ދޮރުމަތީގައި ހުރީ އެމީހަކު ދެކެން ހިތް އަބަދު އިންތިޒާރު ކުރާ އޭނަގެ ލޯބިވެރިޔާ އެވެ. އެމީހެއްގެ ހަނދާނުގައި އަބަދު ހިތް ބޭގަރާރުވެފައިވާ ފަރާތެވެ. ގަދަނޫކުލައިގެ ޓީޝާޓަކާއި، ޖިންސެއް ލައިގެން ހުރި އިރު އަނދިރިކޮށްފައިވާ ކޮރިޑޯގެ ތެރެއިން އޭނަގެ ހިޔަނި އެޅިފައިވާ މޫނު ފެންނަނީ ވަކިން ފިރިހެންވަންތަ ކޮށެވެ. ކަނޑައި، ކޮށާލާފައިވާ ސްތެޗޫއެއްފަދަ ހަތަރެސްކަން ދަތްދޮޅި އާއި ގަދަބުމަ އާއި، ޓޭން ވެފައިވާ މޫނަށް ބަލަހައްޓައިގެން ހުރެ އަލީނާ މުޅި އުމުރުވެސް ހުސްކޮށްލަފާނެއެވެ. އަދި ނުވިތާކަށް ވަން މިލިއަން އާފްޓަޝޭވްގެ ހިތްގައިމު ވަހާއި ލާމެހިލަން އަލީނާ ބޭނުން ވިއެވެ. 
"ކުޑަ ގިފްޓެއް......" ޒެވިޔަން ދިއްކޮށްލީ ދިގު ތަނޑިއެއްލާފައިވާ ރަތްކުލައިގެ ފިނިފެންމަލެކެވެ. ބުދެއްފަދައިން ހުރެ އަލީނާ އެ މަލުގައި ހިފިއެވެ. 

އެވަގުތު ޒެވިޔަންގެ އަތުގެ އިނގިލިތައް އަލީނާގެ އަތުގައި ބީހިގެން ދިޔުމުން، ހަށިގަނޑުގައި ކަރަންޓުގެ ރާޅުތަކެއް ދަތުރުކޮށްލިފަދަ ފޮނި، ފޮނި އިހުސާސެއް ކުރެވުނެވެ. އަލީނާއަށް ދެލޯ މަރައިލެވުނީ ބޭ އިޚުތިޔާރުގައެވެ. ހިތަށް ލިބުނު ފިނިކަމާއި، ހިތްހަމަޖެހުން މުޅި ހަށިގަނޑަށް ވެސް ފެތުރިގެން ދިޔައެވެ. އިރުކޮޅެއް ފަހުން އަލީނާ ލޯ ހުޅުވާލި އިރު ވެސް އޭނަ ހުރީ ހުވަފެނީ ގޮތަކަށެވެ.

ޒެވިޔަން އަލީނާ ލައިގެން ހުރި ހެދުމަށް ބަލައިލީ ހައިރާންކަމުގެ ނަޒަރަކުންނެވެ. އާދައިގެ ހެދުމެއްގައި ބުރުގާވެސް ބޮލުގައި އޮޅާލައިގެން ހުރި އިރު ޒެވިޔަންގެ އިންތިޒާރުގައި ހުރި ކުއްޖެއް ހެނެއް ވެސް ހިޔެއް ނުވެއެވެ. އާ ކައިވެނީގެ ރެއަށް ޓަކައި ކޮންމެ އަންހެންކުއްޖަކު ވެސް ތައްޔާރުވާކަށް ނުޖެހޭ ހެއްޔެވެ؟ އަލީނާގެ ގާތުން ސޮއި ހޯދައިގެން އަލީނާ ނެތި ގާޒީ ވަނީ ޒެވިޔަން ގެ ހާޒިރުގައި ކައިވެނީގެ ހުރިހާ ރަސްމީ ލިޔުންތަކެއް ނިންމައިދީފައެވެ. އެއަށްފަހު އަލީނާ ވަނީ ގާނޫނީ ގޮތުން އޭނަގެ އަންބަކަށް ވެފައެވެ. އެހެންވެ ޒެވިޔަން ހީކުރީ އަލީނާ މިރެއަށް ރީތި ހެދުމެއްލައި ކޮޓަރި ވެސް ޒީނަތްތެރި ކުރާނެ ކަމުގައެވެ. މިވީހާތަނަށް އަލީނާ އުޅުނު ގޮތުން ޒެވިޔަންއަށް އެނގިފައި ވަނީ އެކުޑަ ހިތް އޭނައަށް ހަދިޔާ ކުރެވި، ނިމިފައިވާ ކަމުގައެވެ. އަދި އަލީނާ ވެސް މަންމަމެންނާއި ބައިވެރިވެގެން އޭނައަށް ސަޕްރައިޒެއް ދޭން އުޅެނީ ކަމުގައެވެ. ނަމަވެސް މިވީ ކިހިނެއް ބާވައެވެ.

"މޭ އައި ކަމް އިން....." ޒެވިޔަން ތަންކޮޅެއް ރަސްމީ ވެލިއެވެ.
"ވަ...ވަޓް....." އަލީނާ ކަންބޮޑުވުމާއި އެކު އަވަހަށް އުޅުނީ ދޮރު ލައްޕާލާފައި، ބޭރަށް ނުކުތުމަށެވެ. ހާސްކަމާއިއެކު ކޮރިޑޯ އާއި ދިމާލަށް ބަލައިލެވުނީ އެހެން މީހަކަށް އެ މަންޒަރު ފެނިދާނެކަމުގެ ބިރާއި އެކުގައިއެވެ. ޒީބާއަށް ފެނިއްޖެއްޔާ އޭނަ ފޮތިފޮތިކޮށްލަންވެސް ފަހެއް ނުޖެހޭނެއެވެ.

