ޒީބާގެ އަތުން ހޫނު އެތިފަހަރެއް އަލީނާގެ މޫނު މައްޗަށް އަރައިފިއެވެ. އަލީނާއަށް ހީވީ ލޯމަތިން ތަރިތައް ބުރައިގެން ދިޔަހެންނެވެ. ހިދުކޮޅަށް ނަމަވެސް މޫނަށް އަނދިރިވާ ގޮތްވެ، ވެއްޓިދާނެހެން ހީވުމުން އަލީނާއަށް ތަނބެއްގައި ލެނގިލެވިއްޖެއެވެ. އޭރު ކޯތާފަތްމަތީގައި ދިލަ ތަދުފަށެއް ހިފާލައިފިއެވެ. އަލީނާ ބިރުގެންފިއެވެ. އެވަރުގެ ކުޑަކަމަކާއި ހެދިވެސް މާރާމާރީ ހިންގައި، ގަޔަށްވެސް އަތްލެވެން ވާނެ ބާވައެވެ. ވަގުތުން ފުލުހުންނަށް ގުޅަންވެސް އަލީނާގެ ހިތް މަޝްވަރާ ދިނެވެ. ފަގީރުވިޔަސް އެމީހުންގެވެސް އިއްޒަތެއް ވާނެއެވެ. އެވަގުތު އަލީނާ ހަދާންވީ އެ ފުށްގުޅައެއްފަދަ ނިކީގެ މަތިންނެވެ. ނިކީ އާއި ވަކިވެގެން ދާކަށް ހިތެއް ނޭދުނެވެ.

"ދެވަނަ ފަހަރަކު މަގޭ މޫނުމަތީގައި ޒުވާބުކޮށްބަލަ. ގެންގުޅޭމީހަކަށްވެ ހުރެ ތިނޫނީ އެކަކުވެސް އަދި އަހަރެމެންގެ މޫނުމަތީގައި ތިގޮތަށް ބަސްބުނެފައެއް ނެތޭ. ކަލޭ ހީކުރީ ޒެވިޔަން ގަސްތުގައި ޖެހިގަތީ ކަމަށްތަ؟ އޭނަ އެބައުޅޭތަ ތިކަހަލަ ކުނިކޮޅެއް ނުފެނިގެން. ދުނިޔެއިން އަންހެނުން ހުސްވިޔަސް ޒެވިޔަން ކަލެއަކާއި ކާރިއެއް ނުވާނެ. މިއަދުން ފެށިގެން މިދޮރުން ގެއަށް ވަދެގެން ނުވާނެ. ބަދިގެފަރާތުން ގެއަށް ވަދޭ. އެއީ ކަލޭގެ މަގާމު......." ޒީބާގެ ޖުމްލަތަކުން އަލީނާއަށް ހީވީ ސިކުނޑި ފަޅައިގެން ދިޔަހެންނެވެ. ހިތުގައި ޖެހުނު ވަރުން ލޮލުން ކަރުނަ ހިލުނެވެ. ނިކަމެތިކަމާއި، މުއްސަނދިކަމުގެ ފަރަގު މިގޭގެ ކޮންމެ ދިމާލަކުން ފެންނަން ހުއްޓަސް، މުއްސަދިންގެ ހިތް މިހާ ނުބައިވެދާނެ ކަމަށް އޭނަ ހީކޮށްފައެއް ނެތެވެ. ޒީބާމެންފަދަ އިއްޒަތްތެރިން މިހާދަށްކޮށް ވާހަކަދެއްކުމުން އެމީހުންގެ އަގުވެސް އޭނަގެ ގާތުގައި ދަނީ ދަށަށެވެ. ކޮންމެ ދުވަހަކު ހެން ލިބެނީ އިބުރަތެކެވެ. ފިލާވަޅެކެވެ. އޭނަގެ ހިތުގައި މުއްސަދިންނާއި މެދު އޮތް ފޫހިކަން އިތުރުވާން ފެށީއެވެ.

