ނޫން، ބްރޯ. ޒާވް އަންނަން ދެން އިންތިޒާރުގައި އޮތީ...." އަލީނާ އެހެން ބުނެލީ ކިރިޔާ ދާވިޝްއަށް އަޑުއިވޭ ވަރަށެވެ. އެވަގުތު ދޮރުމައްޗަށް އެރި މީހަކަށް އިވުނީ ފަހު ލަފުޒު ތަކެވެ. އެމީހެއްގެ ފިޔަވަޅުތައް ގަނޑުވިއެވެ. އަދި އެމީހަކަށް ރީއްޗަށް ދާވިޝްގެ މޫނުމަތީގައި ހުރި ޝައުގު ވެރިކަން ފެނުނެވެ. ލޯބިވާ މީހަކާއި ދިމާލަށް ނޫނީ އެގޮތަކަށް މީހަކު ބަލަހައްޓައި ގެނެއް ނުހުންނާނެއެވެ.

"ތެދުވަން ނޫޅެބަލަ، އަހަރެން ބޭނުމެއް ނޫނޭ އެލީ އަށް އުދަގޫ ޖައްސާކަށް، ރެސްޓް ނަގައިބަލަ ލަވް...." ދާވިޝް ހީލާފައި އެހެން ބުނެލިނަމަވެސް "ބްރޯ" އެލަފުޒުން ދާވިޝްގެ ހިތަށް ނޭގޭ އުދަގޫ ތަކެއްވިއެވެ. އަލީނާ އޭނަ އާއި މެދު ބޭބެއެއްގެ ގޮތުން ދެކެން ހިތެއް ނޭދުނެވެ. 

ދޮރުމަތީގައި ހުރި ސީމާ މާ ބާރަކަށް ކަރުކެހިލަމުން އޭނަ އައިކަން އިއުލާން ކޮށްލައިފިއެވެ. ދާވިޝް ވެސް އޭނަގެ މަންމަ އަންގައިވެސް ނުލައި ކުއްލިއަކަށް ގޭގެ ދޮރުމަތީގައި ހުރިތަން ފެނުމުން ބުމަ އަރުވައި ލެވުނީ ހައިރާން ކަމާއި އެކުގައެވެ. ސީމާ އެތެރެއަށް ވަދެ ލައިގެން ހުރި ކަޅު ކޯޓް ބާލައިފިއެވެ. ގަދަޔަށް މޭކަޕްކޮށްލައިފައި ހުރި ވަރުން ހީވަނީ ކޮންމެވެސް ކަމެއް ފޮރުވަން މަސައްކަތް ކޮށްފައި ވާހެންނެވެ. އެވަރުންވެސް އެ މޫނު މިލާފައިވާ ވަރާއި، ލޮލުގެ ކައިރިފަށް ކަޅުވެފައިވާ ވަރު ނުފޮރުވުނެވެ. ސީމާގެ އަލިފާނުގެ ބެލުން އަލީނާއަށް ސިކުންތު ކޮޅަކަށް އަމާޒުވިއެވެ. "ދޮންމަންމަ" އެއްގެ ވިހަ ނަޒަރުން އެ ޅަހިތް ރޫރޫއަޅާފައި އަވަހަށް ބޯއެސްފިޔަތައް ތިރިކޮށްލައިފިއެވެ.

ދާވިޝް ހިތްހަމަޖެހިފައި ހުރެ ގޮސް އޭނަގެ މަންމަގެ ގައިގައި ބައްދާލައިފައި، ޕާޓީ ބާއްވަންވާ އިރަށް މަންމަ އައީތީ އުފާވާކަމަށް ބުނެލިއެވެ. ސީމާ ދާވިޝްގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ގެއަށް ވަންނަން ދާން ހިނގައި ގަތުމުން އަލީނާއަށް ބަލައިލެވުނީ މައިދޮރާއި ދިމާލަށެވެ. އޭނަގެ ބައްޕަ ނާންނަނީ ބާވައެވެ. އެދެމީހުން ވަކިވީބާވައެވެ.

"މަމް، ވަޓް ހެޕެންޑް، އެނގޭ ކޮންމެވެސް ކަމަކާއި މަމް ތިހިރީ ނާވަސްވެފައިކަން...." ސީމާ ދާވިޝްގެ ކޮޓަރިއަށް ވަދެ ދޮރުތަންޑުތައް އަޅާލައިފައި ގޮސް ސޯފާގައި އިށީން އިރު އޭނަ އިނީ ދާވިޝް އާއި ހަތަރުކަޅި ހަމަކުރަން އުދަގޫވެފައެވެ. ދާވިޝް ވެސް މަންމަ ގާތުގައި އިށީނީ އެ ވާހަކައެއް އެހުމުގެ ޝައުގު ބޮޑުވިވަރުންނެވެ.

"ދަރިފުޅާ، މަމް ހުރީ މިވާހަކަ ނުބުނަން ކަމަށް، އެކަމަކު މަމްއަށް މިރޭ އެނގިއްޖެ ދާވިޝް އާއި އަލީނާގެ ގުޅުން ނުބައި ދިމާލަކަށް ގޮސްދާނެ ކަން، އެހެންވީމަ މިއަދު މަޖުބޫރު އެ ސިކްރެޓް ރިވީލް ކޮށްލަން، މަމް ހަނީމޫން ދުވަސްވަރު ރާއްޖެއަށް ގޮސްފައި އަލީނާގެ ބައްޕަ އަމީން އާއި ދިމާވި، މަމް އެދުވަސް ކޮޅު އުޅުނީ ވަރަށް ގޯސްކޮށް، ފަޒާލްއަށް ވެސް ސިއްރުން އެތައްކަމެއް ކުރިން، އަދި އެދުވަސްވަރު މަމް ވަނީ ކުށެއްކޮށްފައި، ދަރިފުޅުގެ ބައްޕަ އަކީ އަމީން...." ސީމާގެ އެ ޖުމްލައިން ދާވިޝްއަށް ހީވީ ކަންފަތް ކައިރީގައި ބޮމެއް ގޮއްވައި ލެވުނު ހެންނެވެ. ނަމަވެސް ދާވިޝް އަކީ އެފަދަ ކަންތައް ސީރިޔަސް ކޮށް ނަގާ ޒުވާނަކަށް ނުވާތީ ދާދި ފަސޭހައިން ސިކުނޑި ހަމަޔަކަށް އަޅުވާލައިފިއެވެ. 

