އަދި ނުވީތާކަށް އޭނަގެ ދިރިއުޅުން ބައްޓަން ކުރަން އަތުކުރިއޮޅާލައިފައި މިވަނީ އޭނަގެ ހަޔާތުގެ އެންމެ ޚާއްސަ ދެއަންހެނުންނެވެ. އޭނަގެ މަންމަ އާއި، އަނބިމީހާ އެވެ. އެދެމީހުން ބޭނުންވާހާ ގޮތަކަށް އަލީނާގެ ހަޔާތާއި ކުޅެލުމުގައި ބައިވެރިވާން ޖެހިފައި ވާއިރު، ޒެވިޔަން އެކަމާއި ކުޑަކޮށްވެސް ގަބޫލުވީ އެންމެ ސަބަބަކާއި ހެދިއެވެ. އެހެން އެކަކަށް ނޭގުނަސް އޭނަގެ ހިތް އަލީނާއަށް ދެވިފައި ވާތީއެވެ. އަލީނާ އިންތިހާއަށް ބޭނުންވާތީއެވެ. އަދި ކައިރީގައި ހުރުމަށް އެންމެ ހިތްއެދޭ ކުއްޖަކީ އެއީ ކަމަށް ވާތީއެވެ. އެއީ ޔަގީނުންވެސް ދުނިޔެއިން އޭނަ ހޯދަން އެންމެ ބޭނުންވި ކުއްޖާއެވެ. ނަމަވެސް އަލީނާ އެކަމާއި ދެކޭގޮތެއް އެނގެން ޖެހޭނެއެވެ.

ޒެވިޔަންއަށް އޭރު ނޭގުނީ އެމީހުން ކުޅެލާ ކުޅިގަނޑުން އެއްބައި ޒެވިޔަންއަށް ފޮރުވާފައި އޮތްކަމެވެ. އެކަން އެނގުނު ނަމަ އެއްގޮތަކަށްވެސް އެ ކުޅިގަނޑުގައި އޭނަ ބައިވެރި ނުވީހެވެ. ނަމަވެސް ނޭގުމުގެ ތެރޭގައި ޒެވިޔަންއަށްވެސް އެކަމާއި ރުހެވިއްޖެއެވެ. 

ރިޔާ އަނެއްފަރާތަށް އެނބުރިގެން އޮތް އިރު ރިޔާ ވެސް ވިސްނިއެވެ. އަލީނާގެ މާޒީގެ އަނދިރި ސިއްރުތައް އެނގި އަލީނާ ފިރިހެނުންދެކެ ފޫހިވާވަރު ރިޔާއަށް އެނގިފައިވެއެވެ. އެކަމަކު ޒެވިޔަން ލިބިއްޖެއްޔާ ފިދާނުވާނީ ކާކުހެއްޔެވެ؟ އެ ފެހި ދެލޮލަށް ޓަކައި ކޮންމެ ކުއްޖަކުވެސް ދީވާނާ ވާނެއެވެ. ޒެވިޔަން އާއި އެންމެރެއެއް ވޭތުކޮށްލުމުގެ ނަސީބު ލިބިއްޖެ ކުއްޖަކަށް އޭނަ އާއި ވަކިވުމަކީ ކުރެވޭނެކަމެއް ނޫންކަން ރިޔާއަށް ޔަގީނެވެ. އަލީނާ ޒެވިޔަން ދެކެ ލޯބިޔަދޭށެވެ. ރަނގަޅީވެސް އެގޮތެވެ. އެންމެ ފަހުން އަލީނާ ވިހާ ދަރިފުޅާއި، ޒެވިޔަންވެސް އަލީނާއަށް އަބަދަށްޓަކައި ގެއްލިގެންދާނެ ދުވަހެއް އަންނާނެއެވެ. އެއީ އަލީނާ ކުރި ކުށުގެ ސަޒާއެވެ. ދަންޖައްސާލައިގެން މަރައިލުން ނޫނީ ޖަލަށްލުމަށްވުރެ މާވޭންދެނިވި އަދަބެކެވެ. ތިމާގެ ލޯބިވެރިޔާ އާއި ދަރިފުޅު އަބަދަށްޓަކައި ވަކިވެގެން ދިޔައިމަ މޮޔަވާނެއެވެ. ރިޔާ އިންތިޒާރު މިކުރަނީ އެދުވަހަށެވެ.

އަލީނާ ހޭލެވުނީ ތަފާތު ރާގަކަށް ދޫނިތަކެއް ލަވަ ޖަހައިލުމުންނެވެ. އަލީނާ ކުޑަކޮށް ލޯ ހުޅުވައިލުމާއި އެކު ފުރަތަމަވެސް ނަޒަރު ހުއްޓުނީ ކަށިބޯޅައެއްހެން އޮތް ހުދު ޗާންދަލިޔާ އަށެވެ. ވަށައިގެން ލޯ ހިންގައިލުމާއި އެކު މިއޮވެވުނީ އޯޓަމް ބްލޭޒްގެ ބަންކްބެޑްގައި ނޫންކަން އެނގުނެވެ. ރޭ ނިދުނުހާ އަރާމުކޮށް މިއިން ޒަމާނެއްގައިވެސް ނިދުނު ހަނދާނެއް އޭނަ ނުވެއެވެ. އެހެންރޭ، ރޭ ޔަގީނުންވެސް ނާހީގެ ގުގުރީގެ އަޑާއި، ކާރުތަކުގެ ބަރުގޮނު އަޑުން އޭނައަށް އުދަގޫތަކެއް ވެއެވެ. ނަމަވެސް ރޭ ތަފާތެވެ. ރޭގަނޑު އެހާ ހިމޭނެވެ. ދުވަހަކުވެސް އޭނަ އެފަދަ ފުން، ހިމޭންކަމެއް އިހުސާސް ކޮށްފައެއް ނުވެއެވެ. އަދި ބޯ ކުއިލްޓް ދަށަށް ވަނުމުން ހީފިލައި، އިންތިހާއަށް އަރާމުވި ވަރުން އިރުކޮޅެއްގެ ތެރޭގައި ފުން ނިންޖަކަށް ގެނބުނެވެ. ހޭލެވުނުއިރު މިއޮތީ ތާޒާކަމުން ފިނިފެންމަލެއްހެން ވެފައެވެ. 