"އަލީނާ، ދެން ތިވަރަށް އެކްޓް ނުކުރިޔަސް ހެވޭ......" ޒެވިޔަން ކުއްލިއަކަށް އަލީނާގެ އަތުގައި ހިފައި ގާތަށް ދަމައިގަނެފައި، ކޮޓަރި ތެރެއަށް ވަދެ ދޮރު ލައްޕާލައިފިއެވެ. ލިބުނު ސިހުމަކާއެކު އަލީނާއަށް ހަޅޭއްލަވައި ނުގަނެވުނީވެސް ކިރިޔާއެވެ. އޭރު އަލީނާ ވަނީ ރީތިކޮށް ޒެވިޔަންގެ ގައިގައި ޖެހި ފިތިފައެވެ. ޒެވިޔަންގެ އަތާއި ހަށިގަނޑުގެ ބާރު ކިތަންމެ ރަނގަޅަށްވެސް އިހުސާސް ކުރެވިއްޖެއެވެ. އަލީނާގެ ހިތް ތެޅެމުންދިޔަވަރު ޒެވިޔަންއަށް ވެސް ފާހަގަ ނުކުރެވިއެއް ނުދާނެއެވެ. އެއަތްތިލަ ވަނީ އަލީނާގެ މޭގައި ޖެހިފައެވެ.

"ވަޓް ހެޕެންޑް... އަހަރެން ހީކުރީ އަލީނާ ގަބޫލު ވެގެންކަމަށް...." ޒެވިޔަން އަލީނާގެ ގައިން ދޫކޮށްލާފައި ކުޑަކޮށް ހައިރާންވެފައިވާފަދަ ގޮތަކަށް ބުނެލިއެވެ. އަލީނާ އުޅޭގޮތުން ހީވަނީ މި ކައިވެންޏާއި ބެހޭ އެއްވެސް ޚަބަރެއް އޭނައަށް ލިބިފައި ނުވާހެންނެވެ. 

"ޒާވް ތިކިޔާ އެއްޗެއް ނޭގޭ......." އަލީނާ ފަހަތަށް ޖެހެމުން ގޮސް މޭޒަށް ލައްވެލީ ހަށިގަނޑުގައި ބާރެއް ނެތުމުންނެވެ. ޒެވިޔަން ވެސް ހުރީ އަލީނާ ގެ ހަރަކާތް ހުރި ގޮތުން ހަދާނެ ގޮތެއް ނޭގިފައެވެ. އަލީނާ އަދިވެސް އޮޅުވައިލަން ވެގެން ޑްރާމާއެއް ކުޅެނީ ބާވައެވެ. ނޫނީ މަންމަމެން އަލީނާއަށްވެސް ސަޕްރައިޒެއް ދިނީބާވައެވެ.

"އަހަރެން ހީކުރީ އަލީނާވެސް ބޭނުންވާނެ ކަމަށް، ކީއްވެތަ މިސްލީޑް ކުރީ....." ޒެވިޔަންގެ ފުން ދެލޮލަށް ބަލައިލެވުމުން އަލީނާއަށް ހީވީ ގައިން ވަރު ހުސްކޮށްލައިފި ހެންނެވެ. މިއީ ހައްތަހާވެސް ލޯބީގެ ބާރުގައި ހަށިގަނޑަށް ކުރުވާ އަސަރުތައް ބާވައެވެ. 

"ކިހިނެއް މިސްލީޑް ކުރި ވާހަކައެއްތަ؟ އަޅު... އަޅުގަނޑަކަށް ނޭގުނު... ޒާވް...." އަލީނާ ކަންބޮޑުވިއެވެ. ޒެވިޔަން ހީކުރަނީ އޭނަ އަކީ ނާސި ކުއްޖެއްކަމަށް ހެއްޔެވެ؟ އެއްގޮތަކަށް ވެސް ފާފައަކަށް އަރައިގަންނާކަށް އޭނަ އަކަށް ނުކެރޭނެއެވެ.

"ރޫލްސް ބްރޭކް ކޮށްލީމަ ކުޑަކޮށް މަޖާވާނެ، އެހެންނޫނަސް މިހާރު ދެމީހުން އެކަނި މިތިބީ، ޑެވިލް އަކަށް ވެސް ކައިރިވާކަށް ނުކެރޭނެ، އެހެންބުނީމަ ތި ކުޑަ މައިންޑުގައި އޮންނާނެ އެއްޗެއްވެސް އެގޭ ތިއީ ޑެވިލްއޭ ދޯ އިތުރު ޑެވިލްއެއް ވަންނަންވީ ކީއްކުރަން ހޭ... ނޫންތަ؟" ޒެވިޔަން ސަމާސާ ހުނުމަކާއިއެކު ބުންޏެވެ.

"ނޫން، އެހެނެއްނޫން، ތިއީ ޑެވިލްއެއް ނޫން...." އަލީނާ ވާހަކަ ދެއްކި އިރު އަޑުގައި ތުރުތުރެއް ހުއްޓެވެ. އޭނަ ގެ ހިތަށް ލިބުނު ފިނިކަމާއި، އުފާވެރިކަންވެސް ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް ޚިޔާރުކުރަން ފެށިއެވެ. ޒެވިޔަން ލޯބީގެ ނަމުގައި ކޮންމެފަދަ ކަމެއްވެސް އޭނަލައްވާ ކުރުވަފާނެއެވެ. އަލީނާގެ ހަނދާނަށް އައީ އާއަހަރުގެ އެ ޚާއްސަ ވަގުތުކޮޅެވެ. އެ ހަނދާންވުމުން ވެސް ގައިން ހީބިހި ހަލުވާލައިފިއެވެ.

"ހާދަ ބިރަކުން ތިއުޅެނީ، އެކަނި ވާހަކަ ދައްކާލަން މިއައީ، އަހަރެމެންނަށް ފްރެންޑުންނަށް ވެވިދާނެ ދޯ..." ޒެވިޔަން އެއް ފިޔަވަޅު ކުރިއަށް ޖެހިލިއެވެ. އަލީނާ ހުރީ ނޭވާ ހިފަހައްޓާލައި ގެންނެވެ. ހީވަނީ ކުޑަ ހަރަކާތެއް ކޮށްލިޔަސް އެތަނަށް ވެރިވެފައިވާ ނުތަވަސްކަމުގައި ހުޅުހިފައިފާނެތީ އަލީނާ ބިރުން ހުރިހެންނެވެ. އަލީނާ އިނގިލީގައި ދައިގަތެވެ.

