އެއީ ޒެވިޔަންގެ ފިޔަވަޅުގެ އަޑު ނޫންކަން އޭނަ ދެނެގަތެވެ. އެމީހެއްގެ ފިޔަވަޅުގެ އަޑު އެނދާއި ކައިރި ވަމުން އަންނަން ފެށުމުން އަލީނާއަށް ބާލީހުގައި ބައްދައިލެވުނީ އެ ބާލީހުންވެސް ހިމާޔަތެއް ލިބިދާނެކަމުގެ އުންމީދުގައެވެ. އޭރު އޭނަގެ ހިތް ތެޅިފޮޅެމުން ދިޔައީ މެޔަށް ތަދުވާހާ ބާރަށެވެ. އެންމެ ފަހުން އަލީނާގެ ރީތި ރީތި ދެލޯ ހުޅުވާލުމާއިއެކު އެނދު ކުރިމަތީގައި ހުރި ރިޔާ އާއި ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ރިޔާގެ ލޮލުން އަލިފާން ކަނިބުރާހެން ހީވިއެވެ.

"ނުލަފާ މީހާ އަދި ނާހީ ވެސް ބައިވެރި ކޮށްގެން ފޭކް މެސެޖުތަކެއް ލިޔެގެން ޒެވިޔާ ވެސް ހައްލާލައިފިއެއްނު، އެފަދަ ކިތަންމެ މެސެޖެއް ފެނުނަސް އަހަރެން ދެން ނެތިން ގަބޫލު ކުރާކަށް، އަހަރެންގެ ޕްލޭން ކުރިއަށް ގެންދާނަން، އަލީނާ ޖެހޭނެ މަގޭ ދަރިފުޅު ވިހަން، ޒެވިޔާވެސް ރިވެންޖް ނަގަންވެގެން އަލީނާ އާއި މެރީ ކުރީ، ކޮންމެހެން މީހަކު ނުވެގެނެއް ނޫން، ބުނަންތަ އަލީނާ، ޒެވިޔާ އައިމަ އޭނަ ގާތު ޝަކުވާ ނުކުރާތި، އެއްވެސް ޝަކުވާއެއް ޒެވިޔާގެ ކަންފަތާއި ހަމަޔަށް ދިޔައްޔާ މަށަށް ނޭގި ނުދާނެ، ދެން ބުނަން؟ ބޭބީއަށް އެއްވެސް ގެއްލުމެއްވާނެ ކަމެއްކޮށްގެން ނުވާނެ، ޒެވިޔާ ބޭނުންވިޔަސް މި ދުވަސްކޮޅު ސްލީޕް ކުރަންވެސް ރިފިއުޒް ކުރަން ޖެހޭނީ، ގޮޓް އިޓް ހަންޑި ކުއްޖާ......" ރިޔާގެ ކޮންމެ ލަފުޒެއް ތުނޑު ތޫނު ކަށިތަކެއް ހެން އަލީނާގެ ހިތް ފޫ އަޅުވާލައިފައި، ލޭ އޮހޮރުވަމުން ދިޔައިރުވެސް އޭނަގެ ލޮލަށް ކަރުނަ ތިއްކެއްވެސް ނައެވެ. މާބޮޑަށް ބިރުގަތީ ކަންނޭގެ އެވެ. އޮވެވުނީ އެސްފިޔަ ޖަހައިލަންވެސް ނުކެރިފައި ބިރުންނެވެ. ވެވޭނެ ނަމަ ނޭވާވެސްނުލީހެވެ.

ރިޔާ އިންޒާރުތަކެއް ދީ ނިންމާފައި އެވަރުންވެސް ހިތެއް ނުފުރުނެވެ. އެންމެ ފަހުން އަލީނާގެ އަތުގައި އޮތް ބާލީސް ވެސް ދަމައިގަނެ، ބިންމައްޗަށް ޖަހާލައިފައި ބާރުބާރަށް ކޮޓަރިން ނިކުމެގެން ދިޔުމުން އަލީނާ އޮތީ ގަތްބިރަށްވުރެ ބޮޑަށް ހައިރާންވެސް ވެފައެވެ.

އަލީނާގެ ލޮލަށް ކަރުނަ ޖަމާވީ އިރުކޮޅަކުންނެވެ. ހިތަށް ތަދުވިއެވެ. ޒެވިޔަން ބަދަލުހިފަން ކުރާކަމެއް ކަމަށް ވެއްޖެއްޔާ އޭނައަށް ޝައްކެއްނުވީ ޒެވިޔަން އެކްޓްކުރަން ހަމަ މޮޅުކަމުން ހެއްޔެވެ؟ އެކަމަކު އެއޮތް ދެއްކި އާދަޔާ ޚިލާފު ލޯތްބަކާއި، އޯގާތެރި ކަމެކެވެ. އެކަމަކު ދުވަހަކުވެސް އޭނަދެކެ ލޯބިވާކަމަށް ދުލުން ނުބުނި ސަބަބަކީ އެއީބާވައެވެ. އޭނަވެސް އިންތިހާއަށް މޮޔައެވެ. އެދޭތެރޭގައި ހާދަ ބޮޑު ފަރަގެއް އެބަހުއްޓެވެ. ޒެވިޔަންގެ ޝާހީ ކަމެވެ. އޭނަގެ މަގާމެވެ. އަދި މުއްސަނދިކަމެވެ. އޭނައަށް އެކަންތައް މަތިން ހަނދާން ނެތުނީއެވެ.

