ނަމަވެސް އެ އަޑުއިވުނީ ތަންކޮޅެއް ދުރުންކަން އޭނައަށް އެނގުނީ އޭނައާއި ދިމާލަށް ހިނގާލާފައި އައިސް އަލީނާ ދާދި ގާތުގައި ހުއްޓިލައިގެން ހުރިތަން ފެނުމުންނެވެ. ރިޔާ ވެސް ހުރީ ހަށަން ބަނދެލައިގެންނެވެ. ރިޔާ މިއަދުވެސް ހެދުން އަޅައިގެން ހުރިގޮތުން ހީވަނީ ފިނި މޫސުމުގެ ހެދުން އިޝްތިހާރުކުރާ މޮޑެލްއެއް ހެންނެވެ. އެކި ކުލަތަކުން ޑިޒައިންއެޅިފައިވާ އެޒްޓެކް ލެގިންސް ފަޔަށް ހިފާފައިވާއިރު އެފައިގެ ރީތި ބައްޓަން ރީތިކަމުން ކޮންމެ އަންހެންކުއްޖަކުވެސް ހަސަދަވެރިވާނެއެވެ. ނިމުމެއްނެތް، ދިގު ރީތި ދެފައި އެހާވެސް ފުރިހަމައެވެ. އަދި އޯވަރސައިޒް ސްވެޓަރަކާއި، ލެގިންސްއާއި ގުޅޭފަދަ ސްކާފެއް ކަރުގައި އޮޅާލާފައި އިސްތަށިގަނޑު އޮތީ މައްޗަށް ނަގައި އައްސާލާފައެވެ. ކޯތާފަތަށް މަލުގެ ކުލަ ވެރިވެފައިވެ އެވެ. އަލީނާ ހުރީ ގަޔަށް ދޫ ހެދުމަކާއި އެކު ސްކާފް ބޮލުގައި އަޅައިގެންނެވެ.

ޒެވިޔަން އެނބުރި ބަލައިލިއިރު އެލޮލުގައިވި ތޫނުކަމަކުން އަލީނާ އާއި ރިޔާއަށް ވެސް އަސަރުކުރުވިއެވެ. އެ ރީތި ލޮލުގައިވަނީ ހިތްތައް ކަތިލާ ފަދަ ވިދުމެކެވެ. ޒެވިޔަން އަލީނާގެ ކޯތާފަތުގައި މަޑުމަޑުން ހިފާލާފައި ގޮސް ކޮރިޑޯއިން ބޯދިއްކޮށްލީ ތެޅުނު އެއްޗެއް ޔަގީންކޮށްލުމަށެވެ. ހީވާގޮތުން ފާރުގައި އެލުވާފައިވާ ޕޮޓެކެވެ. ގޭގެ ނޯކަރަކު އެތަން ސާފުކުރުމުގެ މަސައްކަތުގައި އުޅެއެވެ.

"އެލީ މިވަރަށް ބުނާއިރު ވެސް ހަމަ ބަދިގެއަށް ގޮސް ކޮފީ ހަދަން އުޅެނީ، އަހަރެން ދެކެ މިހާ ލޯބިވާ ކުއްޖެއް ލިބުނުކަމީ ހަމަ ނަސީބު....." ޒެވިޔަން ކޮފީމަގުން އެތިފޮދެއް ބޯލާފައި މީރު ވާހަކަ ވެސް ބުނެލިއެވެ. ރިޔާގެ މޫނު ރަތްވިއެވެ. ޒެވިޔަން ހާދަ ގޯހެވެ. އޭނަ ހުރިކަން އެނގޭ ކަމަށް ވެސް ހަދައިނުލިއެވެ. ޒެވިޔަން އަށް ރިޔާ ނުފެންނަނީ ހެއްޔެވެ؟ އޭނަގެ ގައިގާ ވެނިޝިން ކްރީމް ލާފައިވަނީ ހެއްޔެވެ؟ އަލީނާ ވެސް ހުރީ ލަދުން މޫނު ރަތްކޮށްލައިގެންނެވެ. އަނގައިން ބުނަން ވެސް ނޭނގިފަ އެވެ.

"ހިނގާލަން ދާނީ ދޯ އެލީ........." ޒެވިޔަން އަލީނާގެ އަތުގައި ހިފައިގެން ހިނގައިގަތުމުން ރިޔާގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ. ޖެހި ބުދެއްފަދައިން އެހެން ހުއްޓާ އާއިޒު އާއި، ޖިލާ ވެސް ހެމުން ކޮރިޑޯ އިން އެދިމާލަށް އަންނަތަން ފެނުނެވެ. މުޅިންވެސް އުފާވެރި ޖޯޑުތަކެވެ. އާއިޒު ހުރީ ޖިލާގެ އުނަގަނޑުގައި އަތް އަޅުވާލައިގެންނެވެ. އެދެމަފިރިން އުޅޭލެއް ލޯބިކަމުން ރިޔާ އުފާވެސް ވެއެވެ. ކޮއްކޮއަށް އެފަދަ ނަސީބެއް ލެއްވީތީ ރިޔާ އެއްގޮތަކަށް ވެސް ހަސަދަވެރިއެއް ނުވެއެވެ. އޭނަ ރުޅިއަންނަނީ އަލީނާ ދެކެއެވެ. އަލީނާ އޭނަގެ ފިރިމީހާ ޖަހައިގަތީތީ އެވެ. 

