ޒެވިޔާ ތިކަހަލަ ސަމާސާ ކުރާކަށް ނުވާނެ...." އަލީނާ ދުރަށް ބަލައިލަމުން ތުންފަތުގައި ބާރަކަށް ދަތްއަޅައިފިއެވެ.
"އައިމް ޑެޑް ސީރިޔަސް އޭ..." ޒެވިޔަން އެހެން ބުނުމުން އަލީނާ ހުރީ ފާޑަކަށް ހުއްޓުން އަރާފައެވެ. ޒެވިޔަން އާއި ދިމާލަށް ބަލައިލީ ޝަކުވާއިން ފުރިފައިވާ ގޮތަކަށެވެ. ސިކުންތު ކޮޅެއް ނުވަނީސް އެ ވިދުވަރުގަދަ ލޮލުން ބޮޑެތި ކަރުނަތިކިތައް ފެނުނެވެ.

"އަނހަ އަދި ރޮވޭވަރުގެ އެއްޗެއް ނޫނެއްނު މިބުނީ، މަޖަލަކަށް ބުންޏަސް ބޭބީ ކަމުން ހަމަ ރޮވެނީ ދޯ، އަހަރެން އަލީނާގެ ހުއްދަނެތި އެހާ ސީރިޔަސް ސްޓެޕެއް ނުނަގާނެކަން ނޭގުނުތަ؟ އަހަރެން ފެންވަރާލައިގެން ތިރިއަށް ކާން ދާނީ ދޯ....." ޒެވިޔަންގެ އެޖުމްލައަށް އަލީނާ އިތުބާރުކޮށް އަވަހަށް ކޮޓަރިއަށް ވަނެވެ. ޒެވިޔަންގެ ހިތަށް އަސަރު ކުރިއެވެ. އޭނަދެކެ ލޯބިވާވަރު އަލީނާގެ ކޮންމެ ހަރަކާތެއްގައި، ކޮންމެ ބެލުމެއްގައި ވެއެވެ. އަލީނާ ސޯފާއެއްގައި އިށީން އިރު ކޮޓަރީގެ ތަނަވަސް ކަމާއި ހައިބަތާއި މެދު ވިސްނިއެވެ. ކްރީމް އަދި ކަޅުކުލައިން ހުރިހާ ތަކެއްޗެއް ހުރުމުން ފިރިހެން ކުއްޖެއްގެ ކޮޓަރިއެއްކަން އެނގެއެވެ. 

ޒެވިޔަން ބާތުރޫމްގައި ހޫނުފެން ޝަވަރެއް ނަގައިލި އިރުވެސް ވިސްނެމުން ދިޔައީ މަންމަ ދެއްކި ވާހަކަތަކެވެ. ހަގީގަތުގައި ވެސް ފަގީރު، ނިކަމެތި ކުދިން މާ ބޮޑަށް ކިޔަމަންތެރި ވާނެއެވެ.

ޒެވިޔަން އާއި އަލީނާ ކާކޮޓަރީގެ މޭޒު ކައިރީގައި ޖައްސާލީ ރޭގަނޑުގެ ކެއުމަށެވެ. އަލީނާ ތައްޔާރު ކުރި ސެންޑްވިޗާއި، ކޮފީއަށް އިންސާފުކުރަން މޭޒު ދޮށުގައި ޖައްސައިލި އިރު ވިރެމުންދިޔަ އުށްބައްތީގެ ހުޅުކޮޅުވެސް ނަށާލަ ނަށާލާ ހުއްޓެވެ. އަދިވެސް ފުރާޅުގައި ގަސްތަކުގެ ގޮފިތައް ކޭއްތި ގަންނަ އަޑާއި، ދޮރުތައް ވަޔާއި ތަޅަމުންދާ ވަރުން ބާރަށް ވައިޖެހެމުންދާކަން އެނގެއެވެ. ދޮރުގައި ދަމާފައިވާ ފަރުދާތައްވެސް ހޫރެމުންދަނީ ކެތްނުކުރެވިގެންނެވެ. ވާރޭވެސް ހުއްޓާނުލާ ބޯކޮށް ވެހެމުންދާ އަޑު ފަޒާގައި ބާރު މިއުޒިކެއްހެން ހަރުލާފައިވެއެވެ. މިތޫފާންގައި ހިމާޔަތެއްނެތި ވާ ކިތަންމެ ގަހެއް ބިންމަތިން ލުއްސައިލާނެކަން ޔަގީނެވެ. ތޫފާން ވަރުގަދަކަމުން އަލީނާ އިނީ ބިރުން ފިތްކަނޑައިގެން ދާވަރުވެފައެވެ. ޒެވިޔަން އިނީ ތަންކޮޅެއް މަޑުންނެވެ. ނޫނީ ރުޅިއައިސްފައެވެ. ކުޑަކޮށް ކައިފައި އޭނަ ތަށި އެއްފަރާތަށް ޖައްސައިލުމަށްފަހު ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން އިންއިރު އުށްބައްތީގެ އަލި އެމޫނަށް އޮރެންޖްކުލައެއް ވެރިކޮށްލާފައިވެއެވެ. ދެލޮލުގެ ރީތި ކުލައަކުން އާޝޯޚު ކުރުވާވަރުވިއެވެ. މި ފުންހިމޭން ކަމުން އަލީނާގެ ހިތަށް ތަދުކުރުވިއެވެ. ކެތްނުކުރެވޭ ވަރުވިއެވެ. އޭނަ ޒެވިޔަން އާއި އެކީގައި ނިދަން އެއްބަސް ނުވުމުން ޒެވިޔަން ރުޅި އައީ ބާވައެވެ.

"ޒާވް، އަޅުގަނޑު ދެކެ ރުޅި އައިސްފައިތަ؟" އަލީނާ ވަރަށް ހިތްވަރު ކޮށްލާފައި ސުވާލު ކޮށްލިއެވެ. އެ ކުރު ޖަވާބުން ވެސް އެކަން އަލީނާއަށް ޔަގީންވިއެވެ.