"އޯ.. ކޭ.. ފްރެންޑްސް..." ސިކުންތުކޮޅެއްގެ ހިމޭންކަންވެސް ހީވީ ގަރުނަކަށް ދެމިގެން ދިޔަހެންނެވެ.

"ނާހީގެ ޚަބަރެއް ނުވޭތަ؟ އަހަރެން މާދަން ގެނެސްދޭނަން ލެޕަކާއި، ފޯނެއް، އޭރުން ދޮންބެއަށްވެސް ގުޅޭނެ ދޯ..." ޒެވިޔަން ކުޑަދޮރު ކައިރީގައި ހުއްޓި ބޭރަށް ބަލަން ފެށީ ކޮންމެވެސް ވަރަކަށް މާޔޫސްވެފައި ހުރެއެވެ. އަލީނާ އެނގުނުހެން ހައްތަހާ ބޮޑަށް ސިއްރުތަކެއްގެ ތެރެއަށް ވަދެވި، ބޯ ހިއްލައި ނުލެވޭނެހެން ވެސް ހީވާންފަށައިފިއެވެ. ނާހީގެ ނަން އިވުމުން އަލީނާ ކޮންމެވެސް ވަރަކަށް އެވާހަކަ ދައްކަން ފެށިއެވެ. ނާހީ ކުރާ މަޖާކަންތަކުގެ ވާހަކަ ދައްކަމުން އައިސް ޒެވިޔަންގެ ކައިރީގައި ހުއްޓުނު އިރު އަލީނާއަށް މިހުރެވުނީ ބަންދު ތަނެއްގައިކަންވެސް ހަނދާނެއް ނެތެވެ. މިފަހަރު ގިނަ ވާހަކަދެއްކީ އަލީނާ އެވެ. ހީނ ހީނފައި ޒެވިޔަން ގާތުގައި ކިޔާދިން ވާހަކަތަކުގެ ތެރޭގައި އޭނަ އާއި ނާހީގެ ސައިކަލް ބުރު ހިމެނުނެވެ. އަލީނާ ކުޑަކުއްޖެއްގެ ޖޯޝާއި އެކީގައި ވާހަކަދައްކަން ހުރި އިރު ޒެވިޔަންގެ ހިތް ބޭނުންވަމުން ދިޔައީ އެހެން ކަމަކަށެވެ.

ކުއްލިއަކަށް ޒެވިޔަންގެ ފޯނު ރިންގުވާން ފެށިއެވެ. ޒެވިޔަން މަޑުމަޑުން އެއްޗެކޭ ބުނެލުމަށްފަހު މިދަނީ އޭ ބުނެފައި ފޯނު ކަނޑާލައިފިއެވެ. ޒެވިޔަން އަލީނާ ގާތުގައި އަދި ފަހުން ދިމާވާނެދޯ އޭ ކިޔާފައި ނިކުމެގެން ދިޔުމުން އަލީނާ އެނދުގައި އިށީންގޮތަށް ޖެހި ބުދެއްފަދައިން، ހަރަކާތެއް ނެތި އެތައް އިރެއްވާންދެން އިނެވެ. ޒެވިޔަން އައީ ހަމަ އެހެން ފިރިހެނުން ފަދައިން ހިތްހަމަޖައްސާލުމުގެ ބޭނުމުގައި ބާވައެވެ. ބޭނުން ކަންތައް ނުކުރެވުމުން ޒެވިޔަން ދެރަވާނެ ބާވައެވެ. އޭނަދެކެ ފޫހިވާނެ ހެއްޔެވެ؟ ޒެވިޔަންއަށް އޭނަގެ ހަގީގަތް ކިޔާދޭނީއެވެ. އޭނަ އަކީ ނާސިކުއްޖެއް ނޫންކަމާއި، އެއްގޮތަކަށް ވެސް އެހެން އުޅެން ނުކެރޭނެ ކަމަށް ސީދަލަށް ބުނާނީ އެވެ. ފޯނަކާއި، ލެޕެއް ލިބިއްޖެއްޔާ އޭނައަށްވެސް ޒެވިޔަން އާއި ވާހަކަ ދެއްކޭނެ ވަސީލަތެއް ލިބުނީ އެވެ. ކޮންމެ ގޮތެއްވިޔަސް އަލީނާގެ ހިތަށް ލިބުނު އުފަލާއި، ހިތްހަމަޖެހުން މިރޭ ބަޔާން ކުރާނެ ގޮތެއް ވެސް ނޭގުނެވެ. ޒެވިޔަން އާއި އެކުވެރިވެވުނުކަމީ އޭނަފަދަ ކުއްޖަކަށް ދުނިޔޭގައި ލިބޭނެ އެންމެ ބޮޑު އުފަލެވެ. އަލީނާ އުފަލުން ބާލީހުގައި ބައްދައިގަތް ގޮތަށް ހަމަ ހެވުނީއެވެ. ލޮލަށް ނިންޖެއްވެސް ނައެވެ. ނޭފަތުގައި ހިފާފައި ވަނީ ވެސް ޒެވިޔަންގެ މީރުވަހެވެ.

އަލީނާއަށް އޭނަ އަކީ ޒެވިޔަންގެ އަންހެނުންކަން އެނގުނުނަމަ އެ އުފާތަކާއި، ހިތްހަމަޖެހުން އެތައް ގުނަ އިތުރުވީހެވެ. ނޭގުމުގެ ތެރޭގައި އޭނަ މިވަނީ ޒެވިޔަންގެ އަންހެނުންނަށް ވެފައެވެ. ބަޔަކު ކިތަންމެ ނުބައި ރޭވުމެއްގެ މަތިން ކުރިކަމެއް ކަމުގައި ވިޔަސް އޭނަ އަކީ މިހާރު ޒުވާން ރީތި މިލިއަނަރެއްގެ އަނބިމީހާއެވެ. ނޭގިހުރެ އޭނައަށް ފުރާނަފަދަ ލޯބިވެރިޔާ މިވަނީ ފާޑަކަށް މިލްކުވެފައެވެ. ތަގުދީރުގެ މި ސަމާސާ އެނގޭ ވަގުތު ލިބޭނެ އުފަލެއްގެ ބޮޑުކަމުން އޭނަގެ ހަށިގަނޑުން ފުރާނަ އުދުހިގެން ނުދާނެކަމެއްވެސް ނޭގެއެވެ. 

