އޭނަ މަންމަ އާއި އާއިޒުގެ ކައިރީގައި އެއްބަސްވެފައި މިހާރު އެހެން ގޮތަކަށް އަނބުރާލީތަ؟ މަ ނޫޅެން އޭނަ ޑިފެންޑުކޮށްފައި ޒެވިޔާ ކިޔާ އެއްޗެއް އަޑުއަހާކަށް، ދެން އަހަރެން ނެތިން ދުވަހަކު އަލީނާއަށް މާފުދޭކަށް، އޭނަ އިނޮސެންޓްވެފައި ކޮބާތަ؟ މަގޭ ހަޒްބެންޑްއަށް މޮޔަވެގެން އުޅުން އެއީ ކުޑަ ކުށެއްތަ؟ އަހަރެން ހޭޓް ނުކުރާނެ އެއްވެސް ގޮތެއް ނެތް، މަ އޭނަ އާއި ޓޯކް ކުރާނީވެސް ޒެވިޔާ އޭނަ ވަރި ކުރީމަ، ވަރިކުރޭ....." ރިޔާ އަނގަޔަށް ގޮތެއް ހަދާލައިފައި އެންމެފަހު ޖުމްލަ ބުނެލީ ހަޅޭއްލަވައި ގެންފައެވެ. ރިޔާގެ ހުންނަ ގޮތަކުން އަމިއްލަ އެދުމެއްނެތި، އޭނަގެ އަމިއްލަ މިލްކެއް، ބީރައްޓެއްސަކާއި ހިއްސާ ކުރާނެ ގޮތަކީ ނެތް ގޮތެކެވެ. 

"ރިޔާ އިމްމެޗުއަރކަން ބަލާބަލަ، ތިމާއަށް އެހާ ބޮޑު އިހުސާންތެރި ކަމެއް އަދާކުރާ މީހާ އާއި ދޭތެރޭގައި ކުޑަކޮށްވެސް ވިސްނާލައިފިއްޔާ ވާނީ ކީއްތަ؟ ނޫނީ އަލިނާ ގާތުގައި ރިޔާ ހުރިހާ ވާހަކައެއް ބުނޭ، އޭނަ ޕްރެގްވީ އޭނަގެ ކުއްޖަކަށް ނޫންކަން އަންގާދީ، މީހަކަށް އޮޅުވާލާފައި އަދި އެވަރުން ނުވެގެން އޭނަ ޕްރެގް އިރު އެއަށްވުރެ ނިކަމެތި ކޮށްލަންވީ، އަހަރެން ދެކެ ލޯބިވުމަކީ ވެސް އޭނަގެ އިޚުތިޔާރުގައިވާ ކަމެއްނޫން، ވަން މޯ ތިންގް، ރިޔާ އަހަންނަށް އަމުރު ނުކުރާތި، މަށަށް ފެންނަ ގޮތަކަށް މަ އުޅޭނީ...." ޒެވިޔަން ރެއިލިންގައި ހިފަހައްޓާލަފައި ހުރިލެއް ބާރުކަމުން އިނގިލިތައްވެސް ރަތްވެގެން ދިޔައެވެ. އޭނަ ރިޔާއަށް ވިސްނާދޭނީ ކިހިނެއް ބާވައެވެ.

"އެ ބިޗްގެ ސައިޑް ތިހަރަ ނަގާއިރު ބަލަ ނިކީ ގެ ކިލަރ އަށޭ ތި ހެޔޮއެދިގެން އުޅެނީ...." ރިޔާ ރުޅިގަދަވެގެން ގޮސް އެ ބޮޑު ދެލޮލަށް ކަރުނަ އައިސް އެބޯ އެސްފިޔަތައް ތެންމާލައިފިއެވެ.

"އަހަރެން މިބުނީނު އެއީ އަލީނާ ކުރިކަމެއް ނޫނޭ، އަހަންނަށްވެސް އޮޅިފައި ހުރީ އެކަމަކު މިހާރު ޔަގީންވެއްޖެ. ރިޔާ ޝީޒް އިނޮސެންޓް..." ޒެވިޔަން ރިޔާއަށް ވިސްނާދޭން މަސައްކަތް ކުރިއެވެ.

"ޑެވިލް އިނޮސެންޓޭ ބުންޏަކަސް އަދި ގަބޫލެއް ނުކުރެވޭނެ ދޯ، އެމީހުން ކިތަންމެ ދޮގެއް މަތިމައްޗަށް ހަދާނެ، ޒެވިޔާވެސް އަދި އޭނަ ކިޔާހާ އެއްޗެއް އަޑުއަހާނެ، ވަރަށް ރުޅިއާދޭ، ކާންޓު ޔޫ ސީ އެ ޖިންކްސް އައި ފަހުން އެންމެންގެ ލައިފް ހަލާކުކޮށްލައިފި...." ރިޔާ ކުއްލިއަކަށް ސިޑިބަރި މައްޗަށް ތިރިވެ އުނގުގައި ބޯ ޖައްސާލަމުން ރޯންފަށައިފިއެވެ. ރިޔާ އުޅޭގޮތުން ހީވަނީ ދިހަ ބާރައަހަރުގެ ކުއްޖެއް ހެންނެވެ. ޒެވިޔަން މިވަގުތު ރިޔާ ރުއްސާކަށް ނޫޅުނެވެ. ހަޔާތުގައި އޭނަ ކިތަންމެ ފަހަރު އެ މަސައްކަތް ކޮށްފިއެވެ. ބުނާ އެއްޗެއް ގަބޫލުކޮށް ވިސްނޭ މީހަކު ބުނާގޮތަށް ހަދާކަށްވެސް ނޫޅުނެވެ.

ޒެވިޔަން މިދުވަސްކޮޅު ބޭނުން ވަނީ އަބަދުވެސް އަލީނާގެ ގާތުގައި ހުރުމަށެވެ. ބަލިވެއިނުމުން ފިރިމީހާގެ އަޅާލުމާއި ލޯބި ބޭނުންވާނެވަރު ޒެވިޔަންއަށް އިހުސާސް ކުރެވެއެވެ. އޭނަ ވަނީ ރިޔާއަށް އެދުވަސްތަކުގައި ކިތަންމެ ވަރަކަށްވެސް އެހީތެރިވެފައެވެ. ރިޔާއަށް އެހެން ކުއްޖެއްގެ ވޭން އިހުސާސް ނުވަނީ ބާވައެވެ. ނޭގުމުގައިވެސް އަލީނާ އެކޮށްދެނީ އެތައް ލައްކަ ރުފިޔާއަކަށް ނޫނީ އެހެން މީހަކު ކޮށްނުދޭނެ ބޮޑު ޚިދުމަތެކެވެ. ހުރިހާ އުދަގުލަކާއި ވޭނެއް އެ އުފުލަނީ އެހެން ބަޔެއްގެ ދަރިއެއް ދުނިޔެއަށް ގެނައުމުގައެވެ.

