ހޫމް އެލީ، މަމް އާއި ރިޔާ އެކްސިޑެންޓްވީ، އެލީ، އިޓްސް ރިއަލީ ބޭޑް..." ޒެވިޔަން އަޑު އެއްވަރަކަށް ހިފަހައްޓަން މަސައްކަތް ކުރަމުން އަލީނާގެ އަތަށް ފިތާލި އިރު އެ އަތްތިލަ ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. 

އަލީނާ ހުރީ ނޭވާ ހިފަހައްޓާލައި ގެންނެވެ. ބިރުގެންފައެވެ. އަލީނާ ޒެވިޔަންގެ ފެންކަޅިވެފައިވާ ދެލޮލަށް ބަލައިލުމާއިއެކު އެލޮލުން ފެނުނު ރިހުމާއި، ވޭނަކުން އަލީނާގެ ހިތަށްވެސް ތޫނު ކަށިތަކެއް ހަރާލިހެން ހީވިއެވެ. ހިތާއި ފުރާނަވެސް ތެޅިގަނެގެން ދިޔަފަދަ ނުބައި އިހުސާސެއް ކުރެވުނެވެ. އެ އަސަރުގަދަ ނަޒަރު ދުވަހަކުވެސް އަލީނާގެ ހިތުން ފިލައިގެނެއް ނުދާނެއެވެ. އަލީނާ ޒެވިޔަންގެ އަތްތިލައިގައި ބޮސްދިން އިރު ޒެވިޔަންގެ އަތްތިލަ އަލީނާގެ ކަރުނައިން ތެމުނެވެ.

ކާރު ދުއްވަން އިނީ ކޮން ޑްރައިވަރެއް ތޯ އާއި މަންމަމެންނަށް ވީވަރަކާއި، ބައިވަރު ސުވާލުތައް އަލީނާގެ ސިކުނޑީގައި ފުނިޖެހުނަސް، އިތުރު ސުވާލެއް ކޮށްލާކަށް އަލީނާއަށް ނުކެރުނެވެ. ޒެވިޔަން ދެރަވާނެވަރު ކިތަންމެ ރަނގަޅަށް ވެސް އެ ކުޑަ ހިތަށް އަންދާޒާ ކުރެވުނެވެ. ޒެވިޔަންގެ ހިތަށް ލިބޭ ކޮންމެ ހިތްދަތިކަމެއް އަލީނާއަށް މާބޮޑަށް އިހުސާސް ކުރެވެނީ އެވެ. އެވަރަށް ރޮވުނީ އެހެންވީމައެވެ. ޒެވިޔަން އަވަހަށް ގޮސް ކާރަށް އަރައިގެން ދުއްވާލައިފިއެވެ. އަލީނާ އާއި މެދު ވިސްނައި ނުލާނަމަ އޭނަ ކާރު އެހާ މަޑުން ނުދުއްވީހެވެ. ޒެވިޔަންގެ ހިތް އަވަސްވެފައިވާވަރުން އޭނަ އިނީ ހިމޭނުންނެވެ. ނޫނީ ވާހަކަދައްކައިލާނެ ހިތްވަރެއްވެސް ޒެވިޔަންގެ ނެތީ އެވެ. 

ހޮސްޕިޓަލުގެ ޕާކިން ޒޯންގައި ކާރު ޕާކުކޮށްލުމަށްފަހު ޒެވިޔަން ދުއްވައި ގަންނަން އުޅެފައިވެސް އަލީނާގެ ހާލާއި މެދު ވިސްނާލައިފައި ތަންކޮޅެއް ފިޔަވަޅުތައް ލަސްކޮށްލަން މަޖުބޫރުވިއެވެ. އަލީނާގެ އުނަގަނޑުގައި މަޑުމަޑުން އަތްއަޅުވައިލަމުން ގާތަށް ޖައްސައި ލުމާއި އެކު އެ ދޮންމޫނަށް ބަލައިލެވިއްޖެއެވެ. އަލީނާގެ މޫނުގައި ވިދާ ދާތިކިތަކާއި، ލޮލުގައިވާ ކަރުނަތައް ފެނުމުން ޒެވިޔަންގެ ހިތަށް އިތުރަށް ތަދުވުން ނޫންކަމެއް ނުވިއެވެ. އަލީނާ އެހާ ބަލިއިރު އަލީނާއަށްވެސް އިތުރު ތަކްލީފެއް ޖެއްސުނީއެވެ. އެކަމަކު އަލީނާ އެކަނި ގޭގައި ދޫކޮށްލާކަށްވެސް ހިތްހަމައެއް ނުޖެހުނެވެ. ޒެވިޔަން ނުރޯށޭ ބުނާފަދަ ގޮތަކަށް ބޯ ހޫރާލުމަށްފަހު އަލީނާގެ މޫނު ފޮހެލަދިނެވެ.

ޒެވިޔަން މިހާ އިމަރޖެންސީވެފައި ހުރި ވަގުތެއްގައި ވެސް އެމީހުން ރެސްޓްކުރާ ކޮޓަރިއަށް އަލީނާ ގޮވައިގެން ގޮސް އޭނަގެ އެކުވެރި އަކާއި ހަވާލުކުރިއެވެ. އަލީނާ ބަލައިދިނުމަށް އެދުނެވެ. އަދި ކިރިޔާ ކަމެއް ވިޔަސް ގުޅާލަން އަލީނާ ގާތު ބުނެފައި އަނެއްކާ ދުއްވައި ގަތީ ލިފްޓާއި ދިމާލަށެވެ. އޭރު އޭނަގެ ހިތުގެ ވިންދު އަވަސްވެގެން ގޮސް ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ޒެވިޔަންގެ ހަޔާތުގައި ދެން މިހާބޮޑަށް ހާސްވެ، ބިރުގަތީ ނިކީ މަރުވި ދުވަހުއެވެ.

"މަމް ވަރަށް ކްރިޓިކަލް، ސިކުނޑިއަށް ލޭ އެޅިފައިވާކަމަށް ޑޮކްޓަރުން ބުނީ..." ޒެވިޔަން ފެނުމުން އައިގޮތަށް ބައްދައިލުމާއި އެކު އާއިޒުގެ ލޮލުން ކަރުނަ އޮހިގަތެވެ. ނަމަވެސް އާއިޒުއަށް ވުރެ މިވަގުތު ޒެވިޔަން ހިތްވަރު ގަދަކުރިއެވެ. އޭނަ އަކީ ބޭބެއަށްވެފައި ކޮއްކޮއަށް މިފަދަ ވަގުތެއްގައި ވެސް ހިތްވަރުދޭން ހުރީ އޭނަކަން ގަބޫލުކުރެވުނެވެ. މައިމޫންވެސް ޒެވިޔަން މޭގައި ޖައްސަވައިލައްވަމުން މަންމައަށް ދުއާކުރުމަށް އެދިލެއްވިއެވެ. މާތް ﷲ ވޮޑިގެން ވަނީ ކެތްތެރިންނާއި އެކީގައި ކަމަށް ބުނުއްވި އިރު، މައިމޫން ވެސް ފެންކަޅިވެ އަޑު ކުރެހުނެވެ. ޒީބާ އައިސީޔޫގައި އޮތްވާ އެތަނަށް ވަދެފައި ޒެވިޔަންގެ ހިތަށް ވީގޮތެއް ބުނެދޭކަށްވެސް ނޭގެއެވެ. ނިކީ ހަމަ އެގޮތަށް ލައިފް ސަޕޯޓް މެޝިނުގައި އޮތް މަންޒަރު ލޮލަށް ސިފަވިއެވެ. ކަރުނަ ތައް އޮހިގަތްކަން އެނގުނީވެސް ކޯތާފަތް ތެމުމުންނެވެ. ޒެވިޔަން ބޭރަށް ނިކުތުމުން މައިމޫން ޒެވިޔަން ގެ އިސްތަށިގަނޑުގައި ފިރުމާލައްވާފައި ހިތްވަރުކުރަން އަނެއްކާވެސް އެދިލެއްވިއެވެ.

