ޔާ، އައިލް ސީ ވަޓް އައި ކެން ޑޫ، އެހެން ނޫނަސް އަހަރެން ފުރަން މިއުޅެނީ ރިޔާ..." އަލީނާ އޭރު ހުރީ ނޭނގޭ ބިރެއް ގަނެފައި އަތްފައި ގަނޑުފެންކޮޅެއްހާ ފިނިވެލާފައެވެ. 

"އެލީ ފުރައިގެން ދިޔަޔަސް މައްސަލަ ހައްލެއް ނުވާނެ، ޒެވިޔާ ގާތުގައި ބުނެބަލަ ޑިވޯސްވާން ބޭނުމޭ......" ރިޔާ ދެކޭ ގޮތުގައި އެއީ އަލީނާއަށް ކުރެވިދާނެ ކަމެކެވެ. އެނޫން ހައްލެއް ނެތެވެ. އަލީނާ ހުރީ ގަނޑުވެފައިވާ ބުދެއް ފަދައިން ރިޔާ ކިޔާ އެއްޗަކަށް އެއްބަސްވެގެންނެވެ. ރިޔާއާއި މެދު ހަމްދަރުދީ ވެސް ވެފައެވެ. ދަރިއަކު ނެތް މަންމައެއްގެ ހިތަށް ވާނެވަރު އަލީނާއަށް މިހާރު ކިތަންމެ ރަނގަޅަކަށް ވެސް އިހުސާސް ކުރެވެ އެވެ. މޮޔަވެސް ވެދާނެއެވެ. ނަމަވެސް ތަގުދީރަކާއި އިންސާނުންނަށް ހަނގުރާމައެއް ނުކުރެވޭނެ އެވެ. ކެތްތެރިވާން ވެސް ޖެހޭނެ އެވެ.

މައިމޫން އާއި ޒެވިޔަން ތިބީ ގޭގެ ބެލްކަނީގައި ބަގީޗާއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ފިނިކަމުން ދުރުދުރަށް ދާންދެން ފެންނަނީ ދުންފިނިގަނޑެއް ހެންނެވެ. ޒެވިޔަން ހުރީ ސްވެޓަރެއްގެ މަތިން ޖެކެޓެއް ލައިގެން، ކަނދުރާއަށް ސްކާފެއް ވައްޓާލައިގެންނެވެ. ދެބަފައިން ތިބީ ހީވާ ގޮތުން ވަރަށް އުފާވެރި ވާހަކައެއްގަ އެވެ. މައިމޫން ޒެވިޔަން ގެ ބުރަކަށީގައި ޖައްސަވައިލައްވަމުން ވަރަށް ގާތްކޮށް އެއްޗެކޭ ބުނުއްވުމުން ޒެވިޔަން ހޭންފެށިއެވެ. އެވަގުތު ޒީބާ އަންނަތަން ފެނުމުން މައިމޫން ވެސް މޫނުމައްޗަށް ސީރިޔަސް ކުލައެއް ވެރިކުރުވިއެވެ.

"ދަރިފުޅު ތިހާ ހެޕީކޮށް ހުރީމަ ވަރަށް ކޮންފިއުޒިން، އެލީ ހަމަ ފޮނުވައިލަނީތަ؟ ދަރިފުޅާ....." ޒީބާ ހަށަން ބަދެލައިގެން ހުއްޓުނެވެ. 

"އެލީ ދިޔަސް ޒެވިޔާ ހިތަކަށް ނާރާނެ އެކައްޗެކޭ ވެސް، އަހަރެމެންގެ ދަރިފުޅުހާ ބްރޭވް އަދި ކިޔަމަންތެރި ކުއްޖެއް ދުނިޔެއަކު ނުވާނެ، ޒީބްވެސް ޕްރައުޑް ނުވޭތަ؟" މައިމޫން ގެ އެ ޖުމްލައިން ޒީބާގެ މޫނުމަތިން އުފާވުމުގެ ބަދަލުގައި ނުރުހުމުގެ ކުލަވަރު ފެނުނެވެ. 

"އެކަމަކު އަޅުގަނޑުމެން އެކަމުގެ އެޑްވާންޓޭޖް ނެގުމަކީ ރަނގަޅު ކަމެއްނޫން...." ޒީބާ ދުލުން އެއްބަސް ނުވިޔަސް މައިމޫންއަށް އެ ދެސާފު ދެލޮލުގައިވި ހާ ޖަޒުބާތުތަކެއް ކިޔައިލެވިއްޖެއެވެ.

"ޒީބް ހިތްހަމަނުޖެހޭކަމެއް އޮތީތަ؟ ޒެވިޔާ ބޭނުމީ ކުދިންވެސް އަލީނާއާއި އެކީގައި ފޮނުވާލަން، އޭރުން މަންމައާއި ދަރިން ދުރެއްނުވާނެ....." މައިމޫން އެހެން ބުނުއްވިއިރު ޒީބާގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ. އޭނަ އެކަރުނަތައް ފޮރުވަން އަނެއްފަރާތަށް އެނބުރުނެވެ.

ތިމާގެ އަނބިމީހާ އާއި ދަރިން ވަކިކޮށްލާއިރު ޒެވިޔަންގެ ހިތަށް ރަހުމު ނުވަންނަނީބާވައެވެ. ހިތަށް އެއްވެސް އަސަރެއް ހަމަ ނުކުރީހެއްޔެވެ؟ ދަރިން ދީފައި އަލީނާ ފޮނުވައިލަން ވެސް ޒީބާ ދިމާ އިދިކޮޅެވެ. ޒީބާ ބޭނުމީ އަލީނާ އާއި ކުދިން ޒެވިޔަންއާއި އެކު ހަޔާތުގެ ބާކީއޮތްބައި ހޭދަކުރުމެވެ. އެ ނުލަފާ އާއިލާ އާއި ދުރުން އަލީނާ ގެންގުޅުމުގެ ބާރު ޒެވިޔަންގެ އެބަހުއްޓެވެ.

"ޒެވިޔާ، ތިކުރަނީ ރަނގަޅު ކަމެއްނޫން، އައި ނެވަރ އެކްސްޕެކްޓެޑް ދިސް ފްރޮމް ޔޫ....." ޒީބާ އެހެން ބުނެލާފައި ބާރުބާރަށް ހިނގާލާފައި ކުރިއަށް ދަމުން ލޮލުގައިވާ ކަރުނަތިކިތައް ފޮހެލިއެވެ. ޒެވިޔަން ވެސް އޭނަ ހީކުރިހާ ހަރުދަނާ، ރަނގަޅު ޒުވާނަކަށް ނުވިއެވެ. އެއަށް ވުރެ މާ ފިނޑިއެވެ. ކަންކަމާއި ކުރިމަތިލުމުގެ އެއްވެސް ހިތްވަރެއް ނެތެވެ. އެކަމުގެ ސަބަބުން ޒީބާގެ ހިތްވެސް ކުދިކުދިވެގެން ހިނގައްޖެ އެވެ. އަލީނާ އާއި މާމަ ކުދިންނާއި ނުލައި މިގޭގެ ރޫހު ގެއްލިގެން ހިނގައިދާނެ އެވެ. އެކުދިންނަކީ މިގޭގެ ރޫހެވެ. ދިރުމެވެ. ޒެވިޔަންއަށް ނުވިސްނުނީ ކީއްވެބާވަ އެވެ. ޒީބާއަށް ނޭނގުނީ މައިމޫން އާއި ޒެވިޔަންގެ ވިސްނުން ހުރީ ކިހިނެއް ކަމެވެ. އެދެމީހުންގެ ރޭވުމެވެ.

