ޒެވިޔަން މުޅިން ރިޔާ ދެކެ ފޫހިވިއެވެ. އޭނަ އެހާ ރީތިކޮށް ބުނީމަ އަލީނާ ވެސް މިގެއިން ފޮނުވާލުމެއްނެތި ގެންގުޅޭތާ ދެދުވަސްވީއެވެ. ދާވިޝް ވެސް ކޮޓަރި އާއި ހަމަޔަށް ވަދެގަތީއެވެ. އެންމެ ރަގަޅެވެ. އޭނަ އާއި ދާވިޝް އަދި ރިޔާ އަކީ ވެސް ތިންބެއިންގެ ތިންކުދިންނެވެ. އެކަމަކުވެސް ދެބެންގެ ދެދަރިކުދިން ކައިވެނި ކުރުން މި ޚާންދާނުގައި ރީތި އަދި އެންމެ އެކަށީގެންވާ ކަމެއްގެ ގޮތުގައި ދެކެވޭއިރު ބޭބެއަކަށް ވީތީ އޮތް ގުޅުމެކޭ ނުވެސް ބުނެވޭނެއެވެ. ކުޑައިރުއްސުރެ އެ އުސޫލަށް ތަބާވާން ދަސްކޮށްދީފައިވާތީ ދެބެންގެ ދެދަރި ޒުވާނުން ދެކެ ލޯބިވުމަކީ އެ އާއިލާގައި އާންމު ކަމެކެވެ. ވީއިރު ދާވިޝް ފަދަ ލާނެތް ޒުވާނަކަށް ޓަކައި ރިޔާގެ ހިތް ލެނބިގެން ދިޔުމަކީ ޒެވިޔަން ހައިރާންވި ކަމަކަށް ނުވިއެވެ. އެކަމަކުވެސް މިފަދަ ގުޅުންތައް ކުރިއަށް ދާނީ އަބަދުވެސް "ބޭބެ" އެ ލަފުޒުގެ ނިވަލުގައެވެ. 

ޒެވިޔަން ލޯގަނޑު ކައިރީގައި ހުއްޓިހުރެ ޓީޝާޓް ބޭލުމުން، ޓޭންވެލާފައިވާ އެ ރީތި އޮމާން ހަށިގަނޑު ހާމަވެގެން ދިޔައެވެ. ޒެވިޔަންގެ ހަރަކާތްތައް ދެކެން ހުރި ރިޔާއަށް އެ ރީތިކަން ފެނުމުން ވިންދު އަވަސްވިއެވެ. ރިޔާ ހިތާމަ ކުރަނީ އެ ރީތިކަމާއި އެއްވަރަށް ހިތްހަރުކަން އެގޭތީއެވެ. އެހިތާއި ހަމަޔަށް އެއްވެސް އަންހެންކުއްޖަކަށް ފޯރާނެ ގޮތެއް ނެތީ ކަންނޭގެ އެވެ. ރިޔާއަށް އޮތީ އިތުރު މަސައްކަތް ކުރުމެވެ. ތަންކޮޅެއް އިޝްގީ ވުމެވެ. ރިޔާ ލާނެތް ހިނިތުންވުމަކާއި އެކީގައި އައިގޮތަށް ޗޮކްލެޓް ބޮޑީ ސިރަޕްފުޅި ހުރިގޮތަށް ޒެވިޔަންގެ މޫނާއި، އެ ތަނަވަސް މޭމައްޗަށް އޮއްސާލައިފިއެވެ. ކޮޓަރީގައި އޭސީ ނުޖައްސާ ހުރުމާއި އެކު، ހަށިގަނޑުގެ ހޫނު ކަމުން އެ ޗޮކްލެޓްތައް ވިރި، އެރީތި ހަށިގަނޑުގައި ބޮސްދެމުން، ތިރިއަށްދާއިރު ފެންނަލެއް ރީތިކަމުން އާޝޯޚުވާވަރުވިއެވެ.

"ވަޓް ދަ ހެލް..." ޒެވިޔަން ހަޅޭއްލަވައިގެންފާ ރިޔާގެ މޫނަށް ބަލައިލެވުމާއިއެކު ހެވިއްޖެއެވެ.