"ސޮރީ....." އަލީނާ މާފަށް އެދިފައި އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ދާން ހިގައިގަތްއިރު ހިތާމައާއި ބިރުފިލައި، ރުޅިވެރިކަން ޚިޔާރުކޮށްލައިފިއެވެ. ކޮންމެވެސް ދުވަހަކުން ޒީބާއަށް ފިލާވަޅެއް ލިބުމަށް އެދި ހިތާހިތުން ދުޢާ ކުރެވުނެވެ. ނަމަވެސް އަލީނާ ގަނޑުފެންގަޑެއް ހިފައިގެންގޮސް ނާހީ ކުރާކަމެއް ބަލަން ހުއްޓުނު އިރު ރުޅި މަޑުވެ، ޒީބާ އާއި މެދު އެގޮތަށް ވިސްނުނީތީ ދެރަވެސްވިއެވެ. އޭނަ އަކީ ގޯސްކުއްޖެއް ނޫނެވެ. އެކަމަކު ރުޅިގަދަވާ ވަގުތު އޭނަގެ ޚިޔާލަށް ނުބައި އެއްޗެހި އަންނަންވީ ސަބަބެއްވެސް ނޭގެއެވެ. އެފަދަ ވަގުތު ތަކުގައި މީހުންނާއި މެދު ނުބައި ދުޢާކޮށްކޮށްފައި އިރުކޮޅަކުން ހިތްބަދަލުވެ ހަމްދަރުދީވެވިދެއެވެ. އޭނަގެ ދެހިތް އޮންނަނީ ބާވައެވެ.

"ކޮންތަނެއްގައި ޖަހައި ބޯފަޅާލައިގެންތަ ކުއްޖާ. ޒީބާ ޖައްސާލާފައި ދިޔަ މަސައްކަތެއް ބަލާބަލަ ނިކަން. ވައިޖެހޭ ވަރަކަށް ވައިޖެހި ފަތްތައް އުދުއްސަނީ، މަ ވީހަތަރުދަމު މި ހޮވަން އިންނަން..." ނާހީ ވިނަގަނޑުމައްޗަށް ފައިބަމުންދާ ދޮންފަތްތައް ހޮވަން އިށީދެލައިގެން އިންއިރު، މޫނުވަނީ ދަލުން ފެންވެރިފައެވެ. އަލީނާ ކަންފަތް ކައިރީގައި ގަނޑުފެންގަނޑު ޖައްސާލައިގެން ހުރިއިރު އެ އޮމާން މޫނުމަތިން ފެންތިކިތައް ތިކިތަޅަމުން ދިޔައެވެ. އަލީނާ އެކްސިޑެންޓެއް ހިގީކަމަށް ބުނެފައި، ހޫނުގަދަކަމާއި ބެހޭގޮތުން ވާހަކަ ދެއްކިއެވެ.

"އަހަރެމެން ފިނިކޮށްލަން ތިއޮތް ޕޫލަށް އެރުނަސް ޒީބާ އުދުހިފައި އަންނާނެ ވިއްޔަ. މިގޭގައި އޮވޭ އިންޑޯ ޕޫލްއެއްވެސް. މިދުވަސްކޮޅު ކޮންމެވެސް ސަބަބަކާއި ހެދި އެބައި ބޭނުންކުރާ ތަނެއް ނުފެނޭ. އެކަމަކު އަހަރެމެން ފަތަން ނޭގޭމީހުން އެރެފިއްޔާ ބޮތްކެއްހެން އަޑިޔަށް ދާނެ. ޒެވިޔަން ސަލާމަތްކޮށް ދޭން އަންނާނެނަމަ މިހިރީ ގެނބެންވެސް ތައްޔާރަށް. ސަޅިވާނެދޯ. ހިތަށް އަރާ ޒެވިޔަންމެން ޕޫލް ކައިރީގައި ސައިބޯން ތިބިދުވަހަކުން ޕޫލަށް ވެއްޓިގަންނާނީއޭ. އޭރުން ޒެވިޔަން އަހަރެން ސަލާމަތްކުރަން އެރުނީމަ ޒީބާ ހަންޑިގެ މޫނަށް އަރާނެ ކުލަވަރު މިހާރުވެސް ލޮލަށް ފެނޭ...." ނާހީ ހިނިގަނޑެއް ޖަހާލައިފިއެވެ.