މާބަނޑު އަންހެންކުދިން ފެނުމުން ރިޔާއަށް މާޒީގެ ހަނދާންތައް އާވިއެވެ. އޭނަވެސް އެއް ޒަމާނެއްގައި މިހާ އުފަލުން، ލޯބި ލިބިގެން އުޅުނެވެ. ޒެވިޔަން އޭނަގެ ކުދި ކުދި ކަންތައް ވެސް ކޮށްލަދިނީ ހާދަ ލޯބިންނެވެ. އޭނަ ގެންގުޅުނީ އަތްމަތިންނެވެ. މިހާރު އެ ދުވަސްތައް ވެސް ރީތި ހުވަފެނަކަށް ވެގެން ހިނގައްޖެ އެވެ. މިހާރު ފޮރުވަން ހުރީ ހަމައެކަނި އެކަނި އެ ހަނދާން ތަކެވެ. ބާކީ އެކައްޗެއް ވެސް ނެތެވެ. ރިޔާގެ ބޮޑު ލޮލުގައި ކަރުނައިގެ މުތީތައް ވިދަން ފެށުމުން އޭނަ ބާރަކަށް ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަންނަން އުޅެލާފައި ޚިޔާލު ބަދަލުވި އެވެ. އޭނަ ބެލްކަނީގައި ހުރެގެން ޒެވިޔަން އާއި އަލީނާ އަތުގުޅުވާލައިގެން ހިނގާލާފައި ދިޔަތަން ދެކެން ހުއްޓެވެ. ގަނޑުފެނުން ފުރިފައިވާ ބަގީޗާގައި ހިނގާލަން ދެވުނަސް ހިތަށް ހަމަޖެހުމެއް ލިބޭނެއެވެ. ރިޔާ ހުރީ އެސްފިޔަ ޖަހައިލަން ވެސް ނޭނގިފަ އެވެ. 

ޒެވިޔަން މިއަދު ކަންތައް އެކުރީ ޔަގީނުން ވެސް އިންސާފަކުން ނޫނެވެ. އެކަމަށް ހެކި ނުވާނެ މީހަކު ނުހުންނާނެކަން ޔަގީނެވެ. ގޭތެރޭގައި މިދުވަސްކޮޅު މެހުމާނުން ފުދޭވަރަކަށް ގިނައެވެ. ދާވިޝްގެ ކައިވެނީގެ ޕާޓީއަށް އެމެރިކާއަށް އަންނަމުންދާ އާއިލީ ޒުވާނުން ވެސް އެގެއަށް ޒިޔާރަތްކުރެ އެވެ. އެހެންވުމުގެ ސަބަބުން އެގޭގައި މީހުން މަދުވާ އިރެއް ނާދެއެވެ. ގޭގެ ނޯކަރުންތައް ވެސް އަތްމަތި އަވަސްކޮށް ކާއެއްޗެހި ތަބަށްތައް ހިފައިގެން ކޮޅުކޮޅަށް ދުވާތަން ނުފެންނަ އިރެއް ވެސް ނުދެއެވެ. އާއިލާގެ ތަންކޮޅެއް މުސްކުޅި ފުރައިގެ މީހުން ސައްލާކުރަން ކޮންމެވެސް ކޮޓަރިއެއްގައި ތިބޭއިރު އަންހެންވެރިން އެހެން ދިމާލެއްގަ އެވެ. ޒުވާން ކުދިން ވެސް އެތަންމިތާގައި ކޮންމެވެސް މަޖާގަނޑެއްގަ އެވެ. 

ސްކީ ކުރަން އެންމެން ދާން އުޅުމުން ރިޔާވެސް ޒެވިޔަންގެ ގާތުން ހުއްދަވެސް ނުހޯދައި އެމީހުންނާއި އެކީގައި ދިޔައެވެ. ގެއަށް އާދެވުނީ ހަވީރު ވީފަހުންނެވެ. ކިތަންމެ މަޖާވެލާފައި އުޅުނަސް ދޭތެރެއަކުން ރިޔާ ޒެވިޔަންގެ މަތިން ހަދާންކުރި އެވެ. އޭނަ ރިޔާ ބާކީކޮށްލި ގޮތް ހިތަށް އަރާފައި ހިތަށް ނިކަން އަސަރުކުރިއެވެ. އަދި ދަރިން ލިބުނު ދުވަހަކުން ޒެވިޔަން ރިޔާ ވަރިވެސް ކޮށްލާނެކަން ޔަގީނެވެ. މިހާރު މިހާވަރަށް ދުރުކޮށްލައިފިއްޔާ ފަހުން ޒެވިޔަންގެ ހިތުގައިވާނީ ކޮން މަގާމެއް ހެއްޔެވެ؟ އޭނަ އެވަރު ދަނެގެން ދުރަށް ދާންވީކަން ނޭނގެއެވެ. ނޫނީ ލޯތްބަށްޓަކައި އަލީނާ އާއި ހަނގުރާމަ ކުރަންވީ ހެއްޔެވެ؟ އެންމެ އެތިފަހަރެއް ވެސް ވީއްލައިނުލައި ހަތިޔާރު ބަހައްޓައިގެން ވާނެކަމަކަށް ގަބޫލެއް ވެސް ނުކުރެވެ އެވެ.

ރޭގަނޑަށް އިރުއޮއްސުނު ފަހުން ގެއިން މީހުން މަދުވަމުން ގޮސް އަށެއް ޖަހަންވާ އިރަށް ހުރިހާ މެހުމާނުންތައް ގޮސް ގެ ފަޅުވެއްޖެއެވެ. ރޭގަނޑު ކެއުމަށްފަހު މައިމޫން ޒީބާ ގޮވައިގެން ކޮޓަރިއަށް ވެންނެވީ ފިނިގަދަ ރެއަކަށް ވާތީއެވެ. މިރޭވެސް ބޯކޮށް ސްނޯ ވެހެމުންދާތީ ދާވިޝް އިނީ ފޫހިވެފައެވެ. އޭނަ ބޭނުމީ ވީހާވެސް އަވަހަށް ފިނި މޫސުމް ނިމުމަށެވެ. އާއިޒު އާއި ޖިލާ ބޮޑުކޮޓަރީގެ ފަޔަރޕްލޭސްކާރީ ގައިވާ ސޯފާގައި ޖައްސާލާފައި ތިބިއިރު ކޮޓަރީގައި ރޯކޮށްލާފައިވާ ސްނޯ އުށްބައްތި ތަކުގެ ރީތިކަމާއި، އޭގެ ހުޅުކޮޅުގެ ޗާލުކަމުން އާޝޯޚުވާ ވަރުވެ އެވެ. 