"ގްރޭޓް، ވީއިރު ކުޑަ ކުޑަ އެލީ އަކީ މައި ސިސް..." ދާވިޝް އެހެން ބުނެލީ އެއްވެސް އިހުސާސެއް ނެތް ގޮތަކަށެވެ. ކުށްވެރި ކުރަންވީ މީހެއް ވެސް ނޭގުނެވެ. އެއިން އޭނަގެ ދިރިއުޅުމަށް ކޮށްފާނެ އަސަރެއް ވެސް އެވަގުތު ރޭކާނުލިއެވެ.

ސީމާ އިނީ ކުށްވެރިއެއް ފަދައިން އިސްޖަހާލައި ގެންނެވެ. މަންމަ އޭނަގެ ކައިރީގައި މިފަދަ ސިއްރެއް ފާޅުކުރީ އަލީނާ އާއި ދެމީހުން ގުޅިދާނެ ކަމުގެ ބިރަށެވެ. މަންމައަށް ނުބައި ޝައްކެއް ކުރެވުނީއެވެ. އެހެންނޫންނަމަ ދާވިޝް މަރުވެގެން ދާނީ ވެސް އޮޅުމެއްގެ ތެރޭގައި ހުރެއެވެ. ހަގީގީ ބައްޕަ ނޭގި ހުރެއެވެ. ދާވިޝް އެއްޗެކޭ ނުބުނެ ހިމޭނުން ހުންނަން ފެށުމުން ސީމާއަށް ރޮވުނެވެ. އޭނަ އާދޭސްކޮށްފައި ބުނީ އެހެން މީހަކަށް މި ހަގީގަތް ނޭންގުމަށެވެ. ދާވިޝް ގެ ހިތް ޝަކުވާއިން ފުރުނީ މަންމަ ނަސްލު އޮޅުވާލައިފައިވާ ވަރުންނެވެ. ރިޔާ ވެސް ބޮޑުދައިތައަށް މަންމަ ކިޔައިގެން ނޭގުމުގެ ތެރޭގައި ހާދަ ދުވަހެއް ވާންދެން ހުއްޓެވެ. ނުވިތާކަށް ދާވިޝް ލައްވާ ބައްޕަ ކިޔުއްވާފައި ވަނީ ލޭގެ ގޮތުން އެއްވެސް ގުޅުމެއްނެތް މީހަކަށެވެ. އެ އާއިލާގެ އެންމެންވެސް އޭނަ ދެކެ ކިހާ ލޯބިވޭ ހެއްޔެވެ؟ އެ ވެސް އޮޅުމެއްގެ ތެރޭގައެވެ. އޭނައަކީ ވެސް އަލީނާ ފަދައިން މި ޝާހީ އާއިލާއަށް ބީރައްޓެއްސެކެވެ.

"ޑޯންޓް ވޮރީ މަމް، އެނީވަން ކެން މޭކް އަ މިސްޓޭކް..." ދާވިޝް ވިސްނާލައިފައި އޭނަގެ މަންމަ ގެނެސް މޭގައި ޖައްސާލަމުން ބުންޏެވެ. އޭނައަކީ މިވީހާތަނަށް އުފާވެރިކޮށް އުޅެމުން އައިސްފައިވާ ޒުވާނަކަށް ވާތީ އޭނަ މަންމަ އާއި މައްސަލަ ޖައްސާކަށް ބޭނުމެއް ނުވިއެވެ. ޒުވާން އިރުގެ ޖޯޝުގައި ކުރެވުނު ކުށެއްގެ ސަޒާ މަންމައަށް ދިނުމުގެ ހައްގެއް އޭނަ އަކަށް ވެސް ނެތެވެ. އެހެންނޫނަސް ޝާހީ ލަގަބަކުން ވަކި ހުރީ ކޮންކަމެއް ހެއްޔެވެ؟ އޭނަގެ މަންމައަކީ ވެސް އާދައިގެ އާއިލާ އަކަށް ނިސްބަތްވި މޮޑެލް އަންހެންކުއްޖެކެވެ. މަންމަގެ ނަސީބަކަށް ވީ އޭނަގެ ރީތިކަމެވެ. ޕްރިންސްއެއް ލިބުމުގެ މަގު ތަނަވަސް ވީވެސް އެ ރީތިކަމުގެ ސަބަބުންނެވެ. ދާވިޝްއަކީ ވެސް އަންހެންކުދިން މޮޔަވާހާ ރީތި ޒުވާނެކެވެ. އެއީ ޝާހީ ތާޖުވެސް މިލްކުކުރަން ލިބިފައިވާ ޓިކެޓެވެ.

