ރިޔާވެސް ދެން ހާދަ ކެތްތެރިކަމެއް ނެތޭ، އެއީ ރިޔާ ތިހާވަރުން އުޅެން ޖެހޭ މީހެއްތަ؟" ސީމާ ބޯ ހޫރާލައިފައި ތެދުވެގެން ގޮސް ކުޑަދޮރުން ބޭރު ބަލަން ފެށިއެވެ. ޒެވިޔަންއަށް ޓަކައި ރިޔާގެ ހިތުގައިވާ ލޯބީގެ މަތިވެރިކަން އެނގުމުން ސީމާ ހުރީ ހިތްހަމަނުޖެހިފައެވެ. ދަތްތައް ބާރުކޮށްލައިގެން ހުރިއިރު ލޮލުގައި ވެސް ފިނިކަމެއްވިއެވެ. ޒެވިޔަން އެހެން އަންހެނަކާއި ހިތާވެގެން އުޅޭއިރުވެސް އެ ފިރިހެނާގެ ފަހަތުން ދުވަން ހަދައިގެން ނުބައި ނަތީޖާ ނިކުތުން ނޫންކަމެއް ވޭހެއްޔެވެ؟

"މަމް ހީޒް މައި ހަޒްބެންޑް......." މަންމަގެ ވާހަކަ ހުރިގޮތުން ރިޔާ ހައިރާންވިއެވެ.

"ވަޓް އެވަރ...." ސީމާ ތުން ފިތާލައިގެން ހުރެ ނިކުމެގެން ދާން ހިނގައި ގަތުމުން ރިޔާ އެނދަށް ވެއްޓި ގަނެގެން އަނެއްފަރާތަށް އެނބުރުނެވެ. އޭނަގެ މަންމަގެ އެ ހަރަކާތްތަކާއި މެދު ގޮތެއް ނިންމާނެހާ ބާރެއްވެސް ރިޔާގެ ސިކުނޑިއަކު ނެތެވެ. ރުއިން ނޫންކަމެއް އޭނަ އަކަށް ނުކުރެވުނެވެ.

ރިޔާ ގެއަށް އައިގޮތަށް ބޮލުގައިވާ ބެންޑޭޖްގަނޑު ވެސް ދަމައިގަންނަން ހިތަށް އެރިއެވެ. އަމިއްލަ އަތަށް އަނިޔާ ކުރަން ފާރުގައި ތަޅައިގަތްގަތީނުން ލޭ އޮހޮރުވާލިއެވެ. އެދެއަތުން ޒެވިޔަންގެ މޭގައި އަތްއަޅާ ކޮށްޕާލެވުނު ކޮންމެ ވަގުތަކަށް އޭނަގެ ހިތް ލައުނަތް ދިނެވެ. އޭނަވެސް އެ ވާދީގެ ތެރެއަށް ވެއްޓި މަރުވިނަމައެވެ. އޭނައަކީ ދިރިހުރުން އެކަށީގެންވާ މީހެއް ނޫނެވެ.

ރިޔާ ނަމާދު ކޮށްލައިގެން، ދުޢާކުރަން އެތައް އިރެއްވާން ދެން މުސައްލަ މަތީގައި އިން އިރު މެދުކެނޑުމެއް ނެތި ލޮލުން ކަރުނަ ފޭބިއެވެ. ނަމަވެސް މުސައްލަ މަތިން ތެދުވުނު އިރު ކޮންމެވެސް ވަރަކަށް ހިތާމަތަކަށް ލުޔެއް ލިބުނުހެން ހީވިއެވެ. ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. ހީވަނީ ފަޅުތަނެއް ހެންނެވެ. އެއްވެސް ދިރުމެއްނެތް، ގަބުރުސްތާނެއް ފަދައެވެ. ރިޔާގެ ފިޔަވަޅުތައް ހުއްޓުނީ ޒެވިޔަން އާއި އަލީނާ ދިރިއުޅުނު ކޮޓަރީގެ ދޮރު މައްޗަށެވެ. ކޮންމެވެސް އެއްޗެއް ވިސްނާލައިފައި ރިޔާ އެ ކޮޓަރިއަށް ވަދެއްޖެއެވެ. އަލީނާ ފަދައިން އޭނަ އުޅުނުތަން ވެސް އެހާ ސާފުތާހިރުވެފައި، ކޮންމެ އެއްޗެއް ވަނީ ތަރުތީބުން ބެހެއްޓިފައެވެ. ޒެވިޔަންގެ ސެންޓުގެ މީރުވަސް ނޭފަތުގައި ހިފާލުމާއި އެކު ރިޔާއަށް ހިތާއި ދިމާލުން މޭގައި ދަތްއަޅާލައިގެން ހުރެ ދެލޯ މަރައިލެވުނީ އަސަރާއި އެކުގައެވެ.

ރިޔާ އަލީނާ ބަހައްޓާފައި ދިޔަ ތަކެއްޗަށް ބަލާލައިފައި ހައިރާންވިއެވެ. އަލީނާ ހުރިހާ އަމިއްލަ އެއްޗެއް ގެންދިޔައިރުވެސް ޚާއްސަ ބައެއް ސާމާނު ނުގެން ގޮސް ހުއްޓެވެ. އެކަމަކު ނިކީ މަރުވުމުގެ ކުރިން ދިން އޮރެންޖް ގަސް އެދިމާލުން ބެލްކަނީގައި މިހާރަކު ނެތެވެ. ރިޔާގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ނިކީގެ ތުއްތު އަތުން ހަޔާތުގެ އެންމެ ފަހު ވަގުތު ކޮޅު ކުރެހި ކުރެހުމާއި، ލިޔުންކޮޅެވެ. "އައި ލަވް އެލީ" އެތަންކޮޅު ފެނުމާއި އެކު ރިޔާގެ ގައިން ހީބިހި ނެގިއެވެ. ލޮލުން ކަރުނަ އޮހިގަނެގެން ގޮސް ނުހިފެހެއްޓުމުން ދެއަތުން މޫނުފޮރުވައި ލެވުނީ ކުށްވެރި އިހުސާސް ތަކާއި އެކުގައެވެ. މިކަރުނަތަކުގެ މާނައެއް މިއަދު ނެތެވެ. ނަމަވެސް މި ހިތާމައަކީ އޭނައަށް ހައްގު އަދަބެވެ. އޭނަގެ ތުއްތު ދަރިފުޅު ހާދަ ވަރަކަށް އަލީނާ ދެކެ ލޯބިވިއެވެ. އެ ދަރިފުޅުގެ ހަޔާތުގެ އެންމެ ފަހު ދުވަސްތައް އެންމެ ބޮޑަށް އުފާވެރި ކޮށްދިން ކުއްޖަކީ އަލީނާ އެވެ. ނިކީ އަބަދު ހީހީ ހުރީ އަލީނާގެ ސަބަބުންނެވެ. ނިކީގެ ބެސްޓްފްރެންޑަކީ އަލީނާ އެވެ. ނިކީއަށްޓަކައި ވެސް އޭނަ އަލީނާ ދެކެ ލޯބިވުން ހައްގެވެ. ނަމަވެސް އެފަދަ ކުއްޖަކާއި މެދު އޭނަ ކަންތައް ކުރީ ހާދަ ނިކަމެތި ކޮށެވެ. އެހެންނޫންނަމަ އޭނަގެ ހަޔާތް މިހާ ނުބައިކޮށް ނިމިގެން ނުދާނެކަން ޔަގީނެވެ. ނުވީތާކަށް އޭނަގެ ލޯބިވާ ފިރިމީހާ އާއި ދޭތެރޭގައި ކަންތައް ކުރެވުނު ގޮތް ހިތަށް އަރާފައި ވެސް ރިޔާ އިންތިހާއަށް ހިތާމަކުރިއެވެ. ޒެވިޔަންގެ ހަޔާތަށް އަލީނާ ގެނައީ އޭނަ އެތައް ވަރަށް ކިޔައިގެންނެވެ. "ނިކީ" އެއް ހޯދުމަށެވެ. އަލީނާއަށް ލިބުނު ދަރިފުޅުވެސް ގެއްލިގެން ދިޔުމުގެ ސަބަބަކަށްވީ ރިޔާ އެވެ.