"ދަރިފުޅު ދޭބަލަ ރިޔާގެ ކައިރިއަށް.... މިވަގުތު ރިޔާވެސް ބޭނުންވާނެ ދަރިފުޅުގެ އެހީއަށް......" މައިމޫން ބުނުއްވިއެވެ. 

ޒެވިޔަން ރޫމްތައް ހުންނަ ފްލޯރ އަށް ދިޔައިރު އޭނަގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. ރިޔާއަށް ބޮޑު އަނިޔާއެއް ނުވާކަން ޒެވިޔަންއަށް ވަނީ އެނގިފައެވެ. ކާރު ޖެހުނީ މަންމަ އިން ފަޅީގައެވެ. "މަމް ވަރަށް އެކްސިޑެންޓް ޕްރޯންވާނެ، އެކަމަކު މަންމަ ސްޓްރޯންގް ކަމުން ގެއްލުމެއް ނުލިބޭނެ" މަންމަ އަބަދުވެސް އަމިއްލަ ނަފުސާއި ދިމާކޮށް އެފަދަ ކޮންމެވެސް އެއްޗެކޭ ކިޔައި އުޅެނިކޮށް މިއޮތީ ވަރުގަދަ އެތިފަހަރަކާއި ލައިގެންފައެވެ. ޒެވިޔަން ގެ ލޮލުގައި ކަރުނަ ގިނަވެގަތް ނަމަވެސް އޭނަ ހިތްވަރުކުރިއެވެ. ހިތުން އެތައްފަހަރު ދުއާކުރެވުނެވެ. 

ރިޔާ އޮތީ ދުވާލަކު ދެހާސް ޑޮލަރު ދައްކަންޖެހޭ ފެންވަރުގެ އަގުބޮޑު ސުއިޓެއްގައެވެ. ފެލްޓްސްކްރީން ޓީވީ އާއި ވައިފައިގެ ޚިދުމަތް، އަދި ޑީވީޑީ ޕްލެޔަރ، ސެޓެލައިޓް ޓީވީވެސް ހިމެނެއެވެ. ބަލިމީހާގެ އެހީތެރިޔާއަށް އަރާމުގައި ނިދާލެވިދާނެފަދަ ސޯފާއެއްވެސް ބަހައްޓާފައިވެއެވެ. ކުޑަ ބިއްލޫރި މޭޒުމަތީގައިވާ ވާސްގައި ހުދު ލިލީމާބޮނޑިއެއް ބަހައްޓާފައި ހުރުމުންވެސް ވަންނަ މީހެއްގެ ހިތަށް އިތުރު ފިނިކަމެއް ލިބޭނެއެވެ. ހުރިހާ ދިމާލަކުން ފެންނަނީ މުއްސަނދިކަމުގެ ކުލައެވެ.

ދާވިޝް އިނީ ރިޔާ އޮތް އެނދުގެ މަގަތުގައި އިށީނދެ ލައިގެންނެވެ. ރިޔާ ދާވިޝްގެ ޓީޝާޓުގައި ބާރަކަށް ހިފަހައްޓާލައިގެން އޮވެ ކޮންމެވެސް އެއްޗެކޭ ކިޔަމުން ދިޔައިރު ރުޅިވެސް އައިސްފައިވާހެން ހީވެއެވެ. ޒެވިޔަން ފެނުމުން ރިޔާ އަދި ވަކިން ބާރަށް ދާވިޝްގެ ޓީޝާޓު އަތަށް އޮޅައިގަތެވެ. އަށްޓަމަހެއްހެން ތަތްލަވައިގެން ދާވިޝްއަށް ފިޔަވަޅެއްވެސް އެޅިޔަކަނުދީ އޮތީ ކަންނޭގެ އެވެ.

"ހޭއި ޒާވް، ހާދަ ލަހުން، އަހަރެން މިއުޅެނީ ޓޮއިލެޓަށްވެސް ނުދެވިގެން، ރިޔާ އެއްގޮތަކަށްވެސް މަގޭ ޓީޝާޓުން ދޫކޮށެއް ނުލި...." ދާވިޝް ވެސް އިނީ ކޮންމެވެސް ވަރަކަށް ސީރިޔަސްވެފައެވެ. ޒީބާ ބޮޑުދައިތަގެ ހާލު އެހާ ނާޒުކްއިރު ޒެވިޔަން އާއި ސަމާސާއެއް ކޮށްލާކަށް ނުކެރޭނެއެވެ. ޒެވިޔަން ކިތަންމެ ބޮޑަށް ދެރަވެފައި ހުރިނަމަވެސް އޭނަގެ މޫނު ފެންނަނީ ތާޒާ ކޮށެވެ. އެ ކަސްރަތީ ހަށިގަނޑަށް ހިފާފައިވާ ކަޅުކުލައިގެ ސްވެޓަރަކާއި ނޫ ޖިންސެއްގައި އޭނަ ފެންނަނީ ޚަރީފު މޫސުމްގެ ހެދުން އިޝްތިހާރުކުރާ މޮޑެލްއެއްހެންނެވެ.

"ރިޔާ..." ޒެވިޔަން އެނދު ކައިރީގައި ހުއްޓި ގޮވައިލުމުން ރިޔާ އަދި އެނދުން ތެދުވެ ދާވިޝްގެ ގައިގައި ހިފައިގަތެވެ. 

"މިބުނީނު ގޮސްގެން ނުވާނެއޭ، ސްޓޭ ވިތް މީ......" ރިޔާ ދާވިޝް އާއި ދިމާލަށް ލޯ އަޅައިލިއެވެ.

