މަގުގެ އެއްފަރާތުގައި ސައިކަލެއްގެ މަތީގައި އިން ފިރިހެންކުއްޖަކާއި ހީހީފައި ވާހަކަދައްކަން ހުރީ އަލީނާ ފިޔަވައި ދެވަނަ ކުއްޖެއް ނޫނެވެ. އެފިރިހެންކުއްޖާ އެހާ އިސްކޮޅުން ދިގެއް ނޫނެވެ. ހިކި، ދޮންކުއްޖެކެވެ. އަލީނާ އެހާ މައުސޫމް ކޮށް ހުރިއިރުވެސް ފިރިހެނުންނާއި ގުޅުން އޮންނަނީބާވައެވެ. އަލީނާ ގެ އަތަށް އެކުއްޖާ ކޮންމެވެސް އެއްޗެއް އަޅާލަދިނުމުން އަނގަޔަށް ލައިގެން ހަފަން ފެށި އިރު ޅަގޮތަކަށް ހެމުން ދިޔައެވެ. ފިރިހެންކުދިން އަތުން އަލީނާ ކާންވެސް އެބަޖެހޭ ހެއްޔެވެ؟ ހާދަ ހެއްވައެވެ. ކުޑައެއްކަމަކު ވަރެއްގެ އަންހެން ކުއްޖެކެވެ. ޒެވިޔަންގެ ބުމަގޮށްޖެހި، ކާރުގެ ހުންގާނުގައި ބާރަކަށް ހިފެހެއްޓުމުން އަތުގެ އިނގިލިތަކަށް ތަދުވިއެވެ. ނޭގުނަސް އެ ރީތި ދެލޮލުން އެވަގުތު ފެނުނީ ނުރުހުމުގެ ކުލަވަރެވެ. ހީވީ ޒެވިޔަންގެ އަމިއްލަ އެއްޗެއްގައި މީހަކު އަތްލުމުން ރުޅިގަދަވެފައި އިންހެނެވެ. 

ޒެވިޔަން ލޯގަނޑުން ފަހަތް ބަލަން އިންދާ އެ ފިރިހެންކުއްޖާ ދިއްކޮށްލި ކޮތަޅެއް ހޯދައިގެން ހުރެ މަގުގެ އެއްފަރާތުން ލާފައި އަލީނާ ހިނގައިގަތެވެ. އެ ކޮތަޅުގައި ހުރީ ކޯންޗެއް ބާވައެވެ. އަޖައިބުވީ އަލީނާ އާއި ބެހޭ ގޮތުން މިވަރަކަށް ވިސްނުމުންނެވެ. އޭނަ އަކީ ގޭގެ ވެރިޔަކަށްވެފައި، ގެންގުޅޭ ކުއްޖަކާއި މެދު މިގޮތަށް ޝައުގުވެރިވީތީ ފާޑަކަށް ރަކިވެސްވިއެވެ. ބޯހޫރާލެވުނެވެ. އޭނަ މޮޔަވީބާވައެވެ. މަންމަ ނޫނީ އެކުވެރިންނަށް ބޭޒާރުވެއްޖެއްޔާ ވާނެގޮތެއްވެސް ނޭގެއެވެ. މަންމަ ގެ ހިތްވެސް ހުއްޓިދާނެއެވެ. ކޮންމެ ގޮތެއް ވިޔަސް އަލީނާގެ ސަބަބުން އޭނަގެ ތަބީޢަތަށް އިންގިލާބެއް ގެނުވައިފިއެވެ.

"ބާބީއަކަށްވުރެ ހޯލި، އުނަގަނޑާއި ހަމަޔަށް ނުފޯރާވަރުގެ ކުއްޖަކުން ކުރާނެ ކަމެއްވެސް ނެތް އެކަމަކު އެކުއްޖާ ތަފާތުކަމުން ޔަގީނުންވެސް ލައިކް ވެވިއްޖެ..." ޒެވިޔަންގެ ހިތަށް އަރަންފެށި ޚިޔާލުތައް ހައްތަހާ ބޮޑަށް ހިތްނުތަނަވަސްވިއެވެ.

