ސާބަހޭ ޒީބް، މިއީ ސަމަރ ހޮލިޑޭ އެއްނު ޒީބް، އަހަރެމެންނާއި ދިމާވެގެން މިއުޅޭ ލިޓްލް ޖިންކްސް އާއި ހެދި އެވަރުވެސް ހަނދާންވާ ވަރެއްތަ؟" ސީމާ ހިނިގަނޑެއް ޖަހާލައިފިއެވެ. ޒީބާ އޭނަގެ ސޮޑާގައި އަތްވެސް ޖައްސައި ނުލައެވެ. އޭނަ އިނީ އިންތިހާއަށް ފިކުރު ބޮޑުވެފައެވެ. ޒެވިޔަން ރުޅިއަރުވައި ނުލައި، ދަރިފުޅު ނައްތާލާނެ މަގެއް ކޮށައިލުމުގައި ސިކުނޑި އަވަދިނެތި މަސައްކަތް ކުރަނީއެވެ.

"އުމުރުގައި ވެސް މިހާ މޮޔަކަމެއް ނުކުރެވޭ، ލަދުން މަރުވާވަރު ވާވަރު ކަމަކާއި ޖެހިފައި މިއޮތީ، މައިމޫންވެސް އަހަރެމެންނާއި އެކީ އެއް މޭޒެއްގައި ކާން ގެންނަން ކިޔުއްވައިފި، ރިޔާ އެކަމާއި ރިފިއުޒް ކޮށްގެން އުޅެގަތުމުން ޒެވިޔާ އޭނަގެ ބައްޕަ ކައިރީ ބުނެފި އަދި އަލީނާ ލަދުގަންނާނެއޭ މަޑުމަޑުން ގޮސް ފެމިލީއަށް އިންޓްރޮޑިއުސް ވީމަ ހަމަޖެހިދާނެއޭ، އޭރުން އެކީގައި ކާންވެސް އަންނާނެޔޭ، ޒެވިޔާވެސް ހާދަ މޮޔައޭ، ދުވަހަކުވެސް އެކުއްޖާ އަހަރެމެންގެ ފެމިލީ މީހަކަށްވެ، ނޯމަލްކޮށް އުޅެވިދާނެ ދުވަހެއް އިމޭޖިންއެއް ނުކުރެވޭ، އެކަން ވެއްޖެއްޔާ ހަތްކަނޑުވެސް ހިކޭނެ، މަގޭ ދަރިފުޅަށް ކޮންފަދަ ސިހުރެއް ހަދައިގެން ތަ އެ އުޅެނީ.... ޒެވިޔާ ނޫން ފިރިހެނަކު އޭނައަށް މިދުނިޔެއިން ނުފެނުނީތަ؟ ދާވިޝް ހުސްހަށިބަޔަށް ހުރިކުއްޖާވީމަ އަލީނާވެސް އޭނަ އާއި އަޅައިގަތް ނަމަ...." ޒީބާ އެހެން ބުނުމުން ސީމާ އަނގަޔަށް ހަދައިލި ގޮތުން ހީވީ ހިތި ބޭހެއް ބޮވުނު ހެންނެވެ.

"ދާވިޝް އާއި ދިމާލަށް އެ މަންޖެ ލޮލުގެ ހިމަކޮޅުން ބަލައިލިޔަސް މަ އޭނަ އުލު ބައިންދާނަން، އަހަރެންގެ ދަރިފުޅު އެ ކުޑަ މާކަނަ އާއި ހެދި ނޫޅޭނެ ކަމަށް މަ ހުވާވެސް ކޮށްފާނެ، މަގޭދަރިންވެސް ނިކަން ހިތް މޮޅުވާނެ، އެނގޭނެ އެހެން ތަނަކުން ފެންނަ އަގެއްނެތް އެއްޗެހި ހޮވައިގެން ކަމަކު ނުދާނެކަން، އަހަރެން ހުންނަނީ އެކުދިންނަށް ޖަވާހިރާއި، ހިލަ ވަކިކުރަން ދަސްކޮށްދީފައި...." ސީމާގެ ދަރިފުޅާއި އަޅުވާ ކިޔައިލި ކަމަށްޓަކައިވެސް ސީމާ އަލިފާންވިތަން ފެނުމުން ޒީބާ ބާރަކަށް ހޭންފެށިއެވެ. ދާވިޝް އާއި އަލީނާ ގުޅުނުނަމަ ޔަގީނުންވެސް ޒީބާގެ ބޮލަށް މިހާ ބާރު ނުކުރީހެވެ. އަމިއްލަ ދަރިފުޅު އެއްހާ ދަށު ދަރަޖައަކަށް ވެއްޓި ގަންނަތަން ދެކެން އޭނައަށް ކުޅަދާނަވާނީ ކިހިނެއް ހެއްޔެވެ؟ ދެރައީ ސީމާ ފަދައިން ދަރިންނަށް ރަނގަޅު، ނުބައި ވަކިކޮށް ނުދެވުނު ކަމެވެ. އޭނަ ގެ ޒެވިޔަންއަށްވެސް ރީތި ހިލަކޮޅެއް ފެނުނީމަ އަލިމަހެއް ކަމަށް ހީކުރެވުނު ކަމެވެ. އޭނަ އަލީނާ އާއި ދިމާލަށް އެއްޗެހި ކިޔައި ގަތުމުން ސީމާވެސް ބައިވެރިވިއެވެ. ދެމީހުން ނުރުހުންވެފައި ތިބެ އަލީނާ އެމީހުންގެ ދިރިއުޅުމުން އެއްފަރާތް ކޮށްލާނެ ގޮތެއް ރާވަމުން ދިޔައެވެ.