ދާވިޝް އެހީއަށް އެދި ޒެވިޔަން އާއި ދިމާލަށް ނަޒަރު ހުއްޓާލި އިރު ރިޔާގެ ނަފްސާނީ މައްސަލަ އިތުރުވެ ކޮންމެފަދަ ގޯހެއް ހަދައިފާނެ ކަމުގެ ބިރުވެސް ދާވިޝްގެ ސިކުނޑީގައި ވެއެވެ. އެހެންނޫންނަމަ މިގޮތަށް ރިޔާ އޭނަ ހިފަހައްޓައިގެނެއް ނޫޅޭނެއެވެ. ޒެވިޔަންވެސް ކުރިން ހީކުރީ ރިޔާއަށް އެކްސިޑެންޓްގެ ސަބަބުން ނަފްސާނީ މައްސަލަ އިތުރުވީ ކަމަށެވެ. ނިކީ މަރުވި ދުވަހުވެސް ވަގުތީ ގޮތުން ރިޔާގެ ބުއްދި ސަކަރާތްވިއެވެ. ހަމަނުޖެހޭ ހަރަކާތްތައް ކުރިއެވެ. ނަމަވެސް މިއަދު ރިޔާ އުޅޭގޮތުން ސިކުނޑި އުނިކަމުގެ ނިޝާނެއް ނުފެނުނެވެ. ކޮންމެވެސް ސަބަބަކާއި ހުރެ ދާވިޝް ރިޔާ ގާތުގައި ހުންނަން ރިޔާ ބޭނުންވީއެވެ. ޒެވިޔަންއަށް ނޭގުނީ ރިޔާ ޒެވިޔަން ދެކެ ބިރުން ހުރިކަމެވެ. އެއްގޮތަކަށްވެސް ރިޔާ އެ އެކްސިޑެންޓްގެ ޒިންމާ އަމިއްލައަށް ނަގައި ޒެވިޔަން ރުޅިއައިސް ދާނެތީ ކަންބޮޑުވެފައިވާކަމެއް ޒެވިޔަންއަށް ހީކުރެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟

ޒެވިޔަން ރިޔާގެ އަތް ގަދަކަމުން ކަހަލަ ގޮތަކަށް ދާވިޝްގެ ޓީޝާޓުން ވަކިކޮށްލުމުން ދާވިޝް ސޮރީ ޕަމްޕްކިން އޭ ބުނެލާފައި ނިކުމެގެން ހިގައްޖެއެވެ. ރިޔާ ހުރީ ޒެވިޔަން އާއި ހަތަރުކަޅި ހަމަކުރަން އުދަގޫވެފައެވެ. ޒެވިޔަން ރިޔާގެ އަތުގެ ވިންދު ބަލައިލި އިރު ހުރީ ސަކޭތަ ވިހީގައެވެ. އެ ދޮންމޫނު ވަނީ ދަލުން ފެންވެރިފައެވެ. އަތްތިލަވެސް ހީވަނީ ފެންކޮޅެއް ހެންނެވެ. ރިޔާ ހަގީގަތުގައި ވެސް މިއޮތީ ހާދަވަރަކަށް ބިރުގެންފައެވެ.

"ރިލެކްސް ސްވީޓްހާޓް، ހުރިހާކަމެއް ރަނގަޅު، ކުޑަކޮށް ނިދާލަބަލަ ދެން......" ޒެވިޔަން ރިޔާގެ އަތުގައި ފިރުމާލަމުން އޯގާތެރި ކަމާއި އެކު ބުންޏެވެ. ރިޔާއަށް ޔަގީނެވެ. ޒީބާ އަދިވެސް ކަންތައް ވީގޮތެއް ކިޔައެއް ނުދެއެވެ. އެހެންނޫންނަމަ ޒެވިޔަން އެހާ ހަމަޖެހިލައިގެން ނީންނާނެއެވެ. ރިޔާއަށް އަމިއްލަ ނަފުސް ކުށްވެރި ކުރެވުނެވެ. ޒެވިޔަން ބުނާގޮތަށް ހެދުނުނަމަ މިއަދުވެސް މި ބިރުވެރިކަން ދެކޭކަށް ނުޖެހޭނެއެވެ. ގޮތްދޫނުކޮށް އުޅެންޏާ ހިތަށް ނުގެނެވޭފަދަ ހާދިސާއެއް ހިގައިފާނެކަން މިއަދު ތަޖުރިބާ ކުރެވިއްޖެއެވެ.

"ޒެވިޔާ، މަންމަ ރަނގަޅުވާނެތަ؟" ރިޔާ ހުއްޓަ ހުއްޓާފައި އަހާލި ނަމަވެސް އެލޮލުގައި ކަރުނަ ތިއްކެއްހާ މިންވަރުވެސް ނުވެއެވެ.

"އިރާދަކުރެއްވިއްޔާ..... ދެން އެކަމާއި ނުވިސްނަބަލަ އިނގޭ، އެއްޗެއް ކާނަންތަ؟" ޒެވިޔަން އުޅުނީ މައުޟޫ ބަދަލުކޮށްލުމަށެވެ. އެހެންނޫނީ ރިޔާގެ މޮޔަކަން އިތުރުވެސް ވެދާނެއެވެ. ރިޔާ ނޫނެކޭ ބުނެލާފައި އެނދުގެ މަޑު ބާލީސް ތަކުގެ ތެރެއަށް ގެނބެމުން ދެލޯ މަރާލައިފިއެވެ. އެހެން އޮތްއިރުވެސް އެސްފިޔަތައް ތަޅުވާލާ ގޮތަކުން ރިޔާ ނުނިދާކަން ޒެވިޔަންއަށް ޔަގީންވިއެވެ. ޒެވިޔަންވެސް އިނީ އަނގައިން ބުނާހިތް ނުވެފައެވެ. ދަތްދޮޅީގައި އަތްވިއްދާލައިގެން އިންއިރު ހީވަނީ ހިތާމައިގެ ތަސްވީރެއް ހެންނެވެ. އޭނަ އިނީ ބޭރަށް ދާހިތްވެސް ނުވެފައެވެ. މަންމަ އާއި ބެހޭ ގޮތުން އިވިދާނެ ޚަބަރަކުން ހިތަށް ވެދާނެ ގޮތަކަށް ތައްޔާރެއްވެސް ނުވެވެއެވެ. މިފަދަ ވަގުތެއްގައި އޭނަ ބޭނުމީ އެކަނި އިނދެގެން ހެއްދެވިފަރާތަށް ދުއާ ކުރުމަށެވެ. އެނޫން އެއްވެސް އެހީއެއް ވެވެން ނެތީމައެވެ. ގޮތްހުސްވެ، މާޔޫސްވެފައި ވާއިރުވެސް ހެއްދެވި ފަރާތް އޭނަ އާއި އެކު ވާކަމަށް ގަބޫލު ކުރެވުނީމައެވެ. މިވަގުތު މަންމައަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ ދުޢާއެވެ.

ޒީބާގެ ސިކުނޑިއަށް އެޅުނު ލޭ ނަގަން އޮޕަރޭޝަނެއް ކުރެވުނެވެ. އެކަމަކު ޒީބާ ހޭ ނާރާ މަރުގެ ތުންފަތްމަތީގައި ހަގުރާމަ ކުރަމުންދާތީ ޒެވިޔަން މެން ހުރިހާ ދުވަސްތަކެއް ހޭދަކުރީ ހޮސްޕިޓަލުގައެވެ. އަލީނާ އާއި، ރިޔާވެސް ޕްރައިވެޓް ރޫމްތަކުގައި ބާއްވައިގެން ޒެވިޔަން އުޅެން ޖެހިފައި ވަނީ އެންމެނަށް ވުރެ އަވަދިނެތިއެވެ. މަންމަ އާއި ދެއަނބިން ގާތަށް އިރުއިރު ކޮޅާ ގޮސް ހާލުބަލައިލުމަކީ ފަސޭހަކަމެއްވެސް ނޫނެވެ. ނަމަވެސް ޒެވިޔަން އޭނައަށް ވީވަރަކުން އެންމެންނާއި އަޅާލައި ވާޖިބު އަދާކުރިއެވެ. 

