ޖިލް ޝެއާ ކުރަން ބޭނުމީ މިވާހަކައޭ. މަމް ގާތުގައި މިވާހަކަ ކިޔައިދީބަލަ ޕްލީސް. އަހަރެން ބޭނުން އާއިޒުގެ ގާތުން ޑިވޯސްވާން، އާއިޒު އަކީ ރަނގަޅު މީހެއްނޫން، އަހަރެން ކޮޓަރީގައި އުޅެން ޖެހެނީ އެއްޗެއް ނުލައި، އަހަރެން ބޭނުންނުވިޔަސް ގަޑިއެއް ގަޑިއެއް ނޯވޭ، ސްޕެޝަލީ ފަތިސް ނަމާދާއި، މަޣުރިބުވެސް ނުކުރެވޭނެ އެގަޑިތަކުގައިވެސް އެހާ އުދަގޫ ކުރާނެ، އަނެއްކާ އެހާ އަނިޔާވެސް ކުރޭ......." ޖިލާ އަތުގެ އިނގިލިތައް ހަފަން އިނދެ އެވާހަކަ ދައްކަމުން ދިޔަ އިރު ހިތްތެޅެމުން ދިޔައީ އާދަޔާ ޚިލާފު ބާރުމިނެއްގައެވެ. ހަގީގަތުގައި ޖިލާ އެކިޔައިދިނީ އޭނަގެ އެކުވެރި ކުއްޖެއްގެ ފިރިމީހާ، ކަންތައް ކުރާ ގޮތުގެ ވާހަކައެވެ. ޖިލާގެ އެކުވެރިޔާގެ އެ ވާހަކަތަކުންވެސް ޖިލާއަށް އެދުވަހު ފިލާވަޅެއް ލިބުނެވެ. އޭނަގެ ފިރިމީހާ އާއިޒުގެ ރަނގަޅު ކަމާއި ކެތްތެރިކަމެވެ. މަޖުބޫރު ނުކުރާވަރެވެ. އެކަމަކު މިއަދު އެހެން މީހެއްގެ ނުބައިކަން، ޖިލާ އާއިޒު އާއި ދެކޮޅު ހަތިޔާރަކަށް ބޭނުންކޮށްފިއެވެ.

ރިޔާ އިނީ ހައިރާންވެ، އަންތަރީސްވެފައެވެ. ޒެވިޔަން ވެސް މިވީހާތަނަށް އޭނައަށް އަނިޔާއެއްކޮށްފައެއް ނުވެއެވެ. އަދި އެގޮތަށް މަޖުބޫރެއްވެސް ނުކުރެއެވެ. ޒެވިޔަންގެ ކޮއްކޮ އާއިޒު ބަލާބެލުމަށް އެހާ ގޯސްހެނެއް ހިޔެއްވެސް ނުވެއެވެ. އެކަމަކު ޖިލާ ފަދަ ދީންވެރިކުއްޖަކު ޔަގީނުންވެސް ދޮގެއް ނަހަދާނެއެވެ.

"ޕްލީޒް ހެލްޕް މީ...." ޖިލާގެ ކަރުނުން ފުރިފައިވާ ދެލޯ ފެނުމުން ރިޔާގެ ހިތް ހަމްދަރުދީ އިން ފުރުނެވެ. އާއިޒު ހާދަ ނުލަފަޔެވެ. އޭނަ އެވާހަކަ ދައްކާނީ އެކަނި ސީމާގެ ގާތުގައެއް ނޫނެވެ. ޒެވިޔަން ކައިރީގައި ވެސް ބުނާނެއެވެ. ދާވިޝްއަށް ވެސް ސިއްރު ކުރާނެ ކަމެއް ނެތެވެ. ވާނެ ގޮތެއް ވެދާނެއެވެ. އާއިޒު ނުވިސްނި ވިސްނުމެއް އޭނަ އާއި ދޭތެރޭގައި އެހެން ބަޔަކު ވިސްނަންވީ އެއްވެސް ސަބަބެއް ނެތެވެ. އަންހެން ކުދިންގެ ހައްގުތަކެއް ވެސް ވާކަން އާއިޒުއަށް ނޭގުނީ ބާވައެވެ. ހެއްދެވިފަރާތަށް ވެސް ބިރެއް ނެތީބާވައެވެ. ހައްދު ފަހަނަޅައިދިޔަސް ތަންކޮޅެއް ބޮޑުވަރެވެ.

"ސްވީޓްހާރޓް، އެންމެ ދެރަވަނީ އަނިޔާކުރެޔޭ ބުނީމަ، ދެން ދެމަފިރިންގެ ރިލޭޝަން ތަކުގެ ވާހަކަ އެހެން މީހުންގެ ގާތުގައި ދައްކަން ނުވެސްވާނެ، ބެޑްރޫމް ސިކްރެޓްތައް އޮންނަން ވާނީ އާއިޒު އާއި ޖިލްއާއި ދެމެދުގައި. އެނގޭ ޖިލްއަށް ކެތްނުކުރެވޭހާ މައްޗަށް ދިޔައިމަކަން ތިވަރަށްވެސް ބުނެދޭނީ....." ރިޔާ ބޯހޫރާލިއެވެ. އާއިޒު އާއި ޒެވިޔަންވެސް އަނބިމީހާ ދެކެ ހަމަ ލޯބިނުވާތީ ކަންތައްކުރާ ގޮތް ބާވައޭ ރިޔާގެ ހިތަށް އެރިއެވެ.

