އަލީނާ، އަދި ތިހުންނަނީ މަގޭ ގާތުގައި ވެސް އެހެން ނުކިޔަން ކަމަށްތަ؟ ވަރަށް ސިކްރެޓިވް ކުއްޖެއް ދޯ...." ޒެވިޔަން އަލީނާ ރަކިވާވަރުން އެހެން ދިމާލަކަށް ސަމާލުކަން އަނބުރާލަން ބޭނުންވިއެވެ. އޭނަ ހުޅުވާލީ އަލީނާ ގެންގުޅުނު ރެސިޕީ ފޮތެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ކޭކެއްގެ ރެސިޕީއެވެ. "ބެޓަރ ދޭން ސެކްސް ކޭކް" މިވެސް ދެން މީހުން ކިޔާ ކަހަލަ ނަމެއް ހެއްޔެވެ؟ އޭނަ ކައިވެނިކޮށްގެން އުޅުނު އިރު ރިޔާ އަމިއްލައަށް މިވައްތަރުގެ ކޭކު އަޅާފައި މީގެ ނަން މަޖާވެގެން ދެމީހުން ޖޯކު ޖަހައި އުޅުނު ހަނދާނެއްވެސް ވިއެވެ. އޭރު ދެމީހުންގެ ކައިވެނީގެ ގުޅުން ކިތަންމެހާވެސް ވަރުގަދައެވެ. 

"ކޮ... ކޮން ސިއްރެއްތަ؟" އަލީނާ ގެ މޫނުގެ ކުލަ ރަތްވިއެވެ. އަނެއްކާ އާއިޒު އޭނަގެ ބޭބެ ގާތުގައި އޭނަގެ އޮތީ ބުޅި އިސްތަށިގަނޑެކޭ ބުނީ ބާވައެވެ. އާއިޒުއަށް މާރަނގަޅަށް ވެސް އޭނަގެ އިސްތަށިގަނޑު ވާނީ ފެނިފައެވެ. އޭނަ ހިލޭ ޒުވާނެއްގެ ކުރިމަތީގައި ހާމަކުރީތީ ފާފަވެރިވާނީ ވެސް ޒީބާ އެވެ. އަލީނާ ވަނީ އެދުވަސް މަތިން މުޅިންހެން ހަދާން ނައްތާލާފައެވެ. އޭނަ ޔަގީންކުރި ގޮތުން އާއިޒު އަކީ ކަންތަކާއި ނުބެހޭ ރަނގަޅު ޒުވާނެކެވެ. އެކަމަކު އެމީހުންގެ މަލާމާތުގެ އަމާޒުފަތްގަނޑަކަށް އޭނަގެ އިސްތަށިގަނޑުވީ ބާވައެވެ.

"އޯކޭ ލީވް އިޓް، މުޅި ކުއްޖާ ފިނިވެގެން ހަލާކުވަނީ އެއްނު، ތަންކޮޅެއް ގިނައިން ކުކުޅުއެއްޗެހި ކައިބަލަ، މާ ހިކިވީމަ ފެޓްކޮޅެއްވެސް ނެތީއޭ، އަވަހަށް ގެއަށް ވަދޭ ނޫނީ ފެއިންޓްވެދާނެ.." ޒެވިޔަން ކަތި ނަޒަރަކާއި އެކު، ހިތް ހަލާކުކޮށްލާފަދަ ހީލުމަކަށް ފަހު ދާން ހިނގައިގަތުމުން އަލީނާ ފޮތް މޭގައި ޖައްސާ ބާރުކޮށްލައިފިއެވެ. އެކަމަކުވެސް ހިތުގެ ތެޅުން މަޑެއްނުވިއެވެ. ޒެވިޔަން އެދިޔައީ އޭނަގެ ހިތް އެފުށްމިފުށަށް ޖަހާލައިފައެވެ. އެ އަސަރުގަދަ ބަލައިލުމުން އެތައް ތީރެއް ހަރާލައިފައެވެ. އެލޮލުގައި ވަނީ ކޮންފަދަ ޖާދޫ އެއްކަމެއްވެސް ނޭގެއެވެ. ނަމަވެސް އަލީނާއަށް އެނގެނީ ހިތާއި ފުރާނައިންވެސް ފިދާވެވިއްޖެކަމެވެ. އެންމެ ބަލައިލުމަކަށް ޓަކައިވެސް އޭނަ މިހިރީ ގުރުބާން ވާން ތައްޔާރަށެވެ. އޭނަގެ ބަސްނާހާ ހިތުގެ މައްޗަށް އޭނަގެ އެއްވެސް އިޚުތިޔާރެއް މިހާރަކު ނެތެވެ. އެހިތްވަނީ މާކުރިން އަތުން ވީއްލިގެން ގޮސްފައެވެ. އެންމެ ފަހުން އަލީނާ މަރުވެގެން ދާނީ ވެސް އެ ލޯބީގެ ހައްގުގައި ކަންނޭގެ އެވެ. ލޯބީގެ އެ އަލިފާންގަނޑު ގެ ހުޅު ބޮޑުވެގެން ގޮސް އޭނަ ފިއްސަމުން ދާއިރުވެސް ހަދާނެގޮތެއް އޭނައަކަށް ނޭގެއެވެ.

