ސީމާ ދޮރުގެ ފަރުދާތައް ވައްޓާލި އިރު ރުޅިގަދަވެގެން ގޮސް މޫނު އަނގުރު އަލިފާން ގަނޑެއްހާ ރަތްވިއެވެ. ޒީބާގެ ދެދަރިން ވެސް އުޅެނީ އަންހެނުންނާއި ހެދި މޮޔަވެގެން، އޮބި ނޯވެގެންނެވެ. ގެންގުޅޭ މީހަކަށް ވެސް ސަލާމަތެއް ނެތެވެ. މިވަރުން ދަންޏާ މާރްތާ އާއި ފްލޯރާގެ ސަލާމަތާއި މެދުގައި ވެސް އޭނަގެ ޔަގީން ކަމެއްނެތެވެ. މޮޅު ޚާންދާނެއްގެ، ތަޢުލީމީ ޒުވާނުންތައް މިހެން އުޅުނީމަ ހާދަ ހުތުރެވެ. މައިމޫންއަށް މިގޭގައި މިހާ ނުބައި ކަންތައް ހިންގާ އިރު އެނގިނުލައްވަނީ ބާވައެވެ. ނޫނީ މައިމޫންގެ ދެމަފިރިންނަކީ ޑޮކްޓަރުންނަށް ވީމަ ދަރިން ގަޔަށް މާ ވަރުގަދަ ހޯމޯން އިންޖެކްޝަނެއް ޖަހައިގެން ޓެސްޓޮސްޓެރޯން ހައްދު ފަހަނައަޅައި ގޮސް، ޒެވިޔަން އާއި އާއިޒުއަށް ފެންނަ ކޮންމެ އަންހެނެއްގެ ގަޔަށް ބޮލަށް ނާރައި ނުތިބެވެނީ ބާވައެވެ. 

އޭނަގެ ދަރިފުޅު ދާވިޝް ކިހާ ރަނގަޅު ހެއްޔެވެ؟ އަންހެންކުދިންތައް އޭނަ ފަހަތުން މޮޔަވެގެން އުޅޭ އިރުވެސް އެފަދަ ކަމެއްކުރަން ޚިޔާލެއް ނުހުރެއެވެ. ސީމާ ޒެވިޔަންމެންނާއި ދޭތެރޭ ވިސްނީ އެންމެ ނުބައިކޮށެވެ. އޭނަ ކޮޓަރީގައި ދެކޮޅަށް ހިނގާލަހިނގާލާ ހުރެ ޚިޔާލުކުރަމުން ދިޔައީ ދެން އޭނަ ކަންތައް ކުރަންވީ ގޮތަކާއި މެދުގައެވެ.

ސީމާ ކޮންމެ ރެއަކުހެން ފާރަލާން ފެށުމާއި އެކު ޒެވިޔަން އާއި އަލީނާގެ ގުޅުމެއް އޮތްކަން ޔަގީންވިއެވެ. ކޮންމެ ރެއަކު ޒެވިޔަން އާއި އަލީނާ އެކޮޓަރިއަށް ވަންނަތަން ފެނެއެވެ. އެއަށްފަހު އަލީނާ އެކޮޓަރިން ނިކުމެގެން ދަނީވެސް ނިކަން ކުދި ފިޔަވަޅުތައް ޖަހަމުން ސިއްރުކަމެއް ކުރާފަދަ ގޮތަކަށް ވަށައި ހޯދަމުންނެވެ. ޒެވިޔަން ނިކުންނަނީ ތަންކޮޅެއް ފަހުން ކަންނޭގެއެވެ. އެހެންނޫނަސް އެހާ ގިނައިރުވަންދެން ދޮރު ކައިރީގައި އެކުޅިވަރު ދެކެން ހުންނާނެ ވަރެއްވެސް ސީމާގެ ހަށިގަނޑަކު ނެތެވެ. ދަރިފުޅު ބައިގެން ދިޔަފަހުން އަދިވެސް އޭނަގެ ސިއްހަތު މުޅިން ހަމަޔަކަށް ނޭޅެއެވެ. ކެއި ބޭސްތަކުގެ ސަބަބުން މޭނުބައިކޮށް، ވަރުބަލިވާވަރުން ސީމާ ގިނަ ވަގުތު އޮންނަނީ އަރާމު ކުރަން އޮށޯވެލައި ގެންނެވެ. ސީމާއަށް ނޭގެނީ ފަތިހުވެސް ޒެވިޔަން އާއި އަލީނާ އެންމެނަށް ސިއްރުން ބައްދަލު ކުރާކަމެވެ. އެއީ އަދި ރިޔާއަށްވެސް ވަންހަނާވެފައިވާ ސިއްރެކެވެ. 

މިރޭވެސް ފަތިހު ތެދުވެގެން އަލީނާ ކުޑަކޮށް ތާޒާވެލީ ޒެވިޔަން އަންނާނެކަން އެނގޭތީއެވެ. ޒެވިޔަން ގަނެދީފައިވާ އެކި ސްޓައިލުގެ ހެދުންތައް އަލީނާ ލަނީ ހަމައެކަނި ޒެވިޔަންއަށް ޓަކައެވެ. އަލީނާ ނޫކުލައިގެ ކުރު ޓޮޕް ކޮޅަކާއި، ސްޓްރައިޕް ސޯޓެއްލައިގެން، އިސްތަށިގަނޑު ވިހުރުވާލައިގެން ހުރި އިރު ހީވަނީ ޓީން މޮޑެލް އެއްހެންނެވެ. އަލީނާއަށް ޒެވިޔަން ކުޑަދޮރުކައިރިން ފެނުމާއި އެކު ދުވެލާފައި ގޮސް ދޮރު ހުޅުވާލިއެވެ. ދުންފިނިގަނޑު ތެރެއިން ޒެވިޔަން ފެންނަލެއް އިންތިހާއަށް ރީއްޗެވެ. އެހާ ތާޒާކޮށް ދައްކައެވެ. އޭނަ ހުރީ އައިސްބްލޫ ޖިންސާއި ކަޅުކުލައިގެ ޓީޝާޓެއް ލައިގެންނެވެ. ގަނޑުފެނުގެ ފިނި ކަން ހުރި ވައިރޯޅިއެއް ހަމުގައި ފިރުމާލުމާއިއެކު އަލީނާގެ ގައިން ހީބިހި ނެގިއެވެ.