ޒެވިޔަން ކާރު ޕާކުކޮށްލާފައި، ހޮސްޕިޓަލަށް ވަދެގެން ދިޔައިރު އެހެން ދުވަހު އެ މޫނުމަތިން ފެންނަ އުފާވެރި އަދި ހަމަޖެހޭގޮތެއް ނެތެވެ. ހީވަނީ ފުން ވިސްނުމެއްގައި ހުރިހެންނެވެ. އާދައިގެ މަތިން އޭނަ ވަނުމުން އެންމެންގެ ތޫނު ނަޒަރު އޭނައަށް ހުއްޓުނެވެ. ރިސެޕްޝަންކުދިން ފަރިވެލިއެވެ. ނަމަވެސް އޭނަގެ ސަމާލުކަން ހޯދުމަކީ މުސްތަޙީލުކަމެއްކަން ނޭގެއެވެ. އޭނައަށް "މޯނިން" ކިޔަން ކެރެނީވެސް އިސް މުވައްޒަފުންނަށް އެކަނިއެވެ. އޭނަ އެތާ އުޅޭ މީހުންނާއި، އެހާ އެކުވެރިއެއް ނޫނެވެ. ޚާއްސަކޮށް އެހެން ފިރިހެން ޑޮކްޓަރުން ފަދައިން، އަންހެން މުވައްޒަފުންނާއި ސަމާސާ ކުރުންފަދަ ކަމެއް އެއްގޮތަކަށްވެސް ނޯންނާތީ އޭނަ އެތަނުގައި ލޭބަލް ވެފައި ވަނީ ފޮނި، ބޮޑާ ޒުވާނެއްގެ ގޮތުގައެވެ. ޒެވިޔަން ދެކޭގޮތުން އެއީވެސް އޭނަ ރިޔާއަށް ތެދުވެރިވާ މިންވަރެވެ. އާއިލާގެ ޒުވާނުންނާއި، އަންހެންކުދިންނާއި އެކުވެރިވުމަކީ އަދި އެހެން ވާހަކައެކެވެ.

ޑިއުޓީގައި ހުރެގެންވެސް އެހެން ޚިޔާލެއް ނުކުރެވި، އެއް ދިމާލަކަށް ވިސްނުން ހުއްޓެން ފެށުމުން އެންމެ ފަހުން ޒެވިޔަން ނިކީއަށް ގުޅަން ގަސްތުކުރީ އެނޫން ގޮތަކަށް ހިތަށް ހަމަޖެހުމެއް ލިބެންނެތްކަން ޔަގީންވުމުންނެވެ. ރިޔާ ފޯނު ނަގާފައި އާދައިގެ މަތިން ކުރީ ޝަކުވާއެކެވެ. ފޯނު ނަގާއިރަށް ނިކީގެ އަތަށް ދޭށޭ ނުބުނެ އޭނަ އާއި އިރުކޮޅެއްވަންދެން ވާހަކަދެއްކިއްޔާ ފާފަވެރި ވަނީ ހޭ އަހާލިއެވެ. ޒެވިޔަން ބުނީ އެވާހަކައަށް ޖަވާބު ދެވޭނީ ދިމާވީމަ ކަމުގައެވެ. ނިކީގެ ޅަ އަޑުން ޑެޑީއޭ ގޮވާލުމާއި އެކު ޒެވިޔަން ހުރިހާ ހިތާމައެއް ފިލައިގެންދިޔައެވެ.

"މޯނިން ޑާލިން...." ޒެވިޔަން ކިޔާލިއެވެ.

"ސަލާމް ލައިކު. އެލީ ބުނީ ފޯނު ނަގާފައިވެސް މިހެން ކިޔަން. އެލީ ބުނި ދުނިޔެއިންވެސް އެންމެ ލޯބިވަނީ ބޭބީ ދެކެ ކަމަށް. ޑެޑީމެންނަށް ވުރެވެސް ލޯބިވެޔޭ. އެއީ ތެދެއްތަ؟" ނިކީއަށް އެނގުނު ގޮތަކަށް ވާހަކަދެއްކީ އިނގިރޭސިންނާއި، ދިވެހިބަސްވެސް ހިމަނައިގެންނެވެ. ނިކީ އާއި ވާހަކަދެއްކިޔަސް އަލީނާގެ މަތިން ހަނދާން ނައްތާލެވޭކަށް ނެތެވެ. އެހެންނޫނަސް އަލީނާ އަކީ ހާދަ ދީންވެރިކުއްޖެކެވެ. މަންމަ އެއްގޮތަކަށްވެސް އެހާ ހައްދު ފަހަނަޅައި ދިޔުމަކަށް އެއްބަހެއް ނުވާނެއެވެ. މަންމައަކީ ދީނުގައި މެދުމިނުގެ ސިޔާސަތެއް ގެންގުޅޭ މީހެކެވެ.

"ޑެޑީގެ ސްވީޓްހާޓް ދެކެ އެންމެންވެސް ލޯބިވާނެ. މިލްކް ތަށި ހުސްކޮށްފިންތަ؟ ޑެޑީ ބުނީމެއްނު ހަނީބަންޗުވެސް ޑެޑީމެންހާ ސްޓްރޯންގް ވާނީ ގިނައިން ކެއީމައޭ....." ޒެވިޔަން ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ.

