ނިކީ އުޅުނީ ހިޔަނިހެން އަލީނާގެ ފަހަތުގައި ޖައްސާލައިފައެވެ. ނިކީ އަލީނާ އާއި މާބޮޑަށް ގާތްވަމުން ދާތީ އެންމެ ކަންބޮޑުވި އެކަކީ ރިޔާ އެވެ. އެއީ އޭނަގެ މައިދައިތަ އެކަމާއި ނުރުހުންވެ ރިޔާއަށްވެސް ނުރުހުން އަމާޒުކޮށްފާނެ ކަމެކެވެ. ޒެވިޔަން ވެސް ހުރީ ފާޑަކަށް ހިތްހަމަނުޖެހިފައެވެ. ދެވަނަ ޝަކުވާއެއް އޭނަގެ ކަންފަތަށް ފޯރައިފިނަމަ އަލީނާއަށް މިގޭގައި ނުހުރެވޭނެ ކަމުގެ އިންޒާރުވެސް ޒެވިޔަން ވަނީ ދީފައެވެ.

ކޮޓަރީގެ ފުޅާ ދޮރުތައް ހުޅުވާލައިފައި ހުރުމުން ވައިރޯޅިއަކަށްފަހު ވައިރޯޅިއެއް ކޮޓަރިއަށް ވަންނަމުން ދިޔައެވެ. އިރުގެ ހުދު އަލިން ލޯތަރަތަރަ ޖަހައިގެން ދާހައިވެއެވެ. ރިޔާ ވާހަކަފޮތް ހިފައިގެން ގޮސް ސޯފާގައި ދިގުދެމިލިޔަސް އެންމެ ޖުމްލައެއްވެސް ބޮލަށް ނުވަނެވެ. ޒެވިޔަން ނޫން އެހެން ޚިޔާލެއް ނުކުރެވުނެވެ. ޒެވިޔަން ދޮރު ހުޅުވާލާއިފައި ވަނުމުން ރިޔާއަށް ބަލައިލެވުނީ ރުޅިގަދަވެ، މޮޔަވެފައިވާފަދަ ނަޒަރަކުންނެވެ. ކަޅުކުލައި ރޮނގު ތަކެއްދެމި އަތްދިގު ގަމީހަކާއި، ނޫޖިންސެއްގައި ޒެވިޔަން ފެންނަލެއް ނުލާހިކު ސްމާޓެވެ. ކުޑަކޮށް އަތުކުރި އޮޅާލައިފައި ހުރުމުން އެކަނި އެއަތުގެ ރީތިކަމަށް ޓަކައި ވެސް ރިޔާ ހާސްޖާނުން ފިދާވެދާނެއެވެ. އޭނަ އައީ ފޯނުން ކޮންމެވެސް މީހަކާއި ވާހަކަ ދައްކަމުންނެވެ. ޒެވިޔަން ފޯނު ޖީބަށް ލަމުން ރިޔާއަށް ބަލައިލާފައި މޯނިންއޭ ބުނުމުން ހީވީ އަނދަ އަނދާ ހުރި އަލިފާންގަނޑަކަށް ތެޔޮ އެޅިހެންނެވެ. ރިޔާ ކުރީ ޒެވިޔަން ހިތަށްވެސް ނާރާވަރުގެ ކަމެކެވެ. ރިޔާގެ އަތުގައިވާ ފޯނު ޒެވިޔަންގެ މޫނާއި އަމާޒުކޮށް ހޫރުވާލީ ފިސާރި ބާރަކަށެވެ. ޒެވިޔަން ހުޝިޔާރު ކަމާއިއެކު އެ ހަމަލާއިން ރެކުނެވެ.

"ވަރަށް ފޫހިވޭ. ރޭގަނޑު އެހެން މީހުން ގާތަށް ނިދަންގޮސްފައި ހެދުނު ދިހައެއްޖެހީމަ ކޮޓަރިއަށް ވަންނާނެ ކަމެއްނެތޭ....." ރިޔާ ދަތްތަކަށް ބާރުކޮށްލައިގެން ހުރެ އެހެން ބުނެލާފައި ތެދުވެގެން އައީ ފޮތް މަޅާލައިގެން ހުރެއެވެ. ޒެވިޔަން އާއި އަރާހަމަވުމުން ރިޔާގެ ދެއަތުގައި ބާރަކަށް ހިފެހެއްޓިއެވެ. ޒެވިޔަން ބަލަހައްޓައިގެން ހުރިގޮތުން އެއްވެސް ޖަޒުބާތެއް ނުފެނުނެވެ. ޒެވިޔަން ވެސް އެ "ކޫލް" ބައިދައްކާލައިގެން ހުރުމުން ރިޔާގެ ރުޅި ވަކިން ގަދަވެ މޫނު އަނގުރު އަލިފާން ކޮޅަކަށް ވިއެވެ.