ޒީބާ އަލީނާގެ ކޮޓަރިއަށް ވަންއިރު އަލީނާ ހުރީ ރީތިވެލައިގެންނެވެ. ހުދުކުލައިގެ ހެދުމަކާއި، ޖިންސެއްލައިގެން ހުރިއިރު އެ ބުޅި އިސްތަށިކޮޅު ވަނީ އައްސައިލާފަ އެވެ. އެހެން ހެދުމުން މޫނުގެ ރީތިކަމާއި، ކަނދުރާގެ ދިގުކަމުން އިތުރު ފުރިހަކަމެއް ގެނެސްދީފައިވެ އެވެ. ޒެއިން އާއި މިލަން އެއްކުލައެއްގެ ހެދުން ލައްވާފައި ތިބިއިރު އެއްގޮތަކަށް ވެސް ވަކިކޮށްލާކަށް ނޭނގެއެވެ. ޒީބާއަށް އެދެކުދިން އުރާލުމާއި އެކު ރޮވުނެވެ. އެކުދިންނާއި ވަކިވެގެން އެންމެ ދުވަހަކަށް ވެސް އޭނަގެ ހިތަށް ކެތްވާނެބާވައެވެ. ޒީބާގެ ލޮލުން ކަރުނަ އަންނަތަން ފެނުމުން އަލީނާ ވެސް ފެންކަޅިވިއެވެ. ލޮލުން ވެއްޓުނު ކަރުނަތިއްކެއް އަލީނާ ފޮހެލައިފިއެވެ. ދިރިއުޅުމުގައި މިފަދަ ހިތްދަތި ދުވަހެއް ދެން ނާންނާނެ ނަމައެވެ. ނަމަވެސް ވަކިވުމަކީ ދިރިއުޅުމުގެ އެއްބަޔެވެ. އެއްވެސް އިންސާނަކަށް އަބަދުގެ އަބަދަށްޓަކައި ލޯބިވާ މީހުންނާއި އެކު މި ބިންމަތީގައި ނޫޅެވޭ ކަމީ، މި ދުނިޔޭގެ އަގެއް ނެތްކަމުގެ ހެއްކެވެ. ނަމަވެސް ޔަގީނުން ވެސް އެއީ ބޮޑު ވޭނެކެވެ. އަލީނާ ކިތަންމެ ވަރަކަށް ލޮލުން ކަރުނަ ފޮހުނަސް އަނެއްކާ ތާޒާ ކަރުނަތައް ޖަމާވެގަންނަން ހިނދުކޮޅެއް ވެސް ނުނަގައެވެ.

"އެލީ، ދަރިފުޅާ، ވަރަށް ހަނދާންވާނެ، އަދި އިރާދަކުރެއްވިއްޔާ ޒެވިޔާއަށް ހެޔޮވިސްނިގެން އެލީ އާއި ކުދިން އަނބުރައި ގެންނާނެ، މަންމަ އެދުވަހަކަށް އިންތިޒާރު ކުރާނަން، މި މަންމައަށް މަޢާފުކޮށްދޭތި........" ޒީބާ އަލީނާ ގެނެސް މޭގައި ޖައްސައިލަމުން ވަދާއުގެ ސަލާމް ކުރިއިރު، އެ ފެހި ދެލޮލުން ފުރިގެން ބަންޑުންވެގަތީ ހޫނު ކަރުނަ ތިކިތަކެވެ. ޒީބާ ދެން އެތަނުގައި މަޑުކޮށްނުލައި އަވަސް އަވަހަށް ނިކުމެގެން ދިޔުމުން އަލީނާ ސޯފާގައި އިށީދެއްޖެއެވެ. އޭނަ އިންތިޒާރުކުރަން ފެށީ ޒެވިޔަން އަށެވެ.

އަލީނާ އެގެއިން ދިޔުމުގެ އެއްދުވަސްކުރިން ސީމާވެސް ވަނީ މާލެ ދާން ފުރައިފައެވެ. އޭނަގެ ބޭނުމަކީ މާލޭގައި ހުރެގެން އަލީނާގެ ދިރިއުޅުން އިތުރަށް ދަތިކޮށް، ނަރަކައަކަށް ހަދައިލުމެވެ. ދޮންމަންމައެއްގެ ނުބައިކަމާއި ހިތިކަން އަލީނާއަށް ދައްކައިދޭ ހިތުން ސީމާއަށް ކެތްކުރެވުނީއެއް ނޫނެވެ. އަލީނާ މާލެ އައުމުން ހުންނަން ޖެހޭނީ ވެސް އަމީންގެ އެޕާޓްމެންޓްގައި ތާއެވެ. ސީމާ ޚިޔާލީ ފޮލާ ކައްކަމުން ގޮސް އެއަށް މީރުކަމެއް ވެސް އަންނަންފެށިއެވެ. 

އަލީނާ ގެއިން ދިޔުމުން އެގެ އިންތިހާއަށް ފަޅުވިއެވެ. ޒެވިޔަން ކުދިންނާއިގެން އަބަދުހެން ބޭރަށް ނިކުމެ އުޅުނަސް ޖިލާ އެއްގޮތަކަށް ވެސް ދަރިފުޅާއިގެން ކޮޓަރިން ބޭރަށް ނިކުންނާކަށް ގަބޫލެއް ނުވެއެވެ. އާއިޒު ދަރިފުޅު ގޮވައިގެން ފެންޑާއާއި ހަމަޔަށް ދިޔަސް ޖިލާ މައްސަލައަކަށް ހަދާނެއެވެ. ދަރިފުޅަށް އެސްފީނާ ޖެހިދާނެތީ ވެސް ޖިލާ ގަންނަނީ އަމަށަކު ބިރެއްނޫނެވެ. ޖިލާ ދެކޭގޮތުގައި އެހާ ތުއްތުއިރު އެންމެންގެ ތެރެއަށް ނެރުމުން ބަލިތައް ވެސް ޖެހިދާނެ އެވެ. އެހެންނޫނަސް ޒެވިޔަންމެން އެންމެންނަކީ ޑޮކްޓަރުންނަށް ވާއިރު އެމީހުން ގެއަށް އަންނާނީ ނުރައްކާތެރި ޖަރާސީމު އެއްޗެހި ހިފައިގެންނެވެ.

"އަހަރެން ބޭނުމެއްނޫން އެއްވެސް ޑޮކްޓަރަކު ބޭބީގެ ގައިގާ އަތްލާކަށް ހަނީ، މަންމަ ގާތުގައިވެސް ބުނެދީބަލަ ބޭބީ ނުނަގާށޭ...." ޖިލާ އޮތީ ދަރިފުޅު އެނދުގައި ބާއްވާލައިގެން އިސްތަށިކޮޅާއި ކުޅެލަކުޅެލައެވެ.