"އަދި އާއިޒު އެވަރަށް ޖެއްސުން ކުރާނެ، ޖިލްއަށް އަބަދު ފިނިވާނެ އޭސީ ޖެއްސީމަ، އެކަމަކު އާއިޒު ކޮޓަރީގައި އުޅެންޏާ ގަސްތުގައި އިންނާނީ އެންމެ ފިނިކޮށްލައިގެން....." ޖިލާ މިފަހަރުވެސް ޖެއްސީ އެކުވެރިޔާގެ ޑައިލޮގް ކޮޅެކެވެ. އެހެންނޫނަސް އާއިޒު ކިތަންމެ ހޫނުވެގެން އުޅުނަސް ޖިލާ އުޅޭނީ އޭސީވެސް ފޮރުވާލައިގެންނެވެ. އޭނަ އުޅޭނީ އާއިޒުއަށް ޖެއްސުމެއް ނުކުރެވިގެންނެވެ.

"ހިޔެއްވެސްނުވޭ، އެހާ ހަރުދަނާކޮށް އުޅޭ، ޒިންމާދާރު ފިރިހެންކުއްޖެއް އެކަމަކު އެއުޅެނީ ކިހިނެއްތަ؟ ދެން ބުނެބަލަ އޭނަ ކޮން އަނިޔާއެއްތަ ކުރަނީ؟" ރިޔާ އަނެއްކާވެސް އަހާލައިފިއެވެ.

ޖިލާ ދޮގުފަތްޗަކަށް އެމުނީ އެކުވެރިޔާގެ ވާހަކަތައް ހަދާންކޮށްކޮށްފައެވެ. ރިޔާ އިނީ ހައިރާންވެފައެވެ. އާއިޒުއަށް ޖިލާ އާއި އެކީގައި އުޅުމުގެ ހައްގެއް ދޭކަށް ރިޔާވެސް ބޭނުމެއްނުވިއެވެ. ޖިލާ އެދުނީ އޭނަގެ މަންމަ ނޫން އެހެންމީހެއްގެ ގާތުގައި އެވާހަކަތައް ކިޔައި ނުދިނުމަށެވެ. ރިޔާ ގޮސް ވަގުތުން ސީމާ ގާތުގައި ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ސީމާ ރޯންފެށިއެވެ. އޭނަގެ ކުޑަ އަންހެންދަރިފުޅަށް އާއިޒު އެފަދަ އަނިޔާއެއް ކުރާއިރު އާއިޒުއަށް ދޫކޮށްލައިގެން ސީމާ ހުންނަންވީ ކީއްވެ ހެއްޔެވެ؟ ސީމާ އެ ހޫނުކަންމަތީގައި ހުރެގޮސް މައިމޫންގެ ދެމަފިރިންނަށް އެ ޚަބަރު އިއްވާލައިފިއެވެ. މައިމޫން އެކަމާއި ހައިރާންވެލެއްވި އިރު ޒީބާއަށް އެވާހަކަ ގަބޫލުކުރުން ދަތިވިއެވެ. ޒެވިޔަންއަށްވުރެ އާއިޒު ގެ އުޅުން މާބޮޑަށް ރަނގަޅުވެފައި، ހަރުދަނާ އަދި ރުޅިމަޑު އިރު އެފަދަ އަނދިރި ފަރާތެއް ވެދާނެ ކަމަށް މަންމައަކަށް ގަބޫލެއް ނުކުރެވޭނެއެވެ. އާއިޒު ޖިލާ އަކަށް އަނިޔާއެއް ނުކުރާނެއެވެ. އަނެއްބައި އެއީ ޒީބާ އަކަށް އެގޭނެ ކަމެއްނޫނެވެ. ނަމަވެސް އެކަމުގައި ވެސް ހައްދުފަހަނަޅައި ގޮސް، ކޮޓަރީގައި ހެދުން ނުލައި އުޅެން މަޖުބޫރު ކުރާނެ ހެނެއްވެސް ހިޔެއްނުވެއެވެ. އަނެއްކޮޅުން ބަލާއިރު ޖިލާ އަކީ ދީންވެރި ކުއްޖެކެވެ. އެހާ ރަނގަޅެވެ. ހާދަހާ ދެރައެވެ. ޖިލާ އެފަދަ ވާހަކައެއް އެހެން މީހުން ގާތުގައި ދައްކައި އާއިޒު ބަދުނާމު ކުރީ ކީއްވެ ހެއްޔެވެ؟ ޒީބާގެ ހިތުގައި ޝަކުވާ އުފެދުނީ ޖިލާ އާއި މެދުގައެވެ. ޖިލާ އެހާ ނަމޫނާ އަންހެންކުއްޖަކަށް ވާންއުޅޭ އިރު ރަނގަޅުވެފައެއް ނެތެއް ނޫންހެއްޔެވެ؟ އެހާ މާތް ކުއްޖެއްނަމަ ފިރިމީހާގެ ސިއްރުތައް ހާމަނުކުރީހެވެ.