"ކޮންމެހެން މާ މާތްމީހަކަށް ވެގެން ހުންނާނެ ކަމެއްނެތް. އަހަރެންގެ ގައިގައި ނުޖަހައި ތިހިރީ ކީއްވެތަ؟ އެކަނި އަހަރެންނޭ ތަޅަނީ މަންމަމެން ގާތު ބުނެފައި އަހަރެންގެ ވާހަކަ ކުޓުވަން ދޯ. ތަދުވެޔޭ ތިހާ ބާރަށް ހިފެހެއްޓީމަ....." ރިޔާ އަތްވީއްލުވަން އުޅެފައި ނާކާމިޔާބުވުމުން ޒެވިޔަންގެ އަތުގައި ދަތްއަޅަންވެސް އުޅުނެވެ.

"ތަދުނުކޮށް ބަލައިގެން ގެންގުޅޭވަރުން ތިހާ ވިޗްހެދިގެން އުޅެނީ......" ޒެވިޔަން ރިޔާ އެނދަށް ގަންނަވާލުމުން ރިޔާ މަޑު ބާލީސްތަކުގެ ތެރޭގައި ޖެހުނެވެ. އަނިޔާއެއް ނުވިއެވެ. އެކަމަކު ރިޔާ ރުޅިގަދަވެގެން ތަޅައިގަތީ ބާލީސްތަކާއެވެ. އަބަދު ޝަކުވާތަކެވެ. ލޯބިނުވާ ކަމުގެ ވާހަކައެވެ. ބައެއްފަހަރު އެ ޝަކުވާތަކުގެ ސަބަބުން ޒެވިޔަން ގެ ކެތްތެރިކަން ކޮޅުންލައިގެން ދާވަރުވެއެވެ. އަތުން ފައިން ގޯހެއް ނެހެދެނީ އާއިލާ އާއި މެދު ވިސްނާ ވަރުންނެވެ. ދެ އާއިލާގެ ގުޅުމަށް އޭނަގެ ސަބަބުން މައްސަލަ ޖެހެން ބޭނުން ނުވާތީއެވެ. ޅަ އުމުރުގައި ރޭވިގެން ކުރެވުނު ކައިވެންޏެއްގެ ސަބަބުން ދެމީހުންގެ ދިރިއުޅުން އެއްގޮތަކަށްވެސް އޮމާން ކޮށެއް ކުރިޔަކަށް ނުދެއެވެ. ރިޔާގެ ޝަކުވާ އަކީ އޭނަ ދެކެ ޒެވިޔަން ލޯބި ނުވާކަމެވެ. އެކުވެރިންނާ އެކީގައި ގިނަވަގުތު ހޭދަކުރާކަމެވެ. މިފަހަކަށް އައިސް އަންހެން ކުދިންނާއި އެކީގައި ނިދާ މައްސަލަ ހޫނުވެ، އަރައިރުމުގެ އެންމެ ބޮޑު މައްސަލައަކަށް ވެސް ވާންފެށީއެވެ.

"ހާދަ ގޯހޭ. ހީނުކުރާތި މާފުކުރާނެއޭ...." ރިޔާއަށް ނުރޮވުނީ ކިރިޔާއެވެ.

"ކިތައް ފަހަރު ބުނާނީ ބޭކާރު ވާހަކަ ނުދައްކާށޭ. ގެއަށް ވަންނައިރަށް ބޮލަށް އުނދަގޫކުރާތީ އޭ ގެއަށް ނުވަންނަނީ. ތިއުޅެނީ އަހަރެމެންގެ ދަރިފުޅު ނުބެލެހެއްޓިގެން. ބޭނުންހާ އެއްޗެއް ދީފައި ގޭގައި ބަހައްޓާފައި ހުންނައިރު އެކަންވެސް ކުރުވަން މީހުން ލައްވާ.. އަހަރެން ގަބޫލުކަމެއްނޫން ރިޔާ ނެނީ އަކު ހޯދުމަކީ. އެބިއުޒްއަކީ ކޯންޗެއްކަން އެގޭތީ މިހެން މިބުނީ. މަގޭ ނިކީއަށް ކުޑަ ގެއްލުމެއްވިޔަސް ކުށްވެރި ވާނީ ރިޔާކަން ހަދާން ކުރާތި......" ޒެވިޔަން ހަނި ނަޒަރަކުން ރިޔާއަށް ބަލައިލުމަށްފަހު ގޮސް ގަމީހުގެ ގޮށްތައް ނައްޓަންފެށިއެވެ. އިރުގެ ދޯދިތައް އެ ރީތި ހަށިގަނޑުގައި ބޮސްދޭން ފެށީ ހުރަހަކާއި ނުލައެވެ. ޖިންސް އިޝްތިހާރު ކުރާ މޮޑެލް އަކަށް ވުރެ އެ ހަށިގަނޑުގެ ފުރިހަމަ ކަން ބޮޑެވެ. ރިޔާ ބޭނުންވީ އަޑުކޮޅަށް ހަޅޭއްލަވައި ގަތުމަށެވެ. ޒެވިޔަން ހުއްޓާ ލާނީ އޭނަ މޮޔަކޮށްލާފައެވެ.