ހެނދުނު ތެދުވެގެން ނާސްތާ ކުރުމަށްފަހު ޒެވިޔަން ބޭރަށް ދާން އުޅެނިކޮށް އަލީނާގެ މެސެޖެއް ލިބުނެވެ. އޭނަ ހުމާއި އުޅޭކަމަށް ބުނެ ފޮނުވި ކުރު މެސެޖުން ވެސް ޒެވިޔަންގެ ހިތަށް ބުނަން ނޭގޭފަދަ އުދަގުލެއްވިއެވެ. އަލީނާ އާދައިގެ ގޮތަކަށް ހުންއައިސްގެން އެގޮތަށް މެސެޖް ކުރާނެހެން ހިޔެއްނުވެއެވެ. ރޭގައި ވެސް ރިޔާގެ އުދަގޫ ބޮޑުކަމުން ޒެވިޔަން އަށް އޭނަގެ ކޮޓަރިން ބޭރަށް ފިޔަވަޅެއް އެޅުނަކަ ނުދިނިއެވެ. އެންމެ ރެއަކުވެސް އަލީނާގެ ހާލު ބަލައިލަން ނުދެވުމުން އެކުއްޖާ ބަލިވީއެވެ. ޒެވިޔަން އަވަސްވެލާފައި ހިތަކާއިއެކު އަލީނާގެ ކޮޓަރިއަށް ވަންއިރު އަލީނާ އޮތީ ކުއިލްޓްގެ ތެރޭގައި ކުރުގެޅިލައިގެންނެވެ. ތުންފަތުގެ ރަތް ކުލަ ގަދަކަމާއި، މޫނަށް ވެރިވެފައިވާ މަޑު ރަތްކުލައިން އޭނަގެ ހުމުގެ ގަދަކަން ޒެވިޔަންއަށް ލަފާކުރެވުނެވެ.

"އެލީ...." ޒެވިޔަން އަލީނާއަށް ގޮވާލަމުން، ނިތްކުރީގައި އަތްލާފައި އަތް ދަމައިގަނެވުނެވެ. ހާދަ ހޫނެވެ. ހުން ގަދަކަމުން އޭނަ އޮތީ ބުރާންތިވާ ވަރުވެފައެވެ. ޒެވިޔަން ޓެމްޕްރޭޗަރ ބަލައިލި އިރު ހުންހުރީ ތިރީސް ނުވަ ޑިގްރީ ސެންޓިގްރޭޑް ގައެވެ.

"ހާދަ ހުންގަދައޭ، އެހެން އުނދަގުލެއް ވޭތަ؟ މިހާވަރުވީމަ އެލީ ތި ބުނީވެސް، ބޭބީއަށް ކަމެއް ނުވެއްޖެއްޔާ ރަނގަޅު...." ޒެވިޔަން އަލީނާގެ ގައިގައި ފެންފޮތިލައިދެމުން އެހެން ބުނެލެވުމުން އަލީނާގެ ހިތަށް އެހެން ގޮތެއްވިއެވެ.

އަލީނާ އެއްޗެކޭ ބުނަން އުޅުމާއިއެކު ލޮލަށް ކަރުނަ ޖަމާވިއެވެ. އެ ބޯ އެސްފިޔަތައް ދުއްވާލައިފައި ކަރުނަ އޮހިގަތް ގޮތަށް އަލީނާގެ ކޯތާފަތް ތެންމާލައިފިއެވެ. "ޒާވް ބޭނުމީ ދަރިފުޅު، ނޮޓް މީ....." އަލީނާގެ އެ ޖުމްލަތައް ވީ ހިތުގައެވެ. އަލީނާ މާބޮޑަށް ހިތުގައި، ޖެހި ދެލޯ މަރާ ބާރުކޮށްލެވިއްޖެއެވެ. ބާރަކަށް ރޮއެ ނުގަނެވުނީ ކިރިޔާއެވެ. އަލީނާ މޫނުގައި ދެއަތްއެޅި ގޮތުން ޒެވިޔަންއަށް ހީވީ ލިބެމުންދާ ވޭނަކަށްވުރެވެސް ބޮޑަށް ކަމަކާއި ދެރަވެގެން ރޮވެން އުޅުނު ހެންނެވެ. ޒެވިޔަންއަށް އަސަރުކުރިއެވެ. އަލީނާ އެގޮތަށް ރުއިމުން އޭނަގެ ހިތަށް ލިބޭ ދަތިކަން ބުނާނެ ލަފުޒުތަކެއްވެސް ނޭގުނެވެ.

"ތިގޮތަށް ނުރޮއިބަލަ، ޕްލީޒް......." ޒެވިޔަން އަލީނާގެ އަތުގައި ފިރުމާލީ މަޑުންނެވެ. އެ ބީހިލުންތަކުންވެސް މިއަދު އަލީނާގެ ހިތަށް ޝިފާއެއް ނުލިބުނެވެ.

"ބޭބީއަށް ކަމެއް ވެދާނެތަ؟ އެހެންވެއްޖެއްޔާ އޭގެ ކުރިން އަޅުގަނޑު މަރުވާނެނަމަ...." އަލީނާ ބުނެލީ އަސަރާއި އެކުގައެވެ. އެ ރީތި ދެލޮލުން ޒެވިޔަންއަށް ބަލައިލި ގޮތަކުން ޒެވިޔަންގެ ހިތަށް ތީރުތަކެއް ހަރައިލެވުނުހެން ހީވިއެވެ.

"އެލީ، ތިގޮތަށް ވާހަކަ ނުދައްކަބަލަ، ނެގަޓިވްކޮށް ވިސްނަން އަދި ކައިރިއެއްވެސް ނުވޭ، ނަތިން ވިލް ހެޕެން، ބޭބީ ސަލާމަތްވާނެ އިރާދަކުރެވިއްޔާ......" ޒެވިޔަން އަލީނާ ޚިޔާލު ކުރާކަންތަކުގެ ހިލަމެއްވެސް ނުވެހުރެ، "ބޭބީ" ބޭނުންވާވަރު އަލީނާއަށް އިހުސާސް ކުރުވާދިނެވެ.

ޒެވިޔަން އޭނަގެ މަންމައަށް ގުޅުމާއިއެކުހެން ޒީބާ އެކޮޓަރިއަށް އައެވެ. ރަތްކުލައިގެ ހެދުމަކާއިއެކު އަލިމަހުގެ ގަހަނާތަކުން ކަންފަތާއި، ކަނދުރާ ފަޅުފިލުވާފައިވާއިރު އިސްތަށިގަނޑު ވެސް އޮތީ ހުޅިއެއްޖަހާލައިފައެވެ. އޭނަ ހީވަނީ ރަނިކަނބަލެއް ހެންނެވެ. އެހާ ޝާހީގޮތެއް ހުއްޓެވެ.

