ޒާވް،ރިޔާ ޒާވް ދެކެން ހޮސްޕިޓަލަށް ނައީ އަހަރެންގެ ސަބަބުން، އައިމް ސޮރީ....." އަލީނާ އެދުވަހު ހިނގި ހާދިސާ ނިޔަލަށް ކިޔައިދިނީ އެންމެ ތަންކޮޅެއްވެސް ވައްޓާ ނުލައެވެ.

"ރިއަލީ؟ އަހަރެންގެ އެލީވެސް ހާދަ ވައިލްޑް ވެއްޖެޔޭ ދޯ، އިޓްސް އޯލްރައިޓް، ދެން އެލީވެސް ރުޅިއައިމަ އެއްޗެކޭ ބުނެވިދާނެ ދޯ، އެއީ އެފަދަ ސިޗުއޭޝަންގައި ވެދާނެ ގޮތެއް، ރިޔާވެސް ވަރަށް އިމޯޝަނަލް ދުވަސްކޮޅެއް، އެހެންވެ ކަންނޭގޭ ޗެލެންޖަކާއި ނުލައި ވަގުތުން ދުރަށް ދިޔައީ....." ޒެވިޔަންއަށް ރިޔާ އެގޮތަށް ހެދި ސަބަބު އެނގުމުން ހިތުގައި ރިޔާ އާއި މެދު އޮތްހާ ޝަކުވާއެއް ފިލައިގެން ދާން ހިނދުކޮޅެއްވެސް ނުނެގިއެވެ. އެއީ އޭނަ ދެކެ ލޯބިވާ ކުއްޖެއް ކަމަށް ފެށުނީއްސުރެ އޭނަ ދެކެއެވެ. ދެން ދެ އަންހެނުން ގެންގުޅެން ވެއްޖެއްޔާ އެފަދަ ކޫސަނި ހާދިސާތައް ހިނގާނެއެވެ. ޒެވިޔަންގެ އުއްމީދަކީ ރިޔާއަށް ހެޔޮ ވިސްނިގެން އެނބުރި އައުމެވެ.

"ހޫމް ޒާވް، ރިޔާއަށް ވަރަށް ހާޓްވާނެ، ޒާވް ރިޔާ ބަލައި މާލެ ދިޔައިމަ އެންމެ ރަނގަޅު ވާނީ......" އަލީނާ ހީލި ގޮތުން އެ ހުދު މުތީތަކެއްފަދަ ދަތްތައް ފެނިލި އެވެ. ޒެވިޔަން ބުމަ އަރުވާލީ ހަމަ ތެދެއްހެއްޔޭ ބުނާފަދަ ގޮތަކަށެވެ. އަލީނާ އާއި ރިޔާ ހަމަ ރަނގަޅަށް ވެސް އެކަކު އަނެކަކާއި މެދު ހިތް ސާފުވާނެ ކަމާއި މެދު ސުވާލު އުފެދުނެވެ. ދެ އަންހެންކުދިން ވެސް އެކުއްޖެއްގެ ގޮތުގައި އޭނަ ދެކެ ލޯބިވާ އިރު އެހާ ހިތްހަމަޖެހިލައިގެން އުޅެވިދާނެ ހެއްޔެވެ؟ ޒެވިޔަންގެ ދަގަތްފާނުގެ ބާރު އެކުލެވޭ ލޮލުން ބަލަހައްޓައިގެން އިން ގޮތަކުން އަލީނާ ގެ މޫނަށް ހޫނުވާންފެށިއެވެ.

"ރިޔާ އަމިއްލައަށް ދިޔައީ، އަންނަންވީމަ އަންނާނެ، އެކަމާއި އަހަރެންގެ ލޯބި ވިސްނާކަށް ނުޖެހޭ، ރިޔާ އަކީ ވެސް ބިގް ގާލް އެއް........." ޒެވިޔަންގެ އަތުގެ އިނގިލިތައް ކަނދުރާގައި ޖެހުމުންވެސް އަލީނާއަށް ލޯ މަރައި ލެވުނީ ކުރެވުނު ފޮނި އިހުސާސެއްގެ ބޮޑުކަމުންނެވެ.