"ނޫނޭ.." ޒެވިޔަން ބަލައިވެސް ނުލާ ފުން ނޭވާޔެއް ދޫކޮށްލައިފައި ތެދުވެގެން ގޮސް ހުއްޓުނީ ކުޑަ ދޮރު ކައިރީގައެވެ. ފަރުދާތައް ކަހާލުމުން އުޑުމަތިން ވިދުވަރުގެ ހުދު ރޮގުތައް ކަނޑައިގެންދާތަން ފެނެއެވެ. ގުގުރުމުގެ އަޑު އިވިލާ ކޮންމެ ފަހަރަކު އަލީނާ ސިއްސައިގެން ދެއެވެ. ޒެވިޔަން ނެތްނަމަ އޭނަ މިރޭ ހާދަ ބިރެއް ގަތީހެވެ. އަލީނާގެ ހަގީގަތް ޒެވިޔަން އަށް ކިޔައިދޭން ވެސް އެވަގުތު އަލީނާ ބޭނުންވިއެވެ. އޭރުން އޭނަ ފިރިހެނުންނާއި ދުރުން އުޅެން ބޭނުންވާ ސަބަބު އެނގި ޒެވިޔަން އޭނައަށް މާފު ކުރާނެއެވެ. އެންމެ ފަހުން އަލީނާ ޖެހިލުންވެފައި ހުރެ އޭނަގެ މާޒީ ކޮންމެ ވެސް ވަރަކަށް ހިއްސާ ކުރަން ފެށިއެވެ. 

އެ އުނދަގޫ، ދަތި ޙަޔާތެވެ. މައިންބަފައިންގެ މާބޮޑު އަޅާލުމެއް ލޯތްބެއްނެތި އޭނަ ދިރިއުޅުން ވޭތުކުރި ގޮތެވެ. ނަމަވެސް އެ ހާލުގައިވެސް އޭނަ އޭ ލެވެލް ހެދިއެވެ. ކިޔެވުމުގެ ނަސީބެއް ވެސް ނުލިބުނީ ބައްޕަގެ އަނިޔާތަކުގެ ޝިކާރައަކަށްވި އޭނަގެ ދޮންތަ އަށެވެ. އޭނައަށް ވުރެ ދޮންތަ ދޮންވެފައި، ފަލަވިކަން އެއީ އެކުއްޖާގެ ބަދުނަސީބު ކަންނޭގެ އެވެ. އަލީނާގެ ޢުމުރުން ބާރަ އަހަރުވި އިރުވެސް ހުންނަނީ ކުޑަކޮށެވެ. ކްލާސް އެހެން ކުދިންނަށް ވުރެ އިސްކޮޅުން މާ ކުރުވެފައި، މޭމަތިވެސް އޮމާންކޮށް ހުންނާތީ އޭނަ ހާދަ ދެރަވިއެވެ. ނަމަވެސް ފަހުން ވިސްނުނީ އެވީ ރަނގަޅަށް ކަމުގައެވެ. ކޮންމެ ރެއަކު ބައްޕަ އެކޮޓަރިއަށް ދޮންތަ ކައިރިއަށް އަންނާތީ އޭނަ އޮންނަން ޖެހެނީ ބިރުންނެވެ. ނިދާއިރު އެކޮޓަރީގެ ބޮކިތައް ނިވާލައިފައި އޮތަސް ދޮންތައަށް ބައްޕަ ކުރާ އަނިޔާތައް އަލީނާއަށް އެނގެއެވެ. ދޮންތަ ސަލާމަތް ކުރަން އުޅުނު ކޮންމެ ފަހަރަކު އޭނައަށް އަނިޔާ ލިބުނެވެ. އަދި މަންމަ ކައިރީގައި ބުނެފިއްޔާ މަންމަ މަރާލާނެ ކަމުގެ އިންޒާރު ބައްޕަ ދީފައި ވާތީ އެކަން ސިއްރު ކުރަން ވެސް މަޖުބޫރު ވިއެވެ. އޭރު ދޮންބެ ހުރީ ކިޔަވަން މާލޭގައެވެ. އެހެން ބޭބެއިން އެކުދިންނަކާއި އަޅައެއް ނުލައެވެ. އަނގައިން ބުނެލަނީވެސް ކޮންމެހެން ވާހަކަދައްކަން މަޖުބޫރު ހާލަތެއްގައެވެ. 

ދޮންބެ ރަށަށް އައިތަނާހެން އެއްރޭ ބައްޕަ މަސްތުގެ ހާލުގައި ހުރެ އޭނަ އާއި ދިމާކުރަން އުޅުމުން ދޮންބެ އޭނަ ސަލާމަތް ކޮށްދިނެވެ. އަދި އެފަހުން މަންމައަށް ވެސް ބައްޕަގެ ނުބައިކަން ފަޅާއެރިއެވެ. ހިތާމަކުރަމުން ގޮސް މަންމަ ބަލިވިއެވެ. ބައްޕަ އަކީ މަކަރުވެރި މީހެއްކަމުން މާފަށް އެދިފައި ފަހުން އުޅުން ވެސް ރަނގަޅު ކުރިއެވެ. ނަމާދަށް ދާންފެށިއެވެ. ނަމަވެސް ހީވާގޮތުން ދޮންތަގެ ހާލުގެ ސަބަބުން މަންމަ ހުރީ ބައްޕައަށް މާފުދޭގޮތަކަށް ނޫނެވެ. އެހެން ހުއްޓާ ވިއްސާރަ ރެއެއްގައި އޭނައަށް ހޭލެވުނީ މީހަކު އޭނަގެ ގައިގައި ފިރުމާހެން ހީވެގެންނެވެ.

"ޒާވް، އެހެންވެ އެފަހުން ހާދަ ބިރެއްގަނެޔޭ، ނަމަވެސް ޒާވްއަށް އެނގޭތަ؟ އެރޭވެސް ދޮންބެ އެކޮޓަރިއަށް ވަނުމަކީ އަހަރެން ސަލާމަތްވުމަށް މެދުވެރިވި އެއް ސަބަބު، އެހެންނޫންނަމަ އެރޭ ދޮންތަ ގޮތަށް އެ ނުލަފާ މީހާ އަހަރެން ރޭޕް ކުރާނެ..." އަލީނާ މޫނުގައި ދެއަތްއެޅިއެވެ. ޒެވިޔަން އިނީ ވަރަށް ދެރަވެފައެވެ. އަލީނާގެ ގައިގައި ކުޑަކޮށް އަތްލީތީވެސް އެނުބައިމީހާގެ ދެއަތް ބިންދާލަން ޒެވިޔަންގެ ހިތް ބޭނުންވިއެވެ.