އަލީނާ ތެދުވެ ބިންމަތީ ފައި ޖައްސައިލުމުން ހީވީ ގަނޑުފެންގަނޑެއްގައި ފައި ޖެހުނުހެންނެވެ. ފިނިގަދަކަމުން ރޫރޫ އަޅައިގެން ދާގޮތްވިއެވެ. އަލީނާ އިސްޓާކީނެއް ލައިގެން، އެނދުކައިރީގައި ހުރި ފައިވާނަކަށް އެރިއެވެ. އަދި ރަގަޅަށް ގައިގައި ކުއިލްޓް އޮޅާލައިގެން ހުރެ ގޮސް ކުޑަދޮރުތައް ހުޅުވައިލުމާއިއެކު ހިނިތުން ވެވިއްޖެއެވެ. ދުރުދުރަށް ދާންދެން ފެންނަނީ މާލެއިން ނުފެންނަފަދަ ތަފާތު ވައްތަރުގެ ގަސްތަކާއި މާމެލާމެއްޔެވެ. އޭނަ ހައިރާން ކަމާއިއެކު އިރުކޮޅެއްވާންދެން ބަލަހައްޓައިގެން ހުއްޓާ މާބޮޑަށް ފިނިކަން އިހުސާސް ކުރެވެން ފެށުމުން، ދޮރުތައް ލައްޕާލައިފިއެވެ. 

"ޑްރީމްއެއް ފުރިހަމަވީ، އެމެރިކާއަށްވެސް އާދެވިއްޖެ، މިހާރު އަހަރެންގެ ލޯބިވާ ޒެވިޔަން އުޅޭނީ ކޮންތާކުބާ، ދެކޭހިތުން ހިތަށް ކެތެއްވެސް ނުކުރެވޭ، ޒެވިޔަން، ޒެވިޔަން ކޮންތާކު ތިއުޅެނީ. އައި މިސްޔޫ......" އަލީނާގެ ތުންފަތްމަތިން އެންމެ ފަހަރަކުވެސް ހިނިތުންވުން ފިލައިގެން ނުދެއެވެ. އޭނަ ފާޚާނާއަށް ވަދެ ފެންވަރާ ތާޒާވެލައިގެން ނިކުމެ އެންމެ ކުރިން ފަތިސްނަމާދު ކޮށްލައިފިއެވެ. ރޭ ފޯނު އެލާމްނުކުރެވި އޮތުމުން ނަމާދަށް ހޭނުލެވުނީތީ އަލީނާ ހިތާމަވެސް ކުރިއެވެ. އޭރު ބަނޑުހައިކަމުގެ އުދަގޫވެސް ކުރަންފެށިއެވެ. ނުކައި މާ ގިނައިރު ވެއްޖެއެވެ. ނަސީބަކުން އިރުކޮޅެއް ފަހުން ޒީބާ ދޮރުގައި ތަޅައިގަނެ، އަލީނާ ގޮވައިގެން ބަދިގެފަރާތަށް ގެންދިޔައެވެ. 

ކައްކާބައިގައި އުޅެނީ ދެ އަންހެނުންނެވެ. އެމީހުން ވާހަކަދައްކާ ބަހުރުވައިން ހީވަނީ ފްރެންޗް ނޫނީ ލެޓިން ބަސްހެންނެވެ. އިނިގިރޭސި ބަސް ނުދަންނަ ބަޔަކާއި އެކީގައި މަސައްކަތް ކުރުން އެއީވެސް ފަސޭހަ ކަމެއްނޫނެވެ.

"އަލީނާ މިމީހުން ގާތުން އެމެރިކަން ކާއެއްޗެހި ހަދަން ދަސްކުރޭ. އޭރުން އެމީހުން ނެތްދުވަހަކުން އަނގަޔަށް ލެވޭގޮތަށް އެއްޗެއް ކައްކަން ދަސްވާނީ..." ޒީބާ އަލީނާއަށް އަނެއްކާ އޭނަގެ މަގާމު ހަދާންކޮށްދިނެވެ. އަދި އަލީނާ އުޅެންވީގޮތްވެސް ކިޔައިދިނެވެ. ގަސްތަކުގެ ތެރެއަށް ވަދެގެން ނޫޅުމަށް އަމުރުކުރިއެވެ. ހަރުފަ އެއްޗެހި އުޅޭނެކަމަށް ޒީބާ ބުނީ އަލީނާ ބިރުގަންނަވައި ލުމަށެވެ. ޒީބާގެ ބޭނުމަކީ އަލީނާ ޖަލެއްގައި ގެންގުޅޭހެން އެގޭގެ ހަތަރުފާރުން އެތެރޭގައި ބެހެއްޓުމެވެ. އަލީނާ ހުރީ ކުޑަކޮށް ގަސްތަކުގެ ތެރޭގައި ހިނގާލަން ދިޔުމަށް ނިންމައި ގެންނެވެ. އެކަމަކު ޒީބާ އެކުރި އަމުރަކުން ހިތް މާޔޫސްވިއެވެ. ނެޝަނަލް ޖިއޮގްރެފިކް ޗެނެލްއިން ވެސް ހަރުފައެއް ދައްކައިފިއްޔާ އަލީނާ ފަކުރުން ހަލާކުވާވަރުވެއެވެ. ދުނިޔޭގައިވެސް އެހާ އަލީނާ ބިރުގަންނަ އެއްޗެއް ވާނެކަމެއް ނޭގެއެވެ. ހަރުފައެއް ފެނިއްޖެއްޔާ އޭނަ އަނބުރައި ގަންނާނެއެވެ. އެކަމަކު އެމެރިކާއަށް އައިގޮތަށް ހަތަރު ފާރުން އެތެރޭގައި އިނުމުން އޭނަފަދަ ގުދުރަތީ ރީތިކަމަށް ލޯބިކުރާ ކުއްޖަކަށް ހުންނާނީ ކޮން އުފަލެއް ހެއްޔެވެ؟ މިހާ މުއްސަދި މަހުޖަނުންގެ ބަޔަކު މީހުން ނޫޅޭ ހިސާބު ދުރުގައި ވަޒަންވެރިވެގެން ތިބެންވީ ސަބަބެއްވެސް އަލީނާއަކަށް ނުވިސްނުނެވެ. ސިޓީއެއްގެ އެއްވެސް އަޑެއްބަޑެއް ނީވޭތީ މިއީ ވިލެޖެއްކަމަށްވެސް ހީކުރެވުނެވެ. ވިލެޖްގެ ބަދަލުގައި ސިޓީއިން ގެއެއް ގަނެފައިވާނަމަ ޔަގީނުންވެސް އެފަދަ އެއްޗެހީގެ އުދަގުލެއް ނުފޯރާނެއެވެ.