"ޕުއަރ ގާލް، ވަރަށް ވަރަށް ދެރަވެފައި ރިޔާ ހުރީ، އައި މޭޑް ހާ ރިއަލައިޒް ކިހާ ބޮޑު ކުށެއްކަން އޭނަ ކުރީ، ދެން ރިޔާ ޒާވްދެކެ އެވަރަށް ލޯބިވާއިރު ދުރަށް ދާނީ ވަރަށް ހިތްދަތިވެ ގިލްޓީވީމަ އެއްނު، ޕްލީޒް ބްރިންގް ހާ ބެކް، އެހެން އަންހެންކުއްޖެއްގެ ދިރިއުޅުން ހަލާކުކޮށްލާފައި އެއްގޮތަކަށް ވެސް ހިތަކަށް ހަމަޖެހުމެއް ނުލިބޭނެ، އެހެންނޫނަސް މަންމަމެންވެސް އެތިބީ ރިޔާ އާއި މެދު ކުށްހީއެއް ކުރެވިފައި، ބޭނުން މަންމަމެން ގާތު ހަގީގަތް ކިޔައިދޭން، ދުވަހަކު އެހާ ގަދަޔަށް ކަމަކާއި ރުޅިއައިކަމެއް ނޭގޭ، ޒާވް ދެން އަލުން ދުނިޔެއަށް ނާންނާނެ ކަމުގެ ބިރު ހުރިހާ ކަމަކަށް ވުރެ ބޮޑުވި، އެހެންވެ ރިޔާއަށް ބަވާލެވުނީ، އައި ޝުޑުންޓް ހޭވް ޑަން އިޓް، ރިޔާ އާއި ދިމާލަށް އެއްޗެހި ކިޔުނީމަ ފަހުން ވަރަށް ގިލްޓީވި، ވަރަށް ދެރަވި، އެވްރީތިން ވޯޒް މައި ފޯލްޓް، ބޭނުން ރިޔާ ގާތުން މާފަށް އެދެން.........." އަލީނާ ޒެވިޔަންގެ ގާތުގައި ދެއްކި ވާހަކަ ތަކުން ޒެވިޔަންގެ ހިތުގައިވާ ލޯބި އިތުރުވުން ނޫންކަމެއް ނުވިއެވެ. ޒެވިޔަން "މައި ލިޓްލް އެންޖެލް" އޭ ބުނަމުން އޭނަގެ ބާރުގަދަ އަތުގެ ތެރެއަށް އަލީނާ ގެނައީ ދުވަހަކު ވެސް ދޫކޮށްލަން ބޭނުން ނުވާފަދަ ގޮތަކަށެވެ.

"ޑޯން ވޮރީ ޑާލިން، އަހަރެން ބަލާނަން ފެއަރކޮށް ކަންތައް ކުރަން........" ޒެވިޔަން އަލީނާގެ ލޮލަށް ބަލައިލީ ދާދި ކައިރިންނެވެ. އެލޮލުގެ އެސްފިޔަތަކުގައި ބޮސްދިންއިރު އެކުރެވުނީ ތަފާތު އިހުސާސް ތަކެވެ.

މައިމޫންގެ ދެމަފިރިން އެގެއަށް އައުމުން އަލީނާ އެ ދެމަފިރިންނަށް އޭނަ އާއި ރިޔާ އާއި ދޭތެރޭގައި ހިގި އަރައިރުން ގަނޑުގެ ވާހަކަތައް ޒެވިޔަން ކިޔައިދިނީ އަލީނާގެ އެދުމުގެ މަތިންނެވެ. ހަގީގަތް އެނގުމުން ޒީބާ ވެސް ދެރަވިއެވެ. އެމީހުންނަށް ރިޔާ އާއި މެދު ކުރެވުނީ ކުށްހީއެކެވެ. ހަގީގަތުގައި ރިޔާގެ އެހުންނަ ކޫސަނި ރުޅިގަނޑެއްގެ ސަބަބުން އެފަދަ ކަމެއް ކޮށްލިޔަސް އެއީ ގަސްތުގައި ޒެވިޔަންއަށް އެފަދަ ލަނޑެއް ދޭންކުރިކަމެއް ނޫންކަން ފުރަތަމަ ދުވަހުވެސް ޒީބާ ގަބޫލު ކުރިއެވެ. އެކަމަކު ޒެވިޔަން އަކީ އޭނަގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅެވެ. އެދަރިފުޅު ދިރިހުރުމާއި މަރާއި ދެމެދު ހަނގުރާމަ ކުރަމުން ދިޔަ ވަގުތެއްގައި ޒީބާއަށް ވެސް ރިޔާއަށް މާފުކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އެއީ ވާނެ ކަމެއްނޫނެވެ. ނަމަވެސް މިހާރު ޒެވިޔަން އެނބުރި އައުމަށްފަހު ހާލަތު މިވަނީ ތަފާތުވެފައެވެ. ރިޔާއަށް މާފު ދޭން ޒެވިޔަން އަށް ފެނިއްޖެއްޔާ އެދެމަފިރިންވެސް ޒެވިޔަންގެ ނިންމުމަށް އިހުތިރާމް ކުރާނެ އެވެ. އެކަމަކު ރިޔާއަށް ކައުންސެލިން ދީ އޭނަގެ ވިސްނުން ބަދަލުކުރަން ވެސް ޒީބާ ޒެވިޔަންއަށް ލަފާދިނެވެ.

