އެލީ، ހަމަޖެހިބަލަ، އަހަރެންގެ ފެމިލީ މީހުން އެލީ އެކްސެޕްޓް ކުރާނެ ކަމުގެ ޔަގީންކަން އޮތީމައެއްނު އަހަރެން ލަންޗަށް ގެނައީވެސް، އައިމް ޝުއަރ ޑޭޑް ރުޅިދުރުވެފައި ވަނީ އެހެން ސަބަބަކާއި ހުރެ....." ޒެވިޔަން ހަމަޖެހިލާފައި އެހެން ބުނަމުން އަލީނާގެ އަތަށް މަޑުމަޑުން ފިތާލީ ޔަގީންކަން ދިނުމުގެ ގޮތުންނެވެ. ޒެވިޔަން އޮޅިގެން ނަމަވެސް އަލީނާ އާއި ދިމާލަށް އެ ބަލައިލި ޖާދުވީ ގޮތަކުން ރިޔާއަށް އުދަގޫވިއެވެ. ހާދަ ޚާއްސަ ނަޒަރެކެވެ. އޯގާތެރިކަމާއި ލޯބީގެ އިންތިހާއެވެ. އެ ރީތި ދެލޮލުން ލޯބި ނޫން އެހެން އެއްވެސް އެއްޗެއް އެވަގުތަކު ނުފެނުނެވެ. ރިޔާ އިނީ މިއަދު ޒެވިޔަންގެ ކުރިމަތީގައި ހުރި ގޮނޑީގައި ކަމުން އެ ބެލުން ރީތިކޮށް ފެނުނެވެ. ހިތުގައި އަލިފާން އަނދައިގަތީ އަމަށަކު ގޮތަކަށް ނޫނެވެ.

"އަލީނާ ރަނގަޅު ކުއްޖަކަށް ވެދާނެ އެކަމަކު ފެމިލީ ހަމަ ވަރަށް ސަކަރާތް، އަލީނާގެ ބައްޕަގެ ވާހަކައެއް އިވިގެން މިއުޅެނީ ދަރިފުޅާ....." މައިމޫންގެ ލޮލުގައިވި ނުރުހުމުގެ ކުލަތައް ޒެވިޔަންވެސް ހިމޭން ކުރުވައިފިއެވެ. 
"ދެންމެ މާލެއިން އައީ ކޯލެއް، ސީމާގެ ކައިވެނި ކުރަން އުޅޭ އަމީން އަކީ ކުށުގެ ރިކޯޑް އޮތް ފިރިހެނެއް ކަމަށް ވަނީ، އޭނަގެ ދަރިންނަށް އެބިއުޒްކޮށްގެން ކޯޓާއި ހަމައިގައި އެމައްސަލަ އޮތީ، އަދިވެސް އެތައް ވިޔާނުދާ އަޑުތަކެއް އަރާފައިވާ މީހެއް، އަދި އޭނަގެ ބައްޕައަކީ ކާކުކަން ގޯޑް އޮންލީ ނޯސް، އެފެންވަރުގެ މީހަކު ދާވިޝްމެންގެ ދޮންބައްޕަ އަކަށް ހަދަން ސީމާ ވިސްނި ގޮތެއް އަދިވެސް މިއުޅެނީ ނޭގިގެން، ދާވިޝް، މަންމަ ގާތު ބުނޭ އެކަން ހުއްޓާލާށޭ، ނޫނީ މުސްތަގުބަލުގައި އެކަމުގެ ނޭދެވޭ އަސަރުތައް ދާވިޝްމެންނަށް ވެސް ކުރާނެ، އޭނަ އަކީ އެހާ އަޚުލާގު ދަށް މީހެއްކަން ހިޔެއް ނުކުރަން، ބަލާބެލުމަށް ވަރަށް ޑީސެންޓްކޮށް އޭނަ ހުރީ...." މައިމޫން ބުނުއްވިއެވެ. އަދި އަލީނާ ކާރިން ބައްޕަގެ ވާހަކަ ކޮންމެވެސް ވަރަކަށް އެއްސެވުމުން ދާވިޝްއަށް ވެސް ސިހުމެއް ލިބުނެވެ. ޒީބާ ވެސް އަނގަމަތީގައި އަތް އަޅާލައިފިއެވެ. އެކަން ނުދެނެހުރި މީހުންނަށް ލިބުނު ޝޮކެއް ކަމުގައި ވިއެވެ. ސީމާ ކައިވެނި ކުރަން އުޅެނީ އަލީނާގެ ބައްޕަ އާއި ހެއްޔެވެ؟ މާތް ކަލާކޯއެވެ. މޭޒުދޮށުގައި ވި އެންމެންހެން އަލީނާގެ މޫނަށް ބަލައިލީ ތަފާތު ނަޒަރަކުންނެވެ. 