"ޒީބާ ގޮވާނީ ބަޓްލާއަށް......." އަލީނާ ވެސް ނާހީ އާއި ދިމާކުރަންފެށިއެވެ. އޭނަ ނާހީ އާއި ސަކަރާތް ޖަހަން އިރުކޮޅަކު ހުރެލާފައި ބަދިގެ އާއި ދިމާލަށް ހިގައިގަތެވެ. އަލީނާ ހައިރާންވީ ޒެވިޔަން އާއި މެދު ވިސްނެން ފެށުމުންނެވެ. ޒެވިޔަން އަކީ ހާދަ ރީތި މީހެކެވެ. އަދިވެސް އަލީނާގެ ނޭފަތުގައި ހިފާފައި ވަނީ ޒެވިޔަންގެ ހަށިގަނޑުގެ މީރުވަހެވެ. ހާދަ ރީތިކޮށް ގޮސް ޒެވިޔަންގެ މޭމަތީގައި ބޯޖެހުނެވެ. ޒެވިޔަންގެ އަތުތެރޭގައި ވީ ސިކުންތުކޮޅުވެސް އެއަތުގެ ބާރުވެސް އިހުސާސްކުރެވި ނޭގޭފަދަ ގޮތްތަކެއް ވެގެން ދިޔައެވެ. އިރުއިރުކޮޅާ އެމަންޒަރު ހިތަށް އަރާ ފައިބަންފެށިއެވެ. އަޖައިބެކެވެ. ޒެވިޔަން އާއިމެދު ޚިޔާލުކުރުމަކީ ވެސް ފާފައެއްކަން އެނގޭއިރު ސިކުނޑިން އޭނަގެ ރީތިކަން ފިލުވައިލެވޭނެ ގޮތެއްވެސް ނެތެވެ. ނާހީ ބުނާ ފަދައިން ނިކަމެތިންނަށްވެސް، ނުވާނެ ކަންތައްތަކާއިމެދު ޚިޔާލު ކުރުމާއި، ހުވަފެންތައް ދުށުމުގެ ހައްގު ލިބިގެންވެއެވެ. މައްސަލައަކީ އޭނަ ޒެވިޔަން އާއި މެދު ވިސްނަން ބޭނުންނުވާއިރުވެސް ވިސްނެމުންދާކަމެވެ.

އަލީނާ އޭނަލައިގެން ހުރި ހެދުން ބާލާފައި ނޭފަތުގައި ޖައްސާލިއިރު އެހެދުމުގައި ހިފާފައިވަނީ ޒެވިޔަންގެ ލުއި މީރުވަހެވެ. އެއީ ކޮން ސެންޓެއްބާވައެވެ. ކިތަންމެ ފަހަރު ދޮވުނަސް ވަސް ފިލައިގެންދާނެކަމެއް ނޭގެއެވެ. އަލީނާ އެ ހެދުން ފަށްޖަހާލާފައި އަލަމާރީގައި ހުރި ހެދުންތަކުގެ އެންމެ އަޑީގައި ބޭއްވިއެވެ. އެކަންތައް އެގޮތަށް ކުރެވެނީ ކޮން ޖަޒުބާތެއްގެ ސަބަބުންކަމެއް އަލީނާއަކަށް ރޭކާނުލިއެވެ.

އަލީނާ އެތަން މިތާގައި ގަނޑުފެންގަޑު ޖައްސަމުންގޮސް އަނގަޔަށްވެސް ގަނޑުފެންކޮޅެއް ލައިފިއެވެ. އެތެރެހަށްޓާއި، ސިކުނޑިވެސް ފިނިކުރުވަން އޭނަ ބޭނުމެވެ. އެނދަށް އުއްޑުން ވެއްޓިގަތް ގޮތަށް އަލީނާ ދެލޯމަރާލައިފިއެވެ. އެވަގުތު ފެނުނީ ޒެވިޔަން ނިކީ އުފުލާލާފައި، ކޯތާފަތުގައި ބޮސްދިން މަންޒަރެވެ. ހާދަ ސަޅިއެވެ. އެއޮތް އޯގާތެރިކަމެކެވެ. ބައްޕައަކާއި، ދަރިއެއްގެ އެ ލޯބި ފެނުމުން އޭނަގެ ގައިން ހީބިހި ހަލުވާލިއެވެ. އޭނަ ކުޑައިރުވެސް ބައްޕަ އެގޮތަށް އުރާލައި، ލޯބިން ގެންގުޅުނު ނަމައެވެ. ނަމަވެސް ބައްޕަގެ ހިތުގައި ލޯތްބާއި، ކުލުނު ލައްވާފައި ނެތީކަން ނޭގެއެވެ. އެފަދަ ލޯތްބެއް ހުވަފެނުގައިވެސް އޭނައަށް ލިބިފައެއްނެތެވެ. އޭނައަށް އެއްވެސް މީހެއްގެ ލޯބި ހައްގު ނޫނީ ބާވައެވެ. އަލީނާގެ ލޮލުގައި ކަރުނަ ގިނަވިއެވެ. 

