އަލީނާއަށް ޔަގީންނުވީ ހަގީގަތުގައި ވެސް އޭނަ "ޕްރިޒަން" އަކަށް ވަންނަ ދުވަސް ކައިރި ވެއްޖެކަމާއި، ހަޔާތުގެ އާ ބާބަކަށް ތައްޔާރުވާން ޖެހުނުކަމެވެ. ޒީބާ އާއިޒު ގާތުގައި އެއްޗެކޭ ބުނެލީ މަޑުމަޑުން ނިކަން ލޯބިންނެވެ. ދަރިން ދެކެ އޭނަ ލޯބި ވާވަރު އެ ކުލުނުން ފުރިފައިވާ ބަލައިލުމުންވެސް އެނގުނެވެ. ޒީބާ ހަރުކަށި، ނުލަފާ ބައި ދައްކައި ލަނީ އެކަނި އޭނައަށް ބާވައެވެ. ޒީބާގެ ފަރާތުން ކުޑަކުޑަ ލޯތްބަކަށް ނަމަވެސް އެއް އިރެއްގައި އަލީނާ އެދުނީ އޭނަގެ ހިތް ކިހާ މޮޔަވީމަ ހެއްޔެވެ؟

"އަލީނާ، ދޮގު ނަހަދާ ބުނެބަލަ ކާކުތަ ނިކީއަށް އެ ޗޮކްލެޓް ކާން ދިނީ؟" ޒީބާ ހަށަން ބަދެލަމުން ސުވާލު ކުރިއެވެ. އާއިޒުގެ ތޫނު ދެލޯވެސް އޭނަގެ މައްޗަށް ހުއްޓިފައިވާކަން އަލީނާއަށް އިހުސާސް ކުރެވުމުން އަލީނާ ރަނގަޅަށްވެސް ބިރުގަނެއްޖެއެވެ. ހިންދިރުވައި ލެވުނެވެ. އަލީނާ ހަދާންވީ ފިލްމުތަކުން ފެންނަ އެފްބީއައި އެޖެންޓުން ގެ ހަރުކަށި ކަމެވެ. ޒީބާ އާއިޒު ގޮވައިގެން އެއައީ ނިކީގެ މަރުގެ ޝަރީއަތް ކުރުމަށެވެ. އެނޫން ސަބަބެއް ވިސްނައި ގަންނާކަށްވެސް އަލީނާ އަކަށް ނޭގުނެވެ. އަލީނާގެ މޫނު ދަލުން ފެންވެރުނެވެ.

"ބުނޭ، ސީދަލަށް ބުނޭ ނުލަފާ ކުއްޖާ، އެ ޗޮކްލެޓް ދިނީ ކަލޭ ދޯ......" ޒީބާ އަމުރުވެރި ގޮތަކަށް އަހައިލަމުން އަދިވެސް ކައިރިއަށް ޖެހިލައިފިއެވެ. އަލީނާ ހަގީގަތް ހާމަކުރަން އުޅެފައިވެސް، އެތައް އެއްޗެއް އެއްފަހަރާ ހިތަށް އެރިއެވެ. ނާހީ ފަކީރުގެ ހުވަފެންތައް ފެނަށް ހަދައިލާނެ ހިތްވަރެއް އަލީނާގެ ނުވެއެވެ. އެހެން މީހުންގެ އުފާތަކަށް އިސްކަން ދީގެން ފަހުން ރަނގަޅު ގޮތެއް ވެދާނެ ކަންނޭގެއެވެ. އިހުސާންތެރި މިވެވެނީ ނާހީ ފަދަ އާދައިގެ ކުއްޖަކަށް ވިނަމަވެސް ހެވެވެ. އެއީ އޭނަގެ ދޮންބެގެ ލޯބިވެރިޔާއެވެ. ފަހަރިއެވެ. މަސްލަހަތަށް ޓަކައި ދޮގެއް ހެދިދާނެއެވެ.

"ލައްބަ. އަޅުގަޑު ޗޮކްލެޓް ދިނިން، އެކަމަކު އެއީ ޕީނަޓް....." އަލީނާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ޒީބާ ފުންމައިގެން އައިގޮތަށް އަލީނާގެ އަނގަ މައްޗަށް އެތިފަހަރެއް ވީއްލައި އަނގަ ފަޅައިލައިފިއެވެ. އާއިޒުވެސް އަނގަޔަށް ގޮތެއް ހަދާލީ ހައިރާންވެފައި ހުރެއެވެ. މަންމަ އެގޮތަށް ނިކަމެތި ކުއްޖަކަށް ހަމަލާދީފާނެ ކަމަށް އާއިޒު ފަހަރެއްގައި ވެސް ހިތަށް ނާރުވަނީ ކަންނޭގެ އެވެ. އަލީނާގެ އަނގައިން ލޭއަރުވައި ލުމުންވެސް ޒީބާ މައިތިރިއެއް ނުވިއެވެ. ޒީބާ އަލިފާންގަނޑެއް ހެން އަނދަމުން ގޮސް އަލީނާގެ ބުރުގާގައި ހިފައިދަމައި ގަތްގަތީނުން ބުރުގާ ޒީބާގެ އަތަށް ހިގައްޖެއެވެ. އަލީނާގެ ދެލޯ ބޮޑުވެ، އެމޫނު ކޯރަލް ކޮޅެއްހެން ރަތްވެގެން ދިޔައެވެ. އަދި އަލީނާގެ ދެލިކޮޅެއްފަދަ ވިދުންގަދަ ލޮލުގައި ބޮޑެތި ކަރުނަ ތިކިތައް އުފެދުނެވެ. ބިރުން ގޮސް ތުންފަތް ތުރުތުރު އަޅަމުން ދިޔައެވެ. ކަޅު ބުރުގާގެ ތެރޭގައި ފޮރުވިފައިވާ ރީތި އިސްތަށި ކޮޅާއި، ދޮންކުއްޖާ ފެނުމުން އާއިޒުވެސް ހައިރާންވިއެވެ. އާއިޒުއަށް އަލީނާ ފެނުނީ މައުސޫމް، ކުޑަކުއްޖެއްގެ ގޮތުގައެވެ. ނާދާން، މަހާ އަދި ލައިޝާގެ ސްޓައިލް އަންހެން ކުއްޖެކެވެ. އެކަމަކު ތަންކޮޅެއް ކުޑައީއެވެ. އެކުދިންނާއި ބަލައިފައި އިސްކޮޅާއި ހަށިގަނޑުވެސް މާނިކަމެތީ އެވެ. އާއިޒު އަލީނާއަށް ރޮވިފައި ހުރި ތަން ފެނުމުން ވަގުތުން ދުރަށް ބެލިއެވެ.