އާއިޒުއަށް ޖިލާ އޭނަ އާއި ދުރުވާން ވެގެން ކޮށްފައި ނުކުރާކަށް މަސައްކަތެއް ނެތް ކަން އެގުނެވެ. މިހާރު ޖިލާ އެހެން ކޮޓަރިއެއްގައި ނިދަން ފަށައިފިއެވެ. ޖިލާ ބަދަލުވީ އާއިޒުގެ ކޮޓަރި އާއި ޖެހިގެން ހުންނަ ކޮޓަރިއަށް ކަމަށް ވާތީ އެވަރަށް ގޭމީހުންނަށް އޮޅުމެއް ނުފިލާނެއެވެ. އެންމެ މަތީބައިގައި ދިރިއުޅެނީ އާއިޒު އާއި ޒެވިޔަން އެވެ. އެހެންމީހުން ދެން ހުރި ފްލޯރ ތަކުގައެވެ. ވީމަ ޖިލާ ވަކިން އުޅުނަސް މަންމަމެންނަށް ހަގީގަތެއް އޮޅުމެއް ނުފިލާނެއެވެ. އާއިޒު ވަރަށް ގިނަ އިރުވަންދެން އެކަނިވެރިވެފައި ކޮޓަރީގައި ލަވަ އަޑު އަހަން އޮތެވެ. އެއިން ކޮންމެ ލަވައަކީ ވެސް އޭނަގެ ހިތުގެ އަޑުފަދައެވެ. އެންމެ ފަހުން އާއިޒުގެ ސިކުނޑިއަށް ލުއިވުމުގެ ބަދަލުގައި، މާ ބޮޑަށް ބާރުކުރަން ފެށުމުން އޭނަ އޮތްތަނުން ތެދުވެގެން ހިނގައިގަތެވެ. ކޮރިޑޯގައި ވަނީ މަޑު އަލިކަމެކެވެ. އޭސީގެ ފިނިކަމުން ވެސް އާއިޒުއަށް ފިންޏެއްނުވިއެވެ.

އާއިޒު ޓަކި ދިނީ ދާވިޝް ސްޓައިލަށެވެ. ޖިލާއަށް މިހާރު ވާނީ އާއިޒު ޓަކިދޭގޮތްވެސް ހިތުދަސްވެފައެވެ. އޭނަކަން އެގުނުނަމަ ދޮރު ނުހުޅުވާނެ ވިއްޔާއެވެ. އިރުކޮޅަކުން ޖިލާ އައިސް ދޮރުހުޅުވާލާފައި އާއިޒު ފެނުމާއި އެކު އަނގަޔަށް ގޮތެއް ހަދާލައިފައި، ދޮރުލައްޕާލަން މަސައްކަތްކުރިއެވެ. އޭނަ އެހާ ފަސޭހައިން ދޮރު ހުޅުވީވެސް ދާވިޝްކަމަށް ހީކޮށްގެން އޮޅުމެއްގެ ތެރޭގައެވެ. ކޮޓަރީގައި ދިއްލާލައިފައިވާ ރަތްއަލީ ގައި ޖިލާ ފެންނަނީ ޕަރީއެއް ހެނެވެ. އޭނަލައިގެން ހުރީވެސް ކުލަކުލައިގެ ގޮޅިޖެހި ހަރުވާޅަކާއި އަތްކެނޑި ހެދުންކޮޅެކެވެ. އާއިޒު މަޑުމަޑުން ޖިލާ ދުރުކޮށްލާފައި އެތެރެއަށް ވަދެ ދޮރުތަޅުލިއެވެ. ޖިލާއަށް އާއިޒު ނުހިފެހެއްޓުނީތީ ރުޅި އައި ނަމަވެސް ޖިލާ ކެތްކުރިއެވެ. 

"ވީ ނީޑް ޓު ޓޯކް..." އާއިޒުގެ ރީތިދެލޮލުން ޖިލާ ސްކްރީންކޮށްލި ގޮތަކުން ޖިލާ ގެ ބުމަގޮށްޖެހުނެވެ. ވަގުތުން ގޮސް ނައިޓްގައުންއެއް މަތިން ލައިގެން ޝޯލްވެސް ބޮލުގައި އަޅާލައިފިއެވެ. އާއިޒު އަކީ ފިރިމީހާ ކަމަކަށް ޖިލާ ނުދެކޭކަން އެއަމަލުންވެސް އެގުނެވެ. ހިލޭ މީހަކު ފެނުނަސް ޖިލާ އެވަރަށް ފޮރުވެން ބޭނުންވާނެހެނެއް ހިޔެއްނުވެއެވެ. އާއިޒު އެކަމަކަށް ކޮމެންޓެއް ކޮށްލާކަށް ބޭނުމެއް ނުވިއެވެ. އޭނަ އެހާ ވަރަށް ލޯބިވާއިރުވެސް ޖިލާގެ ހިތުން މަގާމެއް ނުހޯދުނީތީ ދެރަވެސްވިއެވެ. އޭނައަށް މިއުޅެވެނީ ހާދަ ފަހަތުގައޭ ހީކުރެވުނެވެ. އޯގާތެރި ކަމާއި އަޅާލުން ދީގެން ޖިލާ ގަނޑުފެންކޮޅެއްހެން ވިރުވައިލެވޭނެ ކަމަށް ކުރި އުންމީދުވެސް ފެނަށްވެގެން ހިގައްޖެއެވެ. ޖިލާ މައިތިރި ވާނީ އަދި އެހެން ގޮތަކުންނެވެ. 