"ހީކުރީ ރިހާ ކުރުކަމަށްދޯ. މިއީ ޗޮކްލެޓްއޭ މައި ލަވް......" ޒެވިޔަންގެ ޗޮކްލެޓުން ފޯވެފައިވާ އިނގިލީގައި ބޮސްދިނުމަށްފަހު ހުޅުވާލެވިފައިވާ ކުޑަދޮރުތައް ލައްޕާލައިފައި، ފަރުދާތައް ދަމާލައިފިއެވެ. ކޮޓަރި ތެރެއަށް ވެރިވެގެން ދިޔަ އަނދިރިކަމުގެ ތެރެއިން ވެސް އެކަށީގެންވާ ވަރަށް އަލިކަންވެއެވެ. އޭރު ކޮޓަރި ތެރެއިން އިވެމުންދާ ބްލެކްމޯސްނައިޓްގެ "އައި ސްޓިލް ރިމެމްބަރ" އެލަވައާއި ވަގުތާއި އެހާ އެކަށީގެން ނުވިޔަސް އެއީވެސް މާހައުލު އިތުރަށް ހޫނުކޮށްލި ބައިވެރިޔެކެވެ. ޒެވިޔަން އާއި ރިޔާ ޗޮކްލެޓްގެ ލޯބީގެ ދުނިޔެއެއްގައި އެތައް އިރެއްވާންދެން ގެއްލިފައިތިބިއިރު ދެމަފިރިންގެ ދޭތެރޭގައިވާ ހަމަނުޖެހުމާއި ރުޅިވެރިކަން ވެސް ހަދާންނެތުނެވެ. ރިޔާ މިފަދަކަމަކަށް ދުވަހަކު އިސްނަގާފައެއް ނުވެއެވެ. ޒެވިޔަންވެސް މިވީހާތަނަށް ރިޔާގެ ފަރާތުން ލޯބީގެ، އާކަމެއް ތަޖުރިބާކުރަން ނުވެސް އެދެއެވެ. އޭނަ ރިޔާ ލައްވާ އެއްވެސް ކަމަކަށް މަޖުބޫރު ކުރުވަން ބޭނުން ވެސް ނުވީއެވެ. އެދެމީހުންނަށް މިވީހާތަނަށް އެންމެ އިޝްގީ އެއްޗަކަށް ވެފައި ވަނީ އުށްބައްތި ތަކާއި، ބަބްލްބާތެވެ. ނަމަވެސް ލޯބީގެ ހަރުފަތްތަކުގެ ތެރެއިން މަޑުމަޑުން އަރަމުން ގޮސް އެކަމުގެ އެންމެ ފުންނާބު އުސްކުއްޖަކަށް ރިޔާ ވީކަން ނޭގެއެވެ. ޔަގީނުންވެސް މިވީހާތަނަށް ޒެވިޔަންއަށް މިހާ ބޮޑު ހިތްހަމަޖެހުމެއް ރިޔާގެ ފަރާތުން ލިބުނު ކަމެއް ނޭގެއެވެ. ޒެވިޔަންގެ ލޯބި ހާސިލުކުރަން ރިޔާ މިހިރީ ވަރުގަދަ އަޒުމެއްގައިކަން ޔަގީނެވެ. ނަމަވެސް ޒެވިޔަން އަޖައިބުވީ ރިޔާގެ ފަރާތުން ހިފެހެއްޓުމެއްނެތް ލޯބި ލިބެމުންދާއިރުވެސް އެކުޑަ އަލީނާ އޭނަގެ ސިކުނޑީގައި ރަނިކަން ކުރަމުންދާތީއެވެ. 

ޒެވިޔަން ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔައީ ޕޫލަށް އެރިލުމަށެވެ. ހޫނު ގަދަކަމުން އޭނަގެ ނިތްކުރީގައި ދާތިކިތައް ވިދައެވެ. ކުއްލިއަކަށް ބަދިގެ ފަރާތުން ނިކުމެގެން އައި އަލީނާ ދުވެފައި އައިގޮތަށް ޒެވިޔަންގެ ގައިގައި ޖެހިގަތެވެ. އެހާ ބާރަށް އަލީނާ ދުވެފައި އައިގޮތަށް އެ ހިނގި އެކްސިޑެންޓާއި އަލީނާގެ އަތް ޒެވިޔަންގެ ގައިގައި ޖެހުނު ގޮތަކުން ދެމީހުންނަށްވެސް ޝޮކެއްލިބިފައި ބަލަހައްޓައިގެން ތިބެވުނެވެ. ޒެވިޔަންއަށްވެސް ހީވީ ގައިގައި ކަރަންޓުރާޅު ބާންޏެއް ދަތުރުކުރި ހެންނެވެ. އޮޅިގެންވެސް މިފަދަ ކުދި އެކްސިޑެންޓްތައް ހިގައި ދެމީހުންގެ ހިތް ހަލަބޮލިވަމުން ދަނީ ނުރައްކާތެރި ކަނޑެއްގައި އުފެދެމުންދާ ތޫފާނެއް ހެންނެވެ. ޚާއްސަކޮށް ޒެވިޔަންގެ ހިތް އަތުން ވީއްލިގެންގޮސްފައިވާ ކަމަށް ހިތާހިތުން ގަބޫލުކުރެވުނެވެ.

"އަލީނާ، ކުޑަޔަސް ހާދަ އަތް ދިގޭ. ތިއީ މުޅިން މަނާކަމެއް އިނގޭ...." ޒެވިޔަންގެ ރީތި ދެލޮލުގައި ލާނެތްކަމެއް ނަށަނަށާވިއެވެ. އަލީނާގެ މޫނަށް ޖަންބުމަލުގެ ކުލަވެރިވިއެވެ. ޒެވިޔަން "އަލީނާ" އެ ނަން ކިޔާލެއްވެސް ހާދަ ހިތްގައިމެވެ. ތަފާތު ރާގެކެވެ.

"ސޮ..ސޮ..ސޮރީ.. ގަސްތުގައެއް ނޫން..." އަލީނާ ކަންބޮޑުވެ، ބިރުވެސްގަތެވެ. ޒެވިޔަން ހަމަރަނގަޅަށްވެސް ހީކުރީ އޭނަ ޖެހިލުންކުޑަކަމުން ކުރިކަމެއް ކަމަށް ބާވައެވެ.

