އަލީނާ ނާހީގެ އަތުގައި ހިފާ ތަޅުވައި ގަތުމުން ނާހީ ދެލޯ އުނގުޅާލައިފައި ތެދުވެ ވަށައިގެން ހޯދާލީ ލޯކުޑަކޮށްލާފައެވެ.

"ރަންނަމާރި ނާދޭތަ؟ އޭނަ ފެހިދެލޯ ދިއްލަމުން މަ ފަހައި ދުވީ ހުވަފެނުގައި ވެސް، ފާޑެއްގެ ބިރުވެރި ތަނަކަށް ވަދެވިގެން ނިކުންނަން ނޭގިފައި ހުއްޓާ ކުޑަކުޑަ ރަންކޮޅު ގޮވައިނުލިނަމަ މަގޭ ކަށި ހަފައިގެން ކާލީސްކަން ނޭގޭ....." ނާހީ އަލީނާގެ ގައިގައި ބައްދާލަން އުޅުމުން އަލީނާ ދުރަށްޖެހިލިއެވެ. ހަގީގަތުގައިވެސް އެއްވެސް މީހަކު ބައްދައިލުމުން އަލީނާއަށް ނިކަން އުދަގޫވެއެވެ. އެހެންމީހަކާއި އެކީ އެނދެއް ހިއްސާ ކުރަންވެސް އޭނަ ބޭނުމެއް ނޫނެވެ. އަލީނާ ވަނީ، ނާހީ ގާތުގައި އެވާހަކަ ތަކުރާރުކޮށް ބުނެފައެވެ.

"ފޮނިގަނޑު، ހަމަ ޒެވިޔަން ނޫނީ އަތްލައިގެން ނުވޭތަ؟ އެކަމަކު އޭނަ ބައްދާލައިފިއްޔާ އެލީ މުގުރިދާނެ، މިއަތްވެސް ނާޒުކްވެފައި ބިއްލޫރި ކަން ބަލައިލަބަލަ، ތެދަށް ބުނަންޏާ މަ ސަހަރޯވެރިވޭ....." ނާހީ ހިނިގަނޑެއް ޖަހާލުމުން އަލީނާ ކުޑަކޮށް ލޯ އަޅާލައިފިއެވެ. ޒެވިޔަންގެ ނަން އިވިލާފައިވެސް އަލީނާގެ ކޯތާފަކަށް ރަތްކުލަ ފާއްދާލައިފިއެވެ. އަލީނާ މައުޟޫ އޮޅުވައިލަން ވެގެން، އޭނަ ޕެކްކޮށް ތައްޔާރުވެގެން ހުންނަން ޒީބާގެ އޯޑަރުއައި ކަމަށް ބުނެލިއެވެ. ނާހީ މަޖާވެލާފައި ވަގުތުން އިޔާންއަށް ގުޅާލައިފައި ޒީބާގެ ނުބައިކަމުގެ ވާހަކަތައް އެއްނޭވައިން ކިޔައިދިނެވެ. އިޔާން އެހާ ހައިރާންވި ކަމަކަށް ނުވިއެވެ. އިޔާންވެސް ކަމެއް ފޮރުވަން އުޅޭފަދަ ޝައްކެއް ނާހީ އަށް ކުރެވުނެވެ. ޒީބާ އަލީނާގެ ބައްޕަ އާއި ކައިވެނި ކުރަން އުޅެނީބާވައެވެ. މައިމޫން ދެވަނަ އަންބެއް ހޯއްދެވީމަ ޒީބާވެސް އެހެން މަންޒިލެއް ހޯދަން އުޅެނީކަމަށް ނާހީ އަށް ހީކުރެވުނެވެ. އަލީނާ ގާތު އިޔާން ބުނީ ޒީބާ އަލީނާއަށް ދެރަގޮތެއް ނަހަދާނެ ކަމަށާއި އޭނަ އާއި އެކީގައި ދިޔަސް ރަނގަޅު ވާނެ ކަމުގައެވެ.

"ތިވާނީ ޒީބާ އެލީ އެހެން ގެއަކަށް ބަދަލު ކުރަނީ ކަމަށް، އެމީހުންގެ ބޮޑު ޚާންދާނުގައި އެތައް ގެތަކެއް ހުންނާނެ، އެޑްރެސްދޭން މަށަށް ގުޅާތި، އޭރުން ދެމީހުންނަށް ހުސްވަގުތެއް ލިބިއްޖެއްޔާ ސައިކް ދުއްވަންވެސް ދެވިދާނެ، އެލީ ޒެވިޔަން ޖަހައިގެންފާނެތީ ޒިބޫ ގަންނާ ކުރެއްވި ބިރަކުން އަވަހަށް މިގެއިން ފޮނުވައި ލަނީ، މަކަރުވެރި ހިޔަޅުވެސް އުޅޭ އެކަމަކު އެވަރެއް ނުދެކެން......." ނާހީ ވެސް އަލީނާ ޕެކްކުރަން އެހީތެރި ވެދިނެވެ. އަލީނާ އިނީ ހާސްވެފައެވެ. އެކަމަކު އޭނަ ނާހީގެ ގާތުގައި އެހެނެއް ނުބުނެއެވެ. ކަމަކާއި ނުލައި ނާހީ އާއި ދޮންބެ ހާސްކުރުވުމުގެ މާނައެއްނެތެވެ. އަލީނާއަށް ޔަގީނާއި ގާތަށް އެނގެނީ ޒީބާ އޭނަ އެގެންދަނީ ޖަލަކަށް ލާން ކަމެވެ. ނިކީގެ މަރުގެ ބަދަލުހިފަން ޝަރީއަތުގެ ބާރު އެކަމަނާގެ އަތަށް ނެގީއެވެ. ނަމަވެސް އަލީނާ ވަކި ސަލާމަތް ވާނީ ކިހިނެއް ހެއްޔެވެ؟ އެމީހުންނަކީ އެހާ ލާރިވެރި، ނުފޫޒުގަދަ ބަޔަކަށްވާއިރު އޭނަ ކޮންމެ ތަނަކަށްވަދެ ފިލިޔަސް އެމީހުން ދުނިޔޭގައި އަތްފުނާއަޅައިގެންވެސް ނިކީގެ މަރުގެ ބަދަލުހިފާނެއެވެ.

އަލީނާ ނިކީ ގެ ކުރެހުން ހެދުންތަކުގެ ތެރެއަށް ލާފައި ފޮރުވިއެވެ. އަދި އެންމެ ފަހުން ދަބަސް ބޭރަށް ނެރެލާފައި އޭނަ އޮރެންޖްގަސް ވެސް ކޮތަޅަކަށް ލައިފިއެވެ. 

"މި އޮރެންޖްތައް ޖޫސީކަމުން ކުޅުދިޔާވޭ އެކަމަކު މަށެއް ނުކާނަމޭ، ދެން އެލީވެސް މަ ހަދައިފި މާކުންބެގެ އަންހެން ވައްތަރަށް، މާކުން ދައިތައަށް......." ނާހީ އެކަތި ބިދެލުމުން އަލީނާ އަޅައެއްނުލިއެވެ. 