"ދަންވަރަކު ނޫނޭ މީހުން ވާހަކަދައްކަން އަންނަނީ، މިއީ އަހަރެން ނިދާ ގަޑި..." ޖިލާ އަޑަށް ހަރުކަށިކަމެއް ގެނައެވެ. އޭނަ ގޮސް ހުއްޓުނީ ރީތިވާ މޭޒު ކައިރީގައެވެ. ޚިޔާލެއްނެތި ސެންޓުފުޅިތަކާއި ކުޅެންފެށިއެވެ. ޖިލާގެ އެ ފަރުވާކުޑަކަމުން އާއިޒުގެ ކެތްތެރިކަން ކޮޅުންލައިގެން ދާންފެށިއެވެ. ޖިލާގެ ގައިގައި ހިފައި ތަޅުވައިގަންނަން ބޭނުންވިއެވެ. އާއިޒު އައިގޮތަށް ހުއްޓުނީ ރީތިވާމޭޒުގެ އެއްފަރާތުގައި އަތްޖައްސާލައިގެންނެވެ. އެ ތޫނު ދެލޯ ޖިލާ އާއި އަމާޒުކޮށްލި ގޮތަކުން ޖިލާގެ ހިތްފިނިވިއެވެ. ކުރިއަކުން ޖިލާ އެއްގޮތަކަށް ވެސް "ބިރު" އެ އިހުސާސް ކުރާކަށް ނުޖެހެއެވެ. ނަމަވެސް މިހާރު އާއިޒު ދެކެ ޖެހިލުންވެ ބިރުގަންނަން ފަށައިފިއެވެ. އާއެކެވެ. އާއިޒު ކަމެއް ނުކުރާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތީއެވެ. އެހެން ވާންޖެހުނީ އޭނަވެސް ފަރުވާކުޑަގޮތަކަށް އާއިޒު އާއި ޒުވާބު ކުރާ ވައްތަރަށް ވާހަކަ ދައްކައި، އެ ގުޅުން ގޯސްވީމައެވެ. ކުރިން ދެމީހުން އުޅުނީ ތަންކޮޅެއް ހަމަޖެހިލައިގެންނެވެ.

"އަހަންނަކީ ކޮންމެ ކޮންމެ މީހަކަށް ނުވާތީ މިއައީ، ޖިލީ ހީކުރަނީ އެހެންކަމަށްތަ؟ ޓެލްމީ. ހޫ ޑޫ ޔޫ ތިންކް ޔޫ އާ ގާލް... އެންމެ ފަހަރަކު ވެސް ވިސްނާލިންތަ އަހަރެންގެ ވައިފް ކަން ތިއީ، އަހަންނަށް ބޭނުން އިރެއްގައި މިތަނަށް ވަނުމުގެ ހައްގު އޮންނާނެކަން، ސުވާލު ވެސް އުފެދެންވީ ކަމެއްނޫން، ދަންވަރެއް އެހެން ގަޑިއެއް ނޯންނާނެ އަހަންނަކަށް. ބުނަންތަ؟ އަހަރެން ބޭނުމެއްނުވޭ ޖިލީ ވަކި ކޮޓަރިއެއްގައި އުޅޭކަށް. އަހަރެންގެ ކޮޓަރީގައި ސްޕޭސް އެބައޮތް، ސޯ ހިގާދާން..." އާއިޒު ގެ އަޑުގައިވި އަމުރުވެރި ގޮތަކުން ޖިލާ ސިހުނެވެ. 

"ނުދާނަން، ނުދާނަން، މިބުނީނު ނުދާނަމޭ. އަހަރެން އާއިޒު އަކަށް ޓްރަސްޓެއް ނުކުރަމޭ..." ޖިލާ ސެންޓްފުޅި ހިފައިގެން ދުރަށް ދާން ހިގައިގަތެވެ. އާއިޒު އާއި ކައިރީގައި ހުރުންވެސް ނުރައްކާތެރި ކަމެއްކަމަށް އޭނަ ދެކެނީއެވެ. ޖިލާ ކުޑަދޮރު ކައިރީގައި ހުއްޓި ބޭރަށް ބަލަންފެށިއެވެ. އާއިޒު ފަހަތުން އައިގޮތަށް ޖިލާގެ އަތުގައި ހިފާފައި އޭނަ އާއި ދިމާލަށް އަނބުރާލުމުން ޖިލާއަށް ހަޅޭއްލަވައި ގަނެވުނެވެ. ނަމަވެސް ދޮރާއި އާއިޒުގެ ހަށިގަނޑާއި ޖެހިފިތިފައި ހުރުމުން ޖިލާއަށް ސަލާމަތް ވެވޭނެ ހުރިހާ ދިމާލެއް ބަންދުވިއެވެ. އޭރު ޖިލާގެ ދެއަތްތިލަވެސް ވަނީ އާއިޒުގެ އަތުތެރޭގައި ހައްޔަރުވެފައެވެ. ޖިލާގެ ހިތުގެ ތެޅުން އާއިޒުއަށް އިހުސާސް ކުރެވުނެވެ. އެރީތި ދެލޮލުގައިވާ ބިރުވެރިކަމާއި ސިހުން ވެސް މެއެވެ. 