ސީމާގެ އެންމެ ގާތްއެކުވެރިޔާއަށް އެހާ ނުރައްކާތެރި ހާދިސާއެއް ދިމާވުމުންވެސް އޭނަގެ ލޯބިވެރިޔާ ދެކޮޅުހެދުމުން ސީމާއަށް އެމެރިކާއަށް އާދެވޭނެ ގޮތެއްނުވިއެވެ. އަމީން ވެފައި ވަނީ ހީކުރިވަރަށް ވުރެ ގޮތް ދޫނުކުރާ، ހަރުކަށި މީހަކަށެވެ. ބައެއްފަހަރު އެހާ ލޯބިން އުޅެފައި އަނެއްބައި ފަހަރު ނުބައި ނުލަފާކަމާއިގެން ސީމާ އާއި ދިމާކޮށްލާނެއެވެ. ސީމާ ހުންނަނީ ބިރުން ފިތްކަނޑައިގެން ދާވަރުވެފައެވެ. ނަމަވެސް އަމީންގެ ފަރާތުން ސަލާމަތްވުމުގެ ޚިޔާލުކޮށްލާކަށްވެސް ނުކެރުނެވެ.

ޒީބާ އެކްސިޑެންޓް ވީއިރު ކާރު ދުއްވަން އިނީ ރިޔާކަން އެނގުމުން ޒެވިޔަން ހުރީ ވަރަށް ބޮޑަށް ނުރުހިފައެވެ. ނަމަވެސް އޭނަ ރިޔާ އާއި ދިމާލަށް އެއްޗެކޭ ނުބުނެ ކެތްކުރިއެވެ. އެހާވަރަށް ރިޔާއަށް ކާރު ދުއްވުން މަނާކޮށްފައި ވާއިރު ރިޔާ ކާރު ދުއްވައިގެން ނުވާނެ ނޫންހެއްޔެވެ؟ ޒެވިޔަން ބުނާ އެހާވަރު އެއްޗެއްވެސް އެކުއްޖާ އަޑުނާހާނީ ބާވައެވެ.

ޒެވިޔަން ކުޑަދޮރު ކައިރީގައި ހުރެ ކޮފީއަކަށް ފަހު ކޮފީ އެއް ބޮއެގެން ސިކުނޑީގެ ވާންކަން ކަނޑުވައި ސިކުނޑި ހަމަޔަކަށް އަޅުވަން މަސައްކަތް ކުރިއެވެ. ދުރުން ކޯރެއްގެ ހިތްގައިމު މަންޒަރު ފެންނަން އޮތް އިރު މިއީ މި ހިސާބުގައިވާ ކޮޓަރިތަކުގެ އަގާއި އެކަށީގެންވާ މަންޒަރެއްކަން ޔަގީނެވެ. ޒެވިޔަން ކުޑަދޮރުގައި އެއް އަތްއަޅުވާލައިގެން ހުރިއިރު އެ ފެހިދެލޮލުގައި ވަނީ ނުތަވަސްކަމެވެ. ކުއްލިއަކަށް ކޮޓަރިއަށް ވެންނެވީ އޭނަގެ ބައްޕައެވެ. 

"ދަރިފުޅާ، މަންމަ ހޭއަރައިފި، އެކަމަކު ދެއަރސް އެ ޕްރޮބްލެމް....." މައިމޫންގެ އެ ޖުމްލައިން ޒެވިޔަން ސިހިއްޖެއެވެ. އޭނަ ހުރީ ނޭވާ ހިފަހައްޓާލައި ގެންނެވެ. މިވަގުތު ނުބައި ޚަބަރެއް އަޑުއަހާނެ ހިތްވަރެއް ނެތަސް އަޑުއެހުން ނޫން ގޮތެއް އެބައޮތް ހެއްޔެވެ؟

"މަންމަގެ ލޯ ވަނީ އަނދިރިވެފައި ދަރިފުޅާ، މަންމައަށް އެއްވެސް ވަރަކަށް ނުފެނޭ......" މައިމޫންގެ އެޖުމްލަ ތަކާއި އެކު ޒެވިޔަންގެ އަތުން ކޮފީތަށި ދޫނުވީ ކިރިޔާއެވެ. އެއީ މަންމަގެ ހިތަށް ކެތްކުރެވޭނެ ވަރުގެ ސަޒާއަކަށް ނުވާނެއެވެ. އަނދިރީގައި ދިރިއުޅުން ވޭތުކުރުމަށްވުރެ އެ ހާދިސާގައި މަރުވިނަމަވެސް މަންމަގެ ހިތަށް ފަސޭހަވާނެއެވެ. ޒެވިޔަންގެ ދެލޮލުން ފެނުނު އިންތިހާ ދަރަޖައިގެ ހިތްދަތިކަން މައިމޫންގެ ހިތަށްވެސް ފުން އަސަރުތަކެއް ކުރުވިއެވެ. ޒެވިޔަން ދެލޯމަރާލި އިރަށް އެ ބޯ އެސްފިޔަތައް ވޭނީ ކަރުނަތަކުން ތެމިއްޖެއެވެ. މައިމޫން އެވަގުތުވެސް ޒެވިޔަން ގާތު ކެތްކުރުމަށް އެދިލައްވަމުން ހެއްދެވި ފަރާތާއި މެދު މާޔޫސްވެ، ޝަކުވާ ނުކުރަން އެދުނެވެ. ކޮންމެ ކަމަކަށްވެސް ސަބަބެއް ވާނެކަން ދަރިފުޅަށް ހަދާންކޮށް ދިނެވެ. އިންސާނުންނަށް އޮތީ މަސައްކަތް ކުރުމެވެ. ތަގުދީރަކާއި ހަގުރާމައެއް ނުކުރެވޭނެއެވެ.

ޒެވިޔަން އުޅެއުޅެ އޭނަގެ މަންމަ ބަލަން ދާކަށް ރިޔާ އެއްބަހެއްނުވިއެވެ. ރިޔާގެ "ނަފްސާނީ މައްސަލަ" އިގެ ސަބަބުން ކަމަށް ނިންމާފައި އެހާ މަޖުބޫރު ކުރާކަށް ޒެވިޔަންވެސް ބޭނުމެއްނުވިއެވެ. އޭނަ މަންމަ ދެކެލަން ދިޔައީ އަލީނާ ގޮވައިގެންނެވެ. ޒެވިޔަން އަށް މަންމަގެ ދިރުމެއްނެތް ދެލޯ ފެނުމުން ބަޔާންކުރަން ދަތި އަސަރުތަކެއް ކުރިއެވެ. މަޑުމަޑުން ގޮސް މަންމަގެ އަތުގައި ފިރުމާލުމާއިއެކު އަދި ޒެވިޔަން ގޮވައިނުލަނީސް ޒެވިޔާ އޭ ކިޔާފައި ޒީބާ ރޯންފެށިއެވެ. ޒީބާއަށް ޒެވިޔަންގެ ގައިގައި އަތްލައިގެންނާއި ޒެވިޔަންގެ ސެންޓު ވަހުންވެސް ކާކުކަން އެނގުނީއެވެ.