ރިޔާ ރުޅިގަދަވެފައި ހުރިވަރުން ޒެވިޔަންގެ ކޮޓަރިއަށްވެސް ނުދާން ނިންމިއެވެ. ފޯނު ނިވާލިގޮތަށް އޭނަ ހަމަޖެހިލައިގެން އެހެން ކޮޓަރިއަކަށް ވަދެ ތަޅުލައިގެން އޮށޯވެލައިގެން އޮތްއިރު އެތައް ޚިޔާލުތަކެއް ކުރެވުނެވެ. ބައެއްފަހަރު މާޒީ ހަނދާންވެ އަލީނާ އާއި މެދު ހިތް ކަފަކޮޅެއްހާ މަޑުވާންވެސް އުޅުނެވެ. ނަމަވެސް ނިކީގެ މަތިން ހަދާންވެ ގަދަޔަށް ރޮއިފައި އަނެއްކާވެސް ރިޔާ ހިތް ހިލައަށްވުރެ ހަރުކޮށްލައިފިއެވެ.

"އޭނަ ޖެހޭނީ އަހަރެމެންގެ ދިރިއުޅުމުން ދުރަށް ދާން، ބޭބީ ލިބުމާއި އެކު މި ދުނިޔެއިން ފައްސާލާނަން، އެމެރިކާއިން މާސްއަށް އުޅަދެއް ފޮނުވާއިރު މަންކީއެއްގެ ބަދަލުގައި އަލީނާ އުދުއްސާލާނީ..." ރިޔާ ރުޅިގަދަވެފައި އިން ވަރުން ނުލަފާ އެއްޗެއް ވިސްނާފައިވެސް އަމިއްލަ އަށް ހީގަނެވިއްޖެއެވެ. އޭނަ މޮޔަވަނީ ކަންނޭގެ އެވެ. އަލީނާގެ ސިހުރެވެ.

ޒެވިޔަންއަށް ވަގުތެއް ލިބުނިއްޔާ އޭނަ އަލީނާގެ ކޮޓަރިއަށް ގޮސް އަލީނާގެ ހާލު ބަލައިލާ އުޅެނީ އެހެން މީހުންނަށް ސިއްރުންނެވެ. އެ ލިބޭ މަދު ވަގުތުކޮޅު ޒެވިޔަންގެ ވާހަކަދެއްކުމުގައި ހުންނަ އޯގާތެރިކަމުން އަލީނާގެ ހިތަށް އާދަޔާ ޚިލާފު ފިނިކަމެއް ލިބެއެވެ. އަލީނާ ހުންނަނީ އިންތިހާއަށް އުފާވެފައެވެ. ޒެވިޔަން ޑިއުޓީގައި ހުރެއްޖެއްޔާ ސީމާގެ އުދަގޫ ފަށެއް އަލީނާއަށް ފޯރައެވެ. މާބުރަ މަސައްކަތެއް ނުކުރިޔަސް ކުދިކަންތަކުގައި ކިޔާ ނުލައެއް ސީމާއަށް ނުހުރެވެއެވެ. ޒީބާ ދޭތެރެއަކުން އަލީނާގެ ހާލު އޮޅުން ފިލުވައި ރަނގަޅު ކާއެއްޗެހި ކައިގެން އަރާމުކުރަން އެދެއެވެ. އެ މަސްނޫއީ ހިނިތުންވުމުން އަލީނާ ހުންނަނީ އޮޅިފައެވެ. އޭނަގެ މަންމަވެސް މިހާ އަލީނާގެ ކަމަކާއި އަޅާލި ހަނދާނެއް ނުވެއެވެ. 

ޒެވިޔަން ކޮޓަރިއަށް ވަންއިރު އަލީނާ އޮތީ ރަތްކުލައިގެ ކުރު ޓޮޕްކޮޅަކާއި، ފަށުވި ސޯޓެއްގައި އެނދުގައި އޮށޯވެލައިގެންނެވެ. އޮރެންޖް އަލި އެޅިފައި ވާތީ އެ އިސްތަށިގަނޑުގެ ރަންކުލަ ވަކިން ބޮޑަށް ފާޅުވެފައިވެއެވެ. ތުންފަތް ހީވަނީ ލޭކޮޅެއް ހެންނެވެ. އަލީނާގެ ކަތި ބަލައިލުމުން ޒެވިޔަންގެ ނަފުސް ވަގުތުން އަތުން ދޫވިއެވެ. އެހެން ރޭރެ އާއި ޚިލާފަށް މިރޭ ޒެވިޔަންއަށް ހިތް ކޮންޓްރޯލް ކުރުމުގައި ކާމިޔާބެއް ނުވިއެވެ. ހަށިގަނޑުގެ ނާރުތަކުގައި ލޭ ހިނގުން އަވަސްވެގަތީ އޮބިނޯންނަ ވަރަށެވެ. ބަލައިގެން އުޅެން އަންގާފައިވިޔަސް ދެމަފިރިންވެސް އެކަން ހަނދާނެއް ނުވިއެވެ. އެވަގުތު ބޭނުންވީ އެ ޒުވާން ހިތްތަކުގެ އެދުމަށް އިޖާބަ ދިނުމެވެ. އެތައް އިރެއް ވާންދެން އުފަލާއި، ހިތްހަމަޖެހުން ހޯދުމުގައި ތިބެފައި ގަޑި ބަލައިލި އިރު ދަންވެއްޖެއެވެ. ޒެވިޔަން ކޮޓަރިއަށް ދިޔުމުން ރިޔާ އޭނަގެ ގަޔަށް ބޮލަށް އަރައިގަންނާނެކަން ޔަގީނެވެ. ރިޔާއަކީ ރުޅި އަތުވެއްޖެއްޔާ މޮޔަވާ ކުއްޖެކެވެ. މިހާރުވެސް ކޮޓަރީގައިވާ ހާ އެއްޗެއް ހުރީ ބިންމަތީގައި ނޫންކަމެއްވެސް ނޭގެއެވެ.

"ޒާވް، ކަމެއްނުވާނެތަ؟" އަލީނާ ގެ ބަނޑުގައި ރިއްސާ ގޮތްވުމުން ކުޑަކޮށް ކަންބޮޑުވިއެވެ.