ސީމާ އެކަން ފޮރުވައި ދިނުމަށް ކުރި އާދޭސް ތަކާއި، އެލޮލުން އޮހުނު ކަރުނަތަކުގެ ސަބަބުން ދާވިޝްއަށް ހިމޭނުން ހުންނަން މަޖުބޫރުވިއެވެ. އޭނަ ގެ ހިތަށް އަސަރު ކުރީ އެންމެ ސަބަބަކާއި ހުރެއެވެ. އަމިއްލަ ނަފުސާއި މެދު ލަދުވެތިވީ އެންމެ ކުށެއްގެ ސަބަބުންނެވެ. އޭނައަށް ކޮންމެވެސް ވަރަކަށް އަލީނާއަށް ހިތް ކިޔުނީތީއެވެ. އަލީނާގެ ރީތިކަމާއި މެދު ވިސްނުނީތީއެވެ. އެއީ އޭނަގެ އެއްބަފާ ކޮއްކޮއެވެ. ކޮއްކޮ އަށްޓަކައި ވެސް ހިތުގައި އިޝްގީ ލޯތްބެއް އުފެދުނީއެވެ. އެކަމަކު ނޭގުމުގެ ތެރޭގައެވެ.

މައިމޫން ކިތަންމެ ބޮޑަށް ރުޅިދުރުވެފައި ހުންނެވި ނަމަވެސް ސިމާ އެގެއަށް އައުމުން އެގެއިން ނެރެލައްވާކަށް ބޭނުމެއް ނުވިއެވެ. މައިމޫންގެ މަގުސަދަކަށްވީ ސީމާ އާއި އަމީން ކޮންމެ ގޮތެއް ހަދާފައިވެސް ދުރުކުރުވުމެވެ. އެހެންނޫންނަމަ އޭނަގެ ބޮޑުބޭބެގެ ދަރިންގެ ހަޔާތަށްވެސް އެ ނުލަފާ މީހާގެ ހިޔަނި އެޅި ބަރުބާދުވެގެން ހިގައިދާނެ ކަމުގެ ބިރު ބޮޑެވެ. އެހެންނޫންނަމަ ސީމާ އަމަލުކޮށްފައި ވާގޮތުން މައިމޫން ދެވަނަ ފަހަރަށް ސީމާ އާއި ހަތަރުކަޅި ހަމަކޮށް ލަންވެސް ބޭނުން ނުވީހެވެ. ނަމަވެސް މިއަދު މައިމޫންގެ ހިތުގައި ކޮއްކޮއެއްގެ ދަރިންނާއި މެދު އުފެދިފައިވާ ލޯތްބެއްގެ ބޮޑުކަމުން، މި ކެހިވެރި އަންހެނާ އާއި މެދު ތަފާތު ގޮތަކަށް ކަންތައް ކުރަން މަޖުބޫރު ވެލެއްވީއެވެ. 

މައިމޫން، ޒީބާ އަދި ސީމާ ފެންޑާގައި ވާހަކަދައްކަން ތިބިއިރު ކޮންމެ މީހެއްގެ އަތުގައި ހުރީ އާވި އަރައަރާ ހުރި ކޮފީތަށްޓެކެވެ. ދުރުދުރަށް ދާންދެން ފަޒާ ފެންނަނީ ފުސްކޮށެވެ. ފިނި ވައިރޯޅިތައް ގައިގައި ބީހިލުމުން ކޮންމެވެސް ވަރަކަށް ފިނިކަން އިހުސާސް ކުރެވުނަސް އެންމެން ތިބީ އެކަށީގެންވާ ހެދުން ތަކުގައެވެ. ފިނީގެ ސަބަބުން އެތައް ނިކަމެތިންނެއް މަގުތައް މަތީގައި މަރުވަމުން ދާއިރު މިފަދަ މުއްސަނދި މީހުން އުޅެނީ އަރާމުގައެވެ. ހޫނުކޮށްފައިވާ ގެތަކުގައި، ހޫނު ބުއިންތައް ބޮއެގެންނެވެ.

"މި ކޮފީ އެހާ މީރެއް ނޫން، އަލީނާ ނޫން މީހަކު ކޮފީ ހަދައިގެން މިހާރު ބޮވޭވަރެއް ނުވޭ..." ޒީބާއަށް ބުނެވުނެވެ.

"އެ މެއިޑް ކުއްޖާ ރިޕީޓްކޮށް އެކަން ކުރަމުން ގޮސް މޮޅުވީ ކަންނޭގޭ، ކެއްކުމުގެ ބަޔަށް އެމީހުން ނިކަން މޮޅުވާނެ ކަމަށް އަހަރެން ވެސް ގަބޫލު ކުރަން، އަދި ހެއްވާ ކަމަކީ އެންމެ ފަހުން އެކުއްޖާ މަގޭ ދޮންދަރިއަށް ވިކަން.... އަމީން ކައިރީ ބުނިން އަލީނާ މިގޭގައި މެއިޑަކަށް ހުންނަ ވާހަކަ، އެކަމާއި ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރީ، ބާރަ ނިންމާލައިފައި ހުރި މޮޅުކުއްޖެއް ބަދިގޭގައި ހުންނަނީ ހެއްޔޭ، ބުނިން މި ޕެލެސްގެ ބަދިގޭގައި އުޅެވޭނީ ވެސް ޑިގްރީ ފެންވަރު މީހުންނަށޭ...." ސީމާ ހިތުގައިވާ ހިތާމަތައް ފޮރުވަން ބާރު ހިނިގަނޑެއް ޖަހައިލި ނަމަވެސް ކުރިން އެހުންނަ އުފާވެރި ގޮތެއް މޫނުގައި ނެތެވެ.