އަލީނާ ހަދާން ހުންނަން ފެށީއްސުރެ އޭނަގެ ގެއިން އިވުނީ އެކަކު އަނެކަކަށް ހަޅޭއްލަވާ އަޑާއި، އެއްޗެހި ކިޔާއަޑެވެ. ހަމްދަރުދީއެއް، ކުލުނެއް ނުހުރެއެވެ. ގިނަދުވަހު މަންމައާއި ބައްޕަ ތިބެނީ އެކަކު އަނެކަކާއި އަގައިން ނުބުނަން ހުވާކޮށްގެންހެން ހީވާފަހަރުވެސް އާދެއެވެ. މަންމައާއި ބައްޕަ ދުވަހަކުވެސް އެކަކު އަނެކަކާއި ލޯބިން ވާހަކަދެއްކި ތަނެއް ހަމަ ނުފެނުނީއެވެ. އެއް ބޯޓެއްގައި ދަތުރުކުރިޔަސް އެއީ ދެ ބީރައްޓެހިންނެވެ. ދަރިން އެއްތަނެއްގައި އުޅެ ބޮޑުވުމުން ކުރީ އެ އަސަރުކުރިއެވެ. އެކަކު އަނެކަކާއި އަޅާލުމާއި، ލޯބިވުމަކީ އެ އާއިލާ ތެރޭގައި އަމުދުން ނެތް ސިފައެކެވެ. އެފަދަ މާހައުލެއްގައި އުޅެބޮޑުވުމުގެ ސަބަބުން އަލީނާއަށްވެސް އޭގެ ނޭދެވޭ އަސަރުކުރި ކިތަންމެ ވަރަކަށްވެސް ކުރިއެވެ. ލޯބި އެއީ އޭނަ ދަންނަ ގޮތުން ފިލްމު ނޫނީ ވާހަކަތައް ރީތިކޮށްލުމަށް ޖައްސާ ޑްރާމާއެކެވެ. 

އަލީނާއަށް ލޯބީގެ ހަގީގީ ކުލަވަރު ފެންނަންފެށީ "އޯޓަމް ބްލޭޒް" ގެ ތެރެއިންނެވެ. ކޮންމެ މީހެއްގެ ގުޅުން އަލީނާ ބަލަމުން ދިޔައީ ހައިރާންކަމާއި އެކީގައެވެ. އެފަދަ ރީތި ގުޅުމަކީ އެކަނި ވާހަކައިގެ ފުރިހަމަކަން އިތުރުކުރުމަށް ހިމަނައިލާ ދޮގުވެރި ޖަޒުބާތެއް ނޫންކަން އަލީނާއަށް މި މާހައުލުން ދަސްވެއްޖެއެވެ. ޒެވިޔަންގެ މައިންބަފައިން އެ އުމުރުގައިވެސް އުޅޭލެއް ލޯބިކަންވެސް އަލީނާ ވަނީ ދެތިންފަހަރު މަތިން ދެކެފައެވެ. ކާރުން ފައިބައިގެން އަންނަނީވެސް އަތުގުޅުވާލައި ގެންނެވެ. ސިއްރު ވާހަކަތައް ދައްކަމުން، ހެމުން ޒުވާން ދެލޯބިވެރިން ފަދައިންނެވެ. އެފަދަ ގާތްކަމެއް އަދި ޒެވިޔަން އާއި ރިޔާގެ ފަރާތުންވެސް ފެނިފައެއްނެތެވެ. މާޒީގެ އަނދިރި ކަމުގެ ތެރެއިން ނިކުމެވި އަލިމަގެއް ފެނުނީބާވައެވެ. ޔަގީނުންވެސް މާޒީގެ ބިރުވެރި ހަދާންތަކުގެ މައްޗަށް ގަދަވެގެންފައި ވަނީ ޒެވިޔަންގެ ރީތިކަމެވެ.

އަލީނާއަށް ނޭގުނީ މުއްސަދިން އުފަލުގައި އުޅެމުންދާއިރުވެސް އެއީވެސް އިންސާނުންކަމެވެ. އެމީހުންގެ ހިނިތުންވުންތަކުގެ ފަހަތުގައިވެސް ބައެއްފަހަރު ހިތާމަވާނެކަމެވެ. ޒެވިޔަން އާއި ރިޔާ ފަދައިން ކޮޓަރީގެ ހަތަރުފަރާތުގައި އަރައިރުންވެ އެހެންމީހުންގެ ތެރޭގައި އެކަން ފޮރުވައިގެން އުޅޭނެ މީހުންވެސް ތިބޭނެކަމެވެ. މި މުއްސަދިކަމާއި ބަލާއިރު، ފަގީރޭ ބުނެވޭވަރުގެ ކުއްޖެއްގެ ސިކުނޑީގެ ތަރާދުން ހުރިހާކަމެއް އަލީނާ ކިރަމުން ދިޔައެވެ. އަލީނާ ބޭނުން ނުވިޔަސް، ދޭތެރެއަކުން ނާހީ ފަދައިން ހުވަފެންތައް ދެކެން ފެށުނެވެ. އޭނަ ސިންޑްރެއްލާ ނޫނީ ސްނޯވައިޓްފަދަ ޝަޚުސިއްޔަތެއްގެ ގޮތުގައި ހުރެގެން ކޮންމެވެސް ޕްރިންސް އަކާއި ގުޅިގެން އުޅޭތަނެވެ. ތަފާތުގޮތްގޮތަށް އެ މަންޒަރުތައް ޚިޔާލަށް ގެނެވި ކުލަޖައްސަން ބޭނުންވާންފެށިއެވެ. މަޖާކަމަކީ އަލީނާގެ ހުވަފެންތަކުގައިވާ ފިރިހެންކުއްޖާގެ މޫނު ނިވާވެފައި ހުންނަކަމެވެ. އެއީ ކާކުކަން ޚުދު އަލީނާ އަކަށްވެސް ނޭގޭކަމެވެ.