ޒީބާ އެގޮތަށް ގަޔަށް އަތްލައި އެންމެންގެ ކުރިމަތީގައި އޭނަގެ ހެދުންތައް ދަމައިގަންނަން އުޅެދާނެ ކަމަކަށް އަލީނާ ހިޔެއް ނުކުރެއެވެ. އެވަރުންވެސް އަލީނާގެ ފިޔަވަޅުތައް ހުރީ ބިންމަތީގައި ތަތްލަވާފައެވެ. ދުއްވައިގަންނާކަށް ވެސް ނުކެރުނެވެ. 

"ހުރި ނުބައިކަން ބަލައިލަބަލަ، މަގޭ ދަރިފުޅުގެ ހަޔާތް ބަރުބާދުކޮށްލައިފި، ކަލޭ ފުރަތަމަ ފެނުނުވ ދުވަހުވެސް އެނގިއްޖެ ތިއީ ސުންޕާ އަންހެނެއްކަން. ނޭގުނީ ވިހަލާނެ އިރެއް، ޕޮލިހުންނާއި ހަވާލެއްނުކޮށް ޝަރީއަތް ކުރާނީ މަ އަމިއްލައަށް......" ޒީބާ ދެވަނަ އެތިފަހަރު އަލީނާގެ ކަންފަތް މައްޗަށް ބޭލިއެވެ. އަދި ހެދުމުގެ ކަރުވަޅުގައި ހިފައި ދަމައި ގަތުމުން އަލީނާ އަށް ބާރަކަށް ރޮއިގަނެ ވިއްޖެއެވެ. އޭނަ އެންމެ ހާސްވީ ހެދުން ވީދައިގެން ހިނގައިދާނެތީއެވެ. އާއިޒުއަށް އެ މަންޒަރުތައް ދެކެން ހުންނާކަށް ނުކެރުނެވެ. ނިކަމެތި އަންހެން ކުއްޖެއްގެ ވޭނީ ރުއިމުން އާއިޒުއަށް އުދަގޫވިއެވެ. އާއިޒު ލޯތްބާއިއެކު މަންމަގެ އަތުގައި ހިފައި ދުރުކޮށްލަން މަސައްކަތް ކުރި އިރު ޒީބާ ވަނީ އަލީނާގެ އިސްތަށިގަނޑުވެސް އަނެއް އަތަށް އޮޅާލައިފައެވެ.

"މަމް ފީލްވާނެ ގޮތް އައި ކެން އަންޑަރސްޓޭންޑް... ބަޓް.. ޕްލީޒް މަމް..." އާއިޒުގެ ރީތި ދެލޮލުގައިވި އާދޭހަކާއި ބުނެލި ގޮތަކުން ޒީބާ ވަގުތުން އަލީނާގެ އިސްތަށިގަނޑުން ދޫކޮށްލައިފިއެވެ. ނަމަވެސް އަލީނާއަށް ކިތަންމެ ވަރަކަށްވެސް ތަދުކުރުވާލައިފިއެވެ. އެލޮލުން ފެން އަންނަމުން ދިޔައެވެ. އަލީނާގެ މޫނާއި، ކަނދުރާގެ ބައެއް ދިމާލުންވަނީ ރަތްވެފައެވެ.

"މިތަނުން ދުރަށް ދޭ ނޫނީ އަހަރެން ކަލޭ މަރައިލާނަން....." ޒީބާ ކަޅި އަޅައިގެންފައި، ހަޅޭއްލަވައި ގަތުމުން އަލީނާ ބިންމައްޗަށް އެއްލާލައިފައި އޮތް ބުރުގާ ނެގި ގޮތަށް، ދުވަމުން ގޮސް ކޮޓަރިއަށް ވަނެވެ. ނަސީބަކުން ނާހީ ފެންނާކަށްނެތެވެ. އަލީނާ އެނދަށް އެރިގޮތަށް މޭގައި ކަކޫޖައްސާލައިގެން އިން އިރު އޭނަގެ ހިތް ބާރަކަށް ތެޅެމުންދިޔައެވެ. ޒެވިޔަން އެތަނަށް ނައިކަން ނަސީބެކެވެ. ބުރުގާ ނާޅައި ހުރުމެކޭ، ހެދުންނުލައި ހުރުމެކޭ އޭނައަށް ވަނީ ދާދި އެއްވަރެކެވެ. އޭނައަކީ ބުރުގާ ނެތި އަންހެނުން ތިބޭ ތަންތަނަށް ދާން ވެސް ޖެހިލުންވާ ކުއްޖެކެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އާއިޒުއަށްވެސް އޭނަ ފެނުނީއެވެ. ޒީބާ ވަކިން ބޮޑަށް މަލާމާތް ކުރާނެއެވެ. އޭނަގެ އޮންނަނީ ހަންޑި އިސްތަށިގަނޑެކޭ ކިޔާނެ ކަންނޭގެ އެވެ. މިމީހުންގެ ފަން، ދިގު އިސްތަށިގަނޑު ރީތިވީމަ ކިހާ ހަޖޫޖަހާނެ ހެއްޔެވެ؟ ކިތަންމެ ވަރަކަށް ތަޅައި މެރިޔަސް އެންމެ ރަނގަޅެވެ. ނަމަވެސް އޭނަގެ ހެދުމަށް އަތްނުލި ނަމައެވެ. މިވީގޮތުން އަމިއްލަ ނަފުސްގެ އަގެއްނެތްކަން އަލީނާއަށް އިހުސާސްވީލެއް ބޮޑުވިއެވެ. "މެއިޑެއްވިޔަސް އަގެއް ހުންނާނެ، ބަޓް ޕަބްލިކްގައި ހެދުން ދަމައިގަނެ ނާސިއެއްހެން ފީލްކުރުވީމަ....." އަލީނާ ޒީބާ ދެކެ އިންތިހާއަށް ރުޅިގަދަވިއެވެ. އެރުޅިވެރިކަންވެސް ވިރެންފެށީ ލޮލުން އޮހިގަތް ކަރުނައިގެ ތެރެއިން ޒެވިޔަންގެ ރީތި ތަސްވީރު ފެންނަން ފެށުމުންނެވެ. އަމިއްލަ ބަދުނަސީބާއި މެދު ހިތް ސަހަރޯވެރިވިއެވެ. އޭނަވެސް ޕީނަޓަށް އެލާޖިކް ވާނެ ނަމައެވެ. 