އަލީނާއަށް އޭނަ ފިނިވެގެން ރޫރޫއަޅަން ފެށިކަން ވެސް ރޭކާލީ އިރުކޮޅެއް ފަހުންނެވެ. ހީވަނީ ކަށިގަނޑުގެ ތެރެއަށްވެސް ފިނި ވަންނަމުން ދާހެންނެވެ. އަލީނާ ގައިގައި ރަޖާ އޮޅާލައިގެން ހުރެ ގެއަށް ވަނެވެ. އަލީނާ ހީފިލީ ބަދިގެއަށް ވަދެ ހޫނު ކޮފީ އެއް ބޯލުމުންނެވެ. އޭރުވެސް އޭނަ އިނީ ޚިޔާލީ ދުނިޔެއެއް ގައެވެ.

އެގޭގެ ސިޓިންރޫމް އަކީ ގޭގެ ޒީނަތްތެރިކަމުގެ އެންމެ ބޮޑު އެއްބަޔެވެ. ގަނބައިގެންދާފަދަ މަޑު، އަރާމު، ކްރީމްކުލައިގެ ސޯފާތަކެވެ. ޒީނަތްތެރިކަމުގެ އިތުރުން ފަސޭހައަށް ޓަކައި ވާ ކުދި ބާލީސްތައް އެހާ ޗާލެވެ. ކުޑަ މޭޒުމަތީގައި ވާ ބިއްލޫރި ވާސްއެއްގައި، ރަތްކުލައިގެ ތާޒާ ފިނިފެންމާތަކެއް ޖަހާލައިފައިވެއެވެ. އަދި ޓުކުރިއެއްގައި ޕީޗް އާއި، ދެތިން ބާވަތެއްގެ މޭވާ ހުއްޓެވެ. ސޯފާތަކާއި ދިމާލަށް ވާ ފަޔާޕްލޭސްގެ މަތީގައިވާ އުށްބައްތި ހޯލްޑަރުތަކުގައި ބޮޑެތި އުށްބައްތިތައް ހަރުކޮށްފައި ވަނީ ކޮންމެފަދަ ވަގުތަކުވެސް ބޭނުން ކުރެވޭފަދަ ގޮތަކަށެވެ. ކުޑަދޮރުތަކުގެ ފަރުދާތައް ދަމާލާފައި ހުރުމުން ބަގީޗާ ތެރޭގެ ހިތްގައިމުކަން ދިމާލަށް ފެންނަން އޮތެވެ. 

ޒީބާ ސޯފާއެއްގައި އޮށޯވެލައިގެން ބިއުޓިޝަންލައްވާ ޕެޑިކިއޯ ހައްދަން އޮތްވާ ޒެވިޔަން ގެއަށް ވަނެވެ. ޒީބާ ފުޅާ ހިނިތުންވުމަކާއި އެކު ޒެވިޔަން އަށް ގޮވާލިއެވެ. 

"މީނަ ހަމަ ވޯރކް މި ނިންމައިލީ، މަންމަމެން ގާލްސްއިން ކޮންމެ އޭޖަކަށް ދިޔަސް މި މަސައްކަތް ކުރުވަން އެބަޖެހޭވިއްޔާ ދޯ ދަރިފުޅާ...." ޒީބާ އަށް ދަރިފުޅު ފެނުމުން އުފާވެރިކަން އިތުރުވިއެވެ. ބިއުޓިޝަން ވެސް ޒެވިޔަން އަށް ބަލައިލީ ހިޕޮނޮޓައިޒް ވެފައިވާފަދަ ގޮތަކަށެވެ. އަތްދިގު ޓީޝާޓަކާއި، ކަޅުކުލައިގެ ޑިޒައިނަރ ޖިންސެއްގައި ޒެވިޔަން ފެންނަ އިރު ހީވަނީ ފިލްމީ ތަރިއެއް ހެންނެވެ. ބިއުޓިޝަން ވީވަރު ފެނުމުން ޒީބާ ފޮނިވިއެވެ. ކޮންމެ އުމުރެއްގެ މީހަކަށްވެސް އޭނަގެ ރީތި، ޒުވާން ދަރިން ފެނުނީމަ މޮޔަވާވަރު އެބަވެއެވެ. އެސްފީނާ ނުޖެހުނިއްޔާ ވެދާނެއެވެ. 

"ކަމޯން މަމް. މަމްއަކީ ނެޗުރަލް ބިއުޓީއެއް، ތި އިން އެއްވެސް ކަމެއް އަސްލު ކުރުވުމުގެ ބޭނުމެއް ވެސް ނޯންނާނެ..." ޒެވިޔަން ބިއުޓިޝަން އާއި ވެސް ސަމާސާއެއް ކޮށްލާފައި ޖެހިގެން ހުރި ސޯފާގައި ޖައްސާލިއެވެ. މޭޒުމަތީގައި ވާ ފިނިފެންމާތައް ފެނުމުން ޒެވިޔަން އެމާތަކުގައި ފިރުމާލިއެވެ. ޒީބާ ވަށްކަޅިއަކުން ބަލައިލިއެވެ. ޒެވިޔަން އިނީ "އަލީނާ" ގެ ޚިޔާލުގައި ކަމަށް ހީކުރެވި ޒީބާ ބިރުވެސް ގަތެވެ. އޭނަގެ ދަރިފުޅު އެ ކުއްޖާ ދެކެ ރަނގަޅަށް ވެސް ލޯބި ވީބާވައެވެ. އެތައް ދުވަހަކުއްސުރެ ރިޔާ އާއި އެކީގައި އުޅެގެންވެސް ރިޔާ ދެކެ އެހިތުގައި ލޯބި ނުއުފެދުނީ ބާވައެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އޭނަވެސް ހާދަ މޮޔައެވެ. ޒެވިޔަން ފިނިފެންމަލަކާއި ކުޅުނަސް އޭގެ މާނައަކީ އެ ޒުވާން ހިތުގައި އަލީނާ ފަދަ ހައިސިއްޔަތެއް ނެތް، މެއިޑަކު ރަސްކަންކުރަން ފެށީއެކޭ ނޫނެވެ. ޒީބާ އިނީ ޒެވިޔަންގެ ކައިވެނީގެ ވާހަކަދައްކާހިތުން ކެތްނުލަވާފައެވެ. ބިއުޓިޝަން ނިކުތުމާއި އެކީގައި ޒީބާ ފެށީ އަވަހަށް ދަރިއަކު ހޯދުމުގެ ވާހަކައެވެ. ރިޔާ އެކަމަށް އެދޭވަރުން ޒީބާ ވެސް ބޭނުން ވަނީ އެކަން އަވަސް ކުރަން ކަމަށް ބުނެލައިފައި ޒީބާ ހީލިއެވެ.

