ޒީބާގެ އަމިއްލަ އަޑު ކޮޓަރީގެ ތެރޭގައި ގުގުމައިގެން ދިޔުމުން އެއަޑު ވެސް އޭނައަށް ބީރައްޓެހި ހެން ހީވިއެވެ. އެތައް އިހުސާސް ތަކުން ހިތް ގެނބިގެން ގޮސް އެހާ ވަރުން އަނދުން އަޅައި ރީތިކޮށްލި ދެލޯ ކަރުނުން ފުރިއްޖެއެވެ. ޒީބާ ދެލޯމަރައި ބާރުކޮށްލި އިރަށް އެސްފިޔަ ފޫދުއްވާލައިފައި ކަރުނަ އޮހިގަތެވެ. އޭނަ އަކީ ކުރިން މިހާ ޖަޒުބާތީ މީހެއް ނޫނެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ސީމާ އޭނަގެ ދިރިއުޅުމުގެ ހުރިހާ އުފާތައް ފެނަށް ހަދާލައިފިއެވެ.

"އެކަމަކު ކުރިން އަންގަވާލެއްވިނަމަ، ކެން އައި ކަމް އޯވާ؟" ޒީބާ އަޑު އެއްވަރެއްގައި ހިފަހައްޓަން މަސައްކަތް ކުރިއެވެ.

"ނޯ، ސިމީ އެގޮތެއް ބޭނުމެއް ނުވާނެ، ޑޯންޓް ވޮރީ ޒީ، އަހަރެންގެ ކުދިންނާއި ވަކިވެގެން މާގިނަ ދުވަހަކު ނުހުރެވޭނެ، ކުދިން މިސްވާވަރުން ހުރެވެނީއެއްނޫން، ދެތިން ދުވަސްތެރޭގައި ދާނަމޭ..." މައިމޫންގެ އެ ޖުމްލައިން ޒީބާއަށް ހީވީ ދުނިޔެވެސް އަނދިރިވިހެންނެވެ. މައިމޫން އޭނަ ގެންދަވަން ބޭނުންނުވާކަން އެންމެ ޖުމްލަ އަކުންވެސް އެނގުނީއެވެ. ދެން މަތިންބައިން ޖެހިގެން ދިއުމުގެ ބޭނުމަކީ ކޮބާބާވައެވެ. މައިމޫންގެ ވާހަކައިގައި އޭނަގެ މަތިން ހަނދާންވެލެއްވި ކަމަކަށް ނުބުނުއްވުމުން އެތަންކޮޅުވެސް ޒީބާއަށް ނަގައިގަނެވުނެވެ. ފޯނު ބޭއްވުމަށްފަހު އިރުކޮޅެއް ވާންދެން ނެގިމަޑުވެފައި، ލޮލުން އަންނަމުން ދާ ކަރުނަތައް ޓިޝޫއިން ފޮހެލަން އިނދެވުނީ ގަނޑުވެފައިވާ ބުދެއްފަދައިންނެވެ.

ޒީބާގެ ޚިޔާލު އެކިދިމާލަށް ދަތުރުކުރަމުން ދިޔައިރު މިގެއިން ސީމާ ނެރެލާނެ ގޮތަކާއި މެދުވެސް ވިސްނިއެވެ. އޭނަ ދޭތެރެ އަކުން އަމިއްލަ ނަފުސަށް މަލާމާތް ކުރިއެވެ. ހަޔާތުގައި ޑިލީޓް ފިތެއް އިންނަމަ އޭނަ މިހާރު އެދުވަސް ފޮހެލާނެތާ ކިތަންމެ ދުވަހެކެވެ. ޒީބާއަށް އަޅާލާ ދެފިރިހެން ދަރިން ދެއްވާފައިވާކަމީ ޒީބާގެ ނަސީބެވެ. ލިބުނު ހިތްވަރެކެވެ. އެހެންނޫންނަމަ އޭނަ މޮޔަވެދާނެއެވެ. އާއިޒު މާބޮޑަށްވެސް އޭނަ އާއި އަޅާލައެވެ. ޒެވިޔަން ކުޑައިރުއްސުރެ ތަފާތެވެ. އޭނަގެ ގޮތުގައި އޭނަ ޒީބާ އާއި އަޅާލިޔަސް ހުރިހާ ކަމެއްކުރުވަން ބުނާނީ އާއިޒުގެ ގާތުގައެވެ. ޒެވިޔަން ތަންކޮޅެއް ކަންނެތް ކަމާއި އެއްވެސް ކަމެއް ކުރާހިތް ނުވާތީކަމަށް ވެދާނެއެވެ. މަންމަ ހުން އަޔަސް އާއިޒުގެ ގާތުގައި މަންމަގެ ބޮލުގަޔާއި، ފައިގައި ހިފައި ދޭން ޒެވިޔަން އަމުރު ކުރާނެއެވެ. ކަންނެތް ކަމުން އަމިއްލަ އަތުން ކެއުމަކީ ވެސް ޒެވިޔަންއަށް ބޮޑުކަމެކެވެ. މީހަކާއި އިންނަންދެން ވެސް މޮޑެފައި ދިނީމަ ނޫނީ ޒެވިޔަން ނުކާނެއެވެ. ނަމަވެސް އާއިޒު ނެތިއްޔާ، ޚިދުމަތްތެރި ފިރިހެން ދަރިއަކަށް ވެގެން ޒެވިޔަން ވެސް މަންމަ އާއި އެހީވާނެއެވެ.

ޖެހިގެން އައި ދުވަހު ޒީބާއަށް ތެދުވެއުޅޭނެ ހިތްވަރެއް ވެސް ނުލިބުނެވެ. ރޭ ނުނިދުމުގެ ސަބަބުންނާއި ފިކުރު ބޮޑުވުމުގެ ސަބަބުން ބޮލުގައި ގަދަޔަށް ރިހެން ފެށިއެވެ. އާއިޒު ޒީބާގެ ބޮލުގައި މަސާޖުކޮށްދޭން ފެށުމުން ޒީބާގެ ބޮލުގެ ރިހުމަށް ލުއިވިއެވެ. ޒެވިޔަން އޮތީ އޭނަގެ މަންމަގެ ގާތުގައި އޮށޯވެލައިގެންނެވެ. 