"މިއަދު ނުކެރޭނެ މަގޭ ރުހުމުގައި، ގައިގައި އަތްލާކަށް..." ރިޔާ ތުންފިތާލައިފައި ބުންޏެވެ.

"އައުޗް......" ޒެވިޔަން މަޖާވެގެން ހީގަތުމުން ރިޔާއަށް ހީވީ އެއީވެސް އޭނައަށް މަލާމާތްކޮށްފައި ހޭންފެށީކަމަށެވެ. އިހުނަށްވުރެ ރުޅިގަދަވެގެން ރިޔާ އެނދުގައިވާހާ ބާލީސްތައް ޒެވިޔަން އާއި ދިމާލަށް ހޫރާލައިފިއެވެ. ކުއިލްޓް ތަކާއި ސައިޑްޓޭބަލް މަތީގައި ހުރި މާވަށިވެސް އުކާލައިފިއެވެ. ރިޔާގެ ބޮލަށް ޝައިތާނާ ވެރިވެފައިވާ ދަނޑިވަޅެކެވެ. ރިޔާ ރުޅިގަދަވެއްޖެއްޔާ ބޮޑަށް ބޭނުންވަނީ ވެސް ޒެވިޔަންއަށް އަނިޔާއެއް ކުރެވޭތޯއެވެ. އެކަމަކު ޒެވިޔަން ހުންނަނީ އެވަރު ވިސްނައިގެންނެވެ. ފިރިހެނަކަށް ވީތީ އޭނަ އެތައްގުނަ ރިޔާއަށް ވުރެ ބާރުގަދަވިޔަސް އޭނަ މިވީހާތަނަށް ރިޔާއަށް އަނިޔާއެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް ވަކި ހިސާބަކުން ތަންކޮޅެއް ހަރުކަށިކަން ދައްކާލާ އިންޒާރުތަކެއް ދޭންވެސް ޖެހެއެވެ. 

ޒެވިޔަން ފެންނަކަމަށްވެސް ހަދާނުލިއެވެ. އޭނައަށް ފޯނެއް އައުމުން ފޯނު ނަގާ ކަންފަތުގައި ޖެހިއެވެ. ކުޑަދޮރަށް ލެގިލައިގެން ހަމަޖެހިލައިގެން ހުރިއިރު ރިޔާ ކޮޓަރިއަށް ގެންނަ ޒަލްޒަލާއެއްގެ ހިލަމެއްވެސް ނުވާފަދައެވެ.

"އާރ ޔޫ ޓްރައިން ޓު ސެޑިއުސްމީ؟ ރީތިކަން އިޝްތިހާރު ކޮށްލައިގެން ހުރެ. އެކަމަކު ދެން ދުވަހަކު ނުކެރޭނެ އެހެން މީހުންނާ އެކީ ހިތަށް އެރިގޮތަށް އުޅެފައި އަހަރެންގެ ފަރާތުން އުފަލެއް ހޯދާކަށް. ޔަގީނުންވެސް ރުހުމުގައި ނުވާނެ...." އެންމެ ފަހުން ރިޔާ ފުންމައިގެން އައިސް ޒެވިޔަންގެ އަތުން ފޯނު ޖަހައިގަންނަން އުޅުނެވެ.

"އަހަރެން ބަލާނަން ތިގޮތް......" ޒެވިޔަން ދަތްކުނޑި ވިކާލައިގެން ހުރެވެސް އެހެން ޖަޒުބާތެއްވެސް އެކުލެވޭ ގޮތަށް ރިޔާ އަތުތެރޭގައި ހައްޔަރު ކޮށްލިއެވެ. ޒެވިޔަންގެ ފިރިހެންވަންތަ ކަމާއި ހިތްދަމައި ގަންނަކަން އެ ކުޑަ އަމަލުން އެތައް ގުނަ އިތުރުވެގެން ދިޔައެވެ. ނުރުހުމާއި ލޯބިވެސް އެކުލެވޭ އެއަމަލާއި ރިޔާއަށް ހަގުރާމަ ކުރެވުނީ އިރުކޮޅަކަށެވެ. ރިޔާގެ ރުޅި ފިނިވެ އެއަތުގެ ތެރެއަށް ވިރިގެން ހިގައްޖެއެވެ. މިއީ އެހެން މީހުންގެ ލޯތަކަށް ފޮރުވިފައިވި ނަމަވެސް އެކޮޓަރީގައި އެތައް ފަހަރު ތަކުރާރުވާ ހަގުރާމައެކެވެ.