ކުއްލި އަކަށް ގަސްތަކުގެ ތެރެއިން ޗޭސް ނިކުތް ގޮތަށް އަޑެއްލައްވާފައި، ސީމާގެ ފަޔާއި ދިމާލަށް ދުއްވައިގަތެވެ. ޒީބާ މޭޒުމައްޗަށް އަރާއިރަށް ސީމާ އެހާ ހަލުވިކޮށް ގޮސް މޭޕްލް ގަހުގެ ގޮތްޕަކަށް އެރިއިރު ސީމާގެ މޫނު ހީވަނީ ކަފަކޮޅެއް ހެންނެވެ. ޗޭސްއަށް ސީމާ ގަހަށް އަރާއިންދާ ފެނުމުން އެސޮރު ވެސް އަރަން ވެގެން ދިމާކޮށްލައިފިއެވެ. ސީމާ ހުރީ ހަޅޭއްލަވައި ގަންނަންވެސް ނޭގި އަނގަމަތީގައި އަތްއެޅި ގޮތަށެވެ. މަންމަމެންގެ ހާލުފެނުމުން އާއިޒު އައިގޮތަށް ޗޭސް އުރާލައިފައި ދެތިން ބޮނޑި އެޅިއެވެ. "ނޯޓީ ބޯއި" އާއިޒު ހުރީ ހުނުން ހިފަހައްޓާލައި ގެންނެވެ.

"ދަރިފުޅާ، ޖިލް ކިތަންމެ ވަރަކަށް ތި ބުޅާގަނޑާއި ހެދި އުޅުނަސް މިއަދު ތިގެން ގޮސް ލާފައި އާދޭ، އެހެންނޫނަސް ޕްރެގްނެންސީ ދުވަސްވަރު ތިކަހަލަ އެއްޗެއްސާއިއެކު އުޅުމަކީ ރަނގަޅު ކަމެއްނޫނޭ ދަރިފުޅާ..." އާއިޒު ހުރުމުން ރައްކާތެރިކަން އިހުސާސް ކުރެވި ޒީބާ މޭޒުމަތިން ފައިބައިފިއެވެ. އޭރުވެސް ސީމާ އިނީ ގޮފިގަނޑު މަތީގައި ދެލޯ ބޮޑުކޮށްލައި ގެންނެވެ. އާއިޒު ޗޭސް ގެންގޮސް ކޮށްޓަށްލާފައި އައީ އޭނަގެ މައިދައިތަ ގަހުން ބޭލުމަށް އެހީތެރި ވުމަށެވެ. ސީމާ ބިންމަތީގައި ފައިޖެހުމާއިއެކު ފައިގައި އޮތް ކެވެލި ކޮޅުތައްވެސް ނަގައިފިއެވެ. ކޮންމެފަހަރަކު ޗޭސް އޭނަ ފަހައިގަންނަނީ ފައިގައި ވާ އެއްޗެހި ފެނުނީމަ ކަން ސީމާއަށް ޔަގީންވިއެވެ. އާއިޒު އެގެއިން ޗޭސް ގެންދިޔައިމަ ސީމާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ނަމަވެސް އޭނަ ހުރީ އާއިޒުއަށް އެމީހުން ދެއްކި ވާހަކަތަކުން ބަޔެއް އިވުނު ކަމާއިމެދު ޝައްކެއް ވެފައެވެ.

ރިޔާ އާއި ދާވިޝް އެގޭގެ އެއްފަރާތުގައި ވާ ހަނިމަގުން ޖޮގް ކުރަމުން ދިޔައެވެ. ހޫނު މޫސުމްގެ ސަބަބުން ފިނިކަން ކުޑަވެ، ހުރިހާ ދިމާލަކުން ފެންނަނީ ފެހިކަމާއި އާރޯކަމެވެ. އެކުދިން ޖޮގްކޮށްފައި ދިޔަ ހަނިމަގުގެ ދެފަރާތުގައި ވާ ފެހި ވިނަގަނޑު ވަނީ އެއްވަރަކަށް ކޮށާލެވިފައެވެ. ރިޔާ ކުޑަތަން ކޮޅަކަށް ދުވެލާފައި މޭމަތީގައި އަތްއެޅި އިރު ރަނގަޅަށް ވެސް ވަރުބަލިވެ، ނޭވާލާން އުދަގޫވާފަދަ ގޮތެއްވެއްޖެއެވެ. ރިޔާ ކަކުލުގައި އަތްއަޅައިގެން ގުދުވެއޮވެ އޮކްސިޖަން ކޮޅަކަށް ބޭނުންވާފަދަ ގޮތަކަށް ފުންނޭވާ ތަކެއްލާން ފެށިއެވެ. ދާވިޝް ވެސް އެނބުރި ބަލައިލާފައި ރިޔާއަށް އެހީވުމަށް އައެވެ.

"ވަޓް ހެޕެންޑް ސްވީޓްހާޓް...." ދާވިޝް އައިގޮތަށް ރިޔާގެ ގައިގައި ހިފެހެއްޓިއެވެ.