"އިޓްސް އޯކޭ، އެނގޭ އަލީނާއަށް ހާޓް ވާނެ ވަރު، އެކަމަކު ދެން ނުރޮއި، ދެން ދުވަހަކު އެއްވެސް މީހަކަށް އަލީނާގެ ގަޔަށް އަތެއް ނުލެވޭނެ، ބަޓް އައި ތޯޓް އަލީނާ އަހަންނާއި މެރީ ކުރީ އަހަންނާއި އެކީގައި އުޅެން ބޭނުން ވެގެން ކަމަށް، އެކަމަކު އަލީނާ ގެ އިންޓެންޝަނަކީ ހިމާޔަތް ހޯދުން ދޯ......" ޒެވިޔަން އަލީނާގެ އަތުގައި ފިރުމާލަމުން އޯގާތެރި ކަމާއިއެކު ބުންޏެވެ. އަލީނާ ރޮއި ރޮއި އިނދެފައި ވެސް މޫނުން އަތްނެގި އިރު އޭނަ އިނީ ހައިރާންވެ އަންތަރީސް ވެފައެވެ. އަނެއްކާ އަޑުއިވުމުގައި މައްސަލައެއް ހުރީބާވައެވެ. އެވަގުތު ބޭރުގެ ތޫފާން މުޅިން އޮބިގެން ދިޔަކަން އަލީނާއަށް ފާހަގަ ކުރެވުނެވެ. އެހާ ބޯކޮށް ވާރޭވެހިވެހި އޮވެފައި ވާރޭވެސް ހުއްޓާލައިފިއެވެ. ގަޑިއެއްހާ އިރުގެ ތޫފާނެކެވެ.

"މެރީ ކުރީއޭ...." އަލީނާ އަށް އަހާލެވުނެވެ.
"އަލީނާ ކައިވެނި ފޯމުގައި ސޮއި ކުރީ އެއީ ކޯންޗެއް ކަން ނޭގިތަ؟" ޒެވިޔަންގެ ޝައްކު ޔަގީންވީއެވެ.
"ކޮން ފޯމެއް؟" އަލީނާގެ ހިތް ތެޅިގަތްލެއް ބާރުކަމުން ހީވީ މޭގަނޑު ފަޅާލައިފައި ނިކުމެދާނެ ހެންނެވެ. 
"ބުނާނެ އެއްޗެއްވެސް ނޭގުނު، އެކަމަކު އެހާ ކެއަލެސް ނުވެ ބަލަ ލަވް، ނަސީބެއްނު އެހެން މީހަކާއި އިންނަން ނުޖެހުނުކަން.... ވަން މިނިޓް އިނގޭ...." ޒެވިޔަން އިރުކޮޅެއް ފަހުން އައީ ބޮޑު ސިޓީ އުރައެއް ހިފައިގެންނެވެ. އަލީނާ ހައިރާން ކަމާއިއެކު އޭގައި ހުރި ފޯމުތައްވެސް ބަލައިލިއެވެ. އެއީ ކޮޕީ ތަކެކެވެ. ކައިވެނި ފޯމުގައިވެސް އޭނަވަނީ ސޮއި ކޮށްފައެވެ. ރަންކިޔުއްވާފައި ވަނީ ވެސް އެފަދަ ގޮތަކަށެވެ. އެއްދުވަހު ދާވިޝް އާއި އެހެން މީހަކު އައިސް ދިއްކޮށްލި ފޯމެއްގައި ސޮއިކޮށްލަމުން ތިންސަތޭކަ ޑޮލަރު އޯކޭވާނެ ދޯ އޭ ބުނުމުން އޭނަ ހީކުރީ ވެސް އެދެއްކީ މުސާރައިގެ ވާހަކަ ކަމުގައެވެ. ދާވިޝް އަދި "މިއައީ ރަން ކިޔުއްވަންށޭ" ބުންޏަސް އޭނަ އަކީ ލާނެތް ޒުވާނަކަށް ވާތީ އަލީނާއަށް ވިސްނައި ގަނެވޭނީ ކިހިނެއް ހެއްޔެވެ؟ އެ ދުވަހު ޚިޔާލެއްގައި އިނުމާއި އެކު، އޭނަގެ ގަމާރު ކަމުން ސޮއި ކުރިއިރު އެއީ ކޯންޗެއްތޯ ވެސް ބަލައި ނުލެވުނީ އެވެ. އަދި ނޭގުމުގެ ތެރޭގައި އޭނަ މިވަނީ ޒެވިޔަންގެ އަންބެއްގެ މަގާމު ހޯދާފައެވެ. އަލީނާ އެހެން އިސްޖަހާލައިގެން އިންއިރު އެތައް ޖަޒުބާތު ތަކުން އޭނަގެ ލޮލުގައި ކަރުނަ ގިނަވެގެން އޮހިގަތެވެ. 

މިއީ ކޮންފަދަ ކަންތައްގަނޑެއް ހެއްޔެވެ؟ މިއީ އޭނަ އާއި އެއްގޮތަކަށް ވެސް އެކަށީގެންވާ ކަމެއްނޫނެވެ. ނަމަވެސް ޒީބާމެން މިކަންކުރުވި މަގުސަދެއް އޭނައަށް އެނގުން ހައްގެވެ. އަލީނާ ރަނގަޅަށް ވެސް މޮޔަވާގޮތްވިއެވެ. ރޮމުން ގޮސް ހޭންވެސް ފެށިއެވެ.

"ހަމަޖެހިބަލަ އަލީނާ...." ޒެވިޔަން އަލީނާގެ އަތުގައި މަޑުމަޑުން ފިރުމަމުން ވަރަށް ލޯބިން ބުނެލިއެވެ. އޭރު އަލީނާ އިނީ މޭޒުގައި ބޯ އަޅާލައިގެންނެވެ. ޒެވިޔަން އާއި ދިމާލަށް ބަލައިލަންވެސް ނުކެރިފައެވެ. ޒެވިޔަން ތެދުވެގެން އައިސް އަލީނާ ގޮނޑިން ނަގާ ތެދުކޮށްލިއެވެ. އަލީނާ ކަރުނުން ފުރިފައިވާ ދެލޮލުން ޒެވިޔަންގެ މޫނަށް ބަލައިލިއެވެ.
"ޒާވް، އަޅުގަނޑަކީ އެއްގޮތަކަށް ވެސް ޒާވް އާއި އެކަށީގެންވާ މީހެއް ނޫން، މިހެން ވެގެން ނުވާނެ، ޒާވް މަންމަ މިފަދަ ކަމަކަށް އެއްބަސްވި ސަބަބަކާއި މެދު ސުވާލު އުފެދޭ، ޝީ ހޭޓްސް މީ..." އަލީނާގެ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރަން ފެށުމުން ހަގީގަތް ގަބޫލު ކުރަން އޭނައަށް ދަތިވިއެވެ. އޭނަ ހިތާއި ފުރާނައިން ލޯބިވާ ލޯބިވެރިޔާ އަކީ އޭނަގެ ފިރިމީހާ ކަމަށް ވެދާނެ ކަމަށް ހީކުރެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ ނަމަވެސް ތަގުދީރު އޭނަގެ ހިތް ހުއްޓުވާފަދަ ސަމާސާއެއް ކޮށްލައިފިއެވެ. އުފަލުން މޮޔަނުވިއްޔާ ވެދާނެއެވެ.

