އަނގޮޓި ވިއްސައިގެން ގޮސް ޖެހުނުތަނެއް ވެސް ނޭގެއެވެ. ފައިދަށުގައިވާ ބޯ ދޫލައިގެ ތެރޭގައި ފޮރުވުނީ ކަމެއް ނޫނީ އެހެން ތަނެއްގައި ކަމެއްވެސް ޔަގީނެއް ނުވިއެވެ.

"ޖިލީ ކީއްތިކުރީ؟" އާއިޒު އިތުރު އެއްޗެކޭ ބުނަން އުޅެފައި ވެސް ހިމޭންވިއެވެ. އޭނަ ހުރީ އަތްވެސް ތިރިކޮށްލަން ނޭގިފައެވެ. ޖިލާގެ ހިތުގެ ހަރުކަމާއި، ގޮތްދޫނުކުރުން އޭނަ އިތުރަށް މާޔޫސް ކުރުވިއެވެ. މިރޭ އޭނަ ހުރީ ފުދޭވަރެއްގެ އުއްމީދެއްގައެވެ. ޖިލާގެ ހިތް ކާމިޔާބު ކުރަން މަސައްކަތް ނުކޮށް ދުވަސްކޮޅެއް ވުމަށްފަހު އަލުން އެކަމާއި އުޅެގަތުމުން ޖިލާ ގެ ފަރާތުން އެކުވެރިކަން ނަމަވެސް ލިބިދާނެކަމަށް އޭނަ ހީކުރިއެވެ.

އާއިޒު އިށީނީ އެނދުގެ މަގަތުގައެވެ. މިރޭ ދެރަވެ ހިތުގައި ޖެހުނު ވަރަށް ދުވަހަކު ހިތުގައި ޖެހުނުކަމެއް އާއިޒު އަކަށް ނޭގެއެވެ. އެހާ ލޯބިން އުއްމީދާއެކީގައި އޭނަ ދިންހަދިޔާ އާއި ދޭތެރޭ އޭނަގެ ފުރާނަ ފަދަ ލޯބިވާ އަންހެންކުއްޖާ ކަންތައް އެކުރީ އެހާވެސް އިހާނެތިކޮށެވެ. އެވަރުން ވެސް އޭނަ އެއްޗެކޭ ބުނާކަށް ބޭނުމެއް ނުވިއެވެ.

"އަހަރެން ނުވާނެ އެހެން އަންހެންކުދިން ހެނެއް. ނޫޅެން ރީތިމީހަކު ނުފެނިގެން ނޫނީ އަޅާލާނެ މީހަކު ނުވެގެން. އަހަރެންގެ ހިތް ދުވަހަކު ބަދަލެއް ނުވާނެ.. އަހަންނާއި ދުރުގައި އުޅޭތި......." ޖިލާ ކުއިލްޓަކާއި ބާލީސްތަކެއް ހިފައިގެންގޮސް އާދައިގެ މަތިން ސޯފާގައި އޮށޯވެލިއެވެ. އާއިޒު މޫނަށް ބަލައިފާނެތީވެސް އޭނަ އެނބުރުނީ ބިއްދޮށަށެވެ. އެއީ އާއިޒު އާއި ކައިވެނި ކުރިފަހުން ޖިލާގެ އާދައެވެ. އާއިޒު އާދޭސް ކޮށްކޮށްވެސް އެނދުގައި ނިދާކަށް އެއްބަހެއް ނުވިއެވެ. އެކަމާއި ކިތަންމެ ހިތަށް އުނދަގޫވިޔަސް އާއިޒު ކުރާނެ ކަމެއްނެތެވެ. ބައެއްފަހަރު ބާރުގެ ބޭނުން ކުރަންވެސް ހިތަށް އަރައެވެ. ޖިލާ ހިތަށް އައިހާ އެއްޗެއް އަނގަ އިންކިޔަސް އޭނަގެ ކުރިމަތީގައި ޖިސްމާނީ ގޮތުން އެކައްޗަކަށްވެސް ނުވާނެއެވެ. އަތެއް ފަޔެއްވެސް ހަލުވައެއް ނުލެވޭނެއެވެ. އެކަމަކު އާއިޒު ކުޑަ ގޯނާއެއްކޮށްލިޔަސް އެ ރުޅިގަދަކުއްޖާ ދެން ކަންތައް ކުރާނެގޮތެއް އެގެނީއެއްނޫނެވެ. އެހެންނޫނަސް އޭނަ އެއްގޮތަކަށްވެސް ޖިލާއަށް ކުޑަކުޑަ އަނިޔާއެއް ދޭކަށްވެސް ބޭނުމެއް ނޫނެވެ. ރުޅިން އެއްޗެކޭ ބުނާކަށްވެސް ބޭނުމެއްނޫނެވެ. ލޯތްބަކީ މަޖުބޫރުން ފޭރެންޖެހޭ އެއްޗެއްނޫނެވެ. މުޅި އުމުރަށްވެސް އޭނަ ޖިލާއަށް އިންތިޒާ ރުކުރާނެއެވެ.