"ޑެޑީ. އެލީވެސް ވަރަށް ކުޑަ. އެލީއަށްވެސް ގިނައިން މިލްކު ދޭންވީތަ؟ ޑެޑީ އެލީގާތު ބުނެ ދެއްވައްޗޭ ގިނައިން މިލްކު ބޯން. އޭރުން ޑެޑީ އާއި މަންމީ އެކޭ އެއްވަރަށް އެލީވެސް ލޯންގް ވާނެ......" ނިކީ "ޓޯލް" ގެ ބަދަލުގައި "ލޯންގް" ބޭނުން ކުރުމުން ޒެވިޔަންއަށް މަޖާވިއެވެ. އޭނަ ކުޑައިރުވެސް ވާހަކަދައްކަން ފެށީ އިނގިރޭސިންނެވެ. އެހެން އިނގިރޭސި ކުދިންފަދައިން އެއީ މާބޮޑު މައްސަލައެއް ނޫނެވެ. ކުޑަކޮށް ބޮޑުވުމުން ބަސްތައް ރަގަޅަށް ބޭނުންކުރަން ދަސްވާނެއެވެ. ނިކީ ގެ ކޮންމެ ޖުމްލައެއްގައި އަލީނާގެ ނަން ކިޔަން މަޖުބޫރުވާހެން ހީވެއެވެ. ނިކީ އަލީނާ އާއި މާބޮޑަށް ދޯހަޅިވީއެވެ. ޒެވިޔަން އަށް ކިޔަންވީ އެއްޗެއްވެސް ނޭގުނެވެ. އެކަމަކު ހީލާފައި ޒެވިޔަން ޖަވާބެއްދިނެވެ. ދެންވެސް ނިކީ ދެއްކީ އަލީނާގެ ވާހަކައެވެ. ޒެވިޔަން އިރުކޮޅެއްވާންދެން ދަރިފުޅާއި ވާހަކަ ދެއްކުމަށްފަހު ފޯނު ޖީބަށްލާފައި ކުޑަދޮރު ކައިރީގައި ހުއްޓި ބޭރަށް ބަލަންފެށިއެވެ. އެވަގުތު ދެ ލޯބިވެރިން އަތުގުޅުވާލައިގެން ހެމުން ދިޔަތަން ފެނުމުން ޒެވިޔަން ތުންފަތުގައި ދަތްއަޅައިލަމުން އިސްޖަހާލައިފިއެވެ. 

ރިޔާ މިދުވަސްކޮޅު ހުންނަނީ ފޭސްބުކަށް ދެވިހިފާފައެވެ. ނިކީ ގޮވައިގެން ކުޅެން އުޅުނަސް ލެޕް ހުޅުވާލައިގެން އިނދެ ކޮންމެވެސް ކުއްޖަކާއި ޗެޓްކުރުން ނޫނީ ކޮމެންޓު ކުރުން ނޫންކަމެއް ނުކުރެވެއެވެ. ރިޔާގެ އަމަލު ހުންނަ ގޮތުން، ނިކީ ފޫހިވެގެން ކުރަން އިންނަކަމެއް ހުއްޓާލާފައި އަލީނާ ކާރިއަށް ދާށޭ ކިޔާފައި ރޯން ފަށައިފާނެއެވެ. އެވަރުންވެސް ރިޔާއަށް ބޭރަށް ނިކުމެވެނީވެސް ލެޕް އަތްމަތީގައި ބަހައްޓައިގެން، އަނެއް އަތުން ނިކީގެ އަތުގައި ހިފައިގެންނެވެ. މިއަދުވެސް ނިކީ، އަލީނާ ހޯދަން ބޭނުން ވުމުން ރިޔާ އަލީނާ އާއި ނިކީ ހަވާލު ކުރީ ހިތްހަމަޖެހިފައި ހުރެއެވެ. އިތުބާރުކުރެވޭ މީހަކާއި ނިކީ ޙަވާލުކޮށްގެން ރިޔާ އަށް ގަޔާވެގެން އެފްބީގައި އިނެދެވޭނެތީއެވެ. ޒީބާ މައްސަލަޖެއްސިޔަސް ރިޔާ އަލީނާއަށް ނިކަން އިތުބާރުވެސް ކުރެއެވެ. ނަސީބަކުން މިއަދު ޒީބާ ވީ ރިޒޯޓުގައެވެ. ޒީބާ ގޭގައި ނޫޅޭ ގަޑިއެއްވެއްޖެއްޔާ އެއީ ރިޔާއަށްވެސް ލައްވާ ރަޙުމަތެއްކަމުގައި ރިޔާ ދެކެއެވެ. އެހެންނޫންނަމަ އަލީނާގެ ކައިރިއަށް ނިކީ ދޫކޮށްލާފައި އުޅެވުނަކަ ނުދޭނެއެވެ. 