"އަދިވެސް ހަމަ ވިސްނެނީ މަންމަ އާއި ދޮންބެ ދެއްކި ވާހަކަތަކާއި މެދުގައި، ދޮންބެ އެހެން މަޖާވެލާފައި އުޅުނަސް އެކަމުން ކިހާ ބޮޑަށް ހާޓްވާނެ، މަންމަމެން ކުރާ ކަންތަކުން ދަރިންނަށް ފަހުންވެސް ހުރިހާ ހިތާމައެއް ލިބެނީ، މަންމަ ދޮންބެއާއި ދިމާލަށް ބުނި އެންމެ ޖުމްލައެއް އަޑުއިވުމާއިއެކު ޔަގީންވި، މަންމަ މާގިނައިން އެ ވާހަކަދެއްކީމަކަން ނޭނގޭ ބަސްޓްވީ، މަންމަ ކައިރިން އެހިއިރު ހިތަކަށް ނާރާ ހަގީގަތް ކިޔާދޭނެޔޭ، އެކަމަކު ވަރަށް ޑީޓެއިލްކޮށް މަންމަ ކިޔައިދިނީ........" ޖިލާގެ އަޅި ދެލޮލަށް އަލިފާނުގެ ކުލަ އެޅިފައިވާ އިރު ވަކިން ރީތިކޮށް ފެންނަހެން އާއިޒުއަށް ހީވިއެވެ. އަނދުން އަޅާފައިވުމުން މާ ބޮޑަށް ލޮލުގެ ކުލަ ފާހަގަކުރެވެ އެވެ. ކަޅުގެ ތެރެއިން އަޅި ފެންނަލެއް ހަމަ ރީތީއެވެ.

"ވަން ނައިޓް ސްޓޭންޑަކުން އަދި އެލިބުނީ އެބުނާ މީހާގެ ދަރިއެއްކަން މަންމައަށް ޔަގީން ކުރެވުނީ ކިހިނެއްތަ؟ އަހަންނަށް ޝައްކު، އަހަރެން ގަބޫލުކުރާނީ ޑީއެންއޭ ޓެސްޓެއް ހެއްދީމަ، ދާވިޝް ވެސް އަޅާނުލާނީ މަންމަގެ މޮޔަކަމުން އެގޮތަށް ވިސްނީމަ ކަމަށް ވާނީ، ދާވިޝް އާއި އަންކަލް ވައްތަރު ވެގެން ފެމިލީ އެންމެން ކިޔައެއްނު، ދާވިޝް އަކީ ފަޒާލް އަންކަލްގެ ލޭ، އެއްގޮތަކަށް ވެސް ހިތެއް ނުބުނޭ އެނޫން ގޮތަކަށް އެކަން ދާނެއޭ....." އާއިޒު އެއްގޮތަކަށް ވެސް ސީމާގެ އެ ވާހަކަ ގަބޫލުކުރާކަށް ބޭނުމެއް ނުވި އެވެ. ސީމާ ދާވިޝް ގާތުގައި އެއީ އެންމެ ރެއެއްގެ ހާދިސާއެއް ކަމަށް ނުބުންޏަސް ޖިލާ ގާތުގައި ވަނީ އެރޭގެ ވާހަކަ ކިޔައިދީފައެވެ. އަދި އެއްވެސް މީހެއްގެ ގާތު ނުބުނަން ވައުދުކުރުވި އެވެ. ޖިލާ ދެކޭގޮތުން އޭނަގެ ފިރިމީހާއަކީ "އެހެން މީހެއް" ނޫނެވެ. އޭނަގެ ހަށިގަނޑުގެ ބަޔެކެވެ. މަންމަގެ އެފަދަ ސިއްރެއް ފޮރުވުމީ އޭނައަށް ވާޖިބެއް ކަމުގައި ވިޔަސް ކޮޓަރިއަށް ގޮސް ޖިލާއަށް ރޮވުނީމަ އާއިޒު ސުވާލުކުރަން ފެށުމުން ޖިލާއަށް ވެސް ކިޔައިދޭން މަޖުބޫރުވީ އެވެ.

"އަހަރެންވެސް އަލީނާގެ ބައްޕަގެ ޕިކް ދެކުނިން، ޑޭޑް އާއި ދެމީހުން ހީވަނީ ބްރަދަސްއިން ހެން...." ޖިލާ އެހެން ބުނުމުން އާއިޒު ވެސް އަލީނާގެ ބައްޕަ ދެކެން ބޭނުންވިއެވެ. އަލީނާގެ ރީތިކަން ވާރުތަވީ އެ ބައްޕަގެ ފަރާތުން ކަމަށް ވެދާނެއެވެ. އަނެއްކާ އަމީން އަކީ އެ އާއިލާގެ މީހެއް ހެއްޔެވެ؟ މި އާއިލާ އަކީ ދުނިޔޭގައިވާ އެންމެ ސިއްރުވެރި، މުއްސަނދި އާއިލާ ކަމަށް ބައްޕަ ބުނުއްވަނީ ސަބަބެއް ނެތިއެއް ނޫނެވެ.