"އެވެސް ދެން އަސްލު އުޅުނު މީހެއްތަ؟ ފޭކް ވާހަކައަކަށް ވާނީ، ނާހީއަށް އެނގޭތަ؟ ބޭނުން ވަރަކަށް ކެވޭނީ ނަސީބުވެރިންނަށޭ ކިޔާ ދޯ، އެކަމަކު އަހަރެން މިވަރަށް ކެއީމަވެސް އެންމެ ކިލޯއެއްވެސް ބަރުނުވޭ، ސޯ ސޭޑް...." އަލީނާ ދެކުދިން ވާހަކަދައްކަން ތިއްބާ ޒީބާ ރީތިވެލައިގެން، ސެންޓްވަސް ދުއްވާލައިގެން އައެވެ. އޭނަ އަމުރުވެރި ގޮތަކަށް އަލީނާއަށް އެންގީ ދަބަސްހިފައިގެން އައުމަށެވެ.

"އެލީ ތުއްތު ކަމުން ނުއުފުއްލޭނެދޯ، އެލީ ގެނޭ މަ ގެންގޮސް ދޭނަން...." ނާހީ ދަބަސް އުފުލުމުން އަލީނާ އޮރެންޖު ގަސް ހިފައިގެން ހުރެދާން ހިނގައި ގަތުމުން ޒީބާ މައްސަލަ ޖައްސަން ފެށިއެވެ. ނަމަވެސް އެއީ ނިކީ އަލީނާއަށް ގަނެދިން ގަހެއްކަން އެނގުމުން އޭނަ އިތުރު އެއްޗެކޭ ނުބުނެ ގޮސް އަލީނާ ކާރަކަށް އަރުވައިފިއެވެ. ނާހީ އަލީނާ އަކަށް ސަލާމެއްވެސް ނުކުރެއެވެ. ނާހީ ޔަގީން ކުރީ ކޮންމެ ދުވަހަކު ދެކުދިން ދިމާވާނެ ކަމަށެވެ. އަލީނާވެސް ހަމަޖެހިލައިގެން ކާރުގައި އިން އިރު މިދާތަނަކާއި މެދު ވިސްނުމުގެ ޚިޔާލެއްނެތެވެ. އެންމެފަހުން ފެރީ ޓާމިނަލާއި ހަމައިން ޒީބާވެސް އޯޓަމްބްލޭޒްގެ ކާރުގައި އައިތަން ފެނުނެވެ. އޭނަ އާއި އެކީގައި ދެމަފިރިންނާއި، ތިންކުދިން ތިއްބެވެ. އެންމެ ކުޑަކުއްޖާއަށް ހީވާގޮތުން ވާނީ އެގާރަވަރަކަށް އަހަރެވެ. އެކަމަކު އޭނަވެސް އަލީނާއަށްވުރެ އިސްކޮޅުން ދިގުވެފައި ބިޔައެވެ. 

އަލީނާ ކާރުން ފޭބިގޮތަށް ހިރިލާން ނުކެރިފައި ހުއްޓާ އޭނަގެ ސާމާނުވެސް ގެންގޮސް ލޯންޗަކަށް އަރުވާލައިފިއެވެ. ޒީބާ އަލީނާގެ ގާތުގައި ލޯންޗަށް އަރަން ބުނި އިރު އޭނަ ހުރީ ނުބައި ގޮތަކަށް ހިނިއައިސްފައެވެ. އެ ކުޑަ ފިރިހެންކުއްޖާ އަލީނާގެ ގާތުގައި އިށީދެ އޭނަގެ ނަން ބުނެލިއެވެ. "ސޭމް" ވަރަށް ރީތި ނަމެކެވެ. އޭނަ ބްރިޓިޝް ގޮތަށް ވާހަކަދައްކާ ގޮތުން އަލީނާއަށް އެވާހަކަ ދޭހަވާން އުދަގޫވިއެވެ.

ހުޅުލެ އާއި ހަމަޔަށް ދެވުނު އިރު އަލީނާއަށް އެ ދެމަފިރިންނަކީ ޒީބާގެ ކޮއްކޮގެ ދެމަފިރިންކަން އެނގުނެވެ. އޭނަ ގޮވައިގެން މިދަނީ ކޮންތަނަކަށް ބާވައެވެ. ސޭމް ދަތުރުމަތީގައި މުޅިންވެސް ދެއްކީ ރާއްޖެއާއި، މޫދުގެ ރީތިކަމުގެ ވާހަކައެވެ. ސޭމް ކުޑަކުއްޖެއްފަދައިން ބައެއްފަހަރު ސަކަރާތެއްވެސް ޖަހައިލައެވެ. "ޕުއަރ މީ، ސޭމްއަށް ހީވަނީ އަހަންނަކީ ވެސް އޭނަ އާއި އެއް އުމުރެއްގެ ކުއްޖެއްހެން" އަލީނާ އިނީ ކަންބޮޑުވެފައެވެ. ހުޅުލޭގައި ގިނައީ ޓޫރިސްޓުންނެވެ. ދިވެހިންމަދެވެ. އަލީނާ އާއި ދިމާލަށް ދިވެހިންގެ ނަޒަރުހުއްޓޭތަން ފެނުމުން އަލީނާ ހުރީ ލަދުން އިސްއުފުލައިލަން ނުކެރިފައެވެ. ޒީބާ މިފަދަ ތަނަކަށް ގެންނާނެކަން އެނގޭނެނަމަ އޭނަވެސް ތަންކޮޅެއް ރީތިހެދުމެއްލައިގެން ނަލަވެލީހެވެ. އަތުގައި އޮތް އެންމެ ބާހެދުން ގަނޑު ލައިގެން ހުއްޓާ އޭނަ މިގެނައީ އެންމެންގެ ކުރިމަތީގައި ލަދުގަންނަވައިލަން ބާވައެވެ. ޑިޕާޗާ ޖަހާފައި އިން ދޮރަކާއި ދިމާލަށްގޮސް އެތަނުގައިވާ ކިޔޫގައި ޖެހުމުން އަލީނާގެ ހިތްތެޅެންފެށިއެވެ.

"އަހަރެމެން މިދަނީ ކޮންތަނަކަށްތަ ސޭމް...." އަލީނާ ސޭމް ކާރީ އިނގިރޭސި ބަހުން އަހާލައިފިއެވެ.

