އެވަގުތު ޒެވިޔަން ޖޫސްފޮދެއް ބޯލިތަނާ ކޮށިއަރައި ގަނެގެން ގަދަޔަށް ކެއްސައި ގަތެވެ. މައިމޫން ވެސް ޒެވިޔަންގެ ބުރަކަށީގައި މަޑުމަޑުން ޖައްސަވާލައްވައިފައި އެއްޗެކޭ ބުނުއްވުމުން ޒެވިޔަން ކުޑަކޮށް ރަކިވާ ގޮތްވިއެވެ. އެހާ ފިރިހެން ވަންތަ ޒުވާނަކު އެގޮތަށް ރަކިވުމުންވެސް ބައެއް ފަހަރު ރީތިކަން އިތުރުވާހެން ހީވިއެވެ. ދެބަފައިންގެ އެގާތް ކަމުންވެސް ސީމާގެ ހަސަދަވެރިކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. މައިމޫން ޒެވިޔަންމެން ދެކެ ލޯބި ވަނީ މާވަރަކަށެވެ. ކޮންމެ ގޮތެއްވިޔަސް ސީމާގެ އެ ވިހަ ޖުމްލަތައް ޒެވިޔަންގެ ހިތުގައި ޖެހިގަތީ އައި ވަރުގަދަ ތޫފާނެއް ފަދައިންނެވެ. އަލީނާ ބަލިވެ އިނިއްޔާ އޭނަގެ ގާތުގައި ނުބުނެ ހުރެދާނެ ބާވައެވެ. މިހާ ހިތްދަތި ގޮތަކަށް އޭނަ އާއި އެހާ ބޮޑަށް ގުޅުން ހުރި ވާހަކައެއް އަޑުއަހަން ޖެހިދާނެ ހެއްޔެވެ؟ އަދި އެ ޚަބަރު އެދިނީ އޭނަ އެންމެ ނަފްރަތު ކުރާ ލިސްޓުގެ ކުރީގައިވާ މީހެކެވެ. އެތައް ސުވާލުތައް ސިކުނޑީގައި ފުނިޖެހި، ޒެވިޔަންގެ ނާރުތައް ވާންކޮށްލައިފިއެވެ.

"ސިމީ، ހަގީގަތް ރަނގަޅަށް ނޭގޭ ކަންތަކާއި ބެހޭ ގޮތުން ވާހަކަދެއްކީމަ ފާފަވެރިވެސް ވެދާނެ، އެހެންނޫނަސް ދާވިޝް ރަނގަޅިއްޔާ ޒެވިޔާމެންވެސް ގޯހެއް ނުވާނެ، އެންމެންގެ ނާރުތަކުގައި ހިނގަނީ އެއް ލޭ.... ޓޫ މިނިޓްސް..." މައިމޫންއަށް ފޯނެއް އައުމުން ދުރަށް ޖެހިލެއްވުމުން ޒީބާ ސީމާ އާއި ދިމާލަށް ކަޅިއަޅައިލިއެވެ. ޒެވިޔަންއަށް ފާހަގަ ކުރެވުނީ މަންމަ ގެ އަތް މުށްކެވިފައިވި ކަމެވެ. ދޮންމޫނު ބަނަވެފައިވާ ވަރުން ވެސް ޒެވިޔާއަށް ގެއަށް އަންނަން އުޅޭ ތޫފާނުގެ މިންވަރު ލަފާކޮށްލެވުނެވެ. ރިޔާ ކެއުން ހުއްޓާލައިފައި ކޮޅަށް ތެދުވެ ހަށަން ބަދެލި އިރު އެލޮލުގައި މުތީތަކެއް ފަދައިން ކަރުނަތިކިތައް ވިދައެވެ.

"ސީމާ ދެން ކޮންމެ ކޮންމެ ވާހަކައެއް ލަންޗް ގަޑީގައި ދައްކަން ނުޖެހޭނެ ކަންނޭގޭ، ސީމާ އަނގަ ގަދަ ކަމުން ރިޔާވެސް އަޕްސެޓްވީ ވަރެއް ބަލައިލަބަލަ، ހަގީގަތެއްނެތް ވާހަކައެއް ފަށައިގެން ސީމާ ތިއުޅެނީ ކޯޗެއް ހަދަންތަ؟ އަހަރެންގެ ދަރިންވެސް ތިބުނާ ފެންވަރަކަށް ނުވެއްޓޭނެ..." ޒީބާ އުޅުނީ އަދިވެސް ޒެވިޔަން އާއި އަލީނާގެ ގުޅުން ފޮރުވުމަށެވެ. ސީމާއަށް ފެނިފައި ވަނީ ކިހާވަރަކަށް ކަމެއް އަދި ޒީބާ އަކަށް ނޭގެއެވެ.

"މީ އެންޑް މައި ބިގް މައުތް... އެކަމަކު އަހަރެން ހާދަ ދުވަހެއް ވަންދެން ކެތްކޮށްލައި ފިން، ބަލަ މަގޭ ލޮލުން ކިތައް ރޭ ފެނިއްޖެ ޒެވިޔާ އެ މެއިޑް ގެ ރޫމަށް ވަންތަން، ދެތިން ގަޑިއިރު ފަހުން ޒެވިޔާ އެތަނުން ނިކުމެގެން ދިޔައިމަ ވެސް އަހަރެން ވިސްނަންވީ ޒެވިޔާ އަކީ އެންޖެލް އެއްކަމަށްތަ؟ އަދިވެސް ޒީބާ ބުނާނީ މަގޭ ލޮލުގައި މައްސަލައެއް ހުންނަނީ އޭ އައިނު އަޅާށޭތަ؟ ތިމާގެ ދަރީގެ ފޯލްޓެއް ފެންނާނެ މީހަކު ނުވާނެ....." ސީމާ އަނގަޔަށް ނުބައި ގޮތެއް ހަދާލައިފިއެވެ. ޒީބާގެ މޫނަށް ރަތުގެ އެތައް ކުލަތަކެއް ވެރިވެ، ބަސްހުއްޓުނެވެ. ރިޔާ އުލާއި، ތަށިތައް އެއްފަރާތަށް ހޫރާލުމަށްފަހު ރޮމުން ދުއްވައިގަތެވެ. އޭނަ ރިޔާއަށް ވިނަމަ އުލުން ޖެހީހީ ޒެވިޔަންގެ މޫނު ގައެވެ. އާއިޒު އާއި ޖިލާ ވެސް ކެއުން ހުއްޓާލައިފިއެވެ. އެންމެންވެސް ތިބީ ނިއުޅެމުންދިޔަ ޑްރާމާގެ ސަބަބުން ނުތަނަވަސް ވެފައެވެ.