"ބިރުނުގަނެބަލަ ލަވް، އެހާވަރަށް އެލީ ބޭބީ ބޭނުންތަ؟" ޒެވިޔަން އަލީނާގެ ގާތުގައި ހަގީގަތް ކިޔައިދޭން އެވަގުތު ނިންމިއެވެ. އެހެންނޫންނަމަ އެންމެ ފަހަރަކުވެސް އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އަލީނާއަށް އެހާ ބޮޑު ކެއްސެއްދީގެން އޮޅުވާލުމެއްގެ ތެރޭގައި ބެހެއްޓުމަކީ އިންސާފެއްނޫނެވެ. ޒެވިޔަން ދުރުދުރުން ވާހަކަ ފެށިގޮތަށް ހަގީގަތް ކިޔައިދީ ނިންމާލާފައި އަލީނާ ބޭނުންގޮތެއް ހެދުމުގެ ހައްގު އަލީނާއަށް ލިބިގެންވާކަމަށް ބުނެލިއެވެ. އަލީނާ އޮތީ ޝޮކެއްގައެވެ. ޖަވާބެއްވެސް ނުދެވުނެވެ. އޭނަގެ ކުށުގެ ސަޒާއަކީ މިއީކަން ވިސްނުނީ އަދި ކިރިޔާއެވެ. އިރުކޮޅެއް ވާންދެން ސީލިންއަށް ބެލެހެއްޓި ގޮތަށް އެހެން އޮވެލާފައި ރޮވެން ފެށިގޮތަށް އަލީނާގެ ކަރުނަތައް ހުއްޓުވުމަކީ ޒެވިޔަންއަށްވެސް ކުރެވޭވަރުގެ ކަމަކަށް ނުވިއެވެ. އެތައް ޖަޒުބާތުތަކުން އަލީނާގެ ސިކުނޑިއަށް ބާރުކުރިވަރުން އޭނަ ބޭނުންވީ ދުނިޔެއަށްވެސް ފިލުމަށެވެ. ބާލީސް މޫނުގައި އަޅާ ބާރުކޮށްލެވުނު ގޮތަށް އަލީނާ ޒެވިޔަންއަށް ބާލީސް ނެގޭނެ ގޮތެއްވެސް ނުވިއެވެ.

"އެލީ، އަހަރެން އެލީ އާއި އެކުގައި ވާނަން، ބޭނުމިއްޔާ އެންމެނަށް ސިއްރުން އެބޯޝަން ހަދާދީފާނަން، ސޯ ޓެލް މީ، އަހަރެން އެކަން ކޮށްދޭންވީތަ؟ ބޭނުމެއްނޫން އެލީއަށް އެއްވެސް ކަމަކަށް މަޖުބޫރު ކުރުވާކަށް...." ޒެވިޔަން އަލީނާގެ އަތުގައި ފިރުމާލަމުން މަޑުމަޑުން ބުންޏެވެ.

"ނޫން، ނޫން، ޒެވިޔާ، އަހަރެން ބޭނުމީ މި ދަރިފުޅު ވިހަން، ސަބަބަކީ ރިޔާ އާއި މެދު ވަރަށް ސިމްޕަތީ ވެއްޖެ، ރިޔާއަށް ލިބެން އޮތް އެކަނި ޗާންސަކީ މިއީކަމަށް ވާނަމަ ބޭނުން ހެލްޕްވާން، ކޮންމެ ގޮތެއްވިޔަސް މިއީ ޒާވްގެ ބޭބީ އެއްނު، އައި ވިޝް މި ބޭބީގެ ވެސް ރަން ދިގު އިސްތަށިގަނޑެއް އޮންނާނެ ކަމަށް، އަދި ނިކީ އާއި ވައްތަރުވެއްޖެއްޔާ ހާދަ ރަނގަޅޭ، މަންމަ އެބުނީނު އޭރުން ރިޔާ އާއި ދެމީހުންގެ ކުއްޖަކަށް ވާނެއޭ، ނިކީ ގޮތަށް ބޭބީއަށް ދެ މަންމަ ލިބުނީނު...." އަލީނާ ކުއްލިއަކަށް ވިސްނާލައިފައި މޫނުން ބާލީސް ނަގާފައި ވާހަކަދެއްކިއެވެ. ޒެވިޔަންގެ އަތުގައި ހިފާލަމުން ހިނިތުންވެލިއެވެ.

"ދެން ކީއްވެތަ އެވަރަށް ރުއީ؟ އަހަރެން މުޅިން ހާސްކޮށްލައިފި...." ޒެވިޔަން އަލީނާގެ އަތަށް ފިތާލައިފިއެވެ. އެ އަތްތިލަ ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. އެހާ މަޑެވެ.

"ނިކީގެ މަތިން މާބޮޑަށް ހަނދާންވީމަ އަދި ޒާވް އެވާހަކަ ނުބުނީމަ، ޓްރަސްޓް ކުރިނަމަ، ކިހިނެއްތަ ނޫނެކޭ ބުނާނީވެސް، ހާދަ ބޭނުމޭ ނިކީ ކަހަލަ ބޭބީއެއް...." އަލީނާއަށް މުސްގަތުބަލުގައި ވާންއޮތް ގޮތް ނޭގޭ ހާލުގައި ޒީބާ އާއި ރިޔާގެ މަޅީގައި ޖެހެން އެއްބަސް ވެވުނެވެ. އެހެންނޫނަސް އަލީނާ އަދި ޒެވިޔަން އަކަށްވެސް ޒީބާމެންގެ މަކަރު އެނގުނީއެއްނޫނެވެ.

ޒެވިޔަން އަށް ހީވީ ބޮލުން އެތައް ޓަނެއްގެ ބުރަދަން ލުއިވެގެން ދިޔަހެންނެވެ. މިއިން ޒަމާނެއްގައިވެސް ސިކުނޑީގެ ނާރުތަކަށް އެހާ ލުއިވިކަމެއް ނޭގެއެވެ. ޒެވިޔަން އަލީނާ އާއި ވާހަކަދައްކާލަން އިރުކޮޅަކު އޮވެލާފައި ޓީޝާޓް ބޮލުން ވައްޓައިލަމުން ދާން ހިނގައިގަތެވެ. އަލީނާވެސް ކުއިލްޓް ތެރޭގައި ފޮރުވުނު އިރު އެ ރީތި ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ. ޒީބާމެން ދިން ސަޒާ އޭނަ ހިތުން ރުހުމުން ގަބޫލުކޮށްފިއެވެ. އަލީނާ އަށް އެހާ އަގުހުރި ހަދިޔާއެއް ދުވަހަކު ލިބޭނެކަމެއް ނޭގެއެވެ.