"ލަންޑަން، ފްލައިޓް ވެއްޓިއްޖެއްޔާ އަހަރެމެން ދާނީ ސީދާ ހެވަންއަށް ދޯ، ކިޑްސްއިން ވީމަ ހެޕީ...." ސޭމް އެހެން ބުނުމުން އަލީނާ ބިރުގަތް ވަރަށްވުރެ ލަންޑަނަށް ގެންދާކަން އެނގުމުން ލިބުނު ޝޮކެއްގެ ސަބަބުން އަނގަ ހުޅުވުނު ގޮތަށް ލައްޕައިލަންވެސް ނޭގުނެވެ. ދަތުރުކުރުމުގެ ބިރު، ސޭމްއަށް އޭނަ ކުޑަކުއްޖެއްގެ ގޮތުގައި ފެންނާތީ ގަތް ލަދު، އަދި ދަނީ ލަންޑަން އަށްކަން އެގުމުން ހިތްދަތިވުން ފަދަ ހުރިހާ ޖަޒުބާތުތަކެއް އެއްފަހަރައި އޭނަގެ ސިކުނޑި ހަފުސްކޮށްލައިފިއެވެ. ޒީބާ ދޭން އުޅުނު ސަޒާއަކީ މިއީއެވެ. އުމުރަށްވެސް މި އާއިލާގެ މެއިޑެއްގެ ގޮތުގައި ލަންޑަންގައި ބެހެއްޓުމެވެ. ލަންޑަނަކީވެސް އަލީނާގެ ހުވަފެނީ މަންޒިލަކަށް ވިޔަސް އޭނަ އެއްގޮތަކަށްވެސް މިފަދަގޮތަކަށް ގޮސް ގެއެއްގައި ބަންދުވެގެން ހުންނާކަށް ބޭނުމެއްނޫނެވެ. އޭނަގެ ޒެވިޔަން އާއި ހައްތަހާ ދުރުވުން ނޫންކަމެއް ވާނެހެނެއް ހިޔެއް ނުވެއެވެ. އޯޓަމްބްލޭޒްވެސް އެއަށްވުރެ ހާސްބައި ރަނގަޅެވެ. އެގެއިން ލޯބިވެރިޔާގެ ހަނދާން ތަކާއި އެ ފައި ބީއްސުނު ވެލިގަނޑުވެސް އޮންނާނެއެވެ. އޭނަގެ ލޯބިވެރިޔާ ނުފެނި ދުރުގައި ހުންނަން ވުމުން އޭނަ ވާ މާޔޫސީ އާއި، ކުރާ ހިތާމަ ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. އެފަރާތަށް އޭނަ އަބަދު ދުޢާކުރަނީ އޭނަގެ ހިތާމަފިއްލެވުމަށާއި، ކެތްތެރިކަން ދެއްވުމަށެވެ. އަލީނާގެ ލޯ ކަރުނުން ބަރުވާން އުޅުނު ނަމަވެސް އޭނަ ހިތްވަރުކޮށްލައިފިއެވެ. އަލީނާ ޚިޔާލުތަކެއްގައި ހުއްޓައި އިޔާން ގުޅިއެވެ. އަލީނާ އިޔާން އާއި ވާހަކަދައްކަން ވެސް ބޭނުމެއް ނުވިއެވެ. އިޔާންމެންނަށް ރަނގަޅަށް ޒީބާ އަލީނާ ގެންދަނީ ލަންޑަނަށްކަން އެނގިހުރެ އަލީނާ ބަޔަކަށް ވިއްކައިލީތާއެވެ. 

އަލީނާ އިޔާންއަށް މެސެޖެއް ކުރީ އެތައް ޝަކުވާތަކެއް ކޮށްފައެވެ. އިޔާން ބުނިގޮތުން ޒީބާ ދުވަސްކޮޅެއް ފަހުން އަލީނާ ރަށަށް ފޮނުވައިދޭނެއެވެ. ދުވަސްކޮޅަކަށް މެއިޑަކު ބޭނުންވާތީ ގެންދަނީ ކަމަށް ޒީބާ ވަނީ އިޔާންއަށް ޔަގީންކޮށްދީފައެވެ. އަދި ކޮއްކޮއަށް ލަންޑަން ފެނުމުގެ ނަސީބު ލިބޭތީ ހީކުރީ ވަރަށް އުފާވެރި ސަޕްރައިޒަކަށް ވާނެކަމަށާއި ކޮއްކޮ ބޭނުން ނޫނިއްޔާ އައުމަށް އެދުނެވެ. އިޔާން ދެރަވިވަރު އެގުމުން އަލީނާގެ ހިތުގައި ޖެހުނެވެ. އަލީނާ މާޒީގެ އެތައް ދުވަހެއް ހަދާންވިއެވެ. އިޔާން ނެތްނަމަ އޭނައަށް މިހިސާބަށް އާދެވޭނެ ކަމެއްވެސް ނޭގެއެވެ. އެހާ އޯގާތެރި، ލޯބިވާ ދޮންބެގެ ހިތުގައި ޖައްސަން ބޭނުންނުވީމަ އަލީނާ ޖަވާބު ފޮނުވީ އޭނަ ވަރަށް އުފާވާކަމަށާއި، ލަންޑަނަށް ގޮސްފައި ގުޅާނެ ކަމަށް ބުނެފައެވެ.

ބްރިޓިޝް އެއަރވޭސްގެ ބިޒިނަސް ކްލާހުން ޗެކިން ނިންމަން ދިޔައިރުވެސް ސޭމް އުޅުނީ ކުޑަކުއްޖެއް ފަދައިންނެވެ. އޭނަ ޓްރޯލީއަށް އަރާފައި އަލީނާ ގާތުވެސް އަރަން އެދުނެވެ. އިމިގްރޭޝަން ބަޔަށްދާން ވެގެން މައްޗަށް އަރަން ޖެހުމުން އަލީނާއަށް ދުވާސިޑިބަރި ފެނިފައި ފަސްޖެހެވުނެވެ. އޭނަ ބޭނުންވީ އަނެއްފަރާތުގައި ހުރި ސިޑިބަރިން އެރުމަށެވެ. ސޭމް، އަލީނާގެ އަތުގައި ހިފައި ގަދަކަމުން އެސްކެލޭޓަރއަށް އެރުމުން ދެމީހުން އެކީގައި ނުވެއްޓުނީ ކިރިޔާއެވެ. އަލީނާއަށް ހަޅޭއްލަވައި ގަނެވުނެވެ. މަތީ ފްލޯރާއިހަމަޔަށް ދެވެންދެން އަލީނާ އޮތީ ސޭމްގެ އަތުގައި އެލިގަނެގެން ރޮއިރޮއިއެވެ. ޒީބާ އޭނަގެ ކޮއްކޮގެ އަންހެނުން ކަންފަތް ކައިރީގައި އެއްޗެކޭ ބުނެލާފައި ޕަކަޕަކަ އަޅާފައި ހީގެންފިއެވެ. އަލީނާގެ މޫނު ހީވީ ރަތްކަމުން އަލިފާން ކޮޅެއްހެންނެވެ. އެފަދަ ކުދި ކުދި ހާދިސާތައް ހިނގާ ފަހަރު ތަކުގައި ޒީބާ ކުރާ މަލާމާތް ފެނިފައި، އަލީނާ ހުރީ އިންތިހާއަށް ދެރަވެ، ހިތުގައި ޖެހޭގޮތްވެފައެވެ. 

ފްލައިޓްގައިވެސް އަލީނާ އިނީ ބިރުން ހިތްވިރިވިރިއެވެ. މަތިންދާބޯޓު ކިތަންމެ ބޮޑުވެފައި، ބިޒިނަސް ކްލާހުގެ ހިތްފަސޭހަ ކަމުގައި ތިއްބަސް ޓާބިއުލެންސްގައި ޖެހޭ ކޮންމެ ފަހަރަކު އަލީނާ ގޮނޑީގެ އަތްގަނޑުގައި ބާރަކަށް ހިފަހައްޓާލައެވެ. އެހެންމީހުން އަރާމުގައި ނިދަން ތިއްބަސް އަލީނާގެ ލޮލަކަށް ނިންޖެއް ނައެވެ. ލަންޑަނަށް ފްލައިޓް ޖެއްސީ ގާތްގަނޑަކަށް ދިހަގަޑީގެ ދަތުރަކަށް ފަހުގައެވެ.