"ކިރިޔާ ބްލެކްއައުޓް ނުވީ، ފަލަވާން ފެށީމަ ހުރިހާ ޕްރޮބްލެމްސްތައް ދިމާވާން ފެށީ ކަންނޭގޭ، އެހެންނޫނަސް އެހާ ބޮޑަށް ޓެންޝަން ހުރޭ، ކިހާ ދެރަވާނެ އަހަރެން އެންމެ ލޯބިވާ މީހާ އެހެން މީހަކާއި ޝެއަރ ކުރަން ވީމަ، އަހަންނަށް އެނގޭ ޒެވިޔާ ރަނގަޅުކަން، ބޫއަށް އެނގޭތަ؟ އަހަރެން ކިތަންމެ ވަރަށް ޒެވިޔާގެ ގައިގައި ތެޅިޔަސް ދުވަހަކުވެސް އަހަރެންނަށް އަނިޔާއެއް ނުކުރޭ، އަހަރެން ޒެވިޔާ ބުނާގޮތަށް ހެދިނަމަ މިދުވަސް ދެކޭކަށް ނުޖެހުނީސް، ހާދަ ދެރަވެޔޭ، ޕްލީޒް ހެލްޕް މީ ބޫ....." ރިޔާ ކުއްލި އަކަށް ދާވިޝްގެ ޓީޝާޓުގައި މޫނު ފޮރުވާލައިފިއެވެ. ދާވިޝް ރިޔާގެ ބުރަކަށީގައި ފިރުމައިލީ އޯގާތެރި ކަމާއި އެކުގައެވެ. 

"ޑޯންޓް ވޮރީ ލަވް، ހުރިހާކަމެއް ރަނގަޅު ވާނެ، އެކަމަކު ޒެވިޔާ ގާތު ކިޔައިދީބަލަ، ހީޒް އެ ޑޮކްޓަރ އެހެންވީމަ ހާޓް ޕްރޮބްލެމް އެއް ހުރެއްޖެއްޔާ އޭނައަށް އެނގޭނެ، އަނހާ، އެއުޅެނީ އަލީނާ.... އޭނަ ވެސް ޖޮގްކުރަނީތަ؟" ދާވިޝް އަށް ތަންކޮޅެއް ދުރުން އަލީނާ ފެނުމާއިއެކު ބަލަހައްޓައިގެން ހުރެވުނެވެ. އެހާ ދުރުންވެސް އަލީނާ ހީވަނީ ގަސްތަކުގެ ތެރޭގައިވާ ކުޑަ ޕަރީއެއް ހެންނެވެ. ނަމަވެސް މިނިޓް ކޮޅެއްގެ ފަހުން އަލީނާ ގަސްތަކާއި ނިވާވެލައިފިއެވެ. ދާވިޝް ބޯއަރި ކޮށްލާފައިވެސް އަލީނާގެ ހިލަމެއްވޭތޯ ހޯދިއެވެ. ދާވިޝް ޒެވިޔަންގެ ނަސީބާއި މެދު ހައިރާންވިއެވެ. އޭނައަށް ކުރިން އަލީނާ ފާހަގަ ނުކުރެވުނީ ކީއްވެބާވައެވެ. 

"އެ ވިޗް އަހަރެންގެ ހެޕިނެސް ޖަހައިގެންފި..." ރިޔާ ކުއްލިއަކަށް ރުޅިގަދަވެފައި އެތާ ހުރި ގަހެއްގެ ގޮފިގަނޑެއް ހަލުވައިގަތެވެ. ވިނަގަނޑުގައިވެސް ފައިން ޖަހައިފިއެވެ. އެ ނުލަފާ އަންހެނާ އޭނަގެ އުފާވެރި ހަޔާތުގައި ހުޅުޖަހައިފިއެވެ. ރިޔާ ފިނިކުރަން ވެގެން އެއްޗެކޭ ދާވިޝްއަށް ބުނެވުނީތީ ދާވިޝްގެ އަތުގައިވެސް ދަތްއަޅާލައިފައި ބާރަކަށް މާޗްކޮށްލާފައި ގެއާއި ދިމާލަށް ހިނގައިގަތުމުން ދާވިޝް ޒެވިޔަންއަށް ގުޅިއެވެ. ރިޔާ އާއި އަޅާނުލާކަމަށް ވަންޏާ ނަފްސާނީ ބަލިމީހަކަށް ވެގެން ހިނގައިދާނެ ކަމަށްވެސް ބުނެލިއެވެ. ދާވިޝް ގަހަށް ލެނގިލައިގެން ހުރިއިރު އޭނަގެ ޚިޔާލުގައި ވަނީ އެންމެ ނަމެކެވެ.

ރިޔާ މެން މިއަދު މައިމޫންގެ އެކުވެރިއެއްގެ ދަރިފުޅުގެ ކައިވެންޏަކަށް ދާން ތައްޔާރު ވަމުންދިޔައެވެ. ރިޔާ ރަތްހެދުމެއް ލުމުން ޒެވިޔަން ޒިބުއަޅުވާލަ ދިނެވެ. ކަންފަތުގައި ލާއެތި ހަރުކޮށްލަދިނެވެ. ރަތްކުލައިގެ ރޫބީގެ ގަހަނާ ތަކުން ތައްޔާރުވެލައިގެން ހުރިއިރު ރިޔާ ހީވަނީ ހޫރެއް ހެންނެވެ. ކުޑަ ކުޑަމޭކަޕެއް ކޮށްލުމުންވެސް ތުންފަތް ރަތް ލޭކޮޅެއްހެންވެ، ލިޕްބާމްގެ ސަބަބުން ތުންފަތުގެ މަޑުކަމާއި، ތެތްކަން އިތުރުވިއެވެ.