އާއިޒު ނިތްމަތީގައި އަތް ބާއްވާލައިގެން ސީލިން އާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން އޮތްއިރު އެ ރީތި ދެލޯ ވަނީ ފެންކަޅިވެފައެވެ.

"ޖިލީ. ކީއްވެތަ އަހަރެން ދެކެ ތިހާ ހޭޓް ކުރަނީ؟ މީހަކު ދެކެ ލޯބި ވުމަކީ ކުށެއްކަމެއް ކުރިއަކުން ނުދަންނަން. ޔަގީނުންވެސް އަހަރެންކުރި ކުށަކީ ޖިލީދެކެ ލޯބިވުން. އަދި އަހަރެންގެ ބައްޕަމެން ގެ އެދުމަށް އާއެކޭ ބުނިކަން. އެއީ ފާފައަކަށް ވަންޏާ ދެން އަހަންނަކަށް ނޭގޭ އަހަރެން ހަދަންވީ ގޮތެއް....." އާއިޒު ހިތާހިތުން ވާހަކަދެއްކިއެވެ. ނަމަވެސް މިރޭ ޖިލާ ގާތުގައި އެއިން ވާހަކައެއް ދެއްކުމުގެ އެއްވެސް މާނައެއްނެތެވެ. ޖިލާއަކީ އަސްލުވެސް އެހެން އަންހެންކުދިންނާއި ހާސްބައި ތަފާތު ކުއްޖެކެވެ. އެހިތާއި ހަމަޔަށް ފޯރާނެ އެއްވެސް ގޮތެއް އޭނަ އަކަށް ނުފެނުނެވެ. އޭނަ އަކީ ހާދަ ނާކާމިޔާބު މީހެކެވެ. އެންމެފަހުން ނުނިދޭނެކަން ޔަގީންވުމުން ލެޕް ހުޅުވާލައިގެން އިނދެ ޕްރިޒަން ބްރޭކް ބަލަން ފެށިއެވެ. އެއީވެސް އަދި ވަގުތެއް ނުވެގެން ނުބެލިފައިވާ ސީރީޒް އަކަށްވެފައި، އޭނަ އާއި ގުޅޭފަދަ އެއްޗަކަށްވާތީ ވެސްމެއެވެ.

ޖިލާ އަކަށްވެސް މިރޭ ނިދުމަކީ އެހާ ފަސޭހަކަމަކަށް ނުވިއެވެ. އޭނައަށް ކުރެވުނީ ކުށެއްކަމަށް ހިތް ބުނަނީއެވެ. އާއިޒު އާއިމެދު އެހާ ނިކަމެތިކޮށް ހެދުމުން ފަހަރެއްގައި ފާފަވެރިވެދާނެއެވެ. އެ އަނގޮޓީގައި އަތުން ނުޖެހުނު ނަމައެވެ. ރީއްޗަށް ބޭނުމެއް ނުވެޔޭ ކިޔާފައި މޭޒުމަތީގައި ބާއްވާލެވުނުނަމަ އެވެ. ތަހުޛީބު ގޮތަކީވެސް އެއީއެވެ. އެކަމަކު މިރޭ ކަންތައް އެކުރެވުނީ އޭނަވެސް ބޭނުންވާފަދަ ގޮތަކަށްނޫނެވެ. ޖިލާގެ ހިތަށް އަސަރުކުރަން ފެށިއެވެ. ދެރަވާންފެށިއެވެ. ފާފަފުއްސެވުމަށް އޭނަ ހިތާހިތުން މާތް ﷲއަށް ދުޢާކުރި އިރު އެލޮލުން ކަރުނަ ފާއްދާލާފައިވެއެވެ.

ޒެވިޔަންއަށް އަބަދާ އަބަދުހެން ފެންނަނީ ދާވިޝް އާއި ރިޔާ ކޮންމެވެސް ތަނެއްގައި އެކަނި ތިބޭ މަންޒަރެވެ. ބައެއްފަހަރު ޓެރެސްގައެވެ. ނޫނީ ބަގީޗާގައެވެ. ދެމީހުން ހީހީފައި ތިބޭއިރު އެކުވެރިކަމަށްވުރެ އެދޭތެރޭގައި އެހެން ގުޅުމެއް އޮންނަކަން ޒެވިޔަން ދަނެއެވެ. މިއަދު ޒެވިޔަން އަށް ފެނުނީ ދާވިޝް ނިކީ ބަނޑުމަތީގައި ބާއްވައިގެން ފޯނެއްގައި އޮތްވައެވެ. ނިކީ އޮތީ ނިދިފައެވެ. ދާވިޝްގެ މިޒާޖު ރަނގަޅަށް އެނގޭތީ ބޮޑު ހަނގުރާމައެއް ފަށަން ބޭނުން ނުވެފައިހުރެ ޒެވިޔަން ސިޑިން އަރައިގެން ދިޔައިރު އޭނަގެ އަތްވަނީ މުށްކެވިފައެވެ. އޭރު ރިޔާ އޮތީ އެނދުގައި ބަންޑުން އޮށޯވެލައިގެން ލެޕް ހިފައިގެންނެވެ. ޒެވިޔަން ބާރަކަށް އައިގޮތަށް ލެޕްހޫރާލުމުން އަޑުފަށްގަނޑަކާއި އެކީގައި ލެޕް ބިންމައްޗަށް ވެއްޓި ފަށްފަށްވިއެވެ. ރިޔާ ދެލޯ ބޮޑުކޮށްލާފައި ޒެވިޔަން އާއި ހަތަރުކަޅި ހަމަކުރިއިރު އެލޮލުގައި ސިހުމެއްވެއެވެ.

