކޮޅުވަނީ، އަދި ކިރިޔާ މިއެގުނީ، އެނޫން މީހަކަށް އަހަރެން ބްލޭމެއް ނުކުރާނަން......" ޒެވިޔަންގެ ޚިޔާލަށް ކުއްލިއަކަށް ސީމާގެ ތަސްވީރު ވެރިވެގެން ދިޔުމުން ޒެވިޔަންގެ ލޭ ހޫނުވެލައިފިއެވެ. ސީމާގެ ވަކިދަށުން އޭނަގެ އަންހެނުން ސަލާމަތް ކުރަން އެހާ ބޭނުންވި ވަގުތެއް އައިކަމެއް ނޭގެއެވެ. ރިޔާގެ ސިކުނޑި ދޮއްވައި، ފާޑުފާޑުގެ ވަސްވާސްދޭން ޝައިތާނަކަށް ވެގެން ބޮލަށް އެރެވިގެން އިންނަ އަންހެނާ ޔަގީނުންވެސް ޝައިތާނަކަށް ދޫ ނުކުރެއެވެ. މަޔަކަށް ވެހުރެ ރަނގަޅު މަގު ދެއްކުމުގެ ބަދަލުގައި ދެނީ ނުބައި ފިލާވަޅުތަކެވެ. އަދިވެސް ހޭ އަރަން ނުވަނީ ކަންނޭގެ އެވެ.

ދާވިޝް ގޭގެ ފަހަތު ފެންޑާގައި ވާ ސޯފާއެއްގައި އެ ކަސްރަތީ ހަށިގަނޑު ދަމާލައިގެން އޮވެ ބަނޑުމަތީގައި ވާ ލެޕްއިން ބަލަން އިނީ "ހޮޓެލް ޓްރާންސިލްވޭނިއާ" ކިޔާ ކާޓޫނެކެވެ. އެކަނިމާ އެކަނި އިނަސް ބައެއްފަހަރު ކުޑަކުއްޖެއްހެން ހީނގަނެވެއެވެ. ބައެއްފަހަރު ކަންނެތް ގޮތަކަށް އަތްދަމާލާފައި ކައިރީގައި ހުރި މޭޒުމަތިން ކުކީޒްއެއް ނަގައި އަނގަޔަށް ލައެވެ. ނޫނީ ކޮފީ ގެ ކޯވަރެއް ބޯލައެވެ. ދާވިޝް އޮތް ހިސާބުގައިވާ ފެހިކަން ގަދަ ގަސްތަކުގައި ތަފާތު ކުލަކުލައިގެ މާތައް ފޮޅިފައިވާއިރު ހީވަނީ ކުރެހުންތެރިއެއްގެ މޮޅު ކުރެހުމެއް ހެންނެވެ. ވައިރޯޅިތަކުގައި ހިފާލާފައި ވަނީ ލެވެންޑަރ ފަދަ މާތަކުގެ ލުއި މީރުވަހެވެ.

"ދާވިޝް އަދިވެސް ބޮޑެއްނުވޭ ދޯ، ކާޓޫނު ބަލަން އޮތީމަ ޒެވިޔާމެން ކުޑައިރުގެ ހަދާންތައް އާވަނީ، އޭރު އާޗް އާއި ޒެވިޔާވެސް ޓޮމް އެންޑް ޖެރީ ބަލަބަލާފައި އެގޮތަށް ދެކުދިން އެކަކު އަނެކަކަށް ލަނޑު ދެމުން އުޅޭނެ. އެ ކުދިންގެ ޗައިލްޑްހުޑް މެމަރީސް ތައް ކޮންފަދަ ސްވީޓް......" ޒީބާ އާއި މައިމޫން އެކީގައި ހިނގާލައިފައި އެތަނަށް އައިގޮތަށް ޒީބާ ދާވިޝް އާއި ދިމާލަށް ބަލައިލަމުން ބުނެލައިފި އެވެ.