"ރިޔާ ގާތު ޒެވިޔާ ބުނީމެއްނު ޕެޕަމިންޓް ސައިތަށްޓެއް ގެނެސް ދޭށޭވެސް އެއީވެސް ވަރަށް ބެސްޓް އެއްޗެކޭ، އައިސްޕެކް އެޅީމަވެސް ފަސޭހަވާނެ ދޯ މައިގްރެއިން ވިއްޔަ. ޓެންޝަން ހެޑޭކް ވެއްޖެއްޔާ ހޫނުކޮށްލީމަ ތަ ބްރަދަރ، ޑޮކްޓަރަކަށް ނުވީމަ އެބައިބައި ނޭގޭނެ، ކޮބާތަ ޓެންޝަން އާއި މައިގްރެއިންގެ ތަފާތަކީ؟" އާއިޒު އަހާލައިފިއެވެ. ޒެވިޔަން އާއިޒުވެސް ޓެންޝަނަށް ދާވަރުގެ މައްސަލައެއް އުޅެނީ ހެއްޔޭ ކިޔައިގެން ދިމާކުރަން ފެށިއެވެ. އާއިޒު އަށް އެފަހަރުވެސް ޝައްކެއްވިއެވެ. އެހާވަރަށް ފޮރުވައިގެން އުޅޭއިރުވެސް އެންމެނަށް އެނގުނީބާވައެވެ. ޖިލާ ބުނީ ބާވައެވެ.

"މަންމަ ވެސް ޓެންޝަނުގެ ސަބަބުން ބޮލުގައި ރިއްސަންފެށީ، ރޭގައިވެސް ނުނިދުނު..." ޒީބާއަށް ބުނެލެވުނެވެ.

"ވަޓް ހެޕެންޑް މަމް..." އާއިޒު ކަންބޮޑުވިއެވެ.

"ސީމާ ހެޕެންޑް......" ޒެވިޔަން ވަގުތުން އެހެން ބުނެލުމުން ގަދަޔަށް ބޮލުގައި ރިއްސައިގެން ކުކުރާލަ ކުކުރާލާ އޮތް ޒީބާއަށްވެސް ހީގަނެވިއްޖެއެވެ. ޒެވިޔަން އެހާ ސީދަލަށް ސީމާ އާއި އޭނަގެ ހިތާމަ އާއި ގުޅުވާލުމުން ޒީބާއަށް މަޖާވިއެވެ. އޭނަގެ ލާނެތް ދަރިފުޅުގެ ސަބަބުން ހިތާމައިގެ ސާލެއް އޮޅާލައިގެން އޮންނަ މީހަކަށްވެސް ދިރުން ގެނުވާދޭނެއެވެ. ކުރިއްސުރެ މިދުވަސް އަންނާނެ ކަމުގެ އިހުސާސްތައް ޒެވިޔަންއަށް ކުރެވިފައި ވަނީ ބާވައެވެ. ޒީބާ ހަގީގަތް ފޮރުވަން މަސައްކަތް ކުރަމުން ސީމާ އާއި އޭނައަކީ ކުޑައިރުއްސުރެ އެންމެ ގާތްއެކުވެރިޔާކަން އަންގާދޭން ވާހަކަތަކެއް ފެށިއެވެ. ނަމަވެސް ޒެވިޔަންގެ ހިތްބަދަލު ވާނީ ކިހިނެއް ހެއްޔެވެ؟ އޭނަގެ ހިތުގައި ސީމާ އާއި ދޭތެރޭގައި ވަނީ ނަފްރަތެވެ. އެގޭގައި ސީމާ އޭނައަށް ކުރި ގޯނާތައް ދުވަހަކުވެސް ޒެވިޔަންގެ ހިތުން ފިލައިގެން ނުދާނެއެވެ. 

މެންދުރު ބޯކޮށް ވާރޭ ވެހުނެވެ. ވައިބާރުކަމުން ފަޒާވެސް އޮތީ ފިނިވެފައެވެ. ނިކީ ވާރޭ ކޯޓުލައިގެން ވިނަގަނޑު މަތީގައި ދުވެދުވެފައި އުޅުނު އިރު އަލީނާ ހުރީ ވާރެއިން ހިޔާވެލާނެ ގޮތެއް ނޭގިފައެވެ. އޭނަ އަކީ އަބަދުވެސް ފިންޏަށް ބަލިކުއްޖެވެ. ގަސްތަކުގެ ތެރޭގައި އިރުކޮޅަކު ހުރެލިއިރަށް އަލީނާ ރޫރޫ އަޅަން ފެށިއެވެ. ހީވަނީ ކަށިގަނޑަށްވެސް ފިނިވަދެގެންދާ ހެންނެވެ. އެކަމަކު ނިކީ އާއި އެކީގައި ހޭދަކުރެވޭ ވަގުތު ލިބޭ މަތިވެރި އުފަލެއްގެ ސަބަބުން އެހުރިހާ އުދަގޫތައްވެސް އަލީނާ ތަހައްމަލު ކުރީ ހިތުން ރުހުމުންނެވެ. ޒެވިޔަންވެސް ގަސްތަކުގެ ތެރެއަށް ވަދެގެން އައީ ވާރޭ ތުނިކޮށްލި ފަހުންނެވެ. އެކަމަކު ވައި މަޑެއްނޫނެވެ. ޒެވިޔަންގެ އިސްތަށިގަނޑުގައި ވެސް ކުޑަކޮށް ވާރޭގެ ތިކިތައް ހަރުލަންފެށިއެވެ. 