އަމީން އާއި ދަރިން ބައިވެރިވެގެން މާލެއިން ވަރުގަދަ ގެއެއް ގަތީ އެތައް މިލިއަން ރުފިޔާ އަށެވެ. އެގެ ގަތުމަށްފަހު އަމީންގެ އަތްހުސްވެ ދަރަނިވެރިވިޔަސް އޭނަގެ ފަރުވާލެއްނެތެވެ. މާލެއިން ދިހަބުރީގެ އިމާރާތެއް އަމިއްލަ ވުމަކީ މި ޒަމާނަށް ބަލާއިރު ވެރިކަމެއް ލިބުން ފަދަ ނަސީބެކެވެ. އަތުގައި އެހެން އެއްޗެއް ނެތަސް ގެއެއް ހުރިއްޔާ ފަޚުރުވެރި ވެވޭނެ އެވެ. އޭނަގެ ދޮންދަރިންނަށް ވިޔަސް އާފާގު އާއި އާޒިމް އާއި ގާތްގުޅުމެއް ބާއްވަން ފެށީ އެދެމީހުންވެސް ލާރި ގެންގުޅޭލެއް ގިނަވީމައެވެ. އާފާގުމެން އޭނައަށް އިހުތިރާމް ކުރީ އެމީހުންނަކީ ވެސް ދަރިންގެ ގޮތުގައި އަމީން ބަލައިގަނެ ނަންވެސް ދީފައިވާތީއެވެ. އެމީހުންނަށް ހުރިހާ ހަގީގަތެއް އެނގި ތިއްބަސް އެވާހަކަ ދެއްކުމަކީ މުހިއްމު ކަމަކަށް ނުވިއެވެ. ފާފަ ކުރީ މަންމަ އެވެ. މަންމަ ވަނީ މަރުމަތީގައި ފާފައަށް އެއްބަސްވެ ދަރިންގެ ގާތުން މާފަށް އެދިފައެވެ. އަދި އަމީން އާއި މެދު ހެޔޮކޮށް ހިތަން ވަސިއްޔަތް ކޮށްފައެވެ. ކިތަންމެ ނުބައި ބަޔެއްގެ ވެސް އިންސާނިއްޔަތުގެ ކަންފުޅެއް ވެދާނެއެވެ. ނޫނީ އަޚުލާގު ރަނގަޅު ސިފަތަކެއް ވެސް ހުރެދާނެއެވެ. އެމީހުންވެސް މަންމަގެ ވަސިއްޔަތަށް ކަމޭހިތިއެވެ. 

މާލޭގެ އެބޮޑުގޭގެ ހަތަރުބައި ކުއްޔަށް ދީފައި އާފާގުމެން އުޅެނީ އެންމެ ތިރީގެ ދެ އެޕާޓްމެންޓް ގައެވެ. މުއްސަނދި މަހުޖަނުންނަށް ވުމުން އާފާގު ވަނީ އޭނަގެ ކޮއްކޮ އިޔާންގެ ގާތުގައި ވެސް އެގެއަށް ބަދަލުވުމަށް އެދިފައެވެ. އޭރު އިޔާންވެސް ހުރީ ވަންނާނެ ތަނެއް ނޭގިފައި ކަމުންނާއި ބޭބެމެންގެ ނުރައްކާތެރި ކަމުގެ މިންވަރު އެނގިފައި ވާތީ މާބޮޑު ދެކޮޅު ހެދުމެއްނެތި އެގެއިން ލިބުނު ކޮޓަރި ހޯދިއެވެ. ނާހީ އަދިވެސް އުޅެނީ "އޯޓަމް ބްލޭޒް"ގެ ނޯކަރެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު ވަޒީފާ ނިންމާލާފައި އަންނަން އަމިއްލަ ތަނެއް ހުރުމުން ނާހީ ވެސް ހުންނަނީ އުފަލުންނެވެ. އެގެ ހުންނަނީ ވެސް އޯޓަމް ބްލޭޒް އާއި ދާދި ކައިރީގައި ކަމުން ފަސްވަރަކަށް މިނިޓުން ހިނގާލައިފައި ވެސް ދެވެއެވެ. ނާހީއަށް އެންމެ މަޖާކަމަކަށްވީ އޭނަ އާއި ސީމާ އެއް އެޕާޓްމެންޓް ހިއްސާކުރަން ޖެހުނީމައެވެ. އެމީހުންގެ ބޮސްއަކަށް ވެގެން އެއްޒަމާނެއްގައި މާ ފޮނިވެގެން އުޅުނު އަންހެން މީހާ އަކީ މިހާރު އިޔާންގެ ދޮންމަންމަ އެވެ. އޭނަވެސް މަންމަ ކިޔަންޖެހިފައިވާ މީހެކެވެ. ދެމީހުން އޮޅިގެންވެސް އެކީގައި ބަދިގެއަށް ވަދެއްޖެއްޔާ ސީމާ ރުޅިއައިސްގެން އަނދައިގަނެއެވެ. އެދެލޮލުން ނާހީ ފިއްސާލަފާނެހެން ހީވެއެވެ. ނާހީ ހުންނަނީ ހެވިފައެވެ.