"މަމް، މިކަންތައް ކުޑަކޮށްވެސް ޑިލޭވާކަށް ނެތްތަ؟" ޒެވިޔަން ކުޑަ ހިނިތުންވުމަކާއިއެކު ސޯފާގައި ލެނގިލިއެވެ. 
"ދަރިފުޅާ، މާދަން ރެއަށް މަންމަ އޮތީ ގާޒީ އަކާއި ވާހަކަދައްކާފައި ކައިވެނި ކުރުވަން ނިންމާފައި..." ޒީބާ ޒެވިޔަންގެ ކުރިމަތީގައި ހުރި ސޯފާގައި އިށީދެއްޖެއެވެ.

"ހިތަށް އަރަނީ ރިޔާ އަދި މައްސަލަ ޖައްސަފާނެއޭ، މިވަގުތު އޭނަ އޯކޭވިޔަސް އައިމް ނޮޓް ޝުއަރ..." ޒެވިޔަން ދެއަތްތިލަ މަހާލައިގެން އިންއިރު އޭނަ ގެ ރީތި ދެލޮލުގައި ކޮންމެވެސް ވަރެއް ގެ ނުތަނަވަސް ކަމެއް ވެއެވެ. މިކައިވެނީގައި ކޮންމެވެސް ކަހަލަ ނުބަޔެއް ވާކަމަށް ހިތް ބުނަނީއެވެ. މި އަރަތް ހައްލުކުރާނެ ގޮތެއް އޭނަ އެހާ ވިސްނުންތެރި އިރުވެސް ނޭގުނެވެ. ހަގީގަތުގައި އެކަމުގައި ނުބަޔެއް ވެދާނެކަމަށް ޒެވިޔަން ވިސްނަން ބޭނުން ނުވީވެސް އޭނަގެ ލޯބިވާ މަންމަ އޭނަގެ ހިތަށް އަނިޔާއެއް ވާނެކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އޮތްލެއް ބޮޑުކަމުންނެވެ. އެކަމަކުވެސް ޒެވިޔަން އިނީ ޝައްކެއްގެ މަތީގައެވެ. މިހާ އޮމާންކޮށް، މިހާ ރަނގަޅަށް މިކަންތައް ދާނީ ކޮންމެވެސް ކަންތައްގަނޑެއް ރޭވިގެން ކަމަށް ހީކުރެވެނީ އެވެ.

"ދަރިފުޅު ހީކޮށްފާނެ މަންމަ އާއި ސީމާ އެހާ ހަމަނުޖެހޭތީ އަލީނާ އާއި ރިޔާ އެހެން ވެދާނެއޭ، އެކަމަކު އަލީނާ އަކީ ނިކަމެތި ކުއްޖެއް، އެކަހަލަ ކުދިން ގެވެހިވެފައި ނިކަން ބަސް އަހާނެ، އެހެނެއްނޫން. ފެމިލީ ކުއްޖަކާއި ދަރިފުޅު މެރީކޮށްފިއްޔާ އަބަދު އޮންނާނީ ކޯޅުމާއި މައްސަލަތައް، އެހެންވެގެންނޭ މަންމަ އަލީނާ ޚިޔާރު ކުރީ، ދެ އަންބަށް މީހުންނާއި އިނުމަކީ ނުރައްކާތެރި ކަމެއް، ދުނިޔޭގައިވެސް އެހާ މޮޔަކަމެއް އިންސާނަކު ނުކުރާނެއޭ މަންމަ ބުނާނީ، އެކަމަކު މިބުނާހެން ދެ އަނބިންގެ ޑިފެރެންސް ހުރީމަ އޮތް އެޑްވާންޓޭޖަކީ އަލީނާ ދަރިފުޅު ބުނާހާގޮތަށް ހަދާނެ.." ޒީބާ ހެވިލާފައި އިނދެ އަލީނާގެ ރަނގަޅު ކަމުގެ ވާހަކަ ދެއްކިއިރު ހަގީގަތުގައި އަލީނާ އާއި މެދު ހިތުގައި ވަނީ ދުޝްމިން ކަމެވެ. އޭނަ އަލީނާ އާއި މެދު ދެކެނީ އަޅުކުއްޖެއްގެ ގޮތުގައެވެ. އަހަރެއްވާންދެން ޒެވިޔަންގެ އަޅެއްގެ ގޮތުގައި އުޅެފައި އަލީނާ ޖެހޭނީ މި ޝާހީ ޚާންދާނުގެ ނަންވެސް ހަދާން ނައްތާލުމަށެވެ. އަލީނާ ފަދަ ފެންވަރެއްނެތް އަންހެންކުއްޖަކު މިފަދަ ގެއެއްގެ ޕްރިންސެސް އަކަށް ވެއްޖެއްޔާ ގުރުބާން ވެދާނެއެވެ. އެއީ އަދި ރަނގަޅުވުން ކަމަކަށް ޒީބާ ނުދެކެއެވެ. އެއަށް އޭނަ ދޭނެ ނަމަކީ އަޅުވެތިކަމެވެ.