"އޭނަ ޕާޓީއަށް ނާންނަނީތަ؟ އާނ ދެން އަދި ސިމީ އާއި ކައިވެނި ނުކުރަންޏާ އެހެން އަންނާކަށް ވެސް ނުޖެހޭނެ ދޯ......." ޒީބާ އެހެން ބުނެލުމުން ސީމާގެ މޫނު ގެ ކުލަވަރު ބަދަލުވިއެވެ. އަމީން ޑިސެމްބަރ އެއްތިރީހުގައި އެމެރިކާއަށް އަންނާނެއެވެ. އޭނަވަނީ ސީމާ ބްލެކްމެއިލް ކޮށް، އަޅަކަށް ހަދާފައިކަން ޒީބާ ގާތު ބުނެދޭންވީ ހެއްޔެވެ؟ އަމިއްލައަށް ހިތުގެ އެންމެ ކަނުގައި ފޮރުވާފައިވާ އެ ބިރުވެރި ސިއްރު ކިޔާދޭންވީ ހެއްޔެވެ؟ ނޫނެކެވެ. އޭނައަށް ޒީބާއަށްވެސް އެފަދަ ކަމެއްގައި އިތުބާރު ކުރާކަށް ނުކެރޭނެއެވެ. އެހެންނޫނަސް ޒީބާ އެންމެ ދެކެން ބޭނުންވާނެ ދުވަހަކީ ސީމާ އެހެންމީހެއްގެ އަންބެއްގެ ގޮތުގައި އިންނަތަނެވެ. ސީމާ އެވަގުތު އޭނައަށް ކުރެވުނު މޮޔަކަމާއި މެދު އިންތިހާއަށް ހިތާމަކުރިއެވެ. ފެންކަޅިވެސް ވިއެވެ. ނަމަވެސް ދެން މައިމޫންގެ ހިތާއި ހަމަޔަށް ވާސިލުވާނެ ހުރިހާ ދޮރެއް އޭނަވަނީ އަމިއްލަ ދެއަތުން ބަންދުކޮށްލާފައެވެ.

ޒީބާ އަލީނާއަށް ގޮވާލައިފައި ދޭތެރެ އަކުން ގެނެސް ވާހަކަ ދައްކައިލަން އިނދެއެވެ. އެހެން މީހަކު ނެތްކަން ޔަގީންވާ ވަގުތުތަކުގައި އަލީނާގެ ގާތުން ބޭބީމެން ރަނގަޅުތޯ ކިޔައިގެން އެ ޚަބަރުވެސް އޮޅުން ފިލުވައެވެ. ޒީބާ އެންމެ ހިތްހަމަ ޖެހެނީ އަލީނާ އާއި އެގޮތަށް ވާހަކަ ދައްކައި ލެވުނީމައެވެ. އަލީނާ އަތް ބޭނުން ކުރަން އުދަގޫވި އިރުވެސް ވާހަކަ ކިޔައިދޭ ހިތްވިއެވެ. މައިދައިތަ ގެ ލޯ އަނދިރިވެފައި ވާތީ އެކަނިވެރި ވާނެ ވަރާއި، ފޫހިވާނެ ވަރު އިހުސާސް ކުރެވި އަލީނާގެ ހިތަށް އެހެން އަރާފަހަރު މަދެއްނޫނެވެ. އަލީނާއަށް ނޭގި އަމަލުތައް ބެހެއްޓޭ ގޮތުންނާއި، ދެއްކޭ ވާހަކަތަކުން ޒީބާގެ ހިތުގައި ވާ ލޯބި ދުވަހެއް ދުވަހަކަށްވުރެ އިތުރުވަމުން އައެވެ. 

އެއާއި ޚިލާފަށް ސީމާ އަށް އޭނަ ފެންނައިރަށް ލޯ އަޅައިލައެވެ. ދުވަހަކު ހެޔޮހިތުން އަނގައިން ބުނެލީއެއް ނޫނެވެ. ސީމާ އައުމަށްފަހު އަލީނާ ހުންނަނީވެސް ސިހިފައެވެ. ބިރުގެންފައެވެ. ސީމާ ކޮންމެފަދަ ނުބައިކަމެއް ވެސް ކޮށްފާނެކަން އެނގޭތީ އަބަދު ހުރެވެނީ ވިސްނައި ގެންނެވެ.

ކޮންމެ ރެއަކު ޒެވިޔަން އަލީނާގެ ކޮޓަރިއަށް ނިދަންދާތީ ރިޔާގެ ހިތުގައިވާ ހަސަދައިގެ ހުޅުކޮޅު ބޮޑުވިޔަސް ރިޔާ ހުންނަނީ ހިމޭނުންނެވެ. އެހެން ނޫނަސް އަލީނާގެ އަތުގައި ސްލިންގް އަޅުވާފައި ހުރީމަ އެހެން މީހެއްގެ އެހީތެރިކަން ބޭނުންވާނެއެވެ. އެކަމަކު ރިޔާ ދެކޭގޮތުން އަލީނާ ނިދުމަށްފަހު ޒެވިޔަން އެ ކޮޓަރީގައި އޮތުމަކީ ބޭކާރު ކަމެކެވެ. ހާދިސާއެއް ދިމާވެއްޖެއްޔާ އަލީނާއަށް ފޯނުން ވެސް ގުޅިދާނެއެވެ. ރިޔާއަށް ނޭގުނީ އަލީނާ ރޭގަނޑު ވެސް ނުނިދިގެން އުޅެން ޖެހޭ ހާލެވެ.