އެރޭ މައިމޫން ދުރުވުމުން ޒީބާ ސީމާއަށް ސިއްރުން މައިމޫން ކައިރީގައި އަލީނާ މެދުވެރިކޮށް ރިޔާއަށް ކުއްޖަކު ހޯދަންވެގެން އަލީނާ އަޅުކުއްޖެއްގެ ގޮތުގައި އެމެރިކާއަށް ގެނައި ވާހަކަ ބުނެލިއެވެ. މައިމޫން ވަގުތުން އެކަމަށް އިންކާރު ކުރެއްވިއެވެ. އެގޮތަށް ބޭނުންކަމަށް ވާނަމަ ޒެވިޔަން ޖެހޭނީ އަލީނާ އާއި ކައިވެނިކުރަން ކަމަށާއި އެނޫން ގޮތަކަށް ދަރިއެއް ލިބިއްޖެއްޔާ ދަރިފުޅު ހަލާލު ނުވާނެކަމަށް ބުނުއްވިއެވެ. ދީނުގައިވެސް ދަރިން ނުލިބޭ މީހުންނަށް އައިވީއެފްފަދަ ވަސީލަތުން ކުދިން ހޯދުން ހުއްދަކުރައްވާފައިވާއެވެ. ދަންނަބޭކަލުންވެސް މައްސަލަ ޖައްސަނީ ހިލޭ އަންހެނެއްގެ ހަށިގަނޑުގައި ދަރި އަށަގެންނެވުމާއި މެދުގައެވެ. ޒީބާ ޒެވިޔަން އާއި އަލީނާގެ ކައިވެންޏާއި މުޅިން ދެކޮޅުކަން ހާމަކޮށް ވާހަކަދެއްކީމަވެސް މައިމޫން ޚިޔާލު ބަދަލެއް ނުކުރެއްވިއެވެ. ޒީބާ މައިމޫން އާއި އެވާހަކަ ދެއްކުނީތީ ހިތާމަވެސް ކުރިއެވެ. އެކަމަކު މައިމޫން އެބުނުއްވާފަދައިން އާއިލީ ކުއްޖަކާއި ޒެވިޔަން ކައިވެނި ކުރުވައިގެން ދިމާވެދާނެ މައްސަލަތައްވެސް މަދެއްނޫނެވެ.

މައިމޫންގެ މިގެއަކީ ފަރުބަދަމަތީގެ ސަރަހައްދުން އޭނަ ގަނެފައިވާ ބިމެއްގައި ވާ ހިތްފަސޭހަ ގެއެކެވެ. ވަކި ހިސާބަކުން ސިކިއުރިޓީ ބަލަހައްޓާމީހުން އުޅޭތީ އެމީހުންނަށް މިތަން ވެފައިވަނީ އުޅެން އެންމެ އެކަށީގެންވާ ހިތްގައިމު ތަނަކަށެވެ. މައިމޫން ގަބޫލުކުރައްވާ ގޮތުން މިއީ ސިޓީގެ ހަލަބޮލި ކަމާއި، ޕޮލިއުޝަނުން ސަލާމަތްވެ ސިއްހަތަށްވެސް ރަނގަޅު އަސަރުކުރުވާނެ މާހައުލެކެވެ. ގޭގެ ޓެރެސްގައި ތިބޭއިރު ދުރުން ފެންނަން ހުރި ބޮޑު ފަރުބަދައާއި، އަނެއްފަޅިން ދުރުދުރުން ފެންނަ ސިޓީގެ ވިއުގެ ސަބަބުންވެސް ހިތަށް ހަމަޖެހުމެއް ގެނެސްދޭނެއެވެ. މިވަގުތުވެސް ޓެރެސްގައި ޒީބާ އާއި ރިޔާ ތިއްބެވެ. ދެ އެކުވެރިން ފަދައިން ވާހަކަދައްކާފައި ހޭންތިބެފައި ޒީބާ ކުޑަކޮށް ސީރިޔަސްވެލީ ފެށުނު ވާހަކައަކުންނެވެ. 