ދެމީހުން ފަހުން ކަޕުޗިނޯ ބޯން އެކޮޓަރީގެ ބެލްކަނީގައި ތިބިއިރު ހަމަޖެހިލައިގެން ތިބި ގޮތުން އެއްވެސް ކަމެއް ހިގިހެނެއް ހިޔެއްނުވެއެވެ. ޒެވިޔަން އިނީވެސް މުޅިން އެހެން ވާހަކައެއްގައެވެ. އިރުކޮޅަކުން އަނެއްކާ ކުރީގެ މައުޟޫއަށް ވާހަކަ ފެށީ ރިޔާއެވެ.

"އަދިވެސް ޒޭވިޔާ ނުބުނަމެއްނު ރޭ ދިޔަތަނެއްގެ ވާހަކަ. ވަރަށް ފޫހިވޭ ނުބުނަންޏާ. އެންމެ ރުޅި އައީ އެތައްފަހަރު ގުޅީމަވެސް ގަސްތުގައި ބިޒީކޮށްލާފައި، ފަހުން ފޯނު ނިވާލީމަ....." ރިޔާ ހީވަނީ މިއަދު ހަގުރާމަ ނިންމަން ބޭނުން ނުވިހެންނެވެ. ކޮންމެވެސް ކޮޅެއްގައި ޖައްސަން ބޭނުންވާ ހެންނެވެ. މިގޮތަށް ކޮންމެ ފަހަރަކު ޒެވިޔަން އޭނަގެ އިޝްގީބައި ދައްކާލާފައި ރިޔާގެ ލޮލުގައި އަދުން އަޅުވާލަނީ ކަމަށް ހީކުރެވެން ފެށިއެވެ.

"އަހަރެން ބުނީމެއްނު އަހަރެންވީ އެގަޑީގައި ޒޯހާން މެނާއި އެކީގައޭ. ދެން ގަބޫލުނުކޮށް ރިޔާ އެވަރަށް އުނދަގޫ ކުރަންފެށީ. ދެން އަހަރެންގެ އެކުވެރިން ހީކުރާނީ ކީކޭތަ؟ އެހެންވެ އެންމެ ފަހުން ފޯނު ނިވާލީ...." ޒެވިޔަން ހީލިގޮތަކުންވެސް ރިޔާއަށް ހީވީ ގަސްތުގައި ޖެއްސުމަށް ނޫނީ ރުޅިއަރުވާލަން ހީލި ގޮތެއް ކަމަށެވެ.

"ޒެވިޔާ ބުނެބަލަ. އަހަރެންގެ ގައިގައި ނެތީ ކޮންކަމެއްތަ؟ ބޭނުންވާ ގަޑިއެއްގައި އެވެއިލަބްލް ނުވަނީތަ؟ ދަންވަރު ހިތަށް އެރި ގަޑިއެއްގައި ގެއަށް އަޔަސް އަހަރެން ދުވަހަކު ރިފިއުޒް ކޮށްފައެއް ނެތް. ރިފިއުޒް ކުރަން އުޅުނަސް ތިބާރުގަދަ މީހާ ބޭނުންވާކަމެއް ނުކޮށް ހުންނާނެތަ؟ ދެން ޒެވިޔާ ކީއްވެތަ ތިހެން ހަދަނީ. މިހާރު މެއިޑެއްވެސް މިހޯދީ ޒެވިޔާއަށް ގިނަ ވަގުތުތައް ދޭންވެގެން. ދެންބުނެބަލަ. ޕްލީޒް އާންސާމީ. އަހަރެން ދެކެ ޒެވިޔާ ލޯބި ނުވަނީ ކީއްވެތަ؟" ރިޔާ ޒެވިޔަންގެ އަތުގައި ހިފައި ތަޅުވައިގަންނަމުން ބުނެލިއެވެ. 

ޒެވިޔަން ކިތަންމެ ވަރަކަށް ހިތްހަމަނުޖެހިފައި އިނަސް އޭނަ މޫނުމަތިން އެކަމެއް ނުދެއްކިއެވެ. އެކަމަކު ޖަވާބެއްވެސް ނުދިނެވެ. ޒެވިޔަން އެތައްފަހަރު ވަނީ ރިޔާއަށް އެ ވާހަކަ ބުނެދީފައެވެ. އޭނަގެ ގޮތުގައި އޭނަ ރިޔާ ދެކެ ލޯބިވާ ކަމަށާއި، ދުވަހަކު މި ކައިވެނި ރޫޅި ނިކީގެ މަންމަ އާއި ބައްޕަ ވަކިވެގެން ދާންޖެހޭނެ ދުވަހެއް އޭނަ ނުގެންނާނެ ކަމަށް ޔަގީންކަން ދީފައެވެ. އަދި އެދެމީހުންގެ ކައިވެނި ރޫޅުމަކީ އާއިލާގެ އެންމެން އެކަމާއި ނުރުހުންވާނެ ކަމެއްކަން އެނގޭ އިރު، އެކަމާއި މެދު ވިސްނާލަން ބޭނުން ނޫންކަމަށް ޒެވިޔަން ވަނީ ބުނެފައެވެ. އެކަމަކު އޭނަ ރޭގަނޑު ގެއިން ބޭރަށް ދާތީ ރިޔާ ޝައްކު ކުރަންފެށީއެވެ. 