"ހާދަ ރީއްޗޭ ލޯބި...." ޒެވިޔަންގެ ހިތްވެސް ތައުރީފު ކުރިއެވެ. ޒެވިޔަން ރިޔާގެ ކޯތާފަތުގައި ބޮސްދިނުމުން ރިޔާގެ ގައިން ހީބިހި ނެގިއެވެ. ޒެވިޔަންގެ ރީތި ދެލޮލަށް ބަލައިލެވުމާއިއެކު އަމިއްލަ ނަފުސާއި މެދު އެވަގުތު ރިޔާ ހަމްދަރުދީވެ، ރޮވޭ ގޮތްވެސް ވިއެވެ. އޭނަގެ ނަސީބު ދެރަކަމުން ނޫންނަމަ އޭނަވެސް ފުރިހަމަ އަންހެނަކަށް ވާނެއެވެ. އަދި ޒެވިޔަންއަށް އެހެން އަންހެނެއްގެ ބޭނުން ނުޖެހޭނެއެވެ. ނަމަވެސް މިހާރު ޒެވިޔަން އަކީ އެކަނި އޭނަގެ މިލްކެއް ނޫނެވެ. އޭނަގެ ޒެވިޔަން ގެއްލިދާނެ ކަމުގެ ބިރު އިންތިހާއަށް ބޮޑުވެއްޖެއެވެ. އެކަމާއި އަޅާނުލައި އޭނަ މަޑުން ހުންނަންވީ ހެއްޔެވެ؟ ނޫނެކެވެ. އޭނަ އެންމެ ފަހު ވަގުތާއި ޖެހެންދެން ހަގުރާމަ ކުރާނެއެވެ.

"ތެންކިއު ހަނީ، އެންމެން ތިބޭނެ އަހަރެމެންނަށް ލަސްވެފައި ދޯ...." ރިޔާ އެންމެ ފަހު ފަހަރަށް ލޯގަނޑުން ބަލައިލުމުން އަމިއްލައަށް ވެސް ލަދުގަތެވެ. ދުނިޔެމަތީގެ ކަމެއްހެން ހިޔެއްނުވެއެވެ. ޒެވިޔަން ރިޔާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ހުރެ ބޭރަށް ނިކުތެވެ. ޒެވިޔަންވެސް މިއަދު ސުއިޓެއްގައި ހުރި އިރު ރީތިކަމާއި ފިރިހެންވަންތަ ކަމުން ދެކޭ ކޮންމެ އަންހެންކުއްޖެއްގެ ހިތާއި ކުޅެލާނެއެވެ.

އެންމެން ކާރުތައް ނެރެގެން ޒެވިޔަންމެންގެ އިންތިޒާރުގައި ތިބިއިރު އާއިޒު އާއި ޖިލާ ތިބީ މަތިނެތް ކާރެއްގައި އިށީދެލައިގެންނެވެ. އާއިޒު އާއި ޖިލާ އެކަކު އަނެކަކުގެ ލޮލުގެ ތެރެއަށް ގެއްލިފައި ސިއްރު ވާހަކަތަކެއްގައި ތިބި އިރު އެންމެނަށްވެސް އެ ދެމަފިރިން އުޅޭލެއް ގާތްކަމާއި ލޯބިވާވަރު އިހުސާސް ކުރެވުނެވެ. ދާވިޝް ކާރުގެ ބޮނެޓްމަތީގައި ބަނޑު އަޅާލައިގެން އޮވެ ލަވައަޑުއަހަން އޮތްއިރު މައިމޫން ހުންނެވީ ފޯނެއްގައެވެ. ހުރިހާ އެންމެންވެސް ތައްޔާރުވެލައިގެން ތިބިގޮތުން ހީވަނީ ރީތީގެ މުބާރާތެއްގައި ވާދަކުރަން ތައްޔާރުވެލައިގެން ތިބިހެންނެވެ. އަގުބޮޑު ސޫޓްތަކާއި، ހެދުންތަކެވެ. ޖަވާހިރު ގަހަނާތަކުގެ ވިދާ ބެބުޅުމުން ލޯތައްވެސް ތަރަތަރަ ޖަހައިގެން ދާނެއެވެ. އަދި މުޅި ހިސާބުގައި ހިފާލާފައިވާ ލުއި މީރުވަހުން ހިތްތަކަށް ދިރުން ގެނުވާނެއެވެ. 

ސީމާ ޒީބާ ގާތުގައި ސިއްރު އެއްޗެކޭ ބުނެލުމުން ޒީބާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އިރުކޮޅަކުން ސީމާ މައިމޫން ގާތުގައި އަލީނާ އަކީ ވެސް އާއިލާކުއްޖަކަށް ވީމަ އޭނަ ވެސް ގޮވައިގެން ދާން ނިންމާފައިވާކަމަށް ބުންޏެވެ. އާއިޒު އާއި ޖިލާވެސް ހައިރާންވެފައި އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ.

"އެލީ ތައްޔާރުވާންވެސް ހާދަ ގިނައިރެއް މިނަގަނީ... އަހަރެން ބަލައިލާނަން، އޭނަ ބީރައްޓެހި ކަމުން ލަދުން ނިކުންނަށް ނުކެރިފައިވެސް ހުރެދާނެ، އަލީނާ ހުރީ ޕާޓީއަށް ދާހިތުންނޭ...." ސީމާ ގެއަށް ވަދެފައި އިރުކޮޅަކުން އައީ އަލީނާ ގޮވައިގެންނެވެ. އަލީނާ ހުރީ ކަޅުހެދުމާއި އެކު، ކަޅުބުރުގާ އަޅައިގެންނެވެ. މާލެއިން އައިއިރު އަނދާފައިވާ ހަންގަނޑު އެތައްގުނައެއް ދޮންވެ، އޮމާންވެލާފައި ވެއެވެ. މޭކަޕެއް ނެތަސް އަޅައިގަންނަފަދަ ގޮތެއް ހުއްޓެވެ.