"ހަމަ މިހާރު ގޮސް ނިކީ ކޮޓަރިއަށް ގެނޭ، ހިލޭ ފިރިހެނުން ލައްވާ ނިކީ ނިންދަވަންވެސް ޖެހޭތަ؟ ރިޔާއަށް އޮވެވެނީ ޗެޓްކުރަން..." ޒެވިޔަންގެ ދެލޯ ވަނީ ހަނިވެފައެވެ. ދެންމެ ދެންމެ ރިޔާގެ މޫނުމަތީގައި އެތިފަހަރެއް ޖަހައިފާނެހެންވެސް ހީވިއެވެ. ރިޔާ އޮތީ ހިރިލަންވެސް ނުކެރިފައެވެ. އަތުތެރޭގައި ކުއިލްޓް ބޮނޑިކޮށްލެވުނެވެ. ދުވަހަކުވެސް ޒެވިޔަން މިހާ ގަދަޔަށް ރުޅިއައިސްފައި ހުއްޓާ ރިޔާ ދެކެފައެއް ނުވެއެވެ.

"ކާކުގެ ވާހަކައެއްތަ ؟" ރިޔާ ހިންދިރުވާލަމުން އުނދަގުލުން ސުވާލުކުރިއެވެ.

"މާ ގާތްކޮށްގެން އުޅޭ ދާވިޝް އެއްނު. ހީވަނީތަ އަހަންނަށް ކަމެއް ނޭގޭހެން. އޭނަޔާއި ތަތްލަވާފައި ހުންނައިރު ހީވަނީ އެހެން ފަދަކަމެއްހެން. އަހަރެންނަށް ނޭގި ރިޔާއަށް މިގޭގައި އެއްކަމެއްވެސް ނުހިންގޭނެ...." ޒެވިޔަން ރިޔާގެ އަތުގައި ހިފާފައި ތެދުކޮށްލިއެވެ. ރިޔާގެ ބިރު ކުއްލިއަކަށް ފިލައިގެން ހިގައްޖެއެވެ. 

"ދާވިޝްއޭ. އެއީ ތަ ވެގެން އުޅޭ ގޮތަކީ؟ އެއީ އަހަރެމެންގެ ކަޒިންއެއް، ޒެވިޔަންގެ ވާންއުޅޭ ސްޓެޕް ބްރަދަރ. ވީއިރު ކޮބާތަ މައްސަލައަކީ؟ އެހެންނޫނަސް އަހަރެން ޒެވިޔަންއަށް ވުރެ މާ ބޮޑަށް ދާވިޝް އަށް އިތުބާރު ކުރަން....." ރިޔާ ދާވިޝްގެ ކޮޅު ނެގުމުން ޒެވިޔަންއަށް ހީވީ އޭނަގެ މޭގައި ރިޔާ ޖެހިހެންނެވެ. ނުބައި އިހުސާސެއް ކުރެވުނެވެ.

"އެކަމަކު އަހަރެންގެ ދަރިފުޅު މީގެ ފަހުން ދާވިޝްގެ ކައިރިން ފެނިގެން ނުވާނެ. ރިޔާ ތިއީ ބޮޑު މޮޔައެއް އެހެންވީމައެއްނު ބުނާގޮތަށް ނެހެދެނީ، މަ ނުކުރާނަން ދާވިޝް އަށްވެސް އިތުބާރެއް، އެއީ ކާކުކަން އަހަރެން ރަނގަޅަށް ދަންނަމޭ. އޭނަ ނިކީގެ ދޮންބައްޕައަކަށް ހަދަން ޚިޔާލުވެސް ނުކުރާތި....." ޒެވިޔަން އިންޒާރުތަކެއް ދީފައި ނިކުމެގެން ދިޔުމުން ރިޔާ ބަލައިލީ ބިންމަތީގައި އޮތް ލެޕަށެވެ. ޒެވިޔަން ރުޅިގަދަވެގެން ގޮސް އެއްޗެހި ވެސް ހަލާކު ކުރަން ފެށީއެވެ. ޒެވިޔަންއަށް ހަގީގަތް ކިޔައިދޭންވީއެވެ. އޭރުން މި މައްސަލަގަނޑު ހައްލުވެދާނެ ކަންނޭގެ އެވެ. ދާވިޝް އާއި މެދު ޒެވިޔަން ޝައްކު ކޮށްގެން މިފަދަ މައްސަލަތަކެއް ހިލިގެންދާއިރު މައިމޫން އާއި ސީމާގެ ކައިވެނީގެ ކަންތައް ތައްޔާރު ވަމުންދިޔައެވެ. ޒީބާ ހީކުރި ގޮތާއި ޚިލާފަށް އާއިލާގެ ރުހުންވެސް އެކައިވެންޏަށް ލިބުނެވެ. ދާވިޝް އާއި ޖިލާގެ ދޮންބައްޕަ އަކަށް އެކުދިންގެ ބޮޑުބޭބެ ވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އާއިލާގެ އެންމެން އިސްވެރިން ވެސް ދެކުނެވެ. ސީމާއަކީ އެއްޒަމާނެއްގައި މޮޑެލްއެއްގެ ގޮތުގައި މަސައްކަތްކުރި ކުއްޖަކަށް ވިޔަސް މިހާރު އެކަންވަނީ މާޒީވެގެން ގޮސްފައެވެ. އެއީ ފަޒާލްގެ ތިންކުދިންގެ މަންމައެވެ. ވީއިރު އެ އާއިލާގައިވެސް ސީމާއަށް މަގާމެއް ދެވެންވާނެއެވެ. ފަޒާލްގެ ފުރާނައަށްވެސް އެކަމުން ފިނިކަން ލިބޭނެކަން ޔަގީނެވެ.