"ޖިލް، ދޭ އާ މައި ފެމިލީ، ކިހިނެއް އަހަރެން މަންމަ ގާތުގައި ބުނާނީ ބޭބީ ނުއުރާށޭ، ކިހާ ހާޓްވާނެ، ޖިލްގެ ވިސްނުން ޗޭންޖްކޮށްބަލަ...." އާއިޒު ހިތްހަމަނުޖެހުނު ނަމަވެސް އެކަން މޫނުމައްޗަކުން ނުދައްކައެވެ. އެހެންނޫނަސް އެހާ ކޫސަނި ކަންތަކާއި އަރައިރުންވެ، ކައިވެނީގައި މިހާ އަވަހަށް ރެނދުލާކަށް އާއިޒުވެސް ނޭދެއެވެ. މައްސަލައަކީ ޖިލާގެ ޅަކަމެވެ. ދަރިފުޅާއިގެން އުޅޭވަރެވެ. އެހެންނޫންނަމަ ޖިލާއަކީ ރަނގަޅު އަންހެންކުއްޖެކެވެ. ހުރިހާ ނަމާދެއް ގަވައިދުން ކޮށް، ގުރުއާން ކިޔަވައި ހަދައެވެ. އާއިޒުގެ ހުރިހާކަމެއް ކޮށްދެނީ އެހާ ފުރިހަމައަށެވެ. އާއިޒުއާއި ދަރިފުޅުދެކެ އެވާ މަތިވެރި ލޯބިވެސް އަޖައިބުވާވަރު ވެއެވެ. އިންސާނުން ވެއްޖެއްޔާ އުނި ސިފަތަކެއް ވެސް ހުންނާނެތީ ޖިލާގެ ބަލިފަޔަކަށް އެ ތުއްތު ދަރިފުޅުވެއްޖެއެވެ.

"ޑިއުޓީއިން އަންނަގޮތަށް ހޫނު ފެނުން ފެންވަރާލައިގެން ދަރިފުޅު ނެގިޔަސް މައްސަލައެއް ނެތް، ނޫނީ އަހަރެމެން ވަކި ގެއަކަށް ބަދަލުވާނީ ދޯ......" ޖިލާ ކުޑަކޮށް ތެދުވެފައި އާއިޒުގެ އަތުގައި އޮޅުލައިގަންނަމުން ހިނިތުންވެލިއެވެ.

"ޖިލް......ނޭނގޭ ބުނާނެ އެއްޗެއް ވެސް، ޑޯންޓް މޭކް މީ ޗޫޒް، އަހަރެން ބޭނުމެއް ނޫން މަންމަމެންގެ ހިތުގައި ޖެހޭނެ ގޮތަކަށް ހަދާކަށް، އެމީހުން ވެސް އަހަރެމެން ބަލައި ބޮޑުކުރީ ތިބުނާ ބެކްޓީރިއާ ތަކުގެ ތެރޭގައި އުޅެމުންވިއްޔާ، އެކަމަކު އަހަރެން ނުދާނަން އެހެން ގެއަކަށް......" އާއިޒު ރުންކުރު ގޮތަކަށް އެހެން ބުނެލާފައި ނިކުމެގެން ދާން ހިނގައިގަތެވެ. އޭނަ ވިސްނައިދީ ވަރުބަލިވީ އިރުވެސް ޖިލާ އަޑެއް ނޭހިއެވެ. އާއިޒު ވަނީ އެޑެން މަރުވި ސަބަބު ވެސް ކިޔައިދީފަ އެވެ. މައިރާ މާ ލޯބިން ބުނާހާ ގޮތަކަށް ހަދައިދިނުމުގެ ސަބަބުން އެ ހިތާމަވެރި ހާދިސާ ހިނގުމުން އެއީވެސް ފިލާވަޅެއް ލިބިގަންނަން ޖެހޭ ކަމެއް ކަމަށް އާއިޒު ހަނދާންކޮށްދިނެވެ. ނަމަވެސް ޖިލާއަކަށް އަދި ނުވިސްނެއެވެ. ޖިލާ ދެކޭގޮތުން އެމީހުންގެ ދަރިފުޅަށް ހުރިހާ ގޮތަކުން ހިމާޔަތް ދިނުމަކީ އެމީހުންނަށް ވާޖިބެކެވެ.

ޖިލާ ދަރިފުޅުގެ ކޮލުގައި ކޮށްޓާލުމުން އެ ބޭބީ ޖިލާ އާއި ހަތަރުކަޅި ހަމަކޮށްލާފައި ލޯބިން ހިތް ބަންޑުންވާ ފަދަ ގޮތަކަށް ތުއްތު ހިނިތުންވުމެއް ދިނެވެ. ޖިލާގެ ހިތް މޮޔަވި އެވެ. މަލެއްގެ ފިޔައެއް ފަދަ އޮމާން މޫނާއި، ހަށިގަނޑުގައި ފިރުމާލަން އިނދެ ޖިލާ ލަވައެއް ކިޔަންފެށިއެވެ. އާއިޒު ބޭބީ ދެކެ ލޯބިނުވަނީ ބާވައެވެ. މިހާރުވެސް ނިކުމެގެން އެ ދިޔައީ އޭނަ ދެއްކި ވާހަކައަށް ހިތްހަމަނުޖެހިފައި ހުރެއެވެ. ޖިލާ ދޭތެރެއަކުން އާއިޒުއާއި މެދު ވެސް ވިސްނާލިއެވެ. ދަރިފުޅު ފަދައިން އެއީވެސް އޭނަގެ ހިތުގެ ބަޔެކެވެ.

ދެތިން ދުވަސް ފާއިތުވެގެން ދިޔައިރު ވެސް އަލީނާ މާލެ ނުދާކަން އެނގުމުން ރިޔާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާނިތަކެއް ޖަހަންފެށިއެވެ. ޒެވިޔަންގެ ފޯނު ވެސް އޮންނަނީ ނިވައިލައިފަ އެވެ. ފަހަރެއްގައި މާލެ ދިޔުމުގެކުރިން ލަންޑަން ފަދަ ތަނެއްގައި މަޑުކޮށްލީކަމަށް ވެސް ވެދާނެއެވެ. ރިޔާ އިރުއިރުކޮޅާ އޭނަގެ މަންމައަށް ގުޅަނީ އުއްމީދެއްގައި ހުރެއެވެ. އެކަމަކު އަލީނާގެ ހިލަމެއް ނުވާކަމަށް ސީމާ ތަކުރާރުކޮށް ބުނީ ހިތްހަމަނުޖެހިފައި ހުރެއެވެ. ޒެވިޔަން ވެސް ގެއްލުނީ އެވެ. އަނެއްކާ ޒެވިޔަން އެންމެނަށް އޮޅުވާލާފައި އަލީނާ ގޮވައިގެން ފިލީބާވައެވެ. ރިޔާގެ ހިތް އަތަށް ލައިގެން އުޅުނުއިރު ގަވާއިދުން ނަމާދުކޮށްލައިގެން ދުއާކުރެވެނީ ޒެވިޔަން އެނބުރި އައުމަށް އެދިއެވެ. އެހެން ނޫނީ ރިޔާގެ ހިތް ފަޅައިގެން ގޮސްދާނެއެވެ. ރިޔާ ނުކައި، ނުބޮއި ޒެވިޔަންގެ އިންތިޒާރުގައި ހުންނަތާ ހަތަރު ދުވަސްފަހުން އޭނަގެ އިންތިޒާރު ނިމުމަކަށް އަތުވެއްޖެއެވެ. ރިޔާ ފެންވަރާލައިގެން ތުވާލި އޮޅާލައިގެން ހުރެ ނިކުތް ގޮތަށް ޒެވިޔަންގެ ގައިގާ އަޅައިނުގަތީ ކިރިޔާއެވެ.