ލަންޑަންގެ އިމާރާތްތަކާއި، ގެތައް އަދި މަގުތައްވެސް ރާއްޖެ އާއި ތަފާތުކަމުން އަލީނާއަށް ފެންނަ ކޮންމެ ތަނަކަށް ބަލަހައްޓައިގެން އިނދެވުނީ ހައިރާންކަމުގެ ލޮލަކުންނެވެ. އަދި ޒީބާގެ ކޮއްކޮ އުޅޭގޭގެ ބަގީޗާވެސް އެހާ ނަލައެވެ. ގަސްތަކުގެ ފަތްތަކަށްވުރެ ކުލަކުލައިގެ މާތައް ގިނައެވެ. ނަމަވެސް އަލީނާއަށް ލިބުނު ހިތްހަމަޖެހުމެއްނެތެވެ. މިއީ އޭނަގެ ޖަލަށްވާނެ ކަމަށް ހީކޮށްގެން ހުއްޓާ ޖެހިގެން އައި ދުވަހު ލަންޑަނުން ފުރަން ޖެހޭކަން އެނގުނެވެ. އަލީނާއަށް ހީވީ ހިތުގައިވާ އުއްމީދުގެ ބައްތި ކަނިލަމުން ދަނިކޮށް ތެޔޮއަޅައި ދިއްލައިލި ހެންނެވެ. ހެއްދެވިފަރާތަށް ޝުކުރު ކުރެވުނު އަދަދެއްވެސް ނޭގެއެވެ. ތަގުދީރު މިކުޅެނީ ކޮންފަދަ ސަމާސާއެއްކަން ނޭގުނަސް ޔަގީނުންވެސް އޭނަ އާއި ޒެވިޔަން އަނެއްކާވެސް އެއްފަސްގަނޑަކަށް ގެނުވަނީއެވެ. ދެން ވާނީ ކިހިނެއްކަމެއް އަލީނާއަކަށް ވިސްނައި ގަންނާކަށްވެސް ނޭގުނެވެ. ނަމަވެސް އެ ހިތަށް ބުނަން ނޭގޭފަދަ ފިނިކަމަކާއި ހަމަޖެހުމެއް ލިބިއްޖެއެވެ. ލޮލުން އުފާވެރިކަމުގެ ކަރުނަ އައެވެ.

ލަންޑަނުން އެމެރިކާއަށް ކުރި ހަތްގަޑިއިރުގެ ދަތުރަކީ އެޓްލާންޓިކް ކަނޑު ހުރަސްކޮށް ކުރާ ދަތުރަކަށް ވާތީ އަލީނާ އިނީ އިންތިހާއަށް ބިރުގެންފައެވެ. ދެލޯ ހުޅުވައިލަން ބޭނުންނުވެ އިނދެ ދަތުރު ދުޢާކުރިއެވެ. ނަސީބަކުން ސަލާމަތުން އެމެރިކާއަށް ދެވުނެވެ. ކާރަށް އެރުމަށްފަހު ދަތުރުވަރުބަލިވެ ލޯހުޅުވައި ނުލެވޭވަރުވެ އަދި ފިނިކަމުން ރޫރޫއަޅާ އިންއިރުވެސް މަންޒަރުތައް ރީތިކަމުން އަލީނާ އިނީ ކާރުގެ ބިއްލޫރިގަނޑުގައި މޫނުޖައްސާލައި ގެންނެވެ. ފިޔާތޮށިކުލައިގެ މާތަކުން ބަރާވެފައިވާ ގަސްތަކަކީ ޗެރީ ބްލޮސޮމްކަން އަލީނާ ދެނެގަތެވެ. މާޗްމަހުގެ ފަހުކޮޅަކީ ޗެރީ މާތައް އެންމެ ފުރިހަމަވާ ދުވަސްކޮޅެވެ. ކާރުގައިވެސް ދިގު ދަތުރެއްކުރުމަށްފަހު މީހުން އުޅޭ ސަރަހައްދުން ބޭރަށް ދެވެން ފެށުމުން އަލީނާގެ ހިތަށް ސިހުމެއް ލިބިއްޖެއެވެ. ޒީބާ އެގެން ދަނީ ކޮންތަނަކަށް ހެއްޔެވެ؟ އެހެން ސިޓީއަކަށް ބާވައެވެ. އަލީނާ ނޭވާ ހިފަހައްޓާލައިގެން އިންދާ ކޮންމެވެސް ހިސާބަކުން ސިކިއުރިޓީ ޔުނިފޯމްގައި ތިބިބަޔަކު ފެނުމުން އަލީނާ އެމީހުންނަށްވެސް ގޮވާލައިފައި އޭނަގެ ހާލު ބަޔާންކޮށްދޭން ބޭނުންވިއެވެ. ސަލާމަތްކޮށްދިނުމަށް އެދެން އުޅުނެވެ. ނަސީބަކުން އެމީހުން ކައިރިއަށް ކާރު މަޑުކޮށްލައިފިއެވެ. 

ޒީބާ ފެނުމުން އެމީހުން އިހުތިރާމާއި އެކު ވާހަކަދެއްކުމުން އެއީ ޒީބާ ގެ މުވައްޒަފުންކަން އަލީނާއަށް ވިސްނުނެވެ. ސިކިއުރިޓީ އިން ތިބި ހިސާބުން ކާރު ދުއްވާލުމާއި އެކީގައި ހީވީ އެހެން ދުނިޔެއަކަށް އާދެވުނު ހެންނެވެ. އެހާވެސް ހިތްގައިމު ސަރަހައްދެކެވެ. މަގުގައި ދިއްލާފައިވާ ބޮކިތަކުގެ އަލީގައި ދެފަރާތުން ފެންނަ ބިޔަގަސްތަކަކީ މޭޕްލް ،އޯކް، ބާޗް، އަދި އިކްލިޕްޓަސްފަދަ ގަސްތަކެވެ. 

