ސީމާ އެ ފޮށިން ނެގި ބޭސްގުޅައެއް ސައިޖޯޑަށް ވައްޓާލި ތަން ފެނުނީ ކާކޮޓަރިއަށް އައިސް ވަދެ ވަދެ ހުރި އާއިޒު އަށެވެ. ޖިލާ އައީ އާއިޒުގެ ފަހަތުން ހުރެ ފޯނުން ކޮންމެވެސް މީހަކަށް ގުޅައިގެން ހުރެކަމަށް ވާތީ ޖިލާ އަކަށް އެމަންޒަރެއް ނުފެނުނެވެ. އާއިޒުގެ އިސްކޮޅުން ދިގުކަމުން ސީމާ ފޮރުވައިގެން ކުރި އެމަސައްކަތް ވެސް ބޭޒާރު ވެއްޖެއެވެ. އާއިޒުއަށް ނުބައި ޝައްކެއް ކުރެވި، ކުޑަކޮށް ބުމަގޮށްޖެހުނެވެ. އަލީނާ އަތަށް މާބޮނޑި ދީފައި ބޭރަށް ފޮނުވައިލައިފައި، ދޮންމަންމަ އޭނައަށް ވިހަ އެއްޗެއް ދޭން އުޅެނީ ނޫންކަމެއް ވެސް ނޭގެއެވެ. ވިހައަކަށް ވުރެ ބޮޑަށް ހީވަނީ އަލީނާގެ ދަރިފުޅު ވައްޓައިލަން ދޮންމަންމަ ބޭސްގުޅައެއް ކާންދޭން އުޅޭހެންނެވެ. ޖިލާއަށް މޭޒުމަތީގައި ހުރި އިނގުރު ސައިތަށި ފެނުމާއި އެކު ބޯލަން ވެގެން އަތް ދިއްކޮށްލައިފިއެވެ. 

"ނޯ... ނޯ.... ދަރިފުޅާ... ކިރިޔާ މަންމަގެ...." ސީމާ ބާރަކަށް ހަޅޭއްލަވައި ގަނެފައި ސައިތަށީގައި އަތުން ޖެހީނުން ހޫރާލައިފިއެވެ. އޭރު ސީމާގެ މޫނު ހީވަނީ ހުދުކަފަކޮޅެއް ހެންނެވެ. ލޭގެ އެއްވެސް ކުލައެއް ނެތެވެ. އަނބުރައިގެންފާނެ ހެން ހީވި ވަގުތު ކޮޅަކަށްފަހު ސީމާ ހަމަޔަކަށް އެޅުނު އިރު އެ މޫނުގައި ދާތިކިތައް ވިދަމުން ދިޔައެވެ. އޭނަގެ ދަރިފުޅު ސަލާމަތްވީ ހަމަ ކިރިޔާއެވެ.

"މަންމާ، ކީއްވެތަ؟ އެއީ ޖިންޖަރ ޓީ އެއް ނޫންތަ؟" ޖިލާއަށް އަހައި ލެވުނެވެ. ސީމާގެ ހިތް އޭރުވެސް ހަމަޔަކަށް ނޭޅެއެވެ. ޖިލާ އެ ސައިތަށި ބުއިނަމަ އޭނައަށް ވާނީ ކިހިނެއް ހެއްޔެވެ؟ އޭނަގެ އަތުން އަމިއްލަ ދަރިފުޅު ހަލާކުގެ ތެރެއަށް ވައްޓައި ލެވުނީ އެވެ. ސީމާއަށް އެވަރުން ވެސް އަލީނާ އަކީ ވެސް މީހެއްގެ އަންހެންދަރިއެއް ކަމާއި އެހާ ބޮޑު ލަނޑެއް އެހެން މީހަކަށް ދޭން ހެޔޮނުވާނެ ކަން ވިސްނައިގަންނާކަށް ނޭގުނެވެ. އަމިއްލަ އެދުމުން ފޯވެ، ހަސަދަވެރިވެއްޖެ މީހެއްގެ ލޮލުގައި ވާނީ ކަނު ބަނދެވިފައެވެ.

"ހޫމް ތިއީ އަލީނާ ހެދި ސައިތަށްޓެއް، އޭނަ ތިއަށް ޒަހަރު ނުލާ ކަމެއްވެސް ނޭގެ އެއްނު..." ސީމާ ކުރި މަސައްކަތް ނިންމާލައިފައި އައިސް ދޮރާއި އަރައި ހަމަވި އަލީނާއަށް ކިތަންމެ ރީއްޗަށްވެސް ސީމާގެ ޖުމްލަތައް އަޑު އިވުނެވެ. އާއިޒު އާއި އަލީނާގެ ހަތަރު ކަޅި ސިކުންތު ކޮޅަކަށް ބަދަލުވުމާއި އެކު އަލީނާ ވަގުތުން ފަހަތަށް ޖެހުނެވެ. އޭނަ ނެތިސް އެތަނުގައި ކޮންމެވެސް ކަންތައްގަނޑެއް ހިނގައިފި ކަން އާއިޒުގެ އެ ނަޒަރުން އަލީނާ ދެނެގެންފިއެވެ. އެސައިތަށި ބަންޑުން ކޮށްލި ސަބަބަކާއި މެދު ވިސްނައިލައިފައި އަލީނާގެ ޅަ ހިތް ރޫރޫ އަޅައިގެން ދިޔައެވެ. ސީމާ އެއުޅެނީ އޭނަ ގެ ދަރިފުޅު ނައްތާލަން ވެގެން ފާޑު ފާޑުގެ އެއްޗެހި ކާންދޭން ވެގެން ބާވައެވެ. ހާދަ ދެރައެވެ. އޭނަ މިކަމުން ސަލާމަތް ވާނީ ކިހިނެއް ހެއްޔެވެ؟ ދަރިފުޅު ސަލާމަތް ކުރާނީ ކިހިނެއް ބާވައެވެ.

އަލީނާ ފަހަތަށް ދިޔަ ގޮތަށް ދުވަމުން ގޮސް ގަސްތަކުގެ ތެރެއަށް ނިކުތް އިރު އޭނަގެ ހިތް ތެޅޭވަރުން ހީވަނީ މޭފަޅާލައިފައި ނިކުމެދާނެ ހެންނެވެ. އަލީނާ ގަހެއްގެ ބުޑުގައި އިށީދެ ބަނޑުގައި އަތްޖައްސާލައިފިއެވެ. އިރާދަކުރެއްވިއްޔާ ދަރިފުޅު ސަލާމަތް ކުރަން އޭނަ މިހިރީ ކޮންމެފަދަ ހަނގުރާމައެއް ކުރަންވެސް ތައްޔާރަށެވެ. ޒެވިޔަން އޭނަ އާއި އެކުގައި ވާނެކަން ޔަގީނެވެ. ވީއިރު އެއީ ހާދަ ބޮޑު ހިތްވަރެކެވެ. ސީމާ ކުރަން އުޅޭކަންތަކާއި މެދު ޝައްކު ވާނެފަދަ ގޮތެއް މެދުވެރި ކުރެއްވި ފަރާތަށް އޭނަ އެތައް ފަހަރު ހަމްދުކުރިއެވެ.