"ޒާވް، އައިމް ފްރީޒިން އެކަމަކު ޒާވް ހާދަ ހަމަޖެހިލާފައި ތިހިރީ...." އަލީނާ ރޫރޫއަޅަމުން ދިޔައިރުވެސް މުތީތަކެއްފަދަ ދަތްތައް ފެންނަވަރަށް ހީލިގޮތުން އޭނަގެ އުފާވެރިކަން ޒެވިޔަންއަށް ވެސް އިހުސާސްވިއެވެ. ޒެވިޔަން ފެނުމާއި އެކު އެ ލޯ ވިދައިގަންނަ ގޮތާއި، މޫނު އަލިވާވަރުންވެސް އަލީނާ ގެ ހިތުގައިވާ ލޯބި ފެނެއެވެ. މީހާގެ ލޮލަކީ އެމީހެއްގެ ހުރިހާ އިހުސާސްތަކެއް ދައްކުވައިދޭ ލޯގަނޑުކަމަށް ބުނެވެނީ އެހެންވީމައެވެ. އެ ލޮލުން ޒެވިޔަންއަށް އަލީނާގެ ހިތް ބިއްލޫރިކޮޅެއްހާ ސާފުކޮށް ފެނެއެވެ. ޒެވިޔަން އެތެރެއަށް ވަދެ އޭނަ ލައިގެން ހުރި ޖެކެޓް ބާލާފައި އަލީނާގެ ކޮނޑުގައި އަޅުވަމުން ގަޔާއި ކައިރިކޮށްލިއެވެ. 

"ތެންކިއު ޒާވް، ހީފިލައި އަރާމުވެއްޖެ...." އަލީނާ އާއި ޒެވިޔަންގެ އަތުގެ އިނގިލިތައް މަހައިލެވިގެން ދިޔައެވެ.

"އަހަރެންގެ ގާލް ހާދަ ފިންޏަށް ބަލިއޭ، ވިންޓަރ އައީމަ އަހަރެން ޖެހޭނެ އެކްސްޓްރާ ކެއަފުލް ވާން، ރޭގަނޑު ހަތަރުދަމު ހަގްކޮށްލައިގެން ނެތިއްޔާ އެލީ މަރުވެދާނެ، ނިދާލަން ޖެހޭނީ ވެސް އިން މައި އާމްސް، ވީއިރު ހާދަ ރޮމެންޓިކް ވާނެއޭ، އިމޭޖިން ކޮށްލަބަލަ، އަހަރެމެން އެކަނި މިގޭގައި، ފަޔަރޕްލޭސް ކައިރީގައި..." ޒެވިޔަންގެ އަޑުގައި ހުންނަ ޖާދުލަކާއި ވާހަކަދައްކާ ރާގުން ވެސް އަލީނާއަށް އިނދެވެނީ ކަޅި ޖަހައިނުލައި ބަލަހައްޓައި ގެންނެވެ. 

އަލީނާގެ ދެލޮލުން ފެނުނީ އިންތިހާ ލޯތްބެވެ. ހީވަނީ އެހިތުގައި ޒެވިޔަން ނޫން އެހެން އެއްވެސް މީހެއް ނެތްހެންނެވެ. ލޯބިން އެކި ވާހަކަދައްކަމުން ގޮސް އިރުކޮޅެއްފަހުން އަލީނާ ފެށި ވާހަކަ އަކުން ޒެވިޔަން ކުޑަކޮށް ނުތަނަވަސްވިއެވެ. އަލީނާ އަށް ޒެވިޔަން ކާންދޭ ބޭހުގެ ސަބަބުން އޭނައަށް ކުޑަކޮށް އުދަގޫވާކަމަށް ބުނެލިއެވެ. އަލީނާ އަށް އޮޅުވާލާފައި ހޯމޯން ބޭސްތަކެއް ކާންދެނީ އަލީނާގެ ހަށިގަނޑުގައި ބޭބީއަކު އަށަގަންނަވަން ތައްޔާރުކުރުމަށެވެ. ލޯބިވާ އަންހެންކުއްޖަކަށް މިހާ ބޮޑު އަނިޔާއެއް ދޭންވެދާނެ ބާވައެވެ. ޔަގީނުންވެސް ހަށިގަނޑަށް ވެދާނެ ގެއްލުންތައް މަދެއްނޫނެވެ. ޒެވިޔަން އެ ބޭހުގެ ރަނގަޅު ބައިވެސް ހުންނާނެ ކަމަށާއި ފަލަވެ ބިޔަވެދާނެ ކަމަށް ބުނެ އަލީނާ ހިތްހަމަޖައްސާލަދިނެވެ.

ޒެވިޔަން ވެސް ތަންކޮޅެއް ކުރިން އަލީނާ ކުޑަކަމުން އަނިޔާއެއް ވެދާނެތީ ކަންބޮޑުވިއެވެ. ބާރަށް ބައްދައިލެވުނަސް ކަށިކޮޅެއް ބިންދައިގެން ހިނގައިދާނެތީ ފިކުރުބޮޑުވި ދުވަހެއްވެސް އައެވެ. ނަމަވެސް ޒެވިޔަންއަށް ވަނީ އަލީނާގެ ކަށި މަޑުކަން ފާހަނގަވެފައެވެ. ޖިމްނާސްޓެއް ފަދައިން ބޭނުން ގޮތަކަށް އިނގިލިތަކާއި ހުޅުތައް ލަންބާލެވޭތީ ސަޅިއެވެ. އޭނަގެ އިސްކޮޅުން ދިގުކަމާއި، ބިޔަކަމުން އަލީނާ އާއި އެކީގައި ކަމެއް ނުކުރެވޭނެ ކަމަށް ހީކުރިޔަސް އެދެމީހުން ހީވީ އެކަކު އަނެކަކަށް ޓަކައި ހައްދަވާފައިވާ ހެންނެވެ. އެހާވެސް ކައިވެނީގެ ގުޅުން ރަނގަޅެވެ.

"ވަރަށް ދެރަވޭ ޒާވް އާއި ބަލާއިރު މާކުޑަވީމަ، ބޭނުން ފަލަވާން....." އަލީނާ ޒެވިޔަންގެ ރީތި ދެލޮލަށް ބަލައިލަމުން ބުނެލީ މައުސޫމް ގޮތަކަށެވެ.

"ރަނގަޅު އެއްޗެހި ހުންނަނީ ކުޑަ ޕެކެޖްތަކުގައި، ޔޫ އާ ގުޑް އިން ބެޑް..... ވީމަ ދެން ކުޑަވިޔަސް މައްސަލައެއް ނޫނޭ ކުޑަ ކުޑަ އެލީ، އަހަންނަށް ހާދަ ޔުނިކް އަދި ރީތި ކުއްޖެކޭ، އަދި ފަލަވެސް ވާނެ، ކޮންމެ ރެއަކު ހެޕީ ހޯމޯންވެސް އިތުރުވާނެ ސޯ ނޯ ވޮރީސް އިނގޭ ބޭބީ ގާލް......." ޒެވިޔަން އަލީނާ އުފުލައިލައިގެން ގޮސް އެނދުގައި ބޭއްވުމަށްފަހު ޗެރީފަދަ ތުންފަތުގައި މަޑުމަޑުން އިނގިލި ޖައްސާލައިފިއެވެ. ހާދަ އޮމާންވެފައި މަޑެވެ.