ގަސްތަކުގެ ސިލްސިލާއަށް ފަހު ކާރުމަޑުކޮށްލީ ކޮޓެޖް ސްޓައިލަށް ހަދާފައި ހުރި ގެއަކަށެވެ. ފެއަރީ ޓޭލް މަންޒަރެއްހާ ރީއްޗެވެ. ރީތި ކުރެހުމެއްފަދައެވެ. މާމެލާމެލީގެ މީރުވަސް އެފިނި ފަޒާގައި ހިފާލާފައިވެއެވެ. ގާޑަން ލައިޓްތަކުގެ ތެރޭގައި ޓިއުލިޕް، ލައިލަކް އަދި ޑެފޮޑިލް ފަދަ މާތައް ވިދާތަން ފެނުމުން އަލީނާ ހުރީ ހިނގައިގަންނަން ވެސް ނޭގިފައެވެ. މާތަކަށް މޮޔަވެފައި ހުންނަކުއްޖަކަށް ވިޔަސް ސިކުންތު ކޮޅެއްފަހުން އަލީނާގެ ލޯ ބޭގަރާރު ކަމާއި އެކީގައި އެގޭގެ ބެލްކަނިން ފެށިގެން ހުރިހާ ދިމާލަކަށް ދަތުރުކޮށްލީ ހިތްއެދޭ އެންމެ ސޫރައެއް ދެކެލުމަށެވެ. ހިތުގައިވާ އުއްމީދު އަދިވެސް ފަނޑުވެގެނެއް ނުދެއެވެ. ޒެވިޔަން ފެނިދާނެކަމުގެ އުއްމީދު އޭނަގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަނީ އެވެ. ކުއްލިއަކަށް އެއްލި ކަޅިއަކުން ފެންޑާއަށް ނިކުތް ރީތި ޒުވާނާ ފެނުމާއިއެކު އަލީނާ ގެ ހިތްތެޅިގަނެ، ހަށިގަނޑު ކުރިއަށްވުރެ ފިނިވިއެވެ. 

ކަޅުކުލައިގެ ޓީޝާޓަކާއި ނޫޖިންސެއްލައިގެން ހުރެ ޖިންސްގެ ޖީބަށް އަތްޖަހާލައި ގެން ޒެވިޔަން އައީ ފިރިހެންވަންތަ ހިގުމެއްގައެވެ. ޒެވިޔަން ގެ ނަޒަރު ސިކުންތު ކޮޅަކަށް އޭނަގެ މައްޗަށް ހުއްޓުނެވެ. ގަބޫލުކުރަން ދަތިވެފައި ކަހަލަ ގޮތަކަށެވެ. އެ ފެހި، މަސްތީ ދެލޮލުގެ ރީތިކަމުން އަލީނާގެ ގައިގައި ހީބިހި ހަލުވާލައިފިއެވެ. ޒެވިޔަން ދުރަށް ބަލައިލި ގޮތުން މިފަހަރުވެސް ހީވީ އޮޅިގެން މަނާއެއްޗަކަށް ބަލައިލެވުނީ ހެންނެވެ.

"މަންމަގެ ޕްރިންސް......" ޒީބާ ޒެވިޔަންގެ ތަނަވަސް ނިތްކުރީގައި ބޮސްދެމުން އެހެންކުދިންގެ ހާލުވެސް އަހާލައިފިއެވެ.

"އަންއެކްސްޕެކްޓެޑް ގެސްޓެއްވެސް ގޮވައިގެން މަންމަ މިއައީދޯ، މަންމަ މި ކުއްޖާގެ ކޮޓަރި ހަމަޖައްސާލާފައި އަންނަންދެން ސްޓޭ ވިތް ހާރ ޑާލިން، ވަރަށް ފާޑެއްގެ ކުއްޖެއް. މި ވުޑްސް ތެރެއަށް ވަދެ ފިލައިފިއްޔާ ކުޑަކަމުން ނުފެންނާނެ، ސޭމް އާއި ދެމީހުން ވެގެން ގަތް ގަނޑު ހަދާންވިޔަސް މަންމައަށް ހެވޭ، އަޖައިބު ވަނީ ގޭގައި ހުންނަހާ އެއްޗެއް ދެން ހުންނަ ފަލަ މަންޖެ އާއި ދެ ވެރިންވެގެން ކާލާއިރުވެސް އެކާއެއްޗެހި ދާ ތަނެއްނޭގޭ......." ޒީބާ ކުދިކިޔަމުން ގޭތެރެއަށް ވަދެގެން ދިޔައެވެ. ރޭގަނޑަށްވީމަ ޓެމްޕްރޭޗަރ ދަށަށް ގޮސް ފަޒާ އޮންނަނީ ފިނިހިފައިފައެވެ. އަލީނާ މޭގައި އަތްހުރަސްކޮށްލައިގެން ހުރިގޮތުން އޭނަ ހުރީ ހީކަރުވައިގަނެފައިކަން ޒެވިޔަން ދެނެގަތެވެ. އެމެރިކާގެ މޫސުމަށް އަލީނާ ހޭނެން ދުވަސްކޮޅެއް ނަގާނެއެވެ. ޒެވިޔަން އަލީނާ ގާތުގައި އައުމަށް ބުނެފައި އެތެރެއަށް ވަނެވެ. 

އަލީނާގެ ލޮލުގައި އެރީތި ފަރުނިޗަރތަކާއި، ފަޔަރޕްލޭސް ވެސް އަޅައެއް ނުގަތެވެ. އޭނައަށް އަޖައިބުކަމާއިއެކު ބެލެމުން ދިޔައީ ހަމަ ޒެވިޔަންގެ މޫނަށެވެ. އެ ފެހި ދެލޮލަށެވެ. ހީވަނީ ދުވަހަކުވެސް ނުފެންނަ އެއްޗަކަށް ބަލާހެންނެވެ. ޒެވިޔަން އަލީނާގެ ދަބަސް ގެއަށް ވައްދާފައި ދޮރު ލައްޕާލައިފިއެވެ.

އަލީނާ ބަލާވަރު އިހުސާސް ކުރެވި، ޒެވިޔަން ކުޑަކޮށް ހިނިއަންނަ ގޮތްވިއެވެ. އޭނަ ނޫންކަމަށް ހަދައިގެން ފޯނާއި ކުޅެލަ ކުޅެލާ، ދޮރަށް ލެނގިލައިގެން ހުރި އިރުވެސް އަލީނާ އާއިމެދު ވިސްނުނެވެ. ކުޑަކުޑަ އަލީނާ ބޭނުން ވަނީ އޭނަގެ ފަރާތުން ކޮންކަމެއް ހެއްޔެވެ؟ ތަފާތު އަންހެންކުއްޖެކެވެ. ހަމައެކަނި ބަލައިލައިގެން ހިތްހަމަޖައްސައިލަން ބޭނުންވަނީ ހެއްޔެވެ؟ ޒެވިޔަން ކަތިނަޒަރަކުން އަލީނާއަށް ބަލައިލައިފިއެވެ. އަލީނާ ގެ ލޮލުގައި ވިދަވިދާ ހުރި ކަރުނަ ފެނުމުން ޒެވިޔަންއަށް އަސަރުކުރިއެވެ.

"ވަޓް ހެޕަންޑް، މަންމަ މަޖުބޫރުން ގެނައީމަތަ؟" ޒެވިޔަން ވާހަކަ ނުދައްކަން ހުރެފައިވެސް އެއްޗެކޭ ބުނެލައިފިއެވެ. އެ ފިރިހެންވަންތަ އަޑުގައި ވި އޯގާތެރި ކަމަކުން އަލީނާގެ ހިތަށް މާބޮޑަށް އަސަރުކުރިއެވެ.

"ނޫން، ނޫން، އެކަމަކު.. ޖަސްޓް ކުޑަވަގުތުކޮޅެއް......ޕްލީސް..." އަލީނާ ހިންދިރުވާލިއެވެ.