އާއިޒު ކިތަންމެ ގިނަ ފަހަރު ބޭރަށް ދާން ޖެހުނަސް ނޫނީ ގެއަށް ވަދެލާއިރުވެސް އެންމެ މުހިއްމު ވާނީ ޖިލާގެ ގައިގައި ބައްދާލައިފައި، ލޯބިން ބޮސްދިނުމެވެ. އެއީ އާއިޒުގެ ފަރާތުން ޖިލާއަށް ލިބޭ އެންމެ ޚާއްސަ އެއް ހަދިޔާއެވެ. ބޭރުން އަންނަ އިރު ގެނެސްދޭ ކުދި ކުދި ހަދިޔާތަކުގެ އިތުރުން، ލޯބި މެސެޖް ތަކާއި، ސަޕްރައިޒް ތަކުންވެސް ޖިލާ ހުންނަނީ އުފަލުން ފޮޅިފައެވެ. އާއިޒުވެސް އެންމެފަހުން ޖިލާ ހިތްއެދޭފަދަ އިޝްގީ ބައިވެރިޔަކަށް ވެއްޖެއެވެ. ހުރިހާ ހަމްދެއް ހުރީ ހެއްދެވި ފަރާތަށެވެ. މިއަދުވެސް އާއިޒު، ޖިލާގެ ގައިގައި ލޯޝަން އުގުޅާލަ ދީފައި އިސްތަށިގަނޑު ވެސް އޮމާން ކޮށްލަ ދިނެވެ. އާއިޒުއަށް މަސައްކަތަކަށް ވަނީ ވޫލްކޮޅު ނޫނީ ދަތިކޮޅެއް އިސްތަށިގަނޑަށް ލައްވަން ވީމައެވެ.

އާއިޒު ސޯފާގައި އިށީދެލައިގެން އިންއިރު ޖިލާ އޮތީ ކުޑަކޮށް ވަރުބަލިވެ، އަނބުރައި ގަންނަ ކަހަލަ ގޮތެއްވާތީ އާއިޒުގެ އުނގުގައި ބޯއަޅާލައި ގެންނެވެ. އާއިޒުގެ އަތުގެ ފިރުމުން ތަކުން ލިބެމުންދާ އަރާމަކުން ޖިލާއަށް ލޯ މަރައިލެވިއްޖެއެވެ. 

"ޖިލީ، ހެނދުނު ގެ އިންސިޑެންޓާއި މެދު އަހަރެން މިހިރީ ވަރަށް ޝައްކު ވެފައިކަން އެނގޭތަ؟ މަންމަ އެހާ ވަރުން ސައިތަށި ބަންޑުން ކޮށްލުމުގައި ރީޒަނެއް އޮންނާނެ، އަހަރެން ޒެވިޔާ ގާތު ބުނެފިއްޔާ ޒެވިޔާ މަންމަ އާއި ފައިޓަކަށް ދާނެ ކަން ޔަގީން، ޖިލީ ކަމެއް ކޮށްދޭންވީނު، އެލީ ގާތު ބުނެދީބަލަ މިގެއިން ނުކައި އުޅޭށޭ......" އާއިޒު އެފެށި ވާހަކައަކުން ޖިލާގެ ހިތަށް ފެންއެއްޗެއް އޮއްސާލި ހެން ހީވިއެވެ. ޖިލާ ސުވާލު ކުރަން ފެށުމުން އާއިޒު އޭނައަށް މަންމަ އެތަށްޓަށް ބޭސްގުޅައެއް ވައްޓާލިތަން ފެނުނު ވާހަކަ ބުނެލައިފިއެވެ.

"ޕުއަރ އެލީ، އެހާ ކުޑަކުއްޖަކަށް އެހެން ހަދާކަށް ނުވާނެ، ކިހާ ދެރަވާނެ އޭނަވެސް ބޭބީއަށް ކަމެއްވެއްޖެއްޔާ، އިމޭޖިން ކުރެވޭ އެލީގެ ހިތަށް ވާނެވަރު..." ޖިލާ ބުންޏެވެ. އޭނަ އަމިއްލައަށްވެސް އަލީނާ އާއި ދޭތެރޭގައި އިހާނެތިކޮށް ކަންތައް ކުރެވުނު ދުވަސްތަކެއް އައެވެ. ނަމަވެސް އާއިޒުގެ ސަބަބުން އޭނަގެ ލޯ ހުޅުވިއްޖެއެވެ. 

"ޖިލީ ކޮންމެހެން ވެސް އޭނައަށް ވޯނިން އެއް ދޭންވާނެ، ފެމެލީ އެހާ ނުރުހޭ ކަމަކަށްވީމަ އެލީއަށް ގެއްލުމެއް ނުދިނަސް ބޭބީ ނައްތާލަން ކަމެއްކޮށްފާނެޔޭ ބުނެލާ، އޭރުން އަހަރެމެންނަށްވެސް އެލީއަށް ހެލްޕެއް ވެވުނީ އެއްނު، ކޮންމެ ގޮތެއްވިޔަސް އަހަރެންގެ ފަހަރި އަކަށް ވީމަ ހެލްޕްވުން ވާޖިބެއްގެ ގޮތުގައި ދެކެވެނީ. އެހެންނޫނަސް އެލީ އަކީ ގުޑް ގާލްއެއް، ހިޔެއްނުވޭ އޭނަ ޒެވިޔާ ގާތު ކިޔާނެ ހެނެއްވެސް، އެކަމަކު މޭކް ހާ ޕްރޮމިސް އިނގޭ، ޒެވިޔާ ހޫނުވެއްޖެއްޔާ މައްސަލަ އަކަށް ވެދާނެ...." އާއިޒުގެ ވާހަކަތައް ޖިލާ ގަބޫލުކޮށް، އަލީނާއަށް އެހީވާން ނިންމިއެވެ. ހުރިހާ އެއްޗެއް ލިބިގެން އެމީހުން އުފަލުން އުޅޭ އިރު އަލީނާމެން ފަދަ ނިކަމެތި ކުދިންނަށް އެހީތެރިވެ އެކުދިންނަށްވެސް އުފާތައް ހޯދައިދޭން ޖެހޭނެއެވެ. އުފަލަކީ އެކަނި މުއްސަނދި މޮޅުމީހުންގެ ހައްގެއް ކަމުގައި ދެކެގެން ނުވާނެއެވެ.

"ބޭބީ އަދި މޫވް ނުކުރާނެތަ؟" ދެކެވެމުން ދިޔަ ވާހަކައެއްގައި އާއިޒުގެ އަތްތިލަ ގެންގޮސް ބަނޑުގައި ޖައްސައިލަމުން ޖިލާ އަހާލައިފިއެވެ. އާއިޒު ޖިލާގެ ބަނޑުގައި ބޮސްދިނެވެ. ދަރިފުޅު ލިބޭނެ ދުވަހަކަށް ޓަކައި މިހާރުއްސުރެ އާއިޒު ވަނީ ކެތްމަދުވެފައެވެ. އަބަދުހެން ނެޓުން ބަލައިގެން ބޭބީ މިހާރު ބޮޑުވެފައި ވާނެ ވަރާއި، ޖިލާ ކާންޖެހޭ އެއްޗެއްސާއި އުޅެންވީހާ ގޮތެއް ދާންދެން ބަލައި އާއިޒު ވަނީ ޕްރެގްނެންސީ މުޅިން ދަސްކޮށްލާފައެވެ. އާއިޒުގެ މަންމަ އަކީ އަންހެނުންގެ ޚާއްސަ ޑޮކްޓަރަކަށް ވެހުރެ މަންމައަށް ވުރެ އޭނަ ގެ ތަޖުރިބާ މަދުވާނެހެނެއް ހިޔެއްނުވެއެވެ. 