ނަސީބަކުން ޒެވިޔަން ކޮޓަރިއަށް ދިޔައިރު ރިޔާއަށް އޮތީ ނިދިފައެވެ. ތެމިފައިވާ އެސްފިޔަތައް ފެނުމުން ރިޔާ ވަރަކަށް ރޮއިފައި ހުރިކަން ޒެވިޔަންއަށް އެނގުނެވެ. ޒެވިޔަން ރިޔާގެ ލޮލުގައި ބޮސްދީފައި އެނދުގައި އޮށޯތްއިރު އޭނަވެސް ހުރީ ފެންކަޅިވެފައެވެ. ރިޔާވެސް އަލީނާ ފަދައިން އެހާ ފަސޭހައިން ކަންތައް ގަބޫލު ކުރާނެ ނަމައެވެ. ރިޔާ ހަގީގަތާއި ކުރިމަތިލާނެ ނަމައެވެ. އޭނަ މިހިރީ އިންސާފުން ދެ އަނބިންވެސް ގެންގުޅެން ތައްޔާރަށެވެ. މިހާރުވެސް އޭނަ ގިނަވަގުތު ދެނީ ރިޔާ އަށެވެ. ޑިނަރ އަކަށް، ޕާޓީއަކަށް ނޫނީ އެހެން ސޯޝަލް އިވެންޓަކަށް ދިޔަސް އޭނަގެ އަންހެނުން ގޮތުގައި ކައިރީގައި ހުންނަނީ ރިޔާ އެވެ. ވީއިރު ރިޔާއަށް އޮތީ ކޮން ގެއްލުމެއް ހެއްޔެވެ؟ ނުވީތާކަށް ރިޔާގެ ދަރިފުޅަކު ދުނިޔެއަށް ގެންނަން އެހީތެރިވެދިން ކުއްޖަކީ އަލީނާ އެވެ. އެކަމަކު ރިޔާގެ ވިސްނުން ހަނިކަމުން ނޫނީ ގޮތްދޫނުކުރާތީ އެ ސިކުނޑިއަށް އެކަން ވައްދައި ދިނުމަކީ ބޭކާރުކަމެކެވެ.

ދިހަ ދުވަސް ފަހުން ޓެސްޓް ހެދިއިރު އަލީނާ ބަލިވެއިންކަން ޔަގީންކުރެވުމުން ޒެވިޔަން އާއި އަލީނާއަށް ވެސް އުފާވެރިކަމެއް ލިބުނެވެ. އަނެއްކާ "ނިކީ" އެއް ދުނިޔެއަށް އަންނަން އުޅެނީއެވެ. އަލީނާ މިހާރު ކުރިއަށްވުރެ ބަލައިގެން އުޅެން ބޭނުންވެއެވެ. ރިޔާއަށް މިނޫނީ ދެން ފުރުސަތެއް ނުލިބޭނެކަން ނޭގެއެވެ. ރިޔާއަށް ޓަކައި ވާ ހަމްދަރުދީއެއްގެ ބޮޑުކަމުން ރިޔާ ފެނިލިޔަސް އަލީނާގެ ހިތް ހަލާކުވެއެވެ. ދަރިއަކު ނުލިބުމަކީ އަންހެންކުއްޖަކަށް ލިބޭނެ އެންމެ ބޮޑު އެއް ހިތާމައެވެ. ރިޔާއަށް ޓަކައި އެފަދަ އިހުސާންތެރި ކަމެއްވާއިރު އަލީނާއަށް ޔަގީން ކުރެވެނީ އޭނައަށްވެސް ދަރިފުޅުގެ ހައްގު އޮންނާނެ ކަމުގައެވެ.

ޖެހިގެން އައި ރޭ ޒެވިޔަން އައުމުން އަލީނާ ބުނީ ދެން ކުރިއަށްވުރެ ބަލައިގެން އުޅެން ބޭނުން ކަމުގައެވެ. ޒީބާ ބުނާހާ ގޮތަކަށް ހަދައިގެން އޭނަ ދެން މަސައްކަތެއް ނުކުރާނެ ކަމުގައިވެސް ބުނެލީ ޔަގީންކަމާއި އެކުގައެވެ. ސީމާއަށްވެސް ދެން އެއްވެސް މަސައްކަތެއް ކުރުވަން މަޖުބޫރު ނުކުރެވޭނެ ކަމަށް އަލީނާ ބުނެލީ ހިނިތުންވަމުންނެވެ.
ޒެވިޔަން އަލީނާގެ ކައިރީގައި ވަގުތުތަކެއް ހޭދަކޮށްލާފައި އެކޮޓަރިން ނިކުމެގެން އައީ ހޭވިފައިވާ އިސްތަށިގަނޑު އަތުން ރީތިކުރަމުންނެވެ. އޭނަ ހިތްހަމަޖެހިފައި ހުރިވަރު އެނގެނީ ރީތި ލަވައެއްގެ ރާގު ތުބުން ފުމެމުން އައުމުންނެވެ. އަނދިރި ކޮރިޑޯއިން ހިގާލާފައި އައިއިރުވެސް އިސްކޮޅު ދިގުކަމާއި ބިޔަކަމުން އެހިޔަނީގައިވެސް ހައިބަތެއް ހުއްޓެވެ. 

"ސާބަހޭ ޒެވިޔަން....." ކުއްލިއަކަށް ފަހަތުން ސީމާގެ އަޑު އިވުމުން ޒެވިޔަން ކުޑަކޮށް ސިހިފައި އެނބުރި ބަލައިލައިފިއެވެ. ދެތިން ފޫޓު ދުރުގައި ސީމާ ހަށަން ބަދެލައިގެން ހުރިއިރު އޭނަގެ ލޮލުން ހީވަނީ އަލިފާނުގެ ކަނި ބުރާހެންނެވެ. ސީމާ ތަންކޮޅެއް ކައިރިއަށް އައެވެ. އޭނަ ލައިގެން ހުރީ ނިދާހެދުމެވެ. ކަރުވަޅު ބޮޑުކަމުން މޭމަތީގެ ބޮޑުބަޔެއް އޮތީ ހާމަވާން ފެށުމުން ސީމާ އަވަހަށް ސްކާފުން މޭމަތި ފޮރުވާލައިފިއެވެ. ސީމާ އެގޮތަށް ހުރެ އަމިއްލަ ދަރިއެއްފަދަ ކުއްޖެއްގެ ކުރިމައްޗަށް އަންނަން ޖެހިލުމެއްނުވި ދުވަހެއްވެސް އައެވެ. ސީމާގެ ލަދުކުޑަކަމާއި، ވިޔާނުދާކަން އޭނަ ވަނީ އެއް ޒަމާނެއްގައި ޒެވިޔަންއަށް އަންގާދީފައެވެ. މިހާރު މާ މާތްވާން އުޅޭނެކަމެއް ނެތެވެ.