އަލީނާ ބަންކްބެޑްގައި ހަމަޖެހިލުމަށްފަހު ވާހަކަފޮތެއް ހުޅުވާލައިފިއެވެ. ކޮޓަރިއަށް ވެރިވެފައިވާ މަޑު އޮރެންޖުކުލައިގެ އަލީގައި ފޮތްބެލުން ރަނގަޅު ނުވާނެކަން އެގޭއިރުވެސް އެ ލޯބީގެ ވާހަކަ ކިޔާހިތުން ކެތް ނުކުރެވުނީއެވެ. އިރުކޮޅެއްނުވަނީސް ނާހީ ތެޅެމުން ފޮޅެމުން އައީ ދެއަތްފުރެންދެން އެއްޗެހިތަކެއް ހިފައިގެންނެވެ. އޭނަ ފޮށި ހުޅުވާލައިގެންއޮވެ، ކުރިމަސައްކަތެއް ބަލާކަށް އަލީނާ ނޫޅުނެވެ. އެނދުގެ ފާލާކޮޅަށް ދެފައި އަރުވާލައިގެން ނިކަން ހަމަޖެހިލައިގެން އޮވެ އަލީނާ ފޮތުގެ އަނެއް ސަފުހާ ހުޅުވާލައިފިއެވެ.

"އަލީނާ ދޫނި. މިފަންކާގަނޑު ރަނގަޅަށް ނޭބުރޭ އިރުވެސް ތި ބުރުގާ ގަނޑު ނުނަގާނަންތަ؟ ހޫނެއްނުވޭތަ؟ އެސްފީނާޖެހިދާނެތީ ބިރުން އިސްތަށިގަނޑު ނުދައްކަން ނޫނީ ތަލަވެފައި ހުރީމަ ލަދުންތަ؟ އަހަރެން ފިރިހެނެއްގެ ސިފައިގައި ފެންނަނީތަ؟ ހޫމް. ދެން ހެވޭ. މިއޮތީ ތިކުއްޖާއަށް ދޭން ވަގަށް ގެނައި ހަދިޔާއެއް. ހޭނެތިވެސް ދާހާ ރީތިކަމެއް ދޯ....." ނާހީ އެއް ނޭވައިން އެތައް ސުވާލުތަކެއް ކުރުމަށްފަހު އަލީނާގެ އަތުތެރެއަށް ފޮޓޯފްރޭމެއް ލައްވާފައި އެނދަށް ޖެހިގަތެވެ. އެނދުގެ މަތީބައިވެސް ގުޑައިގެންދިޔައެވެ.

"ކުޑަވަރެއްގެ ބިންހެލުމެއް އައީދޯ..." ނާހީ ކިޔާއެއްޗަކަށް ސަމާލުކަން ދެވޭވަރަށްވުރެ ބޮޑަށް އަލީނާ ވަނީ އެފޮޓޯއަށް ގެއްލިފައެވެ. އެފޮޓޯގައި ވަނީ ޒެވިޔަން އާއި އެހެން ފިރިހެން ކުއްޖެކެވެ. އެފިރިހެންކުއްޖާ ލައިގެން ހުރި ޔުނިފޯމްއިން ހީވަނީ ސިފައިންގެ ކުއްޖެއްހެނެވެ. އެމެރިކާ ނޭވީ ޒުވާނެއް ބާވައެވެ.