"ތިއީ އަހަންނަށް މުހިއްމު ކަމެއްނޫން، އެކަމަކު ޖިލީ އަހަންނޭ ކިޔައިގެން މަންމަމެން ގާތުގައި ދެއްކި ވާހަކައެއް ބުނެބަލަ، އެއްޗެކޭ ނުކިޔާނަމަ ޖިލީގެ މަންމަ އަހަރެންނާއި ވާހަކަ ނުދައްކައެއް ނުހުންނާނެ. އަދި މިރޭ އަހަރެން އައި އިރު މަންމަ އާއި ބައްޕަ އަދި ޖިލީ މަންމަ ބޮޑުކޮޓަރީގައި ތިބެފައި އަހަންނާއި ދިމާލަށް ބަލައިލީވެސް ތަފާތު ނަޒަރަކުން. އައި ނޯ. ކޮންމެވެސް ކަމެއްވެއްޖެ، ޖިލީ ތެދަށް ބުނެބަލަ، ކީކޭ ކިޔައިގެންތަ ތިއުޅެނީ..." އާއިޒު ސުވާލު ކުރަމުންދިޔަ ގޮތުން ޖިލާ ގައިން ހީބިހިނެގިއެވެ. މަންމަ އާއިޒުގެ މަންމަ އާއި ބައްޕަ ގާތުގައި އެވާހަކަ ދައްކައިފި ކަމަށްވާނަމަ އާއިޒުގެ ކަންފަތާއި ހަމަޔަށް ނުފޯރާނެ ގޮތަކީ ނެތްގޮތެކެވެ. އެވަރަށް މަންމަ ގާތުގައި ސިއްރުކުރަން އެދި އާދޭސް ކުރީމަވެސް މަންމަ އަނގަދަ ގަދަ މިތުރަށްވުރެ ސަހަލުއެއް ނުވިއެވެ. ޖިލާ ގެ އަރުތެރެ ބެދިއްޖެއެވެ. އޭނަ މަންމަދެކެވެސް ރުޅިއައެވެ.

"އަހަރެން ބުނީ އަހަރެން ވަރިވާން ބޭނުމޭ. ދެޓްސް އޯލް. ނައު ގެޓް ޔޯ ހޭންޑްސް އޯފް މީ...." ޖިލާ އާއިޒު އާއި ހަތަރުކަޅި ހަމަކުރިއެވެ.

"ދެން އެމީހުން އަހަން ބޭނުންވާނެ ސަބަބު ވެސް. އަހަރެން މިއީ ނުބައި މީހާއަށް ހަދާލާފައި ކުޓުވާލީކަން ޔަގީން، މިހާރު އެނގިއްޖެ، އަހަރެން ކުށްވެރިކޮށްފައި ޖިލީ ވާހަކަތަކެއް ދެއްކީ، އެކަމަކު މިވީހާތަނަށް އަހަރެން ދުވަހަކުވެސް އަނިޔާއެއް ނުދެން، ޖިލީ ބޭނުންހާ ގޮތަކަށް އުޅުނީ އެކަމަކު ނިމުނު އިރު އަހަރެން އެންމެ ވިޔާނުދާ މީހަކަށް މިވީ. ތޭންކްސް...." އާއިޒުއަށް އޭނަ އާއި ބެހޭގޮތުން ޖިލާ ދައްކާފައި ވަނީ ކޮން ވާހަކަތަކެއްކަން އެގުނުނަމަ ހައިރާންވެ އަންތަރީސް ވާނެ ކަންނޭގެ އެވެ. މިހާ ރަނގަޅު އަންހެންކުއްޖަކު އެހާ ދީންވެރިކޮށް އުޅެމުން ފިރިމީހާ އާއި ބެހޭގޮތުން އެފަދަ ދޮގުވެރި ވާހަކަތަކެއް ފަތުރާލަފާނެ ކަމަށް ޚުދު އާއިޒު އަށްވެސް ގަބޫލެއް ނުކުރެވޭނެއެވެ. އާއިޒު ޖިލާގެ އަތުން ދޫކޮށްލާފައި އަނެއް ފަރާތަށް އެނބުރުނެވެ.

"ޖިލީ، އެކަމަކު އަހަރެން ޑިވޯސް ކުރާނެ ކަމަށް ހީނުކުރާތި، ތިއީ އަހަރެންގެ ހައްގެއް، ޔޫ އާރ މައިން، ހަދާންކުރާތި އަހަރެން ނެތިން ދުވަހަކުވެސް ޖިލީ ދޫކޮށްލާކަށް، އަދިވެސް އިންތިޒާރު މިކުރަނީ ތިހިތް ބަދަލުވެދާނެ ކަމަށް، ރީތި ގޮތުގައި ހޯދަން، ނުފޭރެން ވެގެން، މިކަމާއި ޖިލީ ވިސްނާލާތި...." އާއިޒު އެހެންބުނެފައި ދާން ހިގައިގަތެވެ. ޖިލާ އިނީ އިންތިހާއަށް ބިރުގެންފައެވެ. އޭނަ ވަގުތުން މަންމައަށް ގުޅިއެވެ. ސީމާ އެވާހަކަ އާއިޒުގެ މައިންބަފައިން ގާތުގައި ކިޔާދިންކަމަށް އެއްބަސްވުމުން ޖިލާ ރޯންފެށިއެވެ. ސީމާ ބުނީ މައިމޫން އާއި ޒީބާ ގާތުގައި އާއިޒު ކައިރީ އެވާހަކަ ނުދައްކާނެ ކަމަށް ވަޢުދު ކުރުވާނެ ކަމަށެވެ. އެވަރުންވެސް ޖިލާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ބިރުގަންނަނީއެވެ. ނޭވާ ހާސްވަނީއެވެ. އާއިޒުއަށް އެނގިއްޖެއްޔާ ހާދަ ރުޅި އަންނާނެއެވެ. ހެޔޮއެވެ. އޭނައަށް ކިރިޔާ ކަމެއްކުރަން އުޅުނަސް ދާވިޝް އޭނަ ސަލާމަތް ކޮށްދޭން އަންނާނެއެވެ. ދެން އޭނަވެސް އުޅޭނީ ވިސްނައިގެންނެވެ.