"ގަބޫލެއް ނުކުރެވޭނެ، ކުޑަޔަސް ވަރެއްގެ ކުއްޖެއް ތިއީ، އަދަބެއް ދޭހިތްވަނީ....." ޒެވިޔަން އެއްބުމަ އަރުވާލައިފައި ތަންކޮޅެއް މަޑުމަޑުން ބުނެލިއެވެ. ނުރައްކާތެރި އިންޒާރެއް ދިންފަދައިންނެވެ. ޒެވިޔަން ވިސްނާލިއެވެ. އަލީނާއަށް އެޕާޓްމެންޓެއްދީފައި ބަހައްޓައިފިއްޔާ އޭނައަށް އޭގެ ފައިދާ އޮންނާނެއެވެ. މުއްސަދިވެފައި، ލާރިހުރިއްޔާ ހިތުގެ އެދުންތަކަށް އިޖާބަނުދެވެންވީ އެއްވެސް ސަބަބެއް ނެތެވެ. އޭނަ ކޮންމެ އަގެއްދީފައިވިޔަސް އަލީނާ ބޭނުމެވެ. ނޫނީ އޭނަ މޮޔަވެދާނެއެވެ. އަލީނާ ވެސް އޭނަ އާއި ހެދި އުޅޭކަން އެ ދެލޯ ހެކިދެއެވެ. ދުލުން އެއްބަސްވުން މުހިއްމެއްނޫނެވެ. އަލީނާގެ ތަރިފަދައިން ވިދާ ދެ ލޯ އޭނައަށް ހުރިހާ ވާހަކައެއް ކިޔާދީފިއެވެ. ޔަގީނުންވެސް އަލީނާ އާއި އޭނަ އާއި ދެމެދު ނޭގޭ ގުޅުމެއްވެއެވެ. ދަމާ ބާރެއްވެއެވެ. އަލީނާ އަކީ ނޯކަރު ކުއްޖަކަށްވިޔަސް އޭނައަށް ފަރުވާލެއް ނެތެވެ. ސިއްރުން ވިޔަސް ހެޔޮއެވެ. އޭނަ އަލީނާ ހާސިލު ކުރާނެ އެވެ. އަލީނާ ރަކިވެގެން އަނގަޔަށް ގޮތެއްހަދާލިއެވެ.

"އަދަ...އަދަބެކޭ...." އަލީނާ އަޅައަޅައިގެންފައި އެހެން ބުނެލާފައި ދެލޯ ބޮޑުކޮށްލި އެވެ.

"އެކްޓް ނުޖައްސަބަލަ ގާލް، އަލީނާ ވެސް އެހާ އިނޮސެންޓެއް ނުވާނެ ކަން އެނގޭ، އަހަރެން ކިޔާއެއްޗެއް ރަނގަޅަށް ދޭހަވާނެ، އެނީވޭސް މިއަދު ވާހަކައެއް ބުނެލަން ބޭނުން، އަހަރެމެންގެ ނިކީ އެހާ ރަނގަޅަށް ބަލަހައްޓާދޭތީ އަހަރެން ވަރަށް އުފާވޭ، އެނގޭތަ؟ އެއީ މަގޭ ފުރާނަ، ޓޭކް ގުޑް ކެއަރ އޮފް މައި ބޭބީ ގާލް އިނގޭ. ޝީޒް މައި އެވްރީތިން......" ޒެވިޔަން އަށް އިތުރު ވާހަކައެއް ނުދެއްކުނީ ނިކީ ފެނުމުންނެވެ. 

ވާރޭދުނީގެ ސްޓްރައިޕް ހެދުންކޮޅަކާއި އެކުލައިގެ ސްޓޮކިން އެއްގައި ނިކީ ހުރިއިރު ލޯބިކަމުން ހީވަނީ ކުޑަތަރިއެއް ހެންނެވެ. ޒެވިޔަން ސްވީޓްހާޓްއޭ ކިޔާފައި ނިކީ އަތުގެ ތެރެއަށް ލީ ނިކަން ލޯބިންނެވެ. އަދި ނިކީ ވައިގެ ތެރެއަށް މައްޗަށް އެއްލާލައިފައި، ހިފާލިގޮތަށް އެ މޫނުކޮޅުގައި އެތައްފަހަރު ބޮސްދިނެވެ. ނިކީ ގެ ތުއްތު ހުނުމުގެ އަޑު ފަޒާގައި ގުގުމާލިއެވެ. ޒެވިޔަން އޭނަ ނިކީދެކެ ލޯބިވާވަރު އެތައްގޮތަކަށް ބުނެދިނެވެ. އެލޯބީގެ މަތިވަރު މިންވަރު ފެނުމުން އަލީނާ ހައިރާންވިއެވެ. އޭނަގެ ބައްޕަ ދުވަހަކު ލޯބިން ދަރިފުޅާއޭ ކިޔާލިކަމެއްވެސް ނޭގެއެވެ. އަލީނާއަށް މުޅި އުމުރަށްވެސް އެދެބަފައިންނަށް ބަލަހައްޓައިގެން ހުރެވިދާނެއެވެ. ނަމަވެސް އަލީނާގެ ޚިޔާލު ބަދަލުވެ، ދުވެ ފިލަން މަޖުބޫރުވީ ތަންކޮޅެއް ދުރުން ޒީބާގެ ހެދުމުގެ ފަސްބައި ފެނުމުންނެވެ. އަލީނާ ދުއްވައިގަތުމުން ކައްސައިނުލީވެސް ކިރިޔާއެވެ. ޒެވިޔަންއަށް ފުރަތަމަ އިނީ ވާނުވާ ނޭގިފައެވެ. ނަމަވެސް ގަސްތަކުގެ އެކޮޅުން މަންމަ ފެނުމުން ޒެވިޔަންއަށް އަލީނާ އަވަސްވެގެން ދިޔަ ސަބަބު އެގި، ހިނިއައެވެ. ޒެވިޔަންއަށް ނޭގުނީ ބެލްކަނީގައި ހުރި އާއިޒު އަށް އޭނަ އަލީނާ އާއި ވާހަކަދެއްކި މަންޒަރު ރަނގަޅަށް ފެނުނު ކަމެވެ. އާއިޒުގެ ހިތުގައި ޝައްކުތަކެއް އުފެދުނު ކަމެވެ.