"އެއީ އެހާ ބޮޑަށް ސުވާލު އުފެދެންވީ ކަމެއްނޫން އަލީނާ، އަހަރެން ކުޑައިރުއްސުރެ ބޭނުންވި ކޮންމެ އެއްޗެއް މަންމަ ހޯދަދޭނެ، އަހަރެން އަލީނާ ދެކެ ލައިކްވާކަން މަންމައަށް ތަންކޮޅެއް ކުރިން އެނގުނީ..." ޒެވިޔަން އަލީނާއަށް ހަގީގަތް ކޮންމެވެސް ވަރަކަށް ފޮރުވައިފިއެވެ. އޭނައަށްވެސް އޭނަގެ މަންމަ އާއި ރިޔާގެ ޕްލޭން އެނގުނުނަމަ އެއްގޮތަކަށް ވެސް އަލީނާއަށް އޮޅުވައެއް ނުލީހެވެ. ނަމަވެސް ނޭގުމުގެ ތެރޭގައި ޒެވިޔަން އަލީނާއަށް ވެސް މިދިނީ ކެއްސެކެވެ. މަންމަމެން އެ ކައިވެނި ކުރުވީ މަކަރަކުން ކަމާއި، އަލީނާއަށް ޖައްސުވާނެ ހާލު ޒެވިޔަންއަށް ވިސްނުނު ނަމަ އޭނަ ފަހަރެއްގައި ވެސް އޭނަގެ ލޯބިވާ ކުއްޖާއަށް އޮޅުވައެއް ނުލީހެވެ. 

"އޯ....." އަލީނާ ފިނިވެގެން ގޮސް ހީވަނީ މުޅި މީހާވެސް ގަނޑުވެދާނެ ހެންނެވެ.
"މިހާރު ޓޫ ވައިފްއިން ގެންގުޅެން ޖެހޭ އިރު ކުޑަކޮށް ޑިފިކަލްޓްވާނެ ދޯ، ރިޔާ އަކަށް އެކަނި ނިދަން އޮންނާކަށް ނުކެރޭތީ އެއީ ވެސް މައްސަލައެއް، އެނީވޭސް މިރޭ އަހަރެމެން ދެމީހުން އެކަނި މިގޭގައި ތިބީ، އެހެންވެ ޓައިމް ވޭސްޓް ކުރާކަށް ނުވާނެ، އަލީނާ ރެޑީ ނޫނިއްޔާ އަހަރެން މަޖުބޫރެއް ނުކުރާނަން، ބަޓް މިރޭގެ ގޮތުން ކަންނޭގޭ ހިތަށް އަރާ އެންމެ ޗާންސެއް ވެސް ދޭނެނަމައޭ، ތި ބުނާ ނުލަފާ މީހަކު އަލީނާގެ ހިތުގައި އުފެއްދި ބިރުވެރިކަން ނައްތާލަން އަހަރެން ބޭނުން، އެހެންނޫނަސް އޮނެސްޓް ކޮށް ބުނަންޏާ އައި ނީޑް ޔޫ ސޯ މަޗް އިޓް ހާޓްސް..." ޒެވިޔަން އަލީނާގެ ދަތްދޮޅީގައި ހިފައި އުފުލައިލުމުން އަލީނާގެ ހަށިގަނޑުގައި ހިނގައި ގަތް އިހުސާސްތައް ބުނެދޭނެ ގޮތެއް ވެސް އަލީނާ އަކަށް ނޭގުނެވެ.

"ޒާވް... ބޭނުން ގޮތެއް.. އެކަމަކު ހީވަނީ ފެއިންޓް ވެދާނެހެން....." އަލީނާ ހަތިޔާރު ބެހެއްޓިއެވެ. ލޯބިވެރިޔާއަށް ޓަކައި ފުރާނަ ދުއްވާލާ ހިސާބަށް އެހިތުގައި ލޯބި އުފެދިފައިވާއިރު އޭނަ މިހާ ކުޑަކަމަކަށް ފަސްޖެހެންވީ ސަބަބެއް ނެތެވެ.

"އުހޫމް، ދެން މިރޭ ފެއިންޓް ވެގެން ކަމަކު ނުދާނެ ބޭބީ ގާލް...." ޒެވިޔަން އަލީނާގެ ގަނޑުފެންކޮޅެއްފަދަ ދެއަތް އަތުގެ ތެރެއަށް ލަމުން ތަންކޮޅެއް މަޑުން ބުންޏެވެ. ޒެވިޔަން "ބޭބީ ގާލް" އެ ލަފުޒު ބުނެލި ގޮތުން އަލީނާގެ ހިތުގައި ހީލިކެރުވުމެއް އުފެދުނެވެ. އެކުރެވުނީ ކޮންފަދަ ފޮނި ފޮނި އިހުސާސެއް ހެއްޔެވެ؟ މުޅި ގައިން ހީބިހި ނެގިއެވެ. އޭނައަކީ ޒެވިޔަންގެ ހައްގެއް ހެއްޔެވެ؟ ޒެވިޔަން އަކީ އޭނަގެ ފިރިމީހާ ހެއްޔެވެ؟ އޭނަ މިހިރީ ހަމަހޭގައި ބާވައެވެ. މިއީ ހުވަފެނަކަށް ވާނަމަ ދުވަހަކުވެސް ހޭލާކަށް އަލީނާ ބޭނުމެއް ނޫނެވެ.