ޒެވިޔަންވެސް އިނީ ދެ ވިސްނުމެއްގައެވެ. ރިޔާ ކުރީ ދުވަހު ފެރާރީ ގައި އިނދެގެން މާ ބޮޑު ސިއްރެއްގެ ގޮތުގައި އޭނަގެ ގާތުގައި ބުނިގޮތުން ވިއްޔާ އަލީނާ އަކީ އިއްފަތްތެރި ކުއްޖެއްވެސް ނޫނެވެ. ޒެވިޔަން ރިޔާ ގާތުން ނޭހިޔަސް އެއީ ކިހިނެއް ހިނިގިކަމެއްކަން އެނގެން ބޭނުންވިއެވެ. އިޔާންގެ ފަރާތުން އަލީނާގެ ބައްޕަ އެކުދިންގެ ދޮންތަ އާއި ބެހުނުކަން ޒެވިޔަންއަށް އެނގިފައި ވެއެވެ. އަލީނާގެ ދޮންތަ މޮޔަވީވެސް އެކަމުގެ ސަބަބުންނެވެ. އަނެއްކާ އެމީހާ އަލީނާ އާއި ވެސް ބެހުނީ ބާވައެވެ. އެހެންކަމަށް ވާނަމަ އެކުއްޖާ ފުޅުގެ އެއްވެސް ކުށެއްނެތެވެ. އެކަމަކު އަލީނާ މީހަކާއި ރައްޓެހިވެގެން އުޅުނުނަމަ މުޅިން ތަފާތެވެ. ކޮންމެ ގޮތެއްވިޔަސް އޭނައަށް އެނގެނީ، ހިތް އެއްބަސް ނުވާން އުޅުނަސް އަލީނާ ދެކެ ލޯބިވެވޭކަމެވެ. އަލީނާއަށް ބޭނުންވާކަމެވެ. އެހިތުގައި އަލީނާއަށް ޓަކައި ވިންދު ޖަހާކަމެވެ. ވީއިރު އަލީނާ އާއި ކައިވެނި ކުރުމަކުން އަދި ނުބަޔެއްނެތެވެ. އެކަމަކު އޭނަ އަލީނާ ދަސްކުރަން ބޭނުމެވެ. އަލީނާ އަކީ ކާކުކަން އެނގިގެން ނޫނީ މާދުރަށް މި ގުޅުން ގެންދާކަށް ޒެވިޔަންގެ ހިތެއްވެސް ނުރުހެއެވެ. އެކަމަކު އަލީނާ އާއިއެކު އެކަނިވެއްޖެއްޔާ ވާނެގޮތެއް ޚިޔާލުކޮށްލަންވެސް ދަތްޗެވެ. ކޮންމެގޮތެއްވިޔަސް ކޮޓަރި ތެރޭގައި ހިގާ ކަމެއް މަންމަމެންނަކަށް ވެސް ނޭގޭނެތާއެވެ. މަންމަމެން ކުރުވަން އުޅޭކަމެއް ކޮށްދިނުމަކުން އޭނައަށް ވާނެ ގެއްލުމެއް ނެތެވެ. ޒެވިޔަން ގެ ދަރިއަކު އާޓިފިޝަލްކޮށް އަލީނާގެ ހަށިގަނޑުގައި އަށަގެންނެވުން ހުއްދަ ވާނީ ކައިވެނިކޮށްގެން ކަމަށް ވަންޏާ، ކައިވެނިކޮށްގެން އަދި ގުޅުމެއް ނުބޭއްވިޔަސް އެ ދަރިފުޅު ހުއްދަވާނެތާއެވެ.

އަލީނާ ގާތު ޒެވިޔަން ކުކުޅުކާން ބުނިކަން އޭނަ އެއްގޮތަކަށް ވެސް ހަނދާން ނައްތައެއް ނުލައެވެ. އޭނައަށް ވީ ކުކުޅުފައި ތަންކޮޅެއް ކުޅިގަދަކޮށް ގްރިލްކޮށްލާފައި، އެ ކުކުޅު ފައިތައް ތަށްޓަކަށް ލައިގެން ކަމުން ދިޔައީ ކާކޮޓަރިއަށެވެ. އަލީނާ ކައި ނިމުނު އިރު އޭނަގެ ލޮލުންނާއި ނޭފަތުން ފެންފައިބާވަރުވިއެވެ. "އާހް ހޮޓް، ހޮޓް، ހޮޓް...." އަލީނާ ދެއަތުން އަނގަޔަށް ވިހެމުން ،ފުމެމުން އެހެން ކިޔަނިކޮށް ދާވިޝް ދޮރުމައްޗަށް އެރިއެވެ.