ބޯކޮށް ވެހެމުންދާ ވާރޭގެ ތެރޭގައި ސީމާ ކުޑަ އަޅައިގެން ހުރެ ގެއަށް ވަންނަން އައި އިރު އާފާގު އާއި އާޒިމް ޓީވީ ބަލަން ސިޓިން ރޫމްގައި ތިއްބެވެ. އެދެމީހުން ހައި ޖަހާލުމުން ސީމާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަލީނާ އާއި އިޔާންހެން މައުސޫމްކޮށް ނެތި ތަންކޮޅެއް ވަރުގަދަކޮށް މިމީހުން ތިބޭތީ ސީމާ ގަންނަނީ އަމަށަކު ބިރެއްނޫނެވެ. ސީމާ އެއްގޮތަކަށް ވެސް އެދެމީހުންނަކަށް އިތުބާރެއް ނުކުރެއެވެ. އޭރު ވާރޭވެހޭލެއް ބޯކަމުން ލައްޕާލައިފައިވާ ކުޑަދޮރުތަކަށް ވެސް ވާރޭގެ ބޮޑެތި ތިކިތައް ވިއްސައިގެން ގޮސް ބޭރު ފެންނަނީ ފުސްގަނޑެއް ހެންނެވެ. އެދިމާލުން ބޭރުގައި ހުރި ކުންނާރު ގަސް ވެސް ހީވަނީ ވައިގެ ހަމަލާތަކަށް ކެތްނުކުރެވިގެން ބިމުން ލުއްސައިގެން ހިނގައިދާނެ ހެންނެވެ. ސީމާ ކުޑަ އެއްފަރާތެއްގައި ބަހައްޓާފައި ބާރުބާރަށް ސިޑިން އަރައިގެން ދިޔަތަނާ އަމީންގެ ސުވާލުތަކާއި ކުރިމަތިވިއެވެ. ސީމާގެ ފަރާތުން އަމީންއަށް އިވުނީ އޭނަ އުއްމީދު ކުރިފަދަ ޖަވާބެއް ނޫނެވެ.

"މިވަގުތު ގުޅާފައި ދާވިޝް ކައިރީ ބުނޭ ލާރި ބޭނުމޭ، މަށަކަށް އިތުރު އެންމެ ދުވަހަކަށްވެސް ކެތެއްނުކުރެވޭނެ....." އަމީން އަމުރުކުރިއެވެ.

"މި ވިއްސާރައިގައި ލާރި ނަގަން ދެވޭނީ ކިހިނެއްތަ؟ މިއުޅެނީ އުޅެ އުޅެ ދާވިޝްއަށް ނުވެސް ގުޅިގެން....." ސީމާގެ އެ ޖުމްލައާއި އެކު އަމީން ފުންމައިގެން އައިގޮތަށް ސީމާގެ މޫނަށް އެތިފަހަރެއް ވީއްލާލައިފިއެވެ. އެވަގުތަކީ ރިޔާއަށް އެޕާޓްމެންޓްގެ ދޮރުން އެތެރެއަށް ވަދެވުނު ވަގުތެވެ. އެ ފެނުނު މަންޒަރަކުން ރިޔާގެ ލޭ ކެކިގެން ހިނގައްޖެއެވެ. އޭނަގެ މަންމައަށް މީހަކު އެގޮތަށް އަނިޔާ ކުރާއިރު އެމަންޒަރު ދެކެން އޭނަވީ ހިމޭނުން ހުންނަން ހެއްޔެވެ؟ ރިޔާ އައިގޮތަށް އަމީންގެ މޫނުގައި އެތިފަހަރެއް ޖެހުމުން އަމީންއަށް އިރުކޮޅަކަށް ހުއްޓުން އަރާފައި ހުރެވުނެވެ. އަނގަ ސަކަރާތްވިއެވެ. ގަބޫލުކުރަން ދަތިވެފައެވެ. ނަމަވެސް އަމީން އަށް ފޯނެއް އައުމުން އޭނަ އުފުލާލި އަތްވެސް ތިރިކޮށްލާފައި އަވަހަށް ސިޑިން ފައިބައިގެން ދިޔައީތީ ސީމާ ހިތާހިތުން ޝުކުރުވެރިވިއެވެ. ދެވަނަ ސިކުންތުކޮޅުގައި އޭނަ ރިޔާގެ ކޯތާފަތްމަތީގައި ޖެހިގޮތަކުން ރިޔާއަށް ސިހުމެއް ލިބުނެވެ.

"ރިޔާ، އެހާވަރަށް ބުނީމެއްނު މިގެއަށް ނާންނާށޭ، ވައި ޔޫ ކާންޓް ލިސެން ޓު މީ، ބަސްނާހާތީ ހުރިހާ ކަމެއް ރިޔާއަށް ތި ދިމާވަނީ....... އަންޑަސްޓޭންޑް. މިގޭގައި އުޅެނީ މޮންސްޓަރސް އިން، އެއިން މީހަކަށް ރިޔާ ފެނިއްޖެއްޔާ އެހިސާބުން ނިމުނީ......." ސީމާ އަށް ކަޅިއަޅައި ލެވުނީ ދަރިފުޅާއި ދިމާލަށެވެ. މިފަދަ ގެއެއްގެ ހަޑިކަމާއި، ނުސާފުކަން ރިޔާގެ ގައިގައި އުގުޅިދާނެތީ މިހާރު ސީމާ މިވަނީ ބިރުގެންފައެވެ. 