"ބުނީމެއްނު ވާރޭ ވެހޭއިރު ބޭރަށް ނުދާށޭ، އެހެންވެ އިންފްލުއެންޒާވެސް ތި ޖެހުނީ، ސޯ ދެންވެސް ބެޑްރެސްޓް ނަގައިބަލަ....." ޒީބާ ކިތަންމެވަރަކަށް އޭނަގެ އެހެން ބަލިމީހުންނާއި ވާހަކަދައްކާ ގޮތަށް، އޯގާތެރިކޮށް ވާހަކަދައްކަން އުޅުނަސް އެކަމެއް ނުކުރެވުނެވެ. އެވަރުންވެސް ޒީބާ ހުރީ ހެވިލާފައެވެ. އަލީނާ އެއްގޮތަކަށްވެސް ޒީބާ އެހެން ބުނި ހަނދާނެއްނުވިއެވެ. އެހެންނޫނަސް އޭނަ ވާރޭތެރެއަށް ނެރުނީ ރިޔާއެވެ. އަމިއްލައަކަށް ނޫނެވެ.

"ޒެވިޔާ ދަރިފުޅު ޑިއުޓީއަށް ދޭ، މަންމަ އަލީނާ ބަލަހައްޓާނަން، އަލީނާއަށް ޗިކަން ސޫޕް މީރުތަ؟" ޒީބާ އަހާލައިފިއެވެ. ޒެވިޔަން އެތަނުން ނިކުތީ ދާހިތަކުން ނޫނެވެ. ނަމަވެސް މަންމަ އަލީނާއަށް އަޅައިލާނެކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ. ޒީބާމެންނަށް އަލީނާ މުހިއްމު ނުވިޔަސް، އަލީނާގެ ބަނޑުގައިވާ ދަރިފުޅު ރައްކާތެރިކުރަން ކޮންމެފަދަ ބޮޑު ގުރުބާނީ އެއްވެސް ވެދާނެކަން ގައިމެވެ. 

ދެތިން ދުވަސްވަންދެން އަލީނާ ގަދަ ހުމެއްގައި އޮވެފައި، ހުން މަޑުވެލިތަނާހެން އަނެއް ކަންތަކާއި ލައިގަތެވެ. އަލީނާގެ ދަރިފުޅު ބައިގެން ދިޔައީއެވެ. އަލީނާ ބިރުން ގޮސް އަނބުރައި ނުގަތީ ކިރިޔާއެވެ. ނަސީބަކުން އެވަގުތު ޒީބާއަށްވެސް އެކޮޓަރިއަށް އާދެވުނެވެ. އޭނަގެ ހިތްވެސް ނުހުއްޓުނީ ކިރިޔާއެވެ. އެހާ ވަރުން ކުރި މަސައްކަތް ނާކާމިޔާބުވެ، ހިތާމައަކާއި ކުރިމަތިލާން ޖެހުމުން ޒީބާ އެހުރިހާ ކަމެއް ބޭރުކޮށްލީ ރުޅީގެ ސިފައިގައެވެ. ޒީބާ އަލީނާ އާއި ދިމާލަށް ހަޅޭއްލަވާފައި، އެއްޗެހިފަށެއް ގޮވައިލުމުން އަލީނާއަށް ރޮވުނެވެ. ހިތާމައިން ގޮސް ހިތް ހަލާކުވާވަރުވިއެވެ. އަދި ރިޔާއަށް އެނގިއްޖެއްޔާ އޭނަގެ ފުރާނަވެސް ދަމައިގަންނާނެ ކަންނޭގެ އެވެ. 

މިދުވަސްކޮޅު އާއިޒު މާވަރަކަށް ދޫނިތައް ގެންގުޅުމުގެ ޝައުގެއް އުފެދިފައިވެއެވެ. ކެނެރީއެއްގެ އިތުރުން އޭނަ ލަވްބާޑެއްވެސް ގެއަށް ގެނެސްފިއެވެ. ދާވިޝް އާއި އާއިޒުވެސް އެއެއްޗެއްސަށް ކާންދީ ގެންގުޅެނީ އަމިއްލަ ދަރިންހާ ލޯބިންނެވެ. އެގުރާތަކަށް ކާންދޭންވެގެން އުޅޭވަރުން މޭޒުމަތީގައި ހުންނަ މޭވާ ޓުކުރިއަށް މޭވާ ލުމާއިވެސް ނުކުޅަދާނައެވެ. ހެނދުނު އެގާރަޖަހަމުން ދިޔައިރުވެސް އާއިޒު، ދާވިޝް އަދި ރިޔާ ދޫނިތަކަށް ކާންދޭން އުޅުނެވެ. 

"ރިޔާ، މިބޭބީ އަލީނާ އާއި ވައްތަރެއް ނޫންތަ؟ އެހާ އިނޮސެންޓްކޮށް ރަތް ތުންކޮޅެއް ލާފައި އިނީމަ އޭނަހާ ކިއުޓް......" ދާވިޝް ގަސްތުގައި ރިޔާ ރުޅިއަރުވާލާ ހިތްވިއެވެ. "އަލީނާ" އެ ނަން ކިޔައިލާއިރަށް ރިޔާގެ ހިނިތުންވުން ފިލައިގެން ދާކަން ދާވިޝް ދަނެއެވެ. ރިޔާ ރުޅިއަރުވާލަން އެ ބަޓްންއަށް ފިތާލާއިރަށް ރިޔާ އަނދައިގަންނާނެއެވެ. 

"އޭނަގެ މޫނު އިނޮސެންޓްކޮށް ހުރެއްޖެއްޔާ ފުރޭތަވެސް ހުންނާނީ އެ ސިފައިގާ، ދުވަހަކު ފުރޭތައެއް ނުދެކެން އެކަމަކު އޭގެ ވެސް ހުންނާނީ ކުޑަ މަކަރުވެރި ދެލޮލާއި، ކަނޑެއްހާ ބޮޑު އަނގަގަނޑެއް، ހައު އައި ހޭޓް ދެޓް ވިޗް...." ރިޔާގެ ތުން އުލެއްހެން ވިއެވެ.

"ޕަމްޕްކިން ތިގޮތަށް ތުންގަނޑު އޫކޮށްލީމަ އަދި މިއެނގުނީ މި ބާޑީ އަސްލު ވައްތަރީ ތިކުއްޖާ އާއިކަން، މީތިވެސް ކިހާ ފެޓް. މިހާރު ރިޔާ ކައިކައި ފަލަވެގެން ގޮސް މިގޮތަށް ޗަބީވާން ފަށައިފި ވިއްޔަ، އަލީނާ ހިކިކަމުން ބޮޑަށް ވައްތަރީ ޖެކް އާއި ދޯ....." ދާވިޝްގެ ވާހަކަތަކުން އާއިޒު ހޭން ފެށުމުން ރިޔާގެ މޫނު ރަތްވެ، އާއިޒު އާއި ދިމާލަށްވެސް ކަޅިއަޅާލައިފިއެވެ.