"ބޭބީ އެކަމާއި ނުވިސްނަބަލަ، ދޮންބެ އަކީ ތިހާ އަވަހަށް ކަންތައް ތަކާއި ސީރިޔަސް ވާ ވައްތަރެއް ނޫން، މާ ކޫލް ފިރިހެނެއް، ދާވިޝްގެ އަގު ވެއްޓިދާނެތީ އޭނަ ހާސްވާންވީ ރީޒަނެއް ނެތް، އެހާ ޔަންގްއިރު ވެސް އެއީ މިލިއަނަރެއް، އެހެން ނޫނަސް ދާވިޝްގެ ކުށެއްނެތި ފެމިލީ އިން އޭނަ ރިޖެކްޓް ކޮށްފާނެ ހެނެއް ހިޔެއްނުވޭ، ސޮ ނޯ ވޮރީސް ބޭބީ....." އާއިޒު ޖިލާގެ އަތުގައި މަޑުމަޑުން ފިރުމާލަމުން، ހަތަރުކަޅި ހަމަކޮށްލި ގޮތުން ޖިލާގެ ހިތުގައި އުފާވެރިކަމުގެ ރާޅުބާނިތަކެއް ޖަހައިލައިފި އެވެ. އެފަދަ އެންމެ ބެލުމަކަށްޓަކައި ވެސް އޭނަ ހާސް ފުރާނަ ގުރުބާންކޮށްލަފާނެ އެވެ. ކޮންފަދަ ރީތިކަމެއް ހެއްޔެވެ؟ ކޮންފަދަ ފުން ދެލޯ ހެއްޔެވެ؟ އުމުރު ދުވަހަށް ބަލަހައްޓައިގެން ހުއްޓަސް ފޫއްސެއް ނުވާނެ އެވެ. އާއިޒު ޖިލާގެ އަތުގެ އިނގިލިތައް ތުންފަތުގައި ޖައްސައިލުމުން ވެސް ނާރުތައް ހަލަބޮލިކުރުވި އެވެ. އެއަތުގެ ތެރޭގައި ފޮރުވެން ހިތް އެދުނެވެ. 

"ސްލީޕީތަ ލަވް؟ ހިނގާ ރޫމަށް ދާން...." ޖިލާ ގެ ބަރު އެސްފިޔަތައް ލައްޕާލުމުން، އާއިޒު އެ އޮމާން ކޯތާފަތުގައި ފިރުމާލައިފި އެވެ. ޖިލާގެ އެ ކަތި ނަޒަރަކީ ލޯބީގެ ހިމޭން ބަސްމޮށުމަކަށް ވިއެވެ. ބައެއް ފަހަރު އަނގައިން ބުނުމަކާއި ނުލައި ވެސް ލޯ ގުޅުވާލައިގެން ތިބެ ކިތަންމެ ވާހަކަތައް ދެކެވިދާނެ އެވެ.

އަލީނާ އާއި ޒެވިޔަން ހޫނު ފެނުން ފެންވަރައިލުމަށް ފަހު ތައްޔާރުވެ ނިމުނުއިރު ދުވާ ތާޒާ ވަހުން ކޮޓަރި ވަނީ އެއްވަސްވެލައިފަ އެވެ. ދެމީހުން އިރުކޮޅެއް ވާންދެން ސޯފާގައި ވާހަކަދައްކާލައި ސަމާސާކޮށްލަން ތިއްބެވެ. އެންމެ ފަހުން ޒެވިޔަން އެކުވެރިންތަކެއް އައުމުން ބައްދަލުކޮށްލަން ބޭރަށް ނިކުތުމުން އަލީނާ އަށް ކޮންމެވެސް ވަރަކަށް އެކަނިވެރިކަން އިހުސާސްކުރެވުނެވެ. ނަމަވެސް ބަނޑުގައިވާ ދެ ބޭބީއިންނާއި ވާހަކަދައްކާފައި ލޯބިވާ ވާހަކަ ބުނެފައި ލަވައެއްވެސް ކިޔާލަދިނެވެ. އަލީނާ އެކަނިމާއެކަނި ވެސް މަޖާކޮށްލަން އުޅެފައި އެންމެފަހުން އެފްބީއަށް ވަނީ އިޔާން ނޫނީ ނާހީގެ ވެސް މެސެޖެއް އޮވެދާނެތީ ޗެކްކޮށްލަން ވެގެންނެވެ. ނާހީގެ މެސެޖްކިޔާލާފައި އަލީނާ އަށް ހެވުނެވެ. 

ނާހީ ބުނެފައި ވަނީ އިޔާން އޭނައަށް "މެކީ" ކިޔާ ލަވްބާޑެއް ހަދިޔާކުރި ކަމަށާއި އޭތި ވަރަށް ލޯބިން ގެންގުޅޭ ކަމަށެވެ. ކުރީދުވަހު އޭނަ ގޭޓް ކައިރީގައި ކޮށި ބަހައްޓައިގެން ހުއްޓާ އެހެން ލާފައި ދިޔަ ފިރިހެންކުއްޖެއްގެ ފައިގާ އެ ސޮރު އުދުހިގެން ގޮސް ވަކި ހިއްޕާލި ގޮތަށް އޭތި ޖިންސް ހަފަންފެށީ އެވެ. އޭތި ދަތް އަޅައިފާނެތީ އެކުއްޖާ ބިރުން އޭތި ކޮށްޓަށް ލާން ވެސް ނަގަން ނުކެރިފައި އިންދާ މާ މައްޗަށް އަރައިގަނެ، ދަތްއަޅައި ތަދުކޮށްލުމުން އެކުއްޖާއަށް ރޮވުނުކަމަށެވެ. އަލީނާ މެސެޖްތަކަށް ޖަވާބުދޭން އިންއިރު އެ ތުންފަތުގައިވަނީ ލުއި ހިނިތުންވުމެކެވެ.