"ނުނިދާ ހުރެ ފާރަލަންޏާ ބަލަން ނުވާ ކިތަންމެ މަންޒަރެއް ފެނިފައި ހުންނާނެކަން ޔަގީން، އަޅުގަނޑު ކޮންމެ ގޮތަކަށް އުޅުނަސް ސްޓެޕްމަމް އަކާއި ބެހޭކަމެއް ވެސް ނޫން ކަންނޭގޭ، އަދި ބޭނުން ގޮތަކަށް ދެކެންވީ، އައި ކުޑުންޓް ކެއަރ ލެސް، އެކަމަކު ސްޓެޕްމަމް އަލީނާ އާއި މެދު ނުބައިކޮށް ދެކޭކަމީ ވަރަށް ބޮޑު މައްސަލައެއް، އަލީނާ އަކީ ތިބުނާ ދަށް ފެންވަރުގެ މެއިޑެއް ނޫން، ޝީޒް މައި ވައިފް، އެހެންވީމަ އޭނަ ޕްރެގްވެއްޖެއްޔާ އެއީ ތިހާވަރުގެ ޑްރާމާއެއް ޖައްސަންވީ ކަމެއްނޫން، އަޅުގަނޑުގެ ޕާސަނަލް ކަމެއް ކިޔައިދޭން މިޖެހުނީ އަލީނާއަށް ތި ކިޔައި އުޅޭ ނަމަކުން، އަދި މާ ދަށް ފެންވަރަކަށް ވައްޓާލަން އުޅޭތީ، އަޅުގަނޑުގެ ވައިފްގެ ގޮތުގައި އަލީނާ ހުރިހާ ހިދަކު، ޔޫ ޝުޑް ރެސްޕެކްޓް ހާރ..." ޒެވިޔަން ވަރަށް ހަމަޖެހިލައިފައި އިނދެ އެ ރީތި ފެހި ދެލޮލުން ބަލައިލަމުން ހިނިތުންވެލިއެވެ. 

ސީމާގެ އަނގަ ހުޅުވުނެވެ. ފާޑަކަށް ރަކިވެސް ވެއްޖެއެވެ. އޭނަގެ ދަރިން ގެ ކުރިމަތީގައި ޒެވިޔަން އޭނަ އާއި ދިމާލަށް އެހާ އަދަބު ކުޑަކޮށްލައިފައި ވާހަކަ ދެއްކީ ހާދަ ނުބައިވީމައެވެ. ސީމާ ގަތް ލަދު އިންތިހާ ދަރަޖައިގެ ރުޅިވެރިކަމަށް ބަދަލުވެ މޫނުމަތި ކުރިއަށް ވުރެ ބަނަވެއްޖެއެވެ. ލޯވެސް ކުޑަކޮށްލައިފާ އޭނަ ޒެވިޔަން އާއި ހަތަރު ކަޅި ހަމަކޮށްލައިފިއެވެ. ޒެވިޔަންގެ ރީތި މޫނުމަތިން އެވަގުތު ބޮޑާ ކަމާއި، ފޮނިކަން އިންތިހާއަށް ފެނިގެން ދިޔަހެން ސީމާއަށް ހީވިއެވެ. އެހާ ބޮޑާ ފިރިހެނަކު ދުނިޔޭގައި ވާނެކަމެއް ނޭގެއެވެ. އެރީތި މޫނު ނޮޅައިލަން ސީމާގެ ހިތް އެދުނެވެ.

"ޒީބާގެ ދަރިފުޅުގެ ހާދަ ޑިސިޕްލިންއެއް ނެތޭ، އޭނަގެ ބައްޕަގެ ވައިފްއަށް ރެސްޕެކްޓް ކުރަން ފުރަތަމަ ޒީބާ ދަސްކޮށްދޭން ވީނު، ޒީބާއަށް ނޭގިއެއްނޫން ތި ކައިވެނިވެސް ކުރުވާނީ، އަހަރެން ވަރަށް ދުރުކޮށްލައިފިކަން އެނގިއްޖެ، އެހެންނޫނަސް ރިޔާ އާއި މެދު ކަންތައް ތިކުރިގޮތް ވަރަށް އަނިޔާވެރި، ރަހުމުގެ ކަންފުޅެއްވެސް ނެތްފަދަ ގޮތަކަށް ކަމެއް ޒީބާ އަކަށް ނޭގޭތަ؟ އެކުއްޖާފުޅަށް ދަރިން ނުލިބޭނެތީ، އަލީނާ ލައްވާ ފުޓްބޯޅަ ސެޓެއް ހަމަކުރުވަން ޕްލޭން ކޮށްލީ ކަން އެނގިއްޖެ، މަވެސް ގަމާރެއް ނޫން، ތިކަހަލަ ގޭމެއް ކުޅޭކަން ކުރިއްސުރެ އެނގިފައި އޮތީ، ރިޔާ އަބަދު ރޮއިރޮއި ހުންނަ ސަބަބުވެސް މިއެގުނީ...." ސީމާ ޒީބާ އާއި، ޒެވިޔަން އާއި ދިމާލަށް ނުރުހުމުގެ ނަޒަރަކުން ބަލައިލިއެވެ. އެލޮލުގައިވި އަލިފާނުން އެދެމީހުން ފިއްސާލަން ސީމާ ބޭނުންވިއެވެ. ސީމާ ތެދުވެގެން ދާން ހިނގައި ގަތީ ބާރަކަށެވެ.

އެހާ ބޮޑު ހަމަނުޖެހުމެއް ހިނގި އިރުވެސް ދާވިޝް އިނީ އަޑުނީވޭކަމަށް ހަދާފައި ކެއުމަށް ގެއްލިފައެވެ.

"އައިމް ސޮރީ މަމް، އެނޫން ގޮތެއް ނެތީމަ ސީމާއަށް އަންގަން މަޖުބޫރުވީ، ޝީޒް ފެމިލީ އެހެންވީމަ އަޅުގަޑުމެން މެރީ ކުރިކަން ނޭގި އޮތިއްޔާ ނުބައިކޮށް ވިސްނާނީ...." ޒެވިޔަން މާފަށް އެދުނެވެ. ޒެވިޔަން ބަލައިލި އިރު ދާވިޝް ޖިލާ ގާތުގައި "ޗޭސް" އޭ ކިޔައިގެން ކޮންމެވެސް ވާހަކައެއް ދައްކަން އިނެވެ. ޗޭސްއަކީ ޖިލާ ގެންގުޅޭ ޗީތާއަށް ޖިލާ ދިން ނަމެވެ. އެޗީތާ ފޮނުވައިލަން އާއިޒު އުޅުނީމަވެސް އަދި ޖިލާ އެއްބަސް ނުވެގެން އެކަން ނުކުރެވިފައި ވަނީއެވެ. އެވަގުތު މައިމޫންވެސް ފޯނުކޯލު ނިންމަވާފައި ދުރުވެއްޖެއެވެ.