"އެލީ، ޕާޓީއަށް ދަނީ ތި ބުރުގާ އަޅައިގެންތަ؟" ޖިލާއަށް މަންމަމެންގެ މަކަރުވެރި އަތެއް މިކަމުގައި ވާނެކަން އެނގިހުރެ ވަގުތުން ކާރުން ފޭބިއެވެ. ދާވިޝް ވެސް ޖިލާ ގާތަށް ހުއްޓި ޖިލާގެ ކޮނޑުގައި އަތްބާއްވަމުން ލާނެތް ގޮތަކަށް ހެވިފައިހުރެ އަލީނާގެ މޫނަށް ބަލަންފެށިއެވެ. އެތައް ލޮލެއް އަލީނާއަށް އަމާޒު ވެއްޖެއެވެ. ޚާއްސަކޮށް ސީމާގެ ވިހަ ނަޒަރުން ހީވީ އޭނަ ފިއްސައިލާނެ ހެންނެވެ. އަލީނާގެ މޫނު ރަތްވަމުން ގޮސް، ތުންފަތް ތުރުތުރު އަޅަންވެސް ފެށިއެވެ. ދެންމެ ދެންމެ ރޯން ފަށައިފާނެހެން ހީވި ވަގުތަކަށްފަހު އަލީނާ ތުންފަތުގައި ދަތްއަޅާލައިފިއެވެ. މިވަގުތުވެސް ބިންފަޅާލައިފައި އަޑިޔަށް ދާނެ ނަމައެވެ. ނޫނީ އޭނަ މަރުވާނެ ނަމައެވެ. ލަދުންގޮސް އޭނަ މޮޔަވާވަރުވިއެވެ. 

އެންމެން ނަލަހެދިލައި، ސެންޓް ޖަހާލައިގެން ތިބިއިރު އޭނަ މިގޮތަށް ހުރެ ޕާޓީއަށް ދާން ސީމާ އަމުރުކުރީވެސް އަލީނާ އެންމެންގެ މެދުގައި ފަޟީހަތްކޮށް ލަދުގަންނަވާލަން ކަން އަލީނާއަށް އެނގުނެވެ. ކުރިން އެންގިނަމަ އޭނަވެސް ފެންވަރާ ރީތިވެލާނެއެވެ. މިތަނުގައި އޭނަގެ އެއްވެސް ހައިސިއްޔަތެއް ނެތްކަން ކިތަންމެ ރަނގަޅަކަށް ވެސް އިހުސާސް ކުރެވިއްޖެއެވެ. އެންމެން ހީވަނީ ފިލްމީ ތަރިން ހެންނެވެ. އެކަކަށް ދޫކުރާނެ މީހަކު ނެތެވެ.

"ހޫމް، އެމެރިކާ މީހުންގެ ޕާޓީއެއްގައި މިހާ ލަދުރަކި، އީސްޓަން ބިއުޓީއެއް ފެނުނީމަ މޮޑެލް އެޖެންސީ އަކުންވެސް ރަނގަޅު ހުށަހެޅުމެއް ލިބިދާނެ...." ދާވިޝްގެ ޖުމްލައިން ސީމާގެ މޫނު ރަތްވިއެވެ. "މޮޑެލް އެޖެންސީ" އެކޭ ބުނެގެން ދާވީޝްއަށް ނޭގިނަމަވެސް އޭނަގެ މަންމައަށް ކުރެވުނީ މަލާމާތްކޮށް، މާޒީގައި އޭނަގެ ފެންވަރު އަންގާދީފިއެވެ. ސީމާއަކީ ވެސް އެއްދުވަސް ވަރެއްގައި އަގެއްނެތް މޮޑެލް އެކެވެ. ހެދުން އިޝްތިހާރު ކުރަން އުޅުނު ކުއްޖެކެވެ.

"ހިނގާބަލަ އަހަރެން އެލީ ރީތިކޮށް ދޭނަން، ފެންވަރައި ނުލާ، ބުރުގާވެސް ހިތުހުރި ގޮތަކަށް ވައްޓާލައިގެން އެހާ ބޮޑު ރަސްމިއްޔާތަކަށް ދާކަށް ނުވާނެ....." ޖިލާ އަލީނާގެ އަތުގައި ހިފާލައިފައި ގާތްގޮތަކަށް އެހެން ބުނުމުން ސީމާ ކަޅިއަޅާލައިފިއެވެ. އެވަގުތު ޒެވިޔަން އާއި ރިޔާ އަތުގުޅުވާލައިގެން، ހެމުން، ކޮންމެވެސް ވާހަކައެއް ދައްކަމުން އަންނަތަން ފެނިގެން އެންމެންގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ. ހީވަނީ އެކަކު އަނެކަކަށް ޓަކައި ބިމަށް ފޮނުއްވާފައިވާ ހެންނެވެ.