ރިޔާ އަމިއްލަ ނަފުސް ކުށްވެރި ކުރަން އިނދެފައި ބޭރަށް ނިކުތީ ނިކީގެ ކުރެހުން ހިފައިގެންނެވެ. އޭނަ އައިގޮތަށް އާއިޒުގެ ގައިގައި އަޅައިނުގަތީ ކިރިޔާއެވެ. އާއިޒު ގޭތެރޭގައި އަވި އައިނު އަޅައިގެން ހުރުމުން ރިޔާއަށް ހުރިހާ ކަމެއް ވިސްނުނެވެ. ތުބުޅި ނުބާލާތާ ހަފްތާއެއްހާ ދުވަސް ވެދާނެ ކަން ޔަގީނެވެ. ފިރިހެންކުއްޖެއްވީމަ ފާޅުގައި ނުރުޔަސް އޭނައަކީ ޒެވިޔަންގެ ހުރި އެންމެ ކޮއްކޮވީމަ ހާދަ ހިތާމަ ކުރާނެ އެވެ. ހާދަ ދެރަވާނެ އެވެ. އެދެބެއިން ގެ ދޭތެރޭގައި އޮތް ގާތްކަމާއި، ލޯބި އެންމެ ގާތުން ދެކެފައިވާ އެކަކީ ރިޔާ އެވެ.

"ސިސް، ބީ ކެއަރފުލް...." އާއިޒު ފަނޑު ހިނިތުންވުމަކާއި އެކުގައި ރިޔާގެ ކޮނޑުގައި ހިފާފައި ރިޔާގެ ހަށިގަނޑު ސަމާލުކުރުމަށްފަހު ދޫކޮށްލުމުން ވެސް ރިޔާ އަރިއަޅާލާ ގޮތްވިއެވެ. ތެދުވެ އުޅޭނެހާ ހިތްވަރެއްވެސް އޭނަގެ ނެތެވެ. ރިޔާގެ ލޯ ކަރުނުން ތެމިފައިވާތަން ފެނުމުން އާއިޒުއަށް ކުރި އަސަރުން ދުރު ބަލައިލެވުނެވެ.

"އާޗް، އައި ވިޝް އައިމް ޑެޑް، އެންމެ މިނިޓަކަށްވެސް ދުނިޔޭގައި ހުންނާކަށް ބޭނުމެއްނޫން..." ރިޔާ ބެލްކަނީގެ ރެއިލިންގައި ބޯ ޖައްސާލައިގެން ހުރެ ލޮލުގައިވާ ކަރުނަ ފޮހުނެވެ.

"ދެރަނުވޭ، އެވްރީތިން ވިލް ބީ ފައިން ގޯޑް ވިލިން، ޕޮޒިޓިވްކޮށް ވިސްނަން ވާނީ....." އާއިޒުވެސް ވާހަކަދެއްކީ މަޑުންނެވެ. އެކަނި އޭނަގެ އަޑުންވެސް އާއިޒު ދެރަވެފައި ވާވަރު ހާމަވިއެވެ.

"ހައު؟ ޒެވިޔާ ކޮށްޕާލި މީހަކީ އަހަރެން، އަހަރެން ނުބުނިނަމަ އެކަކަށްވެސް ނޭގޭނެ، އެކަމަކު ބޭނުމެއްނުވި ކުށުން ސަލާމަތް ވާކަށް، އައި ޑިޒާވް ޕަނިޝްމެންޓް....." ރިޔާ އެދުވަހުގެ ހާދިސާ ހިގިގޮތް އާއިޒުއަށް ކިޔައިދިނުމަށްފަހު ރޯން ފެށިއެވެ.

"ނޫން، ރިޔާވެސް ޑެލިބެރޭޓްކޮށް ކުރިކަމެއް ނޫން، ޒެވިޔާވެސް ސިސް ކުށްވެރިއެއް ނުކުރާނެ ކަން އަހަންނަށް ޔަގީން، ދެން ނައު ހީ ނީޑްސް ޕްރެޔަރސް....." އާއިޒު ކިތަންމެ ހިތްވަރު ދިނަސް ރިޔާއަށް ގަބޫލު ކުރެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ އެއަށް ވުރެ އޭނަގެ ހިތްވަނީ ބަލިކަށި ވެފައެވެ. ކައުންސެލިން ހޯދަން ވެސް ރިޔާގެ ހިތަށް އެރިއެވެ. ނޫނީ އޭނަ މޮޔަވެދާނެއެވެ.