ޒެވިޔަންގެ ކޮޓަރީގެ ދޮރުތައް ހުޅުވާލާފައި ވުމުން އިރުގެ އަލިން ކޮޓަރި ވަނީ އުޖާލާވެފައެވެ. ޒެވިޔަން އިނީ ލެޕްޓޮޕް ހިފައިގެން ސޯފާގައެވެ. ރިޔާ ނިކީ ގާތުގައި އެނދުގައި އޮށޯވެލައިގެން ފޮތެއްހިފައިގެން އޮތްއިރު ނިކީ އައިޕެޑުން ގޭމެއްކުޅެލަން މާ ފޯރި އަކާއި އެކީގައި އޮތެވެ. އެއްވެސް ފިކުރެއް ޚިޔާލެއްނެތް ގޮތަކަށް އެސްފިޔަތައް ތިރިކޮށްލައިގެން އޮތްއިރު އެ ކުޑަ ސިކުނޑީގައި ހިގަމުންދާ ކަންތަކެއް ނޭގެއެވެ. އެތަނަށް ވެރިވެފައިވާ ފުން ހިމޭންކަން ކުރިއަށްވުރެވެސް ފުންވެގެން ދިޔައެވެ. ކުއްލި އަކަށް ނިކީ އައިޕެޑް އެއްލާލައިފައި ބާލީހުގައި މޫނު ފޮރުވިގޮތަށް ރޯންފަށައިފިއެވެ. ޒެވިޔަންވެސް އުދުހިލާފައި އައި ކަހަލަ ގޮތަކަށް ދަރިފުޅު އުރާލިއެވެ.

"ކިހިނެއްވީތަ ޑެޑީގެ ޕްރިންސެސް، ތަނަކަށް ތަދުވަނީތަ؟" ޒެވިޔަން ހުރީ ކަންތައް ބޮޑުވެފައެވެ.

"ބޭބީ ފޫހި ވީދޯ. ހިގާ ޕޫލަށް އެރިލަން. ހޫނުވީތަ؟ މަންމީ ހީކުރީ ލޯބި މިއޮތީ އުފަލުން ކުޅެންކަމަށް. ފޫހިވީމަ މަންމީގާތު ބުނަން ޖެހޭނެއްނު......" ރިޔާ ވެސް އެކި ސުވާލުތައް ކުރަން ފެށިއެވެ. ކޮންމެ ގޮތެއްވިޔަސް އެމީހުންގެ ހުރި އެންމެ ދަރިފުޅުގެ ލޮލުން މިގޮތަށް ކަރުނަ އައުމަކީ އެދެމަފިރިން ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. ނިކީ އަކީ ކަމަކާއި ނުލައި ބޮޑާހާކައި ރޮއިއުޅޭ ކުއްޖެއްވެސް ނޫނެވެ. 

"ޑެޑީ އާއި މަންމީ ޓޯކު ނުކުރާތީ އައިމް ސޭޑް......" ނިކީ އެހެން ބުނެފައި މާބާރަށް ރޯންފެށިއެވެ. ކިތަންމެ ޅަވިޔަސް މައިންބަފައިންގެ ހިލޭ ކަމާއި، ދުރުކަން ކުޑަކުދިންނަށްވެސް އިހުސާސް ކުރެވިދާނެއެވެ. އެކުދިންވެސް ވިސްނާނެއެވެ. އަސަރު ކުރާނެ އެވެ. ބައެއްފަހަރު ނޭގިނަމަވެސް ނަފްސާނީ މައްސަލަ ތަކެއްގެ ޝިކާރައަކަށް ވެގެން ހިގައިދާނެއެވެ.