"ޒެވިޔާ....." ރިޔާއަށް ކިޔައިލެވުނީ ނިކަން ލޯބިންނެވެ. ހީވީ ޒެވިޔަން ނުފެންނަތާ އެތައް ގަރުނެއްފަހުން ފެނުނުހެންނެވެ. ދެލޯ ބޮޑުކޮށްގެން ހުރެ ހުރިހާ ދަތްތައް ފެންނަވަރަށް ހެވިލާފައި ހުރެ ރިޔާ ޒެވިޔަންގެ ތުންފަތުގައި އިނގިލިން ފިރުމާލައިފިއެވެ. ޒެވިޔަންވެސް އޭނަގެ ބާރުގަދަ އަތުގެތެރެއަށް ރިޔާ ގެނެސްފައި ދިން ހަދިޔާތަކުން ރިޔާގެ ފައިގެ ވާގިހުސްވިހެން ހީވިއެވެ. ނަމަވެސް އިރުކޮޅެއްފަހުން ޒެވިޔަން ކަންނެތް ގޮތަކަށް މޯޅިއަކަށް ދެމިލައިފި އެވެ.

"ދިގު ދަތުރަކަށްފަހު އައިމް ރިއަލީ ޓަޔަޑް، ބޭނުން ސެންޗަރީއަކަށް ނިދާލަން...." ޒެވިޔަން ޓީޝާޓް ބޭލުމުން އެ ރީތި ކަސްރަތީ ހަށިގަނޑަށް ރިޔާއަށް ބަލަހައްޓައިގެން ހުރެވުނީ ތައުރީފީ ނަޒަރަކުންނެވެ. ގަލަމަކުން ބަޔާންކުރެވޭ ވަރަށް ވުރެ ރީތި ސޫރައެކެވެ.
"ވެމްޕަޔަރެއް ފަދައިން އިމްމޯޓަލްވީތަ؟ އެކަމަކު ހެންޑްސަމްކަމުން ވެމްޕަޔަރަކަށް ދޫނުކުރޭ، އަހަރެން ފެންނައިރަށް ޒެވިޔާ ވަރުބަލިވާނެ، އަހަންނަކަށް ޓައިމެއް ވާކަމަކަށް ނުވާނެ......." ރިޔާ ޒެވިޔަންގެ ހަށިގަނޑުގައި އެ އޮމާން އަތްތިލަ ބީއްސާލުމުން ޒެވިޔަންގެ ނާރުތައް ކުޑަކޮށް އަވަސްވެލިއެވެ. އެފަދަ ހިތްހަމަޖެހުމެއް ރިޔާގެ ގާތުން ނުލިބޭތާ ކޮން ދުވަހެއްހެއްޔެވެ؟ އެހެންނޫނަސް އަލީނާ ވެސް ވިހައިގެން އުޅޭއިރު އަދި ދެކުދިންގެ ކަންތަކުގައި އަވަދިނެތި އުޅުމުން ޒެވިޔަން ވެސް ހުންނަނީ އޭނަގެ އެފަދަ ބޭނުންތަކެއް ވާކަން ހަނދާން ނެތިފައެވެ. އަމިއްލަ އިހުސާސްތައް ވެސް ވަޅުޖަހާލިތާ ކޮން ދުވަހެއް ހެއްޔެވެ؟ އެއަށް ވުރެ އޭނައަށް މުހިއްމުވީ އަލީނާއެވެ. ކުދިންނެވެ.

"ބޭބީ، ދެންވެސް ތި ޝަކުވާކުރުން ނުހުއްޓާނީތަ؟ " ޒެވިޔަން ނުރުހުންވި ނަމަވެސް ހީލިއެވެ.

"އެލީ ފޮނުވާލިޔަސް އަހަންނަށް އެނގޭ ޒެވިޔާގެ ހިތްވަނީ އެލީ އާއިއެކުގައި، މިބުނީ ދޮގެއްތަ؟ " ރިޔާގެ އެ ޝަކުވާއިން އެ ފެހިދެލޮލުގެ ކުލަ ދެ ޝޭޑަށް އިތުރުވެ، އިރުކޮޅަކަށް ސީރިޔަސްވި އެވެ. ހަގީގަތުގައި ވެސް ޒެވިޔަންގެ ބޯ ފަޅައިގެން ދާވަރުވި އެވެ. އަލީނާ އެމީހުންގެ ދިރިއުޅުމުގައި ދުވަހަކު ނެތަސް ރިޔާގެ އެ ޝަކުވާ ތަކާއި، އަރައިރުމަށް ބަދަލެއް ނާންނާނެ އެވެ. އެއީ ފެށުނީއްސުރެ ރިޔާގެ ގައިގައި ހަރުލާފައިވާ ނުބައި އާދައެކެވެ. އެކަމަކު އެހުރިހާ ގޯސް ސިފަތަކާއި އެކުގައި ވެސް ޒެވިޔަން ރިޔާ ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. އޭނަ ބޭނުމީ އުމުރަށް ވެސް އެކީގައި އުޅުމަށެވެ.

"ޒެވިޔާ ހުރީ އެ ކުޑަ ބިޗްއާއި ހެދި މޮޔަވެފައި، ނަސީބެއް އޭނަ މިގެއިން ފޮނުވައިލިކަން، އަދިވެސް ރިގްރެޓްކުރަން އެކުއްޖާ ނެނީއަކަށް ގެނެވުނީތީ، ދެން އެ ބިޗްގެ ހިޔަނި ނޭޅުނިއްޔާ ރަނގަޅު.... " ރިޔާގެ އެ ޖުމްލަތަކާއި އެކުގައި ޒެވިޔަން ގެ ހުރިހާ ކެތްތެރިކަން ކޮޅުންލައިގެން ދާން އުޅުނަސް އޭނަ ހިނިތުންވެލިއެވެ. އަމިއްލަ ނަފުސް އަތުން ވީއްލި ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ހިސާބަށް ދިޔަނުދޭން ޒެވިޔަން ކިތަންމެހާ ވެސް ކުޅަދާނަ އެވެ. އެހެންނޫންނަމަ އޭނަގެ އަލީނާއާއި ދިމާއަށް މިގޮތަށް އެއްޗެކޭ ބުނުމުން ކެތެއް ނުކުރެވުނީހެވެ. ޒެވިޔަން މިއަދު ވެސް ރިޔާ ގާތުގައި އެދުނީ އަލީނާ އާއި ދިމާއަށް އެގޮތަށް އެއްޗެހި ނުކިޔުމަށެވެ. އަލީނާ ރިޔާ އަށް އިހުތިރާމް ކުރާވަރާއި ރަނގަޅު ވަރުވެސް ބުނެ، ދީނުގައި މީހުންނާއި ދިމާއަށް ނުރުހެވޭނަންތަކުން ކިޔުމުން ފާފަވެރި ވާނެވަރު ބުނެދިނުމުން ރިޔާ ކުޑަކޮށް މައިތިރި ވިއެވެ. ނަމަވެސް ރިޔާ ދެކޭގޮތުގައި މައްސަލައަކީ ޒެވިޔަން އަދިވެސް އަލީނާދެކެ ލޯބިވުމެވެ. ސިއްރުން ނަމަވެސް ގުޅުން ބާއްވައިފާނެތީ ރިޔާ ހުންނަނީ ބިރުންނެވެ. ނަމަވެސް ޒެވިޔަންއަށް ދެން އޭނަ ނުލައި އެމެރިކާއިން ބޭރަށް ދާކަށް ލާހިކެއްނޫނެވެ.