ދާވިޝް ވެސް ހުރީ މޫޑީވެފައެވެ. ޒެވިޔަންގެ އެކްސިޑެންޓަށްފަހު އޭނަވެސް ގެއަށް ވަދެލަނީ މަދުފަހަރެއްގައެވެ. އެހެން ވަދެލާއިރުވެސް ޖެމާ އާއި ދުރުހެލިވާން ކިތަންމެހާވެސް މަސައްކަތް ކުރެއެވެ. ދެމީހުން އެއްކޮޓަރީގައި ތިއްބަސް ދާވިޝް އުޅެނީ ނުދެނެހުރި ކަމަށް ހަދާލައި ގެންނެވެ. އެކަމަކު ޖެމާ ކޮންމެވެސް ގޯނާއެއް ކޮށްލައި ޖެއްސުމެއް ކޮށްލައެވެ. މިއަދުވެސް ދާވިޝް އަނގައިގައި އައިސްކޯނެއް ޖަހާލައިގެން އަންނަނިކޮށް ޖެމާ ފަހަތުން އައިގޮތަށް ޖަހައިގެން ކާންފެށިއެވެ.

"ވަޓް ދަ...... ހާދަ ދަހި ކުއްޖާ ގަނޑެކޭ، އަހަރެން ކާ އެއްޗެއް ކާން ޖެހޭތަ؟" ދާވިޝް ޖެމާ އާއި ދިމާލަށް އަތް މަޅާލައިފައި ބަލައިލީ ލާނެތް ނަޒަރަކުންނެވެ. ޖެމާ ކަކުލާއި ހަމަޔަށް އޮތް ޓައިޓަކާއި، ޓޭންކްޓޮޕްކޮޅެއްގައި ހުރިއިރު އެ ރީތި ހަށިގަނޑުގެ ވަނާތަކުގެ ފުރިހަމަކަން ވަނީ ހާމަޔަށެވެ. ދާވިޝް ދިގުފިޔަވަޅު ތަކެއްގައި ގޮސް ކޮރިޑޯ ހުރަސްކޮށްލައިފައި ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލަން އުޅުނެވެ. ޖެމާ އެއަތުގެ ތެރެއިން ކޮޓަރިއަށް ދެމިގަނެގެން އައިސްކޯނުގައި ދަތްއަޅާލި އެވެ.

"އައިމް ސްޓާވިން އޭ ލަވް.." ޖެމާ ބުނެލީ ދެމާނަ އެކުލެވޭ ޖުމްލަ އެކެވެ.

"ދެން ފްރިޖަށް އެރެންވީނު، ހުރިހާ އެއްޗެއް ކާލާފައި ފްރިޖް ކާލީމަ ޔޫ ވިލް ބީ ސެޓިސްފައިޑް......." ދާވިޝް އެނދަށް ވެއްޓިގަތެވެ.

"ނޯޓީގަނޑު، ލޭޒީ ވެގެން އެނދަށް އެރިޔަކަސް ނިދުނަ ދޭނެހެން ހީވޭތަ؟" ދާވިޝް ކުއިލްޓްގެ ދަށަށް ވަނުމުން ޖެމާ ކުއިލްޓް ދަމައިގަނެ އުދަގޫ ކުރާން ފެށިއެވެ. އެންމެ ފަހުން ބާލީހުން އެކަކު އަނެކަކުގެ ގައިގައި ތަޅައި ހަދަމުން ގޮސް ދާވިޝް ޖެމާ ހިފެހެއްޓި ގޮތަށް އެއަތުގެ ތެރޭގައި ހައްޔަރު ކޮށްލި އެވެ. ޖެމާގެ ވަށް ތުންފަތުގައި ލާނެތް ކަމެއްވިއެވެ. އައިސްކްރީމްތައް އެ ތުންފަތުގައި ވިރެމުން ގޮސް އެންމެ ފަހުގެ އެތިކޮޅުތައްވެސް ހުސްވެފައި ވާއިރު ތެތްވެފައި، އެހާ މަޑެވެ. ކޮޓަރި ތެރެއަށް ވެރިވެފައިވާ ރަންކުލަވެސް މަޑުމަޑުން ފަނޑުވަމުން ގޮސް އަނދިރިކަން ވެރިވާން ފެށިއެވެ. އިރުވެސް އޮއްސުނީ އެވެ. އެކަކުވެސް ބޮކި ދިއްލަން ދާކަށް ބޭނުމެއް ނުވިއެވެ. އެ އަނދިރިކަމާއި، ހިމޭންކަމުން ދެހިތަށްވެސް މަގު އޮޅުވައިލަން ވީ އިރުކޮޅެކެވެ. ދެހިޔަނި އެއް ހިޔަނީގެ ގޮތުގައި ފެންނަން ފެށިއެވެ.

އާއިޒު ހެލިޕޭޑްގައި ހެލިކޮޕްޓަރ މަޑުކޮށްލުމަށްފަހު ފައިބައިގެން އައި އިރު ވިނަގަނޑުމަތިން ސްނޯޑްރޮޕް ފަދަ މާތައް ރަނޑުކަމާއި އެކު ބޯ ނެރެލައިގެން ތިބީ ޔަގީންކަމެއް ނެތިފައެވެ. ބަހާރު މޫސުމްގެ ހިތްގައިމު ކުލަތަކުން ބަގީޗާވެސް ފެހިވަމުން ދާއިރު ދޫނިތައް ލަވަކިޔާ އަޑުވެސް އިވެއެވެ. އާއިޒު ވަން ގެއަކީ ސިކުރިޓީ ވަރަށް ވަރުގަދަ، ރީތި ގެއެކެވެ. އެ އިމާރާތް ވަނީ ޒަމާނީކޮށް ހަދާލައިފައި، އަގުބޮޑު ފަރުނިޗަރު ތަކުން ޒީނަތްތެރި ކޮށްފައެވެ. ޑިޒައިނަރ ދޮރުފޮތިތައްވެސް ހީވަނީ އެހެން ފަދަ ކަމެއްހެންނެވެ. ބިންމަތީގައިވާ ދޫލަ މަޑުކަމުން ފައިވެސް ގަނބައިގެން ދާހާވެއެވެ. އާއިޒު ވަން އިރު އަލީނާ އިނީ ކުދިން ގޮވައިގެން ބޮޑު ކޮޓަރީގައެވެ. ޒެއިން އާއި މިލަން އެއްކުލަ އެއްގެ ހެދުން ކޮޅެއް ލައްވާފައި ތިބި އިރު ދެކުދިން ރީތި ކަމުން ހީވަނީ ކުޑަ ދެބުދުހެންނެވެ. 