ޒެވިޔަން ކަޕުޗިނޯގެ އެންމެފަހު ކޯވަރު ދަމާލުމަށްފަހި ތެދުވެ މޯޅިއަކަށް ދެމިލައިފިއެވެ. އެލޮލަށް އިރުގެ އަލި އެޅުމުން ވަކިން ރީތިކޮށް ދައްކައެވެ. އަދި އެ ފަރުވާކުޑަ ގޮތާއި، ފޮނިގޮތްގަނޑު ހުރުމުން އަންހެން ކުދިން ވަކިން ބޮޑަށް އަޅައިގަންނާނެ ކަން ރިޔާއަށް އެގެއެވެ. ސިއްރުސިއްރުން ޒެވިޔަން ގުޅުން ބާއްވަނީ ކިތައްކުދިންނާއި ކަމެއްވެސް ނޭގެއެވެ. ރީތި، ކާމިޔާބު ފިރިހެނަކަށް ވީމަ އޭނަގެ އެންމެ އިޝާރާތަކަށް ފައިމައްޗަށް ވެއްޓިގަންނާނެ ކިތަންމެ އަންހެން ކުދިންނެއް ވާނެއެވެ. ޒެވިޔަން ފޮރުވައިގެން ހުންނަނީ އެވެ.

"ޒެވިޔާ. ޖަވާބެއްނުދީ ތިހާ ފަސޭހައިން ދެވުނަކަ ނުދޭނަން...." ރިޔާ ފަހަތުން އަތް އެއްލިގޮތަށް ޒެވިޔަންގެ ޓީޝާޓުގައި ހިފާއަތަށް އޮޅައިގަތްއިރު އޭނަ ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ. ޒެވިޔަން ރިޔާގެ އަތް ވަރަށް ފަސޭހައިން ނެއްޓުވުމަށްފަހު ބާރަކަށް އެތާހުރި ބިއްލޫރި މޭޒުމަތީގައި އަތުންޖެހިއެވެ. ކޮފީ މަގުތައްވެސް ތެޅިލައިގެން ދިޔައެވެ. އެއަށްފަހު ރިޔާ އާއި ދިމާލަށް އަތްމަޅާލި ގޮތުން ރިޔާއަށް މޫނުގައި ހިފަހައްޓަމުން ފަހަތަށް ޖެހިލެވުނީ ބިރުން ލޯބޮޑުކޮށްލައިގެން ހުރެއެވެ. ޒެވިޔަން މޫނަށް އެތިފަހަރެއް ވީއްލާ ނުލާނެ ކަމަށް އެވަގުތު ރިޔާ ހިޔެއްނުކުރެއެވެ. ނުޖެހިޔަސް ތަދުވިއެވެ. ޒެވިޔަން މަޅާލި އަތް ތިރިކޮށްލާފައި ޖީބަށް އަތްޖަހާލައިގެން ހުރެ ދާން ހިނގައި ގަތުމުން ރިޔާ ހުރީ ބިރުގެންފައެވެ. އެހާ ދެރަވެސްވިއެވެ. ޒެވިޔަން އާއި މެދު އެގޮތަށް އަމަލުކުރެވުނީތީ ދެރަވެސްވިއެވެ. ކޮންމެ ގޮތެއްވިޔަސް އެއީ އޭނަގެ ފިރިމީހާއެވެ. ހަސަދަވެރި ލޯބިވެރިއެއްހެން ގަޔަށް ބޮލަށް އަރައިގެން، ރުޅިދެއްކުމުގެ ބަދަލުގައި، އިހުތިރާމްކޮށްގެން ނޫނީ އެހިތުން ޖާގައެއް ނުލިބޭނެކަން ޔަގީނެވެ. ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއްވެސް ނޫންކަން އެގޭއިރުވެސް ރިޔާގެ ހިތްވަނީ ޒެވިޔަންގެ ލޯތްބަށް ފެންބޮވައިގެންފައެވެ. އެހެން މީހުން އެހާވަރުން ލޯބިވެރިންނާއިގެން އުޅޭތަން ފެންނަ ކޮންމެ ފަހަރަކު ރިޔާގެ ހިތުން ލޭއޮހޮރި ގަނެއެވެ. ޒެވިޔަންވެސް އެވަރަށް އޭނަދެކެ ދީވާނާ ވާނެ ދުވަހެއް އަންނާނެ ނަމައޭ ހިތަށް އަރައެވެ. ރިޔާ ގެ ލޮލުގައި ގިނަވެގަތް ކަރުނަތައް ކޯތާފަތްމަތިން ދެމެން ފަށައިފިއެވެ. ނޭގުނަސް އެމީހުންގެ ކައިވެނީގެ ހަޔާތުގައި ރެނދެއް ލައިފިއެވެ.