ރިޔާ ފެންޑާގެ ސޯފާއެއްގައި ޖައްސާލީ، ލެޕް އުނގުމަތީގައި ބައިންދައިގެންނެވެ. ރިޔާ އެހެން އިންއިރުވެސް ހީވަނީ ފިލްމީ މަންޒަރެއް ސިފަވާހެންނެވެ. އެ މުށިކުލައިގެ އިސްތަށިގަނޑަށް އިރުގެ ކޮކާ އަވި ދިނުމުން ބައެއްފަހަރު މަޑު ބްރައުންއަށް ބަދަލުވާހެން ހީވެއެވެ. ނޫ ޖިންސަކާއި، ސްޓްރައިޕް އެއްޗެއް އެތެރެއިން ލާފައި ބޭރުން ގަމީސްކޮޅެއް ލާފައި ހުރިއިރު އެހާ ސްޓައިލިޝް އެވެ.

"އެލީ ދުރަށް ނުދައްޗޭ. ފެންނަ ހިސާބުގައި ދެކުދިން ތިބޭނީ އިނގޭ...." ރިޔާ ވާހަކަދެއްކިއިރުވެސް އިސްއުފުލައި ބަލައިވެސް ނުލައެވެ. އޭނަގެ އިނގިލިތައް ކުރިއަށްވުރެވެސް ހަލުތްވެވެ. ބައެއްފަހަރު ރިޔާ ބާރަކަށް ހީގަނެއެވެ. އެކުވެރިން އޭނަ ލާފައި ހުންނަ ފޮޓޯތަކާއި، ސްޓޭޓަސްއަށް ކުރާ ކޮމެންޓުތަކަށް ޖަވާބު ދޭން މުޅި ދުވަހުވެސް ރިޔާއަށް އިނދެވިދާނެއެވެ. 

އަލީނާ ވިނަގަނޑުމަތީގައި ކުއިލްޓު ފަތުރައިލުމަށްފަހު ނިކީ ބައިންދައިގެން އެތާ އިށީދެއްޖެއެވެ. ނިކީ ޖިމްނާސްޓެއްހެން ދެފައި މުޅިން ދުރުކޮށްލައިގެން އިށީން ގޮތުން ހީވަނީ ފައިގައި ކަށިކޮޅެއްވެސް ނެތްހެނެވެ. އަލީނާއަށް މަޖާވިއެވެ. އެއީ އޭނަގެވެސް ފޮރުވިފައިވާ ހުނަރަކަށްވާތީއެވެ. އަލީނާމެން ތިބި ހިސާބުގައިވާ ބޮޑުގަހެއްގެ ހިޔާ މުޅި ހިސާބަށް ފަތުރާލާފައިވާތީ އިރުގެ ހޫނުކަމުން އެއްވެސް އުދަގުލެއް ނުލިބެއެވެ. މިއަދު ތަންކޮޅެއް ބާރަށް ވައިޖެހެމުންދާތީ ހޫނުގެ އަސަރުވެސް ކުޑައެވެ. ވައިރޯޅިތައް ނިކީގެ ފަން، ދިގު އިސްތަށިގަނޑާއި ގޯނާކުރަމުން ދާއިރު އެ މަންޒަރު ބަލަންވެސް އަލީނާއަށް ހައިރާންކަމާއިއެކު އިނދެވެއެވެ. މިއަދު ނިކީ ލައްވާފައި އިނީ ރީދޫ ސޯޓަކާއި ހުދާއި ރީދޫކުލައިގެ ކޮޓްން ހެދުން ކޮޅެކެވެ. ވަރަށް ލޯތްބެވެ. ނިކީ ގެ ބުދުތަކާއި، ގެތައް ގެނެސް ރާވައިގެން ކުޅެން އިންއިރު ނިކީގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ހިތްހަމަޖެހުމެވެ. އަލީނާވެސް ނިކީ ހާ ޅައެވެ. އޭނަވެސް އިނީ ވަރަކަށް މަޖާވެލައިފައެވެ. ކިތަންމެ ބޭނުން ވިޔަސް ކުޑައިރުވެސް މިފަދަ އެއްޗަކުން ކުޅުމުގެ ނަސީބެއް ލިބިފައި ނުވާތީ އަލީނާވެސް އެހާ ފޯރި ހުރީކަމަށް ވެދާނެއެވެ. ދެކުދިން އަމިއްލަ ދުނިޔެއެއްގައި ތިއްބާ އެތަނަށް ނާހީ އައެވެ.