އާއިލާގެ އެންމެނަށް ހަގީގަތް ފަޅާއެރުމުން ޒެވިޔަން ގަސްތު ކުރީ އަލީނާގެ ކޮޓަރިވެސް ބަދަލުކޮށްލުމަށެވެ. ދެން ފޮރުވާކަށް އިތުރުކަމެއް ނެތެވެ. އެދެމީހުން އެތައް ރެއެއް ވޭތުކޮށްލި ހިތްގައިމު ކޮޓަރިއަށް އަލީނާގެ ހުރިހާ ސާމާނުތައް ގެންގޮސް ލާފައި އަލީނާ އެކޮޓަރިއަށް ގެންދިޔުމުން، ޒީބާ އާއި ސީމާ ވެސް ތުންފިއްތާލައިގެން ތިއްބަސް އެއްޗެކޭ ބުނެލާކަށް ނުކެރުނެވެ. މައިމޫންވެސް އަލީނާ މެއިޑަކުން ޅީދަރިފުޅަކަށް ބަދަލުކޮށްލައިފިއެވެ. އެރޭ ރޭގަނޑު ކެއުމުގައި އެކި ވާހަކަތައް ދެކެވެމުން ދިޔައިރު މައިމޫން ފެށްޓެވި ވާހަކަ އަކުން އެންމެނަށް ހައިރާން ކަމެއް ލިބުނެވެ. މައިމޫން ބުނުއްވީ ދެން އަލީނާ ވެސް އެއާއިލާ އެކީގައި ކާން މޭޒުދޮށަށް އަންނަން ވާނެ ކަމުގައެވެ. ޒެވިޔަންގެ ދެވަނަ އަންބެއްގެ ގޮތުން ހުރިހާ ހައްގުތަކެއް ހަމަޔަށް ލިބެންޖެހޭނެ ކަމަށެވެ. ހީވީ އެތަނުގައި ނިއުކްލިއަރ ބޮމެއް ގޮއްވައި ލެވުނު ހެންނެވެ. ޒީބާގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެނިގެން ދިޔައެވެ.

"އެކަމަކު ބައްޕަ ކިހާ ރުޅިދުރުވާނެ...." ޒީބާ އިނީ ހިތާހިތުން ފަޅައިގެންދާ ވަރުވެފައެވެ. މައިމޫން މިފަދަ ގޮތަކަށް ނިންމެވުމުން އޭނަގެ ހުރިހާ ޕްލޭންތައް ފެނަށްވެގެން ދަނީއެވެ. ނަމަވެސް ގޭގެ އިސްވެރިޔާ ގެ ނިންމެވުމަށް މާބޮޑު ފާޑެއްކިޔައި ހަދަން ޒީބާއަކަށް ވެސް ނުކެރޭނެއެވެ. އެކަމަކު އޭނަ ވަނީ ޒެވިޔަން އާއި އަލީނާ ކައިވެނި ކުރުވި ސަބަބު ކިޔައިދީފައެވެ. އެއީ ދާއިމީ ކަމެއްނޫނެވެ. ރިޔާގެ ދަރިއެއް އަލީނާއަށް ވިހެއުން ހުއްދަ ވާނީ ޒެވިޔަން އަލީނާ އާއި ކައިވެނި ކޮށްގެން ކަމަށް މައިމޫން އަންގަވާފައި ވާތީ ވަގުތީ ގޮތުން ކުރެވުނު ކަމެކެވެ. ވީއިރު އަލީނާއަށް ޅީދަރިއެއްގެ މަގާމު ދިނުމުގެ ހައްގެއް މައިމޫން އަކަށް ވެސް ލިބިގެނެއް ނުވެއެވެ.

"ބައްޕަ ގާތުގައި އަޅުގަނޑު އެ ވާހަކަ ދައްކައިފިން، ބައްޕަވެސް ބޭނުމެއްނުވޭ ޒެވިޔަންގެ ދަރިއަކު ނިކަމެތި ކޮށްލާކަށް، ޝީޒް ޕްރެގްނެންޓް ވިތް ޒެވިޔާސް ބޭބީ، އެހެންވީމަ ޒީބްމެން އެކަން ދަންނަންވާނެ...." މައިމޫން ހަމަޖެހިލާފައި ބުނުއްވިއެވެ. ޒީބާގެ އަނގަ ރަކިވިއެވެ. މައިމޫންގެ ބައްޕައަކީ އެފަދަ ކަންތައްތަކުގައި ހަރުކަށި އުސޫލަށް ތަބާވާ ބޭކަލެކެވެ. ނަމަވެސް މިހާ ސީރިޔަސް މައްސަލައެއް އެހާ ފިނިކޮށް ނެންގެވީ ކީއްވެބާވައެވެ. ދަރިފުޅު ލިބުނީމަ އަލީނާ އެއްފަރާތް ކޮށްލަން ވިސްނަވަނީ ބާވައެވެ. ރިޔާ އެރޭ ކެއުމުގައި ބައިވެރިވިނަމަ އިތުރު މައްސަލައަކަށް ވީސްކަން ޔަގީނެވެ. ދާވިޝް ވެސް މާ މަޑުން އިނދެ ވިސްނަމުން ދިޔައީ ކޯންޗެއް ކަމެއް ނޭގުނެވެ.

ރިޔާއަށް އެއްގޮތަކަށް ވެސް ޒެވިޔަންގެ ވާހަކަތައް ގަބޫލެއް ނުކުރެވުނެވެ. ޒެވިޔަން އޭނައަށް އޮޅުވާލީއެވެ. އަލީނާ އިނީ ބަލިވެނޫން ކަމަށް ކިޔާފައި ދޮގުހެދުމަށް ފަހު އަނެއްކާވެސް މިއޮތީ އެކޮޅު ކޮޅުން ޖެހިފައެވެ. ޒެވިޔަން ކިތަންމެ ވަރަކަށް މާފަށް އެދުނަސް އެކަން ނުވާކަމަކަށް ނުވާނެއެވެ. ރިޔާ، ޒެވިޔަން އާއި އަރައިރުންވުމުގެ ބަދަލުގައި އެނދަށް ވެއްޓިގަތް ގޮތަށް އެދުވަހު ހެދުނު ނާސްތާވެސް ނުކޮށް އެހެން އޮތްވާ ޒެވިޔަން ދިޔައީ ޑިއުޓީ އަށެވެ. ޒެވިޔަން ޑިއުޓީއަށް ގޮސްފައި ވެސް ދޭތެރެ އަކުން ރިޔާއަށް ގުޅުމުން ފޯނު ނަގާފައިވެސް ކޮންމެ ފަހަރަކު ހިމޭން ކަރުނަތައް އޮއްސާކަން ޒެވިޔަންއަށް އެނގުނެވެ. އެކަމާއި ޒެވިޔަން އިނީ ފިކުރު ބޮޑުވެ، ހަދާނެގޮތް ހުސްވެފައެވެ. ކިތަންމެ ވަރަކަށް ވެސް ވިސްނި އެވެ. ޒެވިޔަން އާއި އާއިޒު މެންދުރު ލަންޗަށް ގެއަށް އައިސް ކާރު ޕާކްކޮށްލައިފައި ފޭބިއެވެ. ޒީބާ އެކުދިންނާއި ދިމާލަށް އަތުން މަޑުކުރުމަށް އަންގަމުން އަވަސް އަވަހަށް އަންނަން ހަދައިގެން އޭނަ އަނގަވަތަށް ނުވެއްޓުނީ ކިރިޔާއެވެ.