"އައި ހޭޓް ޔޫ ދާވިޝް، އަދި އޭނަގެ ސައިޑް ނަގައިގެން މަ މާ ފަލައޭ ކިޔައިފި އެއްނު......" ރިޔާ އައިގޮތަށް ދާވިޝްގެ އިސްތަށިގަނޑުގައި ހިފާ ހަލުވައިގަތީ ސަމާސާ ގޮތަކަށެވެ. އޭނަގެ ކުރިމަތީގައި ވެސް މިދެމީހުން ހިތަށް އެރިގޮތަކަށް އުޅެމުންދާތީ އާއިޒު އިނީ ދަތްކުނޑި ވިކާލެވިފައެވެ. އެދެމީހުން އެހާ ގާތްކޮށް އުޅުމަކީ އާއިޒު ރުހޭކަމަކަށް ނުވެއެވެ. ރިޔާއަކީ އޭނަގެ ފަހަރިއެވެ. މިހާވަރަށް މިދެމީހުން ގާތްކޮށް މަންޒަރުތައް ޒެވިޔަންއަށްވެސް ފެންނާނެކަން ޔަގީނެވެ. އެކަމަކު އޭނަ ހިމޭނުން ހުންނަންވީ ސަބަބެއްވެސް އާއިޒު އަކަށް ވިސްނައެއް ނުގަނެވުނެވެ. ދާވިޝް ރިޔާގެ އަތުގައި ނުޖެހެންވެގެން ގަސްތަކުގެ ތެރެއިން ދުވާއިރު ރިޔާ ވެސް ހީހީފައި ދާވިޝް އަތުލަން އުޅެއެވެ.

އާއިޒު، ކެނެރީ އެސޮރުގެ ކޮށްޓަށްލާފައި ތެދުވެ މޯޅިއަކަށް ދެމިލިތަނުން ޖިލާ އަށް އެތަނަށް ނިކުމެވުނެވެ. އާއިޒު ބަލައިލި ގޮތަކުން ޖިލާ ހައިރާންވިއެވެ. ހަމަ އެ ފޮނި، ނަޒަރެވެ. ތިމާއަށް ތިމާ ފެނިފައިވާހެން މިހާރު ހީވެއެވެ. ފިސްތޯލަ އާއި އެއްޗެހި ގެންގުޅެވުނީމަ މާ ގަދަ މީހެއް ކަމަށް ހީކުރެވެނީއެވެ. ޖެކް ލަވަޖަހަން ފެށިގޮތަކުން ހީވަނީ އާއިޒު ދާތީ އެސޮރު ދެރަވެގެން އުޅެނީހެންނެވެ.

"އާއިޒު ނުފެނިގެން ހޯދާތާ ކޮންއިރެއްތަ؟ އަހަރެން ބޭނުން ހެއަރ ސެލޫންއަކަށް ދާން، ތަންކޮޅެއް ކުރުކޮށް އިސްތަށިގަނޑު ކޮށާލަން ކަމަށް، ތިއީ ހާދަ ފޫހި، ހަޑި ދޫންޏެއް، ހަޅޭއްލަވާވަރުން ވެސް ކަންފަތަށް އުދަގޫވާތީ މިއުޅެނީ......" ޖިލާ އަނގަޔަށް ގޮތެއް ހަދާލާފައި ބުނެލިއެވެ. އޭނަ ހުރީ ސްކާފް އަޅައި ރީތިވެލައިގެންނެވެ. 

"ޖޭވީތަ؟" އާއިޒު ގަހެއްގެ ގޮފިގަނޑުގައި އަތްއަޅުވައިލަމުން ހުއްޓިލިއިރު އެރީތި މުލައްދަނޑި ވަނީ ހާމަޔަށެވެ. ލޮލަށްވެސް އިރުގެ އަލި އެޅުމުން ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. އެ ދަގަތްފާނުގެ ބާރުއެކުލެވޭ ދެލޮލުން ބަލައިލާ ގޮތަކުން އެކަނިވެސް ޖިލާގެ ގައިން ހީބިހަލުވައިލައެވެ.

"އައި ޑޯން ކެއަރ އެ ބާޑީ އާއި އެކު އާއިޒު ކޮށްޓަށް އެރިފައި އިނަސް...." ޖިލާގެ މޫނަށް ހޫނުވާގޮތްވުމުން އޭނަ އަމިއްލައަށްވެސް މޫނު ރަތްވާކަން އިހުސާސް ކުރެވުނެވެ. 

"ގުޑް އާންސަރ ބޭބީ، އެކަމަކު އަހަރެން ބޭނުމެއްނޫން ހެއަރސެލޫން އަކަށް ގެންދާކަށް، އަހަރެން ރޭގައި ރޫމަށްދިޔައިރު މާ އަވަހަކަށް ނިދާލީ ހިތުން ލަނޑެއްދޭންކަމަށް ދޯ، އެނގޭނެ އަހަރެން ބޭނުންވާވަރު، ސޯ ހިނގާބަލަ ރޫމަށް، ތިގޮތަށް އަހަރެން ތަޅުވަން އުޅެންޏާ އަދަބުވެސް ލިބޭނެ....." އާއިޒު ޖިލާގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތުމުން ޖިލާ ކުޑަކޮށް ގަދަހަދައިލަން އުޅުނެވެ. އޭނަ ބޭނުމީ އިސްތަށިގަނޑު ލެޔަރސްކޮށް ކޮށާލަން ސެލޫންއަކަށް މިވަގުތު ދާންކަމަށް ކިޔާފައި ތުންފިތާލިއެވެ.