"ދެން ޕާސްޓާއި މެދު ނުވިސްނާ އަހަރެމެން ހެޕީކޮށް އުޅެން ހިނގާބަލަ ބޭބީ...." ޒެވިޔަން އެދުނެވެ. އެރޭ ފުރަތަމަ ފަހަރަށް ރިޔާ އެ ލަފުޒުތަކަކަށް އެތައް އަހަރެއް ވާންދެން އިންތިޒާރު ކުރި ލަފުޒުތައް ބުނެލައިގެން ރިޔާގެ ހިތަށް ބަޔާން ނުކުރެވޭ ފަދަ އުފަލެއް ޒެވިޔަން ދިނެވެ. އެ ޖުމްލައިން ހީވީ ހިތުގައިވާ ހުރިހާ ޒަޚަމްތައް ގަނޑުފެނުން ތެންމާލަ ދިންހެނެވެ. ދުވަހަކު އެފަދަ ފޮނިމީރެއް ހިތަށް ލިބުނުކަމެއް ނޭނގެއެވެ. އެންމެ ފަހުން ޒެވިޔަން ރިޔާދެކެ ލޯބިވާކަމަށް ދުލުން އެއްބަސްވީ އެވެ.

ޒެވިޔަން ރިޔާ ބުނާހާ ތާކަށް ގޮސް އެކީގައި އުޅެން ފެށީ ލޯބިންނެވެ. މާޒީ އަލުން އިއާދަވީހެން ހީވިއެވެ. ދެމަފިރިންގެ ހަނީމޫން ހަނދާންވާ ފަދަ ދުވަސްތައް އެކީގައި ހޭދަކުރަން ފެށުނެވެ. ރިޔާ އަނެއްކާ ބަލައިގެން އުޅެ ޖިމަށް ގޮސް ހަށިގަނޑުގައި ޖެހި ބޭކާރު ސަރުބީތައް ވިރުވާލާފައި، ހަށިގަނޑު ރީތިކުރިއެވެ. ހޯމޯން ޕިލްސްތަކެއް ވެސް ކާންފެށިއެވެ. ޒެވިޔަންއަށް ޓަކައި އޭނަކޮށްފައި ނުކުރާނެ ކަމެއް ނެތެވެ. އެކަމަކު އެ އުފާތަކަކީ ދެތިންދުވަހެއްގެ އުފަލެކެވެ. ޒެވިޔަން ޑިއުޓީ ނިންމާލާފައި ގެއަށް އަންނަލެއް ލަސްވާތީ ރިޔާ ޝަކުވާ ނުކުރިޔަސް އޭނަގެ ހިތުގައި ޝައްކުތަކެއް އުފެދުނެވެ. ޒެވިޔަން އެހާ އުފަލުން ހުރުމުގައި ފޮރުވިފައިވާ ސިއްރެއް ވެދާނެ ކަމަށް ހިތް ބުނަން ފެށިއެވެ. ރިޔާ ހޮސްޕިޓަލުގައި އުޅޭ އޭނަގެ އެކުވެރި ޑޮކްޓަރެއްގެ ގާތުގައި ޒެވިޔަން ޑިއުޓީ ނިންމާލާފައި ދާތަނެއް ބަލައިދިނުމަށް އެދެން އުޅެފައި ވެސް މަޝްވަރާކޮށްލަން ގުޅީ އޭނަގެ މަންމަ ސީމާ އަށެވެ.

ރިޔާއަށް އޭނަގެ މަންމަ ފޯނުން ދެއްކި ވާހަކައަކުން ހުރިހާ ކަމެއް ޔަގީންވި އެވެ. ރިޔާ އައި ރުޅީގައި ދަތްތައް ބިންދައިގެން ނުދިޔައީ ކިރިޔާއެވެ. ރިޔާގެ ގާތުގައި މީހަކު އިތުރަށް ކިޔައިދޭނެ އެއްޗެއް ނެތެވެ. ޒެވިޔަން ހާދަ މަކަރުވެރި އެވެ. އޭނަގެ ލޮލުގައި އަނދުން އަޅުވައިފައި ހުރިއިރު އޭނައަށް އެނގިއްޖެއްޔާ ދެރަވާނެ ވަރު ވިސްނައެއް ނުލިއެވެ. އޭނަ އަނދިރީގައި ބަހައްޓައިގެން ޒެވިޔަން މަޖާ ނަގަނީ އެވެ.

ޒެވިޔަން އާއި ރިޔާ ފަރުބަދަމަތީގެ ގެއާއި ކައިރީ ޕިކްނިކް ހަދާލަން ގޮސް ތިބިއިރު ދެމަފިރިން ވެސް ތިބީ ހަމަޖެހިލައިގެންނެވެ. ހިތުގައި ޝަކުވާތައް ފޮރުވައިގެން ހުއްޓަސް ރިޔާ ވެސް ބޭރުފުށުން އެކަމެއް ނުދައްކައެވެ. ސިޓީތެރެއިން ގަނޑުފެން ވިރި ހުސްވިޔަސް ފަރުބަދަމަތީގެ ސަރަހައްދަށް ވާތީ ބައެއް ގަނޑުފެން ފުނިތައް ފެންނަން ހުއްޓެވެ. އުޑުމަތި ވަނީ އަޅިކުލައިގެ ވިލާތަކުން ފުރިފައެވެ. ތިރީގައިވާ ވާދީތައް ވެސް ފެންނަނީ ދުންފިނިގަނޑެއް ހެންނެވެ. ތިރިއަށް ބަލާލިޔަސް ބޮލަށް އެނބުރުން އަރައިގެން ދާހާ އުސް ހިސާބެކެވެ. ބައެއް ދިމާލުން ކަނޑައިގެން ގޮސްފައި ހުންނަ ތަނަކުން އަރިއަޅާލިޔަސް ތިރީގައިވާ ވާދީތަކުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ އެވެ. ބޮޑެތި ހިލަގަނޑުތައް ވެސް ބައެއް ދިމާލުން އަނގަހުޅުވާލައިގެން ތިބެނީ މީހަކު ދިރުވައިލަން ބޭނުންވެފައިވާ ފަދަ ގޮތަކަށެވެ.