"އެލީ ނެތްތަ ވީޓް ކްރީމްއެއް. ޝޭވްކުރުމަށްވުރެ މާ ފަސޭހަވާނެ ދޯ ހެއާ ރިމޫވްކްރީމް އެއްޗެއް ބޭނުންކުރިއްޔާ. ދާހިއްލާ ދުވަސްކޮޅެއްވީމަ ބަލައިގެން ނޫޅެންޏާ، ހަންޑި ގަނޑުވަރު ދޮންކަމަނަ ކިޔާލާނެ އެއްޗެއްވެސް ނޭގޭނެ، ހިތަށް އަރާ އެ ޒީބާ ފްރިޖަށްލާފައި، ގަނޑުކޮށްލާފައި ދެލޯ ކާލާނަމޭ..." ނާހީ ދެއްކި ވާހަކައަކުން އަލީނާ ބިރުގެންފައި ރިޔާ ފެންޑާގައި އިންކަން އަންގާލައިފިއެވެ. ނާހީ އައީ އެގޭގެ ބިއްދޮށުން ގަސްތަކުގެ ތެރެއިން ކަމަށްވާތީ މީހަކު ފެންޑާގައި އިނަސް އޭނައަކަށް ނުފެންނާނެކަން އަލީނާއަށް އެގުނެވެ.

"ހެހެހެ. އަލީނާ ބިރުން އުޅުނަސް މަ ބިރެއްނުގަނޭ. އޭނަ ދެކެ ވަރަށް ފޫހިވޭ........" ނާހީ ވާހަކަދެއްކި ގޮތުން އަލީނާ ހިތްހަމައެއް ނުޖެހުނެވެ. ކޮންމެ ގޮތެއްވިޔަސް ސާހިބުމީހާއަށް ގަދަރުކުރަން ވާނެ ކަމަށް އަލީނާ ދެކުނެވެ. 

"ނެތޭ ތިކަހަލަ އެއްޗެއް. މިއަދު މަސައްކަތެއް ނެތް ދުވަހަކީތަ؟ ދޮންބެ ގެނެސްދިން ހީނާފަތް ޕެކެޓެއްވެސް އޮންނާނެ. އޭގެއިން ހީނާފަތް ބޮލުގައި އަޅައިބަލަ. ވަރަށް ރީތިވާނެ....." އަލީނާ ބޭނުންވީ ވާހަކަ އޮޅުވައިލުމަށެވެ. 

"އަލީނާގެ ދޮންބެ ކިހާ ރަގަޅު. ކިހާ ހެޔޮ. އަލީނާގެ ރީތިކަމާއިމެދުވެސް ދޮންބެ އެބަވިސްނާ. ހޫމް ދެކުދިން ހާދަވަރަކަށް ކުޅެނީ. ނިކީ. މި އަލީނާއަށް ދެން ދޮންމަންމަ ކިޔާތި އިނގޭ. މިއީ އެލީއެއްނޫން. ނިކީގެ ދޮންމަންމަ........" ނާހީ ހިނިގަނޑެއް ޖަހާލައިފައި އެހެން ބުނުމުން އަލީނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ނިކީ އަކަށް ނާހީ ދިވެހިން ދެއްކި ވާހަކަތައް މުޅިއަކުން އެނގުނުކަމެއް ނޭގެއެވެ. ނިކީ އިނީ ބުދެއްގެ ހެދުން ލެއްވުމުގައި ގެއްލިފައެވެ. 

"ނާހީ ތިކިޔެނީ ކީކޭކަން އެނގޭތަ؟ ރިޔާއަށް އިވިއްޖެއްޔާ އަހަރެން މިގޭގައި ހުރުމުގެ އެންމެ ފަހު ދުވަސް. އެހެން މީހަކާއި މެދު ނުވިސްނިޔަސް އަހަރެންގެ ފަގީރުކަމާއި މެދު ހަމްދަރުދީވެބަލަ ކުއްޖާ....." އަލީނާ ސިއްރު ނަޒަރެއް ދިންއިރު ރިޔާ އިނީ ހީހީފައި ލެޕަށް ބަލަހައްޓައިގެންނެވެ.