ޒީބާ އާއި ސީމާ މޯލަށްގޮސްފައި ބިއުޓީ ސެލޫނަށްވެސް ވަނެވެ. ސީމާ ފޭޝަލް ހައްދާލައިފައި، އިސްތަށިގަނޑު ފަންކޮށްލުމުން ކުރިއަށްވުރެ ދެގުނަ ރީތިވެ ޒުވާންވިހެން ހީވިއެވެ. ޒީބާގެ ހިތުގައި ފުރަތަމަ ފަހަރަށް ހަސަދަވެރިކަމުގެ ކަނިކޮޅެއް އުފެދުނެވެ. ދެމީހުން ކާރަށް އަރައިގެން ދުއްވާލިތަނާ ސީމާ ފެށީ މައިމޫންގެ ކޮޓަރި ހިއްސާ ކުރަންވީ ގޮތުގެ ވާހަކައެވެ. ސީމާ ބުނީ އިންސާފުވެރި ވާނީ ދެރެއިން އެއްރޭ ކޮންމެ މީހަކު އެކޮޓަރީގައި ނިދާލަން ދިޔައީމަ ކަމަށެވެ. އެކަމަކު ސީމާގެ ހިތް އެގޮތެއް ގަބޫލެއް ނުކުރެއެވެ. ދެރެއިން އެއްރޭވީމަ އިންސާފެއް ނޫނެވެ. އެތައް އަހަރެއްވާންދެން ޒީބާ ވަނީ މައިމޫން ފޭރިގެން، އެ ލޯބި އަތުލައިފައެވެ. ވީމަ ދެން ބާކީ އޮތް އަހަރުތައް ސީމާއަށް ޒީބާ ދޫކޮށްލިއްޔާ ވާނީ ކީއްހެއްޔެވެ؟ ސީމާ އަދި ފިރިހެން ކުއްޖެއްވެސް ބޭނުމެވެ. އޭރުން މުދަލުގެ ވާރިސަކަށް އެދަރިފުޅުވެސް ވާނެއެވެ. ފަޒާލްއަށްވުރެ މައިމޫން އެތައް ގުނަ މުއްސަދިވެފައި ބިންތަކާއި ކުންފުނިތައްވެސް ގިނަވާނެއެވެ. ސީމާ ހިތާހިތުން މައިމޫން އޭނަގެ ހައްގަކަށް މުޅިން ހަދާނެ ގޮތް ރާވަމުން ދިޔައިރު ޒީބާއަށް އެކަމެއް ރޭކައެއް ނުލިއެވެ. ޒީބާ ދެކޭގޮތުން ސީމާ މުޅި އުމުރަށް އޭނައަށް ޝުކުރުވެރިވެ އޭނައަށް ކުރުނީސް ކުރާނެއެވެ. ޒީބާ އެކޮށްދިން އިހުސާންތެރިކަން ދުވަހަކުވެސް ހިތުން ނުފިލާނެއެވެ. އެކުވެރިއަކު އަނެއް އެކުވެރިޔާއަށް މިވަރުގެ ހެޔޮކަމެއް ކޮށްދީފާނެ ކަމަކަށް އޭނަ ގަބޫލެއް ނުކުރެއެވެ. ވީއިރު ސީމާ ވެސް އެފަދަކަމެއް ކޮށްދިން އެންމެ ގާތްއެކުވެރިޔާ އަށްޓަކައި ގުރުބާން ވާނެއެވެ.

ޑޮކްޓަރ މައިމޫން އާއި ސީމާގެ ކައިވެނީގެ ހަފްލާ ކުޑަނަމަވެސް ފުރިހަމައެވެ. އެހަފްލާއަށް ދަޢުވަތު ދެވުނީ އެކަނި އާއިލާގެ މީހުންނާއި، ގާތް އެކުވެރިންނަށެވެ. ރަސްމީ ރޭގަނޑުގެ ކެއުމެއްފަދައިން އެންމެންވެސް އައީ ރަސްމީކޮށް ހެދުން އަޅައި ރީތިވެލައިގެންނެވެ. ކެއުން ފެށުމާއިއެކުހެން ނިކީ އަލީނާ ޕާޓީއަށް ގެންނާށޭ ކިޔާފައި ރޯންފެށުމުން އެންމެންވެސް އަލީނާ އަކީ ކާކުހޭ ކިޔާފައި ސުވާލު ކުރަންފެށިއެވެ. ޒީބާ ހުރީ ރުޅިއައިސް ރަތްވެފައެވެ. ހައްތަހާވެސް ރިޔާ ކުރުވާ މޮޔަކަންތަކެވެ. މިހާރު ދެން ނިކީއަށް ވެސް އެންމެ މުހިއްމު ވަނީ ނޯކަރު ކުއްޖެކެވެ. އެކުއްޖާ ބައިވެރިނުކޮށް ނިކީއަށް އެއްވެސްކަމެއް ކުރެވޭ ކަމަކަށްނުވެއެވެ. ޒީބާ ވަގުތުން އަލީނާ ހޯދަންވެގެން ބަދިގެފަރާތަށް ދިޔައެވެ. އޭރު އަލީނާ އާއި ނާހީ ތިބީ މަސައްކަތެއްނެތި ޓީވީ ބަލައިގެން ހެވިފައެވެ. ޒީބާ ގޮވައިލުމުން އަލީނާ ކަންބޮޑުވެފައި ހުރެ ފަހަތުން ދިޔައިރު ވާނުވާއެއްވެސް ނޭގުނެވެ. އަލީނާ ކަންބޮޑުވީ އެއާއިލާގެ އެންމެ އިސްމީހުން ތިބި ހިސާބަށް އަލީނާ ގެންދިޔުމުންނެވެ. އެތައްބަޔެއްގެ ސަމާލުކަން އަލީނާއަށް ހުއްޓުނެވެ. ޒެވިޔަންއަށް ވެސް މަންމަ އެކުރި ކަމަކުން ހައިރާންކަމެއް ލިބުނެވެ.