މިއަދަކީ ވެސް އެގޭގައި އާއިލީ މީހުން ފުދޭވަރަކަށް ގިނައިން އުޅުނު ދުވަހެކެވެ. ފެންޑާގައިވާ ސޯފާތަކުގެ އިތުރުން ލޯވްންގައި ވެސް ބައެއް ޒުވާނުން ގޮނޑިތައް އަޅައިގެން ރާޒުވާ ކުޅެން ތިބިތަން ފެނެއެވެ. ފިނިގަދަކަމުން މެންދުރުގަޑީގައި ވެސް ފަޒާ ފެންނަނީ ދުންފިނިގަނޑެއް ހެންނެވެ. ވާހަކަދައްކާއިރު އާވިއަރައަރާ ހުރުމުން އެއިންވެސް އަންގައިދެނީ ފިނިގަދަ ވަރެވެ. މިގަޑީގައި އެގެއަށް އައި މެހުމާނަކު އެންމެނަށް ތައާރަފުކުރުމުގައި ސީމާ އުޅުނީ ކުޑަކޮށްވެސް ލަދެއް ނެތި އެވެ. ކައިވެނިކުރުމުގެ ކުރިން އެގޮތަށް ބީރައްޓެއްސަކު އެންމެންގެތެރެއަށް ގެނެސްގެން އުޅެދާނެއެކޭ އެކަކުވެސް ހިޔެއް ނުކުރެއެވެ. ސީމާ އަމީން ގާތުގައި އެދުނީ އޭނަ އަންނަންދެން ފެންޑާގައި މަޑުކޮށްލުމަށެވެ. އަމީންގެ ދަރިފުޅު ގޮވައިގެން އަންނާނެ ކަމުގައެވެ.

ސީމާ އެތެރެއަށް ވަންއިރު ވެސް ތުންފަތުގައި ނުލަފާ ހިންޏެއް ވެއެވެ. އޭނަ ބޭނުންވީ ޑްރާމާއެއް ކުޅުވުމަށެވެ. ސީމާ ގެ ނަސީބު ކިތަންމެހާ ވެސް ރަނގަޅެވެ. އަލީނާ އާއި ޖިލާ އާއި ދެކުދިން ތިބީ ކޮޓަރީގައި އަމިއްލަ ވާހަކައެއްގަ އެވެ. ސީމާ އަލީނާ އާއި ބައްދަލުކުރަން މީހަކު ބޭނުންވާ ކަމަށް ބުނެ ގޮވައިގެން ބޭރަށް އައިއިރު އަލީނާ ހުރީ ކުޑަކޮށް ފިކުރުބޮޑު ވެފައެވެ. ޒެވިޔަން ކޮބައިބާވައެވެ.

އަލީނާ ލައިގެން ހުރި ރަތްކުލައިގެ ހެދުމުގެ ސަބަބުން ހީވަނީ މޫނަށްވެސް އެކުލަ އަރާހެންނެވެ. މިރަށަށް އައިފަހުން ކައި ކައި ދޮންވެއްޖެތާ އެވެ. ހައްތަހާ ރީތިވަނީ އެވެ. މި ނުލަފާ ކުއްޖާ އަކީ އޭނަގެ ދަރިފުޅު ރިޔާއަށް ވެސް ހުރި ބޮޑު ބިރެކެވެ. މި ކަށި އުފުރާނުލައިފިއްޔާ އޭނަގެ ނަމަކަށް ސީމާ އޭ ނުކިޔޭނެ އެވެ. ސީމާ ހަސަދަވެރިކަމުގެ ނަޒަރަކުން އަލީނާއަށް ބަލައިލިއެވެ. 

"އަމީން. މިހިރީ ދަރިފުޅު އަލީނާ...." ސީމާ އަލީނާ ގެ އަތުގައި ހިފައިގެން ގޮސް އަމީންގެ ކުރިމަތީގައި ބެހެއްޓިއެވެ. އޭރު އެންމެންގެ ސަމާލުކަން ވަނީ އެދިމާލަށް ހުއްޓިފައެވެ. ރާޒުވާ ކުޅެންތިބި ޒުވާނުން ވެސް ނޭނގޭކަމަށް ހަދައިލައިގެން ތިބެ ވެސް އެދިމާލަށް ކޮންމެވެސް ވަރަކަށް ބެލީ އަލީނާ އަކީ އަމީންގެ ދަރިފުޅުކަން އެނގުމުން ލިބުނު ހައިރާންކަމާއި އެކުގައި ވެސް މެއެވެ.

"ގޮތްކުޑަ ކުއްޖާ، މިރަށަށް އައީ ތިކަން ނުވެގެންތަ؟" އަމީންއަށް އެއްގޮތަކަށް ވެސް އަލީނާ ބަނޑުބޮޑު ކަމެއް ކުރިން އެނގިފައެއް ނެތެވެ. ސީމާ ވަނީ އެބައި ސިއްރުކޮށްލާފަ އެވެ. ޒެވިޔަންގެ އަންހެނުން ކަމަކަށް އަމީން ގާތުގައި އޭނަ ނުބުނީ ވެސް ހަގީގަތުގައި އަމީންގެ ރުޅިގަނޑު އަލީނާ އަށް ބާލުވުމަށާއި، އެންމެން ގިނަ ތަނެއްގައި އަލީނާގެ އަގު ވައްޓައިލުމަށެވެ. އޭރު ޒީބާ ވެސް އިނީ ފެންޑާގައިވާ ސޯފާއެއްގައި އެ އާއިލާގެ ފަހަރިންނާއި މައިމޫން އާއި އެކުގަ އެވެ. ދާވިޝްގެ މައިދައިތަ ވެސް އިނެވެ. ޒީބާގެ ލޮލަށް ނުފެނުނަސް ޔަގީނުން ވެސް ހުރިހާ އަޑުތައް އިވޭނެއެވެ. ޒީބާ ލަދުން ގޮސް ހިތް ނުހުއްޓުނިއްޔާ ވެދާނެ އެވެ.