"ހޫމް، އަވަހަށް ބުނެބަލަ، އަހަރެން މިހިރީ އަޑުއަހަން...." ޒެވިޔަން ސީރިޔަސްވެލިއެވެ. ޒެވިޔަން ހީކުރީ ނިކީއަށް ޗޮކްލެޓް ކާންދިން ހާދިސާ ކަންހިގިގޮތަށް ކިޔާދީފައި މާފަށް އެދެން އުޅެނީ ކަމަށެވެ. އަލީނާއަށް ދުލަކީ އޮތް އެއްޗެއްކަން ހަނދާންނެތިފައި އިރުކޮޅަކު ހުރެވުނެވެ.

"ޒެވިޔަން، އަޅުގަނޑު ބުނަން ބޭނުންވަނީ އަޅުގަނޑު ނިކީދެކެ ލޯބިވީވަރު، އަޅުގަނޑު އެއްގޮތަކަށްވެސް ނިކީ މަރައެއް ނުލަން، ޝީ ވޯޒް އެވްރީތިން ޓު މީ، މިދުނިޔެ މަތިން ލިބުނު އެކަނި އުފަލަކީ އެއީ، އަޅުގަނޑު މިހިރީ ނިކީ ނެތުމުން ކޮންމެ ފަދަ އަދަބެއް ލިބިގަންނަންވެސް ތައްޔާރަށް، މެޑަމް އެހާވަރުން މިރަށަށް ގެނައީ ކޮން އަދަބެއްދޭން ކަމެއްވެސް ނޭގޭ، އެނގޭ ހުރި އެންމެ ދަރިފުޅަކު ވަކިވެގެން ދިޔަ ސަބަބަކަށްވީ މީހާއަށް މާފު ހައްގުނޫންކަން، އަދި އެއީ އަޅުގަނޑުގެ ސުންޕާކަމުން އަދި ނަސީބެއްނެތް ކަމުން ދިމާވި ހާދިސާއެއްކަމަށްވެސް އަޅުގަނޑުވެސް ގަބޫލުކުރަން، ފާފައެއްކުރެވި ތައުބާވެއްޖެއްޔާ ހެއްދެވި ފަރާތުންވެސް އަފޫކޮށްދެއްވާ، ވީއިރު އަޅުގަނޑު އެދެނީ އެންމެ ކަމަކަށް، ކޮންމެ ފަދަ ޕަނިޝްމެންޓެއް ދިނަސް މީހަކަށް ނުވިއްކާށޭ މަންމަ ގާތުގައި ބުނެދީ ޕްލީސް، ކިތަންމެ ނިކަމެތި މީހެއްގެވެސް އެހައްގު އޮންނާނެ، އަމިއްލަ ނަފުސްގެ އަގެއް އޮންނާނެ، އަޅުގަނޑު ބޭނުމެއްނުވޭ ނާސި އަކަށްވާކަށް، މިގޭތެރޭގެ ހަތަރު ފާރުގައި މުޅިއުމުރު ހޭދަކުރަންވިޔަސް ހެޔޮ އެކަމަކު........." އަލީނާގެ ލޮލުން އޮހިގަތް ކަރުނަތައް ކޯތާފަތްމަތިން ފައިބަންފެށިއެވެ. 

ޒެވިޔަންއަށް އަލީނާގެ އެ އާދޭސްތަކުން އެހެން ކަހަލަ އަސަރުކުރިއެވެ. ހަމްދަރުދީ ވިއެވެ. ހިތުގައި ނޭގޭފަދަ ރިހުމެއް އުފެދުނެވެ. ކޮންފަދަ މައުސޫމް ކުއްޖެއް ހެއްޔެވެ؟ 

"ޑޯންޓް ވޮރީ، މަންމަ ވެސް އެހާ ބޮޑު އަނިޔާއެއް ނުދޭނެ......" ޒެވިޔަން އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް ޒީބާ ފެނުމުން ޒެވިޔަން މަންމައަށް ސަމާލުކަން ދިނެވެ. ޒީބާ ޒެވިޔަން އާއި ކުޑަކޮށް ވާހަކަދައްކާލުމަށްފަހު އަލީނާ ގޮވައިގެން ކޮޓަރި ދައްކާލަން ގެންދިޔައެވެ. ޒީބާ ވަރަކަށް އަލީނާއަށް ބަވާލިއެވެ. ޒެވިޔަން ގާތު ރޮއިގެން ސާބިތުކޮށްދޭން ބޭނުންވަނީ ކޮންކަމެއްހޭ ވެސް އަހައިލިއެވެ. އަދި ޒެވިޔަން ލައްވާ ޅަކުރުވަން އުޅޭތީ ވަރަށް ހެއްވާކަމަކަށް ވިޔޭ ކިޔައިގެންވެސް މަލާމާތް ކުރިއެވެ. އަލީނާ ލަދުގަތެވެ. އެގޮތަށް ރޮވުނީތީ އަމިއްލަ ނަފުސަށް މަލާމާތް ކުރިއެވެ.

ޒެވިޔަން ޚިޔާލެއްގެ ތެރޭގައި ހުރެ ކޮޓަރީގެ ދޮރު ހުޅުވާލި އިރު ރިޔާ ފާޚާނާއިން ނިކުތީއެވެ. ވައިލެޓާއި ފެހިކުލައިގެ ސްޓްރައިޕް އަތްކެޑި ޓޮޕްކޮޅަކާއި ސޯޓެއްލައިގެން ހުރި އިރު އެ ދޮންދެފައި އޮމާންކަމުން ވިދައެވެ. ޒެވިޔަން ރިޔާ އަތުގެ ތެރެއަށް ލަމުން އެމޫނުގައި ބޮސްދިނެވެ. ނަމަވެސް ރިޔާ ހުރީ މޫޑުގައެއްނޫނެވެ. މިފަހަކަށް އައިސް އެއީ ރިޔާގެ އާދައެވެ. 

"ޓަޔަޑްއޭ ޒެވިޔާ، އެހެންނޫނަސް އެއްވެސް އިންޓެރެސްޓެއް ނުހުރޭ، ޒެވިޔާ ދެކެ އެހާ ލޯބިވާއިރު މިފަދަ މައްސަލައެއް ޖެހުނީމަ ވަރަށް ދެރަވެސްވޭ......" ރިޔާ ކަންނެއް ގޮތަކަށް އެނދަށް ވެއްޓިގަންނަމުން މަޑުބާލީސް ތަކުގެތެރޭގައި މޫނު ފޮރުވާލައިފިއެވެ.