"އަލީނާ މިގެއަށް ގެނެސްގެން ތިއުޅެނީ ޒެވިޔަންމެން ހިތް އުފާކުރަންތަ؟ އެއީ މިމީހުން ގެނައި ޓޯއި އެއްތަ؟ އަހަރެން ބިރުގަންނަނީ ދާވިޝް ވެސް ތި ވިޔާނުދާ އަމަލުތައް ހިންގަން ފަށާފާނެތީ، އޭނައަށް ވުރެ މާ ރަނގަޅު ވާނެ ފްލޯރާމެން މީހެއްގެ ކައިރިއަށް ދިޔަސް، އެހެންނޫނަސް ރިޔާ އަށް ބޭވަފާތެރިވާތަން ދެކެން ނުހުރެވޭނެ، ޒެވިޔަންގެ ބައްޕައަށް ކިޔާދޭންވީތަ؟" ސީމާގެ ވާހަކަތަކުން ޒެވިޔަންގެ ހިތުގައި ވީ ފޫހި އެތައް ގުނަ ބޮޑުވިއެވެ. އޭނައަކީ ކުޑަކުއްޖެއް ނޫނެވެ. އޭނަ ކުރާހާ ކަންތައް ބައްޕައަށް ކިޔާދޭކަށް ނުޖެހޭނެއެވެ. އޭނަ އުޅޭގޮތާއި ބެހެން މިއީ ކާކުހެއްޔެވެ؟ 

"އަހަރެންގެ ހުއްދަ ހޯދާފައިތަ ބައްޕައަށް ރިޕޯޓް ކުރެވެނީ، އަހަރެން އުޅޭގޮތަކުން އުދަގޫވާއިރު ތިއީ ވަކިން ރަނގަޅު މީހެއް ކަމަށް ހީކުރަނީތަ؟ އަހަރެން އެދުވަސްތައް ހަދާނެއް ނުނެތޭ، ޔޫ ސްޓޭ އައުޓް އޮފް މައި ލައިފް..." ޒެވިޔަން ގެ ފެހި ދެލޮލުންވެސް އެވަގުތު ފެނުނީ އިންތިހާ ދަރަޖައިގެ ނަފްރަތެވެ.

"އަހަންނަށް އެނގޭ އަހަރެން ދެކެ ވަރަށް ރުޅިއައިސްފައިކަން ތިހުންނަނީ، މާޒީގައި އޮތް މިސްއަންޑަސްޓޭންޑިން އެއް މިވީހާތަނަށްވެސް މިއޮތީ އެގޮތަށް ސޯލްވް ނުވެ، އަހަރެންނަށް އެނގޭ ޒެވިޔާ ގަބޫލެއް ނުކުރާނެކަން، ޒެވިޔާ އެންމެ ފަހަރަކުވެސް ހިތަށް ނޭރިއެއްނު އަހަންނަށް ނުވެ ހިގައިދާނެއޭ، އިޓް ވޮޒްންޓް މީ... އެމީހަކީ އަހަރެންގެ ޓްވިން ސިސް، ފެމިލީ ދޫކޮށްލާފައި މާ ކުރިއްސުރެ އޭނަ އުޅުނީ ވަކިން، އެހެން ހުރެފައި ދޭތެރެއަކުން ގެއަށް އަންނާނެ، އަދި އަހަންނަށް ވެގެން އެފަދަ ނޭއްގާނި ކަންތައް ހިންގާނެ، އަހަންނަށް ދާދި ފަހުން އޭނަ އާއި ދެކެވުނު ވާހަކައެއްގައި އެނގުނީ ޒެވިޔާ އާއި ބެހުނު ކަން، އުދަގޫކުރިކަން، އަހަރެން މިހިރީ އެކަމާ މާފަށް އެދެންކަމަށް ނިންމައިގެން އެކަމަކު ޒެވިޔާ އަހަންނާއި އަނގައިން ބުނަން ދެކޮޅު ހަދާތީ އެކަން ނުކުރެވިފައި ވަނީ، ޒެވިޔާއަށް ގަބޫލު ނުކުރެވެންޏާ އަހަރެން ފޮޓޯވެސް ދައްކަފާނަން..." ސީމާ ހިތާމަވެރި އަޑަކުން ބުނަމުން ދިޔައެވެ.

ޒެވިޔަން ހުރީ ހިމޭނުންނެވެ. ކޮންމެވެސް ވަރަކަށް އެވާހަކަ ގަބޫލުވެސް ކުރެވޭގޮތްވެސް ވިއެވެ. އެދުވަސްކޮޅު އޭނަ ބޮޑުބޭބެ ގާތުގައި ހުރިއިރު އެފަދަ ގޯނާތަކެއް ދެތިން ފަހަރު މަތިން ތަޖުރިބާކުރަން ޖެހުނެވެ. އެފަހުން އޭނަ ސީމާގެ ހިޔަނި ފެނުނަސް ރުޅިއާދެއެވެ. ނަމަވެސް އޭނަ ހުރީ އެކަން ފޮރުވައި ގެންނެވެ. ސީމާ އެފަހުން އެ ހާދިސާތައް ވީކަމަކަށް ނަހަދާ ރީތިކޮށް ވާހަކަދައްކަން އުޅުނަސް އޭނަ ޖަވާބުދެނީ ފުދޭވަރަކަށް ހަރުކަށިކޮށެވެ. ސީމާ ލަދުން މަރުވާފަދަ ގޮތަކަށް ނޫނީ އޭނަ އަނގައިން ބުނާގޮތެއްވެސް ނުވެއެވެ. އެއީ ކޮން ޒަމާނެއް ހެއްޔެވެ؟ އަދިވެސް ޒެވިޔަންގެ ހިތުގައި އެ ނަފްރަތު ވަނީ ތާޒާކޮށެވެ. ދުވަހަކުވެސް ހިތުން ނުފިލާނެފަދަ ގޮތަކަށް ބިންވަޅު ނެގިފައެވެ.

"އިޓްސް އޯކޭ، މިހާރު ގަބޫލު ކުރެވިއްޖެ...." ޒެވިޔަން ގެ އަޑުގައި މަޑުމައިތިރިކަމެއް ވިއެވެ. އެ ރީތި ދެލޮލުގައިވި ރުޅިވެރިކަން ފިލައި ނިތުގައިވާ ރޫތައްވެސް ފިލައިގެން ހިނގައްޖެއެވެ. ސީމާ އެވަގުތު އެހެން ސިއްރެއްވެސް ޒެވިޔަން ގާތުގައި ބުނެލާ ހިތުން ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. ޒެވިޔަންއަށް އެ ހަގީގަތް އެނގިއްޖެއްޔާ ހައިރާންވެ، އަންތަރީސް ވާނެއެވެ. ޒެވިޔަން އެހާ ޚާއްސަވާން ޖެހުނު ސަބަބާއި، އޭނަ ޒެވިޔަން އާއި ދޭތެރޭގައި ދެކެނީ ކޮންގޮތަކަށްކަން އޭރުން ޒެވިޔަންއަށް ބޮޑަށް ޔަގީންވާނެއެވެ. ނަމަވެސް ކުޑަކޮށް ވިސްނާލާފައި ތަންކޮޅެއް ހަމަޖެހިލައިގެން ހުރެ އެ ވާހަކަ ދައްކަން ސީމާ ނިންމިއެވެ. ޔަގީނުންވެސް މިރެއަށް ފަހު ޒެވިޔަން އޭނަދެކެ ނަފްރަތު ކުރުމަކީ އެކަށީގެންވާކަމެއް ނޫނެވެ. އެ އަރަތް ޒެވިޔަންއަށް ހައްލުވެއްޖެއެވެ. ސީމާގެ ސިފައިގެ ނިވަލުގައި ހުރެ އޭނައަށް ގޯނާ ކުރީ މުޅިން އެހެން މީހެކެވެ.