ކުއްލިއަކަށް އަލީނާ ހަނދާންވީ އޭނަ ކުޑައިރު ގެ ހާދިސާއެކެވެ. އޭނަ ގަހަކަށް އަރައި އުޅެނިކޮށް އެގަހުގައި އިން ކުޅަދުރު ހަތާއެއްގައި އަތްލެވުނީއެވެ. ވަގުތުން ކުޅަދުރެއް އޭނަގެ ގަޔަށް ކަށި ހަރައިލުމުން ލޯދުޅަވެ ރަތްއެރިއެވެ. ބައްޕަ އޭނަ ހޮސްޕިޓަލަށް ގެންދިޔުމުން ޑޮކްޓަރު ބުނީ ސިވިއަރ އެލާރޖީއެއް ކަމަށެވެ. ކުޅަދުރު ވިހަވެއްޖެއްޔާ ބައެއްފަހަރު ކަށިޖަހާ ވަގުތު މާބޮޑުކަމެއް ނުވެހުއްޓަސް ފަހުން ފުރާނައަށް ނުރައްކާ ވާފަދަ ކަމެއް ވެދާނެ ކަމަށާއި އެހެންކަމުން އެފަދަ އެއްޗެއް ކަށި ހަރައިފިއްޔާ ވަގުތުން ޑޮކްޓަކަށް ދެއްކުމަށެވެ. ޑޮކްޓަރު ދެއްކި ވާހަކަތައް އޭނަ އަދިވެސް ހަދާން އެބަހުއްޓެވެ. އަލީނާ އަތްދިގު ހެދުމާއި، ހަރުވާޅުލެއްވުމަށާއި ކޮލޯން، ސެންޓު ފަދަ ކުޅަދުރުތައްވެސް ދަމައިގަންނަފަދަ އެއްޗެހި ބޭނުން ނުކުރަންވެސް އެދުނެވެ. "އެނެފެލެކްޓިކް ޝޮކް" އަކުން ނިކީ މަރުވެގެން ދިޔަގޮތަށް އޭނަގެ ނިމުންވެސް އަވަސް ވާނެނަމަ މާރަނގަޅެވެ. ނިކީ ޕީނަޓްއަށް އެލާޖީވުމާއި، ކުޅަދުރު ކަށިޖެހުމާއި އޭނައަށް ގުޅުވާލެވުނީ އަދި ކިރިޔާއެވެ. އޭނަ އާއި ނިކީ އެއްގޮތްވާ އެއް ކަންތައް އަދި ކިރިޔާ މިހަދާންވީއެވެ. ނިކީ އެލާޖިކް ވަނީ ކެވޭ އެއްޗަކުންނެވެ. އޭނަ ސޫތްޕެއް ކަށިޖަހައި ގެންނެވެ. ނަމަވެސް ދޭއްޗަކީވެސް ހަގީގަތުގައި އެއް މައްސަލައެކެވެ. 

މިގޭގައި ކުޅަދުރު ހަތާއެއް ހުންނާނެ ބާވައެވެ. އެކަމަކު އަމިއްލަ ފުރާނައަށް ގެއްލުންވާފަދަ ގޮތަކަށް އުޅުމުންވެސް ފާފަވެރިވާނެކަން ޔަގީނެވެ. ސުއިސައިޑާއި އެއްހަމަނުވާނެ އެއްވެސް ގޮތެއްނެތެވެ. އެކަމަކު ޒީބާއަށް އެނގިއްޖެއްޔާ ދެން އޭނަގެ ކޮޓަރިއަށް އެތެރެ ކުރާނީ ކުޅަދުރުހަތައެއް ކަންނޭގެ އެވެ. އަލީނާ ހިނިއަތުވެއްޖެއެވެ.