އަލީނާ އިނީ ލަދުން ކުރާނެ ކަމެއް ނޭގިފައެވެ. އޭނަގެ ބައްޕަގެ ފަތިފުށް އެނގުމުން މައިމޫން އޭނަ އާއި މެދު ވެސް ހިތްހަމަޖެހި ނުލައްވާކަން މައިމޫން ގެ މޫނުމަތިން އަލީނާ ދެނެގެންފިއެވެ. ޒެވިޔަންވެސް އިނީ ތަންކޮޅެއް ހިމޭނުންނެވެ. އަލީނާގެ ކާފައެއް ނެތްކަން ކުރިން ޒެވިޔަންއަށް ނޭގުނީ ކީއްވެބާވައެވެ. އަލީނާގެ އައިޑީގައި ކާފަގެ ނަން އޮންނަތަނުގައި "ނެތް" އެހެން އޮތުމުން އޭނަ އެވާހަކަ އަހަން އުޅެފައިވެސް ފަހުން ހަނދާނެއްވެސް ނުވީއެވެ. ކާފައެއްގެ މުހިއްމުކަން ޒެވިޔަންއަށް ވިސްނައި ނުގަނެވުނީއެވެ. އެއީ ފަހުން މައްސަލަ އަކަށް ވެދާނެކަމަށް ވެސް ޒެވިޔަން ހީނުކުރީއެވެ. ޒީބާވެސް އިނީ އަނގައިން ނުބުނެ އިސްޖަހާލައިގެންނެވެ.

ދެން މައިމޫން ފެއްޓެވީ ރިޔާގެ ވާހަކައެކެވެ. ޒީބާ އެކްސިޑެންޓް ހިގި ދުވަހު ރިޔާ ކާރު ގަސްތުގައި ތަނެއްގައި ޖައްސާލިކަން ފުލުހުން ވަނީ ޓްރެފިކް ކެމެރާތަކުގެ އެހީގައި ދެނެގެންފައެވެ. އެ މައްސަލަ ބޮޑުވެގަތުމުން މައިމޫން ވަނީ ރިޔާގެ ނަފްސާނީ މައްސަލަ ހުރިކަމަށް ޑޮކްޓަރަކު ލައްވާ ރިޕޯޓެއް ލިޔުއްވާފައި، އެކަންތައް މާ މައްޗަށް ނުގެންދަނީސް އެ ކޭސް ހުއްޓުވާފައެވެ. ނަމަވެސް ހަގީގަތުގައި ރިޔާގެ ނަފްސާނީ ޑޮކްޓަރު ބުނުއްވާ ގޮތުގައި ރިޔާ މިހާރު މުޅިން ރަނގަޅެވެ.

"ބަލާބަލަ ރިޔާގެ އެ މާނައެއްނެތް އަމަލުން މަންމައަށް ވީގޮތް، އަންކަލް ގާތު ތެދަށް ބުނެބަލަ. ކޮބާ އިންޓެންޝަން އަކީ؟ އެކަން ކުރި ސަބަބަކީ ކޮބައިތަ؟" މައިމޫން އެ ސުވާލު ކުރެއްވުމުން އެތަނަށް ވެރިވެގެން ދިޔައީ މަރުފަދަ ހިމޭންކަމެކެވެ. ރިޔާ ގެ މޫނު ރަތްވެ، އެ ބޮޑު ދެލޮލަށް ކަރުނަ ޖަމާވިއެވެ. ތުންފަތް ތުރުތުރު އަޅަން ފެށިއެވެ. ޒީބާ ވެސް ހައިރާންވިކަން އެނގުނެވެ. އެދުވަހު ހަގީގަތުގައި ކަން ވީގޮތެއް ޒީބާ އަކަށް ނޭގުނެވެ. އެކްސިޑެންޓް ހިގިއިރު ޒީބާ އިނީ ފޯނުގައި ހުރި ފޮޓޯތަކެއް ބެލުމުގައި އަވަދިނެތިއެވެ.

"ރިޔާ، ބައްޕަގެ ސުވާލަށް ޖަވާބު ދީ....." ޒެވިޔަން އަމުރު ކުރިއެވެ. ޒެވިޔަން ދުވަހަކު އެހާ ހަރުކަށި ނަޒަރެއް ރިޔާއަށް ދީފައިވާކަމެއް ނޭގެއެވެ. ރިޔާ އާއި ޒެވިޔަންގެ ނަޒަރު ސިކުންތު ކޮޅަކަށް ބައްދަލުވުމާއިއެކު ރިޔާ އިސްޖަހާލިގޮތަށް މޫނުގައި އަތްއެޅިއެވެ.

"އައިމް ސޮރީ އަންކަލް، އެދުވަހު ހިތަށް އެރީ، ނޭގޭ އެވަގުތު ވީގޮތެއް، ސުއިސައިޑް ކުރަންވެގެން އުޅުނީ، އެކަމަކު ކާރު އަނބުރައިލި ތަނުން މަމް އިން ފަޅި ތަނެއްގައި ޖެހުނީ، ސޮރީ އެވްރީވަން...." ރިޔާ އަޅައަޅައިގެންފައި އެހެން ބުނެލުމުން އެ ހާދިސާ ހިގަން މެދުވެރިވީ ސަބަބު އެންމެނަށް ޔަގީންވީއެވެ. ޒެވިޔަން ރިޔާއަށް ބަލަހައްޓައިގެން އިނީ ގަބޫލުކުރުން ދަތިގޮތަކަށެވެ. ޒެވިޔަން ރުޅިއަންނާނެ ވަރު އަންދާޒާކުރެވި ރިޔާގެ ހިތް ފިނިވެ، ހިތް ރޫރޫއަޅަންފެށިއެވެ. އޭނައަށް ދޭނެ އަދަބެއްވެސް އެނގެނީއެއް ނޫނެވެ.