ނާހީވެސް އޭނަގެ ކޮޓަރިން ބޯ ދިއްކޮށްލާފައި ރިޔާ ފެނުމުން ހުރިހާ ދަތްތައް ފެންނަވަރަށް ހީލައިފިއެވެ. މުއްސަދިންނާއި، ފަގީރުންގެ ދިރިއުޅުންވެސް ގުޅި ލާ މެހެން އިރާދަކުރައްވައިފިއްޔާ އެކަމަށް އެއްވެސް ހުރަހެއް ނޯންނާނެކަން އެމީހުންގެ ހަޔާތުން މިލިބުނު އިބުރަތުން ރިޔާއަށް އެނގިއްޖެއެވެ. އޯޓަމްބްލޭޒްގައި ރަނިކަން ކުރި މީހުންނާއި ނޯކަރުކުދިން މިހާރު މިވަނީ އެކައްޗަކަށް ވެފައެވެ.

"ހެޔޮނުވާނެ، ގޯ ބެކް ޓު އެމެރިކާ، އެއީ ރިޔާގެ ރަށަކީ، ރިޔާގެ މީހުންނަކީ އެއީ، ކިތަންމެ ހާލުގައި އުޅެންވިޔަސް އަމިއްލަ ރަށާއި އާއިލާ ދޫކޮށްލާކަށް ނުވާނެ ދަރިފުޅާ، ނޫނީ މަންމައަށް ލިބުނު ލަނޑު ލިބިދާނެ....." ސީމާ ގެ ލޮލުން އޮހިގަތް ކަރުނަތައް ކޯތާފަތް މަތިން ދެމިގަތްތަން ފެނުމުން ރިޔާ ހުރީ ގަނޑުވެފައިވާ ބުދެއްހެންނެވެ. އޭނަގެ މަންމަ މި ވެއްޓި ގަތީ ކޮންފަދަ ބޮޑު އަނދަވަޅަކަށް ހެއްޔެވެ؟ ރިޔާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާނިތަކެއް ޖަހަންފެށިއެވެ. މަންމައަށް ހެޔޮ ވިސްނުން އެއައީ މާފަހުންނެވެ. ލިބުނު ރީތި ދިރިއުޅުން އަމިއްލަ އަތުން ވެއްޔާއި މޮޑެލެވުނީ އެވެ.

ހަވީރުވީއިރަށް އުޑުމަތީގައި ވިލާތައް ބޯވެ ކަޅު ސާލެއްފަދައިން ފަތުރާލުމަށްފަހު އިރުގެ އަލިކަމުން ދުނިޔެ މަހުރޫމް ކޮށްލައިފި އެވެ. ބޮޑެތި ވިލާގަނޑުތައް ދަތުރުކުރަމުން ދިޔަގޮތުން ހީވަނީ ފުރޭތަތައް އެކަތި އަނެކަތި ފަހައި ދުވަމުން ދާހެންނެވެ. ދޭތެރެއަކުން އަންނަ ބާރުގަދަ ވައިގެ ހަމަލާތަކަށް ކެތްނުކުރެވިގެން ގަސްތައްވެސް ހީވަނީ ބިންމަތިން ލުއްސާލައިގެން ހިނގައިދާނެ ހެންނެވެ. 

ރިޔާ އެނދުގެ ބާލީހުގައި ބައްދާލައިގެން އޮތްއިރު ކޮންމެފަހަރަކު ވިދުވަރުގެ އަލި ފެނުމާއިއެކު ބޭއިޚުތިޔާރުގައި ކަންފަތުގައި އަތްއަޅާލެވެއެވެ. ޒެވިޔަންގެ މަތިން ހަދާންވިވަރުން ލޮލުން ކަރުނަ އޮހިގަތެވެ. މިފަދަ ވިއްސާރަ ރޭތަކުގައި އޭނަ އަބަދު ހޯދީ ޒެވިޔަންގެ އަތުގެ ހިމާޔަތެވެ. އެހެން އެއްވެސް ކަމެއް ޒެވިޔަންގެ ފަރާތުން ބޭނުން ނުވިޔަސް ޔަގީނުންވެސް ރައްކާތެރިކަން އޭނަ ވެސް ބޭނުމެވެ. ރިޔާގެ ޅަހިތް ރޫރޫއަޅަންފެށިއެވެ. އެކަނިވެރިކަން ސާލެއްފަދައިން އޭނަ ވަށާލައި ނޭވާ ހާސްކުރުވަން ފެށިއެވެ.