"ކޮންމެ ގޮތެއްވިޔަސް ޒެވިޔާވެސް އަދި ބޭބީއެއް ބޭނުންވާނެ، ދަރިއެއް ހޯދަން އޭނަ ދެއަންބަށް އެހެންކުއްޖަކާއި އިނީމަ ރިޔާ ބާކީވާނެކަން ޔަގީން، ނިކީ ހުރިނަމަ ޒެވިޔާ އެކަމާއި މެދު ނުވިސްނާނެ އެކަމަކު މިހާރު ތަފާތު ދޯ، އެކަމަކު މަންމަ މިބުނާގޮތަށް ހަދައިފިއްޔާ ޒެވިޔާ އާއި ރިޔާގެ ދަރިއެއް ހުންނާނެ، އޭރުން ޒެވިޔާ ދުވަހަކުވެސް ރިޔާ ދޫކޮށްލާފައެއް ނުދާނެ، ޒެވިޔަން އާއި ރިޔާ އާއި ދެކުދިންނަށް އެހެންނޫނީ ރަނގަޅު މުސްތަގުބަލެއް ނުލިބޭނެ، އެކަމަކު ރިޔާ، ބައްޕަ ބުނުއްވަނީ އަލީނާ އާއި ޒެވިޔަން ކައިވެނި ނުކުރަނީސް އެކަމަކަށް ހުއްދައެއް ނުދެއްވާނަމޯ....." ޒީބާ މި ޕްލޭން އިން ހިތްހަމަނުޖެހެނީ އެކަނި އެތަންކޮޅާއެވެ. ޒީބާ ދެކެނީ ގަނެގެން ގެނެސްފައިވުމުން އަލީނާ ވާނީ ޖާރިޔާއަކަށް ކަމާއި އެއީ ދީނުގައި ހުއްދަ ކަމެއްކަމަށެވެ. އެކަމަކު ޒެވިޔަން އެފަދަ ފެންވަރެއްނެތް އަންހެންކުއްޖަކާއި ކައިވެނި ކުރިކަން އެނގިއްޖެއްޔާ އެންމެންގެ މަލާމާތް ލިބޭނެއެވެ. އެކަން ކުރަން ވާނީ އާއިޒުމެންނަށްވެސް ނާންގާ ސިއްރުންނެވެ.

"ބައްޕައަށް އެގޮތް ފެނިލައްވާނަމަ އޯކޭ، އަލީނާ ވިހާއިރަށް ބޭބީ އަތުލާފައި، ޒެވިޔާއަށްވެސް ނާންގާ އޭނަ އެހެން ރަށަކަށް ފޮނުވައިލީމަ ރަނގަޅު ވާނެ...." ރިޔާ ފިކުރަކާއި ނުލައި ބުންޏެވެ.

"ޒެވިޔާ އާއި އެއްގޮތަކަށްވެސް އެކަށީގެންނުވާ މީހަކާއި އެކީގައި ޒެވިޔާއަށް ދިރިއުޅޭކަށް ލާހިކެއްނޫން، މަންމަ ހުއްޓާ ރިޔާ ހާސްވާކަށް ނުޖެހޭނެ، އަލީނާ ވިހެއީމަ ރިޔާ އެބޭބީއަށް ބޮޓްލްފީޑްކޮށްގެން ގެންގުޅޭނީ، އަލީނާ ފީޑްކޮށްފިއްޔާ ފަހަރެއްގައި ދަރިކުލުނުވެސް ޖެހިގެން ބޭބީ ނުދޭން މައްސަލަ ޖައްސަފާނެ، އެހެންވެ އެކަން ވިޔަދީގެންނުވާނެ، ޒެވިޔާ އާއި ރިޔާ އާއި ބޭބީ އުޅޭނީ ޔަގީނުންވެސް ފެމިލީ ގޮތުގައި، އެ ޕިކްޗަރއިން އަލީނާ އައުޓްވާނެ، ރިޔާ މަންމައަށް ހުރިހާކަމެއް ހަވާލުކޮށްލާ، އަލީނާއަކީ ޒެވިޔާގެ ފައިގައި ހޭކުނު ހިރަފުސްކޮޅެއް ވަރުގެ މީހެއް، އެކަން މަންމަ ހަދާން ނައްތާލާނެހެން ހީވޭތަ؟ އެ ދަރި ދުނިޔެއިން ބޭރަށްވެސް ފޮނުވައިލަން ފަހެއް ނުޖެހޭނަން......" ޒީބާ އާއި ރިޔާ އާއި ދެމީހުން އެތައް އިރެއްވާންދެން ސައްލާކުރަން ތިއްބެވެ. 

އެއްވެސް ކުށެއްނެތް އަންހެންކުއްޖެއްގެ ހަޔާތުގައި، އަލިފާންޖަހަން ބަޔަކު ރާވަމުންދާ ކަމެއްގެ ޚަބަރު ނޭގި އަލީނާ ހުންނަނީ ފުދޭވަރަކަށް ހަމަޖެހިލައިގެންނެވެ. އޭނަ ވަރަށް ގަޔާވެގެން ހުރެ އާ ކާއެއްޗެހި ހަދަން ދަސްކުރަމުން ދިޔައެވެ. އަދި އޭނަ އެހާ ރަނގަޅަށް ކައެވެ. ހަރުފަ އުޅޭނެކަމަށް ޒީބާ އިންޒާރުދީފައި ވާތީ އަލީނާއަށް އެއްގޮތަކަށްވެސް ބޭރަށް ދާކަށް ނުކެރެއެވެ. ކޮޓަރީގެ ވަށައިގެން ހުންނަ ދޮރުތައްވެސް ހުޅުވައިލާކަށް ނުކެރެއެވެ. ނަމަވެސް އަލީނާއަށް ކިތަންމެ ފަހަރުމަތިން ޒެވިޔަން ފެނެއެވެ. އެކަމުން އަލީނާގެ ހިތަށް އުފާވެރިކަން ލިބެއެވެ. ޒެވިޔަން ފެނިއްޖެއްޔާ ބޭއިޚުތިޔާރުގައިވެސް އަލީނާއަށް ހީނލެވެއެވެ. އެވަރަށް ލޯބިވެވޭތީ އަލީނާ ހަމަ ހައިރާންވެ ހިތާހިތާވެސް ސުވާލު ކުރެވެއެވެ. ކޮންމެގޮތެއް ވިޔަސް ޒެވިޔަންއަކީ އޭނަގެ ފުރަތަމަ ލޯތްބެވެ. އެ ލޯބި އޭނަގެ ހިތުން ފޮހެލެވޭނެ އެއްވެސް އިންސާނަކު ނެތެވެ. އަލީނާ ނިކަން ގަޔާއި ވެގެން ބަދިގޭ އެކިކަންތަކުގައި އުޅެމުންދާއިރުވެސް އެ ތުންފަތްމަތީގައި ކުޅެކުޅެލައި ހުންނަނީ ހިނިތުންވުމެކެވެ. ޔަގީނުންވެސް މިރަށަށް އައުމުން ހިތަށް އުފަލެއް ލިބިއްޖެއެވެ. އޭނަގެ ލޯބިވެރިޔާ އުޅޭތަނެއްގައި އުޅެވެންޏާ ކިތަންމެ ބޮޑު އަނިޔާތަކެއް ލިބުނަސް އޭނައަށް ކެތްކުރެވިދާނެއެވެ.