"އައި ކެން އަންޑަސްޓޭންޑް، ހެވޭ އަހަރެން މިއަތަކުން ދުވަހަކު ދޫކޮށެއް ނުލާނަން، އަހަރެންނަށް ކެތްކުރެވިދާނެ. މިހުރިހާދުވަހުވެސް އުޅުނީނު، ކާކު ހިތަށް އަރާނީ މިހާ ބިއުޓިފުލް ސެކްސީ އަންހެންކުއްޖަކު ލިބިފައި އެކަނި ބަލައިލައި ގެން ނިންމާލަން ޖެހޭނެއޭ......" ޒެވިޔަން ރިޔާގެ އަތުގައިވާ ބާލީސްތައް ދަމައިގަނެފައި ކޯތާފަތުގައި ހިފާކުދިކުދި ގޯނާކުރިއެވެ. އެވަރުން އަލީނާގެ މަތިން ހަނދާންނައްތާލަން އުޅުނީމަވެސް ރިޔާގެ ފަރާތުންވެސް މާ ބޮޑުއެހީއެއް ނުލިބުނެވެ. އިޝްގުގެ ބައިވެސް އެހާ ކުޑައެވެ. އެކަމާއި ރިޔާ ކުށްވެރި ކުރެވޭކަށްވެސް ނެތެވެ. ސިއްހީ މައްސަލަ އެކަންޏެއްނޫނެވެ. ހުރި އެންމެ ދަރިފުޅު ގެއްލުމުން ނަފްސާނީ ގޮތުންވެސް މައްސަލަ ކުރިމަތިވާނެއެވެ. އޭނަ ކެތްކުރާނެއެވެ. ކައިވެންޏަކީ ކުޅިވަރަކަށް ހަދާކަށް އޭނަވެސް ނޭދެއެވެ.

"ޒެވިޔާ، އަހަންނަކީ އެހާ ސެލްފިޝް މީހެއްނޫން، ޒެވިޔާހާ ރީތިމީހަކު ދުނިޔެއިންވެސް ނުދެކެން، އަހަރެން ހުރެދާނަން މި ރީތިދެލޮލަށް ބަލަހައްޓައިގެން މުޅި އުމުރަށް، އަދި މި ޑިމްޕަލްއަށްޓަކައި ގުރުބާން ވެދާނަން، އެހާވެސް ލޯބިވޭ، ވަރަށް ވަރަށް ލޯބިވޭ، ދުވަހަކު ބޭނުމެއްނުވޭ އަހަރެންގެ ލޯބި ދެރަވެފައި ހުންނަތަން ދެކޭކަށް.... އައި ލަވް ޔޫ މޯ ދޭން އެނީތިން...." ރިޔާ ޒެވިޔަންގެ ކޮނޑުގައި ބޯ އަޅައިލިއެވެ.

"އަހަންނަށް އެނގޭ ލޯތްބާއި ލަސްޓް ވަރަށް ތަފާތުވާނެދޯ. ރިޔާއަށް އެނގޭތަ؟ މަންމަ މާލެއިން އައިކަން..." ޒެވިޔަން ބުނެލިއެވެ. 

"ގުޑް، އަލީނާގެ ބައްޕައަށް ބައިވަރު ފައިސާތަކެއް ދީފައި އަޅުކުއްޖެއްގެ ގޮތުގައި ގަނެގެން މަންމަ އެއައީ، ސޯ ޔޫ ކެން ހޭވް ހާރ ޒެވިޔާ، ސީރިޔަސްކޮށް މިބުނީ، އަހަރެން ވެސް ބޭނުމެއްނުވޭ އަހަރެންގެ ހުރި މައްސަލައަކުން ޒެވިޔާ ސަފަރކުރާކަށް، އަހަންނަށް އެގޭ ޒެވިޔާ އަކަށް މުޅި އުމުރު ތިހެން ނުހުރެވޭނެކަން، ޒެވިޔާގެވެސް ބޭނުންތަކެއް ހުންނާނެކަން، ދެވަނަ އަންބެއް ހުރެއްޖެއްޔާ ވަރަށް ޖޭ ވެވޭނެ، އެކަމަކު މިގޮތް ރަނގަޅު....." ރިޔާ އިނީ ހަމަޖެހިލާފައެވެ. އޭނަ އާއި ޒީބާ ވަނީ އެހާވެސް މޮޅު ޕްލޭނެއް ރާވާލަފައެވެ. އެކަމަކު ވަގުތު ޖެހުމުން އަލީނާ އެމީހުންގެ ހަޔާތަށް ހިޔަނިވެސް ނޭޅޭފަދަ ގޮތަކަށް ނަގައި އެއްލާލާނެއެވެ. ޒެވިޔަންއަށްވެސް ނޭގިއެވެ. ރިޔާއަށް މަންމަ ކިޔާނެ ކުއްޖެއް ހޯދަންވެއްޖެއްޔާ ރިޔާވެސް ގުރުބާނީ ތަކެއްވާންޖެހެއެވެ.

"އޯ މައި ގޯޑް........." ޒެވިޔަން ރިޔާ ގަޔާއި ދުރުކޮށްލާފައި ކޮޅަށް ތެދުވެއްޖެއެވެ.

"ޒެވިޔާ މަންމަ ކާރިން އަހާބަލަ..." ރިޔާ ހިނިތުންވެލިއެވެ.

"މިއީ ސަމާސާއެއްތަ؟" ޒެވިޔަންގެ ހިތުގައި އެހެންކަހަލަ ވިންދެއްޖަހަން ފެށިއެވެ. އޭނައަށް އަލީނާ ފެނުނު ދުވަހުންފެށިގެން އެހިތް އަލީނާއަށް އެދެމުން އައީ އޭނަގެ އިޚުތިޔާރަކާއި ނުލައެވެ. ޒެވިޔަން މިހުރިހާ ދުވަހުވެސް ހިތާއި ދެކޮޅަށް ހަނގުރާމަކުރިއެވެ. އިންތިހާއަށް ކެތްކުރިއެވެ. ކުޑަކުޑަ އަލީނާދެކެ ލޯބިނުވާން އޭނަ ހިތަށް ވިސްނައިދިނެވެ. އެއީ ދުވަހަކު ނުލިބޭނެކުއްޖެއް ކަމަށް ހިތް ނިންމިތާވެސް ކޮން ދުވަހެއް ހެއްޔެވެ؟ އެކަމަކު ތަގުދީރުގައި ލިޔުއްވާފައި ވަނީ އެހެން ގޮތަކަށެވެ. އޭނަ ދުރަށް ދިޔަވަރަކަށް އަލީނާ އޭނަ އާއި ކައިރި ވަނީއެވެ. 

"ދީނުގައިވެސް ހުއްދަކަމެއް ޖާރިޔާއިން ގެންގުޅުމަކީ އެހެންވީމަ ޒެވިޔާއަށް މިހާރު އޭނަ ހުއްދަވާނެ، ޒެވިޔާ ބޭނުން ކޮންމެ ގުޅުމެއްވެސް ބޭއްވިދާނެ، އަހަރެން ޒެވިޔާދެކެ ލޯބިވާތީ ޒެވިޔާގެ އުފަލަށްޓަކައި ގުރުބާންމިވީ، އަހަރެން އަމިއްލައަށް ބަލި ގަބޫލުކުރަން އަދި ޒެވިޔާއަށް އެނގޭނެ އަހަންނަށް އެ ރިލޭޝަން ބާއްވަން އުނދަގޫވާވަރު، އަހަންނަށް ޒެވިޔާ ހިތްހަމަޖައްސައި ނުދެވޭނެކަން ޔަގީންވާއިރު ބޭނުމެއް ނުވާނެތަ ޒެވިޔާއަށް އުފަލެއް ހޯދަދޭން، ފުރަތަމަ ދުވަހުން ފެށިގެން އަހަރެން މަސައްކަތް ކުރަމުން އައީ އަހަރެންގެ އެފަދަ މައްސަލައެއް އުޅޭކަން ހަނދާން ނައްތާލަން، ޒެވިޔާ ހިތްހަމަޖައްސައިދޭން އަހަރެން ނުކުރާކަށް ކަމެއް ނޯންނާނެކަން ޒެވިޔާއަށް އެނގޭނެ، އެކަމަކު މިހާރު އަމިއްލަ ނަފުސަށް މަޖުބޫރުކޮށްގެންވެސް އެހެން ނޫޅެވެނީ، އޮޕްރޭޝަނަށްފަހު ކުރިއަށްވުރެ މާ ބޮޑަށް ސަކަރާތްވި...." ރިޔާ ތުންފަތުގައި ދަތްއަޅާލިއެވެ. 