"ހަނީ ބަންޗްއަށް އެކަމާތަ ރޮވެނީ. ޑެޑީ ނެތީމޭ މަންމީދެކެ ރުޅިއައިސް ގެނެއް...." ޒެވިޔަން ހިނިތުންވެލާފައި ރިޔާގެ ކޯތާފަތުގައި ބޮސްދިން އިރު ރިޔާ ހުރީ ފެންކަޅިވެފައެވެ. ޒެވިޔަން އާއި ރިޔާ ނިކީ އެނދުގައި ބައިތިއްބައިގެން ދެފަރާތުގައި އޮށޯވެލައިގެން ތިބެ ވާހަކަދައްކައި ސަމާސާކުރަން ފެށުމުން ނިކީ ހަމަޔަކަށް އެޅިއްޖެއެވެ. ކުޑަކުއްޖަކު އެންމެ ދެކެން ބޭނުން ވާނެ، އުފާވެރި މަންޒަރަކީ މަންމަ އާއި ބައްޕަގެ އުފާވެރި ގުޅުންކަން މިއަދު ޒެވިޔަންއަށް ޔަގީން ވެއްޖެއެވެ. ހިތާހިތުން ޒެވިޔަން އެއުފާވެރި އާއިލާ ވަކިވެގެން ދިޔަނުދޭން ވަޢުދުވިއެވެ. ރިޔާ ބޭނުންވާފަދަ އިޝްގީ ބައިވެރިޔަކަށް ވެގެންވިޔަސް ހެވެވެ. އޭނަ މިހިރީ ނިކީގެ އުފަލަށް ޓަކައި ގުރުބާންވާން ތައްޔާރަށެވެ. ދެވަނަ ދަރިއެއް ނުލިބޭނެކަން ޔަގީންވެފައިވާއިރު ނިކީ ވެފައި ވަނީ އޭނަގެ ފުރާނައަށެވެ. އަލީނާ އަކަށް އެ ދިރިއުޅުމުން ޖާގައެއްނެތެވެ.

ޒެވިޔަން ގެ ޚިޔާލުއެކި ދިމާލަށް ދަތުކުރަންފެށިއެވެ. އަލީނާ އާއި މެދު ވިސްނެމުން ދާތީ އެބައި ހަނދާން ނައްތާލަންވެސް އޭނަ ނިންމިއެވެ. ނޫނީ އޭނަގެ މި އުފާވެރި ގެއަށް ތޫފާނެއް އައިސްދާނެއެވެ. އެންމެ ރަނގަޅު ގޮތަކީ ރިޔާ އާއި އޭނަ އާއި މެދު ޖެހިފައިވާ މައްސަލަތައް ހައްލުކޮށްގެން، ރީތި ދިރިއުޅުމެއް އުޅުމެވެ. ގޭގައި ގެންގުޅޭ ކުއްޖަކާއި ހިތާވުމަކީ އޭނަގެ ޒަމީރުވެސް ހުއްދަދޭ ކަމެއް ނޫނެވެ. އޭނަ ކޮލެޖުގައި އުޅުނު އިރުވެސް އެތައް ރީތި ކުދިންނެއް އޭނައަށް މޮޔަވެގެން ފަހަތުން ދުވިއެވެ. އޭނަ އެކަކާއިވެސް ގުޅުމެއް ނުބާއްވާތީ ފަހުން އޭނަ މަޝްހޫރުވީވެސް ފިރިހެނުންނާއި ރައްޓެހިވެގެން އުޅޭ ޒުވާނެއްގެ ގޮތުގައެވެ.

ޒެވިޔަން ކައިގެން ކޮޓަރިއަށް ވަންއިރު ރިޔާ ސޯފާގައި އޮށޯވެލައިގެން އޮތެވެ. އޭނަގެ އަތުގައި އޮތީ ވާހަކައެކެވެ. ޒެވިޔަން ރިޔާގެ ފައި އުނގުގައި ބާއްވައިގެން ސޯފާގައި އިށީދެއްޖެއެވެ. 

"ބޭބީ. އަދިވެސް ރުޅިތަ؟ ނޭގުމުގެ ތެރޭގައިވެސް ހާޓްކުރެވިފައި ވާނަމަ މާފަށް އެދެންވެސް ބޭނުން. އަބަދަށް އަނގައިން ނުބުނެ ދުރުން އުޅުނީމަ ކަޑަ، ލެޓްސް މޭކް އެ ފްރެޝް ސްޓާޓް. އަހަރެން ބޭނުން މިއަދު ރިޔާއަށް ނޭގި އޮތްކަމެއް އޮޅުން ފިލުވާދޭން އެކަމަކު ޝަރުތެއްގެ މަތިން. ރިޔާވާނެ އަހަރެން ބުނާ ކަމެއް ކޮށްދޭން. އަހަރެމެންގެ ފެމިލީއަށް ޓަކައި އަހަރެން ކުރާ ކޮންމެ ކަމެއް މިކުރަނީ...." ޒެވިޔަން ގެ ވާހަކަތަކުން ރިޔާ ހިނިތުންވެލާފައި ފޮތްވެސް އެނދުމައްޗަށް އެއްލާލައިފިއެވެ. 