ޖިލާ ވަލުތެރޭގައި ގުދުގުދުލާފައިވާ ހަނިގޯޅިތަކުން ބައިސްކަލް ދުއްވާފައި ދިޔައިރު އެ ރީތި އިސްތަށިގަނޑު ވަޔާއި އުދުހުނެވެ. ކަރުގައި އޮޅާފައި އޮތް ސްކާފް ވެސް ހެދުމާއި ގުޅުވާފައިވެއެވެ. އެ ދޮންމޫނަށް މަޑުރަތްކުލައެއް ވެރިވެފައި ވަނީ ބަހާރު މޫސުމްގެ ވައިރޯޅިތަކުގެ ސަބަބުންނާއި، ފިނިވުމުގެ ސަބަބުން ކަންނޭގެ އެވެ. ޖިލާ ބައިސްކަލް މޭޕްލް ގަހަކަށް ލައްގާލައިފައި ހިނގައި ގަތީ ކޯރާއި ދިމާލަށެވެ. މިހިތްގައިމު މަންޒަރުތަކުންވެސް ޖިލާގެ ހިތަކަށް އުފަލެއް ނުލިބުނެވެ. މޮޅިވެރި ގޮތަކަށް ގަލެއްގެ މަތީގައި އިށީދެ ކަކުލުގައި ބޯޖައްސާލައިގެން އިނދެ އާއިޒުގެ ޚިޔާލުކޮށްކޮށްފައި ރޮވުނެވެ. އާއިޒުއަށް އޭނައަށް ހާދަ ގިނަ މެއިލްއެއް ކޮށްފިއެވެ. ޖަވާބެއް ނުލިބުނެވެ. ހާދަވަރަކަށް އާދޭސްކުރެވިއްޖެއެވެ. މީހަކަށް ކުށެއްކުރެވިދާނެއެވެ. އިންސާނުންނަށް އިބުރަތް ލިބެނީވެސް ދިރިއުޅުމުގައި ހެދޭ އެފަދަ ކުށްތަކުންނެވެ. ވީއިރު އާއިޒު މާފުކޮށްދީފިއްޔާ ހާދަ ރަނގަޅެވެ. 

ޗެރީބްލޮސޮމް ގަސްތަކެއްގެ ހިޔަލުގައި އެންމެން މެންދުރު ކާންތިބީ ވަރަށް ހަމަޖެހިލައިގެންނެވެ. ތަފާތު ވާހަކަތަކެއްވެސް ދެކެވެމުންދިޔައެވެ. މިތަނުގައި މަދީ ޖިލާ އެކަންޏެވެ. އޭނަ ގިނަފަހަރު އެންމެނާއި އެކީގައި ކާން ބައިވެރިއެއް ނުވެއެވެ. ޖިލާ ކިތަންމެ ފޮރުވައިގެން އުޅުނަސް އާއިޒު އާއި ޖިލާގެ ކައިވެނީގެ ގުޅުނުގައި ރެނދެއްލާފައިވާކަން އެންމެން ދަނެއެވެ. އަދި ޖިލާ ގެ ހިތާމައަކީ ކޮންކަމެއްގެ އަސްލުބާވައޭ ސުވާލު އުފެދިފައިވެއެވެ. ދެމަފިރިންވެސް އެކަމާއި ބެހޭ ގޮތުން ވާހަކަދައްކަން އިންކާރު ކުރެއެވެ.

އާއިޒު ގަސްތަކުގެ ތެރެއިން ވަދެގެން އައުމުން އެންމެންނަށް ލިބުނީ ސަޕްރައިޒެކެވެ. ޒެވިޔަންމެން އެމެރިކާއަށް އައިއިރުވެސް އޭނަ އުޅުނީ ކެލިފޯނިއާގައެވެ. އާއިޒު ހުރީ ޖިލާ އެގޭގައި އުޅޭތީ ނާންނަން ވެގެންނެވެ. ނަމަވެސް ލޯތްބަކީވެސް އަޖައިބެއްހާ ބާރުގަދަ އެއްޗެކެވެ. އެންމެ ފަހުން އެނބުރި އައީ ޖިލާ ދެކޭހިތުން ކެތްނުކުރެވިގެންނެވެ.

"ލޯންގް ޓައިމް ނޯ ސީ ބްރަދަރ...." ޒެވިޔަން އާއި އާއިޒު ބައްދައިލި ގޮތުން ދެބެއިންގެ ދެމެދުގައިވާ ލޯތްބާއި ގުޅުން ރަމްޒުކޮށްދިނެވެ. 

"އާއިޒު މިސްވިވަރުން މަންމަ ކެލިފޯނިއާއަށް ދާންއުޅެނިކޮށް ތިއައީ، ބައްޕައަށްވެސް ޒެވިޔާ އާއި އާއިޒު ނެތިއްޔާ ހިތްހަމަޖެހުމެއް ލިބިއެއްނުލައްވާ، އެންމެ ދެކުދިންވިއްޔަ......." ޒީބާ ސީމާ އާއި ދިމާލަށް ފާޑަކަށް ބަލައިލަމުން ބުންޏެވެ.