"އަސްލުވެސް އޭ އަލީނާ، ހޮޓްކަމުން އައި ޕްރެކްޓިކަލީ މެލްޓް އައިސް.." ދާވިޝްއަށް އަލީނާ އުޅުނީ ކުޅިވެގެންކަން ރަނގަޅަށް އެނގި ހުރެވެސް އަލީނާ އާއި ދިމާކޮށްލުމުގެ ގޮތުން ބުންޏެވެ. އަލީނާގެ އެ ސާފު ދެލޮލުން ފެން އައިސްފައި ހުއްޓެވެ.

"ވަޓް........" އަލީނާ އަނގަޔަށް ގޮތެއް ހަދާލައިފިއެވެ. 

"ހާދަ އަވަހަށް ސީރިޔަސް ތިވީ، ބައިދަވޭ ކޯރަލް ކޮޅެއްހާ ލިޕްސް ރަތީ ކީއްވެތަ؟ ކާކު ތި ވަރުކޮށްލީ... ބަދިގޭގައި އުޅޭ މެއިޑުން ލެޒް ކަމެއް މަ ނުދަންނަން..." ދާވިޝް ގަސްތުގައި އަލީނާ ރުޅިއަރުވާލަން އުޅުނެވެ.

"ނޫން، އެހެނެއްނޫން. އަޅުގަނޑު ކުޅިކޮށް ކެއީމަ..." އަލީނާ ކަންބޮޑުވެގެން ގޮސް ދެލޯ ބޮޑުވިއެވެ. އަސްލުވެސް ދާވިޝް އެހެންކަމަށް ހީކުރީ ހެއްޔެވެ؟ އަލީނާ ތުންފަތް ރަތްވާންޖެހުނު ސަބަބު ދާވިޝްއަށް އޮޅުނީކަމަށް ހީކޮށް ކިޔައިދިނުމުން ދާވިޝްއަށް ވިސްނުނީ އަލީނާގެ ޅަކަމެވެ. 

"ހާދަ އިނޮސެންޓް ހެދެނީ......." ދާވިޝް ހޭން ފެށިއެވެ. އަލީނާއަށް އެވަގުތު ފެނުނީ ދޮރުމައްޗަށް އެރި ޒެވިޔަން އެވެ. ޒެވިޔަން ފެނުމުން އަލީނާގެ ފައިން ވާގިދޫވީ ކަންނޭގެއެވެ. ވަގުތުން ތަށިތަކާއި އެކީގައި ބެލެންސް ގެއްލި އަރިއަޅާލަން އުޅުމުން ދާވިޝް ހިފަހައްޓަން އަތް ދިއްކޮށްލިއެވެ. އެކަމަކު ޒެވިޔަން ނުރުހުމުގެ ނަޒަރަކުން ބަލަހައްޓައިގެން ހުރިތަން ފެނުމުން އަނގަޔަށް ގޮތެއް ހަދާލާފައި އެ އަތްތިލަ ޖިންސްގެ ޖީބަށް ޖަހާލައިފިއެވެ. އޭރު ނަސީބަކުން އަލީނާ ވެސް ގޮނޑީގައި ހިފަމުން ހަށިގަނޑު ސަމާލުކޮށްލައިފިއެވެ. އަދި އެހާ އަވަހަށް ތަށިތައް ހިފައިގެން ގޮސް ޖެހިގެން ހުރި ދޮރުން ނިކުމެ ލޯމަތިން ގެއްލިއްޖެއެވެ.

"ޒެވިޔާ މިތަނުގައި ކީއްކުރަނީތަ؟" ދާވިޝް ސުވާލު ކުރިގޮތުން ހީވަނީ ޒެވިޔަން އަންނަން ނުޖެހޭ ތަނަކަށް އައީހެންނެވެ.
"އަހަރެންވެސް ބޭނުން ތި ސުވާލުކުރަން..." ޒެވިޔަން ލޯހަނިކޮށްލައިފިއެވެ.
"މާގިނަގިނައިން ޑައިނިން ރޫމަށް ވަންނަނީ އެ ކުޑަކުއްޖާ ދެކިލަންކަން ޔަގީން، އަސްލުވެސް އަލީނާ ދެކެ ލައިކް ވަނީތަ؟ ތިކަން ޒީބް އާންޓީއަށް އެނގިއްޖެއްޔާ ހާޓްއެޓޭކެއް ޖެހިދާނެ، އާންޓީގެ ފުރާނަކަމަށް ވާ ދަރިފުޅު ގޭގައި ގެންގުޅޭ އަގެއްނެތް މެއިޑެއްގެ ފަހަތުން އުޅޭތަން ބަލާކަށް ކިހިނެއް ކެތްވާނީ، އަހަރެންގެ ގާތުން އަހައިބަލަ އޭނަގެ ލިޕްސް އެހާ ރެޑްވީ ކީއްވެކަން.." ދާވިޝްގެ އެންމެ ފަހު ޖުމްލައިން ޒެވިޔަން ސިއްސައިގެން ދިޔައެވެ. އޭނަ އަޅައިނުލާ ކޮފީ މެޝިނުން ކޮފީއެއް މަގަށް އަޅައިފިއެވެ. ކިތަންމެ ވަރަކަށް ޖަޒުބާތުތައް ފޮރުވަން މަސައްކަތް ކުރިޔަސް އެވަގުތު ޒެވިޔަންގެ ހިތް އަވަސްވިއެވެ.