އޭނަގެ ނަސީބު ހާދަ ރަނގަޅެވެ. ނަސީބު ރަނގަޅީ ބުނުމުން އަދި އެބުނެވުނީ މުޅިން އިންސާފަކުން ނޫނެވެ. ބުނަން ޖެހޭނީ އޭނަހާ ނަސީބު ރަނގަޅު ކުއްޖަކު މި ދުނިޔޭގައި ވެސް ނެތްކަމަށެވެ. ރިޔާ މުޅި ދުވާލު ޒެވިޔަން އާއި އެކު ހޭދަކޮށްލާފައި އޭނައަށް ދުވާލަކު ފަސްމިނިޓް ދިނަސް އޭނަގެ ހިތް ފުރިދާނެއެވެ. އަލީނާ ހިތާހިތުން ހެއްދެވި ފަރާތަށް އެތައް ހާސްފަހަރު ޝުކުރުކޮށް ހަމްދުކުރިއެވެ. ހިތްފުރިގެން ލޮލުން ކަރުނަ އައި އިރު ހެވެމުންވެސް ދިޔައެވެ. އަލީނާ ހީލާ އިރު އެކުފި ދަތްތައް ފެންނަލެއް ލޯބިކަމުން އެއީ އެ ހީލުންވެސް ޒެވިޔަން އަށް ޚާއްސަވި އެއް ސަބަބެވެ. ޒެވިޔަން އަލީނާގެ އަތުގައި ހިފައިގެން ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައިރު އަލީނާގެ ހިތަށް ވީގޮތެއްވެސް ނޭގުނެވެ. 

ޒެވިޔަން ތިރީބައިގެ ކޮޓަރިއެއްގެ ދޮރު ހުޅުވާލައިފިއެވެ. އެ ކޮޓަރި ތަނަވަސްވެފައި، އަގުބޮޑު ފަރުނީޗަރުތަކުން ޒީނަތްތެރި ކުރެވިފައި ވާއިރު ވަރަށް ހިތްފަސޭހަ ގޮތެއް ހުއްޓެވެ. ކިންގްސައިޒް އެނދުގެ ގޮދަޑި އުސްވެފައި ބާލީސްތައް ގިނައެވެ. އަދި ވަށައިގެން ދަމާލެވޭގޮތަށް ހުރި ސަދުވާގެ ސަބަބުން ވަރަށް ތަފާތު އިހުސާސްތަކެއް ކުރިވިއެވެ. ޝާހީ ގޮތެއްވެސް ހުއްޓެވެ. ރޭގަނޑު އަރާމުކޮށް ހޭދަކޮށްލެވިދާނެ ހިތްގައިމު ތަންމައްޗެކެވެ. އަލީނާ ހުރީ ހިނގައި ގަންނަންވެސް ނޭގިފައި ޖެހި ބުދެއް ހެންނެވެ. ކަންބޮޑުވެގެން ގޮސް ނޭވާނުލެވި، ޕެނިކް އެޓޭކެއް ޖެހިދާނެހެން ހީވިއެވެ.

ޒެވިޔަން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފައި ގޮސް ހިތުގެ ބައްޓަމަކަށްވާ އުށްބައްތިއެއް ރޯކޮށްލުމާއި އެކު ހިތްގައިމު އައްޔަކުން ކޮޓަރި އުޖާލާ ވެގެން ދިޔައެވެ. އަދި އެމީހުންގެ ހިޔަނިތައް ވެސް ކޮޓަރީގައި ހަރަކާތް ކުރަން ފެށިއެވެ.
"އަލީނާ ލަދުން އުޅޭވަރުން މިވަރަށް އަލި މަޑުކޮށްލީ، އޯކޭތަ؟" ޒެވިޔަން ހުޅުކޮޅާއި ކުޅެލަމުން އެއްލޯ މަރާލައިފިއެވެ. އެހުޅުކޮޅުގެ އަލީގައި އެ ރީތި ދެލޯ ފެނުނީ އާދަޔާ ޚިލާފަށް ރީތިކޮށެވެ. ހަމަށް ވެރިވެފައިވަނީ ވެސް ރަންފަދަ ކުލައެކެވެ. އަލީނާ ހުރީ ކަޅި ޖަހައިލަން ނޭގިފައެވެ. އެހާ ފުރިހަމަ ލޯބިވެރިޔާގެ އެއްވެސް އެދުމަކަށް އޭނައަށް ނޫނެކޭ ބުނެވިދާނެ ހެއްޔެވެ؟ އެކަމަކު އުށްބައްތީގެ އޫ ތައް ފަދައިން އޭނަވެސް ޒެވިޔަންގެ ލޮލުގެ ބާރުގެ ސަބަބުން ލަދުން ވިރިގެން ފައިބަނީއެވެ. 

"ހާދަ ވަރަކަށް ލަދުގެންފައި ތިހިރީ..." ޒެވިޔަން ކަންނެތް ގޮތަކަށް ހިނގާލައިފައި އައިސް އަލީނާގެ ކައިރީގައި ހުއްޓި އަތުގައި ހިފާލިއެވެ. އަލީނާ އިރުމަތީގެ އަލަތު އަންބެއްގެ މިސާލުގައި ރަކިގޮތަކަށް ހީލައިފިއެވެ. ޒެވިޔަން އަލީނާގެ ބުރުގާގެ ދަތިތަކާއި ކުޅެލަމުން މި ނަގާނީ ކިހިނެއްތޯ ސުވާލު ކުރުމުން އަލީނާ ސިހުނެވެ. ހަގީގަތް ޒެވިޔަން ގެ ގާތުގައި ނުބުނެ އެއްގޮތަކަށް ވެސް ބުރުގާ ނަގާކަށް ލާހިކެއް ނޫނެވެ.

"ޒާވް... ވާހަކައެއް ބުނަން ބޭނުން، އަޅުގަނޑު... އަސްލު އަޅުގަނޑުގެ އިސްތަށިގަނޑު އެހާ ދިގެއްނޫން، ފަނެއްވެސް ނުވާނެ، އެދުވަހު ޕާޓީގައި ދޮންބެ ދިން ވިގެއް އަޅައިގެން ހުރީމަ ޒާވްއަށް ވެސް އޮޅުނީ، އެދުވަހުވެސް ބުނަން ބޭނުންވި އެކަމަކު ދެން..." އަލީނާ ހުރީ ރަކިވެފައެވެ.