"އެހެންވެ އަހަރެން ބުނީ ކާޓޫނަކީވެސް ކުޑަކުދިންނަށް ނުބައި ނުފޫޒު ފޯރުވާ އެއްޗެކޭ...." މައިމޫން ދާވިޝްގެ ފަށުވި، ބޯ އިސްތަށިގަނޑު ހާވާލީ ލޯބިންނެވެ. ދާވިޝް ވެސް ހީލާފައި ބަލައިލި އެވެ.

"އޮފްކޯޒް އަންކަލް، އެހެންވީމަ ބިގް ބޯއިސްއިން ބަލައިލަން ރަނގަޅު ވާނެ ކަންނޭގޭ، މިއީ އަންކަލް މެންވެސް ބައްލަވަން ރަނގަޅު ކާޓޫނެއް، ވަރަށް އިންޓެރެސްޓިން، ބުނާނީ ހަމަ އެ މަސްޓް ސީ އެކޭ........" ދާވިޝް ގެ އޭލިއަންވެއަރ ލެޕްޓޮޕް ސްލީޕަށް ލާފައި ތެދުވެ އިށީންއިރު އެ ރީތި ދެލޮލުގައި ލާނެތްކަމެއް ވިއެވެ. ނަމަވެސް އޭނަ އަބަދުވެސް މައިމޫންއަށް އިހުތިރާމް ކުރާތީ އެހާ ސަކަރާތެއް ޖަހާކަށް ނޫޅުނެވެ. މައިމޫންމެން އެކި ވާހަކަތައް ދައްކަމުން ދިޔުމުގައި ދާވިޝް މައިމޫންމެންނަށް އާ ޚަބަރެއްވެސް ދިނެވެ. ދާވިޝް އަމިއްލަ ގެއަށް ބަދަލުވާން ބޭނުންވީއެވެ. މައިމޫން އަކީ ބޮޑުބޭބެއަށް ވީތީ ކިތަންމެ ދުވަހެއް ވާންދެން މައިމޫންގެ ހިޔާވަހިކަމުގައި ހުރެވިއްޖެއެވެ. ނަމަވެސް އަމިއްލަ ފައިމައްޗަށް ތެދުވުމަކީ ކޮންމެ ފިރިހެނަކުވެސް ވަކި ހިސާބަކުން ފެށިގެން ކުރަން ޖެހޭނެ ކަމަކަށް ވާތީ މިއަދު ދާވިޝްއަށް ވެސް ފެނުނު އެންމެ ރަނގަޅު ގޮތަކީ އެއީއެވެ. މައިމޫން ދާވިޝް ހަރުދަނާ ޒުވާނަކަށް ބަދަލުވުމުގެ ކުލަވަރު ފެންނަން ފެށުމުން އުފާވީ އިންތިހާއަށެވެ. ހުރިހާ ހެޔޮ ދުޢާތައް ވަނީ އޭނަ އާއި އެކީގައިކަމަށް މައިމޫން ބުނުއްވިއެވެ.