"ޑޭޑީ. ލުކް...." ނިކީ ފިނިފެންމަލެއްގައި ހުރި ވާރޭފެން ތިކިތަކުގެ ރަހަ ބަލައިލަމުން ބުންޏެވެ. ޒެވިޔަން ނިކީ އާއި ހަމަޔަށް ގުދުވެފައި އެކުޑަ މޫނުކޮޅުގައި ބޮސްދެމުން މަޖާކަމެކޭ ބުނެލިއެވެ. ނިކީ މަލެއް ގެ ފިޔައެއް ބިނދެލާފައި ޒެވިޔަންގެ އަނގަޔަށް އޭގެ ފެންކޮޅެއް އަޅައިލަދޭން މަސައްކަތް ކުރުމުން ޒެވިޔަންގެ ހިތް ލޯބިން ފުރުނެވެ. ކިހާ މައުސޫމް ލޯތްބެއް ހެއްޔެވެ؟ މިއީ އޭނަގެ ދުނިޔެއެވެ. އޭނަގެ ފުރާނައެވެ. ޒެވިޔަން ނިކީ އަތުތެރެއަށް ލަމުން އަލީނާއަށް ބަލައިލީ އެންމެ ފަހުން ހިތުގެ މައްޗަށް ބާރު ނުފޯރުވިގެންނެވެ. އޭރު އަލީނާ ހުރީ މޭގައި އަތްބޮނޑި ކޮށްލައި ގެންނެވެ. އަލީނާގެ ދަތްދޮޅިއަށް ދާންދެން ތުރުތުރު އަޅައެވެ. އެ އޮމާން މޫނާއި ތުންފަތުގައި ވާރޭގެ މުތީތައް ހަރުލާފައިވާއިރު އިންތިހާއަށް ރީއްޗެވެ. ވާރޭ މުޅިން ހުއްޓާލި ނަމަވެސް ފަޒާ ގުގުމާފައި ވަނީ ވައި ރޯޅިތަކުގެ ބޫން އަޑުންނެވެ. 

ޒެވިޔަން ނިކީ ގެ ވާރޭ ކޯޓު ބޭލުއްވުމަށްފަހު އުރާލުމުން ނިކީ ޒެވިޔަންގެ ކަނދުރާގައި އެ ތުއްތު އަތް އަޅުވާލައިފިއެވެ.

"ވަޔާއި އެކީގައި އުދުހިގެން މާރސްއަށް ވެސް ހިނގައިދާނެ ތަމްބްލީނާ، އަވަހަށް ގެއަށް ވަދެބަލަ ކުޑަކުއްޖާ......" ޒެވިޔަން އަލީނާ ތުރުތުރު އަޅާތަން ފެނުމުން ހަމްދަރުދީ އިން ހިތް ފުރުނަސް ލާނެތް ގޮތަކަށް ބުނެލިއެވެ. އެފެހި ދެލޮލަށް ގަސްތަކުގެ ހިޔަނި އެޅިފައި ވާއިރު ސިހުރު ވެރި ގޮތެއް ހުއްޓެވެ. ދެން އަލީނާ އާއި ދިމާލަށް ބަލައިލި ގޮތަކުން އަލީނާއަށް ހުރެވުނީ އެސްފިޔަ ޖަހައިލަންވެސް ނޭގިފައެވެ. ރަނގަޅަށް ވެސް ހިތް ކަތިލައިފިއެވެ. ޒެވިޔަން އެސްފިޔަތައް ތިރިކޮށްލާފައި ތުންފަތުގައި ދަތްއަޅާލީ އޭނަގެ އެ ބަލައިލުމުން އަލީނާއަށް ވީވަރު ފެނިގެންކަން ނޭގެއެވެ. އަލީނާއަށް ހަމަބިމަށް އާދެވުމުން ވައިރޯޅިއެއްހާ ބާރުމިނުގައި އެތަނުން ދާން ހިނގައިގަތެވެ. 

އަލީނާ ހެދުން ބަދަލުކޮށްލައިގެން ބަދިގެއަށް ވަދެ ސައިތަށްޓެއް ބޯން އިންއިރު ވެސް ޒެވިޔަންގެ މަތިން ހަދާން ވެގެން ގޮސް ރޮވޭ ގޮތްވިއެވެ. އޭނައަށް ޒެވިޔަން ނޫން މީހަކު މިއޮތް ބޮޑު ދުނިޔެއިން ނުފެނުނީ ކީއްވެބާވައެވެ. ލޯބިވާންވެސް އެނގުނީ އެކަނި ޒެވިޔަން ދެކެބާވައެވެ. ޒެވިޔަންގެ ހަނދާންތައް ހިތުން ނެރެ އެއްލައި ލާނީ ކިހިނެއް ހެއްޔެވެ؟ މިގެއަށް ނާދެވުނު ނަމައެވެ. އަލީނާ ހެއްދެވި ފަރާތަށް ދުޢާ ކުރެވުނު ޢަދަދެއްވެސް ނޭގެއެވެ. މިހިތާމައިން ސަލާމަތް ކޮށްދެއްވައި އޭނަގެ ނަސީބާއި މެދު ރުހިގެން ހިތްހަމަޖެހިގެން އުޅޭފަދަ ގޮތެއް މެދުވެރި ކޮށްދެއްވުން އެދިއެވެ. ކިތަންމެ ނިކަމެތި ވިޔަސް އުފާވެރިކޮށް ދުނިޔޭގައި އުޅެވިދާނެއެވެ.