އަލީނާ ހާސްކަމާއިއެކު އެއްޗެކޭ ބުނަން އުޅެފައި ވެސް ތުންފަތުގައި ދަތްއަޅައިލައިފި އެވެ.
"މިގޭ މީހުން މަށަށް އޮޅުވާލާފައި މިގޭގައި ކަންތައް ކުރަން ގެންނަނީއޭ ކިޔާފައި ކުރުވިކަންތައް މިހިރީ ފެންނަން، މަގޭ ކުރިމަތިން ދުރަށް ދޭ....ތިއޮތީ ރަނގަޅު ބޮނޑިއެއް ބޮވިފައި، ހަރާން ދަރިން ވިހާއިރު ލަދެއް ނުގަނޭ. ލަދުކުޑަ ދަރި........" އަމީން ކުއްލިއަކަށް އަލީނާގެ މޫނުމައްޗަށް ވީއްލާލި ބާރު އެތިފަހަރަކުން އަލީނާ އަރިއަޅާ ނުލީ ކިރިޔާއެވެ. ޒެވިޔަން އަށް އެތަނަށް ނިކުމެވި އަލީނާގެ ގައިގައި ފަހަތުން ގޮސް ހިފެހެއްޓުނު އިރު ޒެވިޔަންގެ ފެހި ދެލޮލުން އަލިފާން ކަނި ބުރަމުންދާހެން ހީވިއެވެ. ރުޅިގަދަވެގެން ގޮސް އޭނަގެ އަތް މުށްކެވިގެން ދިޔަ އެވެ.

"ހައު ޑެއަރ ޔޫ ހިޓް މައި ވައިފް....." ޒެވިޔަން ކިތަންމެ މަޑުން ބުނެލި ކަމުގައި ވިޔަސް ހަރުކަށިކަން އެކުލެވުނެވެ.
"ވައިފްއޭ....." އަމީން ފުންމައިގެން ގޮސް ޒެވިޔަން ކޮށްޕައިލަން އުޅެފައި ވެސް ކޮންމެވެސް ސަބަބަކާއި ހުރެ ޖެހިލުންވި އެވެ. އަތްމަޅައިލައިފައި ވެސް ތިރިކޮށްލައިފި އެވެ. އެދެމީހުން ގަޔަށް އަތްލާފާނެ ކަމުގެ ބިރަށް އެހެން ޒުވާނުން ވެސް އެތަނަށް އެއްވިއެވެ. މައިމޫން ވެސް ތެދުވެންނެވި އެވެ. އެންމެންގެ ތެރޭގައި ޒެވިޔަން އަލީނާ އަކީ އޭނަގެ އަންހެނުން ކަމަށް އެއްބަސްވުމުން ކިތަންމެ މޫނަކަށް ހައިރާންކުލަ ވެރިވިއެވެ. ޚާއްސަކޮށް ތަންކޮޅެއް ދުވަސްވީ ބޭކަލުންނަށް އެތަންކޮޅު ހަޖަމުކުރުން ފަސޭހައެއްނުވި އެވެ. އެކަން ނުދެނެތިބި މީހުންނަށް އެއީ ވަރަށް ހައިރާންކުރުވަނިވި ޚަބަރެކެވެ.
"ބުނި އަޑު ނީވުނީތަ؟" ޒެވިޔަން ދަތްތައް ވިކާލައިގެން ހުރިއިރު އަމީންއަށް ވެސް އެލޮލަށް ބަލަހައްޓައިގެން ހުންނަން އުނދަގޫގޮތެއް ހުއްޓެވެ. އެހާ ވެސް ބާރުގަދަ ލޮލެކެވެ.

"އާނ، އަލީނާއަކީ ޒެވިޔަންގެ ވައިފް، އަޅުގަނޑު އަމީން ކައިރީގައި ބުނީ މެއިޑެއްގެ ގޮތުގައި ގެއަށް ގެންނަނީއޭ ދޯ، އެކަމަކު ހަގީގަތުގައި އަޅުގަނޑު އަލީނާ ގެނައީ ޒެވިޔަންގެ އަންބަކަށް ހަދަން، އަމީން ލިޔުންތަކުގައި ސޮއިކުރި އިރު ފަރުވާކުޑަކޮށްލާފައި އެއީ ކޮން އެއްޗެއްކަން ބަލައިނުލުމަކީ އަޅުގަނޑުގެ ކުށެއްނޫން، އޭގައި އޮންނާނެ ވަލީ ގެ ސިޓީ، ނޫނީ އަޅުގަނޑު އެބަވޭ އަމީން ކައިރީ ބުނި ހަނދާނެއް ވެސް، އަމީން ހަދާން ނުބެހެއްޓި ކަމީވެސް އަޅުގަނޑުގެ ފޯލްޓެއް ނޫން، މިހާރު އަލީނާއަކީ އަޅުގަނޑުގެ ޅީ ދަރިފުޅު، ވީމަ އަމީން ވެސް ހިތަށް އެރިހާ އެއްޗެއް ކިޔައިގެން ނުވާނެ، އަމިއްލަ ދަރީގެ ހާލު ނުބަލައި އަހަރެއް ވާން އުޅެނިކޮށް ހަދާންވީމަ ވާނީ ވެސް ތިހެން، ޒެވިޔަން ދަރިފުޅާ، ކެތްކުރޭ އަލީނާގެ ބައްޕައަށް ވީމަ މާފުކޮށްލާ، އެކަމަކު ދެވަނަ ފަހަރަށް އަޅުގަނޑުމެންނަށް ކެތެއް ނުކުރެވޭނެ އަލީނާގެ ގަޔަށް އަތްލާތަން ދެކެން......" 

ޒީބާ ވެސް އެންމެންގެ ތެރޭގައި އަލީނާގެ ދިފާއުގައި ވާހަކަދެއްކުމުން ސީމާ ހުރީ އަނގަ ހުޅުވާލައިގެންނެވެ. ގަބޫލުކުރަން ދަތިވެފަ އެވެ. ޑްރާމާއެއް ކުޅެވިއްޖެ އެވެ. އެކަމަކު އޭނަ ހީކުރި ގޮތަކަށް އެންމެންގެ ތެރޭގައި އަލީނާ ލަދުގަންނަވާލުމަށް ވުރެ ބޮޑަށް އެހާދިސާ ވެގެން ދިޔައީ އެންމެން އަލީނާ އާއި ދޭތެރޭގައި އެހެން ގޮތަކަށް ދެކެ އެ އާއިލާގެ މެމްބަރެއްގެ ގޮތުގައި ބަލަންފެށި ވަގުތަކަށެވެ. ސީމާއަށް މިފަހަރު ވެސް ލިބުނީ ކެއްސެކެވެ.