މައިމޫން ރިޔާ އާއި ވާހަކަދެއްކެވީ ތަންކޮޅެއް މަޑުމައިތިރި ކޮށެވެ. ރިޔާ ތަންކޮޅެއް ހަރުދަނާ، ރަނގަޅު ކުއްޖަކަށް ވުމަށް މައިމޫން އެދިލެއްވިއެވެ. ޒީބާ އިނީ ރިޔާ އާއި އަނގައިން ނުބުނަން ހިތާހިތުން ވައުދު ކޮށްގެން ކަންނޭގެ އެވެ. ވާނީވެސް އެހެންނެވެ. ރިޔާ ގަސްތުގައި ކުރިކަމެއްކަން ފަޟީހަތް ވުމުން ޒީބާއަށް އެކަން ފަސޭހައިން ހަދާން ނައްތައެއް ނުލެވޭނެއެވެ. މާފެއްވެސް ނުދެވޭނެއެވެ. އޭނަގެ އުފާވެރި ހަޔާތް އަނދިރިކަމުގެ ތެރެއަށް ވައްޓާލީ އޭނަ އެންމެ ލޯބިން ގެންގުޅުނު ޅީ ދަރިފުޅެވެ. އެ އަންހެންކުއްޖާއަށް ޓަކައި އޭނަ ހާދަ ބޮޑު އިހުސާންތެރިކަމެއް ވެދޭން އުޅުނެވެ. އެހެން އަންހެންކުއްޖެއްގެ ދިރިއުޅުމާއި ކުޅެލަން އުޅުނެވެ. އެވަރުވެސް ރިޔާ ހަނދާން ނައްތާލީއެވެ. ވީއިރު ޒީބާގެ ހިތުން ދުވަހަކުވެސް އެކަން ފިލުވައެއް ނުލެވޭނެއެވެ. އެހެނޭކިޔާފައި ރިޔާއަށް ދެވުނު މަގާމު އަލީނާ އަކަށް ނުދެވޭނެކަމީ ދުވާލު އިރުފަދައިން ފެންނަ ހަގީގަތެކެވެ. އެހެންނޫނަސް އަލީނާގެ އާއިލާގެ އަގެއްނެތްކަން ބޭޒާރުވުމުން ޒީބާގެ ހިތުގައި އަލީނާ އާއި މެދުގައި ކުރިއަށް ވުރެ ބޮޑު ފޫހިކަމެއް އުފެދުނެވެ.

އަލީނާ ކޮޓަރިއަށް ވަނުމާއި އެކު ލޮލުގައި ގިނަވެފައިވާ ކަރުނަތައް އޮހިގަތީ އަލީނާ އިންތިހާއަށް ކެތްކޮށްގެން އިންދައެވެ. ޒެވިޔަންގެ އާއިލާ އާއި ދުރަށް ދާންބޭނުން ކަމަށް ބުނެ އަލީނާ އަސަރާއި އެކު އާދޭސްކުރިއެވެ. ޒެވިޔަން ވަރަށް ހިތްހަމަނުޖެހުނެވެ. އަލީނާއަށް ޒެވިޔަން ދޫކޮށްލާފައި ނުދެވެންވީ ކިތަންމެ ސަބަބެއް މިހާރު ވާކަމަށް ބުނެ އަލީނާ ދުރަށް ދާން ޚިޔާލުކުރި ކަމީވެސް މާފުނުދެވޭވަރުގެ އަނިޔާއެއް ކަމަށް ޒެވިޔަން ބުނެލީ ދެރަވެފައި ހުރެއެވެ. ޒެވިޔަން އެދުނީ އަލީނާ ހިތްވަރުގަދަ ކުއްޖަކަށް ވެދިނުމަށެވެ. އެމީހުންނަށް ލިބެން އުޅޭ ދަރިންނަށް ޓަކައި ވެސް ކެތްތެރިވުމަށެވެ. އަލީނާގެ ކާފައެއް ނެތަސް ޒެވިޔަންއަށް އެއީ މައްސަލައަކަށް ނުވާނެ ކަމަށާއި އޭނަ ބޭނުމީ އަލިނާ އާއި އެކީގައި މުޅި ހަޔާތް ވޭތުކޮށްލަން ކަމަށް ޒެވިޔަން ބުންޏެވެ. އަލީނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބުނެވެ.