ޖިލާ ފެންޑާގެ ތަބަކަށް ލެނގިލައިގެން ވާރޭވެހޭ މަންޒަރު ބަލަހައްޓައިގެން ހުއްޓާ އާއިޒު ކާރު ޕާކްކޮށްލާފައި ދުވެލާފައި އައިސް ފެންޑާއަށް އެރިވަގުތުވެސް ކޮންމެވެސް ވަރަކަށް އޭނަ ތެންމާލައިފިއެވެ. އެރީތި އިސްތަށިގަނޑާއި މޫނުގައި ވާރޭގެ ބޮޑެތި ތިކިތައް މުތީތަކެއްފަދައިން ހަރުލާފައިވާ އިރު ރީތިކަމުން ޖިލާގެ ހިތްވެސް ތުރުތުރުލިއެވެ. ކޮންފަދަ ފުރިހަމަކަމެއް ހެއްޔެވެ؟ އެ ތުންފަތުގައިވާ ފެންތިކި ދެކެވެސް ޖިލާ ހަސަދަވެރިވިއެވެ. އެ ތުންފަތުގައި ބީހިލުމުގެ ހައްގު އެ ފޮނި ފެންތިއްކަށްވެސް ދޭކަށް ޖިލާގެ ހިތެއް ނުރުހުނެވެ. "ސޯ ފްރީކިން ހޮޓް އަތްނުލައިވެސް އަލިފާން ރޯކޮށްލައިފި...." ޖިލާ ހިތާހިތުން ކިޔާލައިފިއެވެ.

"ހޭއި، ގޮޓް ސަމްތިން ފޯ ޔޫ.... ވީގޮތަކީ ކާރުގައި ދަނިކޮށް މި ފެނުނީމަ ޖިލް މަތިން ހަނދާންވީ..." އާއިޒު ޖެކެޓް ބާލައިފައި ޖެކެޓް ތެރޭގައި ފޮރުވައިގެން ގެނައި ރީދޫކުލައިގެ ކެނެރީ ދައްކާލައިފިއެވެ. ޖިލާގެ ބޮޑު ދެލޯ އެއަށްވުރެ ބޮޑުކޮށްލެވިއްޖެއެވެ. އޭނައަކީ ދުވަހަކުވެސް ދޫނި އެއްޗެއްސަށް ލޯބިކުރިކުއްޖެއް ނޫނެވެ. އަތްލަންވެސް ފަކުރުގަނެއެވެ. އެ އާއިލާގެ ބައެއްކުދިން ގުރާ އާއިލާގެ އެކިވައްތަރު އެއްޗެހި ގެންގުޅޭއިރު ޖިލާ ފޫހިވާވަރު ޔަގީނުންވެސް އާއިޒު ދަންނާނެއެވެ. އެކަން އެނގިހުރެ އާއިޒު ކަނޑައެޅިގެން މިކުރީ ޖެއްސުމެކެވެ.

އެ ކެނެރީ ލަވަ ޖަހާލި ރާގުރާގުން ހިތްތަކަށް ދިރުން ގެނުވާދޭނެއެވެ. ޖިލާ ވަކިން ރުޅިގަދަވެ ކިޔަންވީ އެއްޗެއްވެސް ނޭގުނެވެ.

"ގެންދެބަލަ..." އާއިޒު ދިއްކޮށްލުމުން ޖިލާ ދުރަށް ޖެހުނެވެ.

"ވަޓް ހެޕެންޑް.... މިހާވަރުން ވާރެޔާ ތެމިގެން ގިފްޓެއް ގެނައީމަ އެކްސެޕްޓް ނުކުރީމަ ހާޓްވެއްޖެ އިނގޭ...." އާއިޒު އެކުޑަ ކެނެރީގެ ބޮލުގައި ބޮސްދިނުމުން ޖިލާ އަނގަޔަށް ގޮތެއް ހަދާލައިފިއެވެ.

"އާއިޒުއަށް ނޭގޭތަ ރޮމެންޓިކް ވާކަށް. އެންމެ ރޯޒްއެއްގެނެސް ދިއްކޮށްލިޔަސް މާ ރަނގަޅުވާނެ..." ޖިލާގެ ހިތުގައިވާ އެއްޗެއް އެންމެ ފަހުން ދުލާއި ހަމަޔަށް އައެވެ.

"އަހަރެމެންނަކީ އެރެންޖް މެރިޖެއްގެ ސަބަބުން އެކީގައި އުޅެން މަޖުބޫރުވެފައިވާ ދެމީހުންނަށް ވީމަ ކަންނޭގޭ ރޮމެންސް ބައި ނެތީ، ތެދަށް ބުނަންޏާ ދުވަހަކުވެސް ތިބުނާ ރޮމެންސްއެއް އަހަރެމެންގެ ލައިފްގައި ދެން ނުފެންނާނެ، އެކަމަކު އަހަރެން ބޭނުންވާ އެއްޗެއް އަހަންނަށް ލިބޭ، ދުވާލަކު ދިހަފަހަރުވެސް އެކަން ވާގޮތަށް އޮތީ، ސޯ ނޯ ވޮރީސް، މެރިޖްގެ ބޭނުމަކީ އެއީ، ދެން މި ބާރޑީ ދޯ، މި ބޭބީގެ ނަމަކީ ޖެކް، ލޯބިތަ؟" އާއިޒު ލާނެތް ހުނުމަކާއި އެކު އެހެން ބުނުމުން ޖިލާގެ މޫނު ރަތްވެގެން ގޮސް އަލިފާންކުލަ އަރައިފިއެވެ. އާއިޒު އެ ނަން ދީފައި މަލާމާތް ކޮށްލީ އޭނަގެ ނަމާއި ގުޅުވައިގެންކަން އެނގުނެވެ. ޖިލާގެ ލޮލުގައި ކަރުނަ ގިނަވާން އުޅުމުން އޭނަ ބާރަކަށް ތުންފަތުގައި ދަތްއަޅާލައިފިއެވެ. 