"އައިމް ނޮޓް އިންޓެރެސްޓެޑް...." ޒެވިޔަން ފަރުވާ ކުޑަގޮތަކަށް ބުނެލައިފިއެވެ.
"އަސްލު އޭނަ މާ ކުޅިކޮށް ޗިކަން ކާލީމަ ރަތްވީކަމަށް ބުނީ، އައި ބެޓް ޔޫ ތޯޓް އައި ކިސްޑް ހާރ.." ދާވިޝް ބޭނުންވީ އޭނަ އާއި އަލީނާގެ ކޮންމެވެސް ގުޅުމެއް އޮތްކަން ޒެވިޔަންއަށް އެންގުމަށެވެ.
"މަގޭ މައިންޑް ރީޑްކުރަން މަސައްކަތް ނުކުރިއްޔާ ރަނގަޅީ، އަހަރެން ބުނެފީމެއްނު އަހަރެން އިންޓެރެސްޓެއް ނެތޭ ތި ވާހަކައަށް..." ޒެވިޔަން ހައިރާންވީ އޭނަގެ ހިތުގައި އަލީނާ އާއި ދޭތެރޭގައި މަގާމެއްވާކަން ދާވިޝް ދެނެގަތް ގޮތެއް ނޭގިގެންނެވެ. ދާވިޝް ލާނެތް ގޮތަކަށް ހީލައިފިއެވެ. މިއީ އެމީހުންގެ ގޭމުގެ ފެށުމެވެ. ޒެވިޔަން އަދި އަލީނާ ދެކެ ނަފްރަތުކުރާ ހިސާބަށް އެބައި ދާނެއެވެ. ރިޔާ ވަނީ ދާވިޝް ގާތުގައި އެމީހުންގެ ޕްލޭން ރަނގަޅަށް ކިޔާދީފައި، ދާވިޝްއަކީ ބައިވެރިޔަކު ކަމުގައި ހަދާފައެވެ. ވީއިރު ދާވިޝްއަށް ނޭގި ދެން ޒެވިޔަންއަށް އެންމެ ފިޔަވަޅެއްވެސް ނޭޅޭނެއެވެ. މާދަން ރޭ އަލީނާ ޒެވިޔަންގެ އަންބަކަށް ނަމެއްގައި ވާނެކަން ވެސް ދާވިޝްއަށް އެނގެއެވެ. އެކަމަކު ރިޔާއަށްވެސް ނޭގޭ ކުޑަ ސިއްރެއް ދާވިޝްއަށް އެބަ އެގެއެވެ. ޒެވިޔަންގެ ހިތުގައި އަލީނާއަށް ޓަކައި ކޮންމެވެސް ކަހަލަ މަގާމެއް ދެވިފައިވާ ކަމެވެ. އެއީ ތިމާގެ ދަރިފުޅު މަރާލި މީހާއަށްވިޔަސް ޒެވިޔަންގެ ފަރުވާލެއް ނެތީބާވައެވެ.

ބަހާރު މޫސުމްގެ ފިނި ރެއެކެވެ. އެޕްރީލް މަހުގެ ކުރީކޮޅު ކަމަށްވެފައި އުޑުމަތިވެސް ވަނީ ވިލާތަކުން ފުރިފައެވެ. ފަރުބަދަމަތި ކަމުން ރޭގަނޑަށް ވަކިން ފިނިގަދައެވެ. އާއިޒު ވެސް ކޮޓަރިއަށް އައިއިރު ނިދިގަދަވެ، ލޯ ހުޅުވައިލާނެ ވަރެއްވެސް ނެތެވެ. އޭނަ ހައިރާންވީ މިރޭ ޖިލާ ވެސް އެނދުގައި ނިދަން އޮތީމައެވެ. ކޮޓަރީގައި ނަށަނަށާހުރީ އެންމެ އުށްބައްތިއެއްގެ ފަނޑު އައްޔެވެ. އެ ހިތްގައިމު ރަތް އަލީގައި ޖިލާ އޮތީ ވިކްޓޯރިއާ ސިކްރެޓް ޕިޖާމާއެއް ލައިގެން، ކުއިލްޓް ވެސް ނާޅައެވެ. އެ ރީތިކަން އާއިޒުގެ ހިތާއި ކުޅެލިއެވެ. އާއިޒު އޮށޯތްގޮތަށް ޖިލާގެ މޫނަށް ބަލަހައްޓައިގެން އެހެން އޮވެވުނީ ކިތައް މިނިޓް އިރު ވަންދެން ކަމެއްވެސް ނޭގުނެވެ. އޭނަގެ ނިންޖާއި، ވަރުބަލިކަންވެސް ފިލައިގެން ދިޔަގޮތެއް ނޭގުނެވެ. ޖިލާއަކީ އާއްމުކޮށް ނިދަން އޮވެ ސަކަރާތް ފަށެއް ގަނެލާ ކުއްޖެކެވެ. އޭނަ އެހެން އުޅެމުން ގޮސް އާއިޒުގެ ގަޔަށް ފައި އެރުވިއެވެ.

"ޖިލީ......" އާއިޒު މަޑުމަޑުން ޖިލާގެ އަތުގައި ހިފައި ތަޅުވާލީ ޖިލާ ހޭލައްވަން ވެގެންނެވެ. ޖިލާ އާއިޒުގެ އަތުތެރޭގައި ބޮނޑިވެގެން އަދި ރަނގަޅަށް ހީފިލުވައިލާ ކުރިއަށް ވުރެ މާގަދަޔަށް ނިދީހެން ހީވެއެވެ. 