ޒީބާ ގެއަށް ފޮނުވައިލިތާ ތިން ހަތަރު ފަސް ދުވަސްވީއިރުވެސް އެންމެންހެން އުޅުނީ ޒީބާ ވަށާލައިގެން އޭނަގެ ޚިދުމަތުގައެވެ. އޭނަ އެންމެ މިނިޓަކަށްވެސް އެކަނިކޮށެއް ނުލައެވެ. ފޫހިވެގެން އިންނާނެ ހިދުކޮޅެއްވެސް ނުދެއެވެ. ނަމަވެސް ޒީބާގެ އެކްސިޑެންޓަށް ފަހު އެތައް ދުވަހެއްވާންދެން ވަޒީފާ އާއި ދުރުގައި އުޅުމަށްފަހު ޒެވިޔަން އާއި އާއިޒު އަދި މައިމޫންވެސް އޮފީހަށް ދާން ފެއްޓިއެވެ. ރިޔާ އާއި ޖިލާ ޒީބާ އާއި އެހާ އަޅައެއް ނުލައެވެ. ނޫނީ އެކުދިންގެ ޅަ ސިކުނޑި ތަކަށް ޒީބާ އެކަނިވެރި ވާނެ ވަރު ނުވިސްނެނީއެވެ. އިރުގަނޑަކަށް ޒީބާ ގާތު އިނދެފައިވެސް ތިބެފައި ރިޔާވެސް އޮންނާނީ ފިލްމެއް އަޅުވައިގެންނެވެ. ނޫނީ އެފްބީގައެވެ. ޒީބާ އިންނަނީ އެކަނިވެރި ވެފައެވެ. ޒެވިޔަން ރިޔާއަށް ގަދަޔަށް އަމުރުކޮށްފައި ވަނީ މަންމަ އެކަނި ބާތުރޫމަށްވެސް ނުވެއްދުމަށެވެ. އެހީތެރި ވެދިނުމަށެވެ. ނަމަވެސް ޒީބާ ހުންނަނީ ބުނަން އުދަގޫވެފައެވެ. ރިޔާ އެހާ ކަންނެތް ވާނެއެވެ. ދެން ހުރީ ޖިލާއެވެ. ޖިލާވެސް އެހާ ބުރަހެލިކޮށް އުޅޭއިރު އެއީ ޖިލާއަށްވެސް ފަސޭހަކަމަކަށް ނުވެ ހިނގައިދާނެއެވެ. 

އަލީނާ ފެންޑާގެ ހަރުފަތްތަކުން ތިރިއަށް ފޭބީ ފިޔަވަޅުތަކަށް ނިކަން ސަމާލުވެގެން ހުރެއެވެ. ކަޅާއި، ރަތުގެ ސްޓްރައިޕް ސްވެޓަރަކާއި އެކު ކަރުގައި ސްކާފެއް އޮޅާލާފައިވި ނަމަވެސް އަލީނާ ހުރީ ކޯޓު ނުލައެވެ. ގޭގެ ހޫނުމިން އެއްވަރަކަށް ހިފަހައްޓާފައި ހުރުމުން ފަޒާގެ ފިނިކަން މިހާ ގަދަވެދާނެ ކަމަކަށް ހިޔެއްނުކުރެއެވެ. ގޭގެ ދޮރުން ބޭރަށް ނިކުމެވުމާއިއެކު އަލީނާއަށް ހީވީ ކަށިގަނޑުގެ ތެރެއަށްވެސް ފިނި ފޭދިގެން ދިޔަހެންނެވެ. ހަށިގަނޑު ތުރުތުރުލާފަދަ ގޮތެއްވެ، މޭގައި އަތް ހުރަސްކޮށްލެވިއްޖެއެވެ. ދަތްދޮޅީގައި އަތްއަޅުވާލައިގެން ހުރިއިރުވެސް ރޫރޫއެޅުން ހުއްޓައެއް ނުލެވުނެވެ. ޒެވިޔަން ބުނެފައިވާ ގޮތުން ގަނޑުފެން ފޭބުމުގެ ކުރިން ފަޒާ މާބޮޑަށް ފިނިވާނެއެވެ. އަލީނާ ފިނިވެފައިވާ ދެއަތްތިލަ އުގުޅައިލަމުން އަތަށް ފުމެލުމާއިއެކު ދުންކޮޅެއްހެން، ހުދު އާވި ފަޒާގެ ތެރެއަށް އަރައިގެން ދިޔުމުން އަލީނާގެ ލޯ ބޮޑުވިއެވެ. ދެވަނަފަހަރަށްވެސް އަލީނާ ވައިގެ ތެރެއަށް ފުމެލައިފިއެވެ. ފިނިކަމުން ނޭވާ އިން އަންނަ ވައި ވެސް އާތްވަށް ވެގެން ދަނީއެވެ. 

ކުއްލިއަކަށް ޒެވިޔަންގެ ކާރު ގޭޓުން ވަންތަން ފެނުމުން އަލީނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނަގެ ޒެވިޔަން ހާދަ ސްމާޓެވެ. ބަލާބަލާ ފޫހިނުވާހާ ހިތްގައިމެވެ. ޖިންސްގެ ޖީބަށް އަތްތިލަ ޖަހާލައިގެން ފިރިހެންވަންތަ ހިގުމެއްގައި އައިއިރު އެސްފިޔަޖަހައިލަންވެސް އަލީނާއަކަށް ނޭގުނެވެ.

"ހޭއި ބޭބީ، އަހަންނަށް ވެއިޓްކޮށްގެން ހުއްޓާ ފްރީޒް ވަނީ ނު. ރީތިކަން.... މޫނުކޮޅު ރޯޒްއެއްގެ ފިޔަހާ ރަތް، އެހާ އޮމާން..." ޒެވިޔަން ހުދު ދަތްތައް ފެންނަވަރަށް ހީލަމުން އަލީނާގެ ރަތްވެފައިވާ ކޮލުގައި ފިނިފިނި ތުންފަތް ޖައްސައިލުމުން އަލީނާއަށް ދެލޯމަރައި ލެވުނެވެ. ޒެވިޔަން އިތުރު ކުދި ގޯނާއެއް ކޮށްލުމުން އަލީނާގެ މޫނު އިތުރަށް ރަތްވެ، ނޭވާ އަވަސްވިއެވެ. ދެމީހުން ދުރަށް ޖެހުނީ ކޮންމެވެސް މީހަކު ފެންޑާއަށް ނިކުތްހެން ހީވެގެންނެވެ. 