"ނޫނޭ ޒީބް، ދެކުދިންނެއް ނޫން، ތިނެއްވާން އުޅެނީ، މިއަދު ބޭނުން އުފާވެރި ޚަބަރެއްދޭން، އާއިޒު މެންނަށް ކޮއްކޮއެއް ލިބެނީ، މިއީ މިހާ ދުވަސްކޮށްލާފައި އުއްމީދު ކުރިކަމެއްވެސް ނޫން އެކަމަކު....." ސީމާ ބައްތިރީސް ދަތްތައް ފެންނަވަރަށް ހެވިލާފައި އިނދެ ބުނެލި ގޮތަކުން ޒީބާއަށް ހީވީ ކަންފަތް ކައިރީގައި ބޮމެއް ގޮއްވައި ލެވުނުހެންނެވެ. ޒީބާގެ ގަނޑުވެފައިވާ ހިއްސުތައް މަސައްކަތެއް ނުކުރިއެވެ. ޒެވިޔަންވެސް އަނގަޔަށް ގޮތެއް ހަދާލައިފިއެވެ. އާއިޒުވެސް އުފާވިހެނެއް ހިޔެއްނުވިއެވެ. އެންމެންނަށް ޝޮކެއް ލިބުނަސް ރިޔާ އުފާވިއެވެ. އޭނަ ސީމާގެ ގައިގައި ހިފައިގަނެގެން މަރުހަބާ ކިޔާފައި، އުފާކުރިއިރު ޒެވިޔަންގެ މޫޑު ގޯސްވިވަރުން އެތަނުގައި މަޑުކުރާކަށްވެސް ނޫޅެ ގެއަށް ވަދެގެން ދިޔައީއެވެ. ހީކުރިގޮތާއި ޚިލާފަށް ކުދިން ހިތްހަމަނުޖެހުނުކަން މައިމޫންއަށް އެނގިލެއްވިއެވެ. 

ޒީބާ ވިސްނާލާފައި މަސްނޫއީ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން ސީމާއަށް މަރުހަބާ ކިޔާފައި، ޕާޓީއެއްވެސް ބާއްވާނެކަމަށް ވަޢުދުވިއެވެ. ނަމަވެސް ޒީބާ ހިތާހިތުން އަނދަންފެށިއެވެ. ސީމާއަށް ދޭންވީ ލަނޑަކާއިމެދު އޭނަގެ ސިކުނޑި އަވަދިނެތި މަސައްކަތް ކުރަމުން ދިޔައިރުވެސް އޭނަ ހެވިލާފައި އިނދެ ވާހަކަދެއްކި ގޮތުން ހީވަނީ ސީމާ ބަލިވެއިނުމުން އެންމެ އުފާކުރަނީ ޒީބާ ހެންނެވެ. ސީމާ ކިތަންމެ ވަރަކަށްވެސް ދަރިފުޅުގެ ރައްކާތެރި ކަމާއިމެދު ވިސްނައެވެ. އެހާ ވަރަށް ކޮފީއަކަށް ދެވިހިފާފައި ހުރިމީހާ ކޮފީ ބުއިންވެސް ހުއްޓާލައިފައެވެ.

"މާދަން މައިމޫން އާއި ދެމީހުން މިއުޅެނީ ފްރެންޑެއްގެ ގެއަށް ދާން، އެހެންވީމަ މާދަންނޫން އަނެއް ދުވަހު ބާބެކިއު ހަދަން ކޯރުކައިރިއަށް ދާނީ، ކޯރު މަސް ފިހުނީމަ ހާދަ މީރޭ، މައިމޫން އާއި އެކު އަދި ދުވަހަކުވެސް މަސް ބޭނުމުގެ މަޖާގަނޑެއް ނުނެގޭ، ދެން އެކަމާއި އުޅެންވީ، ސެލެބްރޭޓް ކުރަން ވާނެ ގަދަޔަށް........" ސީމާ ހުށަހެޅި ހުށަހެޅުމަށް އެންމެންވެސް ތާއީދުކުރިއެވެ. އޭރުވެސް އޭނަ އިނީ ހެވި ދިއްލިފައެވެ. ޒީބާ އަނދައިގަތެވެ. ދަރިން ބޮޑެތިވީމަވެސް ސީމާ ލަދެއްނުގަނެ އެއުޅެނީ ފުރާވަރުގެ ކުއްޖެއްހެންނެވެ. މައިމޫންދެކެ ލޯބިވާކަން އިޢުލާން ކުރަމުންނެވެ. މަސްބާނައި، ބާބެކިއު ހަދައި، ދަރިންވެސް ވިހަން ސީމާ އެބަޖެހެއެވެ. ހުރިހާ މަޖަލެއް ނެގިޔަސް ހެވެވެ. އެކަމަކު އޭނަގެ ފުރާނަހުރެގެނެއް ސީމާއަށް މައިމޫންގެ ދަރިއަކު ވިހާކަށް ލާހިކެއްނޫނެވެ. އޭނަގެ ދެދަރިން ފިޔަވައި މައިމޫންގެ ލޯބި ދެވޭނެ އިތުރު ފަރާތެއް ހުރެގެނެއް ނުވާނެ އެވެ. ޒީބާ ދަތްތައް ބިންދައިގެން ދާހާބާރަށް ދަތްތައް ކާރުވައިގަތެވެ.

ޖިލާ ކޮޓަރީގައި ހުރިކަން އެނގޭތީ އާއިޒު އެކޮޓަރިއަކަށް ވަދެވެސް ނުލައެވެ. ޖިލާ ހުރީ އިންތިހާއަށް ދެރަވެފައެވެ. އެތައް ރޮގަކުން ވިސްނައިލުމަށްފަހު ޖިލާއަށް މޮޅު ޚިޔާލެއް އަތުވެއްޖެއެވެ. ޖިލާ ފެންވަރާލައިގެން ނިކުމެ ތުނި އައިސްގްރީން ކޮޓްން ޓޮޕަކާއި، ކަޅުކުލައިގެ ސްކިނީއެއް ލައިގެން ޖެކެޓް އުނގަނޑުގައި އައްސާލައިފިއެވެ. އަދި ކުޑަކޮށް އަނދުން އަޅާލުމުން ރީތިކަމުން ހިތްތައް ހަލާކޮށްލާހައި ވެއެވެ. ޖިލާ ކާކޮޓަރިއަށް ދިޔައިރު އެންމެން ރޭގަނޑުގެ ކެއުން ނިންމާލަނީއެވެ. އާއިޒު އަށް އޮޅިގެން ބަލައިލެވުނެވެ. އެ ތޫނުދެލޮލުގެ ޖާދޫއިން ވަގުތުން ޖިލާގެ ދޮން ކޯތާފަތަށް މަޑުރަތްކުލައެއް ވެރިކުރުވިއެވެ. އަދި ކަނދުރާގެ ލޯލިތައްވެސް ކޮޅަށްޖެހުނެވެ. 