"ބަލަ އާއިޒު ތަދުވެޔޭ، މަޑުން ހިފާލާކަށްވެސް ނޭގޭތަ؟ ކޮނޑު ހުޅަށްވެސް ތަދުކޮށްލައިފި، އެހެންނޫނަސް ތިހެން ބޭނުންހާ ގޮތަކަށް ނެހެދޭނެ، އަހަރެން ރޭގައިވެސް ބުނީމެއްނު ދެނެއް ނޫޅެމޭ، ރޮމެންޓިކްކޮށް ނޫޅޭ ފިރިހެނަކާއި އެކު ބޭނުމެއްނޫން...." ޖިލާ ރުޅިއައި ކަމަށް ހެދުނަސް ހިތުގެ ތެޅުން އިންތިހާއަށް އިތުރުވިއެވެ. އެ ރީތި ދެލޮލަށް ބަލައިލެވިއްޖެއްޔާ އޭނަގެ ހުރިހާ ދެކޮޅުހެދުމެއް ވަގުތުން ނެތިގެން އެ އަތުގެ ތެރެއަށް ވިރިގެންދާން ހިނދުކޮޅެއްވެސް ނުނަގާނެއެވެ.

ކޮޓަރިއަށް ވަދެ ދޮރުލައްޕާލުމާއިއެކު އާއިޒު ޖިލާ ކޮނޑަށް ލުމުން ޖިލާ ރުޅިގަދަވެގެން އާއިޒު ގެ އިސްތަށިގަނޑުގައި ހިފަން އުޅުނެވެ. އެވަގުތު އެބޮލުގައި ޗުއިންގަން ލެވުނުކަމުގެ މޮޔަހީވިއެވެ. ދިގުކޮށްލާފައި އޮތްނަމަ ތަދުކޮށްލެވުނީހެވެ.

"ލެޓް މީ ގޯ....." ޖިލާ އާއިޒުގެ ކަންފަތްވެސް ފަޅައިގެން ދާހާ ބާރަކަށް ހަޅޭއްލަވައިގެން އެއަތުގެ ތެރެއިން ސަލާމަތްވާން ތެޅިފޮޅުނެވެ. ނަމަވެސް އެއީ ޖިލާއަށް ކުރެވުނު ކަމަކަށް ނުވިއެވެ. އެ ރީތި ތުންފަތުގެ އެންމެ ބީހިލުމަކުންވެސް ޖިލާ ވިރިގެންދާން އިރުކޮޅެއްވެސް ނުނަގާނެއެވެ. ވަގުތުން ދުނިޔެމަތިންވެސް ހަނދާން ނައްތާލަން މަޖުބޫރުވާފަދަ ބާރެއް އާއިޒުގެ ލޮލުގައި ހުރެއެވެ. މިއަދުވެސް ޖިލާއަށް ހަތިޔާރު ބަހައްޓަން މަޖުބޫރުވިއެވެ. ޖިލާއަށް ހޭވެރިކަންވުމާއިއެކު އާއިޒު އާއި ދިމާލަށް ބާލީސްތައް އުކާލައިފިއެވެ. ތިމާގެ ބަލިކަށި ކަމާއި، އާއިޒު ދެކެ ލޯބިވާވަރުން އާއިޒު އެކަމުގެ ފައިދާ ކޮންމެ ފަހަރަކު ނަގަނީ ކަމަށްވެސް ގަބޫލު ކުރެވިއްޖެއެވެ. 

ޖިލާ ފެންވަރާލައިގެން އައިސް އިސްތަށިގަނޑު ހިއްކަން ފެށި އިރު އާއިޒު ހުރީ ފޯނެއްގައެވެ. މިފަހަކަށް އައިސް އޭނަ ކޮންމެވެސް މީހަކާއި މާވަރަކަށް ސިއްރު ވާހަކަދައްކައި އުޅޭކަން ދަނެއެވެ. ޖިލާ ހުންނަނީ އެއްޗެކޭ ނުބުނަން ވެގެން ކެތްކޮށްލައި ގެންނެވެ. އެކަމަކު މިއަދު ސުވާލުކުރަން އޭނަ ބޭނުންވިއެވެ. އޭނައަށްވެސް އާއިޒު ވާހަކަދައްކަނީ ކާކާކަން އެނގުމުގެ ހައްގު އޮންނަންވާނެއެވެ.

"އާއިޒު، އަހަރެން ބޭނުމެއްނޫން މިގޮތަށް ދިރިއުޅޭކަށް، އަހަރެންނަށް އެނގިގެން ކުރެވުނު ކުށަށް އަހަރެން ވަނީ މާފަށް އެދިފައި، އަހަރެން ކުރި ކުށަކީ އަހަރެން އާއިޒު ބަދުނާމު ކުރަން ފެމިލީ މީހުން ކައިރީގައި ދޮގު ވާހަކަތަކެއް ދެއްކިކަން، އައިމް ސޮރީ އެބައުޓް ދެޓް، އެޓްލީސްޓް ބުނެދީބަލަ އަހަންނަށް މިގޮތަށް ޓްރީޓްކުރާ ސަބަބެއް......" ޖިލާ ތެދުވެގެން ގޮސް އާއިޒު ގެ ޓީޝާޓުގައި ހިފާ ގާތަށް ދަމައިގަތެވެ. އާއިޒު ފޯނު ކަނޑައިލުމަށްފަހު އަލަމާރީގެ ވަތްގަނޑު ހާވާލައިފައި ނެގި ޑައިރީ އެނދުމައްޗަށް އެއްލާލައިފިއެވެ.

"ހިއަޒް ޔޯ އާންސަރ ލޭޑީ....." އާއިޒު ނުރުހުމުގެ ނަޒަރަކަށްފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ. މިއޮތީ ރީއްޗަށް ބޭޒާރުވެފައެވެ. އޭނަ ކިތަންމެ މައުސޫމްވެގެން އުޅުނަސް އާއިޒު އެކަން ގަބޫލު ކުރާނީ ވެސް ކިހިނެއް ހެއްޔެވެ؟ މި ޑައިރީ ކިޔާލި މީހަކު ގަބޫލު ކުރާނީ ޖިލާހާ ގޮތެއް ފޮތެއްނެތް ކުއްޖެއް ދުނިޔޭގައިވެސް ނަހައްދަވާކަމަށެވެ. ހަގީގަތުގައި ވެސް އެހާ ދަށްފެންވަރަށް އުޅެފައި ހުރި ކުއްޖަކު ކައިވެނި ކުރުމުން ފަހަރެއްގައި ފިރިމީހާގެ ނުރުހުން އަމާޒުވެދާނެއެވެ. މިއޮތީ އެ ލަނޑު ލިބިފައެވެ. އޭނަ ހާދަ މޮޔައެވެ. އެ ޑައިރީ އަންދާލަން ހިތަށް އަރުވާފައިވެސް ހަނދާން ނެތުނީއެވެ. ޖިލާ އަނގަޔަށް ގޮތެއް ހަދާލައިގެން އިނދެފައި ހޭންފެށިއެވެ.