ފަޒާއޮތީ ފުދޭވަރަކަށް ފިނިކޮށެވެ. ދޭތެރެއަކުން ޖެހިލާ ވައިރޯޅިތައް ވެސް ހީވަނީ ގަނޑުވެފައިވާހެންނެވެ. ނަމަވެސް ޒެވިޔަންއާއި ރިޔާ ތިބީ ހެދުމުގެ މަތިން ކޯޓު ލައިގެން ފިނިން ސަލާމަތްވެގެން ކަމަށްވާތީ އެހާ އުނދަގުލެއް ނުވެއެވެ. ދެ ޒުވާނުން ހާމަޔަށް އޮތް ތަނެއްގައި ކުއިލްޓެއް ފަތުރާލާފައި، ޕިކްނިކް ބާސްކެޓްތައް ރޫޅާލައިފިއެވެ. ކުޅު ދިޔާވާ ފަދަ ހޫނު ކާއެއްޗެއްސާއި، ބުއިންތަކެވެ. ފިނި މޫސުމުގައި ހުރިހާ ތަނެއް ހުދާއި ކަޅުން ފެންނައިރު އެޒުވާނުން ތިބި ހިސާބުވަނީ ކުލަތަކުން ފަވާލާފައެވެ. ދެމީހުން މަޖާ ވާހަކަތަކެއްގައި ތިބިއިރު ވަށައިގެންވާ އެހެން އެއްވެސް ކަމެއްގެ ފިކުރެއް ނެތް ފަދައެވެ. މައްސަލަ ޖެހުނީ ޒެވިޔަން އަށް ފޯނެއް އައިސްގެން އޭނަ ތެދުވެގެން ތަންކޮޅެއް ދުރަށް ޖެހިލުމުންނެވެ. ރިޔާ ތުންފިއްތާލައިފި އެވެ.

"ޒެވިޔާ ކާކުތަ؟ " ރިޔާ ގޮވާލުމުން ވެސް ޒެވިޔަން ޖަވާބެއް ނުދިނެވެ.

ރިޔާ ޒެވިޔަންގެ ފަސްފަހަތުން ގޮސް އަރާހަމަވި ވަގުތު ޒެވިޔަން "މިރޭ ދާނަން އިނގޭ، ލަވް ޔޫ ބޭބީ " އެހެން ބުނެލި އަޑު އިވުމުން ރިޔާއަށް ހީވީ މީހަކު އޭނަގެ މޭގައި ގޮށްމުށްކަވާފައި ޖެހިހެންނެވެ. މެޔާއި ދިމާލުގައި އަތްއަޅައިލެވުނެވެ. ޒެވިޔަން އަށް އެނބުރި ބަލައިލެވުނު އިރު ރިޔާގެ ދެލޯ ނޭނގޭ ވައްތަރެއްގެ އަލިފާނަކުން އަނދަމުން ދާތަން ފެނުނެވެ. ރުޅިއާއި ހިތާމަ އެއްވުމުން ހުންނާނީ އެފަދަ ގޮތަކަށެވެ. އެ ބެލުމުން ޒެވިޔަންގެ ހިތް ވެސް ފިއްސާލިހެން ހީވި އެވެ. ރިޔާ އާއި މެދު ޒެވިޔަން ހަމްދަރުދީވި އެވެ. އިންތިހާއަށެވެ. އަލީނާއެކޭ އެއްފަދައިން ރިޔާދެކެ ލޯބިވާ ކަމަށާއި، އެކީގައި އުޅެން ބޭނުންވާ ކަމަށް ބުނެ ހިތްހަމަޖައްސައިދޭން ޒެވިޔަން ބޭނުންވި އެވެ.

"ލިސެން ބޭބީ، އަހަރެން ކިޔައިދީފާނަން ހަގީގަތް، ޔޫ ހޭވް ދަ ރައިޓް ޓު ނޯ........" ޒެވިޔަން އެއް ފިޔަވަޅު ކުރިއަށް އަޅަމުން ރިޔާގެ އަތުގައި ހިފާލަން އުޅުނީ ހިނިތުންވުމަކާއި އެކުގައެވެ. އެ ރީތި ފެހި ދެލޮލުގައިވި ދަގަތްފާނުގެ ބާރުގެ ސަބަބުން ރިޔާގެ ހިތަށް ގޮތެއްވި އެވެ. ރުޅިފިނިވާން ވެސް އުޅުނެވެ. އެ ބާރުގަދަ އަތުގެ ހޫނުކަމުގެ ތެރެއަށް ވިރިގެންދާން ވެސް ހިތް އެދުނެވެ. ހުރިހާ ކުށްތަކަށް މާފުކޮށްފައި ޒެވިޔަން އާއި އެކީގައި އޭނައަށް ވެސް އުފަލުގައި އުޅެވިދާނެ އެވެ. ހާސް އަނބިން ތިއްބަސް ޒެވިޔަން ހާދަ ރަނގަޅެވެ. ރިޔާ އާއި ވެސް އަޅައިލަ އެވެ. މާޒީގެ އެތައް ދުވަހެއް ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ ލޮލުގެ ކުރިމަތީގައި ސިފަވެގެން ދިޔައެވެ. ނަމަވެސް ރިޔާގެ ސިކުނޑިއަށް ޝައިތާނާ ވަދެ ވަކި ހިއްޕާލާފައި ހިތް އަނބުރައިލަން ހިނދުކޮޅެއް ވެސް ނުނެގި އެވެ. ލޯތްބަށްވުރެ ވެސް އެވަގުތު ރިޔާއަށް އިސްކަން ދެވުނީ ހަވާނަފުސަށެވެ.

"ޔޫ ލައިޑް ޓު މީ، ހައު ޑެއަރ ޔޫ، އަހަރެން ބޭނުމެއް ނޫން އިތުރު ދޮގުތަކެއް އަޑުއަހާކަށް، ސްޓޭ އެވޭ ފްރޮމް މީ، އެންޑް އެ ބިޗް ގާތަށް ދޭ، ހީކުރީތަ އަހަންނަށް އެކައްޗެއް ވެސް ނޭނގޭކަމަށް ޒެވިޔާ، ތީ ހާދަ އަންފެއިތްފުލް މީހެކޭ........." ރިޔާ ހަޅޭއްލަވައިގެންފައި ކުއްލިއަކަށް ޒެވިޔަންގެ މޭގައި އަތްއަޅާ ކޮށްޕާލި އިރު ޒެވިޔަން ހުރީ ކޮންތާކު ކަމެއް ރިޔާވެސް ވިސްނައެއް ނުލައެވެ. ޒެވިޔަން ހުރި ހިސާބުގައި ކޮންމެވެސް ވަރަކަށް ގަނޑުފެނުގެ އަސަރު ހުރިއިރު އެހިސާބު އޮތީ ކައްސާލާ ފަދަ ގޮތަކަށެވެ. އެހެންނޫނަސް ޒެވިޔަން އެހާވަރަށް ސަމާލުކަމެއް ނުދީ ހުރުމާއި، ރިޔާ އެފަދަ ހަރަކާތެއް ކޮށްފާނެ ކަމަށް ވިސްނައިނުލާ ހުރުމުގެ ސަބަބުން ފައި އަރިއަޅައިލައިފި އެވެ. އޭނައަށް ތިރީގައި އޮތީ ވާދީއެއްކަން އެ ސިކުންތުކޮޅުގެ ތެރޭގައި ރޭކާލުމާއި އެކު އެތާހުރި ގަހެއްގައި ހިފަހައްޓަން އަތްދިއްކޮށްލަން ވެސް އުޅުނެވެ. ރިޔާއަށް ވެސް އެ މަންޒަރު ފެނުމުން ކަރު ފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަންނަމުން ޒެވިޔަންގެ ގައިގާ ހިފަހައްޓަން ކުރިއަށް ޖެހިލިއެވެ. ނަމަވެސް ޒެވިޔަން އެ ވާދީގެ ތެރެއަށް ވެއްޓުނީ އޭނަގެ ލޮލުގެ ކުރިމަތީގައެވެ. ރިޔާ އެގަހުގައި ހިފަހައްޓަމުން ތިރިއަށް ބަލައިލި އިރު ފަންސާހަކަށް ފޫޓް ތިރީގައި ޒެވިޔަން ހަރަކާތެއް ނެތިފައި އޮތެވެ. އެދިމާލުގައި ކުދި ލޭގެ ކޯރެއް ހެދިފައިވާ ތަން ފެނުމުން ރިޔާގެ މޫނުމައްޗަށް އަނދިރިވާގޮތް ވިއެވެ. 