"ޒާވް، ލުކް، އައި ކެން ސީ މަ ބްރެތް......" އަލީނާ ވެސް ވާހަކަދައްކަން ފެށުމުން ހީވަނީ ސިގްރެޓް ބޮއިފާ ދުންތައް ދުއްވައިލެވޭ ހެންނެވެ. އެއީ ޒެވިޔަންމެން ކުޑައިރުއްސުރެ ފެނި ބާވެފައިވާ ކަމަކަށް ވިނަމަވެސް އަލީނާއަށް މުޅިންވެސް އާ ތަޖުރިބާއެކެވެ. ޒެވިޔަން އެކަމާއި ގަޔާވާކަމަށް ހެދުނަސް އޭނަ އެހާ ޝައުގެއް ނެތެވެ. ޒެވިޔަން އަލީނާގެ ބަނޑުގައި އަތް އަޅުވައިލަމުން ހިނިތުންވެލިއެވެ.

"އެލީ ސްމޯކް ކުރަނީދޯ، އަހަރެންގެ ސްވީޓްނެސް އަދި ހާދަ އުފާވާނެ ސްނޯ ވެހެން ފެށީމަ، ހީކަރުވާފައެއްނު ތިހިރީ، އާދޭ އަދި ބައްދާލަން، އޭރުން ވަރަށް އަރާމުވާނެ...." ޒެވިޔަން އޭނަ ލައިގެން ހުރި ކަޅުކުލައިގެ ލެދަރ ޖެކެޓް ބާލާފައި އަލީނާ ލައްވައި ދެމުން އަލީނާ އަދިވެސް ބޮޑަށް ގަޔާއި ކައިރިކޮށްލައިފިއެވެ. ނަމަވެސް އަލީނާގެ ބޮޑުވެފައިވާ ބަނޑުގެ ސަބަބުން މާ ބާރަށް ބައްދައިލެވޭކަށްވެސް ނެތެވެ. ޒެވިޔަންގެ ހަށިގަނޑުގެ ހޫނުކަމާއި، މީރުވަހުން އަލީނާގެ ހިތަށް ލިބުނު ހަމަޖެހުމުގެ ސަބަބުން ދުނިޔޭގެ އެހެން ހުރިހާ ކަމެއް ހަދާން ނައްތާލަފައި އެއަތުގެ ތެރޭގައި ހުރެވުނެވެ.
"ޒެ...ޒެވި...ޔާ....." ރިޔާ ބާރަކަށް ގޮވަން ފެށުމުން ޒެވިޔަން ދުވެލާފައި ގެއަށް ވަންއިރު ޒީބާ އޮތީ ތަޅުންމަތީގައެވެ. މުޅިތަނުގައި އޮތީ ލޭގެ ކޯރެކެވެ. ޒެވިޔަން ގޮސް މަންމަ ތެދުކޮށްގެން އަތުލަފި ކުރިއެވެ. އެހާވަރަކަށް ލޭގަނޑު އޮހިގަތީ ބޮލަށް އަނިޔާވީމަކަމަށް ޒެވިޔަން ނިންމިއެވެ. ބޮލުގައި ލޭނާރުތައް ގިނަކަމުން ކުޑަތަންކޮޅެއް ފަޅައިގެން ދިޔަސް ލޭ ގިނައިން ބޭރުވާ ގޮތްވެއެވެ.

"މަމް އަމިއްލަ އަކަށް ރޫމުން ނިކުމެގެން އަންނަނިކޮށް ޕޮޓެއްގައި އަޅައިގަނެ...." ރިޔާގެ ޖުމްލަ މެދުކަނޑައިލީ ޒެވިޔަން ނުރުހުމުގެ ގޮތަކަށް ބަލައިލުމުންނެވެ. ނަމަވެސް މަންމައަށް އަޑުއިވޭ ހިސާބެއްގައި އަރައިރުމެއްވާކަށް ބޭނުމެއް ނޫނެވެ. ރިޔާއަށް ޔަގީންވިއެވެ. ޒެވިޔަން އެކަމުގައިވެސް ކުށްވެރި ކުރާނީ އޭނައެވެ. އޭނަ މަންމަ އާއި އަޅާނުލަނީކަމަށް ބުނެ މައްސަލައަކަށް ހަދާނެއެވެ. އޭނައަކަށްވެސް ހަތަރުދަމު ޒީބާ ގާތުގައި އެހެން އިނުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ހަގީގަތަކީ މިއަދު މާ ގިނައިރު ވަންދެން ރިޔާއަށް ޒީބާ އެކަނިކޮށްލެވުނުކަމެވެ. މެންދުރު ކެއުމަށްފަހު ހަވީރު ވީއިރުވެސް ޒީބާ ގާތަށް ރިޔާ އަކަށް ވަދެނުލެވުނެވެ. ޖިލާވެސް އޮތީ ބަނޑުގައި ރިއްސާތީ ނުތެދުވެވިފައެވެ. ޒެވިޔަން ހުރީ އިންތިހާއަށް ދެރަވެފައެވެ. އޭނަގެ މަންމަ ރަނގަޅަށް ބެލެހެއްޓުމަކީ އެމީހުންގެ ޒިންމާއެކެވެ. އޭނަ ގޭގައި ނޫޅޭ ވަގުތު އެކަންތައް ރިޔާ އާއި ހަވާލުކޮށްލުމުންވެސް ފަރުވާ ކުޑަކޮށްލީއެވެ.