"ނިކީ ގެ ނެނީ މިއައީ..." ޒީބާ ބާރަކަށް ބުނެލައިފި އެވެ.

"ތަންކޮޅެއް ތަޢުލީމީ، ހަރު މީހެއް ނުގެނައީ ކީއްވެތަ؟ " އެކަކު ސުވާލު ކޮށްލައިފިއެވެ. އެކަކަށްވެސް އަލީނާގެ ކުޑަކަމާއި ހެދުން އަޅައިގެން ހުރިގޮތެއް ކަމަކުނުދިޔައެވެ. ދެން އޮތީ ފާޑުކިޔުމުގެ އޮއިވަރެކެވެ. އެއިން އެއްވެސް ކަމެއް ރޭކާނުލައި ހުރެ އަލީނާ ނިކީގެ އަތުގައި ހިފާލީ ހިނިތުންވެލަމުންނެވެ. ނިކީ ބޭނުންވީވެސް އަލީނާ އޭނަ ނެގުމަށެވެ. އަލީނާ ހާސްވިއެވެ. ނިކީ އުރާލިޔަސް ވާނީ މައްސަލަ އަކަށެވެ. ނިކީ އަލީނާގެ އަތުގައި ހިފައިގެން ގެންގޮސް ގޮނޑިއެއްގައި އިށީންނަން އެދުނެވެ. އަލީނާ ރަކިވިއެވެ. ނިކީގެ ޅަކަމާއި މައުސޫމްކަމުން އެކަމެއް ނުވިސްނުނަސް އަލީނާއަށް މިއީ ކިހައިވަރެއްގެ ލަދުހުތުރު ކަމެއްކަން އެގުނެވެ. މި މާތް ޚާންދާނުގެ މެހުމާނުންނާ އެކީގައި ކާން އިނުމަކީ އޭނަގެ ފެންވަރެއްނޫނެވެ.

"ބޭބީ އެލީ އާއި ދެކުދިން ކުޅެން ކޮޓަރިއަށް ހިގާ....." ރިޔާވެސް ހާސްވިއެވެ. އެހެންމީހުންގެ މަލާމާތާއި އެއްޗެހިކިޔުން އަލީނާއަށް އަމާޒުވާކަށް ރިޔާވެސް ނޭދުނެވެ. ނަމަވެސް އަންހެންވެރިންގެ ދޫތަކުގެ ނުބައިކަމުން އެވަގުތުކޮޅުވެސް އަލީނާއަށް ކޮންމެވެސް ވަރެއްގެ ހަމަލާތަކެއް އަތުވެއްޖެއެވެ. އެ އަލިފާން އަންދަން ހުރީވެސް ޒީބާ ފިޔަވައި ދެވަނަ މީހެއްނޫނެވެ. ރިޔާ ހަދައިގެން އުޅޭ ގޯހެއްކަމަށް ކިޔައި، ރިޔާވެސް ކުށްވެރިކޮށް ޒީބާ ވާހަކަދައްކަނީއެވެ. 

"ނޯ، މަންމީ ނޯ، ބޭބީ ކާނީ އެލީ އާއި އެކީގައި، ވޭޓަރ، ވޭޓަރ، ބްރިންގް މިލްކްޝޭކް، އައިސްކްރީމް އެންޑް ފްރައިސް. ބިގް ބިގް މިލްކް ތަށްޓެއްވެސް، ކުކީޒް، ބަޓަރ ޗިކަން ،ގްރިލްޑް ޗިކަންއެއް، އެލީ ގިނައިން ކެއީމައޭ ޑެޑީހާ ދިގުވާނީ......" ނިކީ ޔުނިފޯމް އެޅި ވޭޓަރަކަށް ގޮވާލާފައި ހީލިލެއް ލޯބިކަމުން ވޭޓަރުވެސް ލޯބިން ހިތްފުރުނެވެ. ނިކީ އޯޑަރު ކުރީ ކޮންމެހެން ޕާޓީގައި ހުރި އެއްޗަކަށް ނޫނެވެ. ނިކީގެ ހަދާނަށް އެވަގުތުއައި އެއްޗިއްސަށެވެ. އޭރު އަލީނާގެ މުޅި ހަށިގަނޑު ފިނިވެގެން ގަނޑުފެންކޮޅެއްހެން ވެއްޖެއެވެ. އެތައް ލޯތަކެއް އޭނައަށް ހުއްޓިފައި ވާނެކަން އެގޭތީ އިސްއުފުލައި ބަލައިލާނެ ހިތްވަރެއްވެސް އަލީނާގެ ނެތެވެ. އެހެން ޕާޓީ ތަކާއި ޚިލާފަށް މިރޭ ބަގީޗާ ތެރެވަނީވެސް ތަންކޮޅެއް އަލިކޮށެވެ. އަލިގަދަ ބައްތިތައް ދިއްލާލައިފައި ވާތީ އެންމެންގެ މޫނު ރީތިކޮށް ވަކިކުރަން އެގޭވަރުވެއެވެ.