"އަދިވެސް ޒާވް ނުގުޅާ، މެސެޖެއްވެސް ނުކުރޭ، އައިމް ސޯ ވޮރީޑް......." އަލީނާއަށް ނޭގި ނަމަވެސް ކުރެވުނީ ޝަކުވާ އެކެވެ. އާއިޒު ބުނެފައި ވަނީ ޒެވިޔަން އިމަޖެންސީ ދަތުރެއްގައި ފުރަން ޖެހުނީ ކަމަށާއި، ވަރަށް އަވަހަށް އަންނާނެ ކަމުގައެވެ. ހަގީގަތް އެނގިއްޖެއްޔާ އަލީނާގެ ހާލު ރިޔާއަށް ވުރެ ދެރަވެ އެ ތުއްތު ކުދިންކޮޅު ނިކަމެތި ވެދާނެ އެވެ. އަލީނާ އެކަމާއި ހިތާމަކުރުމަށް ވުރެ އިހަށް އެސިއްރު ފޮރުވުން ރަނގަޅު ކަމަށް މައިމޫންމެން ނިންމެވީއެވެ. އާއިޒު ހުރީ ދޮގުހަދަން ވުމުން އިންތިހާއަށް އުދަގޫވެފައެވެ. އޭނަ ބޮޑަށް ބުރަވަނީ އަލީނާއަށް އެ ހިތާމަވެރި އެކްސިޑެންޓްގެ ހަގީގަތް ކިޔައި ދިނުމަށެވެ. ނަމަވެސް ބައްޕަމެންގެ ނިންމެވުމާއި ދެކޮޅު ހަދާކަށް ބޭނުމެއްނުވިއެވެ.

އާއިޒު ކުދިން އުނގުގައި ބާއްވައިގެން އިނދެ ކޮންމެ ކުއްޖެއްގެ މޫނުކޮޅުގައި ބޮސްދިނެވެ. އާއިޒު އޭނަގެ ބޭބެގެ ކުދިން ދެކެ ލޯބިވާވަރު އަލީނާއަށް ކޮންމެ ފަހަރަކު އިހުސާސް ކުރެވެއެވެ. އަލީނާ މިގެއަށް އައުމަށްފަހު އުޅެމުން އައިސްފައި ވަނީ ނިކަން ހިތްހަމަޖެހިގެން ހުރެއެވެ. ޒެވިޔަން ވަނީ އަލިނާއަށް މިގެ ރެޖިސްޓްރީ ކޮށްދީފައެވެ. އޭނަ އަކީ މިހާރު ބޮޑު ގަނޑުވަރެއް ފަދަ ގެއެއްގެ ވެރިޔާއެވެ. އެގޭގައި ކޮންމެ ކަމަކަށް ނޯކަރުން ހަމަޖައްސާފައި ވާއިރު ކައްކަން ގެނެސްފައި ވަނީ ފްލޯރާ އާއި މާރްތާ އެވެ. އެއީ އަލީނާ ބޭނުންވި ގޮތެވެ. ކުދިންގެ ކަންތަކުގައި އެހީވާން ނެނީއެއް ހުއްޓަސް އޭނައަށް ބަރޯސާވެގެން އަލީނާ ނުހުރެއެވެ. ކުރަންޖެހޭ އިތުރު މަސައްކަތެއް ނެތުމުން މިލަންމެންގެ ހުރިހާ ކަމެއް ކުރަނީ އަލީނާގެ އަތުންނެވެ. އެތުއްތު ދެކުދިންގެ ސަބަބުން އަލީނާގެ ހަޔާތަށް ވަނީ ބަހާރު އައިސްފައެވެ. މިހާރު އޭނަގެ ކަންތަކާއި ފާޑުކިޔާ، އުނދަގޫ ކުރާނެ އެއްވެސް މީހެއް ނެތެވެ.

"ދެން ކީއްވެތަ ޒާވް ނުގުޅަނީ؟" އަލީނާ ކުޑަކޮށް ޝައްކުވިއެވެ.

"ނޭނގޭ، އަދި ގުޅާނެއޭ އެލީ، ތަންކޮޅެއް ރިމޯޓް އޭރިއާއެއް ވީމަ ކޮންޓެކްޓް ކުރަން އުނދަގޫ ވެދާނެ، ނޯ ވޮރީސް، ވަރަށް އަވަހަށް ޒެވިޔާ އަތުވެދާނެ ކަމަށް ބަލާނީ ދޯ......." އާއިޒު މަސައްކަތް ކުރަމުން ދިޔައީ ހަތަރުކަޅި ހަމަނުކުރުމަށެވެ. އަލީނާ އިނީ އާއިޒު ބަލައިލާނެ ވަގުތެއްގެ އިންތިޒާރުގައި ކަޅިވެސް ޖަހާނުލައެވެ. ނަމަވެސް އާއިޒު އެއަށްވުރެ ވިސްނުންތެރިއެވެ. އިރުކޮޅަކު ކުދި ވާހަކަތަކެއްގައި އިނުމަށްފަހު އާއިޒު އާދައިގެ މަތިން މިއަދުވެސް ދިޔައީ އެވެ. އަލީނާގެ ޝައްކު ހައްތަހާ އިތުރު ކުރުވާފައެވެ. ޒެވިޔަން ކިތަންމެ އަވަދިނެތި އުޅުނަސް ނުގުޅާ ހުންނާނެ ހެއްޔެވެ؟ ވީނުވީއެއް ނާންގާ ޒެވިޔަން ހުރެދާނެ ހެއްޔެވެ؟ އޭނަ ކަންބޮޑު ވެދާނެ ވަރާއި މެދުވެސް ޒެވިޔަން ވިސްނާނެ އެވެ.

މައިމޫން އޭނަގެ ދަރިފުޅު ޒެވިޔަން ގެ އެނދުގެ ބޯލާކޮޅުގައި ހުންނެވި އިރު ދޭތެރެ އަކުން ޒެވިޔަންގެ އަތުގައި ނޫނީ ބޮލުގައި ފިރުމާލައްވައެވެ. ދަރިފުޅު ކޯމާއެއްގައި އޮތަސް މިހާރު މައިމޫން ގެ އުއްމީދު ވަނީ ވަރަށް ބޮޑަށް އާވެފައެވެ. ޒެވިޔަން ކުރީ ދުވަހު ބުނި "މިރެކްލްސް ޑޫ ހެޕެން" މިއޮތީ ދިމާވެފައެވެ. އެހާ ނުރައްކާތެރި އެކްސިޑެންޓަކުން ޒެވިޔަން ދުނިޔެއަށް ނޭވާލިކަމީވެސް ހަމަ ކަރާމާތެކެވެ. އެންމެންގެ ދުއާ ތަކުން ޑޮކްޓަރުން މެދުވެރިކޮށް ޝިފާ ދެއްވާ ފަރާތުގެ ކުޅަދުންވަންތަ ކަމުން ޒެވިޔަން އަށް ދެވަނަ ހަޔާތެއް ލިބުނީ އެވެ. އެހެން ބަލިމީހުންތައް ފެނުން އާދަވެފައި ވިޔަސް އަމިއްލަ ދަރިފުޅު މި ހާލަތުގައި އޮތްވާ ފެނުނު ދުވަހު މައިމޫން ކުޑަކުއްޖެއްހެން ރޮއިލެއްވިއެވެ. ނަމަވެސް މިހާރު ޒެވިޔަން އާއި މެދު އޮތް އުއްމީދެއްގެ ބޮޑުކަމުންނާއި އެކު ދުޢާ ކުރުމުން ހިތަށް ވަނީ ފިނިކަމެއް ލިބިފައެވެ. ޒެވިޔަން އޮންނަ ގޮތުން ހީވަނީ ރީތިކޮށް ނިދާލައިފައި އޮންނަހެންނެވެ. ރީތި ހުވަފެނެއް ދެކެމުންދާ ހެންނެވެ.