ޒެވިޔަން ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލީ މަޑުންނެވެ. ޒެވިޔަން ބަލައިލި ގޮތުން އޭނަ ހުރީ ނުތަނަވަސް ވެފައިކަން ރިޔާ ދެނެގަތެވެ. ރިޔާ އެންޖެލް ސްލީޕް ޓީ ނައިޓީއެއް ލައިގެން ބާލީހުގައި ބައްދާލައިގެން އޮތްއިރު، ތުންފަތްމަތީގައި ސިއްރުވެރި ހިނިތުންވުމެއް ވިއެވެ.

"އާޖެންޓް ވެގެން މާވަރަކަށް ގުޅިކުއްޖާ ކޫލްކޮށް ތިއޮތީ؟" ރިޔާ އެހާ އަވަހަށް އަންނަން އެދުމުން ޒެވިޔަން ހީކުރީ މާބޮޑުކަމެއް ރިޔާއަށް ދިމާވީ ކަމަށެވެ.

"ބިރުން އެކަނި ނިދަން ނޯވެވިގެން، އެހެންނޫނަސް ޒެވިޔާ އޭނަ ކައިރިއަށް ދިޔަތާ ތިރީސް މިނިޓްވެއްޖެ، ޒެވިޔާ، ކޮންމެ ރެއަކު ޒެވިޔާ އެ ރޫމަށް ދާން ވާނީ ގިނަވެގެން ބައިގަޑިއަށް، ޑިނަރ އަށްފަހު އެރޫމަށް ގޮސްފައި ނިދަން މި ކޮޓަރިއަށް އަންނާތި، ޕްލީސް..." ރިޔާ ވާހަކަދެއްކި ގޮތުން ހީވަނީ އެ ކައިވެނީގެ ހުރިހާ ގަވާއިދެއް ހެދުމުގެ ހައްގު އޮތީ ރިޔާއަށް ހެންނެވެ. ރިޔާ ޒެވިޔަންގެ އަތުގައި ހިފަހައްޓާލައިފައި އެއަތްތިލައިގައި ބޮސްދިނެވެ.

"ނައިޓްމެއަރ އެއް ފެނުނީތަ؟ ރިޔާ ބުނެގެން އަހަރެން ކުރިކަމެއް އެއީ، ގަޑިވެސް ކިޔާ، ފަސްމިނިޓޭ ނުބުނީ ކީއްވެތަ؟ އައި ޑޯންޓް ކެއަރ..." ޒެވިޔަން ފުން ނަޒަރަކުން ރިޔާއަށް ބަލަން ހުރި އިރު ހީވަނީ ރިޔާގެ ސިކުނޑީގައިވާ އެއްޗެއް އެނގޭހެންނެވެ. ޒެވިޔަން ފުން ނޭވަޔެއްލިއެވެ. ރިޔާ އާއި އަލީނާގެ މާބޮޑު ތަފާތެއް ނެތެވެ. ދެކުދިންވެސް އޭނަގެ ރީތިކަމަށް ބަލާލައިގެން ހިތްފުރެއެވެ. ހީވަނީ އޭނަ އަކީ ރީތިކަން އިޝްތިހާރު ކުރަން ޝޯކޭހަކަށް ލާފައި ބަހައްޓަންވީ ބުދެއްހެންނެވެ. ޒެވިޔަން ޓީޝާޓު ބާލައިފައި ހަރުގައި އެޅުވި ތަނުން ރިޔާ ފަހަތުން އައިގޮތަށް ބައްދާލައިފިއެވެ. ފިނިވަނީއޭ ކިޔާފައި ގާތްކޮށް އުޅެގަތުމުން މިރޭ ޒެވިޔަންއަށް އުދަގޫވިއެވެ. އޭނަ ބޭނުމީ އެކަނިވެރި ކަމެވެ. ރިޔާ އެގޮތަށް ގޯނާކުރަމުން ގޮސް އޭނަ ރިޔާއަށް ބޭނުން ވިޔަސް އަދި ރިޔާގެ ފަރާތުން އުފަލެއް ލިބޭނީ އެއްނޫނެވެ. އޭނަ ކޮންމެހެން ރިޔާ ކުށްވެރި ކުރަނީ އެއްނޫނެވެ.

"ޒެވިޔާ ވެސް ނޯޓީ ވާނެކަމެއް ނެތޭ، ފަސް މިނިޓުން ކަމެއް ނުކުރެވޭނެ ކަން އެނގޭ، އެހެންވެ ތާޓީ މިނިޓްސް ދިނީ.." ރިޔާ ބާރަކަށް ހޭންފެށިއެވެ. ޒެވިޔަން އެ ވާހަކައަށް ޖަވާބެއްނުދީ އެނދުގައި އޮށޯތުމުން ރިޔާ ޒެވިޔަން އާއި ދިމާލަށް ގުދުވެލައިފިއެވެ.

"އައިމް ޓަޔަޑް..." ޒެވިޔަން އަނެއް ފަރާތަށް އެނބުރުމުން ރިޔާއަށް ހީވީ ޒެވިޔަން އޭނަގެ މޫނުމަތީގައި އެތިފަހަރެއް ޖެހިހެންނެވެ. އެތިފަހަރެއް ޖެހިނަމަވެސް ހިތަށް އެހާ ތަދުވާނެކަމެއް ނޭގެއެވެ.

"ޒެވިޔާ، އެހާ އަވަހަށް އޭނައަށް ގޮސް ހުސްވީތަ؟ އަހަރެން ބޭނުން ވާހަކައެއް އެނގެން، އަލީނާ އަކީ ވާޖިންއެއް ނޫން ދޯ، މަ ބުނީމެއްނު ޒެވިޔާ ގާތު.." ރިޔާ އެވަރުން އޮޅުން ފިލުވަން ބޭނުންވީ ރިޔާއަށް ޔަގީން ނުވާތީއެވެ. އަލީނާ ކިޔާދިން ވާހަކަތަކުން އޮޅުން އަރާފައި ވާތީއެވެ. 