"މި ކުޑަ ބެޑްގައި ވެސް މެމަރީސް ތަކެއް ހަދާލަންވާނެ...." ޒެވިޔަން އާއި އަލީނާ ހީފިލުވަން އެނދުގައި ފިތިލައިގެން ތިބިއިރު ޒެވިޔަންގެ ގޯނާތަކުން ހީލިކަރުވައިގެން އަލީނާއަށް ހެވެންފެށިއެވެ. އަލީނާގެ މަޑު ހުނުން ކޮޓަރީގައި ގުގުމާލިއެވެ. އެންމެ ފަހުން ޒެވިޔަންގެ ޓީޝާޓް ހަށިގަނޑާއި ވަކިވެގެން ގޮސް އެ ކަސްރަތީ ރީތި ހަށިގަނޑު ހާމަވެގެން ދިޔައެވެ. އަލީނާގެ މަޑު ތުންފަތް ޒެވިޔަންގެ ހަށިގަނޑުގައި ބީހިލުމުން ޒެވިޔަން ހަމަޖެހިލިއެވެ. އެތައް އިރެއްވީއިރުވެސް ދެމީހުން ތިބީ ލޯބީގެ ދުނިޔެއެއްގެ އުފަލާއި ހަމަޖެހުން ހޯދުމުގައެވެ.

ޒެވިޔަން އާއި އަލީނާ އަމިއްލަ ދުނިޔެއެއްގައި ތިބިއިރު ރިޔާ ކިތަންމެ ފަހަރަކު ގުޅިއެވެ. އެކަމަކު ޒެވިޔަން ފޯނު ސައިލެންޓަށްލާފައި އޮތުމުން ނޭގުނީއެވެ. ދެމީހުންނަށް ގަޑިން ވީއިރު ރޭކާލީ ކުޑަދޮރުތައް ފުރާނާލައިފައި އިރުގެ ރަންދަޅަތައް ފަތުރައިލުމުންނެވެ. ޒެވިޔަން ހޭވިފައިވާ އިސްތަށިގަނޑު އަތުން ރީތިކޮށްލަމުން ކޮޓަރިއަށް ވަންއިރު ރިޔާ އޮތީ ބާލީހުގައި މޫނު ޖަހައިގެންނެވެ. އޭނަ ފެންވަރާލައިގެން ނިކުތްއިރުވެސް ރިޔާ އެނދުމަތީގައި ރޯން އޮތެވެ. ޒެވިޔަން ހުރީ ބުނަންވީ އެއްޗެއްވެސް ނޭގިފައެވެ.

"ޒެވިޔާ، އަހަރެން ދެކެ ލޯބިނުވަނީތަ؟ އަހަންނަށްވެސް ކޮށްދެވޭނެ ކަންތައް ނެތީއެއްނޫނޭ އަބަދު އެ ރޫމަށް ތިދަނީ. ފަތިހުން ފެށިގެން ދެގަޑިއިރު މިވީ އަހަރެން ގުޅާތާ......" ރިޔާ ބާލީހުން މޫނު ނެގިއިރު ރޮއިރޮއި ދެލޯވަނީ ދުޅަވެފައެވެ. މޫނު ހީވަނީ ރަތްކަމުން އާފަލެއް ހެންނެވެ. ރިޔާ ޓިޝޫ އަކުން ނޭފަތް ފޮޅާލައިފައި ބިމަށް ޓިޝޫތައް އުކަން ފެށިއެވެ. ރިޔާ އެފަދަ ކުދި ގޯސްތައް ހެދުމުން ޒެވިޔަން އެއްޗެކޭ ބުނެފިއްޔާވެސް އެވާނީ ލޯބި ނުވާކަމަށެވެ. ޒެވިޔަން ގުދުވެ އެހުރިހާ ޓިޝޫތައް ހޮވާފައި ޑަސްބިނަށް ލިއެވެ.

"ސޮރީ ބޭބީ، ފޯނު ސައިލެންޓަށް ލާފައި އޮތީ ނޭގުނީ، ޓެލް މީ.. ކީއްވެ ރޮނީ......" ޒެވިޔަން އެނދުގެ މަގަތުގައި އިށީދެ ރިޔާގެ ފަން އިސްތަށިގަނޑުގައި ފިރުމަން ފެށިއެވެ. ރިޔާ ޒެވިޔަންގެ އަތްވެސް ފޮޅުވާލަން އުޅުމުން އެކުޑަ އަތްތިލަ ޒެވިޔަންގެ އަތުތެރޭގައި ރީއްޗަށް ހައްޔަރުވިއެވެ.

"ކީއްވެގެންހޭ މިގަޑީގައި އެރޫމަށް ދާން ޖެހުނީ..." ރިޔާ ބާރަކަށް އަހައިލީ ރުޅިވެރިކަމުން ފުރިފައިވާ އަޑަކުންނެވެ.

"ހުރިހާ ބްލޭމެއް މޯނިން ވުޑްއަށް، އެހެންނޫނަސް ރިޔާއަށް އެނގޭނެ ކުރިން ވެސް އަހަރެން މޯނިންގައި ރިޔާއަށް ބޭނުންވާވަރު....." ޒެވިޔަން ސަމާސާކޮށްލާފައި ކުރީގެ ހަދާންތައް އާކޮށްލުމުން ރިޔާ ވަކިން ބޮޑަށް އަނދައިގަތެވެ.

"ޒެވިޔާ އަންހެނަކަށް ބޭނުންވާއިރަށް އެމީހާ ކައިރިއަށް ދާކަށް ނުޖެހޭނެ، އޭނަ ކީއްކޮށްގެންތަ ޒެވިޔާ އެމީހާއަށް މޮޔަވެގެން ތިއުޅެނީ، އަސްލުވެސް އައި ކާންޓް ޓޭކް އިޓް އެނީ މޯރ.. ޒެވިޔާ......." ރިޔާ ގެ އަތް ސަލާމަތް ނުކުރެވުމުން ދަތްއަޅަންވެސް މަސައްކަތް ކުރިއެވެ. ޒެވިޔަން ވިސްނައިދީ، ބަލިވިއިރުވެސް ރިޔާ ޒެވިޔަންގެ ވާހަކަތައް ގަބޫލުކުރަން ތައްޔާރުނުވުމުން ޒެވިޔަންގެ މޫޑު ގޯސްވިއެވެ. އޭނަ ތެދުވެގެން ދަމުން ރީތިވާ މޭޒަށް އެތިފަހަރެއް ވީއްލާލިއެވެ. ސެންޓުފުޅިތަކާއި އެހެން ސާމާނުތައްވެސް ތެޅިލައިގެން ދިޔައެވެ. ޒެވިޔަން ކޮޓަރިން ނިކުމެގެން ގޮސް ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ހުރި އިރު އެ ދެލޮލުގައި ވަނީ ރިހުމެވެ. ބައެއް ފަހަރު ނިތްކުރީގައި ފިރުމައިލެވުނެވެ. އިސްތަށިގަނޑުގެ ތެރެއަށް އަތް ލެވުނެވެ. މާދުރަށް ބަލަހައްޓައިގެން ހުރެ ވިސްނަމުން ދިޔައީ ކޯންޗެއް ކަމެއް ނޭގެއެވެ. 