"ޒެވީ....." ރިޔާ ބާރަކަށް ރޮއިގެންފައި އެ ފުން ވާދީގެތެރެއަށް ފުންމައިލަންވެސް އުޅުނެވެ. ހިލަތަކުގައި ބޯ ތަޅައިގެން ފިސްކުރަން ވެސް އުޅުނެވެ. އެ ޚިޔާލުގައި ހުރެ އެއްފަހަރު ހިލަގަނޑުގައި ބޯ ޖެހުމުން ތަދުވެ ލޭގަނޑު އޮހިގަތުމުން ތެދުވުމާއި އެކު ޒެވިޔަންއަށް އެހީވާން ހިތް އެދި ގޮވަން ފެށި އެވެ. އޭނަ ގުޅަންވީ ފަރާތް ފަރާތަށް ގުޅިއިރު ވެސް ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ރިޔާ އަސަރާއި އެކު އޭނަ ދުނިޔެއިން އެންމެ ލޯބިވާ ފަރާތާއި ދިމާއަށް ބަލައިލަމުން ހިލަތަކުގައި ހިފައިގެން ތިރިއަށް ފޭބިއެވެ. ޒެވިޔަން އޮތް ހިސާބަށް ދެވުމާއި އެކު އޭނަ ޒެވިޔަންގެ ގައިގައި ހިފައިގަނެގެން ރޮއިރޮއިފައި ގޮވަމުން، ލޯ ހުޅުވަން އެދި އާދޭސް ކުރި އެވެ. ރިޔާ ޒެވިޔަންގެ ބޯ އުނގުގައި ބާއްވައިގެން އިނދެ މާފަށް އެދެމުން ދިޔައިރު ރިޔާގެ ހެދުން ތަތްތެޅިފައި ވަނީ ޒެވިޔަންގެ ލެއިންނެވެ. ރިޔާ ޒެވިޔަންގެ މޫނުގައި ބޮސް ދިނެވެ.

"ޕްލީޒް ޑޯންޓް ޑައި، ޕްލީޒް ލޯ ހުޅުވާލަބަލަ، އެންމެ ފަހަރަކުވެސް ބަލައިލަބަލަ، ހެޔޮނުވާނެ، ޒެވިޔާ، އަހަންނަށް ކަންތައް ކުރެވުނީ ބޭއިންސާފުން، އެންމެ ފަހު ވަގުތުގައި ވެސް ޒެވިޔާ ވާހަކަދެއްކީ ރީތިކޮށް، އަހަރެން އެއްވެސް އަދަބެއްނެތި ވާހަކަދެއްކީ، ގޯޑް ޕަނިޝްޑް މީ ފޯ ދެޓް، އައި ޑިޒާވް އިޓް، ޕްލީޒް ޕްލީޒް ހަނީ........." ރިޔާ ކިތަންމެ ޝަކުވާއެއް ކުރިޔަސް ޒެވިޔަން ދެން އެރީތި ދެލޯ ހުޅުވައެއް ނުލާނެ އެވެ. ރިޔާ އަށް ހަނދާންވީ އޭނަގެ ދަރިފުޅުގެ މަތިންނެވެ. ކުޑަ ކުޑަ ނިކީގެ ހަދާންތައް އާވުމުން ހިތުގެ ރިހުން ބޮޑުވިއެވެ. ހީވީ ހިތުގެ ހުރިހާ ނާރުތަކެއް ވެސް ފަޅައިގެން ދިޔަހެންނެވެ. ރިޔާ މޮޔައެއް ފަދައިން އަޑުކޮޅަށް ހަޅޭއްލަވާފައި ރުޔެވެ. މުޅި ވާދީގެ ތެރޭގައި ވެސް އެއަޑު ގުގުމައިގެން ދިޔައެވެ. އެ ހިތާމައިގެ ސަބަބުން ރިޔާއަށް ޓަކައި ހުރިހާ އެއްޗެއް ވެސް ހަމްދަރުދީވިހެން ހީވިއެވެ. އުޑުގައި ދަތުރުކުރަމުންދިޔަ ވިލާތައް ވެސް މަޑުޖެހިލިހެން ހީވި އެވެ. ހިލަތައް ވެސް މަޑުވެއްޖެ އެވެ. ގަސްތައް ވެސް ހިމޭންވެލި އެވެ.

"ޒެވިޔާ، ޕްލީޒް ފޮގިވް މީ........"ރިޔާ ރޮއިރޮއިފައި ޒެވިޔަންގެ ލޯ ހުޅުވަން މަސައްކަތް ކުރަމުން ދަނިކޮށް އޭނައަށް ހީވީ ހުރިހާ ތަނެއް އަނދިރިވާން ފެށިހެންނެވެ. ތަންތަން ފުސްވެ އަނދިރިވަމުން ދިޔައިރު ކޮންމެވެސް މީހަކު އޭނަގެ ގައިގައި ހިފަހައްޓާފައި އޮކްސިޖަން މާސްކެއް ވެސް އަޅުވައިލިހެން ހީވިއެވެ. ދެން ވީނުވީއެއް ނޭނގުނެވެ. ރިޔާ އަށް ހޭލެވުނުއިރު އޭނަ އޮތީ ހޮސްޕިޓަލުގެ އެނދެއްގައި އައިވީ ގުޅައިފަ އެވެ. އޭނަގެ ގާތުގައި ޒީބާގެ އިތުރުން ޑޮކްޓަރެއް ވެސް ފޯނު ކަންފަތުގައި ޖަހާލައިގެން ހުއްޓެވެ. ޒީބާގެ ރަތްވެފައިވާ ދެލޮލުން އަދިވެސް ކަރުނަ ނުހިކެ އެވެ.