"ބީ ކެއަރފުލް މަމް..." ޒެވިޔަން އާއި އާއިޒުއަށް އެކީގައި ބުނެވުނެވެ. ޒީބާ ދެކުދިންގެ ނިތްކުރީގައި ބޮސްދިނީ ފުޅާ ހިނިތުންވުމަކާއި އެކުގައެވެ. އެދެކުދިން އެއްތަނަކުން ފެނުމުން ޒީބާގެ ހިތަށް ލިބޭ އުފާތައް ބަޔާން ކޮށެއް ނުދެވޭނެ އެވެ. 

"ޒެވިޔާ، ކިހިނެއް ދަރިފުޅު ހަދަން ތިއުޅެނީ، ރިޔާ ދޫކޮށްލަނީތަ؟ މަންމަ ކޮންފިއުޒް ވީލެއް ބޮޑުކަމުން ދަރިފުޅު ގާތުން މި އަހައި ލެވުނީ..." ޒީބާގެ އަތުގައި ޕްލާސްޓަރު އަޅާފައި ހުރުމުން އޭނަ ލައިގެން ހުރީ ގަޔަށް ދޫކޮށް އޮތް ގަމީހަކާއި ބްރޭންޑެޑް ހަރުވާޅެކެވެ. އެހެދުމަކަށް ވެސް އޭނަގެ ހައިބަތު ފަނޑުކޮށެއް ނުލެވެއެވެ. ބަލިވެ އުޅޭތީ މޭކަޕަށް ފަރުވާލެއް ނުބެހެއްޓިޔަސް ޒީބާގެ ފެހި ދެލޮލާއި، އޮމާން މޫނުގެ ސަބަބުން ޒުވާން ކުދިން ހަސަދަވެރި ކުރުވާނެއެވެ.

"ރިޔާ މަންމަ ގާތުގައި އެއްޗެކޭ ބުނީތަ؟" ޒެވިޔަން ކާރުގެ ބޮނެޓްމަތީގައި އިށީންނަމުން މަންމައަށް ހުރިހާ ސަމާލު ކަމެއް ހުއްޓާލައިފިއެވެ.

"ރިޔާ ނުކައި، ނުބޮއި އޮވެ ހެދުނުން ފެށިގެން ރޮނީ، އަނެއްކާ ދަރިފުޅާއި ދެކުދިންގެ ހަމަނުޖެހުމެއް އޮތީތަ؟ މަންމަ ބިރުގަންނަނީ ރިޔާ ނަފްސާނީ ބައްޔެއްގެ ޝިކާރައަކަށް ވެދާނެތީ...." ޒީބާ މެން ތިބި ދިމާލުން ތަންކޮޅެއް އެފަރާތުގައި ވަނީ ބަދިގެއާއި ދިމާލަށް އިންދާފައިވާ އޯކް ގަހާއި، މޭޕްލް އަދި ރެޑްވުޑް ގަސްތަކެވެ. ތުނިކޮށް ވިނަ ހައްދާލާފައި ވާއިރު ދޭތެރެ އަކުން ހިނގާލަން ހަނި މަގެއް ހަދާލާފައި ވެއެވެ. އަދި އެއްފަރާތުގައި ބެންޗުތައްވެސް ބަހައްޓާފައި ވެއެވެ. އެ މަންޒަރުވެސް ކިތަންމެހާވެސް ހިތްގައިމެވެ.

"މަމް، ޓޫ ވައިފް އިން ގެންގުޅުނީމަ އެފަދަ މައްސަލަތައް ޖެހޭނެ، ޒެވިޔާ ޔަންގްވީމަ އަދި އެހާ އެކްސްޕީރިއެންސް ނެތީކަމަށް ވާނީ، އެހެންވެ މެނޭޖް ކުރަން ނޭގިގެން އަދި އުޅެނީ...." އާއިޒު ވެސް ކާރަށް ލެނގިލައިގެން ހުރެ ލާނެތް ނަޒަރަކުން ޒެވިޔަންއަށް ބަލައިލައިފިއެވެ.

"ޝަޓަޕް އާޗް، ތިހެން ކިޔާފައި އާޗް އަދި ހަތަރު ވައިފް އިން ގެންގުޅޭނެ..." ޒެވިޔަން ލޯ ހަނިކޮށްލައިފިއެވެ. އާއިޒު ހޭންފެށިއެވެ. ހަގީގަތުގައި މަންމަ މިފެށި ވާހަކަ އަކުން ޒެވިޔަން ހިތް ނުތަނަވަސް ކުރުވި ނަމަވެސް އޭނަގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. ދެބެން ކުޑައިރުއްސުރެ އެގޮތަށް ދޭތެރެ އަކުން އަރައިރުމެއް ވެލިޔަސް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެއެވެ. އާއިޒުއަށް ކަމެއްވެއްޖެއްޔާ ޒެވިޔަން ހުންނާނީ ހިތާމައިން ގޮސް ހަލާކުވާވަރުވެފައެވެ.