ރިޔާ ޒެވިޔަން ބުނި ކޮންމެ ކަމެއް ކޮށްދޭން ވަޢުދުވިއެވެ. ޒެވިޔަން ތެދުވެގެން ގޮސް ތިޖޫރީ ހުޅުވާލާފައި ރިޔާގެ އޮޕަރޭޝަން ފައިލުތައް ރިޔާގެ އަތަށް ދިނެވެ. ރިޔާ އަށް އެ ނޯޓުތައް ފެނުމުން ހީވީ ދުނިޔެވެސް އެނބުރި ގަތްހެނެވެ. ފާޑެއްގެ ޝޮކެއް ލިބުނެވެ. ޒެވިޔަން އާއި ރިޔާ ކައިވެނި ކުރިތާހެން ފުރަތަމަ ދަރިފުޅު ބައިގެން ދިޔައީއެވެ. ޒެވިޔަން އަށްވެސް ވިސްނައި ނުލެވުމުގެ ސަބަބުން ރިޔާ ދެވަނަފަރަށް ބަލިވެ އިނީ މާއަވަހަށެވެ. ރިޔާ ބަލިވެއިންއިރު ސްކޭންއިން އެނގުނީ މަސްތިރީގައި ހުރިކަމެވެ. އެކަމުގެ ސަބަބުން ދަރިފުޅުނަގަން އޮޕަރޭޝަން ކުރީ މަސްތިރީގައި ހުރުމުން އެންމެ ރައްކާތެރި ގޮތަކީ އެއީ ކަމަށް ވާތީ އެވެ. އެކަމަކު ރިޔާގެ ނަސީބު ދެރައެވެ. އެކަނި މަސް ތިރީގައި ހުރުމަށްވުރެ ބޮޑު އެހެން މައްސަލައެއް ދިމާވިއެވެ. މަސް، ރަހިމުގެ އެންމެ އެތެރެ ފަށަލަ އާއި ހަމަޔަށްވެސް އުފެދި އަދި ބްލެޑަރގައި ވެސް މަހުގެ ޓިޝޫތައް ތަތްލަވާފައި ވީއެވެ. އެގޮތަށް މަސް އެޓޭޗް ވުމުން ކިޔަނީ ޕްލެސެންޓާ ޕާކްރީޓާއެވެ. އެއީ ދުނިޔޭގައި ވަރަށް މަދުން ހިގާކަމެއް ނަމަވެސް ފުރާނައަށް ނުރައްކާވެދާނެ، ސީރިޔަސް ހާލަތެކެވެ. މާގިނައިން ލޭފައިބާ ސަލާމަތްނުވާ ހިސާބަށް ދިޔުމުން ރިޔާގެ ފުރާނަ ސަލާމަތް ކުރަން ޑޮކްޓަރުންނަށް ޖެހުނީ ރަހިމު ނެގުމަށެވެ. އަދި ބްލެޑަރގެ އޮޕަރޭޝަނެއް ކުރުމަށެވެ. އެތައް ޕައިންޓެއްގެ ލޭ އަޅައިގެން ރިޔާގެ ފުރާނަ ސަމާމަތް ކުރެވުނީ ހަމަ ކިރިޔާއެވެ. އެދުވަހަކީ އެ އާއިލާއަށް ނިކީ ލިބުމުގެ އުފަލާއި އެކު އިންތިހާ ދަރަޖައިގެ ހިތާމަ ހިއްސާކުރަން ޖެހުނު ދުވަހެކެވެ.

ރިޔާއަށް މޫނުގައި އަތްއަޅައިގެން ރޮއިގަނެވިއްޖެއެވެ. ޒެވިޔަން ރިޔާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ދެމީހުންނަށް އެންމެ ދަރިއެއް ދެއްވި ފަރާތަށް ޝުކުރު ކުރަން ޖެހޭނެ ކަމަށް ބުނެ ރިޔާއަށް ހިތްވަރުދިނެވެ. ޒެވިޔަން ރިޔާގެ ކަރުނުން ފުރިފައިވާ ދެލޮލުގައި ބޮސްދިނެވެ.

"ދެން އޯވަރީ އަދި މަސައްކަތް ކުރިޔަސް ރަހިމު ނަގާތާ އަހަރުތަކެއް ފަހުން އޯވަރީގެ ފަންކްޝަންތައްވެސް ހުއްޓޭނެ. އޭރުން އަހަރެން ވާނީ ބޭކާރު މީހަކަށް. އައިމް ނޮޓް ނޯމަލް ޒެވިޔާ. ދެން ދުވަހަކު ބޭބީ އެއްވެސް ނުލިބޭނެ....." ރިޔާ އަކަށް ކަރުނަތަކެއް ނުހިފެހެއްޓުނެވެ. ޒެވިޔަންގެ މޭގައި މޫނު ފޮރުވާލެވުނު ގޮތަށް ޒެވިޔަން ލައިގެން އިން ޓީޝާޓު ތެމުނެވެ. ރިޔާ ގެ ހުވަފެނަކީ އަބަދުވެސް ދެތިން ކުދިން ލިބުމެވެ. ދެން ދުވަހަކުވެސް އެ ހުވަފެންތައް ހަގީގަތަކަށް ނުވާނެއެވެ. 