ޒީބާ ކިތަންމެވަރަކަށް މަސައްކަތް ކުރިޔަސް ތަގުދީރަކާއި ހަނގުރާމައެއް ނުކުރެވޭނެއެވެ. އެއަށްވުރެ އިންސާނާ މާބޮޑަށްވެސް ނިކަމެތްޗެވެ. ކޮންމެކަމެއްވެސް ރޭއްވެވިފައިވާ އުސޫލުގެ މަތިން ކުރިއަށް ދާނެއެވެ. އަލީނާގެ ދަރިފުޅު ބައިގެން ދިޔުމުން ޒީބާއަށް ލިބުނީ ހިތާމައިން ފެންކަޅިވެ، ލޮލުން ކަރުނަވެސް އައެވެ. އޭނަގެ ގާތުގައި ކުށްވެރިވީ އަލީނާ އެވެ. އޭރު ޒީބާއަށްވެސް ކަން ހިނގާފައި ވާގޮތެއް ނޭގެއެވެ. އެނގުނުނަމަ ވަކި ކޮޅަކަށް ބުރަވާން އެނގުނީހެވެ. އެކަމަކުވެސް އަލީނާ އަކީ އާއިލީ ކުއްޖަކަށް ނުވީމަ ޒީބާގެ ހިތްވެސް އަލީނާއަށް ހެވެއް ނުވާނެއެވެ. ރިޔާ އާއި ބަލާ އިރު އޭނަގެ ގާތުގައި އަލީނާގެ ހުންނާނީ ކޮން ގަދަރެއް ހެއްޔެވެ؟ އުޑުގައިވާ ތަރިއަކާއި ބިންމަތީގައިވާ ހިލަކޮޅެއްގެ ތަފާތު އޭނައަށް އެދެކުދިންގެ ދެމެދުގައިވިއެވެ. މައިމޫންއަށް އެކަން އެނގިލެއްވުމުން އެކަމާއި ހިތާމަކުރެއްވިއެވެ. އެކަމަކު ދެވަނަފަހަރަށް އެހާ ބޮޑު ބުރައެއް އެހެން މީހަކަށްޓަކައި އުފުލަން ޅަ އަންހެންކުއްޖަކު ގަބޫލުވެދާނެތޯ އޭނަ ޒީބާ ގާތުން ސުވާލު ކުރެއްވިއެވެ. މައިމޫން ދެނެލައްވާފައިވާ ގޮތުން އަލީނާއަށް އެކަން އެނގިގެން ގަބޫލުވީ، ފައިސާގެ ބޭނުމުގައެވެ. ޒީބާ ބޭނުމީ ދެވަނަފަހަރަށް ފެއިލްވެއްޖެއްޔާ ތިންވަނަ ފަހަރަށްވެސް އަލީނާ ބޭނުން ކުރުމަށެވެ. މައިމޫން ފަދަ ހިތެއްވެސް އޭނަގެ ނެތީ ކަންނޭގެއެވެ.

ޒެވިޔަން ފާޚާނާއިން ނިކުމެ ޖިންސާއި، ޓީޝާޓްލައިގެން ސެންޓު ޖަހައިލުމުން ކޮޓަރިއަށް ފެތުރިގެން ދިޔައީ ލުއިމީރުވަހެކެވެ. އޭނަ ދެން ބިންމައްޗަށް އުކާލާފައިވާ ބާލީސްތަކާއި އެއްޗެހި ނަގައި އެނދުގައި ތަރުތީބުން ބެހެއްޓިއެވެ. ރިޔާ ގަސްތުގައި މިހިރީ ކޮޓަރިއަށް ޖެއްސުންފަށެއް ކޮށްލާފައިއެވެ. ނުވީތާކަށް އަދި ރިޔާ ލަވައެއް ޖައްސާލިލެއް ބާރުކަމުން ކަންފަތުގައި އަތްއަޅަން މަޖުބޫރުވިއެވެ. ހީވީ ކޮޓަރިވެސް ފަޅައިގެންގޮސް ދާނެހެންނެވެ. އެއީ ޒެވިޔަންއަށް ރީތި ލަވައަކަށް ވިޔަސް މިހާބާރަށް ލަވަ ޖެހީމަ އޭނައަށް އުދަގޫވެއެވެ. ޒެވިޔަން ވަގުތުން ގޮސް ލަވަ ނިވާލާފައި، ބެލްކަންޏާއި ދިމާލަށް ހިނގައިގަތުމުން ރިޔާ އުދުހިލާފައި އައިގޮތަށް ޒެވިޔަންގެ ބުރަކަށީގައި ކުޝަން އަކުން ބާރަކަށް އަޅާ ވިހެލައިފިއެވެ. ޒެވިޔަން ބަލައިނުލާ ގޮސް ހުއްޓުނީ ބެލްކަނީގެ ރެއިލިން ކައިރީގައެވެ.

"ޑެލިބެރޭޓްލީ އަހަރެން ރުޅިއަރުވާލަންތަ ލަވަ ނިވާލީ.... ވަރަށް ފޫހިވޭ....." ރިޔާ ގޮސް ޒެވިޔަންގެ ގާތުގައި ހުއްޓި ޒެވިޔަންގެ މޫނަށް ބަލައިލި އިރު، އެ ރީތި ދެލޮލުން އެއްވެސް ޝުޢޫރެއް ނުފެނުނެވެ. ބައެއްފަހަރު ޖަޒުބާތުތައް ފޮރުވައިލަން އޭނަ ވަރަށް ކުޅަދާނަވާނެއެވެ. ރިޔާގެ ދޮންމޫނު ރަތްވެގެން ދިޔައެވެ. ލައިގެން ހުރި ރަތްކުލައިގެ ޓީޝާޓުގެ ހިޔަނި މޫނަށް އެޅިފައިވާފަދައެވެ. އެމޫނަށް ވެރިވެފައި ވަނީ ބަލައި ފޫހިނުވާފަދަ މަޑު ރަތްކުލައެކެވެ.

"ރިޔާ، އަހަރެން ބޭނުމެއްނުވޭ ކަމަކާއި ނުލައި ފައިޓް ކުރާކަށް....." ޒެވިޔަންގެ ބުމަ ކުޑަކޮށް ގޮށްޖެހުނެވެ. 