"ދަރިފުޅާ، ރިޔާ ކިހާ ދެރަވާނެ ހުރިހާ ކުދިން އެއްފަހަރާ ޕްރެގްވީމަ، އެހެންވީމަ މަންމައަށް ފެންނަނީ އަދި ދަރިފުޅު ބޭބީއެއް ހޯދުން ފަސްކޮށްލަން، އަލީނާ އިޒް ނައިންޓީން، އަދި ފަހުން ކިތަންމެ ކުދިންނެއްވެސް ހޯދިދާނެ، ދަރިފުޅު ރިޔާ އާއި މެދު ޚިޔާލެއް ނުކުރަންތަ؟ ރިޔާ ނޫން ކުއްޖަކު ނަމަ މިހާރު ސައިކޯވެދާނެކަން މަންމައަށް ޔަގީން، ލިބުނު އެންމެ ދަރިފުޅު ވަކިވެގެން ދިޔުމާއި އެކު ދިމާވެފައިވާ ކަންތައްތަކުން ރިޔާ އެހެރީ ނަފްސާނީ މައްސަލައެއްގައި ޖެހި ފަރުވާ ބޭނުންވާ ހިސާބުގައި، ދަރިފުޅަކީ ޑޮކްޓަރ އެހެންވީމަ މަންމަ ނުބުންޏަސް އެނގެންވާނެ ދޯ....." ޒީބާ އުޅުނީ ޒެވިޔަން ނަފްސާނީ ގޮތުން ބްލެކްމެއިލް ކޮށްލައިގެން ވެސް އަލީނާގެ ދަރިފުޅު ވައްޓައިލަން އެއްބަސް ކުރުވުމަށެވެ. ޒީބާ ތަގުރީރެއް ދިނެވެ. ރިޔާއަށް ކޮށްފާނެ އަސަރުތަކާއި، ދެރަވާނެ ވަރާއި، އާއިލީ ގުޅުންތައް ކިލަބުވެދާނެ ވަރު ޒެވިޔަންއަށް ވިސްނޭހާ ރަނގަޅަށް ކިޔައިދިނެވެ. ޒެވިޔަން އާއި އަލީނާ ކައިވެނި ކުރުވި މަގުސަދު ފުރިހަމަވީމަ ޒެވިޔަން މެން ބޭނުން ވަރަކަށް ދަރިން ހޯދިދާނެ ކަމަށް ޒީބާ ބުނެލީ އުއްމީދާއި އެކީގައެވެ. 

"އައި ކެން އަންޑަސްޓޭންޑް މަމް، ރިޔާއަށް ސައިކޭޓްރިސްޓެއްގެ ހެލްޕް ބޭނުން ވެދާނެ، އެކަމަކު އަލީނާ އަކީ ވެސް އަންހެންކުއްޖެއް، އޭނަގެ ވެސް ފީލިންގްސް ތަކެއް ވާނެ، ކޮންމެ ފަހަރަކު ބޭބީ ލޫޒް ވުމަކީ އަލީނާއަށް ވެސް ކެތްކުރެވޭވަރުގެ ކަމަކަށް ނުވެ ހިގައިދާނެ، ކުރީ ފަހަރުވެސް އަލީނާ ސަފަރ ކުރިވަރު އަޅުގަނޑު ވަނީ ދެކެފައި..." ޒެވިޔަން ގެ އަޑުގައި ވަނީ ގޮތް ދޫނުކުރާނެ ފަދަ ރާގެކެވެ. ޒީބާއަށް އޭނަގެ ފިރިހެން ދަރިފުޅު ދަންނަ ވަރަށް އެހެން މީހަކަށް ނޭގޭނެއެވެ. އެ ރާގަށް ޒެވިޔަންގެ ވާހަކަ ކުރުމުން ޒީބާގެ ހިތުގައި ބިރުވެރި ކަމެއް ރާޅުބާންޏެއް ޖަހާލައިފިއެވެ. މަންމައަކަށް ދަރިއަކު ނުބައި ގޯޅި އަޅައިގެން ދާތަން ދެކެން ކެތެއް ނުކުރެވޭނެއެވެ.

"ޒެވިޔާ، އެ އަންހެނާގެ ދަރި މިދުނިޔެއަކަށް ގެންނާކަށް މަންމަ އެއްބަހެއް ނުވާނަން...." ޒީބާ ގެ ތުން ފިތާލެވި، ރާގަށް ހަރުކަށިކަމެއް ވެރިވެގެން ހިގައްޖެއެވެ. އާއިޒުވެސް އޭނަގެ މަންމައަށް ބަލައިލީ ނުތަނަވަސް ކަމާއި އެކުގައެވެ.

"މަމް، އެއީ އެކަނި އަލީނާގެ ދަރިއެއްނޫން، މަމް ބުނި ކޮންމެކަމެއް ވެސް ކޮށްފާނަން އެކަމަކު އަޅުގަޑު ލައްވާ ތިކަމަށް މަޖުބޫރުނުކުރޭ... ހައު ކުޑް އައި ކިލް މައި ބޭބީ..." ޒެވިޔަން ތުންފަތުގައި ބާރަކަށް ދަތްއަޅައިލި އިރު އޭނަ ފެންކަޅި ވެއްޖެއެވެ.

"ޒެވިޔާ....." ޒީބާ ބާރަކަށް ޒެވިޔަންއަށް ގޮވާލައިފިއެވެ. އޭރު ޒީބާގެ މޫނުވަނީ އަލިފާން ކުލަ އަރާފައެވެ. އެ ފެހި ދެލޮލުން އަލިފާނުގެ ކަނިބުރާހެން ހީވިއެވެ.

"މަމް، އަމިއްލަ ދަރިއަކު މަރައިލުމަށް ވުރެ މާރަނގަޅު ވާނެ އަޅުގަނޑު އަމިއްލައަށް ދަންޖެހުނަސް، އަޅުގަނޑު ހުރިހާ ކަމަކަށް ކެތްކޮށްފާނަން އެކަމަކުވެސް ދަރިފުޅު ޕްރޮޓެކްޓް ކުރަން އަމިއްލައަށް ފަނާވެދާނަން، އެއްގޮތަކަށްވެސް ބޭބީއަށް ކަމެއްވާތަން ދެކެން ނުހުރެވޭނެ....." ޒެވިޔަން މަޑުމައިތިރި ގޮތަކަށް އޭނަގެ މަންމަ އާއި ވާހަކަދެއްކި ނަމަވެސް އޭނަ އެކަމުގައި ގޮތް ދޫނުކުރާނެ ވަރު އެއިން ކޮންމެ ޖުމްލައަކުން ހާމަވެގެން ހިނގައްޖެއެވެ. ސީމާ މިގޮތަށް އޭނަ އާއި ވާހަކަދެއްކި ނަމަ މިއަދު އޭނަގެ އަތުން ގޯހެއް ނެހެދޭނެ ކަމެއްވެސް ނޭގެއެވެ. ނަމަވެސް ޒެވިޔަން އިންތިހާއަށް ކެތްތެރިވިއެވެ. އޭނަގެ މަންމަ އާއި ދެކޮޅަށް ތެދުވުމަކީ ޒެވިޔަން ހުވަފެނުގައިވެސް ދެކެން ބޭނުންވާ ދުވަހެއްނޫނެވެ. ނަމަވެސް ފާފައެއް ކުރަން އަމުރުކޮށްފިއްޔާ އޭނަ ކިޔަމަންވާން ޖެހޭނެ ހެއްޔެވެ؟