"މިހާރު ސާފުވެއްޖެ. ސީމާ އަހަންނަށް ސަޕްރައިޒެއް ދޭންވެގެން ސިއްރުކުރީދޯ، އަލީނާ އަކީ މިގޭ ކުއްޖެއްގެ އަންހެނުންވެއްޖެއްޔާ އަހަންނަށް މައްސަލައެއް ނެތް، މަރުހަބާ، ތިބޭފުޅުން ކޮށްދިން އިހުސާންތެރިކަމެއް، މަ ހީކުރީ ވެސް ކަލޭމެން އޭނަ ގެނެސް ޖާރިޔާއެއްގެ ގޮތުގައި ކަމަށް...." އަމީން ވާހަކަދެއްކީ އާދައިގެ ބަހުރުވައިންނެވެ. މާބޮޑަށް އަދަބުވެރިކަން ދަސްވެފައިވާހެނެއް ހިޔެއް ނުވެއެވެ. އޭނަގެ ތުންފަތް މައްޗަށް ވެރިވެގެން ދިޔައީ ކާމިޔާބުގެ ހިނިތުންވުމެކެވެ. އަމިއްލަ ދަރިފުޅު މިހާ ޝާހީ، މުއްސަނދި ޚާންދާނެއްގެ މެމްބަރަކަށް ވުމުން ޔަގީނުން ވެސް އޭނައަށް ލިބޭނެ ފައިދާގަނޑު ކުޑައެއް ނުވާނެ އެވެ. އަލީނާ އޭރު ވެސް ހުރީ ޖެހި ބުދެއް ފަދައިންނެވެ. 

ޒެވިޔަން އަލީނާގެ ގައިގައި ހިފަހައްޓައިލައިގެން ހުރެ ގެންގޮސް ބޮޑުކޮޓަރީގެ ސޯފާއެއްގައި ބޭންދިއެވެ. އެލޮލުގައިވާ ކަރުނަތައް ފޮހެލަދެމުން ތެމިފައިވާ ކޯތާފަތުގައި ބޮސްދިނެވެ. ޒެވިޔަން އަލީނާ އާއި ކިތަންމެ ލޯބިން ވާހަކަދެއްކި ކަމުގައި ވިޔަސް ޒެވިޔަންގެ ރުޅި މަޑެއް ނުވެއެވެ. އޭނަގެ ލޮލަށް ފެންނަނީ އަލީނާގެ މޫނަށް އެތިފަހަރު އެރި މަންޒަރެވެ. އަމީންގެ އަތް ބިންދާލަން ވެސް ޒެވިޔަން ބޭނުންވި އެވެ. އެކަމަކު ޒެވިޔަން ކެތްކުރީ އަލީނާއަށް ޓަކައެވެ. އަލީނާގެ ބައްޕަ ކޮންމެ ފަދަ އިހާނެތިކޮށް ކަންތައް ކުރިޔަސް އަލީނާ ބުނީ ދީނުގައި އޮތްގޮތަށް ބައްޕައާއި މެދު ވެސް ރަނގަޅަށް ކަންތައްކުރަން ބޭނުންވާ ކަމުގަ އެވެ. އޭނާ ކެނޑިނޭޅި މައިންބަފައިންނަށް ހެޔޮ ދުޢާކުރާކަމުގައެވެ. ސާލިހު ދަރިން ލިބުމުން ނަސީބުވެރި ވާނީ އަމީން ފަދަ ކިތަންމެ މީހެކެވެ.

އަމީން އާއި ސީމާ ވަކި ނުވާނެކަން އެނގިލެއްވުމުން މައިމޫން ކެތްތެރިވެލައްވައިގެން ހުންނެވީ ދާވިޝްމެންގެ ޕާޓި ބޭއްވެންދެނެވެ. އެއަށްފަހު އެގޭގައި ދިރިއުޅުމުގެ ހުއްދަ ސީމާ އަކަށް ނޯންނާނެ އެވެ. ދަރިން ދެކެލަން އައި ކަމުގައި ވިޔަސް އެހިސާބުން ސީމާ އަކީ އެ އާއިލާއަށް ނިސްބަތްވާ މީހެއް ނޫނެވެ. އަމީން ވެސް އެގޭގައި މާގިނަ އިރު ހުންނާކަށް ބޭނުމެއްވެސް ނުވި އެވެ. އޭނަ ސީމާ ގޮވައިގެން ދިޔައީ ނިއުޔޯކްގެ ތަންތަން ބަލައިލުމަށެވެ. ސީމާގެ ލާރިން އަމީން ކިތަންމެ ވަރަކަށް ވެސް މަޖާ ނަގައިފި އެވެ. ސީމާ ހުންނަނީ އަމީން އައިފަހުން ބިރުން ފިތްކަނޑައިގެންދާވަރުވެފަ އެވެ. އޭނަގެ ފޮޓޯ ބޭޒާރުކޮށްފާނެ ކަމުގެ ބިރުން އަބަދު ހުންނަނީ އެ ޚިޔާލުގަ އެވެ.