"ރިޔާއެއް ކަމަކު ޕާސަނަލް ކަންތައް އަހަން ނޫޅެބަލަ...." ޒެވިޔަން ހިތްހަމަނުޖެހޭ ގޮތްވިއެވެ. ބުމަވެސް ގޮށްޖަހާލައިފިއެވެ. ދެ އަނބިން ގެންގުޅުމުގެ އަނދިރި ފަރާތުގެ ކުޑަ، ކުޑަ ތަންކޮޅެއް ފެންނަން ފެށީއެވެ. ކޮންމެ އަންބަކުވެސް އަނެއް އަނބިމީހާ އާއި އެކުގައި ހޭދަކުރާ ވަގުތުގެ ތަފްސީލު ވެސް ބޭނުން ވަނީ ކަންނޭގެއެވެ.

"ފޮނި ޒެވިޔާ، އެއީ ޒެވިޔާގެ ޕާސަނަލް ކަމެއްތަ؟" ރިޔާ ގެ ލޮލުން ކަރުނަ ހިލުނެވެ.

"އަހަރެންގެ ޒާތީ ކަމެއްވެއްޖެއްޔާ ރިޔާއަށް ފޮރުވާފައެއް ނުވާނެ، އެހެން މީހެއްގެ ޕާސަނަލް ކަމެއް ރިޔާ އަހަރެންގެ ގާތުން ނޭހިއްޔާ މަށަށް ރަނގަޅީ، އަހަރެން ނިދި އަތުވެއްޖެ، ދެން ޑޯންޓް ޑިސްޓާބް އިނގޭ..." ޒެވިޔަން ރިޔާގެ ކޯތާފަތުގައި ބޮސްދިނުމަށްފަހު ބަންޑުންވެ ނިދަން މަސައްކަތް ކުރިއެވެ. މިރޭ ރިޔާ އޭނައަށް ކޮންމެވެސް ކަމެއް ފޮރުވާކަމަށް ވެސް ޝައްކު ކުރެވިއްޖެއެވެ. އަލީނާ އަކީ ކޮންކަހަލަ ކުއްޖެއްކަން ރިޔާއަށް ރަނގަޅަށް އެނގި ހުރެ ކަމެއް ސިއްރުކުރަނީ ކަމަށް ވެދާނެއެވެ. ރިޔާ އޭނަ ދެކެ އެހާ ލޯބިވާ ކަމަށް ދަޢުވާ ކުރާއިރު ޒެވިޔަން އަލީނާ އާއި ކައިވެނި ކުރަން އެއްބަސްވުމަކީ ވެސް ފުރަތަމަ ސުވާލު އުފެދެން ޖެހޭނެ ކަމެކެވެ. ވިސްނި ވިސްނިހެން ޒެވިޔަން ގެ ބޮލުގެ ރިހުން އިތުރުވާން ފެށިއެވެ.
ރިޔާ އިނީ ގަބުވެފައެވެ. ޒެވިޔަން ފަހަރެއްގައި ވެސް އަލީނާގެ ކަންތައް އޭނައަށް ސިއްރުކޮށްފާނެ ކަމަކަށް ރިޔާ ހިޔެއް ނުކުރެއެވެ. އެގޮތަށް ހެދުމުން ރިޔާ ގެ ހިތުގައި ޒެވިޔަން އާއި މެދުގައި ކިތަންމެ ވަރަކަށް ވެސް ޝަކުވާ އުފެދިއްޖެއެވެ. ކެތްކުރަން އޮވެފައި ވެސް ރިޔާ އެކަން ޒުވާބަކަށް ހެދިއެވެ. ޒެވިޔަން އަޑުއިވޭކަމަކަށް ވެސް ނަހަދާ ހިމޭނުން އޮތުމުން ރިޔާ ވަކިން ރުޅިގަދަވިއެވެ. ޒެވިޔަންގެ އަތުގެ އިނގިލިތަކުގައި ހިފައި ތަދުކޮށް، އުދަގޫކުރިއެވެ. އެންމެ ފަހުން ރިޔާއަށް މިކުރެވުނީ ރަނގަޅު ކަމެއް ނޫންކަން ވިސްނިގެން މާފަށް އެދުނެވެ. ޒެވިޔަން ދެކެ ވަރަށް ލޯބިވާ ކަމަށާއި، ޝަކުވާ ކުރެވެނީ ލޯބިވާ ވަރުން ކަމަށް ބުނެ ރިޔާ ރޯންފެށިއެވެ. އަދި އޭނަ މިހާ ބޮޑު ގުރުބާނީއެއް ވީވެސް ކުއްޖަކު ހޯދުމުގެ ބޭނުމުގައި ކަމަށާއި، އޭނަދެކެ ރުޅި ނައުމަށް އެދި އާދޭސްކުރިއެވެ.

"ސްޓޮޕް ކްރައިން، އަހަރެން ރުޅިއެއް ނާދެއޭ، އާދޭ ނިދާލަން..." ޒެވިޔަން ރިޔާ އަތުގެ ތެރެއަށް ގެނެސް މޭގައި ބޮނޑިކޮށްލައިފި އެވެ. ލޯބީގެ އެންމެ ކުޑަކުޑަ އަދާ އަކުންވެސް ރިޔާގެ ހިތަށް ލިބުނު ފިނިކަމަކުން ހީވީ ގަނޑުފެނުން ތެންމާލިހެންނެވެ. ވަގުތުން ދެލޯ ފޮހެލާފައި ޒެވިޔަންގެ ބާރުގަދަ އަތުތެރޭގައި ހަމަޖެހިލައިފިއެވެ. 