ޒީބާ ކޮޓަރިއަށް ދިޔަގޮތަށް ރުޅިގަނޑު މައިތިރިވެއްޖެއެވެ. އޭނައަށް ވެސް ވިސްނެމުން ދިޔައީ އަލީނާގެ ރީތި ކަމާއި މެދުގައެވެ. ހުރިހާ ރީތިކަމެއް ދެއްވިޔަސް ދުވަހަކުވެސް އިންސާނާގެ ހިތެއް ނުފުރޭނެއެވެ. އޭނަވެސް ކުޑައިރުއްސުރެ ބޭނުންވީ އަލީނާ ފަދަ ބުޅިއިސްތަށިގަނޑެކެވެ. އަޖައިބު ވަނީ އޭނަގެ އެއްބަނޑު އެއްބަފާ މީހުނާއި، ކުދިން އަދި ޖިލާ އާއި ރިޔާގެ ވެސް އެފަދަ އިސްތަށިގަނޑެއް ނެތީމައެވެ. ޚާންދާނުން އެފަދަ ރީތިކަން ފެނުނަސް އަމިއްލަ އާއިލާގައި ނެތީމަ ޒީބާ އެސިފަ ހޯދަން ބޭނުންވިއެވެ. އެހެން ހުއްޓާ ބުޅި އިސްތަށިގަނޑުގެ ތެރެއިންވެސް އޭނަ އެންމެ ހިތްކިޔާ ވައްތަރުގެ އިސްތަށިގަނޑު ގޭގެ މެއިޑްއަށް ލިބިފައި ވުމުން ހަސަދަވެރިވެސް ވިއެވެ. ނަފްރަތާއި، ހަސަދަވެރިކަން އެކުވެއްޖެއްޔާ ނުވާނެ ކަމެއް ނޯންނާނެއެވެ. ޒީބާ އެންމެ ބިރުގަތީ އާއިޒުގެ ހިތުގައި އަލީނާ އަޅައިގެންފާނެތީއެވެ.

ޒެވިޔަންގެ ކާފަ އާއި އާއިލާގެ އެތައްބަޔަކު އޭނައަށް ނަސޭހަތްތެރިވެދީ، ހިތްވަރުދީ ހަދައެވެ. އެވަރުންވެސް ޒެވިޔަންއަށް ފެންވެރުމާއި، ތުނބުޅި ބޭލުންފަދަ ކަންތައް ކުރުންވެސް ވެފައި ވަނީ ބުރަކަމަކަށެވެ. އޭނަ ބޭނުން ވަނީ އަބަދު އޮށޯވެލައިގެން އޮތުމަށެވެ. އަބަދާ އަބަދު ކަރުނަ އޮއްސުމަށެވެ. ނިކީގެ ހަދާނުގައި ޒެވިޔަން އެވީވަރު އެއާއިލާގެ އެހެންޒުވާނަކު ދަރިއަކު މަރުވެގެން ވާނެކަމެއް ނޭގެއެވެ. ޒެވިޔަން ގެ އެ ފުން ހިތާމައާއި ބައިވެރިވެގެން އޭނަގެ އެކުވެރިން އޭނަގެ ގާތުގައި ވަގުތު ހޭދަނުކުރާނަމަ ޒެވިޔަން އަމިއްލައަށް މަރުވެއްޖައީސް ކަންނޭގެ އެވެ. މިއަދުވެސް ޒެވިޔަން ތުނބުޅި ބޭލީ ހަޔެއްކަ ދުވަސް ފަހުންނެވެ. ފެންވަރައި ތާޒާވެލައިގެން ބޭރަށް ނިކުތް ގޮތަށް އެނދަށް ވެއްޓިގަންނަން ޚިޔާލުކޮށްލާފައިވެސް އެކުވެރިން ގެ އެދުމުގެ މަތިން ސައިބޮއިގެން ރިޔާ ދެކެލަން ދާން ކޮޓަރިން ނިކުތެވެ. ޒެވިޔަންއަށް ބެލްކަންޏާއި ދިމާލަށް ނަޒަރު ހިންގާލެވުމާއި އެކު ބަގީޗާތެރެ އޭނައަށް ފެނުނެވެ. މިވެސް އެތައް ދުވަހެއް ފަހުންނެވެ. ހިތަށް ވީ އުދަގުލެކެވެ. ނިކީ އެތަނުގައި ދުވެ ދުވެ އުޅޭތަން ލޮލަށް ފެނުނުހެން ހީވިއެވެ. ނަމަވެސް ޒެވިޔަން ހިތްވަރުކޮށްލާފައި، ފުން ނޭވަޔެއްލުމަށްފަހު ސިޑިން ފައިބައިގެން ތިރިއަށް ދިޔައެވެ. ރިޔާ އުޅެނީ ތިރީބައިގެ ކޮޓަރިއެއްގައެވެ. ޒެވިޔަން ކޮޓަރިއަށް ވަނުމާއިއެކު ފުރަތަމަވެސް އެފެނުނީ އޭނަ ދެކެން ބޭނުންނުވި މަންޒަރެކެވެ. ކޮޓަރީގައި ތިބީ ރިޔާއާއި ދާވިޝް އެކަނި އެވެ. 

ރިޔާ ކުރު ޓޮޕަކާއި، ސޯޓެއް ލައިގެން އެނދުމަތީގައި އިންއިރު ދާވިޝް އަތުން ލަވާފައި ކާންދެމުން ދާތަން ފެނުމުން ޒެވިޔަންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ހިގައްޖެއެވެ. ވަގުތުން އަނބުރާލާފައި ދާންވެސް ބޭނުންވިއެވެ. ޒެވިޔަން ދޮރުކަނީގައި އަތްވިއްދާލި ގޮތަށް ފާޑަކަށް ބަލަހައްޓައިގެން ހުރުމުން ދާވިޝް ތެދުވެގެން އައެވެ. ޒެވިޔަން ނިކުތީ ބޭރަށެވެ. ބެލްކަނީގައި ހިފާފައިވާ އޭސީގެ ފިނިކަމާއި އެކު ޖެހެމުންދިޔަ ވައިރޯޅި ތަކުންވެސް ޒެވިޔަންގެ ރުޅި ފިންޏެއް ނުކުރެވުނެވެ.

"ކަލޭ ދެން މިކޮޓަރިއަށް ނުވަންނާތި....." ޒެވިޔަން ކުޑަކޮށް ދާވިޝްގެ މޭގައި އަތްއަޅާ ކޮށްޕާލުމުން ދާވިޝް ހައިރާންވިއެވެ. ނަމަވެސް ވަރަށް އަވަހަށް ހަމަޖެހިލާފައި ހީލިއެވެ.