ޒީބާ ވަނީ އޭނަގެ ގާތުގައި އަލީނާ މެއިޑެއްގެ ގޮތުގައި މަސައްކަތް ނުކުރަންޏާ އެކަން ބޭޒާރުވެ އާއިލާ ތެރޭގައި ބޮޑު މައްސަލަގަނޑެއް ޖެހިދާނެ ކަމަށް ބުނެ ޒެވިޔަންއަށް ވިސްނައިދީފައެވެ. ފްލޯރާ ވެސް ބަލިވެ އުޅޭއިރު އަލީނާ ހުރެގެން އޭނަ ލައްވާ ކަމެއް ނުކުރަންޏާ ސީމާގެ ސުވާލު ވެސް ކުރިމަތިވާނެ ކަމަށް ޒީބާ ބުނުމުން ވެސް ޒެވިޔަން ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައެވެ. ނަމަވެސް މަންމަ އާއި ދެކޮޅަށް އެއްޗެކޭ ބުނާނެ ހިތްވަރެއް ނުލިބުނެވެ. އެހެންނޫނަސް އަލީނާ ފަދަ އާދައިގެ ކުއްޖަކާއި އޭނަގެ ގުޅުމަށް މަންމަ ހުއްދަ ދިންކަމީވެސް މަންމަ ގެ ލޯބީގެ މިންވަރު އަންގާދިންކަމުގެ ހެއްކެއް ކަމަށް ޒެވިޔަން އަށް ފެނުނެވެ. 

ހެދުނުގެ ނާސްތާ ގަޑީގައި އަލީނާ އެންމެންގެ ޚިދުމަތުގައި އަވަދިނެތި ހުރިތަން ފެނުމުން ޒެވިޔަންގެ ހިތަށް ތަދުވިއެވެ. އެއީ ޒެވިޔަން މިހާރު އެންމެ ދެކެން ބޭނުން ނުވާ މަންޒަރެވެ. ޒެވިޔަން ބޭނުމީ އަލީނާވެސް މިގޭގެ ވެރިއެއްގެ ގޮތުގައި ހުރުމަށެވެ. އޭނަގެ "އެންޖެލް" ނޯކަރެއް ފަދައިން އުޅެން ޒެވިޔަންގެ ހިތެއް ނޭދެއެވެ. އަލީނާ އެންމެނަށް ކޮފީ އާއި ޖޫސްއަޅާދޭން ހުރެފައި އެއްފަރާތަކަށް ދިޔައީ ކޮންމެވެސް އެއްޗެއް ބަލައެވެ.

"ޗީ.... އެ ބުރުގާ ގެ ތެރޭގައި ފޮރުވައިގެން ގެންގުޅޭ އިސްތަށިގަނޑުގައި ދުވަހަކު ފުނާ ޖައްސައެއް ނުލާނެ، އަދި ލައިސް ހުންނާނީ މަތިން ދުވެ ދުވެކަން މަށަށް ޔަގީން، ދެން ކޮންމެހެން އެހެން ގެންގުޅޭ ސާވަންޓުން އެހާ ފޮރުވިގެން ތިބޭކަށް ނުވެސް ޖެހޭނެ، އެކަމަކު އެކުއްޖާ ހުންނަނީ އެހާ ގިނަ ހެދުން ލައިގެން، އެ ބޮޑު ކަޅުބުރުގާ އަޅާލައިގެން ހުރީމަ ދެން ހަމަށްވެސް ހާދަ ގެއްލުންވާނެ، މަތިމައްޗަށް ފަންގަސް ޖަހާފައި ނެތްތަ؟ ޒީބް މެއިޑުން ގެންގުޅެނީ މެޑިކަލްއެއް އެއްޗެއް ނަހަދައިތަ؟ " ސީމާ އާވި އަރައަރާހުރި ކޮފީއިން އެތިފޮދެއް ދަމާލަމުން ސިއްރު ނަޒަރަކުން ޒެވިޔަން އާއި ދިމާލަށް ބަލައިލިއެވެ. ޒެވިޔަން އިނީ ފޫހިވެފައި ކަހަލަ ގޮތަކަށެވެ. އަދި އޭނަ ގެ ޖުމްލައިން ދަތްކުނޑި ވިކާލިކަން ކޮލު ކަށިގަނޑުގެ ހަރަކާތުން ސީމާ ދެނެގަތެވެ. ސީމާ ބުނި އެއްޗަކުން އެންމެ ބާރަށް ހީގަނެވުނީ ރިޔާ އަށެވެ.

"އަލީނާ މެޑިކަލީ ހުރިހާ ކަމެއް ރަނގަޅު، ސިމީ ބުނާހެން އެކުއްޖާ މާވަރެކޭ އެވަނީ، މިގޭގައި ބުރުގާ ނާޅާ އުޅުނަސް ރަނގަޅު ވާނެ، އެކަމަކު ދެން މާ ބޮޑަށް ދީންވެރިކަމުން ކަމަށްވެސް ވެދާނެ، ލަދުރަކި ވެސް ކުއްޖެއް......." ޒީބާ ކުޑަކޮށް ވިސްނާލާފައި ޒެވިޔަންއަށް އޭނަގެ ނިޔަތާއި މެދު ޝައްކުވެދާނެތީ ކުޑަކޮށް އަލީނާ ދިފާއުކުރިއެވެ. މައިމޫން މިއަދު ކުޑަކޮށް ބަލިވެ އުޅުއްވާތީ ސައިމޭޒު ދޮށަށް ނައުމުން އެންމެނަށް ބޭނުން ވާހަކައެއް ދެއްކުމުގެ މިނިވަންކަން ލިބިފައި އޮތެވެ. މައިމޫން އިންނެވިއްޔާ އެގޮތަށް މަލާމާތްކޮށްފައި އަޑުކޮޅަށް ހޭކަށް ސީމާ އަދި ޒީބާ އަކަށްވެސް ނުކެރޭނެއެވެ. މައިމޫން އަކީ އެހާވެސް އިހުތިރާމް ކުރެވޭ ޝަޚުސިއްޔަތަކަށް ވާތީ ދަރިންގެ ކުރިމަތީގައި އެ ދެ އަންހެނުންވެސް އެ ގަދަރު ހިފަހައްޓަން މަސައްކަތް ކުރެއެވެ.