"އިޓްސް އޯކޭ ދަރިފުޅާ....." ޒީބާ ހުރިހާ ދަތްތައް ފެންނަ ވަރަށް ހީލިނަމަވެސް އޭނަގެ ހިތަށް ވަނީ ނިކަން ބޮޑަށް އުދަގޫވެފައެވެ. ސީމާ އެދެއްކި ވާހަކަ އަކުން އޭނަގެ ހުރިހާ ބިރެއް މިއަދު ހަގީގަތަކަށް ވެއްޖެކަން ޔަގީންވެއްޖެއެވެ. ޒެވިޔަންގެ ހިތުގައި އަލީނާއަށް އެވާ ލޯބި ހާމަވެއްޖެއެވެ. ޒެވިޔަން އަލީނާގެ ދިފާއުގައި ބުނި ކޮންމެ ޖުމްލައެއްވެސް ވިހަ ދުނިތަކަކަށް ވެގެން ޒީބާގެ ހިތް ތޮރުފާލައިފިއެވެ. އޭނަގެ ފިރިހެން ދަރިފުޅު އެފަދަ އަންހެނަކު ދެކެ ލޯބިވުމަކީ އޭނަގެ ހިތް އެއްގޮތަކަށް ވެސް ގަބޫލުކުރާނެ ކަމެއްނޫނެވެ. ނަމަވެސް މިވަގުތު ޒެވިޔަން އާއި ދެކޮޅަށް އެއްޗެކޭ ބުނުން ބުއްދިވެރި އެއްނޫނެވެ. ޒެވިޔަން އޭނަގެ މަންމަ ދެކެ ކިތަންމެ ވަރަކަށް ލޯބި ވިޔަސް، ޒެވިޔަންގެ މިޒާޖުގައި ގޮތްދޫނުކުރާ ގޮތެއް ހުންނަކަން ޒީބާ ދަނެއެވެ. ލޯތްބަށް ޓަކައި މަންމަ އާއި ދެކޮޅު ހަދަންވެސް ޒެވިޔަން ފަސްނުޖެހިދާނެއެވެ. އެދެމެދުގައިވާ އެ މާތް ގުޅުން ހީނަރުކުރުމުގެ ބަދަލުގައި ޒީބާ ޖެހޭނީ އެހެން ގޮތަކުން މިކަން ހައްލު ކުރާށެވެ. ޒީބާއަށް އެނގެނީ އެންމެ ކަމެކެވެ. އޭނަ ޒެވިޔަން އާއި އަލީނާގެ ދަރިއެއް މި ބިމަށް އުފަންވިޔަ ނުދޭނެއެވެ.

ސީމާ އަލީނާ ދެކެ ހަސަދަވެރިވީ ބުނަން ނޭގޭހާ ބޮޑަށެވެ. މެއިޑެއްގެ ގޮތުގައި ހުރެގެން އޭނަ ޒެވިޔަންގެ ހިތް ކާމިޔާބުކޮށްފިއެވެ. ނުވީތާކަށް އޭނަގެ ދަރިއެއް ހޯދުމުގެ ނަސީބު ވެސް އަލީނާ ލިބިގެންފިއެވެ. ޒެވިޔަންއަށް އަދި ފެނިފައި ވަނީ އޭނަގެ އަނދިރި އެއްފަރާތެވެ. އަލީނާއަށް އޭނަ ހަދާލާނެ ގޮތް ޒެވިޔަންއަށް އެނގޭނެ ނަމައެވެ.

މައިމޫން ޒީބާ ގާތުގައި ބުނުއްވީ ޒެވިޔަން އާއި އަލީނާއަށް ދަރިއަކު ލިބެންޏާ އެމީހުން އެދަރިފުޅު ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ. ޒީބާވެސް ދެއްކުން ތެރި ހިނިތުންވުމަކާއިއެކު އެކަމަށް އެއްބަސްވެ ބޭރުފުށުން ހަމަޖެހޭކަން ދައްކާލައިގެން އިނެވެ. ޒެވިޔަން އިނީ ޚިޔާލެއްގައެވެ. އަލީނާ އާއި މެދު ހިތުގައި ޝަކުވާ އުފެދުނެވެ. އެކަމަކު މިދުވަސް ކޮޅު އަލީނާ އެހާ ނުކާން އުޅެނީ އެހެންވީމަ ކަންނޭގެ އެވެ. މާއަވަހަށް ވަރުބަލިވާހެންވެސް ޒެވިޔަންއަށް ހީވެއެވެ. އަނެއްކޮޅުން ޒެވިޔަންގެ ހިތް ރިޔާ އާއި މެދު ހަމްދަރުދީ އިން ފުރުނެވެ. ރިޔާއަށް ބޭބީއަކު ހޯދައިނުދެވެނީސް މިއޮތީ ތަގުދީރުގައި އެހެން ގޮތެއް ލިޔުއްވާފައެވެ. ރިޔާއަށް ކުރެވުނު ވަޢުދުވެސް އުވައިލެވުނީއެވެ. އަނެއްކޮޅުން ބަލާއިރު ބައްޕަގެ ޚިޔާލު ހުރިގޮތުން ޒެވިޔަން ގެ ހިތްވެސް ތައުރީފު ކުރިއެވެ. އޭނަގެ ބައްޕައަށް ހާދަ ވިސްނެއެވެ. މަންމަ ހިނިތުންވެލައިގެން އިނަސް ހިތާހިތުން މަންމަ ގެ ނުރުހުން އަލީނާއަށް އަމާޒުވާނެ ކަން ޒެވިޔަންއަށް އެނގުނެވެ.

ދުރުދުރަށް ދާންދެން އެމެރަލްޑް ފެހި ދޫލަ އެއްފަދައިން ވިނަގަނޑު ހެދިފައިވާއިރު ނިކަން ހިތްގައިމެވެ. ގަސްތަކުގައި ދޫނިތައް ލަވަކިޔަމުންދާއިރު، ކުލަކުލައިގެ ކޮކާތައް އުދުހިއުދުހިފައި އުޅެއެވެ. ބަގީޗާގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ އަލީނާ ގަސްތަކުގެ މާތަކުގައި ފިރުމަމުން ކުޑަ ހިނިތުންވުމެއްގައި ހުރިތަން ފެނުމުންކަމަށް ދުރުގައި ހުރި ޒެވިޔަންއަށް ގަބޫލު ކުރެވުނެވެ. ކުޑަ ޕަރީއެއް ގަސްތަކުގެ ތެރެއަށް ތިރިކޮށްލާފައިވާ ފަދައެވެ. އޭނަ އަލީނާއަށް ސިއްރުން ގަހެއްގެ ނިވަލުގައި ހުރި އިރު އަލީނާ އުޅޭލެއް ލޯބިކަމުން ހިތްބަންޑުން ވިއެވެ. އެންމެފަހުން މާތައްދެކެ ފޫހިކޮށްލާފައި ގޮސް، ސްޓްރޯބެރީ ވަށިގަނޑުތައް ކައިރިއަށް އަލީނާ ޖެހިލިއެވެ. އަލީނާ ގަހުން ސްޓްރޯބެރީއެއް ބިނދެލައިގެން އެތިކޮޅެއްގެ ރަހަބަލައިލާފައި، ހުތްވެގެން އަނގަޔަށް ގޮތެއްހަދާލިއެވެ. ތުންފަތް ތެތްވެ، ބެރީ ކްރަޝްފަދަ ލިޕް ބާމެއް ޖައްސާލެވުނުހެން ހީވިއެވެ. އަލީނާގެ ރީތި ތުންފަތުގެ ބައްޓަން އެހާ ފުރިހަމަވެފައި ރަތެވެ. ސްޓްރޯބެރީ އިޝްތިހާރެއް ފަދައިން ކައި ކައި ހުރި އަލީނާ ސިހުނީ މީހެއްގެ ހިލަންވުމުންނެވެ. ދެލޯބޮޑުކޮށްގެން ވަށައިގެން ހޯދާލައިފައި އަލީނާ އަވަހަށް ދާން އުޅެން ހަދައިގެން އޭނަ ކުޑަ ފަތްތަރުތަކުގެ މަތިން ނުވެއްޓުނީ ކިރިޔާއެވެ.