"ކޮންމެކަމެއް ވަރިހަމަކޮށްލައިގެން އުޅުނަކަ ނުދޭނަން.. އަހަންނަށް ޔަގީން އަލީނާގެ ބަނޑުގައިވާ ބޭބީ އެބޯޓްކޮށްލީ ޒެވިޔާކަން، ހާދަ ގޯހޭ، އަހަންނާއި މެދު އެއްވެސް ވަރަކަށް ވިސްނާނުލި، ކީއްވެތަ؟ ޔޫ ކިލްޑް މައި ބޭބީ...." ރިޔާ ހަމައިން ނެއްޓި ޒެވިޔަންގެ ގަޔަށް އަރައިގަންނަން އުޅުނެވެ. ޒެވިޔަން ކެތްކުރެވޭނެ އެންމެ މައްޗަކަށް ކެތްކުރަމުން ރިޔާގެ ދެއަތުގައި ހިފެހެއްޓިއެވެ. އެހެންނޫންނަމަ އެވަގުތު ރިޔާގެ އަނގަމަތީގައި ވެސް ޖެހުނީހެވެ. ރިޔާ މިގޮތަށް މައިތިރި ނުވެގެން އޭނަ އުޅޭތާ ކޮން ދުވަހެއް ހެއްޔެވެ؟ ކުދި ކޫސަނި ކަންތަކާއި ރުޅިގަދަވެގެން ކިތަންމެ ދުވަހަކު ގަޔަށް އަރައިގަނެގެން ޒެވިޔަންގެ ގައިގައި ތަޅައި، ވިކައި، ދަތް އަޅައިވެސް ހަދައިފިއެވެ. އެވަރުންވެސް ޒެވިޔަން ރިޔާއަށް އަނިޔާވާފަދަ ކަމެއް ނުކޮށް އިންތިހާއަށް ކެތްކުރިއެވެ. އަންހެންކުއްޖަކަށް ވީތީ އެވެ. 

"ރިޔާ މޮޔަވީތަ؟" ޒެވިޔަން ހަޅޭއްލަވައިގަތެވެ.

"ޒެވިޔާ އަހަރެން މޮޔަކުރުވާތީ މޮޔަވަނީ، ކީއްވެތަ އަލީނާގެ ބޭބީ އެބޯޓްވާންވީ...." ރިޔާ ހުރީ ރުޅިގަދަވެގެން ކުރަންވީ ކަމެއްނޭގިފައެވެ. މިވަގުތު އަލީނާ އަތުޖެހިއްޖެއްޔާ މޫނު ނޮޅާލެވިދާނެއެވެ.

"އަލީނާ ހުންއައީމަ އެގޮތަށް ވީ، އަހަންނަށް އެނގޭ މިވާހަކަ ދެއްކިޔަސް ރިޔާ ގަބޫލު ނުކުރާނެކަން، ރިޔާ ތިއީ ވަރަށް ގޮތް ދޫނުކުރާ އަންހެނެއް، ތެދަށް ބުނަންޏާ މަ ބޯ ހަލާކުވާވަރުވޭ، އަހަރެން ދަނީ......" ޒެވިޔަން ދާން ހިނގައިގަތުމުން ރިޔާގެ ހިތަށް ކުއްލި ބިރުވެރިކަމެއް ވަނެވެ. އޭނަ މިއުޅޭގޮތުން އޭނައަށް ޒެވިޔަން ނުގެއްލޭނެ ބާވައެވެ. ހިތަށް އައިހާ އެއްޗެއް ކިޔަމުން ޒެވިޔަންގެ ގައިގައި ތަޅައިގަނެ އުޅުނީމަ ޒެވިޔަންގެ ލޯތްބަށް ފަނޑުކަމެއް ނާންނާނެ ބާވައެވެ. ނޫނެކެވެ. އެހެންވެގެން އެއްގޮތަކަށް ވެސް ކަމަކު ނުދާނެއެވެ. އޭނަ ޖެހޭނީ އަލީނާ ބަލިކޮށްލުމަށެވެ. އެކަން ކުރެވޭނީ އޭނަގެ ކަރުނުން ޒެވިޔަންއަށް ސިހުރު ހަދައިގެންނެވެ.

"ސޮރީ އެގޮތަށް ވާހަކަދެއްކުނީމަ......" ރިޔާ ކުއްލިއަކަށް ފަހަތުން އައިގޮތަށް ޒެވިޔަންގެ ގައިގައި ބާރުބާރަށް ބައްދައިގެންފައި ރޮއިގަތެވެ. ޒެވިޔަންގެ ފިޔަވަޅުތައް ހުއްޓުނެވެ. ގޮތްހުސްވެ މަޖުބޫރީވެފައިވާ ގޮތަކަށް އެނބުރި ރިޔާ އާއި ދިމާލަށް ބަލައިލެވިއްޖެއެވެ. މިކުއްޖާއަކީ އަރަތެކެވެ. އެއްފަހަރު ރުޅިން އުޅުނިއްޔާ ދެން ނިކަން ލޯބިން އުޅޭނެއެވެ. މާ ލޯބިން އުޅެމުންވެސް ދަތް އަޅައިގަންނާކަށް ފަހެއްނުޖެހޭނެއެވެ.

"ފޮގިވް މީ ހަނީ، އަސްލުވެސް އަހަރެން ދެރަވެގެން ގޮސް މޮޔަވާވަރުވެފައި މިހުންނަނީ، އައި ފީލް ސޯ ޑިޕްރެސްޑް، ޒެވިޔާއަކަށް ނޭގޭނެ، ދުވަހަކު ދަރިއެއް ނުލިބޭނެކަން އެނގުނީމަ ހިތަށް ކުރި އަސަރު ބުނެދޭނެ ގޮތެއްވެސް ނޭގޭ، ހާދަ ހިތަށް އުދަގޫވެޔޭ، ޔޫ ނޯ ޒެވިޔާ، މިހާރު ދުނިޔެއިން އެންމެ ބޭނުމީ ބޭބީއެއް، ޕްލީޒް ހެލްޕް މީ.... ޒެވިޔާ އަހަރެން ދޫކޮށްލައިފިއްޔާ އަހަރެން އެކަނިވެރިވެދާނެ... ހާދަ ބޮޑަށް ލޯބިވެޔޭ...." ރިޔާގެ ކަރުނަތަކުން ޒެވިޔަންގެ ޓީޝާޓް ތެންމާލައިފިއެވެ. ޒެވިޔަން ރިޔާގެ ބުރަކަށީގައި ފިރުމާލަމުން ނުރުއިމަށް އެދުނެވެ. ރިޔާގެ ކަރުނަތަކުން ޒެވިޔަންގެ ހިތް މަޑުފުށްކޮޅަކަށްވިކަން އެނގުމުން ރިޔާގެ ހިތަށް ފިނިކަމެއް ލިބުނެވެ. އޭނަގެ ހަލަބޮލި ސިކުނޑިވެސް ކުޑަކޮށް މައިތިރި ވެލައިފިއެވެ.