"މާފުކުރައްވާ. އެތަންކޮޅު ނުވިސްނުނީ. އެކަމަކު ދޮން މަންމަ ކިޔުއްވިޔަސް ހެޔޮ ދޯ. ރިޔާއަށްވުރެ ނިކީގެ މަންމައަށްވުން އަލީނާ އެކަށީގެންވޭ..." ނާހީ ވައި އަޑަކުން ވާހަކަ ދެއްކުމުން އެ އަޑު މާދުރަށް ގުގުމައިގެން ދިޔައެވެ. ނިކީ ކުޅުމަށް ގެއްލިފައި އިނދެފައިވެސް ދޮންމަންމަ އަކީ ކޯންޗެއްތޯ އެހުމުން ނާހީވެސް ދެލޯ ބޮޑުކޮށްލައިފިއެވެ. 

"ދޮންމަންމަ އެއްނޫން. ދޮން އަނބު.... އޯކޭ؟ ސޭ ދޮން އަނބު. ޑޯން ޓެލް ދިސް ޓު މަންމާ ޝީ ހިޓް މީ...." ނާހީ އިނގިރޭސިން އޭނައަށް އެނގުނު ގޮތަކަށް ވާހަކަދެއްކުމުން ނިކީ އިނީ ލާނެތްކޮށް ހެވިލާފައެވެ. އެކަމަކު ކުޑަ ކުޑަ ނިކީ އަކީ އިންތިހާއަށް ބުއްދިވެރި ކުއްޖެކެވެ. ކިތަންމެ ގަދަޔަށް ކުޅެން އިނަސް އަބަދުވެސް އެހެންމީހުން ދައްކާ ވާހަކައަށް ނިކީ ސަމާލުވެއެވެ. އެދައްކާ ވާހަކައަކާއި މެދު ވިސްނައެވެ. ނިކީ އަޅައިގަތީ " ދޮންމަންމަ" އެ ލަފުޒުގައެވެ. ނިކީ ނިންމައިގެން އިނީ އެވާހަކަ އޭނަގެ ބައްޕަ ގާތުން އޮޅުން ފިލުވުމަށެވެ. އަލީނާއަށް ދޮންމަންމައޭ ކިޔަންވީމަ ނިކީއަށް މަޖާވިއެވެ.

އާއަހަރު ފަށަންވާއިރަށް "އޯޓަމް ބްލޭޒް" ގައި ޕާޓީއެއް ބާއްވަން ޒީބާ އާއި އެކުވެރިން ތައްޔާރުކުރަން ފެށިއެވެ. އަލިފާނުގެ ކުޅިވަރުވެސް ކުޅުވަން ނިންމިއެވެ. މައިމޫންއަކީ ޑޮކްޓަރަކަށް ވިޔަސް ތަރިތަކުގެ އިލްމަށް ވަރަށް ފޯރި ހުންނަވާ ބޭކަލަކަށްވާތީ އެރެއަށް ބޮޑު ޓެލެސްކޯޕެއް ގެންނަވާ، ޓެރެސްގައި ދާއިމީ ގޮތަކަށް ބަހައްޓަވަން އޭނަވެސް ނިންމެވިއެވެ. ޕާޓީއަށް އަންނަ މެހުމާނުންނަށް ތަރިތައް ބެލުމުގެ ޕްރޮގްރާމެއްވެސް ހިމެނުމަށެވެ. ސީމާ ގެ އިތުރުން މައިމޫން މެންގެ ދަރިފުޅު އާއިޒުވެސް އާ އަހަރަށް މާލެ އަންނާނެކަމުގެ ޔަގީންކަން ދީފައިވެއެވެ. އާ އަހަރުގެ ބޮޑު ޕާޓީ އެއްގެ ވާހަކަ ބަދިގޭގައި ދެކެވެމުން ދާއިރު އަލީނާ ހުންނަނީ ހައިރާންވެފައެވެ. މުސްލިމުން އެވަރުން އާ އަހަރު ފާހަގަ ކުރުމުގެ ބޭނުމާއި ބެހޭގޮތުން ސުވާލު އުފެދުނެވެ. ދޭތެރެއަކުން ޒީބާ އެކުވެރިންނަށް ދައުވަތު ދީގެން އެހާ މޮޅަށް ރޭގަނޑުގެ ކެއުމާއި، ބާބެކިއު ބާއްވާލާއިރު އެބުނާ ބޮޑު ޕާޓީ ހާދަ ވަރުގަދަވާނެއެވެ. އިނގިރޭސި ލަވަޖަހާލައިގެން ތިބެ އަޑުގަދަކޮށް ސަކަރާތްޖަހާއިރު ހީވަނީ އެއްވެސް ފިކުރެއް ޚިޔާލެއްނެތް ބަޔެއްހެނެވެ. އަދި ދޭތެރެއަކުން އެ އާއިލާގެ ކުޑަކުދިންތައްވެސް ނިކީ އާއި އެކު ކުޅެން އަންނައިރުވެސް ހީވަނީ ގެއަށް އީދެއް އަންނަހެންނެވެ. ކުޑަކުދިންތައް ފެނުމުން އަލީނާގެ ހިތަށް ފިނިކަން ލިބެއެވެ. އެކުދިންގެ ލޯބި ހުނުންތަކާއި ސަކަރާތް ޖެހުމަށް ބަލަހައްޓައިގެން އަލީނާއަށް ހުރެވެނީ ފޫހިކަމެއް ނެތިއެވެ. އެއީ މުއްސަދިންގެ ދުނިޔެއެވެ. 