އަވިގަދަ ދުވަހެކެވެ. ނަމަވެސް އިރުވައި މޫސުމްގެ ހިތްގައިމު ވައިރޯޅިތަކުން ފަޒާ ކޮންމެވެސް ވަރަކަށް ފިނިވެލާފައި އޮތެވެ. އެގާރަ ޖަހަމުން ދިޔައިރު އަލީނާ އާއި ނާހީ ބަގީޗާ ތެރޭގެ ވިނަގަނޑު މަތީގައި އިށީދެލައިގެން ތިބީ ބޮޑުކައްކާ ހަވާލު ކުރި މަސައްކަތެއް ނިންމުމުގައި އަވަދިނެތިއެވެ. އަލީނާ މުރަގަފަތްތައް ނޮޅަން އިން އިރު، ނާހީ އިނީ ފޯއްވަޅިން ހިކިމަސް ކޮށުމުގައެވެ. ދޮނލަގަށް އެޅޭވަރަށްވުރެ އޭނަގެ އަނގަޔަށް ވަންނަ މަސްތައް މާގިނައެވެ. އަލީނާ އިނީ މަޖާވެފައެވެ. ނާހީ މިހާ ފަލައީ މާ ގިނައިން ކައިއުޅޭތީކަން ނޭގެއެވެ. ކިތަންމެ ފަހަރަކު ފްރިޖް ހުޅުވާލައިގެން އޮތްވާ އަލީނާ ވަނީ ދެކެފައެވެ. ކޮޓަރި ތެރޭގައިވެސް ޗިޕްސް ކަހަލަ އެއްޗެހި ފޮރުވާފައި ހުންނަނީ ވެސް ބަދިގެއިން ގެންގޮސްގެން ކަމަށް ވެދާނެއެވެ. އަލީނާ އަށް މިގޭމީހުންގެ ހުއްދަނެތި އެއްޗެއް ކާކަށް ނުކެރެއެވެ.

"ކޯނޗެއްތަ ތިވިސްނަނީ؟" ނާހީ އިނީ ހެވިފައެވެ.

"ތިހެން މަސްކޮޅު ކެއީމަ މަދުވެގެން އެމީހުން ނޫޅޭނެތަ؟ އަހަންނަކަށް ނުކެރޭ މިގެއިން ރަނގަޅަށް ކާކަށްވެސް. ހެދުނުވެސް ޗިކަން ރިންގެއް ކާލިގޮތަށް މިހިރީ..." އަލީނާ އިނީ އައިނު ނާޅައެވެ. އެދެލޯ ކިތަންމެ ކުޑަވިޔަސް ކަޅުކަޅި ވިދުންގަދަވެފައި، އެހާ ސާފެވެ. ވިސްނުންތެރި ގޮތެއް ހުއްޓެވެ. ހީވަނީ ދެލޯ އަބަދު ހިނިތުންވެފައި ވާހެންނެވެ. ޗައިނީޒް ކުއްޖެކޭވެސް މީހުން ކިޔަނީ ލޯ ކުޑަކަމުންނެވެ.

"މޮޔަކުއްޖާގަނޑު. ބޭނުން އެއްޗެއް ފްރިޖުން ކައިގެން އުޅެބަލަ. ނޫނީ މީހާ ހިކިގެންގޮސް ލޮލަށް ނުފެންނާނެ. އަހަރެން މިގެއަށް އައިއިރު ސާޅީސް ކިލޯ ހުރީ. މިހާރު ހަތްދިހަ ކިލޯ އެބަހުރި. މިގޭ ފްރިޖަށް އެއްޗެއް ލާފައިހުރިއްޔާ މަށެއް ނުހުންނާނަން ނުކައެއް. އެކަމަކު ވަރަށް ސިއްރުން މަ ކައި އުޅެނީ. ޒީބާ ކިޔާ ޑަކައިތަށް އެގިއްޖެއްޔާ ރޮލާއި ކާލާނެ. އޭނަ އެމެރިކާ މީހަކަށްވާއިރުވެސް ދިވެހި ކެއުމަށް ހާދަ ވަރެއްހުރެޔޭ ދޯ. ބަޖިޔާ ކަހަލަ އެއްޗެއްސަށް މޮޔަވެފައި ހުންނަ ކަމަނާއެއް. މުރަނގަފަތް ނުލައި ބިސްގަނޑު އެޅޭކަމަކަށް ނުވާނެ. އަހަރެމެން ލައްވާ މިބުރަ މަސައްކަތް ކުރާއިރު އަހަރެމެންވީ އެމީހުންނަށް މީރުކޮށް ކައްކާދީފައި ބަނޑަށް ތިބެންތަ؟ އަދި އޭނައަށް މާމީރު އެއްޗެއް ކަމަށްވަނީ ތެއްލި ބަނބުކެޔޮ އަދި އަލަ ފޮތިތައް. އެހެންވެ އޭގެ ޑަބިޔާތައްވެސް ބަދިގޭގައި ހުންނާނެ. ޒީބާއަށްވުރެ އެ ޑަބިޔަލުންވެސް މަ ކައިއުޅޭލެއް ގިނަވާނެ. އެހެންވެ އެއްދުވަހު ސުވާލުވެސް ކުރި މިޑަބިޔާ މާ އަވަހަށްހުސްވީ ކީއްވެހޭ ކިޔާފައި. ޝައްކުވެސް ބޮޑުމީހެއް. ހީކުރަނީ ބަލްގިސް ރަނިންގެ އިއްޒަތުގައި އުޅެވިދާނެކަމަށް. އެއީ ދެން ކާކުތަ؟ ހާދަ ފޫއްސެއްވެޔޭ...." ނާހީ ދެއްކި ވާހަކަތަކުން އަލީނާ އިނީ ވަރަކަށް ހިނިއައިސްފައެވެ. އޭނަގެ ހިތުގައިވެސް ޒީބާއަކަށް ލޯތްބެއްނެތެވެ. 