"އައި ނީޑް ޓު ޓޯކް ޓު ޔޫ ހަނީ....." ޒީބާ މައިމޫންގެ އަތުގައި ހިފާލި އިރު އަތްތިލަވެސް ހީވަނީ ގަނޑުފެން ކޮޅެއް ހެންނެވެ. ޒީބާއަށް ޒެވިޔަން އެ ހާލުގައި އޮންނަތަން ފެންނަ ކޮންމެ ފަހަރަކު ލޯ ފުރިގެން ކަރުނަ ފައިބައި ގަނެއެވެ. ވަކިވުމަކީ ކިހާ ކައިރީގައިވާ ކަމެއްކަން ކޮންމެ ފަހަރަކު އިހުސާސް ކޮށްދެއެވެ.

"ކިހިނެއްވީތަ ޒީބް؟" މައިމޫން ޒީބާގެ ކޮނޑުގައި އަތް ބާއްވާލަމުން ގަޔާއި ކައިރިކޮށްލެއްވިއެވެ. ޒީބާގެ އެދުމުގެ މަތިން މައިމޫން ޒީބާ ގޮވައިގެން ދިޔައީ އެމީހުންނަށް ޚާއްސަކުރެވިފައިވާ ސުއިޓަކަށެވެ. ޒީބާ އެއްވެސް މޭކަޕެއް އަދި ގަހަނާއެއް ނެތި ހުރުމުން ސާދާކަމަށް ދެއްކިޔަސް އެ ރީތިކަން ފަނޑުކޮށެއް ނުލެވެއެވެ. އޮމާން މޫނު ވިދައެވެ.

"ހާދަ ވަރަކަށް މިލަން އާއި ޒެއިން މަތިން ހަދާން ވަނީ، އެއީ އަޅުގަޑުމެންގެ ދަރިފުޅު ހުރި އެކަނި ނިޝާން، އެދެކުދިން ދެކޭހިތުން ދެން ކެތެއް ނުވާނެ، އެލީއަށްވެސް އެނގުމުގެ ހައްގު އޮންނާނެ، އެއީ ޒެވިޔާގެ ވައިފް....." ޒީބާ އާދޭސް ކުރަން ފެށީ އަލީނާ އާއި ކުދިން އެންމެ ފަހަރަކު ވެސް އޭނައަށް ފެންނަ ގޮތެއް ހަދައި ދިނުމަށެވެ. އަލީނާމެން އެމެރިކާއަށް ގެނެސްދިނުމަށެވެ. ޒީބާގެ އާދޭސް ތަކާއި ކަރުނައިން މައިމޫނަށް ހަގީގަތް ކިޔައިދެއްވަން މަޖުބޫރު ވިއެވެ.

"ޒީބް، ނޯ ނީޑް ޓު ވޮރީ، އެލީ އާއި ކުދިން އެބަތިބި އެމެރިކާގައި، އަހަރެމެންގެ ގެއާއި ދާދި ކައިރީގައި އެލީ އުޅެނީ، އަހަންނަކީ ދަރިންގެ އުފާތަކާއި މެދު ވިސްނާ މީހެއް... އިއްޒަތާއި، ގަދަރަށްވުރެ ވެސް ޒެވިޔާމެން ގެ ހެޕިނެސް އަހަންނަށް މުހިއްމު، އަހަރެން ފުރަތަމަ އެއީ ގޭންގްސްޓަރ ފެމިލީއެއްކަން އެނގުނީމަ ހިތްހަމަނުޖެހުނު، އެކަމަކު ފުރަތަމަ ހިތަށް އެރީ އަހަރެން ޕްލޭނެއް ކޮށްލާފައި އެލީމެން މާލެ ފޮނުވާލަން އަދި އެ ގޭންގްސްޓަރ އިން ދަންތުރައެއްގައި ޖައްސައިގެން އުމުރަށް ޖަލަށް ލާން ކަމަށް، އެކަމަކު ދެން ޒެވިޔާ އެލީ ދެކެ ލޯބިވާވަރު ފެނުނީމަ އާއި އެކީގައި އަހަރެން ގަސްތުކުރީ އެލީއަށް އެ ނުރައްކާތެރި ފެމިލީގެ ހިޔަނިވެސް އެޅުނަ ނުދޭން، އެހެންވެ އަހަރެން ޒެވިޔާ އާއި ވާހަކަ ދައްކައި ގެން އެލީއަށް އަހަރެން އަލަށް ގަނެފައި އިން ގެ ހަދިޔާ ކުރީ، އޭރުން ޒެވިޔާ އާއި ރިޔާގެ މައްސަލަ ވެސް ހައްލުވާނެ ކަމަށް ބެލީ، ދެ އަނބިން ގެންގުޅެން އޭރުން ފަސޭހަވާނެ ކަމަށް އަހަރެން ދެކުނިން. އެކަމަކު ހީވާގޮތުން ރިޔާއަށް އެކަން އެނގިގެން އިތުރަށް މައްސަލަ ގޯސްވީ........" މައިމޫންގެ ވާހަކަ ތަކުން ޒީބާގެ ލޮލުގައިވާ ކަރުނަތައްވެސް ހިކިއްޖެއެވެ. ހިތާއި ހިތުން ހެއްދެވި ފަރާތަށް ހަމްދުކުރިއެވެ. އަލީނާ ނުގެއްލެއެވެ. ޒެވިއަން އާއި މައިމޫން ގެ ރޭވުން ކިތަންމެހާވެސް ހިތްގައިމެވެ. އެމީހުން އެ ރޭވުމުގައި ޒީބާ ބައިވެރިނުކުރީ ޒީބާވެސް ހިފައިލާނީ ބޮޑަށް ރިޔާގެ ކޮޅަށް ކަމަށް ނިންމައި ގެންނެވެ. އެމީހުންނަށް ޒީބާގެ ހިތް އެނގޭނެ ނަމައެވެ. 