"ދެން އަލީނާ ތިހެން ހުއްޓަސް ރީއްޗޭ، ރަނގަޅު މުސްލިމް ކުދިން މީހުންނަށް ޝޯ އޮފްކުރަން މޭކަޕްކޮށް ރީތިވެގެނެއް ނުދާނެ، ސެންޓެއްވެސް ނުޖަހާނެ، ސެންޓް ޖަހާނީ އެކަނި ފިރިމީހާ ހުންނައިރު ދޯ އަލީނާ، އެކުދިން ގެ ރީތިކަން ފެންނަން ޖެހޭނީ އެކަނި ހަޒްބެންޑަށް، އަލީނާ، ދީނުގައި އޮންނަނީ މިހެނެއް ނޫންތަ؟ ހޫމް ޖިލް ޓައިމްއެއްވެސް ނެތް އިނގޭ، ކާރަށް އަރާ...." ޒީބާ އެ ވާހަކަ ދައްކާލައިފައި އިންޒާރުގެ ނަޒަރަކުން ޖިލާއަށް ބަލައިލުމުން ޖިލާ ކުޑަކޮށް ރަކިވިއެވެ. އާއިޒުގެ މަންމައަށް ވީތީ އިހުތިރާމް ކުރުމުގެ ގޮތުން އޭނަ އެއްޗެކޭ ބުނަން އުޅެފައިވެސް ހިނދިރުވާލައިފިއެވެ. މަންމަގެ ލަފުޒުތައް ޖިލާއަށް ނެގުނީ ދީނަށް ވެސް ކޮށްލި ޖެއްސުމެއްގެ ގޮތުގައެވެ. އެކަމަކު ހަދާނެ ގޮތް ހުސްވެފައި އިނދެ ބަލައިލެވުނީ އާއިޒު އާއި ދިމާލަށެވެ. އާއިޒު އާއި ޖިލާގެ ހަތަރުކަޅި ހަމަވިއެވެ. އާއިޒު ކުޑަ ހިނިތުންވުމަކާއި އެކު އެދިން މެސެޖް ޖިލާއަށް ކުޑަކޮށް ދޭހަވިއެވެ. ޒެވިޔަން ހުރިހާކަމެއް ހައްލު ކޮށްފާނެކަން އާއިޒުއަށް ޔަގީންވީ ކަންނޭގެ އެވެ.

"ވާއު، މަންމަގެ ދެ އެންޖެލްސް އިން ހިޔެއްނުވޭ ދުނިޔެމަތީގެ ކަމެއްހެނެއްވެސް.... މިވަރަށް މިކުދިންނާއި އީވިލް ލޮލުގެ ސުންޕާ ޖެހެނީ މިހެންވީމައެއްނު....." ޒީބާ އަލީނާ އާއި ދިމާލަށް ނުރުހުމާއިއެކު ބަލައިލައިފައި އެބުނެލި ޖުމްލައިގެ ފަހަތުބައި އަމާޒުވީ އަލީނާއަށްކަން އޭނައަށް އެނގުނެވެ. ޒެވިޔަން އާއި ރިޔާ ކައިރިވުމުން ޒީބާ ދެކުދިންގެ ގައިގައި ބައްދާލައިފައި، ހުރިހާ ދަތްތައް ފެންނަވަރަށް ހީލައިފިއެވެ. އޭރު އަލީނާ ހުރީ ޖެހި ބުދެއްފަދައިންނެވެ. އެ ރީތި ދެލޮލުގައި ކަރުނަނެތް ނަމަވެސް ޒެވިޔަންއަށް ފެނުނީ ހިތްހަލާކު ކުރުވާފަދަ އަސަރެކެވެ. ދާވިޝް ވެސް ހުރީ އުދަގޫވެފައެވެ. އަލީނާ އާއި މެދު މަންމަމެން ކަންތައް ކުރަނީ ރަނގަޅަށް ބާވައޭ ހިތާ ސުވާލު ކޮށްލެވިއްޖެއެވެ. ނިކަމެތިންނަށް ދެރަގޮތް ހަދައިގެން މޮޅެއް ލިބިދާނެބާވައެވެ.

"އެލީ...." ޒެވިޔަން ރިޔާގެ އަތުން ދޫކޮށްލާފައި އަލީނާއަށް ބަލައިލައިފިއެވެ.

"އަލީނާވެސް ޕާޓީއަށް ދަނީ، ބައްޕަ ބުނުއްވާފައި އޮތީ އަލީނާވެސް ފެމިލީ ކަންތަކުގައި ބައިވެރިކުރަންށޭ ދަރިފުޅާ...." ސީމާ ނުބައި ހިންޏަކާއިއެކު ބުނެލައިފިއެވެ.

"އަލީނާ ޕާޓީއަކަށް ނުދާނެ......" ޒެވިޔަން ސީމާއަށް ނުރުހުމުގެ ނަޒަރަކުން ބަލައިލަމުން ހަރުކަށި ރާގަކަށް ބުނެލައިފިއެވެ.

"އެލީ އައިމް ސޮރީ......" ޒެވިޔަން މާފަށްވެސް އެދުނެވެ.

"އިޓްސް އޯކޭ، އެހެންނޫނަސް ސީމާ މެޑަމް އަޅުގަނޑު ކައިރީ ޕާޓީއަކަށް ދާން އުޅޭ ވާހަކައެއް ނުބުނޭ، ކަމެއްގައި އުޅެނިކޮށް އަންނާށޭ ބުނީމަ ހެދުން ވައްޓާލައިގެން ރެޑީނުވެ އާދެވުނީ...." އަލީނާ ސީމާ އާއި ހަތަރުކަޅި ހަމަކޮށްލާފައި އެހެން ބުނެފައި އަނެއްފަރާތަށް މޫނު އެނބުރާލައިފިއެވެ. ޒެވިޔަން އަލީނާ ގާތު ގެއަށް ވަންނާށޭ ބުނުމުން އަލީނާ ބާރަކަށް ހިނގާލައިފައި ގޮސް ގެއަށް ވަދެ ނިވާވެއްޖެއެވެ. އޭރު ސީމާގެ މޫނު ހީވަނީ ރަތްއަނގުރު ކޮޅެއް ހެންނެވެ. އަލީނާ އޭނަގެ މޫނުމަތީގައި ޖެހިނަމަވެސް އެއަށްވުރެ މާ ރަނގަޅު ވީސް ކަންނޭގެ އެވެ. މައިމޫން ތަންކޮޅެއް ދުރުގައި ހުންނެވިޔަސް އަލީނާ އެގޮތަށް އޭނަގެ މޫނުމަތީ ޒުވާބު ކުރިކަން އެނގިލައްވާނެ އެވެ. ސީމާ ހުރީ އަނގަޔަށް ގޮތެއް ހަދާލައިގެން އަލީނާ ދިޔަ ދިމާލަށް ބަލަހައްޓައި ގެންނެވެ. ޒެވިޔަން ގެ ގޮށްޖެހިފައިވާ ބުމަ ފެނުމުން ސީމާ އަކަށް އިތުރު އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ސީމާ އެންމެ ބޮޑަށް ރުޅިގަދަވީ ޒީބާވެސް ޒެވިޔަން ދެކެ ބިރުން އަނގައިން ނުބުނެ ހިމޭންކަން ޚިޔާރުކުރީތީއެވެ.