ސީމާ އާއި އެކީގައި ރަނގަޅު ހަޔާތެއް ވޭތުކުރަން އަމީން ބޭނުންވެ، އެކަމަށް އެދުމުން ސީމާ ދެކޮޅުހެދިއެވެ. ސީމާ އަމީންގެ ފަރާތުން ބޭނުންވަނީ އެންމެ އެއްޗެއްކަމަށް ސީމާ ތަކުރާރުކޮށް ބުންޏެވެ. އެއީ ވަރިއެވެ. އަމީން އެކަން ކޮށްދިނެވެ. ސީމާ މިނިވަން ވުމުންވެސް ހިތަކަށް މާބޮޑު އުފަލެއް ނުލިބުނެވެ. އޭނަ ފޭސްބުކް ހުޅުވާލުމާއިއެކު އެކި ރަހުމަތްތެރިން އުޅެމުންދާ އުފާވެރި ދިރިއުޅުން ފެނިފައި ހިތަށް ލިބުނީ އިތުރު ވޭނެކެވެ. އެހެންމީހުންގެ އުފާވެރިކަމުން ސީމާގެ ހިތުގައިވާ ހަސަދަވެރިކަމުގެ ހުޅުކޮޅު ބޮޑުވެ، ތަގުދީރާއި ޝަކުވާ ކުރެވެން ފެށުނެވެ. އެކަމަކު އެހެން ރަހުމަތްތެރިން ކައިރީގައި ސަލާމް ޖަހައިގެން ލާރި ހޯދުމުގެ ބޭނުމެއް އޭނައަކަށް ނުޖެހޭނެއެވެ. އޭނަގެ ދަރިންގެ އަތުގައި ލާރި އެބަހުއްޓެވެ. މައިމޫން ގެ އާއިލާގެ ގެއަކަށް ވަދެނުލާންވެސް ސީމާ ނިންމިއެވެ. އަމިއްލައަށް ކުށް ކޮށްފައިވާއިރުވެސް ސީމާގެ ގާތުގައި ކުށްވެރިވެފައި ވަނީ އެހެންމީހުންނެވެ. ސީމާ ދެކޭގޮތުގައި އޭނަ ހާލުގައި ޖެހުނު ދުވަހު އެހެން މީހުންގެ އެހީތެރިކަމެއް ނުލިބުނީއެވެ. އެންމެންވެސް އޭނަ ނިކަމެތިކޮށްލީއެވެ. އަމީންގެ ވަކިތަކުގެ ދަށުން ސަލާމަތް ކުރަން އެކަކުވެސް އެހީ ނުވީއެވެ.

ސީމާ ރިޔާއަށް ގުޅަން މަސައްކަތް ކޮށްކޮށްފައި، ފޯނު ނުނެގުމުން ދާވިޝްއަށް ގުޅާފައި ރޯން ފެށިއެވެ. ދާވިޝްގެ ހިތަށް އަސަރުކުރި ނަމަވެސް އަމީންގެ ފަރާތުން މަންމަ ސަލާމަތްވި ޚަބަރު ލިބުމުން އުފާވެސްވިއެވެ. އަދި މަންމަ އެމެރިކާއަށް އަންނަން ޓިކެޓް ނަގައިދޭން އެކުވެރިއަކާއި ހަވާލުކުރިއެވެ. މަންމަ ގެ އެކައުންޓަށް މާ ގިނަ ލާރިތަކެއް ލާން އަދިވެސް ދާވިޝް ޖެހިލުންވެއެވެ. އަމީންގެ ނުބައި ރޭވުމެއް އޮވެދާނެ ކަމަށް ވިސްނާލާފައި ދާވިޝް ހުރީ ސަލާމަތީ ފިޔަވަޅު އަޅާފައެވެ.

ސީމާގެ އެކައުންޓަށް ދާވިޝް ޖަމާކުރި ފައިސާ ކިތަންމެ މަދު ނަމަވެސް އޭނައަށް ހޮޓަލެއްގައި ހުރުމާއި، މީރުކޮށް ކާނެ އިންތިޒާމު ހަމަޖެއްސުނެވެ. އަދި ބްރިޓިޝް އެއަރވޭސް އިން އެމެރިކާއަށް ދާން ޓިކެޓް ލިބުނެވެ. އެވަރުން ސީމާ ހުރީ ހިތްހަމަޖެހިފައެވެ. ރިޔާއަށް އެތައްފަހަރު ގުޅުމަށްފަހު ޚަބަރެއް ނުވުމުން ސީމާ ދިޔައީ ބިއުޓީސެލޫން އަކަށެވެ. އަމީންގެ ސަބަބުން ހަށިގަނޑުގެ ރީތިކަން ގެއްލިފައިވުމުގެ ސަބަބުން އޭނަ ހުރީ ކުރީގެ ރީތިކަން އިއާދަކުރަން ބޭނުންވެފައެވެ. އިސްތަށިގަނޑުގައިވާ ނުރަތައް ފޮރުވަން ޑައިކުރުވުމަށްފަހު، ލެޔަރސްކޮށް އިސްތަށިގަނޑު ކޮށުވާލައިފިއެވެ. އަދި ފޭޝަލް ހަދައި، މޭކަޕްކޮށްލައިގެން ނިކުތީ ބާޒާރުކޮށްލުމަށެވެ. މިހުރިހާ ދުވަހު ލައިގެން އުޅުނު ކަޅު ހެދުން ބާލާފައި، ތަންކޮޅެއް ބާރު ޓީޝާޓަކާއި، އެއްޗެހި ލައިގެން ތައްޔާރުވެލުމުން އޭނަ ހީވަނީ ރިޔާގެ އުމުރުގެ ކުއްޖެއް ހެންނެވެ. މިއިން ދުވަހަކުވެސް ހިތްހަމަޖެހުން ނުލިބޭވަރަށް ސީމާ ހުރީ އުފާވެފައެވެ.