"ހާދަ ލަހުން ދަރިފުޅު ކާން ތިއައީ؟ އެންމެން ކައިނިމުނީމަ ބާކީ ހުރި އެއްޗެހި ކާންވެގެން ތަ؟ އާއިޒު އައީމަވެސް ދަރިފުޅު ހަދާގޮތް ތިހިރީ، މަންމަ ހީކުރީވެސް އާއިޒު މަތިން ހަދާންވާތީ ކަމަށް މިހުރިހާ ދުވަހު ކާމޭޒުދޮށަށް ނާންނަނީ....." ޒީބާ ވާހަކަދެއްކީ މަތި އޮމާންކޮށްލަން ރީތިކޮށެވެ. އޭނަ ހުރީ ޖިލާ އާއިމެދު ވަރަށް ހިތްހަމަނުޖެހިފައެވެ.

"އަސްލު... އަޅު.. އަޅުގަނޑު ބަލި..." ޖިލާ ކުޑަކޮށް އަޅައިގަންނަމުން ބުންޏެވެ. އާއިޒު އާއި އެއްތަނެއްގައި އިނުމުންވެސް މިރޭ ޖިލާއަށް ކުރެވެނީ ތަފާތު އިހުސާސްތަކެވެ. 

"ވަޓް ހެޕެންޑް ދަރިފުޅާ..." މައިމޫން އައްސަވާލެއްވިއެވެ.

"ހޮޑުލަވާގޮތްވެފައި، އަނބުރައި ގަންނަނީ...." ޖިލާ އަށް އެހުރިހާ އުދަގޫ ތަކެއްވަނީ ނުކައި ހުންނާތީއެވެ.

"ދަރިފުޅާ، މޯނިން ސިކްނެސްތަ؟" ސީމާ ދެލޯ ބޮޑުކޮށްލައިފިއެވެ. ދަރިފުޅާއި އެއް ފަހަރެއްގައި ބަލިވެއިނުމުން އޭނަވެސް ލަދުގަތީކަން ނޭގެއެވެ. ޒީބާ އަށް ހެވިއްޖެއެވެ. އޭނަ ސީމާއަށް ބަލައިލީ ޖެއްސުމުގެ ނަޒަރަކުންނެވެ. "ކޮބާ ހީވެއްޖެ" އެއީ ޒީބާގެ ލޮލުގައި ވި މެސެޖެވެ.

"ޔަޕް..... އައިމް ޕްރެގްނެންޓް....." ޖިލާ އެހެން ބުނި އިރު އޭނަގެ ހިތް ތެޅިގަތްލެއް ބާރުކަމުން ހީވީ ހިތް ފުންމައިލަފާނެ ހެންނެވެ. މިހާވަރުގެ ދޮގެއް ހަދަންވުމުން ޖިލާ ޖެހިލުންވިއެވެ. އުދަގޫވިއެވެ. ޖިލާ މިއީ އެންމެ ފަހު ދޮގުކަމަށް ޔަގީންކުރިއެވެ. އޭނަ އަށް ނޭގުނީ މިފަހަރުވެސް އޭނަގެ ޕްލޭން ފެއިލް ވާނެކަމެވެ. ކޮންމެ ހާލެއްގައިވެސް ދޮގުހަދައިގެން ނުވާނެކަމެވެ. 

އާއިޒު ފެންބޮއިބޮއި ހުރެފައި ކޮށި އެރިއެވެ. ޖިލާއަށްވެސް އެއީ އާއިޒުއަށް ލިބޭނެ ޝޮކަކަށް ވާނެކަން އެނގުނެވެ. އާއިޒު ގެ ރަނގަޅު ކަމާއި، އަމިއްލަ ދިފާޢުގައި ވާހަކަ ނުދައްކައި، ނުކުރާ ކުށްތައްވެސް ބޮލުގައި އަޅައިގެން ހުންނަ ގޮތްގަނޑުގެ ސަބަބުން ޖިލާ ހީކުރީ މިފަހަރުވެސް މޭޒުދޮށުގައި އާއިޒު އެކަމާއި ބެހޭގޮތުން ވާހަކަ ނުދައްކާނެ ކަމަށެވެ. އާއިޒު ސުވާލު ކުރާނީ ކޮޓަރިއަށް ގޮސްފައިކަމަށެވެ. ނަމަވެސް މިފަހަރު ޖިލާ ހީކުރި ގޮތަކަށްނުވިއެވެ. އާއިޒު ފެންތަށި ބާރަކަށް މޭޒުމަތީގައި ބެހެއްޓުމާއިއެކު ފުރިހަމަ އިސްކޮޅަށް ތެދުވިއެވެ. އޭނަ މޭޒުމަތީގައި ދެއަތުން ޖެހިލެއްބާރުކަމުން ތަށިތައްވެސް ތެޅިލައިގެން ދިޔައެވެ. އެންމެން ބިރުން ދެލޯބޮޑުކޮށްލައިގެން ތިބީ ކިޔަންވީ އެއްޗެއް ނޭގިފައެވެ. ޒެވިޔަން ހިތާހިތުން ސަޕޯޓްއޮތީ އާއިޒުއަށެވެ. އާއިޒު ކަމަކާއި ނުލައި ރުޅިނާންނާނެ ކަންވެސް ޒެވިޔަންއަށް އިހުސާސް ކުރެވުނެވެ. ޖިލާ ބުރުގާ އަޅައިގެން ހުއްޓަސް ނުބަޔެއް އުޅެއެވެ.