"ޒެވިޔާ، ޑޯންޓް ޑޫ ދިސް، ޝައްކު ބަލިޖެހެން ވެއްޖެއްޔާ ރިގްރެޓް ކުރާވަރުގެ މޮޔައެއްވެސް ހެދިދާނެ، އަހަންނާއި އާއިޒު މިއީ ރިޔާއަށް ބޭބެއިން ކަމަށް ދެކެބަލަ. އާއިޒު އެތަނުގައި ރިޔާއަށް ހެލްޕްވާން އިނިއްޔާ ޒެވިޔާ ރުޅި އަންނާނެތަ؟ ކަމޯން ޑޫޑް، އަހަންނަކީވެސް އާއިޒް ފަދައިން ބްރަދަރ އެއް، ފްރެންޑެއް، ސޯ އަހަރެންވެސް ރިޔާ....." ދާވިޝް ރެއިލިންއަށް ލެގިލަމުން ހަމަޖެހިލިއެވެ. އެލޮލުގައި ނަށަނަށައި ހުރީ ލާނެތް ކަމެވެ. އެއީވެސް ޒެވިޔަންއަށް ކޮށްލި މަލާމާތެއް ކަމަށް ޒެވިޔަން ދެކުނެވެ. ޒެވިޔަން ގެ މުށްކެވިގެންދިޔަ އަތް ޖިންސްގެ ޖީބަށް ޖަހަމުން އޭނަ ދާވިޝްގެ މޫނުމަތީގައި ނުޖަހައި ވޭތޯ އިންތިހާއަށް ކެތްކުރިއެވެ. ފާޅުގައި އޭނަގެ އަންހެނުންނަށް އުދަގޫ ކުރަމުން ފަހަތުން ނުނެއްޓިގެން އުޅެންޏާ އޭނަ ވީ ހިމޭނުން ހުންނަން ހެއްޔެވެ؟ އެ މަންޒަރުތައް ފެނި، ފެނި އޭނަގެ ސިކުނޑި މުޅިން ފިއްސާލައިފިއެވެ.

"ޝަޓަޕް.. ތިދުލުން ރިޔާގެ ނަންވެސް ކިޔައިގެންނުވާނެ، އާއިޒުއަކީ އަހަރެންގެ ހުރި އެންމެ ކޮއްކޮ، ތިއީ ސްޓެޕްބްރަދަރ. ބޮޑުތަފާތެއްދޯ، އެހެންނޫނަސް ބަލަ އާއިޒު ދަނެއޭ ރިޔާ އަކީ އޭނަގެ ފަހަރިކަން، އޭނަ ނޫޅޭ ފަހަރި އަކީ ކިހާވަރެއްގެ މީހެއްކަން ނޭގިގެނެއް، ތިއީ ނުވިސްނޭ މީހާ، ބޭބެއަކުވެސް ނޫޅޭނެ ހަތަރުދަމު ހިޔަންޏަށް ވެގެން ފަހަތުން، އަދި އާއިޒު އޭ ކިޔައިގެން ކަންހަމަޖައްސައިލަން މަސައްކަތް ކުރާއިރު އާއިޒު ނޫޅޭނެ ކަލޭހެން ގޮތްކުޑަވެގެން މަގޭ އަންހެނުންގެ ގަޔަށް އަރާކަށް...." ޒެވިޔަން ރުޅިގަދަވެގެން އެހެންބުނި އިރުވެސް އޭނައަށް ދާވިޝް އާއި އޭނަގެ އޮތް ލޭގެ ގުޅުންވެސް ނޭގެނީ އެއްނޫނެވެ. ދާވިޝްއަކީ އޭނަ އާއި ރިޔާގެ ވެސް ބޮޑުބޭބެގެ ދަރިފުޅުވެސްމެއެވެ. ހުރިހާ ދިމާލަކުން ގުޅިލާމެހިފައިވާއިރު އެހާ ގާތް އެކުވެރިއެއް ވެސްމެއެވެ. 

"ޒެވިޔާ........" ދާވިޝްއަށް ބާރަށް ބުނެލެވުނެވެ. އޭނަގެ މޫނުމަތިންވެސް ކުޑަކޮށް ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވެގެން ދިޔައެވެ. ނަމަވެސް އޭނަ ޚިޔާރުކުރީ އިތުރު ހަގުރާމައަކަށް ނުގޮސް އެތަނުން ދިޔުމެވެ.

"ރިޔާ އާއި ވާހަކަދެއްކިތަން ފެނުނަސް ދެން ނިމުނީ......" ޒެވިޔަން މަޑުމައިތިރިކޮށް ވާހަކަދެއްކި ނަމަވެސް އެއަޑުގައި ހަރުކަށިގޮތެއް ހުއްޓެވެ.

"ތްރެޓްކުރާ ހިސާބަށްވެސް ދިޔައީތަ؟ އަހަރެންގެ އިންޓެންޝަނާއި މެދު ޒެވިޔާ ޝައްކު ކުރީތީ ވަރަށް ދެރަވެސް ވެއްޖެ، އަދި ޒެވިޔާ ރިޔާ ދެކެ ލޯބިނުވާކަން އެގޭއިރު ތިގޮތަށް ޖޭވީމަ ސަރޕްރައިޒް އިނގޭ، ނައިސް ޗޭންޖެއްހެން ހީވޭ، ޒެވިޔާ ނެތީމަ އަހަރެން ރިޔާ އާއި އަޅައިލީ ހަމައެކަނި ހެޔޮއެދޭ މީހެއްގެ ހައިސިއްޔަތުން ބަޓް ޒެވިޔާ ވިސްނީ އެންމެ ނުބައިކޮށް، އެނީވޭސް ރިޔާއަށް ރަނގަޅަށް ޓްރީޓް ކުރާތި އިނގޭ......." ދާވިޝް ފޯނާއި ކުޅެމުން ކޮރިޑޯރ ހުރަސްކޮށް ސިޑިން ފައިބައިގެން ދިޔައީ ހިތްހަމަނުޖެހިފައި ހުރެ ކަންނޭގެއެވެ. ޒެވިޔަން ބެލްކަނީގައި އިރުކޮޅެއްވާންދެން ހުރެ ރުޅި ފިނިކޮށްލައިގެން ކޮޓަރިއަށް ވަދެ ދޮރު ތަޅުލައިފިއެވެ.