ސީމާ އާއި ޒީބާ އަލީނާ ޕާޓީ ތެރޭގައި ލަދުގަންނަވަން ކުރި މަސައްކަތް ނާކާމިޔާބު ވީއެވެ. ސީމާ މެން އެގޮތަށް އަލީނާ ލަދުގަންނަވައި، ނިކަމެތި ކުރުމުން ޒެވިޔަންގެ ލޯބި ހައްތަހާ އިތުރުވަނީކަން އެމީހުންނަށް އެނގޭނެ ނަމައެވެ. ޒެވިޔަން އަށް މީހަކު ނުބުންޏަސް ސީމާމެން ހަދަން އުޅުނު ގޮތް ވިސްނުނެވެ. އަދި މިހާރު އަލީނާ ފަކީރު ލަދުގަންނާނެ ވަރާއި، ދެރަވާނެ ވަރު އިހުސާސް ކުރެވި ހިތުން ކަރުނަ އޮއްސިއެވެ. ޒެވިޔަން މޫޑު ގޯސްވިވަރުން ބުމަގޮށް ޖަހާލައިގެން އިނދެ ޕާޓީ ކެންސަލް ކުރަން ޚިޔާލުކޮށްލާފައި ވެސް ރިޔާގެ މޫނަށް ބަލައިލެވުމާއިއެކު ރިޔާ އާއި މެދު ހަމްދަރުދީވިއެވެ. ނޫނެކެވެ. އޭނަ ރިޔާވެސް ދެރަކޮށެއް ނުލާނެއެވެ.

"ބޭބީ، އާދެބަލަ......" ޒެވިޔަން ގަދަކަމުން ހިނިތުންވެލަމުން ރިޔާ އާއި ދިމާލަށް ބަލައިލީ ލޯބީގެ ނަޒަރަކުންނެވެ. އޭނަ ކާރުގެ ޑްރައިވަރު ސީޓުގައި އިށީދެލުމުން ރިޔާވެސް ފުންމައިގެން ގޮސް ޒެވިޔާގެ ގާތަށް ޖެހިލިއެވެ. ރިޔާވެސް ހިތާހިތުން އެތައް ޖަޒުބާތުތަކާއި ހަނގުރާމަ ކުރަމުންދާއިރު އެކަން މޫނުމަތިން ނުދައްކާ ވޭތޯ މަސައްކަތް ކުރަމުން ޒެވިޔަންގެ އަތުގައި ހިފާލައިފިއެވެ. އާއިޒު އާއި ޖިލާވެސް ވިސްނީ އަލީނާގެ ހާލާއި މެދުގައެވެ. ބަލިވެއިން ކުއްޖެއްގެ ހިތަށް ކުރާނެ އަސަރު މަންމަމެން ވިސްނައި ނުލަނީ ހެއްޔެވެ؟

އަލީނާ ކޮޓަރިއަށް ވަންގޮތަށް އެނދުގެ ބިއްދޮށަށް އަރައި ބާލީސް މޭގައި ޖައްސާލައިގެން އިންއިރު ހިތް ތެޅެމުން ދިޔައީ އާދަޔާ ޚިލާފު ބާރުމިނެއްގައެވެ. ހިތް ކުދިކުދިވެ ރޮވެން އުޅުނުއިރުވެސް އަލީނާ ރޯކަށް ބޭނުމެއް ނުވިއެވެ. އޭނަ އެސްފިޔަތައް މަރައިލުމުން އެސްފިޔަތަކުގެ ދޭތެރެއިންވެސް ޒެވިޔަންގެ ރީތި ސޫރަ ފެނިލައިގެން ދިޔައެވެ. ހިތް ނޭދުނަސް ރިޔާގެ ހިޔަނިވެވެސް ފެނުނުހެން ހީވެގެން އަލީނާ ސިހިފައި ލޯ ހުޅުވާލައިފިއެވެ. އޭނައާއި ޒެވިޔަން އެއްގޮތަކަށްވެސް ނުގުޅޭކަމަށް ހިތް ބުނަން ފެށިއެވެ. ޒެވިޔަން އާއި ރިޔާ އެހާ ރީތިވެލައިގެން އެކީގައި ތިބިތަން ފެނުމުން ހިތަށް އެކުރުވީ ހާދަ އެހެންކަހަލަ އިހުސާސްއެކެވެ. އަލީނާ ދެލޮލުގައި އަތް ޖައްސާލާފައި ބާރުކޮށްލީ ހަމަ ނުރޮއި ކެތްކުރަން ވެގެންނެވެ.