އެވަގުތު އަލީނާ ތަބަކެއް ހިފައިގެން އައިސް އަރާހަމަވަނިކޮށް ދާވިޝް ވެސް ކުޑަދޮރު ކައިރީގައި ކޮފީ ބޯން ހުރެފައި އެނބުރިލިއެވެ. ދާވިޝް ގަސްތުގައި އަލީނާގެ ގައިގައި ޖެހިގަތުމުން އަލީނާ ވަގުތުން ބެލެންސް ގެއްލި އަރިއަޅާލައިފިއެވެ. އެ ތަބުގައި ވާހާ އެއްޗެއް ބިމަށް ވެއްޓި އަޑުފަށްގަނޑަ ކާއިއެކު ތެޅިގެން ހިނގައްޖެއެވެ. ދާވިޝް އަނގަޔަށް ހަދާލި ގޮތަކުން ހީވީ އެކްސިޑެންޓެއް ހެންނެވެ. ޖިލާ އާއި ރިޔާއަށްވެސް އަލީނާ އޮތް ހާލު ފެނުމުން ހީގަނެވިއްޖެއެވެ. ސީމާ އިނީ އޭނަގެ ދަރިފުޅު ނޯކަރަކާއި އެފަދަ ސަމާސާއެއް ކޮށްލުމުން ގަބޫލު ނުކުރެވިފައެވެ. އެކަމަކު ވެސް ސީމާ އެ މަންޒަރު ފެނުނުކަމަށް ނަހަދާ އަލީނާ ކުށްވެރި ކޮށްލައިފިއެވެ.

"އަލީނާ ދެލޮލުގައި ކަނުބަދެގެން ތަ ހިގަނީ؟ ކުޑަ މަންޖެ ހުންނަނީ ރީތި މީހަކު ނުފެނިފައި ކަން ޔަގީން، އަބަދު މީހެއްގެ ގައިގައި އަޅައިގެންފައި ބެލެންސް ކަޓައިގެން ބިންމައްޗަށް ވެރިފައި އޮންނާނެ ތިހެން ސްކެލެޓަން އެއްހެން ހުރީމަ...." ސީމާ ލޯ އަޅައިލި ގޮތަކުން އަލީނާ ބިރުން ތެދުވާކަށް ވެސް ނުކެރުނެވެ. އެހެންނޫނަސް އޭނަގެ މުޅިގައިގައި އޮތީ ޕައިންއެޕްލް ސްމޫތީއެވެ. ދާވިޝް އެވަރުން ވެސް އަލީނާގެ ފޮޓޯއެއް ނެގިއެވެ. އެ މަންޒަރު ފެނުމުން ޒެވިޔަންގެ ކެތްތެރިކަން ކޮޅުންލައިގެން ނުދިޔައީ ކިރިޔާއެވެ. އޭނަގެ ކުރިމަތީގައި އެންމެ ލޯބިވާކުއްޖާ އާއި ދޭތެރޭގައި އެންމެން އެހާ ނިކަމެތިކޮށް ކަންތައްކޮށް، މަލާމާތް ކުރާތަން ފެނިފައިވެސް އެއްވެސް ކަމެއްކޮށް ނުދެވުނެވެ. ކުޅިބަލާ މީހެއްގެ ގޮތުގައި އެކަން ދެކެން މަޖުބޫރުވެފައި ވާވަރު ފެނުމުން ހިތަށް ތަދުވިއެވެ. ޒީބާ ލޮލުގެ އިޝާރާތުން ޒެވިޔަންއަށް އެންގީ ހިމޭނުން އިނުމަށެވެ.

"އަލީނާ ދޭބަލަ ދެން ފެންވަރާލައިގެން އަންނަން، މުޅިގަޔަށް ޖަގު ވެސް ބަންޑުން ވީ..." ޒީބާ ގަދަކަމުން އަޑަށް މަޑުމައިތިރިކަން ގެންނަމުން ހީވެސް ލައިފިއެވެ. އެއީ ޒެވިޔަންގެ ލޮލުގައި އޭނަ އަޅުވައިލި އަނދުނެކެވެ. އެކަމަކު ހިތާހިތުން އޭނަ ސީމާ އާއި ދަރިންނަށް ސާބަސް ދިނެވެ. އަލީނާ ވިދާލިވިދުވަރެއް ފަދައިން އެތަނުން ނިކުމެގެން ދިޔުމުން ދާވިޝް ވެސް ކޮފީތަށި ހިފައިގެން ބޭރަށް ދާން ހިނގައިގަތެވެ. ޒެވިޔަން ގެ ހިތުގައި އޭނަގެ ނިޔަތާއި މެދު ޝައްކު އުފެދުނެވެ. އޭނަވެސް ބޭނުންވީ އަވަހަށް ނާސްތާކޮށްލާފައި މިތަނުން ނިކުމެގެން ދިޔުމަށެވެ. 

އެދުވަހު މައިމޫން ޒެވިޔަންގެ ގާތުގައި އެދިލެއްވީ އަލުން ޑިއުޓީއަށް ދާންފެށުމަށެވެ. ޒެވިޔަން ގެ ހިތް ނޭދުނު ކަމުގައިވިޔަސް ބައްޕަގެ އެދިލެއްވުމަކާއި ދެކޮޅުހަދާކަށް ނުކެރުނެވެ. އެކަމަކު ކޮންމެވެސް ވަރަކަށް ނިކީގެ މަތިން ހަދާންވާވަރުން އެކަމަށް އުދަގޫވާހަކަ ބުނެލި އިރު ޒެވިޔަންގެ ރީތި ދެލޮލުގައި ކަރުނަ ވިދިއެވެ. މިހާ ފިނޑިވާކަށް ޒެވިޔަން ބޭނުން ނުވިޔަސް ނިކީގެ މަރުގެ ސަބަބުން ޒެވިޔަންއަށް ކޮށްފައި ވަނީ ފުން އަސަރެކެވެ. އެފަދަ ވާހަކައެއް ފެށުމުން ޒެވިޔަން ޖަޒުބާތީވީ އެހެންވީމައެވެ. ޒެވިޔަން ހުންނަ ތަނެއްގައި ނިކީގެ ވާހަކަދައްކާކަށް އެކަކަށްވެސް ނުކެރެއެވެ. މައިމޫން ދަރިފުޅަށް ހިތްވަރުދެއްވިއެވެ. އަދި ނިކީފަދަ ދެރަގޮތެއް އެހެން ކުއްޖަކަށް ނުވާނީވެސް ޒެވިޔަންމެންފަދަ ޑޮކްޓަރުންގެ ހިތްވަރުން ކަމަށާއި، ނިކީއަށް ޓަކައި ޒެވިޔަންއަށް މިއަދު ކޮށްދެވޭނީ އެފަދަ އެހެންކުދިންނަށް އެހީވުންކަމަށް މައިމޫން ބުނުއްވިއެވެ. "އައިމް ޕްރައުޑް އޮފް ޔޫ މައި ސަން..." މައިމޫން ޒެވިޔަންގެ ނިތްކުރީގައި ބޮސްދެއްވަމުން ދެވަނަ ފަހަރަށްވެސް ނަސޭހަތްތެރި ވެލެއްވިއެވެ.