"ނޫން ދަރިފުޅު ރޭގަނޑު އައިސްކްރީމް ކާނެ ކަމެއްނެތް. ސްވީޓްހާޓް ނިދާގަޑިވެސް ޖެހުނީ، ހިގާ ދާން...." ރިޔާ ނިކީ އުރާލަން އުޅުމުން ނިކީ މައްސަލަ ޖައްސައިގެންފައި އަލީނާގެ ގައިގައި ބައްދައިގަތެވެ. ޒެވިޔަން ހުރީ އެމަންޒަރުތައް ދެކެން އެއްވެސް އެއްޗެކޭ ނުބުނަން ކަމަށް ނިންމައި ގެންނެވެ. ސިކުނޑި އަލިފާނުން ފިހެން ކައިރިވެ ހުޅުރޯވެފައިވި ނަމަވެސް އޭނަ ކެތްކުރަން އިންތިހާއަށް މަސައްކަތް ކުރިއެވެ. އެކަމަކު އެންމެ ފަހުން ތަންކޮޅެއް ބާރަށް ރިޔާ އާއި ދިމާލަށް އެއްޗެކޭ ބުނަން ޖެހުނެވެ.

"ނިކީ ބޭނުންކަމެއް ކޮށްދީބަލަ ބޭކާރުހާ ވާހަކަ ނުދައްކައި. އަހަރެން ބޭނުމެއްނޫން ނިކީ ރޮއްވާކަށް. ރިޔާ ބުނާ ގޮތަށް ނެހެދިވިއްޔަ......." ޒެވިޔަންގެ އެ ޖުމްލައިން ރިޔާގެ މޫނު ރަތްވިއެވެ. އޭނަ ގޮނޑިއެއްގައި އިށީންތަނުން ނުރޮވުނީ ކިރިޔާއެވެ. ޒެވިޔަން އެގޮތަށް ހަޅޭއްލަވައި ގަތުމުން އޭނަ ލަދުވެސް ގަތެވެ. ޒެވިޔަން ތުންފަތުގައި ދަތްއަޅާލައިގެން ހުރެ ދާން ހިނގައިގަތެވެ. އަލީނާގެ ސަބަބުން ޕާޓީ ތެރޭގައި ހަމަނުޖެހުން އުފެދުނުތަން ފެނުމުން ޒީބާ އިނީ އުފާވެފައެވެ. ފޮނިވެފައެވެ. މިއީ ރިޔާއަށް ލިބުނު ރަނގަޅު ފިލާވަޅެކެވެ. ގަމާރު އަންހެންކުއްޖަކާއި ނިކީ މާގަދަޔަށް ތަތްކުރުވަން ހަދައިގެން މިދަނީ މާ ރަނގަޅު ދިމާލަކަށް ނޫންކަން ރިޔާއަށް އަންދާޒާ ކުރެވޭނެކަން ގައިމެވެ. ރިޔާ އިނީ ވަރަށް ބޮޑަށް ތަބީއަތު ގޯސްވެ، ދެރަވެފައެވެ. ރޮވިފައެވެ. ނަމަވެސް އޭނަ މިރޭ އެހެން މީހުންގެ ކުރިމަތީގައި ނުރޯން ހިތްވަރު ކުރަމުން ދިޔައެވެ. ރިޔާވެސް އެންމެ ފަހުން އަލީނާ މެންތިބި މޭޒުދޮށަށް ގޮނޑި ކައިރިކޮށްލައިގެން އެކުދިންނާއި ބައިވެރިވިއެވެ. އެބުނާހެން ނިކީ އޭނަ އާއި ދުރުވެ އަލީނާގެ ކުއްޖަކަށް ވެދާނެކަމުގެ އިހުސާސްތައް މިރޭ ރިޔާއަށް ވަރަށް ބޮޑަށް ކުރެވިއްޖެއެވެ. ނަމަވެސް އެހެން މީހުންނަށް އަލީނާގެ މާޒީ އެގެނޭނެ ނަމައެވެ.

ނިކީގެ ސަބަބުން އެރޭ އެއާއިލާގެ ކިތަންމެ ބަޔަކަށް "އަލީނާ " ދަސްވިނަމަވެސް އެއްވެސް މީހަކު ފަހުން ހަނދާންހުންނަފަދަ ކުއްޖަކަށްވެސް އަލީނާ ނުވިއެވެ. އާދައިގެ ކުޑަކުއްޖަކަށް ވީތީއެވެ. ފޮތިބޮނޑިއެއްގެ ފުރަގަހުގައި މޫނުގެ ބޮޑުބަޔެއް ނިވާކޮށްލައިގެން އެހެރީ ކޮންފަދަ ނިޔަނެތި ފަރި މަލެއް ކަމެއް އެއްވެސް މީހަކަށް ނުވިސްނުނެވެ. އޭނަގެ ގައިގައި ހުރިކަމެއް ނަމަ އެރޭވެސް އެ ޕާޓީގެ ތެރެއިން ފާހަގަވީ އެންމެ މީހަކަށެވެ. އަލީނާ ފެނުމުން ފިނިވެ، ހިތުގެ ވިންދު އަވަސްވީ ޒެވިޔަން ގެއެވެ. ހިތުގައި އުފެދިގަތް އިހުސާސްތައް ދެކެ ޒެވިޔަންވެސް ރުޅިއައެވެ. އެކަމަކު ރުޅިބާލަން ހުރީވެސް އެންމެ މީހެކެވެ. ރިޔާއެވެ. އެކަމަކު ރިޔާއަށް އަނިޔާ ކުރެވިދާނެ ކަމުގެ ބިރު ހީވިވަރުން އެރޭ ޒެވިޔަން ކޮޓަރިއަށް ވަންނާކަށްވެސް ބޭނުމެއް ނުވިއެވެ. އަމިއްލަ ބާރެއް ނެތް، ނިކަމެތި އަންހެން ކުއްޖެއްގެ ގައިގައި އެންމެ އެތިފަހަރެއްވެސް ޖަހަން ބޭނުން ނުވީއެވެ. ޒެވިޔަން ކާރުގައި ގެއިން ނިކުމެގެން ދިޔަ އެންމެ ބޮޑު ސަބަބަކީ އެއީއެވެ.