"އަހަންނަށް ހެވޭ އަލީނާ ކޮންމެ ސިފައެއްގައި ހުއްޓަސް، ރީތި މީހުން ބައިވަރު އުޅޭ އެކަމަކު ކޮންމެވެސް ސަބަބެއް އޮތީމަ ދޯ އަހަރެން ވެސް އެޓްރެކްޓް ވާނީ، ޔުނިކް ވީމަ ކަންނޭގޭ، ތެދަށް ބުނަންޏާ ސިފައަށް ވުރެ އަހަރެން ކަންބޮޑު ވަނީ އަލީނާ ޑެލިކޭޓް ކަމުން، ބާރަށް ބައްދާލަންވެސް ބިރުގަނޭ، އަނިޔާއެއް ވެދާނެތީ ނާޒުކް މަލެއްހެން ބަލައިގެން ދޯ ގެންގުޅެން ޖެހޭނީ... ނޫންތަ؟" ޒެވިޔަން ބުރުގާގެ ދަތިކޮޅުތައް ނައްޓަން ފެށުމުން އަލީނާ އެ އަތުގައި ހިފަހައްޓަން ވެސް އުޅުނެވެ. ލަދުން ގޮސް އަލީނާ ވިރެނީއެވެ. އުށްބައްތީގެ ފަނޑުއަލި ވެސް އަލީނާއަށް ކަމަކު ނުދެއެވެ. އޭނަ ބޭނުން ވަނީ ކަނު އަނދިރި ކަމެވެ. ތަނެއް ދޮރެއް ނުފެނޭ ވަރުވުމަށެވެ. އޭނަ އެހެން ބުނުމުން ޒެވިޔަން ހޭންފެށިއެވެ. އެކަމާއި ވިސްނާނީ ކަމަށް ބުނެފައި ޒެވިޔަން ކުދި ކުދި ގޯނާކުރަން ފެށުމުން އަލީނާއަށް ހެވުނެވެ.

ބުރުގާ އަލީނާ އިސްތަށިގަނޑާއި ވަކިވުމުން އެ ހިތެއްގެ ބައްޓަމަށްވާ މޫނުގެ ވަށައިގެން ކުދި ބުޅިކޮޅުތައް ފެންނަލެއް ކިތަންމެހާ ވެސް ލޯތްބެވެ. އުށްބައްތީގެ އަލި ޖާދޫ ހަދަމުން އެ އިސްތަށިގަނޑުން ބަޔަކަށް ރަންކުލަ އަރުވާލައިފައި ވެއެވެ. ޒެވިޔަން އެކުދި ބޮޅުތަކާއި ކުޅެލިއެވެ. މިހާ ރީތި "ގޯލްޑިލޮކްސް" އިސްތަށިގަނޑެއް ފޮރުވަން އަލީނާ ހާދަ ވަރަކަށް އުޅެފިއެވެ.

"ދެން ބުރުގާ އަޅަންވީތަ؟" އަލީނާ ހީކުރީ ޒެވިޔަންއަށް ކަމުނުދިޔައީ ކަމަށެވެ. ޒެވިޔަންގެ ޖަވާބަކަށް ވީ އަލީނާގެ އަތުގައި ހިފާ އަދިވެސް ކައިރިކޮށްލަމުން އެ މޫނުގައި މަޑުމަޑުން ބޮސް ދިނުމެވެ. ވިއްސަކަށް މިނިޓް ވީއިރު އަލީނާ ނޭވާ ހުސްވާ ގޮތްވިއެވެ. ގެނބެމުންދިޔަ ނޭވާތަކުގެ ސަބަބުން ހޯދަން ޖެހުނީ ވެސް ޒެވިޔަންގެ ހިމާޔަތެވެ. ޒެވިޔަންގެ ކަނދުރާގައި އަތް އަޅުވާލަމުން އަދިވެސް ބޮޑަށް އެ އަތުގެ ތެރެއަށް ވަނުން ނޫން އެއްވެސް ގޮތެއް އަލީނާ އަކަށް ނެތެވެ. ނިމުމެއްނެތް ހަދިޔާތަކަކަށްފަހު ޒެވިޔަން އަލީނާ އަތްދަނޑި މައްޗަށް އުފުލާލައިގެން ގޮސް އެނދުގައި ބޭއްވިއެވެ. އުށްބައްތީގެ އަލީގައި އެ ދޮންމޫނާއި ހަށިގަނޑު ފެންނަލެއް ފުރިހަމަކަމުން ޒެވިޔަންގެ ހިއްސުތަކުގައި އިތުރަށް އަލިފާން ހިފިއެވެ. 

"ދެލޯ މަރާލައިގެން މިއޮންނަނީ ހަމަބިރުން ދޯ، ޓްރަސްޓް މީ، ހުރިހާކަމެއް ރަނގަޅުވާނެ، ނޫނީ ހުއްޓާލަންވީތަ ލަވް..." ޒެވިޔަން އަލީނާގެ ކޯތާފަތުގައި ފިރުމާލިއެވެ. ޒެވިޔަން ކޮންމެ ބީހިލުމަކުން އޭނަގެ ނާރުތައް ހަލަބޮލި ކުރުވިއެވެ. އަލީނާ ލަދުން އޮވެވެސް އެސްފިޔަތައް ހިއްލާލައިފައި ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރުވާލިއެވެ. އެރީތި ދެލޮލުގައި ވަނީ ޒެވިޔަން އަށްޓަކައި އިންތިހާ ދަރަޖައިގެ ލޯތްބެވެ. އެނޫން އިންސާނަކު ދެކެ އަލީނާ ދުވަހަކުވެސް މިގޮތަށް ލޯބިވެވިފައެއް ނެތެވެ. އަލީނާ މިހިރީ ޒެވިޔަންގެ އުފަލަށް ޓަކައި ކޮންމެފަދަ ގުރުބާނީއެއް ވާންވެސް ތައްޔާރަށެވެ. އެހެންނޫންނަމަ މިއީ އޭނަ އެހެން މީހަކަށް ޓަކައި ކޮށްދޭނެ ކަމެއްނޫނެވެ.

އަލީނާ ބޭނުން ވާނެފަދަ ގޮތަކަށް މާހައުލު އަނދިރިކޮށްލަން ޒެވިޔަން އެނދުގެ ވަށައިގެންވާ ސަދުވާތައްވެސް ވައްޓާލައިފިއެވެ. މިހާރު ތުނި ސަދުވާތައް ފުރާނާލައިފައި އަންނަ އަލިކަންފުޅު ނޫން އަލިކަމެއް ނުވެއެވެ. ނަމަވެސް ސަދުވާގެ ސަބަބުން މާ ރޮމެންޓިކް ވެގެން ދިޔަހެން ޒެވިޔަންއަށް ވެސް ހީވިއެވެ. 