"ތިއީ އާއިޒުގެ ފޮޓޯއެއް. އަހަރެން ވަގަށް ގެނައީ. އަލީނާއަށް ރަގަޅު ހަދިޔާއެއްކަމަށް ވާނެކަމަށް ހީކުރަން..." ނާހީ އާދައިގެ މަތިން އެނދުގައި ފައިތަޅަމުން ދިޔައެވެ. ނާހީ ތިރީގައި އޮވެ އެނދުގައި ފައިން ތަޅާތީ ބައެއްފަހަރު އަލީނާއަށް އުދަގޫވެސްވެއެވެ. އެކަމަކު އޭނަ ދުވަހަކު ޝަކުވާއެއް ނުކުރެއެވެ. އެވަގުތު ކޮޓަރީގެ ހިމޭންކަމުގެ ތެރެއިން އިވެންފެށީ މުރަނަ އެއްޗެއް ހަފައިގެން ކާއަޑެވެ. ފޮތެއް ކިޔާލުންފަދަ ބޭނުންތެރިކަމެއް ކުރުމަށް ނާހީ ޝައުގެއް ނުހުރެއެވެ. ނާހީ އެގެއިން ސިއްރުން އެއްޗެހި ގެންނާތީ އަލީނާ ކަންތައް ބޮޑުވެސް ވެއެވެ. އަލީނާ އެފަދަކަންތައް ނުކުރަން ކިތަންމެ ވަރަކަށްވެސް ނަސޭހަތްތެރިވިއެވެ. ނާހީގެ އަމަލުތަކުން އަލީނާ ބަދުނާމު ވެދާނެކަމުގެ ބިރުވެސް ހީވާންފަށައިފިއެވެ. އޭނަ މިފޮޓޯ ސިއްރުން ގެންގޮސް ރެކްމަތީގައި ބަހައްޓާނެއެވެ. ނޫނީ އެންމެފަހުން ނަންވެފައި އޮންނާނީ އޭނައެވެ. 

"ކުދިގުޅަ ކާނަންތަ؟ މި އެކަތަ ގުޅަތައް ހަފާލީމަ ހީވޭ ދަތްތައްވެސް ލުހިދާނެހެން. މިރޭ ކިރިޔާ ބޭޒާރުނުވީވެސް. ޑަބިޔާމަތިގަނޑު ޖަހާލިތަނާ ޒީބާ ދައްކާލީ. އޭރު މުށްފުރެންދެން ގުޅަހުރީމަ ވަގުތުން ދެއަތްކޮށްޕާލީ ހެދުމުގެ ޖީބަށް. މަގޭހެދުންތަކުގައި ޖީބު އަޅާތީ މަންމައާއި މައްސަލަޖެއްސި ދުވަހެއްވެސް އައި. އެކަމަކު މިރޭ ސަލާމަތްވީ އެ ބޭކާރު ޖީބުތަކުގެ ސަބަބުން...." ނާހީގެ ވާހަކަތަކުން އަލީނާ ހީހީބަލިވިއެވެ. އަލީނާ އެއްގޮތަކަށްވެސް އެ ގުޅަ ހުއްދަވާނެ ކަމަކަށް އެއްބަހެއްނުވިއެވެ. ނާހީގެ ޚިޔާލު މުޅިންތަފާތެވެ. އޭނަ ދެކޭ ގޮތުގައި އެގޭގެ ބަދިގެއިން ކޮންމެ އެއްޗެއް ކެޔަސް ފާފަވެރިއެއް ނުވާނެއެވެ. 

އަލީނާއަށް ބެލެމުން ދިޔައީ ޒެވިޔަންގެ ތަސްވީރަށެވެ. އެ ރީތި ދެލޮލަށެވެ. މީހަކު ބަލައި ބަލައި ފޫހިނުވާނެއެވެ. އާއިޒުވެސް ތަފާތުގޮތަކަށް ރީއްޗެވެ. ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑުގެ ސަބަބުން ވަރަށް މާތްގޮތެއް ހުއްޓެވެ. އަލީނާއަކަށް ވާހަކައިގެ އެންމެ ސަފުހާއެއްވެސް ކުރިއަކަށް ނުގެންދެވުނެވެ. އިރުއިރުކޮޅާ ބެލެނީ އެ ތަސްވީރަށެވެ. ރީތިވީމަ ބެލިދާނެއެވެ. އެއީ މައްސަލައެއްނޫނެވެ.