"މިހާރު ބަލިވާރަށް ވެސް ރޮވިއްޖެ. ދެން ހުއްޓާލަބަލަ، އަހަރެން ނެތިން ދުވަހަކުވެސް ރިޔާ އާއި ވަކިވާކަށް. ޓްރަސްޓްމީ އަހަރެން ރިޔާ ދޫކޮށްލާފައި ދާނެ ދުވަހަކީ އަހަރެން އެންމެ ފަހުނޭވާ ދުނިޔެއަށް ދޫކުރާނެ ދުވަސް، އައި ޕްރޮމިސް..." ޒެވިޔަންގެ ބޮޑު އަތްތިލައިގެ ތެރޭގައި އެކުޑައަތްތިލަ ލާފައި ފިތާލަމުން ޒެވިޔަން ރިޔާގެ ކޯތާފަތް ފޮހެލަދިނެވެ. ޒެވިޔަން އަނގައިން ލޯބިވާކަމަށް އެއްބަސް ނުވިޔަސް ލޯބިވާ ފިރިޔެއްގެ ފަރާތުންވެސް ހިތްވަރުދެވޭނީ އެވަރަށް ކަންނޭގެ އެވެ. ޒެވިޔަން އެހާ ލޯބިން ވާހަކަދެއްކިއެވެ. ރިޔާ ހެއްވާލިއެވެ. ޒެވިޔަން ރިޔާއަށް މިރޭވެސް ހިފެހެއްޓުމެއްނެތް ލޯބިދިނެވެ. ރިޔާގެ ހިތް ފުރުވާލަދިނެވެ. ނަމަވެސް އެންމެ ފަހުން ޒެވިޔަން ގެ ޝަރުތަކީ ކޮބައިކަން އެގުމުން ރިޔާ ގެ މޫޑު ސަކަރާތްވިއެވެ. އަލީނާ ގެ ކުށަކީ ނިކަމެތިވުން ކަމަށާއި، މަންމަވެސް އަލީނާ ދެކެ އެހާ ރުޅިއަންނަ ކަމަށް ބުނި އިރު ރިޔާގެ ލޮލުގައި އަނެއްކާ ކަރުނަ ގިނަވާން ފެށިއެވެ. ނިކީވެސް އަލީނާ އާއި ނުލައި ދެން ނޫޅޭނެ ކަމަށް ބުންޏެވެ.

"ތިއީ މައްސަލައަކީ. އަހަރެން ބޭނުމެއްނޫން އަލީނާ އާއި ނިކީ އެހާ އެޓޭޗްވާކަށް. އަހަރެން މިގޮތަށް ނިންމީ ވަރަށް ވިސްނާފައި. އަހަރެމެން ދުވަސްކޮޅަކަށް އެމެރިކާއަށް ދާނީ، އޭރުން ނިކީ އަލީނާގެ މަތިން ހަދާންނެތިދާނެ. ބަޓް ޔޫ ހޭވް ޓު ފަޔަރ ހާރ، މިއަދު އިނގޭ. އަހަރެން ބޭނުމެއްނޫން އަލީނާ ދެން މިގެއިން ފެންނާކަށް..." ޒެވިޔަން ވެސް އެންމެ ފަހުން ހިތްހަމަނުޖެހިފައި ހުރެ އެދުން ތެދުވެ ޓީޝާޓް ބޮލުން ވައްޓާލައިފިއެވެ. އޭނައަށްވެސް ކުށެއް ކުރެވިފައިވާ ކަމަށް ޒެވިޔަން ގަބޫލުކުރެއެވެ. އަދި އަލީނާ މިގޭގައި ހުރިއްޔާ މުސްތަގުބަލުގައި އެނޫން ގޯހެއްވެސް ހެދިދާނެއެވެ. އޭނަ އަކީ އެހާ މާތް މީހެއްނޫނެވެ. އަންހެންކުދިންގެ ކަންތަކުގައި އަމިއްލަ ނަފުސަށް ކިތަންމެ ވަރަކަށް އިތުބާރު ކުރިޔަސް އަލީނާ އަކީ އޭނަގެ މަގުއޮޅުވައިލަފާނެފަދަ ކުއްޖެކެވެ. ނަމަވެސް ޒެވިޔަން އެހެންވާކަށް ނޭދެއެވެ. ނިކީއަށް އޭނަ ބޭނުމީ މައިންބަފައިންގެ ލޯބި ލިބިގެން އުފާވެރި ދިރިއުޅުމެކެވެ. އެމީހުންނަކަށް ގެންގުޅޭކުއްޖަކަށް ބޭނުމެއްނުވެއެވެ.

"ޒެވިޔާ. އެލީ ދާނެ ތަނެއް ނެތް..." ރިޔާ އިނީ އަސަރުކޮށްފައެވެ.