"ނާހީ ގަދަ އިނގޭ.. ނާހީ ބޯއިފްރެންޑެއް ހުރޭތަ؟" އަލީނާ ކޮންމެވެސް ވަރަކަށް ނާހީ ދެނެގަންނަން ބޭނުންވިއެވެ.

"އަހަރެން އިންނާނީ މިގޭ ބަޓްލާ އާއި ކަންނޭގޭ. އެމުސްކުޅި ބެ މަ ފެނިއްޖެއްޔާ ވަރަކަށް ބަލާވިއްޔަ. ހިތަށް އަރާ މޫނަށް އެތިފަހަރެއް ވީއްލާލާނަމޭ. ފޮނި ފިރިހެނެއް އެވެސް. އެނގޭތަ؟ މިގޭގައި އަދި ހުރޭ ހުހަށް ހުންނަ ވަރަށް ސަޅި ފިރިހެންކުއްޖެއް. އޭނަ ހުންނަނީ ބޭރުގައި ކިޔަވަން. ނަމަކީ އާއިޒު ކަންނޭގޭ. ނަންވެސް ކިހާ ރީތި. އެކަމާއި އުޅެންވީނު، އެލީވެސް ނުކައި ހުންނާނެ ކަމެއް ނެތް، ފުރުސަތުގެ ބޭނުންކޮށްގެން ރަނގަޅަށް ކައިގެން އަރާމުކޮށް އުޅެލަންވީ. އަދި އާއިޒު ކާމިޔާބު ކޮށްލަންވީ. އެކަމަކު އެއްގޮތަކަށްވެސް ޒެވިޔަން އާއި ދިމާލަށް ނުބަލާތި. ދޮންމަންމަ އަކަށް ވުމަށްވުރެ ބިރުވެރިކަމެއް މިދުނިޔެއަކު ނުވާނެ........" ނާހީ ހިނިގަނޑެއް ޖަހާލައިފިއެވެ. އަލީނާ ހަނދާންވީ މާޒީއެވެ. އޭނަގެ ދޮންތަގެ މަތިންނެވެ. އެކަމަކު އެވާހަކަ ނާހީ އާއި ހިއްސާކުރާކަށް ބޭނުމެއްނުވިއެވެ. އޭނަ ދުވަހަކުވެސް މީހަކާއި އިންނާކަށް ބޭނުމެއްނޫނެވެ. އަދި މީހަކު ދެކެ ލޯބިވާކަށް ވެސް ބޭނުމެއްނޫނެވެ. ނާހީ އާއި ވާހަކަދައްކަން އިދެ މަސައްކަތް ކުރުމުން ވަގުތު ދާލެއްވެސް ނޭގި އަވަހަށް އެ މަސައްކަތްވެސް ނިންމާލެވުނެވެ. 