ގޭގެ ބޮޑު ކޮޓަރީގެ ސޯފާތަކުގައި އެއާއިލާގެ ޒުވާން މެމްބަރުން ކޮޅެއް ތިބި އިރު ޓީވީގައި އަޅުވާލާފައި ވަނީ "ވަން ޕީސް" ކާޓޫނެވެ. ދާވިޝް އާއި ރިޔާ އެއް ސޯފާއެއްގައި ޕޮޕްކޯން ކާން ތިބިއިރު ކުޑަކުދިން ފަދައިން ކާޓޫނަށް މާވަރެއްގެ ފޯރިއެއް އަރާފައިވެއެވެ. ޖިލާ ޖެހިގެން ހުރި ސޯފާގައި އިންއިރު ދޭތެރެއަކުން ބަގީޗާ ތެރެއަށް ބަލައިލެވެއެވެ. ޒެވިޔަން ރުޅިގަދަވެފައި އިނީ އޭނަ ދާވިޝްގެ ޕޮޕްކޯނަށް އަތް ބާނާފައި އެޖަހާ ސަކަރާތުން ކަމަށް ރިޔާއަށް ރޭކާލާހެނެއްވެސް ހިޔެއްނުވެއެވެ. ކުއްލިއަކަށް އާއިޒު ގެއަށް ވަދެގެން އަންނަތަން ފެނުމުން އެންމެނަށްވެސް ބަލައިލެވުނެވެ. އޭނަގެ ދިގުކޮށްލެވިފައިވާ އިސްތަށިގަނޑު އޮތީ ތުނިކޮށް ކޮށާލާފައެވެ. ގަމީހުގެ މަތީ ގޮށްނާޅުވާ ހުރުމުގެ ސަބަބުން އެފުޅާ މޭމަތިވަނީ ހާމަޔަށެވެ.

"ވޯހް، ވެން ޑިޑް ޔޫ ކަޓް ޔޯ ހެއަރ؟ ގޯހެއް ނޫން، މިހާރު ހީވަނީ ލުސިފާރ ހެން ހަހަ.." ދާވިޝް ހިނިގަނޑެއް ޖަހާލާފައި އެއްލޯ މަރާލައިފިއެވެ. 

"ހެނދުނު.. ޖިލާ ހިއަރ ތޯޓް، އިސްތަށިގަނޑުގައި ޗްއިންގަމް ތަތްކޮށްލުމަކީ މާ އެކްސެލެންޓް އައިޑިއާއެކޭ.." އާއިޒު ކުރު އިސްތަށިގަނޑުގައި އަތް ހިންގާލަމުން ބުނެލިއެވެ.

"ހޭއި، އެއީ އެކްސިޑެންޓެއް..." ޖިލާ ކުޑަކޮށް ރަކިވިޔަސް މައުސޫމް ގޮތަކަށް ދެލޯ ބޮޑުކޮށްލައިފިއެވެ. އާއިޒު ޖިލާ އާއި ދިމާލަށް ބަލައިލި ގޮތަކުން ޖިލާގެ ގައިން ހީބިހި ނެގިއެވެ. އިންޒާރުގެ ނަޒަރެއްބާވައެވެ. ލާނެތް އަދި ގާތްގޮތެއްވެސް އެ ފުންދެލޮލުގައި ވިއެވެ. ނަމަވެސް ސިކުންތު ކޮޅަކަށްފަހު އާއިޒު ދުރުބަލާލައިފިއެވެ. ޖިލާގެ ހަށިގަނޑުގައި ޖަހަން ފެށި ވިންދުވެސް މައިތިރިވިއެވެ. އާއިޒު އިށީނީ ޒެވިޔަންގެ ގާތުގައެވެ. އިރުކޮޅެއް ނުވަނީސް ޒީބާ ކޮފީ ޖަގެއް ހިފައިގެން އައެވެ. ޒީބާއަށް އާއިޒު ފެނުމުން އުފަލުން ގޮސް ހުރިހާ ދަތްތައް ފެންނަވަރަށް ހީލައިފިއެވެ. އާއިޒު ގެ އިސްތަށިގަނޑުގައި ބޮސްދިނެވެ. އާއިޒު އާއި އެންމެ ގުޅެނީ އާމީ ކަޓްކަމަށާއި މިހާރު އެފްބީ އެޖެންޓަކާއި ވައްތަރުކަމަށް ބުންޏެވެ. ޖިލާ ސިއްރުސިއްރުން އާއިޒުގެ ރީތިކަމަށް ބެލިއެވެ. އެ ތަނަވަސް މޭމަތީގައި "ޖިލާގެ ޕްރޮޕަޓީ" ޖަހާ ޕެއިންޓްކޮށްލަންވެސް ހިތަށް އެރިއެވެ. އޭނަ މިހާ ބޭނުންވާއިރުވެސް އެރެއަށްފަހު އާއިޒު ދުރުން އުޅެންވީ ސަބަބެއް ޖިލާ އަކަށް ނުވިސްނެއެވެ. އޭނަ ކަމުނުދިޔައީ ހެއްޔެވެ؟ ފިރިހެނުންގެ ވައްތަރެއް އެއްގޮތަކަށްވެސް ނޭގޭނެއެވެ.

އަލީނާ އަށް ރޭ ނިދުނީ އެހާ ލަހުންނެވެ. އެކަމަކު އާދައިގެ މަތިން ފަތިހު ހޭލިގޮތަށް ހިނގާލަންގޮސްފައި އޭނަ ކޮޓަރިއަށް ދިޔައިރު ބަދިގޭގައި ހުރި ކުޑަ ޓީވީއިން މޫސުމް ކުރިއަށް ލަފާކުރާ ގޮތް ކިޔާލި އިރު ތަންޑަރސްޓޯމެއްގެ ވާހަކަވެސް ދެއްކިއެވެ. އަލީނާ އެހާވަރަކަށް ސަމާލުކަމެއް ނުދެއެވެ. މިވީހާތަނަށް އެފަދަކަމެއް ތަޖުރިބާ ކުރެވިފައި ނެތީމަ އަލީނާއަށް އެއީ ކިހާވަރެއްގެ ކަމެއްކަން ނޭގުނީއެވެ. އޭނަ ބަދިގޭގެ ކަންތަކުގައި އަވަދިނެތި އުޅެނިކޮށް ސީމާ ގޮވައިލުމުން އެކޮޓަރިއަށް ދިޔައެވެ. ސީމާ އެދުނީ ކޮޓަރި ސާފުކުރުވުމަށެވެ. އެއަށްފަހު ބައިވަރު އެއްޗެހި ދޮންނަން ޖެހުނެވެ. ކިތަންމެ ބުރަވިޔަސް އަލީނާ ޒެވިޔަން ގެ ހަނދާނުގައި ހުރެ ކޮންމެ ކަމެއްވެސް ކޮށް ނިންމައިލީ ދާދި އަވަހަށެވެ. ސީމާ ހުރީ އަލީނާއަށް ޖެއްސުމެއްކޮށް ނުލެވިފައިހެން ހީވެއެވެ. ފަހަރަކު މަސައްކަތެއް ޖެއްސުވިއެވެ. އެންމެފަހުން އެދުނީ އޭނަގެ ފައިގައި ކޮންމެވެސް ކަހަލަ ތެލެއްލާފައި ބޮނޑިތާންކޮށް ދިނުމަށެވެ. އަލީނާ އަށް ވަރުބަލިކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ޒެވިޔަން ގެ ހިޔަނިވެސް ނުފެނި މާގިނައިރު ވެއްޖެއެވެ.