ނިކީ، އަލީނާއަށް ހަދިޔާކުރަންވެގެން ދޫނުކޮށް އޭނަގެ ބައްޕަ ލައްވާ ގަނުވާފައިވާ އަލިމަސް ފަށް ރީތިކަމުން ރިޔާ އޮތީ ފޮރުވާފައެވެ. ނިކީ ހަދާންނެތިދާނެ ކަމުގެ އުއްމީދުގައެވެ. ދެތިން ދުވަސްވީ ފަހުން އަލީނާ އެފަށް އަޅައިގެން އުޅޭތަން ނުފެނުމުން ނިކީ މައްސަލަ ޖައްސައި، ރޯން ފެށުމުން ރިޔާއަށް މަޖުބޫރުވީ އެފަށް އަލީނާއަށް ދިނުމަށެވެ. އެކަމަކު ރިޔާ އަލީނާ ގާތުގައި ބުނީ ޒީބާމެންނަށް ފެންނަ ހިސާބުގައި އެފަށް އަޅައިގެން ނޫޅުމަށެވެ. ޒީބާއަށް ޝައްކުވެގެން ސުވާލުކުރަން ފަށައިފާނެ ކަމަށް ރިޔާ ވަނީ ބުނެފައެވެ. އަލީނާއަށް އެފަށް ލިބުނު ތާރީޚާއިމެދު ވިސްނާލުމުން ކުޑަކޮށް ހައިރާންވިއެވެ. އަމިއްލަ އުފަންދުވަހުގެ މަތިންވެސް އޭނަ ހަދާންނެތީއެވެ. ނިކީއަށް ނޭގި ނަމަވެސް އެ ހަދިޔާ ދެވުނީ އޭނަގެ އުމުރުން ނަވާރަ އަހަރު ފުރުނު ދުވަހުގައެވެ. އުމުރުން މިވީހާތަނަށް އެއްވެސް މީހަކު އޭނަގެ އުފަންދުވަހު އެއްޗެއް ދިއްކޮށްލާފައެއް ނުވެއެވެ. އެހެންހުއްޓާ އޭނަ ގެ ލޯބި ލޯބި ނިކީގެ ފަރާތުން ލިބުނު ހަދިޔާއަކުން ހިތް ބަންޑުންވިއެވެ. އެ ރީތި ހުދުކުލައިގެ ފަށުގެ އަގު އަންދާޒާ ކުރާކަށް ނޭގުނެވެ. އެއީ ހުދުރަނުން ހަދާފައި، ހުދު ޖަވާހިރު ޖެހިފަށެއް ކަމެއްވެސް ނޭގުނެވެ. އަލީނާ ހަދާންވީ އޭނަގެ ދައްތައެއްވެސް މިފަދަ ފަށެއް އަޅައިގެން އުޅުނު ހަދާނެކެވެ. ތަފާތަކީ މިފަށުގައިވާ އެސްތަކަށް އިރުގެ ދޯދިތައް އެޅުމުން އެކި ދިމާލަށް ދަޅަތައް ފަތުރާލާކަމެވެ. ކޮންމެ ގޮތެއްވިޔަސް އަލީނާއަށް އެ ފަށް ވަރަށް ޚާއްސަވިއެވެ. ނިކީގެ ހަދިޔާ އަކަށް ވީމަ އެ ފަށް ގެންގުޅެން ބޭނުންވީ ނިކަން ލޯބިންނެވެ. އަލީނާ އެފަށް އެޅުމުން އަތަށް ކުޑަކޮށް ދޫވުމުން އަތުން ސޮއްސައިގެންގޮސް ދާނެހެން ހީވާތީ އޭނަ އުޅުނީ ވެސް ވަރަށް ބަލައިގެންނެވެ.