"ޒެވިޔާ، ޕްލީސް ކަމް ބެކް، އަހަރެން ބިރުންގޮސް ހަލާކުވެދާނެ........" ރިޔާ ގިސްލަންފެށި ނަމަވެސް އެއަޑު ވާރޭގެ ބާރު އަޑުތެރެއަށް އޮބިގެން ހިގައްޖެއެވެ. އެއަޑު އަހާނެ މީހެއް ނެތެވެ. އޯޓަމް ބްލޭޒްގެ ނޯކަރުންވެސް މިގަޑީގައި ތިބޭނީ ނިދާލާފައެވެ. އޭނަ މިހެން އެކަނިމާ އެކަނި އުޅެން ޒެވިޔަންގެ ހުއްދައެއް ނޯންނާނެއެވެ. ނަމަވެސް ޒެވިޔަންގެ އަމުރާއި ޚިލާފުވެ އޭނަވެސް މިހިރީ އައިސްފައެވެ. މިގެއިންވެސް ރައްކާތެރިކަން ލިބޭނެކަމުގެ ޔަގީންކަމެއް ނުވާނެއެވެ. ނޯކަރުންގެ ހިތް ސަކަރާތްވާނީ އިންޒާރުކޮށްފައެއް ނޫނެވެ.

އެންމެ ފަހުން ރިޔާ ޒެވިޔަންގެ ފޯނަށް ގުޅައިފިއެވެ. ސިމް ބަދަލުކޮށްގެން އުޅެގެން އޭނައަށް ލިބޭނެ މޮޅެއް އޮތީއެއްނޫނެވެ. އޭނަ އަމިއްލައަށް ފިލައިގެން އުޅުނަސް އުދަގޫވާނެ މީހެއް ހުންނާނީއެއް ނޫނެވެ. ޒެވިޔަން ދެވަނަ ރިންގާއި އެކީގައި ފޯނުނަގާފައި އެ ފިރިހެންވަންތަ އަޑުން ހަލޯއޭ ބުނެލުމާއި އެކު ރިޔާގެ ކަންފަތުގައި ފޮނިރާގެއް ކުޅެލިހެން ހީވިއެވެ. އެތައް ދުވަހެއްފަހުން އެރީތި އަޑު އިވުމުން ޒެވިޔަން ދެކޭހިތުން ކުރިއަށް ވުރެ ހިތް ބޭގަރާރުވިއެވެ.

"ޒެވިޔާ، އިޓްސް މީ...." ރިޔާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދާންފެށިއެވެ.

"އައި ނޯ.... ކޮންތާކު ތިހިރީ؟" ޒެވިޔަންގެ އަޑު އިވެނީ ހަމަ ކިރިޔާއެވެ. ވާރޭވެހޭލެއް ބޯކަމުން ގޮސް އެހެން އަޑެއް އިވޭނީ ކިހިނެއް ހެއްޔެވެ؟ އެތައް މިލިއަން ތިކިތަކުން ފުރާޅުގައި ބޮސްދެމުންދާއިރު ހީވަނީ މިއިން ދުވަހަކުވެސް ވާރޭހުއްޓާ ނުލާނެހެންނެވެ.

"އޯޓަމް ބްލޭޒްގައި، ވަރަށް ގަދަޔަށް ތަންޑަރ އަދި ލައިޓްނިންވެފައި އެހާ ބޯކޮށް ވާރޭވެހެނީ، އައިމް އެލޯން ހިއަރ، ސޯ ސްކެއަޑް...." ރިޔާއަށް ގިސްލެވެން ފެށިއެވެ. ހީވަނީ ކޮންމެ ވަގުތަކުވެސް ނުފެންނަ އަތަކުން ކުޑަދޮރު ހުޅުވާލާފައި މީހަކު އެތެރެއަށް ދެމިގެންފާނެ ހެންނެވެ. މިޒަމާނުގައި އެއްވެސް އިންސާނަކަށް އިތުބާރުކުރާކަށް ނުވާނެއެވެ.

"ރިލެކްސް ބޭބީ ނަތިން ވިލް ހެޕެން، ވެއިޓް އިނގޭ، އަހަރެން އިރުކޮޅަކުން ގުޅާނަން......" ޒެވިޔަން ފޯނު ކަނޑާލާފައި އޭނަގެ އެކުވެރިއަކަށް ގުޅާލައިފައި ރިޔާއަށް އެހީވާން އެދުނެވެ. ކިތަންމެ ދުރުގައި ހުއްޓަސް ރިޔާއަކީ އޭނަގެ ޒިންމާ އެކެވެ. ރިޔާގެ ސަލާމަތާއި މެދު އޭނަ ވިސްނަން ޖެހޭނެ އެވެ. އޭނަގެ ރައްކާތެރި ކަމާއި މެދު އެޅެންޖެހޭ ހުރިހާ ފިޔަވަޅެއްވެސް އަޅާނެއެވެ. އެރޭވެސް ޒެވިޔަން އޭނަގެ ވާޖިބު އަދާކޮށްގެން ރިޔާގެ ހިތުގައި ވާ ގަދަރު ހައްތަހާ މަތިވެރިވި އެވެ. ޒެވިޔަން އާއި މެދު އެހާބޮޑަށް އަނިޔާވެރިވެފައި ހުރިކަން ހަނދާން ނައްތާލާފައި އޭނައަށް އެހީވެދިނީ އެވެ. ހާދަ ރަނގަޅެވެ. އެހާ ރަނގަޅު ފިރިޔަކު އެހެން މީހަކަށް ނުލިބޭނެއެވެ. ރިޔާއަށް ނިދުނީ އެތައް ދަމެއްވީ ފަހުންނެވެ. އާއިލާގެ ދެމަފިރިއެއް އެގޭގައި ނިދަން އައުމުން ރިޔާގެ ހިތަށް ހަމަޖެހުން ލިބުނު ނަމަވެސް އޭނަ އޮތީ ދެރަވެފައެވެ. ވާރޭ ތުނިކޮށްލި ނަމަވެސް އޭނަގެ ލޮލަކަށް ނިންޖެއް ނައެވެ. މާބޮޑަށް ޒެވިޔަންގެ މަތިން ހަދާންވީއެވެ. 