ރިޔާ ކޮޓަރީގައި ރަތްކުލައިގެ އެތައް އުށްބައްތިއެއް ޖަހައިލުމުން އެ ހުޅުކޮޅުތަކުގެ ހިތްގައިމު އަލިން ކޮޓަރި އުޖާލާވެގެން ދިޔައެވެ. އަދި ރިޔާ ލާފައި ހުރި ރަތްކުލައިގެ ނިދާހެދުމާއި، ލުއި މޭކަޕުގެ ސަބަބުން އޭނަ ވެސް ހީވަނީ ޕަރީއެއް ހެންނެވެ. ހިތްތައް ހަލާކުކޮށްލާހާ ފުރިހަމަ ސިފަތަކެވެ. ޒެވިޔަން ކޮޓަރިއަށް ވަނީ ކޮފީ މަގެއް ހިފައިގެންނެވެ. މިރޭ ޒެވިޔަން ލައިގެން ހުރި ގްރެފިކް ޓީޝާޓާއި، ދިގު ސޯޓުގެ ސަބަބުން ރަސްމީ ގޮތް ތަންކޮޅެއް ކުޑަވެފައިވި ނަމަވެސް އެމޫނު މަތީގައި ވި ފިރިހެންވަންތަ ގޮތާއި އެ ބަލައިލި ކަތި ނަޒަރުން ރިޔާގެ ނޭވާވެސް އެތެރެހަށީގައި ތާށިވިއެވެ. ހަމައެކަނި އޭނަގެ މީހަކަށް ޒެވިޔަން ވާނީ ކިހިނެއް ހަދައިގެން ހެއްޔެވެ؟ ރިޔާ ވިދުވަރެއްހާ ހަލުވިކޮށް ގޮސް ޒެވިޔަންގެ ކޮނޑުގައި ހިފައިގަނެގެން އުރަށް އެރިގޮތަކުން ޒެވިޔަންގެ ހަށިގަނޑު ބެލެންސް ކުރެވުނީ ހަމަކިރިޔާއެވެ. އެކަމަކު އޭނަ ކޮފީތަށިވެސް ސަމާލުކުރިއެވެ.

"މިކުއްޖާވެސް ކުރާކަންތައް، ކޮފީތަށި ބޭބީގެ ގަޔަށް ބަންޑުންވިނަމަ މަ ކުށްވެރިވާނެ ދޯ..." ޒެވިޔަން އެއް ލޯ މަރައިލަމުން ގަޑިއަށް ބަލައިލައިފިއެވެ. ރިޔާއަށް އެމަންޒަރު ފެނުނެވެ. އޭނަގެ ކައިރިއަށް އައިތާ މިނިޓެއްނުވެ އަލީނާގެ ކޮޓަރިއަށް ދާންވެގެން އޭނަ އާއި "ބޭބީ" ވެގެން ވާހަކަ ދައްކާނެއެވެ. ޒެވިޔަންއަށް އޭނަގެ ހިތް ހަމަ ނޭގެނީ ހެއްޔެވެ؟ ސިކުނޑީގައިވާ އެއްޗެއް ދެނެނުގަނެވޭނެ ހެއްޔެވެ؟ ނޫނީ ގަސްތުގައި އަޅާނުލަނީއެވެ.

"ޒެވިޔާ މާ ސްޓްރޯންގް ވާނެ އެހެންވެ އަހަންނަށް އެނގޭ ގާލް އަކާއި، ކޮފީތަށްޓެއް ކޮންޓްރޯލް ނުކުރެވޭވަރުގެ މީހެއްނޫންކަން...." ރިޔާ ޒެވިޔަންގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލަމުން ހިފެހެއްޓުމެއް ނެތި އެ މޫނުގައި ބޮސްދިނެވެ. ޒެވިޔަން ކޮފީތަށި މޭޒުމަތީގައި ބެހެއްޓިއެވެ. ކޮފީގެ އެ ހުންނަ ވަހަކުންވެސް ސިކުނޑި އާއި ކުޅުވަފާނެއެވެ.

"ބޭބީ ހާދަ ރީއްޗޭ، އަދި މި ރޫމް ރޮމެންޓިކް ކަމުން މިހިރީ ސްޕީޗްލެސް ވެފައި، ވަރަށް ވާއު އިގޭ ލޯބި، މި ކޯޒީ ރޫމް، ކެންޑްލްސް ތަކާއި އަދި މި ރީތި ޕަރީ ފެނުމުން މޮޔަވާ ވަރުވެއްޖެ، އެކަމަކު ބޭބީއަށް ނޭގުނު އެންމެ ރޮމް ކޮށްލަން ކުރަންވީ ކަންތައް...." ޒެވިޔަން ރިޔާ އެނދުގައި ބާއްވާފައި ގޮސް ކުޑަދޮރުތައް ހުޅުވާލައިފިއެވެ. އޭރު ހަނދު، އަލިގަދަ ބައްތިއެއް ފަދައިން ބަގީޗާ ތެރެއަށް އަލިކޮށްލައިފައި ވެއެވެ. އެ އަލީގައި ގަނޑުފެންތައް ވިދަމުން ދިޔައީ އެތައް މިލިއަން ޖަވާހިރު ފަދައިންނެވެ. އެއީ ޒެވިޔަންވެސް ބަލައި ފޫހިނުވާ މަންޒަރެކެވެ. ހަނދުވަރުގެ އަލިކަމުންވެސް ހަނދާނަށް އައީ އޭނަގެ އަލީނާ އެވެ. އެ މައުސޫމްކަމެވެ. ޒެވިޔަން އިރުކޮޅަކަށް ދޮރުގައި އަތް އަޅުވާލައިގެން ބަލަހައްޓައިގެން ހުއްޓާ ގަނޑުވާފަދަ ފިނި ވައިރޯޅިތައް އޭނަގެ މޫނުގައި ޖެހިގަތް އިރު ހީވީ އެހެންފަދަކަމެއް ހެންނެވެ. 

"ޒެވިޔާ، ކީއް ތިކުރީ....." ކޮޓަރި ތެރެއަށް ހުރަހެއް ނެތި ވަންނަމުންދިޔަ ވައިގެ ގޯނާތަކާއި އެކު ރިޔާގެ ގައިން ހީބިހިނަގައި، ފިނިވެއްޖެއެވެ.