"ވޮޗް ޔޯ ސްޓެޕް ބޭބީ، ފަރުވާކުޑަކޮށް އުޅެން ހަދައިގެން ދެރަގޮތެއްވެދާނެ....." ޒެވިޔަންގެ ޖާދުވީ އަޑުއިވުމާއިއެކު އަލީނާއަށް ލިބުނު އުފަލުގައި ވަގުތުން ފިޔަވަޅުތައް ހުއްޓުނެވެ. އަލީނާ އެނބުރި ބަލައިލި އިރު އެ ތުންފަތް މަތީގައި ވަނީ ރަކި ހިނިތުންވުމެކެވެ. އަލީނާ ކުޑަކޮށް ފައިއޮޅެމުން ގޮސް ޒެވިޔަން އާއި ދާދި ކައިރީގައި ހުއްޓުނެވެ. ޒެވިޔަންގެ އިސްކޮޅުން ދިގުކަމުން އަބަދުވެސް އަލީނާ އެކަމާއި ވިސްނައެވެ. މިއަދު ހައިހީލް އަކަށް އަރައިގެން ހުރީވެސް ދިގުވާން ބޭނުންވާ ވަރުންނެވެ. ކައިކައިވެސް އިސްކޮޅުން އެންމެ މިލިމީޓަރެއްވެސް ދެމިލިކަމެއް ނޭގެއެވެ.

"ސްޓްރޯބެރީ ކާހިތްވާ ދުވަސްކޮޅެއް ފެށުނީތަ ބޭބީ..." ޒެވިޔަން މާނަވީ ގޮތަކަށް އަހާލައިފިއެވެ.

"ކުރިން އެހާ ކާހިތެއްނުވޭ، މިހާރު ސްޓްރޯބެރީ އެޑިކްޓަކަށް ވެއްޖެ، މިނޫން އެއްޗެއް ކާހިތެއްނުވޭ.... ޖޫސީ ކަމުން ގޮސް ދަހިވާވަރުވޭ....." އަލީނާ ޒެވިޔަންގެ ފެހިދެލޮލަށް ބަލައިލީ ލޯބިން ފުރިގެންވާ ގޮތަކަށެވެ. އެލޮލުން އަބަދުވެސް ޒެވިޔަންއަށް ފެންނަނީ އެފަދަ ލޯތްބެކެވެ. އަމިއްލަ އެދުމެއްނެތް ސާފު ތާހިރު ލޯތްބެކެވެ. 

"އެންމެނަށް އެނގުނު އިރުވެސް އަހަރެން ގާތުގައި ނުބުނެވުނެއްނު އެލީ، ޕްރެގްވީމަ ދެން ތިހުރިހާ ގޮތްގޮތް ވާނެކަން އެނގޭ.. ކީއްވެ އަހަރެންނަށް ސިއްރު ކުރީ؟ ސަޕްރައިޒެއް ދޭންތަ؟" ޒެވިޔަން އެބުނި އެއްޗަކުން ހައިރާންވިވަރުން އަލީނާއަށް "ވަޓް" އޭ ބުނެވުނެވެ. ޒެވިޔަން ހަށަން ބެދެލީ އިތުރު އެއްޗެއް ބުނަން ބޭނުންނުވާ ފަދަ ގޮތަކަށެވެ.

"އަޅުގަނޑު ޕްރެގްތަ؟ ކާކު ދެއްކި ވާހަކައެއްތަ؟ ޒާވް... އާން..... އެނގިއްޖެ އެކަންވީ ގޮތް، ކުރީ ދުވަހު ނާހީއަށް ގުޅައިގެން ހުރެ އޭނަ ކޮށްލި ސަމާސާ އަކަށް ބުނިން ޕްރެގްއޭ، އޭނަ ބުނި މެރީނުކޮށް ޕްރެގްވާން އެފަދަ ދެވަނަ މިރެކަލްއެއް ނުފެންނާނެޔޭ، ޒާވްއަށް އެނގޭތަ؟ ފޯނު ނިންމާލިފަހުން އެނގުނު ރޫމްގެ ކުޑަދޮރުތައްވެސް ނުލައްޕާ ހުރިކަން، ޒާވްއަށް އަޑުއިވުނީ ދޯ، އެއީ ހަގީގަތެއްނޫން، އިފް އައިމް ޕްރެގް ޔޫ ވިލް ބީ ދަ ފަސްޓް ޓު ނޯ..." އަލީނާ ޒެވިޔަންގެ އަތުގައި ހިފާލީ ގަނޑުފެންކޮޅެއްހާ ފިނިއަތަކުންނެވެ. ޒެވިޔަން ހުރީ ހައިރާންވެފައެވެ. ވީއިރު އަލީނާ ސަމާސާ އަކަށް ދެއްކި ވާހަކައެއް ސީމާއަށް އަޑުއިވިގެން އޭނަގޮސް ދޮގު ޚަބަރެއް ފަތުރައިލީއެވެ.

"ނޫން، އެލީ، މަށަކަށް ނޫން އަޑުއިވުނީ، ދޮންމަންމައަށް އަޑުއިވިގެން ވަގުތުން ލަންޗް ގަޑީގައި އެންމެނަށް އެޚަބަރު އަންގާލީ، އެކަމަކު އެއްވެސް ޕްރޮޓެކްޝަނެއްނެތި އަހަރެމެން އުޅުނީ ވީމަ އަހަންނަށްވެސް މިހާރު ޝައްކެއްވާން ފަށައިފި، އެލީ މަޖަލަކަށް ދެއްކިޔަސް ހަގީގަތަކަށް ވުމަކީ އެކަށީގެންވާ ކަމެއް، އަހަރެން ގެނެސްދޭނަން ކިޓެއް، ޓެސްޓް ކޮށްލާނީ ދޯ....." ޒެވިޔަން އަލީނާގެ ނޭފަތުގައި ހިފާފައި ރަތްކޮށްލަމުން ހިނިތުންވެލިއެވެ. އެ ބްލީޗް ހުދުދަތް ތަކާއި، ކޯތާފަތަށް އެޅޭ އަޑިކޮޅުން އަލީނާގެ ހިތް ކަތިލައިލިއެވެ. އެކަނި އެ ހިނިތުންވުމަށް ޓަކައި ވެސް އޭނަގެ ހިތް ފިދާކުރުވައެވެ. ޒެވިޔަން އަލީނާގެ މެދުހަށީގައި ހިފާފައި ލުއި ބުދެއްހެން އުފުލައިލައިފައި ގަހެއްގެ ތިރި ގޮފިގަނޑެއްގެ މަތީގައި ބޭންދިއެވެ. ޒެވިޔަން ސްކާފްގެ ދަތިތަކާއި ކުޅެމުން ދިޔައިރު އަލީނާ އެއްޗެކޭ ނުބުނެއެވެ. އާއިޒު އަދި ދާވިޝް ވެސް ގޭގައި ނޫޅޭތީ ކޮންމެވެސް ވަރެއްގެ މިނިވަން ކަމެއް ލިބިފައިވާ ކަމުންނާއި ޒެވިޔަންގެ އެއްވެސް އަމަލެއް ހުއްޓުވަން ބޭނުންނުވާތީ އަލީނާ އިނީ ހިމޭނުންނެވެ.