"ދަރިފުޅާ، މަންމަގެ ދަރިންވެސް ފެނުމުގެ ނަސީބެއް މަންމައަށް ދެން ނުލިބޭނެތަ؟ މިހާލުގައި ދުނިޔޭގައި އުޅުމަށްވުރެ މަރުވިޔަސް މަންމައަށް މާ ރަނގަޅު، ޒެވިޔާ މަންމަ މަރުވުމަށް އެދި ދުއާކޮށްދީ...." ޒީބާ ޝަކުވާ ކުރަންފެށީ އަސަރާއި އެކުގައެވެ.

"މަމް، ޑޯންޓް ގިވް އަޕް، މަންމަ ސާޖަރީއަށްފަހު ލޮލަށް ފެންނާނެ އިރާދަކުރެއްވިއްޔާ، މަމް ދުވަހަކު ތިހާ ނެގަޓިވްކޮށް ނުވިސްނަމެއްނު، މިރެކްލްސް ޑޫ ހެޕެން އޭ މަންމަ ވެސް ބުނަމެއްނު، މަމް އުއްމީދު ގެއްލުވާކަށް ނުވާނެ....." ޒެވިޔަން އޭނަގެ މަންމައަށް ހިތްވަރު ދިނެވެ.

"ދަރިފުޅާ، އެހެން ކޮންމެ ކަމަކަށްވެސް ކެތްކުރެވިދާނެ، ޕެރެލައިޒްވި ނަމަވެސް ހިތަށް މާ ފަސޭހަވާނެ، އޭރުންވެސް މަންމައަށް ޒެވިޔާ އާއި އާއިޒު ލޮލުން ފެންނާނެ، އެއީ މަންމަގެ ދިރިއުޅުގެ އުފަލަކީ، އެންމެ ހިނދުކޮޅަކަށް ވެސް ލޮލަށް ނުފެނުމަކީ އަޒާބެއް ދަރިފުޅާ، މިގޮތަށް ދިމާނުވާ މީހަކަށް އިހުސާސެއްވެސް ނުކުރެވޭނެ. ނޭގޭ މިފަދަ އިމްތިހާނެއް މަންމަ އާއި ކުރިމަތިވާން ޖެހުނު ސަބަބެއް ވެސް، ގޯޑް އޮންލީ ނޯސް، މުޅި ހަޔާތް އަނދިރިކަމުގެ ތެރޭގައި މަންމަ ވޭތުކުރާނީ ކިހިނެއްތަ؟ ނަމަވެސް ދަރިފުޅު ބުނިފަދައިން ކިތަންމެ ވަރަކަށް ކޮމްޕްލެއިން ކުރިޔަސް މަންމަގެ ލޮލަކަށް ނުފެންނާނެ، ކެތްކުރުން ނޫންގޮތެއް މަންމަ އަކަށް ނެތް...." ޒީބާ ގެ ލޮލުގައި ގިނަވެގެން ކޯތާފަތް މަތިން ތިރިއަށް ދެމިގަތް ކަރުނަތައް ޒެވިޔަން ފޮހެލަދިނެވެ.

ޒެވިޔަން އާއި އެކު އަލީނާ އޭނަގެ މަންމަ ދެކެން އަޔަސް ޒީބާ އަކަށް އަލީނާ އައި ކަމެއް އެވަގުތަކު ނޭގުނެވެ. މަންމަ ނުރުހިދާނެތީ އަލީނާ ހުރިވާހަކަ އެންގުން ޒެވިޔަންއަށް މުހިއްމެއްވެސް ނުވިއެވެ. ނަމަވެސް ޒެވިޔަންގެ އަންހެނުންނަށް ވީތީ އޭނަގެ މަންމަ ބަލިވެ އޮތްއިރު މަންމަގެ ގާތަށް ގެނައުމަކީ ވާޖިބެއް ކަމަށް ޒެވިޔަންއަށް ފެނުނީއެވެ. އަލީނާވެސް ހުންނަނީ ދޭތެރެ އަކުން ބަނޑުގައި ރިއްސާލައި އުދަގޫތައްވެފައި ނަމަވެސް އޭނަ ޒެވިޔަން ގާތުގައި ޝަކުވާއެއް ނުކުރެއެވެ. ޒެވިޔަން ވީވަރަކުން އަލީނާގެ ކަންތައްތަކުގައި އެހީތެރިވެދީ ހަދައެވެ. ރަނގަޅަށް ކައިތޯ ބަލައެވެ.

ނޮވެމްބަރު މަހުގެ މެދުތެރެކަމުން ފުދޭވަރަކަށް ފަޒާ އޮތީ ފިނިވެލާފައެވެ. މިހާރު ގަސްތަކުގެ ފަތްތައް ހިކިގެންގޮސް ހުރިހާ ފަތްތައްހެން ވަނީ ގަސް ދޫކޮށް ބިމަށް ވެރި، ގަސްތަކުގެ ދަށުގައި ހިކިފަތްތަކުގެ ދޫލައެއް ހަދާލާފައެވެ. ގޭގެ ޕާކިން އޭރިއާއަށް މަޑުކޮށްލި ދެ ކާރުން އެ އާއިލާގެ މީހުން ފޭބިއެވެ. ޒެވިޔަން އޭނަގެ މަންމަ އަތުލަފިކޮށްލައިގެން އައިއިރު ޒީބާގެ މޫނުވަނީ މިލާފައެވެ. ދެލޮލުގެ ކައިރީގައި ވަނީ ކަޅު ދާއިރާއެއް ހެދިފައެވެ. ނަމަވެސް އެ ރީތިކަމާއި، މޫނުގެ ދޮންކަން ފަނޑެއް ނުވެއެވެ. ނަމަވެސް ކަޅި ހަރަކާތް ކުރާ ގޮތުން އެ ފެހި ދެލޮލުގައި ނޫރެއްނެތްކަން ކޮންމެ މީހަކަށްވެސް ދެނެގަނެވިދާނެއެވެ. މީހަކާއި ހަތަރުކަޅި ހަމަކުރާކަށް ނޭގެއެވެ. މައިމޫން، އާއިޒު، ޖިލާ އަދި ރިޔާވެސް ކާރުން ފޭބިއެވެ. ޒީބާއަށް ވުރެ ކުރިން ޒެވިޔަން އަލީނާ ގެއަށް ލައިދިނީ މަސްލަހަތަށް ބަލާފައެވެ. އެހެން ނޫނީ ރިޔާވެސް މޫޑީވެ ކޮށްލާނެ ކަމެއްވެސް އެނގެނީއެއް ނޫނެވެ. އެކްސިޑެންޓަށްފަހު އޭނަ ހުންނަނީ އަބަދުހެން މާޔޫސްވެ، ހިމޭންވެފައެވެ. މާގިނަ ވާހަކަ ދައްކައެއްވެސް ނޫޅެއެވެ.