ޒެވިޔަން ކާރު ޕާކުކޮށްލާފައި ފޭބިއިރު އޭނަ ހުރީ ކޮންމެވެސް ވަރަކަށް ވަރުބަލިވެ ހަށިގަނޑުގެ މަސްތައްވެސް ރިލެކްސް ކޮށްލަން ބޭނުންވެފައެވެ. ނަމަވެސް އިރުއިރުކޮޅާ ރިޔާ ރުޅިގަދަވެފައި ހުރީމަ މަސާޖް ކޮށްލަދޭނީވެސް ކާކުހެއްޔެވެ؟ ޒެވިޔަން ފޯނާއި ކުޅެލަމުން ކަންނެތް ގޮތަކަށް ހިނގާލާފައިދިޔައިރު ގަސްތަކުގެ ތެރެއިން ކުޑަ ހިލަމެއްވިހެންހީވިއެވެ. ޒެވިޔަން ބަލައިނުލި ނަމަވެސް ކޮންމެވެސް މީހަކު އެގަސްތަކުގެ ތެރޭގައި ފިލައިހެން ހުރެ އޭނަގެ ހަރަކާތްތައް ދެކެން ހުރިކަމަށް ހަވަނަހިއްސު އަންގަދިނެވެ. ކުއްލިއަކަށް ބާރަކަށް އަންހެންކުއްޖަކު ހަޅޭއްލަވައި ގަތުމުން ޒެވިޔަންއަށް އެދިމާލަށް ބެލުނީ ބޭއިޚުތިޔާރުގައެވެ. އޭނައަށް ފެނުނީ އަލީނާ ފުއްލާއެއްހާ ބާރަކަށް ގަސްތަކުގެ ތެރެއިން ދުވެފައި ދިޔަތަނެވެ. އެވީ ކިހިނެއްބާވައެވެ. މަންމަ މިވަގުތު ގޭގައި ނެތްކަން ނަސީބެކެވެ. އެހެންނޫންނަމަ އެތައް ސުވާލެއް ކުރިމަތި ވާނެ އެވެ.

ޒެވިޔަންގެއަށް ވަދެ ސޯފާގައި ޖައްސާލިއިރުވެސް ވިސްނަމުންދިޔައީ އަލީނާ ހަޅޭއްލަވަމުން ދުވެފައިދިޔަ ސަބަބަކާއި މެދުގައެވެ. އެކުއްޖާ ހާދަ ހިއްކެވެ. އެއަތުގައި ޒެވިޔަންއަށް ހިފާލެވުނު ދުވަހު ހީކުރެވުނީ އަތް ބިދިދާނެކަމަށެވެ. އެހާ ނާޒުކެވެ. އެހާ ލުޔެވެ. ރިޔާއަކީވެސް ލޫޅާފަތި ކުއްޖެކެވެ. އެކަމަކު އަލީނާ އެއަށްވުރެ މާ ހިކީއެވެ. އަދި އެހާ ޖެހިލުން ކުޑަކޮށް މަންމަ އާއި ދިމާލަށް އެހެން ބުނީމަވެސް އެކުއްޖާގެ ތަފާތުވަރު ޒެވިޔަންއަށް ފާހަގަ ކުރެވުނެވެ. މޮޔަކުއްޖެއް ބާވައެވެ. ނަފްސާނީ މައްސަލައެއް އުޅެނީކަން ނޭގެއެވެ. ބޯ ހެދުމެއްގެ ތެރޭގައި ފޮރުވިގެން ހުރިއިރު މޫނު ހީވަނީ ކުޑަކުއްޖެއްގެ ހެންނެވެ. އުމުރު ލަފާކޮށްލާކަށްވެސް ނޭގުނެވެ. އަނެއްކާ އެއީ ކުޑަކުއްޖެއްބާވައެވެ. ނޫނީ ތަންކޮޅެއް އިސްކޮޅު ކުރުވިޔަސް ޒުވާން ފުރައިގެން އަންހެންކުއްޖެއް ބާވައެވެ. އެހާ އާދައިގެ ކުއްޖަކާއިމެދު މިވީހާތަނަށް ޒެވިޔަން ވިސްނާފައެއްނެތެވެ. އެކަމަކު އަލީނާ ގެ ތަފާތުކަމުން އެގޮތްތައް ބަދަލުކުރުވަން މަޖުބޫރުކޮށްފިއެވެ.

ޓެރެސްގެ ކޮފީމޭޒު ކައިރީގައި ޑޮކްޓަރ މައިމޫނުގެ ދެމަފިރިންނާއި އާއިލާ އާއި އެކީގައި ސައިބޯން ތިބެފައި ރިޔާ ތަންކޮޅެއް އަވަހަށް ނިކީ ގޮވައިގެން ހިގައްޖެއެވެ. މައިމޫނު މެން އެކި ސަމާސާ ވާހަކަ ތަކެއްގައި ތިއްބެވިއިރު ޒެވިޔަންވެސް އިނީ މަޖާ މޫޑެއްގައެވެ. ބައްޕައާއި މަންމަގެ ގާތުގައި ކޮންމެފަދަ ވާހަކައެއް ދައްކަންވެސް ޒެވިޔަން ފަހެއްނުޖެހޭނެއެވެ. ކުޑައިރުއްސުރެން އެގޮތަށް ހާނުވާފައި ހުރުމުން ޒެވިޔަންގެ އެންމެ ގާތް އެކުވެރިންގެ ގޮތުގައި އޭނަގެ މައިންބަފައިންވެސް ހިމެނެއެވެ. އޭނަ ސިއްރު ކުރި ކަމެއްވިއްޔާ ސިއްރުކުރަނީ މަސްލަހަތަށް ބަލާފައެވެ. މަންމަމެން ގާތުގައި ނުދައްކާވަރުގެ ވާހަކައެއް ވެއްޖެއްޔާ އޭނަ ދުނިޔެއަށްވެސް ސިއްރު ކުރެއެވެ. ރިޔާއާއި އޭނަގެ ނާޒުކް ގުޅުމަކީވެސް ޒާތީ މައްސަލައެއްގެ ގޮތުގައި އޭނަ ދެކެމުން އައި ކަމެކެވެ.