"އައި ޑޯންޓް ކެއަރ ތި ފޫހި އެއްޗަށް ޑެވިލްއޭ ކިޔާފައި ނަން ދިނަސް، މިރޭ ނިދަންވީމަ އަހަރެންގެ މަތިން ހަދާން ކުރާނެ ކަމެއްނެތް، މިރޭ އަހަރެން އެވެއިލަބްލް އެއް ނުވާނެ...." ޖިލާ އާއިޒު ގެ މޭމަތީގައި އަތް އަޅާ ކޮށްޕާލައިފައި ބާރުބާރަށް ހިނގާލައިފައި އެތެރެއަށް ވަދެގެން ދިޔައިރު އޭނަގެ ހިތުގައި އޮތީ އެ ކެނެރީ އުދުއްސާލުމަށެވެ. ކޮށްޓަކަށް ލިޔަސް ހަދާނެގޮތް އެނގިދާނެ ތާއެވެ. އާއިޒުއަށް އޭނަގެ ހިތާއި ކުޅެލައިގެން އެހެން ނޫޅެވޭނެއެވެ. އާއިޒު އެންމެ ފަހުން ބުނެލި ޖުމްލަތައް ޖިލާގެ ހިތަށް ދުނިތަކެއްހެން ހެރި ޒަޚަމްކޮށްލީ އަލުން ޝިފާއެއް ނުލިބޭނެހާ ބޮޑަށެވެ. އާއިޒު އޭނަދެކެ ލޯބިނުވާކަން ޖިލާއަށް ޔަގީންކުރެވިއްޖެއެވެ.

ސީމާ ބުނެގެން މިއަދުވެސް އަލީނާއަށް ސީމާގެ ގައި މޮޑެދޭން ޖެހުނެވެ. ގައި މޮޑެދީގެން ބަނޑުގައިވާ ދަރިފުޅަށް އަސަރެއް ނުކުރާނެ ކަންނޭގެއެވެ. އޭރުން ބަލި ވާނީ އޭނަގެ އަތެވެ. ސީމާ އަބަދުހެން ދެފައިގާ ރިއްސަނީ ހެއްޔެވެ؟ އަލީނާގެ އަތް ވާޅުވީއިރުވެސް ސީމާ ދެފައި ދަމާލައިގެން އަރާމުގައި އޮތެވެ. ދެލޯމަރާލައިގެން އޮތްގޮތުން ނިދާލާފައި ބާވައޭވެސް އަލީނާގެ ހިތަށް އެރިއެވެ. އެހެން ހިތަށް އަރުވާފައި ކިރިޔާ މަޑުޖައްސާލިޔަސް ސީމާ ރަނގަޅަށް މަސާޖުކުރަން އަމުރު ކުރާނެއެވެ. އަލީނާ ވަރުބަލިވާން ފެށިއެވެ. އަތްލޮޑުވެއްޖެއެވެ. ގަޑިއަކަށްވުރެ ގިނައިރުވާންދެން މަސާޖްކުރަން އިނދެވިއްޖެއެވެ. އެންމެ ފަހުން އަލީނާއަށް އެތަނުން ނިކުމެވުނު އިރު އަލީނާގެ މޫނުމަތީގައި ކުދި ކޮކާތައް ބުރާހެން ހީވިއެވެ. އޮކްސިޖަންކޮޅެއް ނުލިބެއްޖެއްޔާ އަލީނާ އަނބުރައި ގެންފާނެއެވެ. 

އުޑުމަތީގައި އަޅިވިލާތައް ގިނަވާން ފެށުމުން ތަންޑަރސްޓޯމެއް އަންނަން އުޅެނީބާވައޭ އަލީނާގެ ހިތަށް އެރިއެވެ. އަލީނާ މަޑުމަޑުން ހިނގާލާފައި ގަސްތަކުގެ ތެރެއަށް ދިޔައެވެ. އަލީނާ ހެލިއޮޓްރޮޕް، އައިރިސް އަދި ހައިސިންތުފަދަ މީރުވަސްދުވާ މާތަކުގެ ވަސް ބަލަމުން ދިޔައިރު ހީވަނީ ކުޑަ ކުޑަ ޕަރީއެއް ހެންނެވެ. އެއިންމަލެއްގައި އަތްލަނީ ފިޔައަކަށްވެސް އަނިޔާއެއް ވެދާނެތީ ނިކަން މަޑުންނެވެ. ކުއްލިއަކަށް ރިޔާ އެދިމާލަށް މާ ބާރަކަށް އަންނަތަން ފެނުމުން އަލީނާގެ ހިތްތެޅިގަތެވެ.

"އަލީނާ، ދޮގުނަހަދާ ރޭގައި ކުރިކަމެއް ބުނަންވީ؟ ޒެވިޔާ އާއި އެކީގައި ރޭ ސްލީޕް ކުރިންތަ؟" ރިޔާ ގެ ލޮލުގައި ވަނީ ނުރައްކާތެރި ވިދުވަރެކެވެ. ހީވަނީ ރިޔާ މޮޔަވެފައިވާހެންނެވެ. އަލީނާ ބިރުގަނެ ފިނިވާންފެށިއެވެ. އެކަނިވެރި ވެސް އެއްވެސް ފަރާތެއްނެތަސް ހެއްދެވިފަރާތްމަތިން އޭނަ ހަދާން ނައްތައެއްނުލިއެވެ. 

"މަންމަ ނުބުނޭތަ ބޭބީ އެބޯޓްވެދާނެޔޭ، އެކަހަލަ ގުޅުމެއް ނުހިންގާށޭ..." އަލީނާ ހަޅޭއްލަވައިގަތެވެ. އަލީނާއަށް އެއް ފިޔަވަޅުފަހަތަށް ޖެހިލެވުނީ ބޭއިޚުތިޔާރުގައެވެ. އެއާއިއެކު ތަންކޮޅެއް ތިރިތަނަކަށް އެރެވިފައި އަލީނާ ގޮސް ބިންމަތީގައި ޖެހުނެވެ. އަލީނާގެ ހިމޭންކަމަކީ ރިޔާއަށް ލިބުނު ޖަވާބަކަށްވިއެވެ. އޭނަ އަށް ދޮގުހަދަން ނުކެރުނީމަ އެހެރީ އެއްޗެކޭ ނުބުނެވިފައެވެ. އެހާ ބަލިވެއުޅެ މަސައްކަތެއް ނުކުރެވޭއިރު މާ ވަރުގަދަ ކަސްރަތެއް ކުރާނެ ހިތްވަރާއި ބާރު އެބަހުއްޓެވެ. އަޖައިބެކެވެ. މިހާކުޑަ މަންޖެއަކަށް ޒެވިޔަންފަދަ އިސްކޮޅުންދިގު، ބާރުގަދަ ޒުވާނަކާއި ހިފަހައްޓާލެވޭ ކަމާއި މެދުވެސް ރިޔާ ވަނީ ހައިރާނެވެ. ރިޔާ ރުޅިގަދަވެގެން މޮޔަވާވަރުވުމުން އަލީނާގެ ބުރުގާގައި ހިފާ ދަމައިގަތް ގޮތަށް އަތަށް އޮޅައިގަތެވެ. އަލީނާގެ ކަރުތެރެއިން ހަޅޭކެއްގެ އަޑު ބޭރުވިއެވެ. އޭރު ގަސްތަކުގެ ތެރެއަށް އަނދިރިވަމުން ދިޔައެވެ. 