"ނުވާނެ، އެބޯޓްވިފަހުން އަދި ސައިކަލް ނުޖެހޭ، އިޓްސް ނޮޓް ޕޮޒިބަލް އޭ ޒާވް...." އަލީނާ ޔަގީން ކަމާއި އެކު ބުނެލައިފިއެވެ.

"އެލީއަށް ނޭގޭތަ؟ އެބޯޝަނަށްފަހު އާއްމުކޮށް ޓޫ ވީކްސް ތެރޭގައި އޮވިއުލޭޓް ވާނެ..... ތެދަށް ބުނަންޏާ އަހަރެންވެސް ބޭނުމެއް ނޫން އެލީ އެހާ އަވަހަށް ޕްރެގްވާކަށް....." ޒެވިޔަން ސްކާފް ނައްޓައި ލުމުން، އެ ނުކިޔަމަން ތެރި އިސްތަށިގަނޑު ނިއުޅެވިގެން ދިޔައެވެ. ޒެވިޔަން އިސްތަށިގަނޑާއި ކުޅެލުމުންވެސް ހީވީ ހަށިގަނޑުގައި ހިތްހަމަޖެހުމުގެ ރާޅު ބާނިތަކެއް މަތިމައްޗަށް ޖަހައިލިހެންނެވެ. އަލީނާއަށް ޒެވިޔަންގެ ކަނދުރާގައި އަތްއަޅުވައި ލެވުނީ ބޭ އިޚުތިޔާރު ގައެވެ. ދެލޯބިވެރިން ވަލުތެރޭގައި މިނިވަންކަމާއި އެކު ހޭދަކުރި ވަގުތުތައް ދެކެން ތަންކޮޅެއް ދުރުގައި މީހަކު ހުރިކަމެއް ޒެވިޔަން އަކަށް ނޭގުނެވެ.

ޒެވިޔަން ކޮޓަރިއަށް ވަންއިރު އޭނަގެ ފަންއިސްތަށިގަނޑު އޮތީ ހޭވިފައެވެ. ރާގެއް ތުބުން ފުމެމުން އައި އިރު އޭނަހުރީ ވަރަށް ހިތްހަމަޖެހިފައި ކަން ބަލައިލި ކޮންމެ މީހަކަށް ދެނެގަނެވޭނެ އެވެ. ޒެވިޔަން ލައިގެން ހުރި ނޫކުލައިގެ ގަމީހުގެ ސަބަބުން އެ ރީތި ދެލޮލަށް ހެދުމުގެ ހިޔަނި އެޅި ނުލާއި ފެހި އެއްވެގެން ލޮލުގެ ކުލަ އެހެން ދުވަހަށް ވުރެވެސް ރީތިހެން ހީވެއެވެ. އޭރު ރިޔާ ކުޑަދޮރުމަތީގައި އިށީދެލައިގެން އިނދެ މަލެއްގެ ފިޔަތަކާއި ކުޅެލަކުޅެލާ އިން އިރު އެމޫނު ބަނަވެފައިވާވަރު ޒެވިޔަން އެންމެ ނަޒަރަކުންވެސް ދެނެގަތެވެ. ރިޔާއަށް އުދަގޫ ނުކުރަން ވެގެން ޒެވިޔަން ބާތުރޫމަށް ވަދެ ފެންވަރާލައިގެން ނިކުތުމުން ރިޔާ ނުރުހުމުގެ ނަޒަރަކުން ބަލައިލައިފިއެވެ. ޒެވިޔަން ޖިންސަކާއި ޓީޝާޓެއް ލައިގެން އިސްތަށގަނޑު ބްރަޝް ކޮށްލުމަށްފަހު، ސެންޓް ޖަހައިލުމުން މުޅިތަނުގައި މީރުވަހެއް ހިފާލައިފިއެވެ.

"ރިޔާ ބޭބީ އަހަންނާއި އެކީގައި ފެންވަރާލި ނަމަ ބޮލުން ޑެވިލް ފައިބާނެ، ޓަބަށް ލާދޭންވީތަ؟ އެކަމަކު ކޮންފަދަ ބިއުޓިފުލް ޕައުޓެއް، ވަރަށް ލޯބި އިނގޭ...." ޒެވިޔަން ކަންނެތް ހިނގުމެއްގައި އައިސް ރިޔާގެ ތުންފަތުގައި އިނގިލި ޖައްސައިލުމާއިއެކު ރިޔާ ޒެވިޔަންގެ މޭގައި އަތްއަޅާ ކޮށްޕާލަން އުޅުނެވެ.

"ސްޓޭ އަވޭ ފްރޮމް މީ، އަދި އެ ވިޗް އާއި ޕެޝަނޭޓްކޮށް ކިސްކޮށްފައި އަދި މަ އޮޅުވައި ލަން އެއްޗެކޭ ބުނީމަ އަހަރެން ގަބޫލު ކުރާނެ ކަމަށްތަ؟ އަދި މިހިރަ މާކްތަކެއްވެސް ބަލައިލަ، ކީއްވެ އޭނަ އާއި އެކު އެގޮތަށް އުޅެވެންވީ....." ރިޔާ އެގޮތަށް ވާހަކަދެއްކުމުން، ޒެވިޔަންގެ މޫނުގައިވި ސަމާސާ ގޮތްގަނޑު ކެނޑި ބުމަގޮށްޖެހިއްޖެއެވެ. ތުންފަތުގައި ދަތްއަޅާލައިފިއެވެ.

"ބޭބީ، އަހަރެން ތަނަކަށް ދާން މިއުޅެނީ، ތިވާހަކަ ފަހުން އަދި ދައްކާނީ....." ޒެވިޔަން ދާންވެގެން އެނބުރުނެވެ.

"ޔޫ ޕްރޮމިސްޑް މީ ޒެވިޔާ، އަހަންނަށް ފެންނަ ގޮތަށް އޭނަ ކައިރިއަށް ނުދާށޭ، އޭނަ ޕްރެގް ނުކުރާށޭ ބުނީމަވެސް ޕްރޮމިސްތައް ކީޕް ނުކުރެވުނު، ޔޫ ބިޓްރެއިޑް މައި ޓްރަސްޓް....." ރިޔާ އެކަހަލަ އަރައިރުމެއް ފަށައިފިއްޔާ، ކިތަންމެ ވިސްނައި ދިނަސް ގަބޫލު ނުކުރާނެކަން ޒެވިޔަންއަށް އެނގުނެވެ. ނަމަވެސް ޒެވިޔަން އަލީނާ އިނީ ބަލިވެ ނޫންކަމަށާއި ސީމާއަށް އޮޅުނީ ކަމަށް ބުނުމުންވެސް ރިޔާގެ ރުޅި ފިންޏެއް ނުވިއެވެ. ޒެވިޔަން އެންމެ ފަހުން ގަސްތުކުރީ ސިކުނޑި ހަމަޖައްސައިލަން އެތަނުން ބޭރަށް ދިޔުމަށެވެ. ރިޔާގެ ރުޅި މައިތިރި ވާނީ ޒެވިޔަން ދުރަށް ދިޔައިމައެވެ.