"މިވަގުތުވެސް ބޭނުން ކުދިންނަށް ވިޒިޓްކުރަން....." ޒީބާގެ ހިތް ބޭގަރާރުވީ ބުނެދޭން ނޭގޭހާ ބޮޑަށެވެ. 

"އާޗް އާއި އެކު ޒީބް އެގެއަށް ޖައްސާލަން ވީނު، ދެން ދެރަނުވާތި ލަވް، އިރާދަކުރެވިއްޔާ ހުރިހާ ކަމެއް ރަނގަޅު ވާނެ، އަހަރެމެންގެ ދަރިފުޅުވެސް ރިކަވަރ ވާނެކަމަށް ހިތްބުނޭ........." މައިމޫން ޒީބާ ގެނެސް މޭގައި ޖައްސަވައި ލައްވަމުން ކަރުނަތައް ފޮހެލަދެއްވިއެވެ.

އަލީނާ ކިތަންމެ ވަރަކަށް ހިތަށް ވިސްނައި ދޭން މަސައްކަތް ކުރިޔަސް އެ ބަސްނާހާ ހިތުގައި އުފެދެން ފެށި ޝައްކުތައް އޭގެ އެންމެ މައްޗަށް ގޮސް ސިކުނޑި ފަޅައިގެންދާ ވަރު ކުރަން ފަށައިފިއެވެ. އިރުއިރުކޮޅާ ޒެވިޔަންގެ ފޯނަށް ގުޅައިލެވެއެވެ. މެސެޖް ކޮށްލެވެއެވެ. ދުވާލު އެތައްފަހަރު އެ ފޯނަށް ބަލައި ލެވެނީ ޒެވިޔަންގެ ކޯލެއް ނޫނީ މެސެޖެއް ލިބިދާނެ ކަމަށެވެ. ފޯނު ރިންގްވާ އަޑަށް ކޮންމެ ފަދަ ކަމެއްގައި ހުރެފައިވެސް އަލީނާ ދުވެފައި އައިސް ފޯނު ނަގަނީ ބޭގަރާރު ކަމާއި އެކުގައެވެ. އެކަމަކު ދިހަ ދުވަސްވީ އިރުވެސް ޒެވިޔަންގެ ޚަބަރެއް ނުވިއެވެ.

އަލީނާ މޭޒުމަތީގައިވާ ކްރިސްޓަލް ވާސްގައި ރަތްފިނިފެންމާތައް އަތުރަން ހުރި އިރު އޭނަ ހުރީ ޒެވިޔަންގެ ޚިޔާލުގައެވެ. އެތައް ރީތި ހަދާންތަކެއް ހިތުގައި އާވެ ރޮވެން އުޅުނެވެ. އޮފްއަރާ ވަރަށް ބޮޑުކޮޓަރީގެ ކޮންމެތަނެއް ސާފުކޮށްފައި ހުރި އިރު ހީވަނީ އާ ތަނެއްހެންނެވެ. އެހާ ލުއި މީރުވަހެއް ހިފާލާފައި ވެއެވެ. ފްރެންޗް ކުޑަދޮރު ކައިރީގައި ބޭރަށް ބަލަހައްޓައިގެން ހުރި އިރު އެ ލޮލުގައި ބޮޑެތި ކަރުނަތިކިތައް ވިދަންފެށިއެވެ.

"އަހަންނަށް ޔަގީން ޒާވް ބޭވަފާތެރި ނުވާނެކަން، ދެން މިވީ ކިހިނެއްބާ...." އެންމެ ފަހުން ކެތްތެރިކަން ކޮޅުން ލައިގެންދާން ފެށީއެވެ. ވަކި ހިސާބަކުން އިންތިޒާރުގެ ނިމުންވެސް އަންނަ ވަގުތެއް ވާނެއެވެ. އަލީނާ އަކަށް ދެން އިތުރަށް އެންމެ މިނިޓަކަށްވެސް ކެތެއް ނުކުރެވޭނެ އެވެ. އަލީނާ އާއިޒުގެ ފޯނަށް ވެސް ގުޅިއެވެ. އާއިޒު ބުނީ ޒެވިޔަން ރަނގަޅު ކަމަށާއި އެކަމާއި މެދު ނުވިސްނުމަށެވެ. އަލީނާ ފޯނުގައިވާ ޒެވިޔަންގެ ތަސްވީރުތަކަށް ބެލުނު އަދަދެއްވެސް ނޭގުނެވެ. އެތައް ފަހަރު ރޮވިފައިހުރެ ފޮޓޯތަކުގައި ބޮސްދެވުނެވެ.

'"ނޯ، ސަމްތިން އިޒް ރޯންގް..... ވެރީ ރޯންގް، ޒާވް ރަނގަޅަށް ހުރިނަމަ މީޓްނުކޮށް ފުރައިގެނެއްވެސް ނުދާނެ، އަހަރެންގެ ފުރާނަޔަށް ކިހިނެއް ވީބާ...." އަލީނާ ސޯފާއަށް ތިރިވެ އެތާހުރި ހެއްލާ ކުޑަ އެނދެއްގައި ތިބި ކުދިން ގާތުގައިވެސް އެކުދިންގެ ޑެޑީއާއި މެދު ކަންބޮޑުވެގެން ވާހަކަދައްކަން ފެށިއެވެ. ޝަކުވާކުރަން ފެށިއެވެ. އެކުދިންނަކީ ޒެވިޔަންގެ ފުރާނައެވެ. އެކުދިންގެ ޚަބަރެއް ބަލައިނުލައި ޒެވިޔަން މިޝަންތަކުގައެއް ނުދާނެއެވެ. އަލީނާ އެކުދިންނާއި ވާހަކަ ދައްކަމުން ގޮސް ރޯން ފެށިއެވެ. މިލަން އާއި ޒެއިން ތުއްތުކަމުން ވާނުވާ ނޭގުނަސް މިދުވަސްކޮޅު އެކުދިންވެސް ފުދޭވަރަކަށް މައްސަލަބޮޑެވެ. ނިދުން މަދުވެ، ގިނައިން ރޮއި އުޅޭ ގޮތުން ހީވަނީ ޒެވިޔަން މަތިން ހަނދާން ވެގެން އުޅޭހެންނެވެ. ބައްޕަ ނެތްކަމުގެ އުނިކަން އެތުއްތު ކުދިންވެސް އިހުސާސް ކުރަނީ އެވެ. 