ޖިލާ އޮތީ ނުނިދިފައެވެ. ބަލިވެއިން ދުވަހުން ފެށިގެންވެސް ޖިލާ ނިދުމުގައި މައްސަލަތައް ހުރެއެވެ. ތަފާތު ކުދި އުދަގޫތަކުގެ ސަބަބުން މާޔޫސް ނުވެ އުފާވެރިކޮށް ހުރެވެނީ އެކަނި ލިބެން އުޅޭ ދަރިފުޅަށް ޓަކައެވެ. އެދަރިފުޅަށް ޓަކައި އޭނަމިހިރީ ކޮންމެ ފަދަ ގުރުބާނެއް ވާންވެސް ތައްޔާރަށެވެ. އެހެންނޫނަސް އާއިޒު ފަދަ ރަނގަޅު ފިރިޔަކު ލިބިފައިވާއިރު ޖިލާއަށް އަދި ކިހާ ހިތްވަރު ލިބޭނެހެއްޔެވެ؟ އާއިޒު ދެކެ ޖިލާ ލޯބިވާވަރުން މިހާރު އެނޫން މީހަކާއި ދިމާލަށް ބަލައިލުމަކީ ފާފައެއްކަމަށް ދެކެއެވެ. ތާއަބަދުހެން ހަނދާނުގައި ހަރުލާފައިވަނީ އޭނަގެ އާއިޒުއެވެ. އެދެމީހުން ގެ ކުޑަ އާއިލާ ފުރިހަމަވާތީ ޖިލާ ހެއްދެވިފަރާތަށް އަބަދު ހަމްދުކުރެއެވެ. 

ކުޑަދޮރުގެ ފަރުދާތައް ކަހާލަފައި ހުރުމުން ރީތިކޮށް ގަނޑުފެން ވެހެމުންދާ މަންޒަރު ޖިލާއަށް ރީތިކޮށް ފެނުނެވެ. ރޭގަނޑު ކަޅު ސާލެއް އޮޅާލާފައިވާއިރު އެ އަނދިރިކަމުގެ ތެރެއިން އެތައް ބައިވަރު ހުދު ކަފަކޮޅުތައް ވައިގެތެރޭގައި އުދުހެމުންދާހެން ހީވެއެވެ. އެކަމަކު ފަޒާ އޮތީ އިންތިހާއަށް ހިމޭންކޮށެވެ. ވާރޭވެހޭއިރު ރީތި މިއުޒިކެއް ކުޅެލެވުނަސް ސްނޯ ވެހެނީ ހިމޭންކަމާއި އެކުގައެވެ. އެއްވެސް އަޑެއް ބަޑެއް ނީއްވާ ހުދުކުލައިން ދުނިޔެ ޖަރީކޮށްލަނީ އެވެ. ޖިލާއަށް އޭނަގެ ގާތުގައި ނިދާފައި އޮތް އާއިޒު އާއި އަދިވެސް ގާތްވެލެވުނެވެ. އެ މޫނުގައި ފިރުމައިލެވުނެވެ. އަތުގައި ބޮސް ދެވުނެވެ. ކުދި ކުދި ގޯނާތައް ކުރަން ފެށުމުން އާއިޒުގެ ބަރު އެސްފިޔަތައް ހުޅުވާލައިފާ ބަލައިލިއިރު އެ ލޮލުގައި ނިދީގެ އަސަރުވެއެވެ.

"ބޭބީ، އަދިވެސް ނުނިދަނީތަ؟ ޕެއިން އެބަހުރިތަ؟" އާއިޒު ޖިލާގެ ބަނޑުގައި މަޑުމަޑުން ފިރުމާލަ ދެމުން އަހައިލީ ލޯބިން ފުރިފައިވާ ގޮތަކަށެވެ.

"ވަރަށް ކުޑަކޮށް ރިއްސަނީ، އެކަމަކު ވަރަށް މޫވް ކުރޭ، ހަނީއަށް ފީލްވޭތަ؟ އެކަމަކު ޓަމީ ކިހާ ކުޑަ، އެލީ އާއި ދެމީހުންނަށްވެސް ހަ މަސްވީއިރު އަހަރެން ގެ ބޭބީ މާ ކުޑަހެން ހީވަނީ...." ޖިލާ އާއިޒުގެ ފަން އިސްތަށިގަނޑާއި ކުޅެލަމުން އަހައިލިއެވެ. އާއިޒު ބުނީ އެއީ މައްސަލައެއް ނޫންކަމެވެ. ފުރަތަމަ ފަހަރަށް ބަލިވެ އިންނަ އިރު އެހެން ބަނޑު ތަންކޮޅެއް ކުޑަކޮށް ދައްކަނީ މަސްތައް ވަރުގަދަވެފައި ރީތިކޮށް ހުރީމައެވެ. އަދި ބޭބީގެ ބަރުދަން ރަނގަޅު ކަމަށް ޑޮކްޓަރު ބުނަންޏާ އެއީ މައްސަލައަކަށް ނުވާނެކަމުގައެވެ. އަލީނާ އަށް އެއްމާ ބަނޑު ދެކުދިން ލިބޭތީ ޖިލާއަށް ވުރެ އަލީނާގެ ބަނޑު ބޮޑުވުމަކީ އެކަށީގެންވާކަމެކެވެ.