ސީމާ އެތައް ދުވަހަކުއްސުރެ ކުރި އިންތިޒާރު ނިމުމަކަށް އައުމުން އޭނަ ހުންނަނީ އުފަލުން ފުރިފައެވެ. އެތައް އަހަރެއްފަހުން ފުރަތަމަ ލޯބި ހާސިލުކުރެވިއްޖެއެވެ. އޭނަ އެވަރުން މައިމޫން އާއި ހެދި މޮޔަވެގެން އުޅުނުކަން އެނގި ހުރެމެ ޒީބާ މައިމޫން ޖަހައިގަތީއެވެ. އެދުވަހު ސީމާ ރުއިވަރާއި، އަމިއްލައަށް މަރުވާން ޚިޔާލު ކުރިކަންވެސް ދެނެވޮޑިގެންވަނީ ހެއްދެވިފަރާތެވެ. ފާޑަކަށް އޭނަގެ ބޯގޮވިއެވެ. މައިމޫންގެ ޒުވާން ފިރިހެން ކޮއްކޮ ފަޒާލް އާއި ދިމާނުވިނަމަ މިއަދު އޭނަ އޮތީހީ ވެލީގެ ދާނުގައެވެ. އޭނަ ކްލިފްގެ މަތިން ފުންމާލަން އުޅެނިކޮށް ފަޒާލްއަށް ނާދެވުނުނަމަ އޭނަގެ ހަޔާތުގެ ބައްތި އެދުވަހު ނިވިގެން ހިގައިދާނެއެވެ. ދިރިއުޅުމަކީވެސް އަޖައިބެއްފަދަ އެއްޗެކެވެ. ނަސީބު ކުރަމުންދާ ސަމާސާ ތަކާއި، ފަހަށް ރާއްވާފައިވާ ކަންތައް ދެނެގަނެވޭނެ އެއްވެސް މަގެއްނުވެއެވެ. އޭނަވެސް އެދުވަހު މަރުވިނަމަ މިފަދަ އުފަލެއް ލިބޭނީ ކިހިނެއްބާވައެވެ. ކެތްކޮށްގެން ދުނިޔޭގައި ހުރީމަ މިއޮތީ ނަސީބު އަތުގައި ހިފާފައެވެ. ހެއްދެވިފަރާތަށް ވަކީލުކޮށްގެން ހަޔާތުގެ ހުންގާނު ދާނެ ދިމާލަށް ދޫކޮށްލަން ޖެހޭކަން މިއަދު ސީމާއަށްވެސް ޔަގީންކުރެވިއްޖެއެވެ. 

ކައިވެނީގެ ފުރަތަމަ ރޭގައި ޔަގީނުންވެސް މައިމޫނަށް ސީމާ ލޯބިވާ މިންވަރު އޭނަ އަންގާދިނެވެ. ހުރިހާ ވާހަކަތަކެއްވެސް ކިޔައިދިނެވެ. ފަޒާލްއަށްވެސް އޭނަ މައިމޫން ދެކެ ލޯބިވީވަރު އެގޭނެ ކަމަށް ބުނެފައި ސީމާ ރުޔެވެ. މައިމޫންއަށް ލިބުނީ ޝޮކެކެވެ. އަޖައިބުވިއެވެ. އެވަރަށް ސީމާ އޭނަ އާއި ހެދި މޮޔަވިކަން މިއެގުނީ އެތައް އަހަރުތަކެއް ފަހުންނެވެ.

ޖިލާއަށް އޭނަގެ އެކުވެރި މަހާ ގެނެސްދިން ދީނީ ފޮތްތަކެއް ކިޔާފައި ޖިލާ ބިރުންގޮސް މޫނު ހުދުވިއެވެ. އޭނައަކީ ދީނަށް ލޯބިކުރާ ކުއްޖަކަށް ވުމާއި އެކު، ކަންތައް އެނގެމުންދާ ވަރަކަށް ހިތުގައި އުފެދެމުންދާ ބިރުވެސް ބޮޑުވިއެވެ. ފިރިމީހާގެ ހައްގުތައް އަދާނުކުރާ އަންހެންކުއްޖަކަށް ލިބޭނެ ޢަޒާބާއި، އޭނަގެ ބޭނުންތަކަށް އިހުތިރާމްކުރަން ޖެހޭވަރު ބާރުއަޅާފައިވާ މިންވަރުން ގައިން ހީބިހިނެގިއެވެ. ޖިލާ ފާފަވެރިވާކަށް ބޭނުމެއްނުވިއެވެ. އޭނަ ބޭނުން ވަނީ އަވަހަށް މިނިވަން ވުމަށެވެ. ދޮގުހަދައިގެން ވިޔަސް އެކަމުން ސަލާމަތް ވެއްޖެއްޔާ ދެން އެއްވެސް ފާފައެއް ނުކޮށް އުޅެވިދާނެއެވެ. 