"ތެންކިއު ޑާލިން ބޭބީ....." އަލީނާ ނިކީގެ ޖަންބެއްފަދަ ކޯތާފަތުން ދޮނެއް ނެގިއެވެ. ނިކީ ހުރީ ވަރަށް އުފަލުންނެވެ. އަލީނާ އޭނަ ދެކެވާ އިންތިހާ ދަރަޖައިގެ ލޯބި އަލީނާއަށް އިހުސާސް ކުރެވެއެވެ. އަލީނާ އަޅައިލާ ވަރާއި، ނިކީ އުފަލުން ބަހައްޓަން މަސައްކަތް ކުރާވަރު އެނގުމުން އެކުޑަކުޑަ ހިތް އުފަލުން ނަށާލައެވެ. 

ނިކީ މިއަދު ބޭނުންވީ މާތަކެއް ބިނުމަށެވެ. ބައެއް ގަސްތަކުން މާ ބިނުމަކީ، ޒީބާ މަނާކޮށްފައިވާ ކަމެއްކަމެއް އަލީނާ އަކަށް އެނގިފައެއް ނުވެއެވެ. އަލީނާ ކުޑަ ކަތުރެއް ގެނެސް ދިނުމުން ނިކީ ވަރަށް މަޖާވެލާފައި، ޕޮޓްތަކުގައިވާ މާތައް ކޮށަން ފެށިއެވެ. ތުއްތުކަމުން ބައެއް ފަހަރު ފަތްތަކާއި، ޅަނިރުތައް ވެސް ކޮށައިލައެވެ. ކުއްލިއަކަށް ޒީބާ ނިކުތް ދޮރެއްވެސް ނޭގެއެވެ. ފެނުނީ ކުރިމަތީގައި ތަންމިނަށް ދެލޯ ބޮޑުކޮށްލައިގެން ހުއްޓައެވެ. ޒީބާ ވަގުތުން ނިކީ އަތުން ކަތުރު ޖަހައިގަތެވެ. ނިކީ ތުންފިތާލުމަށްފަހު އަލީނާއަށް ބަލައިލީ އެހީއަކަށް އެދޭފަދަގޮތަކަށެވެ. އެވަގުތު ޒީބާގެ ލޮލުގައި އަޅައިގަތީ އަލީނާގެ އަތުގައި އޮތްފަށެވެ. ޒީބާ ގަސްތަކުގެ މަތިން ހަނދާންނެތުނެވެ.

"ތިއީ ކާކުދިން ފަށެއްތަ؟" ޒީބާ ހަށަން ބަދެލަމުން އަމުރުވެރި ގޮތަކަށް ސުވާލު ކުރިއެވެ. އަލީނާ ކަންބޮޑުވިއެވެ. ހަދާންވީ ރިޔާ އެފަށް ޒީބާއަށް ނުދައްކަން ބުނި ބުނުމެވެ. މިވަރުން މިއަދު ފަށް އަތުކުރީގައި އެޅީ އޭނަގެ އުފަންދުވަސްކަމަށްވެފައި ނިކީ އެދުނީތީއެވެ.

"ދޮންބެ......" އަލީނާ ހިންދިރުވާލަމުން ދޮގެއްހެދި އިރު، ނިތްކުރީގައި މުތީތަކެއްފަދައިން ކުދި ދާތިކިތައް ވިދަން ފެށިއެވެ. ބިރުންގޮސް އެތެރެހަށީގައި ފިނިރާޅުތަކެއް ޖަހަންފެށިހެން ހީވިއެވެ. ކުރީފަހަރު ފަދައިން ޒީބާ އޭނަގެ މޫނަށް ބާރު އެތިފަހަރެއް ވީއްލަފާނެހެން ހީވިއެވެ. އެހާވެސް އެ މޫނުމަތި ބަނަ އެވެ. އަލީނާ ހުރީ ޒީބާ މިހާވަރު ވާންޖެހޭ ސަބަބެއް ނުވިސްނިފައެވެ. އަލީނާއަށް ނޭގިނަމަވެސް ނިކީ ލައްވާ އެކުރެވުނީ މަނާކަމެއް ކަމެއް ނޭގިފައެވެ. އަދި އޭނަގެ އަތުކުރީގައިވާ ފަށުގެ ސަބަބުން ބޮޑު މައްސަލަގަނޑެއް ހިލިދާނެކަމެއްވެސް ނުވިސްނުނެވެ. ކުއްލިއަކަށް ޒީބާ ފުންމައިގެން އައިގޮތަށް އަލީނާގެ އަތުކުރީގައި ހިފައި ލައްކިއެއް ޖަހާލައިފިއެވެ. ފަށް ވިއްސައިގެން ގޮސް ޖެހުނީ ވިނަގަނޑުމަތީގައެވެ. އެވަގުތު ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވުނެވެ.

ކޮމެންޓް 0