ރިޔާ ހިނގަން އޮތް މަގު ދޫކޮށް ގަސްތަކުގެ ތެރެއިން ދާންފެށުމުން މުރަނަވެފައިވާ ފަތްތަކުގެ މުރުމުރު އަޑު ހިމޭންކަން ނެތިކޮށްލައިފިއެވެ. ރިޔާ ޚިޔާލެއްގައި ހުރެ ގަހުގައި ހިފައި ހަލުވައި ގަތުމުން ގަހުގައި ބާކީހުރި ފަތްކޮޅުވެސް އެ ގޯނާތަކަށް ކެތްނުކުރެވިގެން ބިމަށް ފައިބައިފިއެވެ. ފަތްތަކެއް ނެތި އެކަނި ދަނޑިގަނޑާއި އެކުގައިވާ ގަސް ރަމްޒުކޮށްދެނީ ހުސްކަމެވެ. ވީރާނާކަމެވެ. ހީވަނީ މަރުވެފައިވާ ހެންނެވެ. އެއްވެސް ދިރުމެއްނެތެވެ. އޭނައަކީ ވެސް މިފަދަ ގަހެކެވެ. ޅަ އުމުރުގައި އޭނައަށް ދަރިން ލިބުމުން މަހުރޫމްވެ، މުސްކުޅި ވެއްޖެއެވެ. ރިޔާ ގެ ހިތަށް ކުރި ފުން އަސަރުތައް ރުޅީގެ ސިފައިގައި ގަހަށް ބާލަން ފެށިއެވެ. ގަހުގައި ހިފާ އަދިވެސް ހަލުވައި ގަތުމުން ގޮފިގަނޑެއް ލުއްސާލައިގެން އައުމުން ރިޔާއަށް ހަޅޭއްލަވައި ގަނެވުނެވެ.

"ރިޔާއަށް ކިހިނެއްވީތަ؟ ކީއްވެ ސްކްރީމް ކުރީ.." ޒީބާ ކަންބޮޑުވެގެން ވަށައިގެން ލޯ ހިންގައިލި ނަމަވެސް އަނދިރިކަން ނޫން އެއްޗެއް ނުފެނުނެވެ. ޒީބާގެ ހިތަށް އަސަރުކުރިއެވެ.

"ރިޔާ ގަހުގައި ހިފައިގަނެ އެލިގަތީމަ ވެއްޓުނީ......" ޒެވިޔަން އޭނަގެ ބައްޕަ އާއި މަންމަ ހަވާލުކޮށްލާފައި ރިޔާ އާއި ދިމާލަށް ހިނގައި ގަތުމުން، ރިޔާ ގަސްތަކުގެ ތެރެއަށް ވަދެ ދުއްވައި ގަތީ ޒެވިޔަން އަށް އަތުނުޖެހޭން ވެގެން ކަންނޭގެ އެވެ. ރިޔާގެ އެ އާދަޔާ ޚިލާފު ހަރަކާތުގެ ސަބަބުން ޒެވިޔަން ކުޑަކޮށް ހާސްވިއެވެ. ރިޔާ ރަނގަޅަށް ވެސް މޮޔަވީބާވައެވެ. އަމިއްލަ ނަފުސަށް ވެސް ގެއްލުމެއް ދީފާނެ ކަންނޭގެ އެވެ. ރިޔާ އަކަށް ޒެވިޔަންގެ ދިގު ފިޔަވަޅުތަކާއި ވާދައެއް ނުކުރެވޭނެއެވެ. ދާދި ކުޑައިރުކޮޅެއްގެ ތެރޭގައި ޒެވިޔަން ރިޔާ އާއި އަރާހަމަކުރިއެވެ. އޭރު ރިޔާގެ ނޭވާ ހީވަނީ އުފުރި އަރާފާނެހެންނެވެ.

ޒެވިޔަން ރިޔާގެ ގައިގައި ހިފަހައްޓާލުމުން ޒެވިޔަންގެ މޭގައި އަތްއަޅާ ކޮށްޕާލަން އުޅުނެވެ. އެކަމަކު ޒެވިޔަންގެ އަތުތެރެއަކުން ރިޔާއަށް ސަލާމަތެއް ނުވެވުނެވެ. ކިތަންމެ ވަރަކަށް ތެޅި ފޮޅުނަސް ސަލާމަތް ނުވެވޭނެކަން އެގޭތީ ރިޔާ ހިމޭންކަން ޚިޔާރުކުރިއެވެ.

"ބޭބީ، ޓެލް މީ، ކިހިނެއްވެގެން މިއުޅެނީ، ހާދަ ސްޓްރޭންޖްކޮށް ތިއުޅެނީ... އަހަރެން ބޯ ހަލާކުވާ ހިސާބަށް ހިގައްޖެ..." ޒެވިޔަން ގަހަށް ލެނގިލަމުން ރިޔާގެ އަތުގައި ހިފެހެއްޓިއެވެ.

"ޒެވިޔާ، ހަގީގަތް އެގިއްޖެއްޔާ ޔޫ ވިލް ހޭޓް މީ...." ރިޔާ އިސްޖަހާލައިގެން ހުރެ މަޑުމަޑުން ބުނެލައިފިއެވެ.

"އައި އޯލްރެޑީ ނޯ..... ބުނަން ތިއުޅެނީ މަމް އެކްސިޑެންޓްވިއިރު ކާރު ދުއްވީ ރިޔާއޭ، ރިޔާއަށް އަހަރެން ބްލޭމް ކޮށްފާނެތީ ބިރުން ތިއުޅެނީ؟" ޒެވިޔަން މަޑުމައިތިރި ގޮތަކަށް ބުނެލިއެވެ.

"ހޫމް ޒެވިޔާ، ނިކީ މަރުވީވެސް އަހަރެންގެ ފޯލްޓް އިން، ޒެވިޔާގެ މަމް ނުކުޅެދޭ މީހަކަށްވީވެސް އަހަރެންގެ ސަބަބުން، ކީއްވެ ޒެވިޔާ އެއްޗެކޭ ނުބުނަން ތިހުންނަނީ؟ އަމިއްލަ ނަފުސަށް ވެސް އޮޅުވައިލަނީތަ؟ އެކަންތައް ނޭގޭ ކަމަށް ހަދައިގެން ހިމޭނުން ހުންނާތީ ހައިރާންވޭ..." ރިޔާ ޒެވިޔަންގެ ފެހިދެލޮލާއި ދިމާލަށް ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވިއިރު ޒެވިޔަންގެ ދެލޮލުން ރިޔާއަށް އެއްވެސް ޝުއޫރެއް ނުފެނުނެވެ. އަޑިނޭގޭފަދަ ފުން ލޮލުން ކަމެއް ދެނެގަތުމަކީ ރިޔާއަށް ކުރެވޭވަރުގެ ކަމެއްނޫނެވެ. އެދެލޮލާއި ދިމާލަށް ބަލައިލުމުން ޖާދޫގައި ޖެހި މޮޔަވުން ނޫންކަމެއް ނުވާނެއެވެ. ރިޔާ ކުއްލި އަކަށް ރޮމުން ޒެވިޔަންގެ ޓީޝާޓުގައި މޫނު ފޮރުވާލައިފިއެވެ.