ޒެވިޔަން އޭނަގެ ބައްޕަމެންގެ މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލުގައި މަސައްކަތް ކުރަން ފެށީ އެހާ ގަޔާވެފައި ހުރެގެނެއް ނޫނެވެ. ބައްޕަމެންގެ އެދިލެއްވުމުގައި ކޮޅުފައިން ނުޖެހިގެން އޭނައަށް މިފަހަރުވެސް މަޖުބޫރުވީއެވެ. އެތަން ގެޔާއި އެހާ ދުރުނޫންނަމަވެސް ބޮޑަށް ކައިރީ ސިޓީގައި ހުންނަ ގެއާއި އެވެ. އެހެންވުމުން ރިޔާ ވެސް އާދޭސް ކޮށްގެން ބައެއް ދުވަސްދުވަހު އެގޭގައި ހުންނަންވެސް ޒެވިޔަންއަށް ޖެހުނެވެ. ޒެވިޔަން ޑިއުޓީއަށް ދާންފެށުމުން އަލީނާ ދުވާލު އުޅޭ ހާލެއްވެސް ނޭގޭތީ ފިކުރުބޮޑުވި ނަމަވެސް އޭނަ މަންމައަށް އިތުބާރު ކުރެއެވެ. އަލީނާ އެހެންމީހުންގެ އުދަގޫތަކުން ރައްކާތެރި ކޮށްދޭނެ ކަމަށް ޔަގީން ކުރިއެވެ.

ޖިލާ އިރުކޮޅެއް ވާންދެން މޭޕްލް ގަހުގެ ބިއްދޮށުގައި ފިލައިގެންހުރެ ދާވިޝް އާއި ރިޔާގެ ވާހަކަތައް ކަނުލާ އަޑުއެހިއެވެ. ދާވިޝް އާއި ރިޔާ ކުއިލްޓް މަތީގައި ކުޑަ ޕިކްނިކެއް ހަދައިލަނީއެވެ. ކުޑަ ކޮފީ ޖަގަކާއި، ރަހަމީރު ކާއެއްޗެހިތަކެއް ހިފައިގެން އައިސް ހަމަޖެހިލައިގެން ކާންތިބި އިރު ފެންނަ ކޮންމެ މީހެއްގެ ހިތުގައި ސުވާލު އުފެދޭނެއެވެ. މިއީ އެކަނި ބޭބެ ކޮއްކޮގެ ގުޅުން ބާވައޭ ހިތަށް އަރާނެއެވެ. ޖިލާއަށްވެސް އެ ގުޅުމާއި މެދު ޝައްކުވެގެން އަހައިލަން ނުކެރިފައި ހުންނަތާ ކޮން ދުވަހެއް ހެއްޔެވެ؟ އަމިއްލަ ބޭބެ އާއި މެދު އެހާ ނުބައި ޝައްކެއް ކުރުމަކީ ރީތިކަމެއްވެސް ނޫނަސް ތާއަބަދުހެން ފެންނަނީ އެއް މަންޒަރެކެވެ. 

"ގޯޑް، ހާދަ ގަބޫލެއްވެސް ނުކުރެވޭ ކަހަލަ ވާހަކައެއް، ޒެވިޔަންއަށް ހަގީގަތް އެނގޭތަ؟" ޖިލާ އަށް އިތުރަށް ކެތްނުކުރެވިގެން ގަހުގެ ފުރަގަހުން ނިކުމެ އުކުޅުގައި އަތް ވިއްދާލަމުން ދެލޯބޮޑުކޮށްލިއެވެ.

"ޖިލް. ތިގޮތަށް ފިލައިގެން ހުރެ މީހުން ދައްކާ ވާހަކަ އަޑުއަހާކަށް ނުވާނެ، ނޯޓީ ގާލްއެއް..." ރިޔާއަށް ހަޅޭއްލަވައި ގަނެވުނެވެ.

"އެފްބީ އައި އެޖެންޓެއްގެ ވައިފްވީމަ ދެން ސްޕައި ކުރަން ދަސްވެފައޭ ދޯ ހުންނާނީ ޕަމްޕްކިން، އަވަހަށް ގޮސް އާއިޒު ކައިރީގައި ބުނެލާ......" ދާވިޝް އިނީ މަޖާވެފައެވެ. އޭނައަށް ކޮންމެހެން އެ ސިއްރު ފޮރުވުން މުހިއްމެއްވެސް ނޫނެވެ. ނަމަވެސް ރިޔާ އާދޭސްކުރާވަރުން އޭނަވެސް ހިމޭނުން ހުންނަނީއެވެ. 

"އާއިޒު ކައިރީ ބުނާނަންތަ؟" ރިޔާ ބުމަގޮށް ޖަހާލައިފިއެވެ.

"އެންމެންނަށް އަންގާ ހިތްވަނީ، ސެޕްޝަލީ ޒެވިޔާއަށް، ހީ ހޭޒް އެ ރައިޓް ޓު ނޯ......." ޖިލާ ހޭންފެށިއެވެ. ޖިލާ އިރުކޮޅަކަށް ރިޔާ ބިރުގަންނަވާފައި އެވާހަކަ ސިއްރުކޮށްދޭން ވައުދުވިއެވެ. ނަމަވެސް އޭނައަށް މިއަދު ރިޔާ ފެނުނީ މުޅިން އެހެން ކުއްޖެއްގެ ގޮތުގައެވެ. ރިޔާއަށް ބެލުނީވެސް އެހެން ނަޒަރަކުންނެވެ. މިފަދަ ސިއްރުކަންތައް އާއިލާ ތެރޭގައި އުޅެންޏާ އެއީ މައްސަލަ އެކެވެ. ނަސްލު އޮޅުވާނުލެވުނަސް މިފަދަ ކަންތައް ސިއްރުކުރުމުން ބައެއްފަހަރު ނުބައި ނަތީޖާއެއްވެސް ނިކުމެދާނެއެވެ. ރިޔާ ޒެވިޔަންއަށް އެކަން ފޮރުވައިގެން ހުރުން އެއީވެސް ޖިލާ ދެކުނު ގޮތުގައި ނާއިންސާފީއެކެވެ.

ޒީބާ ބޭނުން ވަނީ ޒެވިޔަން އާއި ރިޔާގެ ދަރިފުޅު އަލީނާގެ ހަށިގަނޑުގައި އަށަގެންނެވުން ވީހާވެސް އަވަސް ކުރުމަށެވެ. މަންމަ ބުނާގޮތަށް ހަދައިގެން އަލީނާ ބަލިވެ އިނުން އަވަސް ކުރުން ބުއްދިވެރި ކަމަށް ޒެވިޔަންއަށްވެސް ފެނުނެވެ. އެހެންނޫނީ އެންމެ ފަހުން މަންމަ އަލީނާ ދުރަށް ފޮނުވާލާފައި އާއިލީ ކުއްޖެއް މެދުވެރިކޮށް ރިޔާއަށް ދަރިއަކު ހޯދަން ޚިޔާލުކޮށްފާނެއެވެ. އަލީނާ ބަލިވެ އިނދެއްޖެއްޔާ ޔަގީނުންވެސް ދެން ދުނިޔޭގެ ބާރަކަށް އެދެމީހުން ދުރެއް ނުކުރެވޭނެއެވެ. ޒީބާވެސް މައިމޫން ބޮލަށް ވަދެގެން އެދުވަސްކޮޅު ސިޓީއަށް ބަދަލުވިއެވެ.