އަލީނާ ތެދުވެގެންގޮސް ބަދިގޭގެ ކައްކާ އާއި އެ ދޮލަގު ހަވާލުކޮށްލާފައި ގަސްތުކުރީ ނިކީ އުޅޭގޮތެއް ބަލައިލަން ދިޔުމަށެވެ. އަލީނާ އަވަސް އަރުވާލައިގެން ގޮސް އިސްކުރުބަރި އަކުން އަތްދޮވެލުމަށްފަހު ފެންފޮޅަމުން ގެއަށް ވަންނާން ދިޔައީ ފުދޭވަރަކަށް ބާރަށެވެ. އޭރު އެހެން ޚިޔާލެއްގައި ހުރުމުން ފެންޑާގައި މީހަކު އިންކަމެއްވެސް ރޭކާނުލިއެވެ. އެވަގުތު އޭނަގެ ނަސީބު ނޫނީ ބަދުނަސީބުކަމެއް ނޭގުނެވެ. ޒެވިޔަންވެސް ބާރުބާރަށް ގެއިން ނިކުމެގެން އަންނަމުން އަލީނާގެ ގައިގައި އަޅައިގަތެވެ. އަލީނާގެ މޫނު ޖެހުނީ ޒެވިޔަންގެ މޭމަތީގައެވެ. އަލީނާ ކުޑަކަމުންނާއި ލުއިކަމުން، ޒެވިޔަން ނުހިފެހެއްޓިނަމަ އަލީނާ ވިއްސައިގެން ގޮސް ބާރަކަށް ދުރުގައި ޖެހުނީސްކަން ޔަގީނެވެ. އެކަމަކު ޒެވިޔަންވެސް ކިތަންމެ ރީތިކޮށްވެސް އަލީނާގެ ހަށިގަނޑު ބެލެންސް ކޮށްދީފައި ވެސް އެސިކުންތުކޮޅު އަދި ގަޔާއި ދުރަށް ކޮށްޕާލި ގޮތަކުން މަޑުމަޑުންގޮސް އަލީނާ ގުޅައަކަށް ޖެހުނެވެ. 

"ދަރިފުޅާ. ބަލައިގެން އުޅެބަލަ. ދެން ގޭގައި ގެންގުޅޭ މެއިޑުންވެސް ހާދަ ލަދުކުޑައޭ. ބަލައިނުލައިގޮސް ހިފައިގަންނަން ޖެހޭތަ؟ މަ ހަމަ ހައިރާންވެއްޖެ......" ޒީބާ އަށް އެ ފެނުނު މަންޒަރަކުން ރުޅިގަދަވަގެން ގޮސް އޭނަގެ މޫނުމަތި ހީވަނީ އަނގުރު އަލިފާން ގަނޑެއް ހެންނެވެ.

"ލޯ އަނދިރީތަ؟ ތިހިރަ މީހާ އާއި މަ ވާހަކަ މިދައްކަނީ..." ޒީބާ ދެން ހަޅޭއްލަވައި ގަތީ އަލީނާ އާއި ދިމާލަށެވެ. އަލީނާއަށް އޮޅިގެންވެސް ޒީބާ އާއި ދިމާލަށް ބަލައިލެވުނީ ބުމަގޮށްޖަހާލަމުންނެވެ. ޒީބާގެ ފިރިހެން ދަރިފުޅު އެކަންޏެއްނޫނެވެ. އޭނަވެސް މިހިރީ ވުޟޫ ވެސް ކޮށްލައި ގެންނެވެ. ޒެވިޔަން ހިފެހެއްޓީމަ އޭނަވެސް ގައި ދޮންނަން ދާންޖެހެއެވެ. ހީވަނީ ނޯކަރެއްގެ ގައިގައި އަތްލުމުން ޒެވިޔަން ވެސް ނުސާފުވީހެންނެވެ. އިންސާނެއްގެ ބަދަލުގައި ޒެވިޔަން ކުނިކޮޅެއްގައި ޖެހުނީހެންނެވެ. ޒީބާ އެކަން ހާދަ ބޮޑުކޮށްލައިފިއެވެ. ފޮނި، ބޮޑާ އަންހެނެކެވެ. 

"އަޅުގަނޑުވެސް ވުޟޫ ގެއްލުނީއޭ އޭނަ އަތްލީމަ..." އަލީނާ ހިތަށް އެރި އެއްޗެއް ބާރަށް ބުނެވުނުކަން އެގުނީ ޒީބާ ފުންމައިގެން އައިގޮތުންނެވެ. ޒެވިޔަން މަޑުކޮށްނުލައި ދިޔައިރު އަލީނާ އެހެން ބުނި އަޑުއިވިފައި ހައިރާންވިވަރުން ހިނިއައެވެ. އެނބުރި ބަލައިލަން ހިތަށް އަރާފައިވެސް އޭނަ މަޑުކޮށެއްނުލިއެވެ. ގެންގުޅޭ ކުއްޖަކު އެގޮތަށް ވާހަކަދެއްކީމަ އޭނަގެ މަންމައަށް ޝޮކެއް ލިބޭނެކަން ޔަގީނެވެ. އަދަބުކުޑަކަމަށް މަޝްހޫރުވެފައިވާ ކުއްޖަކަށް ވާއިރު އަލީނާ އެހެދީ އަނެއް ގޯހެވެ. ދެން މަންމަ ދޭނެ އަދަބެއްވެސް އެގެނީކީ ނޫނެވެ.

ކޮމެންޓް 0