"އޭރުން އެކްސްޓްރާ ރޮމެންޓިކް ވާނެ، ހަދާނެއް ނުވޭތަ އަހަރެމެން ސްނޯ ވެހޭއިރު، އަލިފާންގަނޑު ކައިރީގައި ސްލީޕް ކުރި މެމަރަބްލް ނައިޓްސްތައް، ރޫމް ހޫނުވީމަ ކިހިނެއް އިޝްގީ ވާނީ، މާ މުއްސަނދިކޮށް އުޅުނީމަ ނެޗަރ އިން ލިބޭ އެންމެ ފުރިހަމަ އަރާމެއް ނުހޯދޭނެ...." ޒެވިޔަން ލާނެތް ހިނިތުންވުމަކާއި އެކު ރިޔާގެ ކޯތާފަތުގައި މަޑުމަޑުން ހިފާލައިފިއެވެ. ތެދެކެވެ. ރިޔާއަށްވެސް އެކަން ގަބޫލު ކުރެވުނެވެ. ފިނިގަދަވުމުގެ ސަބަބުން އޭނަ ވެސް ހީފިލުވައިލަން ޒެވިޔަންގެ އަތުތެރެއަށް ވަންނަން މާބޮޑަށް ބޭނުންވިއެވެ. ދެމަފިރިން ވަގުތު ތަކެއްވާންދެން ލޯބިން އުޅެލުމަށްފަހު، ކުއްލި އަކަށް ކަމެއް ހަދާން ވެގެން ކަހަލަ ގޮތަކަށް ޒެވިޔަން ތެދުވެއްޖެއެވެ. ރިޔާ، ޒެވިޔަންގެ އަތުގައި ހިފާފައި ނުދާށޭ ކިޔާފައި އާދޭސް ކުރަން ފެށިއެވެ. އެންމެ ރެއަކު އަލީނާ އެކަނި އޮތަސް މައްސަލައެއް ނުޖެހޭނެ ކަމަށް ބުންޏެވެ.

"ނޫން ރިޔާ، އެލީ މިހާރު ވިހަން ކައިރިވެފައި، އަނެއްކާ އަތުގެ ސަބަބުން އެލީއަށް އުދަގޫވާނެ އެނދުން ތެދުވާން ވެސް، ރިޔާ ތިއީ ރަނގަޅު ކުއްޖެއް، ޓްރައި ޓު އަންޑަސްޓޭންޑް ބޭބީ...." ޒެވިޔަން ކިތަންމެ ވަރަކަށް ވިސްނައި ދިނަސް ރިޔާ ހުރީ ޒެވިޔަންގެ ގައިން ދޫކޮށްލާ ގޮތަކަށް ނޫނެވެ. ޓީޝާޓް އަތަށް އޮޅައިލި ގޮތަށް ދޫކޮށެއްނުލިއެވެ.

"މިރޭ ނުދެވޭނެ، އައި ސްވިއަރ ޓު ގޯޑް، ޒެވިޔާ ތިހެން ހަދައިފިއްޔާ އައި ވިލް ކިލް ހާރ، މަންމަ ލޯ އަނދިރި ކޮށްލި މީހަކަށް ކޮންމެ ކަމެއްވެސް ކުރެވިދާނެ، ޒެވިޔާއަށް ތިއުޅެނީ އަހަރެން މިއީ ކާކުކަން ނޭގިގެން......" ރިޔާ ތުންފަތުގައި ބާރަށް ދަތްއަޅައިލަމުން ރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކުރިއެވެ. 

"ރިޔާ، ޑޯންޓް އެކްޓް ލައިކް އެ ކިޑް، އެހެންނޫނަސް ކޮންމެ ފަހަރަކު ރިޔާ ތިގޮތަށް ބޮޑާ ހާކައިގެން އަހަރެން ނުޖެހޭނެ ބުނާހާ ގޮތަށް ކަންތައް ކޮށްދޭން، ރީއްޗަށް ބުނެފިން އަލީނާ ބަލިކަމުންނޭ މިދަނީ، އަހަރެން ކޮންމެހެން ވަކި މީހަކަށް ވަކި ގޮތެއް ހަދާކަށް ނޫނޭ، ރިޔާ ނޫން ކުއްޖެއްނަމަ ތިގޮތަށް ކަންތަކެއް ނުކުރާނެ. އަހަރެން ހާދަ ކެތްކޮށްފީމޭ، މޮޔަ ބޮލުން ފައިބާވަރުވެއްޖެ ދެން، ނޫނީ ތަޅައިގަންނާނީ، އެނޫން ގޮތަކަށް ބުނާ ގޮތަކަށް ނެހެދިއެއްނު، ދެން އަހަންނާއި ދުރުން އުޅެބަލަ...." ޒެވިޔަން ރިޔާގެ އަތް ވީއްލުވާލައިފައި ވާހަކަ ދެއްކީ ކިތަންމެ މަޑުންކަމަށް ވިޔަސް އަމުރުވެރި ގޮތެއް ހުއްޓެވެ.

ޒެވިޔަން ރުޅިގަދަވެ ބުމަގޮށްޖަހާލައިގެން ހުރި އިރު ހައްތަހާ ރީތިކަމަށް ދައްކައެވެ. ހަގީގަތުގައިވެސް މިހާ ރީތި ޒުވާނުންގެ ފިރިހެންވަންތަކަން ހައްތަހާ އިތުރު ވަނީ ރުޅިގަދަވެފައި ހުންނަ އިރު ކަންނޭގެ އެވެ. ޒެވިޔަން އިންޒާރުގެ ނަޒަރަކުން ބަލައިލައިފައި ދާން ހިނގައި ގަންނަމުން ކުޑަކޮށް ހީލިތަން ރިޔާ އަކަށް ނުފެނުނެވެ. ޒެވިޔަން ގަސްތު ކުރީ މިރޭ ރުޅި އައިކަމަށް ހެދިގެން ރިޔާ ބިރުގަންނަވާލުމަށެވެ. އެނޫންގޮތަކަށް ރިޔާ ރަނގަޅެއް ނުވާނެއެވެ. 