"ބޭބީ ވިހާފައި ޒެވިޔަން މެންނަށް ދީފައި އަހަރެން ޒާވްމެންގެ ހަޔާތާއި ދުރަށް މާ ދުރަށް ހިނގައިދާނަން، ޔަގީނުންވެސް މި ބޭބީ އަކީ މި ފެމިލީ ކުއްޖެއް، ބޭބީ އާއި ޒެވިޔަން އުފަލުގައި ބައިތިއްބަން އަހަރެން މިހިރީ ކޮންމެފަދަ ގުރުބާނީއެއް ވާންވެސް ތައްޔާރަށް، އެކަމަކު ޒެވިޔަން ނުފެންނަ ހިސާބަށް ދާން ޖެހުނު ދުވަހަކުން ހަށިގަނޑުން ފުރާނަ ހުސްނުވެ ހުންނާނެބާ....." އަލީނާ އިނގިލީގައި ދަތްއަޅައިގަނެފައި އަމިއްލަ ނަފުސާއި ވާހަކަދައްކާ ގޮތަކަށް އެހެން ބުނުމާއިއެކު އެސްފިޔަތައްވެސް ތެމިއްޖެއެވެ. އަލީނާ ގާވެފައިވާ ބުދެއްހެން ހަރަކާތެއްނެތި އެތައް އިރެއްވާންދެން އެހެން އިނެވެ.

ޒެވިޔަން ހުރީ އަލީނާ އާއި މެދު ޚިޔާލު ކުރަމުން ގޮސް ހިތްހަލާކު ވާވަރުވެފައެވެ. ނަމަވެސް ފަހުން ހުރިހާ ކަމެއް ރަނގަޅު ވާނެކަމުގެ އުއްމީދު ގެއްލުވައެއް ނުލައެވެ. ގެއަށް އަންނަންވީ ގަޑިއަށް ރިޔާ މާބޮޑަށް މޭމައްޗަށް ތަދުވެގެން ރޯންފެށުމުން ހޮސްޕިޓަލަށް ގެންދަންޖެހުނެވެ. ޑޮކްޓަރު ލަފާ ދެއްވީ ޓެސްޓްތަކެއް ހެދުމަށެވެ. ޒެވިޔަން ނަފްސާނީ މާހިރަކަށްވެސް އެޕޮއިންޓްމެންޓެއް ހެއްދިއެވެ. ރިޔާ އެފަދަ މީހެއްގެ ކައިރިއަށް ގެންދިއުން ފަސޭހަވާނެ ކަމާއި މެދު ޒެވިޔަންގެ ހިތުގައި ސުވާލުވެސް އުފެދުނެވެ. ޒެވިޔަން ގެއަށް އައުމާއި އެކު އެންމެ ފުރަތަމަވެސް އަވަސްވެގަތީ އަލީނާގެ ހާލު ބަލައިލަން ދިޔުމަށެވެ. އަލީނާގެ ފޯނަށް ގުޅައިގެން ހުރެ އޭނަ ކޮރިޑޯއިން ހިނގާފައިދަނިކޮށް ރިޔާ ފަހަތުން އައިގޮތަށް އޭނަގެ ކޮނޑަށް އެރުމުން ޒެވިޔަން އަށް ހަށިގަނޑު ބެލެންސް ކުރެވުނީ ހަމަކިރިޔާއެވެ.

"ހިގާބަލަ ރޫމަށް، ބޭނުން ރޮމެންޓިކް ނައިޓެއް ހަދައިލަން.....ޕްލީސް....." ރިޔާ ޒެވިޔަންގެ އިސްތަށިގަނޑު ހާވާލަމުން ނިކަން ލޯބިން ބުނެލިއެވެ. އަދި ކެތްތެރި ކަމެއްނެތް ގޮތެއްގައި ޒެވިޔަންގެ މޫނުގައި ބޮސްދިނެވެ. 

"އަހަރެން އަންނަންދެން ރޫމްއަށް ގޮސް ކެންޑްލް އެއްޗެހި ދިއްލައިލަބަލަ، އަލީނާއަށް ހައިއެއް ޖަހާލައިފައި އަންނާނަން އިނގޭ، އެންމެ ޓޫ މިނިޓްސް ބޭބީ... ބަސްއަހާ ކުއްޖެއްނު ދޯ... ނުވާނެ ލަހެއް....." ޒެވިޔަން އެހެން ބުނެލާފައި ރިޔާގެ ކޮލުގައި ހިފާފައި ދާން ހިނގައި ގަތުމުން ރިޔާ ހީވީ މޮޔަވިހެންނެވެ. ޒެވިޔަން ވިސްނައިނުލާ ހުއްޓާ ފޯނުގައި އަތުން ޖެހިގޮތަށް ފޯނުވެސް ވިއްސާލައިފިއެވެ. ރިޔާގެ ދޮން މޫނު ބަނަވިގޮތުން ހީވީ ވިއްސާރަވިލާތަކުން އިރު ފޮރުވައި ލެވުނުހެންނެވެ. ރިޔާގެ ތުން އޫކޮށްލެވިއްޖެއެވެ. ރިޔާ ޒެވިޔަންގެ މޭގައި ތަޅައި ގަންނަން އުޅެފައި ކުއްލިއަކަށް ދުއްވައި ގަތުމުން ޒެވިޔަން ފަހަތުން ގޮސް ރިޔާގެ ގައިގައި ހިފެހެއްޓިއެވެ. ރިޔާ އެވަގުތު ކޮންމެފަދަ ގޯހެއްވެސް ހަދައިފާނެ ކަމުގައި ޒެވިޔަންއަށް ވިސްނުނުކަން ނަސީބެކެވެ.

ކޮމެންޓް 0