އެރޭ ޒެވިޔަންގެ ފަރާތުން އަލީނާއަށް ފެނުނީ އޯގާތެރި ކަމެވެ. އެއިން ކޮންމެ އަދާއެއްވެސް އަލީނާގެ ހިތް މޮޔަކުރުވިއެވެ. އިންތިހާ ދަރަޖައިގެ ހިތްހަމަޖެހުމާއި، އުފާވެސް އަލީނާއަށް ލިބުނެވެ. ޒެވިޔަންގެ ކޮންމެ ފިރުމުމަކުން އަލީނާއަށް ލިބުނު އަރާމަކުން ހިތާއި، ފުރާނަވެސް ހަށިގަނޑާއި ވަކިވެގެން ތަރިތަކުގެ އާލަމުގައި ދަތުރު ކުރިހެން ހީވިއެވެ. ލިބުނު މަތިވެރި ހިތްހަމަޖެހުމަކީ މިހުރިހާ ދުވަހު އަލީނާ ދުނިޔޭގައި ވާކަމަށް ގަބޫލު ކުރި އެއްޗެއްވެސް ނޫނެވެ. އެހާ ރީތި، ފޮނި އިހުސާސް ތަކެކެވެ. އެ މަޑުތަންމަތީގައި ކައިވެނީގެ އުފަލާއި، ހިތްހަމަޖެހުން ލިބިގަންނަން ދެމަފިރިން ހޭދަކުރި ކޮންމެ ވަގުތުކޮޅެއް، ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެފަދަ ގޮތަކަށް ބިންވަޅު ނެގިގެން ހިނގައްޖެއެވެ. އެރޭ ނިމިގެންދާކަށް ވެސް ދެ ހިތެއްވެސް ނޭދުނެވެ. ތޫފާނެއްގެ ބިރުވެރިކަމުގެ ތެރޭގައި އަލީނާގެ ސަލާމަތަށް އައި ފިރިހެންކުއްޖާގެ ސަބަބުން އޭނަގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ރީތި ފަތިހަކަށް އަލިވިލިގެން ދިޔައީއެވެ. 

ޒެވިޔަންގެ ދެމަފިރިންނަށް ނިދުނީ ހެނދުނު އިރުގެ ރަންދޯދިތަކުން ދުނިޔެ އުޖާލާކޮށްލި ފަހުންނެވެ. އޭރު ކަޅުވިލާތައް ކެހި ތޫފާންގެ އަސަރު ވެސް ފެންނާކަށް ނެތެވެ. ރޭގެ ތޫފާނަށްފަހު ގަސްތަކުގެ ފަތުގައި ޝަބްނަމްގެ ތިކިތައް ހަރުލާފައިވާއިރު ގަސްތައް ފެންނަލެއް ޗާލެވެ. ޒެވިޔަން އާއި އަލީނާ އިރުކޮޅަކަށް ނިދާލުމަށްފަހު އެކީގައި ފެންވަރާލައިގެން ނިކުތީ ނާސްތާ ކޮށްލުމަށެވެ. އަލީނާ މޭޒުދޮށުގައި އިށީނީ ވެސް ޒެވިޔަން މަޖުބޫރު ކުރި ވަރުންނެވެ. އަދިވެސް އަލީނާއަށް އޭނަ އާއި ޒެވިޔަން އެއް ހަމަޔެއްގައި އުޅެވިދާނެކަން ގަބޫލު ނުކުރެވެނީ އެވެ. ސާހިބުމީހާ ކަމަށް ބެލެވެނީއެވެ.

"މަންމަ އަހަރެން ގާތު ބުނެގެން މެރީ މިކުރީ، އެކަމަކު މަންމަ އަދި ބޭނުމެއް ނުވޭ އެހެން މީހަކަށް އަންގާކަށް، ބަޓް މިއަދު މިތިބީ ހޯމް އެލޯންވެފައެއްނު. އެހެންވީމަ ކޮންކަމަކާ ހާސްތިވަނީ؟" ޒެވިޔަން އަލީނާގެ އަތުގައި ހިފާ ގެނެސް އުނގުގައި ބޭންދިއެވެ. އެ ހިތްގައިމު އަދާއިން ވެސް އަލީނާގެ ހިތް ބަންޑުންވިއެވެ. 

"މެއިޑަކާއި ޒާވް މެރީ ކުރީމަ ދެން ކިހާ ސްޓްރޭންޖް، ޒާވްއަށް ލިބިދާނެ ބޭނުން ކޮންމެ ކުއްޖެއް...." އަލީނާ ތުންފަތުގައި ދަތްއަޅާލިއެވެ.

"މެއިޑެކޭ ނުކިޔަބަލަ.. ޔޫ އާ މައި ވައިފް، ތިގޮތަށް އަހަރެމެންގެ ތަފާތު ކިޔަންޏާ އަހަންނަށް ހާޓްވާނެ ވަރު އެންމެ ފަހަރަކުވެސް ވިސްނައެއް ނުލަންތަ؟ އަހަރެން ކިހާ ބޮޑަށް ބޭނުންވީމަ މެރީ ކުރީ، ދެން އަހަރެން ބޭނުމެއް ނޫން އަލީނާ މިގޭ ބަދިގެއިން ފެންނާކަށް...." ޒެވިޔަން ތަންކޮޅެއް ހިތްހަމަނުޖެހިފައި އެހެން ބުނުމުން އަލީނާ ދެރަވިއެވެ.
"ސޮރީ ދެން އެހެން ނުބުނާނަން، އެކަމަކު ވަރަށް ބޭނުންވޭ ކައްކައި އެކަހަލަ ކަންތައްކުރަން، ކަމެއްނެތި ހުރީމަ ކިހާ ފޫހިވާނެ، ދެން ޔަގީނުންވެސް ލައިފް ވަރަށް ހެޕީވާނެ، އަބަދު އުފަލުން ހުންނާނީ، ކޮންމެ ހިތާމައަކަށް ވެސް ކެތްކުރެވޭނެ...." އަލީނާ ޒެވިޔަންގެ އަތުގެ އިނގިލި ތަކާއި ކުޅެލަމުން ހީލިއެވެ. 