ޒެއިން އޮތީ ތުންކޮޅު ފިތާލައިގެން ރޮވިފައެވެ. ހީވަނީ މަންމަ ދެރަވާތީ ޒެއިންއަށް އަސަރުކޮށްފައި ވާހެންނެވެ. މިލަން އޮތީ ތަންކޮޅެއް މަޖާވެލާފައެވެ. ހީވާގޮތުން ދެކުދިންގެ މިޒާޖު ވަރަށް ތަފާތު ވާނެ އެވެ. ކޮޓަރިއަށް ވެރިވެފައިވާ އަލީގައި އެކުދިންގެ އިސްތަށި ކޮޅަށް ރަންކުލަ އަރާފައި ބައެއް އިސްތަށި ކޮޅުތައް ބުޅިވެލާފައި ވެއެވެ. ލޮލުގައި ވެސް ކަޅުކުލައަށް ވުރެ ހީވަނީ ފެހިކުލަ ގަދަކުރަން އުޅޭ ހެންނެވެ. ލޯބިކަމުން އެސްފީނާ ޖެހޭނެހާ ޗާލެވެ. އަލީނާވެސް ހުދުކުލައިގެ ސްވެޓަރަކާއި، ކަޅުކުލައިގެ ޖިންސެއް ލައިގެން ހުރި އިރު ހީވަނީ މޮޑެލެއް އެއްހެނެވެ. ކިތަންމެ ސާދާކޮށް ހުއްޓަސް އަލީނާ އެތައް އަންހެންކުދިންނެއްގެ ތެރެއިން ފާހަގަ ކުރެވޭނެ އެވެ.

ކޮންމެވެސް މީހަކު ބެލްޖެހުމުން އަލީނާ ޓިޝޫއަކުން އެ އޮމާން މޫނު ފޮހެލާފައި ހަމަޖެހެން މަސައްކަތް ކުރިއެވެ. އާއިޒުގެ ފަހަތުން ޒީބާ ވަންތަން ފެނުމުން އަލީނާ ކުޑަކޮށް ލަދުގަތެވެ. އޭނަ ރޮއިފަ ހުރީމަ ސުވާލުތައް ކުރިމަތިވާނެކަން ޔަގީނެވެ. އަލީނާ ކަރުނައިގެ ތެރެއިންވެސް ހިނިތުންވެލަމުން ގޮސް ޒީބާއަށް މަރުހަބާ ކިޔާލައިފިއެވެ. އަދި ޒީބާއަށް ދެކުދިން ދެއްކިއެވެ. އެ ލޯބި ދެކުދިން އުރާލާފައި ދޮން ދިނުމާއި އެކު ޒީބާއަށް ރޮވިއްޖެއެވެ.

"މަންމާ، މިލަންމެންގެ ވަނީ މަންމަގެ ބިއުޓިފުލް ދެލޯ...." އަލީނާ ކުދިދަތްތައް ފެންނަވަރަށް ހީލަމުން އެހެން ބުނެލުމުން ޒީބާއަށްވެސް ހެވިއްޖެއެވެ. ތެދެކެވެ. އެކުދިންގެ ފެހިލޮލަކީ ޒެވިޔަންގެ އެވެ. ޒެވިޔަންއަށް ވެސް ވާރުތަވެފައި ވަނީ މަންމަގެ އެންމެ ރީތި ސިފަކަމަށްވާ އެ ޖަވާހިރު ފަދައިން ވިދާ އެމެރަލްޑް ދެލޮލެވެ. މިފަހަކަށް އައިސް ފެހިކުލަ އަލީނާއަށް ޚާއްސަވީވެސް ޒެވިޔަންގެ ސަބަބުންނެވެ. ފެހި ޖަވާހިރު ދެކެ ލޯބިވާން ފެށީވެސް އެހެންވެއެވެ. އެކަން ދެނެގެން ޒެވިޔަން އެންމެ ފަހުން ދިމާވިދުވަހު އަލީނާއަށް ހަދިޔާ ކުރީވެސް އެމެރަލްޑް ގަހަނާ ސެޓެކެވެ.

"އަދި އެލީގެ ކާލްސް، ސޯ ބިއުޓިފުލް......." ޒީބާ އެކުދިންގެ އިސްތަށިކޮޅުން ބުޅިކޮޅެއްގައި ކުޅެލި އިރު ލޯބިން ހިތް ބަންޑުންވިއެވެ. މާތް ﷲ ގެ ކުޅަދުންވަންތަ ކަމުން އޭނަގެ ދުޢާ އިޖާބަ ކުރައްވައިފި އެވެ. އޭނަ ހިތް ބޭނުންވިފަދަ ސިފަތައް ހުރި މާމަދަރިން ތަކެއް ދެއްވައިފި އެވެ. އަލީނާ އޭނަގެ މައިދައިތަ އާއި، އާއިޒުއަށް ކާން ތައްޔާރު ކުރިއެވެ. ހޫނު ބުއިމަކާއި، ލުއި ކެއުމެއްގައި ތިބި އިރު އަލީނާއަށް ކެތްނުކުރެވިގެން އެންމެ ފަހުން ޒެވިޔަންގެ ޚަބަރު އާއިޒު ގާތުން އޮޅުންފިލުވައިފިއެވެ. ޒީބާ ގަސްތުކުރީ އަލީނާއަށް އެ ޚަބަރު ދިނުމަށެވެ. އަބަދަށްޓަކައި އަލީނާ އޮޅުމެއްގެ ތެރޭގައި ބަހައްޓަން ވެއްޖެއްޔާ އަލީނާގެ ހިތް ބޭގަރާރުވެ، ހިތާމަ ބޮޑުވެދާނެއެވެ. މިއަދު އަލީނާ ރޮއިފާ، މާދަން ކަންތައް ކުރާނެ ގޮތެއްވެސް ނޭގެއެވެ. ޒެވިޔަން ދުނިޔޭގައި އޮތިއްޔާ އަލީނާއަށް ލިބޭނެ ހިތްވަރަކަށް ވާނެއެވެ.