ރޭ ވެހުނު ވާރެއަށްފަހު ބިންގަޑާއި، ގަސްތައް ދޮވެވި މާހައުލު އިތުރަށް ތާޒާކޮށްލާފައިވާހެން ހީވެއެވެ. ވިނަގަނޑުވެސް އޮތީ ތެމިފައެވެ. ނަމަވެސް އިރުމެދުން ލަނބައިލިފަހުން ވިލާތައް މުޅިން ކެހި އިރުގެ ރަންދަޅަތައް ފަތުރާލާފައިފިއެވެ. ޒީބާ ހަވީރު ސަޔަށް އާއިލާގެ ބަޔެއް މީހުނަށް ދަޢުވަތުދިނެވެ. އެންމެން ސައި ބޯން ތައްޔާރުވަމުން ދަނިކޮށް ގޭތެރެއިން ހުސްގަޔާއި ހުރި ކުޑަ ފިރިހެންކުއްޖަކު ނިކުމެގެން އައެވެ. އެއީ ރެޔާންގެ ދަރިފުޅު އެޑެން އެވެ. އެޑެން އައި ގޮތަށް ނިކީގެ އަތުގައި އޮތް ޓެޑީ ޖަހައިގަންނަން އުޅުނެވެ. ނިކީ ގެ ނަޒަރު ހުއްޓުނީ އެޑެންގެ މޫނަކަށް ނޫނެވެ. މާތިރި އަށެވެ. ހައިރާންވެ ދެލޯ ބޮޑުކޮށްލައިގެން ހުރެފައި ނިކީ އިޝާރާތް ކޮށްލާފައި ތިއީ ކޯނޗެއްހޭ އަހައިލުމުން ޒެވިޔަންއަށް މަޖާވިއެވެ. ރެޔާންވެސް އެޑެން ސޯޓު ލައްވަން އުޅުނީމަ ނިކީ ރެޔާންގެ އަތުގައި ހިފާލާފައި ނުލައްވާށޭ ވެސް ބުނެލިއެވެ.

"މިއީ ވިވީ.." އެޑެން ބުނި އެއްޗަކުން ނިކީ މަޖާވެލާފައި ހޭންފެށިއެވެ. ނިކީ ދުވަހަކު ނުފެންނަ އެއްޗެއް ފެނުނީމަ އެވަރަށް މަޖާވީއެވެ. ޒީބާ ހެދުން ނުލައި ހުރީމަ ކޮކްރޯޗު އައިސް ކާލަފާނެއޭ ބުނުމުން އެޑެން އަވަހަށް ސޯޓުލައިގެން ނިކީގެ އިސްތަށިގަނޑަށް ދަމާ ރޮއްވާލާފައި ދިޔައީއެވެ. ނިކީ ގެ ތުންކޮޅު މާރަނގައެއްހާ ދިގުކޮށްލާފައި އެޑެންގެ ވިވީ އުފުރާލާނަމޭ ވެސް އޭނައަށް އެނގޭ ގޮތަކަށް ބުނެލިއެވެ. ސައިމޭޒުދޮށުގައި ތިބި އެންމެނަށްވެސް ކުޑަކުދިންގެ އެ ލޯބި ވާހަތަކާއި، މަޢުސޫމް ކަންތައްތަކުން މަޖާވެ ހިނިއައެވެ. ކުޑައިރުން ފެށިގެންވެސް އެފަދަ ކަންތަކަށް ޝައުގުވެރިވުމާއި އާ ކަމެއްފެނުމުން ހައިރާންވާނެ ވަރުވެސް އެފެނުނީއެވެ. 

ޒީބާ އާއި އަންހެންވެރިން ތިބި މޭޒު ދޮށަށް ތަބައް ހިފައިގެން އަލީނާ އަންނަން ޖެހުނީވެސް ޒީބާ އެގޮތަށް ރާވާލާފައިވާތީއެވެ. އަލީނާ ސާވަންޓެއްހެން މޭޒު އެއްފަރާތުގައި ހުއްޓިލައިގެން ހުރީ ޒީބާމެންގެ ކޮންމެ އޯޑަރަކަށް އަމަލުކުރަން ތައްޔާރަށެވެ.

"ކޮފީ........" ޒީބާ ތަށި ދިއްކޮށްލިއެވެ. އަލީނާ ކޮފީ ޖަގުން ކޮފީ އަޅާ ދިންއިރު އެހެން އަންހެން ބޭކަނބަލަކު ސައިއަޅާލަދިނުމަށް އެދުނެވެ. ނިކީ ކުދިންނާއި އެކީގައި އުޅުނަސް އަލީނާ އާއި ދިމާލަށް ބަލައިލައިފައި ބައެއްފަހަރު އަތް ހޫރާލައެވެ. އެފަރާތަށް ނައިސްގެން އުޅެނީ އޭނަގެ މާމަ ދެކެ ގަންނަ ބިރަކުން ކަންނޭގެއެވެ. އަލީނާ ހުރީ މި މުއްސަނދި، ސްޓައިލިޝް އަންހެންވެރިން ދައްކާވާހަކައަށް ވަރަށް ޝައުގުވެރިވެފައެވެ. ގިނައިން ދައްކަނީ ރީތި ޖަވާހިރުތަކުގެ ވާހަކަތަކާއި، ޕާޓީތަކާއި އެކި ގޭގޭގެ ޑިޒައިންތަކާއި އެފާޑުގެ މުއްސަނދި ވާހަކަތަކެވެ. އެކަމަކު މިއަދު ހިނގި ހާދިސާއަށް ނިސްބަތްކޮށްފައި ކޮންމެވެސް އަންހެނަކު އިނގިރޭސިބަހުން ވާހަކަދެއްކިއެވެ.