ރިޔާ އަށް ދީނުގައި އަޅުން ގެންގުޅުމާއި ބެހޭގޮތުން އޮންނަގޮތެއް އޮޅުމެއްނުފިލައެވެ. އަދި އޭނައަށް އެވާހަކަ ކިޔައިދިން ޒީބާއަށްވެސް ދީނުގެ ކަންތައް މާ އެނގެނީއެއްވެސް ނޫނެވެ. ރިޔާ ވިސްނަމުން ދިޔައީ އަލީނާ އޭނަ ގާތުދެއްކި ވާހަކަތަކެވެ. އަލީނާ އެ ސިއްރު ފާޅުކޮށްފައި ވާތީ އޭނަ ވެސް އެފަދަ ރިލޭޝަނަކަށް ފަސޭހައިން ދާން ބޭނުން ނުވާނެކަން އަލީނާއަށް ޔަގީނެވެ. އެހެންވެ އެއީވެސް ރިޔާ ދެކޭގޮތުގައި އަލީނާއަށް ދެވޭ ލަނޑެކެވެ. ދުވަހަކު މީހަކާއި ނީންނަން ހުވާކޮށްގެން ހުރި ކުއްޖަކަށް އެއީ ބޮޑުބިރަކަށް ވާނެތާއެވެ. ދެން އަލީނާ މިގޭގައި ހުންނަ ކޮންމެ ދުވަހަކީ އަލީނާއަށް ނަރަކައެއްގައި އުޅެވޭފަދަ ދުވަހަކަށް ހަދަން ރިޔާ ބޭނުމެވެ.

"ބަލަ ރިޔާ ޖެހޭތަ އަހަންނަށް އަންހެނުން ހޯދަދޭން، އަހަރެން ބޭނުން މީހަކު ހޯދަފާނަން، ހިތަކަށް ނާރާ އަހަރެންގެ ލައިފް ގައި އަހަރެން ނަގަންޖެހޭ ޑިޒިޝަންތައް ރިޔާ ނަގާނެޔޭ، ރިޔާ އައިމް ސޯ ޑިޒަޕޮއިންޓެޑް އިން ޔޫ....." ޒެވިޔަން އެނދުގެ އަނެއްފަޅީގައި އޮށޯވެލައިގެން އޮތްއިރު ހިތުގައި ރިހުމެއް އުފެދިފައިވެއެވެ. މަންމަ އާއި ރިޔާވެސް އަލީނާ އާއި މެދު ދެކެނީ އަޅެއްފަދައިންނެވެ. އެމީހުންގެ ލޯބިވާ ފަރާތެއް ހިތްހަމަޖައްސައިދޭން ބޭނުން ކުރާނެ ކުޅޭކުޅޭ ބުދެއްގެ ގޮތުގައެވެ. މިއީ އިންސާފެއް ހެއްޔެވެ؟ "ސްލޭވް" އެނަން އަލީނާއަށް ދެވުނީތީ ޒެވިޔަން ހިތްހަމައެއް ނުޖެހުނެވެ. އަނެއްކާ އަލީނާ އޭނަ ގާތުގައި އެދިފައިވަނީ މީހަކަށް އޭނަ ނުވިއްކުމަށެވެ. އެއީ ޒެވިޔަންއަށްވެސް ހެޔޮތާއެވެ. ނޭގުމުގެ ތެރޭގައިވެސް އަލީނާއަށް އެބުނެވުނީ އެވާހަކައެވެ. އޭނަ ފަހަރެއްގައި ވެސް އަލީނާއަށް އެފަދަ ލަނޑެއްދޭން ބޭނުމެއްނޫނެވެ. ނަމަވެސް އޭނަ އެކަމާއި ބެހޭގޮތުން ރިޔާ އާއި އިތުރު ވާހަކައެއް ދައްކާކަށް ބޭނުމެއްވެސް ނުވިއެވެ. 

ރިޔާ ހުއްޓާނުލައި އެކި ވާހަކަތައް ދައްކަމުން ދިޔައެވެ. އޭނައަކީ މިހާރު އަންހެނަކަށް ނުވާ ވާހަކައެވެ. އަދި ޒެވިޔަންވެސް ދުވަސްކޮޅަކުން އޭނަދެކެ ފޫހިވެދާނެ ކަމުގައެވެ. އެހެން ކިޔަކިޔާފައި، އަމިއްލަ ޝަކުވާތައް ކުރަމުންގޮސް އެންމެ ފަހުން އޭނަ ރޯންފަށައިފިއެވެ. އެވަރުންވެސް ޒެވިޔަން އެއްޗެކޭ ބުނާކަށް ބޭނުމެއްނުވިއެވެ. މިއީ ރިޔާ އަމިއްލައަށް ދެކޭގޮތެވެ. އޭނަ ރިޔާ "މުސްކުޅި" ވިޔޭ ކިޔާފައި އަދި ރިޔާ ދޫކޮށްލަން ޚިޔާލެއްވެސް ނުކުރެއެވެ. އަދި ދަރިއެއްވެސް ބޭނުމެއް ނޫނެވެ. ނިކީ ނޫންކުއްޖަކު ހޯދާކަށް ޒެވިޔަން އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. އޭނައަށް ދެން އެހެން ދަރިއެއްގެ އެފަދަ ވަކިވުމަކަށް ކެތެއް ނުކުރެވޭނެއެވެ. އޭނައަށް ނިކީގެ ހަނދާންތަކުގެ އެހީގައި ދިރިހުރެވިދާނެއެވެ. އޭނައަށް އިތުބާރު ނުކޮށް ހުރިހާ ނުބަޔެއް ހަދަނީ ރިޔާ އަމިއްލައަށެވެ. އެކަމަކު އަދި އެހެންކިޔާފައި ޝަކުވާކޮށްފައި ރޯންވެސް ޖެހެއެވެ. ޒެވިޔަން ވިސްނައިލިއެވެ. މިއީ ކޮންކަހަލަ ދިރިއުޅުމެއް ހެއްޔެވެ؟

ދަރިފުޅުވަކިވެގެން ދިޔަނަމަވެސް އަންހެނުން އޭނަ އާއި އެކީގައި ވާނެނަމައެވެ.

ކޮމެންޓް 0