ހޫނުގަދަ ދުވަހެކެވެ. މެންދުރު ބާރަ ޖަހަން ކައިރިވަމުން އައި އިރު މަގުމަތި ވެސް ހީވަނީ ހިރަފުސްގަނޑެއް ހެންނެވެ. ގަސްތަކުގެ ފަތްތައްވެސް ވަނީ ހިރަފުސް ބޯވެގެން ގޮސް ހުދުކުލަ އަރާފައެވެ. އަލީނާ ކުޑަކޮށް ބާޒާރުކޮށްލައި ހަދާލައިގެން ގެއަށް އަންނަން އައި އިރު އޭނަގެ އޮމާން މޫނު ވަނީ ދަލުން ފެންވެރިފައެވެ. ކަޅުހެދުންލައިގެން ހުރުމުން ވަކިން ހޫނުގަދައެވެ. އަލީނާގެ ދޮންބެ ދިން ހައިހީލް އަކަށް އަރައިގެން ހުރުމުން ތަންކޮޅެއް އިސްކޮޅުން ދިގުކަމަށްވެސް ދައްކައެވެ. ކޮންމެފަދަ ގޮތަކަށް ހުއްޓަސް އެރީތި، ތަފާތު ހިގުމާއި މޫނުން ފެންނަ ކުޑަތަންކޮޅުގެ ސަބަބުން ބައެއް މީހުންނަށް ދެވަނަ ފަހަރަށް ބަލައިލަން މަޖުބޫރު ކުރުވައެވެ. އަލީނާ ގަސްތަކުގެ ތެރެއިން ވަދެގެން ހިގައި ގަތީ ސްޓާފްކްއާޓާސް އާއި ދިމާލަށެވެ. ފެންޑާއިން މީހެއްގެ ހިލަންވިހެން ހީވެގެން ޒެވިޔަންއަށް ވެދާނެކަމުގެ އުއްމީދުގައި އެދިމާލަށް ބަލަމުން އައި އިރު އަލީނާއަށް އަނެއް ފަރާތުގައިވާ ގަސްތަކުގެ ހިޔަލުގައި ބަޔަކު ތިބިކަމެއް ނޭގުނެވެ. އެހިސާބާއި އަރާ ހަމަވިއިރުވެސް އޭނަ ހޯދަމުންދާ މީހަކު ނުފެނިގެން ބެލެމުން ދިޔައީ ގެއާއި ވީފަރާތަށެވެ. ކުއްލިއަކަށް މީހަކު "ބޫ" އޭ ކިޔާލުމުން އަލީނާ ސިހުނުވަރުން ތޫލިއަޑަކުން ހަޅޭއްލަވައިގެންފައި، އަތުގައިވާ ކޮތަޅުދޫވެ، އޭގައިވިހާ އެއްޗެއް ވިނަގަނޑު މައްޗަށް އުކިގެން ދިޔައެވެ.

އަލީނާ މޭގައި އަތްއަޅާލައިގެންހުރެ އަނެއްފަރާތަށް އެނބުރި ވިނަގަނޑު މަތީގައި އިށީދެލައިގެންތިބި ބަޔަކާއި ދިމާލަށް ބަލައިލުމާއިއެކު މޫނު ރަތްކަމުން އަލިފާން ކޮޅެއްފަދަވިއެވެ. އޭނަ ނުދަންނަ ދެތިން ޒުވާނުންނާއި އެކީގައި ދަންނަ ދެމޫނު ފެނުނެވެ. ޒެވިޔަން އާއި ދާވިޝްއެވެ. ޒެވިޔަން ގަހެއްގެ މައިގަނޑުގައި ބުރަކަށިޖައްސާލައިގެން އިންއިރު އިސްތަށިގަނޑާއި ލައިގެން ހުރި ޓީޝާޓް ވަނީ ތެމިފައެވެ. ވަރަށް ހިތްގައިމެވެ. ޕޫލުން އަރައިގެން އައީކަންނޭގެއެވެ. އަލީނާއަށް ނޭގުނީ އެތަނުން އޭނަ ސިއްސުވާލީ ކާކުކަމެވެ. ޒެވިޔަންވެސް ބަލަހައްޓައިގެން އިނީ ލާނެތް ނަޒަރަކުންނެވެ. 