"ނޭގޭކަމަށް ހެދެނީއެއްނޫން، އެކަމަކު އަހަންނަށް ޔަގީން ރިޔާ ޑެލިބެރޭޓްކޮށް ތިއިން އެއްވެސް ކަމެއް ނުހިންގާނެކަން، ވީއިރު އަމިއްލައަށް ބްލޭމް ނުކޮށްބަލަ، އެހެންނޫނަސް މަންމަ ތިވާހަކަ ނުވެސް ދައްކާ، މަންމަވެސް މާފުކުރާނެކަން ޔަގީން، ހާދަ ވަރަކަށް ވިސްނައި ދެވިއްޖެ، އަހަރެން ވަރުބަލިވާ ވަރުވެއްޖެ، ކީއްވެ އަޑު ނާހަނީ؟" ޒެވިޔަން ވަނީ ރިޔާ ގާތުގައި ދުނިޔޭގައި ހުރިހާ އިންސާނުންނަށް ހުރިހާ ނިއުމަތެއް ނުލިބި ހިނގައިދާނެ ކަމަށާއި، ލިބިފައިވާ ނިއުމަތަށް ޝުކުރުވެރިވެ އުފަލާއި އެކު ދުނިޔޭގައި އުޅެން ޖެހޭނެކަމަށް ބުނެދީފައެވެ. އެމީހުން މުއްސަދި ޝާހީ ދިރިއުޅުމެއްގައި ބޮޑުވިއިރު އެފްރިކާ ތަންތާގައި ކާން ނުލިބި ބަނޑަށް ތިބެ މަރުވެގެންދާ ކުދިންގެ ފޮޓޯތަކާއި އެއްޗެހިވެސް ފެންނަނީއެވެ. ވީއިރު އެމީހުން ޝުކުރުވެރިވާން ނުޖެހޭނެ ހެއްޔެވެ؟

ރިޔާ ހިމޭނުން އިން އިރު އެ ލޮލަށް ކަރުނަ ޖަމާވާން އުޅުމުން ބާރަކަށް ތުންފަތުގައި ދަތްއަޅައިގަތެވެ. 

އަލީނާ ބަގީޗާ ތެރެއަށް ނިކުމެފައި ފިނިގަދަވާން ފެށުމުން ފަސްވަރަކަށް މިނިޓް ފަހުން އެތެރެއަށް ވަންއިރުވެސް ހީވީ ކަށިތައް ފުރާނާލަފައި އެތެރެއަށް ފިނިކަން ވަދެގެން ދާހެންނެވެ. މިހާރު ޚަރީފު މޫސުމަށް މޭޕްލްފަދަ ގަސްތަކުގައި ރަތް ފޭރާން އެޅުމަށްފަހު މިހާރު ގަސްތައް ފެންނަނީ މަރުވެފައިވާ ހެންނެވެ. މުޅިންވެސް މުށި ކުލައިގެ ގޮފިތައް ފިޔަވައި ފަތްތައް ފެންނަނީ މަދު ގަހެއްގައެވެ. ކޮންމެ ކޮންމެ ވަގުތަކުވެސް ގަނޑުފެން ވެހިގެން ފާނެކަމުގެ ސިގްނަލްތަކެވެ. ތަފާތު ވައްތަރުގެ ދޫނިތައްވެސް ފިނިން ސަލާމަތްވާން އެހެންތަންތަނަށް ހިޖުރަކޮށް ހައްތަހާ އެރަށް ފަޅުވަމުންދާކަން އަލީނާ ފާހަގަކުރިއެވެ. ކުދި ކުދި ހަމިންބާޑްފަދަ އާވައްތަރުގެ ދޫނިތައް މަތިން ހަދާންވާނެކަން ޔަގީނެވެ.

އަލީނާ ކޮޓަރިއަށް ވަންއިރު ޒެވިޔަން ހުރީ އޭނަގެ އިންތިޒާރުގައެވެ. އެކަނި އަލީނާ އެގޮތަށް ބަގީޗާ ތެރެއަށް ދިޔައީތީ ޒެވިޔަން ހުރީ ހިތްހަމަނުޖެހިފައިކަން ޒެވިޔަންގެ މޫނަށް ނަޒަރު ހުއްޓުމާއިއެކު އަލީނާ ދެނެގަތެވެ. އަލީނާ ފާޑަކަށް ރަކިވެ ވަގުތުން ކޯތާފަތަށް ރަތްކުލަ ފާއްދާލައިފިއެވެ. އަލީނާ އަށް ދެވުނީ ފޯނު ރީތިވާ މޭޒުމަތީގައި ބާއްވާފައެވެ. އެހެންނޫންނަމަ މައްސަލައަކަށް ނުވީހެވެ.

"އަހަރެން ބުނީމެއްނު އެލީގާތު އެކަނި ހިގައި ނޫޅޭށޭ....." ޒެވިޔަން ވެސް ހުރީ ހުރިހާ ކަންތައް އެއްފަހަރާ އުފުލަން ވުމުން މޫޑީވެފައެވެ. އަލީނާ އިންތިހާއަށް މޮޅިވެރިވިއެވެ. ޒެވިޔަން ކިރިޔާ ހަރުކަށި ގޮތަކަށް އެއްޗެއް ބުނެލިޔަސް އަލީނާ ހަމަ ދެންމެ ދެންމެ ރޮވިދާނެހެން ހީވެއެވެ. އަލީނާވެސް ޖަޒުބާތީ ކުއްޖަކަށް ވެ ނިމިއްޖެއެވެ. އަލީނާ ހުރީ އިނގިލިތަކާއި ކުޅެލަ ކުޅެލައި ކުރިއަށް ފިޔަވަޅެއްވެސް އަޅަން ނޭގިފައެވެ. ޒެވިޔަންވެސް ގަސްތުގައި ބަލަހައްޓައިގެން ހުރީ އަލީނާ ރަކިކޮށްލަން ވެގެންނެވެ. ޒެވިޔަން ކުޑަ ހުނުމަކާއިއެކު އަލީނާ އާއި ގާތަށް އައެވެ.

"ބޭބީ ހާދަ ވަރަކަށް ރަކިވެފައިދޯ، ލަދުގަތީމަ އަދި ވަކިން ރީތިކަން އެނގޭތަ؟ އަހަރެން މިއައީ ލަންޗަށް ދާންވެގެން އެލީ ބަލައި، ބައްޕަވެސް އެދިލައްވާފައި ވަނީ އެންމެން އެކީގައި ކާގަޑިއަށް އެތަނަށް ދާން، އަހަރެންވެސް ބަނޑުހައިވެއްޖެ. ހިގާ ދާން...." ޒެވިޔަން އަލީނާގެ ރަތްވެފައިވާ އާފަލެއްފަދަ މޫނުގައި ބޮސްދިނެވެ. އަލީނާ ފަލަވުމުގެ ބަދަލުގައި ފުޅާވެ، މޫނާއި ތަންތަނުގައި ކުޑަކޮށް މަސްޖަހައި ކުރިއަށްވުރެ ރީތިކަމަށް ދައްކައެވެ.