"އަހަރެން ދީފާނަން ލާރިވެސް، ބޭނުންވަރެއް ރިޔާ ބުނޭ. އެޕާޓްމެންޓެއްވެސް ހޯދަދީފާނަން، އެކަމަކު ރިޔާ އަހަންނަށް ކަމެއްކޮށްދޭނެނަމަ ނިކީ ބަލައިދީ. އެއީ އަހަރެމެންގެ ދެމީހުންގެ ހުރިހާ ވެސް އުފަލަކީ. އެހެންމީހަކަށް ކިހިނެއްތަ ނިކީ ބަލަން އަހަރެން ޓްރަސްޓް ކުރާނީ. ނޫނީ އަހަރެން ޑިއުޓީއަށް ނުގޮސް ހުރެދާނަން. އަހަރެމެން ދެމީހުންނަށް ޔަގީނުންވެސް ބޭބީ ބެލޭނެ. ޕްލީޒް ރިޔާ......" ޒެވިޔަންގެ ރީތި ފެހިދެލޮލުން އެވަގުތު ރިޔާއަށް ފެނުނީ ކޮން އަސަރެއްކަމެއް ރިޔާއަކަށް ނޭގުނެވެ. ޒެވިޔަން އާދޭހާއި އެކީ ދުވަހަކުވެސް އޭނަ ކައިރީ މިގޮތަށް ކަމަކު އެދުނު ކަމެއް ނޭގެއެވެ. ރިޔާއަށް އަލީނާ ފޮނުވާލުން ހަތަރު ފަރާތުން މަޖުބޫރުވީއެވެ. ރިޔާ ފިކުރު ބޮޑުވިއެވެ. ނަމަވެސް ޒެވިޔަން ގެ އިތުބާރެއްނެތް މީހަކާއި ޒެވިޔަންގެ ހުރި އެންމެ ދަރިފުޅު ހަވާލުކުރުމުގެ ހައްގެއް ރިޔާއަކަށް ނެތެވެ.

ޖިލާ ހަމަޖެހިލައިގެން އެތައްހާސް ސައިބޯނި ބޮކިތަގެ ތެރޭގައި އެ ތުނި ހަށިގަނޑު ފޮރުވާލައިގެން ބިލިގާތެރޭގައި އޮތްއިރު އޭނަގެ ސިކުނޑީގެ ވާންކަން ކެނޑި ނިދި އަންނަގޮތްވެސް ވިއެވެ. ފިނިފިނި ފެންތަކުގެ ބީހިލުމާއި، ދުވާމީރުވަހުގެ ތެރެއަށް ގެނބި ދެލޯމަރާލައިގެން އޮތްވާ ކުއްލިއަކަށް މީހަކު އަތުގައި ހިފާލުމުން ސިހިފައި ބަލައިލި އިރު އޭނަ އާއި ދިމާލަށް ގުދުވެލައިގެން އޮތީ އާއިޒު އެވެ. އެ ރީތި ދެލޮލުން ފެނުނީ ލޯތްބާއި އެކު ނުތަނަވަސްކަމެވެ. ލޯމަރާލައިގެން އޮތީމަ މަރުވެފައިކަމަށް ހީކުރީ ކަންނޭގެއެވެ.

"ޖިލީ. ތިހެން އޮވެ ނިދުން އެހާ ސޭފެއްނޫން އިނގޭ..." އާއިޒު ހިންދެމިލާފައި ފުންނޭވަޔެއްލިއެވެ.

"ގެޓް އައުޓް...." ޖިލާއަށް ހަޅޭއްލަވައި ގަނެވުނެވެ. 

"ދޮރުތަޅުނުލައި ހުރީމަ އެގޭނީ ކިހިނެއްތަ؟ އެނީވޭސް ސޮރީ ބުނަން ޖެހޭނެ ދޯ .ސޮރީ....." އާއިޒު އެއްބުމައަރުވާލާފައި ކުޑަ ހީލުމަކަށްފަހު ނިކުމެގެން ދިޔައީއެވެ. ޖިލާ ކުޑަކޮށް ތެދުވުމާއިއެކު ބިރުވެރި ގޮތަކަށް ދެލޯ ބޮޑުކޮށްލެވުނެވެ. ބިލިގާގެ ތެރޭގައި އެންމެ ސައިބޯނި ބޮތްކެއްވެސް ނެތެވެ. ދިހަމިނިޓް އެހާ ހަލުވިކޮށް ދިޔައީބާވައެވެ. އެކަމަކު އެހުރިހާ ބޮކިތަކެއް ނިވި، ފެންގަނޑުވަނީ ސާފު ބިއްލޫރިކޮޅެއްފަދައިން ހިމޭންކޮށެވެ. ބުރުގާއިން މުޅި ހަށިގަނޑު ނިވާކޮށްގެން އާއިޒުއަށް ފޮރުވައިގެން އުޅެނިކޮށް މިލިބުނީ ހިތުން ފިލައިގެން ނުދާނެވަރުގެ ލަނޑެކެވެ. ޖިލާގެ މޫނު އަނގުރު އަލިފާންގަޑަކަށް ވިއެވެ.

ކޮމެންޓް 0