"ޒެވިޔާ، ހައު ޑެއަރ ޔޫ ޓޯކް ޓު މީ ލައިކް ދެޓް، އަހަރެން ބުނެފީމެއްނު އެ ދަރި ނައްތާލާށޭ.... ނޫނީ ޒެވިޔާ ޖެހޭނީ މިގެއިން ދާން.... އަދި އަލީނާ އަށް ލާހިކެއްނޫން، މަގޭ ދަރިފުޅު ހަލާކުކޮށްލާފައި....." ޒީބާ ގެ އަޑު ކުރެހި، ވާހަކަދައްކަން ދަތިވިއެވެ. ހަގީގަތުގައިވެސް އޭނަގެ ހިތަށް ދަތިވީ މާބޮޑަށެވެ. ހީވީ މޭގައި ހިފައި ބާރުކޮށްލެވުނު ހެންނެވެ. މެޔަށް ހާދަ ވަރަކަށް އުދަގޫވެއްޖެއެވެ. ޒީބާ ކުއްލިއަކަށް ސަލާމަތުން އޮތް އަތް މޭގައި އަތްއަޅައިގެންފައި ގުދުވެއްޖެއެވެ. އާއިޒު ވިދުވަރެއްހާ ހަލުވިކޮށް ގޮސް އޭނަގެ މަންމަގެ ގައިގައި ހިފެހެއްޓިއެވެ. ކުޑައިރުއްސުރެ އޭނަގެ ކޮންމެފަދަ އެދުމެއްގައި ކޮޅުފައިން ޖެހުމެއްނެތި ބަސްއަހަމުން އައި ލޯބިވާ ދަރިފުޅު މިގޮތަށް ވާހަކަ ދެއްކުމުން ޒީބާއަށް ކެތެއްނުކުރެވުނެވެ. 

އާއިޒު ހާސްވެފައި ހުރި ގޮތުން އޭނަ ހީކުރީ މަންމަގެ ހިތް ހުއްޓެނީ ހެންނެވެ. ޒެވިޔަންއަށް އޭނަގެ މަންމަގެ އެ ޑްރާމާ ރަނގަޅަށް އެނގޭތީ ހިމޭނުން ހުރި އިރު، ޒެވިޔަންގެ ހިތްވަނީ މުޅިން ހަލާކުވެދާން ކާރިވެފައެވެ. މަންމަ އަކާއި ދަރިއަކު އެގޮތަށް ދެކޮޅުވެރިކޮށް ވާހަކަ ދެއްކުމުން އަސަރު ކުރާނެވަރު ޒެވިޔަންއަށްވެސް އިހުސާސް ކުރެވުނެވެ. ހުރިހާ ގޮތަކުން މަޖުބޫރީގެ ފާރު އޭނަ ފިތަމުންގޮސް ޗިސްކޮށްލަފާނެ ހެން ހީވިއެވެ. ޒެވިޔަން ހުރީ ކަރުނަތައް ހިފަހައްޓާލައި ގެންނެވެ. ނަމަވެސް އޭނަގެ ޒުވާން ހިތް ރޮމުން ދިޔައެވެ. އުމުރުން ފަންސަވީސް އަހަރު ވަންދެންވެސް އޭނަ ވަނީ މަންމަ ބުނި ކޮންމެކަމެއް ކޮށްދީފައެވެ. ހިތް ނުރުހޭ ކޮންމެ ކަމަކަށްވެސް އިޖާބަދީފައެވެ. ޑޮކްޓަރުކަން ކިޔެވީވެސް ހިތުގައި ހިލަ ބަހައްޓައި ގެންނެވެ. ރިޔާ އާއި ކައިވެނި ކުރީވެސް އެފަދައިން މަޖުބޫރު ވެގެންނެވެ. ހަޔާތުގެ އެފަދަ ބޮޑެތި ނިންމުން ތަކުގައި ވެސް އޭނަ ވަނީ މައިންބަފައިންނަށް ޓަކައި ގުރުބާނީ ވެފައެވެ. ނަމަވެސް މިއަދު އޭނަ ގެ ދިރިއުޅުމުގައި އެންމެ ބޭނުންވާ ކަންތައް އެނގިހުރެވެސް މަންމަ އެވަނީ އެއުފަލުން މަހުރޫމްކުރުމަށް ނިންމައިގެންނެވެ. މިއީ އިންސާފެއް ބާވައެވެ.

"އައިމް...ސޮރީ..." ޒެވިޔަން އޭނަގެ މަންމަގެ އަތުގައި ހިފަހައްޓާލަމުން މާފަށްވެސް އެދުނެވެ. އޭރު ޒީބާ އިނީ ރޮއިރޮއިއެވެ. ޒީބާ އެދުނީ އަވަހަށް ބައްޕައަށް ގުޅައިދިނުމަށެވެ.

ޒެވިޔަން ކޮޓަރީގެ ދޮރު ހުޅުވާލައިފައި ވަންއިރު ރިޔާ އިނީ ސޯފާގައި އޮށޯވެލައި ގެންނެވެ. ހޭވިފައިވާ އިސްތަށިގަނޑު ބާލީސް މަތީގައި ފަތުރާލައިގެން އޮތްއިރު އެ ބަރު އެސްފިޔަތައް ތެމިފައިވާ ގޮތުން ހިތަށް އުދަގޫވާވަރުވެއެވެ. ދެލޯ އެހާ ދުޅައެވެ. ރިޔާގެ އަތުގެތެރޭގައި އޮތީ ނިކީ ކުޑައިރު ކުޅެން ގެންގުޅުނު ޓެޑީއެކެވެ.

"ލުކް ވަޓް އައި ގޮޓް ފޯ ޔޫ، ހުޑްސަން ވޭލީ ޗޮކޮލެޓް......." ޒެވިޔަން ރިޔާގެ ކަރުނަތައް ނުފެންނަކަމަށް ހެދުނީ ރިޔާ އިތުރަށް ނުރޮއްވަން ވެގެންނެވެ. ހަމްދަރުދީގެ އެންމެ ލަފުޒެއް އިވުނަސް އެފަދަ ވަގުތެއްގައި ފަޅަފަޅައިގެން ދާނެކަން ޒެވިޔަންއަށް ޔަގީންވިއެވެ. ރިޔާ ހިމޭނުން އޮވެ އެ ޗޮކްލެޓް ފޮށި އަތުލިއެވެ. އަނގައިން ބުނުމަކާއި ނުލައި އޭނަ ޗޮކްލެޓްތައް ނިއުޅާލައިގެން ކާންފެށުމުން ޒެވިޔަންއަށް މަޖާވިއެވެ. ރިޔާ އިނީ ވަރަކަށް ބަނޑުހައިވެފައި ކަންނޭގެ އެވެ. މިފަހަކަށް އައިސް މާގިނައިން ކައި އުޅޭ ކުއްޖަކު އެންމެ އިރެއްގެ ކެއުން މަދުކޮށްލިޔަސް އެނގުން ވެގެން ދާނެއެވެ.

"ރިޔާ ބޭނުންތަ މިރޭ ޝޯ ބަލައިލަން ދާން؟ އަހަރެން އައީ ޓިކެޓްވެސް ނަގައިގެން...." ޒެވިޔަން ހުރީ ރިޔާގެ ހިތްހަމަޖައްސައި ދޭން އިންތިހާއަށް ބޭނުންވެފައެވެ.

"ނޫން ޒެވިޔާ، އަހަރެން ބޭނުމެއްނޫން އެއްވެސް އުފަލެއް، ނިކީ އާއި އެކު މަރުވިނަމަ...." ރިޔާގެ ލޮލުގައި ބޮޑެތި ކަރުނަ ތިކިތައް ވިދަން ފެށިއެވެ.