"ތަންކޮޅެއް ބާރަށް ހިފައިބަލަ، އަތުގައި ވަރެއްވެސް ނެތް މީހަކީތަ؟ ނޫނީ ހިސާބަށްވުރެ ކަންނެތީތަ؟" އަލީނާ ގެ އަތުގެ ބާރު ތަންކޮޅެއް ދެރަވާން ފެށުމުން ސީމާ އަމުރުކުރިއެވެ. އަލީނާ އެފައި މަސާޖުކޮށް ދޭން އިންނަތާ ގަޑިއަކާއި ކައިރިވީ އިރު އަލީނާގެ އަތްވާޅުވެ، އެސްފިޔަތައް ބަރުވާން ފެށިއެވެ. އަތުގެ ހަރަކާތްތައްވެސް ލަސްވެއްޖެއެވެ. ސީމާ ގަސްތުގައި އޭނައަށް އުދަގޫކުރަން ކުރުވާކަމެއް ކަމަށްވެސް އިހުސާސް ކުރެވުނެވެ. އެހާވަރުން ސީމާގެ ޚިދުމަތުގައި އުޅެ ބަލިވެފައި ހުރެ ބަދިގެއަށް ދިޔަތަނުން ނުބައި ޚަބަރެއް ލިބުނެވެ. މާރްތާ އޭނަގެ ޗުއްޓީއަށް ރަށަށް ދާންފުރީއެވެ. ފްލޯރާ ވެސް އުޅެނީ އުނަގަނޑަށް ތަދެއް އަރައިގެން ނުތެދުވެވިފައެވެ. ބަދިގޭގައި އުޅޭ ދެމީހުން ނެތިއްޔާ އަދި އޭނައަށް ހާދަ ބުރަވާނެއެވެ. އަލީނާ އާއި މެންދުރު ކެއްކުންވެސް ހަވާލުވީއެވެ. ޒީބާވެސް ފަހަރަކު މަސައްކަތެއް ހަވާލު ކުރަމުން ދިޔައެވެ. އަލީނާ ހީކުރީ ޒީބާ އާއި ސީމާ ރާވައިގެން ކުރިކަމެއް ހެންނެވެ. ނަމަވެސް އެއީ އިއްތިފާގެކެވެ. ދެމީހުންވެސް އަލީނާ ދެކެ ރުޅި އަންނަވަރުން އެމީހުން ގެ ޖެއްސުންތައް އެކީގައި ކަހަލަގޮތަކަށް ފެށީއެވެ.

އަލީނާ ރޭގަނޑު އެންމެން ކެއުމުން ތަށިތައް ނަގާފައި ކޮޓަރިއަށް ވަންއިރު މޭޒުމަތީގައި ޕާރުސަލްތަކެއް ހުއްޓެވެ. މިއީ ކާކު ފޮނުވި ހަދިޔާތަކެއް ބާވައެވެ. ވަރުބަލިވެފައި ހުރިވަރުން އެއެއްޗެހި ކަނޑައިލާނެ ހިތްވަރެއް ވެސް އޭނަގެ ނެތެވެ. އަލީނާ ފެންވަރާލައިގެން އައިގޮތަށް އެނދަށް ވެއްޓިގަނެގެން ކުއިލްޓު ތެރޭގައި ފޮރުވިގަތެވެ. "އައިމް ޓަޔަޑް، ދުވަހަކުވެސް މިހާ ވަރުބައްޔެއްނުވޭ، މިއީ ފެށުންބާ. ޒާވް ފެންނާނެނަމަ..." އަލީނާގެ ލޮލުން ކަރުނަ ހިލެން އުޅުނެވެ. ފަނަރަވަރަކަށް މިނިޓް ނުވަނީސް މީހަކު ކޮޓަރީގެ ދޮރުގައި ޓަކިދިންހެން ހީވާއިރަށް އަލީނާގެ ހިތް ފުންމައިގެން ދިޔައެވެ. އެއީ ޒެވިޔަންކަން އަލީނާ ދެނެގަތެވެ. ވަގުތުން ބުރުގާ އަޅައިގެން ދުވެލާފައި ގޮސް އޭނަ ދޮރުހުޅުވާލައިފިއެވެ.

"ޒާވް...." އަލީނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެ، ކަޅުދެލޯ ވިދައިގަތެވެ. ހީވީ ދުނިޔޭގެ ހުރިހާ އުފަލެއް އެކުއްޖާއަށް ލިބުނު ހެންނެވެ. އުފަލުން ގޮސް އޭނަ މޮޔަވާވަރުވިއެވެ. މިއަދުގެ ހުރިހާ ވަރުބަލިކަމެއް ފިލައި، ތާޒާވެއްޖެއެވެ.
"މާއަވަހަށް ނުނިދަބަލަ، އިންތިޒާރު ކުރާކަށްވެސް ބޭނުމެއް ނުވޭތަ؟" ޒެވިޔަން އަލީނާގެ މޫނަށް ބަލަހައްޓައިގެން ހުރީ ޝައުގުވެރި ކަމާއި އެކުގައެވެ. އޮރެންޖް އަލި އަލީނާގެ މޫނަށް އެޅި އެ މޫނު ރަންކުލައިން ވިދައެވެ. ތުންފަތްވެސް އޮމާންކަމާއި ތެތްކަމުން ހީވަނީ ދަޢުވަތެއް ދޭހެންނެވެ. އެއްވެސް މޭކަޕެއް ނެތްއިރުވެސް ހާދަ ލޯތްބެވެ. ހާދަ ނަލައެވެ. ކަޅު އެސްފިޔަތައް ލަސްލަހުން ޖަހައިލި ގޮތްވެސް އެހާ ފުރިހަމައެވެ. އެވަގުތު އަލީނާ ފެނުނުލެއް މައުސޫމްކަމުން ޒެވިޔަންގެ ހިތް އޮބަހައްޓަން އުދަގޫވިއެވެ. އަތުގެ ތެރެއަށް ގެންނަން އެހާ ބޭނުންވި ހިދުކޮޅެއް ނާދެއެވެ. ޒެވިޔަން އަލީނާގެ ކޯތާފަތުގައި މަޑުމަޑުން އަތް ބީއްސާލާފައި އެތެރެއަށް ވަދެއްޖެއެވެ. އަލީނާ އަނގަޔަށް ގޮތެއް ހަދާލައިގެން ހުއްޓާ ޒެވިޔަން ގޮސް އެނދުގައި އިށީދެއްޖެއެވެ. އެއީ ޑަބަލްބެޑަކަށްވުރެ ކުޑަ އެނދަކަށްވެފައި ދެމީހެއްގެ ޖާގަ ހުރީ ކިރިޔާއެވެ. ދެމީހަކަށް ފިތިގެން އޮށޯވެވިދާނެއެވެ. ޒެވިޔަން އެދުނީ ނިދާލަން އައުމަށެވެ.