އާއިޒު ޖިލާގެ އަތުގައި ބޮސްދެމުން ނިދާލަން އެދުނީ ހިނިތުންވުމަކާއި އެކުގައެވެ. ޖިލާއަށް އާއިޒުގެ ރީތި މޫނަށް ބަލަހައްޓައިގެން އޮވެވުނީ ދައުވަތު ދޭފަދަ ނަޒަރަކުންނެވެ. ވެހެމުންދާ ސްނޯ ގެ ސަބަބުން ޖިލާއަށް ހުރިހާ ތަނެއް ފެންނަނީ އިޝްގީކޮށެވެ. ކޮޓަރިއަށް ވެރިވެފައިވާ ފަނޑު އަލިކަމާއި، ހިމޭންކަން ޖިލާ މަސްތުކުރުވިއެވެ. އަދި އެތައް ބާލީސް ތަކާއި ކުއިލްޓްތަކަށް ވުރެވެސް އާއިޒުގެ އެންމެ ބައްދައިލުމަކުން ލިބޭނެ ހިތްހަމަޖެހުން މާ ބޮޑުވާނެކަން ޖިލާއަށް އެގެއެވެ. އެފަދަ ބައްދައިލުމަކަށް ހިތް ގޮވަންފެށުމުން އިޖާބަނުދީ ހުރެވޭނެ ހެއްޔެވެ؟ ޖިލާ އާއިޒުގެ ކަނދުރާގައި އަތް އަޅުވައިލަމުން އެ ދެމެދުގައިވާ ދުރުމިން އަދިވެސް ބޮޑަށް ގާތްކޮށްލައިފިއެވެ. ސްނޯ ވެހުންވެސް ކުރިއަށްވުރެ ބޯވިއެވެ.

ޒެވިޔަން ކޮޓަރިއަށް ވަންއިރު އަލީނާ މާގަދަޔަށް ނިދާފައި އޮތުމުން އުދަގޫކޮށްލާކަށް ނުކެރުނެވެ. އޭނަ އަލީނާގެ ގައިމަތިން އަޅާލާފައިވާ ރަޖާ ރީތިކޮށްލުމަށްފަހު އެ ފިޔާތޮށި ކުލަވެރިވެފައިވާ މޫނުގައި ބޮސްދިނެވެ. "ގުޑްނައިޓް ބޭބީ" ޒެވިޔަން ނިދާބޮކީގެ އަލި އަދިވެސް ބޮޑަށް ފަނޑުކޮށްލުމަށްފަހު ބޭރަށް ނިކުތެވެ. އޭރު ބޮޑުކޮޓަރީގެ ފަޔަރޕްލޭސްގައި އަދަމުންދާ އަލިފާނުގެ ސަބަބުން ކޮޓަރިތެރެއަށް ވެރިވެފައިވަނީ ހިތްގައިމު އައްޔެކެވެ. ފްރެންޗް ދޮރުތަކުގެ ފަރުދާތައް ކަހާލާފައިވާތީ ސާފުކޮށް ބޭރު ފެނެއެވެ. ސްނޯފްލޭކްސްތައް ވައިގެތެރޭގައި ކުދި އައިސް ޕަރީތަކެއްހެން ހަރަކާތްކުރަމުން، ބިމަށް ތިރިވަމުންދާ މަންޒަރު ސާފުކޮށް ފެނެއެވެ.

"ޒެވިޔާ، ސްޓިލް އެންގްރީ ވިތް މީ؟" ރިޔާ މެގެޒިންއެއްގެ ގަނޑުތައް އުކަން އޮވެފައި ތެދުވެގެން އައިގޮތަށް ޒެވިޔަންގެ އަތުގައި އޮޅުލައިގަތެވެ. ޒެވިޔަން އަނގައިން ބުނުމެއްނެތި ފަޔަރޕްލޭސް އާއި އެންމެ ކާރީގައި ހުރި ސޯފާގައި އޮށޯވެލުމުން ރިޔާ މަގަތުގައ އިށީދެ ޒެވިޔަންގެ ބޮލާއި ކުޅެންފެށިއެވެ.

"ސޭ ސަމްތިން ޕްލީސް...." ރިޔާ އެންމެ ރުޅި އަންނަނީ ފިނި މޫސުމްގެ މި ހިމޭންކަމާއި ރޭގަނޑުދެކެއެވެ. އެހާ އެކަނިވެރިވެފައި އިންދާ ޒެވިޔަން އަނގައިން ނުބުނުމުން ވަކިން ބޮޑަށް ހިތުގައި ޖެހުނެވެ. 

"ޕްލީސް ޒެވިޔާ...." ރިޔާ ޒެވިޔަންގެ ދެލޮލުގައި ބޮސްދިނެވެ. ރިޔާ އާދޭސްކުރަން ފެށުމުން ޒެވިޔަން އެ ރީތި ދެލޯ ހުޅުވާލައިފިއެވެ. ކަނޑެއްފަދަ ދެލޮލުގެ ތެރެއަށް ގެނބެން ބޭނުންވިއެވެ.