"ހޭލަބަލަ ލަވް، ޕްލީސް...." އާއިޒު ޖިލާގެ ކޯތާފަތުގައި ފުދޭވަރަކަށް ބާރަށް ހިފާލައިފިއެވެ. ކިތަންމެ ގޯނާއެއް ކުރިޔަސް މިކުއްޖާ ހޭލައްވައިލާނެ ގޮތެއް އާއިޒުއަކަށް ނޭގެއެވެ. މީހަކު ކަތިލައިލިޔަސް ޖިލާ އަކަށް ނޭގޭނެއެވެ. އެހާ ނިދި ގަދަވުމަކީ މައްސަލައެއް ބާވައޭވެސް އާއިޒު ހިތަށް އެރިއެވެ. އެންމެފަހުން ޖިލާގެ ރީތިކަން އޭނަގެ ނިޔަތް ގޯސް ކުރުވައިފިއެވެ. ޖިލާގެ ފިނި ތުންފަތުގެ މަޑުކަން އިހުސާސް ކުރެވުމާއިއެކު އާއިޒުއަށް ހިތާއި ހަށިގަނޑުވެސް ކޮންޓްރޯލެއް ނުކުރެވުނެވެ. ކިތަންމެ ގަދަ ނިންޖެއްގައި އޮވެވުނަސް ޖިލާއަށް ވެސް އާއިޒުގެ ލޯބި އިހުސާސް ކުރެވުނުހެން ހީވިއެވެ. އެ ނާޒުކް ދެއަތްތިލަ އާއިޒުގެ ކަނދުރާއަށް ވައްޓާލެވި އަދިވެސް އެދޭތެރޭގައިވާ ދުރުމިން ކައިރިކޮށްލަން ބޭނުންވިހެން ހީވިއެވެ. އާއިޒުއަށް ވަކި ހިސާބަކުން އަމިއްލަ ނަފުސް ކުށްވެރި ކުރެވުނެވެ. ނިދާފައިވާ ކުއްޖެއްގެ ފަރާތުން ހިތްހަމަޖެހުން ހޯދުމަކީ ފިރިހެނަކަށްވެހުރެ ކުރަން މާރަނގަޅު ކަމެއް ނޫންކަމަށް ހިތް ބުނަންފެށިއެވެ. އޭނަ ވަގުތުން އެނދުން ތެދުވެގެން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. އާއިޒު މޫނަށް ފެން ވިއްސާލުމަށްފަހު ފިނިކޮށްލައިގެން ނިކުތް އިރު ޖިލާ ހުރީ ކުޑަދޮރު ހުޅުވާލައިގެންނެވެ. ޖިލާ ނިދީގައި ހުރެ ހިގަން ފެށީބާވައެވެ.

"ޖިލީ...." އާއިޒުއަށް ގޮވައިލެވުނީ ބާރަކަށެވެ. ތުވާލިވެސް ސޯފާމައްޗަށް އެއްލާލައިފައި އޭނަ ހަލުވި ފިޔަވަޅު ތަކެއްގައި އައިގޮތަށް ޖިލާގެ އަތުގައި ހިފާ އޭނަ އާއި ދިމާލަށް އަނބުރުވާލައިފިއެވެ.

"އާރ ޔޫ އޯކޭ..." އާއިޒުގެ އަޑުންވެސް އޭނަ އަޅާލާވަރު ޖިލާއަށް އިހުސާސް ކުރެވުނެވެ. ޖިލާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލުމަށްފަހު އާއިޒުގެ ރީތި ދެލޮލަށް ބަލައިލީ ނިކަން ލޯބިންނެވެ. މިރޭ ޖިލާ އޮތީ ނިދާކަމަށް ހެދިގެންނެވެ. އާއިޒުގެ ގަޔަށް ފައި އަރުވާ އެހުރިހާ ކަމެއްކުރީވެސް ޖިލާއަށް ނޭގިއެއްނޫނެވެ. އޭނައަށް މިރޭ އާއިޒުގެ ފަރާތުން އެލިބުނު ރީތި ހަދިޔާތައް އާއިޒު ވަކި ހިސާބަކުން ހުއްޓާލީމަ ޖިލާގެ ހިތަށް ވަރަށް އުދަގޫވިއެވެ.

ހަނދުވަރުގެ ރިހި އަލި ކޮޓަރިއަށް އެޅިފައިވާއިރު ވައިރޯޅިތަކާއިއެކު އުށްބައްތީގެ ހުޅުކޮޅު ނަށަމުން ދެއެވެ. ނަމަވެސް ހަނދުވަރުގެ ރީތިކަމާއި، ފިނިވައިރޯޅިތައް އެ ދެހަށިގަނޑުގައި ބީހި ދެހިތުގައިވެސް ރޯކުރުވި ލޯބީގެ ތޫފާން ނިމުމަކަށް ގެންނަން ދެހިތްވެސް އެކީގައި ތެޅިފޮޅިގަތެވެ. ކުރިން އިސްނެގީ ކާކުކަމެއްވެސް ނޭގުނެވެ. އެކަކު އަނެކަކުގެ އަތުގެތެރެއަށް ވަދެވުނީ ބޭއިޚުތިޔާރުގައެވެ. މިވަގުތު އެ ދެ ޒުވާން ހިތްވެސް އެދުނީ އެންމެ ކަމަކަށެވެ. އެދޭތެރޭގައިވާ ދުރުހިލޭކަމުގެ ހުރިހާ ފަރުދާއެއް ނައްތާލުމަށެވެ. ދެހިޔަނި އެއް ހިޔަނިއަކަށް ވާން ނެގީ ކުޑަ ވަގުތުކޮޅެކެވެ.