ޒެވިޔަން ދެއްކި ވާހަކަތަކުން އެހާބޮޑަށް ޖަޒުބާތީ ވެވުނެވެ. ޒެވިޔަން އެއްގޮތަކަށްވެސް އެކްސިޑެންޓްގެ ވާހަކަ ދައްކައިގެން ރިޔާ ކުށްވެރި ކުރާކަށް ނޫޅުނެވެ. ރިޔާއަކަށް ވެސް މާފަށް އެދޭކަށް ނުކެރުނެވެ. އޭނަ އެންމެ އަޖައިބުވަނީ ޒެވިޔަން އާއި އެކު އުޅެއުޅެވެސް އޭނައަށް އަދި ކިރިޔާ ދަސްވާން ފެށީމައެވެ. ޒެވިޔަންގެ އެހުންނަނީ ތަފާތު މިޒާޖެކެވެ. ލޯބިވަމޭ ނުބުންޏަސް އަމަލުން އޭނަ އަޅާލާވަރު އަންގާދެއެވެ. އަދި މިފަހަރުވެސް ރިޔާ އާއި ދިމާލަށް އޭނަ މާލެ ނުދާށޭ ބުނެފައި އޮތްވާ ދިޔައިމަ ވާކަންތަކޭ ކިޔައިގެން މައްސަލަ ގަނޑަކަށް ހަދާން ނޫޅެ އެކަންވެސް އޮއްބާލާފައި ރިޔާއަށް އެހީވީއެވެ. ޒެވިޔަން ބުނިގޮތުން ބައްޕަ އަދި އޭނަ ދަތުރުކުރާކަށް ހުއްދައެއް ނުދެއްވައެވެ. އެހެންނޫންނަމަ އޭނަ މާލެއަށް ރިޔާ ގާތަށް އައީހެވެ. ތަފާތު ޒުވާނެކެވެ. ރިޔާއެކި ގޮތްގޮތަށް ވިސްނިވަރަކަށް އަމިއްލަ ނަފުސް ކުށްވެރިކުރެވި ލޮލުން އައި ކަރުނަ އިތުރުވިއެވެ. ކިރިޔާ ކޮށްލެވޭ ހަރަކާތަކުން ނޫނީ ބުނެވޭ އެއްޗަކުން މި ނާޒުކް ގުޅުމުގެ ވާފަށް ކެނޑިގެން ހިނގައިދާނެއެވެ.

ދާވިޝް އާއި ޖެމާ ކާރުން ފައިބައިގެން ގޮސް ގޭގެ ފެންޑާއަށް އެރިއިރަށްވެސް ދެމީހުން ކޮންމެވެސް ވަރަކަށް ތެމިއްޖެއެވެ. ބަގީޗާގެ ބޮކިތަކުގެ އަލީގައި ވާރޭ ވެހޭ މަންޒަރު ފެންނަނީ އެތައް ހާސް މުތީތަކެއް ބިމަށް ފައިބަމުން ދަމުންދާފަދައިންނެވެ. ފެންޑާއާއި ކައިރިއަށް ހުރި ސަންފްލާވަރ، ލެވެންޑަރ އަދި ފިނިފެންމަލުގެ ފިޔަތައްވެސް ވާރޭގެ ތިކިތަކުގެ ސަބަބުން ތެމިފައިވާއިރު ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ޖެމާ ހީކަރުވައިގެން ގޮސް ރޫރޫއަޅަން ފެށިއެވެ.

"ބޭބީ، ހެދުން ބަދަލުކޮށްލައިގެން ބެޑަށް ދަނިކޮށް ހީފިލާނެ، އެކަމަކު ދިގު ދަތުރަކަށްފަހު މާ ޓަޔަޑްވެސް ވީ ދޯ، ޑޯން ވޮރީ، އަހަރެން ކޮށްލަދޭ މަސާޖުން ރިލެކްސް ވާވަރުން އަރާމުކޮށް ސްލީޕްކޮށްލެވިދާނެ......" ދާވިޝް ޖެމާ ގަޔާއި ކައިރި ކޮށްލުމުން އެހަށިގަނޑުގެ ހޫނުކަން ލިބި ކޮންމެވެސް ވަރަކަށް އަރާމުވިއެވެ. ދެ ޒުވާނުން ގެއަށް ވަދެ ތެތްހެދުން ބަދަލުކޮށްލުމަށްފަހު ވަގުތުން އެނދަށް އެރިއެވެ. އޭރު ވާރޭގެ ބޮޑެތިކިތައް ފުރާޅުމަތީ ޖެހިގަންނައަޑު ހައްތަހާ ބާރުވިއެވެ. ކުޑަދޮރުތައްވެސް ހީވަނީ ތެޅިދާނެހެންނެވެ. ވިއްސާރަ ރެއެކެވެ.