"ދަރިފުޅާ. ބައްޕަ މިޚަބަރުދިނީމަ ކަންބޮޑުނުވާތި އިނގޭ. މަންމަވެސް މިކަމާއި މުޅިން އެއްބަސްވެ ހުއްދަދިނީމަ ކުރަން އުޅޭ ކަމެއް މިއީ. ބައްޕަ މިއުޅެނީ ދެވަނަ ކައިވެންޏެއް ކުރަން......" ޑޮކްޓަރ މައިމޫން އެވާހަކަދެއްކެވިއިރު ޒީބާ އިނީ ހީލަހީލައެވެ. ޒެވިޔަންއަށް ކުޑަ ހައިރާންކަމެއް ލިބުނަސް މަންމަ ހަމަޖެހިލައިގެން އިންތަން ފެނިފައި އޭނަ ވެސް އެހުނުމުގައި ބައިވެރިވިއެވެ. އެހެންނޫނަސް ދީނުގައި ހަތަރު އަނބިން ހުއްދަވެފައިވާއިރު، ބައްޕައަށް ކިތަންމެ އިއްޒަތުގައިވެސް ހަތަރު އަނބިން ގެންގުޅެވޭނެ ތަނަވަސްކަން އެބަހުއްޓެވެ. އެކަމުން ޒެވިޔަން އަށް އުނިވާނެ އެއްވެސް އެއްޗެއްނެތެވެ. އޭނަ ޒުވާންވެފައި ވަނީ މައިންބަފައިންގެ ހިފެހެއްޓުމެއްނެތް ލޯތްބާއި، އަޅައިލުން ލިބި ބޭނުން ކޮންމެއެއްޗެއް ލިބިގެންނެވެ. މިހާރުވެސް ބައްޕަވަނީ އޭނަގެ ބޭންކު އެކައުންޓަށް އުމުރުދުވަހުވެސް މަސައްކަތަކާއިނުލައި އުޅެވޭނެހާ ފައިސާ ލައިދީފައެވެ. އޭނަގެ ނަމުގައި ރެޖިސްޓްރީވެފައިވާ ގެތައް އެބަހުއްޓެވެ. ވީއިރު ބައްޕަ މީހަކާއި އިނުމަކީ އެންމެ ރަނގަޅު ކަމެކެވެ. ޔަގީނުންވެސް އެކައިވެނި ހުއްޓުވަން އޭނަ ބޭނުމެއް ނޫނެވެ. 

"ހޫޒް ދަ ލަކީ ގާރލް؟ ޑޭޑް. މަންމަ ޖޭއެއްވެސް ނުވަނީތޯ؟ " ޒެވިޔަން ވެސް ކުރީ ސަމާސާއެކެވެ. ޒެވިޔަން ނުތަނަވަސްވީ ބައްޕަ ކައިވެނިކުރަން އުޅޭމީހާގެ ނަން އަޑުއިވުމުންނެވެ. ޒެވިޔަންގެ ސިކުނޑި ހީވީ ފަޅައިގެން ދިޔަހެންނެވެ. އެތެރެ އެތެރެއިން ހަޅޭއްލަވައި ގަނެވުނެވެ. އޭނަ އެކައިވެނި ހުއްޓުވަން ބޭނުންވިއެވެ. އެއީ އެއްގޮތަކަށްވެސް އޭނަ ބައްޕަގެ އަންބެއްގެ ގޮތުގައި ހުއްޓާ ދެކެން ބޭނުންވި މީހެއްނޫނެވެ. މިއީ ކިހިނެއްވާންވީ ކަމެއްހެއްޔެވެ؟ ނޫނެކެވެ. އެހެނެއްނުވާނެއެވެ.

ކޮމެންޓް 0