ރިޔާ ރީއްޗަށް ލަދުގަނެ މޫނަށް ވެރިވެގެން ދިޔައީ އުށްބައްތި ތަކުގައި ހުރި ކުލައެވެ. އޭނައަށް ޒެވިޔަންގެ ފަހަތުން ދާކަށް ވެސް ނުކެރުނެވެ. ފަހަތަށް ޖެހެމުން ގޮސް އެނދުގައި އިށީން ގޮތަށް ވަޔާއި ވިހުރެމުން ދިޔަ އުށްބައްތި ތަކަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އުށްކޮޅުތައް ވިރަމުންދާއިރު ލުއި މީރުވަހެއްވެސް ފަޒާގައި ހަރުލާފައިވެއެވެ. އަދި ފިނި ފިނި ވައިރޯޅިތައް އޭނަގެ ހަށިގަނޑުގައި ބީހެން ފެށުމުން ރިޔާ ކަކޫގެނެސް މޭގައި ޖައްސާލައިރު ދަތްދޮޅިއަށް ދާންދެން ތުރުތުރުއެޅިއެވެ. އޭރުވެސް ކުޑަދޮރުތައް ހުރީ ހުޅުވާފައެވެ. ސްނޯއިން ބަރާވެފައިވާ ގަސްތައް ހާމަޔަށް ހުރުމުން ރިޔާގެ ހިތް ބާރަކަށް ތެޅިގަތެވެ. ލޮލަށް ކަރުނަ ޖަމާވިއެވެ. ޒެވިޔަން ހާދަ ގޯހެވެ. ދޮރުތައްވެސް ތަޅުނުލައި އެދިޔައީ އޭނަ އާއި އެއްވެސް ވަރަކަށް އަޅާނުލާތީއެވެ. ހާދަ ގޯހެވެ. ހާދަ ރަހުމް ކުޑައެވެ. އޭނަ މިހާވަރަށް ލޯބިވުން އެ ފިރިހެނާއަށް ހައްގެއްވެސް ނޫނެވެ. ރިޔާ ހިތާހިތުން އެއްޗެހި ކިޔަމުން ގޮސް ރުޅިވެސް ގަދަވިއެވެ. ބާލީހުގައި ތަޅައިގަނެވުނެވެ. އެކަމަކު އެއަށްވުރެ އިތުރު ހަރަކާތެއް ކުރަން އުޅެފައިވެސް ރިޔާ ޖެހިލުންވިއެވެ. ރިޔާ ފުން ނޭވަޔެއްލިއެވެ. 

އޭނަހާ މޮޔަ އަންހެންކުއްޖެއް މި ދުނިޔޭގައި ވާނެހެއްޔެވެ؟ ޒެވިޔަން ދެ އަންބަށް މީހަކާއި އިންނަން މަޖުބޫރު ކުރުވީ އޭނައެވެ. އެކުރެވުނު މޮޔަކަމުން ދަރިއެއް ހޯދުނުނަމަ އެންމެ ރަނގަޅެވެ. އެކަމަކު ލިބެން އުޅުނު ދަރިފުޅުވެސް ނައްތާލެވުނީއެވެ. ހާދަ ދެރައެވެ. އަމިއްލަ ނަފުސާއި މެދު ސަހަރޯވެރިވެ ރިޔާއަށް ގިސްލެވެން ފެށިއެވެ. ކުއްލިއަކަށް ޒެވިޔަން ދޮރު ހުޅުވާލައިފައި ވަނުމުން ރިޔާ ވެސް ސިހުނެވެ. ވަގުތުން އަޑު ބޭރުވިޔަނުދޭން ބާލީސް އަނގައިގައި އަޅައި ބާރުކޮށްލަމުން ކަރުނަތައް ފޮހެލައިފިއެވެ. ލޯބިވެރިންގެ ހިތާއި ފުރާނަ ގުޅިފައިވެޔޭ ބުނަނީ މިހެންވީމަ ބާވައެވެ. ހީވީ އޭނަގެ ހިތުގެ އަޑު ޒެވިޔަންއަށް އިވިގެން އައިހެންނެވެ. ޒެވިޔަން އަނގައިން ބުނުމެއްނެތި ގޮސް ކުޑަދޮރުތައް ލައްޕާލައިފައި، ފަރުދާތައް ވެސް ދަމާލައިފިއެވެ. އަދި ނިދާބޮކި ދިއްލައިލުމަށްފަހު، ހުރިހާ އުށްބައްތިތައް ނިވާލައިފިއެވެ.

"އަހަންނަށް އެނގޭ ރިޔާ ތިގޮތަށް ބޭކާރުކޮށް ރޯނެ ކަން، ސްޓްޕިޑް ގާލް... ކޯލް މީ އިފް އެނީ ތިންގް...." ޒެވިޔަން އެހެން ބުނެލާފައި ކޮޓަރިން ނިކުމެގެން ދިޔުމުން، ރިޔާއަށް ދޮރާއި ދިމާލަށް ބަލަހައްޓައި ގެން އިނދެވުނީ ބުދެއް ފަދައިންނެވެ. ޒެވިޔަން ހަގީގަތުގައި ވެސް އެހާ ރަނގަޅީ ހެއްޔެވެ؟ އެދިޔައީ ކޮޓަރީގެ ދޮރުތައްވެސް ލައްޕާލައިފައެވެ. އޭނަގެ ރައްކާތެރި ކަމަށް ޓަކައި އުށްބައްތިތައްވެސް ނިވާލާފައެވެ. ޒެވިޔަން އާއި ދިމާލަށް ހިތުން ނަމަވެސް އެއްޗެހި ކިޔުނީ ނުހައްގުން ކަމަށް ރިޔާ ވަގުތުން ނިންމިއެވެ. ރިޔާ އަށް މިފަހަރު ރޮވުނީ ޒެވިޔަން އަށްޓަކައެވެ. ޒެވިޔަން ދެކެ ލޯބިވާ ވަރުންނެވެ.