ރިޔާ މައްޗަށް ބަލައިލިއިރު އުޑުމަތީގައި ހީވަނީ ކަޅު ސާލެއް އޮޅާލާފައިވާހެންނެވެ. ބޮޑެތިކަޅު ވިލާތަކުން އުޑު ބައްދާލާފައިވެއެވެ. "ގެއަށް ވަދެގެން ނުވާނެ.." ރިޔާ އަލީނާއަށް އަމުރުކުރިއެވެ. އެއާއިއެކު ދުރުން އަޑެއް އިވުމުން ވާރޭ އަންނަނީކަން ރިޔާ ދެނެގަން އަލީނާގެ އެ ހާލަށް ދޫކޮށްލާފައި އޭނަ ގޮސް ފެންޑާއަށް ވަދެ ހިޔާވެލިއެވެ.
ބޯ ވާރެ އާއި އެކު ވައިގަދަވެގަނެގެން، ކުދި ކުދިގަސްތައް ވެސް ތެޅެމުން ދިޔައެވެ. ފަޒާވެސް ކުރިއަށް ވުރެ ފިނިވެލިއެވެ. އަލީނާ ހުރީ ދެއަތް މޭގައި ބޮނޑިކޮށްލައިގެން ދެއަތް ދަތްދޮޅީގައި އަޅުވާލައި ގެންނެވެ. އިރުކޮޅެއް ވާންދެން އުކުޅުގައި އަތް ވިއްދާލައިގެން ބަލަހައްޓައިގެން ހުރުމަށްފަހު ރިޔާ ދޮރުލައްޕާލައިފައި، ތަންޑުތައް އަޅުވާލައިފައި ވަދެއްޖެއެވެ. އޭނަ ގޮސް ކޮޓަރި އާއި އަރާހަމަވި އިރު ޒެވިޔަން ފެނުމުން ރިޔާ ހާސްވިއެވެ. އަލީނާ ގެއިން ބޭރަށް ނެރެލީ އޭނައޭ ޒެވިޔަން ގާތު ބުނެފާނެ ހެއްޔެވެ؟ އެހެންނޫނަސް މިހާ ފިނިގަދަ ދުވަހެއްގައި އެކުއްޖާ ގަނޑުވެގެން މަރުވެސް ވެދާނެއެވެ. އަދި ބޭބީއަށްވެސް ގޮތެއްވެދާނެއެވެ. ރިޔާގެ ހިތުގައި އަލީނާ އާއި މެދު ހަމްދަރުދީ އުފެދުނެވެ. 

އަލީނާ އާއި ނިކީ އާއި ދެކުދިން "އޯޓަމް ބްލޭޒް" ގައި އެކުވެރިކޮށް ކުޅެން އުޅުނު މަންޒަރު ހިތަށް އަންނަން ފެށިއެވެ. ރިޔާ އަވަހަށް ސިޑި ކަޑައްތުކޮށް ބާރުބާރަށް ދުވެލާފައި ގޮސް ދޮރު ހުޅުވާލިއިރު އަލީނާ އިނީ މާގަސްތަކުގެ ކައިރީގައި އިށީނދެ ގެންނެވެ. 

"އަލީނާ..." ރިޔާގެ ހިތަށްވެސް ހަމްދަރުދީވަނެވެ. އޭނަ އެހާ ނިކަމެތި ކުއްޖަކަށް އެހެން ހެދުމުގެ ސަބަބުން ފާފަވެރިވާނެ ކަންނޭގެއެވެ. ރިޔާ އަތުން އިޝާރާތް ކޮށްލާފައި ގެއަށް ވަންނަން ބުނުމުން އަލީނާ ރޫރޫއަޅަމުން އައިސް ގެއަށް ވަންއިރު ވާރެއާއި އެކު ވަމުން އައި ކަރުނަތައް ރިޔާ އަކަށް ނުފެނުނެވެ. ރިޔާވެސް ހުރީ ރުޅީގައި އެފަދަ ނުބައިކަމެއް ކުރެވުނީތީ ލަދުގަނެ، އަލީނާ އާއި ދިމާލަށް ބަލައިލަންވެސް ނުކެރިފައެވެ.

އަލީނާ ކޮޓަރިއަށް ވަދެ ހެދުން ބަދަލުކޮށްލައިގެން އެނދުގައި އޮށޯވެ ކުއިލްޓްގެ ތެރެއަށް ވަނުމުންވެސް މިއަދު ހީފިލާގޮތެއް ނުވިއެވެ. "މޭބީ އައި ޝުޑް ގޯ ބެކް، ނާހީމެންނާއި އެކުގައި އުޅުނީމަ މާ މަޖާވާނެ، މިގޭގައި ޒާވް ނެތްނަމަ އެންމެ ދުވަހަކަށްވެސް ކެތްނުކުރެވޭނެ، ޒާވް ކައިރީގައި ބުނަންވީ ރަށަށް ފޮނުވާލަދޭށޭ، އަހަންނާއިއެކު ރަށަށް ދާން ހިގާށޭ، ޒާވް އަވަހަށް އާދެބަލަ. ޕްލީޒް.... މިއަދު ހުރިހާ ވާހަކައެއް ކިޔާދޭނަން، ޒާވް ދެރައެއް ނުވޭތަ؟ އެންމެން މިހާ ނިކަމެތިކޮށް ހަދާއިރުވެސް ޒާވްއަށް ހެޔޮތަ؟ ޒާވްއަށް އެނގޭނެނަމަ، ހާދަ ވަރަކަށް ސަފަރ ކުރަން މިޖެހެނީ، ޕްލީޒް ހެލްޕް މީ... ޔޫ އާ ދަ އޮންލީ ވަން... އެކަމަކު ރިޔާ ވެސް ބޭބީ ބޭނުން ނުވަނީތަ؟ މި ކުޑަ ކުޑަ ދަރިފުޅަކީ އަހަރެންގެ އެއްނޫން، ރިޔާގެ. ދެން ކީއްވެ؟ ކީއްވެ؟...." އަލީނާ ވަރުބަލިވެ، ފިނިވެފައިވާ ވަރުން ސިކުނޑިވެސް ރަނގަޅަށް މަސައްކަތެއް ނުކުރެއެވެ. ކޮންމެވެސް މީހަކު ދޮރު ހުޅުވާލާފައި ކޮޓަރިއަށް ވަނެވެ.

ކޮމެންޓް 0