"އިނަފް ނައު، އަހަރެން މިވަގުތު ބޭނުމެއްނޫން އެއްވެސް ވާހަކައެއް ދައްކާކަށް....." ޒެވިޔަން ދާން ހިނގައި ގަތުމުން ކުއްލިއަކަށް ރިޔާ ކުރިއަށް އަރައި ޒެވިޔަންގެ ޓީޝާޓުގައި ހިފާ ދަމައިގަތެވެ.

"ޓެލް މީ ވަން ތިން..... ޒެވިޔާ އަލީނާ ދެކެ ލޯބިވަނީތަ؟" ރިޔާ ސުވާލު ކުރިއެވެ. އޭރު ރިޔާގެ ބޮޑު ދެލޮލުގައި ކަރުނަތައް ވިދަމުންދިޔައެވެ. ކޮންމެ ވަގުތަކުވެސް އޮހިގެންފާނެހެން ހީވިއެވެ. ޒެވިޔަންގެ ހިތަށް އަސަރު ކުރިއެވެ. އެ ސުވާލަށް އޭނަ ތެދު ޖަވާބެއް ދީފިނަމަ ރިޔާގެ ހިތް ކުދިކުދިވެގެން ހިނގައިދާނެއެވެ. ޖަވާބެއް ނުދީ ހިމޭންކަން ޚިޔާރު ކުރިޔަސް ސަލާމަތެއް ނުވާނެއެވެ. 

"އަހަރެން ބުނެފީމެއްނު ފަހުންނޭ... ބޭބީ، ޕްލީޒް..." ޒެވިޔަން ހުރީ ކެތްތެރިކަން ކޮޅުންލާވަރުވެފައި ނަމަވެސް އޭނަ ކެތްކުރިއެވެ. ނަމަވެސް ރިޔާ ހުރީ ޒެވިޔަންއަށް އެތަނުން ނިކުމެގެން ދެވުނަދޭ ގޮތަކަށް ނޫނެވެ. ރިޔާ ޒެވިޔަންގެ ގައިގައި ހިފައިގަނެގެން ދެވުނަނުދޭން އުޅުމުން ޒެވިޔަން ރިޔާ ސޯފާގައި ގަދަކަމުން ބޭންދިއެވެ. ކުޑަ އިންޒާރެއްވެސް ދިނެވެ. އެގޭގައި ގެންގުޅޭ ޗޭސް ވެސް އެހާ ރުޅިގަދަވެގެން އެގޮތަށް ގަޔަށް އަރައެއް ނުގަންނާނެއެވެ. ރިޔާ ފުންމައިގެން އައިގޮތަށް ޒެވިޔަންގެ ކޮނޑަށް އަރައި، ކަރުގައި ދަތްއަޅައި ގަތެވެ. ރިޔާ މައިތިރިވީ އަނގައިގައި ލޭ ރަހަލުމުންނެވެ. ޒެވިޔަން މޭޒު ކައިރީ އިށީން ގޮތަށް މޭޒުގައި ބޯ އަޅާލުމުން ރިޔާ ހީކުރީ ޒެވިޔަން ރޮނީ ކަމަށެވެ. ދުވަހަކުވެސް ޒެވިޔަންއަށް އަނިޔާކޮށްފައި، އެހާ ބޮޑަށް ރިޔާގެ ހިތަށް އަސަރު ކުރިކަމެއް ނޭގެއެވެ. ހިތް ކުދިކުދިވެގެން އެތިކޮޅުތަކަށް ބުރައިގެން ދިޔަފަދަ ނުބައި އިހުސާސެއް ކުރެވުނެވެ.

"ޒެވިޔާ، ސޮރީ، ސޮރީ، އައިމް ރިއެލީ ސޮރީ، ސޮރީ އެ މިލިއަން ޓައިމްސް ހަނީ، ކޮންމެވެސް އެއްޗެކޭ ބުނެބަލަ، ޒެވިޔާ ދެން ނޫޅޭނަމޭ އެހާ ހަޑިކޮށް، އެގޭ އެއީ ގޯސްކަމެއްކަން، އައިމް ސޮރީ...." ރިޔާ ޒެވިޔަންގެ ގައިގައި ހިފައިގަނެގެން ބާރަކަށް ރޯންފެށިއެވެ. ދަތްއެޅި ތަނުގައި ބޮސްދިނެވެ. ދެންވެސް ޒެވިޔަން އަނގައިން ނުބުނެ ހިމޭނުން އިނީއެވެ. ހަގީގަތުގައި ވެސް ޒެވިޔަން މިއަދު އިނީ އިންތިހާއަށް ދެރަވެފައެވެ. ފެންކަޅިވެފައެވެ. އޭނަގެ ހަޔާތުގެ ހުރިހާ އުފަލަކަށް އަލީނާ ވެފައިވާ އިރު އޭނަ ދިރިއުޅުން އޮމާންކޮށް ގެންދަން އުޅުމުން ކަންތައް މިވާގޮތުން ހަޔާތުގެ ނާ ދާނެ ގޮތެއް ލަފާކުރުން ދަތިވީއެވެ. އަލީނާ އާއި ރިޔާ އާއި ދެކުދިން ކުރެ އެކަކުވެސް ދޫކޮށްނުލައި ރީތިކޮށް އުޅެވިދާނެ ކަމުގެ ޔަގީންކަންވެސް ގެއްލިގެން ދިޔައީއެވެ. ރިޔާ އަކަށް އެއްގޮތަކަށް ވެސް އޭނަ އަލިނާ އާއި އަނގައިން ބުނެލާ މަންޒަރު ބަލާކަށްވެސް ކުޅަދާނައެއް ނުވާނެއެވެ. 

އޭނަ އިންސާފުން ކަން ނުކުރެވެނީ ބާވައެވެ. ރިޔާގެ ހައްގުތައް އުނިކޮށްލެވެނީ ބާވައެވެ. ޒެވިޔަން ވިސްނައި ލުމަށްފަހު ރިޔާ އާއި ވާހަކަދެއްކީ ރިޔާ ހިތްހަމަޖެހޭނެ ފަދަގޮތަކަށެވެ. 