މިރޭ އާއިޒުއަށް އެނގުނީ ޖިލާ ޑައިރީގައިވެސް ދޮގުތަކެއް ހަދާފައިވާކަމެވެ. ޖިލާ އެހާވަރަށް ދޮގުހަދަންޏާ އިތުބާރު ކުރެވޭނީވެސް ކިހިނެއްބާވައެވެ. ހެނދުނު ތެދުވެގެން ފެންވަރާލައިގެން އާއިޒު، ޖިލާ އާއި އަނގައިން ނުބުނެ ދިޔުމުން ޖިލާ ހައިރާންވިއެވެ. "ފޮނި ފިރިހެނާގަނޑު ބޭނުންވާހާ ކަމެއްކޮށްލެވުނީމަ އަނގައިން ބުނާކަށްވެސް ބޭނުމެއްނުވި، ބަލާތި ތި އިސްތަށިގަނޑަށް ހަދާލާނެ ގޮތް...." ޖިލާއަށް ރޮވޭގޮތްވިއެވެ. އެރެއަށްފަހު ޔަގީނުންވެސް ޖިލާގެ ހިތުގައިވާ ލޯބި ވަނީ އެތައްހާސް ގުނަ މައްޗަށް ގޮސްފައެވެ. ލޯބީގެ އެންމެ މަތިވެރި ދަރަޖައަށް ޖިލާ އާއިޒުދެކެ ލޯބިވާކަން ޖިލާއަށް އިހުސާސް ކުރެވިއްޖެއެވެ. އެ އަތުގެ ހިމާޔަތުގައި މުޅި އުމުރު ހޭދަކުރަން ގައިމު ޖިލާ ބޭނުމެވެ. ނަމަވެސް އާއިޒުގެ ގޮތްދޫނުކުރާ މިޒާޖުގެ ސަބަބުން އެހެރީ ހަމަ މާފު ނުދޭންކަމަށް ނިންމައިގެންތާއެވެ. ވީއިރު އޭނަވެސް މައިތިރިވެގެން ހުރިއްޔާ އެދޭތެރޭގައިވާ ހާ ގުޅުމެއް ކެނޑިގެން ގޮސްދާނެއެވެ.

އަލީނާގެ ކޮޓަރީގެ ފާޚާނާގައި ވެސް ހޫނު ފެން ހުންނަކަމީ ނަސީބެކެވެ. ދުވާލުވެސް އޭނަ ފިނިފެން އިސްކުރު ބޭނުމެއް ނުކުރެއެވެ. އޮޅިގެންވެސް ފިނި އިސްކުރަށް ދޫކޮށްލެވިއްޖެއްޔާ ހީވަނީ ފްރިޖްގައި ފިނިކޮށްފައިވާ ފެނުގައި އަތްލެވޭހެންނެވެ. އަލީނާ މިރަށަށް އައިފަހުން އަދި ދުވަހަކުވެސް ދާހިއްލާވަރަށް ހޫނެއް ނުވެއެވެ. އެކަމަކު އޭނަ މާލޭގައި ހަދާހެން ކޮންމެ ދުވަހަކު ދެއިރު ފެންވަރާލައިގެން ބޯވެސް ދޮވެލައެވެ. މިއަދުވެސް އިސްތަށިގަނޑު ޝޭމްޕޫކޮށްގެން ބޮލުގައި ތުވާލި އޮޅާލައިގެން ކޮޓަރިއަށް ވަނުމާއިއެކު ހީވީ އޭސީ ވިހެންނެވެ. ވަގުތުން ރަޖާގަނޑު ގައިގައި ލައިގެން ލޯގަނޑު ދޮށުގައި ހުއްޓުނެވެ. 

"ބޯ ބުޅި، ފަން އިސްތަށިގަނޑެއް ލިބޭނެނަމަ...." އަލީނާ މާޔޫސްވިއެވެ. ޒެވިޔަންއަށް ވެސް މުށިކުލައިގެ، ދިގު އިސްތަށިގަނޑު ރީތިކަމަށް ބުނެފައި ވާތީ އަލީނާ ހާދަ ދެރަވެއެވެ. އަލީނާ ވިސްނުމެއްގެ ތެރޭގައި ހުރެ ގައިގައި ލޯޝަން ކޮޅެއްލުމުން ލުއި މީރުވަހެއް ހިފާލައިފިއެވެ. ދުވާލު ހަތަރުދަމު އޭނަގެ ގައިގައި ހިފާފައި ހުންނަ މީރު ވަހަކީ އެއީއެވެ. ކުއްލިއަކަށް ކޮންމެވެސް މީހަކު ދޮރުގައި ޓަކިދިނުމުން އަލީނާގެ ހިތް ބާރުބާރަށް ތެޅިގަތެވެ. ރޭގަނޑު ނިދާ ގަޑީގައި އުދަގޫކުރަން އައީ ކާކުބާވައެވެ. އަލީނާ ބިރުންހުރެވެސް އަވަހަށް ބުރުގާ އަޅާލައިގެން ގޮސް ދޮރުހުޅުވާލައިފިއެވެ.

ކޮމެންޓް 0