"އިޓްސް އޯކޭ ބޭބީ، އަހަރެން މިހާރު ރުޅިއެއްނޫން، އަބަދު ފޮގިވް ކުރަން މިޖެހެނީ؟ ކީއްވެ ބޭބީ އަހަރެން ބުނާގޮތަށް ނަހަދަނީ، އަހަރެން ދެކެ ލޯބިވާނަމަ އެވަރުކަމެއް ކޮށްލަދެވޭނެ ދޯ، ސިމްޕަލް ކަމެއްގައި ބުންޏަސް ރިޔާ އެކަމެއް ކޮށެއް ނުދޭ....." ޒެވިޔަން އަށް ރިޔާގެ އާދޭސްތަކަށް ބީރުކަންފަތެއް ދީގެން ހުންނާކަށް ނުކެރުނެވެ. ކޮންމެ ގޮތެއްވިޔަސް ރިޔާއަކީ އޭނަގެ ފުރަތަމަ އަންހެނުންނެވެ. ލޯތްބެވެ. ދަރިފުޅުގެ މަންމައެވެ. ރިޔާގެ ހިތަށް ކުރާނެ އަސަރު ޒެވިޔަން އަށް އިހުސާސް ކުރެވެން ޖެހޭނެއެވެ. އެހެންނޫނީ ރިޔާގެ ހިތް ކުދިކުދިވެގެން ހިގައިދާނެއެވެ.

"އައިމް ސޮރީ، މަމްއަށް އެގޮތަށް ވީމަ އެކަމާއި ވަރަށް ދެރަވޭ، އަހަރެން އަމިއްލައަށް މަރުވާން އުޅުނީ އެކަމަކު އެހާ ބޮޑު އަނިޔާއެއްވީ މަމްއަށް، ދެން ޒެވިޔާ ބުނާގޮތަށް ހަދާނަން... އައި ޕްރޮމިސް..." ރިޔާ ޒެވިޔަންގެ މޭމަތީގައި ބޯއަޅާލުމުން އެފަން އިސްތަށިގަނޑު ވިހުރުވިގެން ޒެވިޔަންގެ މޫނަށް ފައިބައިގަތެވެ. އަލިފާނުން ކޮޓަރިއަށް ވެރިވެފައިވާ ހިތްގައިމު އަލީގައި އެދެމަފިރިން ފެންނަލެއް ރީތިކަމުން ދުނިޔެމަތީގެ ކަމެއްހެނެއްވެސް ހިޔެއްނުވެއެވެ. ރިޔާ ރޮއިރޮއިފައި މިރޭ މާފަށް އެދުނުވަރާއި، ޒެވިޔަންދެކެ ލޯބިވާވަރު އެތައް ވަރަށް ބުނެލުމުން ޒެވިޔަންގެ ހިތް މަޑު ކަފަކޮޅަކަށްވެގެން ހިގައްޖެއެވެ.

ޒެވިޔަން އާއި ރިޔާ ކޮޓަރިއަށް ގޮސްފައިވެސް ނުނިދައި އެތައް އިރެއްވާންދެން އެކަކު އަނެކަކުގެ އަތުތެރޭގައި ހީފިލުވައިލަން ތިބީ އެކި ވާހަކައިގައެވެ. އެންމެފަހުން ދަންވަމުން ދިޔަވަރަކަށް އެ ވާހަކަތައް މަޑުމަޑުންގޮސް އިޝްގީވެ ސަމާސާއަށް ބަދަލުވެއްޖެއެވެ. ކުއިލްޓްގެ ދަށުގައި ކުރެވުނު ކުދި ގޯނާތައް އެހެން ސިފައެއް ޚިޔާރުކޮށްފިއެވެ. 

އަލީނާއަށް ހުވަފެނުގައި ފެނުނީ އޭނަގެ ލޯބި ދެކުދިންނެވެ. އެއީ ޒެވިޔަންގެ ޅަ ކޮޕީއެއްފަދަ ކުޑަ ދެކުދިންނެވެ. ޒެވިޔަން އާއި ރިޔާ އެކުދިން ގޮވައިގެން ދުރަށް ދާން ފެށުމުން އަލީނާ ރޮއި ހަޅޭއްލެވިއެވެ. އާދޭސްކުރިއެވެ. ޒެވިޔަން ކުޑަކޮށް ޚިޔާލު ބަދަލުކޮށްލާފައި އެނބުރިލަން އުޅެފައިވެސް ހިފީ ރިޔާގެ އަތުގައެވެ. އެއަށްފަހު އެމީހުން ލޯމަތިން ގެއްލުމާއި އެކުހެން ނުލަފާ ހުނުމެއްގައި އޭނަގެ ކުރިމަތިން ފެނުނީ ދާވިޝްއެވެ. އެ ބިރުވެރި ހުވަފެނުގެ ތެރޭގައި އޮވެ އަލީނާ ދެލޯ ހުޅުވައިލުމާއިއެކު މީހަކު އަތުގައި ހިފަހައްޓާލައިހެން އިނުމުން ސިހިގެންގޮސްފައި ކުއިލްޓްގައި ދެއަތުން ބާރަކަށް ހިފާލެވިއްޖެއެވެ.

"ނޫން ނޫން......." އަލީނާ ބިރުގެންފައިވާ ގޮތަކަށް ބުންޏެވެ.

ކޮމެންޓް 0