ޖިލާއަށް ނޭގުނީ އެއް ފާފައިން ރެކެންވެގެން ކުރެވެން އުޅެނީ އެވަރުގެ އަނެއް ފާފަކަމެވެ. އޯޓަމް ބްލޭޒްގެ ވެސް އެއްކޮޓަރި ވަނީ ލައިބްރަރީ އަކަށް ހަދާފައެވެ. ކޮޓަރިއެކޭ ބުންޏަސް އެބައި އެހާބޮޑެވެ. އެތަނުގައިވެސް އެތައް ވާހަކަތަކާއި ދީނީފޮތްތައްވެސް ހުއްޓެވެ. ޖިލާ އެތަނުންވެސް ފޮތްތައް ގެނެސް ބަލައި އެކަން ޔަގީން ކުރިއެވެ. އޭނަ ބޭނުންވީ ދޮގެއްހަދައިގެންވެސް އާއިޒުގެ ގާތުން ވަރިވުމެވެ. އެކަމަކު އެފަދަ ވާހަކައެއް މަންމަ ގާތުގައި ބުނުން ފަސޭހައެއް ނުވާނެއެވެ. ރަނގަޅު ވާނީ ރިޔާ މެދުވެރި އަކަށް ހެދުންކަން ޖިލާ އަށް ވިސްނުނެވެ.

ހަތަރު ވައްތަރުގެ މާބްލްއިން ތަޅުންއަޅާފައިވާ އެ ތަނަވަސް ކޮޓަރިވެސް ހީވަނީ ބޮޑު ހޯލެއްހެންނެވެ. އަގުބޮޑު، ރީތި ފަރުނީޗަރުތަކާއި އެކު އެނދުގައިވާ ލިނެން ބެޑްސީޓުތަކާއި ފަރުދާތައް ރީތިކަމުންވެސް ބަލައިބަލައި ފޫއްސެއް ނުވާނެއެވެ. ކޮންމެ އެއްޗެއް އެހާ ތަރުތީބުން ބެހެއްޓިފައި، މީރުވަހެއް ހިފާލައިފައި ވެއެވެ. ކްރިސްޓަލް ޗާންދަލިޔާ ތަކާއި އެކު ބޮޑެތި ވާސްތަކުގައި ހުރި ފިނިފެންމާ ތަކުން ކޮޓަރީގެ ޒީނަތްތެރިކަން އެތައް ގުނަ އިތުރުކުރުވައެވެ. ޖިލާ އިނީ ކޮޓްން ސޯޓަކާއިއެކު ތުނިގަމީހެއްލައިގެން ގޮށްތައްވެސް ނާޅުވައެވެ. ޖިލާގެ ޅަކަމާއި ރީތިކަމުން ހީވަނީ މުޅިން އެހެންކުއްޖެއް ފެންނަހެންނެވެ. ރިޔާވެސް ޖިލާގެ ގާތުގައި އެނދުގައި އިށީދެލާފައި ހުޅުވާފައި ވާ ކުޑަދޮރުތަކާއި ދިމާލަށް ބަލައިލައިފިއެވެ.

"މިހާ ހޫނު އިރު އޭސީއަކަށް ބޭނުމެއް ނުވާނެ މިގޭގައި ގަސްތައް ގިނަކަމުން. އެހެންޏަ ބެލްކަނީގައިވެސް މިއޮތީ ގަހެއްގެ ގޮފިތައްވިއްޔަ. ދެން ޓޫރިސްޓެއްހެން ހަމަ އުޅެލަނީ ދޯ......" ރިޔާ ޖިލާގެ ގައިގައި ކުޑަކޮށް ބައްދާލާފައި ކޮލުގައި ދޮނެއް ދިނެވެ.

"އާއިޒު ބޭނުމެއް ނުވާނެ އަހަރެން ކޮޓަރީގައި މިވަރަށްވެސް އެއްޗެހިލައިގެން އުޅޭކަށް...." ޖިލާ އިނީ ރިޔާގެ މޫނަށް ބަލަން ނުކެރިފައެވެ. ދޮގު ހެދުމަކީ ޖިލާ މިވީހާތަނަށް ކުރިކަމެއް ނޫނެވެ. އެކަމަކު މަސްލަހަތަށް ޓަކައި އުމުރުގައި އެންމެ ދޮގެއް ހެދިދާނެއެވެ. ހަގީގަތަކީ އާއިޒު ކޮޓަރީގައި ޓަކިދިނަސް މިފަދަ ކުރު ހެދުންތަކުގެ މަތިން ކޯޓުލައިގެން، ޝޯލް އޮޅާލައިގެން ގޮސްނޫނީ މިވީހާތަނަށް ޖިލާ ދޮރު ހުޅުވާލާފައި ނުވާކެމެވެ. އެހެންމީހުންގެ ކުރިމަތީގައި އެހާ ސްޓައިލިޝްކޮށް އުޅޭއިރު ޖިލާގެ ފިރިމީހާއަށް އެ ރީތިކަމާއި، ޒީނަތްތެރިކަން ފޮރުވަން ޖިލާކޮށްފައި ނުކުރާކަމެއްނެތެވެ.

"ތިބުނީ ކީކޭތަ؟" ރިޔާ ހައިރާންވިއެވެ.

ކޮމެންޓް 0