ޒެވިޔަން ގެނެސްދިން ކިޓުން ޓެސްޓް ހެދި އިރު އަލީނާ ޕޮޒިޓިވް ވުމުން އަލީނާ ހުރީ ހައިރާން ވެފައެވެ. ހިތަށް ނޭގޭފަދަ އުފަލެއް ލިބުމާއި އެކު ޒީބާމެން ރުޅިއަންނާނެ ވަރު އަންދާޒާ ކުރެވި، އެ އުފާތަކަށް ހިޔަނި އެޅުނެވެ. އެކަމަށް ޒީބާ ހުއްދަނުދޭނެކަން ޔަގީނެވެ. އަލީނާ ފާޚާނާއިން ނިކުމެގެން އައިއިރު އެ ދޮންމޫނުގައި ވަނީ ކަންބޮޑުވުމުގެ ކުލަވަރެވެ. އޭރު ޒެވިޔަން ހުރީ ކުޑަދޮރުގައި އަތް އަޅުވާލައިގެން ވިސްނުމަކަށް ގެއްލިފައެވެ. އަލީނާ ގެ ފިޔަވަޅުތަކުގެ އަޑުއިވުމުން އެހުރިގޮތަށް ހުރެ ޒެވިޔަން ކުޑަކޮށް އެނބުރި ބަލާލައިފިއެވެ. އަލީނާ އޭނަގެ ކޮޓްން ގަމީސް ލައިގެން ހުރިއިރު ގައިގެ ތަނެއްގައި ލައްވާ ނުލިޔަސް ކޮންފަދަ ލޯބި ހެއްޔެވެ؟ އޯވަރސައިޒް ގަމީހެއްގައި ހުރުމުން، އެ ހިކިކަން ފޮރުވި މޫނުވެސް ތަންކޮޅެއް ބޮޑުހެން ހީވިއެވެ. ބުޅި އިސްތަށިގަނޑު މޫނުގެ ވަށައިގެން ފެތުރިފައި ވާއިރު އެހާ ހިތްގައިމެވެ. ޒެވިޔަންއަށް ހިތާހިތުން ތައުރީފު ކުރެވުނު އަދަދެއްވެސް ނޭގެއެވެ.

"ބޭބީގާލް، އާދެބަލަ...." ޒެވިޔަންވެސް ހާސްވާން ފެށިއެވެ. ނަތީޖާ ކިހިނެއް ވިބާވައެވެ. އަލީނާ އެހާ ކަންބޮޑުވެފައި ހުރީ ޕޮޒިޓިވް ވީމަހެއްޔެވެ؟ ނޫނީ ނެގަޓިވްވީމަ ދެރަވެފައި ހުރީހެއްޔެވެ؟

"ޒާވް.... އިޓްސް... އިޓްސް... ޕޮޒިޓިވް..." އަލީނާއަށް އިސްއުފުލައި ބަލައިލެވުނު އިރު އެ ކަޅުދެލޮލުގައި މުތީތަކެއް ފަދައިން ކަރުނަތިކިތައް ވިދައެވެ. ޒެވިޔަން އެކަރުނަތައް ދެކެން ހިތް ނޭދުނަސް ހިތަށް ނޭގޭފަދަ ކުއްލި އުފަލެއް ލިބިގެން ދިޔައެވެ. ހީވީ އެތައް ޒަމާނަކަށް ކުރި އިންތިޒާރެއްގެ ފޮނި ނިމުން އައިހެނެވެ.

"މޮޔަކުއްޖާގަނޑު، މިހާވަރުގެ ހެޕިނެސްއެއް ލިބުނީމަ އުފަލުން ހޭންވީމަ އަދި ރޮވެނީތަ؟ އަހަރެމެންގެ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި އެއްދުވަސް މިއީ....." ޒެވިޔަން އަލީނާގެ ކޯތާފަތުގައި ހިފާލާފައި ސަމާސާއެއް ކޮށްލުމުން އަދި އަލީނާއަށް ޒެވިޔަންގެ މޭގައި މޫނު ފޮރުވާލަމުން ބޮޑަށް ރޮވުނީއެވެ.

"އައިމް ސްކެއާޑް ޒާވް، ބޭބީ އެބޯޓްކޮށްލަން މަންމަ އަންގާނެކަން ޔަގީން......" އަލީނާގެ ރުއިމުން ޒެވިޔަންގެ ހިތް ކުދިކުދިވިއެވެ. އަލީނާ އެބުނަނީ ތެދު ވާހަކައެއްކަން އޭނައަށްވެސް އެނގެއެވެ. ނަމަވެސް އޭނަ ގެ ފުރާނަ ހުރެގެން އެކަން ވިޔަކަ ނުދޭނެއެވެ. އޭނަގެ ދަރިފުޅު ހިމާޔަތް ކުރަން އޭނަ ފުރާނަވެސް ގުރުބާން ކޮށްފާނެއެވެ. ދުނިޔޭގެ ބާރަކަށް އެދަރިފުޅަށް ގެއްލުމެއް ވިޔަދޭތަން ދެކެން އޭނަ ހިމޭނުން ހުންނާނެ ހެއްޔެވެ؟ އެހެންނޫނަސް ސީމާ އެވަނީ ނޭގުމުގެ ތެރޭގައިވެސް އެކަން އާއިލާއަށް ޔަގީންކޮށްދީފައެވެ. އެކަމަކު ޒެވިޔަން އަށް ރިޔާއަށް އަނެއްކާ އޮޅޭނެ ގޮތަކަށް އެވާހަކަ ބުނެވިއްޖެއެވެ. އަލީނާ އިނީ ބަލިވެނޫންކަމަށް ރިޔާ ގާތުގައި ބުނެވުނުކަން ކިތަންމެހާވެސް ދެރައެވެ. ދެން ރިޔާއަށް ވިސްނައި ދިނުމަކީވެސް ފަސޭހަކަމަކަށް ނުވާނެއެވެ.

"ނޫން، މަންމަވެސް ހުއްދަ ނޫންކަމަކަށް އަމުރު ކުރާނެހެން ހިޔެއްނުވޭ، ގޯޑް ވިލިން ނަތިން ވިލްހެޕެން....." ޒެވިޔަން އަލީނާގެ ލޮލުގައި ބޮސްދިނެވެ.

"ޔަގީންތަ ޒާވް...." އަލީނާ ކަރުނައިގެ ތެރެއިން ވެސް ހިނިތުންވެލައިފިއެވެ. 

"ޓްރަސްޓް މީ ބޭބީ، މާތް ﷲ ދެރަގޮތެއް މެދުވެރި ނުކުރައްވާނެ..." ޒެވިޔަން އަލީނާ އާއި ސަމާސާއެއް ކޮށްލުމުން އަލީނާ ހޭންފެށިއެވެ.

ޒެވިޔަން އަލީނާ ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓައިލުމުން އެ ތުނި ބަނޑު ހާމަވެގެން ދިޔައެވެ. އަލީނާ ބަލިވެއިނަސް އަދިވެސް ބަނޑު ވަނީ ތުނިކޮށެވެ. ޒެވިޔަން މާބްލް ތަޅުން މަތީގައި ކުޑަކަކޫ މައްޗަށް ތިރިވެ، އަލީނާގެ ބަނޑުގައި އަތްތިލަ ޖައްސާލަމުން އޭނަ އުފާވެފައިވާވަރު ބަޔާންކޮށްދިނެވެ. ދެން ޒެވިޔަން ކޮށްލި ސަމާސާ އަކުން ކުރެވުނު ފޮނި ފޮނި އިހުސާސްތަކުން އަލީނާގެ މޫނަށް ރަތްކުލަވެރި ވެގެން ދިޔައެވެ. އަލީނާއަށް ޒެވިޔަންގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލެވުނެވެ. މި ކުޑަ ކޮޓަރީގައި ހިގާ މިފަދަ ކުދި ލޯބީގެ ހާދިސާތައް އަލީނާގެ ހިތުން ދުވަހަކުވެސް ފޮހެވިގެނެއް ނުދާނެއެވެ. އެއިން ކޮންމެ ހަދާނެއްވެސް ހިތުގައި ލިޔެވިފައި ވަނީ ރަންއަކުރުންނެވެ. ޒެވިޔަންގެ ހިފެހެއްޓުމެއް ނެތް ލޯބި ލިބުމުން އަލީނާގެ ހިތަށް ލިބިފައިވާ އުފާވެރިކަން އެތައްގުނަ އިތުރުވެ މިހާރުއްސުރެ ކުޑަ އާއިލާއެއްގެ ހުވަފެން ދެކެން ފެށުނެވެ.