"ކުޑަކުދިންގެ ވެސް ފިތުރީ ގޮތުން އެބައި ކޮންމެވެސް ވަރަކަށް ލައްވާފައި ވާތީ ކުޑައިރުވެސް އެފަދަ ހާދިސާތައް ހިގަނީ، އަހަރެން އަދިވެސް ހަނދާންވޭ މަގޭ ރަފާއިލް ވެސް ކުޑައިރު ބޭނުން ވާނީ ހުސްގަޔާއި އުޅެން، އެއްދުވަހު ޕޫލުން އެރިއިރު ރަނީން ކައިރީގައި ހުރެފައި މާ ބާރަކަށް ހިފާފައި ދަމައިގަންނަން އުޅުނީ، އަހަރެންނަށް ނައްޓާ ލެވުނު އިރު ރަފާއިލްއަށް އޮތީ ވާނެއެއްޗެއް ވެފައި، ރަގަޅުވީވެސް ހޮސްޕިޓަލުގައި ބާއްވައިގެން، މަގޭ ހުރި އެންމެ ދަރި އަށް ވީއިރުވެސް އެނގުނު ރަނީން ވެސް އިނޮސެންޓު ކަމުންކަން އެހެން ހެދީ. ރުޅިއެއް ނާދެވުނު. އެއީ ކުޑަކުޑަ އެންޖެލްއެއް ވިއްޔަ، އެކަމަކު އެދުވަހުވެސް ވަގުތުން މަލަކާ ކައިރީގައި ބުނިން މިވީގޮތުން މިދެކުދިން ބޮޑުވީމަ ޖެހޭނެއޭ ކޮންމެ ގޮތެއް ހަދާފައިވެސް ގުޅުވަން......" އެ އަންހެންމީހާ އާއި ދިމާލަށް އަލީނާއަށް ސިއްރުން ބަލައިލެވުނެވެ. އެއީ ރަފާއިލްގެ މަންމަ ކަން އެނގުނެވެ. ވަރަށް ރީތި އަންހެނެކެވެ. މުށިކުލައިގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލައިފައިވާއިރު ހުރިހާ އެންމެނަށްވުރެވެސް ދެއްކުންތެރިކަން ބޮޑުވެފައި އެހާ ފޮނިގޮތެއް ހުއްޓެވެ. އަދި އެމީހުން ދެއްކި ވާހަކަތަކުން ރަނީން ގެ އަންހެން ކޮއްކޮ މިލާން ކިޔާ އަންހެންކުއްޖަކު ރީތިވެގެން އެކުއްޖާގެ ކައިވެނި ހަމަޖައްސަން ވެސް ވާހަކަ ދެކެވުނެވެ. 

އަލީނާ ހައިރާންވިއެވެ. މުޅިންވެސް ރޭވިގެން ކުރެވޭ ކައިވެނިތާއެވެ. މި މުއްސަނދި، ޝާހީ ޚާންދާނުގައި އޭނައަށް އިހުސާސް ކުރެވެނީ އޭނަ އަކީ އޭލިއަން އެއް ހެންނެވެ. އެއްގޮތަކަށްވެސް އޭނަ ގަބޫލު ކުރާ އުސޫލުތަކެއްވެސް ގެންގުޅޭ ބަޔެއްނޫނެވެ. ކޮންމެފަދަ ވާހަކައެއްވެސް ޖެހިލުމެއްނެތި އެބަ ދައްކާލައެވެ. ތަހުޛީބުވުމަކީ މިއީ ކަންނޭގެއެވެ.

ޒެވިޔަން ދެކެ ލޯބިވެވުނުކަމީވެސް އޭނައަށް ކުރެވުނު މޮޔަކަމެކެވެ. އެހެންނޫނަސް ހުވަފެނެއްގައިވެސް އޭނައަށް ޒެވިޔަން ނުލިބޭނެކަން ވެސް އެނގެއެވެ. އަމިއްލަ އިޚުތިޔާރުގައިވާ ކަމެއްނަމަ ފަހަރެއްގައި ވެސް އޭނަ އެފަދަކަމެއް ނުކުރާނެއެވެ. އެއީ އޭނަ އަމިއްލަ ނަފުސަށްވެސް ސިއްރުކުރަން ބޭނުންވި ވާހަކައެކެވެ. އެވާހަކަ މިއާއިލާ މީހުންނަށް އެނގިއްޖެއްޔާ އޭނައަށް ހާދަ މަލާމާތް ކުރާނެއެވެ. އެހެންނޫނަސް މިއަންހެންވެރިން އެއްތަނަކުން ފެނުމުން އޭނަ ވަނީ ފާޑެއްގެ ބިރެއް ގެންފައެވެ. މިފަދަ ބަޔެއްގެ ތެރެއަށް އަންނަ ފަގީރު، ޅީ ދަރިއަކަށް ހާދަ އަހުވައެއް ދައްކައިލާނެއެވެ. އެކުއްޖަކު ހުންނަން ޖެހޭނީ ބިރުން ވިރިވިރިއެވެ. މިސާލަށް ރަފާއިލް އާއި ރަނީންގެ ކައިވެނި ހަމަޖެހިފައި ވަނިކޮށް އެހެން ކުއްޖަކު ދެކެ ލޯބިވެގެން ރަފާއިލް އެގެއަށް ގެނައިއްޔާ ރަފާއިލްގެ ސްޓައިލިޝް މަންމަ އެކުއްޖާފުޅާއި ދޭތެރޭގައި ކަންތައް ކުރާނެ ގޮތް އަލީނާއަށް ޚިޔާލުކުރެވުނެވެ.