"ސޮފްޓް... މިއީ ކީއްކުރާ އެއްޗެއްތަ؟ އަދި މިއީ، މިވެސް ސައިޒް 32، މިއީ ވާލެއްތަ؟" ދާވިޝްގެ ފައިކައިރީގައި ޖެހުނު އެއްޗެހި ތަކެއް ނަގާފައި އެކަތި އިނގިލި ކުރީގައި އަޅުވާލައިގެން ހުރެ، ޕެކެޓް އަލީނާއަށް ދިއްކޮށްލައިފިއެވެ. ދާވިޝް ސީރިޔަސް ވެފައިހުރެ އެހެން ބުނުމުން އަލީނާ އަނގަ ހުޅުވުނެވެ. އެސިކުންތު ކޮޅުވެސް އެވަރަށް ރަކިވެފައި ހުރެވެސް ބަލައިލެވުނީ ޒެވިޔަންގެ މޫނަށެވެ. ހީވީ ޒެވިޔަންގެ ހިމާޔަތް ބޭނުންވި ހެންނެވެ. ޒެވިޔަން އެއް ލޯމަރައިލީ ލާނެތް ގޮތަކަށެވެ. އޭނަ އަވަހަށް ދާވިޝްގެ އަތުގައިވާ އެއްޗެހިތައް ޖަހައިގެން ބާރަކަށް ދިޔުމުން އެންމެން ހީގަތް އަޑު އިވުނެވެ. އެމީހުން ކޮންމެފަދަ ނުލަފާ އެއްޗެއްވެސް ކިޔާފާނެއެވެ. ޔަގީނެވެ. މަލާމާތް ކުރީއެވެ. ކޮންމެވެސް ނުލަފާއެއްޗެއް ކިޔާނީއެވެ. ޒެވިޔަން އޭނަގެ ސްޓައިލިޝް، ރީތި، މޮޑެލްއިންފަދަ އެކުވެރިން އެއްކޮށްލައިގެން ހުރެ އަލީނާއަށް ޖޯކުޖަހުވަނީއެވެ. އަލީނާ ގެއަށް ވަންގޮތަށް ދެރަވެފައި އެއްވެސް ކަމެއް ކުރާ ހިތެއްނުވެފައި އެތައް އިރެއްވާންދެން އިނެވެ. ލޮލުގައި ހަރުލާފައިވަނީ ޒެވިޔަންގެ އެ ރީތި ތަސްވީރެވެ. ތެމިފައިވާ އިސްތަށިގަނޑާއި، މޫނުގައި ހުދުޖަވާހިރުތައް ފަދައިން ވިދި ފެންތިކިތަކުން ވަކިން ފުރިހަމަހެން ހީވިއެވެ.

އޯޓަމްބްލޭޒްގެ މެމްބަރުންގެ ތެރެއިން މައިމޫން އާއި ސީމާ ހަނީމޫންގެ ނަމުގައި ދިހަދުވަހަށް ޔޫރަޕަށް ފުރިއެވެ. އެއީ ޒީބާ އެއްގޮތަކަށްވެސް ޕްލޭންކޮށްފައިވާ ކަމެއްނޫނެވެ. އެންމެ ފަހު ވަގުތު ސީމާ ވެސް އެމީހުން ހަނީމޫން ހަދަންވާނެއޭ ކިޔާފައި އެދަތުރެއް ރޭވުމުން، ޒީބާގެ ހިތުގައި ހަސަދަވެރިކަން އުފެދިގަތީ ވަކިވަރަކަށް ނޫނެވެ. ނަމަވެސް ފަހުން ހިތްހަމަޖައްސައިލީއެވެ. ސީމާއަށް އެފަދަ ކަންތައް ނުވިސްނުނީއެވެ. އަދިވެސް ޅަ ކުދިން ފަދައިން ހަނީމޫން ހަދަން ޖެހޭނެ ކަމަށް ގަބޫލު ކުރަނީ އެވެ. ޒީބާ އެ ދިހަދުވަސް ގުނަމުން ދިޔައީ ބޭގަރާރު ކަމާއި އެކީގައެވެ. ދެރެއިން އެއްރޭ ޒީބާ އަށޭ ކިޔާފައި ސީމާ ވެސް ޝަރުތެއް ކަނޑައަޅާފައި އޮތްވާ މިއީ އިންސާފެއް ނޫނެވެ. އެންމެ ރަނގަޅެވެ. ސީމާ އައުމުން އޮންނާނީ އޭނަގެ ދިހަ ދުވަހެވެ. ޒީބާ ގިނަ ވަގުތު ހޮސްޕިޓަލުގައި ހޭދަކޮށްލައިގެން ފިކުރުތަކާއި ދުރުވާން މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ބައެއްފަހަރު ޖިލާ އާއި އާއިޒު ވަކިވާން އުޅޭތީ އެކަމާއިވެސް ވިސްނެއެވެ. އާއިޒުއަށް އަދިވެސް އަންހެންކުދިން ލިބިދާނެއެވެ. އެކަމަކުވެސް ޒީބާ ރުޅިއަންނަނީ ޖިލާ އާއިޒު ބަދުނާމު ކުރާނެތީއެވެ. އެކުއްޖާގެ އަނގަވެސް ބަންދުކުރެވޭނެ ނަމައެވެ.