ޒެވިޔަން ކޮޓަރިން ދިޔަތާ ފަސްމިނިޓް ވަރަކަށް ފަހުން ކުޑަދޮރު ކައިރިން ޒެވިޔަން ފެނުމުން އަލީނާ ދޮރުހުޅުވައިލިއެވެ.

"އެލީއަށް ރޯޒްއެއް، މިޕެޓަލްތައްވެސް އެލީހާ އޮމާނެއް ނޫން، ރީތި ކޮންމެ އެއްޗެއް ފެނުނަސް އެލީގެ މަތިން ހަދާންވޭ..." ޒެވިޔަން ފިނިފެންމަލެއް ދިއްކޮށްލާފައި ހިނިތުންވެލުމުން އަލީނާއަށް ހީވީ މުޅި ކާއިނާތުގައި މާތަކެއް ފޮޅިގެން ދިޔަހެންނެވެ. އޭނަގެ މޫނު މަލެއްހެން ފަރިވެގެން ދިޔައެވެ. 

"ތެންކިއު ލަވް، ހާދަ ރޮމެންޓިކްއޭ ޒާވް....." އަލީނާ ކުޑަދޮރުމައްޗަށް އަރައި އިށީންނަމުން ޒެވިޔަންގެ މޫނުގައި ބޮސްދެމުން ޝުކުރު އަދާކުރިއެވެ. މިހާ އުފަލުގައި ދުވަސްތައް ވޭތުކުރަމުން ދާއިރު އަލީނާއަށް ހީވަނީ ހުވަފެނެއްގައި އުޅެވެމުން ދާހެންނެވެ. އޭނަ އާއި ދަރިފުޅުގެ ހިމާޔަތުގައި ޒެވިޔަން ހުންނާނެ ކަމުގެ ޔަގީންކަން އޮތްލެއް ބޮޑުކަމުން އާއިލާގެ އެހެންމީހުންގެ ނުރުހުމުގެ ހިޔަނިވެސް ވަގުތީގޮތުން އޭނަގެ ބޯމަތިން ނެގިފައިވެއެވެ.

ސީމާ މައިމޫންގެ ގާތުގައި ބިއުޓީ ސެލޫން އެއްފަދަ ތަނެއް ހުޅުވާލައިގެން އަމިއްލަ ވިޔަފާރިއެއް ފަށާ ވާހަކަ ބުނުމުން މައިމޫން އެކަމާއި އެހާ ގަބޫލެއް ނުވިއެވެ. ސީމާއަށް އެންމެ ރަނގަޅު ވާނީ ރަނގަޅު އަންބެއްގެ ގޮތުގައި ގޭގައި ހުރުންކަމަށް ބުނުއްވުމުން ސީމާ ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ. ކައިވެނީގެ ކުރީކޮޅު މައިމޫން އަތުއަޅުވައި ލެވިދާނެހެން ހީވިޔަސް މިހާރު މައިމޫން އޭނަ އާއި އެކީގައި ވަގުތު ހޭދަކުރަންވެސް ފޯރިއެއް ނުހުރެއެވެ. ރޭގަނޑު އެކޮޓަރިއަށް ނިދަން އައުމަށްވެސް މައިމޫން ފަސްޖެހިލައްވާހެން ހީވެއެވެ. މައިމޫން ގެ އުޒުރަކީ ޒީބާއަށް މިދުވަސްކޮޅު އޭނަގެ އެހީ ބޭނުންވާކަމެވެ. ސީމާ ހަސަދަވެރި ކަމުގެ އަލިފާނުގައި އަނދަމުން ދާއިރު ލިބިފައިވާ އެތައް ނިއުމަތަކަށް ޝުކުރުކޮށްގެން ހިމޭނުން ހުންނާކަށް ޚިޔާލުގައި ނެތެވެ. އޭނަ ހަތަރުދަމު ވިސްނަނީ އެކިމީހުންނަށް ލަނޑުދޭނެ ގޮތެކެވެ.

އަލީނާ އިނގުރު ސައިތަށްޓެއް ހަދާފައި އެތިފޮދެއް ބޯލިތަނުން ސީމާ އެތަނަށް ނިކުތެވެ. އަލީނާ އެކަނިމާ އެކަނި ސައިބޯން އިންތަން ފެނުމުން ސީމާ ގެ ހިތަށް އުފާވެރި ކަމެއް ލިބިއްޖެއެވެ. ޒެވިޔަންވެސް ގެއަކު ނޫޅެއެވެ. މިއީ ލިބިފައިވާ ރަނުގެ ފުރުސަތެކެވެ. އޭނައަށް އަލީނާގެ ޅަކަމުގެ ފައިދާ ކިތަންމެ ރަނގަޅަށް ވެސް ނެގިދާނެއެވެ. ސީމާ ދޮރުމަތީގައި ހުރެގެން އަލީނާގެ މޫނަށް ރަނގަޅަށް ބަލައިލިއެވެ. ތެދެކެވެ. ކުޑަ ފްރޭމެއް ލިބިފައި ހުއްޓަސް ހަށިގަނޑުވެސް ރީއްޗެވެ. ފިރިހެނުންގެ ހިތްތައް ކަތިލައިލާނެ ފަދަ ސިފަތައް އެމޫނުގައި ވެސް ވެއެވެ. ހިމަބުމަވެސް ހީވަނީ އަނދުން އަޅާފައިވާ ހެންނެވެ. އެހާ ކުލަގަދަވެފައި ޗާލެވެ. ކުޑަކޮށް ނޭފަތުކުރި އުފުލިފައިވެއެވެ. އެއީ އެންމެންވެސް ޕްލާސްޓިކް ސާޖަރީ ހަދައިގެންވެސް ދެކެން ބޭނުންވާ ހުވަފެނީ ނޭފަތެވެ. ތުންފަތްވެސް އެހާ ލޯތްބެވެ. ލޮލުގެ ވާހަކަ ހެވީ ނުދެއްކިއްޔާއެވެ. އަނދުނަކާއި ނުލައި އެލޮލުގައި އެހުންނަނީ ޖާދޫ އެކެވެ.

"އަލީނާ، އާދެބަލަ، މި މާބޮނޑި ސިޓިންރޫމް ވާސްގައި ޖަހާފައި އާދެބަލަ...." ސީމާ ހުދުމާބޮނޑިއެއް ދިއްކޮށްލުމުން އަލީނާ އަވަހަށް ދާން ހިނގައިގަތެވެ. ސީމާ ވަށައިގެން ހޯދާލުމަށްފަހު އަވަހަށް އަތްދަބަހުން ކުޑަ ފޮށްޓެއް ހުޅުވާލައިފިއެވެ.

ކޮމެންޓް 0