ޒީބާ ބުނެގެން އަލީނާ ފްރިޖުގައި ހުރި ޗޮކްލެޓު ކޭކު ނަގަން ދިޔައިރު ނާހީ ހުރީ އެތިކޮޅެއް ނައްޓާލައި ދަހިގޮތަކަށް ކާލަ ކާލައެވެ. ޑައިޓުގައި ހުރިކުއްޖާއަށްވެސް އެ ކޭކު ފެނުމުން ރަހަބަލައި ނުލައި ކެތްނުކުރެވުނީއެވެ. އަލީނާ ގަތްބިރުން ހިތްވިރުނެވެ. ނާހީ މާފަށް އެދިއެދި ހުއްޓާ ތުން އޫކޮށްލައިގެންހުރެ އަލީނާ ޒީބާމެން ތިބި މޭޒާއި ދިމާލަށް ދިޔައިރު އޭނަގެ ހިތް ތެޅެމުން ދިޔައީ ޑްރަމެއް ފަދައިންނެވެ. ޒީބާ ތެދުވެގެން އައިގޮތަށް އަލީނާ އާއި އަރާހަމަވެފައި އެ ކޭކަށް ވީގޮތެއް އަހައިލިއެވެ. އަލީނާ ހާސްކަން ކަނޑުވާލަން ވެގެން ހަފަހަފައި ހުރި ބަބްލްގަމްއިން ބޮޑު ބޮއްކެއް އެރެވުނީ އޮޅިގެންނެވެ. އެ ބޮކި ތަތްވީ ޒީބާ އެހާ ރީތިކޮށް ހަދާފައި އިން އިސްތަށިގަނޑުގައެވެ. ޒީބާ ބަލާކަށް ނުހުރެ އަލީނާ ކޮށްޕާލުމުން އަލީނާ ވިއްސައިގެން ގޮސްފައި މާ ދުރުގައި ޖެހުނެވެ. ގަތްލަދެއްގެ ބޮޑުކަމުން އަލީނާ ތެދުވާކަށްވެސް ނޫޅެ މޫނުގައި ދެއަތް އެޅިއެވެ. ނިކީއަށް އެމަންޒަރު ފެނުމުން ޒެވިޔަންގެ އަތުތެރެއިން ފުންމާލައިފައި އައިގޮތަށް އަލީނާގެ ގައިގައި ހިފައިގަތުމުން އަލީނާ އަވަހަށް ތެދުވެއްޖެއެވެ. 

އަލީނާއަށް ވަށައިގެން ބަލައިލެވުނު އިރު އެތައް ލޮލެއްވަނީ އޭނަ އާއި އަމާޒުވެފައެވެ. އަލީނާގެ ލޮލުން ކަރުނަ އޮހިގަތެވެ. ޒެވިޔަންއަށް އިސްޖަހައިލެވުނެވެ. އުމުރު ދުވަހުވެސް އެ ކަރުނުން ފުރިފައިވާ މައުސޫމް ލޯ އޭނަގެ ހިތާއި، ފުރާނައަށްވެސް ދަތިކުރާނެއެވެ.

"ޕްލީޒް ޑޯންޓް ކްރައި. އެލީ..." ނިކީ އަލީނާގެ އަތަށް ދޮނެއް ދެމުން މޮޅިވެރި ގޮތަކަށް ބުނެލިއެވެ.

"އެލީ އަންނާނަން، ބަސްއަހައިގެން ދޭ މަންމީ ގާތަށް..." އަލީނާ މަޑުމަޑުން ނިކީގެ އަތް ވީއްލުވައިލުމަށްފަހު އިސްޖަހާލައިގެން ހުރެ ދާން ހިނގައިގަތެވެ. އޭނަ މިގެއިން ދާނީއެވެ. އޭނައަށް މިގޭގައި ހުރުމުގެ އެއްވެސް ހައްގެއް ނެތެވެ. އޭނަގެ ސަބަބުން އެ ކުޑަ މައުސޫމް ނިކީގެ ހިތަށްވެސް އަނިޔާ ލިބުން ނޫންކަމެއް ނުވާނެއެވެ. އަލީނާ ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތެވެ. ނާހީއަށް އަލީނާ ރޯކަން އެގުމުން ވަރަށް ދެރަވެފައި ވީގޮތެއް އަހަން އުޅެއުޅެ އަލީނާ އެއްގޮތަކަށްވެސް ނުބުނެ ހަމަ ރުއީއެވެ. އެންމެ ފަހުން އިޔާންއަށް މެސެޖްކޮށްލާފައި އޭނަ ދޮންބެ ގާތަށް ދާން ބޭނުންކަމަށް ލިޔުނު އިރުވެސް ކަރުނައިގެ ސަބަބުން ސްކްރީން ރަނގަޅަށް ނުވެސްފެނެއެވެ. އިޔާން ބުނީ އޭނަގެ ގާލްފްރެންޑަށް ވެސް އާދެވޭނީ މާދަން ނޫން އަނެއްދުވަހު ކަމަށާއި އެންމެ ދުވަހަކަށް ކެތްކޮށްދިނުމަށެވެ. ނާހީ އަލީނާގެ ބޮލުގައި މަސާޖުކޮށްދީދީފައި ވަރަށް ހެޔޮކޮށް ވާހަކަދެއްކިއެވެ. އަމިއްލަ ދައްތައަކުވެސް އެހާ ހެޔޮވާނެކަމެއް ނޭގެއެވެ.

"އެއީވެސް ހަދާން ނައްތާނުލެވޭނެ ވަގުތެއް. ބަބްލް އެރުވީމަ މަޖާވި، ދެރަނުވައްޗޭ އިނގޭ، އަދި ސޮރީ...." އަލީނާއަށް ޒެވިޔަންގެ ފަރާތުން އިނގިރޭސިން ލިޔެފައިވާ މެސެޖެއް ލިބުނެވެ. ހަމްދަރުދީގެ ލަފުޒު ތަކުންވެސް އަލީނާގެ ހިތް ފުރި، ބަންޑުންވެގެން އަނެއްކާ ރޮވިއްޖެއެވެ.