އަލީނާ އެމެރިކާއަށް އައިދުވަހުން ފެށިގެންވެސް ގަވާއިދުން ބޭސްތަކެއް ކާންޖެހެއެވެ. އަލީނާގެ ކައިރީގައި ޒެވިޔަން ބުނެފައި ވަނީ އެބޭސް ކެއީމަ ފަލަވާނެ ކަމުގައެވެ. ޒެވިޔަންއަށް އިތުބާރުކޮށްގެން އަލީނާ ގަވާއިދުން އެބޭސްތައް ކެއެވެ. ޒެވިޔަން ބުނެފައި ވަނީ ތަންކޮޅެއް ފަލަވެގެން އަވަހަށް އަލީނާ ބަލިވެ އިނުން ވަރަށް މުހިއްމު ކަމަށާއި ނޫނީ މަންމަމެން ފަހަރެއްގައި އެދެމީހުން ދުރުކޮށްލަފާނެތީ އޭނަ ވެސް ކަންބޮޑުވާ ކަމުގައެވެ. އެއީ ޒެވިޔަން އަލީނާ ކައިރީގައި ހާމަކުރި ހަގީގަތެކެވެ. އަލީނާ ގާތު އޭނަ ސިއްރުކުރީ އަލީނާ ބަލިވެ އިންނަން ޖެހެނީ އަމިއްލަ ދަރިއަކަށް ނޫންކަމެވެ. ޒެވިޔަން އާއި ރިޔާގެ ދަރިއަކަށް ކަމަށެވެ. 

އެމެރިކާއަށް އައިތާ ހަޔެއްކަ ހަފްތާ ފަހުން ޒީބާ ބުނިދުވަހު ޒެވިޔަން އަލީނާއަށް ބޭސްގުޅައެއް ކާންދިނެވެ. އެއީ އަލީނާ ނިންދަވާލުމަށް ކާން ދިން ބޭހެކެވެ. އަލީނާ އޭނައަށް އިތުބާރުކޮށްފައި އެއްވެސް ސުވާލަކާއި ނުލައި އެ ބޭސްގުޅަ ދިރުވައިލުމުންވެސް ޒެވިޔަން އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ. އޭނަ އެންމެ ލޯބިވާ ކުއްޖާއަށް އެހާ ބޮޑު ކެއްސެއް ދޭންވާނެބާވައެވެ. ހުރިހާ ހަގީގަތެއް ކިޔައިދިނަސް އަލީނާ އެއްބަސްވެދާނެއެވެ. އަލީނާ އަކީ އެހާ ހިތްހެޔޮ، އެހެން މީހުންނާއި މެދު އިންތިހާއަށް ވިސްނާ ކުއްޖެކެވެ. ނަމަވެސް މަންމަ ބުނިފަދައިން ފަހަރެއްގައި އަލީނާގެ ސިކުނޑި އެކަމާއި އެއްބަސްނުވެ ބޮޑު ފިކުރަކަށް ވެއްޓިގެން ހިނގައިދާނެ ކަމާއި މެދު ވެސް ޒެވިޔަން ވިސްނިއެވެ.

އަލީނާ ހޭލެވުނުއިރު އޭނަ އޮތީ ހޮސްޕިޓަލުގެ އެނދެއްގައެވެ. ހީވީ ވަރަށް ފުން ނިންޖަކުން ކުއްލިއަކަށް ހޭލެވުނު ހެންނެވެ. އުދަގޫތަކެއްވެސް އިހުސާސް ކުރެވުނެވެ. ނަމަވެސް ލޯ ހުޅުވައިލުމާއި އެކު ޒެވިޔަން ކަޅުކުލައިގެ ޖިންސަކާއި، އަތްދިގު ގަމީހަކާއި ޓައީއެއްގައި ސްމާޓްކަމުން އަލީނާއަށް އެހެން ހުރިހާކަމެއް ހަނދާން ނެތިފައި އިރުކޮޅަކަށް ބަލަހައްޓައިގެން އޮވެވުނެވެ. ޒެވިޔަން ރީތި ހިނިތުންވުމަކާއި އެކު އަލީނާގެ ގާތުގައި އިށީދެއްޖެއެވެ.

"ޒާވް....ވަ..ވަޓް ހެޕެންޑް ޓު މީ..." އަލީނާ ގެ ދޫވެސް ހީވަނީ ރަބަރު ގަނޑެއްހެންނެވެ. ވާންވެ، ބާރުވެފައިވާވަރުން ވާހަކަ ދައްކަންވެސް އުދަގޫވިއެވެ. ތެދުވާން އުޅުމުން ކުޑަކޮށް ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އެއީ އޭނަ ނިންދަވަން ޖެހި އިންޖެކްޝަނުގެ އަސަރެވެ. އެމްބްރިޔޯ ޓްރާންސްފަރ ކުރުމަކީ އާދައިގެ ޕްރޮސީޖަރއަކަށް ވިޔަސް އަލީނާއަށް ބޮޑަށް އުދަގޫވެފައި ވަނީ ބޭހުގެ އަސަރު ތަކުންނެވެ.

"ނަތިން މަޗް... ފެއިންޓްވީ، އެވަރަށް ނުވިސްނާ އޮށޯވެބަލަ..." ޒެވިޔަން އަލީނާގެ އަތުގައި ފިރުމަމުން ދިޔައެވެ. އަލީނާ ބަނޑުގައި އަތް ޖައްސާލަމުން މަޑުމަޑުން އޫއި އޭ ބުނެލިއެވެ.

"ކްރޭމްޕްސް ދޯ...." ޒެވިޔަން އަހައިލުމުން އަލީނާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ޒެވިޔަން އަލީނާގެ ބަނޑުގައި ވެސް ފިރުމާލަދިނެވެ. އޭރު ޒެވިޔަން އިނީ ވަރަށް ދެރަވެފައެވެ. އަލީނާ އާއި ހަތަރުކަޅި ހަމަކޮށްލަން ވެސް އުނދަގޫވެފައެވެ. އެންމެ މައްޗަށްވެސް ނަފުސް ކުށްވެރި ކުރެވެނީއެވެ. އަލީނާއަށް ކެހިދެވުނު ކަމަށް ހިތް ބުނަނީއެވެ. ނަމަވެސް އެކަން ކުރެވިއްޖެއެވެ. އެ ގޯސް ހެދިއްޖެއެވެ. ދެން ޔަގީނުންވެސް ދަރިފުޅު ނައްތާލައިފިއްޔާ އަނެއް ފާފަ ކުރެވުނީއެވެ. އަލީނާ ފާޚާނާއަށް ދާން ބޭނުންވީ ނޭގޭ އުނދަގޫ ތަކެއް ބޮޑުވެ، ރިއްސަން ފެށުމުންނެވެ. އަލީނާ ފާޚާނާއަށް ގޮސްފައި ނިކުމެގެން އައިއިރު އޭނަގެ މޫނުވަނީ ދަލުން ފެންވެރިފައެވެ. އަލީނާ ހުރީ ބިރުގެންފައެވެ.