ރިޔާއަށް ޒެވިޔަން ފެނުމާއި އެކު ޒެވިޔަންގެ ގައިގައި ބައްދައިގެންފައި ރޯންފެށި ގޮތަކުން ޒެވިޔަންގެ ހިތަށްވެސް ތަދުވިއެވެ. ނުރޮވި ކެތްކުރެވުނީ ހަމަ ކިރިޔާއެވެ.

"ނުރޮއި ބޭބީ، ކެތްކުރަން ވާނެ އިނގޭ......" ޒެވިޔަން ރިޔާ ގެންގޮސް އެނދުގައި ބޭންދިއެވެ. 

"ހަނީ، އަހަންނަށް މާފު، އަހަރެމެންގެ ދަރިފުޅު... އިޓް ވޯޒް މައި ފޯލްޓް......." ރިޔާ މޫނުގައި ދެއަތް އެޅިއެވެ.

"ރިޔާ މާފަށް އެދޭކަށް ނުޖެހޭނެ، އަހަރެން ނުބުނަމެއްނު ރިޔާގެ ސަބަބުންނޭ އެކަންތައް ހިގީ، ދަރިފުޅު ދާންވީމަ ދިޔައީ އެހެންވީމަ އެކަމުގައި ރިޔާ އަމިއްލައަށް ކުށްވެރިވާކަށް ތަނެއްނެތެއްނު، އެހެން ވިސްނާކަށް ނުވާނެ، ދެން ހުއްޓާލަބަލަ...." ޒެވިޔަން ގެ އިނގިލިތަކުން ރިޔާގެ ކަރުނަތައް ފޮހެދިންއިރު ޒެވިޔަންގެ ލޯވެސް ތެމުނެވެ. އޭނަ ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކުރަމުން ކަރުނަތައް ދިރުވާލި ނަމަވެސް އެ މައުސޫމް ދަރިފުޅަށްޓަކައި ހިތް ފުރުނެވެ. އެކަމަކު ކޮންމެ ގޮތެއްވިޔަސް އޭނަ ރިޔާ ކުށްވެރި ކުރާކަށް ބޭނުމެއް ނޫނެވެ. ރިޔާއަކީ ވެސް އިންސާނެކެވެ. މަލާއިކަތެއް ނޫނެވެ. އިންސާނެއްގެ އިހުމާލުން ކޮންމެފަދަ ކަމެއްވެސް މެދުވެރި ވެދާނެއެވެ. ރިޔާއަށް އިތުރު ދަރިއަކު ނުލިބޭނެކަން އެނގުނު ދުވަހު ރޮއިރޮއި ހަލާކުވިއެވެ. އެވަރުގެ ކުއްޖާގެ ހުރި އެންމެ ދަރިފުޅު ދެކެ ލޯބިވި ވަރަށް އެހެން މީހަކަށް ލޯތްބެއް ނުވެވޭނެއެވެ. މަންމަ އެއްގެ ލޯތްބަކީ އެހާވެސް މަތިވެރި އެއްޗެކެވެ. ނަމަވެސް ޒެވިޔަންއަށްވެސް ރިޔާ އެކޭ އެއްފަދައިން ނިކީދެކެ ލޯބިވެވުނެވެ. އަމިއްލަ ފުރާނައަށް ވުރެވެސް އޭނަ ލޯބިވި އޭނަގެ ތުއްތު ދަރިފުޅުގެ ހަދާންތައް އޭނަގެ ހިތްވެސް ކަފައި ކުދިކުދި ކުރަނީ އެވެ.

"އަހަރެން ކިތަންމެ ވަރަކަށް ނިދަން އުޅުނަސް ބޭސްނުކައި ނުވެސް ނިދޭ، ޒެވިޔާއަށް އެގޭތަ؟ އެދުވަހު އަހަރެން ގެ ގާތުގައި ހުރެ ނިކީ އެ ޗޮކްލެޓް ކެއީ، އަހަންނަށް ފަރުވާ ކުޑަކޮށްލެވުނީ، އެންމެ ކުރިންވެސް ހިތަށް އެރި ނިކީ ޗޮކްލެޓް ކަނީއޭ ބުނީމަ ބަލައިލެވުނު ނަމައޭ. ސޮރީ ހަނީ، ބުނި ގޮތަށް ނެހެދުނީމަ......." ރިޔާ އަސަރާއިއެކު ބުންޏެވެ.

"އިނަފް ރިޔާ، ބުނެފީމެއްނު ތިގޮތަށް ދެން ނުރޯށޭ، އަމިއްލަ ނަފުސް ކުށްވެރި ނުކުރާށޭ. އަހަރެން ގަބޫލެއް ނުކުރަމޭ ރިޔާގެ ކުށެއް ތިކަމުގައިވާ ކަމަކަށް، އެނިމުނީނު، ބޭބީ އެލާޖިކް ވާކަން އެނގިހުރެ ދިންމީހާ މަގޭ ގާތުގައި ކުށްވެރިވީ. އެކަމަކު އެމީހަކަށް އަދަބު ދިނަސް އަހަރެމެންގެ ބޭބީ އަނބުރާ އަންނާނީ އެއްވެސް ނޫން، އެހެންނޫންނަމަ ވަގުތުން އަހަރެންގެ ދެއަތުން އެމީހަކު މަރާލައިފިން....." ޒެވިޔަން ރިޔާއަށް ވިސްނައިދިނެވެ.