ޒެވިޔަން ހެނދުނު ތެދުވެގެން ބެލްކަންޏަށް ނިކުތް އިރު ގަހެއްގެ މޫގަނޑު މަތީގައި ދަތްދޮޅީގައި އަތްވިއްދާލައިގެން އަލީނާ އިންތަން ފެނުމުން ހިތް ތެޅިލިއެވެ. އަލީނާ ލައިގެން އިނީ އާދައިގެ މަތިން ކަޅުކުލައިގެ ބޮޑު ހެދުމަކާއި ސްކާފެކެވެ. ހީވަނީ ފުން ވިސްނުމެއްގައި އިންހެނެވެ. ޒެވިޔަންއަށް އެތައް އިރެއްވާންދެން އަލީނާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އަލީނާވެސް ހަރަކާތެއްނެތި އިންގޮތަށް އިން އިރު ކުރެހުމެއް ފަދައެވެ. އެހިސާބުގައިވާ މާތަކުގެ ރީތިކަން ވެސް އަލީނާ ފަނޑުކޮށްލާފައިވާ ކަމުގައި ޒެވިޔަންއަށް އިހުސާސް ކުރެވުނެވެ. އެހެން މީހުންނަށް ނުފެންނަ ރީތިކަމެއް އޭނައަށް އަލީނާގެ ދެލޮލުން ފެނެއެވެ. އެހިތުގެ ރީތި ކަމާއި، މައުސޫމްކަން ވެސް ފެނެއެވެ. އަދި ނިކީ ދެކެ އެވާ ލޯބީގެ ފުންކަންވެސް އިހުސާސް ކުރެވެއެވެ. ޕުއަރ އަލީނާ، ޒެވިޔަންގެ ހިތުގައި ރިހުމެއް އުފެދުނެވެ. ނަމަވެސް އޭނަ ދެން ބޭނުމީ އަލީނާ އޭނަގެ ހަޔާތުން އަބަދުގެ އަބަދަށްޓަކައި ދިޔުމަށެވެ. އޭނަގެ މަންމަ އެހާ ނަފްރަތުކުރާ ކުއްޖަކަށް މިގެ ވާނީ ނަރަކައަކަށެވެ. އެކަމަކު އޭނަ އަލީނާއަށް އަލްވަދާޢު ކިޔަން ބޭނުމެވެ. ދެރަނުވާށޭ ބުނަން ބޭނުމެވެ. އަލީނާ އޭނަދެކެ ލޯބިވާކަން ޔަގީންވާއިރު ނިކަމެތި ކުއްޖަކަށް ކުޑަ ހިތްވަރެއް ދިނަސް އެއީ ރިޔާއަށް ބޭވަފާތެރިވީ ކަމަކަށް ނުބުނެވޭނެއެވެ. އެމީހުން މުއްސަނދިވެފައި ހުރިހާ އުފަލެއް ލިބިފައި ވިޔަސް އަލީނާ މެންނަކީ ބަދުނަސީބު ކުދިންނެވެ. އޭނަ ރިޔާ ގާތު އަލީނާގެ ވާހަކަތައް ކިޔައިދީފައި އެހިސާބުން އެމީހުންގެ ދިރިއުޅުމަށް އަލީނާ ދުވަހަކުވެސް ނާންނާނެ ކަމުގެ ޔަގީންކަން ދޭނީއެވެ.

ރިޔާ ލަވައިގެ ރާގެއް އަޅުވަމުން ސިޑިން މައްޗަށް އަރައިގެން އައިއިރު އޭނަ ހުރީ ނިކަން އުފަލުންނެވެ. ޖިލާ އާއި ނިކީ އާއި ދެކުދިން އިންޑޯ ޕޫލްގައި މަޖާކޮށްލަން އުޅުނު އިރު އެކުދިންނާއި ބައިވެރިވުމެއްވެސް ނެތި ރިޔާ މިއައީ ޒެވިޔަންގެ ގާތަށެވެ. ޒެވިޔަން ގެ އޮފް ދުވަހަކަށްވީމަ ތަންކޮޅެއް ގިނަވަގުތު ޒެވިޔަންއަށް ދޭން ރިޔާ ބޭނުންވިއެވެ. ރިޔާ ބެލްކަނިން ދަމުން އެއްލިކަޅިއަކުން ޒެވިޔަން ގަސްތަކުގެ ތެރެއިން ފެނުމުން ގޮވައިލަން އުޅުނު ތަނުން އޭނަ ހުރީ އެކަނި ނޫންކަން އެނގުމުން ހައިރާންވެ އަންތަރީސްވިއެވެ. ރިޔާ ތަނބުގެ ފުރަގަހުގައި ހުއްޓިގެން ހުރި އިރު އޭނައަށް ހީވީ އަނބުރައިގެންފާނެ ހެންނެވެ. ފައި ވެސް ތުރުތުރު އަޅަންފެށިއެވެ.

"އަލީނާ..." ރިޔާއަށް އެތެރެ އެތެރެއިން ހަޅޭއްލަވައިގަނެވުނު ނަމަވެސް އަޑު ބޭރެއްނުވިއެވެ. ހިތް ފަޅައިގެންދާހާވަރުވިއެވެ. ޒެވިޔަން ކޮންމެވެސް އެއްޗެކޭ ބުނެލާފައި ހީލަމުން އަލީނާގެ އަތުގައި ހިފަހައްޓާލިއެވެ. ދެން ޒެވިޔަން ދިއްކޮށްލީ ރަތްކުލައިގެ ނުފޮޅޭ ފިނިފެންމަލެކެވެ. އިތުރަށް އެމަންޒަރު ބަލާކަށް ރިޔާއަކަށް ކެތެއް ނުކުރެވުނެވެ. އޭނަ ވިދުވަރެއްހާ ހަލުވިކޮށް ކޮޓަރިއަށް ވަންއިރު ރުޅިގަދަވެގެން ގޮސް މޫނުވެސް ހީވަނީ ރަތް އަލިފާން ކޮޅެއްހެންނެވެ. ރުޅިގަދަވީމަ އެހެންދުވަހު ރޮވުނަސް މިއަދު ރިޔާ އަކަށް ނުރޮވުނެވެ. އޭނަ ބޭނުންވީ އެ ދާގޮތަށް ގޮސް އަލީނާ ނޮޅައިލުމަށެވެ. މޫނު ޗިސްކޮށްލުމަށެވެ. 