"ދަރިފުޅާ، ޒެވިޔާ އެތަނުން ވެއްޓުނީ ކިހިނެއްތަ؟ ޒެވިޔާމެންނަށް އެހިސާބު ކިހާ ރަނގަޅަށް އެނގޭނެ....ދެން އެވީ ކިހިނެއްތަ؟" ޒީބާ ރިޔާގެ އިސްތަށިގަނޑުގައި ފިރުމާލަމުން އޯގާތެރިކަމާއި އެކުގައި އަހާލައިފިއެވެ. ރިޔާ އަށް ލޮލުގެ ކުރިމަތީގައި އެ ބިރުވެރި މަންޒަރު ތަކުރާރުކޮށް ފެންނަމުންދާހެން ހީވިއެވެ. ހިތާއި، ފުރާނަ ވެސް ރޮއިގަތެވެ. އޭނަވެސް ބޭނުމީ ފަނާވެދިޔުމަށެވެ. އޭނަ އެކަމަށް ކެތް ކުރާނީ ކިހިނެއް ހެއްޔެވެ؟ ރިޔާ ރޮއިފާ އޭނަ ރުޅިއައިސްގެން ޒެވިޔަން ކޮށްޕާލެވުނީ ކަމަށް ބުނިވަގުތު ރިޔާގެ މޫނުމައްޗަށް ވަރުގަދަ އެތިފަހަރެއް އަރައިގެން ދިޔައެވެ.

"ޔޫ ކިލްޑް މައި ސަން...." ޒީބާގެ ލޮލުން ރިޔާއަށް ފެނުނީ ދުވަހަކު ވެސް އޭނަ ނުދެކޭ ފަދަ ނަފްރަތެކެވެ. އެ ނަފްރަތު އޭނައަށް ހައްގެވެ. އެންމެން އޭނަދެކެ ރުޅިއަޔަސް އޭނަގެ ފަރުވާލެއް ނެތެވެ. އޭނަ މަރާލިޔަސް ހެވެވެ. އޭނަގެ ހިތާމައަށް އޮތް ފަރުވާއަކީ މަރެވެ. ޒީބާގެ އެ ޖުމްލަ ރިޔާގެ ހިތަށް އެ ވެއްދި ބިރުވެރިކަމަކުން "ބިރު " އެ އިހުސާސަކީ ކިހާ ބާރު ގަދަ ޖަޒުބާތެއްކަން އަންގައިދީފި އެވެ. ރިޔާގެ ހަށިގަނޑުގެ ކޮންމެ ސެލްއެއް ވެސް ގުޑައިގެން ދިޔައެވެ. އެ ޚަބަރުން އޭނަގެ ދުނިޔެވެސް އެއްފަހަރާ ނިމިގެން ދިޔަކަން އިއުލާންކޮށްފި އެވެ. ސިކުނޑި ފަޅައިގެން އެތިކޮޅުތަކަށް ބުރައިގެން ހިނގައްޖެ އެވެ. ނިކީ މަރުވި ދުވަހުވެސް އޭނަގެ ހިތް މިހާބޮޑަށް ހަލާކެއް ނުވިއެވެ. އޭނައަށް ކެތެއް ނުކުރެވޭނެ އެވެ. ޒެވިޔަންގެ ވަކިވުމަށް އޭނަ އަށް އެއްގޮތަކަށް ވެސް ކެތެއް ނުވާނެ އެވެ. ރިޔާ މޫނުގައި އަތްއަޅާފައި މޮޔައެއްހެން ބާރަށް ހަޅޭއްލަވައިގަތެވެ. ޑޮކްޓަރުވެސް ކަންބޮޑުވެފައި ހުރެ ރިޔާއާއި ދިމާއަށް އަޔެވެ. ފުރާނަ ފަދަ ލޯބިވާ ދަރިފުޅަށް ޓަކައި ހިތާމައިގައި މޮޔަވާވަރު ވެފައި ހުރި ޒީބާގެ ހިތަށް ވެސް އެ ވަގުތު އަސަރު ކުރި އެވެ. އޭނައަކީ ހިލަހިތެއްގެ ވެރިއެއް ނޫނެވެ. ނަމަވެސް ޒީބާގެ ލޮލުގައި ގިނަވެގަތް ކަރުނަތައް ފޮހެމުން ޒީބާ ނުކުތީ ބޭރަށެވެ.

މަރަކީ ކޮންމެ އިންސާނެއްގެ ކައިރީގައި ހިޔަނި ފަދައިން ވާ އެއްޗެކެވެ. ކިތަންމެ ޅަޔަސް، ރީއްޗަސް މަރުގެ ވަގުތު ޖެހުމުން ލަހެއް ފަހެއް ނޯންނާނެ އެވެ. ލޯބިވާ ކޮންމެ މީހަކީވެސް ވަކިވެގެން ހިނގައިދާނެ މީހެއްކަން އެނގޭއިރު ދުނިޔޭގައި ވާ ދުވަސްކޮޅު ރީތި ހަނދާންތައް ގިނައިން ރައްކާކުރަން ޖެހޭނެ އެވެ. ނަމަވެސް ރިޔާއަށް ކުރެވުނުހާ ވެސް ކަމަކީ އެންމެ ލޯބިވާ ޒުވާނާގެ ހިތަށް ތަދުކުރުމެވެ. އަނިޔާކުރުމެވެ. ފަހުން ދިމާވެދާނެ ހާދިސާއަކަށް އޭރު ވިސްނައެއް ނުލެވުނެވެ. ރިޔާ ހީކުރީ ޒެވިޔަން ވެސް އަބަދު ދުނިޔޭގައި އޭނަ އާއި އެކީގައި ސަކަރާތް ޖަހަން ހުންނާނެ ކަމުގައެވެ. އޭނަ ހެދިހާގޮތެއް ހަދައިގެން އުނދަގޫ ކުރިޔަސް އެހާ ފަސޭހައިން ވަކިވެގެން ނުދާނެ ކަމުގައެވެ. ނަމަވެސް އޭނަ އާއި ކުރިމަތި މިވީ ކޮންފަދަ ބޮޑު އިމްތިހާނެއް ހެއްޔެވެ؟ ހަޔާތަކީ ފެއަރީ ޓޭލް އެއް ނޫނެވެ. ބޭނުން ގޮތަކަށް ނުލިޔެވޭނެ އެވެ. ރިޔާގެ ލޮލުން އަންނަމުން ދިޔަ ކަރުނަތަކުގެ ތެރެއިން ވެސް ޒެވިޔަންގެ ރީތި ސޫރަ ނޫން އެއްޗެއް ފެންނަގޮތެއް ނުވިއެވެ. ރިޔާގެ ހިތަށް ލިބުނު އަނިޔާ އާއި ލޮލުގައިވާ ކަރުނަތައް އޭނަ ދުނިޔޭގައި ހުރިހާ ހިނދަކު ނުހިކޭނެ އެވެ.

"ރިޔާ، ދަރިފުޅާ، ދެން ނުރޮއިބަލަ......" ސީމާގެ އަޑު އިވުމުން މިއަދު ރިޔާ ވަކިން ބޮޑަށް ރުޅި އައެވެ. މަންމަ ވެސް އޭނައަށް ވިސްނައިދިން ނަމަ އެވެ. ރިޔާ އަތުން ޖެހިޖެހީނުން ސޫޕް ތަށި ވިއްސާލައިފި އެވެ.
"މިބުނީނު ނުކާނަމޭ، ނުކާނަމޭ....." ރިޔާ ހަޅޭއްލަވައިގަތެވެ. އެއާއި އެކު މަންމަގެ މޫނު މަތި މިލައިގެން ދިޔަތަން ފެނުމުން ރިޔާ ދެއަތުން މޫނު ފޮރުވައިގެން އިނދެ ގިސްލާން ފެށިއެވެ. 




ކޮމެންޓް 0