ޒެވިޔަން އަލީނާގެ ކޮޓަރިއަށް ވަންއިރު އަލީނާ އޮތީ ސޯފާގައި އަރިއަކަށް އޮށޯވެލައިގެން ފުން ނިންޖެއްގައެވެ. ހީވަނީ ފޮނި ހުވަފެނެއްގައި އޮތްހެންނެވެ. އަލީނާގެ ކައިރީގައި އޮތީ ޒެވިޔަން ހަދިޔާ ކުރި ޕްރެގްނެންސީ އާއި ބެހޭފޮތެވެ. އެ ފޮތް ކިޔަން އޮތްވާ ނިދުނީ ކަންނޭގެ އެވެ. ޒެވިޔަން އަލީނާގެ ބޯދަށަށް އަތްލައްވާފައި މަޑުމަޑުން އަތްދަނޑި މައްޗަށް ނެގި އިރު އަލީނާ ގެ ލުއިކަމުން ހައިރާންވިއެވެ. މިހާ ބޮނޑު ބަޑަކާއި އެކުގައި ވެސް ލުއިކަމުން ކިތަންމެ ގިނައިރެއް ވަންދެންވެސް އުފުލައިލައި ގެން ހުރެވިދާނެއެވެ. ޒެވިޔަން އަލީނާ އެނދުގައި ބާއްވާފައި ރީތިކޮށް ރަޖާގަނޑު އަޅާލަދިނެވެ. އަދި އެ ތަނަވަސް ނިތްކުރީގައި ބޮސްދިނެވެ.

ޒެވިޔަން ގޭގެ ފަހަތު ފެންޑާގެ ސޯފާއެއްގައި ލެޕްހުޅުވާލައިގެން އިން އިރު އެ މޫނުމަތީގައި ވަނީ ހިތްހަމަޖެހިފައިވާކަމުގެ އަސަރުތަކެވެ. މިއަދު އޮފް ދުވަހަކަށް ވުމާއި އެކު އާއިލާގެ ބައެއް ޒުވާނުން ވަނީ ސްކީ ކުރުމުގެ ޕްރޮގާމެއް ރާވާފައެވެ. އެކަމަކު އޭނަ އަލީނާ ދޫކޮށްލާފައި ދާންޖެހޭތީ އުޒުރުވެރިވިއެވެ. ކިތަންމެ ކުރާހިތްވާ ކަމެއްވިޔަސް ބައެއްފަހަރު އާއިލާއަށް ޓަކައި ގުރުބާން ކުރަން ޖެހިދާނެއެވެ. ޒެވިޔަން މޯޅި އަކަށް ދެމިލާފައި ކުރިމަތިން ފެންނަ މަންޒަރު ތަކަށް ބަލައިލިއެވެ. ދުރުދުރަށް ދާންދެން ވަނީ ގަނޑުފެނުގެ ދޫލައެކެވެ. ރޭވެސް ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން އަނެއްކާ ހުރިހާތަނެއްގައި ވަނީ ހުދު ސާލު އޮޅާލައިފައެވެ. ތަންކޮޅެއް ދުރުގައި ހުރި ގަހެއްގައި ޖައްސާލާފައިވާ ރެޑްޕޯލްތައް ލަވަކިޔަން ފެށިއެވެ. 

"ޒެވިޔާ......" ރިޔާ ގޮވާލުމުން ޒެވިޔަން އެނބުރި ބަލައިވެސް ނުލިއެވެ. ހެދުނު ނާސްތާ ކުރި ގަޑީގައި ވެސް ކާކޮޓަރިއަށް ވަދެލާފައި ރިޔާ އެންމެނަށް ވުރެ ކުރިން އެތަނުން ނިކުމެގެން ދިޔައީއެވެ. ޒެވިޔަން ހުރީ މަޖާވެފައެވެ. ބައެއްފަހަރު އެގޮތަށް ފިލާވަޅެއް ދީގެން ނޫނީ އެހާ ބޮޑާކުދިން ކޮންޓްރޯލް ނުކުރެވޭނެއެވެ. ކުޑަކޮށް ތަޅުވާލަންވެސް ޖެހޭނެއެވެ. އެވަގުތަކީ އަލީނާވެސް މަޑުމަޑުން ހިނގާލައިފައި އައި ވަގުތެވެ. އޭނަ އައީ ކޮފީ މަގެއް ހިފައިގެންނެވެ. ރިޔާ ފެނުމުން އަލީނާ ކުޑަކޮށް ހީލުމުންވެސް ރިޔާ ހުރީ ފާޑަކަށް ބަލަހައްޓައި ގެންނެވެ. އެމޫނު މަތީގައި މިއަދު އެއްވެސް ކަހަލަ އެކުވެރި ކަމެއްނެތެވެ. ޒެވިޔަންވެސް ސިހިފައި އެނބުރި ބަލާލީ އެއްޗެއް ތެޅިގެން ދިޔަ ބާރު އަޑުފަށްގަނޑަށެވެ.

ކޮމެންޓް 0