ރޭގަނޑު ނުވައެއް ޖަހަން އުޅެނިކޮށް މުޅިމާލެއިން ކަރަންޓު ކެނޑުނެވެ. އޯޓަމްބްލޭޒްގެ ޖެނެރޭޓަރުގައިވެސް ކުޑަ މައްސަލައެއް ޖެހިގެން އުޅޭތީ އެވެސް ހިންގައެއް ނުލެވުނެވެ. ނަމަވެސް އިމަރޖެންސީ ލައިޓްތަކުގެ ސަބަބުން އޯޓަމްބްލޭޒް ގެ އެތެރެ އަށް ފަނޑުއަލިކަމެއް ވެރިވެފައިވެއެވެ. އުޑުމަތީގައި އެތައް ސަތޭކަ ތަރިތަކެއް ފިޔަޖަހަމުންދާއިރުވެސް ހަނދު ނެތުމުގެ ސަބަބުން އަލިކަމެއް ނުވެއެވެ. ބަގީޗާ ތެރެއަށް ވެރިވެފައިވާ ފުންން އަނދިރިކަމުގެ ތެރޭގައި، ބޮޑެތި ގަސްތައް ވަޔާއި ހެލެމުން ދިޔައިރު ހީވަނީ ބިރުވެރި ފުރޭތަ ތަކެއް ހެންނެވެ. ނަމަވެސް ޖެހެމުންދާ ވައިރޯޅިތައް މާހައުލުގައި މާމެލާމެލީގެ މީރުވަސް ފަތުރަމުންދިޔައެވެ. އޯޓަމް ބްލޭޒްގެ ތެރެވެސް މިގަޑީގައި ފެންނަނީ ތަންކޮޅެއް ހިމޭންކޮށެވެ. ބަޓްލާ ދޮރުމަތީގައި ހުރި ސޯފާއެއްގައި ނޫސްބަލަން އިންއިރު ދޭތެރެއަކުން ގަސްތަކާއި ދިމާލަށްވެސް ލޯހިންގާލައެވެ. ޒީބާ ވީ ހޮސްޕިޓަލުގައި އޮތް ބައްދަލުވުމެއްގައެވެ. ރިޔާވެސް ހަވީރުއްސުރެ އުޅެނީ ކާފަގެ ގޭގައެވެ. އެގޭގައި އޮތް ކުޑަކުއްޖެއްގެ ޕާޓީއަކަށް ނިކީގޮވައިގެން ދިޔަގޮތަށް ރިޔާވެސް އަދި ގެއަށް އަންނާކަށް ނޫޅެއެވެ. އެހެންނޫނަސް މައިމޫން އާއި ސީމާގެ ކައިވެނީގެ ޕާޓީއަށްފަހު ދެމީހުންގެ ގުޅުން ވަނީ ދުވަހަކު ނުވާހައި ހީނަރުވެފައެވެ. ނިކީއަށް އެކަން ނާންގަން ކޮންމެހެން ދައްކަން ޖެހޭވާހަކައެއް ދެއްކިޔަސް ދެމީހުން އުޅެނީ ބީރައްޓެހިން ފަދައިންނެވެ.

ޒެވިޔަން ބައްދަލުކުރަން ބޭނުންވާ ކަމަށް ބުނެފައި ފޮނުވި މެސެޖު ލިބުމުން އަލީނާގެ ހިތަށްވީ ގޮތެއްވެސް ނޭގުނެވެ. އެގަޑީގައި ނާހީ ނިދަން އޮތްކަމީ އަލީނާއަށް ލިބުނު ރަނުގެ ފުރުސަތަކަށްވިއެވެ. އަލީނާ ކޮޓަރިން ނިކުތްގޮތަށް، ހިގައިގަންނަން ނޭގިފައި ޖެހިބުދެއްހެން ހުއްޓިލައިގެން ހުރި އިރު، އޭނަގެ ހިތް އާދަޔާ ޚިލާފު ބާރުމިނެއްގައި ތެޅެމުން ދިޔައެވެ. ގަސްތަކުގެ ތެރެއިން ޒެވިޔަން ނިކުމެގެން އަންނަތަން ފެނުމާއި އެކު އަލީނާގެ ފައި ޖެލީކޮޅަކަށްވެ، މުޅިމީހާ ފިނިވިއެވެ. ކަކުލު ހުޅުން ވާގިދޫވިއެވެ. ޒެވިޔަން ގެ އިސްކޮޅާއި، އެ ސްމާޓްކަން އަލީނާގެ ހިތާއި ކުޅެލީ ވަކިވަރަކަށް ނޫނެވެ. އަލީނާ ހަދާންވީ އާއަހަރު ޒެވިޔަންގެ ފަރާތުން ލިބުނު ހަދިޔާއެވެ. އަދިވެސް އެ އިހުސާސްތަކުން އަލީނާގެ ހިތަށް ގޮތްގޮތް ވެއެވެ. އެހަދާން ތަކުގައި ނުނިދިފައި ތެޅިތެޅި ކިތައް ރޭ ވޭތުކޮށްލެވުނު ހެއްޔެވެ؟ އަބަދުވެސް އެހިތުގައި ވޭނެއްނެތް ރިހުމެއް އުފެދި، ދާއިމީ ކަމަކަށް ވެއްޖެއެވެ. އެހިތަށް ދުވަހަކު ޝިފާ ލިބޭނެ ކަމެއްވެސް ނޭގެއެވެ.

"އަލީނާ...." ޒެވިޔަން ގޮވާލީ މަޑުމަޑުންނެވެ. އަނދިރީގެ ތެރެއިން ޒެވިޔަން ފެންނަނީ ހިޔަންޏެއް ފަދައިންނެވެ. އެކަމަކު އެހިޔަނިވެސް ހާދަ ރީއްޗެވެ. އަލީނާ ހިންދިރުވާލައިފިއެވެ. 

"އާދެބަލަ ތަންކޮޅެއް ކައިރިއަށް، އަހަރެން އަދަބެއްދޭނަމޭ ބުނީމަ ބިރުންތަ ތިހިރީ ލިޓްލް ގާލް. އަހަރެން ނޫޅެމޭ މާބޮޑު ކަމެއް ކުރާކަށް. އާދެބަލަ ދެން. ނޫނީ ތިހިރަ ގަސްތަކުގެ ތެރެއިން ބޫގީމޭން ނިކުމެ ގެންގޮސްދާނެ......" ޒެވިޔަން ސަމާސާ ހުނުމަކާއިއެކު އަތްދިއްކޮށްލައިފިއެވެ. ޒެވިޔަންގެ ހުރި ފްލާޓީ ގޮތްގަނޑުގެ ސަބަބުން އަލީނާގެ ހިތް ހައްތަހާ ބޮޑަށް ދަމައިގަތެވެ.

ކޮމެންޓް 0