ދާވިޝް އާއި ޖެމާގެ ކައިވެނި ކުރެވުނީ ނިއުޔޯކްސިޓީގެ ހޮޓަލެއްގަ އެވެ. އެ ހޮޓެލް ތައްޔާރުކޮށްފައި ވަނީ ވަރަށް ފުރިހަމަޔަށެވެ. ހޮޓެލްގައި ހަދާފައިވާ ބޮޑު "އައިސް ސްކަލްޕަޗަރ" އިން ފެށިގެން މޭޒުތައް މަތީ ބަހައްޓާފައި ހުރި އަގުބޮޑު، ރީތި އުށްބައްތި ތަކަށް ދާންދެން ފެނުމުން ދެވަނަ ފަހަރަށް ބަލައިލަން މަޖުބޫރުކުރުވި އެވެ. ކޮންމެ އެއްޗަކުން ރަމްޒުކޮށްދެނީ ފިނި މޫސުމާއި، ގަނޑުފެނެވެ. ބުކޭއިން ފެށިގެން ކެއުން ވެސް، މޫސުމާއި ގުޅޭފަދަ ގޮތަކަށް ގެނެސްދީފައިވެ އެވެ. ދާވިޝް އާއި ޖެމާ އެތަނަށް އައީ ފާރ ކޯޓުތަކުން ފޮރުވިގެން ނަމަވެސް ހޮޓަލަށް ވަދެ އެމީހުން ކޯޓުތައް ބޭލުމުން އެތެރެއިން ލައިގެން ތިބި ހެދުންތައް ޝާހީކަމުން ވެސް ހީވަނީ އެހެން ފަދަކަމެއް ހެންނެވެ. ޖެމާވެސް އަލިމަހުން ވިދާ ބަބުޅާ ހުދު ހެދުމެއްގައި ހީވަނީ ޕްރިންސެސްއެއް ހެންނެވެ. ބޮލުގަ އޮތް ތާޖުގައި ހުރި އަލިމަސްތައް ވެސް އެހާ ވިދުން ގަދަ އެވެ. އެހެދުމުގެ ސަބަބުން ވެސް ޝާހީ ގޮތްގަނޑު ހުއްޓެވެ. ދާވިޝް އާއި ޖެމާ މެހުމާނުންނަށް ޓަކައި ހިނިތުންވެލައިގެން ތިއްބަސް އެތެރެ ރުޅިވެރިކަމުން އެނދީއެވެ.

ކައިވެނީގެ ކުލަގަދަ ހަފްލާ ނިމުނުތަނާހެން ސްނޯ ވެސް ފައިބަންފެށި އެވެ. ދާވިޝް އާއި ޖެމާއަށް ޓަކައި އެރޭ ތައްޔާރުކޮށްފައިވާ ޕްރައިވެޓް ކޮޓެޖް އަށް އެމީހުންނަށް ދެވެންވާއިރަށް އެތަން ވެސް ތައްޔާރުކޮށްލާފައި ވަނީ ބަލާމީހުން ހައިރާންވާހާ ރީތިކޮށެވެ. ހިނގަން އޮތް ހަނިމަގުގެ ދެފަރާތް އަލިކޮށްލާފައި ވަނީ ސްނޯ ބައްތިތަކުންނެވެ. ރީތިކޮށް ޑިޒައިންކޮށްލާފައިވާ ކްރިސްޓަލް ޒާތުގެ ބައްތިތަކުގެ ތެރޭގައިވާ ހުޅުކޮޅު ވަޔާއި ހެލިލަހެލިލާ ހުރެ އޭގެ ވާޖިބު އަދާކުރި އެވެ. ހުރިހާ ދިމާލަށް އަލި ފޮނުވުމުގައި ކާމިޔާބުކުރި އެވެ. އެހިސާބުގައިވާ ޝުގަރ އަދި މޭޕްލް ގަސްތަކާއި، ޕައިން ފަދަ ގަސްތަކުގައި ސްނޯ ހަރުލާފައިވާ އިރު، ބައެއްދިމާލުގައި ކުދި ފަރުބަދަތައް ފަދައިން ސްނޯ ފުނިވަރުތައް ފެންނަން ހުއްޓެވެ. އަލިތައް އެޅުމުން ގަނޑުފެން ވިދާއިރު އެއީ ތައުރީފުކޮށް ނިމޭނެ ފަދަ މަންޒަރެއް ނޫނެވެ.

ކޮޓެޖް ތެރޭގައިވާ ފަޔަރޕްލޭސްގައި ވާ އަލިފާންގަނޑު އަނދަމުން ދިޔައީ ވަރުއަރުވާލާފަ އެވެ. އޭގެ އައްޔާއި، ހޫނުކަމުން ކޮޓެޖް އަށް ވަނުމާއިއެކު ހީފިލައިގެންދާގޮތްވި އެވެ. އަދި އަލިފާންދަރުގެ މީރު ވަސް ހިފާލާފައިވެ އެވެ. މުއްސަނދި މިލިއަނަރުންގެ ދަރިންނަށް ވީމަ ހޮޓެލެއްގައި މާ އަރާމުކޮށް ކައިވެނީގެ ރޭ ހޭދަކުރެވޭނެ ކަމުގައި ވިޔަސް ގުދުރަތީ މިފަދަ ލާމަސީލު ކަންތައް ތަކަކީ ދާވިޝް މާގަޔާވާ ތަންތަންކަން އޭނަގެ ބޮޑުބޭބެމެން ވެސް ދަނެއެވެ.
އެތަނަށް އައި މީހުންވެސް ދާވިޝްއާއި ޖެމާއާއި ދިމާކުރަން ތިބެފައި އެންމެންހެން ދާން ފެށީ އަލަތު ދެމަފިރިންނަށް އެކަނިވެލާނެ ރަނުގެ ފުރުސަތެއް ދީފައެވެ. އެންމެ ފަހުގެ ކާރުތަކުގެ އަލި ގެއްލުމުން ޖެމާ އާއި ދާވިޝް ދޮރުމަތީގައި ޖެހި ދެ ބުދު ފަދައިން ތިބެފައި ކުރިން އެތެރެއަށް ވަނީ ޖެމާއެވެ.

ކޮމެންޓް 0