"އެ ބިޗް މިގެއިން ނުދާން އުޅުނު ސަބަބު މިއެގުނީ...." ރިޔާ ބޭނުންވީ ކޮޓަރިވެސް ސުންނާފަތި ކޮށްލުމަށެވެ. އާދައިގެ މަތިން އެނދުގައިވާހާ އެއްޗަކާއި، ޑްރެސިންޓޭބަލް މަތީގައިވާހާ އެއްޗެއް ބިމަށް ތިރިކުރަން އުޅެލާފައިވެސް ރިޔާ މައިތިރިވިއެވެ. ފުންނޭވާތަކެއް ލަމުން އޭނަ ޒެވިޔަންގެ އިންތިޒާރުގައި ހުރި އިރު ހިތަށް ފެންނަނީ ޒެވިޔަން ހީލަމުން އަލީނާއަށް ފިނިފެންމާ ދިއްކޮށްލި މަންޒަރެވެ. ހާދަ ރޮމެންޓިކްއެވެ. އެގޭގައި ގެންގުޅޭ މެއިޑަކާއި، ޒެވިޔަން އެފަދަ ގުޅެއް ބާއްވަން ލަދެއްވެސް ނުގަތެވެ. އޭނަ އާއި ބަލާ އިރު އަލީނާ އަކީ ކުނިކޮޅެކެވެ. އޭނަ ރަނގަޅު ކަމުން އެހާ ނާގާބިލު މީހަކަށް ވަޒީފާ ދިނީމަ ހެދިގޮތް އެހެރީއެވެ. އޭނަ އަލީނާގެ ފުރާނަވެސް ރޮއިގަންނަ ވަރުކޮށްލާނެއެވެ.

ފަސްމިނިޓްވެސް ނުވަނީސް ޒެވިޔަން ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. ޒެވިޔަން އަށް ރިޔާ ސޯފާގައި އިށީދެގެން އިންކަމެއްވެސް ނޭގުނީކަން ނޭގެއެވެ. އޭނަ ހުރީ އަމިއްލަ ދުނިޔެއެއްގައެވެ. ރިޔާ އާއި އަޅައިލުމެއްނެތި ފޯނު ނެގިއެވެ. މީހަކަށް މެސެޖެއް ލިޔަން ފެށީ ކަންނޭގެއެވެ. ރިޔާއަށް އިތުރަށް ކެތެއްނުކުރެވުނެވެ. ފުންމައިގެން އައިގޮތަށް ފޯނު ޖަހައި ގަތެވެ. ޒެވިޔަން ގެ ހުޝިޔާރު ކަމުން އޭނަ ރިޔާގެ އަތާއި އެކީގައި ފޯނުގައި ހިފެހެއްޓިއެވެ.

"އަހަންނަށް ހުރިހާ ކަމެއް ފެނިއްޖެ..." ރިޔާ ހަޅޭއްލަވައި ގަންނަމުން ޒެވިޔަންގެ ޓީޝާޓުގައި ހިފާ ތަޅުވައިގަތެވެ.

"ރިޔާ، ލިސަން ޓު މީ، އަހަރެން ވީގޮތް ކިޔައިދީ ފާނަން، ރުޅި އައީމާ އަވަހަށް މުސްކުޅިވާނެ، ވީއިރު ހަމަޖެހިބަލަ ޑާލިން. ލޮލަށް ފެންނަ މަންޒަރަކުން ކެހިދީފާނެ، ކިރިޔާކަމެއް ފެނިލާއިރަށް ނުބައި ކަމެއްކަމަށް ޔަގީން ކުރާނީ މޮޔައިން...." ޒެވިޔަންއަށް ރިޔާ އެހާގަޔަށް ރުޅިއައި ސަބަބު ވިސްނިގެން ރިޔާ ފިނިކުރަންވެގެން ސަމާސާ ހިނިތުންވުމަކާއި އެކީގައި ބުންޏެވެ.

"ކިޔައިދޭނެ ކަމެއް ނެތް، ބޭނުމެއްނޫން އަޑުއަހާކަށްވެސް، ހަމަ މިހާރު އެ ހަންޑިކުއްޖާ މިގެއިން ބޭރުކުރޭ، ފުރަތަމަ ޖަހައިގަތީ މަގޭ ނިކީ، އެވަރުން ނުފުދިގެން މަގޭ ފިރިމީހާގެ ފަހަތުން އަޅުވާލީ އެއްނު، ނުކެރޭނެ ފުރާނަ އާއި ގެން މިގެއިން ސަލާމަތް ވާކަށް......." ރިޔާ ރުޅިގަދަވި ވަރުން ހަމަހޭވެރިކަމެއްވެސް ނެތެވެ. އޭނަގެ ދިގުކޮށްލާފައިވާ ނިޔަފަތިތަކުން ޒެވިޔަންގެ އަތުގައި ވިކައި، ލޭއަރުވާލުމުން ޒެވިޔަން ހިމޭންވިއެވެ. ޒެވިޔަން އިރުކޮޅެއްވާންދެން އެއްޗެކޭ ނުބުނެ ހުރުމަށްފަހު ނިކުމެގެން ދާން ހިނގައިގަތީ އަމިއްލަ ކުށްވެސް އެކަމުގައިވާކަމަށް ގަބޫލުވެސް ކުރެވޭތީއެވެ. ޒެވިޔަންގެ އެ ފަރުވާކުޑަކަމާއި، ހިމޭންކަމުން ރިޔާގެ ރުޅިވަކިން ގަދަވިއެވެ. ރިޔާ ފަހަތުން އައިގޮތަށް ދެއަތަށްލެވުނުހާ ބާރެއްލާފައި ކުޝަންއަކުން ޒެވިޔަންގެ ބުރަކަށްޓަށް ވީއްލާލި އެތިފަހަރަކުން ޒެވިޔަންއަށްވެސް ތަދުވާނެކަން ޔަގީނެވެ. 

ކޮމެންޓް 0