"ރިޔާ، ބުނެފީމެއްނު ތިގޮތަށް ވާހަކަ ނުދައްކާށޭ......" ޒެވިޔަންއަށް އެޖުމްލައިން އުދަގޫވިއެވެ.

"އެއީ ޒެވިޔާ ވެސް ބޭނުންވާނެ ގޮތަކީ، އޭރުން އަލީނާ އާއި އެކީގައި އުފާވެރި ފެމިލީއެއްގެ ގޮތުގައި އުޅެވިދާނެ، އައިމް އައުޓް ސައިޑަރ...." ރިޔާ ކުއްލިއަކަށް މޫނުގައި އަތްއެޅުމުން ޒެވިޔަން ރިޔާގެ އަތުގައި ހިފެހެއްޓިއެވެ. ޒެވިޔަން އިނީ ދެރަވެފައެވެ. އޭނަ ރިޔާއަށް ކިތަންމެ ވަރަކަށް ވިސްނައިދިނެވެ. ރިޔާ ދުވަހަކު ވެސް ދޫކޮށް ނުލާނެ ކަމާއި އަބަދުވެސް ރިޔާ ވާނީ އޭނަގެ ގާތުގައި ކަމަށް ބުންޏެވެ. އެއީ ބާ ވާހަކަ ތަކެކެވެ. އަބަދުވެސް އޭނަ ބުނަމުން އައިސްފައި ވަނީ އެވާހަކައެވެ. ކީއްކުރާނީ ހެއްޔެވެ؟ ރިޔާއަކަށް ގަބޫލެއް ނުކުރެވޭނެއެވެ. އަލީނާ އަކީ އެމީހުންގެ ދިރިއުޅުމަށް އެޅިފައިވާ ހިޔަންޏެއްގެ ގޮތުގައި އެންމެންވެސް ދެކެއެވެ. ޒެވިޔަންގެ ވާހަކަތައް އަޑުއަހައިގެން ރިޔާ ހިމޭނުން އިނަސް ރިޔާއަށް އެއްގޮތަކަށްވެސް އަލީނާ އެމީހުންނާއި އެކީގައި ދިރިއުޅުމަކީ ގަބޫލު ކުރެވޭނެ ވަރުގެ ކަމެއް ކަމަކަށް ނުވިއެވެ.

ޒެވިޔަން ބެންޗުގައި އިށީދެލައިގެން އެހެން އިން އިރު އޭނަ އިނީ ފުން ޚިޔާލެއްގައި ދެކޭ ކޮންމެ މީހަކަށް ވިސްނައި ގަނެވިދާނެއެވެ. ޖެހެމުންދާ ވައިރޯޅިތައް އިސްތަށިގަނޑާއި ގޯނާކުރަމުން އެތަނަވަސް ނިތުމައްޗަށް އިސްތަށިގަނޑުން ބަޔެއް ވައްޓާލައިފިއެވެ. އެ ލޮލުން ފެންނަނީ މާޔޫސްކަމެވެ. ހުރިހާ އެންމެން ރުއްސަން މަސައްކަތް ކުރުމުން އޭނައަށް މިވަނީ ނާކާމިޔާބުގެ ހިތިރަހަ ދެކެންޖެހިފައެވެ. ބައެއްފަހަރު ޒެވިޔަން ނިތްކުރީގައި އިނގިލި ތަކުން ފިރުމައިލައެވެ. ތުންފަތުގައި ދަތްއަޅައިލައެވެ. އެންމެ ފަހުން ޒެވިޔަން ފިނިފެންމާ ގަހުން މަލެއް ބިނދެލައިގެން ދިޔައީ އަލީނާގެ އާ ކޮޓަރި އަށެވެ. 

އަލީނާއަށް ޒެވިޔަން ފެނުމާއި އެކު ދުވަމުން އައިގޮތަށް ޒެވިޔަންގެ އަތުގައި ހިފަހައްޓައިލި އިރު އެ ދެލޮލުގެ ވިދުން ގަދަކަމުން ޒެވިޔަންއަށް އިރުކޮޅެއް ވަންދެން ގެއްލިފައި ހުރެވުނެވެ.

"ވަޓްސް ރޯންގް ޒާވް...." ޒެވިޔަންގެ ހިމޭންކަމާއި ސީރިޔަސް ކަމުން ޝައްކެއްވެ އަލީނާގެ ހިތް ބިރުގަނެއްޖެއެވެ.

"އަހަރެން ކަމަކު ބުނެފިއްޔާ އެލީ ކޮށްދޭނަންތަ؟ ވަރަށް ބޮޑުކަމަކު މިކިޔަނީ، އެނގޭ އެލީވެސް ދެރަވާނެކަން، އެކަމަކު އަހަންނަށް ޓަކައި އެލީ މިކަން ކޮށްދީފިއްޔާ ވަރަށް އުފާވާނެ...." ޒެވިޔަން ބޭނުންވީ އަލީނާ އިމްތިހާނު ކޮށްލުމަށެވެ. އޭނަގެ އުފަލަށް ޓަކައި އަލީނާ ކޮންމެފަދަ ގުރުބާނީ އެއްވެސް ވާން ތައްޔާރަށް ހުރިކަން ދެނެގަންނަން ބޭނުންވީއެވެ. އޭނަދެކެ އަލީނާ އަމިއްލަ އެދުމެއްނެތް ލޯތްބެއް ވާކަން އެނގޭނެ އެންމެ ބޮޑު އިމްތިހާނެވެ.

"ޒާވް ބުނި ކޮންމެކަމެއް ކޮށްދޭނަން...." އަލީނާ ޒެވިޔަންގެ އަތްތިލައިގައި ބޮސްދިން އިރު އެރީތި ކުޑަ ދެލޮލުގައި ވަނީ ލޯބީގެ އިންތިހާއެވެ.

"ބޭބީ އެބޯޓް ކޮށްލާށޭ އަހަރެން ބުނެފިއްޔާ..." ޒެވިޔަންގެ ޖުމްލައިން އަލީނާގެ ދެލޯ ބޮޑުވެ އަނގަޔަށް ގޮތެއް ހަދައިލެވިއްޖެއެވެ. ބަނޑުގައި އަތް ޖައްސައި ލެވުނީ ދަރިފުޅަށް ހިމާޔަތްދޭން ބޭނުންވިފަދަ ގޮތަކަށެވެ. އެ ދެލޮލަށް ކަރުނަ އައީވެސް އިންޒާރަކާއި ނުލައެވެ. އަލީނާ ވިދުވަރެއްހާ ހަލުވިކޮށް ގޮސް އެނދަށް ވެއްޓިގަތް އިރު އޭނަގެ މޭގަނޑު ތެޅެމުން ދިޔައީ ބާރަކަށެވެ. ޒެވިޔަންވެސް ޒީބާ މެންނާއި ބައިވެގެން އޭނައަށް ލަނޑެއް ދޭން އުޅެނީބާވައެވެ. ޒެވިޔަން އޭނަ ދެކެ ލޯބިވާނަމަ އެއްގޮތަކަށްވެސް ދަރިފުޅަށް ގެއްލުމެއް ނުދޭނެއެވެ. އެކަމަކު ޒެވިޔަން އަލީނާ އަކީ އޭނަ ކުޅެން ގެންގުޅޭ ބުދެއް ކަމުގައި ދެކުނަސް އޭނަ ގެ ހިތުގައި ޒެވިޔަންގެ ލޯބި ވަނީ މާ ކުލަގަދަކޮށެވެ. އެހިތުގައި ދެވަނަ އެހެން އިންސާނެއްގެ ނަންވެސް ނުވެއެވެ. ޒެވިޔަންގެ ލޯތްބަށް ޓަކައި ދީވާނާ ވެފައިވެއެވެ. ވީއިރު ޒެވިޔަންގެ ކޮންމެ އެދުމަކަށް އޭނަ އާއެކޭ ބުނާނެއެވެ.