"ކުރާހިތުން ކުރަންޏާ އޯކޭ، އެކަމަކު ބިޒީ ނުވާތި، ހޮބީއަކަށް ކެއްކިޔަސް މަށަށް އެންމެ ރަނގަޅު، ރިޔާ އާއި ޖިލްވެސް ބައެއްފަހަރު އަމިއްލައަށް ކޭކު އެއްޗެހިވެސް ހަދައި އުޅޭނެ، ބަޓް ރޭގަނޑަށް ފްރީވާން ވާނެ ކޮންމެ ގޮތެއް ހަދާފައިވެސް އިނގޭ، ވަން މޯ ތިންގް. މިގޭގައި ޖެއްސުން ކުރާ މީހުންވެސް އުޅެދާނެ، އެކަމަކު އެއްވެސް ކަމެއް އަހަންނަށް ނުފޮރުވާތި.... ޕްރޮމިސް މީ....." ޒެވިޔަން އެހެން ބުނީ ދާވިޝްގެ އުދަގޫ ބޮޑުވަރު ހިތަށް އަރާފައެވެ. އަލީނާ ވަޢުދުވިއެވެ. އެކަނިމާ އެކަނި އެއްވެސް ހިތާމައެއް ނުކުރާނެ ކަމުގެ ޔަގީންކަން ދިނެވެ. ހުރިހާކަމެއް ޒެވިޔަން އާއި ހިއްސާ ކުރަންޏާ އޭނައަށް އަލީނާ އުފަލުގައި ބެހެއްޓިދާނެއެވެ. ޒެވިޔަން ވިސްނި ގޮތުގައި ރިޔާ އެކޭ އެއްފަދައިން އަލީނާއަށްވެސް އުފަލާއި ހިތްހަމަޖެހުމުގައި އުޅުމުގެ ހައްގު ދޭންވާނެއެވެ. އަދި އަލީނާ މެދުވެރިކޮށް ދަރިއެއް ހޯދަންވެއްޖެއްޔާ އަލީނާއަށް އެންމެންވެސް އިހުސާން ތެރިވާން ޖެހޭނެއެވެ. ނުވަމަސްވާން ދެން އެހާބޮޑު ބުރައެއް އުފުލުމަކީ ކިހާވަރެއްގެ ކަމެއްކަން ޒެވިޔަން ވެސް ދަނެއެވެ. އޭނަ ވަނީ ރިޔާ އުޅުނު ހާލު ދެކެފައެވެ. ވީއިރު އެއްވެސް މީހަކު އަލީނާއަށް ނުބައިކޮށް ކަމެއްކޮށްފިއްޔާ އޭނައަށްވެސް ފިޔަވަޅު އަޅަން މަޖުބޫރު ވާނެއެވެ.

ކުއްލިއަކަށް ކާރެއްގެ އަޑުއިވުމުން ޒެވިޔަން އަލީނާ ދުރަށް ޖައްސާލާފައި ތެދުވެއްޖެއެވެ. ރިޔާ އައީކަން ޔަގީނެވެ. ޒެވިޔަން ފޯނު ނިވާލައިގެން އުޅޭތީ ރިޔާ އޭނަ އާއި މެދު ޝައްކު ކުރާނެކަން ޒެވިޔަންއަށް އެންމެ ކުރިންވެސް އެނގުނެވެ. ކިތަންމެ ވަރަކަށް އެހެން ގޮތްގޮތަށް އޭނަ އާއި މުޢާމަލާތު ކުރެވުނަސް ރިޔާ ވެސް އެވަރު ވިސްނާނެއެވެ. އޭނައަށް ކިރިޔާ ޝައްކެއް ވިޔަސް ޚަބަރު ބަލައިލަން އަންނާނެއެވެ. އަލީނާވެސް އަވަހަށް ތަށިތައް ހިފައިގެން ދުއްވައިގަތީ ކޮޓަރި އާއި ދިމާލަށެވެ. އަލީނާ އޭރު ހުރީވެސް ޒެވިޔަންގެ ކޮޓްން ގަމީހެއް އެކަނި ލައިގެންނެވެ. އިސްތަށިގަނޑު ވެސް އޮތީ ވިހުރެން ދޫކޮށްލާފައެވެ. މިގޮތަށް ހުރުމުން އަލީނާއަށް އިހުސާސް ކުރެވެނީ އެއްވެސް އެއްޗެއް ނުލައި ހުރެވޭކަމެވެ. މިހެން ހުރެ އަންހެނަކަށް ފެންނާކަށްވެސް އަލީނާ ބޭނުމެއް ނޫނެވެ. ނަމަވެސް ޒެވިޔަން ތަފާތެވެ. އޭނަ ޒެވިޔަންއަށް ފޮރުވަންޖެހޭ އެއްވެސް ކަމެއް ނެތެވެ. ރެއަށްފަހު އޭނަ ވަނީ ހުރިހާ ގޮތަކުންވެސް ޒެވިޔަންގެ މިލްކަކަށް ވެފައެވެ.

ޒެވިޔަން ހަމަޖެހިލައިގެން ހުރެ އަވަސް ފިޔަވަޅު ތަކެއްގައި ކޮރިޑޯއިން އައިސް ފެންޑާއަށް ނިކުތްވަގުތު ދާވިޝް އާއި ވާހަކަދައްކަން ރިޔާ ކާރު ކައިރީގައި ހުއްޓެވެ. ދާވިޝްއަށް ޒެވިޔަން ފެނުމުން އަތް އުފުލާލައިފައި އަނެއްކާވެސް ކާރު ދުއްވާލައިފިއެވެ. ރިޔާ ދުވަމުން ދުވަމުން އައިސް ޒެވިޔަންގެ ކުރިމަތީގައި ހުއްޓުނެވެ.

"ޒެވިޔާ، ކީއްވެ ދޮގުހެދީ، ފްރެންޑުންނާއި އެކީގަޔޭ ކިޔާފައި ދޮގުހަދާފައި އައިސް ޔޫ ސްލެޕްޓް ވިތް ހާރ... ދެޓް ބިޗް..." ރިޔާ ހުރީ ރުޅިގަދަ ވެގެން ގޮސް ރޮވޭގޮތްވެފައެވެ. މުޅި މޫނު ވަނީ ރަތްވެފައެވެ. ރިޔާ އައިގޮތަށް ޒެވިޔަންގެ މޭމަތީގައި އަތްއަޅައި ބާރަކަށް ކޮށްޕާލި ނަމަވެސް ޒެވިޔަން ހުރި ފިޔަވަޅު މަތިން ގުޑުވައެއް ނުލެވުނެވެ. ޒެވިޔަން ހަށަން ބަދެލައިގެން ހުއްޓިލައިގެން ހުރި އިރު އެ ރީތި ލޮލުގައި ވަނީ ސީރިޔަސް ކަމެވެ.

ކޮމެންޓް 0