"އެލީ، މަންމަމެން މިހުރިހާ ދުވަހު ފޮރުވައިގެން އުޅުނީ، އަސްލު ޒެވިޔާ އެކްސިޑެންޓެއް ވެގެން އައިސީޔޫގައި އޮތީ، އެކަމަކު ޑޯންޓް ވޮރީ ދަރިފުޅާ......" ޒީބާ އެހިސާބަށް ބުނާއިރަށް އަލީނާގެ އެ ދޮންމޫނުގައި ވިހާ ފިޔާތޮށިކުލައެއް ކެނޑިގެން ގޮސް ކަފަކޮޅެއްހާ ހުދުވިއެވެ. ކުއްލި އަކަށް އަލީނާ އަރިއަޅައިލުމުން އާއިޒުއަށް ތެދުވެ ހިފެހެއްޓުނީ ކިރިޔާއެވެ. އަލީނާ އާއިޒުގެ އަތުގެ ތެރެއަށް ޚަބަރު ހުސްވެގެން ވެއްޓުނެވެ. އާއިޒު، އަލީނާ ސޯފާގައި ބޭއްވުމަށްފަހު ޒީބާމެން ފެންލައި، ފަރުވާދެނިކޮށް ދެލޯ ހުޅުވާލައިފިއެވެ. ޒީބާ ކަންތައް ވީގޮތް ކިޔައިދިނުމުންވެސް އަލީނާގެ ކަރުނަތަކެއް ނުހިފެހެއްޓުނެވެ. އަލީނާ ޒީބާގެ ގައިގައި ހިފައިގަނެގެން ރުޔެވެ. ވަގުތުން ޒެވިޔަން ދެކެން ދާން ބޭނުން ކަމަށް ވެސް އަލީނާ ބުނީ ރޮމުންނެވެ. ޒެވިޔަން ކޯމާއެއްގައި އޮތަސް އޭނަ ގޮވައިލީމަ ޔަގީނުންވެސް އެނގޭނެއެވެ. އަލީނާ ބޭނުމީ ހުރިހާ ވަގުތަކުވެސް އޭނަގެ ލޯބިވާ ޒެވިޔަންގެ ގާތުގައި ހުރުމަށެވެ. އިރުކޮޅަކަށް އަލީނާ ކުދިންގެ މަތިންވެސް ހަނދާން ނެތުނެވެ. އަލީނާ ތައްޔާރު ވެލައިގެން ނިކުތް އިރުވެސް އޭނަ އައީ ޓިޝޫއަކުން ލޯ ފޮހެމުންނެވެ. ކިތަންމެ ގިނައިން ފޮހުނަސް ހީވަނީ އެކަރުނަތަކަށް ނިމުމެއްނެތް ހެންނެވެ.

މިލަން އާއި ޒެއިން ކެހެރި ހެދުންކޮޅަކާއި އެކު ތޮފިކޮޅުތައް އަޅުވާލާފައި ވާއިރު ނިކަން ލޯތްބެވެ. އާއިޒު އާއި ޒީބާ އެކުދިން އަތްމަތީގައި ގެންގުޅުނީ ނިކަން ލޯބިންނެވެ. ކާރުތެރޭގައި އަލީނާ ބޭރަށް ބަލަހައްޓައިގެން އިންއިރު މާޒީގެ އެތައް ހަދާންތަކެއް އަލީނާ ރޮއްވަމުން ދިޔައެވެ. ފުރަތަމަ ޒެވިޔަން ފެނުނު ދުވަހުން ފެށިގެން އެންމެ ފަހު ވަގުތާއި ޖެހެންދެން ހިނގިހާ ކަމަކާއި ، ދެކެވުނު ވާހަކަތަކެއް އަލީނާގެ ހަދާނުގައި ރައްކާކުރެވިފައި ވަނީ ޑައިރީގައި ލިޔެވިފައިވާ ފަދައިން، އެހާ ސާފުކޮށެވެ. އަލީނާގެ ލޯ ދޭތެރެ އަކުން ތާޒާ ކަރުނަތަކުން ބަރާވެގަނެއެވެ. ޒެވިޔަން އެފަދަ ހާލެއްގައި އޮތްތަން ފެނުމުން އޭނައަށް ކެތްކުރެވޭނެ ހެއްޔެވެ؟ ހީވަނީ ހިތުގެ ހުރިހާ ނާރުތަކެއްވެސް ކުދިކުދިވަމުން ދާހެންނެވެ. ހިތުގެ ރިހުންގަދަވި ވަރުން ނޭވާވެސް ނުލެވޭހެން ހީވިއެވެ.

"މިއަޅާގެ އުމުރުގެ ބާކީ އޮތްބައި ވެސް ޒާވްއަށް ދެއްވައި އުމުރު ދިގުކުރައްވާދޭވެ...." އަލީނާ ހިތްފަޅިފަޅި ވެގެން ދާފަދަ އަސަރާއި އެކު ހެއްދެވި ފަރާތަށް އެތައްފަހަރު ދުއާކުރިއެވެ. އެފަރާތަށް ނޫނީ އޭނަގެ އަޑުނީވޭނެކަން އަލީނާއަށް އެނގެއެވެ. ޒެވިޔަން ކޯމާއިން ހޭއެރުމަކީ ވެސް މިހާރު އެންމެ ފަރާތެއްގެ ބާރުގައިވާ ކަމެކެވެ. އިންސާނާގެ ހަޔާތުގައި ލިޔުއްވާފައިވާ ކަންތައް ބަދަލުވާނީ އެންމެ ކަމަކުންކަން އަލީނާ ވެސް ދަނެއެވެ. އެކަނި ދުއާ އިންނެވެ.

ޒެވިޔަން އޮތް ހާލު ފެނުމުން އަލީނާއަށް މާބޮޑަށް ރޮވިއްޖެއެވެ. އަޑުވީއްލިދާނެތީ އަނގަމަތީގައި އަތްއެޅި ނަމަވެސް އެ ރީތި ދެލޮލުގައިވި ހިތްހަލާކުވާފަދަ އަސަރުތަކުން އެކުއްޖާއަށް ކޮށްފައިވާ އަސަރު ކޮންމެ މީހަކަށްވެސް ދެނެގަނެ ވޭނެއެވެ. ހިތް ރޮއިގަތީ ބާރުބާރަށެވެ.

"ޒާވް، އަހަރެންގެ ލޯބި ޒާވް، ކިހިނެއް މިވީ........" އަލީނާގެ ހިތުން ވާހަކަދައްކަމުން ލުއިކޮށް އެ މޫނުގައި ފިރުމާލި އިރު އިނގިލި ތައްވެސް ތުރުތުރު އަޅަމުން ދިޔައެވެ. ޒެވިޔަން ހީވަނީ ނިދާލާފައި އޮތްހެންނެވެ. ހާދަ ފުން ނިންޖެއްގައެވެ. އެވަގުތު އަލީނާގެ ނަޒަރު ހުއްޓުނީ އެތަނަށް ވަދެގެން އައި ރިޔާ އަށެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކާއި ދިމާލަށް ބަލައި ލެވުނީ ބީރައްޓެހި ގޮތަކަށެވެ.

ކޮމެންޓް 0