ޒެވިޔަން ކުރިންވެސް އެގޮތަށް ކާގަޑީގައި އަލީނާ ގެންދަން އުޅުނީމަ އަލީނާ ވަނީ ދާން ނުކެރޭނެ ކަމަށް ބުނެ އެކަމަށް އިންކާރު ކޮށްފައެވެ. ނަމަވެސް ޒެވިޔަން މިފަހަރު ބުނެލި ގޮތަކުން ދެކޮޅުހަދަން އަލީނާ ޖެހިލުންވިއެވެ. ޒެވިޔަން ބައެއްފަހަރު ގޮތްދޫނުކުރާ ގޮތެއް ހުންނަކަންވެސް އަލީނާ ދަނެއެވެ. 

"ޒެވިޔާ ބުނީމަ އައި މަސްޓް ގޯ، އެކަމަކު ވަރަށް ނާވަސްވޭ، އެންމެން މަލާމާތް ކުރާނެކަން ޔަގީން..." އަލީނާ ގެ ހިތް އޭރުވެސް ބާރަކަށް ތެޅެންފެށިއެވެ. އޭނަ ހަގީގަތުގައި "އެންމެން" އެ މާނަ ކުރީ ޒީބާ ފިޔަވައި ދެވަނަ މީހަކަށް ނޫނެވެ. ސީމާ ނެތީމަ ދެން މިގޭގައި އޭނައަށް ޖެއްސުންކޮށްލާ މީހަކަށް ޒީބާ ފިޔަވައި އެހެން މީހެއް ނެތެވެ. މަޑުމަޑުންގޮސް ޖިލާމެންގެ ހިތުން އަލީނާއަށް ވަނީ މަގާމެއް ލިބިފައެވެ. އެކަމަކު ޒީބާވެސް ވަނީ މިއަދު އެހެން މީހަކާއި ދިމާލަށް އެއްޗެކޭ ބުނާފަދަ ހާލެއްގައި ނޫންކަން އަލީނާ އަކަށް ނޭގުނެވެ. އެފަދަ ފިލާވަޅެއް ލިބުމުން ކިތަންމެ ބޮޑާ މީހަކުވެސް ނިކަމެތިވެގެން ހިގައިދާނެއެވެ.

"އަހަރެން އެއިން ކޮންމެ ކަމަކާއި ޒިންމާ ނަގައިފާނަން، އެލީ އެކަމާއި ވިސްނާކަށް ނުޖެހޭނެ، އަހަރެންވެސް ގޯސްކަމަކަށް އަމުރު ކުރީ އެއް ނޫނެއްނު، އަހަރެން އެދުނީ ސިމްޕަލް ކަމެއްގައި ދެން ވައި އޯލް ދަ އެކްސްކިއުޒެސް؟ އިޓްސް ޓައިމް އެލީ، އަހަރެން ބޭނުން އެލީ އަހަރެންގެ ވައިފް ގޮތުގައި ފެމިލީ އެންމެނާއިއެކު އުޅެން، އަހަރެން ބުނާ ގޮތަށް އެލީވެސް ނަހަދާނަމަ ތަންކޮޅެއް ސްޓްރިކްޓްވާން މަށަށް ޖެހިދާނެ އިނގޭ...." ޒެވިޔަން ލޯބި އެކަމަކު ގޮތްދޫނުކުރާފަދަ ރާގެއްގައި ބުނެލިގޮތުން އަލީނާ ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. 

ޒެވިޔަން އާއި އަލީނާ އެކީގައި އައިތަން ފެނުމުން ކުޑަކޮށް ނުރުހުމުގެ ކުލަވަރެއް ފެނުނީ އެކަނި ރިޔާގެ މޫނުމަތިންނެވެ. ވަގުތުން ތެދުވެގެންދާން ހިތަށް އަރާފައިވެސް އެފަދަ ހިތްވަރެއް އޭނަ އަކަށް ނުކުރެވުނެވެ. ކޮންމެވެސް ވަރަކަށް ޒެވިޔަން ދެކެ ޖެހިލުންވާ ގޮތްވީއެވެ. ޒެވިޔަންވެސް އަބަދު އޭނަ ޅަކުރަން ނޫޅެ، މަޖުބޫރު ދައްކަލާފާނެހެން ހީވިފަދަގޮތަކަށް ރޭވެސް ޒެވިޔަން ވަނީ ވާހަކަ ދައްކާފައެވެ. ޒެވިޔަންއަށް ވަރަށް ގިނަ ދުވަހު އެންމެން ބުނާ ގޮތަށް ހަދައިގެން ހިމޭނުން ހުރެވިއްޖެ ކަމަށާއި ދެން އޮތީ ޒެވިޔަންގެ ފަހަރުކަމަށް އޭނަ ބުނެލީ ތަންކޮޅެއް ނުރުހުމާއި އެކުގައެވެ. ރިޔާވެސް ބުނާ ގޮތަށް ނަހަދަންޏާ އޭނަ ގެއްލިދާނެ ކަމަށް ވަނީ ބުނެފައެވެ. އެ ޖުމްލަތަކުން ރިޔާއަށް ފުން މާނައެއް ނެގުނެވެ. ބިރުވެސް ގަތެވެ. ޒެވިޔަންދެކެ ލޯބިވަންޏާ ކެތްކުރުން ނޫންގޮތެއް އެބައޮތް ހެއްޔެވެ؟

މައިމޫން ދުރުވީ ތަންކޮޅެއް ފަހުންނެވެ. އޭރު މައިމޫންގެ ލޮލުން ރުޅިވެރިކަމުގެ އަސަރުތައް ފެނުނީ މިއިން ޒަމާނެއްގައި ވެސް ނުފެންނަހާ ބޮޑަށެވެ. އެންމެންވެސް ކޮންމެވެސް ވަރަކަށް ނުތަނަވަސްވިއެވެ. ޔަގީނުންވެސް މައިމޫން ރުޅިދުރުވާނީ ޖެހުނު ބޮޑުކަމަކުންނެވެ. އެހެންނޫންނަމަ އެ ކުލަތަކެއް އެހާ ފަސޭހައިން އެ މޫނަކުން ނުފެންނާނެއެވެ.

"ބައްޕާ، ކިހިނެއްވީތޯ؟" ޒެވިޔަން އަށް ހިމޭނަކުން ނީދެވުނެވެ. އޭރު އަލީނާ އިނީ ބިރުން ގޮސް ރޫރޫ އަޅާވަރުވެފައެވެ. ޒެވިޔަންއަށް އަލީނާ އާއި ދިމާލަށްވެސް ބަލައިލެވިއްޖެއެވެ. 

ކޮމެންޓް 0