"ޖެމް،ވަން މިނިޓް އިނގޭ. އައި ވިލް ބީ ބެކް...." ދާވިޝް އާއި ދެމީހުން އެނދުގައި ހަމަޖެހިލުމާއިއެކު ދާވިޝް ބޭރަށް ދިޔުމުން ޖެމާ ހިތްހަމަނުޖެހޭ ގޮތްވިއެވެ.

ރިޔާ އެނދުމަތީގައި ބަންޑުން އޮތްވާ މީހަކު އަތުގައި ހިފައިލުމުން ސިހިފައި ބަލައިލި އިރު ދާވިޝް އެނދު ކައިރީގައި ހުރުމުން ފުރަތަމަހީވީ ހުވަފެނެއް ކަމަށެވެ. އޭނަގެ ދޮންބެ އަންގައިވެސް ނުލާ އައިސްދާނެ އެކޭ އެއްގޮތަކަށް ވެސް ހިޔެއްނުކުރެއެވެ. ނަމަވެސް ބައެއްފަހަރަށް ނަސީބުގައި ސަޕްރައިޒް ތައްވެސް ލައްވާފައިވެއެވެ. ރިޔާ ފުންމައިގެން ތެދުވިގޮތަށް ދާވިޝްގެ ގައިގައި ހިފައިގަންނަމުން ދާވިޝްގެ ކޯތާފަތުގައި ބޮސްދިނެވެ.

"ވަޓް އެ ޕްލެސެންޓް ސަޕްރައިޒް ބްރޯ..... ވަރަށް އެކަނިވެފައި ހުއްޓާ ތިއައީ. އެކަނިތަ؟" ރިޔާ ކުޑަކޮށް ހީލާފައިވެސް ތުންފިތާލީ އަމިއްލަ ހާލަތު ހަދާންވުމުންނެވެ. ދާވިޝް އަޔަސް އެ ހިތާމަ ފިލާނީ ކިހިނެއް ހެއްޔެވެ؟

"ޒެވިޔާ ގެ އޯޑަރަކަށް އަހަރެން މިއައީ، މަގޭ ގާތުގައި ބުނީ ކޮންމެ ގޮތެއް ހަދާފައިވެސް ރިޔާ އެމެރިކާއަށް ގެންނާށޭ، އަންކަލް ހުއްދައެއް ނުދެއްވާ އޭނަ ފްލައި ކުރާކަށް އެހެންނޫންނަމަ ތިމަންނަ އަމިއްލައަށް އަންނާނަމޭ ބުނީ......" ދާވިޝް ގެ ވާހަކަތަކުން ރިޔާގެ ލޮލަށް ކަރުނަ އައީ ބޭއިޚުތިޔާރު ގައެވެ. ރިޔާ އެއޮތްގޮތަށް އެނދަށް ވެއްޓިގަންނަމުން މޫނުގައި ދެއަތްއެޅިއެވެ.

"ހޭއި ބޭބީސިސް ރޮނީތަ؟ ވަޓް ހެޕެންޑް، ނުރޮއިބަލަ...." ދާވިޝް ގަދަކަމުން ރިޔާގެ މޫނުން އަތް ނެއްޓުވިއެވެ. 

"އައިމް ޑިވާސްޓޭޓެޑް.... އެމެރިކާއަށް ގޮސް ޒެވިޔާއަށް ފެންނާނެހާ ހިތްވަރެއް ނެތް، ބޭނުމީ ވަކިން އުޅެން.... އެހެންވެ ދުރަށް މިއައީ، އެތަނަށް ގޮއްސިއްޔާ އަނެއް ޕްރޮބްލެމް ކްރިއޭޓް ވުމަކީ ވެސް އެކަށީގެންވާ ކަމެއް، ޒެވިޔާ އާއި ފޭސްކުރަން އެއްގޮތަކަށްވެސް ނުކެރޭނެ، އައި ވުޑް ރާދަރ ޑައި...." ރިޔާގެ ދެލޮލުގައިވާ ބޮޑެތި ކަރުނަތިކިތައް ދާވިޝްގެ ހިތަށް އުދަގޫކުރިއެވެ.

"ޑޯންވޮރީ ލަވް، ހުރިހާކަމެއް ދާނީ ރަނގަޅަށް، ޒެވިޔާ ނެތޭ ރުޅިއައިސްފައެއް، ހީޒް އެ ނައިސް ގައި....." ދާވިޝް ރިޔާގެ ލޮލުގައިވި ކަރުނަތައް ފޮހެލަދީފައި ގެނެސް މޭގައި ޖައްސައިލިތަނުން ޖެމާއަށް ދޮރުމައްޗަށް އެރެވުނީއެވެ.

ކޮމެންޓް 0