އަލީނާގެ ކޮޓަރިން ނިކުމެވޭ ބެލްކަނީ ކިތަންމެ ކުޑަވިޔަސް، މަޑުބާލީސްޖެހި ރޮކިން ޗެއަރ އެއްގެ އިތުރުން ޕޮޓްތަކުގައި މާގަސްތައް އިންދާފައިވާއިރު އެތަންކޮޅު ހިތްގައިމެވެ. ސްޓްރޯބެރީ ވަށިތައްވެސް މޭވާއިން ބަރާވެފައިވާއިރު އެހާ ލޯތްބެވެ. އަލީނާ އެންމެ ޚާއްސަކޮށް ގެންގުޅޭ އޮރެންޖްގަސް ކައިރީގައި ކުޑަކަކޫ ޖަހާލައިގެން އިނދެ ގަހަށް ފެންދޭން އިންއިރު ނިކީގެ ހަނދާންތައް އޭނަގެ ލޮލުން ކަރުނަ އޮހޮރުވާލައިފިއެވެ.

"ހޭއި އެލީ...." ޒެވިޔަންގެ އަޑު އިވުމުންވެސް އަލީނާ އެނބުރި ބަލައެއް ނުލިއެވެ.

"ހޫމްމް....." އަލީނާ މަޑުމަޑުން ހޫމް އެއް އަޅުވާލާފައި ފެންޖަގު އެއްފަރާތުގައި ބަހައްޓާލައިފައި ގޮސް ރެއިލިންގައި އަތްއަޅުވާލިއެވެ. 

"އާރ ޔޫ އޯކޭ..." ޒެވިޔަން އަލީނާގެ ގައިގައި ކިރިޔާ ނުޖެހޭ ހިސާބު ކައިރީގައި ހުއްޓިލައިގެން ހުރިއިރު އަލީނާ ރޮނީކަން ދެނެގަތެވެ. އެ ހިމަ އިނގިލި ތަކުން ކަރުނަ ފޮހެލިތަންވެސް ފެނުނެވެ. އެ މަންޒަރުން ކުރި އަސަރެއްގެ ބޮޑުކަމުން ޒެވިޔަންވެސް ފެންކަޅި ވާގޮތްވިއެވެ. އަލީނާއަށް ޖަވާބެއް ނުދެވުނެވެ. ދެއަތުން މޫނު ފޮރުވުނު ގޮތަށް މަޑު ގިސްލުމަކުން އެކުޑަ ހަށިގަނޑަށް ލޮޅުން އަރައިގެން ދިޔައެވެ. ޒެވިޔަން އަލީނާގެ ގައިގައި ފަހަތުން ބައްދައިލަމުން އަތުގެ ތެރެއަށް ގެނައެވެ.

"އައިކެން އަންޑަސްޓޭންޑް ބޭބީ، އެކަމަކު އެލީ އެވަރަށް ރޯކަށް ނުވާނެ، އަދި އަހަރެމެންނަށް ކިތަންމެ ބޭބީ އިންނެއް ހޯދިދާނެ ގޯޑް ވިލިން....." ޒެވިޔަން އޯގާތެރި ގޮތަކަށް އެހެން ބުނުމުން އަލީނާއަށް މާބޮޑަށް ރޮވިއްޖެއެވެ. ހިތާމައިގެ ވަގުތުގައި ހަމްދަރުދީގެ އެންމެ ލަފުޒެއް އިވުނަސް ހިތުގައިވާހާ އުދާހެއް ބޭރުވާނެއެވެ. އަލީނާ ވެސް ރޮއިރޮއި ބަލިވާވަރުވިއެވެ. އެންމެ ފަހުން ޒެވިޔަންގެ އާދޭސްތަކުގެ ސަބަބުން އަލީނާ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުނެވެ. ޒެވިޔަން އަލީނާގެ އަތުގައި ހިފައިގެން ގޮސް ރޮކިން ޗެއަރގައި ބައިންދަމުން، މާބްލް މަތީގައި ކަކޫ ޖައްސާލައިގެން އިނީ އެދެ އަތުގައި ހިފަހައްޓާލަމުންނެވެ. އެގާތްކަމާއި، އޯގާތެރިކަން ފެނުމުން އަލީނާ އިނީ ހައިރާންވެ، އަންތަރީސްވެފައެވެ.

"ޒާވް، ވަރަށް ބިރުގަނޭ...." އަލީނާ ހިންދިރުވާލައިފައި މަޑުމަޑުން ބުންޏެވެ. ދަރިފުޅަށް ކަމެއްވެއްޖެއްޔާ ރިޔާ އޭނަގެ ފުރާނަވެސް ދަމައިގަންނާނެފަދަ ގޮތަކަށް ދީފައިވާ އިންޒާރު މަތިން ހަނދާންވިއެވެ. އެ ޖުމްލަތައް ކަންފަތުގައި ގުގުމާލި ވަރުން ރޭވެސް އަލީނާއަށް ނިދުނީއެއް ނޫނެވެ. އޭނަ ވަނީ ރަނގަޅަށްވެސް ރިޔާ ދެކެ ބިރުގެންފައެވެ. އެ ވާހަކަތައް ޒެވިޔަން އާއި ހިއްސާ ކުރަންވީ ބާވައެވެ. ޒެވިޔަން ރުޅިއަންނާނެ ބާވައެވެ.

"ޓެލް މީ... ކޮންކަމަކާ އެލީ ބިރުން ތިއުޅެނީ..." ޒެވިޔަން އަލީނާގެ އަތަށް ފިތާލަމުން އަހާލައިފިއެވެ.

ކޮމެންޓް 0