"ޒާވް، އައި ހޭވް ސްޕޮޓިން، ކޮންމެވެސް ކަމެއްވަނީ...." އަލީނާގެ ލޮލުގައި ކުއްލިއަކަށް ކަރުނަ ގިނަވެ ރޮވިއްޖެއެވެ. އެ މަންޒަރު ފެނުމުން ޒެވިޔަންގެ ހިތް ހުއްޓުނުހެން ހީވިއެވެ. އަލީނާގެ ދެލޮލުން އެވަގުތު އިންތިހާ ދަރަޖައިގެ މައުސޫމް ކަމާއި، ބިރުގެންފައި ހުރިވަރު ހާމަވެގެން ދިޔައެވެ. އޭނައަށް އެހެންޏާ ނުކުރެވޭފަދަ ތަޖުރިބާތަކެއް ކުރެވުނީމަ ބިރުވެސް ގަންނާނެ ނޫންހެއްޔެވެ؟ އަންގައިވެސް ނުލާ މަންމަ އެހެދި ޕްރޮސީޖަރއަކުން އެގޮތަށް ކުދި ކުދި އުދަގޫތަކެއް ވެދާނެއެވެ. ތަދުވެސް ވެދާނެއެވެ. ނަމަވެސް އަލީނާއަށް އެކަމެއް ނޭގެންޏާ ހީކުރެވޭނީ މާބޮޑު ކަމެއްވެގެން އުޅެނީ ހެންނެވެ. އަލީނާއަށް ނޭގުނީ އޭނަގެ ހަށިގަނޑުގައި ޒެވިޔަން އާއި ރިޔާގެ ބޭބީއަކު އަށަގެންނެވި ކަމެވެ. އޭނައަށް އަންގާވެސް ނުލައި އެމްބްރިޔޯ ޓްރާންސްފަރ އެއް ހެދިކަމެވެ.

"ރިލެކްސް ސްވީޓްހާޓް، ނަތިން ވިލް ހެޕެން، އެހާބޮޑު ކަމެއް ވަންޏާ ދެން އަހަންނަށްވެސް އެނގޭނެ ދޯ، ޔޫ އާ ފައިން...." ޒެވިޔަން އަލީނާ ގެނެސް އަތުތެރޭގައި ބޮނޑިކޮށްލީ ދުނިޔޭގެ ހުރިހާ ނުރައްކަލަކުން ވެސް ހިމާޔަތް ދޭން ބޭނުންވާފަދަ ގޮތަކަށެވެ. މިއީ ޕްރައިވެޓް ރޫމަކަށް ވާތީ އޭނަ އާއި މަންމަ ނޫން އެހެން މީހަކު މިބަޔަކަށް ނުވަދެއެވެ. އަލީނާ ހޮސްޕިޓަލުގައި އޮތްކަން އެނގެނީވެސް އޭނަ އާއި މަންމަ އަދި ރިޔާ އަށެވެ. އެހެންމީހުން ހީކުރާނީ އަލީނާވީ ގޭގައި ކަމަށެވެ. އެންމެން ސިޓީގައި އުޅުނީމަ އެކަން ބޭޒާރު ނުވެ އޮތީއެވެ.

"ވަރަށް ބޮޑަށް ތަދުވެސް ވަނީ...." އަލީނާ ކަރުނަތައް ފޮހެލާފައި ޒެވިޔަން އާއި ދިމާލަށް ބަލައިލީ ޔަގީންކަން ހޯދަން ބޭނުންވެފައިވާފަދަ ގޮތަކަށެވެ.

"ޑޯންޓް ވޮރީ ބޭބީ، އެވެދާނެ އިންފެކްޝަން އަކަށް، ޕްރެގްވީމަވެސް ތިކަހަލަ އުދަގޫތައް ވާނެ، ކެތްކޮށްލާ އިނގޭ ލަވް، އަހަންނަށް ހީވަނީ އެލީ ޕްރެގްވީހެން.........." ޒެވިޔަން ގަދަކަމުން ހިނިތުންވެލަމުން އަލީނާ އެނދުގައި ބާއްވާފައި ރަޖާގަނޑު އަޅާލަދިނެވެ. އަދި ނިތްކުރީގައި ބޮސްދިނެވެ.

"ޒާވް. މިހާރު ހިތަށް އެރީ އެމެރިކާއަށް އައިފަހުންވެސް ނަމާދަށް ނޭރޭ ދުވަހެއް ނާދެޔޭ، އަބަދުވެސް އެހާ ރެގިއުލަރ ކޮށް ހުރެފައި، ހީކުރީ ތަން ބަދަލުވީމަ ކުޑަކޮށް ޑިލޭ ވީކަމަށް، ހާދަ އުފާވެއްޖެޔޭ، ކާންޓް ބިލީވް މިހާ އަވަހަށް ޕްރެގް ވެދާނެކަމަށް، ތޭންކް ގޯޑް......" އަލީނާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލިއިރު ތަދާއި ހުރިހާ އުދަގުލެއް ފިލައިގެން ދިޔަހެން ހީވިއެވެ. އުފަލުންގޮސް އެ ރީތި ކަޅުދެލޯ ވިދަންފެށިއެވެ. އޭނައަށް ވިސްނެން ފެށީ އަދި ކިރިޔާއެވެ. އޭނަ އަނބުރައިގަނެ، މިހުރިހާ އުދަގޫތަކެއް ވަނީ ބަލިވެއިނީމަ ކަން ޔަގީންވެއްޖެއެވެ. ބޭބީއަކު ލިބެންޏާ އޭނަ މިހިރީ ކިތަންމެ ބޮޑު ބުރައެއް އުފުލަންވެސް ތައްޔާރަށެވެ. ޒެވިޔަން އިނީ ހީލަންވެސް ނޭގިފައެވެ. ކުޑަކޮށް ނުތަނަވަސްވެފައި އިނދެފައި އޭނަ ތުންފަތުގައި ދަތްއަޅައިލީ ލޮލުގައި ކަރުނަ ގިނަވާން ފެށުމުންނެވެ.

ފިޔަވަޅުތަކެއްގެ އަޑުއިވުމުން ޒެވިޔަން އަވަސްއަވަހަށް ރޭއިބަން އަވިއައިނު އަޅާލަމުން ތެދުވެއްޖެއެވެ. އޭނަގެ ލޮލުގައިވާ ކަރުނަތައް އެއްވެސް މީހަކަށް ފެންނާކަށް އޭނަ ބޭނުމެއްނޫނެވެ.

ކޮމެންޓް 0