ޒެވިޔަން އަލީނާގެ މަތިން ހަދާންވީމަވެސް ފޫހިވިއެވެ. އަލީނާ އޭނައަށް މެސެޖް ފޮނުވަންވެސް ޖެހިލުމެއް ނުވިއެވެ. ވަރަށް ކުރުކޮށް، ފޫހިކޮށް ފޮނުވާލި މެސެޖެކެވެ. ހީވަނީ ގަސްތުގައި އޭނަ ގެއިން ފޮނުވައި ލާތީ ޒެވިޔަންގެ ފަރާތުން ބަދަލުހިފާލައި، ތަޅުވައިލަން ވެގެން ކުރިކަމެއް ހެންނެވެ. ރަނގަޅަށް ވިއްޔާ އެކުޑަކުއްޖާ އެކަން ކުރީވެސް ނުބައި ނިޔަތެއް ގައެވެ. އެހެންނޫންނަމަ އެގޮތަށް މެސެޖް ކުރުމުގެ ބޭނުމެއްވެސް ނޯންނާނެއެވެ. އެފަހުން ޚަބަރެއްވެސް ނުވިއެވެ. ޗޮކްލެޓް ދެވުނީތީ އެކަމާއި މާފަށް ނޭދުނުތާގައި، ތައުޒިޔާގެ މެސެޖެއްވެސް ނުފޮނުވުނެވެ. ވީމަ އެކަމުގައި ކޮންމެވެސް ކަހަލަ ނުބަޔެއް އެބައުޅެއެވެ. ހާދަ ނުލަފާ ކުއްޖެކެވެ. އެކުއްޖާ ފެނިއްޖެއްޔާ އޭނައަތުން މަރުވެސް ވެދާނެއެވެ. މިހާރު އެކުއްޖާ މިނިވަން ވެގެން މިގެއިން ހިގައިދާނެ ކަންނޭގެ އެވެ. އެއީ ކާކުގެ ނަސީބެއް ކަމެއްވެސް ނޭގެއެވެ. 

ދާވިޝް ކޮލެޖްއަށް ދާން ބޭނުންވާތީ އަނެއްކާ ކިޔަވަން ފުރައިފިއެވެ. އެހެންނޫނަސް އެމެރިކާގައި ޚާންދާނުގެ އެތައް މީހުންނާއި، އެކުވެރިންވެސް ގިނައިން ތިބީމަ އޭނަ އެތަނުގައި ހުރީމަ މާ ހިތްހަމަޖެހެއެވެ. ދެރައީ މަންމަމެންނާއި ވަކިވާން ޖެހުނުކަމެވެ. އެހެންނޫނަސް ދާވިޝްގެ ހިތުގައިވެސް ނިކީއަށް ޚާއްސަ ލޯތްބެއް އުފެދުނު އިރު ނިކީ ނެތީމަ އޯޓަމްބްލޭޒްގައި ހުންނަން އޭނަ ބޭނުމެއްވެސް ނުވީއެވެ. ދާވިޝް ބޭނުންވީ އެހަނދާން ތަކާއި ވީހާވެސް ދުރަށް ދިޔުމަށެވެ. 

ޒެވިޔަން ޓެރެސްގެ ރެއިލިންގައި އަތްއަޅުވާލައިގެން ހުރެ އަނެއް ފަރާތަށް ބަލައިލި އިރު އޭނައަށް އަނެއް ފަޅީގައިވާ ގަސްތަކުގެ ތެރެއިން އަލީނާ ފެނުނެވެ. ޒެވިޔަން ހައިރާންވިއެވެ. އަދިވެސް އަލީނާ މިގެއިން ނުގޮސް އުޅެނީ ކީއްވެބާވައެވެ. އޭނަގެ ހުރިހާ އެއްޗެއް ފޭރިގަނެވުނީމަވެސް އަދިވެސް ނުގޮސްގެން އުޅެނީ ކީއްކުރަން ބާވައެވެ. ޒެވިޔަން ގެ އަތްމުށްކެވިގެން ދިޔައެވެ.

"ރިޔާ، އަދިވެސް އަލީނާ މިގެއިން ނުދަނީތަ؟ އަހަރެން ޑެޑްލައިންއެއް ދިނީމަވެސް...." ޒެވިޔަން އެހެން އަހާލީ ވަރަށް ހިތްހަމަނުޖެހިފައި ހުރެކަން ރިޔާއަށް އެގުނެވެ. އެވަގުތު ޓެރެސްގެ ސިޑިން އަރައިގެން އައި ޒީބާ ކުޑަކޮށް ހީލައިފިއެވެ.

"އާން ދަރިފުޅާ، މަންމަ ބުނީ އޭނަ ގާތުގައި މިގެއިން އަދި ގޮސްގެން ނުވާނެއޭ، އޭނަ ކުރި ކުށުގެ އަދަބު އޭނައަށްވެސް ޖެހޭނީ ލިބެން، އެމީހުންނަށް ދެވޭނީ ހައްގު އަދަބަށް ފަހު، ކޯޓުކޭސްއެއް ގޮތަށް ގެންދާނީ ނޫނީ......" ޒީބާ ވިސްނަމުން ދިޔައީ އެކަށީގެންވާ އަދަބަކާއި މެދުގައެވެ. ޒީބާއަށް ކުއްލިއަކަށް މޮޅު ޚިޔާލެއް އައެވެ. އެކަމަކު ރިޔާ އެގޮތާއި އެއްބަސް ވާނެބާވައެވެ. ޒެވިޔަންގެ ޚިޔާލު ހުންނާނީ ކިހިނެއްބާވައެވެ. ނަމަވެސް އެއީ އަލީނާއަށް އެންމެ އެކަށީގެންވާ އެންމެ ރަނގަޅު ސަޒާއެވެ. ނިކީ ގެއްލުމުން ރިޔާ ދެރަވާނެ ވަރު، އަލީނާއަށް އިހުސާސް ކުރެވޭނީ ހަމަ އެންމެ ގޮތަކުންނެވެ.