"ޒާވް........" އަލީނާ ރަކިވިއެވެ.

"ލަދުގަތީތަ؟ މިހާ އަނދިރިކޮށް އަދި ފިނިކޮށް އޮތީމަ ރޮމެންޓިކެއް ނޫންތަ؟ ހިއްސުތަކާއި ކުޅެލައެއްނު ދޯ، އަލީނާ ބޭނުމެއް ނުވޭތަ ކުޑަކޮށް މަޖާކޮށްލަން، ދެން އަލަކަށް ނޫނެއްނު ދޯ، ވީމަ އެކްޓް ނުޖައްސަބަލަ...." ޒެވިޔަން ގެ އަޑުގެ ޖާދޫ އާއި އެއިން ކޮންމެ ޖުމްލައެއްވެސް އަލީނާގެ ހިތާއި ކުޅެމުންދިޔައީ ކެތްކުރެވޭފަދަ ގޮތަކަށްނޫނެވެ. ދުވެފައިގޮސް އެ އަތުގެ ހިމާޔަތް ހޯދަންވެސް ހިތް އެދުނެވެ. ނަމަވެސް އޭނައަކީ ކާކުކަން ހަދާންނައްތައެއް ނުލެވުނެވެ.

"މިތަނަށް ޒާވް އައިކަން އެނގުނަސް މެޑަމް މައްސަލަ ޖައްސާނެ، އެހެންނޫނަސް އަޅުގަނޑަކީ މެއިޑެއް، ޒާވް އާއި ފްރެންޑްވުމުގެ ހައްގެއްވެސް ނެތް..." އަލީނާ ޒެވިޔަންއަށް ވިސްނާދޭ ރާގަކަށް ބުންޏެވެ. އަލީނާއަށް ނޭގުނީ "އަލަކަށް ނޫނޭ" އެހެން ޒެވިޔަން ބުނީ ކޮން މާނައެއްގައި ކަމެވެ. އަލީނާ ގެ މޮޔަކަމުން ހީކުރެވުނީ ޒެވިޔަން އެހެން ބުނީ އާ އަހަރުގެ ހަދިޔާ އާއި ގުޅުވާފައިކަމަށެވެ.

އަލީނާގެ އެ ޖުމްލައާއި އެކު ޒެވިޔަން އަންނާށޭ ބުނެލީ ތަންކޮޅެއް އަމުރުވެރި ކޮށެވެ. ދެން އަލީނާ ވެސް މާބޮޑަށް ހެދެނީއެވެ. ތަޅުވައިލަން އުޅެނީއެވެ. ކޮންމެ ރެއަކު ލިބޭ ތިރީސް މިނިޓު ބޭކާރުކޮށްލަން ޒެވިޔަންވެސް ބޭނުމެއް ނޫނެވެ. އަލީނާ ވެސް ޒެވިޔަން އާއި ކައިވެނި ކުރަން އެއްބަސް ވާނީ ބޭނުން ވެގެންނެވެ. ނަމެއްގައި އެއްވެސް މީހަކު އެފަދަ ކަމަކަށް އެއްބަސްވާނެ ސަބަބެއް ނޯންނާނެއެވެ. އެހެންނޫނަސް އޭނަގެ ކެތްތެރިކަން ވެސް ކޮޅުންލައިގެން ގޮސްދާނެއެވެ. އަލީނާ ކިޔަމަންތެރި ކުއްޖެއް ފަދައިން އައިސް ޒެވިޔަންގެ ކައިރީގައި ހުއްޓުނެވެ. ޒެވިޔަން އެއަތުގައި ހިފައި ގާތަށް ދަމައިލިގޮތަށް ޒެވިޔަންގެ އަތުތެރޭގައި އަލީނާ ހައްޔަރުވީ ގުޑާވެސް ނުލެވޭފަދަ ގޮތަކަށެވެ.

"ޒާވް...." އަލީނާއަށް ބާރަކަށް ހަޅޭއްލަވައި ގަނެވުނެވެ.

"މަންމަމެން ހިތަށް އަރާނެ އަހަރެން އަލީނާއަށް ކީއްކުރީ ބާވައޭ. މިގޭ އެންމެން މިތަނަށް އެއްކުރަންތަ ތިއުޅެނީ؟ އަހަރެން ނޫޅެމޭ މާބޮޑުކަމެއް ކުރާކަށް، އަލީނާގެ ރުހުން ނެތި ބޭނުމެއްނުވޭ މިއަތުގައި ބީހިލާކަށްވެސް، އެކަމަކު މިރޭ ރިކުއެސްޓެއް އެބައޮތް، އަލީނާ ބުރުގާ ނާޅާ ހުރެ ދެކެލަން ބޭނުން، އެހާ ކުޑަކަމެއް ހަޅޭއްނުލަވައިވެސް ކޮށްދެވިދާނެ ދޯ...." ޒެވިޔަން އާދޭހުގެ ރާގެއްގައި ބުނުމުން އަލީނާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. 

ކޮމެންޓް 0