"ލާހިކެއްނޫން ތިކުއްޖާ މިދުނިޔެއަށް ގެންނާކަށް، ކުއްޖާ އެބޯޓްކޮށްލަން ޖެހޭނީ......" އާއިޒު އެހެން ބުނެލި އިރު ރުޅިގަދަވެގެން ގޮސް ލޯހަނި ކޮށްލާފައިވެއެވެ. އޮރެންޖް އަލީގައި އެމޫނަށް ވެރިވެފައި ވަނީ ރަންކުލައެކެވެ. ޖިލާއަށް ކަޅިވެސްޖަހައި ނުލައި އެ ރީތި މޫނަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އާއިޒު އާއި ޖިލާގެ ހަތަރުކަޅި ހަމަވިއެވެ. އާއިޒު ރުޅިގަދަވެފައި ހުރި އިރުވެސް އެލޮލުން ތެތްކަމެއް ފެނުނެވެ. އާއިޒު މަޑުކޮށްނުލައި ދާން ހިނގައި ގަތުމުން ސީމާ ރޯންފެށިއެވެ. މައިމޫން ސީމާގެ އިސްތަށިގަނޑުގައި ފިރުމާލައްވަމުން ނުރޯށޭ ކިޔާފައި މާ ލޯބިން ވާހަކަ ދެއްކެވުމުން ޒީބާ އަނދައިގަތެވެ. އާއިޒު ދަރިފުޅުވެސް ވައްޓާލަން އުޅެނީ އޭނަ ބޭނުންވާކަންތައް ނުކުރެވޭނެތީ ކަމަށާއި، އާއިޒުއަށް ޖިލާ ވަރިކުރަން އަމުރުކުރަން ސީމާ މައިމޫން ގާތުގައި އެދުނެވެ. ޖިލާއަށްވެސް ރޮވޭގޮތްވިއެވެ. ހުރިހާކަމެއް ގޯހުން ގޯހަށް މިދަނީ ކީއްވެ ހެއްޔެވެ؟ މިފަހަރުވެސް އޭނަ ރޭވުން ފެނަށް ވެގެންހިގައްޖެއެވެ.

"ސީމާ ދެން މާކަންތައް ބޮޑުކޮށްލައިގެން ރޯން ތިފެށީ. އާއިޒުވެސް ރުޅިއައުން ހައްގު، ޕްރެގްވީމަ ޖިލާ ފުރަތަމަ ބުނަން ޖެހޭނީ ފިރިމީހާ ގާތުގައެއްނު، އެންމެން ކައިރީގައި އެގޮތަށް އިޢުލާން ކުރީމަ އާއިޒު ރުޅިގަދަވީ، ޖިލާވެސް މާ ފޮނިވެގެން އުޅެނީ، އާއިޒު ހަދަނީ އެހެންނޭ މިހެންނޭ ކިޔާފައި ރިޕޯޓްކުރަމުން އުޅެނީ، އާއިޒު ނޫން އެހެން ކުއްޖެއްނަމަ ވަރިކުރިތާ ކޮންދުވަހެއް، އޭނަ ކެތްގަދަ....." ޒީބާ ތެދުވެގެން ހިނގައިގަތީ ސީމާ އާއި ދިމާލަށް އަލިފާނުގެ ނަޒަރަކުން ބަލައިލާފައެވެ.

"އެހެރީ، ޒީބާވެސް ލޯބިން ދަރި ހަލާކުކޮށްލާފައި، އޭނައަށް ރަނގަޅަށް އާއިޒު ޖިލާ އާއި މެދު ކަންތައް ކުރާގޮތް އެނގޭއިރު އަދި ކުރިމަތިން ވެސް އެ ވަޔަލެންޓް ގޮތްގަނޑު ދައްކާއިރުވެސް އެހެރީ އެކޮޅަށް ހިފާލާފައި....." ސީމާ ބޭނުންވީ މައިމޫން އާއިޒު އާއި ދެކޮޅަށް އަނބުރާލުމެވެ. ނަމަވެސް މައިމޫންވެސް އެއްޗެކޭ ނުބުނުއްވާ ތެދުވެގެން ހިންގަވައިގަތީއެވެ.

ޖިލާ ކޮޓަރިއަށް ވަންއިރު އާއިޒު ފާޚާނާއިން ނިކުމެގެން އައީ ތުވާލިން މޫނު ފޮހެމުންނެވެ. އިސްތަށިގަޑުވެސް އޮތީ ކުޑަކޮށް ތެތްކޮށެވެ. އެ ރީތި ދެލޮލުގައިވާ ރުޅިވެރިކަމަކުން ޖިލާގެ ހިތް މާޔޫސްވިއެވެ. އޭނަ ހީކުރިފަދައިން ރުޅިގަދަވެގެން ގޮސް ގަޔަށް އަތްލުމުގެ ބަދަލުގައި އާއިޒު ހައްތަހާ ދުރުވަނީއެވެ. އެދޭތެރޭގައި، ހިލައިގެ ވަރުގަދަ ފާރެއް ހުރަސްވެ ހައްތަހާ ވަރުގަދަވަމުންދާ ކަމުގައި ޖިލާއަށް އިހުސާސް ކުރެވުނެވެ. ނަމަވެސް މިރޭ އެހާ ފަސޭހައިން ބަލި ގަބޫލުކުރާކަށް ޖިލާ ބޭނުމެއްނުވިއެވެ.

"އާއިޒު، އަހަރެން އެގޮތަށް ދޮގު ހެދީ އާއިޒު އަނގައިން ނުބުނާތީ، ކިހާވަރަކަށް އާދޭސްކޮށްފައި މެއިލް ކުރެވުނު، އާއިޒު ބޭނުމެއްނުވި ޖަވާބެއްދޭކަށް...." ޖިލާ އާއިޒުގެ އަތުގައި ހިފާލައިފިއެވެ. ޖިލާގެ ނާޒުކް އަތްތިލަ ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. އެއަތުގެ އޮމާން ކަމާއި ފިނިކަމުން އާއިޒު ގެ ނާރުތަކުގައިވެސް ފިނިރާޅުތަކެއް ދުވެލިހެން ހީވިއެވެ. 

ކޮމެންޓް 0