އެހާ މޮޅު ޚިޔާލެއް ސިކުނޑިއަށް އައުމުން ޒީބާއަށް ހުރިހާ ދަތްތައް ފެންނަވަރަށް ހެވިއްޖެއެވެ. އާއެކެވެ. އޭނަ ކޮންމެ ގޮތެއް ހަދާފައިވެސް ޒެވިޔަން އާއި ރިޔާ އެކަމަށް އެއްބަސް ކުރުވާނެއެވެ. އެކަމަކު އެޚިޔާލަށް އަމަލީ ސިފައެއް ގެންނަން ވެއްޖެއްޔާ ރާއްޖެއިން ބޭރަށް ދާންޖެހޭނެއެވެ. އެހެންނޫނީ އެހެން މީހުންނަށް ބޭޒާރުވެދާނެއެވެ. އެމީހުން ޖެހޭނީ އަނެއްކާ އެމެރިކާއަށް ބަދަލުވުމަށެވެ. އެހެންނޫނަސް މިދުވަސްކޮޅު އާއިޒުވެސް އެމެރިކާއަށް އަނެއްކާ ބަދަލުވާ ކަހަލަ ވާހަކައެއްވެސް ދައްކައެވެ. އެދާއިރު އަލީނާ އެމީހުންގެ މެއިޑެއްގެ ގޮތުގައި ގެންދެވިދާނެއެވެ. އަލީނާއަށް ފުރަތަމަކޮޅު ހީވާނީ އެއީ ދުނިޔެމަތީގެ ސުވަރުގެ ކަމަށެވެ. އާ ތަނަކަށް ދެވުނީމަ ވަރަކަށް އުފާކުރާނެއެވެ. އެހެންނޫނަސް ބަހާރު މޫސުމްގައި ޗެރީ ބްލޮސޮމްތަކާއި، ތަފާތު މާމެލާމެލީގެ ރީތިކަމުން އަލީނާ މޮޔަވެދާނެއެވެ. އެކަމަކު އެއީ ހަގީގަތުގައި އަލީނާއަށް ޖަލަކަށް ވެދާނެކަން އަލީނާއަށް ރޭކާވެސް ނުލާނެއެވެ. ނަމަވެސް ނޭގެނީ މައިމޫން އެއްބަސް ކުރުވާނެ ގޮތެކެވެ.

ޒީބާ ވަނީ އަލީނާއަށް ޓަކައި ވަރުގަދަ މަޅިއެއް ހަދައި، ކަރަށް މަހަން ތައްޔާރު ކޮށްލައިފައެވެ. ނަމަވެސް އެމަޅި ތިއްބަން އޭނަ އެހެން މީހުންގެ އެހީ ބޭނުމެވެ. އެކަނި އެކަމެއް ނުކުރެވޭނެއެވެ.

"ކޮންކަހަލަ ޕްލޭނެއްތޯ މަންމާ، އަސްލު އަޅުގަނޑު މިހުންނަނީ އެއްޗެކޭ ނުބުނަން ކަމަށް އެކަމަކު ނިކީ މިދުނިޔެއާއި ވަކިވެގެން ދިޔަ ސަބަބަކީ އެކުއްޖާކަން ޔަގީންކޮށް ބުނަން އެނގޭ، އޭނަ އަކީ ނުކިޔަވާ ހުރި ގަމާރު ކުއްޖެއްނޫން، އެޗޮކްލެޓްގައި ޕީނަޓް ހުރިކަން ރަގަޅަށް އެނގި ހުރެ ނިކީގެ އަތަށް ޗޮކްލެޓްދީފައި ފޮނުވާލާނީ ރަނގަޅަށް ވެސް ބޭބީ މަރާލަން، ރަނގަޅަށް އެގޭނެ ޕީނަޓްއިން ފޭޓަލް އެލާޖިކް ރިއެކްޝަނެއް އަތުވެދާނެ ކަން، އެހެންވީމަ މަންމަ އާއި ބައްޕައަށް ފެނިލައްވާ ގޮތެއް. ހެޔޮ ކޯޓަށް ގެންދިޔަސް......" ޒެވިޔަން ގެ ހިތުގައި އަލީނާގެ މައްޗަށް އެއްވެސް ހަމްދަރުދީއެއް ނެތެވެ. އޭނަގެ ފުރާނަފަދަ ދަރިފުޅު އޭނަ އާއި ވަކިކުރުވި އަނިޔާވެރިޔަކީ އަލީނާ އެވެ. އުމުރު ދުވަހުވެސް އޭނަ އަލީނާއަށް މާފެއް ނުދޭނެއެވެ.

"ދަރިފުޅަށް ހީވޭތަ މަންމަ ހިމޭނުން މިހިރީ އެކުއްޖާދެކެ މާ ލޯތްބެއް ވެގެންހެން، އެކުއްޖާ ފެނުނަސް އަލިފާންހާ ރުޅިއާދޭ، ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެ، އެއީ އެކަހަލަ ކުއްޖެއް، އެކަމަކު މަންމަ އެކުއްޖާ ގެ ދުނިޔެ ބަރުބާދު ކޮށްލާނަން، އޭނަ ނިކީއަށް ދިން އަނިޔާގެ ބަދަލު އެކަށީގެންވާ ގޮތަކަށް ނުހިފައިފިއްޔާ މަންމައަކީ އަންހެނެއްނޫން، އެކަމަކު މަންމަ ބުނާގޮތަށް ޒެވިޔަންމެން ހަދަން ޖެހޭނެ، ދަރިފުޅު ޕްރޮމިސް ކުރަންވާނެ، މިއީ ނިކީއަށް ޓަކައި....." ޒީބާ ކުޑަކޮށް ހީލާފައި ބުނެލިއެވެ.

"އެނީތިން މަމް..." ޒެވިޔަންއަށް ޒީބާގެ ރޭވުން ކުޑަކޮށްވެސް ރޭކާނުލައި ހުރެ ވަޢުދުވިއެވެ.

ކޮމެންޓް 0