ސީމާ ކެއުމަށް އޯޑަރު ދިނުމަށްފަހު ޓީވީ ޗެނަލްތަކާއި ކުޅެން އިންއިރު ތުންފަތްމަތީގައި ކުޅެލަ ކުޅެލާ ހުރީ ހިނިތުންވުމެކެވެ. ދެން އޭނަ ކައިވެނި ކުރާނީ އަނެއްކާވެސް އެމެރިކާގެ މުއްސަދި މީހަކާއިއެވެ. މިފަހަރު އޭނަ ހުރިހާ ގޮތަކުން ވިސްނާނެއެވެ. އެކަނި ރީތިކަމަށް ބަލައިގެން މީހަކާއި އިނުމަށްވުރެ މީހާގެ އަޚުލާގާއި، އުޅުމަށް އިސްކަންދޭނެއެވެ. އެކަމަކު މުއްސަދި މީހަކަށް ވާންޖެހޭނެއެވެ. އެ ޝަރުތު ފުރިހަމަނުވަންޏާ އެމީހަކަށް އޭނަގެ ހަޔާތުން ޖާގައެއް ނުލިބޭނެއެވެ.

ސީމާ އުފާވެރި ޚިޔާލުތަކެއްގައި އިންދާ ކުއްލިއަކަށް ގަދަޔަށް ކެއްސާން ފެށިއެވެ. މިހާރަކަށް އައިސް އުދަގޫ ދެނިވި ކެއްސުމެއްގެ ހުންނާތީ ސީމާ ކިތަންމެ ފަހަރަކު ބެނަޑްރިލް ފަދަ ބޭސް ބޮއިފިއެވެ. ލުޔެއް ނުލިބެއެވެ. ކެއްސަން ފަށައިފިއްޔާ ނޭވާ ހުސްވެދާން އުޅޭހެންވެސް ހީވެއެވެ. މާލެއިން ދެއްކި ޑޮކްޓަރު ބުނީ އެލާޖީއެއް ކަމަށެވެ. މާލޭގެ މާހައުލާއި ނުގުޅެނީއެވެ. ނޫނީ އަމީން ސިގްރެޓް ބުއިމުގެ ސަބަބުން އޭނަގެ ފުއްޕާމެޔަށްވެސް އޭގެ އަސަރު ކުރީއެވެ. ސީމާއަށް އެނގެނީ އެއީ މިފަހަކަށްއައިސް އޭނައަށް އުދަގޫކުރާ މައްސަލަ އަކަށްވެފައި، ބަރުދަން ލުއިވާކަމެވެ.

ކޮންމެވެސް މީހަކު ދޮރުގައި ޓަކިދޭން ފެށުމުން ސީމާ ތެދުވުނު އިރު އޭނަގެ ފައި ރޫރޫ އަޅަންފެށިއެވެ. ނޫނީ ފައިގައި ވަރެއްނެތީ ހެއްޔެވެ؟ އޭނައަށް ނޭގި ނަމަވެސް ހަށިގަނޑުގައި ބައްޔެއް ހުރީ ބާވައެވެ. ސީމާ ފުންނޭވަޔެއް ދޫކޮށްލަމުން ސިކުނޑީގައިވާ އުދާސްތައް ބޭރުކޮށްލަމުން ގޮސް ޕީޕްހޯލުން ބަލާލައިފި އެވެ. އެއީ ކާކުކަން ޔަގީންނުކޮށް ދޮރު ހުޅުވައިލަން އޭނައަށް ލާހިކެއް ނޫނެވެ. 

ކޮމެންޓް 0