"ޒާވް، ހިތް ހަލާކުވެއްޖެ އެކަމަކުވެސް ޒާވް އުފާވާ ގޮތަކީ އެއީ ކަމަށް ވާނަމަ އަޅުގަޑު އޯކޭ، ޒާވްއަށް ފެންނަ ގޮތެއް...." އަލީނާ ބާލީހުގައި މޫނު ޖައްސާލައިގެން އޮވެ ރޯން ފެށުމުން ޒެވިޔަން ގޮސް ގަދަކަމުން ބާލީސް ނެއްޓުވިއެވެ. އަދި އަލީނާ ނަގައި އޭނަގެ އުނގުގައި ބައިންދަމުން އެއިން ކަރުނައިން ފުރިފައިވާ ލޮލުގައި ވަކި ވަކިން ބޮސްދިނެވެ. މޫނަށް ފައިބަމުން ދިޔަ އިސްތަށިގަނޑު އަތުން ރީތިކޮށްލަ ދިނުމަށްފަހު އަލީނާގެ ދަތްދޮޅީގައި ހިފާ އުފުލާލައިފިއެވެ.

"ބޭބީ އަހަންނަށް ހާދަ ޓްރަސްޓެއް ނުކުރެޔޭ، އަހަރެމެންގެ ދަރިފުޅަށް ހާޓްކޮށްފާނެ ހެން ހީވޭތަ؟ އެލީގެ ރިއެކްޝަން ބަލައިލަން ވެގެން އަހަރެން ސަމާސާއެއް ކޮށްލީ، އެކަމަކު އަހަރެންގެ ގާލް އަހަރެން ދެކެ ލޯބިވާވަރު މިއަދު ޔަގީން ކުރެވިއްޖެ، އެހެންވީމަ ސްޕެޝަލް ގިފްޓެއްވެސް ލިބޭނެ، ކްލޯޒް ޔޯ އައިސް...." ޒެވިޔަން އަލީނާގެ އޮމާން، ވެލްވެޓް ކޮޅެއްފަދަ ކޯތާފަތުގައި ފިރުމައިލި އިރު ޒެވިޔަންގެ އިސްތަށިގަނޑުން ބަޔެއް އަލީނާގެ މޫނުގައި ބީހިގެން ދިޔައެވެ. އާފްޓަރޝޭވްގެ މަސްތުކުރުވާފަދަ ވަހުން އަލީނާއަށް ދެލޯމަރައި ލެވުނީ ހިނިތުންވަމުންނެވެ. ޒެވިޔަން ދޭން އެއުޅެނީ ކޮން ހަދިޔާއެއްބާވައެވެ. ޒެވިޔަން އަލީނާގެ ހިމަ ހޯލި އިނގިލީގައި ހިފަހައްޓާލައިފައި އަތުގައި އެޅުވީ އަނގޮޓިއެކެވެ. އަލީނާގެ އަތާއި އެ އަގޮނޓި ނިކަން ގުޅެއެވެ. އަލިމަސްތަކުން ވިދާ ހުދު ރަނުގެ އަނގޮޓި ވިދަމުން ދިޔައީ ތަރިތަކެއް ހެންނެވެ. އަލީނާގެ ހިތް ޝުކުރާއި ލޯބިން ފުރުނެވެ. އޭގެ އަގު އަލީނާއަށް ވަޒަން ނުކުރެވުނު އިރުވެސް ޒެވިޔަން އަނގޮޓިއެއް އަޅުވައި ދިނީމަ އަލީނާގެ ހިތް އުފަލުން ގޮސް ތަރިތަކުގެ ދުނިޔޭގައި އުދުހުނުހެން ހީވިއެވެ. މިހާރު އެލޮލުގައި ވިދަމުން ދަނީ އުފާވެރިކަމުގެ ކަރުނައެވެ.

ޒީބާ އާއި ސީމާ ގަސްތަކުގެ ތެރޭގައި ވާ ބެންޗެއްގައި އިށީދެލައިގެން ތިއްބެވެ. ދެމީހުންވެސް އަގުބޮޑު ހެދުމާއި، ގަހަނާ ތަކުގައި ރީތިވެލައިގެން ތިބި އިރު ކްއީން ރާނިޔާ އަކަށް ދޫނުކުރެއެވެ. އެހާ ރީތިވެފައި، ޝާހީގޮތެއް ހުއްޓެވެ. ދެމީހުން މިދުވަސްކޮޅު މާ ގުޅިގެން މިއުޅެނީ ދެމީހުންގެވެސް އެއް ދުޝްމިނަކު ހުރުމުންނެވެ. އަލީނާގެ ދަރިފުޅު ނައްތާލަން ވެގެން ސީމާ ޒީބާގެ އަތުން ބޭސްގުޅަ އަތުލިފަހުން ދެމީހުންގެ ދޭތެރޭގައިވާ ވާދަވެރިކަންވެސް ވަނީ މިވަގުތަކަށް ފިލައިގެން ގޮސްފައެވެ. އަދި ޒީބާ ވަނީ ރިޔާއަށް އަލީނާ ލައްވާ ދަރިއަކު ހޯދަން އޭނަ ޒެވިޔަން އާއި އަލީނާ ގުޅުވިކަންވެސް ސީމާއަށް ހާމަކޮށްދީފައެވެ. ދެމީހުން ހީހީފައި އުޅުނު ގޮތުން ހީވަނީ ކޮލެޖް ދުވަސްވަރު އަލުން އަނބުރައި އިއާދަވެގެން އުޅޭހެންނެވެ.

"ޕްލޭން އޭ ފެއިލް ވީ، ވީއިރު ޑޮކްޓަރ ޒީބާގެ މާސްޓަރ މައިންޑްއަށް ފީނާލައިގެންވެސް އަހަރެން އެބަޖެހޭ ޕްލޭން ބީ އަކީ ކޮބައިކަން ދެނެގަންނަން..." ސީމާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލާފައި އޭނަގެ ފުޖީ އެޕްލް ސޮޑާ ތަށި ނަގައިގެން ރަހަ ބަލައިލައިފިއެވެ.

"ދާވިޝް ކޮލެޖަށް ދާންފެށީތަ؟ އެކުއްޖާ ގެއިން ފެންނަލެއް މަދުވީމަ މިހެން އަހާލީ...." ޒީބާ މާނަވީ ހިނިތުންވުމަކާއި އެކު އަހާލައިފިއެވެ. 

ކޮމެންޓް 0